" މަންކީ އޭ ؟ މަގޭ ބޭބެގެ ދަރިފުޅާއި ދިމާލަށް ރާމާމަކުނަށް ތި ގޮވީ.....ކޮންފަދަ ނުބައި ނުލަފާ މަޚުލޫގެއްތަ؟ " މިރިއަމް އާރްޔާގެ މޭގައި އަތް އަޅާ ކޮށްޕާލުމުން ވިއްސައިގެން ދިޔަ ބާރުމިނުގައި ޖެހުނީ ވިނަގަނޑު ތެރޭގައެވެ. ވަގުތުން ހަރަކާތް ކެނޑި އެއްލާލާފައި އޮތް ބުދެއްފަދައެވެ. އެއާއެކު ނޭފަތުން ބޮކި ޖަހާފައި ލޭ އަރަންފެށިއެވެ. ސެރަފިމްއަށް އާރްޔާއާއި ދިމާލަށް ދުއްވައިގަނެވުނު އިރު އެ ބޮޑު ދެލޮލުން ފައުޅުވޭވޭ ހުރީ ތަފާތު ކުލަވަރެކެވެ.
"އާރްޔާ....އާރްޔާ. ލޯ ހުޅުވަބަލަ. ކިހިނެއްވެފަ ތިއޮތީ؟ "
"ސެރަފިމް އާދޭ.." ޒޭބް ހަރުކަށިގޮތަކަށް އަމުރުކުރުމުން ސެރަފިމް އިސްޖަހައިގެން ހުރެ އައިސް މަންމަގެ ހެދުމުގެ ފަސްބައިގާ ހިފިއެވެ. މަންމަ ފުރިހަމަ ނަމުން ގޮވާނީ އެންމެ ރުޅިއަންނަ ވަގުތުތަކުގައެވެ. އާރްޔާ މަރުވީކަމަށް ހީކޮށް މިރިއަމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު ނަކްބާ ކަންފަތް ދޮށުގައި ބުނެލި ޖުމްލައިން ހިނިތުންވުން ފިލިއެވެ.
"އެހާ ފަސޭހަ މަރަކުން މަރައިލީމަ މަހާރާނީ ރުޅުދުރުވާނެ. އިންސި ބޮޑުވީމަ އޭނަ ގަތުލުކުރަން ހުއްޓާ......"
"ހުއްޓާލާ..." މިރިއަމް ރުޅި އަންނަ ގޮތްވިއެވެ.
މިޔޫކީ ބިންގަނޑު ފަށްޖަހަމުން އަންނަ އަޑު މާ ދުރުން އިވި އެންމެންގެ ލޯތައް އެއް ދިމާލަކަށް ހުއްޓުނެވެ. ގަސްތަކުގެ ތެރެއިން ނުކުތް އަހުން ފުންމައިލި ސެފްރަންއަށް އާރްޔާއަށް ވެފައި އޮތްވަރު ފެނި ހައިރާންކަމެއް ލިބުނެވެ. ކޮންމެ މީހެއްގެ މޫނަށް ވަކިވަކިން ބަލައިލެވުނެވެ. އިހުތިރާމް އަދާކުރުމުގެ ގޮތުން އެންމެން ބޯ ގުދުކޮށްލިއިރު ޒޭބް ގަދަރުކުރަން ބޭނުންވާ މީހަކަށް ސެފްރަން ނުވިއެވެ. ނަފްރަތުން ކަޅިވެފައިވާ ދެލޮލާއި ސެފްރަންގެ ލޯ އިރުކޮޅެއްވާންދެން ގުޅުނުއިރު ސެފްރަންއަށް ދުރު ބަލައިލެވުނެވެ. އޭނަގެ ހަޔާތުގައި އެތައް އަނިޔާތަކެއް ލިބުނުއިރުވެސް ޒޭބް ދިންފަދަ ބޮޑު އަނިޔާއެއް އެއްވެސް ފަރާތަކުން ލިބިފައެއް ނުވެއެވެ. ސެފްރަން ޒޭބްދެކެ ޖެހިލުންވިއެެއް ކަމަކު އޭނަގެ ފިޔަވަޅުތައް ނަގަމުން ދިޔައީ އާރްޔާއާއި ދިމާލަށެވެ.
"އާރްޔާއަށް ކިހިނެއްވީ؟ " ސެފްރަންގެ ސުވާލު އަމާޒުވީ މިރިއަމްއަށެވެ.
"ސޭމްއާއެކު ކުޅެނިކޮށް ވެއްޓުނީ. އިންސިއަށް ސޭމްގެ ބާރު އަންދާޒާ ނުކުރެވުނީ................................." މިރިއަމް ހިންދިރުވައިލިއެވެ. ހަގީގަތް އެނގި ސެފްރަން އިތުރަށް އޭނަދެކެ ނަފްރަތު ކުރަން ވެއްޖެއްޔާ އޭނަ މަރުވެދާނެއެވެ.
"ފުރާޅުން މަތިން ކައްސައިލީ. މީހަކު ވައްޓައިލީއެއް ނޫން........" ޒޭބްގެ ކަޅިން ސެފްރަން ފިއްސާލާނެފަދައެވެ. ސެފްރަން އާ އެއްތާކު ހުންނަން ވުމުންވެސް އޭނަގެ ގައިގާ ހުޅުރޯވާން އުޅޭފަދައެވެ. ނަފްރަތުގެ އަލިފާނުން މުޅި ޖިސްމު އަނދައި ގެން ދާން ތައްޔާރުވެއްޖެއެވެ.
"ކުއްޖަކު މަރުވާއިރުވެސް ކުޅިބަލައިގެން ތިބެނީތަ؟ " ސެފްރަންގެ ލޮލުން ނުރުހުމުގެ އަސަރު ފެނިލިއެވެ.
"އެއްވެސް އިންސާނިއްޔަތު ކަމެއް އަހަރެމެންގެ ނުހުންނާނެތާ. ޖިންނިންވީމަ. ކަލޭގެ ގައިގާ އިންސާނީ ލޭ ހުރީމަ ޖަޒުބާތީވެގަތީތަ ނޫނީ އިންސިކުއްޖާއާއި ހިތާވީތަ؟ " ޒޭބް ނުރުހުމާއެކު ބުނެލި ޖުމްލަ ތީރެއްހެން ހެރުނީ މިރިއަމްގެ ހިތަށެވެ. އަރިވެލާފައި ބަލައިލެވުނީ ޒޭބްގެ މޫނަށެވެ. ސެފްރަން ޖަދަލުކުރުމެއްނެތި އާރްޔާ އަތްދަނޑި މައްޗަށް އުފުލައިލިގޮތަށް މިޔޫކީއަށް ސަވާރުވިއެވެ. ބާރުބާރަށް ގޮސް ގަސްތަކުގެ ތެރެއަށް ވަދެ ލޯމައްޗަށް ގެއްލުނެވެ. މިރިއަމް އަށް ކުޅަދާނަ ނުވެގެން ބިންމަައްޗަށް ވެއްޓުނީ ގަހަކުން ކަނޑާ ވައްޓައިލި ގޮތްޕެއްހެންނެވެ. ޒޭބްއާއި ނަކްބާއާއި ދެމީހުންވެގެން އޭނަ އުފުލާލައިގެން ގޮސް ކޮޓަރިއަށް ވެއްދިއެވެ. މިރިއަމްއަށް ހޭހަން ކުރުމުގައި އިރުކޮޅެއްވާންދެން އިންދާ އަޒްކީލްވެސް ހާޟިރުވިއެވެ. ކޮއްކޮގެ ބޮލުގައި އޯގާތެރިކަމާއެކު ފިރުމައިލިއެވެ. ޒޭބް އަޒްކީލް ގާތު ހާދިސާ ހިނިގިގޮތް ކިޔައިދިނެވެ.
***
މިިރިއަމް ބެލްކަންޏަށް ނުކުތީ އުދާސްވެފައިޥާ އެތެރެހަށްޓަށް ފިނިކަމެއް ލިބި ސިކުނޑި ތާޒާކުރުމަށެވެ. މެދުއުޑުގައި ރަސްކަންކުރާ ޝާއްބަ ހަނދާއި ފިޔަޖަހަޖަަހާ ހުރި އޮރެންޖް އަދި ރީދުލާއި ރަތް ޖަވާހިރުތައް ފަދަ ތަރިތަކުގެ ބެބުޅުމުން ދުރުން ފެންނަން އޮތް ބޯ ގަސްތަކުން ފުރިފައިވާ ޖަންގައްޔަށް ފަނޑު އަލިކަމެއް ފަތުރާލާފައިވިއެވެ. ކޯރަށް އެޅިފައިވާ ރިހި އަލިކަމާއެކު ފެންގަނޑު އެހާ ހިމޭނެވެ. ގަސްތަކުގެ ތެރެއިން އެއްކޮށް ކަޅު ޗާދަރުން ފޮރިގެން ތިބި ޖިންނި ހަށިފާރަވެރިން ހަރަކާތްތެރިވާތަން ފެނުނެވެ. އެއީވެސް ކާރމަންގެ ލަޝްކަރުގައި ހިމެނޭ ބަޔެކެވެ. ކާރމަން މަޑުމައިތިރިކަމާއެކު ނާކާމިޔާބު ބަަލައިގަތް ކަން ހަދާންވެފައި އޭނައާއިމެދު މިރިއަމް ހަމްދަރުދީވެސް ވެއެވެ.
މިރިއަމްގެ ނަޒަރު ހުސްކަމުގެ ތެރެއިން ކޯރުގެ އައްސޭރިފަށަށް ހުއްޓުނީ ޖިންނިއެއްގެ ހިލަންވެފައެވެ. އަނދިރިކަމުގެ ތެރެއިންވެސް މިރިއަމްއަށް ނުލާހިކު ރީތިކޮށް ސެފްރަންގެ ސޫރަފެނުނެވެ. އެ ބިޔަ އިސްކޮޅާއި ދިގު އިސްތަށިގަނޑެވެ. ރަތްކުލައިގެ ހެދުމެވެ. ސެފްރަން ގަސްތަކުގެ ތެރެއަށް ވަދެގެން ދަނީ ކީއްކުރަން ހެއްޔެވެ. ވިސްނުމެއްގެ ތެރޭ ހުއްޓާ ގަނޑުވަރުން ނުކުތް ސެފްރަންގެ ޖާރިޔާ ޕަރީ އެދިމާލަށް މިސްރާބު ޖެހިއެވެ. ދެކޮޅު ހޯދާފައި ސެފްރަން ގެއްލުނު ދިމާލަށް ހިނގައިގަތީ ފައިދަށުގައި އޮތް ފަސްބައި ކޮށިކޮށްކަމުންނެވެ. މިރިއަމްގެ ކެތްތެރިކަން ކޮޅުން ލައިގެން ދިޔައެވެ.
"ނަކްބާ.........." މިރިއަމްގެ ހަޅޭކުގެ އަޑު ކޮޓަރި ތެރޭ ގުގުމައިލިއެވެ.
ނަކްބާ އަރާމު ތަންމަތި ދޫކޮށްލާފައި ޝެހެޒާދީ ގޮވުމާއެކު ހާޟިރުވެ އަދަބުވެރިކަމާއިއެކު ބޯ ތިރިކޮށްލިއެވެ. ރުޅިގަދަވެގެން ލޮލުން އަލިފާނުގެ ކުލަ ފާއްދާލާފައި ހުރި މިރިއަމް އޭނައަށް ފެނުނު މަންޒަރު ކިޔާދިނެވެ. އަދި ނަކްބާއާ ދެ ޖިންނި އަންހެންކުދިން ބާލުޚާނާއިން ފުންމާލާފައި މިސްރާބުޖެހީ ގަސްތަކާއި ދިމާލަށެވެ. ހަނދުވަރުގެ އަލިކަމުން ބިންގަނޑަށް އަލިކޮށްލާފައިވާއިރު މުޅީ ހިސާބުގައި ހުވަދުލެވިފައިވަނީ މާމެލާމެލީގެ މީރުވަހުންނެވެ.
"އަހަރެން އެ ޕަރީ އޭ ކިޔާ ނުލަފާ ކުޑަ އެތި އަންދާލާނަން..........." މިރިއަމް ދަތް ކާރުވައިގަތެވެ.
"ސާހިބު ކަމަނާ. ރުޅި މަޑުކުރޭ. ލޮލަށް ފެންނަ ކޮންމެ ކަމެއްގައި އޭގެ އެހެން ފަރާތެއް އޮވެދާނެ. ރަގަޅަށް ތަހުގީގުކޮށްފައި ނޫނީ ޕަރީގެ ބޮލުގައި އިލްޒާމް އަޅުވާކަށް ނުވާނެ. ސެފްރަން ސާހަބުވެސް ނުލާހިކު ރީތި އަންބަކު ހުއްޓާ ޖާރިޔާއަކަށް ދައުުވަތު ނުދޭނެ. އެއީ އަޅުގަނޑަށް ފެންނަގޮތް..............." ނަކްބާ މަޑުމައިތިރިކަމާއެކު ވިސްނައިދޭން މަސައްކަތްކުރިއެވެ.
"ވާހަކަ ނުދައްކާ..." މިރިއަމް ކަޅި އަޅައިގަތެވެ.
ޖިންނި އަންހެންކުދިން ފިޔަވަޅުތައް ބިމުގައި ނުޖައްސާ ހިނގާފައިދާއިރު އެއްވެސް އަޑެއްބަޑެއް ނީވެއެވެ. ލާފައި ހުރި ޝާހީ ހެދުންތަކުގެ ފަސްބައި ބިންމަތީގައި ދެމެމުން ދިޔައީ ކައިވެނި ހެދުމެއް ފަދައިންނެވެ. އެކުދިން އިސާހިތަކު އެ ދުރުމިން ކަޑައްތުކޮށް ގަސްތަކުގެ ތެރެއަށް ވަނެވެ. ގަސްތަކުގެ ތެރެއިން ޕަރީގެ ރަކި ހުނުމާއެކު ސެފްރަންގެ ބަރު އަޑުން ސާފުނުވާވަރަށް މަޑުން އެއްޗެކޭ ބުނެލިއެވެ. ދެމީހުން އެއް ހިޔަނިފަދައެވެ. އެދެމީހުންގެ ހަރަކާތްތައް ބަލަން ނުކުޅެދި ހަނދުވެސް ވިލާތަކުގެ ފުރަގަހަށްވަދެ ނިވާވެލައިފިއެވެ.
"ސުބުހާނަﷲ..........." ނަކްބާއަށް އަނގަމަތީ އަތް އަޅައިލެވިއްޖެއެވެ.
ސެފްރަންއާއި ޕަރީގެ ގާތްކަން ފެނުމާއެކު މިރިއަމްގެ ހެޔަށް ގޮތެއްވެ އަަރި އަޅާލައިފިއެވެ. ނަކްބާއަށް ހިފެހެއްޓުނީ ހަމަ ކިރިޔާއެވެ. އޭނަ މިރިއަމް ކޮނޑަށް ލައިގެން އަވަސްވެގަތީ ގަނޑުވަރާއި ދިމާލަށެވެ. މިރިއަމްގެ ދާންމަތީގައި ބާއްވާފައި ފިނިފެން މޫނުގައި އުނގުޅަން ފެށުމާއެކު ލޯ ހުޅުވާލާފައި އަޑުން އަޑު ނަގާ ރޯންފެށިއެވެ.
"ސެފްރަން މަށަށް ބޭވަފާތެރިވެއްޖެ. އެވެސް އަގެއްނެތް އާދައިގެ ޖާރިޔާއަކާއެކު..އަހަރެންގެ ނެތީ ކޮންކަމެއް؟ އެ ޕަރީއަށްވުރެ އަހަރެން ހުުތުރީތަ؟ ނަކްބާ ބުނެބަލަ އަހަރެން ހަދަންވީ ކިހިނެއްތަ އެ މަންޒަރު ނުފެންނަކަމަށް ހެދިގެން އުޅެންވީތަ. ސެފްރަން ގަސްތުގައި މަގޭ ހިތް ހަލާކުކޮށްލަން ކުރިކަމެއްތަ އެއީ............................." މިރިއަމް ރޮމުން ގިސްލަމުން ނަކްބާގެ ކޮނޑުގައި ބޯ އެޅިެވެ.
"ނުރޮއި މިރިއަމް. ނުރޮއި...." ނަކްބާ މިރިއަމްގެ ބުރަކަށީގައި ފިރުމަމުން ދިޔައީ ކުޑަކުއްޖެއްގެ ގައިގާ ފިރުމާނެހާ އޯގާތެރިކޮށެވެ. މިރިއަމްގެ ހިތާމަތައް ނަކްބާގެ އެތެރެހަށީގައި ތޫފާނެއް އުފައްދާލައިފިއެވެ. ނުތަނަވަސްކަމާއެކު ރުޅިވެރިކަން އޭނަގެ މޫނުމަތި ކަޅުކޮށްލިއެވެ. މިރިއަމްގެ ލޯތްބަކީ ޖިންނި ދުނިޔޭގައި މަޝްހޫރު ވާހަކައެކެވެ. ހަގީގަތް އެނގު ހުރެ ޕަރީ ސެފްރަންގެ ދައުވަތު ގަބޫލުކުރަން ޖެހިލުމެއް ނުވިއެވެ. ވާނީ ވެސް އެހެންނެވެ. ހިތުން އެދެމީހުން ކުރިކަމެއް އެކުރީ ދުނިޔެއަށް ސިއްރުންނެވެ. ސެފްރަންގެ އެ އަނދިރި ފަރާތް އެދެ ޖިންނި ކުދިންވެސް ސިއްސުވާލައިފިއެވެ. ލޮލަށް އެ މަންޒަރު ފެނުމުން ސެފްރަންއަކީ ކާކުކަން އެނގިއްޖެއެެވެ.
"އިތުރު އެއްވެސް މީހެއްގެ ގާތު މިވާހަކަދައްކައިގެން ނުވާނެ ނަކްބާ.." މިރިއަމް އެންގިއެވެ. "ސެފްރަން އެންމެންގެ ކުރިމަތީ އަހަަރެންގެ އަގު ވައްޓާލާ ނިކަމެތިކޮށްލަން ކުރާކަމަކަށް ނޫނީ ނުވާނެ....."
"ލައްބަ ސާހިބާ.." ނަކްބާ އަދަބުވެރިކަމާއެކު ބޯ ތިރިކޮށްލިއެވެ.
***
ސެފްރަންއާއި ރަސްކަން ހަވާލުކުރާ ވާހަކަ ވަޒީރުންގެ ތެރޭ ދެކެވެމުން އެއްވެސް ފަރާތަކުން އެކަމަށް ރުހުމެއް ނުލިބުނެވެ. އެންމެ ހެޔޮއެދޭ އެކުވެރިޔާ އަދި ޅިޔަނުގައި ކަމުގައިވާ އަޒްކީލްގެ ފަރާތުންވެސް އެންމެ ފަހު ވަގުތު ފެނުނީ ދެކޮޅުވެރިކަމެވެ. ސެފްރަންގެ އުމުރުން ޅަވެފައި އެހާ ޒިންމާދާރު މަގާމެއް ފުރާވަރަށް އަދި ގާބިލެއް ނޫނެވެ. ހަޔެއްކަ އަހަރު ފަހުން ރަސްގެފާނުގެ ވައުދު ފުއްދާ ބަހުގެ އިތުބާރު ދަމަހައްޓަން ދުވަސްގަނޑަކަށް ސެފްރަން ރަސްކަމަށް އިސްކުރެވިދާނެއެވެ. އެ ޚަބަރު ގެނެސްދިނުމުން ސެފްރަންގެ މޫނުމަތިން ޝުއޫރުތަކެއް ނުފެނުނެވެ. އެކަމާ ދެރަވެ ހިތާމަ ކުރާކަމުގެ ނިޝާނެއް ލޮލަކުން ނުފެނުނެވެ. ސެފްރަން ބުނީ އޭނަ އިންތިޒާރުކުރަން ތައްޔާރަށް ހުރި ކަމުގައެވެ.
ސެފްރަން އާރްޔާ އޮތް ކޮޓަރިއަށް ވަނެވެ. އާރްޔާ ބޯ ރަޖާތަކުގެ ތެރޭ ފޮރުވިގެން އޮތްއިރު މޭމަތީގައި އޮތް ބާލީސްމަތީ ސެކްޗްފޮތެއް ބާއްވައިގެން ކޮންމެވެސް އެއްޗެއް ކުރެހުމުގައި އަވަދިނެތިއެވެ. އޭނައަށް ފަރުވާދެމުން ދިޔަ ޖިންނި ހަކީމުގެ ބެލުމުގެ ދަށުގައިއޮތް ދުވަސްކޮޅު އާރްޔާގެ މަސައްކަތަކަށްވީ ކުރެހުމެވެ.
"ސަލާމް....." ސެފްރަން ސަލާމްކޮށްލުމުން އާރްޔާ ޖަވާބު ދިނެވެ.
"ކޯންޗެއް ތި ފޮރުވީ...." އާރްޔާ އޭނގެ އަތުގައި ހުރި ކުރެހުންތައް ކޮތަޅަށް ލުމުން ސެފްރަން ހީލަމުން ސުވާލުކޮށްލިއެވެ.
"އަދި އެނގޭނެ. އެ ވަގުތު ޖެހުނީމަ..................." އާރްޔާ ބާލީހަަށް ލެނގިލައިގެން ހަމަޖެހިލިއެވެ.
"އެންމެ ރަގަޅު. މިހާރު ހާލު ކިހިނެއްތަ؟ "
"މައިލޯޑް. އައިމް ފިޓް އޭޒް އެ ބެންތިކް ޖިންނި....ހެހެ..." އާރްޔާ އެއް ލޯ މަރައިލީ ސަމާސާކުރާގޮތަކަށެވެ. ސެފްރަން އެއްޗެކޭ ބުނަން އުޅެނިކޮށް ހުދު ތުނބުޅިއެއްގެ ވެރި ހަކީމް ދޮރުފޮތިގަނޑު ކަހާލާފައި ނުކުމެގެން އައެވެ. ސެފްރަން އޭނައާއި އަރަބި ސަލާމުން ސަލާމްކޮށްލުމަށްފަހު އާރްޔާގެ ހާލު އޮޅުން ފިލުވިއެވެ. ހަކީމް ބުނީ އާރްޔާ ގެ ބޮލަށްވި ގެއްލުން މުޅިންހެން ރަގަޅުކުރެވިފައިވާ ކަމަށާއި ގަނޑުވަރަށް ގެންދިޔަސް އެންމެ ރަގަޅުކަމުގައެވެ. ހަކީމްގެ އަންހެނުން ސެފްރަންއާއި އާރްޔާއަށް ރޯޒް ޝަރުބަތާއި މޭވާ ގެނެސްދިނެވެ.
ހަކީމްއަށް ޝޫކުރު އަދާކުރުމަށްފަހު އާރްޔާ ގޮވައިގެން ނުކުތްއިރު އޭނަ ހުރީ އެކޮތަޅު މޭގައި ޖައްސާ ބާރުކޮށްލައިގެންނެވެ. ބަހާރު މޫސުމްގެ ރީތި ދުވަހެކެވެ. އާޝޯޚުވާހާ ފުރިހަމަ މަންޒަރުތަކެވެ. ފެހި ވިނަތަކާއި އެކިކުލައިގެ މާތަކެވެ. މާމެލާމެލިން ހުވަދުލާފައިވާ ފަޒާއެކެވެ. ކޮކާތަކާއި ބަޅިދުތަކެވެ. ސެފްރަން މިޔޫކީގެ ލަގަނުގައި ހިފައިގެން ހަނި މަގަކުން ކުރިއަށް ހިނގައިގަތެވެ. އާރްޔާ ފަޔަށް ތަދުވާކަމަށް ބުނެ ކޯރުގެ ކައިރީގައިވާ ހިލަގަނޑެއްގެ މަތީ އިށީދެ އަމިއްލަ ފައި މަސާޖުކުރަން ފެށީ ފައި އުނގަށް ލަމުންނެވެ. އޮއިދެމެމުންދާ ކޯރުގެ ފެންގަނޑު ސާފުވެފައި މޫނުބަލާ ލޯގަނޑެއްފަދައެވެ.
"ދެން ބުނެބަލަ. ކޯންޗެއް ތިހާވަރުން ފޮރުވައިގެން ގެންގުޅެނީ؟ " ސެފްރަން ގަހުގެ ގޮފިގަނޑެއްގައި އަތް އަޅުވާލައިގެން ހުއްޓުނެވެ.
އާރްޔާ ރަކިގޮތަކަށް ހީލާފައި އެކޮތަޅު ދިއްކޮށްލުމުން ސެފްރަން އޭގައި ހިފިއެވެ. ސެފްރަންގެ އެތައް ފޮޓޯއެއް އެކި ގޮތްގޮތަށް ކުރަހާފައި ހުރިއިރު އަސްލު ސޫރަފެންނަ ފަދައެވެ. ހިނިތުންވެލާފައިވާ ފޮޓޯތަކާއި ރުޅިއައިސްގެން ލޯ ހަނިކޮށްފައިވާ ސްކެޗްތަކެވެ. އެއްވަރައާއިއެކު ހުރި ތަސްވީރުތަކެވެ. ދެރަވެފައި އަދި އުފާވެފައި ހުރި ކުރެހުންތަކެވެ. ހުރިހާ ޝުއޫރުތަކެއް އެ ސޫރަތަކުން ދައްކުވައެވެ. ސެފްރަންވެސް ހައިރާންވިއެވެ.
"ވާއު. އަަހަރެމެންގެ ކުޑަ އާރްޔާއަކީ ކުޅަދާން ކުރެހުންތެރިއެއް ދޯ...ވަރަށް މޮޅު. ވަރަށް ހުނަރުވެރި އިނގޭ.............." ސެފްރަން ތައުރީފުކުރުމުން އާރްޔާ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ. ހިތާހިތުން ހަމްދުކުރިއެވެ. ފިޔަލައިގެން އުދުހުވެނުފަދަ އުފާވެރި އިހުސާސްތަކުން ހިތް ފުރުނެވެ. އެއްޗެކޭ ނުބުނެ ކުދި ހިލަކޮޅުތައް ކޯރަށް އެއްލުމުން ކުދި ބާނިތަކެއް ލާ ފެންގަނޑުން ފެންނަން ހުރި އޭނަގެ ސޫރަވެސް ތޮޅިލިއެވެ. ސެފްރަންވެސް އާރްޔާއާ ގާތުގައި އިށީނުމުން ދެމީހުންގެ ސޫރަ ފެންގަނޑު ތެރެއިން ފެނިލީ އެކެއްހެންނެވެ.
"ފްރެންޑްސް؟ " އާރްޔާ އެހިއެވެ. ސެފްރަން ބޯ ޖަހައިލިއެވެ.
"އެކަމަކު އެކުވެރިކަމުގެ ގުޅުންވެސް ބާއްވަން އަހަރެންގެ ހިތް ދެކޮޅު ހަދާ. ސަަބަބަކީ އަހަންނާއި އާރްޔާގެ ހުރި ބޮޑު ފަރަގު. ޖިންނީންނާއި އިންސީންނަށް އެކީގައި ނޫޅެވޭނެ. މިއީ ކުށެއް. މިއީ އިލާހީ ގާނޫނުތަކާއި އަރައިރުންވާކަމެއް. ދީނުގައި ހުއްދަކަމަކަށް ނުވޭ. ޖިންނިންނަށް އިންސާނުންނަަށް އުދަގޫކޮށް އެކީގައި އުޅުމެއްނެތް. އާރްޔާ އަހަރެން އެދެނީ އެންމެ ކަމެއް. އަހަރެންދެކެ ލޯބި ނުވައްޗޭ ހިތަށް އަނިޔާ ލިބުންނޫންކަމެއް ނުވާނެ. އަހަރެމެން ގެ މަންޒިލަކީ މުޅިން ދެތަން. އެކަން ހަދާން ކުރަންވާނެ..............." ސެފްރަންގެ ވާހަކަތައް ކަނުލާ އަހަން އޭނަ އިނެެވެ، އެ އިންޒާރުތަކުން ނުތަނަވަސްވިއެވެ. ކުއްލިއަކަށް އާރްޔާއަށް ފެނުނު ބިރުވެރި މަންޒަރުން ހޭވެރިކަން ނުދިޔައީ ކިރިޔާއެވެ.
(ނުނިމޭ...)