ޒޭބްގެ ކޯތާފަތްމަތިން ތިރިއަށް ދެމިގަތް ކަރުނަތައް ލޫސިއަސް ލޯތްބާއެކު ފޮހެލަދިނެވެ.

"ލޯބިވާ ކޮއްކޯ ނުރޮއި. ތި ކަރުނަތަކުން ހިތަށް ހާދަ އަސަރުކުރެއޭ......" ލޫސިއަސް ވާހަކަދެއްކީ ޒޭބް ކުޑައިރު ވާހަކަދައްކާ ފަދައިންނެވެ. އެތަނަށް ކުއްލިއަކަށް ތޫފާނެއް އައި ފަދައިން ތަނުގައިވާހާ އެއްޗެއްގައި ވައި އަޅުވައިލިއެވެ. ދޮރުތަކުގައި ދަމާފައިވާ ލިނެން ފަރުދާތައް ހޫރިގަތެވެ. ބައްތިތައް ހެލެން ފެށުމާއެކު ހުޅުކޮޅުތައް ނަށާލާފައި ނިވި އަނދިރިކަމުގެ ތެރެއަށް ގަނޑުވަރު ގެނބިއްޖެއެވެ. އެތަނުގައި އެވަގުތު އެހެން ބާރުގަދަ ޖިންނިއެއް އުޅޭކަމުގެ ހެއްކެއްކަން އެނގި ޒޭބް ލޫސިއަސްއާއި އަދިވެސް ކައިރިވެލިއެވެ.

"އެއައީ ކާކު؟ ރަފައިލް ތަ؟ އަހަންނަށް އަދަބުދޭން އެއައީ............ " ޒޭބްގެ ލޮލުން ކަރުނަ ތިއްކެއް ތިރިއަށް ދެމިގަތެވެ.

"އާއިލާ އެހާ ރަހުމްކުޑަކަމަށް ހީނުކުރޭ. ރަފައެލް ނޫނީ އެހެން ބޭބެއް އަޔަސް އަންނާނީ ތައުޒިޔާކިޔަން ނޫނީ ހަމަ ކޮއްކޮ ދެކެލާހިތުން.." ލޫސިއަސް ޒޭބްއަށް ހިތްވަރުދިނެވެ.

"މިއަދު އެހީވާނެ އެއްވެސް ފަރާތެއްނެތި އެކަނިވެރިވެއްޖެ. އަޒްކީލް ނެތުމުން ދުނިޔޭގައި އުޅުމުގެ މާނައެއްނެތް. ކުޑަކުޑަ ދެކުދިން ޔަތީމުވެއްޖެ. އެނބުރި ދިޔުމުން ބައްޕަ ރުޅިދުރުވާނެ ވަރު މިހާރުވެސް އިހުސާސްކުރެވޭ. ޒަންދު ނޫނީ އިތުރު އަންހެންދަރިއެއް ބައްޕަގެ ނުވާކަމަށް ބުނުއްވީ. ދުވަހަކު މާފެއް ނުދެއްވާނެ. ދާއިރަށް ޖަލަށް ލާނީ. އެކަމަކު މިތާ އުޅުންވެސް ކުދިންނަށް ބިރަކަށްވާނީ. އެކުދިންނަކީ ތަޚުތުގެ ވާރިސުންނަށް ވާއިރު އެކުދިންގެ ބައްޕަގެ ގާތިލުން އެ ކުދިންކޮޅުވެސް މަރައިލާނެ. ބިރުގަންނަނީ ހަމައެކަނި ކުދިންނަށްޓަކާ. މަރުވެދާނެތީ ނޫނީ ޖަލަށް ލައިފާނެތީ ބިރެއް ނުގަނޭ............" ޒޭބް ލޫސިއަސްގެ މޭގައި މޫނު ޖައްސާލައިގެން ހުރެ ރޮމުން ވާހަކަދެއްކިއެވެ.

ލޫސިއަސްގެ ހަމްދަރުދީގެ ޖުމްލަތަކުން ވަކިން ބޮޑަށް ޒޭބްއަށް އަސަރުތައްކުރިއެވެ.

އަޒްކީލް ނެތުމުން އާއިލާދެކޭ ހިތުން ކެތްތެރިކަން ކޮޅުންލާގޮތްވިއެވެ. މަންމައާއި ބައްޕަ އަދި ބޭބެމެންނާއި އަލާނިއަލް އަދި އާރިޒްގެ އެކި ހަދާންތައް ފިލްމެއްގެ މަންޒަރުހެން ނިއުޅެންފެށުމުން ކަރުނަތައް ވީ އިތުރެވެ. ދުނިޔެއަކީ ދާއިމީ ތަނަކަށްވީނަމަ ނޫނީ އެހާ ފުރިހަމަ ތަނަކަށް ވީނަމަ އޭނަފަދަ ރަސްދަރިކަނބަލަކަށް ހުރިހާ އުފާތަކެއް ލިބޭނެކަމާއިމެދު ޝައްކެއްނެތެވެ. ނަމަވެސް ހަޔާތުގައި ދިމާވީ ހާދަ ބޮޑު އިމްތިހާނެކެވެ. އާއިލާ ދޫކޮށްފައި ލޯބިވެރިޔާ ގާތަށް އައުމުން އޭނައާއިވެސް ވަކިވާން މަޖުބޫރުވީއެވެ. ކޮންފަދަ ހިތްދަތިކަމެއް ހެއްޔެވެ؟


***

ސެފްރަން އަޒްކީލްގެ މޫނުގައި މަޑުމަޑުން ފިރުމައިލިއެވެ. އަލުން ދެން އެ ލޯ ހުޅުވާފާނެކަމުގެ އެއްވެސް ނިޝާނެއް ނެތެވެ. ސެފްރަންގެ ލޮލުން ކަރުނަތިއްކެއް ނިރައިލިއެވެ.

"އިރާދަކުރެއްވިއްޔާ ދުޢާއަކީ އަވަހަށް ހޭއަރާ އެނބުރި ރަސްކަމަށް އައުން. ހުރިހާ ދުޢާއެއްވަނީ އަޒްކީލްއާއެކު.....ޔޫ އާ ސޯ މިސްޑް މައި ބްރަދާ.." ސެފްރަން ގުދުވެ އަޒްކީލްގެ ނިތުގައި ބޮސްދިނެވެ.

"އަހަރެން އެއްގޮތަކަށްވެސް ތަޚުތު ބޭނުމެއްނޫން. ރަސްކަލަކަށްވާން ބޭނުންވީ ހަމައެކަނި މާތްﷲއަށްޓަކާ އިސްލާމްދީނަށް ނަސްރުދޭން. އީވެން އިފް ޔޫ އާ ނޮޓް ހިއާ ބޭނުންވާ ކަންތައް ހާސިލު ވުމުން މާކިއަން ރަސްކަމަށް އަރުވާނަން އިންޝާﷲ. އެއީ މާކިއަންގެ ހައްގެއް. މާކިއަންއަކީ ވަލީއަހުދު. އައި ޕްރޮމިސް ޔޫ ދިސް ބްރަދާ. މާކިއަން ރަސްކަމަށް އިސްކުރާނަން. މިހާރުއްސުރެ އޭނަ ފަހުލަވާނަކަށް ހަދާނަން..............."

ޔަޒްދަންޔާރު ސެފްރަންގެ ކޮނޑުގައި އަތް ބޭއްވިއެވެ. ހިތްވަރުކުރަން އެދެމުން ގުރުއާންއިން އާޔަތެއްކިޔެވިއެވެ. މަތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއެކު ގައި ކަމަށާއި އިންސާނަކަށް ނޫފުލެވޭނެ ބުރައެއް ނުޖައްސަވާނެކަމަށާއި ގިނައިން ދުޢާކުރަން އެދުނެވެ.

"ގިނަގިނައިން ދުޢާކުރޭ. އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ. ފާތިހާ ސޫރަތް ކިޔަވާ. އިރާދަކުރެއްވިއްޔާ ސުލްތާންއަށް ޝިފާ ލިބޭނެ. ކެތްތެރިވޭ ސުލްތާން....." ޔަޒްދަންޔާރު ބުނެލިއެވެ.

***

ލޫސިއަސް ގަހެއްގެ ނިވަލުގައި ފިލާ ހުރެގެން ސެފްރަންގެ ހަރަކާތްތަކަށް ބެލިއެވެ. ސެފްރަން ހޮހަޅައިން ނުކުމެގެން އައިގޮތަށް ފާރަށް ލެނގިލައިގެން މާދުރަށް ނަަޒަރު ހުއްޓާލައިގެން ހުރިއިރު ދުނިޔޭގެ ހުރިހާ ހިތާމަތަކެއް އެލޮލަށް ޖަމާވެފައިވާފަދައެވެ. އެ މަންޒަރު ފެނި ހިތް ގެނބުނުފަދަ އިހުސާސެއް ކުރެވުނެވެ. އެތައް ޒަމާނަކަށްފަހު ކޮއްކޮ ފެނުމުގެ ފުރުސަތު ލިބިއްޖެއެވެ. ހަގީގަތް އެނގުމުން އެކުއްޖާއަށް ކުރާނީ ކޮންކަހަލަ އަސަރުތަކެއް ހެއްޔެވެ؟ ނަހަލާލު ދަރިއެއްކަމާއި ބައްޕައަކީ ކާކުކަން އެނގި ހުރިހާ ސިއްރެއް ބޭޒާރުވުމަށްފަހު ސެފްރަން ހަދާނީ ކިހިނެއްހެއްޔެވެ؟

"އަހަރެމެންނަށް މާފުކުރޭ."

"އެއްވެސް ކުށެއްނެތް މައުސޫމް ފުރާނައެއް ނިކަމެތިކޮށް އެއްލައިލެވުނު ކުއްޖާގެ ބަލަދުވެރިއަކީ މާތް ﷲ ކަން އެނގިއްޖެ. އެހެންނޫންނަމަ މުޅިން އެހެން ނަސްލެއްގެ ތެރޭ ހުރެ ރަސްކަން ލިބޭނީ ކިހިނެއް؟ އަނިޔާ ލިބިފައިވާ ކުއްޖަކަށް މާތްކަމެއް ލިބިއްޖެ.. ވަރަށް އުފާކޮށްފިން. ކުރިއަށް ދޭ. މާތް ﷲ އަބަދަށް ކޮއްކޮއާއެކު ވޮޑިގެންވުމަށް އެދި ދުޢާކުރަން...."ލޫސިއަސްގެ ލޮލުން ކަރުނަ ތިކިތައް ވިދައިލިއެވެ.

***

އާރްޔާއާއި ސެފްރަންގެ ކައިވެންޏަށް މިސްކިތަށް ވަނުމާއެކު އާރްޔާގެ ހަށިގަނޑު ކުރިއަށްވުރެ ފިނިކަން އިހުސާސްކުރެވުނެވެ. އޭނަގެ ރައްކާތެރިކަމަށްޓަކާ ކަމުގައި ބުނެވެސް މިކުރެވެނީ ހަމަ ކައިވެންޏެކެވެ. ޖިންނިއަކާއެވެ. އިންސާނުންނަށްވުރެ އޭނައަށް އިތުބާރުކުރެވުނަސް ޖިންނިއަކު ވާނީ ޖިންނިއަކަށް ނޫންހެއްޔެވެ؟ އޭނަ މޫނަށް ވައްޓާލާފައިވާ ތުނި ފޮތިކޮޅުގެ ތެރެއިން މިސްކިތުގެ ތެރެއަށް ބަލައިލެވުނެވެ. މަޑުރަންކުލައަކުން ފާރުތައް ވިދާއިރު ހަރުކޮށްފައިވާ ބައްތިތަކުގެ އަލި އެޅި ޖާދުވީ ރީތިކަމާއެކު ހިމޭންކަމެއް ވެރިވެފައިވާ ތަނެކެވެ. ތަބުތައްވެސް ރަނުންވާ ފަދައެވެ. ކުރެހުން އަޅާފައިވާލެއް ފުރިހަމައެވެ. ބޯ ދޫލައިގާ ރަނާއި މަޑު މުށިކުލައެވެ. އޭނަލައިގެން ހުރި ހެދުމާއި އެކުލަތައް ގުޅި ލާމެހިފައިވެއެވެ.

އޭނަގެ އިންތިޒާރުގައި ތިބި ޖިންނިން ގެ ތެރޭ ޝޭޚު ކަހީޖު އިންނަވާނެކަމަށް އޭނަ ހީކުރިއެވެ. އެއީ އިލްމުގެ ކަނޑެއްފަދައެވެ. ދީނުގެ ވަރުގަދަ ތަބެކެވެ. ހުދު ތުނބުޅިއާއި ކަފަކޮޅެއްފަދަ ހުދުކަމެއް ލިބިފައިވާ ދިގު އިސްތަށިގަނޑުގެ ސަބަބުން ހައިބަތާއި މާތްކަން ރަމްޒުކޮށްދޭ ފަރާތެކެވެ. ސެފްރަންގެ ޝޭޚު އެތަނުގައި ފެންނާކަށް ނެތެވެ. ތަންކޮޅެއް ޒުވާން ޖިންނިން ތިބީ "ފޭކް" ކައިވެންޏަކަށްވާތީ ކަން ނޭގެއެވެ. ސެފްރަން އިނީ އިސްޖަހާލައިގެންނެވެ. އާދައިގެމަތިން އޭނަގެ މޫނުގެ ބޮޑުބައި ފޮރުވާލާފައެވެ. އޭނަގެ އެކުވެރިންގެ އިތުރުން ނުދަންނަ ޖިންނިންތަކެއްވެސް އެ މަޖުލީހުގައިވިއެވެ.

"އައިމް ސްކެއާޑް...." އާރްޔާ އޭނައާއެކުގައި އައި އެކުވެރިންނަށް ބަލައިލިއެވެ.

"ކީއްވެތަ؟ އަހަރެމެންގެ ސުލްތާންގެ އަންބަކަށް ވެވޭނީ ނަސީބު ރަގަޅު އަންހެންކުއްޖަކަށް ނޫންތަ؟ އެ ޝަރަފު ލިބުމުން ފަޚުރުވެރިވާންވީ...." ސޯރާ ނިކަން މަޑުމަޑުން ބުނެލިއެވެ.

"ސޯރާ މޮޔަނުވޭ ކިތަންމެ މަޑުން ދެއްކިޔަސް ސުލްތާނަށް އަޑުއިވޭނެ.. އެއީ އަހަރެމެންނަށް ލިބިފައިނުވާ ކިތަންމެ ބާރެއް ލިބިފައިވާ ޖިންނި ނަސްލެކޭ." ޕަރީ ލޯ އަޅައިލިއެވެ.

"ވީއިރު ފަހަރެއްގައި ސިކުނޑީގައިވާ އެއްޗެއް ވެސް ސުލްތާނަށް އެނގޭނެ. ކިތަންމެ ޅަވިޔަސް ވަރަށް ބާރުގަދަކަން އެނގޭ. އެހެންވިއްޔާ ޕަރީގެ ހިތަށް ހާދަ އެއްޗެއްސެއް އަރާނެއޭ ދޯ ނަސީބެއްނު ހަށިގަނޑާއި ބޯ ވަކިނުކޮށް ބަހައްޓާކަން........." ސޯރާ ހިތާހިތުން ކިޔާލިއިރު ތުންފަތްމައްޗަށް ލާނެތް ހިންޏެއް ވެރިވިއެވެ. އާރްޔާއަށް ބަލާލާފައި ސޯރާ ބުމަ އަރުވައިލުމުން އާރްޔާ ދެނެހުރިކަމަކަށް ނެހެދިއެވެ. ޕަރީ ސެފްރަންއާއި ހެދި މޮޔަވާކަން އެއީ އެންމެނަށް މިހާރު އެނގޭ ހަގީގަތެކެވެ.

"ނޫން. ޣައިބުގައިވާ ކަންތައް ދެނެވޮޑިގެންވަނީ މާތް ﷲ....." އާރްޔާ ލޯ މަރާލާފައި ދެތިންފަހަރު ފުންނޭވައެއްލިއެވެ. އެއަށްފަހު ކަނައަތް ފައި މިސްކިތުގެ އެތެރޭ އަޅަމުން ބިސްމިވެސް ކިޔައިލިއެވެ.

"ޔާ ﷲ ފޮގިވް މީ. މި ޔޫނިއަން އަކީ ރަގަޅުކަމެއް ކަމެއް ނޫނީ ހަރާމްކަމެއްކަމެއް ވެސް ނޭގޭ. ނަމަވެސް ޖިންނީންގެ ދުނިޔެއެއްގައި އުޅެން މިއަދު މަޖުބޫރުވެފައިވަނީ. މިއީ ރަގަޅުކަމެއް ކަމުގައިވާނަމަ މި ކައިވެނީގައި ބަރަކާތް ލައްވާދޭވެ.." އާރްޔާ ހިތާހިތުން ދުއާކޮށްލިއެވެ. " މިތަން ހާދަ ޕީސްފުލްއޭ. މިސްކިތަށް ވަނުމުން ލިބޭ ހިތްހަމަޖެހުން ބުނެދޭކަށް ނޭގޭ. ހިތަށް ފިނިކަމެއް ލިބިއްޖެ."

ޝޭޚު އެންގެވީ އާރްޔާއާއި އެހެންކުދިން ވެސް އިށީނުމަށެވެ. ސެފްރަންއާއި އެހާ ގާތުގައި އިންނަން ޖެހުމުން އަޖައިބެއްފަދަ ތަފާތު އިހުސާސްތައް ކުރެވުނެވެ. ހޫނުކަމާއެކު ރައްކާތެރިކަންވެސް އޭގެ ތެރޭ ހިމެނުނެވެ. ކައިވެނީގެ ޚުތުބާއާއި އެކު ކައިވެނިކޮށްދިނުމަށްފަހު ކަހީޖު ދެމަފިރިންނަށް ހެޔޮދުޢާކުރިއެވެ. ދިރިއުޅުން އުފާވުމަށާއި ގިނަ ސޯލިހު ދަރިންތައް ލިބުމަށް އަދި ދަރިފަސްކޮޅު ދެމިގެންދިޔުމަށެވެ. އެންމެންވެސް "އާމީން" ކިޔާފައި މޫނުގައި އަތްފިރުމިއެވެ. އާރްޔާގެ ހިތުތެރޭ އެވަގުތު އުފެދިގަތް ޖަޒުބާތުތަކަށް ދޭނެ ނަމެއްވެސް ނުވިސްނުނެވެ. ހަނދާންވީ އާއިލާގެ ކައިވެނިތައް މަތިންނެވެ. ވަރުގަދަ ޕާޓީތަކެވެ. ލޯބިން އުޅޭ ދެމަފިރިންތަކާއި ދަރިންތަކެވެ. ދެއްކުންތެރި ކައިވެންޏަކަށްވިޔަސް އޭނަގެ ހިތުގައި ހިނގަންފެށި އާދަޔާ ޚިލާފު އިހުސާސްތަކަށް ދޭނެ ނަމެއް އޭނައަކަށް ނޭގުނެވެ. އާކްޓިކްގައި ޖިންނިންނާއި އެކު ދިރިއުޅެންފެށުމުން ދެކެވުނު އެއް ހުވަފެނުގައި ކުލަ ޖެހުނީއެވެ. އެންމެ ލޯބިވާ އެއް ފަރާތް ހަޔާތުގެ ބައިވެރިޔަކަށްވީއެވެ. ނަމެއްގައި ވި ނަމަވެސް އެންމެ ރަގަޅެވެ.

ސެފްރަން ކުޑަކޮށް އެނބުރިފައި އޭނަގެ މޫނަށް ބަލައިލެވުނު ވަގުތު އާރްޔާއަށްވެސް އެ ނަޒަރާއި ކަޅިހަމަކޮށްލެވިއްޖެއެވެ. ދުވަހަކު އެފަދަ ނަޒަރަކުން ސެފްރަން ބަލާފައެއް ނުވެއެވެ. ކްރިމްސަން ކުލައިގެ ކަޅިންވެސް ފެނުނީ އޯގާތެރިކަމާއިއެކު އެހެން ކުލައެކެވެ. އޭނަގެ އާއިލާގައި އެންމެ ލޯބިން އުޅޭ ޒުވާނުން އެކަކު އަނެކަކަށް ހަދިޔާކުރާ ނަޒަރުގައި އެހުންނަނީ ކޮން ތަފާތުކަމެއްބާވައޭ ހިތުގައި ސުވާލު އުފެދެއެވެ. ސެފްރަންގެ ނަޒަރުންވެސް ފެންނަނީ ލޯބިވާ މީހަކަށް ބަލާނެ ގޮތެކެވެ. އާރްޔާގެ މޫނަށް ރަތްވިކަން އަމިއްލައަށް އިހުސާސްކުރެވުނެވެ. ލަދުރަކި ގޮތަކަށް ހީލެވުނެވެ.

ޝޭޚު ކަހީޖުމެންގެ ފަހަތުން ބޭރަށް ނުކުމެފާ ސެފްރަންގެ އެކުވެރިން އޭނައަށް މަރުހަބާކިޔަންފެށި އިރު އާރްޔާގެ އެކުވެރިންވެސް އޭނައާއި ދިމާކުރަނީއެވެ. މިސްކިތުން ބޭރުގައި ކުޑަ ވަލީމާއަކަށް އެތަން ތައްޔާރުކޮށްފައި ވާލެއްވެސް ފުރިހަމައެވެ. ތަންކޮޅެއް ދުރުގައި އެ މަންޒަރުދެކެން ތިބި ޕަރީންތައް އެހެން ޖިންނިންގެ ލޮލުގައި އަޅައިނުގަނީސް އެތަނުން ޣައިބުވިއެވެ.


***

ރުއާނާގެ ކަރުނަތައް ހުއްޓުވުމަކީ ޖިލްވާއަށްވެސް ފަސޭހަކަމަކަށް ނުވިއެވެ. ރުއާނާއަށް އެ ޚަބަރު ނުދެވުނުނަމައޭ ހިތަށް އެރިއެވެ. ރުއާނާގެ ހާލަތު އެނގިގެން ލޫސިއަސް ސުވާލުކޮށްފިއްޔާ ދޭނީ ކޮން ޖަވާބެއްހެއްޔެވެ؟ ޖިލްވާ ރުއާނާގެ އިސްތަށިގަނޑުގައި ފިރުމަފިރުމާފައި ވިސްނައިދޭން މަސައްކަތްކުރިއެވެ. ރުއާނާގެ ހިތަށް އެވާހަކަތަކުން ޝިފާއެއް ނުލިބުނެވެ.

"އެންމެ ރަގަޅު. އަޅުގަނޑު ގޮސް އެ އިންސި ކުއްޖާ ދުނިޔެއިން މޮޔަކޮށްލަފާނަން.." ޖިލްވާ ޚިޔާލެއް ދިނެވެ.

"ނޫން..ނޫން. ޖިލްވާ މޮޔަވީތަ؟ އޭނ. އިންސާނުންނަށް ގޯނާކުރުން ހުއްދަ ނޫންކަމެއް ނޭގޭތަ؟." ރުއާނާ ހަޅޭއްލަވައިގަތެވެ.

"ޖިލްވާ ހަދާން ކުރާތި. ސުލްތާން ސެފްރަން އެކުއްޖާދެކެ އެހާ ލޯބިވާތީ ކައިވެނި އެކުރީ. ސެފްރަން ލޯބިވާ މީހަކަށް ދެރަގޮތެއްވާކަށް ބޭނުމެއްނޫން. އަހަރެން މަރުވިޔަސް ސެފްރަން އުފަލުގައި އުޅެން ބޭނުމީ. މާތްﷲއަށް ވަކީލުކުރާނަން. މިހިތާމަތަކާއި ހިތްދަތިކަމަށް ނިމުމެއް އަންނާނެ އިންޝާﷲ....." ރުއާނާ ބުނެލިއެވެ. "ބައްޕައަށް މިއިން އެއްވެސް ކަމެއް އެނގޭކަށް ބޭނުމެއްނޫން. ހިތްވަރުކުރާނަން. ސެފްރަންއަށް މަރުހަބާ ކިޔަންވެސް އެބަޖެހޭ. ސުލްތާންއެއްގެ އިތުރުން އިތުރު ކައިވެންޏެއްވެސް ކުރީމަ........."

ރުއާނާ ތެދުވެ ފަށުވި ރުމާލަކުން މޫނުމަތި ފޮހެލައިފިއެވެ. ބައްޕަގެ ކޮއްކޮ ޒޭބްއާއި ކުދިންކޮޅާއި ބައްދަލުވުމަށްފަހު ބައްޕައަށް ލިބިފައިވާ އުފާވެރިކަމާއި ހިނިތުންވުންތައް ގެއްލުވައިލާ ބައްޕަ ހިތާމައިގެ ކަނޑަކަށް ގަންބުވާލާކަށް ނުވާނެއެވެ. އެހެންނޫނަސް މިފަދަ ވާހަކައެއް ބައްޕައާއި ހިއްސާކޮށްލުމަށްވުރެ އަމިއްލައަށް މަރުވުންވެސް ހިތަށް ފަސޭހައެވެ. ރުއާނާ މޮޅިވެރިކަމާއިއެކު ތެދުވެގެންގޮސް ގަނޑުވަރުގެ ބާލުޚާނާގައި ހުއްޓިލައިގެން ހުރެ ބޭރަށް ބަލަން ހުރީ ސްތެޗޫއެއް ފަދައިންނެވެ.


***

ސެފްރަންއާއި އެކީގައި ކަހަލަގޮތަކަށް ގޮސް ގަނޑުވަރާއި ހަމަވީއިރު އާރްޔާ ފިނިވެގެންގޮސް މަރުވެދާނެހެން ހީވިއެވެ. ފިނީގައި އުޅެ އުޅެ ބޯހެދުންތަކުގެ އެހީގައި އޭނަގެ ހަށިގަނޑު އެކަމަށް ހޭނިފައިވިޔަސް މިއަދު ފިނިވަނީ ތަފާތުގޮތަކަށެވެ. ސަބަބަކީ ސެފްރަން ގާތުގައިވުމެވެ. ސެފްރަންގެ އަނބިމީހާގެ މަގާމުގައި އޭނަ ހުރުމެވެ. ސެފްރަންއަކީ ރަސްގެފާނުކަމުގައި ވުމެވެ. ގަނޑުވަރުން ބޭރުގައި ސަފުހަދާފައިވާ ޖިންނިން ބޯގުދުކޮށްލަމުން ރަސްގެފާނަށް ކުރުނީސްކުރަމުންދާތަން ފެނި އާރްޔާގެ ހިތް ނަށައިލިއެވެ.

"ޔޫ އާ އެ ކްއީން. އާރްޔާ. މިއަދުން ފެށިގެން ގަންދީޝާވެސް ކްއީން އާރްޔާއަށް ބޯލަނބަން ޖެހެނީ. ޔޯ ވިޝް އިޒް މައި ކޮމާންޑް މަލޭޑީ ކިޔާފައި ހެދުމުގެ ފަސްބައިގާ ބޮސްދޭނެ..." ހިތަށް އެރި އެއްޗަކުން އާރްޔާއަށް ރަކި ހިނިގަނޑެއް ޖަހައިލެވެން އުޅެފައިވެސް އެތައް ލޯތަކެއް ހުއްޓިފައިވާކަން އެނގި އަނގަމަތީ އަތް އަޅައިލެވިއްޖެއެވެ.

(ނުނިމޭ...)

ކޮމެންޓް 0