''މާބޮޑަށް ފިނިދޯ؟...'' ކާރަށް ވެރިވެފައި އޮތް ހަމަހިމޭންކަމުގެ ތެރޭން ބަތޫލްއަށް ޝުޖާއު ބަލާލިއެވެ. އޭރު ކާރުގައި ރަސްކަން ކުރަމުން އައި ފިނިކަމުގެ ސަބަބުން ބަތޫލްގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް ވަނީ އުފެދިފައެވެ. ޝުޖާއުއަށް ބަލާލުމެއް ވެސް ނެތި ބަތޫލް ޖަވާބުގައި ބޯޖަހާލިއެވެ.

އޭސީ ނިއްވާލަމުން ޝުޖާއު ކާރު ދުއްވާލީ ބަތޫލްގެ މޫނަށް ފުން ނަޒަރެއް ހިންގާލުމަށްފަހުގަ އެވެ.

ބަތޫލްގެ އިހުސާސްތައް ކިތަންމެ ރަގަޅަށް ވެސް އޭނައަށް ދެނެގަނެވޭ ކަހަލައެވެ. ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓައިގެން އިން އިރު އޭނައަށް ހިތުގެ އުދާސްތައް ހިފަހައްޓައިގެން އިނދެވުނީ ހަމަ ކިރިޔާއެވެ. ކިތަންމެ ފަހަރަކު ބަތޫލް އެއަތުގެ ތެރެއަށް ގެންނަން ބޭނުން ވިއެވެ. އެލޮލުން ފައިބާ ކަރުނަތައް ފޮހެލަން ބޭނުން ވިއެވެ. މޭގައި ފޮރުވާލަމުން ނުރޯން އެދެން ބޭނުން ވިއެވެެ. އޭނަގެ ހިތް ބަތޫލްގެ ކުރިމަތީ ހުޅުވާލަން ވެސް ހިތް އެދި ގޮވިއެވެ. ބަތޫލްގެ ހުރިހާ ޒަހަމްތަކަށް މަލަކަށް ވާން ވެސް އެދެވެން ފެށުނެވެ. އެހެނަސް އެފަދައިން ކަންތައް ކުރެވޭކަށް ނެތެވެ. އަޒްޔާންގެ ވަކިވެ ދިއުމުން ބަތޫލްގެ ހިތަށް ކޮށްފައިވާ އަސަރުތަކާއި ލިބިފައިވާ ވޭންތައް ފަސޭހަ ވިޔަސް އޭނަގެ ހިތް އެދޭ ފަދައިން ކަންތައް ކުރެވޭކަށް ނެތެވެ. އޭނައަށް ބަތޫލްގެ ހިތާ ހަމައަށް ވާސިލު ނުވެވޭނެތީއެވެ. އެހިތް ވަނީ މާ ކުރިން ވެސް އަޒްޔާންއަށް ހިބައިން ދެވިފައެވެ. ވެދިޔަ ކަންތަކަށް ފަހު ވެސް ހަޤީޤަތް ބަދަލުނުވާކަން ބަތޫލްގެ ދެލޮލާއި ކޮންމެ ހަރަކާތަކުން ފާޅުކޮށްދެއެވެ. ޝުޖާއުއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. މިނޫން ދުވަހެއް ފެނުމުގެ ނަސީބު ތަޤުދީރުގައި ނެތީ ހެއްޔެވެ؟ މިއީ ބަދުނަސީބާއި ހިތާމައިން ފުރިފައިވާ ނިޔާ އެކެވެ.

''ބަތޫ...'' ޝުޖާއު ގޮވާލިއެވެ. އެއަޑަށް ސިހިފައި ބަތޫލްއަށް ޝުޖާއުއާއި ހަތަރުކަޅި ހަމަކޮށްލެވުނެވެ.

''ދެން ކިހިނެއްތަ ވާނީ؟... މިދުވަސް އަންނާނެކަމަށް ކުރިން ވެސް މަންމަ އިންޒާރު ދިން... އަހަރެންގެ އުފަލަށްޓަކައި ކައިވެންޏާއި ޤަބޫލުވީ ވެސް... މިއަދު މަންމަ ބުނި ފަދައިން ހުރިހާ ކަމެއް ހަޤީޤަތަކަށް ވެއްޖެ... މަންމައާއި ބައްޕައަށް ބޮޑު ލަދުވެތިކަމަކާއި ކުރިމަތިލާން ޖެހިފައި މިވަނީ އަހަރެންގެ ސަބަބުން، މިއަދު ޢާއިލާގެ ހުރިހާ އެންމެން ބައްޕައަށް މަލާމާތް ކުރާނެ... ކީއްވެތަ މިހެން މިވީ؟...'' ވޭނުން ފުރިގެންވި އަޑަކުން ބަތޫލް ސުވާލުކުރިއެވެ. ރޮމުންރޮމުން ގޮސް އޭނަގެ ލޮލުން ކަރުނަ ވަނީ ހުސްވެފައެވެ. ބަތޫލްގެ ލޯކުރިމަތީގައި މިރޭ ވެދިޔަ ހުރިހާ ކަމެއް ވެސް ހުއްޓުމެއް ނެތި ތަމްސީލުވާން ފެށިއެވެ. އެއާއެކު އޭނައަށް ލޯމަރާ ތަގުޅިކޮށްލެވުނީ އެމަންޒަރުތައް އޮއްބާލުމުގެ ނިޔަތުއެވެ. ދެން ވެސް އެއިން ސަޒާއަކަށް ފިނިކަމެއް ނުލިބުނެވެ.

''ބަތޫގެ ކުށެއް މިކަމުގައި ނުވޭ... ސްޓޮޕް ބްލޭމިންގް ޔޯރ ސެލްފް...'' ޝުޖާއު ވިސްނާލުމަށްފަހު ބުނެލިއެވެ.

''އަހަންނަށް ޒޭން ދަސްވިނަމަ މިހެން ކަންތައް ނުވީސް، ހިތުގެ ގޮވުމަށް އިޖާބަ ދިނުމުގެ ބަދަލުގައި މައިންބަފައިން އެދެނު ގޮތަށް ކަންތައް ކުރިނަމަ މިހެން ކަންތައް ނުވީސް... މީ ހަމަ އަހަރެންގެ ސަބަބުން ދިމާވި ކަންތައް... އައި ޑިޒާވް ދިސް...'' ބަތޫލް ކާރުގެ ކުޑަދޮރުން ބޭރަށް ނަޒަރު ހުއްޓާލަމުން ބުނެލިއެވެ.

ބުނެވޭ އެއްޗަކުން މަސްލަހަތު އިތުރަށް ގޯސްވެދާނެތީ ޝުޖާއުއަށް ޖެހުނީ ހިމޭންކަން ހިޔާރު ކުރާށެވެ. މަގަށް ސަމާލުކަން ދިން ވަގުތު ފޯނު ރިންގުވާން ފެށި އަޑާއެކު ޝުޖާއު ސިހޭ ގޮތް ވިއެވެ. އަވަސް އަވަހަށް ޑެކު މަތީ އޮތް އޭނަގެ ފޯނު ނަގައި ސްކްރީނަށް ނަޒަރު ހިންގާލިއެވެ. އެއަށްފަހު ފުން ނޭވާއެއް ދޫކޮށްލަމުން ފޯނަށް ޖަވާބު ދިނެވެ.

''ކޮން އިރެއް އަހަރެން ގުޅާތާ... ކޮބާތަ ބަތޫލް؟... ކީއްވެތަ ލަސްވަނީ؟، އަޒްޔާންއަށް ކަމެއް ވީތަ؟...'' ހާސްކަމުން ފުރިގެންވި ޖަނާގެ އަޑު ޝުޖާއުގެ ކަންފަތުގައި ޖެހުނެވެ.

''އިރުކޮޅަކުން މި ކައިރިކުރަނީ... ގެއަށް ދެވުނީމަ ހުރިހާ އެއްޗެއް ވެސް ކިޔައިދޭނަން...'' ޖަނާއަށް އިތުރު ސުވާލެއް ކުރުމުގެ ފުރުސަތު ނުދީ ޝުޖާއު ފޯންކޯލު ކުރުކޮށްލިއެވެ.

*****

އަތުގައި އޮތް ފޯނަށް ބަލަހައްޓައިގެން ހުރި ޖަނާއަށް ކަމެއް ގޯސްވެއްޖެކަން ވަގުތުން ނަގައިގަނެވުނެވެ. އެވަގުތު ތަފާތު ބިރުވެރި ޚިޔާލުތަކުން އޭނަގެ ވިސްނުން ކިލަނބުކުރަން ފަށައިފިއެވެ. ހިތުގެ ތެޅުން އަވަސްވާން ފެށީ ބަތޫލްގެ ހާލާމެދު ވިސްނާލެވުމުންނެވެ.

ފިކުރުތަކެއްގެ ތެރެއަށް ގެއްލިފައިވި ޖަނާ ސިހުނީ އޭނަގެ ކޮނޑުގައި މީހަކު އަތް ބާއްވާލިކަމުގެ އިހުސާސާއެކުގައެވެ. އިސްއުފުލާ ބަލާލި ތަނާ ކަންބޮޑުވެފައި ހުރި ހިންދު ސުވާލުތަކުގެ ފަށްޗެއް އަމުނާލަމުން އޭނައަށް އަމާޒުކޮށްފިއެވެ.

''ޝުޖާ ބުނީ މިއަންނަނީއޭ...'' އެނގިފައިވާ މިންވަރަށް ޖަނާ ކިޔައިދިނެވެ. ދުރުގައި ކަންފަތް ދިއްކޮށްގެން ހުރި މާރިޔާއަށް އެޖުމްލަ އަޑު އިވުމާއެކު ހިންދު ގާތަށް އައިސް ހުއްޓުނެވެ.

''ދޮންތައަށް މިދުވަސް އަންނާނެކަން އެނގިހުރެ ކީއްވެތަ ބަތޫލް އެދުނު ފަދައިން ކަންތައްކޮށްދޭން އެއްބަސްވީ؟، އެހެންނޫންނަމަ ޢާއިލާ އެންމެންގެ ތެރޭގައި އަހަރުމެންގެ އަގެއް ވެސް ނުވެއްޓޭނެ އެއްނު، ބަތޫލްއަށް ދެރައެއް ވެސް ނުލިބޭނެއެއްނު...'' މާރިޔާ ބުނެލިއެވެ. އޭނަގެ އަޑުގައިވަނީ ނުރުހުމެވެ.

''ތިނޫން ވާހަކައެއް ދައްކަން ވެއްޖެއެއްނު... އަހަރެން މަސައްކަތްކުރީ ބަތޫލްއަށް އުފާވެރި ދިރިއުޅުމެއް ހޯދަދޭން، މާރިޔާއަށް ވެސް އެކަހަލަ ކަމެއް ދިމާވީމަ އެނގޭނީ...'' ހިތްހަމަނުޖެހިފައިވާ ރާގަކަށް ހިންދު ވާހަކަދެއްކިއެވެ. ހިންދުއާއި މާރިޔާގެ ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު މާރިޔާގެ ދުލުގައި ތަޅެއްލެވުނެވެ.

''މާރިޔާ ވެސް ދެން ގެއަށް ދާންވީނު... ފަތިހަށް ނޫހު ފުރަން ވެސް ޖެހެއެއްނު...'' މާރިޔާ ފޮނުވާލަން ބޭނުންވެފައި ހުރި ހިންދު ހަނދާންކޮށްލަދިނެވެ. މިވަގުތު މަސްލަހަތަށް އޮތް އެންމެ ރަގަޅު ހައްލަކީ އެއީ އެވެ.

''ދޮންތަ އެބުނީ ތެދެއް... ދެންމެ އަނާން ގުޅި ކުޑަ މަންޖެ ހޭލައިގެން...'' ހިންދުގެ ހުށަހެޅުމާ މާރިޔާއަށް ދެކޮޅު ނެހެދެނީސް ނޫހުގެ އަޑު އިވުނެވެ. އެއާއެކު މާރިޔާ ނުރުހުމާއެކު ނޫހަށް ބަލާލިއެވެ. އެތަނުން ދާ ފަދަ ވިސްނުމެއް އޭނަގެ ނެތް ކަހަލައެވެ.

''މިވަގުތު މިތަނުގައި ތިބުން މާ މުހިއްމެއްނު...'' ގާތުގައި ހުއްޓިލިގައިގެން ހުރި ނޫހަށް ބަލާލަމުން މާރިޔާ ބުނެލިއެވެ.

''އަނާން ވިހައި ގަދަނުވެއެއްނު އަދި، ކުޑަ މަންޖެ ގެންގުޅޭކަށް ވެސް އޭނަ އެހާ ފަރިތައެއް ނޫން... މިތާނގައި މަޑުކުރުމަށްވުރެ އަނާން ގާތުގައި ހުރުމެއްނު މާރިޔާއަށް މުހިއްމުވާންވީ...'' ހިތްހަމަނުޖެހިފައިވާ ރާގަކަށް ނޫހު ބުނެލިއެވެ.

ނޫހާއެކު މާރިޔާ ގެއަށް ދާން ހިނގައިގަތީ އޭނަ ފޮނުވާލަން ދޮންތަ އުޅުނު ސަބަބާ މެދު ފުންކޮށް ވިސްނަމުންނެވެ. އޭނަގެ ހިތުގައި ހިންދުގެ އަމަލުތަކާ މެދު ޝައްކު އުފެދެން ވެސް އޭރު ފަށައިފިއެވެ. އެޝައްކުތައް ފަހުން ޔަޤީނަށް ބަދަލުކުރަން އަންނާނީކަމަށް ހިތާހިތާ ރާވާލަމުން އޭނަ ގޮސް ލިފްޓަށް އެރި އެވެ.

*****

ހާސްކަމެއްގެ ތެރޭގައި ޖައުފަރުގެ ދެމަފިރިން ތިބީ ޖުޝާއުއާއި ބަތޫލްގެ އިންތިޒާރުގައެވެ. އޭރު ކައިވެނީގެ ހަފްލާއަށް އައި ހުރިހާ މެހުމާނުންތައް މެހެފިލް ދޫކޮށް ހިނގައްޖެއެވެ. ސޯފާގައި އިން ހިންދަށް ޖައުފަރު ފެންތަށްޓެއް ގެނެސްދިނެވެ. އަދި ހުރިހާކަމެއް ވެސް ރަގަޅުވެދާނެ ކަމަށް ބުނެ ހިތްވަރުލައިދިނެވެ.

ކުރުކާލިކަނޑަމުން ދިޔަ ޖަނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ މައިދޮރުން ވަދެގެން އައި ބަތޫލް އާއި ޝުޖާއު ފެނިފައެވެ. ބަތޫލް ހުރި ހާލު ފެނުމާއެކު އޭނަގެ ދެލޯ ބޮޑުވެގެން ދިޔަ އެވެ. އޭނައަށް ބަތޫލް ގަތަށް ދާން ހިނގައިގަނެވުނީ ހަލުވި ފިޔަވަޅުތަކެއްގަ އެވެ. އެކަނިވެލާން ބޭނުންވެފައި ހުރި ބަތޫލް ޖަނާއާއި ކުރިމަތިލުމުގެ ބަދަލުގައި އަވަސްވެގަތީ އޭނަގެ ކޮޓަރިއަށް ދިއުމަށެވެ. އެއްވެސް މީހަކާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ. ވަކިން ހާއްސަ ގޮތެއްގައި އޭނަގެ މައިންބަފައިންނާއެވެ.

ބަތޫލްގެ ފަހަތުން ދާން އުޅުނު ޖަނާގެ އަތުގައި ޝުޖާއު ހިފެހެއްޓިއެވެ. އަދި ދެފަރާތަށް ބޯހޫރާލީ ބަތޫލް ދިއުމުގެ ފުރުސަތު ދޭށޭ ބުނާ ފަދަ ގޮތަކަށެވެ. ހިތުގައި ފުނި ޖެހިފައިވާ ސުވާލުތައް ޖަނާއަށް ބަންޑުން ކޮށްލެވުނީ ދެނެވެ. ޖައުފަރު ވެސް ހަމަ އެސުވާލުތައް ފެންމަތިކުރުވިއެވެ. ސޯފާއިން ތެދުވުނު ހިންދު ހުރީ ފެނުނު މަންޒަރެއްގެ ސަބަބުން ގަނޑުވެފައެވެ. އޭނަގެ މޫނުމަތިން ބިރުވެރިކަމާއި ހިތާމައިގެ ކުލަވަރުތައް ފާޅުވެއެވެ.

ޝުޖާއު ކަންވެދިޔަ ގޮތް ކިޔައިދޭން ފެށުމާއެކު ހިންދުއަށް ގިސްލެވިއްޖެއެވެ. ކޮޅަށް ހުންނާނެހާ ހަކަތަ ހަށިގަނޑުގައި ނެތުމާއެކު އޭނައަށް ކައިރީގައި ހުރި ސޯފާގެ އަތްގަނޑުގައި ހިފަހައްޓާލެވުނެވެ. އެވަގުތު ޖައުފަރު އައިސް ހިންދުއާއި އަރާހަމަކުރަމުން ސޯފާގައި އިށީނުމަށް ހިންދުއަށް އެހީވެދިނެވެ. އެއާއެކު ހިންދުއަށް ބާރަށް ރޮވިއްޖެއެވެ.

''އަހަރުމެންގެ ދަރިފުޅު...'' ހިންދުއަށް ބުނެވުނީ އެހިސާބަށެވެ. ރުއިމުގެ ސަބަބުން ވާހަކަދައްކަން އޭނައަށް ފަސޭހަ ކަމަކަށް ނުވިއެވެ. ހިންދުއަށް ހިތްވަރު ދެމުން ދިޔަ ޖައުފަރަށް ވެސް ފުން އަސަރުތަކެއް ކޮށްފައިވެއެވެ.

ޖަނާއަށް ލިބިފައިވާ ޝޮކު އަދިވެސް ފިލައިގެން ނުދެއެވެ. އޭނައަށް ހުރެވުނީ އިވުނު ވާހަކައިގެ ތެދު ދޮގު ޔަޤީންކުރަން ނުކުޅެދިފައެވެ. އަޒްޔާން އެހާ ރަހުމުކުޑަ ވެދާނެ ކަމަކަށް އޭނައަށް ޤަބޫލުނުކުރެވުނީއެވެ. ނަމަވެސް ޝުޖާއު ދޮގު ނަހަދާނެ ކަމާމެދު ވެސް އޭނައަށް ވިސްނާލެވުނެވެ. ބަތޫލް ހުރި ހާލާއި އެމޫނުމަތިން ފެނުނު ހިތާމަޔާއި މަޑުމޮޅިކަމުގެ އަސަރުތަކުން ޝުޖާއުގެ ވާހަކައަށް އިތުރަށް ބާރުދެއެވެ.

*****

ކޮޓަރީގެ ދޮރުގައި ނިތް ޖައްސާލައިގެން ހުރި އަޒްޔާންއަށް އޭނަގެ ލޮލުން ފޭބި ކަރުނައިގެ ފިނިކަން އިހުސާސް ކުރެވުނެވެ. މުށްކެވިފައިވި އަތުން އޭނައަށް ފާރުގައި ބާރަށް ޖަހާލެވުނީ ބަތޫލްއާ މެދު ކަންތައް ކުރެވުނު ގޮތުން އަމިއްލަ ނަފްސަށް ސަޒާ ދޭން ބޭނުންވެފައި ވާތީއެވެ. އެތައް ފަހަރަކު ފާރުގައި ޖެހި ކަމުގައި ވިޔަސް އޭނަގެ ހިތަށް ފިނިކަމެއް ނުލިބުނެވެ. އޭރު އަޒްޔާންގެ އަތް ޒަހަމްވެ ލޭހިލިފައި ވިއެވެ. އަޑު ވީއްލާ ނުރޯން އޭނަ ގަދައަޅައި މަސައްކަތް ކުރިކަމުގައި ވިޔަސް އޭނައަށް ކާމިޔާބެއް ނުލިބުނެވެ. ކަކުލުހުޅުން ވާގި ދޫވި ވަގުތު އޭނައަށް ދޮރު ބުޑަށް ތިރިވެވުނެވެ. އެއާއެކު ވޭނީ އާހްތަކެއް އަޒްޔާންއަށް ބޭރުކޮށްލެވުނެވެ.

''އައެމް ސޮރީ...'' ސަލާމަތުން އޮތް އަތުން ނޭފަތުން ފައިބަމުން ދިޔަ ލޭތައް ފޮހެލަމުން އަޒްޔާންއަށް ބުނެވުނެވެ. ބަތޫލްއާ މެދު ކަންތައް ކުރެވުނު ގޮތް ލޯކުރިމަތީގައި ސިފަވާން ފެށުމުން އޭނައަށް ލިބިފައިވާ ވޭނާއި ތަދު އިތުރަށް ފުންވާން ފެށިއެވެ. ބަތޫލްގެ ދެލޮލުން ފެނުނު އާދޭހާއި ހިތާމައިން އިރުއިރުކޮޅާ އެހިތަށް ޒަހަރުން ފޯވެފައިވާ ތީރުތަކެއް ހެރޭހެން ވެސް ހީވިއެވެ. އޭނަގެ ހިތް ރޮމުން ދިޔައީ ބަތޫލް މިވަގުތު އުފުލަމުން ދާނެ ހިތާމަތަކާ މެދު ވިސްނާލެވުމުންނެވެ. އެއާއެކު އޭނަ ގާތަށް ރުޅި ވެސް އައެވެ. ތަޤްދީރު ކޮންމެ ފަހަރަކު އޭނަގެ ލޯބި އިމްތިހާނު ކުރުވަނީ ކީއްވެގެން ހެއްޔެވެ؟ މިއީ ބަދުނަސީބުން ފުރިފައިވާ ހަޔާތެކެވެ. ދުނިޔެމަތިން އެންމެ ލޯބިވާ ކުއްޖާގެ ހިތް ރަހުމެއް ނެތި ހަލާކުކޮށްލަން ޖެހުނު އިރު އޭނައަށް ލިބުނު ވޭނާ މެދު ވިސްނާނެ އެއްވެސް މީހަކު ނެތެވެ.

މިރެއަށްފަހު އޭނައަށް ބަތޫލްގެ ހިނިތުންވުމާއި އެލޮބުވެތި ހުނުމުގެ އަޑު އިވުމުގެ ނަސީބެއް ވެސް ނުލިބޭނެއެވެ. އޭނަގެ މޭގައި ދާއިމަށް އެސޫރަ ފޮރުވާލުމުގެ ބާރެއް ވެސް މެއެވެ. ދިރިއުޅުމުގެ ކޮންމެ އިމްތިހާނެއްގައި ބަތޫލްއާއެކު ވާނަން ކަމުގައި ބުނެ އެންމެ ފަހު ވަގުތު އޭނައަށް ޖެހުނީ އޭނަގެ ލޯތްބަށް ފުރަގަސް ދޭށެވެ. ނިމުމެއް ނުވާ ހިތާމައިން ފޯކޮށްލާށެވެ. މިހާރު ބަތޫލްގެ ނަޒަރުގައި އޭނަ ވާނީ ދޮގު ވެރިއަކަށެވެ. ކެހިވެރިއަކަށެވެ. އެހިތުގައި އޭނައަށްޓަކައި ވިންދު ޖަހަމުން އައި ލޯބި ވެސް ވާނީ ފޮހެވިގެން ގޮސްފައެވެ.

''އައެމް ސޯ ސޮރީ...'' އަޒްޔާންއަށް އަނެއްކާ ވެސް ބުނެވުނެވެ. އޭނަގެ ލޮލުން ދެން ކަރުނަ ހިކޭނެކަމެއް ވެސް ނޭގެއެވެ. ބަތޫލްގެ ހިތުގައި ޖައްސާލެވުނު މަންޒަރު މުޅި އުމުރަށް އޭނައަށް އުނދަގޫ ކުރާނެއެވެ. ވޭން ދޭނެއެވެ. ދުނިޔެއަށް ނޭވާލަމުންދާހާ ހިނދަކު އެހަނދާންތަކާއި ދުރުނުވެވޭނެ އެވެ.

''އަޒްޔާން...'' ވޭނީ ކަނޑެއްގެ ތެރެއަށް އަރަގުވަމުން ދިޔަ އަޒްޔާންއަށް ސިހުމެއް ލިބުނީ އޭނަގެ މަންމަގެ އަޑަށެވެ. އޭނަ އެކަމަށް ސަމާލުކަމެއް ނުދިނެވެ.

''މި ދޮރު ހުޅުވަބަލަ، މަންމަ މިހާރު ބިރުގަންނަ ހިސާބަށް ހިނގައްޖެޔޭ...'' ދެން ވެސް އިންތަނުން އަޒްޔާން ގުޑާ ވެސް ނުލިއެވެ. އޭނަގެ އަތުން ތިކިތަޅަމުން ދިޔަ ލެއިން ޓައިލްސް ފެވެމުން ދިޔަ އެވެ. ހަށިގަނޑުގައި އަޅާ ވޭން ވެސް އޭނައަށް އިހުސާސް ނުކުރެވޭ ކަހަލައެވެ. އެއަށްވުރެ ހިތަށް ލިބިފައިވާ ޒަހަމްތައް މާބޮޑަށް ވެސް ފުންވެފައި ޝިފާއެއް ލިބޭނެކަމުގެ އުއްމީދެއް ނެތެވެ.

''އަޒްޔާން!...'' މަންމަގެ އާދޭސްތަކަށް ބީރުކަންފަތެއް ދޭނެހާ ހިތްވަރެއް ނެތުމުން އަޒްޔާން ދޮރު ހުޅުވާލި އެވެ. މަންމައާއި ހަތަރުކަޅި ހަމަކުރަން ބޭނުން ނުވާތީ އަޒްޔާން ހުރީ އިސްތިރިކޮށްލައިގެންނެވެ.

''ސުބުހާނަﷲ...'' އަޒްޔާން ފެނުމާއެކު ޒައިނަބަށް ހީވީ ބިރެއް ފެނުނުހެންނެވެ. އޭނައަށް އަޒްޔާންގެ އަތުގައި ހިފާލެވުނެވެ. އަދި ލިބިފައިވާ ޒަހަމްތަކަށް ފަރުވާތެރިކަމާއެކު ނަޒަރު ހިންގާލެވުނެވެ. އެއަށްފަހު އަޒްޔާން ގޮވައިގެން ގޮސް ބޮޑުކޮޓަރީގެ ސޯފާގައި ބައިންދަމުން އޭނަ އަވަސްވެގަތީ ފަސްޓް އެއިޑް ފޮށި ހޯދުމަށެވެ.

''ދަރިފުޅާ، މަންމައަށް ފެންނަނީ ބަތޫލްއަށް ހުރިހާ ހަޤީޤަތެއް ކިޔައިދޭން، އެކަންތައް ދެނެގަތުމުގެ ހައްގު ބަތޫލްއަށް ވެސް ލިބިގެންވޭ...'' އަޒްޔާންގެ އަތުގައި ބެންޑޭޖް އަޅަމުން ދިޔަ ޒައިނަބު ފަރުވާތެރިކަމާއެކު އޭނަގެ ދަރިފުޅުގެ މޫނު ދިރާސާކުރަމުން ބުނެލިއެވެ. އެލޮލުގައިވި ރަތްކުލައާއި އެސްފިޔަތަކުގައި ހަރުލާފައިވާ ކަރުނައިގެ ތެތްކަމުން ޒައިނަބަށް އަސަރުކުރިއެވެ. މިވޭނުގައި އޭނަގެ ދަރިފުޅު ވަނިކޮށް ދެކޭކަށް އޭނައަށް ކެތެއް ނުކުރެވޭނެއެވެ.

''ނޫން...'' އަޒްޔާން އޭނަގެ މަންމައާއި ހަތަރުކަޅި ހަމަކުރިއެވެ. ''ބަތޫލްއަށް އެނގުން މުހިއްމެއް ނޫން...''

''އެކަމަކު...''

''އަހަރެން ބުނެފީމެއްނު ބަތޫލްއަށް އެނގެން މުހިއްމެއް ނޫނޭ... ކިޔައިދިނަސް ވާނެ ފައިދާއެއް ނޯންނާނެ... އިތުރަށް ބަތޫލްއަށް ވޭނާއި ހިތްދަތިކަން ލިބުން ނޫންކަމެއް ނުވާނެ، އަހަންނަށް އެނޫން އެއްޗެއް ދޭކަށް ވެސް ނޭގޭ ވިއްޔާ...'' ނުރުހުމާއެކު އަޒްޔާން ބުނެލިއެވެ. މިފަހަރު އޭނަގެ އަޑު ބާރުވިކަމުގައި ވިޔަސް އޭގައި ފޮރުވިފައިވާ ރިހުންތަކެއް އެކުލެވިފައި ވިއެވެ.

އިތުރަށް އެތާނގައި މަޑުކުރުމެއް ނެތި އަޒްޔާން ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. ސިހުން ލިބިފައި ހުރި ޒައިނަބަށް އޭނަގެ ލޮލަށް ފެނުނު މަންޒަރުތައް ޤަބޫލެއް ވެސް ނުކުރެވުނެވެ. ހަޔާތުގައި ވެސް އަޑުހަރުކޮށް އޭނައާއި އަޒްޔާން ވާހަކަދެއްކި އެއީ ފުރަތަމަ ފަހަރެވެ. ކަންތައް ދިމާވެފައިިވި ގޮތުން އަޒްޔާން ކުށްވެރިކުރެވޭކަށް ވެސް ނެތެވެ. ޒައިނަބަށް ހިތާހިތާ ދުޢާކުރެވުނެވެ. ވިރާނާވެފައިވާ އޭނަގެ ދަރިފުޅުގެ ހަޔާތް އާބާދުކޮށްދެއްވުން އެދިއެވެ. އަޒްޔާންގެ ހިތާމަތަކަށް އަވަސް ޝިފާއެއް މިންވަރުކޮށްދެއްވުން އެދިއެވެ. އަޒްޔާންއަށް އަވަސް މުސްތަޤުބަލެއްގައި އުފާވެރިކަން ހާސިލުކުރުމުގެ ނަސީބު ދެއްވުން އެދިއެވެ.

*****

''އަޒްޔާން އެފަދައިން ކަންތައްކޮށްފާނެ ކަމަކަށް އަހަންނަށް ޤަބޫލެއް ނުކުރެވޭ މުޅިއަކުންނެއް... ހީޒް ނޮޓް ލައިކް ދެޓް... ހީ ލަވްސް ބަތޫ...'' ޝުޖާއުއާއެކު ގެއަށް ދާން ނިކުތް ޖަނާއަށް ބުނެވުނެވެ. ޖަނާ ކިތަންމެ ފަހަރަކު ބަތޫލް ގާތު މަޑުކުރަން އެދުނުކަމުގައި ވިޔަސް ބަތޫލް އެކަމަކަށް އެއްބަސް ނުވުމުން އެންމެފަހުން ޖެހުނީ މާޔޫސްކަމާއެކު ގެއަށް ދާން ނިކުންނާށެވެ.

ވާރޭ ތުނިކޮށްލާފައި ވިޔަސް ފަޒާގައި ރަސްކަން ކުރަމުން ދިޔައީ ހަށިގަނޑަށް އުނދަގޫވާނެ ފަދަ ފިނިކަމެކެވެ. ޖެހިލި ފިނި ރޯޅިއާއެކު ޖަނާއަށް އޭނަގެ ހަށިގަނޑު ދެއަތުން ވަށާލެވުނެވެ. އެއަށްފަހު އޭނަ ޝުޖާއުއަށް ފުން ނަޒަރެއް ދިނެވެ.

''ފުރަތަމަކޮޅު އަހަންނަށް ވެސް ނޭގުނު އެއީ ހަޤީޤަތެއް ކަމެއް، އެކަމަކު އަހަންނަށް ފެނުނު މަންޒަރުތައް ދޮގުކުރާނީ ކިހިނެއް؟، އަހަރެން ދުވަހަކު ވެސް އެފަދަ ގޮތަކަށް ބަތޫލް ރޮނިކޮށް ނުދެކެން.......... ދެން އިތުރަށް އަޒްޔާންގެ ވާހަކަދައްކާކަށް އަހަރެން ބޭނުމެއް ނޫން...'' ޝުޖާއު ކާރަށް އެރިއެވެ. އޭނަގެ ފަހަތުން ކަހަލަ ގޮތަކަށް ޖަނާ ވެސް ކާރަށް އެރިއެވެ.

ޚިޔާލުތަކަށް ގެއްލިފައި އިން ޖަނާއަށް ޝުޖާއު ގޮވާލި އަޑަށް ބަލާލެވުނެވެ. ގެއާ ހަމައަށް އާދެވުނުކަން ވެސް އޭނައަށް ރޭކާލީ ދެނެވެ. ޝުޖާއުއަށް ޝުކުރުއަދާކޮށްލުމަށްފަހު ޖަނާ ކާރުން ފޭބިއެވެ.

*****

އުދަރެސް މަތިން ފާއްދާލި އިރުގެ ދަޅަތަކާއެކު މުޅިން އައު ދުވަހަކަށް އިރުއަރައިފިކަމުގެ ސަނާ ކިއުމާއިގެ ދޫނިސޫފާސޫފިތައް މަޝްޣޫލުވެއްޖެއެވެ. ފަތިހު ވެހުނު ވާރޭގެ ތެތްފިނިކަމުގެ އަސަރު އަދިވެސް ފަޒާގައި ހަރުލާފައި އޮތެވެ. ދުރުދުރުން ވިއްސާރަ ވިލާތަކުގެ ފަރުބަދަތައް ވެސް ފެނެއެވެ. ނަމަވެސް ވިއްސާރައިގެ ކުލަތަކުގެ މައްޗަށް އިރު ކުރިހޯދި ގޮތް ވަރަށް ވެސް އަވަހެވެ.

ބެލްކަންޏަށް ނިކުމެ ހުރި ބަތޫލް ދިޔައީ ޤުދުރަތުގެ ފުރިހަމަ ކުލަތަކުން އެހިތަށް ކުޑަ ނަމަވެސް ތަސައްލީއެއް ހޯދައިދޭން މަސައްކަތްކުރަމުންނެވެ. ރެއިލިންގައި ދެއަތުން ހިފަހައްޓައިގެން ހުރިއިރު އެދެލޮލުން ރަމްޒުކޮށްދެމުން ދިޔައީ ވަރުބަލިކަމެވެ. ރޭހަތަރުދަމު ނުނިދާ ހުރިކަން އެމޫނުމަތިން ރީއްޗަށް ފާޅުކޮށްދެއެވެ. އިރުގެ ދޯދިތަކުގެ ހޫނުކަން އިހުސާސް ކުރެވެންދެން ބެލްކަނީގައި ހުރުމަށްފަހު ބަތޫލް އެތެރެއަށް ވަނެވެ. އަދިވެސް ހަފްލާއަށް ތައްޔާރުކުރިގޮތަށް އެއްވެސް ބަދަލެއް ގެއަށް އައިސްފައި ނުވެއެވެ. ހުއްޓިލަމުން ބަތޫލްއަށް މާހައުލަށް ނަޒަރު ހިންގާލެވުނެވެ. ހުރިހާ ކަމެއް ވެސް ތައްޔާރުކުރެވުނީ އޭނައާއި އަޒްޔާން ބޭނުންވި ގޮތަށެވެ.

ބަތޫލްގެ ލޯކުރިމަތިން ކައިވެންޏަށް ތައްޔާރުވުމުގައި އޭނައާއި އަޒްޔާން އުޅުނު އުފާވެރި މަންޒަރުތައް ސިފަވާން ފެށިއެވެ. އެއާއެކު އޭނަގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. ނަމަވެސް އުފަލާއި ހިތްހަމަޖެހުމުން ފުރިގެންވި މެހެފިލް ބިރުވެރި ހުވަފެނަކަށް ބަދަލުވެގެންދާން ގިނަ އިރެއް ނުނެގިއެވެ. ފެންކަޅިވުމާއެކު ބަތޫލްއަށް އޭނަގެ ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ. ހީވީ އެހުރިހާ އިހުސާސްތަކަށް ފިލަން ބޭނުންވި ހެންނެވެ. ސަލާމަތްވުމުގެ ކޮޅުމަތި ނުފެނުނު ކަމުގައި ވިޔަސް މެއެވެ.

*****

މެންދުރު ކައްކަން ގޭގައި ގެންގުޅޭ ކުއްޖާއަށް އެހީވަމުން އައި ހިންދުއަށް ބެލް ޖަހާލި އަޑު އިވުމާއެކު ޚީނާއަށް ބަލާލެވުނެވެ. ކުރަން ހުރި މަސައްކަތް މަޑު ޖައްސާލުމަށްފަހު ޚީނާ މިސްރާބު ޖެހީ ގޭގެ މަރިދޮރާއި ދިމާއަށެވެ.

''ދޮންތަ ކޮބާތަ؟...'' ދޮރުހުޅުވުމާއެކު ފުރަތަމަ ވެސް ޚީނާއާއި ކުރިމަތިވީ މާރިޔާގެ ސުވާލެކެވެ. އަދަބުވެރިކަމާއެކު ޚީނާ އެސުވާލަށް ޖަވާބު ދިނުމާއެކު މާރިޔާ ގޮސް ބަދިގެއަށް ވަދެއްޖެއެވެ.

''ރޭގަ އެހާ އަވަހަށް އަހަރެން ފޮނުވާލަން އުޅުނީ ކީއްވެ؟...'' ތަރުކާރީ ކޮށަން އުޅުނު ހިންދުއަށް މާރިޔާގެ އަޑަށް އިސްއުފުލާ ބަލާލެވުނެވެ. އޭރު ކިޗެން ކެބިނެޓާއި އަރާހަމަކޮށްލި މާރިޔާ ފަރުވާތެރިކަމާއެކު ހިންދުއަށް ބަލަމުން ދިޔަ އެވެ.

ކޮމެންޓް 0