ޕޯލާބެއަރތައް ގަނޑުފެންމަތީ އުޅުނު ހިތްގައިމު މަންޒަރަށް ގެއްލިފައި ހުރެވުނުވަރުން އޭނަ ހުރި ތަނުގެ ނުރައްކާތެރިކަން ހަނދާން ނައްތައިލެވުނެވެ. އެކުވެރި ޖިންނިކުދިންގެ ފަރާތުން ހިމާޔަތް ހޯދައިގެން ހުރި އާރްޔާގެ ފިޔަވަޅުތައް ގަނޑުފެންމަތިން ކަސިޔާރުވުމާއެކު ހަށިގަނޑު ނުހިފެހެއްޓި އަރި އަޅާލައިފިއެވެ. އާކްޓިކް ކަނޑުގެ އުނގުތެރެއަށް އާރްޔާ ވެއްޓިގެން ދިޔައިރު ކަރު ފަޅައިގެންދާހާ ބާރަށް އޭނައަށް ހަޅޭއްލަވައިގަނެވުނެވެ.
ސޯރާ ރިފްކާ އަދި ޕަރީ ހާސްކަން މަތީ ގުޑިލާން ނޭގި ބަލަން ތިބީ އެކުދިން ތިބިތަނާ އަރާ ހަމަކުރި ސެފްރަންއަށެވެ.
"އެކުއްޖާ ވެއްޓުނުއިރު އަޅާވެސް ނުލާ ތިތިބީ ކޮންކަހަލަ ބަޔެއްތަ؟ " ސެފްރަން ލޯ ހަނިކޮށްލަމުން ބަލައިލިއެވެ. އެކުދިން އަދަބުވެރިވުމުގެ ގޮތުން ބޯ ތިރިކޮށްލައިގެން ތިބިއިރު މޫނުމަތިން ކަންބޮޑުވުމުގެ އަސަރު ފެނުނެވެ.
***
އާރްޔާ ގަދަކަމުން ލޯ ހުޅުވަން މަސައްކަތްކުރިއެވެ. އެއާއެކު އެންމެ ފުރަތަމަވެސް ނަޒަރުގައި އަޅައިގަތީ ސީލިންއެވެ. ކަނޑުގެ ރާޅުތަކުގެ އަޑުއިވޭއިރު މަތިން އެފެންނަނީ ކަނޑުބާވައޭ ހިތަށް އެރިއެވެ. ދޫލަމަތީ އަޅާފައިވާ މަޑު ގޮދަޑިއެއްގައި ބޮޑު މާސިންގާ ރަޖައެއްގެ ތެރޭ ހަށިގަނޑު ފޮރުވިފައި އޮތްއިރު މިއޮތްތަނެއް ވިސްނައިގަންނާކަށްވެސް ނޭގުނެވެ.
"ކަނޑުން އަހަރެން ނެގީ ކާކު؟ "
އަރްޔާއަށް ދެން ނަޒަރު ހިންގައިލެވުނީ ލައިގެން ހުރި ހެދުމަށެވެ. ތެތް ހެދުން ބޭލުވީ ކާކުބާވައެވެ. ހައްތަހާ ބޮޑަށް ރަޖާގެ ދަށަށް ވަދެ ރަޖާ ގައިގާ އޮޅާ މަތި މައްޗަށް ބާލީސް ޖަހާލައިގެން އޮތްއިރު ބޮޑަށް ފިނިވަމުން ދިޔައީ އެތެރެހަށްޓަށެވެ. އިރުގަނޑެއް ނުވަނީސް އަޒްކީލް ދޮރުމައްޗަށް އަރާފައި ލާނެތް ހިންޏެއް އައިސްފަ ބަލަން ހުއްޓެވެ.
"ހާސްނުވޭ. ބިރުނުގަނޭ. އަދި ތިއޮތީ މަރުވެގެން ކަށްވަޅުގައެއް ނޫން. ކަނޑަށް ވެއްޓުނު ވަގުތު މަށަށް އާދެވުނުކަމުން ގެނެސް ގެއަށް ލާފައި ތިއޮތީ....."
"ޑިޑް ޔޫ އަންޑްރެސް މީ..." އަރްޔާ ދެލޯ ބޮޑުކޮށްލަމުން ސުވާލުކުރިއެވެ.
"އަހަރެމެންނަކީ އިންސާނުންހާ ހިތް ނުބައި ބަޔެއްނޫން. އޯ އަދި މުޅިން ރަގަޅަކަށް ނޫން މި ބުނެވުނީ. މަގޭ ހިތެއް ނޯވޭ. ބަދަލުގައި މުޅިންވެސް ދުމުން ފުރިފއި. ވީމަ އިންސާނުންނާއި ދޭތެރޭ އަހަރެމެން އެކަހަލަ ވިސްނުންތަކެއް ނުގެންގުޅެން. އަހަރެމެން ބޭނުންނަމަ ދުމަށް ވެގެން ތި އިންސިންގެ ކޮޓަރިތަކުގައި ބަލަން ތިބެވިދާނެ. ޚާއްސަކޮށް ތިހާ ކުޑަކުއްޖަކު ހެދުން ލެއްވީމަ އެކަމާއި އަހަރެން ކުށްވެރިވާންޖެހޭތަ؟ ޝުކުރުކުރަންވީމަ ޝަކުވާ ބޮނޑި. އަހަރެން ގެނެސް ހޫނު ނުކުރިނަމަ ހޭއެރީ ކަށްވަޅުގައި ކަމެއް ތި އިންސިކުއްޖައަށް ނޭގުނެއްނު. ހޫމް ދެން.....ނިދާލާ....." އަޒްކީލް ދުރުގައި ހުރެ ފުމެލުމުން ބައްތީގެ ހުޅުކޮޅު ނަށާލާފައި ނިވިއްޖެއެވެ.
"ބައްތި ދިއްލާލާ........."
"އަދިވެސް އަމުރުކުރަނީ؟ "އަޒްކީލް ގެ ދެލޯ އަނދިރީގެ ތެރޭ އެމެރަލްޑްފަދައިން ވިދާތަން ފެނުމުން އާރްޔާގެ ގައިން ހީބިހިނެގިއެވެ.
އާރްޔާ ބާލީސް ހޫރައިލަން އުޅެފައި މައިތިރިވީ މިއީ ނުލަފާ ޖިންނިއެއްކަމާ ޖިންނިނަށް ލިބިފައިވާ ބާރު އަމިއްލަ ނަފުސަށް ވިސްނައިދީގެންނެވެ. ބޭރުތެރެއިން އަންހެންވަންތަ އަޑަކުން "ހަބީބީ"އަކަށް ގޮވާލުމައެކު އަޒްކީލް ދޮރު ލައްޕާލާފައި އެއަޑުގެ ވެރިޔާގެ ގާތަށް ހާޟިރުވާން ދިޔައީކަން އާރްޔާއަށް އެނގުނެވެ.
ކަނު އަނދިރިކަމުގެ ތެރޭ ނުނިދި އޮތްއިރު މަންމައާއި ބައްޕަމަތިން ހަދާންވެ ރޮވެން ފެށުނު ގޮތަށް ބާލީސް ކަރުނުން ފޯވިއެވެ. އޭނަ ނުފެނިގެން ހިތާމަކުރަމުން ގޮސް މަންމަމެން މޮޔަވެދާނެކަން ނޭގެއެވެ. އެންމެން ހާދަ ހިތާމަކުރާނެއެވެ. އޭނަ ކޯރަށް ވެއްޓި މަރުވީކަމަށް ނިންމާނެއެވެ. ރޮއި ގިސްލަމުންގޮސް އެންމެފަހުން ނިދުނުގޮތަށް އަރާމު ނިންޖަކަށް ގެނބިފައި އެތައް ދަމެއްވާންދެން އޮތެވެ.
***
ސެފްރަންއާއި އަޒްކީލް ކޮފީއަކަށް އިންސާފުކުރަން ކަނޑުގެ އައްސޭރިފަށުގައި ތިބިއިރު ދެކެވުނީ މިރިއަމްގެ ވާހަކައެވެ. ސެފްރަން މިރިއަމްއައި ކައިވެނިނުކޮށްފިއްޔާ މިރިއަމް މޮޔަވެދާނެކަމުގައެވެ. ސެފްރަން އެ ހުށަހެޅުމަށް އެއްބަސްވެއްޖެނަމަ އަޒްކީލް ކިތަންމެ ބޭނުންވިޔަސް ރަސްކަން ވެސް ސެފެރަންއަށް ދޫކޮށްލަން ތައްޔާރަށް ހުރިކަމުގައި ބުނެލިއެވެ. އެންޖެލާ ނެތުމަށްފަހު ހުރިހާ އެންމެންގެ ހިތްތަކުގެ ވެރިއަކީ މިރިއަމްއެވެ.
"ވަރަށް ވަރަށް ލޯބިވޭ ހުރި އެންމެ އަންހެންކޮއްކޮ ދެކެ. ސެފްއަށް އަނިޔާކުރަން މަށަށް މަޖުބޫރު ނުކުރޭ........" އަޒްކީލް ބުނެލިއެވެ. ސެފްރަން ހިމޭންކަމާއެކު ދުރަށް ބަލަން އިންއިރު ލޮލުން މާޔޫސްކަން ފެނުނެވެ. ރަތްކުލައިގެ ދެލޮލުން ކަރުނައިގެ އަސަރު ފައުޅުނުވިޔަސް އެ ހިތް ރޮނީއެވެ.
"ސެފް ލޯބިވާ އަންހެންކުއްޖަކު ހުރީތަ؟ " ސެފްރަންގެ ހިމޭންކަން އަޒްކީލްއަށް އުދަގޫކުރުވިއެވެ." ހުރިއްޔާ ބުނޭ އޭރުން މަށަށްވެސް ވިސްނޭނެ. ލޯތްބަށްޓަކާ އިންސާނުންނާއި ޖިންނިންވެސް ހުރިހާ އެއްޗެއްވެސް ގުރުބާންކޮށްފާނެ. އެނޫނިއްޔަ އެހެން އުޒުރެއް ގަބޫލެއް ނުކުރާނަން. މިރިއަމްއަށްޓަކާ އަހަރެން އަމިއްލަ ނަފުސާއިވެސް ހަގުރާމަކުރާނަން.............."
އަޒްކީލްގެ މޫނަށް ބަލަން ނުކެރިފައި ސެފްރަންއިނެވެ. އަޒްކީލްމެންނަކީ ސެފްރަންއާއި ބަލާއިރު އެތައް ގުނަ ދޮށީ ބާރުގަދަ ޖިންނިއެކެވެ. ހަށިގަނޑުން ވަރުގަދަވެފައި މޫނަށް ބަލާލިޔަސް ފިރިހެންކަމާއި ހިތްވަރުގަދަކަން ފާޅުވެއެވެ. ސަމާސާ ކުރެވޭވަރަށްވުރެ އަޒްކީލް ބާރުގަދައެވެ.
"އަދިވެސް ވިސްނަން ވަގުތުދޭނަން....." އަޒްކީލް ސެފްރަންގެ ބޮލުގައި އަތް ޖައްސައިލިއެވެ.
ސެފްރަން ކަކުލުގައި ބޯ ޖައްސާލައިގެން އިންއިރު ހީވާގޮތުން ކަރުނަ އޮއްސަނީއެވެ.
"ސެފް. އަދި އެއް ވާހަކަ. އާރްޔާ ގެއްލިގެން ނޫޅޭތި. އެކުއްޖާ މަގޭ ގަނޑުވަރުގައި......................."
އަޒްކީލްގެ އެ ޖުމްލައިން ސެފްރަންގެ އުދާސްވެފައިވާ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ. އާރްޔާފަދަ ކުޑަކުއްޖަކަށް އެފަދަ މާނައެއްނެތް މަރަކުން މަރުވެގެން ދިޔުމަށް ދުޝްމަނަކުވެސް ނޭދޭނެއެވެ. ސޯރާވެސް އެފަހުން އިންނަނީ މަޑުވެ ނެގިފައެވެ. ރިފްކާއައި ޕަރީވެސް އެފަދައެވެ. އެކުދިން އިންސިކުއްޖެއްދެކެ ލޯބިވާކަން ވެސް ހަމަ ހައިރާންވާވަރުގެ ކަމެކެވެ. ޚުދު އޭނަވެސް ހަމްދަރުދީވެއެވެ. އާރްޔާ މުސްލިމް ކުއްޖަކަށްވާތީކަމަށް ސެފްރަން ދެކުނެވެ. މުސްލިމް ކުއްޖެއްކަން އެނގުނުފަހުން އެކަމަށް ހިތުގައި ގަދަރެއް ދެވުނެވެ. ސެފްރަން އަޖައިބުވަނީ އޭނަ މުސްލިމުންނާއި ކާފަރުންނާއި މެދު ތަފާތުކުރުން ގެންގުޅެވޭވަރުންނެވެ. މިހާ ބޮޑު ލޯތްބެއް ދީނަށް ޖެހިގެން މިއުޅެނީ އޭނަގެ މައިންބަފައިންނަކީ އަޅުވެރިބަޔަކީހެއްޔެވެ؟ ނޫނެކެވެ.އަޅުވެރި ނަމަ ބަލިކަށި ކުޑަކުއްޖަކު އެއްލާލާފައި ނުދާނެއެވެ. އެމީހުން ދުނިޔޭގައި ނެތީކަމަށް ވެދާނެއެވެ.
***
އާރްޔާ ހޭލެވިގެން މޯޅިއަކަށް ދެމިލިއެވެ. ފޯނު ނަގާފައި ގަޑިއަށް ބަލައިލިއެވެ. ޖީބުގައި އޮތް ފޯނު ކަނޑަށް ނުގެއްލުނުކަން ނަސީބެކެވެ. އަޒްކީލް އޭނަގެ ފޯނު އަމާނާތްތެރިކަމާއެކު ރައްދުކޮށްދިނީތީ ހިތްހަމަޖެހުނެވެ. އާރްޔާ ތެދުވެގެންގޮސް ކިޑިކީއިން ބޭރަށް ބަލައިލިއެވެ. ދުންފިނީގެ ތެރެއިން ވާދީ ފެންނަލެއް ނިކަން ހިތްގައިމެވެ. ނަމަވެސް ޖަންގައްޔާއި ދިމާލުން ބެރުތައް ތަޅާ މާރިދުން ބިރުވެރިކޮށް ހަޅޭއްލަވަ ޖައްސާ ވައްތަރުތަކުން ހިތަށް ބިރުވެރިކަން ވަނެވެ. އަޒްކީލްގެ ގާޑުން އެތަން މިތަނުން ފެނެއެވެ.
"އާރްޔާ......" އަންހެންވަންތަ އަޑަކުން ގޮވާލިއެވެ.
އާރްޔާ އެނބުރި ބަލާލައިފިއެވެ.
ކޮޓަރިތެރޭ ހުރި އަންހެންކުއްޖާ ފެނުމުން އާރްޔާ ފިނިވިއެވެ. އަންހެންކުއްޖެއް ނޫނެވެ. ޕަރީއެކެވެ. ބޮޑު ދެވަރައާއެކު އިސްތަށިގަނޑު އޮތީ ބިންމަތީ ކޭއްތި ކޭއްތިއެވެ. ރީއްޗެވެ. ނމަވެސް އިންސާނެއް ނޫނެވެ.
"އަޒްކީލް އަހަންނަށް ތި ކުއްޖާއާއި ބެހޭ މައުލޫމާތު ކިޔައިދިން. އިންސީންގެ ތެރެއިން ހިމެނޭ ކުއްޖެއްކަން އެނގޭ. އަހަންނަށް އިހުސާސްކުރެވޭ. ބިރުގަނެ ދެރަވަނެވަރު ވިސްނޭ. މައިންބަފައިންނާއި އާއިލާއާއި ވަކިވުމަކީ ކިހާ ބޮޑު ވޭނެއްކަން އެހެން ފަރާތަކުން ބުނެދޭކަށް ނުޖެހޭ. އެކަމަކު ކޮންމެ ކަމަކަށްވެސް ހިކުމަތެއް ވާނެ. މިކަމުގައި އަހަންނަށް މާ ބޮޑުކަމެއް ކޮށެއް ނުދެވޭނެ. ސަބަބަކީ މި ގަބީލާއިން އަދިވެސް އަހަންނަށް އެހާ ލޯބި ނުލިބޭތީ. އަދި ގަބޫލުކުރަން ތައްޔާރަށް ނެތީމަ. އާރްޔާ ބިރުނުގަނޭ. އަހަންނާއިއެކު އުޅުނީމަ އެހާ އުދަގޫތަކެއް ނުޖައްސާނަން. އަޒްކީލް ޚާދިމާއެކޭ ކިޔާފައި އިންސިކުއްޖެއް ގެނެސްދިނީމަ ވަރަށް އުފާވެއްޖެ.........." ޒޭބް ވާހަކަދެއްކީ ނިކަން ރީތިކޮށެވެ. ހެދުން އަޅާފައި ހުރީ ޕްރިންސެސްއެއް ފަދައިންނެވެ. ހުދުކުލައިގެ މެކްސީގައި ރަނުން ޖަރީކޮށްފައިވާއިރު ބޮލުގައި ތާޖެއްފަދަ އެއްޗެއް އަޅާފައެވެ.
"ޝުކުރިއްޔާ....." އާރްޔާ އަދަބު އަދާކުރަން މޭގައި ކުޑަކޮށް އަތް ޖައްސާލައިފިއެވެ.
"ޢެކަމަކު ވަރަށް ބޮޑަށް މަންމައާއި ބައްޕަ މަތިން ހަދާންވޭ. ވަރަށް ދުވަސްވާންދެން ކެތްކުރެވިއްޖެ. ރަށަށް ދާން ބޭނުން..........."އާރްޔާ ލޮލުން ބޮޑު ކަރުނަ ތިއްކެއް ވައްޓައިލިއެވެ.
"މިދުނިޔެއަކީ އިމްތިހާނުގެ ގޮވަތިކަން އާރްޔާއަށް އެނގޭނެއްނު. މުސްލިމެއް ވިއްޔާ ގަޟާގަދަރަށް އީމާންވާން ޖެހޭނެ. ދުޢާކުރީމަ ހިތާމަތައް ފިލާ ބޭނުންކަމެއް ހިންމަވާ ދެއްވުމަށް އެންމެ މަތިވެރި މާތްﷲ ކުޅަދުންވަންތަ. ޔޫސުފް އަލައިހިއްސަލާމްގެ މާތް ބައްޕާފުޅާއި ވަކިވެ އެތައް އަހަރެއްވި. ދެބަފައިކަލުން ކެތްކުރެއްވި. ޔޫސުފް އަލައިހިއްސަލާމް ވަޅުން ޔޫނުސް އަލައިހިއްސަލާމް ބޮޑުމަހުގެ ބަނޑުން ސަލާމަތްކުރައްވާ އަދި އިބްރާހީމް އަލައިހިއްސަލާމް އެއްލައިލެވުނު އަލިފާންގަނޑު ފިނިފެންމަލުގެ ބަގީޗާއެއްކަމުގައި ލެއްވި ފަރާތުގެ ކުޅަދުންވަންތަކަމުން އާރްޔާވެސް މި ޖަލުން ސަލާމަތްވެދާނެ އިންޝާﷲ. ދުޢާކުރޭ. އެއަށްވުރެ ބާރުގަދަ ހަތިޔާރެއް ނެތް. ކޮންމެވެސް ދުވަހަކުން ދުޢާ އިޖާބަކުރައްވާނެކަމަށް ގަބޫލުކޮށް އުއްމީދު ކަނޑާނުލާ އެކަން ކުރޭ....." ޒޭބް ވާހަކަދެއްކިގޮތުން ދީންވެރިކަން ނޫން އެއްޗެއް ފައުޅެއް ނުވެއެވެ. ޖިންނިންނަށް އިންސާނުންނަށް ނުފެންނަ ތަކެތި ފެނުމުން އީމާންތެރިކަން ވަރުގަދައީކަމަށް ވެދާނެއެވެ.
ޒޭބް އާރްޔާ ގޮވައިގެން ބޭރަށް ނުކުތެވެ.
"ކުދިންކޮޅު ގޮވައިގެން އަޒްކީލް ވީ އަސް ދުއްވާލަން ގޮސްފައި...އާރްޔާއާއި އެއް އުމުރުގެ ކުއްޖެއް ހުރޭ އެކަމަކު ކުދިންނާއިއެކު ކުޅެން އުޅުން ބުއްދިވެރިއެއް ނުވާނެ. އެކުދިންނަށް ލިބިފައިވާ ބާރުތައް ގަދަވީމަ ނޭގި އޮޅިގެން އާރްޔާއަށް ހާނީއެއްކައެއް ވާކަށް ނޭދެން........"
"އޯ.....ގޮރިއްލާވެސް ކުޑަކުދިންނަށް ކުލުނު ހުރެޔޯ އެކަމަކު ޒުލެއްގައި ގޮރިއްލާއެއް އުޅޭ ބަޔަށް ވެއްޓުނު ކުޑަކުއްޖަކު ޑްރޭގް ކޮށްފައި ދިޔަގޮތުން އެކުއްޖާއަށް އަނިޔާވެދާނެކަމަށް އެންމެން ހަޅޭއްލެވި. އެކްޗުއަލީ އެ ބޭނުންވީ އެކުއްޖާ ޕްރޮޓެކްޓް ކުރަން ކަމަށް ވާނީ ނަމަވެސް އޭނަގެ ބާރު ރޭކާނުލާ އެގޮތަށް އުޅެގަތީ ކޮންމެހެން ކުއްޖާއަށް ގެއްލުންދޭ އިންޓެންޝަން އޮވެގެނެއްނޫން....."
"އެގްޒެކްޓްލީ......" ޒޭބް އިނގިރޭސިން ބަހެއް ބުނެލިއެވެ. ހަނދާންވީ އާރިޒް ކޮއްކޮއެވެ. އަލާނިއަލްއާއި އެކު އާރިޒްއާއި ބައްދަލުކޮށް އެކީ ކުޅެން އުޅުމުގެ ތެރޭ އާރިޒް އާއްމުކޮށް އިނގިރޭސި ބަހުރުވައިން ވާހަކަދައްކާ ހަދާތީ ޒޭބްއަށް އެ ބަސް ރީތިވެ ކޮންމެވެސް ވަރަކަށް ދަސްކުރިއެވެ. ޖިންނިންނަށް ލިބިފައިވާ އެފަދަ ބާރުތަކުގެ ސަބަބުން އެކި ގައުމުތަކުގެ ބަސް ދަސްކުރުމަކީ ފެންފޮދެއް ބޯލުންހާ ފަސޭހަކަމެކެވެ.
***
ބެންތިކް އައިލެންޑu އެއްކޮށް ހުޅުދާން ކޮށްލާފައި ނާޗަރަންގީ ކުޅެންވެގެން ކަނޑުގެ ސަރަހައްދުގައި މައިދާން ހަދާ އެތަން ތައްޔާރުކޮށްލައިފިއެވެ. ރަސްގެފާނު ޖަލްޖާލޫތާއި ޝާހީ އާއިލާ ރަސްމިއްޔާތަށް އަންނަން އޮތީ ރަސްމީ އިއްޒަތުގައެވެ. ކުޅިބަލަން ޖިންނިންނާއި މާރިދުން މަގުތަކަށް އެއްވާންފެށިއެވެ. ޒޭބްވެސް މޫނު ބުރުގާ އަޅައިގެން އަރްޔާއާއި ކުދިން ގޮވައިގެން އަންނަން އަޒްކީލް ހުއްދަދިނެވެ. ޖަލްޖާލޫތުވެސް އަޒްކީލްގެ އެ ހުށަހެޅުމާއި ދެކޮޅެއް ނަހަދައެވެ. އިރުކޮޅެއްނުވެ އެއް ރާގަކަށް ބޮޑުބެރު ޖަހަންފެށިއެވެ. ޖިންނި އަސްގާޑިޔާތަކަށް ރަސްގެފާނާއި އާއިލާގެ މެމްބަރުން އަރަންފެށިއެވެ. އާރްޔާވެސް ޒޭބްއާއެކު އެ ގާޑިޔާއަށް އެރިއެވެ. އަސްގާޑިޔާތައް އޭގެ އެންމެ ޝާހީކަމާއެކު ލަސްލަހުން މަގުތަކުން ކުރިއަށްދިޔައިރު ވަށައިގެން އެއްވެފައިވާ ޖިންނިންތައް އަދަބުވެރިކަމާއެކު ބޯ ގުދުކޮށްލައެވެ. ގާޑިޔާތަކުގެ ފަހަތުން ބެރުގެ ރާގައި އެއްވަރަކަށް ޖިންނީންގެ ލަޝްކަރު ފައި ނަގަމުން ސަފު ހަދާފައި އައިއިރު އެ މަންޒަރުވެސް ބަލައިލަން ހިތްގައިމެވެ. ހުރިހާ ޖިންނިންވެސް މޫނުތައް ފޮރުވާފައެވެ.
މައިދާނުގައި ޖަލްޖާލޫތުމެން ނަށް ތައްޔާރުކޮށްފައިވާ ޝާހީ ގޮނޑިތައްވެސް ހުރީ ރަނުންނެވެ. އާރްޔާ ޒޭބްގެ އެއްފަރާތުގައި އިނީ މި ރަސްމިއްޔާތަށް ޝައުގުވެރިވެފައެވެ. އޭނައާއި ޝާހީ އައިލާގެ އެންމެންހެން ތިބީ މޫނު ނިވާކޮށްގެންނެވެ.
"ހާދަ ބިޔައޭ. ބިރުވެރިކަން........އެންމެ ކުޑައީ އަހަރެން ކަން ނޭގޭ. ޖިންނިންވެސް ދެން ހާދަ ރޯޔަލްކޮށް މިއުޅެނީ. އަހަންނަށް ޖިންނީންގެ ވެރިކަން ލިބިދާނެތަ؟ ހަހަ ފޯ ގޯޑްސް ސޭކް ކޮންކަހަލަ ޚިޔާލެއް. ނޫން ހަމަ އެހެން ވިސްނަންވެސް އޯކޭ. ޕްރޮބަބްލީ އައިކެން ޑޫ އިޓް. އިންސާނަކަށް ޖިންނިންގެ ތެރޭގައި އުޅެވޭނެކަމަށް ގަބޫލުކުރާނެ މީހެއްވެސް ނެތް. އެކަމަކު އިމްޕޮޒިބްލް ކަންތައްވެސް މިއޮތީވެފައި. މޭބީ އައި ޝުޑް ޓްރައި. އެކަމަކު ރަސްކަން ބޭނުމިއްޔާ ޖިންނި ޕްރިންސަކާއި މެރީކުރަން ޖެހޭނީ.....ލައިކް އަޒްކީލް....ގްރްރްރް ނެވާ............." އާރްޔާ އަޒްކީލް މަތިން ހަދާންވުމާއެކު ނޭފަތް ގުރުޑުކޮށްލިއެވެ. "ސީރިޔަސްކޮށް އޭނަ ފެނުނީމަ ބިރުން ހަލާކުވާވަރުވޭ....."
އެކި ޙިޔާލުތަކުގައި އިންއިރުވެސް ކުރިމަތީގައި ހުއްޓެމުންދިޔަ ބޮޑު ލަޝްކަރަށް ބަލައިލުމާއެކު ހައިބަވަންތަކަމުން ރޫރޫއެޅިއެވެ.
ޖަލްޖާލޫތު ވާޙަކަދައްކަންފެށީ ބެންތިކް ބަހުންނެވެ.
އެންމެ ފުރަތަމަ މާތްﷲއަށް ހަމްދުކޮށް ރަސޫލާ ސައްލަﷲ އަލައިހި ވަސައްލަމްއަށް ސަލަވާތާއި ސަލާމްލެއްވުމަށް އެދި ދުޢާކުރިއެވެ. ޑޮމީނޭރިއާއިން އަންނަ މާރިދުންނަށް މަރުހަބާ ކިޔާ ކަމަށާއި ބެންތިކް ޖިންނީންނާއި މާރިދުން އެކަތިގަނޑަކަށްވެ މި ރަސްކަން ވަރުގަދަކުރަން މަސައްކަތްކޮށްދިނުމަށް ޖަލްޖާލޫތު އެދުނެވެ. ސުލޭމާން ނަބިއްޔާގެ ޒަމާނުއްސުރެ އެމީހުންނަށް ވާރުތަވަމުން އައި ރަސްކަން ދަރިދަރިކޮޅަށް ދާންދެން ދެމިއޮތުމަށް ވުތެ ޖަލްޖާލޫތު ދުނިޔެއިން ބޭނުންވާ އެހެން ކަމެއް ނެތެވެ.
"މިއަދު މި އެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ މަގޭ މިރިއަމްގެ ކައިވެނި އިއުލާން ކުރުން..................." ޖަލްޖާލޫތު މިރިއަމްއަށް ގޮވާ ގެނެސް ގާތުގައި ބަހައްޓަމުން ނިތުގައި ބޮސްދިނެވެ. މިރިއަމް ލާފައި ހުރި ހެދުމުގައި ހުރި ޖަވާހިރުތައް ބަބުޅާވަރުން ލޯ ތަރަތަރަޖަހައިގެން ދާވަރުވެއެވެ. ތާޖުވެސް އެފަދައެވެ. މިރިއަމް ރީތި ނަމަވެސް ބެންތިކް އެހެން ޖިންނިން ފަދައިން ކަޅި އަޅައިގެން ލޯ ހަނިކޮށްލައިގެން ހުންނަކަން އާރްޔާ ފާހަގަކުރިއެވެ. މިރިއަމްގެ ކައިވެނި ކުރެވެނީ ކާކާބާވައޭ ހިތަށް އަރާފައި ޝައުގުވެރިކަމާއެކު ބޯ އަރިކޮށްފައި ބެލުނެވެ.
"ސެފްރަން ދަރިފުޅާ. އާދެބަލަ..." ޖަލްޖާލޫތު ގޮވައިލިއެވެ.
"ސުބުހާނަﷲ. ސެފްރަންއާއިތަ؟ " އާރްޔާ ދެލޯ ބޮޑުވިއެވެ. ސެފްރަންއާއި މިރިއަމް އެންމެ ނުގުޅޭ ޖޯޑުކަމުގައިވާނެއެވެ. އެކަމަކު ސެފްރަންގެ ނަސީބު ކިތަންމެހާވެސް ރަގަޅެވެ. ޕްރިންސެސްއަކާއި ކައިވެނި ކުރުމުގެ ޝަރަފް ބޭނުންނުވާނީ ކޮން ޖިންނިއެއް ހެއްޔެވެ؟
ސެފްރަން އިސްޖަހާލައިގެން ހުރެ ޖަލްޖާލޫތުގެ އަނެއް ފަރާތުގައި ހުއްޓުނެވެ.
"ސުލްތާނާ ގަންދީޝާ. އަނގޮޓި ގެނޭ........." ޖަލްޖާލޫތުގެ މޫނުމަތިން ފެންނަން ހުރި ހަމަޖެހުމާއި އުފާވެރިިކަމުގެ އަސްލަކީ ދަރިފުޅަށް ލިބޭ އުފާތައް ލޯގަނޑެއްފަދައިން އޭނަގެ މޫނުން ފައުޅުވުމެވެ. އަނގޮޓީތައް ބަދަލުކުރުމަށްފަހު ރަސްގެފާނުގެ އަމުރަށް ޖާފަތް ތައްޔާރުކުރެވުނެވެ. ކެއުމަށް އިންސާފުކުރެވެމުން ދިޔައިރު ޖިންނީންގެ ނެށުންތަކުން އެންމެން އުފާލިބިގަތެވެ. ކާރމަން ފިޔަވައެވެ. ހިތުގެ ބަދަލުގައި ދުމުން އެތެރެ ފުރިފައިވިޔަސް އޭނައަށް ފުން އަސަރުތަކެއް ކުރުވައިފިއެވެ. ފުރާނަވެސް ހަށިގަނޑާއި ނުކުމެދާނެފަދައެވެ. ހިތް ރޮނީ އޭނަގެ އާޝިގާ އަތުން ބީވެދާތަން ފެނިފައެވެ. އެހެން ޖިންނިއެއް ނަމަވެސް އެންމެ ރަގަޅެވެ. ނަމަވެސް އެންމެ ގާތް އެކުވެރިޔާ އޭނައަށް ކެހިދީފިއެވެ. އޭނަ ސެފްރަންގާތު ހިތް ބަންޑުން ކޮށް ހިތުގެ ފަސާނާ އިއްވުމުން މޫނުމަތީ އެޅި ތަފާލެއްފަދައެވެ. ލޮލުން ކަރުނަ ނަޔަސް ކާރމަންގެ ފުރާނަ ރޮނީއެވެ. އޭނަގެ މިރިއަމް އަބަދަށްޓަކާ ގެއްލިގެން ދަނީއެވެ. ކުޑައިރުއްސުރެ ހިތުގައި އަޅައިގެން ލޯބިވެ ހިތުގައި ރައްކާކުރި ލޯބީގެ ރަންމުތް އެހެން މީހަކު ވަގަށް ގެންގޮސް އަމިއްލަ ކޮށްފިއެވެ.
***
ބެންތިކް އައިލެންޑްގް ބޮޑު ޖަންގަލީއާއި ދެތިން ވާދީ ހުރަސްކޮށްފައި ނުކުމެވޭ އެހެން ރަށެއްގައި އިފުރީތުން ވަޒަންވެރިވެ ދިރިއުޅެން ފެށިކަން ކާރމަންއަށާއި ލަޝްކަރުގެ އެހެން ޖިންނީންނަށް އެނގެއެވެ. އިފުރީތުންނާއި ޖިންނީންގެ ޒަމާނީ އަދާވަތްތެރިކަމެއް އޮތަސް އެއް ބަޔަކު އަނެއް ބަޔަކާއި ތޮޅެން މަސައްކަތް ނުކޮށް ހަމަޖެހޭ ދިރިއުޅުމެއް އުޅެމުން ދިޔަސް އެކަން ގަބޫލު ނުކުރެވެނީ ކާރމަންގެ މަންމަ ޒުއްނޫރީން އަށެވެ. އޭނަގެ ގަބީލާ މީހުން އެހިސާބުގައި ވަޒަންވެރިވުމާއެކު ޒުއްނޫރީން އޭނަގެ ދަރިންނަށް ގަބީލާއަށް އައިސް ގޮސްވުމުގެ ހުއްދަދިނެވެ. އިފުރީތުންނަކީ އެކުދިންގެ ނަސްލުކަން ހަނދާން ނައްތާލައިގެން ނުވާނެކަން އެންގިއެވެ. ކާރމަންއަށް ލޯބީގައި ލިބުނު ނާކާމިޔާބުގެ ހިތި ރަހަ ކަރުތެރޭ ލާން ފެށުމުން ކޮންމެފަދަ ހާލެއްގައިވެސް މިރިއަމް ހާސިލުކުރަން އަޒުމް ކަނޑައެޅިއެވެ. އެކައިވެނި ވިޔަނުދޭން ކުރެވުނު ކޮންމެ ކަމެއް އޭނަ ކުރާނެއެވެ.
މަންމަ ކައިރީ ކާރމަން އާދޭހާއިއެކު އެދުނީ އެކައިވެނި ހުއްޓުވާ ދިނުމަށެވެ. މަރުހޫމް ބައްޕައަށްޓަކާ ބޮޑުބޭބެ އެއްބަސް ކުރުވަން ބާރުއެޅިއެވެ.
***
ސެފްރަން ގެއަށް ވަންއިރު ގޭގެ އެތަންމިތަނުގައިވާ ބައްތިތައް ދިއްލާ އަޅާލާފައިވާއިރު ހުޅުކޮޅުތައް ވަޔާ ނަށާލައެވެ. ދިގު ފިޔަވަޅު އަޅަމުންގޮސް ކޮޓަރިއާއި ހަމަވުމާއެކު އަތުގެ އިނގިލީގައި އޮތް އަނގޮޓި އަތުކޮޅަށް ހޫރުވާލިއެވެ. ލައިގެން ހުރި ހެދުންވެސް ގަޔަށް ފިތަމުންދާފަދަ އިހުސާސެއްވެ ހުރިހާ ހެދުންތަކުން މިނިވަންވިއެވެ. ހަމައެކަނި ކުރުތާ ހަރުވާޅެއްފަދަ އަންނައުނެއް ފިޔަވާ އެހެން އެއްޗެއް ގަޔަކު ނެތެވެ. އޭނަގެ ކަސްރަތީ ހަށިގަނޑާއި ވަރައިގެ ރީތިކަމުން ލޯތައް ހުއްޓޭހާވެއެވެ. ކޮޓަރިތެރޭ ދެކޮޅަށް ހިނގާލަ ހިނގާލާ ހުރެފައި ފާރުގައި ގޮށްމުށުގެ އެތައްފަހަރެއް ވީއްލާލުމުން ފާރުތަކަށް ޒަލްޒަލާއެއް އައިފަދައިން ލޮޅުމެއް އެރިއެވެ. ހުޅުދާންކޮށްފައިވާ ބައްތިތަކުގައިވާ ހުޅުކޮޅުވެސް ރޫރޫއަޅައިގަތީ އެއަށް ދިރުމެއް ވާފަދައިންނެވެ. ބޮޑުވެ ފާރަށް އެޅުނު ހިޔަނި ބިޔަވިއިރު އިސްތަށިގަނޑުވެސް މޫނަށް ފައިބައިގަތެވެ.
ކޮންމެވެސް މީހެއްގެ ހިލަންވެގެން ސެފްރަން އެނބުރި ބަލައިލީ ރުޅިވެރިކަމުން ފުރިފައިވާ ނަޒަރަކުންނެވެ.
(ނުނިމޭ...)