ކައިވެނީގެ ރަސްމިއްޔާތު ފެށުމާއެކުހެން އާރްޔާ މަޑުމަޑުން ކުރިއަށް ޖެހެމުންގޮސް ސެފްރަންމެން ތިބި ދިމާލަށް ދާންފެށިއެވެ. ސެފްރަން އާރްޔާގެ މޫނަށް ނަޒަރު ހުއްޓައިލީ ހައިރާންކަމައެކުގައެވެ. މިއީ ކޮން ދެޔޯއެއް ހެއްޔެވެ؟ ހާދަ ކުރެވެ. އާރްޔާ އަވަސް އަވަހަށް ފޯނު ނެގުމައެކު ވީޑިއޯ ކުރަން ޖައްސާލައިފިއެވެ.
"ގައިސް. އައިމް ވިތް ދަ ގްރޫމް. ހީޒް ބީންގް ފޯސްޑް ޓު މެރީ. ސެފްރަން. ޕްލީޒް ޝެއާ ޔޯ ފީލިންގްސް ވިތް އަސް............" އާރްޔާ ސެފްރަންއާއި ދިމާލަށް ކެމެރާ ދިއްކޮށްލުމާއެކު ބުނެލީ އަޑަށް ބާރުލާފައެވެ. ސެފްރަން ވަގުތުން ފޯނު އަތުލިގޮތަށް ނިވާލައިފިއެވެ. އާރްޔާގެ މޮޔަ އަމަލުން ޝާހީ އާއިލާތެރޭ އެކުއްޖާއާއިމެދު ނަފްރަތު އުފައްދާ އިތުރު އަނިޔާއެއް ލިބުމަށް ނޭދެވުނީއެވެ. އެހެން ޖިންނީންނަށް އެއީ ކުޑަ ކުއްޖެއްކަމެއް ނުވިސްނެއެވެ. އުމުރުން އެންމެ ބާރަ އަހަރަކީ ޖިންނީންގެ އުމުރާއި ބަލާއިރު އަދި ދުނިޔެއަށް ކިރިޔާ އުފަންވި ކުއްޖެއްފަދައެވެ. ޖިންނިން ތަންކޮޅެއް ގަމާރީއެވެ. އަމިއްލަ ނަސްލަށް ވިޔަސް އެ ގަމާރުކަމާއި ނުވިސްނޭ އަމަލުތައް އަބަދުހެން އޭނައަށް ފެނެއެވެ.
އިސްލާމީ އާދަކާދައިގެ މަތިން ކުރެވުނު ކައިވެންޏަށްފަހު ބޮޑު ވަލީމާ އޮތެވެ. ރަސްގެފާނުގެ ހުރިހާ ރައްޔިތުންނަށް ކެއުމަށް ދައުވަތު ދެވުނެވެ. އެއަށްފަހު ބެރާއި ތާރަ އަދި އޫދު ޖަހާ ލަަވަ ކިޔުމާއި ނެށުން އޮތެވެ. ޖިންނީންގެ ނެށުންތައް ކުޅަދާނަވެފައި ފުރިހަމައެވެ. ވައިގެ ތެރޭގައި އުޅެލާއިރު އަތުންނާއި ލޮލުން ހުޅުތައް ނެރެ މުޅި ހިސާބު ހުޅުދާންވެފައި ވާތަން ފެނި ބައެއްފަހަރު އާރްޔާފަދަ ކުޑަކުއްޖަކު ބިރުން ފިތް ކަނޑައިގެންދާ ވަރުވެއެވެ. އަލިފާން ގުޅަތައް އެކި ގޮތްގޮތަށް އަތުތެރޭ ގެންގުޅެމުން ނެށިގޮތްވެސް އެހާ ފުރިހަމައެވެ.
ވަލީމާ ނިމެންވާއިރަށް އާރްޔާ ދެވަނަ ފުރުސަތެއް ހޯދާ ސެފްރަންއާއި ކައިރިއަށް ޖެހިލިއެވެ.
"ހޭއި ފްރެންޑް. ކައިވެންޏަށް މަރުހަބާ. ވަރަށް ރީތި ކަޕްލްއެއް އިނގޭ. މި ކުޑަ ގިފްޓް ކަމުދާނެކަމަށް އުއްމީދުކުރަން..." އާރްޔާ ގްރީންލޭންޑުން ގެނުވި ކްރިސްޓަލް ޔުނިކޯން ތަޅުދަނޑި ލާ އެއްޗަކާ އަތުގައި އަޅާ ފަށް ސެފްރަންގެ އަތުތެރެއަށް ލެއްވިއެވެ. އެ މަންޒަރު ބަލަން ހުރި މިރިއަމްގެ ހިތް އާރްޔާއަށްޓަކާ ހަސަދައާއި ނަފްރަތުން ފުރުނެވެ. ދަތަށް ލެވުނު ބާރެއް ލާފައި އޭނަ ކައިރިއަށް ޖެހިލިއެވެ.
"އޭ މިހިރަ އިންސިކުއްޖާ. ލަދެއް ހަޔާތެއް ނެތި މަގޭ ފިރިމީހާއާއި އަޅައިގެން ނުނެއްޓިގެންނޭ ތިއުޅެނީ. ތިީ އަޅެއް. ނިކަމެތި އިންސިއެއް. ޖާރިޔާއެއް. ތިމާގެ ފެންވަރު ދަނެގެން އުޅެބަލަ..." މިރިއަމް އާރްޔާގެ ކަންފަތްބުޑުގައި މަޑުމަޑުން ބުނެލީ ހިނިތުންވަމުންނެވެ. ދުރުގައި ބަލަން ތިބިމީހުންނަށް މިރިއަމްގެ އެ ވިހަ ބަސްތަކެއް ނީވި އެ މަންޒަރުން ނެގޭނީ އެހެން މާނައެކެވެ. ސުލްހައާއި ލޯތްބާއި އެކުވެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ފަދަ އަމަލެކެވެ.
"ޕްރިންސެސް މިރިއަމް. ޖާރިޔާއަކަށް ޕްރިންސަކާއި ފްރެންޑެއް ނުވެވޭނެތަ؟ އައިމް ހިޒް ފްރެންޑް. އައި ލައިކް ހިމް ......" އާރްޔާ އަތުން ސައިޒް ދައްކާލަން މަސައްކަތްކުރިއެވެ. "ދިސް މަޗް......"
"މޮޔަ....." މިރިއަމް ހިތާހިތުން އަނދައިގަތެވެ.
"އަހަންނަށްވެސް ސެފްރަން ގިފްޓްސް ދޭ އެހެންވެ ސެފްރަންގެ ބިގް ޑޭގައި އެއްޗެއް ދިނީ. ނޯ ބިގް ޑީލް ދޯ. ހަމަޖެހިބަލަ. އިފް އިޓް ހާޓްސް ޔޫ................ މްމްމް. އައި އެޕޮލޮޖައިސް.." އާރްޔާ މާސްކްގެ ފަހަތުގައި ފިލާ ހުރެ ހުރިހާ ދަތްތައް ފެންނަވަރަށް ހީލިއެވެ. މިރިއަމް ހަސަދަވެރި ވަނީކަން ނޭގެއެވެ. "ޖެލަސީ" ވާން ޖެހޭ ސަބަބެއް އޮންނަން ވާނެއެވެ. އޭނައާއި ސެފްރަންގެ ގުޅުން އެންމެ ރަގަޅެއް ނޫނެވެ. އެކުވެރިއަކަށް ވާން އެންމެ ރުހޭފަދަ ކުއްޖަކަށް ސެފްރަން ވިޔަސް ސެފްރަންއާއި އަދި ބޭނުންވާ ވަރަށް އެކުވެރިއެއް ނުވެވެއެވެ. ވީއިރު އެދެމީހުން ވާހަކަދެއްކިއޭ ކިޔާފައި މިރިއަމް ގެ ލޭ ކެކޭކަށް ނުޖެހެއެވެ.
"ކުޅި ދައްކާލާނަން....." މިރިއަމް ދިން އިންޒާރުން އާރްޔާއަށް ހެވުނީއެވެ.
"އޯ ޕްރިންސެސް. އައި ފޮގޮޓް. ތިހާ ރުޅި އަންނަނީ އެންޖެލާ މަރާ އަހަންނާއި ގުޅުވާފައި ދޯ. ޓްރަސްޓްމީ. އަހަންނަށް އެނގިގެން ހިނގިކަމެއް ނޫން. ޔަގީނުންވެސް އަހަރެންގެ އިމީޑިއެޓް ފެމިލީއަކުންވެސް އެހާ ކަޑަ ކަމެއް ނުކުރާނެ. އާއިލީގޮތުން ދުރު މީހަކު ކަމެއް ކުރިޔަސް އަހަންނަށް އެކަމުގެ ރުޅި ބާލަކަށް ނުވާނެ. އަހަރެމެން އާއިލާ ސުލްހައަށް ލޯބިކުުރާނެ. އިންފެކްޓް އެންމެ ޕީސްފުލް އެއް ގައުމުގެ ގޮތުގައި ބެލެވޭ ސްވިޒަލޭންޑަށް ވިހާ ބޮޑުވީ. އައިމް ސޮރީ އެންޖެލާ މަރުވީމަ. އަހަރެންގެވެސް ސިސްމެން ތިބޭ. ޕްރިންސެސްގެ ފީލިންގްސް ތައް އަންޑަސްޓޭންޑްވޭ. ދައްތައަކު މަރުވުމުން ކުރާނެ ހިތާމަ އެނގޭ. އެހެންވެ މިބުނަނީ އަހަރެމެންނަށް އެނގިގެނެއް ނޫނޭ އެންޖެލާ މަރުވީ.........." އާރްޔާ ވާހަކަދެއްކިއިރު އެ އުމުރުގެ ކުއްޖަކަށްވުރެ ހަރުގޮތެއް ހުއްޓެވެ.
ޖިންނިންގެ ތެރޭ އޭނަ ހުރިހާ ހިނދަކު މަސްލަހަތަށް ބަަލަންވާނެކަމުގައި އާރްޔާގެ ޟަމީރު ވިސްނައިދިނެވެ. ޝާހީ އާއިލާ މީހުން އިތުރަށް ރުޅި އަރުވައިފިއްޔާ ފުރާނައާއިގެން މިތަނުން ސަލާމަތްވެވޭނެ ގޮތެއް ނުވާނެއެވެ.
މިރިއަމްގެ ހަސަދަ ގުޅިފައިވަނީ ލޯތްބާއި ކަން ގުޅުވައިލާކަށް އާރްޔާއަކަށް އޭރު ނޭގުނެވެ. އޭނަ ސެފްރަންދެކެ ރުހޭކަމަށް ބުނުމާއި ސެފްރަންއަށް އަޅާލުން ހަމަ އެކަނި އެކުވެރިކަން ކަމުގައި މިރިއަމް ނުދެކުނެވެ. ކުޑަކުއްޖަކަސް މުސްކުޅިއަކަސް ސެފްރަން އާއިހެދި މޮޔަވަނީކަމަށް މިރިއަމް ނިންމިއެވެ.
ޕާޓީއަށް ޒުއްނޫރީންގެ އާއިލާ ހާޟިރުވިޔަސް އެ މޫނުތަކުން ފައުޅުވަނީ ހިތްހަމަނުޖެހުމެވެ. ކާރމަންއަކީ ލަޝްކަރުގެ ވެރިޔާކަމުން އޭނަގެ ލޮލުން ޝުއޫރުތަކެއް ނުފެނެއެވެ. އޭނަގެ ހިތާމައާއި ހިތްދަތިކަމާއި ލޯބި ހިތުގެ ފުންމިނުގައި ވަޅުލައިފިއެވެ. ނަމަވެސް ޒުއްނޫރީން ހުރީ އެހާ ފަސޭހައިން ބަލިގަބޫލު ކުރާގޮތަކަށް ނޫނެވެ. ދަރިފުޅުގެ ހިތާމަތައް އޭނައަށް އިހުސާސްކުރެވެއެވެ. އެކަމުގެ ބަދަލު ނުހިފާ އޭނަ ހިމޭނުން ހުންނާނެކަމަށް ހީކުރުމަކީ މޮޔަކަމެކެވެ.
***
އާރްޔާއާއި ސޯރާ ޕާޓީ ނިންމާލާފައި ގްރީންލޭންޑްގެ ކުޑަ އަވަށަކަށް ޒިޔާރަތްކުރިއެވެ. ގްލޭޝިއާ މަތީ ތިބިއިރު ގަނޑުފެންތައް ވަކިވެގަންނައިރު ހޮނުގުގުރިފަދަ ބާރު އަޑެއް އިވި ކަންފަތަށް ނުކުޅަދާނަވިޔަސް އެއީ ހިތުން ނުފިލާވަރުގެ ހިތްގައިމު އާޝޯޚުކުރުވާ ފަދަ މަންޒަރެކެވެ. ފިނިގަދަކަމުން ގަނޑުވެދާ ފަދައެވެ. އެވަރުންވެސް އާރްޔާ ވީޑިއޯ ކުރަން ހުރެފައި ބައެއްފަހަރު އަތްތިލަ ޖަހާލަނީ ފޯރިއާއެކުގައެވެ.
"ސޯރާއަށް އެނގޭތަ؟ މި ދުނިޔޭގައި ގާތްގަނޑަކަށް ވަން ޕޮއިންޓް ފައިވް މިލިއަން ދިރޭތަކެތީގެ ސްޕީޝީސް އުޅޭ. ގަހާއި ޖަނަވާރުތަކާއި ބެކްޓީރިއާ ލައިކެންސްފަދަ ތަކެތިވެސް ލައިގެން މިބުނީ. އަދި ކޮންމެ ދުވަހެއްގައި އާ އެއްޗެއް ޑިސްކަވާ ކުރެވޭ. ވީމަ މިހާރު ހަތްދިހަ ފަސް ބިލިއަން ޓަންސް އޮފް ލިވިން ތިންގްސް މި ދުނިޔޭގައި އެބަވޭ. އޭގެ ތެރެއިން އަހަރެން ހާ އެޑްވެންޗަރަސް ކްރީޗާ އެއް ނުވާނެހެން ހީވާން ފަށައިފި. ހިއުމަން ކުއްޖަކަށް އާކްޓިކްގައި އުޅެވިދާނެ އެކަމަކު ޖިންނިންނާއެކު މިތާ އުޅުމުގެ ނަސީބެއް ނުލިބޭނެ. އައިމް ޑޭމް ލަކީ. އަދިވެސް އަހަންނަށް ހީވަނީ ހުވަފެނެއްގައިހެން މިއުޅެވެނީ. ސީރިޔަސްކޮށް ޖިންނިންނާއި މާރިދުންނާއެކު އެންމެ ހިއުމަންއެއް. އިންކްރެޑިބަލްދޯ. އެޑްރިން މެން މިވާހަކަ ގަބޫލެއްވެސް ނުކުރާނެ ހަހަހ ދޭ ވުޑް ޑައި ވިތް ޖެލަސީ. ރަށަށް ދެވޭ ދުވަހަކުން ވާހަކަފޮތެއް ލިޔާނަން އަލްހަމްދުލިﷲ......" އާރްޔާ ދެއަތް ދިއްކޮށްލައިގެން ހުރެ ހަޅޭއްލަވަން ފެށީ މަޖާވެފައެވެ.
"އެ ވާހަކައަށް ދޭނީ ކޮން ނަމެއްތަ؟ "
"މީ އެންޑް ބެންޖިންސް އިން އާކްޓިކް އެކަހަލަ ނަމެއް...ބެންތިކް ޖިންނި ކުރުކޮށްލާފައި ބެންޖިންސް އިނގޭ......." އާރްޔާގެ ވާހަކައިން ސޯރާ އާޝޯޚުވެ އަނގަ ހުޅުވުނެވެ. ކުޑަކުއްޖަކަށް ވާހަަކަ ލިޔަން އެނގޭނެހެއްޔެވެ؟ އޭނަ ދަންނަ ގޮތުން އެކަން ކުރެވޭނީ ހުނަރުހުރި ބަހުގެ މާހިރުންނަށެވެ.
"އާރްޔާ. މިހާރު ވަރަށް މަޖާކޮށްލެވިއްޖެ. ހިނގާ ދަމާ. ވެރިން އަހަރެމެން ގެއްލިގެން ހޯދަން ވެއްޖެއްޔާ މައްސަލައަކަށް ވެދާނެ....."ސޯރާ އަރްޔާގެ އަތުގައި ހިފެހެއްޓިއެވެ. "ލޯ މަރާލާ........"
"ލޯ ހުޅުވައިގެން ހުރީމައެއްނު ސޯރާގެ މެޖިކް ދަސްވާނީ. ތިގޮތަށް އަހަރެން ސްވިޒްލެންޑަށް ގެންގޮސްދީބަ. ލޯ ހުޅުވާލާއިރަށް ކަނޑު ކަޑައްތުކޮށް ރަށުތެރޭ ވިއްޔަ ހުރެވެނީ.............." އާރްޔާ ބުނެލިއެވެ.
"މިސަރަހައްދުން ބޭރަށް ގޮއްސިއްޔާ އަހަރެން އަންދާލާނެ...އަހަންނަކީ އަޅެއް..އެކަމަކު ކެތްކުރޭ ކޮންމެވެސް ދުވަހަކުން އެހީވާނަން.........................." ސޯރާ ދަތްތައް ދައްކައިލަމުން ހީލިއެވެ.
***
ސެފްރަންއާއި މިރިއަމްގެ ކައިވެނީގެ ހަދިޔާއެއްގެ ގޮތުން ރަސްގެފާނު ތައްޔާރުކޮށްދިނީ އެމީހުންގެ ބާރު ހިނގާ ސަރަހައްދާއި ކައިރީގައި އޮތް ފެހިކަން ގަދަ ވާދީއެއްގައިވާ ފަރުބަދައެއްގެ މަތީ ހުރި ގަނޑުވަރެކެވެ. އެތަން ބަލަހައްޓަން އިތުބާރުކުރެވޭފަދަ ސިފައިންގެ ލަޝްކަރެއް ފޮނުވިއެވެ. ބަހާރު މޫސުމްކަމުން ގަނޑުފެނުގެ ތެރެއިން ކުލަކުލައިގެ މާތައް ބޯދިއްކޮށްލަނީ އާ އުއްމީދުތަކާއެކުގައެވެ. ފަރުބަދަމަތި އަދިވެސް އޮތީ ގަނޑުފެނުގެ ޗާދަރު އޮޅާލައިގެންނެވެ. ގުދުރަތީ ރީތިކަމުން ފުރިފައިވާ އެ ޖަންގަލީތެރޭގައި އިންސާނުންގެ ލޯތަކަށް ނިވާވެފައިވާ ގަނޑުވަރުގެ ފާރުތައް އަގުހުރި މާބްލްއިން ހަދާފައިވާއިރު ޔާގޫތާއި އެމެރަލްޑް އަދި ނީލަންފަދަ އަގުބޮޑު ޖަވާހިރާއި މައުދަންތަކުން ހުރިހާތަނެއް ވިދައެވެ. ބިތްތަކުގައި ގޮމަކަސްތޫރި އުގުޅާފައެވެ. ރަސްކަލުން ނިދާއުޅޭ ބޮޑު ދާންތަކުގެ ވަށައިގެން ކަފަފަދަ މަޑު ސަދުވާތަކެވެ. މޭޒުތައް އަދި އަރާމު ސޯފާ ގޮނޑިތައް ފަށުވި އަދި މޮޅު ފޭރާންތަކުން ޖަރީވެފައިވާއިރު ބިންމަތީގައި ބޯ ދޫލަތަކެވެ. ޖަވާހިރާއި ރިހީގެ ކަންވާރުތަކެވެ.
ސެފްރަންއާއި މިރިއަމް އެރި އަސްގާޑިޔާ ދުއްވަން ހަ އަސްވެއެވެ. އޭގައި އިށީންނަން ހަދާފައިވާ ބައި ކަސަބާއި ރަނުން ޖަރީކޮށް ގޮދަޑި ޖަހާފައި ހުރިއިރު ފުރޮޅުތައްވެސް ވަނީ ރަނުންނެވެ. ނިކަން ޝާހީވެފައި ހިތްގައިމެވެ. އަސްގާޑިޔާ ޖަންގަލީ ތެރެއިން އޭގެ އެންމެ ހަލުވި މިނުގައި ދަތުރުކުރަމުންގޮސް މާ ގިނައިރުތަކެއްނުވެ އެމީހުންގެ މަންޒިލަށް ފޯރައިފިއެވެ. ކައިވެނި ކުރެވުނު ޝާހީ ދެކަނބަލުންނަށްޓަކާ ހަށިފާރަވެރިން ދޮރު ހުޅުވައިލަދިނެވެ. އެތެރެއަށްވަދެ ދެމަފިރިން އެކަނި ވުމާއެކު ސެފްރަން ފިނި ބެލުމަކުން މިރިއަމްއަށް ނަޒަރު ހިންގައިލިއެވެ.
"މިރިއަމް ބޮޑާ ހާކައިގެން ކައިވެނި ކޮށްފި. އެގޮތަށް މަޖުބޫރުކޮށްގެން އަހަރެމެން ދޭތެރޭ އޮތް އެއްބަނޑު އެއްބަފާކަމުގެ ގުޅުންވެސް ކަނޑައިލީ. އަހަރެން ދެކުނީ ތިއީ އަންހެންކޮއްކޮގެ ގޮތުގައި. މިއަދު މިރިއަމް ބޭނުން ފުރިހަމަވެއްޖެ. ދެން ބައްޕަ ގާތު ބުނޭ ވައުދު ފުއްދާށޭ....." ސެފްރަންގެ ކްރިމްސަން ދެލޮލުން ފާޅުވޭވޭ ހުރީ ބީރައްޓެހިކަމެވެ.
"ސެފް. ރަސްކަން ބޭނުމީ؟ "
"އާނ. ކީއްވެ ނުވާންވީ........" ސެފްރަން ބުނެލިއެވެ.
"ބައްޕަ ނުދެއްވައިފިއްޔާ...."
"ރަސްކަލުން ދޮގެއް ނަހަދާނެ. ވައުދެއްކޮށްފިނަމަ އެވައުދެއް ފުއްދުމަކީ ޖިންނި ރަސްކަލުންވެސް ފަރުވާތެރިކަމާއެކު ކުރާކަމެއް. ނޫނީ ކޮން އިތުބާރެއް އޮންނާނީ؟ އަހަރެން ޖަވާބަކަށް އިންތިޒާރުކުރާނަން...." ސެފްރަން އަނެއް ފަރާތަށް އެނބުރުނެވެ.
"ތިކަން ވާނެ އިންޝާﷲ.." މިރިއަމް މޮޅިވެރިވިއެވެ.
ސެފްރަން ގެ ހިތުގައި އޭނަގެ މައްޗަށް ލޯބީގެ ކުނޑިފަށެއްހާ މިންވަރުވެސް ނުވަނީހެއްޔެވެ؟ އޭނަގެ ގައިގާ މަދީ ކޮންކަމެއްހެއްޔެވެ؟ ސެފްރަންދެކެ އޭނައަށް ލޯބިވެވިއްޖެއެވެ. ވަރަށް ބޮޑަށެވެ. އެންޖެލާއާއި ގުޅުމެއްނެތް ކަން އެނގުމުން އެކަމުން އިތުރު ހިތްވަރެއް ލިބުނެވެ. ދުނިޔެއާއި ހަގުރާމަކޮށްގެންވެސް އޭނަ ސެފްރަން އޭނަގެ މިލްކަކަށް ހަދާނެއެވެ. ނަފްރަތަކީ ލޯބީގެ ފެށުމެވެ. ނަފްރަތުގެ އެ އޮށް ނަގާ އެއްލާލާ ލޯބީގެ އޮށުން ގަސްހެދި ފޮނި މޭވާ ލިބޭނެ ދުވަހަކަށް އިންތިޒާރު ކުރެވެން ފެށިއެވެ. މިރިއަމް ދެލޯ މަރައިލިއިރު އެސްފިޔަތަކަށް ކަރުނަ ޖަމާވެއްޖެއެވެ.
"ސެފް. ރުޅިތަ؟ "
ސެފްރަން ޖަވާބެއް ނުދިނެވެ. މި ގަނޑުވަރަށް އައުމުން އިހުސާސްކުރެވުނު ފަޅުކަމާ އެކަނިވެރިކަމުގެ ތެރޭ އޭނަގެ ރޫހު ގެނބެމުންދަނީއެވެ.
"ސެފް ހިތުގައި ޖައްސާ ކުރެވުނު އަނިޔާތަކަށް މާފަށް އެދެން....." މިރިއަމް ބުނެލިއެވެ.
ސެފްރަން އާއި މިރިއަމްގެ ވާހަކަތައް މެދުކެނޑުނީ ހުނުމެއްގެ އަޑުއިވިފައެވެ. ސެފްރަން ހައިރާންކަމާއެކު ބޭރަށް ބަލައިލިއިރު އާރްޔާ ހުރީ ދެތިން ފޫޓުް ދުރުގައެވެ. ސޯރާ ރިފްކާ އަދި ޕަރީ ސެފްރަންމެން ބަލައިލުމާއެކު އިހުތިރާމާ އަދަބުވެރިކަން ފައުޅުކުރަން ގުދުވެލިއެވެ.
"ޒޭބް އަޅުަގަނޑުމެން މި ގަނޑުވަރަށް ލައިދިނީ. އަސްގާޑިޔަލުގައި މަޖާ ދަތުރެއް ކުރެވުނީ......." އާރްޔާ ލާނެތް ގޮތަކަށް ހީލިއެވެ.
"ކަލެއަށް ލައުނަތް ހުރި. އަހަރެންގެ ފަހަތުގައި ޖައްސާލާފަތަ ހުންނާނީ؟ " މިރިއަމް އާރްޔާއައި ދިމާލަށް ފުންމައިގަތެވެ. ސެފްރަން އެދޭތެރެއަށް ވަދެ މިރިއަމް ހުއްޓުވިއެވެ.
"މިރިއަމް މައްސަލައަކަށް ހަދާނެކަމެއް ނެތް. އަހަރެންގެ ގާތު ފެށުނީއްސުރެ ޚާދިމާއިންނަށް އުޅުނު ކުދިން ވީމަ ގެންނާން އަޒްކީލް ގާތު ބުނެފައި ވާނީ. އެހެންވެ އަޒްކީލްގެ އަންހެނުންނާއެކު އެކުދިން ފޮނުވީ. އަހަންނާއިއެކު އުޅެންޏާ އަހަރެން ގެ ބޭނުންތަކަށް އިހުތިރާމް ކުރޭ..........................." ސެފްރަންގެ އަޑު މަޑުވިޔަސް ނުރައްކާތެރި ރުންކުރުގޮތެއްވިއެވެ. ސެފްރަން އެހާ ޅައިރުވެސް މިހިރަ ސީރިޔަސްކަމެކެވެ. މިރިއަމް އަޑުއެހިގޮތުން ސެފްރަންއަށް ވާނީ ވިއްސަކަށް އަހަރެވެ. ޖިންނީންނާއި ބަލާއިރު ކިރުތުނބުން ނުވީއްލޭ ޅަ ކުއްޖެވެ. ނަމަވެސް ސެފްރަންގެ "ޖީން" ތަފާތެވެ. އެ އުމުރުގައި ދެއްވާފައިވާ ވިސްނުމާއި އިލްމު އަދި ހުނަރުތަކުން އަޒްކީލްމެންފަދަ ގަރުނަކަށް ދުނިޔޭގައި އުޅެފައިވާ ޒުވާން ޖިންނީންނާއި ވާދަކުރެވޭވަރުވެއެވެ.
ސެފްރަން ޒުވާންވި ވަރަކަށް އޭނަގެ ބާރުވެސް ގަދަވާނެކަން ނޭގެއެވެ.
ސެފްރަން ހަރު ހިނގުމެއްގައި ގޮސް އެންމެ ބޮޑުކޮޓަރިއަށް ވަނެވެ. ބިއްލޫރި ދޮރުތަކުން ފެންނާން އޮތީ ގަސްތަކާއި ކޯރެކެވެ. ކޯރުގެ އައްސޭރީގައި ކުލަކުލައިގެ މާތައް ފޮޅިފައިވާއިރު ކުރެހުމެއް ފަދައެވެ.
"މިރިއަމް. އާރްޔާއަށް އެއްވެސް ގެއްލުމެއް ގޯނާއެއް ކޮށްގެން ނުވާނެ. އެއީ ކުޑަކުއްޖެއް. ދީނުގައިވެސް ނޯވޭ އިންސިންނަށް ގޯނާކުރަން. އަހަރެން މިހިރަ މާތް ދީންދެކެ އިންތިހާއަށް ލޯބިވޭ..............." ސެފްރަން ކޯޓުގެ ޖީބަށް އަތްޖެހިއެވެ.
"އާ......" މިރިއަމް އެތެރެ އެތެރެއިން ހަޅޭއްލަވައިގަތެވެ. ލޮލަށް ރުޅިވެރިކަމުގެ ކަރުނަތައް ބޮނޑި ވި ނަމަވެސް އޭނަ ކެތްކުރިއެވެ. ސެފްރަންގެ ލޯބި ހޯދަން އޭނަ އަމިއްލަ ނަފުސާއި ހަގުރާމަކޮށް ކުރި އަތުލާނެއެވެ. ސެފްރަން އާރްޔާގެ ދިފާއުގައި ވާހަކަދެއްކުމަކީ އޭނައަށް ކެތްވާވަރުގެ ކަމެއް ނޫނެވެ. އިންސިންދެކެ ރުޅި އަންނަކަމަށް ދައުވާ ކުރާ މީހާގެ ހިތް ބަދަލުވީ ކީއްވެހެއްޔެވެ؟
***
އިރުގެ ރަންދޯދިތައް ކޯރުގެ ރާޅުތަކުގެ ތެރެއަށް ގެއްލުނު މަންޒަރު ވީޑިއޯ ކުރަން އާރްޔާ ކޯރުގެ އައްސޭރީގައި ހުރިއިރު އޭނަ ހުރީ ފިޔާތޮށްޓާއި ދަނބުކުލަ އެކުލެވޭ ހެދުމަކާއި އައިސްބްލޫ ޖިންސަަކާއެކު މަތިން ޖެކެޓްކޮޅެއް ލައިގެންނެވެ. އެ ދިގު އިސްކޮޅާއި ރީތި ވަނާތައް ފައުޅުވާފަދަ ހެދުމެކެވެ. އިސްތަށިގަނޑު ނިވާކޮށްފައިއޮތީ ފަށުވި ސްކާފްކޮޅަކުންނެވެ. ބަހާރު މޫސުމްގެ ހިތްފަސޭހަ ދުވަހާއި ގުޅޭފަދަ އެހެދުމުގައި އާރްޔާގެ ހަރަކާތްތައް ދެކެން ކުޑަދޮރު ކައިރީ ހުރި މިރިއަމްގެ ދަތްތައް ބިންދައިގެން ދާވަރުވިއެވެ. އާރްޔާ ކޮކާތަކެއް އަތުލަން ދުވެ ދުވެ ހީހީފައި އުޅުނީ އެއްވެސް ޚިޔާލެއް ފިކުރެއްނެތް ކުއްޖެއްހެންނެވެ. ކޮކާލެއް އަތުނުވުމުން އުޅެގަތީ ކުލަކުލައިގެ މާތައް ބިނުމަށެވެ.
"އެކުއްޖާ މަރައިލާނީ ކިހިނެއްބާ. ކާއެއްޗެއްސަށް ޒަހަރު ލާނީ. އެކުއްޖާ ބޮޑުވާންދެން ހައްޔަރުކޮށްގެން ބަހައްޓާފައި ގަތުލުކުރާ ވާހަކަ މަންމަ ބުނާއިރު އެހިސާބަށް ދާއިރު އަހަރެން އަތުން މަގޭ ފިރިމީހާ ޖަހާ ނުގަންނާނެކަމެއް ނޭގޭ. އެ ދެލޯ ކޮނެލާފައި ކޯރަށް އެއްލާލާނީ. ކިނބުލަކަށް ކާން ދޭނީ..ޒަހަރުލާނީ. މި އިންސިއަކީ ޕޮއިޒަން އައިވީއަކަށް ވުރެ ވިހަގަދަ ކުޑަ ކުޑަ މަޚުލޫގެއް. މީތި ނައްތާލަން ޖެހޭނީ އެހެން ފުރާނައަކަށް އެނގުން ނުވާ ފަދައިން....." މިރިއަމް އަތުކޮޅަށް ދޮރު ޖަހައިލުމުން ފާރުތައް ގުޑައިލިއެވެ. މިރިއަމް ނުކުމެފައި އޭނަގެ ޚާއްސަ ޚާދިމާއަށް ގޮވާލާފައި ޝަރުބަތު ތަށްޓެއް ގެނެސްދޭން އެދުނެވެ. އިރުކޮޅެއްގެ ތެރޭ ރަން ތަބަކެއްގައި ރިހި ތަށްޓެއްގައި ޝަރުބަތު ތަށި ހިފައިގެން ޚާދިމާ ފައުޅުވިއެވެ. މިރިއަމް އިށީދެލީ އުނދޯއްޔެއްގައެވެ. ޚާދިމާ އަދަބުވެރިކަމާއެކު ކުރިމަތީގައި ހުއްޓިލައިގެން ހުރީ އިޝާރާތަކަށް ބަލަަބަލައެވެ.
"ހޭއި....." ސެފްރަންގެ އަޑު ދާދި ގާތުން އިވުމުން އާރްޔާ އެނބުރުނެވެ.
"ހައި ސެފްރަން..." އާރްޔާ އޭނަގެ އަތުގައި އޮތް ކުލަ ކުލައިގެ ވަލު މާތަކުގެ ބުކޭ ސެފްރަންއަށް ދިއްކޮށްލުމުން ސެފްރަން އޭގައި ހިފިއެވެ. "މަލަށް އެލާޖިކް ނުވާނެކަމަށް ހީކުރަން. އައި ހޭޑް އެ ފްރެންޑް. އޭނަ ފްލާވާސްތަކަށް އެލާޖިކްވޭ....އެކަމަކު ތިއީ ޖިންނިއެއް..ސޯ ޔޫ ވިލް ބީ އިމޯޓަލް ދޯ..ނުބައިކޮށް މިބުނީ. ޖިންނިންވެސް މަރުވާނެ އެކަމަކު މަރާލާކަށް ފަސޭހައެއް ނުވާނެ."
"ހެހެ. މި ވަރަށް ލޯބި.." އާރްޔާގެ އުފާވެރިކަން ސެފްރަންއާއި ހިއްސާކުރިފަދައެވެ. އާއްމުކޮށް ނުފެންނަ އެ ހިތްގައިމު ހިނިތުންވުން ފާޅުވިއެވެ.
"އަސްލު އަހަރެން މިއައީ ވާހަކައެއް ބުނަން..ވަރަށް ސީރިއަސް ވާހަކައެއް.." ސެފްރަންގެ ހިނިތުންވުން ގެއްލި ސީރިޔަސްވެލިއެވެ.
(ނުނިމޭ...)