''މިނިކުންނަނީ...'' ބަތޫލް ކުރު ޖަވާބެއް ދިނެވެ. އަދި އަތްމަތި އަވަސްކޮށްލަމުން އޭނަގެ އަތްދަބަސް ނަގައި ކޮޓަރިން ނިކުންނަން ހިނގައިގަތީ ފޯނުން ވާހަކަ ދައްކަމުންނެވެ.

''ޑޭޓަކަށްތަ ތިދަނީ؟...'' ބަތޫލްގެ ހަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އެނދުގައި އިން ޖަނާ އެންމެފަހުން ސުވާލުކޮށްލިއެވެ. ދޮރާއި އަރާ ހަމަކުރެވުނު ބަތޫލް ފަސްއެނބުރި ޖަނާއަށް ބަލާލަމުން ޖަވާބުގައި ބޯޖަހާލިއެވެ.

''އޯކޭ، އަވަހަށްދޭ... އެކަމަކު ލަސްނުވެ ގެއަށް އަންނައްޗޭ... އެންމެ ލަސްވެގެން ވެސް އެގާރަ ޖަހަންވާއިރަށް އަންނާތި، އެހެންނޫނީ ޑިސްޓާރބްކުރަން ގުޅާނަން...'' ޖަނާގެ އަޑުގައި ސަމާސާގެ އިތުރަށް ސީރިޔަސްކަން ވެސް އެކުލެވިފައި ވިއެވެ. އޭނަ ކަންބޮޑުވީ ލަހުން ބަތޫލްއަށް ގެއަށް އާދެވި ގޭގެ ދައްތަގެ ނުރުހުން އަމާޒު ވެދާނެތީ އެވެ. ބަތޫލް ނިކުތީ ޖަނާގެ ހުރިހާ ޝަރުތުތަކަށް އިޤްރާރުވުމަށްފަހުގަ އެވެ.

*****

ބަތޫލްގެ އިންތިޒާރުގައި ސައިކަލު މަތީ އިން އަޒްޔާން ދިޔައީ އޭނަ ބަތޫލްއާ ދައްކަން އުޅޭ ވާހަކަ ހާމަކުރާނެ ގޮތަކާމެދު ވިސްނަމުންނެވެ. އޭރު އޭނަގެ ހިތުގައި ނުތަނަވަސްކަމުގެ ވިންދު ވެސް ޖަހަމުން ދިޔަ އެވެ. މިއީ އެވާހަކަ ހާމަކުރަން ރަގަޅު ވަގުތެއް ބާއޭ ވެސް އޭނައަށް ޒަމީރާ ސުވާލުކޮށްލެވުނު އަދަދެއް ނޭގެއެވެ. ތަފާތު މިސްރާބުތަކަށް ވިސްނުމުގެ ހުންގާނި އަނބުރާލުމަށްފަހު އަޒްޔާން ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އޭނަގެ ސިކުނޑީގައި ކުރަހާލެވުނު ޗާޓާ އެއްގޮތަށް ކުރިއަށް ދިއުމަށް ނިންމާލިއެވެ. އެހެން އިދެފައި އަތުކުރީ އޮތް ގަޑިއަށް އަޒްޔާން އަވަސް ނަޒަރެއް ދިނެވެ. އަދި ކުރިމަތިން ފެންނަން އޮތް ހަނި މަގަށް ނަޒަރު ހިންގާލިތަނާ އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ ލުއި ފިޔަވަޅުތަކެއްގައި އެދިމާއަށް ހިނގަމުން އަންނަ ބަތޫލް ފެނިފައެވެ. އެދެމެދުގައި ބަދަލުކުރެވުނު ނަޒަރުތަކާއެކު ބަތޫލް އިސްޖަހާލިތަން ފެނިފައި އަޒްޔާންގެ ހިނިތުންވުން އިތުރަށް ފުން ވިއެވެ. އަދިވެސް އޭނަގެ ހިތް އަތުލި ފަރި ހަރަކާތްތަކަށް ބަދަލެއް ނާދެއޭ އެހިތަށް އެރިއެވެ. އަޒްޔާން ސައިކަލުގައި ހަމަޖެހިލަމުން ކުރިއަށްވުރެ ބޮޑަށް އޭނަގެ ތޫނު ނަޒަރު ބަތޫލްއަށް ހުއްޓާލީ ބަތޫލް ރަކިކޮށްލަން އުޅޭ ފަދައަކުންނެވެ. އެވަގުތު ބަތޫލްއާ ސަމާސާއެއްކޮށްލަން އެދެވުނު ވަރުން އޭނަ ސައިކަލުން ތެދުވުނެވެ.

''ވާއު...... ޔޫ ލުކް ސްޓަނިންގް އެންޑް...'' ބަތޫލް ގާތަށް ފިޔަވަޅުތަކެއް އަޅާލަމުން އަޒްޔާން ވާހަކަދެއްކިއެވެ. އަދި އޭނަގެ ޖުމްލައިގެ ފަހުބައި އިއްވާލީ އެދެމެދުގައި އޮތް ދާއިރާ އިހުނަށްވުރެ ހަނިކޮށްލުމަށްފަހު ބަތޫލްގެ ކަންފަތާއި އޭނަގެ ތުންފަތް އަމާޒުކޮށްލަމުންނެވެ. ''ސެކްސީ، މްމްމް، އަދި ތި ތުންފަތް ވެސް ހާދަ ގަދަޔަށް ރަތްކޮށްލާފައޭ ތިހުރީ، މިހާރު އަހަރެން ހިތަށް އަރަމުންދާ އެއްޗެހި ބަތޫއަށް އިނގޭތަ؟، އެނގޭނަމަ އަހަންނާ ދެކޮޅެއް ނުހަދާނަންދޯ؟...''

''ޒޭން...''

އަޒްޔާންގެ ސަމާސާއާއެކު ބަތޫލްއަށް އޭނަގެ ދެލޯބޮޑުކޮށްލެވުނެވެ. އަދި ބާރުވެފައިވި ހިތަކާއެކު ވަށައިގެންވި މާހައުލަށް އަވަސް ނަޒަރެއް ހިންގާލެވުނީ އަޒްޔާން ބުނި ބަސްތައް ތިންވަނަ މީހެއްގެ ކަންފަތާ ހަމައަށް ފޯރިތޯ ޔަޤީންކުރަން ނުތަނަވަސްވެފައި ހުރެއެވެ. ނަސީބު ތަންދިމާކުރި ގޮތުން އޭރު އެހިސާބުގައި ތިބީ ހަމައެކަނި އެ ދެޒުވާނުންނެވެ. ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނު ބަތޫލްގެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލީ އަޒްޔާންގެ ލާނެއްކަން ހިތަށް އަރާފަ އެވެ.

''މިހާރު އަދި ވަކިން ރީތި، އައި ލަވް ވެން ޔޫ ބްލަޝް...'' ބަތޫލްގެ ކޮލުގައި ހިފާލަމުން އަޒްޔާން އެއްމިޔަކަނިން ހިނިތުންވެލިއެވެ. ''އަބަދު ވެސް ތިހެން ހުރެދެއްޗޭ...''

*****

ޓީވީން ދައްކަމުން ދިޔަ އަށެއްގެ ޚަބަރު ބަލަން އިން ޖައުފަރުގެ ނަޒަރު ޓީވީއަށް ހުއްޓިފައި ވިޔަސް އެއަށް އޭނަގެ ސަމާލުކަން ދެވިފައިނުވާކަން އެމޫނަށް އަރާފައިބަމުން ދިޔަ ކުލަވަރުތަކުން ހާމަކޮށްދެއެވެ. ރޭގަނޑުގެ ކެއުން ތައްޔާރުކުރެވިއްޖެކަން އަންގަން އައި ހިންދުއަށް އެކަން ފާހަގަ ކުރެވުމާއެކު އިރުކޮޅެއް ވަންދެން ޖައުފަރަށް ބަލަން ހުރެވުނީ ޚިޔާލަކަށް ގެއްލިފައެވެ. ކުރެވުނު ކަންތަކާ މެދު ޖައުފަރު ހިތާމަކުރަނީ ހެއްޔެވެ؟ ބަތޫލް ނެތްކަމުގެ ފަޅުކަން އިހުސާސްކުރެވެނީ ހެއްޔެވެ؟ ޖައުފަރުގެ މިޒާޖަށް އައިސްފައިވާ ކުއްލި ބަދަލުތަކުގެ ފަހަތުގައި ވަނީ އެސަބަބުތައް ހެއްޔެވެ؟ އެހެން ކަންތައް ވާނަމަ އަދިވެސް އެނިންމުން ބަދަލުނުކޮށް އެހުރީ ކީއްވެ ހެއްޔެވެ؟ ބަތޫލް ވީ ތަނެއް އޮޅުން ފިލުވައި އަނބުރާ ގެއަށް ނުގެނެސްގެން އެއުޅެނީ ކީއްވެ ހެއްޔެވެ؟ ވިސްނުނު ވަރަކަށް ހިންދުގެ ސިކުނޑީގައި ސުވާލުތަކުގެ ތޫފާނެއް އުފެދެން ފެށިއެވެ. އެސުވާލުތަކުގެ ޖަވާބު ހޯދަން ގަސްދުކުރަމުން އޭނަ ޖައުފަރަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލެވުނު އިރު ވެސް ޖައުފަރަށް ހިލަމެއްވިހެނެއް ހިޔެއްނުވެއެވެ.

''ޖައުފަރު!...'' ޖައުފަރުގެ ކޮނޑުގައި އަތްޖައްސާލަމުން ހިންދު މިފަހަރު ގޮވާލީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ކުޑަވަރެއްގެ ސިހުމަކާއެކު ޖައުފަރުގެ ސަމާލުކަން ހިންދުއަށް ހުއްޓިއްޖެއެވެ. އޭރު މީގެ އިރުކޮޅެއް ކުރިން އޭނަގެ މޫނުން ފެނުނު އަސަރުތައް ފިލައި ރުޅިވެރިކަން ވެސް ސަވާރު ވެއްޖެއެވެ.

''ކިހިނެއްވީ؟...'' ރުންކުރު ރާގަކަށް ޖައުފަރު އެހި އެވެ. އަދި އޭނަގެ ނަޒަރު ޓީވީގެ ސްކްރީނުން ދައްކަމުން އައި އިޝްތިހާރަށް ހުއްޓާލިއެވެ.

''ކާން ތައްޔާރުކުރެވުނު ވާހަކަ......'' ހިންދުއަށް އޭނަގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް ޖައުފަރު ވާހަކަދައްކަން ފެށިއެވެ.

''އިރުކޮޅަކުން އެބަދަން...'' ޖައުފަރު އިއްވާލިއެވެ. ހިންދުއަށް ބަލަން ހުރެވުނީ ޖައުފަރުގެ މިޒާޖަށް އެއަންނަ ކުއްލި ބަދަލުތަކާ ހުރެ ހައިރާންވެފައެވެ. އެތައް އަހަރެއް ފާއިތުވެގެން ދިޔަ އިރު ވެސް ހަޔާތުގެ ބައިވެރިޔާ އޭނައަށް ދަސްކުރެވިފައި ނުވާހެން ހިވާތީއެވެ. އޭނަގެ އިހުސާސަކަށް ދުވަހަކު ވެސް ޤަދަރެއް ނުކުރެއެވެ. ވާހަކަދައްކާ އިރު ވެސް އެހުންނަ ރުންކުރުކަމަށް ބަދަލައެއް އައި ހަނދާނެއް އޭނަ ނުވެއެވެ. ދެންމެ ބަތޫލްއާ މެދު ކަންބޮޑުވެފައިވިކަމުގެ އަސަރު އެމޫނުން ފެނުނެވެ. އެހެނަސް މިހާރު ފެންނަނީ ދިމާ އޭގެ އިދިކޮޅެވެ.

... ... ... ... ... ... ... ... ... ...

''ތިބުނަން އުޅޭ އެއްޗެއް ބުނަން ވީނު!!...'' ކެއުމަށް އިންސާފުކުރަމުން ދިޔަ ވަގުތު ހަމަހިމޭންކަން ވެރިވެފައި އޮތް ކާކޮޓަރިތެރޭ ޖައުފަރުގެ އަޑު ގުގުމާލައިގެން ދިޔަ އެވެ. ޖައުފަރުގެ ވާތްފަރާތަށް ވާހެން ކޮޅަށް ހުރި ހިންދު އެންމެ ކައިރީގައި ހުރި ގޮނޑި ދަމާލަމުން އިށީނެވެ. އަދި އަވަސްނޭވާތަކެއް ދޫކޮށްލުމަށްފަހު އޭނަ ބުނަން އުޅޭ ވާހަކައާއިގެން ކުރިއަށް ދިޔަ އެވެ. އޭރު އޭގެ މިސްރާބު ދާނެ ދިމާ ވެސް އޭނައަށް އޮތީ ލަފާކޮށްލެވިފައެވެ.

''ބަތޫލް ގެންނަންވީނު...'' ހިންދު ބުނެލިއެވެ. އެއާއެކު ޖައުފަރު އޭނަގެ އަތުގައި އޮތް އުލާއި ސަމުސާ ތަށީގެ ތެރެއަށް ދޫކޮށްލަމުން ހިންދުއަށް ބަލާލިއިރު އޭނަގެ ބުމަ ވަނީ ގޮށްޖެހިފައެވެ. އެމޫނުގައި ރުޅިވެރިކަމުގެ ލިސާންތައް ވެސް އެކުލެވިފައި ވިއެވެ.

''ވަގުތު ފާއިތުވުމުގެ ކުރިން ޖައުފަރުގެ ތިނިންމުން ބަދަލުކުރަން އަހަންނަށް ފެންނަނީ، އެހެންނޫންނަމަ ބަތޫލްއަށް ދެރައެއް ލިބޭ ދުވަހަކުން ކެތްކުރަން އުނދަގޫ ވޭނެއް ތަހައްމަލުކުރަން ޖެހިދާނެ... އަހަންނަށް އެނގޭ ޖައުފަރު އައިރުޅީގައި ހެދުނު ގޯހެއްކަން އެއީ، ޖައުފަރު ބަތޫލް ދެކެ ލޯބިވާ މިންވަރު ވެސް އަހަންނަށް ފެނިފަ ހުރީ... ދެން ކީއްވެ ގޮތުގަ ތިހިފަހައްޓަނީ؟... ކުރެވުނު ކަންތައް ބަދަލުކުރަން މަސައްކަތް ނުކުރަނީ؟، ބަތޫލް ހުންނަނީ ޖައުފަރު ކުރިކަންތަކުން ނުހަނު ދެރަވެފަ... މުޅި އުމުރަށް އެދަރިފުޅު ނުގެއްލެނީސް އަނބުރާ ގެނެސްދީ!... ބަތޫލްއަށް ދެރައެއް ލިބިއްޖެނަމަ އަހަރެން ކުށްވެރިކުރަނީ ވެސް ޖައުފަރު، އެދަރިފުޅަށް ލިބޭ ކޮންމެ ހިތާމައެއްގެ ބުރަ ވެސް އުފުލަން ޖެހޭނީ ހަމަ ޖައުފަރު، މިހެން ބުނީމަ ރުޅިއައިސް އަހަންނަށް އަނިޔާ ކުރިޔަސް ހޮޔެ، އެކަމަށް ވެސް ވަރަށް ގިނަ ޒަމާންތަކަށް ކެތްކޮށްފިން، އެވެސް ހަމަ ބަތޫލްއަށްޓަކައި، އެކަމަކު މިހާރު ޖައުފަރު ތިކަންތައްކުރާ ގޮތާމެދު އަހަރެން ރުހިގެން ނުހުންނާނަން...'' ޖެހިލުންވިޔަސް ބުނަން ހިތުގައިވި ހުރިހާ ވާހަކަތައް ހިންދު ބޭރުކޮށްލިއެވެ. އެއަށްފަހު އިތުރަށް އެތާނގައި މަޑުކުރާ ފަދަ ޚިޔާލެއް ނެތުމާއެކު ހިންދު ތެދުވެގެން ދިޔަ އެވެ.

ހިންދު ނިކުމެގެން ދިޔަ ދިމާއަށް ބަލަން އިން ޖައުފަރަށް އޭނަގެ އަންހެނުން ދެއްކި ވާހަކައާ މެދު ވިސްނުން ހިންގާލެވުނެވެ. އެއާ ވިދިގެން ރުޅިއައުމުގެ ބަދަލުގައި މިފަހަރު އޭނަގެ ހިތަށް ބިރުވެރިކަން ވަނެވެ. ބަތޫލްއަށް އަޒްޔާންގެ ފަރާތުން ލިބިދާނެ ދެރައަކާ މެދު ހިތް ނުތަނަވަސްވުމާއެކުގަ އެވެ. ހިންދު ވެސް އެބުނީ އޭނައަށް ދޮގުނުކުރެވޭނެ ވާހަކަތަކެވެ. އޭނަގެ ހިތުގައި އެވާ ބިރުވެރިކަން ހަޤީޤަތަކަށް ވެއްޖެނަމަ އަމިއްލަ ނަފުސަށް ދުވަހަކު މަޢާފު ދެވޭނެ ހެނެއް ހިޔެއް ނުވެއެވެ. އޭނަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ގޮތުގައި ހިފަހައްޓަން ވީ ބާވައެވެ! ނޫނީ ބަތޫލް ހޯދަންދާންވީ ހެއްޔެވެ؟

''އޭނަ އަމިއްލައަށް އެފިރިހެންމީހާ ޚިޔާރުކުރީ، ވިސްނައިދިނީމަ ވެސް ޤަބޫލުކުރާކަށް އޭނަ ބޭނުމެއް ނުވި، ދެން ކީއްކުރަން އަހަރެން އޭނަ ހޯދަންދާންވީ؟... އޭނަ ހޯދަން ދިޔަޔަކަސް ނާންނާނެ، އެފިރިހެނާގެ މަޅީގައި ޖެހި ހަލާކުވެފަ އެހުރީ... އެކަމަކު ފަހުން ވިސްނިގެން ހަމަ އަންނަންޖެހޭނީ މަގޭ ގާތަށް!...'' ޖަޒުބާތުގެ އޮއެވަރުގައި ޖައުފަރުގެ ހިތް ބެހެމުން ދަނިކޮށް އޭނަގެ ސިކުނޑި އޭނައަށް ކަމެއް ހަނދާންކޮށްލަދިނެވެ. އެހިނދު ހިތާމައިގެ އިހުސާސުގެ މައްޗަށް ގަދަވެގަތީ މުޅިން އެހެން ބާރެކެވެެ. ރުޅިވެރިކަމާއެކު ޖައުފަރު މޫނަށް ވައްތަރެއް ޖައްސާލަމުން ހިންދު ބުނި ކަންތައް މަތިން ހަނދާން ނައްތާލިއެވެ.

*****

''ބަތޫ ގެންނާނީ ކޯޗެއްތަ؟...''

ރެސްޓޯރެންޓްގެ މޭޒެއްގެ ދޮށުގައި އިށީނުމާއެކު ވެއިޓަރަކު އައިސް ދިއްކޮށްލި މެނޫގައި ހިފަމުން އަޒްޔާން ސުވާލުކޮށްލިއެވެ. ބަތޫލް ވެސް ވެއިޓަރު ދިއްކޮށްލި މެނޫގައި ހިފަމުން ނިކަން އަވަހަށް އެއަށް ނަޒަރެއް ދިނެވެ. އޭރު މޭޒުމަތީ ދިއްލާފައިވާ އުށްބައްތީގެ ފަނޑު އަލިކަމުގެ ތެރޭން ބަތޫލްއަށް ބަލަހައްޓައިގެން އަޒްޔާން އިނެވެ. އަދި ގޮނޑިއަށް ދޫކޮށްލެއްވިފައިވި އޭނަގެ މެދުހަށިގަނޑު ސީދާކޮށްލަމުން މޭޒުގައި އޭނަގެ އުޅަނބޮށި ވިއްދާލުމަށްފަހު އޭނަގެ މޫނު އަތްތިލައިގެ ތެރެއަށް ގެނައެވެ. ރޯޅި ތަކުގެ ލުއި ހަރަކާތްތަކާ އެއްހަމައެއްގައި ފައިތިލަ ސާބިތުކުރަމުން އައި ހުޅުކޮޅުގެ އަލިކަމުން ބަތޫލްގެ މޫނަށް ގެނެސްެދީފައިވި ތަފާތު ވިދުން އަޒްޔާނަށް ނުހަނު ކަމުދިޔައެވެ. އިސްއުފުލާލި ބަތޫލް ފެނި އަޒްޔާން ފުޅާ ހިނިތުންވުމެއް ބަތޫލްއަށް ހަދިޔާކޮށްލި އެވެ.

''ޒޭން އިޒް އެވްރީތިންގް އޯލްރައިޓް؟...'' އަޒްޔާންގެ ފަރާތުން މުޅިން ތަފާތުކަންތައް ފާހަގަ ކުރެވެން ފުށުމާއެކު ބަތޫލްއަށް އަހާލެވުނެވެ. މިރޭ އަޒްޔާންގެ ބެލުންތަކުގައި ފޮރުވިފައިވާ މާނައެއް އެކުލެވިގެންވާހެން އޭނައަށް ހީވިއެވެ. ތުންފަތަށް ވެރިވާ ހިނިތުންވުން ކޮންމެ ފަހަރަކު އެރީތި ލޮލާ ހަމައަށް ފޯރައެވެ. އެއިން އޭނަ ގާތު ސިއްރެއް ބުނަން މަސައްކަތްކުރާ ފަދަ އެވެ.

''ކިހިނެއްވީ ތިހެން ތިއެހީ؟...'' ބަތޫލްގެ މޫނާ ނަޒަރު ވަކިކުރުމެއް ނެތި އަޒްޔާން އެހި އެވެ.

''ޔުއާރ ޑިފަރެންޓް...'' އަތުގައި އޮތް މެނޫ މޭޒު މަތީ ބާއްވަމުން ބަތޫލް އަޒްޔާނަށް ފުންނަޒަރެއް ދިނެވެ. އަޒްޔާނަށް އައިސްފައިވާ ބަދަލާ މިރޭ ދައްކަން އުޅޭ ވާހަކައާ ގުޅުމެއް ވެދާނެހެން ހީވުމާއެކު އެކަމާ މެދު ބަތޫލްއަށް ފުންކޮށް ވިސްނާލެވުނެވެ.

''ތީ ހީވާ ގޮތޭ... ބަތޫ މިރޭ ރީތިކަމުންނޭ މިބެލެނީ...'' ފިނިކަން އެކުލެވިފައިވި ބަތޫލްގެ އަތްތިލައިގައި ހިފައި ކުޑަކޮށް ބާރުކޮށްލަމުން އަޒްޔާން ބުންޏެވެ. ހަށިގަނޑުގެ ނާރުތަކަށް އައި ކަރަންޓުގެ ބާނީތަކުގެ ލޮޅުމާއެކު ބަތޫލްއަށް އެއާ ވިދިގެން އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. އޭނަގެ ހިއްސުތަކަށް އަޒްޔަން އަތްގަދަ ކުރި ކަހަލައެވެ. ބަތޫލްއަށް ސުވާލުތަކުން ފުރިގެންވި ހިތަކާއެކު އިދެވުނީއެވެ.

''އޯޑަރު ދޭންވީނު ދޯ؟......'' އަޒްޔާން ވެއިޓަރަކަށް ގޮވާލަމުން ބަތޫލްއަށް ބުމަ އަރުވާލިއެވެ. ބަތޫލް އެސުވާލަށް ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ. އަދި އެވަގުތު ގާތަށް އައިސް ހުއްޓުނު ވެއިޓަރަށް އޭނަ ބޭނުންވާ ތަކެތި ހާމަކޮށްލިއެވެ. ވެއިޓަރު އޭނަގެ އަތުގައި އޮތް ކުޑަ ނޯޓު ފޮތުގައި ކާއެއްޗެހީގެ ނަން ލިޔެލުމަށްފަހު ދާން ހިނގައިގަތީ އޯޑަރުގައި ކުށެއް ވޭތޯ ބަލަން ދެވަނަ ފަރަށް ކިޔާލާފައެވެ.

ދެން އެދެމެދަށް ވެރިވެގެން ދިޔައީ ހިމޭންކަމެވެ. ބަތޫލް އޭނަގެ ވަށައިގެންވި މާހައުލަށް ނަޒަރެއް ދިނެވެ. އަޒްޔާން ޚިޔާރުކޮށްފައި އެވަނީ ވަރަށް ވެސް ހިތްގައިމު އިޝްޤީ މާހައުލެކެވެ. އެކުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލަން އެއީ އެންމެ އެކަށީގެންވާނެ މަންޒިލެވެ. ހުއްޓުމެންނެތި އިވެމުން ދިޔަ ހިތްގައިމު ރީތި ލަވަވެސް ބަތޫލްއަށް ނުހަނު ކަމުދިޔައެވެ.

އަޒްޔާން ވެސް އިތުރު ވާހަކައެއް ދެއްކުމެއް ނެތި ބަތޫލްއަށް ބަލަން އިނެވެ. އޭނަ އޭރު ދިޔައީ އޭނަގެ ހިތުގައިވި ވާހަކަތައް ދުލާ ހަމައަށް ގެންނާނެ ގޮތް ސިކުނޑީގައި ފަރިތަކުރަމުންނެވެ. އޭނަ ވަނީ ކުރިން ވެސް ބަތޫލްއަށް އެހުށަހެޅުން ކާމިޔާބުކަމާއެކު ހުށަހަޅާފައެވެ. އެދުވަހު ބަތޫލްގެ މޫނުން ފެނުނު އުފާވެރިކަން އަދިވެސް އޭނަގެ ހިތާއި ސިކުނޑީގައި ބިންވަޅުނެގިފައިވީ ފޮހެވިގެން ނުދާނެ ފަދައަކުންނެވެ. ނަމަވެސް މިހާރު ވަގުތު ނުތަންވަޅު ވެފައިވި ހިނދު އޭނަގެ ހިތަށް ވަނީ ނުތަނަވަސްކަމެއް ވެރިވެފައެވެ. ކަންތައް ވެފައި އޮތް ގޮތުން ވަގުތާއި ހާލަތު އެކަމަށް ފުރުސަތު ނުދީފާނެހެން ހީވާތީއެވެ. އޭނައަށް ބަތޫލްގެ ވިސްނުން ހުރި ގޮތެއް ވެސް އެނގެނީކީ ނޫނެވެ. ރޭގެ ހާދިސާއަށް ފަހު ބަތޫލްއަށް ވަނީ ނަފްސާނީ ގޮތުން އަސަރުތަކެއްކޮށް ބަލިކަށިވެފައެވެ. އެކަމުން އަރައިގަނެވެން ދުވަސް ވެސް ނަގާނެއެވެ. އެހެނަސް ބަތޫލް އޭނައަށް ބޭނުންވެފައިވާ ދަނޑިވަޅުގައި ބަތޫލްއަށް އެކަނިވެރިކަން އިހުސާސްވުމުގެ ފުރުސަތު ދޭކަށް އޭނަގެ ހިތެއް ނޭދެއެވެ. އެހިތާމަތަކުން އަރައިގަންނަން ބަތޫލްގެ އަޒުމާއި ބާރަށް ވާން އޭނަ ބޭނުމެވެ. އެފަދައިން ކަންތައް ވާނީ އެދެމެދުގައި އޮތް ލޯތްބަށް އިތުރު ފުރިހަމަކަމެއް ގެނެސްދީގެންނެވެ. އޭނައަށް އެންމެ ރަގަޅު ހައްލެއްކަމުގައި ކައިވެނި ފެނުނީ އެސަބަބާ ހުރެއެވެ. އަޒްޔާނަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ މިރޭ ބަތޫލްއާ ވަކިވާނީ އޭނަގެ ހިތުގެ ހާލަތު ހާމަކޮށްފައެވެ.

''ބަތޫ...'' އަޒްޔާން ގޮވާލުމާއެކު ބަތޫލް އޭނަގެ ސަމާލުކަން އަޒްޔާނަށް އަނބުރާލިއެވެ. އޭނައަށް އަޒްޔާންގެ ފަރާތުން ވާހަކައެއް ބުނަން ބޭނުންވެފައިވާކަމުގެ ނިޝާންތައް ފެނުނު ހިނދު އެކަމަށް މުޅި ނަފުސު ތައްޔާރުކޮށްލެވުނެވެ.

އަޒްޔާން ފަރުވާތެރިކަމާއެކު ބަތޫލްގެ މޫނަށް އަރާފައިބަމުންދާ ކުލަވަރުތައް ދިރާސާކުރަމުން އޭނަ ލައިގެން ހުރި ޖިންސްގެ ޖީބުގައި ބޭރުން އަތްޖައްސާލިއެވެ. އަދި އޭނަގެ ބުޑު ގޮނޑިން ހިއްލާލަމުން ޖީބުގައި އޮތް ކުޑަވަރެއްގެ ފޮށްޓެއް ނަގައި ބަތޫލްއަށް ހިނިތުންވެލިއެވެ.

ހިތް އަވަސްވެފައިވި ބަތޫލްއަށް އަޒްޔާންގެ ކޮންމެ ހަރަކާތަކަށް ބަލެނީ ކަޅި ޖަހާލުމެއް ނެތިއެވެ. އެވަގުތު ހިތުގައި އުފެދުނު އޮއެވަރާއެކު އޭނަގެ ނޭވާ އަވަސްވެ އަތްފައިގައި ފިނިކަމެއް އުފެދެން ފަށައިފިއެވެ. އަޒްޔާން ކުރަން އުޅެނީ ކީއްކަން ނަގައިގަންނަން އޭނައަށް މޮޅު ވިސްނުންތެރިއެއްގެ ބުއްދިއް ބޭނުމެއް ނުވިއެވެ. އެއާއެކު އަޒްޔާން ބުނަން އުޅުނު ވާހަކައަކީ އެއީކަން ބަތޫލްއަށް ނަގައިގަނެވިއްޖެއެވެ. ހިތުގައި އުފާވެރިކަމުގެ ބާނީތައް އުފެދި ހަށިގަނޑުގެ އެންމެ ހިމަ ނާރާ ހަމައަށް ދައުރުކޮށްލީ ފަޅި ސިކުންތުކޮޅެއްގެ ތެރޭގައެވެ. އޭނަގެ ހަނދާނުގެ ދުރު ރާސްތާގައި އަޒްޔާން ފުރަތަމަ އޭނަގެ ގާތުން ކައިވެންޏަށް އެދުނު ދުވަސް ވެސް ތަކުރާރުވެ ސިފަވާން ފެށިއެވެ. އޭރާއި މިހާރު އެތައް ފަރަގެއްގެ ތަފާތު ހުރިކަމުގައި ވިޔަސް އޭނަގެ ހިތުގެ މުރާދު ހާސިލުވާން އުޅޭތީ ބަތޫލްއަށް ހިނިތުންވެވުނެވެ. މިވީހާ ދުވަހު އޭނަ އުފުލި ހިތާމަތަކާއި ވޭތުކުރި މާޔޫސީ ހަޔާތުގެ މަތިން އޭނަ ހަނދާން ނެތުނެވެ. އައު އުއްމީދެއް އޭނަގެ ދެލޮލުން ފާޅުވެގެން އައި ހިނދު އޭނަގެ ލޮލުން ކަރުނައިގެ ތެތްކަން ވެސް ފައުޅުވާން އުޅުނެވެ. ނަމަވެސް އެހެނިހެން ފަހަރުތަކާ ޚިލާފަށް އެއީ އުފާވެރިކަމުގެ ކަރުނައެވެ.

''ކުރިން ވެސް އަހަރަން މިހެން ކަންތައް ކުރިން، އެކަމަކު އޭރު ތަޤުދީރުގައި އަހަރުމެން ގުޅެން ނެތުމުން ހިތާމަވެރި ކަންތަކާ ކުރިމަތިވީ... އެކަމަކު އަހަރެން ބޭނުން އެހުރިހާ ކަމެއް ބަދަލުކުރަން... ބަތޫ ބޭނުންވާ ފަދަ އުފާވެރިކަމެއް ގެނެސްދޭން، އަހަންނަށް އެނގޭ މިހާރު މީ ބަތޫއަށް ވަރަށް އުނދަގޫ ވަގުތެއްކަން، ޢާއިލާ ތެރޭގައި ވަރަށް ގިނަ މައްސަލަތަކެއް އެބަހުރިކަން ވެސް، އެކަމަކު އަހަރެން ނެތީން މި އިމްތިހާނުގެ ވަގުތުގައި ބަތޫ އެކަނިކޮށްލާކަށް، އަހަރެން ބޭނުން ބަތޫއާއެކު ވާން، ބަތޫ ބޭނުންވާކަހަލަ ހަޔާތުގެ ބައިވެރިޔަކަށް ވެސް ވާން، ބުނެބަލަ... އަހަންނާއެކު ދިރިއުޅުމުގެ ބާކީ އޮތް ދުވަސްތައް އެކުގައި ހޭދަކުރާނަންތަ؟، އަހަރެން ބަތޫ ދެކެ ވާލޯބި އިހުސާސްކޮށްދޭނެ މަގު ފަހިކޮށްދޭނަންތަ؟...... އެކަން ވާން އޮތީ ބަތޫ އަހަރެންގެ މީހަކަށްވާ ދުވަހަކުން، އަހަރެން ވަޢުދުވަން ބަތޫއަށް ހުރިހާ އުފަލެއް ހޯދަދޭނަންކަމަށް، އަހަރެންގެ ފުށުން ބަތޫއަށް ދެރައެއް ނުލިބޭނެ، އައި ޕްރޮމިސް ޔޫ ދެޓް... ދެން އަދި އެއްވާހަކަ، އަހަރެން ނެތީން ގިނަ ދުވަހު ބަތޫއާ ދުރުގައި ހުންނާކަށް، ވަރަށް ގިނަ ދުވަހު ކެތްކޮށްފިން... ދެނެއް މިހިތަކަށް ކެތެއްނުވާނެ ދުރުގައި ހުންނާކަށް... އަހަރެން ބޭނުމީ ވީހާ ވެސް އަވަހަކަށް މެރީ ކުރަން، ބަތޫ އަހަރެންގެ މީހަކަށް ހަދަން... ބަތޫ... ވިލް ޔޫ މެރީ މީ؟...'' ބަތޫލްއާއި ހަތަރުކަޅި ހަމަކުރަމުން އަޒްޔާން އަސަރާއެކު ބުންނެވެ. އެއަޑުގައި ވަނީ ނިމުމެއް ނުވާ ލޯތްބާއި އޯގާތެރިކަމެވެ. އެއިން ކޮންމެ ލަޒުފެއް ވެސް ބަތޫލްއަށް އެކަން އިހުސާސްކޮށް އަޒްޔާންގެ ހިތުގެ ހާލަތު އަންގައި ދިނުމުގައި ކާމިޔާބު ހޯދިއެވެ.

ބަތޫލްއަށް އުފަލުން ރޮވެން އުޅުނެވެ. އަޒްޔާން އޭނަ ދެކެވާ ލޯބި ފެނިފައެވެ. ބަތޫލްއަށް ހިތާހިތުން ހެއްދިވި ފަރާތަށް ދުޢާކޮށްލެވުނީ އެސާފު ލޯބި ނުބައި ލޯތަކުގެ ވިހައިން ސަލާމަތްކޮށްދެއްވުމަށް އެދިއެވެ.

ބަތޫލްގެ މޭގައި އުފެދިގެން އައި ޖަޒުބާތުތަކާއެކު އޭނައަށް ވާހަކައެއް ނުދެކެވުނެވެ. އޭނައަށް އަޒްޔާންގެ ހުށަހެޅުމާ ހިތުން ރުހުމުން ޤަބޫލުވާކަމަށް ބުނެލެވުނީ ބޮލުގެ އިޝާރާތުންނެވެ. ލިބުނު އުފާވެރިކަމުން ބަތޫލްގެ ހިތަށް ފިނިކަމާއި ރާހަތު ލިބިފައި ވިއެވެ.

ބަތޫލްގެ ޖަވާބު ލިބުމާއެކު އަޒްޔާނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އަދި އަނގައިގައިވާހާ ދަތްތަކެއް ފެންނަވަރަށް ހިނިތުންވެލެވުނު އިރު އެމޫނުން ތަފާތު ވިދުމެއް ފާޅުވެއްޖެއެވެ. އަޒްޔާން އޭނަގެ އަތުގައި އޮތް ކުޑަ ފޮށީގެ ތެރޭން ހުދުރަނުން ފަރުމާކުރެވިފައިވާ އަނގޮޓިއެއް ނެގިއެވެ. އޭގައިވާ ރޫބީއަށް އަލި އެޅުމާއެކު ރީތި ދިހުމެއްގެ ދަޅަތައް އަރައިގެން ދިޔަ އެވެ. އަޒްޔާން ބަތޫލްގެ އަތްތިލައިގައި ހިފަހައްޓާލަމުން ބަތޫލްގެ ކަށިއިނގިލީގައި އަނގޮޓި އަޅުވާލަދިނެވެ. ރަނުގެ ފިނިކަން އިހުސާސްކުރެވުނު ވަގުތު ބަތޫލްއަށް އޭނަގެ ދެލޯމަރާލެވުނީ އަޒްޔާންގެ ތުންފަތުގެ ހަދިޔާއެއް އޭނަގެ އަތްތިލައަށް އަމާޒުވުމުންނެވެ. އެތެރެހަށީގައި ނޭވާ ތާށިވިހެން ވެސް ބަތޫލްއަށް ހީވިއެވެ.

''އައި ލަވް ޔޫ...'' އަޒްޔާން ލޯތްބާއެކު ބުންޏެވެ.

ބަތޫލް އަޒްޔާނަށް ޖަވާބުދޭން ބޭނުންވިކަމުގައި ވިޔަސް ނުފެންނަ އަތަކުން އޭނަގެ ދުލުގައި ހިފަހައްޓާފައިވާ ކަހަލައެވެ. އޭނަގެ ހިތުގެ ހާލު ބަތޫލްއަށް ހާމަކޮށްދެވުނީ ލަދުރަކި ހިނިތުންވުމުންނާއި އެދެމެދުގައި ލޮލުގެ އިޝާރާތުން ބަދަލުކުރެވުނު މެސެޖްތަކުންނެވެ. އެވަގުތު ކޮޅު އިތުރަށް ދިގުވުމަށް އަޒްޔާން ބޭނުންވިކަމުގައި ވިޔަސް އޭނަގެ އެދުމަށް ހުރަސް އެޅިގެން ދިޔައީ ކާއެއްޗެހި ހިފައިގެން އައި ވެއިޓަރުގެ ސަބަބުންނެވެ.

ކޮމެންޓް 0