މިރިއަމްއާއި މަންމަ ސުވާލުކުރަން ފެށުމުން ރޮއިފާ ހިތުގެ ހާލަތު ބަޔާންކޮށްދިނެވެ. ސެފްރަންދެކެ ލޯބިވެވިއްޖެ ކަމުގައި ބުނެ ކަރުނަ އެޅިއެވެ. ގަންދީޝާގެ ހިތް ހަލާކުވާވަރުވިއެވެ. ހުރި އެންމެ އަންހެންދަރިފުޅަށްޓަކާ އެމީހުންނަށް ވެވެން އޮތްހާ އެހީއެއް ވާނެއެވެ. ގަންދީޝާ އަޒްކީލް ބަލާ ފޮނުވިއެވެ.

"އަޒްކީލް. މަންމައަށް ސެފްރަން އެއްބަސް ކުރުވާނެގޮތް އެނގިއްޖެ...................."

"ކިހިނެއްތަ މަންމާ....."

ފުރަތަމަ ސެފްރަންގެ ހުރި ހިތްވަރެއް ބަލައިލަން އޭނަ ހައްދު ޖަހާ. ގޮތްދޫނުކޮށްފިއްޔާ މަންމަ ދެން ހަދަންވީގޮތް ބުނާނަން އޭރުން ސެފްރަންއަށް މަޖުބޫރުވާނެ. އަމިއްލަ ނަފުސަށް އަޅާނުލިއެއް ކަމަކު އެހެން މީހުންގެ އިހުސާސްތައް އެކުއްޖާ ދަނޭ. އެ ހިތަށް ތަދުކުރަންވެސް އެނގޭ....................." ގަންދީޝާ ގެ ތުންފަތް މައްޗަށް މާނަވީ ހިނިތުންވުމެއް ވެރިވިއެވެ.

މިރިއަމް ނުކައި ނުބޮއި ހިތާމަކުރާ މަންޒަރުން ގަނޑުވަރުގައި އުޅޭ އެންމެންނަށް އަސަރުކުރިއެވެ. އެކުވެރިންނާއި އާއިލާއިން އޭނަ ހެއްވާލަން ކުރާ މަސައްކަތް ވީ ފޫނެތްފަޔަކަށް ފެން ފުރުންފަދަ ކަމަކަށެވެ.


***

ހަފްތާއެއް ވީއިރު ސެފްރަންގެ ބުރަކަށީގައި ހުރި ޒަޚަމް ފަސޭހަވެ އެއްކޮށް ވޭނުން މިންޖުވިއެވެ. ނަމަވެސް އަބަދު ހަށިގަނޑުގެ އެއްބައި ކަމުގައި ހިމެނުނު ރަންކުލައިގެ ފިޔަގަނޑު ނެތުމުގެ ފަޅުކަމާއި ހިތްދަތިކަން ސެފްރަންގެ ހިތަށް އުދަގޫކުރުވިއެވެ. ހަށިގަނޑުން ގުނަވަނެއް މަދުވާކަމުގެ އުދަގޫތަކުން ނަފުސް ގެނބެމުން ދިޔައެވެ. އޭނަގެ ދެ އެކުވެރިންނާއި އާރްޔާ އެތަނުގައި ވުމުން ކޮންމެވެސް ވަރަކަށް ފޫހިފިލައެވެ. ޚާއްސަކޮށް އާރްޔާގެ ޅަކަމާއި ދައްކާ މޮޔަވާހަކަ ތަކާއި އެއޮތް ނަގާ ވީޑިއޯތަކުން ސެފްރަން މަޖާވެފައި ހުންނައިރު އާދުއާއި ކާއިން ތިބެނީ އާރްޔާ ނުފެންނަކަމަށް ހެދިގެންނެވެ. އެކުއްޖާ މޮޔަ އަނގަ ތަޅާވަރުން އުދަގޫވެސް ވެއެވެ. އިންސިކުއްޖަކު މިގޮތަށް ޖިންނީންގެ ތެރޭ ގެންގުޅުމާއިމެދު ނުރުހެނީ މާ ބޮޑަށެވެ. އެންޖެލާގެ މަރުގެ ބަދަލު އާރްޔާގެ ފަރާތުން ހިފަން ޖެހޭނެކަމަށް ގަބޫލުވެސް ނުކުރަނީއެވެ.

ސެފްރަން ބަލާއައީ މާރިދުންގެ ތެރޭ ހިމެނޭ އެންމެ ވަރުގަދަ ދެޔޯއިންނެވެ. ސެފްރަންގެ ގައިގާ ހައްދުޖަހަންވެގެން ގެންގޮސް ތަބަކަށް ބަދެލިއިރު ކުށްވެރިންގެ އެންމެންހެން މަންޒަރުދެކެން އެއްވެއްޖެއެވެ. އާރްޔާވެސް ނުކުތީ ސެފްރަންއަށް ދޭނެ އަދަބެއް ބަލަންވެގެންނެވެ. ދެޔޯގެ އަތުގައި އޮތީ ވަރުގަދަ އަލިފާން ހަންމުށްޓެކެވެ. އަތުކޮޅަށް އުފުލައިލުމުން އެއްވެފައިވާ ޖިންނީންތަކުގެ ތެރޭ އަޑުގަދަވިއެވެ. އެންމެ އެތިފަހަރަކުން ސެފްރަންގެ ބުރަކަށިން ކަނި ބުރައިލިއެވެ.

"ހުއްޓާލާ. ޔޫ އާ ހާޓިން ހިމް..." އާރްޔާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ. ދިއްލިފައިވާ އެތައް ލޯތަކެއްގެ އަމާޒަކަށް ވިތަން ފެނި އާރްޔާއަށް ހިންދިރުވައިލެވުނެވެ. ބައެއް ކުށްވެރިންގެ މޫނުތައް ފެނި ބިރުން ހަލާކުވާވަރުވިޔަސް އެހެން ހުރިހާކަމަކަށްވުރެ އޭނައަށް ބޮޑުވީ ސެފްރަންއަށް ކުށެއްނެތި ލިބެމުން ދިޔަ އަނިޔާތަކެވެ. ބޭއިންސާފުކަމުން ފުރިފައިވާ ތަނެކެވެ. އޭނަ ކުރިއަށް ޖެހި ދެޔޯ އަތުން ހަންމުށި އަތުލަން މަސައްކަތްކުރިއެވެ. ދެޔޯގެ ކަކުލާއި ހަމަޔަށްވެސް އޭނަ އަރަނީއެއް ނޫނެވެ. ފުންމަ ފުންމާފައި އުޅެގެންވެސް ނާކާމިޔާބުވިއެވެ.

"މިއީ ކޮން ކުޑަ ކުޑަ މަޚުލޫގެއްތަ؟"ދެޔޯ ކަޅި އަޅައިގަތެވެ."މީތި ގެންގޮސް ކަނޑަށް އެއްލާލަބަލަ..."

"އާރްޔާ އާދޭ...." ކާއިން އާރްޔާއަށް އެންގީ އެހެން ދެޔޯއަކު އާރްޔާއަށް ގެއްލުމެއް ދީފާނެތީއެވެ.

ގަންދީޝާއާއި ޒޭބް ހާޟިރުވުމާއެކު އެންމެން އަދަބު އަދާކޮށް ކުރުނީސްކުރަން މޭގައި އަތް ޖައްސާލައިގެން ބޯ ގުދުކޮށްލިއެވެ. އާރްޔާ ރުޅިގަދަވެފައި ސެފްރަން ސަލާމަތް ކުރަން އަނެއްކަމަސައްކަތްފެށިއެވެ. ނަމަވެސް އޭގެ ކުރިން ކާއިން އާރްޔާގެ އަތުގައި ހިފެހެއްޓިގޮތަށް އުފުލާލާފައި ދުރަށް ގެންދިޔައެވެ.

ސެފްރަންގެ ގަޔަށް އަލިފާނުގެ ހަންމުށިތައް އަރަމުން ދިޔައިރު ދެލޯ މަރައިލިގޮތަށް މޫނަށް ވަންނިއެއް ވެސް އަރުވާނުލާ އޭނަގެ ކެތްތެރިކަން އެއްވެތިބި މީހުންނަށް ސާބިތުކޮށްދިނެވެ. އަލިފާނުގެ ކަނިތަކުން ފިހޭވަރުވީއިރުވެސް ކެތްކުރެވޭނެ އެންމެ މައްޗަށް ކެތްކުރިއެވެ. އެންމެފަހުން ގަންދީޝާގެ ހިތަށް ކުލުނުވަދެގެން ހުއްޓާލަން އަތުން އިޝާރާތްކޮށްފައި އެތަނުން ދާން ހިނގައިގަތްއިރު ޒޭބް ކަޅިއަޅައިލިގޮތަށް ސެފްރަންއަށް ބަލަން ހުއްޓެވެ. އޭނައަށް ވެވޭނެނަމަ ސެފްރަން މަރުވަންދެން ހަންމުށިން ތެޅީހެވެ. މޫނުމަތި ނޮޅައިލީހެވެ.


***

ސެފްރަންގެ ގައިގައި އަންދާލާފައި ހުރި ޒަޚަމްތަކުގައި އާދު ބޭސް އުނގުޅާލަދިންއިރު ސެފްރަން އިނީ ނިކަން ހަމަޖެހިލައިގެންނެވެ. ކާއިންވެސް އެއްފަރާތުގައި އިށީދެލައިގެން ހިއްކާފައިވާ ގެރިމަސްކޮޅެއްކާން އިނެވެ. އާރްޔާ ކަކުލުގައި ބޯ ޖައްސާލައިގެން މޮޅިވެރިކަމާއެކު ސެފްރަންގެ މޫނަށް ބަލަންއިންއިރު އޭނައަށް ތަދުވާނެވަރާއި ހިތަށް ވާނެ އަނިޔާ އާއިމެދު ވިސްނަމުން ދިޔައެވެ. ކައިވެންޏަށް ދެކޮޅު ހެދުމުން މިހާ ބޮޑު އަދަބެއް ހައްގުހެއްޔެވެ؟

"ސެފް. އެއްބަސްނުވެއްޖެއްޔާ ތަކުރާރުކޮށް އަދަބުދޭނެ. އާއެކޭ ބުނަންވީނު............" އާރްޔާ ބުނެލިއެވެ.

"އަހަރެންގެ ގައިގާ ތެޅީމަ އަރްޔާއަށް ދޯ ތަދުވީ........................" ސެފްރަން ހީލިއެވެ.

"ޔަޕް އައި ވޯޒް ހާޓް. އެކަމަކު މެރީކުރީމަ ލިބޭ އެތި ބޮޑުވާނެ. ރަސްކަންވެސް ލިބިދާނެ. ކިހާ ސަޅިކަމެއް. ނޫނީ އެ ފުރޭތައިންގެ އަނިޔާވެރިކަން ބޮޑުކަމުން ފުރާނައަށް ގެއްލުމެއްވެދާނެ. ކްއީން ސިމްޕަތީވެގެން މިއަދު ނުހުއްޓުވިނަމަ ދޭ ކުޑް ހޭވް ކިލްޑް ޔޫ....." އާރްޔާ މައުސޫމް ހިނިތުންވުމަކާއިއެކު ބުނަމުން ގޮސް އާދުގެ ކުރިމަތީގައި ހުއްޓި ބޯ އަރިކޮށްލިއެވެ. އާދު ގެ މޫނުމަތިން އިތުރު އަސަރުތަކެއް ނުފެނުނެވެ. މަދިރިއެއް ގާތުގައި ހުރެ ބޫން އަޅުވާލިޔަސް ގައިމު ފޮޅުވާނުލާ އިންސާނަކަށްވެސް ކެތް ނުކުރެވޭނެއެވެ.

"އާދުއަށް އަހަރެން ފެނޭތަ ؟ ނޫނީ ނުފެނޭތަ؟ "އާރްޔާ ތުން އޫކޮށްލިއެވެ.

"ކުޑަކުޑަ މަދިރިއެއް ގާތު އެނބުރުނަސް ބައެއްފަހަރު އެވަރަށް ފާހަގަ ނުކުރެވިދާނެ..ހެހެ. މާފުކުރޭ އެއީ ސަމާސާއަކަށް ބުނި އެއްޗެއް. އާދު އިންސީންނާއި ނުބެހޭނެ. ފެންނަކަމަކަށްވެސް ނަހަދާނެ. އެއީ ހަމަ އާރްޔާމެންނަށް ރަގަޅަކަށް..." ކާއިންއަށް އާރްޔާގެ މައުސޫމްކަން ފެނި އަނގައިން ނުބުނެ ހިމޭނުން އިންނަން އުދަގޫވިއެވެ. އިންސިއަކަށް އުޅެނީ އެމީހުންނާއެކު ހައްޔަރުވެފައެވެ. އާދު ޒާތީގޮތުން އާރްޔާއާއި އޮތް މައްސަލައެއް އޮތުމުން އާދު ބީރައްޓެހިވާނެއެވެ.

***

އާރްޔާ އެއްފަރާތުގައި ނިދާފައި އޮތްއިރު ކުރުގެޅިލައިގެން އޮތްތަން ފެނި ސެފްރަންއަށް އުދަގޫވިއެވެ. މާބޮޑަށް ފިނިވީކަން އެނގި އޭނަ ލައިގެން ހުރި ދިގު ކޯޓު ގެންގޮސް އާރްޔާގެ ގައިމަތީ ރީތިކޮށް އަޅާލަދިނެވެ. އާދު ކާއިން އަދި ސެފްރަން އާރްޔާގެ ވާހަކަވެއް ދެއްކިއެވެ. އުމުރުން ބާރައަހަރު ގެ ކުޑަކުއްޖެއްގެ ކުށަކާއި ނުލާ މިގޮތަށް ގެންގުޅުމަކީ ގަންދީޝާއާއި އާއިލާއިން ކުރާ ނުބައި އަމަލެކެވެ.

"އާރްޔާއަށް އަހަރެމެންގެ ބާރުތަކެއްވެސް އެހާ ނޭގޭ. އަހަރެމެންނަށް ސިފަވެސް ބަދަލުކުރެވޭކަމަށް ހީކުރީ. އަހަރެމެން މިހިސާބަށް އައިއިރު ވަރަށް ގިނަ ބަދަލުތަކެއް އައިސް ސިހުރުގެ ބާރުތައް ކުޑަވިކަމެއް އާރްޔާއަކަށް ނޭގޭ. އަހަރެމެން ގެ ތެރޭ ތަންކޮޅެއް ބާރުގަދަ ޖިންނީންނަށް އެގޮތަށް ބޭނުން އެއްޗެއްގެ ސިފަ ޖެހުމުގެ ބާރު ހުރީ. އަހަރެމެން ބެންތިކް ޖިންނިން އިންސާނުންގެ ޖީންއާއި ގުޅިފައިވާކަމަށް ކާފަބުނީ. އެހެންވެ އިފްރީތުންފަދަ ބާރުތަކެއް ލިބިފައެއް ނުވޭ.................." ކާއިންވެސް އޮތީ އަރާމުކޮށްލަން އޮށޯވެލައިގެންނެވެ.

"އެކުއްޖާފުޅާއިމެދު ވަރަށް ހަމްދަރުދީވެއްޖެ. މިތަނުގައި ގިނަ ދުވަސްވާން ވެއްޖެނަމަ އެކުއްޖާ ހަލާކުވެދާނެ........." އެކަކުވެސް އަނގައިން ނުބުނުމުން ކާއިން ބުނެލިއެވެ.


***

ދެތިން ފަހަރު ހައްދު ޖެހުމުންވެސް ސެފްރަންގެ އަޒުމަކަށް ގުނޑުމެއް ނޭރިއެވެ. އޭނަގެ ޖިސްމު ނެތިކޮށްލިޔަސް އެކަމެއްނުވާނެއެވެ. މިފަދަ ކައިވެންޏަކަށްވުރެ އަލިފާންގަނޑަކަށް ފުންމާލިޔަސް ހެވެވެ. ސެފްރަންގެ ގޮތްދޫނުކުރުމުގެ ސަބަބުން ގަންދީޝާގެ ދެވަނަ ފިޔަވަޅު އަޅަން ނިންމިއެވެ. ސެފްރަންގެ ލޯބިވާ އެކުވެރިޔާ ކާއިން ނޫނީ އާދުއަށް އަނިޔާކުރަން ގާޑުންނަށް އަމުރުކުރިއެވެ.

ޖަލުގެ ކުށްވެރިން އެއްވެފައިވާ މައިދާނަށް ސެފްރަންއާއި އާދު ގެންގޮސް ހިލިހިލާ މުޑިއާއެކު ޖަހާ ހައްޔަރުކޮށްލިއެވެ. ގަންދީޝާ އޭނަގެ ހަށިފާރަވެރިންނާއިއެކު އެއްފަރާތުގައި މަންޒަރުދެކެން ހުރިއިރު އާރްޔާ އެއްފަރާތުގައި ހާސްކަމާއެކު ބަލަން ހުއްޓެވެ. ގަންދީޝާގެ އަމުރާއެކު އާދުގެ ގަޔަށް ހަންމުށީގެ އެތިފަހަރުތައް އަރަންފެށުމުން ސެފްރަންއަށް ކަރުތެރެއިން ހަޅޭއްލަވައިގަނެވުނެވެ.

"ހުއްޓާލާ..."

"ސެފްރަންގެ ލޯބިވާ އާދުއަށް ކަމެއްވާން ނޭދެމެއްނު. ދެން އެންމެ ރަގަޅުވާނީ އާއިލާއިން ބުނާގޮތަށް އެއްބަސްވުން. އޭރުން ތަޚުތު ސެފްރަންއަށް ދެއްވަން ރަސްގެފާނު ފަސްޖެހިވަޑައެއް ނުގަންނަވާނެ....." ގަންދީޝާ އިސްއުފުލާލައިގެން ހުރެ ހައިބަވަންތަ އަޑަކުން ލަސްލަހުން ބުނެލިއެވެ.

"އެންމެ ރަގަޅު. އާދު ދޫކޮށްލާ. އަހަރެން ކައިވެނިކޮށްފާނަން...." ސެފްރަންގެ ލޮލުން ނަފްރަތާއި ރުޅިވެރިކަން ފަޅިސިކުންތުކޮޅަކަށް ފެނިލިޔަސް އޭނަ ޝުއޫރުތައް ފޮރުވާލައިފިއެވެ.

ސެފްރަންގެ ނިންމުމުން އާރްޔާ ލޯ ބޮޑުކޮށްލައިގެން މޮޅިވެރިކަމާއެކު ބަލަން ހުރެވުނުއިރު ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ.

"ޕުއާ ބޯއި. ކިހާ ބޮޑު މަޖުބޫރީއެއް. އޭނަ ސަރެންޑާ ނުކުރީމަ ކްލޯޒް ފެރްންޑުން ޔޫޒްކޮށްގެން އާއެކޭ ބުނުވީ. ގަންދީޝާއަކީ ހުރިގޮތަށް ހުރި ވިޗްއެއް. ސެފްރަން އެއްބަސްވުމުން ދެން ޖަލުން ދޫކޮށްލާއިރު އަހަންނަށް ހަދާނެގޮތެއްވެސް ނޭގޭ. މަންމައާއި ބައްޕަ ކޮބާތަ؟ ޕްލީޒް ސޭވް މީ. ފެޑްއަޕް ވިތް ދީސް ހީނަސް ކްރީޗާސް................"


***

ޒޭބް ލައިގެން ހުރި މެކްސީހެދުމުގެ އެތަން މިތަނުގައި ޔާގޫތުތައް ވިދައެވެ. ހަތަރެސްފައި ފަޅުފިލުވާލާފައިވީ ރަނާއި ޔާގޫތުންނެވެ. ބޮލުގެ އިސްތަށިގަނޑުތެރޭ ހަރުކޮށްފައިވާ ތާޖެއްފަދަ ދަތްޗަކީ އަޒްކީލްގެ ހަދިޔާއެކެވެ. ފިނިފެންމަލެއްގެ ފިޔަހާ ތާޒާވެފައި ހިތްގައިމުކަމެއް އޭނައަށް ލިބިފައިވެއެވެ. ޒޭބްއަށްޓަކާ އަޒްކީލް ގަނޑުވަރު ކުރިމަތީ ތައްޔާރުކުރި ފެންގަނޑުގެ އަރިމަތީގައި އިށީދެލައިގެން އިންއިރު ޖެހިގެން ކަހަލަ ގޮތަކަށް އިނީ އަޒްކީލްއެވެ. ޒޭބްގެ އަތްތިލަ އަތުތެރެއަށް ލައިގެން އެމޫނަށް ބަލަން އިނީ ފޫހިވުމެއް ނެތިއެވެ.

"އަހަރެން ކަމަކު އެދުނިއްޔާ ކޮށްދޭނަންތަ؟ "ޒޭބްގެ ރީތި ފަރި ދެލޮލުގެ ޗާލަކީ ނަޒަރުން ކާއިނާތުގައި ހާސް ފިނިފެންމާތައް ފޮޅުނުފަދައެވެ.

"ރަސްގެފާނުގެ މަގާމުގައި އަޒްކީލް ހުންނަން ބޭނުމީ. އަހަންނަކީ ޝެހެންޝާހުގެ ރަސްދަރިކަނބަލެއް. މި ޝަރަފް ހައްގުވާނީ ދެމީހުންނަށް. ސެފްރަންއާއި މިރިއަމްއަކަށް ނޫން. ސެފްރަން ރަސްކަމަށް އިސްވާތަން ދެކޭކަށް މަޑަކުން ނުހުރެވޭނެ..އެއީ ލާއިގު މީހެއް ނޫން..." ޒޭބްގެ ދެލޮލުން ރުޅީގެ އަސަރު ފެނިލިއެވެ.

"ތިއީ އަހަރެންގެ ހިތުގެ މަލަކާ. ވީމަ އަހަރެމެން ކީއްކުރާ ރަސްކަމެއް. މިގޮތަށް ވަކިން އުޅެން ކިހާ ފަސޭހަ. އެއީ ބޮލުރިހުމެއް. ސިޔާސީ ކަންތައްތަކާ ދުރުން ލޯބިން އުފާވެރި ދިރިއުޅުމެއް އުޅެމާ..." އަޒްކީލް ހީލިއެވެ.

"ނޫން ނޫން. ރަސްގެފާނުގެ ދޮށީދަރިއަށް ރަސްކަން ވާރުތަވާންޖެހޭނެ. އޭގެފަހުން އަހަރެމެންގެ ދަރިންނަށް........" ޒޭބް ހިނިތުންވެލައިގެން އިނދެ އަޒްކީލްގެ މޫނުގައި އަތުން ފިރުމައިލިއެވެ.

"އެކަމަކު މިރިއަމް އާއި ސެފްރަން ކައިވެނިކުރިއްޔާ ސެފްރަންއަށް ރަސްކަން ދޭން ބައްޕަ ވައުދުވެލެއްވި..." އަޒްކީލް ލޯ ކުޑަކޮށްލީ ކަމެއް ހަދާންކުރަން އުޅޭފަދައަކުންނެވެ.

"އެންމެ ރަގަޅު. އޭނައަށް ރަސްކަމުގެ ފޮނިމީރުކަން ބައި ދުވަހަށް ދީފައި އަހަރެމެންގެ ހައްގު ފަހުން އަތުލާނީ....." ޒޭބް ހިތާހިތުން ރޭވުންތަކެއް ރޭވިއެވެ.

"ކީއްވެ ޒޭބް އޭނަދެކެ އެހާ ނަފްރަތުކުރަނީ؟ "

"އަހަރެމެން ތެރޭ އެންމެ ސުންޕާ ބަޔަކީ އެއް ވަރައިގެ އަހުލުވެރިން. އެއީ ނަސްލުއޮޅި މަގު ގެއްލި ލައުނަތް ލައްވާފައިވާ ޝައިތާނުން. އެ ސުންޕާ ޝައިތާން މި އާއިލާއިން ދުރުކުރަން ކުރެވުނުހާ މަސައްކަތެއް ކުރާނަން........"ޒެބް ވައުދުވިއެވެ. "މި ފެންގަނޑު ފެނުނީމަ ރަށްމަތިން ހަދާންވެއްޖެ. ރަށުގެ ފަރުބަދަމަތީގައި ބައްޕަ ގަނޑުވަރެއް ތައްޔާރުކުރައްވާފައި ހުރޭ. އެކުވެރި ޕަރީންތަކާއިއެކު ޕަރީން ފެންވަރާ ފެންގަނޑަށް އެރި ވަރަށް މަޖާކޮށްލަން. އެދުވަސްތައް ހަދާންވޭ. އެކަމަކު އަލުން ޅައިރުގެ އުފާތައް ހޯދުމަކީ އެއްވެސް މަޚުލޫގެއްގެ ނަސީބުގައި ލައްވާފައިވާކަމަކަށް ނުވާނެ......"


***

ސެފްރަންއާއި މިރިއަމްގެ ކައިވެނީގެ އުފާވެރި ދުވަހަށްޓަކާ ބެންތިކް އައިލެންޑް ދެވަނަފަހަރަށް ޒީނަތްތެރިކޮށް މުޅި ރަށުތެރޭގައި ނެށުމާއި ނާޗަރަންގީ ކުޅެވެން ފެށިއެވެ. އެއްވެސް އިންސާނެއްގެ ހިޔަނި އެ ކައިވެންޏަށް އެޅޭކަށް ގަންދީޝާ އަދި މިރިއަމްވެސް ނޭދެއެވެ. އާރްޔާ ސޯރާއާއި ހަވާލުކޮށްފައި ގަދަ އަމުރުން އަމުރުކޮށް އަންގާފައިވަނީ ގެއިން ބޭރަށް ނުނިކުތުމަށެވެ. އާރްޔާ ރޮއި ވަރަށް އާދޭސްކޮށްގެން ސޯރާ ގްރީންލޭންޑުން ސާމާނުތަކެއް ގެނެސްދިނެވެ. އޭގެ ތެރެއިން އެންމެ ޚާއްސަ އެއްޗަކީ ޖިންނި މާސްކެވެ. އެމާސްކު އަޅާލުމުން ކުޑަ ދެޔޯއަކާ ތަފާތެއް ނެތެވެ.

އާރްޔާ އެ މައިދާނާއި ކައިރިވީއިރު ދެފަރާތުގައި އެއްވެފައިވާ ޖިންނީންގެ އަދަދު ގިނަކަމުން ހިތްތަކަށް ބިރުވެރިކަން ވަންނާނެއެވެ. ރަސްގެފާނާއި ޝާހީ އާއިލާ ޖިންނި އަސްގާޑިޔާތަކުގައި ގަނޑުފެނުން ފުރިފައިވާ މަގުތައް ކަޑައްތުކޮށް އަންނަން ފެށުމުން ޖިންނީންތައް މޭގައި އަތް ޖައްސާލައިގެން އަދަބުވެރިކަމާއެކު ހިމޭނުން ތިއްބެވެ. ރަސްގެފާނު އަތް އުފުލާލަމުން ސަލާމްކުރަމުން ދިޔައެވެ. ގާޑިޔަތަކުގެ ފަހަތުން ރުކުވާލަފައިވާ ޖިންނީންގެ ލަޝްކަރުތައް މަޑުމަޑުން މާޗްކޮށްފައި މައިދާނަށް ޖަމާވިއެވެ.

"ސީރިޔަސްލީ މިއީ ހަމަ ފެއަރީޓޭލްއެއްގެ ތެރޭގައި އުޅެވުން ކަހަލަ ކަމެއް..ޖިންނީން މިއުޅޭލެއް ޝާހީކަން.........."އާރްޔާ ސޯރާއަށް ބަލާފައި އެއްލޯ މަރައިލިއެވެ. "ޝުކުރަން. މާތް ﷲ ރަހުމަތްލައްވާށި. ސޯރާގެ ސަބަބުން މި ޕާޓީއަށް އައުމުގެ ނަސީބު ލިބުނީ..."

"ތި އަޅި ދެލޮލަށްޓަކާ އަހަރެން ފިދާވާނަން..." ސޯރާ އާރްޔާގެ ކޮލުން ދޮނެއްނެގުމާއެކު އާރްޔާ ފޮހެލިއެވެ.

"އައްޗީ ގާލްކުދިން ތި ކަހަލަ ވާހަކަދެއްކީމަ ވަރަށް ވިއާޑް..." އަރްޔާ ހެމުން ސޯރާ ކޮށްޕައިލިއެވެ. ރިފްކާއާއި ޕަރީވެސް އަރްޔާގެ ފަހަތުން އައެވެ. އެކުދިން ރުހޭކުއްޖަކަށްވެސް އަރްޔާވިއެވެ.

ކައިވެނީގެ ރަސްމިއްޔާތު ފެށުމާއެކުހެން އާރްޔާ މަޑުމަޑުން ކުރިއަށް ޖެހެމުންގޮސް ސެފްރަންމެން ތިބި ދިމާލަށް ދާންފެށިއެވެ. ސެފްރަން އާރްޔާގެ މޫނަށް ނަޒަރު ހުއްޓައިލީ ހައިރާންކަމައެކުގައެވެ. މިއީ ކޮން ދެޔޯއެއް ހެއްޔެވެ؟ ހާދަ ކުރެވެ. އާރްޔާ އަވަސް އަވަހަށް ފޯނު ނެގުމައެކު ވީޑިއޯ ކުރަން ޖައްސާލައިފިއެވެ.

"ގައިސް. އައިމް ވިތް ދަ ގްރޫމް. ހީޒް ބީންގް ފޯސްޑް ޓު މެރީ. ސެފްރަން. ޕްލީޒް ޝެއާ ޔޯ ފީލިންގްސް ވިތް އަސް............" އާރްޔާ ސެފްރަންއާއި ދިމާލަށް ކެމެރާ ދިއްކޮށްލުމާއެކު ބުނެލީ އަޑަށް ބާރުލާފައެވެ. ސެފްރަން ވަގުތުން ފޯނު އަތުލިގޮތަށް ނިވާލައިފިއެވެ.

(ނުނިމޭ...)

ކޮމެންޓް 0