ޝުޖާއުގެ ވާހަކަތަކުން އަސަރުކޮށްފައި ހުރި ބަތޫލްއަށް ޝުޖާއު އޭނަގެ އަތުގައި ހިފުމާއެކު ސިހުމެއް ލިބުނެވެ. އަވަސް ހަރަކާތަކާއެކު ބަތޫލް އޭނަގެ އަތް ދަމައިގަންނަން އުޅުނެވެ. ނަމަވެސް ޝުޖާއުގެ ބާރުގަދަ އަތުގެ ތެރޭން އޭނަގެ އަތް މިނިވަންކުރުން އޭނައަށް ވީ މުސްތަޙީލު ކަމަކަށެވެ. އެވަގުތު ބަތޫލްއަށް އިސްއުފުލާ ޝުޖާއުގެ މޫނަށް ބަލާލެވުނެވެ. އެމޫނުން ފެނުނު ބަޔާންކުރަން ދަތި އިހުސާސްތަކުގެ ސަބަބުން ބަތޫލްގެ ހިތް މޭގެ ތެރޭގައި އޮވެ ގެނބުނު ފަދަ އިހުސާސެއް ކުރެވުނެވެ. އެދެލޮލުގައިވި ކަރުނައިގެ ތެރޭން ބަތޫލްއަށް ބަލަަހައްޓައިގެން ހުރި ގޮތުން ކަމެއް އަނގައިދޭން އުޅުނު ކަހަލައެވެ. ހިތާމަޔާއި މާޔޫސްކަމުން ފުރިގެންވި ދެލޮލުން ބަތޫލްއަށް ވަރަށް ގިނަ ވާހަކަތަކެއް ކިޔައިދިނެވެ. ޝުޖާއުއާ ދިމާއަށް ބުނެވުނު ބަސްތަކާ މެދު އެވަގުތު ބަތޫލްގެ ހިތް ޔަޤީނުން ވެސް ހިތާމަފާޅުކުރިއެވެ. އޭނައަށް ބުނެވުނު ބަސްތަށް އަނބުރާ ނެގެވޭނެ ނަމައޭ ހިތަށް އެރި އަދަދެއް ނޭގެއެވެ.

''އަހަރެން އެދެނީ ބަތޫލް އަހަންނަށް އިތުބާރު ކުރުމަށް!...'' ވެރިވެފައި އޮތް ހިމޭންކަމުގެ ތެރޭން ޝުޖާއުގެ އަޑު އިވުނެވެ. އެއަޑުގައި ވަނީ ކޮންކަލަހަ އަސަރެއް ކަމެއް ނޭގެއެވެ. ބަތޫލް އައިސްފައި ހުރި ރުޅި ފިނިވެގެން ދިޔަ އެވެ. ބަތޫލްއަށް އިތުރު ލަފުޒެއް ވެސް ނުބުނެވެނީސް ޝުޖާއު ހަރު ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. ބަތޫލްއަށް ޝުޖާއުއާއި އެއްހަމައެއްގައި ފައިތިލަ ސާބިތުކުރުން ނުހަނު އުނދަގޫކަމަކަށް ވިއެވެ.

ބޮޑުކޮޓަރީގެ ސޯފާގައި ވިސްނުމަކަށް ގެއްލިފައި އިން ހިންދުއަށް ކުއްލިޔަކަށް ސޯފާއިން ތެދުވެވުނީ ބަތޫލްގެ ކޮޓަރިން ނިކުތް ޝުޖާއު ފެނިފައެވެ. ވަގުތުން ކަމެއް ގޯސްވެއްޖެކަމުގެ އިންޒާރު އޭނަގެ ހަވަނަ ހިއްސު ދިނެވެ. އޭނަ ކުރިއަށް ޖެހިލަމުން އެއްޗެއް ބުނަން އަނގަހުޅުވާލި ތަނާ ދުލުގައި ތަޅެއް ލެވުނީ އޭނައަށް ޝުޖާއުގެ މޫނު ފެނުނު ހިސާބުންނެވެ. ދުވަހަކު ވެސް އެފަދަ ހިތާމަވެރި މޫނެއް ފެނުނު ހަނދާނެއް އޭނަ ނުވެއެވެ. އެއާއެކު ދެން އޭނައަށް ބަލާލެވުނީ ބަތޫލް އަށެވެ. ބަތޫލް ރޮއިފައިވާ ކަމަށް އެކޯތާފަތުގައި ހިކިފައިވާ ކަރުނަތައް ހެކިދެމުން ދިޔަ އެވެ. ފެންނަމުން އައި މަންޒަރުތަކާއެކު އޭނަ އިތުރަށް ކަންބޮޑުވިއެވެ. އޭނައަށް ހިތްހަމަނުޖެހުމާއެކީ ބަތޫލްއަށް ބަލަން ހުރެވުނީ ކަންތައް ބޮއްސުންލައިގެން ދިއުމުގެ ފަހަތުގައި ބަތޫލްގެ އަތެއް ވާނެކަން ހިތަށް އެރުމާއެކުއެވެ. އޭނަގެ ހިތުގައި ކުރިއަށްވުރެ ބޮޑަށް ބިރުވެރިކަން ވަކިހިއްޕާލީ ސިކުނޑިއަށް ވެރިވެގެން އައި ޚިޔާލެއްގެ ސަބަބުންނެވެ. ގިނަ އިރެއް ނުވެ އެބިރު ހަޤީޤަތަށް ވެ ނިމިއްޖެއެވެ.

''ޝުޖާ...''

''އަހަންނަށް ހުރިހާ އެއްޗެއް ބަތޫލް ކިޔައިދީފި...'' ރުޅި އިސްކުރުމުގެ ބަދަލުގައި އަޑަށް މަޑުމައިތިރިކަން ގެންނަމުން ޝުޖާއު ބުނެލިއެވެ. ކުރަން ކިތަންމެ ގިނަ ސުވާލެއް ސިކުނޑީގައި ބުރުޖަހަމުން ދިޔަ ކަމުގައި ވިޔަސް އިތުރަށް އެކަންތަކަށް އަލިއަޅުވާލާކަށް އޭނަ ބޭނުމެއް ނުވިއެވެ. އެއަށްވުރެ މުހިންމުކަމެއް ސިކުނޑީގައި ރާވާލެވިފައި ވީތީއެވެ. ދެލޯބޮޑުވެގެން ދިޔަ ހިންދު އިތުރަށް ވާހަކަދެއްކުމުގެ ހިތްވަރު އެލިގެން ދިއުމާއެކު ހުރެވުނީ ހިމޭންވެފައެވެ.

''ބޮޑުދައިތާ، މިވަގުތު އަހަރުމެން ނުހިފަހައްޓާ، އަހަރެން ބޭނުން ވެދިޔަ ކަންތައް ބަދަލުކުރަން...'' މައިދޮރާއި ދިމާއަށް ޝުޖާއު މިސްރާބު ޖެހުމާއެކު ހިންދުއަށް ގޮވާލެނު ހިނދު ފަސްއެނބުރި ބަލާލި ޝުޖާއު ބުނެލިއެވެ. ހިތްނުތަނަސްވެފައި ހުރި ހިންދުއަށް ޝުޖާއުއާއެކު ބަތޫލް ގޭގެ މައިދޮރުން ނިކުމެގެން ދަންދެން ބަލަން ހުރެވުނީ ސުވާލުތަކުން ފުރިފައިވި ހިތަކާއެކުގައެވެ.

''ކޮންތަނަކަށްތަ އެދެމީހުން އެދަނީ؟... ބަތޫލްގެ ކަންތަކޭމީ... ކިހިނެއް ވެފަ ހުރި ކުއްޖެއްތަ އެއީ؟... ދެން ކިހިނެއްތަ ހަދާނީ؟، ޝުޖާއު ވެސް އެދިޔައީ ރުޅިއައިސްފައި...'' ކަންވެ ދިޔަ ގޮތާ މެދު ހިންދުއަށް ރުޅިއާދެވުނީ ބަތޫލް ދެކެއެވެ. އޭނަ ދޮރާއި ދިމާއަށް ދާން އުޅެފައި ވެސް ޚިޔާލު ބަދަލުކޮށްލުމަށްފަހު އައިސް އޭނަގެ ފޯނު ނަގައި ނަންބަރަކަށް ނިކަން އަވަހަށް ޑައިލް ކޮށްލިއެވެ.

*****

''އަތުން ދޫކޮށްބަލަ، ތަދުވެޔޭ...'' ޝުޖާއުއާއެކު ލިފްޓަށް ވަދެވުމާއެކު ބަތޫލްއަށް ބުނެވުނެވެ. އެއާއެކު ޝުޖާއު ވަގުތުން ބަތޫލްގެ އަތުން ދޫކޮށްލަމުން މަޢާފަށް އެދުނެވެ. އެއަށްފަހު އޭނަ ބަތޫލްއަށް ފުރަގަސް ދިނީ އެހިތުގެ ހާލު އިތުރަށް ބަތޫލްގެ ކުރިމަތީގައި ބޭޒާރުވާން ނޭދޭތީއެވެ. އުތުރި އަރަމުން އައި ޖަޒުބާތުތައް ކޮންޓްރޯލް ކުރަން އޭނަ އަމިއްލަ ނަފުސަށް މަޖުބޫރުކުރިއެވެ. މުށްކެވިގެން ދިޔަ ދެއަތް ޖިންސުގެ އަރިމަތީ ޖީބަށް ކޮއްޕާލަމުން އޭނަ ފުންނޭވާތަކެއް ލީ ސިކުނޑިއަށް ކުޑަ ނަމަވެސް ލުޔެއް ހޯދައި ދެވޭތޯއެވެ. ނަމަވެސް ބަތޫލްގެ ހަރުކަށި ބަސްތަކުން އޭނައަށް ވަނީ ފުން އަސަރުތަކެއް ކޮށްފައެވެ. އަމިއްލަ ނަފުސުގެ ބަލިކަށިކަމާ ހުރެ އޭނަ ގާތަށް ރުޅި ވެސް އައެވެ. މިފަދަ ހާލެއްގައި އޭނަ ވަނިކޮށް މީހަކަށް ފެނިއްޖެ ނަމަ މަލާމާތް ވެސް ކުރާނެއެވެ. އޭނަގެ ފިރިހެންވަންތަކަމާ މެދު ސުވާލު އުފައްދާނެކަން ވެސް ގައިމެވެ.

ލިފްޓްގެ ކަނަކަށް ޖެހިގެން ހުރި ބަތޫލްއަށް ފެންނަމުން ދިޔައީ ޝުޖާއުގެ ފުރަގަހެވެ. އޭގެ ސަބަބުން އޭނައަށް ޝުޖާއުގެ މޫނު ފެންނަގޮތެއް ނުވިއެވެ. ކިތަންމެ ފަހަރަކު ވާހަކަ ދައްކަން އޭނަ ތުންފަތް ހަރަކާތްކުރިއެވެ. އެހެނަސް އަޑެއް ނިކުންނަ ގޮތެއް ނުވިއެވެ. ނޭގުމެއްގެ ތެރޭން ވެސް އޭނައަށް ޝުޖާއުއަށް އަނިޔާތަކެއް ދެވިއްޖެއެވެ. އެޒަހަމްތައް ފަސޭހަކޮށްދޭން އޭނަ ހަދާނީ ކިހިނެއް ހެއްޔެވެ؟

''ޝުޖާ...'' ހިތްވަރުކޮށްލަމުން ބަތޫލް ވާހަކަދެއްކި ވަގުތު ލިފްޓު އެންމެ ފަހުގެ ފަންގިފިލާއާ ހަމައަށް އައިސް ހުއްޓުނެވެ. ޝުޖާއު ކުރިއަށް ޖެހިލަމުން ލިފްޓްގެ ދޮރުގައި އެއްއަތް ޖައްސާލީ ލެއްޕުނަ ނުދީ ހިފަހައްޓުމުގެ ގޮތުންނެވެ. އަދި އަނެއް އަތުން ބަތޫލްއަށް އިޝާރާތްކުރީ ފޭބުމަށެވެ. އޭރު ވެސް އިސްއުފުލާ ބަތޫލްއަށް ޝުޖާއު ބަލާނުލިއެވެ. ބަތޫލް ނިކުންނަން ހިނގައިގަންނަމުން ޝުޖާއުއަށް ވަރަށް ވެސް ފުން ބެލުމަކުން ބަލާލިއެވެ.

*****

މަގަށް ނިކުމެވުމާއެކު ޝުޖާއު އެދުނީ އޭނައާއެކު އައުމަށެވެ. ބަސްއަހާ ކުޑަކުއްޖަކު ފަދައިން ބަތޫލް ހިނގައިގަތީ އޭނައަށް ކުރެވުނު ކަންތަކާ މެދު ދެރަވެ ހިތާމަ ކުރާ ހާލުގައެވެ. އޭނަ ޝުޖާއު ގާތުން މަޢާފަށް އެދެން ބޭނުން ވިއެވެ. އެދެމެދުގައި އިހު އޮތް ގުޅުން އިޔާދަ ވުމަށް ވެސް މެއެވެ. އެހެނަސް ދެން އެފަދައިން ކަންތައް ނުވާނެކަން އޭނައަށް އެނގެއެވެ. އެގުޅުން ހީނަރު ކޮށްލީ ޚުދު އޭނަގެ ދެއަތުންނެވެ. އޭނަ ދެކެ ލޯބިވެވުން އެއީ ޝުޖާއުއަށް ކުރެވުނު ކުށަކަށްވާނަމަ އޭނަ އެކުށުގެ ސަޒާ ކިތަންމެ ފުރިހަމައަށް ވެސް ޝުޖާއުއަށް ދީފިއެވެ. ބަތޫލްގެ ހިތަށް އިތުރަށް އަސަރުކުރަނީ އެހެންވެއެވެ.

ކާރަށް ވެރިވެފައި އޮތް މަރުގެ ހިމޭންކަމުގެ ތެރޭން އިރުއިރުކޮޅާ ބަތޫލްގެ ނަޒަރު ގޮސް ޝުޖާއުއަށް ހުއްޓެއެވެ. އެންމެފަހުން އޭނަ ފުންނޭވާއެއް ދޫކޮށްލަމުން ވާހަކަދައްކަން ފެށިއެވެ.

''ޝުޖާ... އަހަރެން...'' ބަތޫލްއަށް ބުނެވުނީ އެހާ ވަރަށެވެ. އޭނައަށް ޖުމްލަ ފުރިހަމަ ނުކުރެވުނީ ޝުޖާއު ވާހަކަދައްކަން ފެށުމުންނެވެ.

''އަހަރެން ނޫޅޭން ބަތޫލްއަށް ކަމެއް ކުރާކަށް، އެއްވެސްކަމަކާ ބިރުގަންނާނެ ކަމެއްނެތް...'' ބަތޫލްއާ ދިމާއަށް ބަލާލުމެއް ވެސް ނެތި ޝުޖާއު ދެއްކީ މުޅިން އެހެން ވާހަކައެކެވެ. އޭނަ މަގަށް ސަމާލުކަން ހުއްޓާލައިގެން އިނެވެ.

''އަހަރެން ޝުޖާ ދެކެ ބިރުގަންނަނަމަ ނައީހެއްނު... އައެމް ސޮރީ... އަހަންނަށް އެވަގުތު ބުނެވުނީ ބުނެގެންނުވާނެ އެއްޗެހިތަކެއްކަން ވިސްނުނީ އަދި ކިރިޔާ... ރުޅީގެ ސަބަބުން ވެދިޔަ ކަންތައް އެއީ...'' އުނގުގައި އޮތް ދެއަތްތިލަ ޖޯޑުކޮށްލަމުން ބަތޫލް ބުނެލިއެވެ. އިތުރަށް ޝުޖާއު އަނގަޔަކުން ނުބުންޏެވެ.

''ޝުޖާ، ޕްލީޒް... ވާހަކަދައްކަބަލަ...'' ބަތޫލްއަށް ނީދެވިގެން ބުނެލިއެވެ. ދެން ވެސް ކާރަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް ނައެވެ. އެއާއެކު ޝުޖާއު އޭނީ އޭނަ ދެކެ ނުރުހިފައިކަން ބަތޫލްއަށް ނަގައިގަނެވުނެވެ. އެފަދަ ހާލަތެއްގައި މިއަދު އޭނަ ވިނަމަވެސް ކަންތައް ވާނީ އެގޮތަށް ކަންނޭގެއެވެ.

*****

ކާރު ގޮސް ގޯޅިއަކަށް ލަނބާލުމާއެކު ހައިރާންކަން ލިބުނު ބަތޫލްގެ ނަޒަރު ގޮސް ހުއްޓުނީ ޝުޖާއު އަށެވެ. އޭނައަށް ޝުޖާއު ކަންތައް ކުރަން އުޅޭ ގޮތް ވިސްނައިގަނެވުނީއެވެ. ބުނާނެއެއްޗެއް ވެސް ބަތޫލްގެ ދުލަކަށް އެވަގުތު ނައެވެ. ހުއްޓުން އަރާފައި ކަހަލަ ގޮތަކަށް ބަލަން އިނދެވުނީއެވެ. ގެއެއްގެ ކުރިމައްޗަށް ކާރު މަޑުކޮށްލުމާއެކު ޝުޖާއު ދޫކޮށްލި ފުން ނޭވާގެ އަޑު ބަތޫލްގެ ކަންފަތާ ހަމައަށް ފޯރިއެވެ.

''ނޭގުމެއްގެ ތެރޭން ވެސް އަހަރެންގެ އަތުން ބަތޫލްއަށް ހިތާމައެއް ދެވިފައިވާނަމަ އެކަމަށް އަހަރެން މަޢާފަށް އެދެން... އަހަރެން މިއައީ ހުރިހާ ކަމެއް ހައްލުކޮށްދޭން.... ބަތޫލް އަހަރެންދެކެ ރުޅި އަޔަސް އަހަރެން ޝަކުވާއެއް ނުކުރާނަން، އެގޮތާ އަހަންނަށް މާބޮޑަށް ވެސް ރުހެވޭނެ ކަންނޭގެ... އަހަރެން އެދޭހާ ވެސް ކަމަކީ ބަތޫލްއަށް ބަތޫލްގެ ލޯބި ލިބުން، އެލޯތްބަށް އެޅިފައިވާ ހުރިހާ ހުރަހެއް ނައްތާލަން އަހަރެންގެ ބާރުގެ ދަށުގައިވާހާކަމެއް ވެސް ކޮށްދޭނަން... ބަތޫލް ބުނިހެން ގަދަ މަޖުބޫރުން ލޯތްބެއް ހާސިލެއް ނުކުރެވޭނެ، އެލޯބި ލިބުނުކަމުގައި ވިޔަސް އުފަލެއް ނުލިބޭނެ... އަހަރެން ބޭނުމެއް ނޫން އެފަދަ ލޯތްބެއް ވާކަށް، ނަމަވެސް ލޯބީގެ ޤުރުބާންކޮށްގެން ވިޔަސް ބަތޫލް އުފަލުގައިވާތަން އަހަންނަށް ފެންނާނެ ނަމަ އަހަރެން ހިތުން ރުހުމުން އެކަމެއްކޮށްދޭނަން... އެކަމުން އަހަރެންގެ ހިތަށް ހަމަޖެހުން ވެސް ލިބޭނެ، އަހަރެން އަބަދުވެސް އިސްކުރާނީ ބަތޫލްގެ އުފާތައް... އެކަން ހަނދާނުގައި ބަހައްޓައްޗޭ... އަހަރެން ދުވަހަކު ވެސް ބަތޫލްއާއި އަޒްޔާންގެ ދެމެދަކަށް ނުވަންނާނަން... އަހަންނަށް އަޒްޔާނަށް އިތުބާރު ނުކުރެވުނު ކަމަށްޓަކައި މިއަދު ދެރަވޭ... ނަމަވެސް ދެވަނަ ފަހަރަށް އެފަދަ ކަމެއް ތަކުރާރުވާކަށް ބޭނުމެއް ނޫން...'' ބަތޫލްއަށް ބަލާލަމުން ޝުޖާއު ބުނެލީ އެދެލޮލުގައި ވިދަމުން އައި ކަރުނައިގެ ތެރޭން ހިނިތުންވެލަމުންނެވެ. އިހުސާސްތައް ކޮންޓްރޯލް ކުރަން ޝުޖާއުއަށް އިންތިހާއަށް ދަތިވި ކަމުގައި ވިޔަސް އެ އިހުސާސްތައް ބަތޫލްގެ ކުރިމަތީ ބަންޑުން ވެގެންދާކަށް އޭނަ ބޭނުމެއް ނުވިއެވެ. ހިތާމަތައް ސިއްރުކޮށް ހިނިތުންވެލެވުނީ އެހެންވެއެވެ. ލިބެން ނަސީބުގައި ނެތް ލޯތްބެއްގެ ފަހަތުން ދުވުމުގެ ބޭނުމަކީ ވެސް ކޮބާ ހެއްޔެވެ؟ އޭނަ ޖެހޭނީ ހަޤީޤަތާ ރުހި ޤަބޫލުވާށެވެ. މިއީ އޭނަގެ މިންވަރުގައި ލިޔެވިފައިވާ ގޮތެވެ.

ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި ބަތޫލްގެ ލޮލުން ކަރުނަ ނީރާލިއެވެ. ތުންފަތުގައި އުފެދިގެން އައި މަޑު ތުރުތުރުލުމާއެކު އޭނައަށް ދެންމެދެންމެ ގިސްލެވިދާނެހެން ވެސް ހީވިއެވެ. ޝުޖާއު އޭނަ ދެކެ އެވަނީ ކޮންފަދަ މަތިވެރި ލޯތްބެއް ހެއްޔެވެ؟ އޭނަގެ ހިތް އަޒްޔާނަށް ހިބައިން ދެވިފައި ނުވިނަމަ މިއަދު އެލޯތްބަށް އޭނަގެ ހިތުގައި ވިންދެއް ޖެހީސްކަން ނޭގެއެވެ.

''ޝުޖާ...'' ބަތޫލްއަށް ބުނެވުނީ ރޮވިފައިވާ އަޑަކުންނެވެ. ''އައެމް ސޮރީ...''

ޝުޖާއު ދެފަރާތަށް ބޯހޫރާލީ ކޮން ނިޔަތެއްގައި ކަމެއް ބަތޫލްއަށް ނޭގުނެވެ. އޭނަގެ ރުއިން ހުއްޓާލުމަށްކަމަށް ނުވަތަ މަޢާފަށް ނޭދުމަށް ކަމެއް ވެސް މެއެވެ. އެވަގުތު ބަތޫލްގެ ކޯތާފަތުން ރޮނގުދަމާލާފައި ގޮސް ދަތްދޮޅިން ލާފައި ފައިބަމުން އައި ކަރުނަތައް ފޮހެލަން ޝުޖާއުއަށް ކާރުގެ ހުންގާނުގައިވި އޭނަގެ އަތް ހިއްލާލެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި އޭނަ ހިތަށް ވިސްނައިދިނެވެ. އަދި އަތް މުށްކަވާލަމުން ގެނެސް ފައިގެ ފަލަމަސްގަނޑުމަތީ ބޭއްވީ ހަށިފުރާ ނޭވާއެއް ދޫކޮށްލުމަށްފަހުގައެވެ.

''އަހަންނަށް ޝުޖާއާ މެދު ހީކުރެވުނީ މުޅިން ގޯސްކޮށް... މިހާރު އެނގިއްޖެ ޝުޖާގެ އަތެއް އެކަމުގައި ނުވާކަން... ފަހަރެއްގައި އަޒްޔާނާ ބައްދަލުވުމުގެ ކުރިން ޝުޖާ އަހަރެން ދެކެ ލޯބިވާކަން ހާމަކުރި ނަމަ މިހިތް ދެވުނީސްކަން ނޭގެ......''

''ތިހެން ނުބުނޭ!... އޭރުން ވެސް ނުވާނެ އެހެނެއް!... އަހަންނާއި ބަތޫއާ ދެމެދުވަނީ ކޮއްކައަކާއި ބޭބެއެއްގެ ދެމެދުގައިވާ ފަދަ ގުޅުމެއް، އެކަން ހަނދާން ނައްތާލައި އިތުރު ގޮތެއް އެކްސެޕްޓްކުރަން ބަތޫއަށް އުނދަގޫވާނެކަން އަހަންނަށް ޔަޤީން، އެކަމަކު ކީއްކުރާނީ... އަހަރެންގެ މިހިތަކަށް ވިސްނައި ނުދެވުނު ވިއްޔާ... އެކަމަކު ދެން ވިސްނައިދޭނަން... ދެން އިތުރަށް ބަތޫ ވާހަކަދައްކަންޏާ އަހަރެންގެ ޚިޔާލު ބަދަލުކޮށްލަފާނަން އިނގޭ...'' ސީރިޔަސް ކަމާއެކު ވާހަކަދައްކަމުން ގޮސް ޝުޖާއު އެންމެ ފަހު ބަސްތައް ބުނެލީ ސަމާސާ ރާގަކަށެވެ. އޭރު އެތުންފަތުގައި ފުރިހަމަ ހިނިތުންވުމެއްގެ އަސަރު ވިއެވެ. ވޭނާއި ހިތްދަތިކަން އޭގެ ނިވަލުގައި ވަނީ ވަންހަނާ ކުރެވިފައެވެ.

ކަރުނައިގެ ތެރޭން ބަތޫލްއަށް ހިނިތުންވެލެވުނެވެ. ބަތޫލް އެއްޗެއް ބުނަން އުޅުނު ތަނާ ފަހަތުން ބަރުގޮނުގެ އަޑު އިވުނެވެ. ދެޒުވާނުންނަށް އެކީ އެއްފަހަރާ ފަސްބަލާލެވުނެވެ. އޭރު ކާރު ފަަހަތުގައި ކުރިއަށް ނުދެވިގެން ތިން ސައިކަލު މަޑުކޮށްލާފައި ވިއެވެ. ނުރުހުމާއެކު އުޅަނދުތައް ދުއްވަން ތިބި މީހުންތައް ވާހަކަ ދައްކާއަޑު ވެސް އިވުނީ ދެނެވެ.

''މިތިބެވުނީ މަގުމަތީގައިކަން ވެސް ހަނދާނެއް ނެތޭ... ބަތޫ ފައިބާ، އަހަރެން އަންނާން ކާރު ޕާކުކޮށްލާފައި، އަހަރެން އައީމަ ވަންނާނީ، ޒޭން ފަރާތުން މަޢާފަށް ވެސް އެދެން ޖެހިފަ އޮތީ...'' މީގެ އިރުކޮޅެއް ކުރިން ފެނުނު މާޔޫސްކަމާއި ހިތްދަތިކަން ޝުޖާއުގެ މޫނުމަތިން ފިލައިގެން ދިޔަ އެވެ. އެއީ ހަމަޖެހޭ ގޮތް ދައްކާލުމުގެ ނިޔަތުގައި އޭނަ ބަތޫލްއަށް ދައްކާލި ދަޅައެކެވެ. މޭގައި އޮތް ހިތް ރޮމުން ދިޔަ ވަރު ބަތޫލްއަށް އަންގަން ޝުޖާއު ބޭނުން ނުވާތީއެވެ.

*****

އިމާރާތުގެ ވަންނަ ދޮރުކައިރީގައި ބަތޫލް މަޑުކޮށްލައިގެން ހުއްޓާ އެދިމާއަށް އަންނަމުން ދިޔަ ޝުޖާއު އޭނައަށް ފެނުނެވެ. އޭނަގެ ހިތް ޝުޖާއުއަށް ވަނީ މުޅިން ސާފުވެގެން ގޮސްފައެވެ. އޭނަ ހިތާހިތާ ދުޢާކުރަމުން ދިޔައީ ޝުޖާއުގެ ހިތާމަތަކަށް އަވަސް ޝިފާއެއް ލިބި އެމޫނުމަތިން އުފާވެރިކަން ފެނިގެންދާށެވެ. އެދުވަހަކުން އޭނައަށް ހަޤީޤީ އުފާ ހާސިލުކުރެވޭނެއެވެ. ޝުޖާއު ފަދަ ބައިވެރިޔަކު ލިބުން އެއީ ކޮންމެ އަންހެންކުއްޖަކަށް ވެސް މިދުނިޔެ މަތިން ލިބޭނެ އެންމެ ބޮޑު ނަސީބުކަމުގައި ވާނެއެވެ. އެވަގުތު ބަތޫލްގެ ހިތަށް ޖަނާގެ ނަން ވަދެގެން ދިޔައީ ކުއްލިޔަކަށެވެ.

''ލެޓްސް ގޯ...'' ބަތޫލް ކައިރިއަށް އައިސް ހުއްޓުނު ޝުޖާއު ފަނޑު ހިނިތުންވުމަކާއެކުގައި ބުންޏެވެ. އެއާއެކު ޚިޔާލުތަކުގެ ތެރޭން ބަތޫލްއަށް ނިކުމެވިއްޖެއެވެ.

''ތެންކިއު...'' ބަތޫލްއަށް ޝުޖާއުގެ ގައިގައި ބައްދާލެވުނެވެ. ސިހުމެއް ލިބުނު ޝުޖާއުގެ އެތެރެހަށީގައި ނޭވާ ތާށިނުވީ ވެސް ކިރިޔާއެވެ.

''ބަތޫ، މަގުން ދާހާ އެންމެން އެތިބެނީ ފާޑަކަށް ބަލަހައްޓައިގެންނޭ، އެމީހުން ހީކުރާނީ ކީކޭތަ...'' ޝުޖާއުގެ ޖުމްލައާއެކު ބަތޫލް އަވަސްއަވަހަށް ޝުޖާއުއާއި ދުރަށް ޖެހިލަމުން ވަށައިގެންވި މާހައުލަށް ނަޒަރެއް ދިނެވެ. ތެދެކެވެ. މަގުގައި ހިނގާބިނގާވެ އުޅޭ މީހުންތަކުގެ ނަޒަރު އެދެޒުވާނުންނަށް ހުއްޓިފައި ވިއެވެ. އެއާއެކު ކުރެވުނު ކަންތަކާ މެދު ބަތޫލް ލަދުގަތެވެ.

*****

އަޒްޔާންގެ އަޕާރޓްމެންޓްގެ ދޮރުގައި ޝުޖާއު ޓަކި ދިނެވެ. އޭރު ގާތުގައި ހުރި ބަތޫލްގެ ހިތް ވަނީ ނުހަނު އަވަސްވެފައެވެ. ފިނިވެފައިވާ ދެއަތްތިލަ މޮޑެމުން ދިޔަ އިރު ދޮރު ހުޅުވި އަޒްޔާންގެ ސޫރަ ފެންނާނެ އިރަކަށް އޭނަގެ ހިތް ވަނީ ކެތްތެރިކަން ކުޑަވެފައެވެ.

''ގޭގަ ނޫޅެނީތަ؟...'' ބަތޫލްއަށް ބަލާލަމުން ޝުޖާއު ސުވާލުކުރިއެވެ. އެވަގުތު ބަތޫލްއަށް އައިސްފައިވާ ބަދަލުތައް ފެނި ޝުޖާއުގެ ހިތުގައި ރިއްސާލިކަމުގައި ވިޔަސް ހިނިތުންވުމެއް ތުންފަތުގައި ކުރަހާލިއެވެ. ''އިމްޕޭޝަންޓް ވިޔަސް ތީ ދެން ބޮޑު ވަރެއްނު...''

''ޒޭން މަންމަ ހޮސްޕިޓަލުގަ ބާއްވާފަ އޮތީ... އެތާނގަ ކަންނޭގެ ވީ...'' ޝުޖާއު ފަހުންބުނި އެއްޗަކަށް ސަމާލުކަން ނުދޭން މަސައްކަތްކުރަމުން ބަތޫލް ވާހަކަދެއްކިއެވެ.

''ވަޓް ހެޕެންޑް؟، ސީރިޔަސްތަ؟...'' ކަންބޮޑުވުމާއެކު ޝުޖާއުއަށް އަހާލެވުނެވެ.

''ކިޑްނީ މައްސަލަ ވެސް ޖެހިގެން އުޅެނީ... ޑޮކްޓަރުން ބުނަނީ ބޭރަށް ގެންދާށޭ......'' ބަތޫލްގެ އަޑަށް ހިތާމަވެރިކަން ވެރިވެގެން އައިކަން ޝުޖާއުއަށް ފާހަގަ ކުރެވުނެވެ.

''އެެހެންވިއްޔާ ހިނގާ ހޮސްޕިޓަލަށް ދަމާ... އޭރުން ޒައިނަބު ދައްތައަށް ވެސް ޒިޔާރަތްކޮށްލެވޭނެދޯ...'' ޝުޖާއުގެ އެދުމާ ދެކޮޅު ހެދުމެއްނެތި ދާން ބަތޫލް ހިނގައިގަތެވެ. ދެޒުވާނުން ސިޑިއާއި ދިމާކޮށްލި ވަގުތަކީ ޒައިނަބަށް ބޭނުންވާ ބައެއްތަކެތި ބަލާއައި މީޝެލްއާ އަޒްޔާން ސިޑީގެ ހަރުފަތްތައް ގިރާކުރަމުން މައްޗަށް އެރި ވަގުތެވެ. ބަތޫލްއާއި އަޒްޔާން ފެނި އަޒްޔާނަށް ލިބުނު ހައިރާންކަމާއެކު އޭނަ ގަނޑުވިއެވެ. އޭރު ކަޅި ޖަހާލުމެއްނެތި އާޝޯހުވެފައިވާ މީހަކު ފަދައިން މީޝެލް ޝުޖާއުއަށް ބަލަން ހުއްޓެވެ. އެކަން ޝުޖާއުއަށް ފާހަގަވިހެނެއް ހިޔެއް ނުވެއެވެ. އޭނަ ކުރިއަށް ޖެހިލަމުން ހިނިތުންވުމަކާއެކު އަޒްޔާންގެ ގައިގައި ބައްދާލައިފިއެވެ. ވާނުވާ ނޭގި ހުރި އަޒްޔާނަށް ހުރެވުނީ ހަރަކާތެއް ވެސް ގެންނަން ނޭގިފައެވެ. އޭނައަށް ބާލެވުނީ ބަތޫލް އަށެވެ. ބަތޫލްގެ އުޖާލާވި ހިނިތުންވުމުން އަޒްޔާނަށް ކުޑަ ނަމަވެސް އުފަލެއް ލިއްބައިދިނެވެ. ޝީރީންގެ ވާހަކަތަކުން ކަމުން ދިޔަ ސިކުނޑިއަށް ވަގުތީ އަރާމެއް ވެސް ލިބުނު ކަހަލައެވެ.

''މޭން ކިހިނެއްތަ؟...'' އަޒްޔާނާއި ދުރަށް ޖެހިލަމުން އަޒްޔާންގެ ކޮނޑުގައި ޖަހާލަމުން ޝުޖާއު ވާހަކަދެއްކިއެވެ. ޝުޖާއުއަށް އައިސްފައިވާ ކުއްލި ބަދަލާއެކު އަޒްޔާން ހުރީ ބުނާނެއެއްޗެއް ނޭގިފައެވެ.

''ކިހިނެއްވީ ފާޑަކަށް ތިހުންނަނީ؟... ޤަބޫލުނުކުރެވިފަ ދޯ؟... އަހަންނަށް ހުރިހާ އެއްޗެއް ބަތޫ ކިޔައިދީފި...'' ޝުޖާއު ބުނެދިނެވެ. އެތައް ދުވަހަކަށް ފަހު ޒަމާންވީ އެކުވެރިޔާ ލިބުމުން އަޒްޔާން އުފާވިއެވެ.

''އެކަމަކު އެފަދަ ބޮޑު ނިންމުމެއް ނިންމާއިރު ޖެހޭނެ ދޯ އިތުރު މީހެއްގެ ޚިޔާލު ހޯދަން ވެސް... ވިސްނާލުމެއް ނެތި ޒޭން ކުރި ކަންތަކުން ބަތޫއަށް ހާދަ ބޮޑު ހިތްދަތިކަމެކޭ އެލިބުނީ... މިހާރު ވެސް އެހުރީ ރޮއިރޮއި ދެލޯ ދުޅަކޮށްލައިގެން.....'' ބަތޫލްއަށް ބަލަމުން ޝުޖާއު ބުނެލިއެވެ. އޭރު އަޒްޔާން ވެސް ބަތޫލްއަށް ބަލާލަނީއެވެ. އޭނައަށް ވެސް ދުޅަވެފައިވާ ބަތޫލްގެ ދެލޯ ފާހަގަ ވިއެވެ. އެއާއެކު އޭނައަށް ބަތޫލް ގާތަށް ދިއުމަށް ފިޔަވަޅުތަކެއް އަޅާލެވުނީ ބޭއިހުތިޔާރުގައެވެ. އޭނައަށް ޝީރީންގެ ވާހަކަތަކުން ކުރި ނޭދެވޭ އަސަރުތައް ވެސް ބަތޫލް ފެނި ފިލައިގެން ހިނގައްޖެއެވެ. އޭނައާއި ބަތޫލް ދުރުވެއްޖެނަމަ ބަތޫލްއަށް ލިބޭނެ ވޭނާއި ހިތްދަތިކަން ހިތަށް ތަސައްވަރު ކުރެވުމުންނެވެ. ހަމައެއާއެކު އޭނަ ލައްވާ މަންމަ ކުރިވި ވަޢުދުގެ ސަބަބުން ވެސް މެއެވެ. ޖަޒުބާތުގައި ޖެހުނު ވަރުން އެހުރިހާ ކަމަކާ މެދު ފުންކޮށް ވިސްނާލުމުގެ ތައުފީޤެއް ވެސް އަޒްޔާނަކަށް ނުލިބުނެވެ. އެއަށްވުރެ ބޮޑަށް އޭނަ ހުރީ ބަތޫލްގެ ހާލު އޮޅުން ފިލުވައި ބަތޫލްގެ މާޔޫސްކަމަށް ނިމުން ގެންނަން ބެނުން ވެފައެވެ.

އަޒްޔާން ބަތޫލްގެ މަޑު އަތްތިލައިގައި ހިފަހައްޓާލަމުން ވަރަށް ވެސް ފުން ނަޒަރެއް އެމޫނަށް ހުއްޓާލިއެވެ. އެތޫނު ދެލޮލާއި އެދެމެދުގައިވި ދާއިރާގެ ހަނިކަމުން ބަތޫލްގެ ހިތް ދެންމެދެންމެ މޭކަށިގަނޑު ފޫއަޅުވާލާފައި ނިކުމެދާނެހެން ހީވިއެވެ. އަޒްޔާންގެ ހޫނު އަތްތިލައިގެ ބީހުމުން ނާރުތަކަށް ވަނީ ހަލަބޮލިކަން ގެނެސްދީފައެވެ. އެއަސަރުގަދަ ބެލުމުން ކޮޅަށް ހުރުމަށްޓަކައި ފަޔަށް ލަމުން ދިޔަ ބާރު ވެސް ދޫވެދާނެހެން ހީވި ތަނާ ބަތޫލްއަށް އިސްތިރިކޮށްލެވުނެވެ. އޭރު އޭނަގެ ދޮންދޮން މޫނަށް ފަނޑު ރަތްކަމެއް ފޭދެމުން އައެވެ.

''ދެން މިތާކު ނޫނޭ މާފޮޅުވަންވީ...'' ޝުޖާއު ސާމާކޮށްލިއެވެ. ފެންނަމުން އައި މަންޒަރު ބަލަން ކެތްނުކުރެވުނުކަމުގައި ވިޔަސް އޭނަ ހުރީ އެހަޤީޤަތް ޤަބޫލުކޮށްގެންނެވެ. ބަތޫލް މަތިން ހަނދާން ނައްތާލަން އަޒުމު ކަނޑައަޅައިގެންނެވެ. އެއީ ބަތޫލްގެ އުފުލާއި ޚުދު އޭނަގެ ހިތުގެ ހަމަޖެހުމަށް ވެސް ލާޒިމު ކަމެކެވެ. މިދުނިޔޭގައި އޭނަ ފަދަ ކިތައް ބަދުނަސީބުވެރިން އުޅޭނެ ހެއްޔެވެ؟ އުއްމީދުކަނޑާލައި އަމިއްލަ ދިރިއުޅުމުގެ ބައްތި ނިވާލައި ނަރަކައިގެ ގަދަފަދަ އަޒާބުގެ ތެރެއަށް ނިމިގެން ދަނީ ކިތައް މީހުން ހެއްޔެވެ؟ އެފަދަ މީހުންގެ ގިންތީގެ ތެރޭގައި އޭނަ ނުވާނެއެވެ. މާތް ﷲގެ އިރާދަފުޅާއެކު އޭނަގެ އިމާންތެރިކަން ބަލިކައްޓެއް ނޫނެވެ. އޭނަ ދުނިޔޭގެ މިއިމްތިހާނަށް ކެތްތެރިވާނެއެވެ. ވާތްގާއި މަދަދަށް އެދި މާތް ރަސްކަލާނގެއަށް ދަންނަވާނެއެވެ. އެކަލާނގެ އޭނައަށް މިއަށްވުރެ ރަގަޅު ދުވަސްތަކެއް ދައްކަވާނެ ކަމުގެ ޔަޤީންކަން ވެސް އެހިތުގައި އޮތެވެ. ދެން އޭނަ މާޔޫސްވާންވީ ކީއްވެ ހެއްޔެވެ؟

ޝުޖާއުގެ ސަމާސާއާއެކު އަޒްޔާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ބަތޫލްއާ ދުރަށް ޖެހިލަމުން ޝުޖާއުއަށް ބަލާލިއެވެ.

''އައި މިސްޑް ޔޫ މޭން!...'' އަޒްޔާން ބުނެލިއެވެ.

''ހޫނ... ދެން އިމޯޝަނަލް ވާނީކީ ނޫނޭ...'' އަޒްޔާންގެ ކޮނޑަށް އަތްވައްޓާލަމުން ޝުޖާއު ބުނެލިއެވެ. ''ޒައިނަބު ދައްތަ ކިހިނެއްތަ؟...''

''މިހާރު ކުރިއަށްވުރެ ރަގަޅު، އަންނަ ހަފްތާގައި އިންޑިޔާއަށް ފުރަން މިއުޅެނީ...'' އަޒްޔާން ބުނެލިއެވެ. އަދި ބަތޫލްއަށް ބަލާލަމުން ހިނިތުންވުމެއް ހަދިޔާކޮށްލުމަށްފަހު އެޕާރޓްމެންޓްގެ ދޮރު ހުޅުވަން ޖީބުން ތަޅުދަނޑި ނެގިއެވެ. އަޒްޔާން އުފާވެފައިވާ މިންވަރު އޭނަގެ ތުންފަތުފައިވި ރީތި ހިނިތުންވުމުން ހާމަކޮށްދެއެވެ.

*****

''އަހަރެން ވާހަކަދައްކާނަން އަންކަލްއާ... ހުރިހާކަމެއް ހަމަޖައްސާލާފަ ދެން އަހަރެން ދޫކުރާނީ... މީ ވަޢުދެއް އިނގޭ...'' ބޮޑުކޮޓަރީގެ ސޯފާތަކެއްގައި ވާހަކަދައްކަން ތިބެފައި ޝުޖާއު ބުނެލިއެވެ. އަދި ވަކިވަކީން ބަތޫލްއާއި އަޒްޔާނަށް ބަލާލިއެވެ.

ޖައުފަރުގެ ނަން ގަނެވުމާއެކު އަޒްޔާންގެ މޫނުގެ ކުލަވަރު އޮއްސެން އުޅުނެވެ. ނަމަވެސް އޭނަ ހުޝިޔާރުކަމާއެކު އެހުރިހާކަމެއް ފޮރުވާލިއެވެ. އޭނައަށް ހާސްވެފައި އިން ބަތޫލް ފާހަގަ ކުރެވުނީ ދެނެވެ. އެއާއެކު ބަތޫލް ގާތަށް ޖެހިލަމުން އެއަތުގައި ހިފާލަމުން މަޑުމަޑުން ފިތާލީ އޭނަ ބަތޫލް ގާތު ވާނަން ކަމުގެ އިޝާރަތެއްގެ ގޮތުންނެވެ. ހިތްނުތަނަވަސްވެފައި އިން ބަތޫލްއަށް އެވަގުތުކޮޅުގައި ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. އެހެނަސް އޭނައަށް ޖައުފަރުގެ ހަރުކަށިކަން ފެނިފައި ވާތީ ޝުޖާއުއަށް ބަލާލެވުނެވެ.

''ޝުޖާއަށް ނޭގޭނެ ބައްޕަގެ ގޮތެއް، ބައްޕަ ޤަބޫލުނުވެއްޖެއްޔާ؟...'' ބަތޫލްއަށް ކަންބޮޑުވުމާއެކު އަހާލެވުނެވެ.

''އަހަރެން މިބުނީނު އެހުރިހާ ކަމެއް ހެންޑްލް ކުރާނަމޭ، އަންކަލް ނުރުހުނަސް ކަންތައް ކުރެވޭނެ ގޮތްތައް އޮންނާނެއޭ......'' ޝުޖާއު ބުނެލިއެވެ.

ކޮމެންޓް 0