ސެފްރަން ގަނޑުވަރަށް ވަންނާން އައިތަން ފެނި ފާރަވެރިން ކުރުނީސްކުރަން ފެށިއެވެ. އަދަބުވެރިކަމާއެކު އިސްޖަހާލައިގެން ތިބެފައި ފާރަވެރިންގެ އިސްވެރިޔާ ސެފްރަންއަށް ދިނީ ސެފްރަންގެ ހިތް ގުޑުވައިލި ޚަބަރެކެވެ. އެއާއެކު އޭނަ ގޮށްމުށްކަވައިލާފައި ލޯ ހަނިކޮށްލިގޮތުން ބިރުގަންނަ ދަރަޖައަށް ރުޅިގަދަވިކަން އެނގި ފާރަވެރިން ކުރިއަށްވުރެ އިސްޖެހުނެވެ.

"އާރްޔާ ގެއްލުނީއޭ. ކީއްވެ އެހެންވާންވީ؟ "ސެފްރަން އަމިއްލަ ޟަމީރާއި ސުވާލުކޮށްލިއެވެ.

"ކަލޭމެންނަށް ރަގަޅަށް ވަޒީފާ އަދާ ނުކުރެވުނުކަން މަށަށް މި އެގުނީ. މަގޭ ވައިފްއަށް ކުޑަ ކުޑަ ކަމެއް ދިމާވިޔަސް އެންމެން މަރާލާނަން ހަދާން ކުރާތި.........." ސެފްރަން ލޯ އަޅައިލިއެވެ. ކަމަރުގައިވާ ޚަންޖަރު އުރައިން ދަމައިގަތްއިރު ހަރުލި ތޫނު އަޑުން ލޭ އޮހޮރޭފަދައެވެ. އޭނަ ޚަންޖަރު ޖެއްސީ ވާހަކަދެއްކި ފާރަވެރިޔާގެ ކަނދުރާގައެވެ. މިޔަތޫނުކަމުން ކިރިޔާ ހަން ނުގޮސް ހުރިކަމެވެ. އިރުކޮޅެއް ނުވެ އަލިފާނުގެ ކަނިތައް ބުރަންފެށިއެވެ. ސެފްރަންއާއި ފާރަވެރިޔާގެ މޮޅިވެރި ދެލޮލާއި ހަތަރުކަޅި ހަމަވިއެވެ. ސެފްރަންގެ ހިތަށް ހަމްދަރުދީވަނީ ކަން ނޭގެއެވެ. އޭނަ ކަނޑި ދަމައިގެންފާ ކަމަރަށް ލެއްވިއެވެ. އަދި ފާރަވެރިޔާގެ ބުރަކަށީގައި ފިރުމައިލި ގޮތުން ބަލަން ތިބި އެންމެނަށް އެއިން ނެގުނީ އެންމެ މާނައެކެވެ. އޭނަ ފާރަވެރިންނަށް މާފުދީފިއެވެ. އަދުލުވެރި ހިތްހެޔޮ ރަސްކަލެއްކަން ސާބިތުކޮށްދީފިއެވެ.

ސެފްރަން ކަކޫމައްޗަށް ތިރިވިގޮތަށް ޒަޚަމްވެފައިވާ ޖަނަވާރެއްފަދައިން އޭނަ ހަޅޭއްލަވައިގަތެވެ. މުޅި އެ ސަރަހައްދުވެސް ގުޑައިލިއެވެ.

"ކްއީން އާރްޔާ ހުރި ތަނަކުން ހޯދައިގެން ގެނޭ" ސެފްރަން އޭނަގެ ލަޝްކަރަށް އަމުރުކުރުމާއެކު ގޮށްފުޅަނގި ތަކެއްހެން ޖައްވު ފުރައިލިއެވެ.


***

ސެފްރަންގެ ލަޝްކަރު އެހެން ދިމާލަކަށް މިސްރާބު ޖެހިއިރު އެލިއަސްގެ ލަޝްކަރުން އަޒްކީލް އޮތް ހޮހަޅައަށް ވަދެގަތެވެ. އެތާ ތިބިހާ ފާރަވެރިން މަރައިލާފާ އޭނަ ސަލާމަތްކޮށްގެން ކަނޑުއަޑީގައިވާ އަޒްކީލްގެ ގަނޑުވަރަށް ގެންދިޔައެވެ. އަޒްކީލް ހޭވެރިކަންވީއިރު އޭނަގެ އަތުގައި ހިފައިގެން ފިރުމާލަފިރުމާާލާ އިނީ ދޮންމަންމަ ގަންދީޝާއެވެ. އެނދުގެ މަގަތުގައި އެލިއަސް އާއި އެހެން ކޮއްކޮމެންނެވެ. މިރިއަމްއެވެ. އެންމެންގެ ލޯތަކުން ފެންނަނީ ކަންބޮޑުވުމެވެ.

"އަޒްކީލް ދަރިފުޅާ. ބެންތިކް އައިލެންޑްގައި ހަގުރާމަ ފެށިއްޖެ. ޒޭބްވެސް ބޭވަފާތެރިވީ. ދަރިފުޅަށް އޮޅުވާލައިގެން އޭއްޗެކޭ މީއްޗެކޭ ކިޔައިގެން އުޅުނަސް އޭނައާއި ސެފްރަންގެ ސިއްރު ގުޅުން އެންމެނަށް ފަޅާ އަރައިފި....." ގަންދީޝާ އަޒްކީލްގެ ނިތަށް ބޮސްދިނެވެ. އަޒްކީލް އެއްޗެކޭ ބުނަން މަސައްކަތްކުރިޔަސް ދޫ ހަރަކާތެއް ނުކުރިއެވެ. ލޮލުގައި ގިނަވެގަތް ކަރުނަތައް ލޮލުގެ ހިމަކޮޅުން ފައިބައިގަތް ގޮތަށް ދޫނިފަތުގެ ބާލީހަށް ވަންނަން ފެށިއެވެ.

"މަންމަ އެބުނީ ތެދެއް. ޒޭބްއަކީ މަކަރުވެރިއެއް. އޭނައާއި ސެފްރަން ރާވައިގެން ބޭބެ މަރައިލަން އުޅުނީ........" އެލިއަސް ރުޅިވެރިގޮތަކަށް ބުމަ ކައިރިކޮށްލަމުން ގޮށްމުށްކަވައިލިއެވެ. އޭނަ ސެފްރަންގެ ފަރާތުން ވޭންދެނިވި ގޮތަކަށް ބަދަލު ހިފާނެއެވެ.

"މިހިރީ ސޫޕް. އެތިފޮދެއް ބޯލާ..." ސަމުސަލުން އަޒްކީލަށް ކުކުޅު ސުރުވާފޮދެއް އަނގަޔަށް ލައްވަން ގަންދީޝާ މަސައްކަތްކުރިއެވެ. އަޒްކީލް ދަތްޕިލާ ޖައްސާ ބާރުކޮށްލިއެވެ.

އެލިއަސް ގަނޑުވަރުން ނުކުމެފައި އޭނަ އެންމެ އިތުބާރުކުރާ ވަފާތެރި ޚާދިމް ގާތު އެދުނީ އަޒްކީލްއަށް ފާރަވެރިވުމަށެވެ. ދާރިންއަށް ޒަހަރުދީ މަރައިލި ފަރާތުން އަޒްކީލްގެ ފުރާނަ ދުއްވައިލަން ވަންހަނާވެގެންވާ ދުޝްމިނުން މަސައްކަތްކުރާނެއެވެ. ލޯ ހުޅުވައިގެން ރަގަޅަށް ހުރިހާ ކަމެއް ބަލަން އޭނަ އަމުރުކުރިއެވެ.

"އަހަރެން ސެފްރަންއާއި ހަގުރާމައަށް ދާން އެބަޖެހޭ. އެހެންވީމަ ސުލްތާން އަޒްކީލް ގާތު އަބަދު ހުރެވޭކަށް ނެތް. އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ދުޝްމަނުން ނައްތާލާނަން............" އެލިއަސް ހިތާހިތުން ވައުދުވިއެވެ.


***

އެލިއަސް އެމީހުން ކޮޅަށް އަނބުރާލެވުނުކަމަށްޓަކާ ގަންދީޝާއާއި ޒުއްނޫރީން ތިބީ އުފަލުން ފޮޅިފައެވެ. ކާރލީންގެ ކާފަރު ލަޝްކަރުގެ މަދަދު ހޯދައިގެންވެސް ސެފްރަން ބަލިކޮށްލަން އެލިއަސްވެސް ވަނީ ކަމަރު ބަދެފައެވެ.

ޒުއްނޫރީންގެ އާއިލާއާއެކު ކެއުމަކަށް ގަންދީޝާއާއި މިރިއަމްއަށް ދައުވަތުދިނެވެ. ގަނޑުވަރުން ބޭރުގައި ސްނޯމަތީ ސުފުރާ ފަތުރާފައިވާއިރު އަނދަ އަނދާ ހުރި ކުޑަ އަލިފާންގަނޑެއްގެ އަލިކަން ފިޔަވާ މުޅި ކާއިނާތުވެސް އަނދިރީގެ ތެރެއަށް ގެނބިފައިވާފަދައެވެ. އިންސާނަކަށް އެ މަންޒަރު ފެނުނުނަމަ ހިތަށް ބިރުވެރިކަން ވަންނާނެއެވެ. އެމީހުންނަށް ޖިންނިން ސިފަވާނީ ކަޅު ބިޔަ ހިޔަނިތައް ފަދައިންނެވެ. ކައި ނިމިގެން އެންމެން ގަނޑުވަރަށް ވަންނާން ހިނގައިގަތުމުން މިރިއަމް ގޮވައިލީ ޖެހިލުންވެފައެވެ. ކާރމަންގެ ފިޔަވަޅުތައް ހުއްޓުނެވެ.

"ކާރ އެބައޮތް ވާހަކައެއް ބުނެލަން..." މިރިއަމް ޖެހިލުންވެފައި ހުރެ ބުނެލިއެވެ.

"ބުނޭ..." ކާރމަން އެނބުރުނެވެ.

"ކީއްވެ ތިހާ ދުރުން އުޅެނީ؟ " މިރިއަމް އެހިއެވެ.

"އެހާ ގާތުން އުޅެން ޖެހޭސަބަބެއް ނެތީމަ.." ކާރމަން ބަލަން ހުރީ މާދުރަށެވެ. ސްނޯވެހުން ބޯކޮށްލިއެވެ. ފަޒާގައި ފުރަތަމަ ފެނުނު ހުދު އެތިކޮޅުތައް ގިނަވަމުންގޮސް މުޅި ސަރަހައްދުގައި އެކި ސައިޒްގެ ސްނޯތައް ނަށަމުން ފުމެމުންގޮސް ބިންމަތީގަޔާއި ޖެހުނުތާކު ހަރުލާން ފެށިއެވެ. އެކި ދިމާލުން ފެންނަނީ ސްނޯ ފުނިތަކެވެ. ގަސްތަކުގެ ގޮފިތައް ގަނޑުފެނުގެ ބުރަދަނަށް ކުޅަދާނަ ނުވެގެން ލެނބިފައެވެ. ކާރމަންއާއި މިރިއަމްގެ ހަށިގަނޑުގެ ހޫނުކަމުން ޖެހޭ ސްނޯތައް ވިރިގެން އާތްވަށް ވިއެވެ.

"އެހާ ލޯބިވާ ވާހަކަ ބުނެފައި އެހާ ވަރުން އެހާ ގާތްކޮށް އުޅެފައި މިއަދު އެކަނިވެރިވެ އެހީތެރިއަކަށް ބޭނުންވި ދުވަހު ދުރަށް ދާން އެނގުނީ؟ އަހަރެން ކާރ ބޭނުމޭ ބުނެފިއްޔާ. އިއްޔެވެސް މިއަދުވެސް މިއީ ހަމައެކަނި ކާރގެ ހައްގެއްކަން އެނގެއެއްނު. ސެފްރަން ދުވަހަކު އަހަރެންގެ ގައިގާ އަތެއް ނުލާ............" މިރިއަމް ބުނެލިއެވެ.

"ތި ދައްކަނީ މާޒީގެ ވާހަކަ. އަހަރެން އެލޯބި ހިތުގެ އެންމެ ފުން މިނުގައި ވަޅުލައިފިން...." ކާރމަން އެހެން ބުންޏަސް އޭނަ މިރިއަމްދެކެ ވީ ލޯތްބާއި ކުރި ވޭނީ އިންތިޒާރު އެނގެނީ އޭނަގެ ހިތަށެވެ. ހާދަ ދުވަހަކަށް އިންތިޒާރު ކުރެވިއްޖެއެވެ. ދުވަހެއްގެ ކޮޅުންވެސް އޭގެ މިސްރާބު ބަދަލުވެ މިރިއަމް އޭނައަށް އާދޭސްކުރަމުން ފަހަތުން އަންނާން ޖެހިދާނެކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ.

"ނޫން ތިއީ ދޮގެކޭ ބުނޭ. ހެޔޮނުވާނެ. ރަހުމްކުރޭ. ޖިންނިންނަށް ކީއްކުރަން އެކުވެރިންނަށް ފެންނަންވެސް ލަދުގަނޭ. އެންމެން މަލާމާތްކުރޭ. ކާރގެ ސަބަބުން އަހަރެންގެ ގައުމުގައި އަހަރެން ބަދުނާމު ވެއްޖެ. ކެންޝިންއަކީ ސެފްރަންގެ ދަރިއެއް ނޫންކަން ނުދަންނަ އެކަކުވެސް ނެތް. ކާރ. ތިހެން ނަހަދާ..." މިރިއަމް ކުއްލިއަކަށް ކާރމަންގެ ފައިމައްޗަށް ވެއްޓިގަނެގެން ރޮއިގަތެވެ.

"އާދޭސްކުރަން. ރަހުމް ކުރޭ....."

ކާރމަން ފަހަތަށް ޖެހުނެވެ.

"ބުނަން މިރިއަމް. އަހަރެން އެއް އިރެއްގައި މިރިއަމްދެކެ ލޯބިވިން. ނަމަވެސް އޭރު މިރިއަމް މައުސޫމް ސަފު ތާހިރު ހިތެއްގެ ވެރިއެއްކަމަށް ހީކުރީ. އަހަންނަނީ މާތްﷲގެ މަގުގައި ހަގުރާމަކުރާ ޖިންނިއެއް. ލަޝްކަރުގެ ވެރިޔާ. ކާފަރު ޖިންނިންނާއި ހަގުރާމަކުރުމުގައި ޝަހީދެއްގެ ލަގަބު ލިބުމަކީ ހަޔާތުގެ މަގުސަދު. ދުނިޔޭގެ އުފާތައް މިއަދު މަށަކަށް މުހިއްމެއްނޫން. ކުރެވުނު ކުށުގެ ކައްފާރާއެއްކަމަށް އަހަރެން ދެކެނީ ހަގުރާމަކޮށްފައި ދުނިޔެއާއި ވަކިވުން.. އެކަމަކު ބުނެފާނަން ވާހަކައެއް. ދެދުނިޔޭގެ ނަސީބު ހޯދުމަށް މޫމިނުން ދުއާކުރެއެއްނު. މިރިއަމް ލިބިއްޖެއްޔާ ދުނިޔެއިން ބޭނުންވާ އެއްޗެއް ލިބުނީ. އެކަމަކު ލޯބިވާނީވެސް މާތްﷲއަށްޓަކާ. މިރިއަމްގެ އުޅުމާއި މިޒާޖު އަހަންނަށް މިހާރު ކަމަކުނުދޭ. ހަސަދަވެރިކަމާއި އަމިއްލަ އެދުން ބޮޑުކަމާއި މާއްދީ އުފާތަކާއި ހެދި ކުށްތަކަށް އަރައިގަތުން ގަބޫލެއް ނުކުރެވޭ. މިރިއަމް ސޯލިހު އަންހެނަކަށްވީ ދުވަހަކުން އަހަރެންގެ އަންބެއް ކަމަށް ބަލައިގެންފާނަން. އެނޫނިއްޔާ އެކަމެއް ނުވާނެ.. އަދިވެސް މިރިއަމް ތިއުޅެނީ އަހަންނާއިހެދި އެއްނޫން. އެހެން ފަރާތްތަކުގެ މަލާމާތަށް ބިރުން. ބަދުނާމުވެދާނެތީ ލޮލުގައި އަނދުން އަޅުވަންވެގެން. އެއީ ލޯތްބެއް ނޫން. އެއަށް ދޭނެ ނަމަވެސް މަށަކަށްވެސް ނޭގޭ......................" ކާރމަން މިރިއަމް ރޯން ދޫކޮށްފައި އެތަނުން ދިޔައީ ދުުރު ދުރުގައި ފިޔަވަޅު އަޅަމުން އެންމެ ހަރު ހިނގުމުގައެވެ. މިރިއަމްއާއި ވީހާވެސް ދުރަށް ދާން ބޭނުންވެފައިވާވަރު މިރިއަމްއަށް ސާބިތުކޮށްދީފައެވެ.


***

"މަންމާ ޒުއްނޫރީން ބޮޑުދައިތާ. ކާރމަން ވަރަށް ބޯހަރު. ހަރުކަށި. އޭނަ އަޅުގަނޑުގެ ހުށަހެޅުމަށް އިންކާރުކޮށްފި. ސާލިހު އަންހެނަކަށް ވި ދުވަހަކުން ކައިވެނިކޮށްފާނަމޭ..." މިރިއަމް ރުޅިގަނޑު މައިތިރި ކުރަން މަސައްކަތް ކުރިއެވެ. ގަންދީޝާއާއި ޒުއްނޫރީން އަނގަ ހުޅުވިފައި ތިބެ އެކަކު އަނެކަކަށް ބަލައިލިއެވެ. ދެޖިންނީންގެ އެންމެ ބޮޑު އެދުމަކީ މި ކައިވެނި ކުރެވި ކާރމަން ރަސްކަމުގެ ތަޚުތަށް ރެދަލި ވުމެވެ.

"ޝޭޚު ކަހީޖު ގެނެސްގެން މިއަދުން ފެށިގެން މިރިއަމް ދީން ރަގަޅަށް އުނގެނި ކާރމަން އެބުނާފަދަ އަޅުވެރި އަންހެންކުއްޖަކަށް ވޭ. އެންމެ ސިކުންތުކޮޅެއްވެސް ލަސްކުރާނެކަމެއް ނެތް. ހަމަ މިހާރު ޝޭޚު މިގެންނަނީ.........." ގަންދީޝާ އިނީ ކަޅިއަޅާލައިގެންނެވެ. އޭނަގެ ހުރިހާ ރޭވުންތައް ފެނަށްވިޔަސް އުއްމީދު ދޫކޮށެއް ނުލާނެއެވެ. އަޒްކީލްއާއި އަޒްކީލްގެ އާއިލާ އެއްކޮށް ނައްތާލުމަށްފަހު މިރިއަމްއާއި ދަރިފުޅު ކެންޝިން ރަސްކަމުގެ ވާރިސުންނަށް އޭނަ ހަދާނެއެވެ. އޭރުން ގަންދީޝާއާއި ޒުއްނޫރީންގެ މަގުސަދު ފުރިހަމަވީއެވެ. ރަސްކަމުގެ ހުރިހާ ބާރެއް އެމީހުންގެ ދަރިންނަށެވެ.


***

އާރްޔާ ޖަހައިގަތް ބިރުވެރި މާރިދު އޭނަ އަތުތެރޭ ލީގޮތަށް އުދުހެމުން ދިޔައީ ސްނޯއިން ފުރިފައިވާ އާކްޓިކް މަތިންނެވެ. ކަންފަތުގައި ވައި އަޅުވައި ކަންފަތް އެއްކޮށް ބައްވި ފަދަ އިހުސާސެއް ކުރެވުނެވެ. ގައިގެ އެތަން މިތަން ހިރުވަންފެށިއެވެ. ހިފަހައްޓާފައި ހުރިގޮތުން މޭގެ ކަށިގަނޑުވެސް ބިންދައިގެން ގޮސްދާނެކަމުގައި ހީކުރެވުނެވެ. ރަގަޅަށް ނޭވާވެސް ނުލެވެއެވެ. އެއަތުގެ ތެރެއިން ވީއްލިގަންނަން އުޅުނަސް އެއަށްވުރެ މި މާރިދުގެ ބާރު މާ ގަދައެވެ. ބޯ ވިލާތަކުގެ މައްޗަށް އެރުމުން ނޭވާ ކުރުވެ މަރުވަނީހެން ހީވެ އިތުރަށް ގަދަދެއްކިއެވެ. މިފަދަ ބިރުވެރި ވަގުތެއްގައި ހެއްދެވިފަރާތް ފިޔަވާ އެހެން ފަރާތެއްގެ އެހީއެއް ނުލިބޭނެކަން ހަނދާންވެ އާރްޔާ ދުޢާކުރަންފެށިއެވެ. ފަސް މިނިޓުނުވަނީސް އޭނައާއިގެން އުދުހެމުން ދިޔަ މާރިދު ބިރުވެރިގޮތަކަށް ހަޅޭއްލަވައިގަތުމާއެކު ހުރި ދިމާލަށް ތިރިއަށް ވެއްޓިގަތެވެ. ސްނޯއިން ބަރާވެފައިވާ ފަރުބަދަމަތީގެ ސަރަހައްދެއްގައި ޖެހުނުލެއް ބާރުކަމުން އެހިސާބަށް ކުޑަ އެވެލާންޗެއް އައެވެ. ފަރުބަދަމަތީގައި ހަރުލާފައިވާ ސްނޯތައް ތިރިއަށް ފައިބައިގަތީ މަގުގައިވާހާ ގަސްތަކާއި ހިލަތައް ވަޅުލަމުން ބިރުވެރި އަޑުފަށްގަނޑަކާއެކުގައެވެ. އާރްޔާއަށްވެސް އަނިޔާވެ ހެޔަށް ގޮތެއްވެ ޚަބަރު ހުސްވުމުގެ ކުރިން ހިތަށް ތަސައްލީއެއް ލިބުނު މަންޒަރެއް ފެނުނެވެ. މޫނު ފޮރުވައިގެން އެ މާރިދާއި ކުރިމަތިލައިގެން ތިބި އިސްކޮޅުން ބިޔަ ޖިންނިންތަކެކެވެ. ވަރަތަކުން އަލިވެއެވެ. ހައިބަވަންތަކަމުން ފުރިފައެވެ. ލޮލުގައި އެހެރަ ބާރަކުން އާރްޔާގެ ގައިން ވެސް ހީބިހި ނެގިއެވެ. ޔަގީނުންވެސް އާދައިގެ ޖިންނިނެއް ނޫނެވެ.

ހޭވެރިކަން ވުމުން އާރްޔާ ބަލައިލިއިރު އަދިވެސް އޮވެވުނީ ނުދަންނަ ޖަންގައްޔެއްގެ ތެރޭގައެވެ. ވަށައިގެން ވަނީ ގަހުގެ ފަތްތައް ހުސްވެ ސްނޯއިން ހުދުވެފައިވާ ގަސްތަކާއި ސްނޯގެ ކުދި ފަރުބަދަތަކެވެ. ލޮލުކޮޅަށް ދާންދެން ސްނޯގެ ދޫލައެވެ. ނަސީބަކުން އެއްވެސް ޖިންނިއެއްގެ ހިލަމެއްނުވެއެވެ. ފްރިޖަކަށް އެރި ތަޅުލެވިގެން އިނަސް މިހާ ފިންޏެއް ނުވާނެއެވެ. އާކްޓިކް ކަނޑުގެ ފިނީގެ ހަގީގީ އިހުސާސްތައް މިހާބޮޑަށް އަދި ތަޖުރިބާކުރެވިފައެއް ނެތެވެ. އޭނަގެ ކޯތާފަތާއި ނިތްކުރީގައި ބްލަޝްކޮޅެއް ޖައްސާފައިވާ ފަދައިން ރަތްވެއްޖެއެވެ. އެސްފިޔަތަކުގައިވެސް ސްނޯ ހަރުލާފައެވެ. އަނގަ ހުޅުވާލިޔަސް އާވިތައް ނުކުމެއެވެ.

ތާޒާ ސްނޯގެ ސަބަބުން ކުރިއަށް އެޅި ފިޔަވަޅާއެކު ކަކުލާއި ހަމަޔަށް ގަނބައިގަތެވެ. ހިތަށް ބިރުވެރިކަން ވަދެ ރޫރޫއަޅަންފެށިއެވެ.

"ޔާﷲ ހެލްޕްމީ..ގިވް މީ ސްޓްރެންތް..." އާރްޔާ ދެލޯ މަރާލަމުން ދުޢާކުރަން އަތް އުފުލައިލިއެވެ. އޭރު ފިނިވެގެންގޮސް ދަތްޕިލާ ތެޅޭ އަޑު އެ ހިމޭންކަމުގެ ތެރެއިން އިވެއެވެ.

އެ މާރިދުއާއި ހަގުރާމަކުރި ބަޔަކުވެސް އޭނަ މި ފަޅު ޖަންގައްޔަށް އެކަނި އެއްލާލާފައި އެދިޔައީއެވެ. ނަމަވެސް ހުރިހާކަމަކަށްވުރެ މާތްﷲ ސުބުހާނަހޫ ވަތައާލާގެ ކުޅަދުންވަންތަކަން ބޮޑެވެ. އެހެން މަޚުލޫގުންގެ ލޯތަކަށް އޭނަ ނުފެނުނަސް ރަހުމާންވަންތަ ރަހީމްވަންތަ ފަރާތުން އޭނަގެ ހުރިހާކަމަކަށް ބައްލަވާ ވޮޑިގެންވެއެވެ.

އާރްޔާގެ ލޮލުގެ ވިދުންގަދަވީ ކުއްލިއަކަށް އެތަނަށް ނުކުތް ސެފްރަން ފެނިފައެވެ. އެކަކު އަނެކަކަށް ބަލަން ތިބެވުނުއިރު ދެލޮލުންވެސް އުފާވެރިކަމުގެ ކަރުނަ އޮހެމުން ދިޔައެވެ. އުފަލުން ރޮއި އުޅޭކަން އޭނައަށް އެނގުނީ ސެފްރަން ހަޔާތަށް އައުމުންނެވެ. ރޮއިފަ ހެވުނީއެވެ. ހުރިހާ ޖަޒުބާތުތަކެއް ގުޅި ލާމެހިފައެވެ. އެކަކު އަނެކަކާއި ދިމާލަށް ދުއްވައިގަތް ވަގުތު އާރްޔާގެ ފައި އެޅުނުގޮތުން ކައްސާލައިގެން ވެއްޓެން ދިޔަނަމަވެސް ސެފްރަންގެ ފުރިހަމަ ހިމާޔަތް ލިބުނެވެ.

"އަލްހަމްދުލިﷲ......" ސެފްރަން އާރްޔާގެ ނިތުގައި ބޮސްދިންގޮތަށް އަތުތެރޭ ފޮރުވައިލިއެވެ. އާރްޔާއަށް ތަދުވެގެން ގޮސް މަޑު މަޑު އަޑެއް ލައްވައިލެވުނެވެ. ސެފްރަންއަށް ކުށުގެ އިހުސާސް ކުރެވި ތަންކޮޅެއް ދުރަށް ޖެހިލިއެވެ. އަރްޔާގެ ނާޒުކްކަމުގެ ސަބަބުން އޭނަ އުޅެންޖެހޭނީ ބަލައިގެން ކަން ކޮންމެވެސް ވަރަކަށް ހަދާނުން ކައްސައިލީއެެވެ. ނަމަވެސް އޭނައަކީ ޖިންނިއެކެވެ. ޖިންނިންނަށް އިންސާނުންގެ ހަށިގަނޑުގެ ތެރެއަށް ވަދެވެއެވެ. ލޭގެ ތެރޭއުޅެވެއެވެ. ދުންކޮޅަކަށްވެގެން ގައިގާ ބީހިލާކަމެއް ނޭގި ބީހުމުގެ ބާރުވެސް ލިބިފައިވިއެވެ. އޭނަ ޖެހެނީ އާރްޔާ ގާތުގައި އުޅޭއިރު ބާރުގެ ފަސް ޕަސެންޓް ދައްކައިގެން އުޅޭށެވެ.

"އާ ޔޫ އޯކޭ؟ "ސެފްރަން އެހިއެވެ.

"ނޯ ސެފް. ނޯ އައިމް ނޮޓް އޯކޭ.. ވަރަށް ބިރުގަތް. އައި ތޯޓް އައި ވޯޒް ޑައިން. ސެފްއާއި ވަކިވެގެން ހިނދުކޮޅަކަށް ދުރުގައި ހުރުމުންވެސް އިޓް ވޯޒް ވޯސް ދޭން ތައުޒަންޑް ޑެތްސް. އެކަމަކު އެއްފަހަރުވެސް މާތްﷲގެ ރަހުމަތާއިމެދު އުއްމީދު ކަނޑައެއްނުލަން." އާރްޔާ ސެފްރަންގެ މޫނުގައި އަތް ޖައްސައިލިއެވެ. "ޕްލީޒް ޑޯންޓް އެވާ ލީވް މީ. އިޓް ހާޓްސް ލައިކް ހެލް.."

"ބަސްނޭހީމަ ދިމާވި ކަންތައްކަމަށްވެސް ގަބޫލުކޮށްފިން. ދެން ސެފް ބުނާގޮތަށް ހަދާނަން. ސޮރީ.." އާރްޔާ މާފަށްވެސް އެދުނެވެ.

"ޕްރޮމިސް މީ......" ސެފްރަން ހިނިތުންވެލިއެވެ. އާރްޔާ ވައުދުވިއެވެ.

"ސެފް ބުނެބަލަ. މިއީ ކޮންރަށެއްތަ؟"


"އާކްޓިކްގެ ރަށެއް......"ސެފްރަން ބުނެލިއެވެ.

"އާރްޔާ. އަހަރެން އޭރު އެހީ ހަގްކޮށްލުމުން ތަދުވިހެއްޔޭ. އެހެންވެއެއްނު މަޑުމަޑުން އައުޗް ބުނެލީ. ސޮރީ. އަހަރެންގެ ބަދުނަސީބުވެރިކަމުން އަހަރެންގެ އަންހެންކުއްޖާއާއެކު އުޅޭއިރު އައި ކާންޓް ބީ މައި ސެލްފް. އެހެން ސެފްއެއް ދައްކަންޖެެހެނީ...އެކަމަކު ﷲ ދެއްވި ނިއުމަތްތަކާއިމެދު ޝަކުވާ ނުކުރާނަން. ހަޔާތުގެ ކޮންމެ ސިކުންތުކޮޅަކު އެފަރާތަށް ޝުކުރުވެރިވާނަން. އެންމެ ލޯބިވާ ފަރާތް މިލްކުވެއްޖެ..........." ސެފްރަން ގެ ހީލުމަކީ "ބްލޫމޫން" އެއް ފެނިލުންހާ ނާދިރު ހަގީގަތެކެވެ. އެ ހިނިތުންވުން ފެންނަ ކޮންމެ ފަހަރަކު އާރްޔާގެ ހިތްވެސް ހުއްޓެއެވެ. ގުރުބާންވާހާ ހިތްގައިމެވެ. ހުދު ހުދުދަތްތައް ވިދާލާއިރު ކާއިނާތުވެސް ހިނިތުންވެލާފަދައެވެ. މާތްﷲގެ ކުޅަދުންވަންތަކަން ހިތަށް އަރާ ހައިރާންވެއެވެ.

ބޯކޮށް ވެހެމުން ދިޔަ ސްނޯގެ ތެރޭ އެހާ ގާތުގައި ވުމުން އާރްޔާއަށް ފިނީގެ އިހުސާސެއް ނުވިއެވެ. ސެފްރަންގެ ހެދުމުގެ ތެރޭ މޫނު ފޮރުވައިލުމުން ހަށިގަނޑުގައި އަރާމް ރަޖާއެއް އޮޅާލާފައިވުމެކޭ ތަފާތެއްނެތެވެ. ރައްކާތެރިކަން އިހުސާސް ކުރެވުނެވެ. އަބަދަށްޓަކާ އެއަތުގެ ހިމާޔަތުގައި ވުމަށް ހިތް އެދުނެވެ.

އެރޭ ސެފްރަންއާއި އާރްޔާ ހޭދަކުރަން ގަސްތުކުރީ ފަރުބަދައެއްގެ ހޮހަޅައެއްގައެވެ. އަލިފާންގަނޑުތައް އަންދާލުމަށްފަހު ބޭރަށް ނުކުމެލީވަގުތު އަރޯރާ ބޮރެލިސްގެ ހިތްގައިމުކަން ލޮލަށް ފެނުމުގެ ނަސީބު ލިބުނެވެ. އެކިފަހަރު އެކިގޮތްގޮތަށެވެ. މިފަހަރު ހީވީ ފެހިކުލައިގެ ދުންގަނޑަކަށް ދިރުން ލިބި އެކިގޮތްގޮތަށް ހަރަކާތްކޮށް ނަށަމުންދާހެންނެވެ. ވައިލެޓް ފިޔާތޮށި އަދި ރީދޫ ކުލަތައްވެސް ކޮންމެވެސް ވަރަކަށް ފައުޅުވިއެވެ. އާރްޔާ ސެފްރަންގެ އަތުގައި ހިފައި ބާރުކޮށްލަމުން ހިނިތުންވެލިއެވެ.

"ޕަފެކްޓް......"

"ޔޫ ޓޫ މައި ރޯޒްބަޑް " ސެފްރަން އާރްޔާގެ ކޮލުގައި އަތް ޖައްސައިލީ ނިކަން މަޑުންނެވެ. އާރްޔާއަށް ލިބުނު ހިތްހަމަޖެހުމުގައި ދެލޯ މަރައިލެވުނެވެ.


***

އެލިއަސްއާއި ކާރލީންގެ ބޮޑު ލަޝްކަރު ބެންތިކްއައިލެންޑް ފަތަހަ ކުރަން އައިއިރު ކާރމަންގެ ލަޝްކަރުވެސް ރުކުވާލާފައި އޮތެވެ. އެންމެ ކުރީސަފުގައި ކާރމަން އާދު އައި ކާއިން ތިބީ ތަބުތަކެއްފަދައިންނެވެ. ދަހަނާއަޅައިގެންނެވެ. އެމޫނުތަކުގައިވި ސާބިތުކަންފެނި އެލިއަސް ޖެހިލުންވިއެވެ. އަޒްކީލްގެ އެކުވެރިންނަށް އޭނަގެ ހިތުގައިވެސް ޚާއްސަ މަގާމެއް ދެވިފައިވިއެވެ.

"ލުކް ކަރ. ވިސްނާނުލާ އަޅަން ތިއުޅެނީ ރަގަޅު ފިޔަވަޅެއްނޫން އެތައް ބަޔެއްގެ ލޭ އޮހޮރިގެން ހިނގައިދާނެ. ސެފްރަން އެހެރި ނުހައްގުން އަރާފައި ކަން އެނގިހުރރެ ޚާއިނުންނާ އެއްކޮޅަށް ހަގުރާމަ ނުކުރޭ.........." އެލިއަސް ވިސްނައިދޭން މަސައްކަތްކުރިއެވެ.

"އެކުވެރިޔާގެ ދިފާއުގައި ތިމާގެ ބޭބެއާއި ދެކޮޅަށް ކަނޑި އުފުލަން ހިތްވަރު އެބަހުރިދޯ......................." ކާރލީން ކަނޑިން ކާރމަންގެ ދަތްދޮޅީގައި ޖައްސައިލަމުން ލޯ ހަނިކޮށްލިއެވެ.

"ދީނީގޮތުން ބަލާއިރު އަހަރެންގެ މިނިންމުމާއި ދެކޮޅަށް ދެއްކޭނެ ހުއްޖަތެއްނެތް. އެލިއަސް. ތިހިރީ ނުބައި ފަޅީގައި. މާތްﷲ ގެ ހަޟުރަތަށް ބިރުވެތިވޭ. އިސްވެ ހަގުރާމަފެށީ އަހަރެމެނެއް ނޫން. އަހަރެމެންގެ ރަށަށް ކާފަރުންގެ ލަޝްކަރެއް އައީމަ ދީނާއި ގައުމުގެ ދިފާއުގައި މި ނުކުތީ.........." ކާރމަން އެލިއަސްއާއި ހަތަރުކަޅި ހަމަކޮށްލިއެވެ.

"ސެފްރަންއަކީ ބާޣީއެއް....." އެލިއަސް ހަޅޭއްލަވައިގަތެވެ.

އާދު ކަނޑީގެ މޮށްގަނޑުގައި ހިފެހެއްޓިއިރު ލޮލުން ރުޅިވެރި ކަނިތައް ބުރާލައިފިއެވެ. ކާއިންއަށްވެސް ކެތްކުރެވުނީއެއް ނޫނެވެ. އަޒްކީލްގެ ބޭބެއަށް ނުވިނަމައެވެ.


***


ޔަޒުދަންޔާރު ހޮހަޅަ ސަރަހައްދުގައި އޮތް ސްނޯތައް ކަހަމުން ދިޔައިރު ތުންފަތްމަތީގައި ހިނިތުންވުމެއް ވިއެވެ. އޭނަ އުޅޭ ސަރަހައްދުގައި ޖިންނިން ދިރިއުޅޭކަން އެެނގުނަސް އަވަށްޓެރިންނަކީ އޭނައާއި އަދާވާތްތެރިންނެއް ނޫނެވެ. ސެފްރަންއާއި އާރްޔާ އަމިއްލަ ދަރިން ފަދައެވެ. ޒޭބްމެންގެ އާއިލާގެ ފަރާތުންވެސް ޔަޒްދަންޔާރުއަށް ނުރައްކަލެއް ކުރިމަތިވެދާނެހެން ހިޔެއް ނުވެއެވެ. ސްނޯ ކެހުމަކީވެސް ވަރުބަލިކުރުވާކަމެކެވެ. އެހާ ފިނިގަދައިރު މާ ބޮޑަށް މަސައްކަތްކުރުމުން ނުރައްކަލެއް ކުރިމަތިވެދާނެއެވެ. ޔަޒްދަންޔާރު ކުރައަށް ފެން އަޅާފައި ދެހިލަގަނޑު ކައިރިކޮށްލާފައި މެދުގައި ބެހެއްޓިއެވެ. އަލިފާން ރޯކޮށްލައިފިއެވެ. ސުއްޓާ ތުނބުގައި ޖަހާފައި ފުންކޮށް ދަމާލައިފިއެވެ.

ކުއްލިއަކަށް ކުރިމަތިން ފައުޅުވީ ސޫރައަކުން ޔަޒްދަންޔާރުގެ އަތުން ސުއްޓާ ދޫވިއެވެ.

(ނުނިމޭ...)

ކޮމެންޓް 0