އާރްޔާ ހޭލެވުނުއިރު އޭނަ އޮތީ ޝާހީކަމުގެ ކުލަތައް ފެންނަ ކޮޓަރިއެއްގެ ބޮޑު އެނދެއްގައި ބޯ ރަޖާއެއްގެ ހިމާޔަތުގައެވެ. ހިނގާދިޔަ ހާދިސާ ލޮލުގެ ކުރިމަތީގައި ފިލްމެއްގެ މަންޒަރުފަދައިން ނިއުޅެންފެށުމާއެކު ފުންމައިގެން ތެދުވެ އެނދުން ފައިބައން ދެފައި އެލުވާލިއެވެ. އޭނަ ސަލާމަތްކޮށްގެން ގެނައީ ކާކުހެއްޔެވެ؟ އެއް މުސީބާތުން އަނެއް މުސީބާތުގެ ތެރެއަށް ފުންމައިލެވުނީބާވައެވެ.
ކަންބޮޑުވެފައި އިންދާ ޖާރިޔާއަކު ގެނެސްދިނީ ރަންކުލައިގެ ކަސަބު އަޅާ ޖަރީކޮށްފައިވާ ރަތްކުލައިގެ މެކްސީއެއްފަދަ ހެދުމެކެވެ. ސުވާލުކޮށްކޮށް އޭނަ މަންމަނެއް ފަދައިން ހުރެފައި ނުކުމެެގެން ދިޔުމުން އާރްޔާ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. އޭނަ ތައްޔާރުވެލުމަށްފަހު ނުކުމެގެން ހިނގައިގަތްތަނާ މީހެއްގެ ހިލަންވެގެން އިސްއުފުލާ ބަލައިލެވުނެވެ.
ކުރިމަތީގައި ހުރީ ސެފްރަންގެ އެންމެ ގާތް އެކުވެރިޔާ އާދުއެވެ.
"އާރްޔާ. އަހަރެން މިއައީ ސެފްރަން ފޮނުވައިގެން. އާރްޔާ އާއި ކައިވެނިކުރަން ރަސްގެފާނު ސެފްރަން ބޭނުންވޭ...." އާދު ހަމަޖެހިލާފައި ހުރެ ބުނެލިއެވެ.
"ވަޓްޓްޓް........." އާރްޔާއަށް އަނގަމަތީ އަތްއަޅައިލެވުނު އިރު ހިތްވެސް އޭގެ މަގާމުން އުދުހިގެން ހިގައްޖެއެވެ. މޫނަށް ރަތްކުލަ ވެރިވީ ފެނަށް ލޭ ތިއްކެއް ޖައްސާލުމުން ކުލަ ފޭދިގަންނަގެން ލަސްލަހުންނެވެ.
"ސޯ ޔޫ ގައިސް ރެސްކިއުޑް މީ؟" އާރްޔާ އިރުކޮޅެއްފަހުން އަމިއްލަ ނަފުސް ހަމަޔަކަށް އެޅުވިއެވެ. އާދު އޭނަ ސިއްސުވައިލަން އެހެން ބުނެލީއެވެ. ސެފްރަން އޭނައާއި ކައިވެނި ކުރަން ބޭނުންވާނެ އެއްވެސް ސަބަބެއްނެތެވެ. އެދޭތެރޭގައި އޮތީ ބީރައްޓެހިކަމުގެ އުސްފާރެކެވެ. އާދު އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ. އޭނަ ސަލާމަތްކުރަން ސެފްރަންގެ ޚާއްސަ ފަހުލަވާނުން ފޮނުވީކަން އެނގުމުން ހައިރާންވިއެވެ. ހިތުން ޝުކުރުވެރިވިއެވެ. އެ ގްރޫޕް ނައިނަމަ އޭނައާއިމެދު ގަންދީޝާ ކަންތައްކުރާނެ ގޮތް ދެނެވޮޑިގެންވަނީ މާތް ﷲއެވެ.
"އާރްޔާ. މިވެސް އާރްޔާގެ ސަލާމަތަށްޓަކާ ކުރެވޭ ކައިވެންޏެއް. ރަސްގެފާނުގެ އަންބެއްގެ މަގާމުގައި ހުރި އަަންހެނަކަށް ހަމަލާދިނުމަކީ އަހަރެމެންގެ ގާނޫނުގައި އެންމެ ބޮޑު އަދަބުލިބޭނެކަމެއް. ރަސްގެފާނުގެ އަތުން އެ ޖިންނިއެއްގެ ބޯ ކަނޑައިލެވޭނެ. އެހެންވެ އަރްޔާއަށް ހިމާޔަތާ ރައްކާތެރިކަން ދޭން ވެގެން ސެފްރަން ނިންމީ. ވީއިރު ނޫނެކޭ ބުނުމުގެ މާނައެއް ނެތް ދޯ........" އާދު އިތުރަށް އޮޅުން ފިލުވައިދިނެވެ.
"ހީޒް ދަ ކިންގް ނައު؟ ވޯހް. ޔޫ ގޮޓް ޓު ބީ ކިޑިން މީ. ޖަސްޓް ލައިކް ދެޓް؟ ކިހިނެއް..........."އާރްޔާއަށް މޫނުގައި އަތް ހިންގައިލެވިއްޖެއެވެ. "ސޯ އަހަރެން ވާނީ ކުއީންއަށްތަ؟ ގަންދީޝާ ޖޭވެގެންގޮސް މަރުވާނެއްނު. ސީރިއަސްކޮށް އިންސާނުން ކިތަންމެ ރޭވުމެއް ރޭވިޔަސް މާތްﷲގެ ޕްލޭންއިން ހުރިހާ ކަމެއް ބަދަލުވާން އެންމެ ސިކުންތުކޮޅެއްވެސް ނުނަގާނެ. ވިލަންސްއަށް ވަގުތީ ކާމިޔާބެއް ލިބުނަސް އެޓް ދަ އެންޑް ހިތާމަ ކުުރަން ޖެހޭނެ. އެހެންވެފަ މިއޮތީ. އާދު. ޔެސް. އައިމް ވިލިން ޓު މެރީ ހިމް......."
އާދުއަށް އާރްޔާގެ ލޮލުން ފެނުނީ ލޯތްބެވެ. ލޮލަކީ ހަމައެކަަނި ބެލުމަށް ނޫނީ ކަރުނަ އޮހޮރެން ހައްދަވާފައިވާ އެއްޗެއް ނޫނެވެ. ލޮލުން ބުނެދޭވާހަކަތައް މާގިނައެވެ. ހުރިހާ އިހުސާސްތަކެއް އެންމެ ރީއްޗަށް ފޯރުކޮށްދޭ ގުނަވަނަކީ ލޮލެވެ. އަޅި ދެލޮލުގެ ވިދުން ގަދަަކަމާއެކު ހިތުގައި އުފެދުނު ޖޯޝާއެކު ލަދުރަކިކަން މޫނަށް ޖަމާވެފައިވާއިރު ހިތްތައް ހައިރާންކުރުވާހާ ރީތިކަމެއް އެކުއްޖާއަށް ލިބިފައިވިއެވެ.
***
ގަންދީޝާއާއި ޒުއްނޫރީން ގަނޑުވަރުގެ ކޮޓަރިއެއްގައި ތިބިއިރު ދެޖިންނިންގެ މޫނުމަތިންވެސް ރުޅިވެރިކަން ފެންނާން ހުއްޓެވެ.
"ކޮންކަހަލަ ކުޅިގަނޑެއް ސެފްރަން އެ ކުޅެނީ؟ " ގަންދީޝާ އެހިއެވެ.
"ޒޭބްއަށް ހަގީގަތް ނޭންގުން އަދި ރަގަޅުވާނީ. އަޒްކީލް މަރުވިކަމަށް ހީކުރުވާފައި ބަހައްޓާ. އޭރުން އޭނަގެ ނަފްރަތާއި ސަޒާއިން ސެފްރަންގެ ދުނިޔެއަށް ދަތިކުރާނެ. އޭނައަކީ ބާރުގަދަ ރަސްކަލެއްގެ ދަރިއަކަށްވާ ހިނދު އާއިލާ މީހުން ގެނެސް ބަދަލު ހިފުވަފާނެ. ސެފްރަން އަޒްކީލް އެ ހޮހަޅައިގާ ބާއްވައިގެން އެހިސާބުގައި ހަށިފާރަވެރިން ބައިތިއްބައިގެން އުޅޭ ސަބަބެއް ނޭގޭ. ކާރލީން ގާތު ބުނިން އިހަށް ހަމަލާ ނުދޭށޭ. ހަދާ އެއްޗެއް ބަލަން ތިބެމާ. ކޮންމެ ގޮތެއްވިޔަސް އަޒްކީލް ވަރަށް ބޮޑަށް ޒަޚަމްވެއްޖެ. މަރުވިނަމަ ހަށިގަނޑު އަނދާފައި ދެއްޔަށް ވެފައޭ ކިޔާފައިވެސް ދައްކަން ޖެހޭނެ..................." ޒުއްނޫރީންގެ ޖުމްލަތަކުން ގަންދީޝާއަށްވެސް ވިސްނުނީ އިހަށް ޒޭބްއަށް ހަގީގަތް ފައުޅުނުކުރުމެވެ.
ޒޭބްގެ ނަފްރަތުގެ ހުޅުގަނޑުގެ ތެރޭ ސެފްރަން އަނދައިގެން ދިޔުމަކީ އެދެމީހުންގެ އެދުމެވެ.
***
އެލިއަސްގެ ޝައްކުތަކަށް ދަރު އަޅާ އަލިފާން ބޮޑުކުރުމުގައިވެސް ގަންދީޝާ ކާމިޔާބުކުރިއެވެ. ރަސްކަމުގެ ތަޚުތާއިހެދި ދީވާނާވެގެން އެންމެ ގާތް އެކުވެރިޔާ އަޒްކީލް މަރާލާފައި ދުވަސްކޮޅަކަށްވެސް ކެތް ނުކުރެވުނުކަމަށާއި އަޒްކީލްގެ މަރުން ފައިދާ ލިބުނު މީހާއަކީ ގާތިލުކަން ޔަގީންވާކަމުގައި ބުނެ އެލިއަސްގެ ހިތް ނަފްރަތުން ފުރުވިއެވެ. އެލިއަސް ހިތާހިތުން ރާވަމުން ދިޔައީ މަގާމާއި ކުފޫ ހަމަނުވާ ހައްގުނުވާ ސެފްރަން ދުރުކޮށްލާފައި އޭނަ ރަސްކަމަށް އެރުމަށެވެ. އަޒްކީލް ނެތުމަށްފަހު ތަޚުތުގެ ހައްގުވެރިއަކީ އޭނައެވެ. އޭނައަށް ތަބާވާ ހަގުރާމަވެރިން ގުރުބާންވެގެންވެސް އޭނައަށް ރަސްކަން ހޯދަދޭނެއެވެ.
***
ކޮޓަރިއަށް ވެރިވެފައިވާ ރީދޫ ކުލައިގެ އަލީގެ ތެރޭގައި މިރިއަމްގެ ބޮލުގައި އަޅާފައިވާ ރަން ތާޖު ދިއްލި ޖަވާހިރުތަކުން ދަޅަ އަރައެވެ. ލާފައި ހުރި ފަށުވި ހެދުމުގެ ފަސްބައި ބިންމަތީގައި ފެތުރިފައިވާއިރު އެމޫނަށް ވެރިވެފައިވަނީ ރަންކުލައެކެވެ. އޭނަ މަޑު ހިނގުމެއްގައި އައިގޮތަށް ސެފްރަންގެ ކުރިމަތީގައި ހުއްޓުނެވެ.
ސެފްރަންގެ ޖުމްލައި އޭނައަށް އިވުނީ ހޮނު ގުގުރިއެއްގެ އަޑުފަދައިންނެވެ. ކެތްތެރިކަން ކޮޅުން ލައިގެން ދިޔުމާއެކު ދެލޮލުން އަލިފާން ބުރާލައިފިއެވެ.
"ކީއްވެ އާރްޔާއާއި ކައިވެނި ކުރަން ޖެހެނީ؟ އަހަރެން އޭނަ މަރައިލާނަން.." މިރިއަމް ދަތްކުނޑި ވިކައިގެންފާ ކުރިއަށް ފިޔަވަޅެއް އެޅިއެވެ.
"ޔޫ ކާންޓް. އާރްޔާއަށް ކުޑަ ގެއްލުމެއް ވިޔަސް މުޅި މި ރަސްކަމުގެ ހިޔާވަހިކަމުގައި ދިރިއުޅޭ ހުރިހާ ޖިންނިންނަށް ކެންޝިންއަކީ މަގޭ ދަރިއެއް ނޫންކަން އަންގާނަން. އޭރުން ހުރިހާ އެންމެން ބަދުނާމުވާނެ ......................" ސެފްރަން ބުމަ ކައިރިކޮށްލުން ހުރުން އާދައަކަށް ހެދުމުން އެނޫންގޮތަކަށް ބަހައްޓަންވެސް ނޭގެނީކަން ނޭގެއެވެ. އަބަދުހެން ރުޅިން ހުންނަ ފަދައިން ލޯ ހަނިކޮށްލައިގެންނެވެ.
މިރިއަމްއަށް ޝޮކެއް ލިބުނެވެ. އަނގަމަތީ އަތް އެޅުނެވެ.
"އަހަންނަކީ ކުޑަކުއްޖެއް ނޫނޭ. އެހެންކަމަށްތަ ހީކުރީ؟ ހުރިހާ އެއްޗެއް އެނގެެއޭ. ވީއިރު އަނގަ މަޑުން ލައިގެން ހުރޭ. އެން،މެންވެސް މާ ލޯބިވާކަމށް ހެދިގެން އަހަރެން ޔޫޒްކުރީ. ގަންދީޝާވެސް ދަރިއެކޭ ކިޔައިގެން އުޅޭއިރު އަހަރެންގެ އިހުސާސްތަކަށް ދުވަހަކުވެސް ގަދަރެއް ނުކުރޭ. ކިރިޔާވެސް އަހަންނަށް ކުލުނެއް އޮތްނަމަ މަޖުބޫރުން ދެ ކައިވެނި ކުރަން ނުޖެއްސީސް. މިއަދު އަހަންނަށް މިއަދު ހުރިހާ ބާރެއް އޮތީ ،މަ ބޭނުންވާ ގޮތަށް ހަދާނީ." ސެފްރަން ދާންވެގެން އެނބުރުނެވެ.
މިރިއަމްގެ ރުޅި ވަގުތުން ފިނިވެ ހަށިގަނޑު އެއްކޮށް މަޑުވެއްޖެއެވެ.
ސެފްރަންއަށް ހަގީގަތް އެނގުނީ ކިހިނެއްހެއްޔެވެ؟ އޭނަ ވަރިކޮށްލައިފިއްޔާ އޭނައަށް ލިބިފައިވާ ޝަރަފާއި ގަދަރުއަދި މަގާމުވެސް ގެއްލިގެން ހިނގައިދާނެއެވެ.
މިރިއަމް ނަކްބާއަށް ގޮވާ ގެނައިގޮތަށް ރޮއިފާ ކަން ހިނގިގޮތް ކިޔައިދިނެވެ. ސެފްރަން ދެ އަންބަށް އާރްޔާއާއި ކައިވެނި ކުރަން އުޅޭ ކަމަށާއި އޭނަ މަރުވެދާނެކަމަށް ބުނުމުން ނަކްބާ ހިތްވަރުދިނެވެ. އެންމެ ރަގަޅުވާނީ އާރްޔާ އިންސާނުންގެ ދުނިޔެއަށް އަނބުރާ ފޮނުވައިލުމެވެ. ފުރަތަމަ އޭނަ އާރްޔާގެ ދެފައިގާ ހިފާ އާދޭސްކުރާނެއެވެ. އޭނައާއި ފިރިމީހާގެ ދޭތެރެއަށް ނުވަންނަން އެދި އާދޭސްކޮށް ރުއިމުން އަންހެނެއްވެއްޖެއްޔާ އަނެކާގެ އިހުސާސްތައް އެނގިގެން ދުރަށް ހިނގައިދާނެއެވެ.
***
ޔަޒްދަންޔާރު ސެފްރަންއަށް ބަލަން ހުރިތަން ފެނި ސެފްރަން ނިތް އަރުވައިލީ ކިހިނެއްވީހެއްޔޭ އަހާފަދަ ގޮތަކަށެވެ. އޭނަ ދުރަށް ބަލައިލަމުން ހީލިއެވެ. ސެފްރަންގާތު ކޮންމެވެސް ވާހަކައެއް ބުނަން އުޅޭހެން ހީވެފައި ވާހަކަ އޮޅުވައިލާނެއެވެ. ނުބުނަނީސް އެހުމުގެ މާނައެއް ނެތެވެ.
"އަހަރެމެންގެ ސުލްތާން ކިހިނެއްތަ؟" ސެފްރަން ދެކޮޅަށް ހިނގަން ހުރެފައި ބަލައިލިއިރު އާދުވެސް ހުރީ ސީރިޔަސް ނަޒަރަކުން ބަލަހައްޓައިގެންނެވެ. އޭނަގެ ހިޔަނި ފަދައިން އާދުއާއި ކާއިން އުޅޭއިރު އެއަށްވުރެ އިތުބާރު ކުރެވޭ ބަޔެއްވެސް ނެތެވެ.
"އަޒްކީލް ހަމަ އޮތްގޮތަށް ކޯމާއެއްގައި މިހެން އޮވެފަ ގޯސްވެދާނެ. ރަގަޅު އަތަށްވެސް އަޅާފާނެ. ހަމައެކަނި މާތް ﷲ ދެނެވޮޑޮގެންވަނީ. ގިނަގިނައިން ދުޢާކުރުމުން ޝިފާ ދެއްވާނެ ސުލްތާން ސެފްރަން......................" ޔަޒަދަންޔާރު ހީލުމުން ސެފްރަންގެ މޫނުމަތިވެސް އަލިވެގެން ހިގައްޖެއެވެ. ސުލްތާންގެ ނަމުން މުޚާތަބު ކުރުމުން އެ ލަފުޒަކީ އޭނައާއި ބީރައްޓެހި އުދަގޫވާ އެއްޗެއްކަމުގައިވިއެވެ. އެ މަގާމު އޭނަ ބޭނުންވަނީ ކޮންމެހެން އިއްޒަތާއި ޝަރަފަށްޓަކައެއް ނޫނެވެ. މާތްﷲގެ ޝަރީއަތް ގާއިމުކޮށް އަދުލު އިންސާފުވެރިކަމެއް ގާއިމުކުރުމަށެވެ. އެނިޔަތުގައި ވެރިކަމުގައި ހުރެއްޖެ މީހަކަށް ދެރަގޮތެއްނުވާނެކަން އޭނައަށް އެނގެއެވެ.
***
ބެންތިކް އައިލެންޑްގެ ރަސްކަމަށް ސެފްރަން އެރުމަށްފަހު މިސްކިތްތައް ބިނާކުރުން އިތުރުކޮށް ދީނީކަންތައްތަކަށް އިސްކަންދިނެވެ. އަދުލު އިންސާފުން ހުރިހާ ރައްޔިތުންނާއިމެދު ވެރިކަން ކުރަންފެށިއެވެ. ނިކަމެތިންގެ ހާލު ބަލާ ބޭނުން ޖެހިފައިވާ ޖިންނިންނަށް އެހީތެރިވެދިނެވެ. ދުވަސްކޮޅެއްގެ ތެރޭ އެތައް ޖިންނިންގެ ލޯބިލިބިފައިވާ ފަރާތަކަށް ސެފްރަންވިއެވެ.
އާރްޔާއަށް ބަންގީގެ ހިތްގައިމު އަޑު ކަންފަތުގައި ޖެހުމުން ބުނެދޭން ނޭގޭފަދަ އިހުސާސްތަކެއް ކުރެވުނެވެ. ކައިވެންޏަށް ތައްޔާރުކުރަން ސޯރާ ރިފްކާ އަދި ޕަރީ އުޅުނިއިރު ޕަރީ ހުރީ ހަސަދައިގެ ނަޒަރަކުން ބަލާށެވެ. ޕަރީ އާރްޔާގެ އަތުގައި ހީނާފަތް އަޅުވަންވެގެން އަތުގައި ހިފާލިއިރު ނާޒުކްކަމުން މަލެއްގެ ފިޔަފަދައެވެ.
"ސެފްރަން މަޑުން ހިފާލިޔަސް ނާޒުކްކަމުން މިއަތްތިލަ ބިނދިދާނެ....." ޕަރީ ބުނެލިއެވެ.
"ސުޕަމޭންއަށްވުރެވެސް ޕަވަފުލްވާނެކަން އެނގެއޭ. އާފްޓާއޯލް އެއީ ޖިންނިއެކޭ....." އާރްޔާ ހީގަތްއިރު ޕަރީ ރުޅިއައިސްފައި އިންކަން އެނގި މަޖާވިއެވެ.
"ޖިންނިންނާއި އިންސާނުން ކައިވެނި ކުރުން ހުއްދަތަ؟ " ޕަރީ އެހިއެވެ.
"ސުލްތާންގެ ދީންވެރިކަމާއި އަދުލުވެރިކަން އެންމެނަށް އެނގި ފާޅުވޭ. ތެދަށް ބުނަންޏާ ހުއްދަކަމެއް ނޫނީ ހަރާމްކަމެއް ނޭގޭ. އިލްމުވެރިއަކާ މި ސުވާލުކުރަން ޖެހެނީ. ހޫމް. ދެން އެހެން ޖިންނި ރަސްކަލުންހެން ޖާރިޔާއިން ނުގެންގުޅެންޏާ މަށަށް ރަގަޅު. ނޫނީ ޕަރީ ޖާރިޔާއަކަށް ވާން ބޭނުމީތަ؟ " އާރްޔާ ގަސްތުގައި ޕަރީ ހަސަދަވެރިކޮށްލަން ބުނެލަމުން އެއްލޯ މަރައިލިއެވެ. މި ކައިވެނިވެސް އެންޖެލާ އަދި މިރިއަމް ފަދައިން "ފޭކް" ކައިވެންޏެކެވެ. ވީއިރު ހަރާމް ވާނެ ކަމަކަށް އާރްޔާ ގަބޫލެއް ނުކުރެއެވެ. ސެފްރަންގެ ނަސީބުގައި ލޯބި މިންވަރުކުރައްވާފައި ނެތީހެއްޔެވެ؟ އަދި ހާސްވާވަރެއް ނޫނެވެ. ސެފްރަންގެ އުމުރު ވަރަށް ޅައެވެ. ލޯތްބާއި ކައިވެނި ކުރަން ލިޔުއްވާފައިވާނަމަ އެކަމަށް ހުރަސްއެޅޭނެ ފަރާތެއްނުވާނެއެވެ.
***
ޒޭބްގެ ގަނޑުވަރަށް ލޫސިއަސް އައުމުން ޒޭބްއަށް ސިހުމެއްލިބުނެވެ. އޭނަގެ ބޭބެ އެތައް އަހަރެއްފަހުން އޭނައަށް ޒިޔާރަތްކުރުމުން އުފަލުން ލޮލުން އޮހިގަތް ކަރުނަތަކާއެކު ގޮސް އޮޅުލައިގަނެވުނެވެ. ލޫސިއަސް ފެނުމާއެކު އެމޫނުން ސެފްރަންގެ ސިފަތައް ފެނި ހިތަށް ތަދުވިއެވެ.
"މައި ބްރަދާ. ކިހިނެއް މަންމައާއި ބައްޕަ. އާއިލާ އެންމެން. ދިރިއުޅުން ހަލާކުވެއްޖެ. އެހާވަރުން އާއިލާ ދޫކޮށްފައި އަޒްކީލްއާއެކު އައީ އަބަދަށްޓަކާ. އެކަމަކު ނުބައި ނުލަފާ ގާތިލަކު އަޒްކީލް މަރާލައިފި. ކާކުކަން އެނގޭތަ؟ މަންމަގެ ނަހަލާލު ދަރި. އެ ނުލަފާ ކުއްޖާ ފެނުމާއެކު އެކުއްޖަކީ ސެފްރަންކަން އެނގުނު. އެ ސުންޕާގަނޑު އަޒްކީލް މަރާލާފައި ރަސްކަން ފޭރިގެންފި. ދުނިޔެއަށް ނޭވާ މި ލަނީ ހަމައެކަނި އެންމެ ބޭނުމެއްގައި. ބަދަލު ހިފުން..............."
"ކޮއްކޯ ހިގާ ދާން. މަންމަމެން މާފުކުރަނެ. ނުކޮށްފިއްޔާ ޖަލަށްލިޔަސް އާއިލާއާއި ދުރުގައި ހުރުމަށްވުރެ އެގޮތް ފައިދާ ބޮޑުވާނެ. ރަސްކަމާއި ތޮޅެން ހަދައިގެން ހިތާމައާއި ހިތްދަތިކަން ނޫން އެއްޗެއް ނުލިބޭނެ........."ލޫސިއަސް ޒޭބްގެ ނިތްކުރީގައި ބޮސްދިނެވެ.
"އެނގޭތަ؟ އަލާނިއަލް އަދިވެސް ޒޭބްގެ ހަނދާނުގައި....."
ޒޭބްގެ ކޯތާފަތްމަތިން ތިރިއަށް ދެމިގަތް ކަރުނަތައް ލޫސިއަސް ލޯތްބާއެކު ފޮހެލަދިނެވެ.
"ލޯބިވާ ކޮއްކޯ ނުރޮއި. ތި ކަރުނަތަކުން ހިތަށް ހާދަ އަސަރުކުރެއޭ......" ލޫސިއަސް ވާހަކަދެއްކީ ޒޭބް ކުޑައިރު ވާހަކަދައްކާފަދައިންނެވެ. އެތަނަށް ކުއްލިއަކަށް ތޫފާނެއް އައި ފަދައިން ތަނުގައިވާހާ އެއްޗެއްގައި ވައި އަޅުވައިލިއެވެ. ދޮރުތަކުގައި ދަމާފައިވާ ލިނެން ފަރުދާތައް ހޫރިގަތެވެ. ބައްތިތައް ހެލެން ފެށުމާއެކު ހުޅުކޮޅުތައް ނަށާލާފައި ނިވި އަނދިރިކަމުގެ ތެރެއަށް ގަނޑުވަރު ގެނބިއްޖެއެވެ.
(ނުނިމޭ...)