ސޯރާ ވާހަކަދައްކަ ދައްކާ ހުރެފައި ޚަބަރެއްނުވިއެވެ. ކުއްލިއަކަށް ހިޔަންޏެއް ކުރިމަތިން ހުރަސްކޮށްލިހެން ހީވިއެވެ. ކަންފަތްކައިރީ ނުލަފާ ހުނުމަކުން ހީލައިފިއެވެ. އާރްޔާގެ މުޅި މޫނާއި ހަށިގަނޑު ގަނޑުފެންތަކުގެ ތެރެއަށް ގެނބުނުފަދަ އިހުސާސެއް ކުރެވުނެވެ. ސޯރާއަށް ގޮވަން ހަޅޭއްލަވައިގަންނަން އަނގަ ހުޅުވާލުމުންވެސް އަޑު ބޭރެއްނުވިއެވެ. ނުފެންނަ އަތަކުން އޭނަގެ މޫނުގައި އަތްލާހާ ކައިރިކޮށްލިކަމުގެ އިހުސާސްވިއެވެ.

"ކާކުތަ؟ " އާރްޔާ ވަށައިގެން ކަޅި ހިންގައިލީ ހާސްވެފައިވާ ގޮތަކަށެވެ. ޖިންނީންގެ ތެރޭ އުޅޭތާ މަސްތަކެއް ވެފައިވާއިރު މިގޮތަށް ނުފެނި ހުރެ ގޯނާކުރާފަދަ ޖިންނިއަކާ އަދި ދިމާވެފައެއް ނެތެވެ. އާރްޔާ ތަންކޮޅެއް ފަހަތަށް ޖެހެމުންގޮސް ގަހެއްގައި ބުރަކަށި ޖައްސައިލެވުނެވެ. ލޯ މަރާލާފައި ހުޅުވައިލިއެވެ. އަތްވެސް ނުލެވޭފަދަ ގޮތަކަށް ފެންގަނޑެއްގެ ތެރެއިން ސޫރަވާފަދަ ގޮތަކަށް ފެންނަމުންގޮސް މުޅިން ސިފަ ޖެހުނުއިރު ކުރިމަތީ ހުރީ ބެންތިކް ޖިންނިއެކެވެ. ނަމަވެސް ތަފާތަކީ މި ޖިންނީގެ އުނަގަނޑުން ތިރި ދުމުގެ ތެރޭ ފޮރުވިފައިވާ ކަމެވެ.

"މަށަކީ ކާރލީން " ކަލކާލިން އަމިއްލަ ތައާރަފެއް ދިނެވެ. "ތީ ކޮން ގަބީލާއަކުން އައި ކުޑަ ކުޑަ ޕަރީއެއްތަ؟ "

ކާރލީން ގެ ވާހަކަ ހުރިގޮތުން އޭނައަށް އާރްޔާގެ ހަގީގަތް ނޭގުނުކަން ޔަގީންވެ އާރްޔާއަށް ހިތްވަރު ލިބުނެވެ.

"ޕެރިޒާ ގަބީލާއިން...." އާރްޔާ ބުނެލީ ޕަރީ ނިސްބަތްވާކަމަށް އޭނަ އަޑުއެހި ގަބީލާގެ ނަމެވެ. އެނަން ބުނެވުނީ ރަގަޅަށްކަމެއްވެސް އޭނައަކަށް ނޭގުނެވެ. ކާލީން ނުލަފާ ހިންޏެއް އައިސްފައި ހުރެ ފިޔަވަޅު އެޅީ ގާތަށެވެ.

"އަހަރެން ރުޅި އައިސްގެން ތި ލޮލަށް ބަލައިފިއްޔާ ކާރލީން ފްރީޒް ވެދާނެ. ބީ ކެއާފުލް. ލެޓް މީ ޕާސް ވެން އައިމް ސްޓިލް ކާމް....." އާރްޔާ ހަށަން ބަދެލިއެވެ. ކާރލީން ނުތަނަވަސްވީވަރުން އޭނަ ހޭންފެށިއެވެ. ޖިންނިން ގަނޑުވާކަމެއް އޭނަ ނުދަނެއެވެ.

"ވޯ....ތީ އަދި މަ ދުވަހަކު އަޑު ނާހާ ޒާތުގެ ބާރެއް ލިބިފައިވާ ކުއްޖެއްތާ. ތިކަން ދައްކާލަބަލަ ނިކަން....." ކާރލީންގެ ޖުމްލައިން އާރްޔާ ހާސްވެ ނިތްކުރީގައި ދާތިކިތައް މުތީތައް ފަދައިން ބަބުޅަންފެށިއެވެ.

"އަަހަރެން ރުޅިއަަރާ ކަހަލަ މޫޑެއްގައެއް ނޫނޭ މިހިރީ. އައިމް ޓޯޓަލީ ހެޕީ ރައިޓް ނައު..." އާރްޔަ އަވަސް އަަވަހަށް އެެހެން ބުނެފައި ބާރުބާރަށް ހީގަތެވެ. އާރްޔާ ހޭން ހުއްޓާ ކާރލީން އަތްފޯރުކޮށްލާފައި ކޯތާފަތުގައި އަތް ބީއްސާލައިފިއެވެ. އާރްޔާގެ އަޅި ދެލޯ ބޮޑުކޮށްލާފައި ތެޅިގަތީ ބިޗުލެއް ކަށި ޖެހިފަދައަކުންނެވެ.

"އަތްނުލާ.........."

"ފެނުމާއެކުވެސް މަށަށް ޝައްކުވިއޭ. ވީއިރު މިއީ އިންސިއެއް...." ކާރލީން ގެ އަޑު ބަރުވިއެވެ. "އިންސިއެއްގެ ސިފައިގާ....."

"އަލިފާނުންނާއި ދުމުން ވީމަ ކޮންމެހެން އިންސާނެއްހެން ޖިސްމަކަށް އަހަރެމެން ބޭނުމެއްނުވޭ. އަހަރެން ބޭނުމިއްޔާ އާރްޔާގެ ހަށިގަނޑުގެ ތެރެއަށްވަދެ ލޭ ތެރޭގައިވެސް އުޅެވިދާނެ. ތަޖުރިބާކޮށްލަން ބޭނުންތަ؟ "

"ކޮންމެެހެން ފޮނި ކަނޑަން ކާލީންއެއް ކަަމަކު އުޅޭނެކަމެއް ނެތް...އެހެންނޫނަސް މާތްﷲއަށް ބިރުވެތިވާ ޖިންނިއަކު އިންސާނުންނަށް ގޯނާއެއް ނުކުރާނެ. ކާފަރު ޖިންނިންގެ ފަރާތުން ސަލާމަތްވާން މާމަ ކުރުސި ކިޔަވަން ދަސްކޮށްދެއްވާފައި ވޭ........................................" އާރްޔާ ކުރުސި ކިޔަވަން ފެށުމުން ކާރލީން ތެޅިގެންފާ ކުއްލިއަކަށް ކަރުތެރޭން ފާޑަކަށް އަޑުތަކެއް ނެރެންފެށިއެވެ. ބަލަ ބަލާ ހުއްޓާ ދުވަހަކު ނުދެކޭފަދަ ބިރުވެރި ސޫރައެއްގައި ހުރި އެއްޗަކަށް ބަދަލުވެއްޖެއެވެ. މީހާ ބިޔަވެ މުޅި ހަށިގަނޑުގައި ރޯވެއްޖެއެވެ. ލޮލުގެ ތެރެ އޮރެންޖް ކުލައިގާވީއިރު ޝައިތާނީކަން ފާޅުވޭވޭ ހުއްޓެވެ. އަނގައިގެ ތެރޭން ފޭރާދަތް ނެރެ އާރްޔާއާއި ދިމާލަށް ވަކިތަކެއްހެން ހުރި އަތް ތިލަ ދިއްކޮށްލައިފިއެވެ. އާރްޔާގެ ހެޔަށް ގޮތެއްވިހެން ހީވިއެވެ. ބިންމަތީ ޖެހުމުގެ ކުރިން ބާރުގަދަ އަތެއްގެ ހިމާޔަތް ލިބުނެވެ.

ހޭލެވުނުއިރު އޭނައަށް އޮވެވުނީ ގަނޑުވަރުގައި އޭނަ އުޅޭ ބައިގައެވެ. ސޯރާއިނީ މަގަތުގައި ހޭހަންކުރާށެވެ.

"މިހުރީ ފިނި ޝަރުބަތު ތަށްޓެއް ބޯލާ.." ސޯރާ އާރްޔާގެ ބޯދަށަށް އަތްލައްވާފައި ތެދުކޮށްލިއެވެ.

"އޭ ސެފްރަން ވަރަށް އިޝްގީކޮށް އަތް ދަނޑި މައްޗަށް ލައިގެން ގެނެސް އެނދުގައި ބޭއްވީ............." ސޯރާ އިތުރަށް ބުނެދިނެވެ. ޕަރީ ތަންކޮޅެއް ދުރުގައި ހުރިިއިރު ތުންފަތްމަތީގައި ވީ ލަދުރަކި މައުސޫމް ހިނިތުންވުމެކެވެ. އާރްޔާ ރުޅި އަންނަގޮތްވިއެވެ. ކިތަންމެ ޅަވެގެން ހުއްޓަސް ނުބައި ނުލަފާ ޖިންނި ކުއްޖެކެވެ.

"ސޯރާ. ދޮރު ލައްޕަބަލަ. އަހަރެން ވަރަށް ބިރުއެބަގަނޭ ކޯރު ކައިރިއަށް ގޮސް އުޅެނިކޮށް ޖިންނިއަކު އަވަލީ..." އާރްޔާގެ މޭގަނޑު ތެޅެންފެށިއެވެ. ޖިންނިންތެރޭ އުޅެމުންގޮސް މިހާ ދުވަސްވީއިރު ބިރުވެރި ޖިންނިންތައް ފެނިފައިވިއެވެ. ތަފާތު ކުލަ ކުލައިގެ ތަފާތު ނަސްލުގެ އެއްޗިއްސެވެ. އެކަމަކު މިހާ ޝައިތާނީ ގޮތް ހުރި ނުލަފާ އިފުރީތަކާއި ދިމާވީ އަލަށެވެ. އަދިވެސް ލޯ މައްޗަށް ފެންނަނީ އެ ޖިންނި ބިރުވެރި ސިފައަކަށް ބަދަލުވީ ނުބައި މަންޒަރެވެ. ހިތް ރޫރޫއަޅާހާ ބިރުވެރިއެވެ. ލޯ މަރައިލިޔަސް އެ މަންޒަރު ސިކުނޑިން ފިލައިގެނެއް ނުދިޔައެވެ.


***

"މިރިއަމް ސީރިޔަސްކޮށް ބަލިވެއިނީތަ. އެކަަމަކު ކިހިނެއްތަ؟ " ސެފްރަން ހުއްޓުން އެރިގޮތަށް އިސްތަށިގަނޑުގައި އަތް ކާއްތާލަމުން އަނެއް ފަރާތަށް އެނބުރުނެވެ.

"އަމިއްލަ ނަފުސާއި ތި ސުވާލުކުރިއްޔާ ރަގަޅީ. ކޮންމެ ރެއަކު ޝަރުބަތު ބޮއިގެން ސެފްރަން ހަމަހޭ ޖެހޭ ގަޑިއެއް އާދޭތަ؟ އަހަރެމެންނަށް ފިރިހެން ދަރިއަކު ލިބިއްޖެއްޔާ ކިހާ ރަގަޅު. ރަސްކަމުގެ ވާރިސަކަށް އެ ދަރިފުޅުވެސް ވާނެ...." މިރިއަމް ޓެރެސްގައި ހުއްޓިލަމުން ކޯރަށް ނަޒަރު ހުއްޓައިލިއެވެ.

"އަހަރެން ހަމަ ހޭގައި ހުރެގެން އަންހެނަކާއި ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫން. ސަބަބަކީ މަޖުބޫރުން ކުރުވާކަމެއްގެ ނަތީޖާ ރަގަޅުގޮަތަކަށް ނިމިދާނެކަމަށް އަހަރެންވެސް ގަބޫލު ނުކުރާތީ. އުމުރު ދުވަހު އެކީ އުޅުނަސް އަހަންނަށް މި ގުޅުން ބަލައިގަނެވޭނެ ގޮތެއް ނެތް......މްމމް. އަނެއްކާ މަގޭ ޝަރުބަތަށް މަސްތުވާ އެއްޗެއް އަޅަނީ މިރިއަމްގެ އޯޑަރަށްތަ؟ އެކަމުގެ ނާޖާއިޒް ފައިދާ މިގޮތަށް ނަގާފާނެކަމަށް ހިޔެއް ނުކުރަން..." ސެފްރަން ލޯ ކުޑަކޮށްލަމުން ސުވާލުގެ ނަޒަރަކުން މިރިއަމްގެ މޫނަށް ބަލައިލިއެވެ. މިރިއަމް ކުށްވެރިއެއްފަދައިން އިސްޖެހިއެވެ. ސެފްރަންއަށް ޔަގީންވިއެވެ.

"ލޯބި ގަދަކަމުން ނުފޭރޭނެ މިރިއަމް.... އެކަމަކު އަަހަރެން މިރިއަމް ވަރިއެއްވެސް ނުކުރާނަން. ރަސްކަންވެސް ހޯދާނަން............................." ސެފްރަންގެ ނުގުޑާ އަޒުމެއްވިއެވެ.


***

ކާރމަން ގޭގެ ފަހަތުގައި އޮތް ގަސްފުނިތަކެއްގެ ކައިރީ މިރިއަމްގެ އިންތިޒާރުގައި ހުއްޓާ މިރިއަމް ފެނުމުން ހިނިތުންވެލެވުނެވެ. މިރިއަމް ދިން ޚަބަރަކުން ކާރމަންގެ ބޮލުގައި ރިހުމެއް އުފެދުނެވެ. މިރިއަމްގެ ބަނޑުގައިވަނީ އޭނަގެ ދަރިއެއްކަން ސެފްރަންއަށް އެނގިއްޖެއްޔާ ވާނެގޮތެއް ނޭގެއެވެ. މިއީ ކާރމަން ބޭނުންވި ގޮތެއް ނޫނެވެ. ލޯބީގައި އޮޔާލާ ގޯހެއް ހެދުމުގެ ނަތީޖާ ހީކުރި ވަރަށްވުރެ ހިތްޗެވެ.

"މިރިއަމް. މި ސިއްރު އިތުރު ފަރާތަށް އެނގިގެނެއް ނުވާނެ...."

"އެންމެ ރަގަޅު އެކަމަކު މިހުރިހާ ކަމަކީ ކާރމަންގެ މަކަރުވެރިކަން. އަހަރެން ހައްލާލާ އޮޅުވާލައިގެން ކުރިހާކަމެއް ކުރީ. ސެފްރަން ޕަރީއާއެކު ދިޔަކަމަށް ހީކުރުވީ. އެކަމާ ދުވަހަކު މާފެއް ނުކުރާނަން. ކާރމަންއަށް ސިފަ ބަދަލުކުރުމުގެ ކުޅަދާނަކަން ލިބިފައިވާކަން އެނގިހުރެ މަގޭ ލޯބިވާ ސެފްރަންއަށް ޝައްކު ކުރެވުނީ...." މިރިއަމްގެ ދެލޯ ކަރުނުން ތެމުނެވެ.

"ވީކަމެއް ނުވާކަމަކަށް ނެހެދޭނެ ދޯ. އަހަރެންވެސް ލޯބި ހޯދަން ކުރެވުނުހާ ކަމެއް ކުރާނަން. އެކަމަކު....."

"ތީ އިންޒާރެއްތަ؟ " މިރިއަމް ލޯ އަޅައިލިއެވެ.

"ބޭނުންގޮތަކަށް ދެކެންވީ. މިރިއަމްއަށް އަހަރެން ދަސްނުވީތީ ހިތާމަކުރަން. އަސްލު ސެފްރަންގެ ސިފަ ޖެހިގެން އެއްވެސް ކުއްޖަކާއެކު މަށެއް ނުދަން. ކޮންމެ ގޮތެއްވިޔަސް އަހަރެެެމެންގެ ދަރިފުޅަށް އަޅާލައްޗޭ..." ކާރމަން މިރިއަމްގެ ނިތްކުރިއަށް ބޮސްދިނެވެ. މިރިއަމް ގަނޑުވެފައި ހުރެ ބަނޑުގައި އަތް ޖައްސައިލިއެވެ. ކާރމަން އޭނަގެ ސިކުނޑިއާއި ކުޅެލަން ކިތަންމެހާވެސް މޮޅެވެ. އޭނަގެ ޖާދޫގައި ޖެހި ގޯސްމަގު ޚިޔާރުކުރެވުނީއެވެ. މިސިއްރު ފަޅާ އަރައިފިއްޔާ ޝާހީ ކޮއިލު ތެރޭ އޭނަވެސް ބަދުނާމުވާނެއެވެ. ފުރާނައިން ގުރުބާންވެގެންވެސް މި ސިއްރު ހިފަހައްޓަން މަޖުބޫރެވެ. ސެފްރަން އަނދިރީގެ ތެރޭ ބަހައްޓައިގެން ހުރެވޭނީ ކިހާ ދުވަހެއްވާންދެން ބާވައެވެ. ދަރިފުޅު އުފަންވުމުން ކާރމަންއާއި ވައްތަރުވެއްޖެއްޔާ އެންމެންގެ ތެރޭ ބޭޒާރުވާނެއެވެ. ނޫނެކެވެ. އެނގޭނީ ފޫޅުމައިންނަށެވެ. އެފަދަ ގޮތެއް ވެއްޖެއްޔާ ދަރިފުޅު އެހެން ގަބީލާއަކަށް ފޮނުވައިލާނީއެވެ. ދަރިފުޅު މަރުވީކަމަށް ބުނެ އޮޅުވައިލާނީއެވެ. މިރިއަމްގެ ޚިޔާލު މާ ދުރަށް ދަތުރުކޮށް އެކި ރޭވުންތަކުން ސިކުނޑި ފުރުނެވެ.

***

މިރިއަމްއަށް ހެދުނު ގޯސް ރޭކާލުމުން ކާރމަންއަށް އިތުރަށް ފެނިލަން އިންކާރުކުރިއެވެ. ކާރމަންވެސް މިރިއަމްގެ އަގު ވެއްޓި ބަދުނާމުވާކަށް ނޭދެއެވެ. މިރިއަމް ބަލިވެއިނީ އޭނަގެ ދަރިއަކަށް ކަން އެނގިއްޖެއްޔާ މިރިއަމްގެ ދިރިއުޅުން ވީރާނާވެދާނެއެވެ. ކުރެވުނު ފާފައިގެ ބުރަދަން އިހުސާސްވުމާއެކު ލޯބި އަތުން ބީވެގެން ދިޔައީކަން ޔަގީންވުމުންވެސް ކާރމަން ކެތްކުރިއެވެ.

މަންމަ ޒުއްނޫރީން ގާތަށް އޭނަ ދިޔައިރު ބޭބެ ކާރލީން މަންމައާއެކު ގަހެއްގެ ބުޑުމަތީ އިށީދެލައިގެން ތިބީ ސީރިއަސް ވާހަކައެއްގައެވެ. ކާރލީންއަކީ މަންމަ ކުރީ ކައިވެންޏަކަށް ލިބިފައިވާ ދަރިއެކެވެ. ބެންތިކް ޖިންނިންގެ ނަސްލާއި ގުޅިފައެއް ނުވެއެވެ. މަންމަ އޭނަގެ ނިތުކުރީގައި ބޮސްދީފައި އެތެރެއަށް ވަނުމުން ކާރލީން ނުރުހުމުގެ ނަޒަރަކުން ބަަލައިިލިއެވެ.

"ތިހާ ވަފާތެރި ޑޯގްއެއް ހެން ސެފްރަންގެ ފަހަތުން އުޅޭންވީ ސަބަބެއް މަށަކަށް ނުފެނޭ. ސެފްރަން ކާރމަންގެ ލޯބީގެ ހަޔާތް ނަގައިލިއިރުވެސް......" ކާރލީން ގެ ވަށައިގެންވާހާ ފަތްތައް ވައިގެ ތެރޭ އުދުހެންފެށިއެވެ.

"އެންމެ ގާތް އެކުވެރިޔާއަށް ވިޔަސް ގުރުބާނީވާކަށް ނުޖެހޭނެ. ފުރަތަމަ ރަސްކަމަކީ ކާރމަންގެ ހައްގެއްކަމެއް ނޭގޭތަ؟ ކާރމަންގެ ބައްޕައަކީ ވަލީއަހުދުގޮތުގައި ހުއްޓާ މަންމައާއި ކައިވެނި ކުރިކަަމަށްޓަކާ އެ ހައްގު ނިގުޅައިގަތީ. މިއީ އިންސާފެއްތަ؟ ކާރމަން ލަޝްކަރުގެ ބޮޑުމީހެއްގެ ގޮތުގައި ތިިހިރީ. ސެފްރަން ރަސްކަމަށް އަރާއިރަށް އޭނަގެ ރަސްކަން ވައްޓައިލަން ޖެހޭނެ. މިހާރުވެސް ކަލެއަށްވުރެ އާދުއާއި ކާއިން އޭނައަށް މުހިއްމުކަން މަށަށް އެނގޭ. ބަލި ގަބޫލުނުކުރައްޗޭ. އަހަރެމެން އިފުރީތުން ޖިންނިންނަށްވުރެ މާ ކުރީގައި އުޅޭ ބަޔެއްކަން ހަދާން ނައްތާނުލާ. ނޫނީ މަ ގޮސް ސެފްރަންގެ ދިރިހުރުމުގެ ބައްތި ނިވާލާނަން.........." ކާރލީން ހުވާކޮށްފައި ބުނެލަމުން އުދުއްސައިގަތް ގޮތަށް ލޯމަތިން ގެއްލުނެވެ.

ކާރމަންގެ މަންމަވެސް އެދެނީ ރަސްކަމަށް އޭނަގެ ދަރިފުޅު އިސްވުމަށެވެ.

އަނެއްފަރާތުގައި ޒޭބް ހުރެގެން އަޒްކީލްގެ ބޮލަށް އެރި ވިސްނާދެމުން ދިޔައީ ރަސްކަމުގެ ތަޚުތަށް ކުރިމަތިލުމަށެވެ. އަޒްކީލްގެ ވަފާތެރި ސިފައިން ލައްވާ ހަގުރާމަކޮށްގެންވެސް ރަސްކަން ފޭރިގަތުމަށެވެ. ރަސްކަމާއި އަރަނުފޯދޭ އެއްފަޅި ޖިންނިއަކަށް އެ ފުރުސަތު ނުދިނުމަށެވެ.


***

ކާރމަން މިސްކިތަށް ވަނީ ވުޟޫކޮށްލައިގެންނެވެ. ހަތަރުކަނުގައި ދިއްލާއަޅާފައިވާ ތެޔޮބައްތި ތައް ފިޔަވާ އެހެން އަލިކަމެއް ނުވާއިރު ފިނިގަދައެވެ. ދޮރުތައް ނާރުވާ ގޮތަށް ހުރި މިސްކިތެއްކަމުން ފިނި ވައިރޯޅިތައް ހުރަހެއްނެތި މިސްކިތުތެރެއަށް ވަންނަމުން ދިޔައެވެ. ކާރމަން ތައުބާ ނަމާދުކުރިއެވެ. އެއަށްފަހު ސަޖިދައަށް ތިރިވިއެވެ.

"ޔާﷲ މިއަޅާއަށް ފާފަ ފުއްސަވާދޭވެ. ދުވަހަކު އެފަދަ ފާފައަކަށް ނާރާ އަބަދުގެ އަބަދަށްޓަކާ އަޅުކަމުގައި ހުންނަން ވައުދުވެއްޖައިން. މިއަޅާގެ ސިކުނޑީގައިވާ ނުބައި ޚިޔާލުތަކުން ދުރުކުރައްވާ ސާލިހު ތަގުވާވެރިންގެ ތެރޭ ލައްވާފަދޭވެ. މިއަޅާގެ ތައުބާ ގަބޫލުކުރައްވާދޭވެ. ހަތް އުޑާއި ކާއިނާތާއި ހުރިހާ ދިރުމެއްގެ ވެރި މަތިވެރި މާތް އިލާހުގެ ކުރިމަތީގައި މަޚުލޫގުންނަކީ ނިކަމެތި ހިންޏަކަށްވުރެ ބާރުދެރަ ނިކަމެތި އެއްޗެއް. ރަހުމަތުގެ ބެއްލެވުމަކުން ބައްލަވާ ވޮޑިގަންނަވާ އިރާދަކުރައްވާ އަޅުތަކުންނަށް ފާފަ ފުއްސަވާ ދެއްވާފަދައިން މިއަޅާއަށް ކުރެވުނު ފާފަ ފުއްސަވާ ރަހުމަތް ލައްވާފާދޭވެ.................." ކާރމަން އަދޭހާއެކު ކާއިނާތުގެ ވެރި މާތްﷲއަށް ދުއާކުރަން ސަޖިދާގައި އޮވެވުނީ ކިހާއިރެއްވާންދެން ކަމެއްވެސް ނޭގެއެވެ.

ބޯ ހިއްލައިލިއިރު އެތެރެހަށްޓަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިއްޖެއެވެ.

ކާރމަން މިސްކިތުން ބޭރަށް ނުކުމެ ފާރަށް ލެނގިލައިގެން އުޑާއި ދިމާލަށް ބަލަން ހުރީ ކަރުނުން ފުރިފައިވާ ދެލޮލުން މޮޅިވެރި ގޮތަކަށެވެ.


***

ސެފްރަން ފަރުބަދަމައްޗަށް އަރާފައި ގަނޑުވަރުތެރެއަށް ވަނީ ޖެހިލުމެއްނެތިއެވެ. ރީތި އަޑަކުން "ޖިންނި" ސޫރަތް ކިޔަވާ އަޑު އިވުމުން ޝައުގުވެރިކަމާއެކު އަހަން ހުރެފައި ދޮރުފޮތިތައް ހިއްލާލާލަަފައި ބަލައިިލިއެވެ.

(ނުނިމޭ...)

ކޮމެންޓް 0