"އަހަރެން އިންސިންނާ އެއްވެސް ކަހަލަ ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫން....." ސެފްރަން ލޯ ހަނިކޮށްލާފައި އެނބުރުނުއިރު މޫނަށް އެ ދިގު އިސްތަށިގަނޑު ފައިބައިގަތެވެ. ރަތްދެލޮލުން ރަތް ހުޅުތައް ނުކުމެދާނެފަދައެވެ

އެ ޖުމްލައިން އާރްޔާގެ ހިތް ހަލާކުވެއްޖެއެވެ. ވަގުތުން މޮޅިވެރިވެ އިސް ޖެހިއްޖެއެވެ. އިތުރު އެއްޗެއް ބުނެ ދެބަސްވާނެ ހިތްވަރުވެސް އެލުނެވެ. ދެލޯ މަރާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލުމަށްފަހު އައި ކޮޅަށް ހިނގައިގަތުމުން ސެފްރަންއަށް ބަލަން ހުރެވުނެވެ. އެކަމަކު އާރްޔާ ފަސް އެނބުރި ބަލައެއް ނުލިއެވެ. ވަކި ހިސާބަކުން ދުވަމުންގޮސް އުސްހިލަތަކަށް އަރައިގެންގޮސް ލޯމަތިން ނިވާވުމުން ސެފްރަން ހުރިތަނަށް ތިރިވިއެވެ. ހިތަށް ނާރާފަދަގޮތަކަށް އާރްޔާގެ އަމަލު ހުރުމުން ހައިރާންވެފައި ހުރެ އަނެއްފަރާތަށް އެނބުރުނުތަނާ އާރްޔާ އެނބުރި އައިސް ކުރިމައްޗަށް ހުއްޓުނެވެ.

"ޔޫ ނޯ ވަޓް؟ ޔޫ އާ ރައިޓް. ޖިންނިންނާއި މާރިދުންނާއިއެކު އަހަރެންވެސް މިއުޅެނީ އުޅޭހިތަކުންނޫން. އައި ފީލް އައިމް ލިވިން އިން އެ ނައިޓްމެއާ. ސާދަވަނަ ގަރުނަށް ޓައިމް ޓްރެވެލް ކުރެވި ނާތަހުޛީބު ޓްރައިބެއްގެ ތެރޭ މިއުޅެވެނީ. ޔޫއާ ސޯ ކްރުއެލް އިޓްސް އަންބިލީވަބްލް. އެކުވެރިކަމާއިއެކު ވާހަކަދައްކާފައި ހުރެފައި ނެކްސްޓް މޯމެންޓް އެނެމީއެއްހެން އެކްޓްކުރަނީ. ސީރިޔަސްކޮށް މިތާ ހުންނަ ހިތްޖެހިފައި ހުރި ސަބަބަކީ ސެފްރަންގެ ސަބަބުންނޭ ބުނެވިދާނެ. މިހާރު ބޭނުމީ މި ބިރުވެރި ހުވަފެން ހަދާން ނައްތާލާފައި ވީހާވެސް އަވަހަށް އެނބުރި ދާން. ޑޯންޓް އެވާ ޓޯކް ޓު މީ.." އާރްޔާގެ ހިތާމަތައް އޭނަ ފޮރުވާލާ ސިކުނޑީގައި އުފެދިގަތް ތޫފާންތައް ސެފްރަންގެ ކުރިމަތީ ބަންޑުންކޮށްލުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ.

ސެފްރަން އަޑުއިވުނުކަމަށް ހަދާނުލާ އަހަށް ސަވާރުވިއެވެ. ދެވަނަ ސިކުންތުކޮޅުތެރޭ ދުންފިނީގެ ތެރެއަށް ގެއްލުނެވެ. އަޖައިބެއްކަހަލަ ފިރިހެނެއްތާއޭ ހިތަށް އަރާފައި އާރްޔާ ހަށަން ބަދެލައިގެން ހުރިއިރު ސެފްރަންގެ އެ ބަދަލުވާ މިޒާޖާއިމެދު ވިސްނުނެވެ. ޒޭބްގެވެސް ހުންނަނީ އެފަދ މިޒާޖެކެވެ. ޖިންނިންވެސް ބައިޕޯލާ ޑިސްއޯޑާ ހުންނަނީހެއްޔެވެ؟ ނަފްސާނީ ކަންތައް ކޮންމެވެސް ވަރަކަށް ބައްޕަގެ ފަރާތުން ދަސްވެފައިވާކަން ހަދާންވުމާއެކު އާއިލާމަތިން ހަދާންވެ ރޮވެންފެށިގޮތަށް ހުރިތަނަށް ތިރިވެވުނެވެ. ރޮއިފާވެސް ހިތްވަރާއެކު ތެދުވެފައި އޭނަ ގަސްތުކުރީ ގަނޑުވަރަށް ނުގޮސް މި ސަރަހައްދު ދޫކޮށް ދާން މަސައްކަތްކުރުމަށެވެ. އެކަމަކު މަގުމަތިން ފެނުނު ފުރޭތައެއްގެ ފޮށުމުގެ ސަބަބުން ޚިޔާލު ބަދަލުވިއެވެ. އެކަނިމާއެކަނި ޖަންގަލިން ދަތުރުކުރަނިކޮށް ފުރޭތައެއްގެ އަތްދަށުވެ ލިބިދާނެ އަނިޔާ ޚިޔާލުކޮށްލާކަށްވެސް ނޭގޭނެއެވެ.


***

ސެފްރަން އަޒްކީލް ކާރމަން އާދު އަދި ކާއިން ބޮޑު އަލިފާންގަނޑެއް ރޯކޮށްލައިގެން މަސްފިހެގެން ކާން ތިބިއިރު އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ކާރމަންއާއި ސެފްރަންގެ ދޭތެރޭ ނުތަނަވަސްކަމެއް އޮތްނަމަވެސް އެ ފަސް އެކުވެރިންނަކީ އެކުވެރިކަމުގެ ނަމޫނާއެކެވެ. އެތައް ޒަމާނެއްވާންދެން އެކީގައި އުޅެ އެތައް ހަގުރާމަތަކެއްގަދަ ހިތްވަރުކޮށްފައިވާ ބަތަލުންތަކެވެ. އެންމެނާއި ބަލާއިރު ސެފްރަން އުމުރުން ހަގު ކަމުގައިވިޔަސް އޭނައާއިއެކު އުޅުނު މަދު އަހަރުތަކުގައި އެކުވެރިކަން އިންތިހާއަށް ބަދަހިވެފައިވެއެވެ.

ކާއިން އަތުން މަސްގަނޑެއް ނޮޅާލައިގެން ކާންފެށިއެވެ.

"ސެފް. ބުނެބަލަ އެހާވަރުން ރަސްކަމާއިހެދި އުޅެނީ ކީއްވެ؟ "

"ކިތައް ހާސްފަހަރު ބުނާނީ. އަހަރެން ކޮންމެހެން އާރާއި ބާރު އަދި ރަސްކަމަށް ދަހިވެތިވެގެން ކުރާކަމެއް ނޫނޭ. އިސްލާމްދީން ކުރި އަރުވާ އަދުލު އިންސާފު ގާއިމުކުރަން ބޭނުމީ............................" ސެފްރަން ބުނެލިއެވެ.

"ސެފްއަށް ރަސްކަން ހައްގުތަ؟ " ކާއިން އެހިއެވެ.

"ކާން.............." އާދު ނުރުހުމާއެކު ކާއިންގެ ކޮނޑުގައި ބޮނޑިއެއް އެޅިއެވެ. ސެފްރަންއަށް ރަސްކަން ހައްގު ނޫންކަމަށް އެންމެންވެސް ހިތުގެ އަޑިން ގަބޫލުކުރެއެވެ. ޖަލްޖާލޫތުގެ ދަރިންނާއި ކާފަދަރިން ތިއްބާ ދަނބިދަރިއަކާއި ވެރިކަން ހަވާލުކުރުމަކީ އިންސާފެއް ނޫންކަން ވިސްނައިލާ ކޮންމެ މީހަކަށް އެނގޭނެއެވެ. އެއީ ރަސްކަމުގެ ގާނޫނާއި ފުށުއަރާކަމެކެވެ. ބޮޑެތި ފިރިހެންދަރިން ތިއްބާ ޅަ ޒުވާނަކާއި އެހާ ބޮޑު ޒިންމާއެއް ހަވާލުކުރުމަކީ ވަޒީރުންވެސް ދެކޮޅުކަމެކެވެ.

"އަހަންނަށް ހައްގެއް ނޫން. އެއްބަސްވަން.." ސެފްރަން ހީގަތެވެ.

"ދެން؟ " ކާއިން ނިތް އަރުވައިލިއެވެ.

"އަޒްކީލްވެސް ސެފް ބޭނުންވާގޮތަށް އަލިފާނަށް އަޅުކަން ކުރާ މީހުންގެ ފަރާތުން ރަށް ސަލާމަތްކޮށްދީފާނެ....."

"އާހް...އެންމެން ބޭނުމީ އަޒްކީލް ރަސްކަމަށް އިސްކުރަން ދޯ. ތިކަމާ ވިސްނައިލަން ޖެހޭނީ. މާރިދުންނާއި ހަގުރާމަކޮށް ބެންތިކް ޖިންނިން އެހެން ދީންތައް ފޮހެލަން ވައުދުވަނިކޮށް އަހަރެން އަޒްކީލްއަށް ރަސްކަން ހަވާލުކޮށްފާނަން. ވެރިކަން ބޭނުންވާ ހަމަ އެކަނި ސަބަބަކީ އެއީ. މާރިދުންނަށް މި ރަށުގައި އަލިފާނަށް އަޅުކަން ކުރެވިގެން ނުވާނެ. ހަތިޔާރު ގެންގުޅެވިގެން ނުވާނެ. ވަށައިގެންވާ ރަށްތަކުގައި އިފުރީތުންނަށްވެސް އުޅެވިގެން ނުވާނެ..."

"ސުބުހާނަﷲ..ހާދަ ޝަރުތުތައް ގިނައޭ.." ކާރމަންގެ ނަޒަރު ސެފްރަންއަށް ހުއްޓުނެވެ.

"އަހަންނަށް އެނގޭ. ކާރމަންއަކަށް މަންމަގެ ގަބީލާ ދުރަށް ފޮނުވައިލަން ނުރުހެވޭނެ. އެކަމަކު އިފުރީތުންގެ ގޯނާތައް ޖިންނިނަށް ފޯރަން ފަށައިފި. ބޮޑު ހަގުރާމައަކަށް ދިޔުމުގެ ކުރިން ކާރމަން ގަބީލާ މައިތިރިކުރޭ. ޚާއްސަކޮށް ކާރމަންގެ ބޭބެ..." ސެފްރަން ބުމަ ކައިރިކޮށްލައިގެން އިނދެ ނުރުހުމުގެ ނަޒަރަކުން ބަލައިލުމުން ކާރމަން ހޭންފެށިއެވެ.

ކާރމަންގެ ބޭބެ ހައްދުން ނައްޓާލާފައިވާތީ އޭނަވެސް ފިކުރުބޮޑުވެއެވެ. ބޭބެގެ ސަބަބުން ޖިންނި ގަބީލާތަކުގެ ދެމެދުގައި ފިތުނައިގެ ހުޅުގަނޑު ރޯވެ އެކަމުގެ ތެރޭ އެތައް ފަރާތެއް އަނދައިގެން ހިގައިދާނެއެވެ.

މަންމައާއި ބޭބެ ސިއްރު ސިއްރުން އެކުރަމުންދާ މަޝްވަރާތައް އޭނައާއި މިރިއަމްއާއި ގުޅިފައިވެއެވެ. މަންމަގެ ހުވަފެނަކީ އޭނައާއި މިރިއަމް ގުޅުމެވެ. ސެފްރަން މިރިއަމްގެ ފިރިމީހާގެ މަގާމުގައި ހުރުމެވެ. އަދި ރަސްކަމުގެ ތަޚުތުގެ ހައްގު ވެރިއަކީ އޭނަކަމުގައި ދެކެއެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކު އޭނަގެ ސިކުނޑިއަށް ވެރިވާން އުޅޭ ޝައިތާނާ ފައްސާލާފައި އޭނަ ހިތަށް ވިސްނައިދެނީ ވަފާތެރި ކޮމާންޑަރެއްގެ ގޮތުގައި ހުރުމަށެވެ. ނޫނީ ސުލްހަ ނެތިގެން ހިނގައިދާނެއެވެ. އެކުވެރިން އެކަކު އަނެކަކާ ހަގުރާމަކުރުމަކީ އޭނައަށް ރުހެވޭނެކަމެއް ނޫނެވެ. ރަސްކަމަށް ކުރިމަތިލާން ތިބި ދެ ކެންޑިޑޭޓުންނަކީވެސް އޭނަގެ ގާތް އެކުވެރިންނެވެ.

***

ސެފްރަން އަޒްކީލްގެ ގަނޑުވަރު ހުންނަ ފަރުބަދަ ކައިރިން ދަތުރުކުރަނިކޮށް މާރިދުންތަކެއް މާކިއަންއާއި ދިމާކޮށްލައިގެން އުޅެނިކޮށް ފެނުނެވެ. އަލިފާނަށް އަޅުކަންކުރާ މާރިދުންގެ އެ ނުލަފާކަން ފެނި ސެފްރަންގެ ކެތްތެރިކަން ކޮޅުންލިއެވެ. ކަމަރުގައިވާ ކަނޑި އުފުލައިލިގޮތަށް އޭނަ ވައިގެ ތެރޭ އުދުހިފައިގޮސް ތިން މާރިދުން ބިމަށް ތިރިކޮށްލީ އެންމެ ހަމަލާއެއްގައެެވެ. ޒަޚަމްވެފައިވާ މާރިދުންނަށް ސެފްރަންގެ ބާރު ފެނި ބިރުވެރިކަން އުފެދި މާފަށް އެދުނެވެ.

"ދެވަނަ ފަހަރަށް ޖިންނިއަކަށް ކުޑަ ގޯނާއެއް ކޮށްލިޔަސް އެކަމުގެ ސަޒާ ލިބޭނެ. ވަރަށް ހިތިކޮށް..................."ސެފްރަންގެ އަޑު ކިތަންމެ މަޑުވިޔަސް ހަރުކަށި އިންޒާރެކެވެ. މާކިއަން ސެފްރަންގެ ފުރަގަހުގައި ފިލާ ހުރީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ބިރުގަނެފައެވެ.

މާރިދުން ޣައިބުވުމާއެކު ސެފްރަން މާކިއަންގެ ކޮނޑުގައި ހިފެހެއްޓިއެވެ.

"އެއްވެސް އަނިޔާއެއްވިތަ؟ "

"ނުވޭ...." މާކިއަން އިސްޖެހިއެވެ. "ބައްޕަ ގާތު ނުބުނައްޗޭ ހެޔޮނުވާނެ. ބައްޕަ މަނާކުރައްވާފައި ވަނިކޮށް ތަންކޮޅެއް ދުރަށް އާދެވުނީ...އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިން ކަމަށްޓަކާ ޝުކުރުވެރި ވާނެ ގޮތެއްވެސް ނޭގޭ. ވަރަށް ބޮޑަށް ޝުކުރުވެރިވަން. މިއަދުން ފެށިގެން ތިއީ އަހަރެންގެ ބަތަލު. ދުޢާއަކީ ސެފްރަންފަދަ ފަހުލަވާނަކަށް އަހަރެން ވުން..................................."

"އެއީ އަހަރެންގެ ވާޖިބެއް ކަމަށް ދެކުނީ. އަޑުއަހާ މާކިއަން. މަންމައާއި ބައްޕަގެ ބަސް ނާހަންޏާ މިއަދު މިހިނގިފަދަ ހާދިސާއެއް ހިނގާފާނެ. ވަށައިގެން މިއުޅެނީ ނުރައްކާތެރި އަދާވަތްތެރިންކަމެއް މާކިއަންއަކަށް ނުވިސްނޭނެ. ހައްތަހާ ހޫނުވަމުން މިދަނީ. ހަގުރާމައަކާއި ދިމާލަށޭވެސް ބުނެދިވާނެ. ވީއިރު ހަށިފާރަވެރިން ނެތި ފަރުބަދަމަތިން ތިރިއަށް ދެން ނާންނާތި..." ސެފްރަން މާކިއަންގެ ނިތުގައި ބޮސްދިނެވެ. އެ އަމަލުން މާކިއަން ކުޑަކޮށް ރަކިވިއެވެ. އާއިލާ ނޫން މީހަކު އެހާ ގާތްކޮށް އުޅުމުން ތަފާތު އިހުސާސެއް ކުރެވުނެވެ. އެކަމަކު ބައްޕަގެ އެކުވެރިއެއްކަން ހިތަށް ވިސްނާދީފައި މާކިއަން ހިނިތުންވެލިއެވެ.

"އަހަންނަށްވެސް އެހާ މޮޅަށް ހަގުރާމަކުރަން ދަސްކޮށްދީފާނަންތަ؟ "

"ޔަގީން.....މަންމަ އެއްބަސްކުރުވާ." ސެފްރަން ހީލިއެވެ.

"މަންމަ އެހާ ނަފްރަތުކުރަނީ ކީއްވެތަ؟ "މާކިއަން މައުސޫމްގޮތަކަށް އަހައިލިއެވެ.

"ތި ސުވާލަށް ޖަވާބު ދެވޭނީ މަންމައަށް..." ސެފްރަންގެ ތުންފަތުގައި ވި ހިނިތުންވުން ގެއްލުނެވެ. ފަރުބަދައިގެ ވާދީތަކުގައި ތިބި ސިކިއުރިޓީއިން ތިބި ހިސާބުގައިވާ ގަސްތަކުގެ ތެރެއަށް ވަދެފައި މާކިން ގަހަަކަށް އަރާ ރާމާމަކުނެއްހެން ގަހުގެ އެއް ގޮފިން އަނެއް ގޮތްޕަށް ފުންމަމުންގޮސް ގަނޑުވަރުގެ ފުރާޅުމަތީގައި ޖެހިގަތެވެ. އެ މަންޒަރު ބަލަން ހުރި ސެފްރަންއަށް ހީލެވުނެވެ. އޭނަގެ ކޮއްކޮގެ ހުނަރުތަކުން ވަރުގަދަ ޖިންނިއަކަށްވާނެކަން ޔަގީންވިއެވެ. ސާދަ އަހަރަކީ އަދި ޖިންނިންގެ އުމުރާއި ބަލާއިރު ކިރުބޯ ޅަކުއްޖެއްފަދައެވެ. ޖިންނިންގެ ހުންނަ ބާރުތައް ފުރިހަމަގޮތުގައި އަދި މާކިއަންއަށް ލިބި މާރިދުންނާއި ކުރިމަތިލެވޭނެ ފެންވަރު މާ ގިނަދުވަސްތަކެއް ނުވެ ލިބިދާނެއެވެ.


***

މާކިއަން ކޮއްކޮމެންނާއިއެކު ކުޅެން ކޮޓަރީގައި އުޅުނެވެ. އަލިފާންކުލަ އަރާ ސައިބޯނި ބޮތްކެއްފަދަ ބޯޅައިގާ ހިފަން އުސް ސީލިންއާއި ހަމަޔަށް ފުންމައިގަންނަ ގޮތަށް ވައިގެ ތެރޭ އުދުހިލާއިރު އެކުދިންގެ ޖިސްމު ފަތްކޮޅެއްހާ ލުއިވެފައި ބައެއްފަހަރު ހިޔަންޏެއްހެން ތަހުލީލުވާތަން ފެނެއެވެ. ކޮޓަރިތެރޭގައި ދިއްލާލާފައި ހުރި ފާނޫޒު ނިވި އަނދިރިކޮށްލުމުންވެސް އެކުދިންނަށް އަނދިރިކަމުން ތަކުލީފެއް އުފުލަން ނުޖެހުނެވެ.

މާކިއަން ކޮއްކޮމެން ކުޅެން ދޫކޮށްލާފައި ދޮރު ހުޅުވައިލިއިރު ފަޒާ ދުންފިނިގަނޑެއް ފަދައެވެ. ސިޓިންރޫމްގައި އޭނަގެ މައިންބަފައިން ދައްކަން ތިބި ވާހަކަ ސިއްރުން އަހަން ހުރެފައި މާކިއަން ދެލޯ ބޮޑުވިއެވެ.

"ސުބުހާނަﷲ. އަހަންނަށްވެސް މިކުރެވުނީ ފާފައެއް. މައިންބަފައިންނަށް ފާރަލާކަށް ނުވާނެ. އެކަމަކު ކޮންމެހެންވެސް އެ ސިއްރު އެެނގެން ބޭނުންވީ. ސެފްރަންއަކީ މަންމަގެ ދަރިއެއްކަން އެނގުނީމަ ހަމަ ހައިރާންވެއްޖެ. އެވަރުގެ ސިއްރެއް ފޮރުވުމަކީ ރަގަޅުކަމެއްތަ؟ އަހަރެމެންގެ ބޭބެއެއް ވެއްޖެއްޔާ އެނގެންވެސް ވާނެ. މަންމަ ނަފްރަތުކުރުން އެއީ އަދި އެހެން ކަމެއް. އެކަމަކު އަދިވެސް އެހާ ނަފްރަތު ކުރަންވީ ސަބަބެއް ނޭގޭ. މާފުކުރާތީ މަންމާ. އަހަންނަށް މަންމަގެ ސިއްރު ހޯދިއްޖެ.." މާކިއަން ހިތާހިތުން ކިޔާލާފައި އަވަހަަށް ދުންފިނީގެ ތެރެއަށް ޣައިބުވިއެވެ.


***

އަޒްކީލްގެ ގަނޑުވަރާއި އަރާހަމަވެފައި ސެފްރަން އަސް މަޑުކޮށްލިއެވެ. އޭނަގެ މަންމަ އެކުރާ ނަފްރަތާއެކުވެސް މާކިއަންއާއި ކުޑަ ދެކޮއްކޮ މެންނަށްޓަކާ ހިތުގައި އުފެދިފައިވާ އިހުސާސްތައް އޭނަ ދަގަނޑަށް ދަގަތްފާނު ދަމާހެން އިޚުތިޔާރެއްނެތި އެދިމާލަށް ގެންދިޔައީއެވެ. ޒޭބްއަށް އޭނަގެ ހިޔަނި ފެނިލިޔަސް އަލިފާން ރޯވާ ވަަރަށް ރުޅިގަދަވާނެއެވެ. އެކަން އެނގިހުރެވެސް ފިޔަވަޅުތައް އެޅުނީ ކުރިއަށެވެ. ކުއްލިއަކަށް ހިލަތަކުގެ ފުރަގަހުން ނުުކުތީ މާކިއަންއެވެ. އޭނަ ހީލާފައި ސަލާމް ގޮވައިލުމުން ސެފްރަން ސަލާމް ބަލައިގަތެވެ.

"މަންމަ ގޭގައި އެބައުޅޭ.." މާކިއަން މަޑުމަޑުން ބުނެލީ އިންޒާރެއް ފަދައިންނެވެ.

"ދެން؟ "ސެފްރަން އެއްލޯ ކުޑަކޮށްލިއެވެ.

"ހަމަ ބުނެލީ...." މާކިއަން ސެފްރަންގެ މޫނަށް ބަލަން ހުރީ ކަޅިޖަހާނުލައެވެ. އަލަށް ފެނުމުން ބަލާހާ ގަދަޔަށް ބެލިއެވެ. ބޮލުން ފެށިގެން ފައިތިލައާއި ހަމަަޔަށެވެ. ކަމެއް ދެނެގަންނަން އުޅޭފަދަ ނަޒަރަކުންނެވެ. އޭނަގެ މޫނުން އެއްޗެއް ދަސްކުރަން އުޅޭފަދައެވެ. އެލޮލަށް ފީނައިގެން މާކިއަން ހޯދަނީ ކޯންޗެއް ކަމެއްވެސް ނޭގެއެވެ.

"ސެފްރަންގެ ވަރަ ހުރޭތަ؟ " މާކިއަން ސުވާލުކުރިއެވެ.

"ނެތް..." ސެފްރަން ކުރު ޖަވާބެއް ދިނެވެ.

"އަހަރެންގެވެސް ނުހުރޭ. އަހަންނަށް ބައްޕަގެ ސިފަތައް ވާރުތަވީ. ކޮއްކޮމެންނަށް މަންމަފަދައިން ވަރަ ލިބިފައިވޭ. އެކަމަކު ސެފްރަން އަހަރެމެންގެ ނަސްލަކަށްވެސް ނިސްބަތްވާ ހެން ހިޔެއް ނުވޭ. ބައްޕައަށް ގޮވަންވީތަ؟ " މާކިއަން ހިނިތުންވެލިއެވެ. ސެފްރަން މާކިއަންގެ އިސްތަށިގަނޑުގައި އަތް ހިންގައިލިއެވެ.

"މާކިއަން..." ސެފްރަން އެއްޗެކޭ ބުނަން އަނގަ ހުޅުވިތަނާ މަންމަގެ ހަޅޭކުގެ އަޑު މުޅި ހިސާބުގައި ގުގުމައިލިއެވެ. ބިންގަނޑުގައިވެސް ރެދު ލީފަދައެވެ. ދެވަނަ ސިކުންތުކޮޅުގައި އެކުދިން ކުރިމަތީގައި ހުރި ޒޭބް އަލިފާނުގެ ބެލުމަކުން ސެފްރަންއަށް ބަލަމުން މާކިއަންގެ އަތުގައި ހިފާ ގަނޑުވަރާއި ދިމާލަށް ކޮށްޕާލައިފިއެވެ.

"ސެފްރަންއާއި ވާހަކަ ނުދައްކާތި..." ޒޭބް އިންޒާރުކުރިއެވެ.

މާކިއަން މަންމައާއި ދެބަސްނުވާންވެގެން އެތެރެއަށް ވަންގޮތަށް ލޯމަތިން ގެއްލުނެވެ.

"މާކިއަން ގާތު އެއްވެސް އެއްޗެއް ބުނެގެން ނުވާނެ.." ޒޭބް ނަފްރަތުގެ ކަނި ބުރަ ބުރާ ހުރި ދެލޯ ސެފްރަންއާއި އަމާޒުކުރިއެވެ."ނޫނީ ދެން ތި ހަށިގަނޑާއި ވަކިވާނީ ކަލޭގެ ބޯ............"

ޒޭބްގެ އިންޒާރުތަކުން ސެފްރަންގެ ސިކުނޑި ހަލަބޮލިކުރުވިއެވެ. އޭނަ ބޭނުންވަނީ އޭނަގެ ބައްޕަ ޝައިތާނަކަށްވިޔަސް އެއީ ކާކުކަން އެނގުމެވެ. ޒޭބް ކިތަންމެ ރުޅިއަޔަސް އޭނަ އެ ސުވާލުކުރާނެއެވެ. ސެފްރަންގެ ސުވާލުތަކުން ޒޭބް ވަކިން ރުޅިގަދަވެ އެއްޗެހި ކިޔައިގަތެވެ. އެ ޝައިތާނުގެ ނަންވެސް ދުލުން ކިޔަން ބޭނުންނުވާ ކަމަށާއި ޝައިތާނުގެ ނިޝާންކަމުގައިވި ސެފްރަންއަށް ހިތުން ދުވަހަކު ޖާގައެއް ނުލިބޭނެކަމަށާއި ސޫރަ ފެނުނަސް ފޫހިވާކަމުގައި ބުނެލިއެވެ. މަންމައެއްގެ ދުލުން ދަރިއަކަށް ބަދު ދުޢާކުރުމުން ވާނެ ދެރަ ސެފްރަންއަށް އިހުސާސްކުރެވުނެވެ.

"އަހަރެންގެ ދުޢާއަކީ އޭނަ ފަދައިން އަނދިރި ދަތިތަނެއްގައި އޮވެ މަރުވުން. ދެލޮލުގެ ފެނުންވެސް ގެންދަވާށި. އިރާދަކުރެއްވިއްޔާ އެދުވަސް ވަރަށް އަވަހަށް ފެންނާނެ. އިރާދަކުރެއްވިއްޔާ ނަރަކައިގާ ކަލޭގެ ބައްޕައާއެކު ލައްވާނީ. ދުވަހަކު އުފަލެއް ރަހުމަތެއް ނުލިބޭޭނެ އިންޝާﷲ. ނަހަލާލު ދަރި............................."

"ފުދޭވަރުވެއްޖެ. ދެން ހުއްޓާލާ..." ސެފްރަންއަށް ލިބުނު ވޭނުގައި ކަންފަތުގައި އަތް އަޅައިލަމުން ހަޅޭއްލަވައިގަނެވުނެވެ.

އޭނަ މާތްﷲއަށް ބިރުވެތިވެ އެ ނަރަކައިން ސަލާމަތްވާން މަސައްކަތްކުރާއިރު އޭނަގެ މަންމަ ދުޢާ ކުރަނީ އެ ނަރަކައިގާ އޭނަ ލެއްވުމަށެވެ. އޭނަގެ ކުށަކީ ފާފައަކީ ކޮބާހެއްޔެވެ؟ މައިމީހާގެ ފައިތިލަ ދަށުން ދަރިންނަށް ސުވަރުގެ ވަދެވެންޏާ އޭނަ ސުވަރުގޭގައި ނުލައްވާނީހެއްޔެވެ؟ ސެފްރަންގެ ޖިސްމަށް ލިބުނު ވޭނާއި އުދަގޫތަކާއެކު އެތަނުން އަވަހަށް ދާން ބޭނުންވެގެން ކޮށްލި ކުޑަ ހަރަކާތުން ވަށަައިގެންވާހާ ގަސްތައްވެސް ތެޅިލިއެވެ. އެހިސާބަށް ކުޑަ ތޫފާނެއް އައިފަދައެވެ. ވެލިތަކާއި ކުދި ހިލަކޮޅުތައް ވަޔަށް ބުރައިގެން ދިޔައެވެ. ސެފްރަން ހަމަޖެހިގެން ބަލައިލިއިރު އޭނައަށް ހުރެވުނީ އަމިއްލަ ގަނޑުވަރުގައެވެ.

***

މިރިއަމް ފެންގަނޑުން އަރައިގެން އައުމުން ނަކްބާ އިސްތަށިގަނޑު ހިއްކަދޭން ތުވާލި ގަނޑެއް އޮޅާލަދިނެވެ.

"ނަކްބާ. ސެފްރަންވެސް އާރްޔާ ގާތުން ދަސްކޮށްގެން އިނގިރޭސިބަސް ބޭނުން ކުރުން އިތުރުވީކަން ފާހަގަކުރެވޭތަ؟ " މިރިއަމް ކުއްލިއަކަށް ކުރި ސުވާލުން ނަކްބާ އަޖައިބުވިއެވެ.

"ސެފްރަންގެ ކުދި ކުދި ކަންތައްތައްވެސް އެވަރުން ފާހަގަކުރަނީތަ؟ ޖިންނިއަކަށް އަނެއް ޖިންނިއަކު ދެކެ ލޯބިވެވޭނީ ތިވަރަށް.." ނަކްބާއަށް މަޖާވިއެެވެ.


***

ސެފްރަންގެ ބާރުތައް މަޑުމަޑުން އޭނައަށް ލިބި ކުރިން ނެތް ހުނަރުތައް ލިބެންފެށިއެވެ. ބަސްމޮށުމަކާ ނުލައި ވާހަކަދެއްކުމާއި ދުވެލި ހަލުވި ވުމާއި އާދަޔާ ޚިލާފު ބާރުތައް ލިބުނީ ނޭގި ހުއްޓަައެވެ. ދަގަނޑުގަނޑެއް އަތުތެރޭ ލާފައި ފުނޑާލުމަަކީ ނޭވާލުން ހާ ފަސޭހަކަމެކެވެ. އޭނަގެ ލޮލުން އިރުކޮޅެއްވާންދެން ބަލަން ހުރުމުން ދޮރު ހުޅުވުމާ އެއްޗެހިތައް ފުނޑުފުނޑުވުންފަދަ ކަންތައްތަކެވެ. ރުޅިގަދަވުމުން ބާރު އިތުރުވެ ވަށައިގެންވާހާ އެއްޗަކަށް އޭގެ އަސަރު ކުރުވައެވެ. ކުޑައިރު އެއިން އެއިން އެއްވެސް ބާރެއް އޭނަގެ ނުުހުރެއެވެ. އޭނަ ބަރޯސާ ވާން ޖެހުނީ ހަށިފާރަވެރިންނާއި ހަތިޔާރުފަދަ ތަކެއްޗަށެވެ.

ސެފްރަން މިސްކިތުން ނުކުތްއިރު ތުނި ވިލާތަކެއްގެ ތެރެއިން ޝާއްބަކަމާއެކު އޭގެ ފުރިހަމަކަން ދައްކަން ހަނދު މަސައްކަތްކުރެއެވެ. އެހިސާބުގެ މަގުތަކުގައި ދިއްލާލާފައިވާ ބައްތިތަކުގެ އަލީގައި ހިޔަނިތައް ނަށާލާއިރު އެހިސާބުގައި ރަސްކަން ކުރަނީ މާމެލާމެލީގެ މީރުވަހެވެ. ތެތް ފިނިކަމެއް ފަޒާގައިވިއެވެ. ސެފްރަން ކޯރު ކައިރިއަށް އަސް ދޫކޮށްފައި ގަނޑުވަރާއި ދިމާލަށް މިސްރާބުޖެހިއެވެ. މިރިއަމް ސުފުރާ ތައްޔާރުކޮށްލައިގެން އޭނަގެ އިންތިޒާރުގައި އިނެވެ. ސެފްރަންގެ ތަބީއަތު ގޯސްވެފައިވިޔަސް މިރިއަމްއާއި ވާހަކަދައްކާލަން ބޭނުންވާތީ ކުޝަން މަތީ އިށީނެވެ.

"އަހަންނަށް ވައުދުވެފައި ބައްޕަ ޚިޔާލު ބަަދަލުކޮށްފިހެން ހީވޭ..." ސެފްރަން ބުނެލިއެވެ.

"ރަސްކަން ދެއްވަނީ ވަކި ފަރާތަކުން. ލިބެން އޮތް ނިއުމަތަކާއި ރަހުމަތެއް އެހެން މަޚުލޫގަކަށް ފޭރި ނުގަނެވޭނެ. އިރާދަކުރެއްވިއްޔާ ބައްޕަގެ ތަޚުތުގައި ދެން އިންނާނީ ސެފް. އެކަމަކު އަހަރެންގެ ޝަކުވާއެއް އެބައޮތް. އާރްޔާ......" މިރިއަމްގެ އެތެރެހަށި ހަސަދައިން ފުރިފައިވުމުން އެ ނަން ކިޔަން ވުމުންވެސް މޫނުގެ ކުލަވަރު ބަދަލުވިއެވެ.

"އާރްޔާ ކިހިނެއްވީ؟ " ސެފްރަން ޝައުގުވެރިވިއެވެ.

"ސެފް އާރްޔާއާއި ހެދި އުޅޭތީ. އެއީ އިންސާނުންގެ އުމުރުން ބަލާއިރު އަދި ތޭރަ އަހަރު ނުވާ ކުޑަކުއްޖެއް. ޖިންނި އިންސާނުންގެ ގުޅުން ހުއްދަ ނޫންކަމެއް ނޭގޭތަ؟ އެ ގުޅުމަކީ ބޮޑުފާފައެއް. ތިއުޅެނީ ބޭބީއަކާއި އަޅައިގެންތަ؟ މިބުނީ އަވަލައިގެންތަ؟ އާރްޔާ ދެކެނީ ބޭބެއެއްގެ ގޮތުގައޭ. އޭނަ ފަކުރުވެސް ގަންނާނެ އެކަހަލަ ނުބައި އިހުސާސްތައް ހުރިކަން އެނގުނީމަ......" މިރިއަމް އެހެން ބުނެފައި ޝަރުބަތު ތަށްޓެއް ދިއްކޮށްލުމުން އެއަތުގައި ހިފަން އުޅެނިކޮށް ތަށި ވިއްސައިގެން ގޮސް ފާރުގައި ޖެހި ތެޅުނެވެ. އަނެއް އަތުން އޭނަ މިރިއަމްގެ އަނގަމަތީ އަތްއެޅިއެވެ.

"ނޮޓް އެ ސިންގަލް ވޯޑް މޯ. ޑޫ ޔޫ ހިއާ މީ؟ އާރްޔާ އޭ ކިޔާފައި އިތުރު އެއްވެސް އެއްޗެއް ބުނެގެން ނުވާނެ. ޖޫސްތަށި އެކަންޏެއް ނޫން ދެން ތެޅިގެން ދާނީ......" ސެފްރަން ދާން ހިނގައިގަތެވެ. ސިޑިމަތީ ހުރެފައި ފަހަތަށް އެނބުރި ބަލައިލިއެވެ. މިރިއަމް ހުރީ ބިރުގަނެ ޝޮކެއްގައި ބުދެއްހެން ހުއްޓުން އަރާފައެވެ. ސެފްރަން ބޯ އަރިކޮށްފައި ބަލަން ހުރީ ސުވާލުގެ ނަޒަރަކުންނެވެ.

"އާރްޔާގެ ވާހަކަ ދެއްކުމުން އަހަރެން މިހާ ރުޅިގަދަވީ ކީއްވެ؟ ގެޓް ޔޯސެލްފް ޓުގެދާ މޭން."ސެފްރަން އަމިއްލަ ނަފުސާއި މުޚާތަބުކޮށް ކިޔައިލިއެވެ.

އޭނަގެ ހިތުގައިވާ އެއްޗެއް މިރިއަމް އަށް އެހާ ފަސޭހައިން ކިޔައިލެވުނީ ކިހިނެއްބާވައޭ ހިތަށް އެރިއެވެ. "ޢާރްޔާ އާރްޔާ...އެކުއްޖާއާއި މަށާއި އޮތީ ކޮން ގުޅުމެއް. އެއްވެސް ކަމެއް ނެތް. އެކަމަކު އާރްޔާވެސް މަގޭ ފަހަތުން އުޅެނީ. އަދި މިރިއަމް އަޅުވާ ނުކިޔާ ގަޑިއެއް ނުވޭ. އެކުއްޖާގަނޑު އިންސީންގެ ތެރެއަށް ފޮނުވައިލަންވީ....." ސެފްރަން އިސްތަށިގަނޑު ތެރެއަށް އަތް މަހާލައިގެން އިރުކޮޅަކު ހުރެލާފައި ތެދުވުނެވެ.


***

ޔަޒްދަންޔާރުއާއި ބައްދަލު ނުކުރަން އަންގާފައި އޮތަސް ސެފްރަން އެ ސަރަހައްދަށް ދަތުރުކުރީ އެ އިހުސާންތެރިޔާގެ މަތިން ހަދާންވެފައެވެ. އިތުރު ޖިންނިއަކު އެހިސާބުގައި ނޫޅޭކަން ޔަގީންކޮށްފައި އޭނަ ހޮހަޅައަށް ވަދެފައި މަޑުމަޑުން އެކުވެރިޔާއަށް ގޮވިއެވެ. ޔަޒްދަންޔާރުގެ ހިލަމެއްނުވިއެވެ. ސެފްރަން ހާސްކަމާއެކު އެތަން މިތަން ހޯދިއެވެ. މުޅި ސަރަހައްދުގައި އަތް ފުނާއެޅިއެވެ. އޭނަގެ އެކުވެރިޔާއަށް ބޮޑު ހާދިސާއެއް ކުރިމަތިވީބާވައެވެ. އިންތިޒާރުގައި ގަޑި ގުނަ ގުނާ ހުރެފައި ސެފްރަން ދެވަނަ ފަހަރަށްވެސް އެ ސަރަހައްދުގައި ބުރެއް ޖެހިއެވެ.

ސެފްރަން މާޔޫސްކަމާއެކު އެނބުރި އަންނަން އުޅުނުތަނުން ފެނުނީ ހީ ނުކުރާފަދަ މަންޒަރެކެވެ. އޭނަ އަވަހަށް ގަސް ބޮނޑީގެ ތެރެއަށް ވަދެ ތިރިވިއެވެ.

(ނުނިމޭ...)

ކޮމެންޓް 0