''ކިހިނެއް އޭނައަށް ޝައްކުވީ؟...'' ބަދިގެއިން ބޭރަށް ނިކުންނަމުން ސިއްރުސިއްރުން މާރިޔާ އަހާލިއެވެ. އޭނަގެ ފުރިހަމަ ސަމާލުކަން ހިންދުގެ ވާހަކަތަކަށް އޭރު ވަނީ ދެވިފައެވެ. ''ކޮންމެވެސް ގޮތަކުން އޭނައަށް އެނގިގެން ދޯ އެގޮތަށް ވާހަކަ ދައްކާނީ......''
''މަށަށް ހީވަނީ އަޒްޔާން ޖަނާ ގާތު އެއްޗެކޭ ބުނެގެން އުޅެނީހެން... އޭނަ އެހުރީ ގޮތުގަ، ބަތޫލްގެ ހަޔާތުން ދުރަށް ދާކަށް އޭނަ ބޭނުމެއް ނުވޭ... މި ކަންތަކާ ހުރެ ބަތޫލްއަށް ޝައްކެއް ވެއްޖެއްޔާ ވާނެ ގޮތެއް ވެސް ނޭގޭ... އަނެއްކާ ޖައުފަރު ވެސް ހިތްހަމަނުޖެހޭނެ މިވާ ގޮތަކާ މެދު......'' ހުރިހާ ދިމާއަކަށް ވިސްނުން ހިންގާލަމުން ހިންދު ބުންޏެވެ. އޭނައަށް ލިބިފައިވާ ހާސްކަމާހުރެ ހަމަނޭވާލެވޭ ހެން ވެސް ހިޔެއް ނުވެއެވެ. ކަރުތާފެނުގެ އަޑިއަށް ގެނބިގެން ދާން އުޅޭ ފަދަ އިހުސާސްތަކެއް އޭނައަށް ކުރެވުނެވެ. މިހާ އަވަހަށް ހުރިހާ ކަމެއް ބޮއްސުން ލައިގެން ހިނގައިދާނެ ކަމަކަށް އޭނަ ލަފައެއް ވެސް ނުކުރެއެވެ.
''ދޮންތަ ތިހާ ބޮޑަށް ފިކުރުބޮޑުވަންޏާ ބަތޫލްއަށް ކަމެއް ގޯސްކޮށް ދާހެން ހީވާން ފަށާފާނެ... މިވަގުތު ވަރަށް ފަރުވާތެރިކަމާއެކު ކުރިއަށްދާން ޖެހޭނީ... ފުރަތަމަ ކަމަކަށް ވެސް ޖަނާއަށް ޝައްކުވާން ޖެހުނު ސަބަބު ހޯދަންވީ... އޭރަށް ކަންތައް އިތުރަށް ބޮއްސުންލައިގެން ދިއުމުގެ ކުރިން އެދެވޭ ކަހަލަ ފިޔަވަޅެއް އެޅޭނީ...'' މާރިޔާ ބުނެލިއެވެ.
''އާނ... ބިތުނީ ވެސް ތެދެއް... މަށަށް ޔަޤީން އަޒްޔާންގެ ކަމެއްކަން މިއީ...'' ހިންދުގެ އަޑުގައި ނުރުހުންތެރިކަން ވިއެވެ. ''މިފަހަރު މަ ބަލާނަން މަށަށްތޯ ނޫނީ އޭނައަށް ތޯ ކުރިއެރުން ލިބޭނީ... ވީހާ ވެސް އަވަހަކަށް ބަތޫލް އެހެން ތަނަކަށް ފޮނުވާލަންވީ... އޭރަށް އޭނައަށް ބަތޫލްއާ ހަމައަށް ވާސިލުވެވޭނެ ދޮރުތައް ވެސް ބަންދުވެގެން ދާނެއެއްނު... އެކަމަކު ބަތޫލް އެކަމާ އެހާ ހިތްހަމައެއް ނުޖެހޭ... އޭނަ ރާއްޖެ ދޫކޮށް ދާކަށް ބޭނުމެއް ނޫން....''
''ބަތޫލްގެ ނުރުހުމުގަ އެއްވެސް ކަމެއް ކުރަން މަށަކަށް ނުފެނޭ، އޭގެ ނަތީޖާ ނުބައި ގޮތަކަށް ނުކުމެދާނެ...'' މާރިޔާ ބުންޏެވެ. އެކަމާ ދެކޮޅު ހަދަން ބޭނުންވިއެއްކަމަކު މާރިޔާ ދައްކަން ފެށި ވާހަކަތަކުގެ ސަބަބުން ހިންދުގެ ޚިޔާލު ބަދަލުކޮށްލަން ޖެހުނެވެ.
*****
މެންދުރުގެ ކެއުމަށް ސުފުރާމަތި ތައްޔާރުކުރަން އުޅުނު ޒައިނަބަށް ގޭގެ މައިދޮރާއި ދިމާއަށް ބަލާލެވުނީ ބެލްޖަހާލި އަޑަށެވެ. އަތުގައި އޮތް ތަށި މޭޒުމަތީ ބާއްވަމުން މައިދޮރާއި ދިމާއަށް އޭނަ މިސްރާބު ޖެހިއެވެ.
ދޮރު ހުޅުވާލުމާއެކު ޒައިނަބަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ކުރިމަތީ ހުރި ޖަނާއަށް ބަލަހައްޓައިގެން އޭނައަށް ހުރެވުނީއެވެ. ޖަނާ އެތަނަށް އައި ސަބަބު ހޯދަން އުޅޭ ކަހަލަ ގޮތަކަށެވެ.
''އަޒްޔާން އެބައުޅޭތަ؟...'' ޒައިނަބުގެ ބަލައިލުމުން ޖަނާއަށް ވިސްނުނީކަންނޭގެ އެވެ. އޭނަ ހިނިތުންވެލަމުން ވާހަކަދައްކަން ފެށިއެވެ.
''އަޒްޔާން މަނާކޮށްފައި ވަނިކޮށް ޖަނާ ތިއައީ ކީއްކުރަން؟...'' ނުރުހުމަށްވުރެ ބޮޑަށް ޒައިނަބުގެ އަޑުގައިވަނީ ކަންބޮޑުވުމެވެ. މެންދުރުގެ ކެއުމަށް އޮފީހުން އަޒްޔާން އަންނާނެ ގަޑި ކައިރިވެފައިވުމުން އޭނަ ބެލީ ވީހާވެސް އަވަހަކަށް ޖަނާ އެތަނުން ފޮނުވާލެވޭތޯ އެވެ. އެހެންނޫންނަމަ ހަމަނުޖެހުންގަނޑެއް ހިނގާފާނެކަން އޭނައަށް އެނގެއެވެ. އަޒްޔާން އެންމެ ރަގަޅަށް ދަސްވެފައި ވަނީ އޭނައަށް ވިއްޔާއެވެ. ބައެއްފަހަރު އަޒްޔާން ގާތަށް އަންނަ ސިނގުރުޅިގަނޑުގެ ސަބަބުން އޭނަ ވެސް ޖެހިލުން ވެއެވެ.
''ދައްތާ، އަހަންނަށް އެނގޭ ކޮންމެވެސް ކަންތައްގަނޑެއް ހިނގައިގެން އެބައުޅޭކަން... ދައްތަ އަހަންނާ އެކަންތައް ހިއްސާކޮށްބަލަ... އޭރުން އަހަންނަށް އެހީއެއް ވެދެވޭނީ ވެސް... އަހަންނަށް ޔަޤީން އަޒްޔާންއަށް ކޮންމެވެސް ކަމަކާ މަޖުބޫރުން ކުރިމަތިލާން ޖެހިފައިވާކަން... އަޒްޔާން އެކުރިކަމެއް ކުރީ ހިތާއި ދެކޮޅަށްކަން ވެސް... އޭނަ އެހުރިހާ ހިތާމައެއް ފޮރުވަން އުޅެނީ ރުޅިވެރިކަން އިސްކޮށްގެންކަން ވެސް...'' ޒައިނަބަށް ބަލާލަމުން ޖަނާ ވާހަކަދެއްކިއެވެ. ޒައިނަބުގެ ފަރާތުން ކޮންމެވެސް މިންވަރެއް އެނގިދާނެ ކަމަށް އެހިތުގައި އުއްމީދެއް ވިއެވެ.
''ދައްތައަކަށް ނޭގޭ ޖަނާ ތިދައްކާ ވާހަކައެއް... އަޒްޔާން މިހާރު އަންނަން އުޅޭނެ... އޭނަ އައުމުގެ ކުރިން ޖަނާ މިތަނުން ދިޔައްޔާ އަހަންނަށް ރަގަޅީ...'' އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ޒައިނަބު ބުނެލިއެވެ. ކިތަންމެ ފަހަރަކު ޖަނާއާއި ހުރިހާ ވާހަކައެއް ހިއްސާކުރަން އޭނަގެ ހިތަށް އެރިއެވެ. ޖަނާ ވެސް އޭނަ އެދޭ ފަދައިން ބޭނުންވަނީ އަޒްޔާންއަށް އެހީވެދޭށެވެ. ނަމަވެސް އެކަން އެގޮތަށް ވާން ނެތްކަން އޭނަގެ ޒަމީރު ހަނދާންކޮށްލަ ދިނުމާއެކު އޭނަ އަވަސްވެގަތީ ޖަނާ ފޮނުވާލާށެވެ.
''ކީއްވެތަ ހުރިހާ ކަމެއް އޮޅުވާލަން ތިއުޅެނީ؟، ބަތޫލް މަންމަ ކޮންކަމަކަށްތަ މަޖުބޫރުކުރީ؟...'' ޖަނާގެ ސުވާލާއެކު ޒައިނަބުގެ މޫނުގެ ކުލަވަރު ބަދަލު ވިއެވެ. އެހުރިހާ ކަމަކަށް ސަމާލުވެ ހުރި ޖަނާއަށް ތީރު އަމާޒުކޮށްލެވުނީ ނިޝާނާކަން ދަނެގަނެވުނެވެ.
''އަހަރެން ހިޔެއް ވެސް ނުކުރަން ބަތޫލްއަށް ދެރައެއް ދޭން އޭނަގެ މަންމަ އުޅެފާނެ ކަމަކަށް... އެކަމަކު މިހާރު ޔަޤީންވެއްޖެ... ކުއްލިއަކަށް އަޒްޔާންއާއި ބަތޫލްގެ ކައިވެންޏަށް ރުހުން ދިނީ ވެސް ދުރާލާ މިހުރިހާ ކަމަކަށް ތައްޔާރުވެގެންކަން... އެކަމަކު ކީއްވެތަ އަޒްޔާން އެހާ ފަސޭހައިން ބަލި ޤަބޫލުކުރީ؟، އަހަންނަށް އެނގޭ ދައްތައަށް ކޮންމެވެސް މިންވަރެއް އެނގޭނެކަން......'' ޖަނާގެ ހިތަށް އުނދަގޫކުރަމުން އައި ސުވާލު އޭނައަށް ފެންމަތިކޮށްލެވުނެވެ. އޭނަގެ އަޑުގައި އާދޭހުގެ އަސަރު ވިއެވެ. ހޯދަން އައި ސުވާލުތަކުގެ ޖަވަބު ނުލިބެނީސް ދޫކޮށްނުލާ ސާބިތުކަމާއެކު ހުންނާނެ ކަމުގެ ކުލަވަރުތައް ވެސް އެމޫނުގައި ވިއެވެ.
''ޖަނާގެ ސުވާލަށް ދައްތަ ޖަވާބުދޭކަށް ނުޖެހޭނެ... ދެން މީގެ ފަހުން މިގެއަށް ނާންނާތި...'' ލިބުނު ނުތަވަސްކަން ފޮރުވާލަމުން ޒައިނަބު ދޮރުލައްޕާލަން އުޅުނެވެ. ނަމަވެސް އޭނަ ގަނޑުވީ ސިޑީގެ ހަރުފަތްތަށް ގިރާކޮށްލަމުން މައްޗަށް އެރި އަޒްޔާން ފެނިފައެވެ.
ޖަނާއަށް ފަސްއެނބުރި ބަލާލެވުނީ ޒައިނަބުއަށް އައި ކުއްލި ބަދަލުންނެވެ. އެއާއެކު އޭނަގެ މެޔަށް ބިރުވެރިކަން ފޭދުނީ ރުޅިއައިސްފައި ހުރި އަޒްޔާންއާއި ހަތަރުކަޅި ބައްދަލުވުމުންނެވެ. ޖެހިލުންވާ ފަދަ ބިރުވެރިކަމެއް އެދެލޮލުން ޖަނާއަށް ފެނުނެވެ. އޭނައަށް ހިންދިރުވާލެވުނީ ވެސް އުނދަގުލުންނެވެ. ނަމަވެސް ދާފަދަ ޚިޔާލެއް އޭނަގެ ނެތެވެ. އޭނަ ހުރީ ވަރުގަދަ އަޒުމެއްގެ މަތީގައެވެ.
''ބުނާ އެއްޗެއް އަޑުއިވޭ ކަމަކަށް ވެސް ނުވޭ ދޯ؟...'' އަޒްޔާން ދަތްތަކަށް ބާރުލަމުން ބުނެލިއެވެ. އޭނަގެ ކަތުރުކަށިގަނޑަށް އަރާފައިވާ ވާންކަމާއި ގޮށްޖެހިފައިވާ ބުމައިގެ އިތުރުން ހަނިކޮށްލެވިފައިވާ ދެލޮލުގެ ތެރޭން ފާޅުވަމުން އައި ރުޅިވެރިކަން ފެނި ޖަނާގެ ހިތް އެނގުން ވިއެވެ. ހިނދުކޮޅަކަށް ނޭވާވެސް ހިނދުރީގައި ތާށިކޮށްލުމަށްފަހު އެވެ.
''އަޒްޔާން...'' ޒައިނަބަށް ގޮވާލެވުނެވެ. އަޒްޔާން ކޮށްފާނެ ކަމަކާމެދު އޭނަ ހުރީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. ރުޅިއައިސްފިނަމަ އަޒްޔާން އަތުންފައިން ގޯސް ނުހަދާ ފަހަރެއް މަދުވާނެއެވެ. އެއާއެކު އޭނަ އަވަސްވެގަތީ ޖަނާ އެތަނުން ފޮނުވާލާށެވެ.
''އަހަރެން ދާނީ އަޒްޔާން އަހަންނަށް ހަޤީޤަތް ކިޔައިދިން އިރަކުން...'' ޖަނާ އިއްވާލިއެވެ.
''ކޮން ހަޤީޤަތެއް؟... ޖަނާއަށް އެގެން ޖެހޭ އެއްވެސް ކަމެއް ނޯންނާނެ... އަތުގެ ހިފާ ބޭރުނުކުރަނީސް ދާން އުޅޭ!...'' ކުރިއަށް ފިޔަވަޅެއް އަޅަމުން އަޒްޔާން އިންޒާރެއް ދިނެވެ.
''ކީއްވެތަ އެހާ ފަސޭހައިން އަޒްޔާން ބަލި ޤަބޫލުކުރީ، ވައި ޑިޑިންޓް ޔޫ ފައިޓް ފޯރ ހާރ... އެކަނިވެރިކަމުގެ ތެރެއަށް ބަތޫލް ދޫކޮށްލީ ކީއްވެ؟... އެކުގަ އުޅުނު ދުވަސްތަކުގެ ބަދަލުދޭން އެނގުނު ގޮތަކީ އެއީތަ؟، އަހަންނަށް އެނގޭ އަޒްޔާންއާއި ބަތޫލްގެ ޒާތީ ކަންކަމުގެ ތެރެއަށް ވަނުމުގެ ހުއްދައެއް އަހަންނަށް ނެތްކަން، އެކަމަކު ވެސް އޮޅުވާލުމާއި ހީލަތުގެ ސަބަބުން ބަތޫލްއަށް ލިބޭ އަނިޔާވެރިކަމަށް ނިމުން ގެންނަން އަހަރެން ބޭނުން... އޭނަ އަދިވެސް އެހުރީ އަޒްޔާންގެ އިންތިޒާރުގައި... އަޒްޔާންގެ އަންނާނެ ދުވަހަކަށް... ދުލުން ނުބުންޏަސް ބަތޫލްގެ އަމަލުތަކުން އެކަން ސާބިތުކޮށްދޭ... ދެން ކީއްވެތަ އަޒްޔާންއަށް ނުވިސްނިގެން ތިއުޅެނީ؟... މީހަކު ހަމަ ބުނެލާ އެއްޗަކަށް އަމަލުކުރަން ޖެހޭތަ؟... ރަހުމެއް ނެތް މީހަކަށް ވާން އަޒްޔާން ބޭނުންވިޔަސް އެއީ އަޒްޔާންގެ ގޮތެއް ނޫންކަން އަހަންނަށް އެނގޭ... ދެން ކީއްވެ އެގޮތުގަ ތިހިފަހައްޓަނީ؟...''
ޖަނާ ހިތްވަރުކޮށްލަމުން ވާހަކަދެއްކިއެވެ. އަޒްޔާން ކިތަންމެ ރުޅިއަޔަސް އަންހެނަކަށް ދެރަގޮތެއް ނުހަދާނެކަން އޭނައަށް އެނގެއެވެ. ބަތޫލް ވަނީ އަޒްޔާންގެ އަނދިރި މާޒީގެ ސަފުހާތަކުން ބައެއް އޭނައާ ހިއްސާކޮށްފައެވެ.
ތޫފާނެއް އައުމުގެ ކުރިން ދުނިޔެ މައްޗަށް ވެރިވެގެންދާ ފަދަ ހަމަހިމޭންކަމަކުން މުޅި މާހައުލު ވަނީ ހިސާރުކޮށްފައެވެ. ދުރުގައި ހުރި އަޒްޔާންއަށް ބަލަން ޖަނާއަށް ހުރެވުނީ އެހިމޭންކަމުގެ މާނަ ނަގައިގަންނަންވީ ގޮތެއް ނޭގިފައެވެ. އޭނަގެ ވާހަކަ ކުރިއަށް ގެންދަންވީ ކަމެއް ނޫނީ އަޒްޔާންގެ ރުޅިވެރިކަމުގެ ހަމަލާއަކަށް ސަމާލުވާންވީކަމެއް ނޭގިފައެވެ.
ޒައިނަބު ވެސް އޭރު ހުރީ އަޒްޔާންއަށް ބަލާށެވެ. އަޒްޔާންގެ ހުރިހާ އިހުސާސްތަކެއް އޭނައަށް ދަނެގަނެވޭ ފަދައެވެ. ދަރިފުޅުގެ ހިތާމަތަކަށް ނިމުން އަންނަން އޭނަ ބޭނުމެވެ. ދުނިޔެއަށް ފަހު ނޭވާ ދޫކޮށްލެވުމުގެ ކުރިން އަޒްޔާން އުފާވެރި ހަޔާތެއް ހޭދާ ކުރާތަން ދެކެން ބޭނުމެވެ. އެތައް ޒަމާނަކަށް ފަހު އަޒްޔާންގެ މޫނުން އޭނައަށް އުފާވެރިކަން ފެނުނީ ބަތޫލްގެ ސަބަބުންނެވެ. އެޖާދުލެއް ފަދަ އަންހެންކުއްޖާ އޭނަގެ ދަރިފުޅުގެ ހަޔާތަށް އާރޯކަން ގެނެސްދިނެވެ. ހިނިތުންވާން ދަސްކޮށްދިނެވެ. އުފާވެރި ދިރިއުޅުމެއްގެ ފޮނި ހުވަފެންތައް ދައްކައިދިނެވެ. ލޯބި އިހުސާސްކޮށްދިނެވެ. އެހެނަސް ލޯހުޅުވާލާ މަދު ސިކުންތުކޮޅެއްގެ ތެރޭގައި މަންޒަރު ބަދަލުވެގެން ދިޔައީއެވެ. ހުވަފެނުން ހޭލެވި ދުނިޔޭގެ އަނިޔާވެރި ހަޤީޤަތާ ކުރިމަތިލާން ޖެހުނީއެވެ. ހިތަށް ކުރި ފުންއަސަރުން އޭނަގެ ދެލޯ ކަރުނުން ފުރުނެވެ. އަބަދު އެދެމައިންނަށް މިފަދަ ދަތި އިމްތިހާނުތަކާ ކުރިމަތިލާން ޖެހިފައިވަނީ ކީއްވެ ހެއްޔެވެ؟ އުފާވެރިކަން އެއީ އެމީހުންގެ ނަސީބުގައި ލިޔެވިފައިވާ އެއްޗަކަށް ނުވަނީ ހެއްޔެވެ؟ ހިތުހުރި ގޮތަކަށް އެމީހުނާ މެދު ކަންތައް ކުރެވިގެންދާއިރު އެމީހުންގެ ވެސް އިހުސާސްތަކެއް ވާނެ ކަމާމެދު އެއްވެސް މީހަކު ވިސްނާނުލަނީ ކީއްވެ ހެއްޔެވެ؟ ފައިސާއާއި ބާރުގެ އެހީގައި ހުރިހާކަމެއް އެބަޔަކު ބޭނުންވަގޮތަކަށް ބަދަލުކޮށްލެވެނީ ކީއްވެ ހެއްޔެވެ؟
ލޮލުން ފޭބި ކަރުނަތައް ފޮހެލަމުން ޒައިނަބު ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި ނުގުޑާ ފަދަ އަޒުމެއްގައި ހުރި ޖަނާއަށް ބަލާލިއެވެ. ހަޤީޤަތުގެ ފުނަށް ފީނައި ނުގަނެވެނީސް ޖަނާ ހުއްޓާނުލާނެކަން އޭނައަށް ވިސްނައިގަނެވުނެވެ. ފަހަރެއްގައި ޖަނާއަށް އެހީއެއް ވެދެވިދާނެއެވެ. އެހެނަސް އެއީ ނާދިރު ކަމެކެވެ. ހަމައެއާއެކު މިހުރިހާ ކަމެއްގެ ތެރޭގައި ބަނދެވި ޖަނާއަށް ދެރަގޮތެއް ވާކަށް އޭނަ ބޭނުމެއް ނޫނެވެ.
''އަޒްޔާން، ޕްލީޒް، އައި ވޯންޓު ހެލްޕް ޔޫ... ބަތޫލްއަށް ހުރިހާ ކަމެއް އެނގުން މުހިންމު... ބަތޫލްގެ މަންމަގެ ހަޤީޤަތް ވެސް... އެފަދަ ބަޔެއްގެ ތެރެއަށް ބަތޫލް ދޫކޮށްލަން އަޒްޔާން ބޭނުންތަ؟......'' އާދޭހުން ފުރިގެންވި ރާގަކަށް ޖަނާ ބުނެލިއެވެ. އެންމެ ސިކުންތަކަށް ވެސް އޭނަގެ ނަޒަރު އަޒްޔާންގެ މޫނާ ވައްކެއް ނުވެއެވެ. އެދެލޮލުގައި ފޮރުވިފައިވާ ވޭން އޭނައަށް ފާހަގަ ކުރެވުނެވެ. ނަމަވެސް ދާދި މަދު ވަގުތުކޮޅެއްގެ ތެރޭގައި އެހުރިހާ އިހުސާސްތަކުގެ މައްޗަށް ރުޅިވެރިކަން ކުރިހޯދައިފި އެވެ.
''ލީވް!!!...'' އަޑަށް ހަރުކަށިކަން ގެންނަމުން އަޒްޔާން އަމުރުކޮށްލުމަށްފަހު ފަޓުލޫނުގެ ޖީބަށް އަތްތިލަކޮށްޕާލިއެވެ. އަދި ނުރުހުމާއެކު ޖަނާއަށް ބަލާލިއެވެ. ''ޔޫ ކާންޓް ހެލްޕް އަސް...''
''ކީއްވެ؟... ކީއްވެ އެހީ ނުވެނެންވީ؟... ބަތޫލްއަށް ހަޤީޤަތް އެނގުމާއެކު އޭނަ އަޒްޔާން ގާތަށް އަންނާނެ... ޝީ ލަވްސް ޔޫ... މިހާ ދުވަސް ވީއިރު ވެސް އަޒްޔާންއަށް އެކަން ނޭގޭތަ؟...'' ޖަނާއަށް ބުނެވުނެވެ.
''އަހަރެން ކަހަލަ މީހަކާ އެކު ބަތޫލްއަށް ނޫޅެވޭނެތީ!...'' މޭގައި ޝަހާދަތް އިނގިލިޖައްސާލަމުން އަޒްޔާން ބުނެލީ ލަފުޒުތަކަށް ބާރުލަމުންނެވެ. އޭނަގެ އަޑުގައި މިހާރު ރުޅިވެރިކަމެއް ނުވެއެވެ. ޖަނާ ދެއްކި ވާހަކަތަކުގެ ސަބަބުން އަސަރުކޮށްފައިވާ ކަހަލައެވެ. އިރުކޮޅެއް ކުރިން ރުޅިވެރިކަމުން ފޯވެފައިވި މީހާ މިހާރު ވީތަނެއް ވެސް ނޭގެއެވެ.
''ތި ކާކު ދައްކައިގެން އުޅޭ ވާހަކައެއްތަ؟... ބަތޫލް މަންމަ ދޯ؟... އެކުގައި ނޫޅެވެންވީ ސަބަބެއް ބުނެބަލަ...'' އަޒްޔާންއަށް ވިސްނައިދޭން ޖަނާ މަސައްކަތް ކުރިއެވެ. ހިންދުގެ ނުބައި ރޭވުންތެރި ވިހައިގެ އަސަރު އަޒްޔާންގެ ވިސްނުމަށް ކޮށްފައިވާކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. ''އެކުގައި އުޅެން މައްސައްކަތް ކުރީމަ އުޅެވޭނެ... މީހުން ބުނާ އެއްޗަކަށް ބަރޯސާވެ އެފަދަ ކަމެއް ނުނިންމޭނެ...''
''ޖަނާ ދޭ މިތަނުން!...'' އަޒްޔާން އިތުރަށް އެއިން އެއްވެސް ސުވާލަކަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. ޖަޒުބާތުގައި ޖެހި ކުޑަ މިންވަރެއް ވެސް ޖަނާއާއި ހިއްސާކުރެވުމުން އަމިއްލަ ނަފުސުދެކެ ރުޅިއާދެވުނެވެ. އެހާ ބަލިކަށި ހިތެއްގެ ވެރިޔަކަށް އޭނަވީ ކޮން ދުވަހަކު ހެއްޔެވެ؟
''އަޒްޔާން... އެފަދަ ކުޑަކަމަކަށްތަ ބަތޫލްއަށް އަނިޔާވެރި ތިވަނީ؟...'' ޤަބޫލުކުރަން ދަތިވެފައި ޖަނާއަށް އަހާލެވުނެވެ. އަޒްޔާން ހިއްސާކުރި ކަންތަކަށްވުރެ އަޑީގައި ހަޤީޤަތް ވަނީ ފަސްލާ ފޮރުވިކަން ގައިމެވެ.
''ބުނެފީމެއްނު ދާށޭ!... ކީއްވެ ދާން ނޭގިފަ ތިހުންނަނީ؟...'' ހަރުކަށި ރާގަކަށް އަޒްޔާން އިއްވާލިއެވެ.
''އަހަރެން ކުރިން ވެސް ބުނިހެން މިތަނުން ދާނީ ހުރިހާކަމެއް އެނގުމަށް ފަހު...'' ޖަނާ ބުނެލިއެވެ. އެއާއެކު އަޒްޔާންއަށް ރުޅިވެރިކަމާއެކު ބުމަކައިރިކޮށްލެވުނެވެ. އޭނަ ޖަނާ ގާތަށް އައިސް ހުއްޓިލަމުން އަތުގެ މުލައްދަނޑީގައި ހިފާ ލުއްކިއެއް ޖެހިއެވެ. އަދި ސިޑިއާ ހަމައަށް ގެންދިޔައީ ޖަނާ ގަދަހަދަމުން ދަނިކޮށެވެ. އެއާއެކު ޒައިނަބު ޖަނާއަށް އެހީގެ އަތެއް ދިއްކޮށްލަން އެދެމެދަށް ވަނެވެ.
''އަޒްޔާން!!...'' ހިތްހަމަނުޖެހިފައިވާ ރާގަކަށް ޒައިނަބު ގޮވާލިއެވެ. އެއަޑަށް ޖަނާގެ މުލައްދަނޑިން އަޒްޔާން ދޫކޮށްލިއެވެ. އަދި ޖަނާއަށް ބަލާލުމެއް ވެސް ނެތި އެތެރެއަށް ގޮސް ވަދެއްޖެއެވެ. އެމަންޒަރު ބަލަން ހުރި ޒައިބަށް ފުން ނޭވާއެއް ދޫކޮށްލަމުން ދެފަރާތަށް ބޯހޫރާލެވުނެވެ. އެއަށްފަހު އޭނަ ޖަނާ ގާތަށް ޖެހިލިއެވެ.
އަޒްޔާން ހިފެހެއްޓި ބާރުމިނުގެ ސަބަބުން ޖަނާގެ އަތަށް ތަދެއް އަރާފައި ވިއެވެ. އަތުގައި ފިރުމާލި ވަގުތު އޭނައަށް އާހެއްގެ އަޑު ބޭރުކޮށްލެވުނީ ވީ ތަދެއްގެ ސަބަބުންނެވެ.
''ދައްތައަށް އެނގޭ ބަތޫލްއަށް އެހީވާން ޖަނާ ބޭނުންވާކަން، އެކުވެރިޔަކު ހިތާމައިގައި ނިމިގެންދާތަން ދެކެން ބޭނުންނުވާކަން ވެސް... ހަމައެފަދައިން ދައްތަ ވެސް ބޭނުމެއް ނޫން ހުރި ހަމައެކަނި ދަރިފުޅު އެކަނިވެރިކަމުގައި ގަނަތެޅޭތަން ދެކޭކަށް... އެކަމަކު ކުރެވޭނެ ކަމެ ނެތް... ޖަނާ ވެސް ދެން ހުރިހާ ކަމެއް މަތިން ހަނދާން ނައްތާލާ... މިއިން އެއްވެސް ކަމެއް ބަތޫލްއަށް އެނގުން މުހިއްމެއް ނޫން...'' ޒައިނަބު ވިސްނައިދޭ ރާގަކަށް ބުނެލިއެވެ.
''ކީއްވެ އެނގުން މުހިއްމު ކަމަކަށް ނުވާންވީ؟...'' ޖަނާއަށް އަހާލެވުނެވެ. ބަތޫލްއަށް އޭނަގެ ދުޝްމަނަކީ އުފަން މަންމަކަން އެނގުން މުހިންމެވެ. އޭގެ އިތުރަށް އޭނަގެ އުފާތަކަށް އޮތް ހުރަހަކީ އެއީކަން ވެސް މެއެވެ.
''އޭރުން ބަތޫލްގެ މައިންބަފައިންނާ މެދު ރުޅިވެރިކަން އުފެދޭނީ... އެމީހުން ދުވަހަކު ބަތޫލްއާ އަޒްޔާން އެކުގައި ވިޔަކަ ނުދޭނެ...'' ޒައިނަބު ބުނެލި ޖުމްލައާއެކު ޖަނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ވެދިޔަ ކަންތަކުގެ ފަހަތުގައި ޖައުފަރުބެގެ އަތެއް ވެސް ވޭ ހެއްޔެވެ؟ ޖަނާއަށް އެކަން ޤަބޫލެއް ނުކުރެވުނެވެ.
''މައިންބަފައިންނޭ؟...'' ޖަނާއަށް ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ.
''އާނ... އެހުރިހާކަމެއްގެ އިސް މޭސްތިރިއަކީ ޖައުފަރު... އޭނައަށް ލިބިފައިވާ ބާރުގެ ފައިދާ ނަހަމަ ގޮތުގައި ނަގައިގެން އޭނަ ބޭނުންވާ ގޮތަށް ހުރިހާ ކަމެއް ނިންމާލީ... އެއީ ޖަނާ ތިހީކުރާ ކަހަލަ ރަގަޅު އިންސާނެއް ނޫން........... އިތުރަށް އެވާހަކަތައް ދައްކާކަށް އަހަރެން ބޭނުމެއް ނޫން......'' ޖައުފަރު ދެކެ ހިތުގައި އުފެދިފައިވާ ފޫއްސެއްގެ ބޮޑުކަމުން ޒައިނަބު އޭނަގެ ޖުމްލަ ހުއްޓާލިއެވެ.
''ޖަނާ މިހުރިހާ ކަމެއް ސިއްރުކޮށްދޭނަން ކަމަށް ވަޢުދުވޭ... ހުރިހާ އެންމެނަށް ވެސް ހަމަ ޖެހިގެން އުޅެވެން އޮތީ ހަމައެކަނި މިގޮތަށް... ތަޤުދީރުގައި ލިޔެވިފައި އޮތް ގޮތެއް އަހަރުމެންނަކަށް ބަދަލެއް ނުކުރެވޭނެ... ހިތްވަރާއެކު ހުރިހާ ކަމަކާ ކުރިމަތިލުން އޮތީ...... ބަތޫލްއަކީ ހިތްވަރުގަދަ ކުއްޖެއް... ހުރިހާ ހިތާމަތަކުން ވެސް ބަތޫލްއަށް އަރައިގަނެވޭނެ.....''
ޒައިނަބު އެތެރެއަށް ދާން ހިނގައިގަތީ ޖަނާ ލައްވާ ވަޢުދެއް ކުރުވާފައެވެ. އެހަނަސް އެވަޢުދު މަތީ ދެމިހުރެވޭ ފަދަ ޔަޤީންކަމެއް ޖަނާގެ ނެތެވެ. ފާޅުވި ހަޤީޤަތްތައް ބަތޫލްއަށް އެނގުން މުހިންކަމަކަށް ވީތީއެވެ.
*****
ދަންވަރުގެ ހަމަހިމޭން ވަގުތެވެ. ކަރުހިއްކައިގަނެގެން ހޭލެވުނު މާރިޔާ ކޮޓަރިން ނުކުތީ ފެންފުޅިއެއް ބަލާއެވެ. ބަދިގެއާ ދިމާއަށް އޭނަ މިސްރާބު ޖެހި ވަގުތު ހުއްޓުން އެރީ ސޯފާގައި އިން ޝުޖާއު ފެނިފައެވެ. އެއާއެކު އޭނަގެ ނިދިވެސް ފިލައިގެން ދިޔައެވެ
ބޮޑުކޮޓަރިއަށް ވެރިވެފައި އޮތް ފަނޑު އަލިކަމުގެ ތެރޭން އަތުގައި އޮތް ކޮފީ މަގުން ޝުޖާއު އިރުއިރުކޮޅާ އެތިފޮދެއް ބޯލައެވެ. އެހެން އިންއިރު އޭނަ ވަނީ ފުންވިސްނުމަކަށް ގެއްލިފެވެ.
ބަދިގެއަށް ދިއުމުގެ ކުރިން މާރިޔާ ހިނގައިގަތީ ސޯފާއާއި ދިމާއަށެވެ. ޝުޖާއު އަބަދު ވިސްނުމަކަށް ގެއްލިފައިވާތަން އޭނައަށް ފާހަގަ ކުރެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އެހުރިހާ ކަމަކާއި ގުޅިފައި ވަނީ ބަތޫލް ބާއޭ އޭނަގެ ހިތަށް އަރާތާ ވެސް މެއެވެ.
''ދަރިފުޅާ، މިގަޑީގަ ކޮން ކޮފީއެއްތަ ތިބޮނީ؟...'' މީހެއްގެ ހިލަން ވުމާއެކު ޝުޖާއު ބަލާލައިފިއެވެ. އޭރު މާރިޔާ އައިސް ޝުޖާއުއާ އަރާހަމަކުރަނީއެވެ.
''ނިދި ނާންނާތީ...'' ޝުޖާއު ކުރު ޖަވާބެއް ދިނެވެ.
''ނިދި ނާންނާތީ ކޮފީތަ ބޮނީ؟...'' މާރިޔާ ސޯފާގައި އިށީންނަމުން އޭނަގެ ދަރިފުޅަށް ފުން ނަޒަރަކުން ބަލާލިއެވެ. ''ދަރިފުޅު ކަމަކާ މެދު އަބަދު ފިކުރު ބޮޑުވެފަ ހުންނަހެން މަންމައަށް ހީވަނީ...... މަންމަ މިކުރާ ސުވާލަށް ތެދުތެދަށް ޖަވާބު ދެއްޗޭ...'' މާރިޔާގެ ޖުމްލައިން ޝުޖާއުއަށް ހައިރާންކަމެއް ލިބިގެން ދިޔަ އެވެ.