بِسْمِ اللهِ الرَّحْمٰنِ الرَّحِيْمِ


އާރްޔާގެ ވަށައިގެން ބޮޑެތި އައިސްބާގު ފަރުބަދަ ފަޅިތަކެއްހެން ކަނޑުގެ އަޑިން އުފުލިފައިވާއިރު ސަތަހައިގެ މަތިން އޮރެންޖުކުލައިން ދަޅަ އަރައަރާ ހުރީ އަލިފާން ކަނިތަކެވެ. ކަނޑު އަޑީގައިވާ އަލިފާން ފަރުބަދައެއް ރުޅިވެރިކަމާއިއެކު ކެކި އަރައިގަންނަން ތައްޔާރުވާފަދައެވެ. އާރްޔާ ގުޑިލާން ނުކެރިފައި ހުރިއިރު މޭ ތެޅޭއަޑު ބޭރަށް އިވެއެވެ. އޭނަ ސަލާމަތްވާން އަރާފައި ހުރި ގަނޑުފެންގަނޑާއިއެކު ކަނޑުމެދަށް އުކާލެވިފައިވާ އެފަދަ އެތައް ސަތޭކަ އައިސްބާގް ތައް ލޮލު ކޮޅަށް ދާންދެން ފެންނާން ހުއްޓެވެ. އޭނަ އަރާ ހުރި އައިސްބާގް ވިރެމުން ދިޔަވަރަކަށް ހާސްކަމާއިއެކު ވަށައިގެން އެއްވަމުން ދިޔަ އަލިފާނާއި ގަނޑުފެނަށް ބަލައިލެވުނެވެ. އައިސްބާގު ތަކުގެ ވަށައިގެން އަލިފާނުގެ ދޫތައްހެން ނިކުންނަ ހުޅުތައް ބޮސްދީ އޮރެންޖާއި ހުދު ކުލަ މަސްހުނިވެއްޖެއެވެ. ރީތި މަންޒަރެކެވެ. ކުއްލިއަކަށް ހަށިގަނޑަށް ހޫނުކަން އިހުސާސްވާން ފެށިއެވެ. އޭނައަށް ހިމާޔަތްދޭން ހުރި ގަނޑުފެންގަނޑަށް ކެތްކުރެވުނީ ވަކިވަރަކަށެވެ. އަލިފާން ކުރިހޯދާ ގަނޑުފެން ވިރުވާލާފައިފިއެވެ. އެންމެ ފޫޓެއްހާ ދުރުގައި އޮތް ގަނޑުފެންގަނޑަށް ފުންމަން މަސައްކަތްކުރިޔަސް ފައި ހަރަކާތެއް ނުކުރިއެވެ. އެއާއިއެކު އޭނަ އަލިފާންތަކުގެ ތެރެއަށް ވެއްޓެން ދިޔައެވެ.

"އާ............" އާރްޔާ ދެފައި ތަޅައިގެންފާ ހަޅޭއްލަވައިގަތެވެ.

ރަގަޅަށް ދެލޯ ހުޅުވާލާފައި ބަލައިލިއިރު އޭނަ އޮތީ މަޑު ތަންމައްޗެއްގައެވެ. ވަށައިގެން ވަނީ ރަތްކުލައިގެ ހިރި ގާތަކުން ހަދާފައިވާ ފާރެވެ. ބިތުގައި އެލުވާފައިއޮތް ފާނޫޒެއްގެ ހުޅުކޮޅުން މަޑު އަލިކަމެއް އެތަނަށް ފެތުރިފައި އޮތެވެ. މެޔާއި ހަމަޔަށް ރަތާއި ކަޅުގެ ރަޖާގަނޑެއް އަޅާފައިއޮތްއިރުވެސް ފިނީގެ އިހުސާސްކުރެވުނެވެ. އޭރު ހިތްތެޅޭވަރުންވެސް ބޭރަށް ފުންލައިލާފާނެހެން ހީވިއެވެ. އޭނަގެ ވަށައިގެން އައިސްބާގެއް އަދި އަލިފާނުގެ ހުޅުތަކެއް ފެންނާކަށް ނެތެވެ. އޭނައަށް ފެނުނީ ހުވަފެނެކެވެ. ނަމަވެސް އޭގެ ކުރިން އޭނަގެ ބާރަވަނަ އުފަންދުވަހު އޭނައަށް ކޮންމެވެސް ހާދިސާއެއް ދިމާވިއެވެ. ސިކުނޑިއަށް ބާރުލުމުން ހަނދާނަށް އައީ އާރިޒް ކޯރުކައިރީ ހުއްޓާ އޭނަ އެދިމާލަށް ދަނިކޮށް މޫނު ފޮރުވައިގެން ހުރި ބީރައްޓެއްސަކާއި ދިމާވިކަމެވެ. ފެނުނީ ހަމައެކަނި ގަދަ ފެހިކުލައިގެ ދިއްލިފައިވާ ކަޅިއެވެ. އަލިގަދަކަމުން ސީދާ ބަލައިލަން އުދަގޫވިއެވެ. އާރްޔާ އެމީހަކާއި ވާހަކަދައްކަން އުޅުނެވެ. އެމީހުންގެ ބިމަށް ވަދެވުނީ ކިހިނެއްހެއްޔޭ އަހާލަން ބޭނުންވިއެވެ. ނަމަވެސް ދެން ވީ ނުވީއެއް ނޭގި ޚަބަރު ހުސްވިއެވެ.

"ބަޔަކު އަހަރެން ކިޑްނެޕްކޮށްލީ ކަމަށްވާނީ......" އާރްޔާ ފުންމައިގެން ތެދުވެ އިށީދެއްޖެއެވެ. ލައިގެންހުރި ހެދުމާއި އިސްތަށިގަނޑު ނިވާކޮށްފައިވާ ސްކާފަށް ބަލައިލުމުން އުފަންދުވަހު ލައިގެން ހުރި ހެދުން ކަން އެނގުނެވެ.

އާރްޔާގެ އާރްޔާ ފުރަތަމަވެސް އަތް ކާއްތައިލީ ފޯނު ހޯދުމަށެވެ. ފޯނު އަތު ޖެހުމާއެކު އޭނަ އަވަސްވެގަތީ ބައްޕައަށް ގުޅުމަށެވެ. ރޭންޖެއް ނެތެވެ. ނެޓްވޯކެއް ނުލިބުނެވެ. އާރްޔާގެ ސިކުނޑި އެލާޓް އަޅަންފެށީ ރަތްކުލައިންނެވެ.

"ހެލޯ.........ހެލޯ..." އާރްޔާ ތެދުވެގެންގޮސް ވަށައިގެންވާ ފާރުގައި އަތުން ތަޅަމުން ގޮވަންފެށިއެވެ.

ދޮރެއްއަދި ކުޑަދޮރެއްހާ މިންވަރުވެސް ނެތެވެ. ނަމަވެސް ކަނޑުގެ ރާޅުތައް މުގުރާލާ އަޑު މިއުޒިކެއްހެން ތަނުގެ ހިމޭންކަން ނަގާލާފައިވިއެވެ. އޭނަ ކިތަންމެ ޅަ އަދި މައުސޫމްކުއްޖަކަށް ވިޔަސް މިކަންތައްތަކުން އޭނައަށް ނަގައިގެނެވުނީ އޭނަ ހައްޔަރުކޮށްފައިވާ ކަމެވެ. ބަޔަކު އޭނަ ކިޑްނެޕްކުރީއެވެ.

"ކާމްޑައުން އާރްޔާ. ޑޯންޓް ޕެނިކް...." އާރްޔާ އަމިއްލަ ނަފުސަށް ވިސްނައިދިނީ އޭނަގެ ބައްޕަ ޑޮކްޓަރ ފުރުގާން ގާތުގައި ހުރިނަމަ ބުނާނެ ފަދައިންނެވެ. އާރްޔާ އޭނަގެ ފިޔާތޮށިކުލައިގެ ތުންފަތުގައި ދަތްއަޅާލައިގެން ވިސްނުމެއްގެ ތެރޭ އިނެވެ.

"ޓޮއިލެޓެއްވެސް ނެތީތަ؟ ޓޮއިލެޓަށްވެސް ދާން އެބަޖެހޭ.. ނަމާދުވެސް ކުރަންޖެހޭ. ބަނޑުހައިވެގެން ގޮސް އިންސާނެއްވެސް ކާލެވިދާނެ...................." އާރްޔާ އަމިއްލަ ނަފުސަށް ކިޔައިލިއެވެ. ވިސްނާލާފައި ތެދުވެގެންގޮސް މުރަކަ ގާތަކުގައި ހިފާ ތަޅުވާ އެތަނުން ނުކުމެވޭނެ ގޮތެއް ހޯދަން މަސައްކަތްކުރަން ފެށިއެވެ. ހޫނުގަދަވެ އެތަނަވަސް ނިތްމަތީ ދާތިކިތައް ބަބުޅަންފެށިއެވެ. ސްކާފް ނަގަން ހިތަށް އަރާފައިވެސް އެ ޚިޔާލު އެއްފަރާތްކޮށްލެވުނީ އަދި އޭނަ ހައްޔަރުކޮށްގެން އުޅެނީ ކޮންފަދަ ބަޔެއްކަން ކޮން މަގުސަދެއްގައިކަންވެސް ނޭގިފައެވެ.

"ހަމައެކަނި ދުޢާކުރުން އޮތީ. އޮންލީ ﷲ ކެން ހެލްޕް މީ...." އާރްޔާ އެ ދިގު އެސްފިޔަތަކުން ހިޔާއެޅިފައިވާ އަޅި ދެލޯ މަރާލައިގެން އިނދެ ދުޢާކުރަންފެށިއެވެ. އެންމެ ދެރަވަނީ މިއީ އޭނައާއި އެކުވެރިން މަޖަލަކަށް ކުރި ކަމަކުން ލިބުނު ސަޒާހެން ހީވެފައެވެ. އެމީހުން ފާޑެއްގެ ސިހުރެއްހެދީއެވެ. ފޮތެއް ބަލައިގެން މަޖަލަކަށް ޖިންނިއެއް ގެންނަން އުޅުނީއެވެ. ނުވެސް ދަންނަ ބަހުރުވައަކުން ލިޔެފައިވާ ލަވައެއް ކަހަލަ އެއްޗެއް ކީއިރު މިފަދަ ނުބައި ލަނޑެއް ލިބިދާނެކަމަކަށް ހިޔެއް ނުކުރެއެވެ.

***

އާރްޔާ ހައްޔަރުކޮށްފައި އޮތް ތަނަކީ މޫދުގައިވާ ބޮޑު ފަރުބަދަފަޅިއެއްވަރުގެ އުސް ތަނެވެ. ވަށައިގެން ފެންނަން އޮތީ މޫދެވެ. މޫދުގެ އުފުލިފައިވާ ހިލަގަނޑެއްގެ މަތީގައި ބިޔަކަމާއި ވަރުގަދަކަމުން ހިތްތަކަށް ބިރުވެރިކަން ވައްދާފަދަ ދެ މަޚުލޫގުން ހަރަކާތްތެރިވާތަން ފެނެއެވެ. ކަޅުލިބާހުން ހަށިގަނޑު ފޮރުވިފައިވާއިރު އަލިފާނުގެ ހުޅުނުކުންނަ ލޯތަކެވެ. އަތްފައިވެސް ކަދުރު ރުކެކޭ ތަފާތެއްނެތެވެ. ލިބާހުން ފޮރުވިފައިނުވެ ހުރި އަތާއި ފައި ކަށިތަކުން ފުރިފައެވެ.

"އެ ކުޑަ އިންސި މަގޭ އުނަގަނޑާއި ހަމަޔަށްވެސް ނާރާ...." ޝަހުރޫޝް އަނގަ ހުޅުވައިލުމުން ރީދޫކުލައިގެ ދިގު ދަތްތައް ހާމަވިއެވެ.

"ސާހަބް އެކުއްޖާއާއި ކައިވެނި ބައްލަވައިގަންނަވަން އުޅެނީތަ؟ " ދެން ހުރި މާރިދު ލޫމާ ކިޔައިލިއެވެ.

"އަހަރެމެންނަކީ ސާހަބްގެ އަޅުން. އޭނަގެ ނިޔަތާއިމެދު ސުވާލު އުފެއްދޭފަދަ ބަޔެއް ނޫނޭ މަގޭ އަޚާ. ސާހަބް ވިދާޅުވީ މިތަން ބަލަހައްޓާށޭ......" ޝަހުރޫޝް ބުނެލިއެވެ. ކުދި މަސްތައް ދެކޮޅަށް ދުވެއެވެ. ލޫމާ ފައި ދިއްކޮށްލަމުން މަސްތަކާއި ސަމާސާކޮށްލުމުން މަސްތައް ފިލަން ކޮޅުކޮޅަށް ދުއްވައިގަތްތަން ފެނި އޭނަ ހިނި އައެވެ.

"ގަނޑުވަރުގެ ޚާދިމާއަކަށް އެ އިންސިއަށް ކާން ގެންނަން އަންގަބަލަ ނޫނީ މަރުވެދާނެ...................." ޝަހުރޫޝް ލޫމާއަށް އެންގިއެވެ.

"އަހަރެމެން އިންސިއަށް ކެވޭ ޒާތުގެ މޭވާއާއި އެއްޗެހި ވެސް ގެންނަން ޖެހޭ..........................." ލޫމާ ބުނެލިއެވެ.

"ދޭބަލަ" ޝަހުރޫޝްގެ ޖުމްލައާއިއެކު ލޫމާ ވިދާލި ވިދުވަރެއްހެން ލޯ މަތިން ޣައިބުވިއެވެ.


***

އާރްޔާ ފާނޫޒު ހިފައިގެން ކުރިއަށް ދިޔަވަރަކަށް މިހުރެވުނީ ހޮހަޅައެއްގައިކަމާމެދު ޝައްކުވިއެވެ. އެކިވަރުގެ ހިލަތައް މަތިން ބަލައިގެން އަޅާ ފިޔަވަޅުގެ އަޑުވެސް އެތަނުގައި ގުގުމާލައެވެ. ދެވަނަފަހަރަށްވެސް ހިލަގަނޑުތަކުގައި އަތް ޖައްސާ ހިލަ ފުރޮޅަން މަސައްކަތްކުރިއެވެ. އޭނަ މިތަނަށް ވެއްދިގޮތެއްވެސް އޮންނަންވާނެތާއެވެ. މިއީ ހޮހަޅައެއް ހެއްޔެވެ؟ ކޮންމެގޮތެއްވިޔަސް ބިރުވެރި ތަނެކެވެ.

"ނޭވާ ހާސްވާގޮތް އެބަވޭ އޮކްސިޖަން ހުސްވަނީކަން ނޭގެ ހޮހަޅައެއްގެ އެންމެ އަޑިއަށް އަހަރެން ލާފައި އެ ފެހި ލޮލުގެ ވެރިޔާ ދިޔައީތަ؟ "އާރްޔާ ފުދޭވަރަކަށް ދުރަށް ހިނގުމަށްފަހު ނޭވާ ހާސްވެގެން މަޑުކޮށްލައިފިއެވެ. މިހިސާބަށް ކޮންމެވެސް ވަރަކަށް އަލިވާހެން ހީވުމުން އާރްޔާ އެ އަލި އަންނަ ދިމާލެއް ހޯދިއެވެ. ކުޑަ ކުޑަ ލޯވަޅެއް ފެނުމުން އެތަނުން ބޭރަށް ބަލައިލިއެވެ. އެ ދިމާލުން ފެންނަން އޮތީ ފަރެވެ. ފަރަށް ރާޅު ބިންދާލާ މަންޒަރުން ޔަގީންވީ މިއީ ކަނޑާއި ކައިރީގައި ހުރި ފަރުބަދައެއްގެ ހޮހަޅައެއް ކަމެވެ. މިއީ ސްވިޒަލޭންޑްހެއްޔެވެ؟ ނޫނީ އެހެން ގައުމެއްހެއްޔެވެ. އޭނަ މިތަނަށް ގެނައި ކޮންބަޔެއްހެއްޔެވެ. އޭނަ ކިޑްނެޕްކުރި ބަޔަކު އޭނަގެ ބައްޕައަށް ގުޅިހެއްޔެވެ؟ ބައްޕަމެން ހާދަ ފިކުރުބޮޑުވާނެއެވެ. މަންމަވެސް ހިތްފަޅައިގެން ހިނގައިދާނެއެވެ. އެކިމީހުން މަތިން ހަދާންވިއިރު އެތައް ސުވާލުތަކެއް ހިތުގައި

އުފެދުނެވެ.


އާރްޔާއަށް ނޭގުނީ އޭނަ މިހިރީ އިންސާނުންގެ ތެރޭގައި ނޫންކަމެވެ. އޭނަ ވަގަށް ނެގީ ފައިސާގެ ބޭނުމުގައި ނޫންކަމެވެ. އޭނަ ހައްޔަރުވެފައި މިހިރީ އިފްރީތުންގެ އަތްދަށުގައި ގަނޑުވަރާއި ގުޅިފައިވާ ހޮހަޅައެއްގައި ކަމެވެ. ކުޑަ ކުޑަ އަންހެންކުއްޖަކު އެގޮތަށް ޖިންނިންގެ އަތްދަށުވިކަން އެނގުމަށްފަހު އެކުއްޖަކަށްވާނީ ކިހިނެއް ހެއްޔެވެ.

ހޮހަޅަތެރެއިން ބަރު ފިޔަވަޅެއްގެ އަޑު އިވެން ފެށުމުން އާރްޔާގެ ކަނދުރާގައިވި ލޯލިތައް ކޮޅަށް ޖެހުނެވެ. ޔަގީނެވެ. އެވާނީ ސާރިދޯޅެއްކަހަލަ އެއްޗަކަށެވެ. ހޮހަޅަތަކުގައި ފާޑު ފާޑު ޖަނަވާރުތަކާއި ހަރުފަތައްވެސް އުޅޭނެއެވެ. އާރްޔާގެ އެޑްރިނޭލިން އެވަގުތު އޭނަ ސަލާމަތްވާން އެހީތެރިވިއެވެ. އުދުހިފައި ކަހަލަ ގޮތަކަށް އޭނަ ދުއްވައިގަތްއިރު ފާނޫޒުެގެ ހުޅުކޮޅު ހޫރި ނިވިދާނެހެން ހީވިއެވެ. އެބާރުމިނުގައިގޮސް އޭނަ އޮތް ކޮޓަރިކަހަލަ ތަނަށް ވަދެވުމާއެކު އޭނަ އެތާ ދޮރުގަނޑު ލައްޕާލައިފިއެވެ. ތަންމައްޗަށް އަރާ ރަޖާދަށުގައި ހަމަޖެހިލިއެވެ.

"ވޯ ދެޓް ވޯޒް އެ ކްލޯޒް ކޯލް......"

***

އާރްޔާ ދެލޯ މަރާ ތަގުޅިކޮށްލައިގެން އޮއްވާވެސް ކަރުނަތިއްކެއް ނުކިޔަމަންތެރިކަމާއެކު ކޯތާފަތަށް ފައިބައިގެން ހިގައްޖެއެވެ. އޭނައަކީ ރޯވަރުގެ ބަލިކަށި ކުއްޖެއް ނޫނެވެ. މުސްލިމުން ކެތްތެރިވާންޖެހޭނެއެވެ. ދުނިޔެއަށް ފޮނުއްވަނީ އިމްތިހާނަކަށެވެ. ގުރުއާނުގައިވާ ކެތްތެރިކަމުގެ އާޔަތް ހަދާންކުރުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. ރޫހާނީގޮތުން އެކަންޏެއް ނޫނެވެ. ޖިސްމާނީގޮތުންވެސް އޭނަ އެކަމަށް ތައްޔާރެވެ. ހޫނު މޫސުމްގެ ކޭމްޕްގައި ގޮސް އޭނަވަނީ މިފަދަ ކަންތައްތަކަށް ތައްޔާރުވާން ހަށިގަނޑު ހާނުވާފައެވެ. އޭނައަށް ފަތަން އެނގެއެވެ. އަސްދުއްވަން އެނގެއެވެ. ބައްޕަގެ ފަރާތުންވެސް އޭނަވަނީ މި ޅައުމުރުގައިވެސް ކަންތައް އުގެނިފައެވެ. އެކިގޮތްގޮތުން ވިސްނާދީގެން ހިތަށް ތަސައްލީއެއް ލިބުނެވެ.

ކޮންމެވެސް މީހަކު ހިލަތަކުގައި އަތުން ތަޅައިލިއެވެ. ދޮރުހުޅުވަން އެދެނީބާވައެވެ. ނޫނީ އެ ސާރިދޯޅަށް ނޫނީ މިނިކާވަގަށް އޭނަގެ ވަސް ދުވާތީ އޭނަ އޮތްތަނަށް ވަންނަން މަސައްކަތްކުރަނީހެއްޔެވެ؟

"ޔާﷲ ޕްލީޒް ސޭވް މީ..."އާރްޔާ ލޯ ބޮޑުކޮށްލާފައި އެދިމާލަށް ބަލަން އޮތްވާ ދޮރު ކަހާލިތަން ފެނުނެވެ. ހަމަޖެހެން މަސައްކަތްކުރިޔަސް އާރްޔާފަދަ ކުޑަކުއްޖަކަށް އެވަގުތުކޮޅު ނޭވާ ހިފަހައްޓައިލަން މަޖުބޫރުވިއެވެ. ދޮރުމަތީގައި ހުރީ އަންހެންކުއްޖެކެވެ. އަތުން ދޮލަގައެއް ހިފަހައްޓާލައިގެން ހުރިއިރު އެކުއްޖާގެ މޫނު ކަޅުކަމުން އަނިދިރިގަޑެއްފަދައެވެ. ލޮލުގެ ކަޅީގައި އޮރެންޖްކުލައެއް ހުރުމުން ބިރުވެރި ސިފައެއް ޖެހިއެވެ.

"ތީ ކާކު؟ އަހަރެން މިއޮތީ ކޮންތާކު" އާރްޔާ އޮތްގޮތަށް އޮވެ އަހައިލިއެވެ.

"މިއީ ސޯރާ. މިއައީ ކާން އަޅަން..." ސޯރާ ވާހަކަދެއްކިއިރު އަޑު ތަންކޮޅެއް ބަރުވެފައި ގުގުމާކަހަލަ ގޮތެއްހުއްޓެވެ. ރަގަޅަށް ދިވެހިބަހުން ވާހަކަދައްކާކަށްވެސް ނޭގެއެވެ.

"ކޮބާ ބޮސް..........."

"ނޭގޭ.."ސޯރާ ޖަވާބުދިނީ މޮޔައެއްހެން އަނގަ ހަދާލައިގެން ހުރެފައެވެ.

"އޯކޭ ސޯރާއަކަށް ވާހަކަދައްކަން ނޭގޭ ދޯ....."

މޭޒެއްހެން އޮތް ހިލަގަނޑެއްގެ މަތީގައި ސޯރާ ދޮލަގު ބެހެއްޓުމުން އާރްޔާ އިށީދެ އޭގައި ހުރި އެއްޗެއް ބަލައިލިއެވެ. ތާޒާ ޕީޗް އަދި ޕްލަމްއާއި ރަންބުސްތާނުތަކެވެ. މޭބިސްކަދުރާއި ކަދުރެވެ. ދެން ހުރީ ފުށުން ތައްޔާރުކޮށްފައި ހުރި ޕާންކަހަލަ އެއްޗަކާއި ބަޓަރެވެ. ފިހެފައި އޮތް ގެރި މަސްގަނޑެކެވެ. ފިޔާތޮށިކުލައިގެ ސަރުބަތެކެވެ.

"ފެންވަރާނެ ތަނެއް ނެތްތަ؟ މަ ހަޑިވެފަ މިހިރީ........." އާރްޔާވެސް ސޯރާގެ ބަހުރުވަގޮތަށް ވާހަކަދެއްކިއެވެ.

ސޯރާ އަތުން އިޝާރާތްކުރިއެވެ. އެނދާއި ދިމާލަށް ހުރި ހިލަގަނޑެއްގައި ހިފާ ދުރުކޮށްލަ ދިނެވެ. އެބައިވެސް ހުރީ ހިޔާކޮށްފައެވެ. ފެންވަރަން ބިލިގާއަކާއި ފާޚާނަާ ކުރާނެ އިންތިޒާމް އެތަނުން ލިބެއެވެ. އޭނަ ފިނިވެގެންގޮސް ރޫރޫ އަޅާގޮތްވިއެވެ. ހިލަތަކުގެ މަތިން އަރައިގެން ދިޔައިރު ދޭތެރެއަކުން ކަނޑައިގެންގޮސް އަޑިން މޫދު ފެންނާން އޮތުމުން ގައިން ހީބިހި ނެގިއެވެ.

"ތިއީ ހައްމާމް......" ސޯރާ ބުނެލިއެވެ.

"އަލަށް އަޑު މިއެހީ. ކަލޭމެންގެ ބަހުރުވަތަ؟ " އިރުކޮޅަކުން ބަލައިލިއިރު ސޯރާ ފެންނާން ނެތުމުން އާރްޔާ ބިލިގާއިން ނެގި ފެން އަތްގޮށްޓަކުން މޫނު ދޮވެލިއެވެ. ތާޒާކަން އިހުސާސް ކުރެވުނެވެ.

ފެންވަރާ ތާޒާވެލުމަށްފަހު ނުކުތްއިރުވެސް ސޯރާ އޭނައަށް ބަލަން ހުރީ ދުވަހަކު ނުދެކޭ "އޭލިއަން"އަކަށް ބަލާފަދަ ނަޒަރަކުންނެވެ. ބަނޑުހައިވެފައިވާ ވަރުން އިތުރު ސުވާލުކުރުމެއް ނެތި އޭނަ ކާންފެށިއެވެ.

"ތެންކިއު....."އާރްޔާ ސަރުބަތު ތަށި ބޮއި ނިންމައިލިއިރު ތުންފަތުގެ ކުލަ ވަކިން ގަދައެވެ.

***

ކިއްލާއެއްފަދައިން ފެންނަ ޝާހީ ގަނޑުވަރުގެ ތެރޭގެ ކޮޓަރިއެކެވެ. އުސްކިޑިކީތަކުން ބޭރު ބަލައިލާއިރު ކަނޑުގެ ސަތަހަ ފެންނަން އޮތީ ސާފު ރިހިދޫލައެއް ފަދައިންނެވެ. އިރުގެ އަލިކަން އެޅުމުން ވިދާ ބަބުޅައެވެ. ސެފްރަން ކިޑިކީއެއްގައި އަތް ވިއްދާލައިގެން ބޭރަށް ބަލަން ހުރިއިރު ކްރިމްސަން ލޮލުން އަލިފާނުގެ ހުޅު ނިކުންނަ ފަދައެވެ. ދިގުކޮށްލާފައިވާ ރިހިކުލައިގެ އިސްތަށިގަނޑު ވަޔާ ވިހުރެމުންދިޔައިރު މޫނުމަތީގައި ހުރި ހިތްގައިމުކަމާއި އަޅައިގަންނަގޮތުގެ ސަބަބުން އޭނަދެކޭ ކޮންމެ އަންހެންކުއްޖެއްގެ ހިތުގެ ވިންދު އަވަސްކުރުވާނެއެވެ. އެންމެ ފިޔަގަނޑެއްހުރިއިރު އެ ފިޔަގަނޑުއޮތީ ތިރިކޮށްލާފައެވެ.

"ސެފެރު.........." އޭނަގެ މައިދައިތަ ގަންދީޝާ ގެ އަޑު އިވުނުތަނާހެން ހުރީ ކައިރިން ފައުޅުވެއެވެ.

"ސެފެރުވެސް ދެން ތިކަމާ ހިތާމަކުރުމުގެ މާނައެއް ނެތް. އެންޖެލާ އިންސާނުންގެ ދުނިޔެއަށް ދާހިތުން ދިޔައީ. ވީކަމެއް ވެއްޖެ. ސެފެރު ކޮޓަރީގައި ތަޅުލެވިގެން އިނުމަކުން މާޒީގެ ސަފުހާތަކެއް ފޮހެނުލެވޭނެ. އެންޖެލާ އަށް އަނިޔާލިބުނީ އިންސިއެއްގެ ސަބަބުން........" ގަންދީޝާ ހަނދާންކޮށްދިނެވެ.

"ހުރިހާ އިންސިން ނައްތާލާނަން..." ސެފްރަން ކުރިއަށްވުރެ ބޮޑަށް ބުމަ އުފުލާލާފައި ލޯހަނިކޮށްލަމުން ހިތާހިތުން ކިޔައިލިއެވެ.

މައިދައިތަގެ ވާހަކަތަކުންވެސް ސެފްރޯން ރުޅިގަދަވެ މޫނުމަތިން އަލިފާންކުލަ ފާއްދާލުން ނޫންކަމެއްނުވިއެވެ. އެންޖެލާ އިންސީންގެ ދުނިޔެއަށް ދިޔައީ އޭނައަށް އެނގިގެނެއް ނޫނެވެ. އޭރު އޭނަވީ މުހިއްމު ހަގުރާމައަކަށް ގޮސްފައެވެ. އެވެސް ކާފަރު މާރިދުންތަކާއެވެ. ހަގުރާމައިގާ އޭނަ ބަލިވުމުން އެނބުރި އައީ ކުރިއަށްވުރެ ލަޝްކަރު ވަރުގަދަކޮށް ބަދަލުހިފުމުގެ ނިޔަތުގައެވެ. އެނބުރި އައިތަނާ ލިބުނީ އަދި ހިތަށް ތަދުވާފަދަ ޚަބަރެކެވެ. އަންހެނުން އެންޖެލާ މަރުވީއެވެ. އެ ޚަބަރާއިގެން އައި ޖިންނިންތައްވެސް އޭނަގެ ކަނޑީގެ ޝިކާރައަކަށްވިއެވެ. އޭނަގެ އާއިލާއަށް ފާރަވެރިވުމުގެ ޚިދުމަތުގައި ތިބި ޖިންނިން އެކަމަށް ފަރުވާކުޑަކޮށްލީއެވެ.

ސެފްރަންއަކީ އޭނަގެ އަންހެނުން އެންޖެލާގެ ބައްޕަ ޖަލްޖާލޫތު ފަޚުރުވެރިވާފަދަ ދަނބިދަރިއެކެވެ. ސެފްރަން ވަލީއަހުދަކަށް ހަދަން އޭނަބޮޑުންނާއި މަޝްވަރާ ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަމިއްލަ ފިރިހެން ދަރިން ތިއްބާ އޭނައަށް ވަލީއަހުދުކަން ދިނުމާއި ގަންދީޝާ ދެކޮޅެވެ. އިންސާފުން ކަންތައްކުރަން ޖެހޭނެކަމުގައި އޭނަދަނީ ބުނަމުންނެވެ. އެންޖެލާ މަރުވުމަށްފަހު އޭނަގެ ހަނގު ދަރި މިރިއަމް އާއި ސެފްރަން ކައިވެނިކުރުވުމަކީ ގަންދީޝާގެ ނިންމުމެވެ. ރާނީގެ ނުފޫޒާއި ބާރު ރަސްކަމުގެ ކޮއިލުގައި ހިނގާނެއެވެ. ސެފްރަން ޖެހޭނީ އޭނަ ބުނާގޮތަށް ހަދާށެވެ. މިރިއަމް އާއި ކައިވެނިކޮށްފިއްޔާ ސެފްރަން ރަސްކަމަށް އިސްކުރިޔަސް އޭނަގެ މައްސަލައެއް ނެތެވެ.

***

އާރްޔާ ތަޅުންމަތީގައި ރަޖާގަނޑު ފަތުރާލައިގެން އިނދެ ނަމާދުކުރަން ފެށިއެވެ. މިފަދަ ހިތްދަތި ބިރުވެރި ތަޖުރިބާއެއް ކުރެވުމުން އާރްޔާ އަޅުވެރި ހެއްދެވި ފަރާތާއި ގުޅުން ރަގަޅު އަންހެންކުއްޖަކަށް ވެއްޖެއެވެ. ފޯނަށް އަޅާފައި ހުރި އެޕްއިން ގުރުއާން ކިޔެވުން އާދަކުރިއެވެ. ހެދުނާއި ހަވީރު ޒިކުރުކޮށް މި ކަންތައްތަކުން ސަލާމަތްވާން ދުޢާކުރެއެވެ. ކުޑަކުއްޖަކާއި ބަލާއިރު އާރްޔާ ވީ ހިތްވަރުގަދަ ކުއްޖަކަށެވެ. ކުއްލިއަކަށް ކޮޓަރިތެރެއިން މީހެއްގެ ހިލަންވިއެވެ. ނަމަވެސް އޭނަ ހުއްޓުމެއްނެތި ނަމާދުކުރަމުން ދިޔައެވެ. ސަލާމްދީފައި ދުޢާކުރަން އަތްމައްޗަށް އުފުލައިލިއެވެ.

(ނުނިމޭ...)

ކޮމެންޓް 0