ބަތޫލް އަޒްޔާނަށް ޖަވާބުދޭން ބޭނުންވިކަމުގައި ވިޔަސް ނުފެންނަ އަތަކުން އޭނަގެ ދުލުގައި ހިފަހައްޓާފައިވާ ކަހަލައެވެ. އޭނަގެ ހިތުގެ ހާލު ބަތޫލްއަށް ހާމަކޮށްދެވުނީ ލަދުރަކި ހިނިތުންވުމުންނާއި އެދެމެދުގައި ލޮލުގެ އިޝާރާތުން ބަދަލުކުރެވުނު މެސެޖްތަކުންނެވެ. އެވަގުތު ކޮޅު އިތުރަށް ދިގުވުމަށް އަޒްޔާން ބޭނުންވިކަމުގައި ވިޔަސް އޭނަގެ އެދުމަށް ހުރަސް އެޅިގެން ދިޔައީ ކާއެއްޗެހި ހިފައިގެން އައި ވެއިޓަރުގެ ސަބަބުންނެވެ.
*****
އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ބަތޫލްއާއި އަޒްޔާން ވަކިވާން ޖެހުނީ ހިތާއި ދެކޮޅަށެވެ. އޭރު ބަތޫލްއަށް ލަސްވެގެން ޖަނާ ގުޅަނީއެވެ. ހަމައެއާއެކު އަނެއްކޮޅުން އަޒްޔާންގެ ޚަބަރެއް ނުވެ ގިނައިރުވާން ފެށުމާއެކު ޝީރީން ވެސް އެތައް ފަހަރަކު ގުޅައިފިއެވެ. އަޒްޔާން ބަތޫލް ހުންނަ ގޭގެ ކައިރިއަށް ސައިކަލު މަޑުކޮށްލުމާއެކު ބަތޫލް ވަދާއުގެ ސަލާން އަޒްޔާނާއި ބަދަލުކޮށްލަމުން އަވަސްވެގަތީ ގޭގެ މައިދޮރާށި ހުޅުވުމަށެވެ. އޭރު ބަތޫލްގެ ތުންފަތުގައި ނުފިލާ ހިނިތުންވުމެއްގެ އަސަރުވިއެވެ. އެހިނިތުންވުން އެލޮލާއި ހަމައަށް ފޯރާފައިވާއިރު މޫނުމަތިން ވެސް އުޖާލާކަން ފާޅުވެއެވެ. މިހުރިހާ މަންޒަރެއް ވެގެން ދިޔައީ އަޒްޔާންގެ ހިތަށް ފިނިކަމާއި ރާހަތު ގެނެސްދިން މަންޒަރުތަކަށެވެ. މިރޭ އެދެމެދުގައި ބަދަލުކުރެވުނު ވަޢުދާއި އަހުދުތަކުގައި ވީހާވެސް އަވަހަކަށް ހަޤީޤީ ކުލަތައް ޖެހިގެންދާން އޭނަ ބޭނުމެވެ. މިހާރު އޭނަގެ ހިތުގެ މުރާދަކީ ބަތޫލް އޭނަގެ މީހަކަށް ވުމެވެ. އެހިތް އަބަދުގެއަބަދަށްޓަކައި އޭނައަށް މިލްކުވުމެވެ. އެދުވަހަކުން އޭނަގެ ނަސީބާއި މެދު އޭނަ ފަހުރުވެރިވާނެއެވެ. ތަޤުދީރުގެ ތަބުދީބުރުކުރުންތަކާއި މެދު ހިތުގައި އުފެދިފައިވި ޝަކުވާތައް ވެސް ފޮހެވިގެން ދާނެކަން ގައިމެވެ.
ބަތޫލް ދޮރާށީގެ ތަޅުގައި ހިފައި އަނބުރާލަން އުޅުނުތަނާ އަޒްޔާން ބަތޫލްގެ އަތުގައި ހިފެހެއްޓިއެވެ. އަޒްޔާންގެ ކޮންމެ ބީހިލުމަކާއެކު ޖިސްމަށް ކުރުވާ ފުން ފޮނި އަސަރުތަކުން މިފަހަރު ވެސް ބަތޫލްގެ ހިއްސުތަކާއި ކުޅެލާ ލޭގެ ހިނގުން އަވަސްކުރުވުމުގައި ކާމިޔާބު ހޯދިއެވެ.
''މިރޭ ފަހުން ގުޅާނަން އިނގޭ... ހަނދާންކޮށް ފޯނު ނަގައްޗޭ...'' ބަތޫލް ފަސްއެނބުރި އަޒްޔާނަށް ބަލާލުމުން ލުއި ހިނިތުންވުމަކާއެކު އަޒްޔާން ވާހަކަދެއްކިއެވެ. އަދި ބަތޫލްގެ އަތުން ދޫކޮށްލުމުގެ ކުރިން އެއަތްތިލަ ގެނެސް އެތުންފަތުގައި ޖައްސާލިއެވެ. އަޒްޔާންގެ ތުންފަތުގެ ހޫނުކަން އިހުސާސްކުރެވުނު ހިނދު ބަތޫލްއަށް ނޭވާ ހިފަހައްޓާލެވުނެވެ. މިރޭ އެފަދަ ކިތަންމެ ލޮބުވެތި ހަދިޔާތަކެއް އޭނައަށްވަނީ ލިބިފައެވެ. އަޒްޔާން އޭނައަށް ދިން އުފާވެރި ޚަބަރެއްގެ ސަބަބުން އޭނަ މުޅި ވުޖޫދު ވަނީ ބަދަލުވެފައެވެ. ޒަމާންތަކަށްފަހު އުފާވެރިކަމުގެ ލައްޒަތު އޭނައަށް ލިބިފައިވާ ކަހަލައެވެ.
''ހޫމްމްމް...'' ބަތޫލް އޭނަގެ އަތް ދަމައިގަންނަމުން އަވަސްއަވަހަށް އެތެރެއަށް ވަދެއްޖެއެވެ. މިމަންޒަރު ބަލަން އިން އަޒްޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވި ހިނދު އޭނަ ބޮލުގެ އިސްތަށިތަކުގެ ތެރެއަށް ދެއަތުގެ އިނގިލިތައް މަހާލަމުން އިހުނަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ. އިރުކޮޅެއް ވަންދެން ދޮރާއްޓާއި ދިމާއަށް ބަލަހައްޓައިގެން އިނދެފައި އަޒްޔާން ސައިކަލު ދުއްވާލީ ސިކުނޑީގައި ބިންވަޅުނެގިފައިވި ޚިޔާލުތަކުން ނުހަނު އުފާވެފައި ހުރެއެވެ.
ސައިކަލުގެ އިންޖީނުގެ އަޑު ކަންފަތާ ހަމައަށް ފޯރުމުގެ ޤާބިލުކަން ގެއްލެންދެން ދޮރާއްޓަށް ލެނގިލައިގެން ހުރި ބަތޫލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި މޭގެތެރޭގައި އޮވެ ތެޅިފޮޅެމުން ދިޔަ ހިތުގެ މަތީގައި އަތްޖައްސާލެވުނެވެ. އޭނަގެ ލޯކުރިމަތިން މިރޭ ވެދިޔަ ހުރިހާ މަންޒަރެއް ސިފަވާންފެށީ ރީތި ފިލަމެއްގެ މަންޒަރުތަކެއް ހެންނެވެ. އެއިން ކޮންމެ ވަގުތުކޮޅެއް ވެސް ނުފިލާނެހެން ހަނދާނުގެ އަލްބަމުގައި އޭނަ ރައްކާކުރިއެވެ. އޭނައާއި ވަކިވުމެއް ނެތް ބައިވެރިން ފަދައިންނެވެ.
އަމިއްލަ ޚިޔާލީ ދުނިޔެއަކަށް ގެނބެމުން އައި ބަތޫލްއަށް ސިހުމެއްލިބުނީ ދާދި ގާތުން މީހަކު ގޮވާލިކަމުގެ އިހުސާސެއް ކުރެވިގެންނެވެ. އޭނައަށް ވަށައިގެންވި މާހައުލަށް ސަމާލުކަން ދެވުނީ ދެނެވެ. އެއާއެކު ހައިރާންކަމުގެ ނަޒަރަކުން އޭނައަށް ބަލަހައްޓައިގެން ހުރި ޖަނާ ލޮލުގައި އަޅައިގަތެވެ. ޖަނާ ބަލަން ހުރި ގޮތުން އެތައް ހާސް ސުވާލެއް އެދެލޮލުން އޭނައަށް ފެނުނެވެ.
''ކިހިނެއް ވެފަ ތިހުރީ؟... އެތައް ފަހަރަކު ގޮވީމަ ހަމަހޭވެރިކަން ވީވެސް، އަނެއްކާ ޒޭން ކީއްކުރީތަ؟...'' ޖަނާ އަހާލިއެވެ.
''އައެމް ސޯ ހެޕީ...'' އެކުވެރިޔާގެ އަތުގައި ހިފާލަމުން ބަތޫލްއަށް ބުނެވުނެވެ. އޭނަގެ އަޑުގައި ޖޯޝެއް ވިއެވެ. ހުރިހާ ހިތާމައާއި މޮޅިވެރިކަމެއްމަތިން ބަތޫލް ހަނދާން ނެތިފައިވާ ފަދައެވެ.
''ތިކަން އެބަ އެނގެޔޭ، ދެން ބުނެބަލަ، ސްޕެޝަލް ޑޭޓަކަށްތަ ދިޔައީ؟...'' ޖަނާ އޮޅުންފިލުވަން ބޭނުން ވިއެވެ. ބަތޫލްގެ މިޒާޖަށް އައިސްފައިވި ބަދަލާމެދު އޭނަ އުފާވިއެވެ. ދެއެކުވެރިންނަށް ވާހަކައިގެ ފުނަށް ފީނައިނުގަނެވެނީސް ހުރަސް އެޅިގެން ދިޔައީ ބޭރަށް ނިކުތް ގޭގެ ދައްތަގެ ނަޒަރު ދެއެކުވެރީންނަށް ހުއްޓުނު ހިސާބުންނެވެ. އެއަށްފަހު ހިމޭންކަމާއެކު ވަގުތުކޮޅެއް ހޭދަވިއެވެ. ދައްތަ ބަތޫލްމެންނާ ދިމާއަށް ފާޑަކަށް ބަލަން ހުރެފައި އެތެރެއަށް ވަނެވެ.
''ބަތޫ ލަހުން އައީމަ ހިތްހަމަނުޖެހިފަކަންނޭގެ.......... ކޮޓަރިއަށް ގޮސް ވާހަކަދައްކަމާދޯ...'' ޖަނާ ބުނެލިއެވެ. ބަތޫލްއަށް ވެސް އެގޮތް ކަމުދިއުމާއެކު ޖަނާގެ ފަހަތުން ކޮޓަރިއަށް ދިއުމަށް ހިނގައިގެންފިއެވެ.
*****
''ކޮންތާކު ހުރެފަ ތިއައީ؟... ގުޅީމަ ފޯނަށް ޖަވާބު ނެދެވެނީ ކީއްވެތަ؟......'' އަޒްޔާނަށް އޭނަގެ މަންމަ ގާތަށް އާދެވުނުއިރު ޝީރީން ހުރީ ރުޅިގަދަވެފައެވެ. އޭނައަށް އަޒްޔާން ފެނުނީއްސުރެ ޝަކުވާތަައް ފަށްޗަކަށް އަމުނަމުން ދިޔަ އެވެ. އެކަމާ ނުރުހުނުކަމުގައި ވިޔަސް އަޒްޔާން ރައްދުދޭކަށް ނޫޅުނެވެ. އޭނަ ޒައިނަބު ގާތަށް ޖެހިލަމުން ހާލު އޮޅުން ފިލުވާލިއެވެ. ޒައިނަބު ވެސް ހިނިތުންވުމަކާއެކު އަޒްޔާނާ ވާހަކަދައްކަން ފެށިއެވެ. ދެކެވެމުން ދިޔަ ވާހަކަތަކުގެ ތެރޭން ޒައިނަބު ބަތޫލްގެ ހާލު ވެސް އޮޅުން ފިލުވިއެވެ. އަދި މިއަދު ނައީކީއްވެތޯ އަހާލިއެވެ. މަންމަގެ ސުވާލުތަކަށް ޝީރީންގެ ހާޒިރުގައި ތެދުތެދަށް ޖަވާބުދޭން އަޒްޔާން ބޭނުން ނުވާތީ އެހުރިހާ ވާހަކައެއް އޭނަ ހުށިޔާރުކަމާއެކު އޮތްބާލިއެވެ. އޭނަ ގަސްދުކުރީ ފަހުން އެވާހަކަތައް މަންމައާ ހިއްސާކުރާށެވެ.
''ދަރިފުޅު ހާދަ ވަރަކަށް އުފާވެފަ ހުރިހެން މަންމައަށް ހީވެޔޭ، އަނެއްކާ ކޮންކަހަލަ އުފާވެރި ޚަބަރެއްތަ ލިބުނީ؟...'' އަޒްޔާންގެ މިޒާޖަށް އައިސްފައިވާ ތަފާތު ބަދަލާ ގުޅުވާލަމުން ޒައިނަބު ސުވާލުކޮށްލިއެވެ.
''އާނ، އުފާވާކަހަލަ ޚަބަރެއް ލިބުނީ...'' އަޒްޔާން ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ. އެކަމުގެ އިތުރު ތަފުސީލެއް އަޒްޔާން ނުދިނެވެ.
ޝީރީން ރުޅިމޫނު ހަދާލައިގެން ވެސް އަޒްޔާންމެންގެ ވާހަކައަށް ކަންފަތްދިނެވެ. އޭރު އޭނަ ހިތާހިތުން އަޒްޔާނާއި ދިމާއަށް އަޑުލިއެވެ. އޭނަ ދިން ނަސޭހަތްތަކަށް އަޒްޔާން ބީރުކަންފަތެއް ދިނީމައެވެ. އޭނަ ނުރުހޭކަން އެނގިހުރެވެސް ބަތޫލްއާ ގުޅެން މަސައްކަތްކުރާތީއެވެ. ޒައިނަބު އެކަމާ ނުރުހުން ފާޅުނުކުރާނެކަން އެނގޭތީ ޖެހިފައިވާ މުސީބާތުން އަޒްޔާން ސަލާމަތްކުރުމުގެ ޒިންމާ އެޅިފައި އޮތީ ވެސް އޭނަގެ ބޮލުގައެވެ. އަޒްޔާނަށް ދެރައެއް ލިބޭކަށް އޭނަ ބޭނުމެއް ނޫނެވެ. ނަމަވެސް އޭނަ ޖެހި މަޅިފަތި މެހިފައިވަނީ އޭނަގެ ކަރަށެވެ. އެކަމާ ހުރެ އޭނައާއި އަޒްޔާންގެ ގުޅުން އެވަނީ ހީނަރުވެފައެވެ. އެތެރެއެތެރެއިން އަނދަމުންދާ ހާލު ކަންތައް ކުރެވެން އޮތް ގޮތްތަކާމެދު ޝީރީން ވިސްނުން ހިންގިއެވެ.
''ކޮންއިރަކު ދައްތަ ބޭރަށްގެންދަނީ؟... ކުރީ ދުވަހު ބުނީމެއްނު ހުރިހާކަމެއް ހަމަޖެހުނު ވާހަކަ، ދެން ކީއްވެ ލަސްތިކުރަނީ؟... ބޮޑުދައިތައަށް ވެސް ދާން ބޭނުން...'' ދެކެވެމުން ދިޔަ ވާހަކަތަކުން އޭނަ ބާކީވެފައިވާ ފަދަ އިހުސާސެއް ކުރެވުމާއެކު ޝީރީން މުޅިން އެހެން ވާހަކައެއް ފެށިއެވެ.
''އާނ... އެކަންތައް ހަމަޖެހިއްޖެ، އަންނަ އާދީއްތަ ދުވަހަށް ފުރުމުގެ ކަންތައް ނިމިފައި އޮތީ... ބޮޑުދައިތަ ނުދިޔަސް ރަގަޅުވާނެއޭ، މިހާރުވެސް ބަޑުދައިތަ ވަރަށް އެހީވެއްޖެއީމެއްނު...'' އަޒްޔާން އޮޅުންފިލުވައިދިނެވެ.
''އަޒްޔާން ތީ ފިރިހެންކުއްޖެއްނު، އެކަނި ގޮސްގެން ކިހިނެއް ކަމުދާނީ، ދައްތަގެ ކަންތައްކުރަން އަންހެނަކު ބޭނުންވާނެއެއްނު...'' ޝީރީން ކަންބޮޑުވުން ފަޅުކުރިއެވެ.
''އަހަރެން އެކަންޏެއް ނޫނޭ ދާނީ... ބަތޫލް ވެސް ދާނެޔޭ، މަންމަގެ ކަންތައް ކުރަން ބަތޫލް ހުންނާނެ...'' މާބޮޑު ވިސްނުމަކާނުލާ ބުނެވުނު އެއްޗަކާ މެދު އަޒްޔާނަށް ފިކުރު ހިންގާލެވުނު ހިނދު އޭނައަށް އޮތީ ގޯސްހެދިފައެވެ.
ޝީރީންގެ ނަޒަރު އަޒްޔާނަށް ހުއްޓިފައިވިިއިރު އެތައް ހާސް ސުވާލެއް ވެއެވެ. އޭނަގެ މޫނުން ނުރުހުންތެރިކަން ފާޅުވެއެވެ. އަޒްޔާން ބުނިއެއްޗެއްގެ މާނަ ނަގަންވީ ކިހިނެއްކަމާމެދު ޝީރީނަށް ދަތިވިއެވެ.
''ކީކޭ؟... ބަތޫލް ގޮވައިގެންނޭ؟...'' ޝީރީންގެ އަޑު ބާރު ވިއެވެ. އަޒްޔާން އެސުވާލަށް ޖަވާބުދޭކަށް ނޫޅުނެވެ. އޭނަ ދިޔައީ ދޫ ފުރޮޅުނީތީ އެކަމާމެދު އަމިއްލަ ނަފުސަށް އަޑުލަމުންނެވެ. ޝީރީން އޭގެ މާނަ ނަގާފާނެ ގޮތަކާމެދު ކަންބޮޑުވެފައެވެ. އޭރަށް ޝީރީން އެކަންތައް ވެސް ބޮޑު މައްސަލަގަނޑަކަށް ހަދާނެކަން އެނގޭތީއެވެ. ޝީރީން ގޮތް އޭނައަށް ވަނީ ރަގަޅަށް ދަސްވެފައެވެ. އޭނަ ބަތޫލްއާއި ކައިވެނިކުރަން ނިންމިކަން އެނގޭއިރަށް ބަތޫލްއަށް ބަހުގެ ހަމަލާތަކެއް ދޭން ފަހެއް ވެސް ނުޖެހޭނެއެވެ. ބަތޫލްއަށް ގޯނާކޮށް ފުރައްސާރަކުރަން ވެސް މެއެވެ. އޭނައާއި ބަތޫލްގެ ގުޅުން ފިތުނައިގެ އަސަރުން ތައައްޔަރުކުރަން ވެސް މަސައްކަތްކޮށްފާނެއެވެ.
''މަންމާ، އަހަރެން އަންނާނަން ބޮޑުދައިތަ ގެއަށްލާފަ...'' ޒައިނަބާ ބަދަލުކުރެވުނު ނަޒަރަށްފަހު އަޒްޔާން ބުނެލިއެވެ. އޭނައަށް ފެނުނު އެންމެ ރަގަޅު ހައްލަކީ އެއީއެވެ. އޭރަށް ޝީރީންގެ ސުވާލުތަކުން މިވަގުތަށް ބޯދަމައިގަނެވިދާނެއެވެ.
އެވަގުތު ޝީރީނަށް ކަމެއް ދޭހަކުރެވުނެވެ. އަޒްޔާން އޭނަގެ ސުވާލުތަކުން ރެކިގަންނަން މަސައްކަތްކުރާކަމެވެ. އެއާއެކު އޭނަގެ ހިތުގައި ބިރުވެރިކަމުގެ ވިންދުޖަހާލިއެވެ. އަޒްޔާންގެ ޖުމްލައިގެ މާނަ އަނެއްކާ އޭނައަށް ދޭހަކުރެވެން މިއުޅެނީ ރަގަޅަށް ހެއްޔެވެ؟ އެހެންވެއްޖަނަމަ ކަންތައް ގޯހުންގޯހަށް ހިނގައިދާނެއެވެ. އެސުންފާ ނާގަހަރުފައިގެ އަތްދަށުން އޭނައަށް އަޒްޔާން ސަލާމަތްކުރުން ވަނީ ނުހަނު އުނދަގޫކަމަކަށެވެ. އަޒްޔާން އެވަނީ ލޯބީގެ ދަޅައިގައި ޖެހި އެއަންހެނާގެ ނުބައި ނިޔަތް ނުފެންނަވަރަށް ކަނުއަނދިރި ވެފައެވެ. އޭނަ ދެން އަޒްޔާނަށް ރަގަޅު މަގު ދައްކާނީ ކިހިނެއް ހެއްޔެވެ؟ ކަންތައް އެވަނީ އޭނަ ހާސްވެ ބިރުގަންނަހާ ގޯސްވެފަ އެވެ. ބަތޫލް ދުވަހަކު އަޒްޔާނަށް ހެވެއް ނޭދޭނެކަން އޭނައަށް ޔަޤީނެވެ. ދަރިޔާއި ބަފައިމީހާ އެކުވެގެން އެއުޅެނީ އިތުރު ވޭނެއް އޭނަގެ ދައްތައަށް ދޭށެވެ. މިފަހަރު ދައްތަގެ ދަރިފުޅު މައި ހަތިޔާރަކަށް ހަދައިގެންނެވެ. ދައްތައަށް ދިން ވޭނާއި ކެކުޅުންތަކަށްފަހު އަދިވެސް ޖައުފަރުގެ ހިތް ނުފުރެނީ ހެއްޔެވެ؟ އޭނަ ސާބިތުކުރަން އެއުޅެނީ ކޯޗެއް ހެއްޔެވެ؟ އޭރާއި މިހާރު ވެސް ދައްތައަށް ލިބިފައިވި ނިކަމެތިކަން ހެއްޔެވެ؟ މާޒީ ތަކުރާރުވުމުގެ ފުރުސަތު ނުދޭން ހިތާހިތުން ޝީރީން އަޒުމުކަނޑައެޅިއެވެ. ޖައުފަރާއި ބަތޫލް ބާޒީ ކިތަންމެ ފުރިހަމައަށް އަތުރާލާފައިވީކަމުގައި ވިޔަސް ކުޅިބައި އޭނައަށް ކާމިޔަބުވާނެހެން އޭނަ ކުޅިބައިތު އަނބުރާލާނެއެވެ. އެންމެ ތަންފުކެއް ވެސް އޭނަގެ ދުޝްމަނުންނަށް ދުލެއް ނުދޭނެއެވެ.
''މަ ކުރި ސުވާލަށް އަޒްޔާން ޖަވާބުދީބަލަ!... އޭނަ އެއީ އަޒްޔާންގެ ކާކު އޭނަ ގޮވައިގެން ތަންތަނަށް ދާން؟... ކޮންދުވަހަކު ތިދެމެދުގައި ތިހާ ގާތް ގުޅުމެއް އުފެދުނީ؟... އަދި އެއަންހެނާގެ ހުރި ހަޔާތްކުޑަކަން ވެސް ނިކަން ދެކިބަލަ، ހިލޭ ފިރިހެނަކާއެކު އެހެން ގައުމަކަށް ދާން ވެސް އޭނަ އެހުރީ ތައްޔާރަށް ވިއްޔާ، ލަދެއް ވެސް ނުގަނެޔޭ... ކޫޑި އަދި ރަންޑީން އުޅޭ ވައްތަރު އެއީ... އަޅެފަހެ، އަޒްޔާނަށް އެނޫން އަންހެނަކު ނުފެނުނީތަ؟......'' އައި ރުޅީގައި ޝީރީން އޭނަގެ ދުލަށްއައިހާ އެއްޗެއް ގޮވާލިއެވެ.
''ދައްތަ އަދިވެސް އެކަހަލަ މީހުންނަށް ރުހުން ދީގެން ހުންނާތި......'' ލިބުނު ފުރުސަތުގެ ބޭނުން ޝީރީން ހިފަން ފެށިއެވެ. އޭރު އަޒްޔާން ރުޅިއައިސްގެން ގޮސް ފަޅައިގެން ދާން ކައިރިވެއްޖެއެވެ. އޭނަގެ އަތްމުއްކެވިފައި ވީއިރު ޝީރީނަށް ދިން ނަޒަރާއެކު އެދެލޮލުން ބުރަމުން ދިޔަ އަލިފާންކަނިތަކުން ޝީރީން އަދާ އަޅިއަށް ހަދާލަފާނެހެން ހީވިއެވެ. ބަތޫލްއާ މުހާތަބުކޮށް އެފަދަ ދަށުދަރަޖައިގެ ބަސްތައް ބުނުމުން އޭނަ އިހުނަށްވުރެ ރުޅިގަދަ ވިއެވެ. އެއާއެކު ނަފުސުގެ މައްޗަށް އިސްކުރަމުން އައި ބާރު ކެނޑި އޭނައަށް ރުޅިވެރިކަން ބޭރުކޮށްލެވުނެވެ.
''ހުއްޓާލާ، ވަރަށް ގިނައިރު އެއްޗެއް ނުބުނެ ކެތްކޮށްފިން، އެކަމަކު ދެން މަޑަކުން ނުހުރެވޭނެ... ދެން ބަތޫލްއާއި ދިމާއަށް އެއްވެސް އެއްޗެއް ބުނެގެން ނުވާނެ!!!، އެހެންނޫނީ ތިމާގެކަމުގެ ގުޅުން މަތިން ވެސް އަހަރެން ހަނދާންނައްތާލާނަން!... އަހަރެން ބަތޫލް ގެންދަން މިއުޅެނީ އަހަރެންގެ އަނބިމީހާގެ ހައިސިއްޔަތުން، ސާފުވެއްޖެތަ؟... އާނ، ތިއިވުނީ ހަމަ ރަގަޅަށް، އަހަރެން މިއުޅެނީ ބަތޫލްއާ ކައިވެނިކުރަން، ކައިވެނިކުރަން ފުރިހަމަކުރަންޖެހޭ ކަންތައް މިހާރުއްސުރެ އަހަރެން ފަށައިފިން... ބަޔަކު ކިތަންމެ ނުރުހުނަސް އަހަރެން އެކަން ކުރާނަން... އެކަން ހުއްޓުވޭނެ މީހަކު ވެސް ނުހުންނާނެ... ދެން މީގެ ފަހުން މަށަށް އަޑުއިވޭ ހިސާބުގައި ބަތޫލްއާ ދިމާއަށް އެއްޗެއް ބުނެގެން ނުވާނެ!!!... ސާފުވެއްޖެތަ؟...''
އަޒްޔާން ހަރުއަޑުން ބުނެލިއެވެ. އޭރު ވޯޑުގައި ތިބި އެހެނިހެން މީހުންގެ ނަޒަރު ވެސް އޭނައަށް ހުއްޓިފައި ވިއެވެ. އިތުރަށް އެންމެ ލަފުޒެއް ބޭރުކުރާކަށް ވެސް ޝީރީނަކަށް ނުކެރުނެވެ. އެހާ ފާޅުކަން ބޮޑުގޮތެއްގައި އަޒްޔާން އޭނައާއި ދިމާއަށް އަޑުއިސްކުރުމުން އޭނަ ހުރީ ހިސާބަކަށް ލަދުވެސް ގެންފައެވެ. މީހުންގެ ނަޒަރުތަކުން ދުވެފިލަން ވެސް ބޭނުންވިއެވެ. ނުވީތާކަށް އަޒްޔާން ދިން ބިރުވެރި ޚަބަރެއްގެ ސަބަބުން އޭނަގެ މެޔަށް ނުބައި ގޮތެއް ވިއެވެ. އުއްމީދުގެ ފަހު ހުޅުކޮޅު ތޫފާނީ ރޯޅިތަކާ ހަނގުރާމަކޮށް ނިވުނީހެން ވެސް ހީވިއެވެ.
''ބޮޑު ބަލާއެއްކަހަލަ އެއްޗެކޭ، އެންމެފަހުން އަޒްޔާން ވެސް ރުޅިއާއި މަދެކެ...'' ހިތާހިތުން ބަތޫލްއަށް ޝީރީން އަޑުލިއެވެ. ކަންތައް ގޯސްވުމުގެ އިލްޒާމު އޭނަ އެޅުވީ ބަތޫލްގެ ބޮލުގައެވެ.
އަޒްޔާންގެ ޖުމްލައާއެކު ޒައިނަބު އޮތީ ހިމޭންވެފައެވެ. ކަޅިޖަހާލުމެއް ނެތި އަޒްޔާން ބަލަން އޮވެފައި އޭނަ ޝީރީނަށް ވެސް ނަޒަރެއް ދިނެވެ. ހިތުގައި ސުވާލުތަކެއްވިކަމުގައި ވިޔަސް ފުރަތަމަ ހައްލުކުރަންޖެހޭ ކަންތަކަށް އަލިއަޅުވާލުން އޭނައަށް މުހިންމުކަމަކަށް ވިއެވެ. އޭނަ ފުންނޭވާއެއް ދޫކޮށްލަމުން އަޒްޔާން ގާތު އިރުކޮޅަކަށް ބޭރަށް ގޮސްލުމަށް އެދުނީ ޝީރީނާ ވަކިން ވާހަކަ ދައްކާލުމުގެ ފުރުސަތު ފަހިކުރުމުގެ އިތުރުން ރުޅިވެރިކަމުގެ އަލިފާނުން ފިއްސަމުން ދިޔަ އަޒްޔާންގެ ނަފުސަށް ބޭރުތެރެއަށް ނުކެމެލުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެކަން އެނގޭތީއެވެ.
''ޝީރީން ތިކަން ހުއްޓާލަން ވެއްޖެއެއްނު؟، ބަލަ ބަތޫލްގެ ފުށުން ކޮން އަނިޔާއެއްތަ ޝީރީނަށް ލިބުނީ އެކުއްޖާދެކެ ތިހާ ހިތްނުބައިކޮށްގެން ތިއުޅެނީ؟، އޭނަގެ ބައްޕަގެ ފަރާތުން ވިޔަސް ގެއްލުމެއް ލިބުނީ މަށަށޭ، އެކަމާމެދު ރުޅިއަންނަންޏާ އަންނަންޖެހޭނީ އަހަންނޭ، ދެން ކޮން ބާރެއްތަ ޝީރީނަށް ތިކުރަނީ؟، އަހަރެން ކިއްތަފަހަރު ބުނެފިން މާޒީގެ މަތިން އަހަރެން ހަނދާން ނައްތާލައިފީމޭ، އެއީ ކިތަންމެ ވޭނީ އަދި އުނދަގޫކަމަކަށް ވިޔަސް އަހަރެން އިސްކުރީ އަހަރެންގެ ދަރިފުޅުގެ އުފާތައް، އެއުފާތަކާ ގުޅިފައިވަނީ ބަތޫލް، އަހަރެން ބޭނުމެއްނޫން ޖަފަރު ކުރި ކުށެއްގެ ސަޒާ ބަތޫލްއަށް ލިބޭކަށް، އަހަންނަށް އިނގޭ ބަތޫލް އަޒްޔާން ދެކެ ވަނީ ތެދުވެރި ލޯބިކަން، އެކުއްޖާ ވަރަށް ބޮޑެތި ޤުރުބާނީތަކެއް އަޒްޔާނަށްޓަކައި ވެއްޖެ... ޝީރީން ވެސް ވީ ހަޤީޤަތާ ކުރިމަތިލާން، ނަފުރަތުން ލިބޭނެ ކުރިއެރުމެއް އަދި ލިބޭނެ އަލިމަގެއް ވެސް ނޯންނާނެ، އޭގެ ސަބަބުން އަމިއްލަ މީހާގެ އުފާތަށް ހުރަސްއެޅިގެންދާނީ، ހަމައެއާއެކު ތިމާގެ ވަށައިގެން ތިބި މީހުންގެ ދިރިއުޅުމަށް ވެސް އޭގެ ނޭދެވޭ އަސަރުކުރާނެ... މިހާރު ނޭގޭ ކިތައް ފަހަރުކަމެއް ޝީރީނަށް ވިސްނައިދޭން މަސައްކަތްކުރެވުނީ، ޝީރީން ހަޤީޤަތާ ކުރިމަތިލާން ބޭނުން ނުވަންޏާ ވެސް މީގެ ފަހުން އަޒްޔާންގެ ދިރިއުޅުމަށް ފާޑު ކިޔައިގެން ނުވާނެ، ބަތޫލްއަށް އެއްޗެހި ގޮވައިގެން ވެސް ނުވާނެ...... އަދި އެއްވާހަކަ، އެހާ ދަށުދަރަޖައިގެ ބަސްތައް ބަތޫލް ފަދަ މައުސޫމްކުއްޖަކާ ދިމާއަށް ބުނަން ކެރުނީ ކިހިނެއް؟، އެއީ ފާފައެއްކަމެއް ވެސް ނޭގެނީތަ؟......'' ޒައިނަބު ބުންޏެވެ.
ޒައިނަބުގެ ވާހަކަދެއްކުމުގެ ރާގުން އޭނައަށް އަސަރުކޮށްފައިވާ މިންވަރު ހާމަކޮށްދެއެވެ. އޭނަގެ ނަސޭހަތުން ޝީރީނަށް ހެޔޮބަދަލެއް އައިސްފާނެކަމަށް ޒައިނަބުގެ ހިތުގައި އުއްމީދެއް ވިއެވެ. އޭނަ އިތުރަށް އެއްޗެކޭ ބުނަން އުޅުނު ތަނާ ޒައިނަބު ނިކަން އަވަސް ހިނގުމެއްގައި ނިކުމެގެން ހިނގައްޖެއެވެ. ޒައިނަބު ގޮވާލުމުން ވެސް މަޑުކުރުމެއްނެތިއެވެ. ޝީރީން ދިޔަ ދިމާއަށް ބަލަން އޮތް ޒައިނަބުގެ މޫނުން މާޔޫސްކަން ފާޅުވިއެވެ. އޭނައަށް ހުރިހާ ދޮރެއް ބަންދުވީއެވެ. ޝީރީނަށް ދުވަހަކު ނުވިސްނޭނެކަން އެނގި ކަށަވަރުވީއެވެ.
*****
''އޯހް ގޯޑް...'' ބަތޫލް މިރޭ ވެދިޔަ ކަންތައް ހިއްސާކުރުމާއެކު ޖޯޝުން ފުރިގެންވި އަޑަކުން ޖަނާއަށް ބުނެވުނެވެ. އޭނައަށް އަދަޔާ ޚިލާފަށް ބާރަށް ވާހަކަދެއްކުނުކަން ރޭކާލީ ވެސް އިރުކޮޅެއް ފަހުންނެވެ. އެއާއެކު އަވަަސްއަވަހަށް ޖަނާއަށް އަނގަމަތީ އަތްއަޅާލެވުނެވެ. ދެއެކުވެރިން ތިބީ އެނދުގައެވެ. ބަތޫލް އެނދުގެ ހެޑްބޯޑުގައި ބާލީހެއް ލައްކޮށްލައިގެން އެއަށް ލެނގައިލައިގެން އިން އިރު ޖަނާ އިނީ ބަތޫލް ގާތު ދެފައި ވަށްކޮށްލައިގެން އިށީނދެއެވެ. އޭނައަށް ބަތޫލްގެ އިނގިލީގައިވި އަނގޮޓީފެނުމާއެކު ދެލޯބޮޑުކޮށްލަމުން އެއަށް ތައުރީފުގެ ބަސްތައް އޮއްސަން ފެށިއެވެ.
''އޯ...އެމް...ޖީ... ދިސް މަސްޓް ހޭވް ކޮސްޓް ހިމް އެ ފޯރޗިއުން...'' އަނގޮޓީއަށް ތައުރީފުކުރަމުން ޖަނާ ބުނެލިއެވެ. ''ބަތޫ ވަރަށް ލަކީ އިނގޭ... ޒޭން މިހާރު ބޭނުންވާ ގޮތް ވެސް ހާމަކުރީނު، ބަލައްޗޭ، އިރާދަކުރެއްވިއްޔާ އެވްރީތިންގް ވިލް ފޯލް އިންޓު ޕްލޭސް....''
ބަތޫލްއަށް ޖަނާގެ ޖުމްލައިން ބަދަލުތަކެއް އައެވެ. އޭނަގެ ހިތަށް އެވަގުތު ވެރިވެގެން އައީ މަންމައާއި ބައްޕަގެ ނަމެވެ. އެމީހުންގެ ރުހުން އަދިވެސް އޭނައަށް ލިބިފައި ނުވާކަން ހަނދާންވެ ހިތަށް މާޔޫސްކަން ވެރިވިއެވެ. އޭނައާއި އަޒްޔާން އާޚަޔާތެއް ފަށަން ގަސްދުކޮށްފައި ވާއިރު މައިންބަފައިންގެ ހެޔޮ ދުޢާތަކާއި ރުހުމުން އޭނަ އެވަނީ މަހުރޫމްވެފައެވެ. އޭނައަށް އެމީހުންގެ ރުޅިވެރިކަމާއި ބަދުދުޢާނޫން އެއްޗެއް ލިބިފައި ނުވެއެވެ.
''ބަތޫ...'' ބަތޫލް މާޔޫސްވިތަން ފެނުމާއެކު ޖަނާއަށް ގޮވާލެވުނެވެ. ބަތޫލްގެ އުފާވެރި މޫޑު ޚަރާބުކޮށްލެވުމުން ޖަނާ ދެރަ ވިއެވެ.
''ޖަނާ ތިބުނީ ތެދެއް، ޝުޖާ ވެސް ހަމަތިޔަހެން ބުނި...'' ބަތޫލް ވިސްނުމަކަށް ގެއްލިފައި ބުނެލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލިއެވެ. ޝުޖާއުއާއި ވެސް މިއުފާވެރި ޚަބަރު ހިއްސާކުރަން އޭނަ ބޭނުން ވިއެވެ. ނަމަވެސް އޭގެން ޝުޖާއުއަށް އުފަލަށްވުރެ ބޮޑަށް ލިބޭނެ ވޭނާއި ހިތްދަތިކަން ތަސައްވަރުކުރެވުމުން ބަތޫލް ފަސްޖެހުނެވެ. އޭނަގެ އުފަލަށްޓަކައި ޝުޖާއު ހިނިތުންވެގެން ހުންނައިރު އެދެލޮލުގައިވާ ރިހުން އޭނައަށް ވަނީ ފާހަގަކުރެވިފައެވެ. އެކަމާއި ސުވާލުކުރަން ޖެހިލުންވަނީ އޭގެ ޖަވާބު އެނގޭތީއެވެ. އެއިން ކޮންމެފަހަރަކު އޭނަގެ ހިތަށް މާޔޫސްކަން ވެރިވެއެވެ. އޭނައަށް ޝުޖާއުގެ ހިތުގެ އެދުން ފުއްދައިނުދެވޭނެތީއެވެ. ނަމަވެސް އެކަން ބަދަލުކުރަން އޭނަ ބޭނުމެވެ. ޝުޖާއު އޭނަގެ ހަޔާތް އާރާސްތުކޮށްދިން ފަދައިން ވީރާނާކަމާއި ހަނަފަސްކަން ވެރިވެފައިވާ ޝުޖާއުގެ ހިތަށް އާދިރުމެއްގެނެސްދޭން އޭނަ ބޭނުމެވެ. އޭރުން ޝުޖާއުއަށް ވެސް އުފާވެރިކަން ހާސިލުކުރެވޭނެތާ އެވެ.
''އަހަރެން ސުވާލެެއްކޮށްލަންތަ؟...'' އަމިއްލަ ޚަޔާތާބެހޭ ވާހަކަތައް އެއްފަރާތްކޮށްލަމުން ބަތޫލް އަހާލިއެވެ. އެއަޑުގައިވަނީ ސީރިޔަސްކަމެވެ.
''އަނެއްކާ ކޮންކަހަލަ ސުވާލެއްތަ؟...'' ޖަނާ ވެސް އަހާލިއެވެ.
''ޝުޖާއާ މެދު ޖަނާ ދެކެނީ ކިހިނެއްތަ؟...'' ޖަވާބު އެނގޭ އިރު ވެސް ބަތޫލް އެހި އެވެ. އެއާއެކު ވަގުތުން ޖަނާގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ހިމޭންވެފައި ޖަނާއަށް ބަލަން އިނދެވުނީއެވެ.
''ޕްލީޒް ތެދުތެދަށް ބުނައްޗޭ...'' ޖަނާގެ އަތުގައި ހިފާލަމުން ބަތޫލް ބުނެލިއެވެ. ''ޔޫ ލައިކް ހިމް ރައިޓް؟...''
''ޝުޖާ ގާތު ބަތޫ އެއްވެސް އެއްޗެއް ނުބުނާނެ މަތިން ޖަވާބު ދީފާނަން...'' ޖަނާ އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ. ވަގުތުން ޖަނާގެ އެޝަރުތާ ބަތޫލް ޤަބޫލުވެލިއެވެ.
''ހޫމްމްމް... އައި ލައިކް ހިމް... ވަރަށް ބޮޑަށް ވެސް......'' އިސްޖަހާލަމުން ޖަނާ އިޤުރާރު ވިއެވެ. ''ޝުޖާ ފެނުނު ފުރަތަމަ ދުވަހުން ފެށިގެން ވެސް ތަފާތު ނަޒަރަކުން ދެކެވެން ފެށުނީ...''
''ދެން އެއްވެސް ގޮތަކަށް ތިކަން ޝުޖާއަށް އަންގާކަށް މަސައްކަތެއް ނުކުރަންތަ؟...'' ބަތޫލް އެހިއެވެ. ޖަނާގެ ޖަވާބުން އޭނަގެ ތުންފަތުގައި ހިނިތުންވުމެއް ކުޅެލަމުން ދިޔަ އެވެ. އެއީ ބަތޫލްގެ ހިތަށް ހަމަޖެހުން ގެނެސްދިން ޖަވާބަކަށް ވިއެވެ.
''އަހަންނަކީ އަންހެނެްކުއްޖެކޭ... އެހެންނޫނަސް ޝުޖާ އުޅޭ ގޮތަކުން ހީވަނީ ޝުޖާއަށް ކަމުދާ ކުއްޖަކު އުޅޭހެން، އެކަމަކު މިވީހާ ދުވަހު ފެނިފަ ނެތީމަ އެއީ ކުށްހީއެއްކަމަށް ވެސް ހީކުރެވޭ، ދެން ނޭގޭ... ޔަޤީނުން ވެސް ޝުޖާ އެހެން ކުއްޖަކާއި ގުޅޭކަށް އަހަރެން ބޭނުމެއް ނޫން...'' ހިތަށްވެރިވި ނުތަނަވަސްކަން ޖަނާ ބޭރުކޮށްލިއެވެ. ބަތޫލްއަށް އޭގެ ސަބަބުން ހާސްކަމެއް ލިބުނުކަމުގައި ވިޔަސް ކުޅަދާނަކަމާއެކު ފޮރުވާލިއެވެ. އޭނައަށް ޖަނާގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބުތައް އެނގުނުކަމުގައި ވިޔަސް އެކަމަށް އަލިއަޅުވާލާކަށް ބޭނުމެއް ނުވިއެވެ. އެއީ މުހިންމުކަމެއްކަމުގައި އޭނައަށް ނުފެނުނީތީއެވެ. އެކަންތައް ސިއްރުކުރަން ޚުދު އޭނައާއި ޝުޖާއު ވެސް ވަނީ އެއްބަސް ވެފައެވެ.
''އަހަރެން ޖަނާއަށް އެހީވެދެންޏާ ޝުޖާއާ ގުޅޭނަން ދޯ؟...'' ބަތޫލް އެހި އެވެ.