ޔަޒުދަންޔާރު ހޮހަޅަ ސަރަހައްދުގައި އޮތް ސްނޯތައް ކަހަމުން ދިޔައިރު ތުންފަތްމަތީގައި ހިނިތުންވުމެއް ވިއެވެ. އޭނަ އުޅޭ ސަރަހައްދުގައި ޖިންނިން ދިރިއުޅޭކަން އެނގުނަސް އަވަށްޓެރިންނަކީ އޭނައާއި އަދާވާތްތެރިންނެއް ނޫނެވެ. ސެފްރަންއާއި އާރްޔާ އަމިއްލަ ދަރިން ފަދައެވެ. ޒޭބްމެންގެ އާއިލާގެ ފަރާތުންވެސް ޔަޒްދަންޔާރުއަށް ނުރައްކަލެއް ކުރިމަތިވެދާނެހެން ހިޔެއް ނުވެއެވެ. ސްނޯ ކެހުމަކީވެސް ވަރުބަލިކުރުވާ ކަމެކެވެ. އެހާ ފިނިގަދައިރު މާ ބޮޑަށް މަސައްކަތްކުރުމުން ނުރައްކަލެއް ކުރިމަތިވެދާނެއެވެ. ޔަޒްދަންޔާރު ކުރައަށް ފެން އަޅާފައި ދެހިލަގަނޑު ކައިރިކޮށްލާފައި މެދުގައި ބެހެއްޓިއެވެ. އަލިފާން ރޯކޮށްލައިފިއެވެ. ސުއްޓާ ތުނބުގައި ޖަހާފައި ފުންކޮށް ދަމާލައިފިއެވެ.
ކުއްލިއަކަށް ކުރިމަތިން ފައުޅުވި ސޫރައަކުން އޭނަގެ އަތުން ސުއްޓާ ދޫވިއެވެ. ކުރިމަތީގައި ހުރީ ޖިންނި ކަމަނާއެކެވެ. ބޮލުގައި އަޅާފައިވާ ތާޖުގައި ހުރި ޔާގޫތުތަކާއި ޖަރީކުރި ރަތް ހެދުމުގައި ފެންނަ ލެއް ލޫޅާފަތިކަމުން އެއީ ދެވަނަ އެހެން އަންހެނަކަށް ނުވާނެކަން އެނގި ޝޮކަކަށް ގޮސް އެސްފިޔަ ޖަހައިލަންވެސް ނޭގުނެވެ.
"ތިއީ ކާކުތަ؟ " ގަންދީޝާވެސް ލޯ ބޮޑުވިއެވެ. ބާ ހެދުން ގަނޑެއްލައިގެން މިހިރަ ފަގީރު މުސާފިރުގެ ތަރުތީބެއްނެތި ހޭވިފައިވާ އިސްތަށިގަނޑާއި ދިގު ތުނބުޅީގެ ސަބަބުން މީހާގެ ސިފަ ގެއްލިފައެވެ. ނަމަވެސް އެ ތޫނު ދެލޮލެވެ.
"ގަންދީޝާ......" ޔަޒްދަންޔާރުގެ ލޯ ފެންކަޅިވުމާއެކު މަޑުމަޑުން ނަމުން ގޮވާލެވުނެވެ. ގަންދީޝާގެ އަތުތެރޭގައި އޮތީ އެއް އިރެއްގައި ގަންދީޝާ އޭނައަށް ހަދިޔާކުރި އަތުކުރީ އަޅާ ފަށެވެ. އަޒްކީލްއަށް ޒިޔާރަތް ކުރިއިރު އެ ފަށް ފެނިގެން އޭނައަށް ޝައްކުވީއެެވެ. ގަންދީޝާ އެހެން ނުބުނިކަމުގައި ވިޔަސް ޔަޒްދަންޔާރާއިމެދު ޝައްކުވެގެން އޭނަގެ ފަސްފަހަތުން އެއައީއެވެ.
"ވީއިރު މަށަށް މި ހީވީ ހަމަ ރަގަޅަށްތާ.." ގަންދީޝާ ލޯ ބޮޑުކޮށްލައިގެން ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ޔަޒްދަންޔާރުގެ ބޮލުން ފެށިގެން ފަޔާއި ހަމަޔަށް ނަޒަރު ދަތުރުކޮށްލިއެވެ.
"ޚާތިމް. މިހުރިހާ ދުވަހު ކޮންތާކު..............." ގަންދީޝާ އޭނަގެ ނަމުން ގޮވައިލުމުން ތަފާތު އިހުސާސެއް ކުރެވުނެވެ. އެނަން މަތިން އޭނަ ހަދާން ނައްތައިލިތާ ކޮން ދުވަހެއް ހެއްޔެވެ؟ ޚާތިމްގެ ބަދަލުގައި ޔަޒްދަންޔާރަކު އުފަންވެއްޖެއެވެ.
"އަހަރެންވެސް ހަމަ ތި ސުވާލުގެ ޖަވާބު ބޭނުން. ސަބަބަކީ އަހަންނެއް ނޫން ގަންދީޝާ ދޫކޮށްފައި ދިޔައީ. އަހަރެން އަބަދުވެސް އިންތިޒާރުގައި. އަދިވެސް މިހިރީ........" ޔަޒްދަންޔާރުގެ ދެލޮލުގައިވި ހައިރާންކަން ފިލާ އުފާވެރިކަމުގެ ވިދުމެއް ފައުޅުވިއެވެ.
ލޯބިން އެކީ އެތައް ދުވަހެއްވާންދެން އުޅުމަށްފަހު ލޯބިވެވުނީ އިންސާނެއްދެކެ ނޫންކަން އެނގުނުތަނާހެން ގަންދީޝާ އޭނަގެ ހަޔާތުން ވަކިވެދިޔައީ ހިތް ކުދިކުދިކޮށްލާފައެވެ.
"އަހަންނަށް މާފުކޮށްދެއްޗޭ...." ގަންދީޝާ އޭނަގެ ބޭވަފާތެރިކަމުގެ ވާހަކަ ޔަޒްދަންޔާރަށް އޮޅުން ފިލުވާދޭކަށް ބޭނުމެއް ނޫނެވެ. ޔަޒްދަންޔާރު ޒުވާންއިރު އަޅައިގަންނަ ގޮތެއް ހުރި ފިރިހެނަކަށްވިޔަސް އޭނަދެކެ ގުރުބާންވާހާ ލޯބިވިޔަސް ޖަލްޖާލޫތުފަދަ ރަސްކަލަކާއި އަޅުވާ ނުކިޔޭނެއެވެ.
އޭނަ ޚިޔާރުކުރީ ރަސްކަމެވެ. އޭނަ ޔަޒްދަންޔާރަށް އޭނަގެ ހަގީގަތް އޮޅުވައިލީއެވެ.
"އަހަރެންގެ އާއިލާއިން ހަގީގަތް އެނގުމުން އަހަރެން އެތައް ޒަމާނެއްވާންދެން ހައްޔަރުކޮށްގެން ގެންގުޅުނީ. އަހަރެން ބުނަން ވަރަށް ބޮޑު ސިއްރެއް އެބައޮތް. އަހަރެން ހުރީ ވަފާތެރިކަން މަތީ. ލޯބިވެރިޔާގެ ހަނދާނުގައި އުމުރު ހޭދަކުރަން އިންތިޒާރުގައި. އެކަމަކު އާއިލާއިން މަޖުބޫރުކޮށްގެން ޖިންނީންގެ ރަސްކަލަކާއި ކައިވެނިކުރީ. އެ ރަސްގެފާނަށް އަންހެން ދަރިއަކު ވިހެއިން. ދެން ހުރި ދަރިފުޅު އިންސީންގެ ދުނިޔެއަށް ގޮސްފައި މަރުވެއްޖެކަމަށް ކިޔަނީ. އެވާހަކަ އަދިވެސް ގަބޫލުނުކުރެވޭ. މަރުވި ދަރިފުޅަށް ކިޔަނީ އެންޖެލާ........." ގަންދީޝާ އިސްޖަހައިލިއިރު ލޮލުން ކަރުނަ ތިއްކެއް ފޭބިއެވެ.
އެ މަންޒަރު ފެނި ޔަޒްދަންޔާރުގެ ހިތަށް ފުން އަސަރެއް ކުރުވިއެވެ.
ދިގު އިންތިޒާރަކަށްފަހު އެންމެ ލޯބިވާ ގަންދީޝާ ފެނިއްޖެއެވެ. ނަމަވެސް އެހެން މީހެއްގެ މިލްކެކެވެ. އޭނަ ހުސްހަށިބަޔަށް ހުރީ ހަމައެކަނި ލޯބިވާ ފަރާތަށްޓަކައެވެ. ގަންދީޝާއަށްޓަކައެވެ. އާއިލާއާއި ދުނިޔެ ދޫކޮށް އާވާރާވެ މަޖުނޫނެއްފަދައިން ޖަންގައްޔާއި ފަރުބަދަތެރެއިން އޭނަ ހިމާޔަތް ހޯދިއެވެ. އެފަދަ ލޯތްބަކީ ތަދު އެއްޗެކެވެ. އޭނަ ވީ ހަގީގީ ލޯތްބެކެވެ. އެލޯބީގެ ބާރު މިއަދު އޭނަގެ ގާތަށް ގަންދީޝާ ގެނުވައިފިއެވެ. ދުނިޔެއާއި ދުނިޔޭގައިވާހާ އެއްޗެއް ދޫކޮށްލުމަށްފަހު ހަޔާތުގެ މަގުސަދަކަށްވީ އެލޯބި ހޯދުމެވެ. އެތައް އަހަރެއްވުމަށްފަހުވެސް އޭނަ އުއްމީދުކުރީ ލޯމަރައިލުމުގެ ކުރިން އެ ސޫރަ އެންމެ ފަހަރަކުވެސް ފެނިލުމެވެ. ހެއްދެވި ފަރާތުން އޭނަގެ ދުޢާ އިޖާބަކުރައްވައިފިއެވެ.
***
ސެފްރަން ދަރުތައް އަޅަންފެށުމުން ހުޅުގަނޑު ވަކިން ބޮޑުވެ މުޅި ހޮހަޅައިގެ ތެރެއަށް އަލިކޮށްލައިފިއެވެ. އާދުއާއި ކާއިން ގެނެސްދިން ކެއުމަށް އިންސާފުކުރުމަށްފަހު އަލިފާންގަނޑު ކައިރީ ހީފިލުވައިލަން އޭނައާއި އާރްޔާ ތިބިއިރު މޫނުމަތިން ފެންނަނީ އުފާވެރިކަމެވެ. ދެކެވުނު އެކި ވާހަކަތަކުގެ ތެރެއިން އާރްޔާ އޭނަގެ ގައުމަށް ސެފްރަންއާއެކު ދާން ބޭނުންވާކަން ހާމަކުރިއެވެ.
"ސެފް. ބާރުގަދަވުމަކީ ކޫލްކަމެއް. ސުޕަމޭންއަށްވުރެ ކޫލް ހަޒްބެންޑެއްނު މިލިބުނީ. ދުނިޔޭގައި ހުރި އެންމެ ނަސީބުވެރި ކުއްޖާ ކަމުގައި ގަބޫލުކުރަން. އެކަމަކު އާއިލާއާއެކު މި އުފާތައް ހިއްސާކުރަން ބޭނުން. ސެފް ބޭނުންތަ؟ " އާރްޔާ އިނީ ސެފްރަންގެ މޭގައި ބޯ އަޅާލައިގެންނެވެ. އޭނަގެ ވަށައިލެވިފައިވާ ދެއަތުގައި ހިފަހައްޓާލައިގެން އިންއިރު ނަޒަރު ހުއްޓިފައިވަނީ އަލިފާންގަނޑަށެވެ.
"ޔަގީންކަމެއްނު. އެދުވަސް ވަރަށް އަަވަހަށް އަންނާނެ އިންޝާﷲ.." ސެފްރަން ބުނެލިއެވެ.
"ޖިންނީންގެ ދުނިޔެ ތަޖުރިބާ ކުރެވުނުފަދައިން ސެފްވެސް އަހަރެމެންގެ ހިއުމަން ވޯލްޑް ބަލައިލާނީ. އާކްޓިކްގައި ސެފް ޕްރިޒަނާއެއްގެ ގޮތުގައި ކަމަށް މިހުރިހާ ދުވަހު ހުރިއިރު ދުނިޔެއިން ކުޑަތަންކޮޅެއް އަދި ފެނުނީ. ބަލައިލަން ކޮންމެހެން ޖެހޭ ބައިވަރު ތަންތަން އެބަހުރި. ސެފްވެސް ބީޗަށްގޮސް ސާފްކޮށް ޖެޓްސްކީ ދުއްވަން ޖެހޭ. ސްވިމިން ވިތް ޝާކްސް. އީޓިން ލޮލިޕޮޕްސް. ޕިއްޒާއާއި ޖަންކްފުޑްސް. ކޯކް. ޗީޒުން ހަދާފައި ހުންނަ ސްވިސްފުޑް. ޓީވީއާއި ފޯނުތަކާއި ޕްލޭންތަކާއި ޓެކްނޮލޮޖީގެ ގޮތުން އައިސްފައިވާހާ ކުރިއެރުމެއް ދެކެލަންޖެހޭ. ލެޓްސް ގޯ ވިޒިޓް މައި ކަންޓްރީ. އައިމް ޝުއާ ސެފް ލައިކްވާނެކަން. ސެފްއަށް ބާރު ސްޕީޑެއް ދެއްވާފައިވިޔަސް މަތިންދާބޯޓު ދަތުރުކުރުމަކީ އާދަޔާ ޚިލާފު ތަޖުރިބާއަކަށް ވާނީ. އަހުގެ ބަދަލުގައި ސައިކަލް ހުންނާނެ. އެހުރިހާކަމެއް ސެފްއާއިއެކު ތަޖުރިބާ ކުރަން ބޭނުން.........." އާރްޔާ ސެފްރަންގެ މޫނުގައި ދެއަތުން ހިފަހައްޓައިލިއެވެ. "ދާނަންތަ މައި ޕްރިންސް..."
ސެފްރަން ޔަގީންކަން ދިނެވެ.
***
ގަންދީޝާ ޔަޒްދަންޔާރަށް ކޮންމެވެސް ވަރަކަށް ހަގީގަތް ކިޔައިދިނެވެ. އޭނައަށް ލިބުނު ދަރިފުޅު އެންޖެލާގެ ބައްޕައަކީ ޔަޒްދަންޔާރުކަމުގައި ބުނެލިއެވެ. އޭނަ އިނީ ބަސް ހުއްޓިފައެވެ. އެތައް ޒަމާނެއްފަހުން ހަގީގަތުން ފަރުދާ ކެހިއްޖެއެވެ. އެންޖެލާއަކީ އޭނަގެ ދަރިއެކެވެ. އެދަރިފުޅުވަނީ ގެއްލިފައެވެ. އިންސާނުން ގެ ދުނިޔެއަށެވެ. އެތައް ބިލިއަން ބަޔަކު ދިރިއުޅޭ ބޮޑުތަނަކުން އެންޖެލާ ފެންނާނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް ނުފެންނަ އެ ދަރިފުޅަށްޓަކާ ހިތުގައި ލޯބި އުފެދިއްޖެއެވެ. އިންސާނަކަށް ވީތީ ވަކިން ބޮޑަށް ހިމާޔަތް ދޭން ބޭނުންވިއެވެ. ގަންދީޝާ އެ ސިއްރުތައް އޭނައަށް ހާމަކޮށްފައި އެދުނީ ދަރިފުޅު ދުނިޔޭގައި ހުރިތޯ ބަލާފައި ގެނެސް ދިނުމަށެވެ. ކުރިމަތިވީ އާދައިގެ "މިޝަން"އަކާ ނޫނެވެ. އުމުރުގައި ޖެހުނު އެންމެ ބޮޑު ގޮންޖެހުން ކުރިމަތިވީއެވެ.
***
ސެފްރަން ހޭލެވުނުއިރު އާދު އޭނަގެ އަތުން ސިރިންޖު ދަމައިގަންނަނީއެވެ. އަތަށް ތަދުނުވިކަމުގައި ވިޔަސް ސެފްރަންއަށް އާދު އެ ދަމައިގަތް މަންޒަރު ފެނުނެވެ. ސެފްރަން ހައިރާންކަމާއެކު ތެދުވެ އިށީދެލިއެވެ. މިފެންނަނީ ހުވަފެނެއް ހެއްޔެވެ؟ ރަގަޅަށް ދެލޯ ބޮޑުކޮށްލުމުންވެސް ހަތަރުކަޅި ހަމަވީ ކުށްވެރިކަން ދެލޮލުން ފެންނަން ހުރި އާދުއާއެވެ. އާދު އިސްޖެހިއެވެ.
"ވަޓް ދަ ހެލް އިޒް ދެޓް............" ސެފްރަން އަތުގައި ފިރުމައިލިއެވެ.
"ސޮރީ ސެފް...އަހަރެން......."
"މީ ކޯންޗެއް..." އާދުގެ އަތުގައި އޮތް ސިރިންޖް ދަމައިގެންފާ ސެފްރަން އެހިއެވެ.
"ތީ ފާޑެއްގެ ސީރަމްއެއް....."
"ކޮންކަހަލަ....."
"އަހަންނަކަށްވެސް ބުނެދޭކަށް ނޭގޭ. އަޑުއަހާ ސެފް. އިންސާނަކަށް ވިޔަސް ކޮންމެވެސް ވަރަކަށް ޖިންނި ބާރުތައް ހުރޭ. މިސާލަކަށް ވަރަ. އެކަމަކު ޖިންނިންގެ އެހުންނަ ފުރިހަމަ ބާރެއް ނުހުރޭ އެހެންވެ ބާރު ޖައްސަން ކުރީއްސުރެ އަހަރެން އައީ މި އިންޖެކްޝަން ދެމުން. މިހާރު ސެފްގެ ބާރުތައް ގާތްގަނޑަކަށް ފުރިހަމަވީ. އައިމް ސޮރީ. އަހަންނަށް މަޖުބޫރުވީ. ސަބަބަކީ އެންޖެލާ......" އާދުގެ އަޑު ކުރެހިގެން ދިޔައެވެ.
"އެންޖެލާ ކީކޭ. އާދު ޓޯކް ޓު މީ..." ސެފްރަންގެ ލޮލުގެ ކުލަ ގަދަވިއެވެ. އޭނަ އާދުގެ ކޮނޑުގައި ހިފާ އޭނައާއި ދިމާލަށް އަނބުރައިލިއެވެ.
"އެންޖެލާވަނީ އޭނަގެ އަތްދަށު ހައްޔަރުކޮށްފައި. އޭނަ ބުނާގޮތަށް ނަހަދައިފިއްޔާ އެންޖެލާ މަރުވެދާނެ. އޭނަގެ ޝަރުތަކަށްވީ މި އިންޖެކްޝަންތައް ސެފްއަށް ދިނުން....."
"މާނައަކީ އެންޖެލާ މަރުވިއޭ ކިޔާފައި އާދު ދޮގުހެދީއޭ. ހޫމް އެކަމަކު ކީއްވެ އަހަންނަށް ނޭންގީ؟ އައި ތޯޓް ޔޫ ވާ މައި ބެސްޓްފްރެންޑް އެކަމަކު ތިދިނީ ކެއްސެއް. އަހަރެން އިންސާނެއްގެ ގޮތުގައި ހުއްޓާ އިންޖެކްޝަންތައް ޖަހާ އަހަރެންނަށް ތިދިނީ ކޮންފަދަ ނުބައި ލަނޑެއް. އާދުއަށް އެނގޭތަ؟ އަހަރެން އިންސާނަކަށް ވާން ބޭނުންވާވަރު އެނގޭނަމަ......ޑޭމިޓް.." ސެފްރަން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލިއެވެ. ހުރިތަނަށް ތިރިވެވިއްޖެއެވެ.
ވީއިރު މަޑުމަޑުންގޮސް އޭނަ ބާރުގަދަވެ ޖިންނިންގެ ގިންތީންގެ ތެރޭ ހިމެނުނީ އޭނައަށް ނޭގުމުގެ ތެރޭގައި އާދު ޖެހި އިންޖެކްޝަންތަކެވެ. އެއަޑުއަހަން ހުރި ކާއިން ގަސްތަކުގެ ތެރެއިން ނުކުމެގެން އައެވެ. އަދި އާދުގެ މޫނަށް ބާރު އެތިފަހަރެއް ވީއްލައިލިއެވެ. ކަނިތައް ބުރަބުރައިގެން ދިޔައެވެ.
"އަހަރެން އެހީމަ އަދި ބުނެފިއެއްނު ފާޑެއްގެ ސޫތްޕެއް މަރައިލީއޭ. ދޮގުވެރި. ތިކަހަލަ އެކުވެރިއެއް އަހަރެމެންނަކަށް ބޭނުމެއްނުވޭ.. ޖަހަންނަމައަށް ދޭ..." ކާއިން ރުޅިގަދަވެފައި ހުއްޓަސް ހިތަށް ކޮށްފައިވާ ފުން އަސަރަކުން ދެލޯ ތެމުނެވެ. ކާއިން ސެފްރަންއަށް އެރޭގެ ތަފްސީލް ކިޔައިދިނެވެ. އާދުގެ ޑައިލޮގް ފިއްޔެއް ތަފާތުނުކޮށް ކިޔައިދިނެވެ. އާދުގެ ނަޒަރު ދަތުރުކުރީ ސެފްރަންގެ މޫނަށެވެ.
"އެނގޭތަ އޭނަ ބުނި އެއްޗެއް؟ ސެފް ޖިންނީންގެ އެންމެ ބާރުގަދަ ޖިންނިއަށޯ ވާނީ. ޖިންނީންގެ ޝެހެންޝާހަށް ވުމުންނޭ އެންޖެލާ ދޫކުރާނީ. އަހަރެން އެދުވަސް ދެކެން ބޭނުން. ރަސްގެފާނު ޚުސްރޫ ރަސްކަމުން ވައްޓާލި ދުވަހަކުން އަހަންނަށް އަހަރެންގެ އެންޖެލާ މިލްކުވާނީ...." އާދު މަޑުމަޑުން ބުނެލިއެވެ.
"އެކަން ހާސިލުކުރަން އަހަރެން ގުރުބާންވެދާނަން. ސެފް. އަހަރެން ސެފްއަށް ދެރައެއް ދޭކަށްނޫން. ސެފްއަށް ޖިންނިންގެ ތެރޭ ބަލިކަށިކޮށް އުޅުމަކީ ފަސޭހަކަމަކަށް ނުވާނެ. އިންޖެކްޝަންތަކުގެ އެހީގައި މިއަދު ސެފް ތި ހިސާބަށް އައީ............" އާދު އިތުރުކޮށްލިއެވެ.
"އަހަންނަށް އެއްވެސް ކޮޅަކުން އުފަލެއް ރައްކާތެރިކަމެއް ނެތް. އިންސާނުންގެ ތެރެއަކުވެސް ނޫޅެވޭނެ. ޖިންނިންގެ ގަބީލާތަކުން އަހަންނަށް ނަފްރަތުކުރޭ އަދި އަމިއްލަ ނަސްލުގެ ތެރޭ އަހަރެންނަށް ދިނީ ކޮން މަގާމެއް؟ އާއިލާއިންވެސް ބޭނުމެއްނުވިއޭ . ވީއިރު އަހަރެން ބަލައިގަންނާނީ ކާކު؟ އެކުވެރިޔާވެސް އޮޅުވައިލީ........" ސެފްރަން ގަހުގައި ބޯ ޖައްސައިލަމުން އަތުން މަޑުމަޑުން ޖެހިއެވެ.
ހިތަށްވެސް ކެތްކުރެވޭނީ ވަކިވަރަކަށެވެ.
އާދުގެ އަމަލު އިންސާފުކަމަށް ގަބޫލުކުރެވުނެވެ. އާދުގެ މަގާމުގައި އޭނަ ހުރިނަމަ އާރްޔާއަށްޓަކާ އެފަދަ ގުރުބާނީއެއް ވެދާނެއެވެ. ނަމަވެސް އެކުވެރިޔާއަށް އެހާ ބޮޑުކަމެއް އޮޅުވައިލުމުން ނޭގިވެސް އެދެވުނީ ބޮޑު ހިތާމައެކެވެ.
"ތިބުނާ ފަރާތަކީ ކާކު؟ އެންޖެލާ ހައްޔަރުކޮށްގެން އުޅެނީ ކާކުތަ؟ " ސެފްރަން ޖަޒުބާތުތައް ކޮންޓްރޯލް ކުރަމުން އާދުމެންނާއި ކުރިމަތިލީއިރު އޭނަގެ ލޮލުން އެއްވެސް ކަހަލަ ޝުއޫރެއް ނުފެނުނެވެ.
"އަދި އިހަށް ނާހާ...." އާދުގެ ލޮލުން އާދޭސް ފެނުނެވެ.
"ބުނެފިއްޔާ އިތުރު ކަމެއް ބަދަލުވާނެތަ؟ "
"އޭނަ އެންޖެލާ މަރާލަފާނެ..." އާދު ދެލޯ މަރައިލިއެވެ.
"އަހަރެމެން ތިން މީހުންގެ ދޭތެރޭ ވާ ސިއްރަކަށް ހަދަމާ..." ކާއިން ގެ ޝައުގު އިތުރުވިއެވެ.
"އާދު ބުނެބަލަ އެއީ ކާކު؟ އެންޖެލާ ހައްޔަރުކޮށްގެން ގެންގުޅޭ އިންސާނަކީ ކާކުތަ؟ " ސެފްރަން ތަކުރާރުކޮށް އެ ސުވާލުކުރިއެވެ. ސެފްރަންއަށް ޖަވާބު ނުދީ އިތުރަށް އަނިޔާދިނުމުގެ މާނައެއް އޭނައަކަށް ނުފެނުނެވެ.
"ސައިންޓިސްޓެއް. އޭނަގެ ނަމަކީ މިހައިލް. މިހައިލް ރިސާޗް ހަދަން ވަކި ރަށެއް ގަނެފައި އޮވޭ. އެތާގައި އޭނަ ޖިންނީންނަށްވެސް ތަފާތު އެކްސްޕެރިމެންޓްތައް ކޮށް އުޅޭ. އެމެރިކާގެ އޭރިއާ ފަންސާސް އެކެއްގައި އޭލިއަންސްތައް ގެންގުޅޭކަމަށް ބުނެއެއްނު ހަމަ އެގޮތަށް މިހައިލްވެސް ޖިންނިން ހިފަހައްޓައިގެން ފާޑުފާޑުގެ ތަޖުރިބާތައް ކޮށްއުޅޭ. އެންޖެލާއަކީ އިންސިއެއްގެ ދަރިއެއްކަން މިހައިލްއަށް އެނގުނުގޮތެއް ނޭގޭ. އޭނަ އެންޖެލާ ކޮޓަރިއަކަށް ލާ ބަންދުކޮށްގެން ގެންގުޅޭކަން އެނގުމުން އަހަރެން މަރުވާންވެސް އުޅުނިން. ނަމަވެސް ޝޭޚުގެ ނަސޭހަތް ހަނދާންވެ އެންމެ ފަހު ވަގުތު ޚިޔާލުބަދަލުވީ. މާތްﷲގެ ރަހުމަތާއިމެދު މާޔޫސްނުވުމަށާއި އުއްމީދު ކަނޑާނުލަން ދިން ދަރުސްތަކުން ފައިދާކުރި. ދުނިޔެއަށް މާތްﷲ ފޮނުއްވީ އިމްތިހާނަކަށް.. ދެރަވެ މާޔޫސްވާ އިރަށް ފުރާނަ ދުއްވައިލިޔަސް އަދި ބޭނުންވާ އެއްޗެއް ލިބޭނީއެއް ނޫން..." އާދު ކިޔައިދިނެވެ.
"ޔަ ހީ ގިވްސް ދަ ހާޑެސްޓް ބެޓްލްސް ޓު ހިޒް ސްޓްރޯންގެސްޓް ސޯލްޖާސް. އާދު..." ސެފްރަން އާދުގެ ކޮނޑުގައި އަތް ބޭއްވިއެވެ.
"މާފުކުރޭ ސެފް..." އާދު ދެލޯ މަރައިލިއެވެ.
ސެފްރަން ބަލަން ހުރިގޮތުން ކާއިން ހީކުރީ ކަނޑި އުރައިން ދަމައިގެން ބޯ ކަނޑައިގަންނާނެ ކަމަށެވެ. ޖިންނިންގެ އާދައަކީ އެއީއެވެ. ކުދި ކުދި ކަންތަކާ އަންނަ ރުޅީގައި ފުރާނަ ދަަމައިގެންފާނެއެވެ. އިރުކޮޅެއްވާންދެން އެ ތޫނު އަލިފާނުގެ ނަޒަރުން ބަލަން ހުރެފައި ސެފްރަން ހޭންފެށިއެވެ. އަދި އާދުގެ ނިތްކުރީގައި ބޮސްދިނެވެ. ދެން އޮޅުލައިގަތެވެ. ފެށުނީއްސުރެން ބޭބެމެން ނެތްކަމުގެ އުނިކަން ފޫބައްދައިދިން އޭނަގެ އެކުވެރިންނަށްޓަކާ އޭނަގެ އުފާތައް ގުރުބާންކޮށްފާނެއެވެ. އަމިއްލަ ނަފުސަށްވުރެ އެވަގުތުވެސް ވިސްނީ އާދުއާއި ދޭތެރޭގައެވެ. އޭނަ އެންޖެލާއާއި ކައިވެނި ކުރީވެސް އާދުއަށްޓަކައެވެ. އާދުގެ ސަބަބުން ލިބުނު ގެއްލުންތަކަށްވެސް ހިކުމަތެއްވާނެއެވެ. ދުނިޔެއަކީ އިމްތިހާނުގެ ގޮވަތްޗެވެ. އިމްތިހާނުތަކާއި އުދަގޫތައް އަންނައިރު މާތްﷲ ދެއްވި ގިނަގުނަ ނިއުމަތް މަތިންވެސް ހަދާން ކުރަން ޖެހެއެވެ. ލޮލަށް ފެނުމާއި އިވުމާއި ހިއްސުތައް ސަލާމަތުން ހުރުމާއެކު ހިނގާ ބިގާވެ އުޅެވޭކަމީވެސް ކުޑަކަމެއްހެއްޔެވެ؟ އެހުރިހާކަމަކާއި އެކުވެސް އެންމެ ބޮޑު ނިއުމަތަކީ މުސްލިމަކަށްވީކަމެވެ. ދެވަނަ އުފަލަކީ އޭނައަށް އާރްޔާ މިލްކުވީކަމެވެ. ކުރިމަތިވާ ކޮންމެ ގޮންޖެހުމަކާއި އޭނަ ކުރިމަތިލާނީ ހުރިހާކަމެއް ހަނދާނުގައި ބަހައްޓައިގެންނެވެ.
***
ކާރމަންއާއި ކާރލީންގެ ލަޝްކަރު އެއްބަޔަކު އަނެއް ބަޔަކާ ކުރިމަތިލައިގެން ތިއްބަސް ދެފަރާތުންވެސް ހަގުރާމަނުކޮށް ވޭތޯ މަސައްކަތްކުރިއެވެ. އެލިއަސް ކާރމަންއަށް ވިސްނައިދިނީ ލޭ އޮހޮރުވުމަކަށް ނުގޮސް ސެފްރަން ރަސްކަމުން އަޒަލު ކުރުމެވެ. އަދި ހައްގު ވާރިސަށް ރަސްކަން ދިނުމެވެ. މާކިއަން ކަމުގައިވިޔަސް އޭނައަށް ހެވެވެ. ނަމަވެސް ކާރމަން އެގޮތް ގަބޫލުކުރާކަށް ބޭނުމެއް ނުވިއެވެ. އޭނަ ބުނީ ސެފްރަންގެ ރަސްކަން ދިފާއުކުރަން ލޭ އޮހޮރުވަންވެސް ތައްޔާރަށް ހުރިކަމުގައެވެ. ރައްދުގައި ކާރލީން އޭނަގެ އައުވާނުންނަށް އަންގައިގެން އެތަން މިތަނުން ގެނައި ބޮޑު ލަޝްކަރު މައިދާން ފުރައިލިއެވެ. ލަޝްކަރުގެ ބޮޑުކަމާއި ވަރުގަދަކަން ފެނި ބޮޑާކަން ހިތަށް ވެރިވިއެވެ. ކާރލީންގެ ބޭނުމަކީ އޭނަގެ ކޮއްކޮއަށް ސެފްރަން ދޫކޮށްލަން މަޖުބޫރު ކުރުމެވެ. ލަޝްކަރުފެނި ކާރމަންގެ ހިތަށް ބިރުވެރިކަން ވަދެ ހަތިޔާރު ބަހައްޓާނެކަމަށް އޭނަ ޔަގީންކުރިއެވެ.
"ކާރ. އެއޮތީ އަހަރެމެންގެ ލަޝްކަރު. ދެންވެސް ހަތިޔާރު ބަހައްޓާ..." އެލިއަސް ހިނިތުންވެލަމުން ބުނެލިއެވެ.
"އެލިއަސް ތިހާ ދަށު ދަރަޖައަކަށް ވެއްޓި ކާފަރުންނާއި އަތު ގުޅުވާލާނެކަމަކަށް ހިޔެއް ނުކުރަން. ތި ލަޝްކަރުގެ ވެރިއަކީ އަދި ގަބީލާގެ ވެރިއަކީ އަހަރެންގެ ބޭބެ. އެކަމަކު އަހަންނަށް ދީނަށްވުރެ އަމިއްލަ އާއިލާވެސް އިސް ނުކުރެވޭނެ. އަމިއްލަ ނަފުސާއިމެދު ވިސްނަބަލަ. ތިއުޅެނީ ކޮން ވައްތަރަކަށް؟ ވެރިކަމަކީ މާތް ﷲ ދެއްވާ އެއްޗެއް. ވެރިކަން ދެއްވުމަށްފަހު ހިނދުކޮޅެއްގެ ތެރޭ ވެރިކަން ނިމިގެންވެސް ހިނގައިދާނެ. ފަނާވެދަނިވި ދުނިޔެއާއިހެދި ހަމަ ތިވަރުން އުޅެން ޖެހޭ؟ "ކާރމަން ކަނޑީގެ މޮއްގަނޑުގައި ހިފެހެއްޓިއެވެ. "އަހަރެމެންގެ ޖަމާއަތް ކިތަންމެ މަދުވިޔަސް ނަސްރު ދެއްވަން އެފަރާތުން ކުޅަދުންވަންތަ. ބަދުރު އަދި ޔަރުމޫކު ހަގުރާމައަކީ މިސާލެއް. މާތްﷲގެ މަގުގައި ހަގުރާމަ ކުރާ މުޖާހިދުންނަށް ކޮންމެހެން ބޮޑު ލަޝްކަރެއް ބޭނުމެއްނުވޭ....."
"އަހަރެން މިއައީ ކާރމަންގެ ތަގުރީރު އަޑުއަހާކަށް ނޫން. ދެން އަހަރެމެން ޖަވާބުދޭނީ ކަނޑިން...." އެލިއަސް އިންޒާރުކުރިއެވެ.
ކާރމަންގެ ސީރިއަސް ނަޒަރު ޖަވާބަކަށް ފުދުނެވެ. އޭނަ ގޮތުގައި ހިފަހައްޓާނެކަމާއި ފަސްނުޖެހޭނެކަން އެދެލޯވެސް ސާބިތުކޮށްދެއެވެ.
ސެފްރަން އޭނަގެ ވަޒީރުންނާއި ލަޝްކަރުގެ ވެރިންނާއި މަޝްވަރާކުރުމަށްފަހު ނިންމީ ރުކުވާލާފައިވާ ބޮޑު ލަޝްކަރާއި ހަގުރާމަކުރުމަށެވެ. ވަޒީރުންގެ ތެރޭ އެލިއަސްގެ ބަހަށް ހެއްލިފައިވާ ޖިންނިން ބޭރުފުށުން ސެފްރަންއާއި އެއްކޮޅަށް ވާހަކަދެއްކި ނަމަވެސް އެދުމަކީ މި ހަގުރާމައިގާ ސެފްރަން ނިމިގެން ދިޔުމެވެ.
ސެފްރަން ހަނގުރާމައިގެ ދަހަނާ އަޅާ ތައްޔާރުވަމުން ދިޔައިރު އާރްޔާ އެހީވާން ހުއްޓެވެ. އާރްޔާގެ ދެލޮލުން ކަރުނައިގެ އަސަރުތައް ފާޅުވެއެވެ. ހިތްވަރުކޮށްގެން ހުއްޓަސް ހިތަށް ބިރުވެރިކަން ވަދެފައިވިއެވެ.
"އައިމް ސްކެއާޑް ލަވް...." އާރްޔާ ސެފްރަންގެ އަތުގައި ބޮސްދިނެވެ.
"ބިރުނުގަނޭ. އެއްވެސް ކޫރުމެއްނެތި އެނބުރި އަންނާނަން އިންޝާﷲ. ދުޢާކުރޭ.." ސެފްރަން އާރްޔާގެ ލޮލުގައިވާ ކަރުނަ ފޮހެލަދިނެވެ.
"އެންމެން ސެފްދެކެ އެހާ ރުޅިއަންނަނީ ކީއްވެ؟ އެންމެން އެހާވަރުން ހަގުރާމައަކަށް ދަނީ ކީއްވެ؟ އައި ތޯޓް އިންސާނުން ސްޓުޕިޑްކަމުން އަބަދު ކޮންމެވެސް ހަގުރާމައެއް ކުރަނީއޭ. އެމެރިކާއިން މުސްލިމުންނާއި ދެކޮޅަށް ހަގުރާމަ ކުރުމަކީ އާއްމުކަމެއް. ކޮންމެވެސް ބަހަނާއެއް ދައްކާފައި ތެލުގެ މުއްސަދިކަން ނޫނީ އެހެން އަމިއްލަ ފައިދާއެއް ހޯދަން ހަގުރާމައިގެ ހާލަތުގައި. އެކަމަކު ޖިންނިން މިހެންވާނެއޭ ހިތަށް ނާރާ. އާދަމު އަލައިހިއްސަލާމްގެ ދަރިކަލުން ހަގުރާމަފެށިގޮތަށް މިއަދާއި ހަމަޔަށް ކޮންމެވެސް ހަގުރާމައަކުން ދުނިޔެ ސަލާމަތެއްނުވޭ. މޭބީ ޓިލް ދަ އެންޑް އޮފް ދަ ވާލްޑް..ހިތަށް އަރާ ސުލްހަވެރިކަމާއެކު ދުނިޔޭގައި އެންމެނަށް އުޅެވޭނެނަމައޭ." އާރްޔާ ދެއްކީ ދުނިޔޭގައި ކަންތައް ހިގާ އުސޫލެވެ.
"ދެޓްސް އިމްޕޮސިބްލް ލޯބިވާ އާރްޔާ. ސަބަބަކީ އަދުލު އިންސާފުގާއިމުކޮށް އަނިޔާވެރިންނަށް ނިމުން ގެނެވޭނީ ބައެއްފަހަރު ކަނޑިވެސް އުފުލާލައިގެން ކަމަށްވާތީ. އަލިފާނަށް އަޅުކަން ކުރުން ފަަދަ ބާތިލުކަންތައް މި ރަށުން ފޮހެލަންވެސް ޖެހޭ...." ސެފްރަން ކުޑަކޮށް ހީލިއެވެ.
"ސެފް ވަޓް އިފް ސަމްތިން ހެޕެންސް ޓު ޔޫ؟ކެން އައި ކަމް............ "އާރްޔާ ތުން ފިތައިލިއެވެ.
"ނޫން އާރްޔާ. ނޫން."
"ކީއްވެ ސެފްގަނޑާ. ހިތަށް ހާޓްވާވަރު އެނގޭނެނަމަ. ކެން ޔޫ ފީލް އިޓް....." ސެފްރަން އޭނަގެ މޭގައި ސަފްރަންގެ އަތް ޖައްސުވާލިއެވެ.
"އަހަރެންވެސް ދެރަނުވަނީއެއް ނޫން. ވަކިވުމަކީ އެންމެ ބޮޑު އަނިޔާ. އެކަމަކު މިއީ އެންމެ ފަހު ފަހަރު ކަމުގައި ވުމަށް އެދި ދުޢާކުރަން. ދުޝްމިނުން އަމިއްލަ ހަލާކަށް ފުންމައިލަން އެއައީ. މި ހަގުރާމައަށްފަހު އިސްލާމީ ވަރުގަދަ ޖިންނި ދައުލަތެއް ގާއިމުކުރުމަށްފަހު އަހަރެމެން ދެމީހުން އިންސާނުންގެ ދުނިޔެއަށް ހިޖުރަ ކުރާނީ...އައި ޕްރޮމިސް. ދުވަހަކު އާރްޔާ ދޫކޮށްފައެއް ނުދާނަން......"
"އިންޝާﷲ.." އާރްޔާ ބުނެލިއެވެ.
އެހުރިހާ ކަމަކާއި އެކުވެސް އޭނައަށް ބިރުވެރި ހުވަފެންތައް ފެނި ސެފްރަން ގެއްލެން އުޅެނީއޭ ހީވާން ޖެހޭ ސަބަބެއް ނޭގެއެވެ. ހިތް ނުތަނަވަސްވެ ބިރުގަންނަނީ އެ ހުވަފެންތަކުގެ ސަބަބުންނެވެ. މިދެތިންރޭ ހޭލެވުނީ ސެފްރަންގެ ވަކިވުމުގެ ހުވަފެނެއް ފެނިއެވެ. ނޫނީ ޒަލްޒަލާތަކާއި ހަގުރާމަތައް އަދި އިފުރީތުންނާއި މާރިދުންގެ ހުވަފެންތަކެވެ. ތޫފާންތަކެެެވެ.
ސެފްރަން ދާން ހިނގައިގަތުމުން އާރްޔާ ގޮވައިލިއެވެ.
"ސެފް. އިސްތިޚާރާ ނަމާދުކޮށްފައި ދޭ...ޕްލީޒް..." އާރްޔާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ.
"ކުރިން......"
"ދެން ކީއްވެ ދިސް ބޭޑް ފީލިން. ކީއްވެ ބިރުވެރި ހުވަފެންތައް ފެންނަނީ؟ ޕްލީޒް ޑޯން ލީވް................." އާރްޔާ ނޭފަތް ދަމައިލިއެވެ.
(ނުނިމޭ...)