ބަތޫލްގެ ހާލުފެނި ޖައުފަރަށް ކުރުވި ފުންއަސަރުތަކާއެކު އޭނަގެ ލޮލުން ކަރުނައިގެ ދިލަކަން ފާޅުވާން ފެށިއެވެ. ހަރުކަށިކަން އޭނަ އިސްކުރަނީ އެފަދަ ޖަޒުބާތުތައް ރުޅިވެރިކަމުގެ ހޫނުގެ ނިވަލުގައި ފަރުދާކުރުމަށެވެ. އޭނަގެ ބަލިފަޔަކީ ކޮބައިކަން އެއްވެސް މީހަކަށް އަންގަން ބޭނުން ނުވާތީއެވެ. އެހެންނޫންނަމަ އޭނަގެ ދުޝްމަނުންނަށް އޭނައާ ހަމައަށް ވާސިލުވެ ގެއްލުންދޭނެ ގޮތްތައް އިހުނަށްވުރެ ފަހިވެގެންދާނެއެވެ. ފަހަރެއްގައި ވެސް އެފަދައިން ކަންތަކަށް ވާކަށް އެނަ ނޭދެއެވެ. ބަތޫލްއަށް ދެރައެއް ލިބުން ވެގެންދާނީ އޭނަގެ ލަނގޮޑިއަށް ލިބޭނެ އެންމެ ބޮޑު ކެކުޅުމަށެވެ. އެދަރިފުޅު ދުނިޔޭގެ ހުރިހާ ހިތާމަތަކުން ރައްކާތެރިކޮށްދީ ހިމާޔަތް ދިނުން އެއީ އޭނަގެ ވާޖިބެކެވެ.
ޖައުފަރު ފުންނޭވާއެއް ދޫކޮށްލީ އެވަގުތު އޭނަގެ ހިތުގައި އުތުރިއަރަމުން އައި އިހުސާސްތަކުގެ މައްޗަށް ގަދަވެގަތުމުގެ ނިޔަތުގައެވެ.
''އަހަރެންގެ ނިންމުމެއް ބަދަލެއް ނުވާނެ... އެކައްޗެއް ކިތައްފަހަރު ބުނީމަތަ ބަތޫލްއަށް އަޑުއިވޭނީ!؟...'' ޖައުފަރު ބާރަށް ހަޅޭއްލަވައިގަތް ހިނދު އޭނަގެ ކަރުގެ ނާރުތައް ވެސް ފުއްޕާލާފައި ވިއެވެ. އޭނަގެ އަޑުގައި ރުޅީގެ ސަބަބުން މަޑު ތުރުތުރުލުމެއްގެ އަސަރު ވެސް ވިއެވެ. އެއަޑަށް ބަތޫލްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ލިބުނު ސިހުމެއްގެ ސަބަބުންނެވެ. މެޔަށް ފޭދުނު ތޫނު ތަދާއެކު ވޭނީ އާހެއްގެ އަޑު އޭނަގެ ދުލުން ބޭރުވެގެން އައީ ލޮލުގައި ބޮޑިވެގަތް ކަރުނަތައް އޭގެ މަގާމު ދޫކޮށްލި ވަގުތުކޮޅުގައެވެ. ހިތާމަވެރިކަމުގެ ތޫފާނުގައި ހަފުސްވަމުން އައި ބަތޫލްއަށް މީހަކު އޭނަގެ ކޮނޑުގައި އަތްބާއްވާލިކަމުގެ އިހުސާސްކުރެވުމާއެކު ސިހޭގޮތް ވިއެވެ. ގާތުގައި ހުރީ ޝުޖާއުކަން ބަތޫލްއަށް އެނގުންވީ ވެސް ދެނެވެ. ތުރުތުރެއް އުފެދިފައިވި ތުންފަތް އެއްޗެއް ބުނުމަށް ބަތޫލް ހަރަކާތްކޮށްލިކަމުގައި ވިޔަސް އޭނަގެ ހަށިގަނޑު އެކަމަށް އެއްބާރުލުމެއް ނުދިނެވެ.
ވޭނުން ފުރިގެންވި ބަތޫލްގެ ނަޒަރު އަމާޒުވި ހިނދު މޭގެތެރޭގައި ހިތް އޮވެ ގެނބުނު ފަދަ އިހުސާސެއް ޝުޖާއުއަށް ކުރެވުނެވެ. އޭނަ ދެކެން ބޭނުންނުވާ މަންޒަރުތައް ލޯކުރިމަތިން ސިފަވަމުން ދާތީއެވެ. ބަތޫލްގެ ކަރުނަތައް ފޮހެލަދޭން އަތް އުފުއްލާލަން އުޅުނު ހިނދު އޭނަ ހުރި މަޤާމު ހަނދާން ވިއެވެ. އޭނައަށް އެހައިސިއްޔަތު ލިބިގެން ނުވާކަން ވެސް މެއެވެ. އެއާއެކު ހިތާއި ދެކޮޅަށް ވެސް ޝުޖާއުއަށް ޖެހުނީ ހިތުގައި އޮތް އެއެދުމާއި ދެކޮޅުހަދާށެވެ.
''އަންކަލް، ތީ ރަގަޅު ވިސްނުމެއް ނޫން!...'' ކުރިއަށް ޖެހިލުމަށްފަހު ޝުޖާއު މިފަހަރު ވެސް މަސައްކަތްކުރީ ޖައުފަރުގެ ނިންމުން ބަދަލުކުރެވޭތޯއެވެ. އޭރު އޭނަގެ ހިތުގައި އެތައް ސަތޭކަ ސުވާލެއް އުފެދިފައި ވިއެވެ. އަޒްޔާން ދެކެ ޖައުފަރު ނުރުހޭ ސަބަބާއި ކުރާ ނަފުރަތުގެ ފަހަތުގައިވި ހަޤީޤަތް ހޯދަން އޭނަ ހުރީ ބޭނުން ވެފައެވެ. ޖައުފަރު އެދައްކާ އުޒުރުތަކާއި ބަހަނާތަކުގައި ސިކުޑިއަށް ނަގައިނުގަނެވޭނެކަންތައް އެކުލެވިފައި ވާތީއެވެ. އެހުރިހާކަމެއްގެ ފަހަތުގައި ބޮޑު ސިއްރެއް ފޮރުވިފައި އޮތްހެން ހީވާތީއާއެކު ވެސް މެއެވެ.
''ޝުޖާއުއާ ބެހޭކަމެއް ނޫން މީ... މިކަމުގެ ތެރެއަށް ޝުޖާއު ވަންނާކަށް ނުޖެހޭނެ!...'' ޝަހާދަތްއިނގިލި ޝުޖާއުއާއި ދިމާއަށް ދިއްކޮށްލަމުން ޖައުފަރު އިންޒާރެއް ދިނެވެ. އޭނަ ހުރީ ވަރަށް ގަދަޔަށް ރުޅިއައިސްފައެވެ. ވަމުން ދިޔަ ހުރިހާ ކަމެއްގެ އިލްޒާމު ޝުޖާއުގެ ބޮލުގައި އަޅުވާ ކަހަލައެވެ. ''މަށަށް އެނގޭނީ މަގޭ ދަރިއަށް ހުރި ރަގަޅު ގޮތްތައް، އިތުރު މީހަކު ނުޖެހޭނެ މަށަށް ބުނެދޭކަށް!، ސާފުވެއްޖެތަ؟...''
ބަތޫލްއާ މެދު ކަންތައް ކުރެވެމުން އައި ބޭއިންސާފުވެރި ގޮތުގެ ސަބަބުން ޝުޖާއުއަށް ހިމޭނުން ހުރުންވީ ދަތި ކަމަކަށެވެ. ހިތްހަމަނުޖެހުމާއެކު އެއްޗެއް ބުނަން އަނގަހުޅުވާލި ދަނޑިވަޅުގައި ހިންދު އައިސް ޝުޖާއުގެ އަތުގައި ހިފަހައްޓަމުން ދެފަރާތަށް ބޯހޫރާލީ އިތުރަށް ޖައުފަރާއި ޖަދަލުނުކުރާށޭ ބުނާ ފަދައަކުންނެވެ. ހިންދުގެ ލޮލުގައިވި އާދޭސްތައް ފާހަގަ ކުރެވުމާއެކު އެއްފަހަރު ހިންދުއަށް އަދި ބަތޫލްއަށް ބަލާލަމުން ޝުޖާއުއަށް އެންމެ ފަހުން ޖެހުނީ ހިތާއިދެކޮޅަށް ހަތިޔާރުބަހައްޓާށެވެ. ލޯމަރާލަމުން އޭނައަށް ލޮލުގެ ކަރުނަވަޅުގައި ދެއިނގިލި ޖައްސާ ބާރުކޮށްލެވުނީ ބޮލަށް ކޮށްފައިވި ބާރަށް ކުޑަ ލުޔެއް ހޯދައިދެވޭތޯއެވެ.
''ބައްޕާ...'' މާޔޫސްވެ ގޮތްހުސްވެފައިވި އަޑަކުން ބަތޫލްއަށް ގޮވާލެވުނެވެ. އަދިވެސް އެއްފަހަރު ބައްޕައަށް ވިސްނައިދެވޭތޯ ބަތޫލް މަސައްކަތްކުރަން ފެއްޓިއެވެ. އޭނަގެ އާދޭސްތަކާއި ކަރުނަތަކުން ބައްޕަގެ ހިލަ ހިތުގައި ހަމްދަރުދީގެ ބާނީތައް އުފެއްދިދާނެކަމުގެ އުއްމީދު އެހިތުގައި އޮތްލެއް ބޮޑުކަމުންނެވެ. މައިންބަފައިންނާ ދެކޮޅަށް ކަންތައް ކުރުމަކީ ބުނާހާ ފަސޭހަކަމަކަށް ނުވާނެތީއެވެ. ކުރިން އެޚިޔާލު އޭނަގެ ހިތުގައި ބިންވަޅުނެގިފައިވި ކަމުގައި ވިޔަސް އެމީހުން އޭނައަށް ކޮށްދީފައިވާ ކަންތައްތައް ތިލަފަތުގެ މައިޒާނުގައި ކިރާލެވުނު ހިނދު އެފަދަ ފިޔަވަޅެއް އަޅަން މިހާރު އޭނަގެ ޒަމީރު އެއްބަހެއް ނުވެއެވެ. އޭނަ އަޒްޔާނާއި ކައިވެނި ކުރަން ބޭނުންވަނީ މަންމައާއި ބައްޕަގެ ރުހުމުގައެވެ. އެހެންނޫންނަމަ އޭނައަށް ބާއްޖަވެރި ޒަވާޖީހަޔާތެއް ބިނާނުކުރެވޭނެއެވެ. އެމީހުންގެ ބަދުދުޢާ ނޫން އެއްޗެއް އޭނައަށް ނުލިބޭނެތީއެވެ.
''ބައްޕަ ބުނީމެއްނު އަހަރެންގެ އުފަލަށް އިސްކަން ދޭނަމޭ، އަހަންނަށް ރަގަޅު މުސްތަޤުބަލެއް ލިބެން ވެސް ބޭނުމޭ، ދެން ކީއްވެތަ ތިހެން ކަންތައް ތިކުރަނީ؟... އަހަންނަށް ކޮންކަމެއްތަ ގޯސްކޮށް ކުރެވުނީ؟... އަޒްޔާން ހަޔާތުގެ ބައިވެރިޔަކަށް ހޮވުންތަ އަހަރެންގެ ކުށަކީ؟... މިއަދު ބައްޕަ ޖެހޭނީ އަހަރެން ކުރާ ސުވާލުތަކަށް ޖަވާބު ދޭން... ކީއްވެ ބައްޕަ އަޒްޔާން ދެކެ ހިތްހަމަނުޖެހެނީ؟... ބައްޕަ ބުނާހާ ގޯސް މީހެއްނޫނޭ އަޒްޔާނަކީ... ކީއްވެތަ ބައްޕައަށް އަހަންނަށް ފެންނަ ކަންތައް ފާހަގަ ނުކުރެވެނީ؟... އެއްފަހަރު ވެސް ހެޔޮހިތަކާއިގެން އަޒްޔާނާ ވާހަކަދައްކާލަބަލަ، އޭރުން އެނގޭނެ އަހަރެން މިހަދަނީ ދޮގުތަކެއް ނޫންކަން، އަޒްޔާން ދުވަހަކު އަހަންނަށް ދެރަގޮތެއް ނުހަދާނެ، އެއަށްވުރެ ބޮޑަށް އޭނަ އަހަރެންދެކެ ލޯބިވޭ......''
ބަތޫލްގެ އަޑު ކުރެހި އޭނަގެ ބަޑިފަޅައިގެން ގޮސް ވޭނީ އާހްތަކެއް އޭނަގެ އަރުތެރެއިން ބޭރުވެއްޖެއެވެ. ގިސްލުމުގެ އަޑު އެއާއި އެކުވިއިރު ބަތޫލްއަށް އޭނަގެ އަނގަމަތީ އަތްއަޅާލެވުނެވެ. އޭނައަށް ގަދަޔަށް ރޮވުނީ ދެނެވެ.
މަންޒަރު ބަލަން ހުރި ޖައުފަރުގެ ރުޅިވެރި ހިތަށް ބަތޫލްގެ ކަރުނަތަކުން އަސަރުނުކޮށެއް ނުދިޔައެވެ. ދަރިފުޅު ގެނެސް މޭގައި ޖައްސާލަމުން މަސަލަސްކުރެވޭތޯ މަސައްކަތްކުރަން އޭނަ ބޭނުން ވިއެވެ. އެހެނަސް ކުރިއަށް އަޅަން އުޅުނު ފިޔަވަޅުތަކުގައި ނުފެންނަ އަތަކުން އައިސް ހިފެހެއްޓިއެވެ. މާޒީގެ އަނދިރިކަން އޭނަގެ ސިކުނޑީގެ ލޯގަނޑަށް ސިފަކުރުވުމަށްފަހުގައެވެ. މިއަދު އެހިޔަނި އެދަނީ އޭނަގެ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކުރަމުންނެވެ. އެކަން ބަތޫލްއަށް ވިސްނޭނެނަމައެވެ. ބަތޫލް ކުރާ ސުވާލުތަކުގެ ޖަވާބު އޭނައަށް ދެވޭނެ ނަމައެވެ. ނަމަވެސް އެހަޤީޤަތް އެނގޭ ހިނދު ބަތޫލް އޭނަ މަތިން ފޫހިވެ ނަފުރަތުކުރަން ފައްޓާނެއެވެ. ނުވިތާކަށް އެނާޒުކު ހިތަށް އިތުރު އަނިޔާތަކެއް ވެސް ލިބޭނެކަން ގައިމެވެ.
''ބައްޕާ، އަހަރެން އާދޭސްކުރަން، އަޒްޔާނަށް އެންމެ ފުރުސަތެއްދީ... ބައްޕަގެ ނުރުހުމުގައި ކަންތައް ކުރަން އަހަންނަށް މަޖުބޫރުނުކުރޭ... އަޒްޔާން ނޫން މީހަކާއެކު އުޅޭކަށް އަހަރެން ބޭނުމެއް ނޫން......'' ބަތޫލްގެ ޖުމްލައާއެކު ޖައުފަރުގެ މޫނުގެ ކުލަވަރު ކުއްލިޔަކަށް ބަދަލުވެއްޖެއެވެ. ބަތޫލްގެ ވިސްނުން ހުރި މިސްރާބު އޭނައަށް ރޭކާލުމާއެކުގައެވެ. ބަތޫލް ބުނަން އެއުޅެނީ އޭނަގެ ނުރުހުމުގައި ވިޔަސް އަޒްޔާނާއި ކައިވެނި ކުރާނެ ވާހަކަ ހެއްޔެވެ؟ އެޚިޔާލުން ވެސް އޭނަގެ ހިތް ރޫރޫއަޅާލިއެވެ. އަޒްޔާން ކުޅެމުން އެދަނީ ކޮންފަދަ ނުބައި ކުޅިވަރެއް ހެއްޔެވެ؟ އެފިރިހެނާ އެވަނީ އޭނަގެ ލޯބިވާ ދަރިފުޅު އޭނައާ ދެކޮޅަށް ބޭނުންކުރާނެ މައި ހަތިޔާރަށް ހަދާފައެވެ. ލޯބީގެ އިހުސާސްތަކުގެ ދަލުގައި ބަތޫލް ހައްޔަރުކޮށްފައި އެވަނީ ސަލާމަތްނުވެވޭ ފަދައަކުންނެވެ. މިއީ އޭނަގެ ފަރާތުން ބަދަލުހިފުމުގެ މަރުހަލާތަކުގެ ފެށުމެވެ. ވަގުތު އޮތްވައި ފިޔަވަޅު އެޅުނުނަމަ މިދުވަސް ދެކޭކަށް ނުޖެހުނީހެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ. ވިސްނާނުލެވުމުގެ ސަބަބުން އޭނަގެ ކަރަށް މަޅި އެއޮތީ މެހި ނިމިފައެވެ. އަޒްޔާނަށް އިތުރު ގެއްލުމެއް ދޭން ރާވައި އެކަމެއް ފުރިހަމަކުރަން އުޅެފިނަމަ ބަތޫލްގެ ނުރުހުމާއި ރުޅިވެރިކަން އޭނައަށް އަމާޒުވުންނޫންކަމެއް ދެނެއް ނުވާނެއެވެ. ރިހޭފައިމައްޗަށް ފޮއިވެއްޓުނު ފަދަ އިހުސާސެއް ޖައުފަރަށް ކުރެވުނެވެ.
''ބަތޫލް ކީކެ ކިޔަންތަ ތިއުޅެނީ؟... އަހަރުމެންގެ ނުރުހުމުގައި ވެސް އޭނައާއި އިންނާނެމޭތަ؟...'' ހިންދުގެ ދެލޯބޮޑުވެފައި ވިއެވެ. އޭނަގެ މޫނުގައިވަނީ ބިރުވެރިކަމާއި ސިހުމެވެ. އޭނަ އައިސް ބަތޫލްގެ އަތުގެ މުލައްދަނޑީގައި ބާރަށް ހިފަހައްޓަމުން އޭނައާއި ކުރިމަތިވާނެހެން އަނބުރާލީ ހަށިގަނޑުގައި ހުރިއްޔާ ހުރި ހަކަތައަކާއެކުގައެވެ. އެއަމަލުން އަތަށް އެރި ތޫނު ތަދާއެކު ބަތޫލްއަށް އަޑެއްލައްވާލެވުނެވެ.
ބަތޫލް ހިމޭނުން ހުރީ އެސުވާލަށް ދޭނެ ޖަވާބަކާމެދު އޮޅުންއަރާފައި ވީތީއެވެ. ނަމަވެސް ބަތޫލްގެ ހަމަހިމޭންކަމުގެ މާނަ ހިންދުއަށް ނަގައިގަނެވުނީ މުޅިން ނުބައި ގޮތެއްގައެވެ. އެއާއެކު އޭނަ ރުޅިގަދަވެއްޖެއެވެ.
''ތީތަ ބަތޫލްއަށް އަހަރުމެންދިން ތަރުބިއްޔަތަކީ؟... ވިހުރިހާ ޤުރުބާނީއެއްގެ އަގު އަދާކޮށްދޭން އެނގުނުގޮތަކީ ތީތަ؟... ބަތޫލް ބަލާބޮޑުކޮށް ތިވަރުކުރީ މިފަދަ ދުވަހެއް ދެކޭކަށް ނޫނޭ!... އިހަށްދުވަހު ފެނުނު މީހަކަށްޓަކައި އަހަރުމެނަށް ފުރަގަސްދޭންތަ ތިއުޅެނީ؟... އެއީ ރަގަޅު މީހެއް ނަމަ އެފަދަ ނުބައި ޚިޔާލެއް ބަތޫލްއަކަށް ނުދޭނެ... ހަންދާންކުރާތި!، އަހަރުމެން ތިކަމަށް ދުވަހަކު ތާއީދެއް ނުކުރާނަން... ބަތޫލް އޭނައާ އިންނަ ދުވަހަކުން ޖެހޭނީ އަހަރުމެންގެ މަތިން ހަނދާންނައްތާލަން... އެދުވަހަށްފަހު އަހަރުމެންގެ އަންހެންދަރިއަކު އުފަންނުވާ ފަދަ ވާނެ...'' ބަތޫލްގެ ކޯތާފަތަށް އަތްތިލަ އަމާޒުކޮށްލަމުން ހިންދު ހަޅޭއްލަވައިގަތެވެ. އޭނަ ދެވަނަފަހަރަށް ވެސް އެފަދައިން ކަންތައް ކުރަން އުޅުނުތަނާ އެކަމަކަށް ހުރަސް އެޅުނީ ޝުޖާއުގެ ސަބަބުންނެވެ. މިވަގުތު އެފަދަ އަނިޔާއެއް ބަރުދާސްތުކުރާނެހާ ހަކަތައެއް ބަތޫލްގެ ހިތަކު ނުހުންނާނެކަން އޭނައަށް އެނގޭތީ ބަތޫލްއަށް ރައްކާތެރިކަން ޝުޖާއު ދިނެވެ. އޭނަ ބަތޫލްއާއި ހިންދުގެ ދެމެދުގައި ހުރީ ބަތޫލްގެ އައްޑަނައެއް ފަދައިންނެވެ.
''ޝުޖާއު ވެސް މިކަމުގައި އެއްބައިވާންތަ ތިއުޅެނީ؟...'' ހިންދުގެ އަޑު ކުރެހުނީ އޭނަގެ ލަނގޮޑިއަށް ލިބިފައިވި ޒަހަމްތަކުން ލޭއޮހޮރެން ފެށުމުންނެވެ. ބަތޫލްގެ ނިންމުމުން އޭނަ ހުރީ ހިތުގައި ޖެހިފައެވެ. ނުވަމަސް ދުވަސް ވަންދެން އޭނަ އުފުލި ބުރައާއި ވިޤުރުބާނީތަކުގެ އިތުރުން ބަތޫލްގެ ހިދުމަތުގައި އެތައް އަހަރެއް ވަންދެން ޝަކުވާ ކުރުމެއް ނެތި ހޭދަކުރި ދުވަސްތަކުގެ މަތިން ބަތޫލް ހަނދާން ނައްތާލުމުންނެވެ. އޭނަ ވާލޯތްބަށް ޤަދަރެއް ވެސް ނުކުރުމުންނެވެ.
''ބޮޑުދައިތަމެންގެ ނުރުހުމުގައި ކަމެއް ކުރަން ބަތޫލް ބޭނުމެއް ނުވޭ... އެކަމަކު މިހާރު ކަންތައްވަމުން މިދާ ގޮތުން ދުވަހަކު ރުހުން ނުލިބޭނެކަން އެބަ އިނގޭ... އެހެންވެ އިތުރު ގޮތެއް ނެތް...'' ޝުޖާއު ހާމަކޮށްލިއެވެ. ލިބުނު ހައިރާންކަމާއެކު ހިންދުގެ ދެލޯބޮޑުވެ ގަނޑުވެފައި ހުރެވުނެވެ. އޭނައަށް ސިހުމެއްލިބުނީ ލޮލުން ވެއްޓުނު ކަރުނައިގެ ފިނިކަން އިހުސާސް ވުމުންނެވެ. އެކުވެރިޔަކަށްވެހުރެ ޝުޖާއު ބަތޫލްއަށް އެދެނީ ކޮންފަދަ ނުބައި ޚިޔާލުތަކެއް ހެއްޔެވެ؟ އޭގެ ސަބަބުން ބަތޫލްގެ ވިސްނުން އެވަނީ ކިލަނބުވެފައެވެ.
''ޝުޖާއު!...'' ހަރުއަޑުން ހިންދުއަށް ގޮވާލެވުނެވެ. އެވަގުތު ޖައުފަރުގެ އަޑުވެސް އިވުނެވެ. އެއަޑުގައިވި ނުރައްކާތެރިކަމުން ޝޮކެއްގައިވި ބަތޫލްއަށް ތެޅިގަނެވުނެވެ. ލިބިފައިވާ ކެކުޅުންތައް މަތިން އިރުކޮޅަކަށް އޭނަ ހަނދާން ނެތުނެވެ. ބައްޕަ އައިސްފައި ހުރި ރުޅީގައި ޝުޖާއުއަށް އަނިޔާއެއް ދީފާނެތީ ބަތޫލް ހުރީ ބިރުގެންފައެވެ. އޭރުން ޢާއިލާ ތެރޭގައި ބޮޑު މައްސަލަގަނޑެއް ހިލިގެންދާނެއެވެ.
''މިހުރިހާ ކަމަކީ ކަލޭ!!! ކަލޭ އެމީހަކު ތަޢާރަފު ނުކުރިނަމަ މިދުވަސް ދެކޭކަށް ނުޖެހުނީސް!!!...'' ޖައުފަރު ބާރަށް ހަޅޭއްލަވައިގަތެވެ. އަދި ދިގުު ފިޔަވަޅުތަކެއްގައި ޝުޖާއުއާ ދިމާއަށް ހިނގައިގެންފިއެވެ. ހަދާނެ ގޮތް ހުސްވެެ ހާސްކަމެއްގެ ތެރޭގައިވި ބަތޫލްއަށް ބައްޕާއޭ ކިޔައި ގޮވާލެވުނެވެ. ބަތޫލްއަށް ޝުޖާއުގެ ދިފާޢުގައި ކަމެއް ނުކުރެވެނީސް ޖައުފަރު އައިސް ޝުޖާއުގެ ގަމީހުގެ ގިރުވާނުގައި ހިފާ ލުއްކެއް ޖަހައިފިއެވެ.
''ކަލޭއާއި ކަލޭގެ އެކުވެރިޔާ ވެގެން ކުރާ ކަންތައްމީ!!!...'' ދަތްތަކަށް ބާރުލަމުން ޖައުފަރު އިއްވާލިއެވެ. އެވަގުތު ބަތޫލްއާއި ހިންދު ވެސް ޖައުފަރު ކޮށްފާނެކަމަކާ މެދު ހާސްވެ ފިކުރުބޮޑުވެފައި ތިއްބެވެ. ޖާނުން ވަރުގަދަ ފިރިހެނެއްގެ ބާރުގެ ކުރިމަތީގައި އެމީހުނަށް ކަމެއް ނުކުރެވޭނެތީއެވެ.
''ޖައުފަރު އޭނަ ގައިން ދޫކޮށްލާ...'' ޖައުފަރުގެ އަތުގައި ހިފަހައްޓަމުން ހިންދު އާދޭސްކުރިއެވެ. އެއާއެކު ޖައުފަރު ހިންދުގެ އަތް ފޮޅުވާލަމުން ބަލާލީ ނުރައްކާތެރި ގޮތަކަށެވެ. ލިބުނު ސިހުންވެރިކަމާއެކު ހިންދުއަށް އިތުރުކަމެއްކުރާކަށް ނުކެރުނެވެ. އޭނައަށް ފަހަތަށް ދެތިން ފިޔަވަޅު އަޅާލެވުނީ ޖައުފަރުގެ ދެލޮލުގައިވި އިންޒާރުތަކުންނެވެ.
''ބައްޕާ، މިކަމުގައި ޝުޖާގެ އެއްވެސް ކުށެއް ނެތް، އެއީ އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް...'' ބަތޫލް ރޮވިފައިވާ އަޑަކުން ބުންޏެވެ. އެއާއެކު ޝުޖާއުގެ ގިރުވާނުން ދޫކޮށްލުމަށްފަހު މޭގައި އަތްއަޅާ ދުރަށް ކޮއްޕާލަމުން ޖައުފަރު ބަތޫލް ހުރި ފަޅިއަށް އެނބުރިލިއެވެ. ރުޅިން ގޮސް އޭނަ ރޫޅިދާނެހެން ވެސް ހީވެއެވެ.
''ކީކޭ؟... ބަތޫލް އޭނައާއި އިންނަ ދުވަހަކީ އަހަރެންގެ ދަރިއަކު ހުރިކަން އަހަރެން ހަނދާން ކުރާނެ އެންމެ ފަހު ދުވަސް!... ނިކަމެތިކަމެއް ޖެހިގެން ވެސް މަގޭ ގާތަށް އައިސްގެންނުވާނެ!... އެދުވަހަކުން މަ ބުނީ ކީކޭކަން ވިސްނި ރަގަޅު ފިލާވަޅެއް ލިބިފަ ހުންނާނީ!.......... ދޭ ކަލޭ ހިތުހުރި ގޮތަކަށް އުޅެން... އެންމެ މިނެޓަކަށް ވެސް ކަލޭ މީގޭގައި ބަހައްޓާކަށް އަހަރެން ނެތިން، ކަލޭ އިންނަން އުޅޭ މީހާގެ ގާތަށްދޭ... ދާށޭ ބުނީމަ ކިހިނެއް ވެފަތަ ތިހުންނަނީ؟... ކަލޭ ބޭނުންވާ ގޮތެއްނު އެއީ... ދިހަ މިނެޓް މިދެނީ... ކަލޭގެ އެއްޗެހި ހިފައިގެން މިގެއިން ނިކުމޭ!...'' އައިސްފައި ހުރި ގަދަ ރުޅީގައި ޖައުފަރު ހޭބުއްދިފިލާ ގޮސްފިއެވެ. އޭނަ ހަމަހޭގައި ހުރިނަމަ އެފަދަ ޖުމްލައެއް ބަތޫލްއަށް އަމާޒުނުކުރީހެވެ. ނަމަވެސް ހިތަށް ކޮށްފައިވާ އަސަރުތަކާއި އުފެދިފައިވި ރުޅިވެރިކަމުގެ އަލިފާނުގައި އޭނައަށް އެގޯސް ނިންމުން ނިންމިއްޖެއެވެ. ބުނެވުނު އެއްޗެއް ފަހުމު ވީހިނދު ލިބުނު ގެއްލުންތައް އޮތީ އިޢާދަ ނުކުރެވޭ ހިސާބަށް ގޮސްފައެވެ. ލޮލުގެ ހިމަކޮޅުން ކަރުނަތިއްކެއް ފާޅުވި ހިނދު އޭނަ ބަތޫލްއަށް ފުރަގަސްދިނެވެ. އޭރު އޭނަގެ ކަންފަތުގައި އޭނަގެ ޖުމްލަ ތަކުރާރުވަމުން ދިޔަ އެވެ. އެޖުމްލަ އަނބުރާ ގެނެވޭނެނަމައެވެ. ބަތޫލްއާ އެފަދަ ބަސްކޮށާރަކުން މުހާތަބު ނުކުރެވުނު ނަމައެވެ. އެހެނަސް ބުނެވުނު އެއްޗަކީ އަނބުރާ ގެނެވޭނެ އެއްޗެއް ނޫނެވެ.
ހުއްޓުން އަރާފައި ހުރި ބަތޫލްއަށް ވޭނީ ގިސްލުމަކާއެކު ރޮވިއްޖެއެވެ. ބައްޕައާއި މަންމަ ބުނި ކޮންމެ ލަފުޒެއް ލޭއޮހޮރިފައިވި އޭނަގެ ހިތުގައި ދިޔައީ ފުން ޅިޔަތަކެއް އަޅުވާލާފައެވެ. އެއާއެކު އުފެދުނު ތޫނު ރިހުމާއެކު ބަތޫލްއަށް ކޮޅަށް ހުންނާނެ ހިތްވަރެއް ވެސް ނުލިބުނެވެ. އޭނަގެ ކަކުލުހުޅުން ވާގި ދޫވުމާއެކު ޓައިލްސްތަކުގެ މައްޗަށް ތިރިވެވުނީ އަޑުންއަޑުނަގާފައި ރޮމުންރޮމުންނެވެ. އޭނަގެ މޭގައި އުފެދިފައިވި ރިހުން ފާއިތުވާކޮންމެ ސިކުންތަކާއެކު ގަދަވެ ބަރުދާސްތުކުރުން އުނދަގުވާހާ ވިއެވެ. އޭރު ނޭވާގެ ހިނގުމަށް ބުރުއަރާފައިވިއެވެ. ކަންފަތުގައި ތަކުރާރުވަމުން އައި ކޮންމެ ލަފުޒެއް އޭނަ އިތުރަށް ރޮއްވާލުމުގައި ކާމިޔާބު ހޯދިއެވެ. ބޭރުފުށުން ފެންނަން ނެތް އަނިޔާތެއްގައި ބަތޫލް މުޅިން ބަލިކަށިވިއެވެ. ފަހަރެއްގައި ވެސް މިފަދަ ދުވަހެއް ދެކެން ޖެހިދާނެކަމަކަށް އޭނައަށް ތަސައްވަރު ވެސް ކުރެވިފައި ނެތެވެ. އޭނަ އުއްމީދުކުރީ ބައްޕަ އޭނަގެ އާދޭސްތައް އަޑުއަހާނެކަމަށެވެ. އޭނަގެ އިހުސާސްތަކަށް ޤަދަރުކުރާނެކަމަށެވެ. އެހެނަސް ކަންތައް ވެގެން މިދިޔައީ އޭނަ ހިތަށް ތަސްވީރު ވެސް ކޮށްފައިނުވާ ގޮތަކަށެވެ.
ބަތޫލް ރޮމުން ދިޔަ އިރު އެހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދިފައި ވިއެވެ. ޝުޖާއުއަށް އަވަސްއަވަހަށް ބަތޫލް ގާތަށް ޖެހިލެވުނެވެ. އަދި ކުރުފައި މައްޗަށް ތިރިވެލަމުން ބަތޫލްގެ ކޮނޑުގައި ދެއަތް ބާއްވާލިއެވެ. ބަތޫލްއަށް ޝުޖާއުގެ އަތުގެ އިހުސާސްކުރެވުނުކަމުގައި ވިޔަސް އިސްއުފުލާ ބަލައިލާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. އެހެން ހުންނަތާ އިރުކޮޅެއްވީ ފަހުން ބަތޫލްގެ ލޮލުން އޮހޮރެމުން އައި ކަރުނަތަށް ޝުޖާއު ފޮހެލަދިނެވެ. ޖައުފަރުގެ ފަރާތުން ފެނުނު ހަރުކަށިކަމުން އޭނައަށް ވެސް ވަނީ ޝޮކެއް ލިބިފައެވެ. ބަތޫލްގެ ހިތަށް ކުރުވާނެ ވޭނީއަސަރު އޭނައަށް އިހުސާސްކުރެވޭ ކަހަލައެވެ. ބަތޫލް ގާތުގައި އެހިތާމައިގައި ބައިވެރިވާން އޭނަ ބޭނުންވީ އެހެންވެއެވެ.
''ބައްޕަ ބޭނުންވަނީ އަހަރެން މިގެއިން ނިކުމެގެންދާންކަމުގައި ވަނީނަމަ އަހަރެން އެފަދައިން ކަންތައްކޮށްދޭނަން... ބައްޕަ ނުފެންނަ ހިސާބަކަށް ވެސް އަހަރެން ގޮސްދާނަން......'' ގިސްލެވެމުން ދިޔަ ބަތޫލަށް ވާހަކަދެއްކުންވީ ނުހަނު އުނދަގޫ ކަމަކަށެވެ. ހަމައެއާއެކު އެއީ ބުނަން އޭނައަށް ނުހަނު އުނދަގޫވި ޖުމްލައެކެވެ.
''ރަގަޅު، އަހަރެން ނެތިން ކަލޭ ހުއްޓުވާކަށް، އޭނަ ގާތަށް ގޮސް ކަލޭގެ މިނިވަންކަމުގައި އުޅޭ......''
ޖައުފަރަށް އޭނަގެ ދެލޯމަރާލެވުނީ އަސަރާއެކުގައެވެ. އޭނަގެ މޭގައި އޭރު ވަނީ ބަޔާންކުރަން ދަތި ހައިޖާންގަނޑެއް އުފެދިފައެވެ. އޭނަ ބަތޫލްއަށް ފުރަގަސްދީގެން ހުރީ ވެސް އެސަބަބާ ހުރެއެވެ. އެހެންނޫންނަމަ އޭނަގެ އިހުސާސްތައް ބޭޒާރުވެދާނެއެވެ. ދެން ވެސް އޭނަގެ ހަރުކަށިކަން އިސްލާހުކުރާކަށް އޭނަގެ ސިކުނޑި އެއްބަހެއް ނުވިއެވެ. ބަތޫލްގެ ނިންމުގެ ސަބަބުންނެވެ. ބަތޫލްއަށް އެމީހުން މުހިންމެއް ނުވިއެވެ. ހުރިހާ އެންމެނަށް ވުރެ ބަތޫލްއަށް މުހިންމުވެފައިވީ އަޒްޔާނެވެ. އަމިއްލަ މައިންބަފައިން ވެސް ދޫކޮށްފައި އެފިރިހެނާގެ ގާތަށް ދާން ބަތޫލް އެހުރީ ތައްޔާރަށެވެ. އެކަމުގައި އޭނައަށް ކުރެވޭނެ އިތުރުކަމެއް ވެސް ނެތެވެ. އަޒްޔާނަށް ފިއްތުންތަކެއް ކުރިމަތިކުރުވައިފިނަމަ ބަތޫލްގެ ނަފްރަތު ނޫން އެއްޗެއް އޭނައަށް އަމާޒެއް ނުވާނެއެވެ. އަޒްޔާން ބާޒީ އަތުރާލާފައިވަނީ ހުރިހާ ގޮތަކުން ވެސް އޭނައަށް ކާމިޔާބު ލިބޭނެ ގޮތަށެވެ. ދުރާލައި މިކަންތަކަށް ފިޔަވަޅު އެޅުނުނަމަ މިއަދު މިހެން ކަންތައް ނުވީހެވެ. ލޯބިވާ ދަރިފުޅު ބީނުވީހެވެ. ކުރާނެ ކަމެއް ނެތެވެ. ވަގުތު އެވަނީ ފާއިތުވެ ނިމިފައެވެ. ކުރެވުނު ފާފަތަކުގެ ހިތިކަން ކަރުބުޑުގައި ފާއްދާލާފައެވެ.
''ޖައުފަރު...'' މިހުރިހާ އިރު އެއްޗެއް ނުބުނެ ހިމޭނުން ހުރި ހިންދުއަށް ތެޅިގަނެވުނީ ޝުޖާއުގެ އެހީގައި ތެދުވުނު ބަތޫލް ފެނިފައެވެ. އޭނަ މީގެ އިރުކޮޅެއްކުރިން ބަތޫލްއާއި ހަރުކަށިކޮށް ވާހަކަދެއްކިކަމުގައި ވިޔަސް އެދަރިފުޅު އޭނަގެ ލޯމަތިން ގެއްލިގެންދާކަށް ބޭނުމެއް ނުވިއެވެ. ޖައުފަރުގެ ނިންމުމާހެދި އޭނައަށް ވަނީ ޝޮކެއް ލިބިފައެވެ. އެފަދަ ތާކުންތާކު ނުޖެހޭ ފިޔަވަޅެއް ޖައުފަރު އެޅީ ކީއްވެގެން ހެއްޔެވެ؟ އޭގެ ސަބަބުން އެމީހުނަށް ލިބޭނީ އިތުރު ހިތާމަތަކެއްކަން ނުވިސްނުނީ ކީއްވެ ހެއްޔެވެ؟ އަޒްޔާންގެ ގާތަށް ބަތޫލް ދާކަށް އޭނަގެ ހިތެއް ނުރުހޭނެއެވެ.
''ޖައުފަރު، ތީ ކޮންކަހަލަ ނިންމުމެއްތަ؟... އެންމެ ފަހަރަކު ވެސް ވިސްނާލަބަަލަ، އެފިރިހެނާގެ ގާތަށް ދިއުމަށް ބުނިއިރު ޖައުފަރެއް ނޫންތަ ބުނީ އެއީ ރަގަޅު މީހެއް ނޫނޭ، ދެން ކީއްވެ ތިހެން ކަންތައް ތިކުރަނީ؟... ހޮޔެނުވާނެ ބަތޫލް ހުއްޓުވާ... މަގޭ ދަރި...'' ޖައުފަރުގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ހިންދު އާދޭސްކުރަން ފެށިއެވެ. އެއާއެކު ގެނައި ކުއްލި ހަރަކާތާއެކު ޖައުފަރު ހިންދުގެ އަތް ފޮޅުވާލިއެވެ.
''އޭނަ ކުރަން ބޭނުންކަމެއް ކުރަން ދޫކޮށްލާ، ފަހުން ވިސްނިގެން އަންނާނެ އަހަރުމެންގާތަށް، އޭރަށް މިގޭގެ ދޮރު ހުންނާނީ އަބަދުގެ އަބަދަށްޓަކައި އޭނައަށް ބަންދުވެފައި... އޭނަ ގާތު ބުނޭ އެފިރިހެނާ ގާތު ބުނާށޭ އޭނައަށް ކޮންމެ ކަމެއް ވިޔަސް މަގޭ ހިތަށް އަސަރެއް ނުކުރާނެޔޭ!، މިހާރުން ފެށިގެން އެއީ މަގޭ ދަރިއެއް ނޫނޭ... އޭނަ މަރުވިޔަސް މަށަށް ވަރިހަމައޭ... ހިންދު ވެސް އޭނަ ހުއްޓުވައިގެން ނުވާނެ!!!... އޭނައަށް ވާގިދޭން ހުރި މީހާއާއެކު އޭނަ ނިކިމުގެންދަންދެން އެއްވެސް އެއްޗެއް ބުނެގެންނުވާނެ!!!...'' އިންޒާރުގެ ނަޒަރަކުން ހިންދުއަށް ބަލާލުމަށްފަހު ހަރުއަޑުން ޖައުފަރު ވާހަކަދެއްކީ ބަތޫލްއަށް އަޑުއިއްވުމުގެ ނިޔަތުގައެވެ. ޝުޖާއުގެ އެހީގައި ކޮޓަރިއަށް ދިޔަ ބަތޫލްއަށް އެއަޑު އިވިފައި އިތުރަށް ރޮވުނެވެ. ބަތޫލް ގެނެސް އަތުލިފައިކޮށްލަމުން ނުރުއިމަށް ޝުޖާއު އެދުނެވެ. ބަތޫލް ހިތާމައިގައިވާތަން ފެނި އޭނަގެ ލޮލުން ކަރުނައިގެ ދިލަކަން ފާޅުވިއެވެ.
އިތުރަށް ލަފުޒެއްގެ މިންވަރު ވެސް ބޭރުކުރަން ހިންދު ފަސްޖެހުނީ ޖައުފަރުގެ މޫނުގައިވި ބިރުވެރި މެސެޖުތަކުންނެވެ. އަވަސްއަވަހަށް އިސްތިރިކޮށްލަމުން އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ކުރެވޭނެ އިތުރުކަމެއް ނެތުމާއެކު އޭނަގެ ހިތް މާޔޫސްކަމުން ކަޅިވެއްޖެއެވެ. އޭނަގެ މައިލަގޮނޑީގައި ވަނީ ބަޔާންކުރަން ދަތި ވޭނެއް ބިންވަޅުނެގި ނިމިފައެވެ. ބަތޫލް އޭނައަށް ދުނިއުމުރަށް ގެއްލިއްޖެކަމުގެ އުދާސްކަން އިހުސާސްކޮށްދީފައެވެ. ޖައުފަރުގެ ނިންމުން ބަދަލުނުކުރާނެކަން އެނގުނު ހިނދު އޭނައަށް އިތުރަށް ރޮވުނެވެ. އޭރު އޭނަގެ ހިތުގައި އަޒްޔާނާ މެދު ރުޅިވެރިކަން އުފެދިއްޖެއެވެ. މިހުރިހާކަމެއްގެ އަސްލާ އަޒްޔާން ގުޅުވާލެވުނެވެ. އޭނަގެ ހިތް ދުވަހަކު އެފިރިހެނާގެ މައްޗަށް ސާފެއް ނުވާނެއެވެ.
*****
ކޮޓަރިއަށް ވަދެވުމާއެކު ބަތޫލްއަށް ޝުޖާއުގެ ގައިގައި އޮޅުލައިގަނެވުނެވެ. އަދި އެމޭގައި މޫނު ފޮރުވާލުމާއެކު އޭނަގެ ބަޑިފަޅައިގެން ހިނގައްޖެއެވެ. ބަތޫލްގެ ހަށިގަނޑަށް އަންނަމުން އައި ލޮޅުންތަކުން އެހިތަށް ކޮއްފައިވާ ފުން އަސަރުތައް ތަސައްވަރުކުރެވި ޝުޖާއުގެ ހިތް ވެސް ރޮއްވާލައިފިއެވެ. ތުރުތުރެއް އުފެދިފައިވި ބަތޫލްގެ ހަށިގަނޑު ދެއަތުން ވަށާލައި ހިމާޔަތް އިހުސާސްކޮށްދެވުނީ އަމިއްލަ އިހުތިޔާރުން ބޭރުގައެވެ.
''ދެން ކިހިނެއްތަ ވާނީ؟...'' ބަތޫލްގެ ކަރުނަތަކުން ޝުޖާއުގެ ގަމީހުގެ ތަންގަނޑެއްތެމި އެކަރުނަތަކުގެ ފިނިކަން މެޔަށް ފޭދުނު ހިނދު ޝުޖާއުގެ ހިތަށް ނުބައި ގޮތެއް ވިއެވެ. އޭނަ ހުރިހާ ޤުރުބާނީތަކެއްވީ މިފަދަ ހާލަތަކުން ބަތޫލް ސަލާމަތްކޮށްދޭށެވެ. އެހެނަސް އެކަމުގައި ވެސް އޭނަ އެވަނީ ފޭލްވެފައެވެ. ބަތޫލްގެ ހިތްހަމަޖައްސާލަދޭން ބުނާނެ އެއްޗެއް ވެސް އޭނަގެ ދުލަކަށްނައެވެ.
''ޝުޖާ...'' ބަތޫލްއަށް އާދޭހުން ފުރިގެންވި އަޑަކުން ބުނެލެވުނެވެ. ހަޔާތުގައި އާދެވިފައިވާ ހަތަރުއަނގޮޅިން ކުރިއަށްދާންވީ ކޮންމަގަކުންކަމެއް އޭނައަކަށް ނޭގުނެވެ. ޝުޖާއުގެ އެހީއަށް އޭނައަށް އެދެވުނީ ވެރިވެފައި އޮތް އަނދިރިކަމުން އޭނައަށް ރަގަޅުު މަގު ދައްކައިދިނުމަށެވެ.
''ބަތޫ ދެން ނުރޮއި ހުއްޓާލަބަލަ، އެމީހުން ބަތޫ ދެކެ ލޯބިވާނަމަ އެހެންކަންތަކެއް ނުކުރީސް، އެއީ ލޯބިވާކަން އަންގައިދޭ ގޮތެއް ނޫން... އެމީހުން ބަތޫގެ އިހުސާސްތަކަށް ޤަދަރެއް ނުކުރޭ. އިރާދަކުރެއްވިއްޔާ އިތުރަށް އެމީހުންގެ އަނިޔާވެރިކަމުގައި ބަތޫ އުޅޭކަށް ނުޖެހޭނެ. ބަތޫއަށް އަޅާލާނެ މީހުން މިދުނިޔޭގައި ތިބިހާ ހިނދަކު ބަތޫ ހާލުގައި ނުޖެހޭނެ... ތިހިތާމަތަކަށް ލުޔެއް ލިބޭނެ، ބަތޫ ޖެހެނީ ކެތްތެރިވާން، މިވެސް ދުނިޔެމަތީގެ އިމްތިހާނެއް...'' އޯގާތެރިކަމުން ފުރިގެންވި އަޑަކުން ޝުޖާއު ވިސްނަައިދިނެވެ. އޭނަގެ ރާގުން ޖައުފަރުދެކެ ހިތްހަމަނުޖެހިފައިވާކަން ހާމަވެއެވެ.
''އެކަމަކު... ކިހިނެއް.... ކިހިނެއް މައިންބަފައިންގެ ރުހުމާއި ހެޔޮދުޢާތަކާ ނުލާ އަހަރެން ޒޭންއާއެކު އާހަޔާތެއް ފަށާނީ؟...'' ބަތޫލްގެ އޭނަގެ ހިތަށް އިތުރަށް ގޯނާރަމުން އައި ސުވާލު ފެންމަތިކޮށްލިއެވެ.
''ބަތޫ ތިވަރަށް ނުވިސް..........'' ޝުޖާއުއަށް އޭނަގެ ޖުމްލަ ފުރިހަމަނުކުރެވެނީ ކުއްލިޔަކަށް ކޮޓަރީގެ ދޮރުމައްޗަށް އެރި ޖައުފަރުގެ އަޑުގެ ސަބަބުންނެވެ.
''ވަގުތު ބޭކާރުނުކޮށް އަވަސްކުރޭ... އެހެންނޫނީ އަތުގަ ހިފާ ބޭރުކުރަންޖެހޭނީ، އޭރުން މާ ރަގަޅެއް ނުވާނެ!!!...'' ޖައުފަރު ހަރު އަޑުން އިއްވާލުމަށްފަހު މަޑުކުރުމެއްނެތި ދިޔަ އެވެ.
*****
ބަތޫލްއަށް އޭނަގެ އަލަމާރިމަތީ އޮތް ހެދުންއަޅާ ފޮށި ނަގައިދިނީ ޝުޖާއުއެވެ. އޭނަގެ މާޔޫސްވެފައިވި ނަޒަރު ބަތޫލްގެ މޫނުން ވައްކެއް ނުވެއެވެ. ކިތަންމެ ފަހަރު ބަތޫލްގެ ކަރުނަތައް ފޮހެލައި އެއެސްފިޔަތަކުގައި ބޮސްދޭން އޭނަގެ ހިތް އެދި ގޮވިއެވެެ. ހުރިހާ މާޔޫސްކަމަކާއި ހިތްދަތިކަމެއް މަތިން ހަނދާން ނެތެނެހާ ވަރަށް ލޯތްބާއި އުފާވެރިކަން ބަތޫލްގެ ފަސްބަޔަށް އަޅާލަން އޭނަގެ ޒަމީރު އެދިގޮވިއެވެ. އެހެނަސް...... އެހެނަސް އޭނައަށް އެހައިސިއްޔަތު ލިބިގެން ނުވާކަން ވިސްނުމާއެކު އަސަރާއެކު ލޯމަރާލަމުން ފުންނޭވާއެއް ދޫކޮށްލެވުނެވެ.
''ބަތޫ އަހަރެން ޒޭންއަށް ގުޅަންތަ؟...'' އެނދުމަތީ ހުޅުވާލެވިފައި ހުރި ފޮއްޓަށް ހެދުންތައް އަޅަމުން އައި ބަތޫލްއަށް ބަލަން ހުރެ ޝުޖާއު ބުނެލިއެވެ. އަލާމަރިން ހެދުންތަކެއް ނަގަން ދިމާކޮށްލި ބަތޫލް އެޖުމްލައާއެކު ގަނޑުވެއްޖެއެވެ.
''ނޫން... މިވަގުތަކު ނޫން... ފަހުން...'' ބަތޫލް ބޭނުންވީ މިރޭ ހިނގާދިޔަ ހުރިހާކަމެއް އަޒްޔާނަށް ސިއްރުކުރާށެވެ. އެއީ ވުން ނާދިރުކަމެއްކަން އެނގޭއިރު ވެސް މެއެވެ.
''ބަތޫއަށް އެނގެޔެއްނު މީ އަޒްޔާނަށް އެނގުން މުހިންމުކަމެއްކަން...'' ޝުޖާއު ބުންޏެވެ.
''ތިކަން އެނގެޔޭ... އެކަމަކު މިވަގުތު ޒޭން މަންމަގެ ކަންތަކާ ވަރަށް ބުރަކޮށެއްނު އުޅެނީ، އަނެއްކާ މިރޭ މިހިނގިކަންތައް އެނގިއްޖެއްޔާ ޒޭންއަށް އިތުރު ހާސްކަމެއް ލިބޭނެ... މިހުރިހާ ކަމެއް ދިމާވީ ޒޭންގެ ސަބަބުންނޭ ވެސް ބުނެފާނެ...'' ބަތޫލްގެ ހިތުގައިވި ހާސްކަން އޭނަ ޝުޖާއުއަށް ހުށަހެޅިއެވެ. މިކަންތައްގަނޑަށްފަހު އަޒްޔާން އޭނައަށް ގެއްލިދާނެތީ އޭނަ ބިރުގަތެވެ. މިއަދު އަޒްޔާން ފިޔަވައި އޭނަގެ އިތުރު މީހަކު މިދުނިޔޭގައި ނުވެއެވެ. އޭނަ ދުނިޔޭގައި ހުއްޓާ އޭނަގެ މައިންބަފައިންވަނީ އޭނަ ކަފުންކޮށް ވަޅުލައިފައެވެ. އެމީހުން ބުނިބަސްތައް ދުވަހަކު އެހިތުން ފިލައިގެން ނުދާނެއެވެ. ފަހުނޭވާއާޖެހެންދެން ވެސް އޭނަގެ ހިތަށް ތަދުކުރުވާނެއެވެ.
''ބަތޫ ދެން މިރޭ ހުންނާނީ ކޮންތާކު؟، އަހަރެންގޭގެ ގެސްޓްރޫމްގަ ބަތޫއަށް ހުރެވިދާނެ...'' ބަތޫލްއަށް އެހީވާން ޝުޖާއު ހުރީ ތައްޔާރަށެވެ.
''ނޫން، އޭރުން އިތުރު ސުވާލުތަކެއް ކުރިމަތިވާނެ، އިހަށް އަހަރެން ބޭނުން މިކަންތަކާއި ދުރުވެލަން...... އަހަރެން ދާނީ ޖަނާ ގާތަށް، އެގޭގެ އަހަންނަށް ހުރެވޭނެ...'' ބަތޫލް އިރުކޮޅެއްވަންދެން ވިސްނާލަން ހުރެފައި ބުނެލިއެވެ. އެވަގުތު އަނެއްކާވެސް ޖައުފަރު ކޮޓަރީގެ ދޮރުމައްޗަށް އަރާ ހަޅޭއްލަވައިގަތެވެ. އޭނަގެ އަމަލުތައް ހުރިގޮތުން ހީވަނީ ބަތޫލްގެ ފުށުން ސަލާމަތްނުވެގެން އުޅެނީ ހެންނެވެ. ހިތުގައި ޖެހުނު ބަތޫލް މިވަގުތަށް އޭނައަށް ޒަރޫރީ ސާމާނުތައް ފޮއްޓަށްއަޅައި ޒިބުދަމާލަމުން ފޮށީގެ އަތްގަނޑުގައި ހިފައި އުފުއްލާލަން ތައްޔާރުވެލިތަނާ ޝުޖާއު އައިސް އެމަސައްކަތް އޭނައާ ހަވާލުކުރަން އެދުމާއެކު ދެކޮޅުހެދުމެއްނެތި ފޮށީގެ އަތްގަނޑުން ބަތޫލް ދޫކޮށްލިއެވެ. އަދި ހަށިފުރާ ނޭވާއެއްލުމަށްފަހު ކޮޓަރިން ނިކުންނަން ހިނގައިގަންނަމުން ފަހު ފަހަރަށް އެކޮޓަރިއަށް ބަލާލިއެވެ. އެއާއެކު އަނެއްކާ ވެސް އެރީތި ދެލޯފެންކަޅިވެއްޖެއެވެ.