''އެއީ އަޒްޔާންގެ މަންމަ އިހާނެތި ހާލު ޖެހެން މެދުވެރިވި މީހުންނަކީ، އެއީ ކުށްވެރިންތަކެއް... އެމީހުނަށް ސަޒާ ލިބެންޖެހޭނެ، ޒައިނަބު އުފުލި ހިތާމަތަކުގެ އަގު އެމީހުންޖެހޭނެ އަދާކުރަން، އެމީހުނަށް އުފަލެއް ލިބުން ހައްޤެއް ނޫން..., .... އަޒްޔާން އެއިން އެކަކާ މެދު ވެސް ވިސްނަން ހަދާނެކަމެއް ނެތް، ޖައުފަރުގެ ފަރާތުން ބަދަލު ހިފަންވީ ވަގުތު މީ...'' އަޒްޔާންގެ ސިކުނޑި އޭނައަށް ކުރިއަށް ދާންވީ ރާސްތާ ދައްކާލަދިން ފަދައެވެ. އެއާއެކު އޭނަގެ މޫނުމަތިން ފާޅުވެގެން އައީ ރުޅިވެރިކަމެވެ.
''އަހަރެން ދާހާ ތަނެއް ބަތޫލްއަށް އަންގަން ޖެހޭތަ؟، ދެން މީގެ ފަހުން އަހަރެން ކޮބާތޯ ބަލަން ވެސް މީސްމީހުންގެ ފޯނަށް ނުގުޅާތީ... އެމީހުން ހީކުރާނެ އެއްޗަކާ މެދު ވިސްނާކަށް ބަތޫލް ބޭނުމެއް ނުވޭތަ؟...'' އަޒްޔާނަށް އޭނަގެ އަޑުގައިވި ނުރުހުންތެރިކަން ކޮންޓްރޯލެއް ނުކުރެވުނެވެ. އޭނަގެ ސިކުނޑިއާއި ދޫ މަސައްކަތްކުރަމުން ދިޔައީ މުޅިން އެހެން ބާރެއްގެ ސަބަބުން ކަމުގައި ވީތީއެވެ. ޚިޔާލަށް ވެރިވެގެންދާ ކަންތަކާއެކު އޭނަގެ ރުޅިވެރިކަމުން ހިއްސުތަކުގެ މައްޗަށް ކުރި ހޯދާ ފަދައެވެ.
ރުވާފަ ދޫކޮށްލި ތީރެއް ފަދައިން އަޒްޔާންގެ ޖުމްލަ އައިސް ޒަހަމްވެފައިވި ބަތޫލްގެ ހިތުގެ އެންމެ ފުންމިނަށް ހެރުނެވެ. އޭނައަށް ބަސް ހުއްޓިފައި ހުރެވުނު ހިނދު ލޮލުގެ ތެރޭގައި ކަރުނަތައް ބޮޑިވަމުން އައެވެ. ހިތަށް ކުރި ފުން އަސަރުތަކާއެކު އޭނައަށް ރޮވުނެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ އަޒްޔާން ރުޅިވެރިކަމާއެކު އޭނައާއި މުހާތަބު ކުރަނީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް އަޒްޔާން ހިތްހަމަނުޖެހޭ ކަމެއް ކުރެވުނީ ހެއްޔެވެ؟ ސިކުނޑިއަށް ބާރުލިކަމުގައި ވިޔަސް އެސުވާލުގެ ޖަވާބެއް އޭނައަކަށް ނުލިބުނެވެ. ހަމައެއާއެކު އަޒްޔާންގެ ރުޅިވެރިކަމުގެ ފަހަތުގައި ވި ސަބަބު ވެސް ހޯދައި ނުގަނެވުނެވެ. އޭނަ މިވީހާ ދުވަހު އިސްކަން ދީފައިވަނީ އަޒްޔާނަށެވެ. އަމިއްލަ އުފާތަކަށް ވުރެން ބޮޑު އަހައްމިޔަތުކަމެއް ދިނީ އަޒްޔާންގެ އުފަލަށެވެ. އަޒްޔާން ރުހޭނެ އުސޫލުން އޭނަ އަމަލުތައް ބެހެއްޓިއެވެ. ނަމަވެސް މިވަނީ ކިހިނެއް ހެއްޔެވެ؟ އޭނަގެ އުފާވެރި ހަޔާތަށް ނުބައި ލޮލެއްގެ އެސްފީނާ ޖެހި ދިރިއުޅުން އަޑިއަޅާލަން އުޅެނީ ހެއްޔެވެ؟ އެޚިޔާލުން ވެސް ބަތޫލްގެ ހިތަށް ބިރުވެރިކަން ސަވާރު ވިއެވެ.
''ޒޭން، ކީއްވެތަ އަހަންނާ ތިހެން ވާހަކަ ތިދައްކަނީ؟...'' ހިތުގައި ޖެހިފައިވާ ރާގަކަށް ބަތޫލް ބުނެލީ އޭނަގެ ކޯތާފަތުން ފިރުކެމުން އައި ކަރުނަތައް އަތުގެ އިނގިލިތަކުން ފޮހެލަމުންނެވެ. ކުއްލިޔަކަށް އޭނައާއި އަޒްޔާނާ ދެެމެދު ނުތަނަވަސްކަމުގެ ފާރެއް ލެވިއްޖެ ކަމުގެ އިހުސާސް ބަތޫލްއަށް ކުރެވެން ފެށުނެވެ. މިނޫނީ އަޒްޔާން ހިތްހަމަނުޖެހުމާއެކު އޭނައާއި މުހާތަބުކޮށްފައި ނުވާތީއެވެ. އޭނައާއި އަޒްޔާނާ ދެމެދު ހައްލުނުކުރެވޭނެހާ ބޮޑު މައްސަލައެއް ޖެހިދާނެކަމުގެ ބިރު ބަތޫލްއަށް ހީވެގެން އައީ ދެނެވެ. އެއާއެކު އޭނަގެ ހިތުގައި ނުތަނަވަސްކަމުގެ ވިންދު ޖަހާލިއެވެ.
''ރުޅި އަންނަ ޒާތުގެ ކަންތައް ކުރީމަ ހިނިތުންވެފަ ވާހަކަ ދެއްކޭތަ؟...'' ރުންކުރު ރާގަކަށް އަޒްޔާން ބުނެލިއެވެ. އޭނަގެ ދުލުން ބޭރުވާ ކޮންމެ ލަފުޒަކާއެކު ފޯނުގެ އަނެއްކޮޅުގައި ހުރި ބަތޫލްގެ ހިތް ކުދިކުދިވަމުންދާކަމެއް އަޒްޔާނަށް އިހުސާސެއް ވެސް ނުކުރެވުނެވެ. އެއާ ހިލާފަށް އޭނަގެ ހިތުގައި އުފެދިފައިވާ ރުޅިވެރިކަމުގެ އަލިފާނަށް ފިނިކަމެއް ހޯދަން އޭނަ ހުރީ ބޭނުން ވެފައެވެ.
''އެކަމާ ޒޭން ހިތްހަމަ ނުޖެހިފަތަ ތިހުރީ، އެހެން ވެއްޖެއްޔާ މީގެ ފަހުން އަހަރެން ޒޭންގެ ޚަބަރު ހޯދަން އިތުރު މީހަކަށް ނުގުޅާނަން، އައެމް ސޮރީ... ޕްލީޒް ރުޅި ފިނިކޮށްބަލަ، އަހަރެން މިހާރު މަޢާފަށް ވެސް އެދެފީމެއްނު، އަހަރެން ހިތަށް ތަދުވާކަން އެނގޭތަ ޒޭން ތިހެން ވާހަކަ ދެއްކީމަ؟...''
ހޫނު ޒުވާބެއް ހިނގަން ބޭނުންނުވާތީ ބަތޫލް ސުލްހަވެރިކަން އިސްކުރަން އުޅުނެވެ. އޭނަގެ ކުށަކީ ކޮބައިކަން ނޭގޭ ހާލުގައެވެ. ދެކެވެމުން އައި ވާހަކަތަކުގެ މިސްރާބު ހިތަށް ކެތްނުވާ ފަދަ މަންޒިލަކާ ހަމައަށް ދިއުމުގެ ފުރުސަތު ދީގެން އޭނައަށް ނުހުރެވޭނެއެވެ. އޭނަގެ ހުރި ހަމައެކަނީ މީހަކީ ވެސް އަޒްޔާނެވެ. އެދެމެދުގައި މައްސަލަޖެހެން ދެން ރުހެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟
''ކޮން އިރަކުންތަ ގެއަށް އަންނާނީ؟...'' ބަތޫލް ފުންނޭވާއެއް ދޫކޮށްލަމުން ބުނެލިއެވެ. ހިތަށް ތަދުވެފަައިވިކަމުގައި ވިޔަސް ހަމަޖެހެން ބަތޫލް މަސައްކަތް ކުރިއެވެ.
''ގެއަށް އަންނަންވީ ވަގުތު އައިސް ޖެހުނީމަ އަންނާނަން، ކޮންމެހެން ބަތޫލްއަށް އަންގާކަށް ނުޖެހޭނެ......'' އަޒްޔާން އޭނަގެ ޖުމްލަ ފުރިހަމަކޮށްލަމުން ބަތޫލްއަށް ސަމާލުކަން ދިނުމެއް ނެތި ފޯނު ކަނޑާލިއެވެ. އަދި ފޯނާއެކު މުށް ބާރުކޮށްލަމުން އޭނަ ކުރިއަށް ޖެހިލުމަށްފަހު ބެލްކަނީގެ ރެއިލިންގްއަށް ލެނގިލިއެވެ. މެންދުރުގެ ވަގުތު ކަމުގައި ވިޔަސް ޖެހެމުން އައި ފިނި ރޯޅިތަކުން އޭނައަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ގެނެސް ދިނެވެ.
އަޒްޔާނަށް ސިއްރުން ވާހަކަތައް އަޑުއަހަން ބެލްކަނީގެ ދޮރާއި ނިވާވެލައިގެން ހުރި ޝީރީންގެ ތުންފަތުގައި ދުވެލީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އޭނަގެ މޫނުމަތިން އުޖާލާކަން ފާޅުވެއެވެ. އޭނަ ދެން ތައްޔާރުވެލީ އަޒްޔާނަށް ވަސްވާސްލައިދިނުމަށެވެ. އޭނަ ހުރީ އަޒްޔާންގެ ވިސްނުމާ ފަސޭހަކަމާއެކު ކުޅެލެވުމުން ނުހަނު އުފާވެފައެވެ. އިތުރަށް އެވިސްނުން ފަސާދަ ކުރަން އޭނަ އަތުކުރި އޮޅާލީ ބަތޫލް ބަރުބާދުކޮށްލުމުގެ ފޮނި ހުވަފެންތައް ދެކެމުންނެވެ. ބަތޫލްއަށް އަނިޔާ ދެވޭނެ ހަމައެކަނި މީހަކީ އަޒްޔާން ކަމުގައި ވާތީއެވެ. މިހާރު ބާޒީ އެއައޮތީ އޭނަގެ މުށު ތެރޭގައެވެ. ކުޅިބައިތު އޭނަ ބޭނުން ދިމާލަކަށް ގެންދިއުމުގެ ފުރިހަމަ ބާރު ވެސް މެއެވެ.
''ރަގަޅަށް ކަންތައް ތިކުރީ...''
ރެއިލިންގައި ބާރަށް ހިފަހައްޓާލައިގެން ކުރިމަތިން ފެންނަމުން ދިޔަ އިމާރާތްތަކަށް ނަޒަރު ހުއްޓާލައިގެން ހުރި އަޒްޔާނަށް ފަސްއެނބުރި ބަލާލެވުނީ ޝީރީންގެ އަޑަށެވެ. ވާހަކަ ދައްކަން ބޭނުންނުވެފައި ހުރި އަޒްޔާން އޭނަގެ މޫނު އަނބުރާލިއެވެ. އެކަމަށް ސަމާލުކަން ދިނުމެއް ނެތި އަޒްޔާން ގާތަށް ޝީރީން ހުއްޓުނެވެ. އަދި އަޒްޔާންގެ ބުރަކަށީގައި ފިރުމާލަމުން ވާހަކަ ދައްކަން ފެށިއެވެ.
''ޖައުފަރަށް ހަމަލާ ދެވެން އޮތް ހަމައެކަނި ގޮތަކީ ބަތޫލް، އޭނަ ބަތޫލް ދެކެ މިހާރު ނުރުހިފައި ހުއްޓަސް އޭނަ ކިތަންމެހާ ވެސް ބަތޫލް ދެކެ ލޯބިވޭ، އޭނަ އަޒްޔާނާއި ބަތޫލްގެ ކައިވެންޏަށް ރުހުން ނުދިނީ ވެސް އެސަބަބާ ހުރެ، އޭނައަށް އެނގޭ ވިއްޔާ އަޒްޔާނަށް ހަޤީޤަތް އެނގޭ އިރަކުން ބަދަލުހިފާނެކަން، އަދި އެކަމަށް އޮތް ހަތިޔާރަކީ ބަތޫލްއަށް ހަދާނެކަން ވެސް......'' ޝީރީން ބުނެލިއެވެ. އަޒްޔާންގެ ފަރާތުން ރައްދެއް ލިބޭތޯ އިންތިޒާރުގައި ހުރި ޝީރީން ޗޮކެއް ކަނޑާލަމުން އަނެއްކާ ވެސް ވާހަކަދައްކަން ފެށީ އަޒްޔާން އަނގައިން ނުބުނުމުންނެވެ.
''އަޒްޔާން ބޭނުމެއް ނޫންތަ ޒައިނަބަށް ދިމާވި ކަންތަކުގެ ބަދަލު ހިފާކަށް؟...'' ޝީރީން ސުވާލު ކުރިއެވެ. އެއާއެކު އަޒްޔާންގެ ނަޒަރު އިމާރާތްތަކާއި ވަކިވެގެން އައިސް ޝީރީންގެ މޫނަށް ހުއްޓުނެވެ. އެވަގުތު އެދެލޮލުން ޝީރީނަށް ފެނުނީ އޭނަ ދެކެން ބޭނުންވި ޝުޢޫރުތަކެވެ.
''އަޒްޔާނަށް ކުރި ލިބިފައި ތިއޮތީ... ބަދަލުހިފުމަށް ފުރުސަތުތައް ފަހިވެފައި ވަނީ، ބޭނުންވަނީ ކަންތައް ކުރުމުގެ ހިތްވަރު...'' ޝީރީން އަޒްޔާނަށް ފަހުމު ވާނެހެން ބުނެދިނެވެ. އަޑުއަހަން ހުރި އަޒްޔާން އެއާއި ވިދިގެން އެއްޗެއް ނުބުންޏެވެ. ނުރުހުމެއް ވެސް ފާޅެއް ނުކުރިއެވެ. އަޒްޔާންގެ މޫނަށް ފަރުވާތެރިކަމާއެކު ބަލަމުން އައި ޝީރީން އެއީ ރަގަޅު ފާލެއްކަމުގައި ދުށްޓެވެ. އޭނަ އެތެރެއަށް ވަންނަން ހިނގައިގަތީ ފުން ހިނިތުންވުމަކާއެކުގައެވެ.
''މިފަހަރު އެޖައުފަރު އަދި ބަތޫލްއަށް ރަގަޅު ފިލާވަޅެއް ލިބޭނެ.......... ޖައުފަރު، ކަލޭ ކުރި ކަންތަކުގެ ސަޒާ ނުލިބޭނެ ކަމަށްތަ ހީކުރީ؟، އެހެން ވެއްޖެއްޔާ އެއީ ކުށްހީއެއް... ކުރާ ނުބައި ކަންތަކުގެ ނަތީޖާ ކޮންމެވެސް އެއްދުވަހަކުން އެމީހަކަށް ލިބޭނެ، އެއީ ދުނިޔެ ދެކެމުން އަންނަ ހަޤީޤަތެއް... ހަމަ އެފަދައިން ކަލެއަށް ވެސް ސަޒާ ލިބޭނެ، އެކަމަކު އެއީ ކަލޭގެ ދަރީގެ ފަރާތުން...'' ޝީރީނަށް ހިތާހިތުން ބުނެވުނެވެ. ބަތޫލްއަށް ލިބޭނެ ކޮންމެ ދެރައަކާ އެކު އޭނައަށް ލިބޭ އުފާވެރިކަން ދެގުނައަށް އިތުރުވެގެން ދާނެ އެވެ. އެދެލޮލުން ފައިބާ ކޮންމެ ކަރުނަ ތިއްކަކަށް އޭނަގެ މަލާމާތުގެ ހިނިތުންވުންތައް އަމާޒުވާނެ އެވެ.
*****
ކެއުމަށް ފަހު ދުފުމާއިގެން ޢާއިލާގެ މެންބަރުން ތިބީ ބޮޑުކޮޓަރީގަ އެވެ. މާރިޔާ އޭނަގެ ކޮޓަރިއަށް ދާން ބޭނުންވެފައިވި ކަމުގައި ވިޔަސް އެއަށް ޢަމަލުކުރާކަށް ނުކެރުނެވެ. އޭގެ ސަބަބުން ދެން ތިބި މީހުނަށް ލިބިދާނެ ނޭދެވޭ މެސެޖެއްގެ ސަބަބުންނެވެ. އޭނަ ހިނިތުންވުމަކާއިގެން ސޯފާގައި އިން އިރު ދެކެވެމުން އައި ވާހަކަތަކުގައި ބައިވެރި ވިއެވެ. ތަފާތު މައުޟޫޢުތަކަށް ވާހަކަ ދެކެވެމުން ގޮސް އެންމެންގެ ސަމާލުކަން ޖަނާއަށް ހުއްޓުނީ ދުރުދުރުން މާރިޔާ ކޮށްލި ސުވާލެއްގެ ސަބަބުންނެވެ. އޭނައަށް ޖަނާއާއި ބެހޭ މާބޮޑު މަޢުލޫމާތެއް ލިބިފައި ނުވާތީ އޮޅުން ފިލުވަން ބޭނުން ވީއެވެ. އޭނަގެ ޅީދަރިފުޅަށް ޖަނާ ވަންޏާ ފަތިފުށް އެނގުން އެއީ ލާޒިމު ކަމެކެވެ. ދުރާލާ ކަމަކަށް ވިޔަވަޅުއަޅަންޏާ ވެސް އެޅޭނީ އޭރުންތާ އެވެ.
''ބޮޑުދައިތަ ގާތު އުޅެނީ، މަންމައާއި ބައްޕަ އަޅުގަނޑު ކުޑައިރު ނިޔާވެއްޖެ...'' ޖަނާ އަދަބުވެރިކަމާއެކު މާރިޔާގެ ސުވާލަށް ޖަވާބު ދިނެވެ. ކުއްލިޔަކަށް ހުރިހާ އެންމެންގެ ސަމާލުކަމުގެ އަމާޒު ފަށަކަށް އޭނަ ވުމުން ޖަނާ އިނީ ހާސްވެފައެވެ. ފިނިވެފައިވި ދެއަތްތިލަ އޭނަ ޖޯޑުކޮށްލަމުން އުނގުތެރެއަށް ގެނަ އެވެ.
ޝުޖާއުއަށް ޖަނާއަށް އައިސްފައިވާ ބަދަލުތައް ފާހަގަ ކުރެވުމާއެކު އަވަސްވެގަތީ ވާހަކައިގެ މިސްރާބު ބަދަލުކޮށްލާށެވެ. ޖަނާއަށް ޝުޖާއުގެ މަޤުސަދު އެނގުމާއެކު ޝުކުރުވެރިކަމުގެ ހިނިތުންވުމެއް އެތުންފަތަށް ވެރިވިއެވެ.
''މިހާރު މާބޮޑަށް ލަސް ވެސް ވެއްޖެދޯ؟...'' އަތުކުރީ އޮތް ގަޑިއަށް ބަލާލަމުން ޝުޖާއު ޖަނާއާއި ވާހަކަ ދެއްކިއެވެ. އިތުރު ސުވާލެއްކުރަން އުޅުނު މާރިޔާއަށް ފުރުސަތު ގެއްލުމާއެކު ތުންފަތް އަރިއަކަށް ދަމާލެވުނެވެ.
ދިއުމުގެ ހުއްދައަށް އެދި ޝުޖާއު އޭނަގެ މަންމައާއި ބައްޕައަށް ބަލާލިއެވެ. އެއާއެކު ނޫހު ބޯ ޖަހާލި އެވެ. މާރިޔާ ވެސް ހިނިތުންވެލިއެވެ.
''ޝީޒް ސޯ ޕްރިޓީ... ޝުޖާއާއި ވަރަށް ގުޅޭ ދޯ؟...'' ޝުޖާއުއާއި ޖަނާ ނިކުމެގެން ދަންދެން ބެލަން އިނދެފައި އަނާން ބުނެލިއެވެ. އޭނަގެ ރާގުން ޖަނާއާ މެދު ގަޔާވެފައިވާ ކަން ހާމަވެ އެވެ.
''އާނ، ބައްޕައަށް ވެސް އެދެކުދިން ގުޅޭ... ޖަނާ އަކީ ރަގަޅު ކުއްޖެއް... ދެން ކައިވެންޏާާ ހަމައަށް އަވަހަށް ދިޔައްޔާ ކަންނޭގެ ރަގަޅުވާނީ...'' ނޫހޫ ވެސް އަނާންއާއި އެއްބައި ވެލިއެވެ.
''މަންމަ ބުނާނީ ކީކޭ؟...'' އަނާންގެ ސުވާލު މާރިޔާއަށް އަމާޒުކޮށްލިއެވެ.
''އެބުނާހެން، މާރިޔާއަށް އަނެއްކާ ކަމުދޭތަ؟...'' ނޫހު އެހިއެވެ.
''ކީއްވެ ޝުޖާއުގެ ހޮވުން މަށަށް ކަމުނުދާންވީ؟...'' އަނާންއާއި ނޫހަށް ވަކިވަކިން ބަލާލަމުން މާރިޔާ ބުނެލިއެވެ. ''ޝުޖާއުއަށް ކަމުދާ ކުއްޖަކު އަހަންނަށް ވެސް ކަމުދާނެ...''
*****
ލިފްޓްގައި ޝުޖާއުއާއިއެކު އެކަނިވުމުން ޖަނާއަށް ކުރެވުނީ މުޅިން ތަފާތު އިހުސާސެކެވެ. އޭނަގެ ތުންފަތަށް ރަކި ހިނިތުންވުމެއް ވެރިވެގެން އައީ ހިތުގައި ބިންވަޅުނެގިފައިވި އިހުސާސްތަކުންނެވެ. ލިފްޓް ތިރިއަށް ދާން ފެށުމާއެކު ޝުޖާއު ޖަނާ ގާތަށް ޖެހިލަމުން ފިނިކަން އެކުލެވިގެންވި ޖަނާގެ އަތުގައި ހިފާލިއެވެ. އިސްއުފުލާ ޖަނާއަށް ބަލާލެވުނެވެ. ދާދި ގާތުގައި ހުރި ޝުޖާއުގެ ތޫނު ދެލޮލުގެ ޖާދުލުގައި އޭނަ ހައްޔަރުވެގެން ދިޔަ ވަގުތު އެތުންފަތަށް ވެރިވި ލުއި ހިނިތުންވުމުން މޭގައި ފިރުމާލަ ދިން ފަދަ އެވެ. އެއީ ހާދަ ފުރިހަމަ ހިނިތުންވުމެކެވެ. އޭނަގެ މުޅި ވުޖޫދަށް އިންޤިލާބެއް ގެނުވައިފިއެވެ.
''މިހާރު އަހަރެންގެ ހިތުގެ ހާލު ޖަނާއަށް އިހުސާސްކުރެވޭތަ؟، އަހަރެން މަންމަމެންނާ ހަމައަށް ގެން ދިޔަ ފުރަތަމަ ކުއްޖަކީ ތީ...'' ޖަނާއާއި ދެމެދުވި ދާއިރާ ހަނިކުރަމުން ޝުޖާއު ވާހަކަ ދެއްކިއެވެ. ދެޒުވާނުންގެ ހޫނު ނޭވާތައް އިހުސާސްކުރެވޭހާ ގާތަށް އާދެވުމުން ޖަނާގެ ހިތް އަވަސް ވާން ފެށިއެވެ. ހަމައެއާއެކު ޝުޖާއު ބުނެލި ބަސްތަކާއި އެއަޑުގައިވި އަސަރުތަކުން އޭނަގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ.
''ޖަނާ، އުއާރ ސްޕެޝަލް...'' ޝުޖާއު އިތުރަށް އޭނަގެ ހިތުގެ ހާލު ބަޔާންކޮށްދިނެވެ. ''އައި ލަވް ޔޫ...''
އަޑުއަހަން ބޭޤަރާރުވެފައިވި ލަފުޒުތައް ކަންފަތުގެ ތޫރީގެ ތެރެއަށް ވިރިގެން ދިއުމާއެކު އުފާވެރިކަމުގެ ކަރުނަތައް ޖަނާގެ ލޮލުން ނީރާލިއެވެ. އޭނައަށް ޝުޖާއުގެ މޭގައި ލައްވެލެވުނީ އެކަމަށް އެދެވުނު ވަރުންނެވެ. ޝުޖާއު ވެސް އޭނަގެ ބާރު ގަދަ ދެއަތުން ޖަނާ ވަށާލިއެވެ. ދުލުން ހާމަ ނުކުރި ކަމުގައި ވިޔަސް ޝުޖާއު އެދިއެދި ހުރި ޖަވާބު ޖަނާގެ ފަރާތުން އޭނައަށް ލިބުނެވެ. އެކަމަށް އޭނައަށް އެހީވެދިނީ ހިތެވެ.
*****
އަޒްޔާން ގެއަށް އައީ އިރުއޮއްސި ދުނިޔެ މައްޗަށް އަނދިރިކަން ވެރިވާން ފެށި ފަހުންނެވެ. އޭނަ ގޭގެ މައިދޮރު ހުޅުވާލުމަށްފަހު އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ހުއްޓުން އެރިއެވެ. މުޅި ގެއަށް ވެރިވެފައި އޮތީ އަނދިރިކަމާއި ހަމަހިމޭންކަމެވެ. ލިބުނު ހައިރާންކަމާއެކު އޭނަ އެތެރެއަށް ވަދެ ދޮރު ލައްޕާލަމުން ބޮކިތައް ދިއްލާލިއެވެ. މުޅި ގެއަށް ފުންކޮށް ބަލާލުމަށްފަހު އަޒްޔާން އެތެރެއަށް ހިނގައިގަތް ތަނާ ހުއްޓެވުނީ ބަދިގެއާއި އަރާހަމަވި ހިސާބުންނެވެ. ކުށްހީއެއްކަމަށް ހީކޮށް އޭނަ ކުރިއަށް ހިނގައިގަންނަން އުޅެފައި ވެސް ކާމޭޒާ ދިމާއަށް ބަލާލިއެވެ. އެއާއެކު އޭނަގެ ހައިރާންކަން އިތުރު ވިއެވެ. ކާމޭޒުމަތީ ބޯއަޅައިގެން ނިދިފައި އޮތް ބަތޫލް ފެނިފައެވެ. މެންދުރު ކާން އެތުރި ތަށިތައް އެހުރި ގޮތަށް މޭޒު މަތީ ހުއްޓެވެ. އޭނައަށް ވިސްނުނީ ދެނެވެ. އޭނަގެ އިންތިޒާރުގައި އިންދާ ބަތޫލްއަށް ނިދުނީއެވެ.
ކީއްވެގެން ކަމެއް ނޭގެ އެވެ. ބަތޫލްއަށް ފުރަގަސް ދީފައި ދާން އަޒްޔާންގެ ހިތް ދެކޮޅު ހެދިއެވެ. ބޭއިހުތިޔާރުގައި ކުރިއަށް ފިޔަވަޅުތައް އަޅަމުން ގޮސް އޭނައަށް ހުރެވުނީ ބަތޫލް ގާތުގައެވެ. ހޭވިފައިވި އިސްތަށިތަކުން ބައެއް މޫނަށް އެޅިފައިވުމުން ރީތިކޮށް އެމޫނު އަޒްޔާނަށް ފެންނަ ގޮތެއް ނުވިއެވެ. ނަމަވެސް އޭނައަށް ހިތާމައިގެ ލިސާންތައް އެމޫނުން ފާހަގަ ކުރެވުނެވެ. ފަރުވާތެރިކަމާއެކު ބަލައިފިނަމަ ގިނައިރު ރުއިމުގެ ސަބަބުން ލޮލަށް ލިބިފައިވި ވަރުބަލިކަމުން ނިދިފައި އޮތްކަން ހާމަވެއެވެ. ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައިވި އަޒްޔާނަށް އޭނަގެ އަތް އުފުއްލާލެވުނެވެ. ނަމަވެސް ވަކި ހިސާބަކުން އޭނަގެ އަތުގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. އޭނަގެ އަތްމުއްކެވުނީ ވެސް ދެނެވެ. އެއާއެކު ވަގުތުން އަޒްޔާނަށް އޭނަގެ އަތް ތިރިކޮށްލެވުނެވެ. އޭނަގެ ބުމަ ގޮށްޖެހި ކަތުރުކަށިގަނޑަށް ވާންކަން ވެރިވެފައި ވިއެވެ. ބަތޫލްއަށް ފުރަގަސް ދެމުން އަޒްޔާން އަވަސް އަވަހަށް ދާން އުޅުނެވެ.
ބާރުބާރަށް ގޮސް ކޮޓަރިއަށް ވަން އަޒްޔާން ދޮރު ލައްޕާލި އަޑަށް ނިދީގައިވި ބަތޫލް ދިޔައީ ސިއްސައިގެންނެވެ. ލޯހުޅުވާލެވުމާއެކު އޭނަ ވަށައިގެންވި މާހައުލަށް ސަމާލުކަން ދިނެވެ. އަދި އަވަސް އަވަހަށް ގޮނޑިން ތެދުވެލެވުނީ އަޒްޔާން އައިސްފިކަން އެނގުމުންނެވެ. އޭރު ބަތޫލްގެ މޫނުން ހިތަމައާއި އެކުވެ އުފާވެރިކަން ވެސް ފެނެއެވެ.
*****
ބަތޫލް ކޮޓަރިއަށް ވަން އިރު އަޒްޔާން އޭނަގެ ގަމީހުގެ ގޮށްތައް ނައްޓަމުން ދިޔަ އެވެ. ދޮރުހުޅުވާލި އަޑަށް އޭނަގެ ނަޒަރު ބަތޫލްއާ ހަމައަށް ދަތުރު ކުރި އެވެ. ނަމަވެސް އޭނަ ނިކަން އަވަހަށް ދުރުބަލަން ފެށިއެވެ. އެކަމުން ބަތޫލްއަށް ލިބިފައިވި އުފާވެރިކަމަށް ނިމުމެއް އައެވެ. އަދި ވެސް އަޒްޔާންގެ ރުޅި ފިނިނުވާކަށް ފަހުމުވީތީއެވެ. ދެޚިޔާލެއްގެ މަތީ ހުރި ބަތޫލް ވާހަކަދައްކަން ހިތުލައިގެން ގޮސް އެނދުގައި އިށީނެވެ. މުޅި ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމުން ބަތޫލްއަށް އުނދަގޫ ވިއެވެ. އެއީ އޭނައަށް މުޅިން އަލަށް ތަޖުރިބާ ކުރެވުނު ކަމަކަށް ވީތީ އެވެ.
''ޒޭން...'' ކެތްނުކުރެވިގެން އެންމެފަހުން ބަތޫލް ގޮވާލެވުނެވެ.
އަޒްޔާން އޭނަގެ ގަމީސް ބާލަމުން ދާވަށިގަނޑަށް ލިއެވެ. އަދި ތުވާލި އަޅުވާފައި ހުރި ހަރުގަނޑާއި ކައިރިވެލަމުން އޭނަގެ ތުވާލި ނަގައިގެން ގޮސް ފާޚަނާއަށް ވަނީ ބަތޫލްއަށް ސަމާލުކަން ދިނުމެއް ނެތިއެވެ.
އަޒްޔާންގެ ފަރުވާކުޑަކަމުން އޭނަގެ ހިތަށް އަސަރުކޮށް މާޔޫސްކަން ވެރިވިއެވެ. އެދެމެދުގައި ވި ލޯތްބަށް ކުއްލިއަކަށް އެއައި އުނިކަން އޭނައަށް ވިސްނައިނުގަނެވުނެވެ. އޮޅުންބޮޅުން ގަނޑެއްގެ ތެރޭގައި ހުރެވޭ ފަދައެވެ. އަޒްޔާންގެ މިޒާޖަށް ކުއްލި ބަދަލުތަކެއް އައީ ކީއްވެގެން ހެއްޔެވެ؟ އަޒްޔާން އޭނައަށް ވެފައިވި ވަޢުދާއި އަހުދުތަކާ ހިލާފުވީ ކީއްވެގެން ހެއްޔެވެ؟ އަޒްޔާންގެ އަމަލުތަކުން އޭނަގެ ހިތަށް އަސަރުކުރާކަން ނޭގެނީ ހެއްޔެވެ؟ އަމިއްލަ ހިތާއި ބަތޫލްއަށް ޝަކުވާކުރެވުނު އަދަދެއް ނޭގެއެވެ. އޭނަ އިންތިޒާރުކުރަމުން އައީ އަޒްޔާން ނިކުންނާނެ އިރަކަށެވެ. އޭރުން އެދެމެދުގައި އުފެދެމުން އައި ނުތަނަވަސްކަމުގެ ހަޤީޤީ ސަބަބު ހޯދައިގަނެވި އެކަމަށް ނިމުމެއް އަތުވެދާނެތީއެވެ. އަޒްޔާން އޭނަ ދެކެ ނުރުހިފައިވާތަން ދެކެން އޭނަގެ ހިތާއި ޖިސްމަށް ކެތެއް ނުވާނެއެވެ.