އަޒްޔާންއަށް އޭނަގެ އަތުގައި އޮތް އުލުން ވަގުތުން ދޫކޮށްލެވުނެވެ. އަދި އިސްއުފުލާލަމުން ޝީރީނާ ހަތަރުކަޅި ހަމަކޮށްލިއެވެ. އޭރު ނުތަނަވަސްކަން އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ އެވެ. އިވުނު ބަސްތަކުގެ ތެދުކަން ޔަޤީންކުރަން އޭނައަށް އިންތިހާއަށް އުނދަގޫވެފައިވާކަން ވެސް މެއެވެ.
އަޒްޔާންއަށް އައި ބަދަލުތައް ފާހަގަ ކުރެވުނު ހިނދު ޝީރީން ކުރިއަށް ޖެހިލައި އަޒްޔާން ގާތުގައި ހުރި ގޮނޑި ދަމާލަމުން އޭގައި އިށީނެވެ. އަދި އޭނަގެ މަޤުސަދާއިގެން ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ. އަޒްޔާންގެ ހިތުގައި ބަތޫލްއަށް ނަފުރަތާއި ރުޅިވެރިކަން އުފައްދަން އޭނަ ހުރީ އަތުކުރި އޮޅާލާފައެވެ. އެކަމުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްކަމުގައި ވިޔަސް ވަރިހަމަކަމުގައި ދެކެމުންނެވެ. ޖައުފަރާއި އޭނަގެ ދަރީގެ ވަކިތަކުން އަޒްޔާން މިންޖުވާން އެދެވޭތީ އެވެ.
''އެނގޭ މިވާހަކަތައް ޤަބޫލުކުރަން އަޒްޔާނަށް އުނދަގޫވާނެކަން ވެސް... އެކަމަކު މިއީ ހަޤީޤަތް، އަޒްޔާން ވިސްނާލަބަލަ، އެފަދަ ބަޔެއްގެ ސަބަބުން ދިރިއުޅުން އިތުރަށް ހަލާކުވެގެން ދިއުން ނޫންކަމެއް ނުވާނެ، ޖައުފަރު ފަދައިން އޭނަގެ ދަރީގެ އުޅުން ނުހުންނާނެކަން އެނގޭނީ ކާކަށް؟، މިއީ އިތުރަށް ބަދަލު ހިފަން އެމީހުން ރާވާ ރޭވުމެއް ނޫންކަމުގެ އޮތީ ކޮން ޔަޤީންކަމެއް؟... އެމީހުން ދުވަހަކު އަޒްޔާނަށް ހެވެއް ނޭދޭނެ... މިހާ ދުވަހު ޒައިނަބު މިކަން ސިއްރުކުރީ އަޒްޔާނަށް ވެދާނެ ގޮތަކާ މެދު ވިސްނާލާފަ، އެމަކަމު އިތުރަށް ކަންތައް ގޯސްވުމުގެ ކުރިން ދައްތައަށް ބުނަން މަޖުބޫރުވީ!...... އެއްފަހަރު ވެސް މިވާހަކަތަކާ މެދު ވިސްނާލަބަލަ، އަޒްޔާން ބައްޕައެއްގެ ލޯބިން މަހުރޫމުކުރުވީ ވެސް ޖައުފަރު، ނިކަމެތިކަމާ ހިތްދަތިކަމުގެ އުދާސްތަކުގައި ޒައިނަބަށް އުޅެން މަޖުބޫރުކުރީ ވެސް ހަމަ އޭނަ، އަޒްޔާން އެކަންތައް މަތިން ހަނދާން ނައްތާލީތަ؟، އެންމެ ގާތުން ހުރިހާ މަންޒަރެއް އަޒްޔާނަށް ފެނުނެއްނު، ދެން ވެސް ތިކުރާ ކަންތަކާއިގެން ކުރިއަށް ދާންތަ ބޭނުންވަނީ؟، އަދިވެސް ބަތޫލްއާއެކު އުޅެން އަޒްޔާން ބޭނުންތަ؟...''
މޭޒުމަތީގައި އޮތް އަޒްޔާންގެ އަތުގައި ހިފާލަމުން ޝީރީން ވާހަކަދެއްކިއެވެ. އޭނަ ފަރުވާތެރިވެ އިނދެ ދުލުގެ ކުރިއަށް ބަސްތައް ގެންނަމުން ދިޔައީ ލަނޑުދަނޑިއާ ހަމައަށް ވާސިލުވެވޭނެ މަގު ފަހިކުރުމަށެވެ. އަޒްޔާންގެ ހިމޭންކަން އިތުރަށް ވާހަކައާއިގެން ކުރިއަށް ގެންދިއުމުގެ އިޝަރާތެއް ކަމުގައި އޭނަ ދެކުނެވެ. އަޒްޔާން އޭނަ ބުނި ބަސްތަކުން އަސަރުކޮށްފައިވާކަން އެމޫނުމަތިން ފާޅުވާތީއެވެ. އޭނަ އެޝުއޫރުތައް ތަރުޖަމާ ކުރީ ނަފްރަތުގެ ދިލަ އާތްވެއް އުފެދެން ފަށައިފިކަމުގެ ފާލެއްގެ ގޮތުގައެވެ.
''އަޒްޔާންގެ ބައްޕަ މަގުފުރައްދާ ހަލާކުގެ ތެރެއަށް ވައްޓާލީ ޖައުފަރު... އޭނަ ބޭނުންވީ ޒައިނަބު އޭނަގެ ހުށަހެޅުންތަކާ ދެކޮޅުހަދައި އަޒްޔާންގެ ބައްޕައާ ކައިވެނިކުރުމުން އެކަމުގެ ބަދަލުހިފަން، އެކި ގޮތްގޮތުން ސާލިމަށް ނުފޫޒު ފޯރުވައި މަސްތުވާތަކެތީގެ ވަބާގައި ޖެއްސީ ވެސް އޭނަ، އެކަންތަކަށް ފަހު ސާލިމު ޒައިނަބަށް އަނިޔާކުރަން ފެށީ..... އެންމެފަހުން ސާލިމު އެކަންތަކުން ސަލާމަތްވެ އަލިކަމުގެ ތެރެއަށް އަންނަ ބޭނުންވުމުން މޮޅު ރޭވުމެއް ރާވައި ޖަލަށް ފޮނުވާލީ...... ދައްތަ ބޭނުމެއް ނޫން އަޒްޔާންއަށް ދެރައެއް ލިބޭކަށް...... ދައްތަ މިދެއްކި ވާހަކަތަކާ މެދު ވިސްނާނެކަމަށް ހީކުރަން، އަހަރުމެނަށް އެންމެ ރަގަޅު ގޮތަކީ އެމީހުނާ ވިހާވެސް ދުރުން އުޅުން... އަޒްޔާންއަށް ދެރަގޮތެއް ވާކަށް ޒައިނަބު ބޭނުމެއް ނުވާނެ، މިހާރު އަޒްޔާންގެ އަޅާލުން ވަރަށް ބޮޑަށް ޒައިނަބަށް ބޭނުންވާނެކަން ހަނދާން ނައްތާނުލައްޗޭ...'' މަޑުމަޑުން ހިފަހައްޓާލެވިފައިވާ އަޒްޔާންގެ އަތުގައި ފިރުމަމުން ޝީރީން ވާހަކަދެއްކީ އަޑަށް މާޔޫސްކަން ގެންނަމުންނެވެ. އޭނަގެ ދެލޮލުގައި ކަރުނައިގެ ތެތްކަން ވެސް ވެއެވެ.
''ދައްތަ އިހަށް ގޮސްލަނީ އިނގޭ، ފަހުން ގުޅާނަން...'' ގޮނޑިން ތެދުވެލަމުން ޝީރީން ބުނެލިއެވެ. އަދި ލޮލުން ފޭބި ކަރުނަތަށް ފޮހެލަމުން ވަރަށް ވެސް ފުން ނަޒަރަކުން އަޒްޔާނަށް ބަލާލިއެވެ. އެއަށްފަހު އޭނަ މައިދޮރާއި ދިމާއަށް ހިނގައިގަތީ ތީރު ނިޝާނަށް ފޯރައިފިކަން ދެނެ ހުރެ ހިތްހަމަޖެހިލައިގެންނެވެ. ބަތޫލްއަށް އަޒްޔާންގެ ހަޔާތަށް ވާސިލުވެވުން އެއީ ދެން ނާދިރުކަމެކެވެ. އަލިފާނާ ގާތް ވެވުމުން އެއަންހެންކުއްޖާ އަނދާއަޅިއަށް ވެގެންދާ މަންޒަރު ބަލަން ވެސް އޭނަ ބޭނުން ވިއެވެ.
ބަހެއް ވެސް ބުނުމެއް ނެތި އަޒްޔާން އިނީއެވެ. މުޅި މީހާއަށް އަންނަމުން އައި ބަދަލުތަކާއެކު އިރުއިރުކޮޅާ އަވަސް ނޭވާތަކެއް ދޫކޮށްލަނީ މީހާ ހަމައަކަށް އެޅުވުމުގެ ނިޔަތުގަ އެވެ. އޭރު ކަންފަތަށް ތަކުރާރުކޮށް އިވެމުން އައީ ބޮޑުދައިތަ ދެއްކި ވާހަކަތަކެވެ. އޭގެ ސަބަބުން އޭނަގެ ވިސްނުމާއި ހިއްސުތަކަށް އާދަޔާ ޚިލާފު ބާރެއް ވެރިވަމުން އައެވެ. އެބާރުގެ މައްޗަށް އަމިއްލަ ކޮންޓްރޯލް އިސްކުރެވޭ ގޮތެއް ނުވިއެވެ.
ދޮރު ލެއްޕުނު އަޑާއެކު އަޒްޔާނަށް ގޮށްމުށުގެ އެތިފަހަރެއް މޭޒަށް ވީއްލާލެވުނެވެ. އެއާއެކު ކުޑަވަރެއްގެ ލޮޅުމެއް މޭޒަށް އަރައި މޭޒުމަތީ ހުރި ތަށިތަކާއި އުލާއި ސަމަސާތުގެ ސެޓު ތެޅިލި އަޑު އިވުނެވެ. ދެން ވެސް އެތެރެހައްޓަށް އަރާފައިވާ ބާރު މައިތިރެއް ނުވިއެވެ. އެއާ ވިދިގެން ދެވަނަ އެތިފަހަރު ވެސް އަޒްޔާން މޭޒާ އަމާޒުކުރިއެވެ. އޭރު އޭނަގެ މޫނުން ރުޅިވެރިކަމުގެ އަސަރު ފެންނަމުން ދިޔަ އެވެ. ކަތުރުކަށިގަނޑަށް ވާންކަން އަރާފައި ވިއިރު ބުމަ ވެސް ވަނީ ގޮށްޖެހިފައެވެ. އައިސްފައި ހުރި ގަދަ ރުޅީގެ ސަބަބުން އޭނަގެ ދަތްދޮޅީގައި ވެސް މަޑު ތުރުތުރުލުމެއް އުފެދިފައި ވިއެވެ. ފުސްވެފައިވާ ހަނދާނުގެ ލޯގަނޑަށް ލަސްލަހުން ސިފަވާން ފެށި މަންޒަރުތަކާއެކު، އަތްފޯރާ ހިސާބުގައި ހުރި ސާމާނެއްވިއްޔާ ގެނައި ކުއްލި ހަރަކާތާއެކު އަޒްޔާން ބުރުވާލި އެވެ. އެއްއަޑަކަށް އެއަޑުފަށްގަނޑު މާހައުލަށް ފެތުރިލީ ނާމާން ގޮތަކަށެވެ.
ލޯކުރިމަތިން ސިފަވާން ފެށީ މީގެ އަހަރުތަކެއް ކުރީގެ މަންޒަރުތަކެވެ. ހަނދާން ހުންނަން ފެށީއްސުރެ އަޒްޔާނަށް އޭނަގެ މަންމައަށް ލިބޭ އަނިޔާތައް ފެނެއެވެ. މަންމަގެ ރުއިމުގެ އަޑުން އޭނަގެ ރޫހަށް ލިބޭ އުދާސްތައް ވެސް މެއެވެ. ބަރުދާސްތު ނުކުރެވޭ ހިސާބަށް ދިއުމުން މަންމަގެ ހިމާޔަތުގައި އޭނައަށް ދެވެނީ އިހުތިޔާރުން ބޭރުގައެވެ. އޭގެ ސަބަބުން ޚުދު އޭނައަށް ވެސް އެވޭނާއި ކެކުޅުންތަކުގެ ތެރޭގައި އުޅެން ޖެހުނެވެ. ބައްޕަ ދެކެ އޭނަގެ ހިތުގައި އޭރު އުފެދިފައިވީ ސާފު ނަފުރަތެވެ. ދުވަހަށް ދުވަހަކަށް އެރުޅިވެރިކަމުގެ ހުޅުގަނޑު ބޮޑުވެ ދިޔައީ އަނދަމުންނެވެ. މަންމަގެ ހިތާމަޔާއި ކަރުނަތައް ފެނި އޭނަގެ ހިތަށް ކުރުވި އަސަރުތައް މިއަދާއި ޖެހެން ދެން ވެސް އޭނައާއި ވަތްކެއް ނުވެއެވެ. މަންމަ އޭނަ ވޭނާއި އުދާސްތަކުން ސަލާމަތްކުރަން އަމިއްލަ ހަށިގަނޑު އައްޑަނައެއްގެ ގޮތުގައި ނެގި ދުވަސްތައް ވެސް މެއެވެ. އޭރު އޭނަ ބޭނުންވިހާ ވެސް ކަމަކީ ބައްޕަ ފަދައިން އޭނަގެ ހަށިގަނޑަށް ބުންވަރު ލިބުމަށެވެ. އޭނަގެ ހަށިގަނޑާއި މަސްތަކުގައި ހުރި ބާރެއް ވެސް ދައްކާލުމަށެވެ. މަންމައަށް ފުރިހަމަ ރައްކާތެރިކަން ދޭށެވެ.
ވިސްނެމުން ދިޔަ ވަރަކަށް އަޒްޔާންގެ ބުއްދިއަށް އިނބިލީހުގެ ބާރު ގަދަވާން ފެށިއެވެ. އޭނަގެ ބޮލުގައި ތޫނު ރިހުމެއް އުފައްދާލަމުންނެވެ. ބޮޑުދައިތަ އެވަރުގެ ދޮގެއް ނުހަދާނެކަމުގެ ޔަޤީންކަން އަޒްޔާނަށް އޮތެވެ. އޭނަގެ ބޮލަށް އިތުރަށް ބާރުކުރަނީ އެސަބަބާ ހުރެއެވެ. އޭނަގެ ބައްޕަގެ އެއްވެސް ކުށެއް ނެތްކަން މިއަދު ސާބިތުވެގެން ދިޔައީ އެވެ. އެހުރިހާ ކަމެއްގެ އިސް މޭސްތިރިއަކީ ކާކުކަން ވެސް ހާމަވެގެން ދިޔައީއެވެ. އެއާއެކު އަޒްޔާނަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެވަގުތު ބަތޫލްގެ ނަން އެހިތަށް ވެރިވުމާއެކު ރާހަތުގެ އިހުސާސްކުރެވުމުގެ ބަދަލުގައި ވެރިވެގެން އައީ މުޅިން ތަފާތު ޝުއޫރެކެވެ. ނުރުހުންތެރިކަމުގެ އޮއެވަރު އޭގައި އެކުލެވިފައި ވިއެވެ. އެހިތުގައި ވިންދު ޖަހަމުން އައި ލޯބްތަށް ނިކަމެތިކަން ވެރިކުރުވައިފިކަން ގައިމެވެ.
*****
''މަންމާ، ކީއްތަވާނީ އެއްފަހަރު ވެސް އަހަރެން ބޭނުންވާ ގޮތް ބަލާފައި ކަންތައް ކުރިއްޔާ؟...'' އިވުނު ޚަބަރާއެކު ޝުޖާއުއަށް އޭނަގެ އަތުގައި އޮތް ކޮފީ މަގު މޭޒު މަތީ ބަހައްޓާލެވުނު ބާރުމިނާއެކު މަގު ތަޅައިގެން ނުދިޔައީ ވެސް ކިރިޔާއެވެ. އޭނަގެ އަޑުގައި އިންތިހާ ދަރަޖައިގެ ކަންބޮޑުވުމާއި އެކު ހިތްހަމަނުޖެހުމުގެ އަސަރު އެކުލެވިފައި ވިއެވެ. އޭރު މޭޒު ދޮށުގައި އޮތީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. ހެނދުނުހެނދުނާ މާރިޔާ ދެއްކި ވާހަކައެއްގެ ސަބަބުން ކޮންމެ މީހަކަށް ވެސް ޝޮކެއް ލިބިފައި ވިއެވެ.
''ކިހިނެއްވީ؟، މަންމައަށް އެނގެޔޭ ޝުޖާއު ހުންނާނީ ކަމެއް ނުކޮށްކަން، އެހެންވެ މަންމައަށް ޖެހުނީ ދޮންތައާ ހަމައަށް އެވާހަކަ ގެންދަން، ދޮންތަ ވެސް ހުރީ ވަރަށް އުފަލުން...'' މާރިޔާ ވެސް ހިތްހަމަނުޖެހުނެވެ. ''ދޮންތަބެއާ ވާހަކަ ދައްކާފަ ގުޅާނަމޭ ވެސް ބުނި...''
''މަންމާ!...''
މިފަހަރު ޝުޖާއުގެ އަޑު ކުރިއަށް ވުރެ ބާރެވެ. ގޮނޑިން ތެދުވެލަމުން އޭނަ ހުރީ މާރިޔާއަށް ބަލަަހައްޓައިގެންނެވެ. ފަހަރެއްގައި ވެސް މަންމަ އެފަދައިން ކަންތައް ކޮށްފާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. މަންމަ ކަންތައް ކުރި ގޮތުގެ ނަތީޖާ ނުކުމެދާނެ ގޮތަކާ މެދު އޭނަގެ ހިތް ވީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އޭނައާއި މެދު ބަތޫލް ދެކޭ ނަޒަރިއްޔާތު ތަފާތުވެދާނެ ކަމަށްޓަކައެވެ. ފަހަަރެއްގައި ވެސް އެފަދަ ގޮތަކުން ބަތޫލްއަށް އޭނަގެ ހިތުގެ އިހުސާސްތައް އެނގޭކަން އޭނަ ބޭނުމެއް ނޫނެވެ. އެހެނަސް ކަންތައް އެވަނީ އޭނަ ހީކުރިވަރަށް ވުރެ ގޯސް ވެފައެވެ. އެވާހަކަތަށް ބަތޫލްގެ ކަންފަތާ ހަމައަށް ގޮސްފިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ ބަތޫލް އޭނަ ދެކެ ރުޅި އަންނާނެ ހެއްޔެވެ؟ އޭނައަށް ދެން ބަތޫލްއާއި ކުރިމަތިލާކަށް ވެސް ނުކެރޭނެއެވެ.
''ބަލަ ޝުޖާ ހިތްހަމަނުޖެހެންވީ ސަބަބެއް މަންމައަކަށް ނޭގުނު، ޝުޖާ ބޭނުންވާ ގޮތެއް ނޫންތަ އެއީ؟...'' މާރިޔާ ބުނެލިއެވެ. ޝުޖާއުގެ ނުރުހުމުގެ ބަސްތަކުން މާރިޔާއަށް ފުސް އަސަރުތަކެއް ކުރުވިއެވެ. އޭނަ ކުރިކަމެއް ވިއްޔާ ކުރީ ޝުޖާއުގެ އުފަލަށްޓަކައެވެ. އެކަން ޝުޖާއުއަށް ނުވިސްނެނީ ކީއްވެގެން ހެއްޔެވެ؟
''ތީ އަހަރެން އެދޭ ގޮތޭ ކޮންއިރަކުތަ މަންމަ ގާތު ބުނެވިފައިވަނީ؟...... އަހަރެން ބުނީމެއްނު ވަގުތު ދޭށޭ، އެކަމަކު މަންމަ ތިކުރިކަމަކުން އަހަންނަށް ދެން ފުރުސަތެއް ލިބޭނެ ކަމެއް ވެސް ނޭގޭ...'' ޝުޖާއު އިތުރަށް އެތާގައި މަޑުކުރުމެއް ނެތި ދާން ހިނގަތީ ހަރުކޮށެވެ. އެވަގުތު އަނާން ވެސް ނުރުހުމާއެކު އެއްޗެއް ބުނެލުމަށްފަހު ޝުޖާއުގެ ފަހަތުން ދާން ހިނގައިގަތެވެ. ވެދިޔަ ކަންތަކުން ހިތްހަމަނުޖެހިފައި އިން ނޫހު ވާހަކަދައްކަން ފެށީ ދެނެވެ. އޭނަގެ އަޑުގައި ރުޅިވެރިކަން ވިއެވެ.
''އަހަރެން ފަހަރެއްގައި ވެސް ހިޔެއް ނުކުރަން މާރިޔަ އެހެން ކަންތައް ކޮށްފާނެ ކަމަކަށް... އެވަރުގެ ފިޔަވަޅެއް އެޅިއިރު އެންމެ ފަހަރަކު ވެސް މީހެއްގެ ލަފާ ހޯދިއްޔާ ކީއްތަވާނީ؟... މާރިޔާ ތިކުރި ކަންތަކުގެ ނަތީޖާ ނުކުމެދާނެ ގޮތަކާ މެދު ވިސްނާލިންތަ؟... ޝުޖާއު އެހުރީ ފުރާފުރިހަމަވެފައޭ، އޭނަގެ ދިރިއުޅުމުގެ ތެރެއަށް ވަދެ ކަންތަތައް އަހަރުމެން ނިންމާކަށް ނުޖެހޭނެޔޭ، އޭނައަށް ނުވާނެވަރުގެ ކަމެއް ވިއްޔާ އެހީއަށް އެދިގެން އޭނަ އަންނާނެ... މިހާރު އަހަރުމެންނާ ޝުޖާއުއާ ދެމެދު އޮތް ގުޅުން ވެސް ތިކަމާ ހުރެ އެއޮތް ހީނަރުވެގެން ދިޔައީ......'' ނޫހު ބުންޏެވެ.
*****
''ޝުޖާ، މަޑުކޮށްބަލަ...'' ލިފްޓު ކައިރިއަށް ހުއްޓި ތަކުރާރުކޮށް ލިފްޓް ގެންނަ ފިތަށް އޮބަމުން ދިޔަ ޝުޖާއުއަށް އަނާން ގޮވާލި އަޑު އިވުނެވެ. ނަމަވެސް އޭނަ ސަމާލުކަމެއް ނުދިނެވެ. ލިފްޓް އަންނަ ބާރުމިން ލަސްކަމުން އޭނަ ހުރީ އެކަމާ ވެސް ރުޅި އައިސްފައެވެ. އެންމެފަހުން ރުޅިގަދަ ވެގެން ގޮސް ފިތްބަރިއަށް ވެސް އެތިފަހަރެއް ވީއްލާލިއެވެ.
''ޝުޖާ...'' ފުރަގަހުން އައި ޝުޖާއުއާއި އަރާ ހަމަކޮށްލި އަނާން ޝުޖާއުގެ ކޮނޑުގައި އަތްބާއްވާލިއެވެ.
''ކުޑާ ދޭ، އަހަރެން މިވަގުތު ބޭނުމީ އެކަނިވެލަން...'' ޝުޖާއުގެ އަޑުގައި އަދި ވެސް ވަނީ ހިތްހަމަނުޖެހުމެވެ. އޭނަ މަސައްކަތްކުރިކަމުގައި ވިޔަސް އެއިހުސާސްތަކުގެ މައްޗަށް ގަދަވެވޭ ގޮތެއް ނުވިއެވެ. ހިތަށް އުނދަގޫކުރަމުން އައި ޚިޔާލުތަކުގެ ސަބަބުންނެވެ.
އިތުރަށް އެއްޗެއް ބުނަން އުޅެފައި އަނާންއަށް އެފުރުސަތު ނުލިބުނީ ލިފްޓް ހުޅުވުމާއެކު އަވަސްއަވަހަށް ޝުޖާއު ލިފްޓަށް އެރުމުންނެވެ. ލިފްޓްގެ ދޮރު ލެއްޕެންދެން އޭނައަށް ބަލަން ހުރެވުނެވެ. ޝުޖާއުއަށް އެހީވާން އެދެވުނު ކަމުގައި ވިޔަސް އޭނައަށް މަޖުބޫރުވީ ޝުޖާއު ބޭނުންވާ ފަދައިން އެކަނިވެލުމުގެ ފުރުސަތު ދޭށެވެ. އޭރުން ފަހަރެއްގައި ޝުޖާއުގެ ސިކުނޑިއަށް ލުޔެއް ލިބިދާނެކަމުގެ އުއްމީދާއެކުގައި ވެސް މެއެވެ.
*****
''ދަރިފުޅާ ބަތޫލް...'' އެތައް ގަޑިއިރެއް ފާއިތުވެގެން ދިޔަ އިރު ވެސް ބަތޫލްގެ ޚަބަރެއް ނުވެ ލަސްވުމުން ހިންދު ހާސްވާ ގޮތް ވިއެވެ. މިހާރު ބަތޫލްގެ ކޮޓަރީގެ ދޮރުގައި އޭނައަށް ޓަކި ދެވުނު އަދަދެއް ނޭގެއެވެ. ބަތޫލް އައިސްފައި ހުރި ރުޅިއާއި ހިތާމައިގެ ސަބަބުން ކަމެއް ކޮށްފާނެތީ އޭނަ ހުރީ ބިރުންނެވެ. އޭނަ އެހާ ވަރުން ސިއްރުކުރި ކަންތައް ބޭޒާރު ވެފައިވުމުން ހިންދު ހުރީ ޖަނާ ދެކެ އިންތިހާއަށް ރުޅިއައިސްފައެވެ. މިއަދު މިދިމާވި ކަންތަކުގެ އިލްޒާމު އޭނަ އެޅުވީ ވެސް ޖަނާގެ ބޮލުގައެވެ. އެސުންޕާ ގަނޑު އޭނަގެ ދަރިފުޅުގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލައިފި އެވެ. އެފަދަ ނުބައި އެކުވެރިޔެއްގެ ފުށުން އޭނަގެ ދަރިފުޅު ސަލާމަތްނުކުރެވުނު ކަމަށްޓަކައި އޭނަ އަމިއްލަ ނަފުސަށް އަޑު ލިއެވެ.
''ބަތޫލްް މިދޮރުހުޅުވަބަލަ، ހެނދުނު ރަގަޅަށް ސައިވެސް ނުބޮއެއްނު ތިހުރީ...'' މިފަހަރު ތަންކޮޅެއް ބާރަށް ދޮރުގައި ޓަކިދެމުން ހިންދު ވާހަކަދެއްކިއެވެ. އެންމެފަހުން ނާކާމިޔާބުވުމުން ހިންދު ހިނގައިގަތީ އޭނަގެ ކޮޓަރި އަށެވެ. އަދި އޭގެ އިރުކޮޅެއް ފަހުން ނިކުމެގެން އައީ ތަޅުދަނޑި ފައްޗެއް ހިފައިގެންނެވެ. ފަތީގައި އަމުނާފައި ހުރި ތަޅުދަނޑިތަކުން ތަޅުދަނޑިއެއް ނަގައި ތަޅަށް ކޮއްޕާލުމަށްފަހު އަނބުރާލުމާއެކު ދޮރު ހުޅުވުނެވެ. ތެޅިތެޅި އޮތް ހިތަކާއެކު ހިންދު އެތެރެއަށްވަނީ ހިތަށް ކުޅަދާނަ ނުވާނެ ފަދަ މަންޒަރެއް ނުފެނުމަށް އެދި ހިތާހިތާ ދުޢާކުރާ ހާލުގައެވެ.
އެނދުގައި ބަނޑުވަތަށް އޮށޯވެލައިގައި ބާލީސްތަކުގެ ތެރޭގައި ނިވާވެގެން އޮތް ބަތޫލް ފެނި އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. އަވަސް ފިޔަވަޅުތަކެއްގައި ގޮސް އެނދާއި އަރާހަމަކުރަމުން އެނދުގެ މަގަތުގައި އޭނަ އިށީނެވެ. ބަތޫލްގެ ހަށިގަނޑަށް އަންނަމުން ދިޔަ ލޮޅުންތަކާއެކު ގިސްލަނީކަން ހިންދުއަށް ނަގައިގަނެވުނެވެ. ބާލީސްތަކުގެ ތެރޭން ފޭދިގެން ހިތްތަކަށް ތަދުކުރުވާނެ ފަދަ އަޑެއް ވެސް އިވެއެވެ.
''ބަތޫލް...'' ބާލީސްތައް ދުރުކޮށްލަން އުޅުމާއެކު ކުރިއަށްވުރެ ބާރަށް ބަތޫލް ބާލީހުގައި ހިފެހެއްޓިއެވެ. އެވަގުތު އޭނަގެ ރުއިމުގެ އަޑު އިހުނަށްވުރެ ފުން ވެއްޖެއެވެ.
''ދެން ތިރުއިން ހުއްޓާލަން ވެއްޖެއެއްނު، ބަލަ އަހަރެންމީ ބަތޫލްގެ މަންމައޭ، ބަތޫލްއަށް ދެރައެއް ލިބޭފަދަ ކަމެއް މި މަންމަ ނުކުރާނެކަން ހަނދާނުގައި ބަހައްޓަން ވެއްޖެއެެއްނު...'' އެންމެފަހުން ހިންދު ގާތަށް ރުޅި އައެވެ. ބަތޫލްއަށް ނުވިސްނިގެން އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނަ އެމަސައްކަތް ކުރަނީ ބަތޫލްއަށް ރަގަޅު މުސްތަޤުބަލެއް ހޯދައި ދޭށެވެ.
''ދެރައެއް ދޭން ބޭނުމެއްނުވެއޭ ބުނާއިރު މަންމަ އެފަދައިން ކަންތައް ކުރީ ކީއްވެތަ؟...'' ކުއްލިއަކަށް މޫނާއި ބާލީސްތައް ދުރުކޮށްލަމުން ބަތޫލް ހިންދުއަށް ބަލާލިއެވެ. އެލޮލުގައިވި ރަތްކަމާއި ކަރުނަތަކުން އިރުކޮޅަކަށް ނަމަވެސް ހިންދުގެ ދުލުން ލަފުޒުތައް ހުސްވިކަހަލައެވެ. ހިމޭންކަމާއެކު ބަލަން އިދެވުނީ އެހެން ވެއެވެ. އޭނައަށް ބަތޫލް މާނަ ކުރަން އުޅެނީ ކޮންކަމެއްކަން ވެސް ވިސްނުނެވެ.
''ބަތޫލް...'' ހިންދުގެ އަޑުގައި މިހާރު ވަނީ މަޑުމައިތިރިކަމެވެ. ރުޅިއާއި ހަރުކަށިކަން އިސްކޮށްގެން އެއްވެސް ކަމެއް ހާސިލުނުވާނެކަން އޭނައަށް ވިސްނުނީއެވެ. އޯގާތެރިކަން އިސްކުރަން އޭނަ ގަސްދުކުރީ ދެނެވެ. ބަތޫލް އެވަނީ ވަރަށް ވެސް ނާޒުކު ހާލަތެއްގައެވެ. ފަރުވާތެރި ނުވެވިއްޖެނަމަ މުޅި އުމުރަށް އެދަރިފުޅު ގެއްލިދާނެކަމުގެ ބިރު އެބައޮތެވެ.
''ދަރިފުޅަށް އަދި ވިސްނޭނެ ފަހުން މަންމަ މި ބުނަނީ ތެދެއްކަން...'' ބަތޫލްގެ ބޮލުގައި ހިންދު ފިރުމާލަން އުޅުމާއެކު ހިންދުއާއި ދުރަށް ބަތޫލް ޖެހިލިއެވެ. އެއާއެކު އޭނަގެ އަތްގެނެސް ހިންދު އުނގުގައި ބާއްވާލިއެވެ.
''އަހަރެން މަންމައަށް ހާދަ އިތުބާރެއް ކުރީމޭ... ކީއްވެތަ މަންމަ އެފަދައިން ކަންތައް ކުރީ؟... އަހަރެންގެ އުފާތަކަށް ބައްޕަ އިސްކަން ނުދިނަސް މަންމަ އެކަމަށް އަހައްމިއްޔަތުކަން ދޭނެކަމަށް ހީކުރިން...... ކީއްވެތަ މަންމަ އަހަރެންގެ އުފަލަށް ހުރަސް ތިއަޅަނީ؟... ގަދަ މަޖުބޫރުން ޝުޖާއުއައި ކައިވެނި ކުރެވުނަސް އަހަންނަށް ދުވަހަކު އުފަލެއް ނުލިބޭނެ، އިތުރު ހިތާމާއި ވޭން އަހަންނަށް ލިބޭނީ... މަންމާ، ހެޔޮނުވާނެ، ބައްޕައާއި ވާހަކަދައްކަބަލަ، މަންމަ ބުނާ އެއްޗެއް ބައްޕަ އަޑު އަހާނެޔޭ...'' ދެފައި ވަށްކޮށްލަމުން އެނދުގައި އިށީން ބަތޫލް ދެއަތްތިލަ ޖޯޑުކޮށްލުމާއެކު އާދޭސްކުރަން ފެށިއެވެ.
''ބަތޫލް ދެކެ ޝުޖާއު ލޯބިވެޔޭ... އެކުގައި އުޅެން ފެށުމުން ހުރިހާ ކަމެއް ބަދަލުވާނެ...'' ބަތޫލްގެ އާދޭސްތަކަށް ބީރުކަންފަތެއް ދެމުން ހިންދު ބުނެލިއެވެ. އޭގެ ސަބަބުން ބަތޫލްއަށް އިތުރަށް ރޮވުނީއެވެ.
''މަންމާ...'' ތުރުތުރުއަޅަމުން އައި އަޑަކުން ބަތޫލްއަށް ބުނެވުނެވެ. ބާރަށް ގިސްލެވިދާނެތީ ބަތޫލްއަށް ތުންފަތުގައި ދަތްއަޅާބާރުކޮށްލެވުނެވެ. އޭނަގެ އިހުސާސްތަކަށް މަންމަ ޤަދަރުނުކުރާނެކަން އޭނައަށް ވިސްނުނެވެ. އެހެންނޫންނަމަ އޭނައާއި އަޒްޔާން ވަކިނުކުރީސްކަން ކަށަވަރެވެ.
''މަންމަ ކީއްވެތަ އަޒްޔާންދެކެ ރުޅިއަންނަނީ؟، އަޒްޔާންއަކީ މޮޅަށް ކިޔަވަައިގެން ހުރި ރަގަޅު ވަޒީފާއެއްގައި އުޅޭ ހަރުދަނާ ޒުވާނެއް، އަހަރެންގެ ހުރިހާ ކަމެއް ފުއްދައިދީ އުފަލުގައި ގެންގުޅުމުގެ ޤާބިލުކަން ލިބިފައިވޭ...'' ކަރުނަތަކާ ހަނގުރާމަކުރަމުން ބަތޫލް ބުނެލިއެވެ.
''އެއީ ރަގަޅު ޢާއިލާއަކުން އައިސްފައި ހުރި މީހެއް ނޫނޭ، އެމީހުނާ އަހަރުމެންނާ ހުރި ފަރަގާ މެދު ނިކަން ވިސްނާލަބަ...'' ހިންދު ރައްދުދިނެވެ.
''މަންމައާއި ބައްޕަ ކިތަންމެ މަޖުބޫރެއް ކުރިޔަސް އަހަރެން އަޒްޔާން ނޫން މީހަކާ ކައިވެންޏެއް ނުކުރާނަން...... ވަރިހަމަ ޢާއިލާ ދޫކޮށްދާން ޖެހުނަސް އަހަރެން އިންނާނީ ހަމައެކަނި އަޒްޔާނާ... އަހަރެންގެ މިނިންމުމެއް ބަދަލެއް ނުވާނެ، އަނިޔާ ކުރިޔަސް ހެޔޮ...'' ރޮވިފައިވާ އަޑަކުން ބަތޫލް ބުނެލިއެވެ. އެއާއެކު ހިންދު ގާތަށް ރުޅިއައެވެ. ބަތޫލްއާ ދިމާއަށް އަޑުލުމަށްފަހު އޭނަ ކޮޓަރިން ނިކުންނަން ހިނގައިގަތީ ރުޅިއައިސްފައި ހުރެއެވެ.