ހުއްޓުން އަރާފައި ހުރި ބަތޫލްއަށް ބަލަން ހުރި ޝުޖާއުއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނީ ބަތޫލްގެ ހިތުގައި ދައުރުވަމުން އައި އުދާސްތަކާއި ކެކުޅުންތައް އެމޫނުމަތިން އޭނައަށް ފެނި ލިބުނު މާޔޫސްކަމަކުންނެވެ. އޭނަ ކުރިއަށް ޖެހިލަމުން ބަތޫލްގެ ކޮނޑުގައި އަތްބާއްވާލީ ހިތްވަރު ދިނުމަށެވެ. މި ނާޒުކު ވަގުތުކޮޅުގައި ބަތޫލްއަށް ބޭނުންވާނެ ހަމައެކަނި އެއްޗަކީ އޭނައާއެކު ސާބިތުކަމާއެކު ވާނެ މީހުންގެ ހިތްވަރާއި އޯގާތެރިކަމެވެ. އެދައުރު އަދާކޮށްދޭން ޝުޖާއު ބޭނުން ވިއެވެ. ކަރުނައިގެ މައިދާނުގައި ބަލިކަށިނުވާން މަސައްކަތްކުރާ ހާލުގައެވެ.
''ބަތޫ...'' ޝުޖާއުގެ އަޑަށް ޚިޔާލުތަކުގެ މަޑިކިލަނބުގެ ތެރެއަށް ގެނބެމުން އައި ބަތޫލްއަށް ހަމަހޭވެރިކަން ލިބުނެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން އޭނައަށް ޝުޖާއުއަށް ބަލާލެވުނެވެ. ބައްޕަގެ ނިންމުމަށް ބޯލަނބައި ކިޔަމަންތެރިވާން މަޖުބޫރުވެފައިވިޔަސް އެފަދައިން ކަންތައް ކުރުމަށް އޭނައަށް ވަނީ އިންތިހާއަށް އުނދަގޫވެފައެވެ. އަދިވެސް އެހަޤީޤަތް ޤަބޫލުކުރަން އޭނައަށްވަނީ ދަތިވެފައެވެ. މަންމައާއި ބައްޕަގެ ހަރުކަށި ބަސްތަކުން އެހިތަށް އިތުރު އަނިޔާތައް ލެބެމުން ދިޔަ އެވެ. ހަމައެއާއެކު ބައްޕަގެ ރުޅިވެރިކަމުން އޭނައަށް އިތުރު ތަކުލީފެއް ވެސް ލިބުނެވެ.
''ލެޓްސް ގޯ... އެނގޭ އުނދަގޫވާނެކަން ވެސް... އެކަމަކު އިރާދަކުރެއްވިއްޔާ ފަހުން ހުރިހާކަމެއް ވެސް ރަގަޅުވާނެ، އަންކަލްމެނަށް އަދި ފަހުން ވިސްނޭނެ... އޭރަށް އެމީހުންގެ ބްލެސިންގް ވެސް ބަތޫއާއި ޒޭންއަށް ލިބޭނެ... އެކަމަކު މިހާރު ބަތޫ ޖެހޭނީ ކެތްތެރިވާން... ދިރިއުޅުމުގައި އާދެވިފައިވިމާ ހާލަތުން އަރައިގަންނަން މަސައްކަތްކުރަން، މީ ވަރަށް ބޮޑަށް ކަތްތެރިވެ ހިތްވަރުކުރަން ޖެހޭނެ ވަގުތެއް... ޔޫ ހޭވް ޓު ބީ ސްޓްރޯންގް...... ޒޭން ބަތޫއާއެކު ވާނެކަން ދެނެގަނެ ކުރިއަށްދިއުމުގެ ބާރަށާއި އަޒުމަކަށް އެކަން ހަދާ، ތިދެމެދުގައިވާ ބަދަލުވުމެއް ނެތް ލޯތްބަށް އިތުބާރުކުރޭ... ތިދެމީހުނަށް އެކުގައި އުފާވެރި ދިރިއުޅުމެއް ބިނާކުރެވޭނެ...'' ބަތޫލްއާއި ހަތަރުކަޅި ހަމަވުމާއެކު ޝުޖާއު ހިނިތުންވުމަކާއެކުގައި ވާހަކަދެއްކިއެވެ. އޭނަ ހުރީ ބަތޫލްގެ ކުރިމަތީގައި ހިތާމަތައް ވަންހަނާކޮށްލައިގެންނެވެ. އެހެނީ މިހާރު ބަތޫލްގެ ހިތްވަރަކަށް ހުރި ހަމައެކަނި މީހަކީ އޭނަ ކަމަށްވީތީ އެވެ. އޭނަ ބަލިކަށި ވެއްޖެނަމަ ކުރިއަށްދިއުމުގައި ބަތޫލް ޖެހިލުންވެ މާޔޫސްވެދާނެއެވެ. އޭރުން ފެންނަން އޮތް އަޑިގުޑަން މަގު ފަހަނައަޅައި ދިއުމުގައި ގޮންޖެހުންތަކާ ކުރިމަތިވެދާނެއެވެ.
ޝުޖާއުގެ ޖުމްލައާއެކު ބަތޫލްއަށް އިތުރަށް ރޮވެން އުޅުނެވެ. އެހެނަސް އޭނަ ކަރުނަތައް އޮއްބާލަމުން ތިރީތުންފަތުގައި ދަތްއަޅާލީ ބޭރުވާން އުޅުނު ގިސްލުމުގެ އަޑު ހިންދާލުމަށެވެ. ކޯތާފަތުގައިވި ކަރުނަތައް ފޮހެލުމަށްފަހު އޭނަ ފުންނޭވާއެއް ދޫކޮށްލިއެވެ. އޭރު ގިނައިރު ރޮވުމުގެ ސަބަބުން ބަތޫލްގެ ދެލޮލާއި ނޭފަތުގައި ވަނީ ރަތްކަމެއް އުފެދިފައެވެ. މޫނުގެ ވެސް އުޖާލާކަން ގެއްލި ހިތާމައިގެ ތަސްވީރެއް ފަދައެވެ.
''ހިނގާ...'' ބަތޫލް ބުނެލިއެވެ. އެއާއެކު ޝުޖާއު ބޯޖަހާލަމުން ގޮސް ބަތޫލް ނިކުންނަން ކޮޓަރީގެ ދޮރު ހުޅުވާލަދިނެވެ. އިސްޖަހާލައިގެން ހުރި ބަތޫލް ކޮޓަރިން ނިކުތީ އަނެއްކާ ވެސް އޭނަގެ ލޮލުން ފޭބި ތާޒާ ކަރުނަތައް އަތުގެ ނުފުށުން ފޮހެމުންނެވެ. މަންޒަރު ބަލަން ހުރި ޝުޖާއުގެ ދުލުން ލުއި އާހެއްގެ އަޑު ބޭރުވިއެވެ. އޭނަ ބަތޫލްގެ ފޮށި ހިފައިގެން ފަހަތުން ހިނގައިގަތީ މިހުރިހާ ކަމަކަށް އަވަސް ހައްލެއް ހޯއްދަވައިދެއްވުމަށް އެދި ޢާލަމްތަކުގެ ވެރި ﷲއަށް ދުޢާދަންނަވާ ހާލުގައެވެ.
*****
ބޮޑުކޮޓަރީގެ ސޯފާގައި ޖައުފަރު އިނީ އޭނަގެ އުޅަނބޮށި ކަކުލުހުޅުގައި އަޅުވާލައިގެން ފުން ވިސްނުމަކަށް ގެއްލިފައެވެ. އޭނަ ގާތުގައި ހިންދު ކޮޅަށް ހުރިއިރު އެއްޗެއް ބުނަން ބޭނުންވެފައި ހުރިކަން އެމޫނަށް އަރާފައިބަމުންދާ ކުރަލަވަރުތަކުން ހާމަކޮށްދެއެވެ. އެހެނަސް އޭނަގެ ނަޒަރު ގޮސް ހިމޭންކަން އެކުލެވިފައިވާ ޖައުފަރުގެ މޫނަށް ހުއްޓޭއިރަށް އޭނަގެ ހުރިހާ ހިތްވަރެއް އެލިގެން ދެއެވެ. އެހެން ހުއްޓާ ބޮޑުކޮޓަރި ފަހަނައަޅައި ދާން ފެށި ބަތޫލް ފެނި އޭނައަށް ހުރެވުނު ތަން ވެސް ހަނދާން ނެތުނެވެ. ޖައުފަރުގެ ހުރިހާ އިންޒާރެއް މަތިން ހަނދާންނެތިކުރުވީ އޭނަގެ ހިތުގައިވި މައިވަންތަކަމުގެ ކުލުނާއި ލޯތްބެވެ. ތެޅިފޮޅެމުން ގޮސް އޭނަ ބަތޫލްގެ އަތުގައި ހިފެހެއްޓިއެވެ.
''ދަރިފުޅާ، ބައްޕަ އެހެެން ބުނީ ރުޅިއައިސްފައި ހުރިވަރުންނޭ، ބައްޕަ ފަހުން އެކަމާ ދެރަވެ ހިތާމަކުރާނެ... ދަރިފުޅު ނުގޮސް މަޑުކުރޭ... މަންމައަށް ދަރިފުޅާ ނުލާ ނޫޅެވޭނެ...'' އިސްއޮބާލައިގެން ހުރި ބަތޫލްއާ މުހާތަބުކޮށް ހިންދު ވާހަކަދެއްކިއެވެ.
''ދަރިފުޅު ވެސް މަންމަމެން ދެކެ ލޯބިވެއެއްނު، ދެން ކީއްވެތަ ބައްޕަ ބުނާފަދައިން އެފިރިހެނާ ދޫކޮށްލަން ނޫޅެނީ... ދަރިފުޅު އެހާ ވެސް ބޭނުންތަ އޭނައާއި އެކުގައި އުޅެން؟... އަމިއްލަ މައިންބަފައިން ދޫކޮށްލާފައި ވެސް އޭނަ ގާތަށް ދާން ތައްޔާރަށް ތިހުރީ އެހެންވެގެންތަ؟... ބަތޫލް އަހަރުމެންނާ މެދު ވިސްނާކަށް ބޭނުމެއް ނޫން ދޯ؟... ހަމައެކަނި އޭނައަށް ޓަކައިތަ ބަތޫލްގެ ހިތުގައި އިހުސާސްތައް ވަނީ؟، އަހަރުމެންމީ އެއްވެސް ބަޔަކަށް ނުވޭދޯ ބަތޫލްގެ ނަޒަރުގައި؟...'' ރޮވިފައިވާ އަޑަކުން ހިންދު ބުނެލިއެވެ. ދުލުން އެއްވެސް ލަފުޒެއް ބޭރުކޮށްލުމެއް ނެތި ބަތޫލް ހުރީ މަންމަންވެފައިވާ މީހަކު ފަދައިންނެވެ. އޭރު ހިފެހެއްޓުމެއްނެތި އޭނަގެ ލޮލުން ކަރުނަތައް ނީރެމުން އައެވެ. މަންމައަށް އަދިވެސް އޭނަގެ ހިތުގެ އިހުސާސާއި އޭނަގެ ހާލަތު ނަގައިނުގަނެވުމުން ބަތޫލްގެ ހިތުގައި ޖެހުނެވެ. އަންހެންދަރީންގެ އިހުސާސްތައް އެންމެ ގާތުން ދެނެގަނެވޭނީ މަންމައަށްކަމަށް މީހުން ބުނެއުޅޭ ބަހުގެ ތެދުކަމާމެދު އޭނަގެ ހިތުގައި ޝައްކު އުފެދުނެވެ. އެހެންނޫންނަމަ މަންމަ އޭނައާއި އެގޮތަށް ވާހަކަ ނުދެއްކީހެވެ.
''އެއްޗެއް ނުބުނެ ތިހުންނަނީ ކީއްވެތަ؟... ބަތޫލް ހުންނާނީ ގޮތުގަދޯ؟...'' ބަތޫލްގެ ހިމޭންކަމުން ދެރަވި ހިންދުގެ ގާތަށް ރުޅި ވެސް އަތުވެއްޖެއެވެ. އަދިވެސް ބަތޫލް އުޅެނީ އަޒްޔާންގެ ފަހަތުންނެވެ. އޭނައަށްޓަކައި ކޮންމެފަދަ ޤުރުބާނީއެއް ވާންވެސް ބަތޫލް އެހުރީ ތައްޔާރަށެވެ. އެނޫން މާނައެއް އެހިމޭންކަމުން ހިންދުއަކަށް ނަގައެއް ނުގަނެވުނެވެ. އެކަމާ އޭނަ އިންތިހާއަށް ހިތްހަމަނުޖެހުނެވެ.
''މަންމާ... އަހަރެން...'' ތުރުތުރުއަޅަމުން ދިޔަ އަޑަކުން ނުހަނު ދަތިހާލުގައި ބަތޫލް އެއްޗެއް ބުނަން އުޅުނެވެ. ނަމަވެސް އޭނައަށް ހުރަސްއެޅިގެން ދިޔައީ ކުއްލިއަކަށް ސޯފާއިން ތެދުވުނު ޖައުފަރުގެ އަޑަށެވެ. ލިބުނު ހިތްވަރު އެހިސާބުން އެލިގެން ދިއުމާއެކު ބަތޫލްގެ ދުލަށް ހިމޭންކަން ވެރިވިއެވެ.
''ބޭކާރު ވާހަކަދައްކަން އުޅޭނެކަމެއްނެތް، ކަލޭ ވީހާވެސް އަވަހަށް މަގޭ ލޯމަތިން ގެއްލުނިއްޔާ ރަގަޅީ... ހިންދު ވެސް ދެން އެއްޗެއް ބުނެގެން ނުވާނެ... އޭނައަށް މިހާރު އެއޮތީ އޭނަގެ މިނިވަންކަން ލިބިފަ... އޭނަ ހުއްޓުވާކަށް ދެނެއް އަހަރެން ބޭނުމެއް ނޫން... އޭނަ އެއަޒްޔާނާ އިނދެގެން ރަގަޅު ގޮތެއް ވާތޯ އަހަރެން ވެސް ބަލާނަން...'' އެއްވެސް އަސަރަކާ ނުލާ ޖައުފަރު ވާހަކަދެއްކިއެވެ.
''ޖަައުފަރު އެއީ އަންހެންކުއްޖެކޭ އޭނަ ދާނެ ތަނަކާމެދު ކަންބޮޑުނުވޭތަ؟...'' ޖައުފަރާއި ދިމާއަށް ހިނގައިގަންނަމުން ހިންދު ބުންޏެވެ. ބަތޫލްއަށް ދެރައެއްލިބޭ މަންޒަރު ދެކެން ފަރުޖައްސައިގެން އޭނައަކަށް ނުހުރެވޭނެއެވެ.
''މަށަށް ކީއް؟، އުޅޭނެ ގޮތަކަށް އޭނަ އުޅެފާނެއެއްނު، މަގޭ ދަރިއަކު ހުރިކަން މަ ހަނދާން ނައްތާލައިފިން... އޭނައަށް ކޮންމެ ގޮތެއް ވިޔަސް މަގޭ ހިތަކަށް އަސަރެއް ނުކުރާނެ، ހިންދުއަށް ވެސް ރަގަޅު ވާނީ އެގޮތާ ރުހި ޤަބޫލުވުން، އެހެންނޫނީ އޭގެ ނަތީޖާ ރަގަޅަކަށް ނުނިކުންނާނެ!...'' ރުންކުރު ރާގަކަށް ޖައުފަރު އިއްވާލިއެވެ. ޖައުފަރާއި އަރާހަމަކޮށްލި ހިންދުއަށް ޖަދަލުކުރުމުގެ ނިޔަތުގައި ދެން އިތުރަށް އެންމެ ބަހެއް ވެސް ބުނެލާކަށް ނުކެރުނެވެ. ހުރި ފިޔަވަޅު މަތީ އޭނައަށް ގަނޑުވެފައި ހުރެވުނީ ޖައުފަރުގެ ޖުމްލައާ މެދު ވިސްނާށެވެ. އޭގައި ފޮރުވިފައިވަނީ ހުސް އިންޒާރުތަކެކެވެ.
''ދާން ނޭގިފަ ތިހުންނަނީ ކީއްވެ؟...'' މުޅިތަނަށް ވެރިވި މަރުގެ ހިމޭންކަމަށްފަހު ޖައުފަރު އަނެއްކާ ވެސް ހަރުއަޑުން ވާހަކަދެއްކިއެވެ. ނުރުންތެރިކަމުން ފުރިގެންވި އޭނަގެ ނަޒަރު އޭރު ބަތޫލްއަށް ހުއްޓިފައި ވިއެވެ. އެދެލޮލުގައި ހިސާބަކަށް ހިތާމައާއި މޮޅިވެރިކަމުގެ އޮއްވަރެއް ވެސް ވިއެވެ. އެހެނަސް ނަފުސަށް އަތްގަދަކޮށްފައިވި ރުޅިވެރިކަމުން އެއިހުސާސްތައް ވެސް އަނދާއަޅިއަށް ވެގެން ދިޔައީއެވެ.
އިސްޖަހާލައިގެން ހުރި ބަތޫލްއަށް ސިހުމެއް ގެނުވީ އޭނަގެ އަތުގައި ޝުޖާއު ހިފާލުމާއެކުގައެވެ. ލަސްލަހުން އިސްއުފުލާ އޭނައަށް ޝުޖާއުއަށް ބަލާލެވުނީ ކަރުނުން ފުރިބާރުވެފައިވާ ދެލޮލުންނެވެ. އެވަގުތު ޝުޖާއު ދެފާރާތަށް ބޯހޫރާލީ ނުރޯށޭ ބުނާ ފަދައަކުންނެވެ. ބަތޫލް ވެސް އެހެން ކަންތައް ވާން ބޭނުން ވިއެވެ. ނަމަވެސް އިވެމުން އެދާ ރަހުމުކުޑަ ބަސްތަކުން ފޮތިފޮތިވެފައިވާ އޭނަގެ ހިތް ހަލާކުވާހާ ވެއްޖެއެވެ. އިތުރަށް އެވޭން ބަރުދާސްތުކުރުވޭނެކަމެއް ވެސް ނޭގެއެވެ.
ޝުޖާއުގެ އެހީގައި ބަތޫލް ގޮސް ގޭގެ މައިދޮރުން ބޭރަށް ފިޔަވަޅު އަޅާލިއެވެ. އެވަގުތު އޭނަގެ އަރުތެރޭން މަޑު ގިސްލުމެއްގެ އަޑު ނިކުތެވެ. އޭނައަށް ތުންފަތްމަތީގައި އަތްއަޅާލެވުނީ ބާރަށް ރޮވިދާނެހެން ހީވިވަރުންނެވެ. ފަސްެއެނބުރި ފަހު ފަހަރަށް އޭނަގެ މައިންބަފައިންނަށް ބަލާލާން އެދެވުނު ކަމުގައި ވިޔަސް ފަހަތުން ބާރު އަޑުފަށްގަނޑަކާއެކު ލެއްޕުނު ދޮރުގެ ސަބަބުން އޭނައަށް އެނަސީބެއް ވެސް ނުލިބުނެވެ. ލިބުނު ފުން ވޭނާއެކު ގާތުގައި ހުރި ޝުޖާއުގެ އަތަށް ބާރުކޮށްލަމުން އަރިމަތިން ޝުޖާއުގެ ބިޔަ ހަށިގަނޑުގައި ބަތޫލްއަށް ބައްދާލެވުނެވެ.
''ޝްޝްޝް... ބަތޫ ޕްލީޒް ރުއިން ހުއްޓާލަބަލަ.....'' އަސަރުން ފުރިގެންވި ރާގަކަށް ޝުޖާއު އެދުނެވެ. ނަމަވެސް ބަތޫލްއަށް އެއަޑުއިވުނު ކަމަކަށް ނުވިއެވެ. ޝުޖާއުގެ އަތުގެ ތެރޭ ހުރެ އޭނައަށް ބާރަށް ރޮވުނެވެ. ހިތްފުރެންދެން އެހެން ހުރެ ރޯލަން އޭނަ ހުރީ ބޭނުން ވެފައެވެ.
''ބަތޫ އަހަރެން ކުރިން ވެސް ބުނިހެން ހިތްވަރުކުރަންވާނެ... އަދި އުއްމީދު ގެއްލުވާލާކަށް ނުވޭ... ހިތްތައް ބަދަލުކުރައްވާ ރަސްކަލާނގެ ރަހުމަތުން އުއްމީދުކަނޑާލައިގެން ނުވާނެ، އެކަލާނގެއީ ހުރިހާ ކަމަކަށް ވެސް ކުޅަދުންވަންތަ ރަސްކަލާނގެ، އިރާދަކުރެއްވިއްޔާ މިހުރިހާ ކަމެއްގެ ތެރެއިން ވެސް އަލިކަމެއް ފެންފާނެ... އެކަލާނގެ އަޅުތަނުންނަށް ބަރުދާސްތުނުކުރެވޭ ފަދަ މުސީބާތެއް ނުޖައްސަވާނެކަން ހަނދުމަކުރޭ...'' ޝުޖާއު ފުންނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ބަތޫލް މަސަލަސްކުރެވޭތޯ ބެލިއެވެ.
*****
ދުއްވަމުން ދިޔަ ކާރުގެ ތެރެއަށް ވެރިވެފައި އޮތީ އާދަޔާ ޚިލާފު އުދާސީ ހިމޭންކަމެކެވެ. ޝުޖާއު އެއްއަތުން ކާރުގެ ހުންގާނުގައި ހިފަހައްޓާލައިގެން އިންއިރު އަނެއްއަތުގައި އޮތް ފޯނު ކަންފަތުގައި ޖައްސާލައިގެން މީހަކާ ވާހަކަދައްކަމުން ދިޔަ އެވެ. އެއިންއެއްވެސް ކަމަކަށް ސަމާލުކަން ދެވޭނެހާ ހިތްވަރެއް ނެތް ބަތޫލް އިނީ ކާރުގެ ކުޑަދޮރުން ބޭރުބަލަހައްޓައިގެންނެވެ. ޝުޖާއުގެ އެތައް ނަސޭހަތަކަށްފަހު އެދެލޮލުން ކަރުނަ ހިކިފައި ވިއެވެ. ނަމަވެސް އަދިވެސް އެހިތްދަތިކަމުގެ ކުލަވަރު މޫނުމަތިން ރީއްޗަށް ފާޅުވޭވޭ ހުއްޓެވެ.
''އިރުކޮޅަކުން މިކައިރިކުރަނީ... ޖަނާ ބޭރަށް ނުކުމެ ހުންނައްޗޭ... ޝީޒް އެ މެސް...'' ލޮލުގެ ހިމަކޮޅުން ބަތޫލްއަށް ބަލާލަމުން ޝުޖާއު ބުނެލިއެވެ. އެކޮޅުން ޖަނާ ބުނެލި އެއްޗަކަށް ހޫމްމްމް ލައްވާލަމުން ޝުޖާއު ފޯނުކަނޑާލިއެވެ. އަދި އިރުކޮޅެއް ވަންދެން ބަތޫލްއަށް ނަޒަރު ހުއްޓާލައިގެން އިދެފައި އަނެއްކާ ވެސް ފޯނުން ނަންބަރަކަށް ގުޅާލިއެވެ.
''ޒޭން ވަރަށް ބޮޑުކަމެއް ދިމާވެގެން މިއުޅެނީ... ވަރަށް އަވަހަށް އާދެބަލަ ޖަނާމެން ގެއަށް...'' ޝުޖާއު ބުނެލިއެވެ. އެއަޑުގައިވި ހާސްކަމާއި ހިތާމައިގެ ލިސާންތަކުން ފޯނުގެ އަނެއްކޮޅުގައި ހުރި އަޒްޔާނަށް ނުތަނަވަސްކަން ލިބުނެވެ. ކަމެއް ގޯސް ވެއްޖެކަމުގެ އިންޒާރު އޭނަގެ ހަވަނަހިއްސު ދިން އިރު ހުރިހާ ކަމެއް އޮޅުން ފިލުވަން އޭނައަށް އަވަސްވެގަނެވުނެވެ.
''ވަޓް ހެޕެންޑް؟... ކޮބާ ބަތޫ؟...'' ކަންބޮޑުވުމާއެކު އަޒްޔާނަށް އަހާލެވުނެވެ. އޭނަ އެހެން ބުނެލީ ނިދިފައި އޮތް ޒައިނަބާއި ގާތުގައި އިން ޝީރީނަށް ބަލާލަމުން ގޮނޑިން ތެދުވެ ދުރަށް ހިނގައިގަންނަމުންނެވެ.
''ޒޭން އައީމަ ބުނެދޭނަން...'' ޝުޖާއު ފޯނުން އެހުރިހާ ވާހަކައެއް ބުނެދޭން އުޒުރުވެރި ވިއެވެ. އެއަށްފަހު އަޒްޔާން ސުވާލުތަކުގެ ތެރެއަށް ދޫކޮށްލަމުން އޭނަ ފޯނުކޯލު ކުރުކޮށްލިއެވެ.
ކަންފަތާ ވަކިކޮށްލެވުނު ފޯނަށް ބަލަން ހުރި އަޒްޔާންގެ މޫނުމަތިން ފެންނަނީ ހާސްކަމެވެ. އޭނަ މޫނުގައި ފިރުމާލަމުން އަވަސްނޭވާތަކެއް ދޫކޮށްލުމަށްފަހު ދިގު ފިޔަވަޅުތަކެއްގައި ހިނގައިގަތީ ބޭރަށް ނިކުތުމަށެވެ. ހޮސްޕިޓަލުގެ ބޭރުގައި ޕާކުކޮށްފައި ހުރި އޭނަގެ ސައިކަލާއި އަރާހަމަވުމާއެކު ސޯޓުގެ ޖީބުގައި އޮތް ތަޅުދަނޑިނަގައި ސައިކަލަށް އަރައި ސްޓާޓްކޮށްލިއިރު އޭނަގެ ހިތް އާދަޔާ ޚިލާފު ބިރުވެރިކަމަކުން ވަށާލާފައި ވިއެވެ.
''ގޯޑް، އަނެއްކާ ކިހިނެއްވީތަ؟... އެމީހުން ބަތޫއަށް ކަމެއް ކުރީތަ؟...'' އަޒްޔާނަށް އޭނަގެ ހިތާއި ސުވާލުކޮށްލެވުނެވެ. އަދި ސައިކަލު ދުއްވާލަމުން މިސްރާބުޖެހީ ޖަނާގެ ގެއާއި ދިމާއަށެވެ. އޭރު ތަފާތު ޚިޔާލުތައް އެނަގެ ސިކުނޑިކާން ވެސްފަށައިފިއެވެ. އެއާއެކު ބަތޫލްގެ ހާލާމެދު އިހުނަށްވުރެ އޭނަ ނުތަނަވަސް ވެއްޖެއެވެ.
*****
ގޯޅީގެ ކަންމަތީގައި ފޯނު އަތަށް ލައިގެން ޖަނާ ހުރީ މަގުންދާހާ އުޅަނދުފަހަރަކަށް ސަމާލުކަންދީގެންނެވެ. ޝުޖާއުގެ ވާހަކަތަކުން އޭނަ ނުތަނަވަސްވެފައިވާކަން އިރުއިރުކޮޅާ ފޯނަށް ބަލާލާ ގޮތުންނާއި މަގުގެ ދެކޮޅަށް ދޭ އަވަސް ނަޒަރުތަކުން ހާމަކޮށްދެއެވެ. ކަންތައް އެހާ ހިސާބަށް ދިޔައިރު ބަތޫލް އޭނައަށް އަންގާނުލީތީ ވެސް އެކަމާ ޖަނާ ހުރީ ދެރަވެފަ އެވެ. އެހެން ހުއްޓާ ސައިކަލުގައި އައިސް ދުވާރު ކައިރިއަށް މަޑުކޮށްލި އަޒްޔާން އޭނައަށް ފެނުނެވެ. ޖަނާ އަޒްޔާނަށް ބަލަން ހުއްޓާ އަޒްޔާން ސައިކަލު ޕާކުކޮށްލަމުން ނުހަނު އަވަސް ހިނގުމެއްގައި އައިސް އޭނަ ގާތަށް ހުއްޓިއްޖެއެވެ.
''ޖަނާ، ކޮބާ ބަތޫ؟... އިޒް ޝީ އޯލްރައިޓް؟...'' ހާސްކަމުން ފުރިގެންވި ރާގަކަށް އަޒްޔާން އެހިއެވެ. ''ކިހިނެއްވީތަ؟... ކީއްވެ އެއްޗެއް ނުބުނެ ތިހުުންނަނީ؟...''
އަޒްޔާންގެ އަމަލުތައް ހުރިގޮތުން ހައިރާންކަން ލިބުނު ޖަނާއަށް އަޒްޔާނަށް ހުރިހާ މަޢުލޫމާތެއް ލިބިފައިނުވާކަން އެނގުން ވިއެވެ. އެއާއެކު އޭނަ އަވަސްވެގަތީ ހާލަތު ގޮސްފައިވާ ހިސާބު އަޒްޔާނަށް އޮޅުންފިލުވައި ދޭށެވެ. ޖަނާގެ ވާހަކަތައް އަޑުއިވެމުން ދިޔަ ވަރަކަށް އަޒްޔާންގެ މޫނުގެ ކުލަވަރު ބަދަލުވާން ފެށިއެވެ. ބުނާނެ އިތުރު ބަހެއް ވެސް ނޭގިފައި އޭނައަށް ހުރެވުނީ ޖަނާއަށް ބަލާށެވެ. އޭރު ބަތޫލްއާ މެދު ވިސްނި އޭނަގެ ހިތުގައި ފުން ރިހުމެއް އުފެދިއްޖެއެވެ. އެފަދަ ވޭނެއް ބަތޫލް ތަހައްމަލުކުރާކަށް އޭނަ ދުވަހަކު ބޭނުމެއް ނޫނެވެ. އޭނަގެ ހިތުގައި ޖައުފަރާ މެދު ރުޅިވެރިކަން ވެސް އުފެދުނެވެ. ނަމަވެސް ބަތޫލްއަށް ސަމާލުކަން ދެވޭއިރަށް އޭނަގެ ހިއްސުތަކުގެ މައްޗަށް ކުރިހޯދީ ހަމްދަރުދީއާއި ހިތާމައިގެ ޝުއޫރުތަކެވެ.
''އޯހް ގޯޑް...'' އަޒްޔާނަށް އޭނަގެ އިސްތަށިގަނޑުގެ ތެރެއަށް ދެއަތުގެ އިނގިލިތައް މަހާލެވުނެވެ.
''ޒޭން، ކާމްޑައުން، އިރުކޮޅަކުން ބަތޫ އަންނާނެ... މިހާރު ބަތޫއަށް ޒޭންގެ އަޅާލުން ވަރަށް ބޮޑަށް ބޭނުންވާނެ، ވެދިޔަ ކަންތަކުން ބަތޫއަށް އަރިގަނެވެން އޮތީ ހަމައެކަނި ޒޭންގެ އެއްބާރުލުމުންކަން ޔަޤީން، ޝީ ނީޑްސް ޔޫ ނައު މޯރ ދޭން އެވާރ......'' ޖަނާ ބުނެލިއެވެ. އަޒްޔާން ޖަނާއަށް ބަލާލަމުން ބޯޖަހާލީ އެކަމާ އެއްބަސްވަމޭ ބުނުމަށެވެ. އޭނަ ހަށިފުރާ ނޭވާއެއް ދޫކޮށްލީ ޖަނާ އެދުނު ފަދައިން ހުރިހާ ކަމަކާ ކުރިމަތިލުމަށެވެ. ބަތޫލްއަށް ހިތްވަރުދިނުމަށެވެ. އެވަގުތު ބަތޫލްގެ ހިތުގައި ދުވަހަކު ނުޖެއްސުމަށް އޭނަ ހިތާހިތުން ވަޢުދުވިއެވެ. އެއަންހެންކުޖާ އޭނަ ދެކެ ވާ ލޯތްބަށް ވުރެން ވެސް މަތީ ދަރަޖައަކަށް ލޯބިދޭން ހިތުގައި އަޒުމު ކަނޑައެޅިއެވެ. ބަތޫލް ވި ޤުރުބާނީތަކުގެ އަގުވަޒަންކުރަން ވެސް މެއެވެ.
*****
ކާރުއައިސް މަންޒިލަށް މަޑުކޮށްލުމާއެކު ބަތޫލްއަށް ކުއްލިއަކަށް ޝުޖާއުއާ ދިމާއަށް ބަލާލެވުނީ ކާރާއި ދިމާއަށް ހަރުފިޔަވަޅުތަކެއްގައި އަންނަމުން ދިޔަ އަޒްޔާން ފެނިފައެވެ.
''ޔޫ ނީޑް ހިމް...''
ފައިބަންވެގެން ދޮރު ހުޅުވާލަމުން ޝުޖާއު ވާހަކަދެއްކިއެވެ. ބަތޫލް ވެސް ފައިބަން ތައްޔާރުވެލިތަނާ އަޒްޔާން އައިސް ބަތޫލް އިން ފަޅީގެ ދޮރު ހުޅުވާލައިފިއެވެ. އަވަސްނޭވާތަކެއް ދޫކޮށްލި ބަތޫލް ކާރުން ފޭބީ އަޒްޔާންގެ މޫނަށް ފުން ނަޒަރެއް ދެމުންނެވެ. އެވަގުތު އޭނައަށް އެދެލޮލުން ފެނުނީ ކަންބޮޑުވުމެވެ. ބަތޫލްއަށް އެއްވެސް އެއްޗެއް ނުބުނެވީސް އަޒްޔާން އެބާރުގަދަ ދެއަތުގެ ތެރެއަށް ބަތޫލް ގެނެސް އިސްތަށިގަނޑުގައި ތުންފަތް ޖައްސާލިއެވެ. އެހަރަކާތުން ވޭނުގައިވި ބަތޫލްގެ ހިތަށް ކުޑަ ވިޔަސް ތަސައްލީއެއް ލިބުނެވެ. ދެލޯމަރާލަމުން އޭނައަށް އިހުނަށްވުރެ އަޒްޔާނާއި ގާތްވެލެވުނީ އެކަމަށް އެދެވުނު ވަރުންނެވެ. އަޒްޔާންގެ އެފަދަ ކޮންމެ ހަރަކާތަކުން ފޮރުވިފައިވާ ލޯބި ބަތޫލްއަށް އިހުސާސް ކުރެވެއެވެ.
''އައެމް ސޮރީ ބަތޫ... އަހަރެންގެ ސަބަބުން މިހެންމިވީ...'' އަޒްޔާން ބުނެލިއެވެ. އޭނަ ދެރަވެފައިވާ މިންވަރު އޭނަގެ އަޑުން އެކަނި ވެސް ހާމަކޮށްދެއެވެ.
''ނޫން... ނޫން... ތިހެން ނުބުނާތި، އަހަރެން ބޭނުމެއް ނޫން ދެން އިތުރަށް އަހަރެންގެ ގާތް ފަރާތެއް ބީވެގެންދާކަށް... އައި އޮންލީ ހޭވް ޔޫ......'' ބަތޫލްއަށް ބުނެވުނެވެ. އޭނަގެ މައިންބަފައިންނާއި ވަކިވި ފަދައިން އަޒްޔާނާއި ވަކިވާން ވެއްޖެނަމަ އޭނަގެ ހިތަށް ވާނެގޮތެއް ތަސައްވަރުކޮށްލަން ވެސް ދައްޗެވެ. މިހާރު ވެސް އެހިތުގައި ރޫހު އެވަނީ ހަމައެކަނި އަޒްޔާންގެ ސަބަބުންނެވެ. ކުރިއަށްދާން ބޭނުންވަނީ އަޒްޔާންދެކެ އޭނަ ވާ ލޯތްބަށްޓަކައެވެ. އެލޯބީގެ ބާރުގައި ހުރިހާ ކަމެއް ބަދަލުވެދާނެ ކަމުގެ އުއްމީދު އެހިތުގައި އެބައޮތެވެ. މުސްތަޤުބަލުގައި އޭނަގެ މައިންބަފައިންގެ ރުހުން ލިބޭނެކަމުގެ ވެސް މެއެވެ. ޝުޖާއު ދިން ނަސޭހަތުގައި އޭނަ ހިފަން ބޭނުންވަނީ އެސަބަބުތަކާ ހުރެއެވެ.
''އަހަރެން އަބަދުވެސް ވާނަން ބަތޫއާއެކު...'' ބަތޫލްގެ ތުނި އުނަގަނޑުގައި އަތްއަޅުވާލަމުން އަޒްޔާން ބުނެލިއެވެ.
''ޕިސްޕިސް، މިދެމީހުނަށް ތަނެއްތަނެއް ވެސް ނޯވޭއޭ ދޯ މާފޮޅުވަން؟...'' ކާރުގެ ޑިކީން ބަތޫލްގެ ފޮށިނަގަމުން ޝުޖާއު ސަމާސާ ރާގަކަށް ބުނެލިއެވެ. އޭނަގެ އަޒުމުކަމުގައިވީ ހުރިހާ އެންމެނަށް ލިބިފައިވާ ނުތަނަވަސްކަން ކަނޑުވާލުމަށެވެ. އޭނަ އެއެދުން ހާސިލުވެސް ވިއެވެ. އަޒްޔާނާއި ދުރަށް ޖެހިލި ބަތޫލްގެ ތުންފަތަށް ފަނޑުފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް އެހިނިތުންވުން ގިނައިރަކު ދެމިގެން ނުދިޔައެވެ. އިހުގެ މަޔޫސްކަން އެމޫނަށް ވެރިވާން ނެގީ މަދު ސިކުންތުކޮޅެކެވެ.
''ބަތޫ ކީއްވެތަ އަހަރެން ގާތު ނުބުނީ......'' ޝަކުވާކޮށްލި ޖަނާ ބަތޫލްގެ ގައިގައި ކުޑަކޮށް އޮޅިލައިގަތެވެ. ކިތަންމެ ގިނަ ސުވާލެއް ހިތުގައި ވިޔަސް ބަތޫލް ހުރި ހާލަތުގެ ސަބަބުން އެސުވާލުތައް ކުރަން ޖަނާ ޖެހިލުން ވިއެވެ.
''ދެން ފަހުން ތިވާހަކަތައް ދައްކާނީ...'' ބަތޫލްއަށް ބަލާލި ޝުޖާއު ބުނެލިއެވެ. ޖަނާ ވެސް އިތުރު ސުވާލެއް ނުކުރީ ވަގުތު އައިސް ޖެހުމުން ބަތޫލް ވެދިޔަ ކަންތައްތައް އޭނައާއި ހިއްސާކުރާނެކަން އެނގޭތީއެވެ. ޖަނާ ކުރީގައި ހުރެ ގޮސް ގެއެއްގެ ދޮރު ހުޅުވާލިއެވެ. ކުޑަކަމުގައި ވިޔަސް އެއީ ތަނަވަސް ގެއެކެވެ. ގޭގެ ކޮންމެ ދިމާއަކުން ވެސް ޒަމާނީ ކުލަވަރުތައް ފެނެއެވެ.
''ދައްތައާ ވާހަކަ ދައްކައިގެން ކުޑަ ދުވަސްކޮޅަކަށް ބަތޫއަށް ހުރެވޭ ގޮތް ހަދައިދެވުނީ، އަހަރެން ބުނިން ކުލިދައްކައިގެން ވެސް ބަތޫއަށް ހުރެވިދާނެޔޭ، އެކަމަކު ދައްތަގެ ޢާއިލާ މީހަކު އަންނާތީއޭ ކިޔާފަ އެއްބަހެއް ނުވި...'' ޖަނާގެ އަޑުގައި މަޔޫސްކަމެއް ވިއެވެ. އެކުވެރިޔާ އޭނައަށް އެންމެ ބޭނުންވި ދުވަހު ވެސް ފުރިހަމަ ގޮތުގައި އޭނައަށް އެހީވެވެން ނެތުމުގެ ހިތާމަވެރިކަން އޭނަގެ މޫނުގައި ވިއެވެ. އެކަން ބަތޫލްއަށް ފާހަގަކުރެވުނު ހިނދު އޭނަ ވާހަކަދައްކަން ފެށިއެވެ.
''އިޓްސް އޯކޭ...'' ޖަނާގެ އަތުގައި ހިފާލަމުން ބަތޫލް ބުންޏެވެ. އެއަށްފަހު ގަދަކަމުން ހިނިތުންވެލަމުން ޖަނާއަށް ޝުކުރުވެލިއެވެ.
''ތިއައީދޯ؟... ޖަނާ ބުނީދޯ ހަފްތާއެއް ވަންދެނޭ ހުރެވޭނީ؟...'' ބަދިގެއިން ނިކުމެގެން އައި ފަލަ އަންހެނަކު ވާހަކަދެއްކިއެވެ. އޭނަގެ ކަޑުގައި ވަނީ ބީރައްޓެހިކަމެވެ. އޭނަ ބަތޫލްގެ އިތުރުން ދެން ތިބި ދެޒުވާން ފިރިހެނުންނަށް ބަލާލާފައި ގޮސް އޭނަގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާލިއިރު ހިތްހަމަނުޖެހުން އޭނަގެ އަމަލުތަކުން ފާޅުވިއެވެ. މިކަންތައް ފާހަގަކުރެވުނު އަޒްޔާން އެމީހާދެކެ ހިތްހަމައެއް ނުޖެހުނެވެ. އަދި އެވަރު މީހަކު ހުރި ތަނެއްގައި ބަތޫލް ބަހައްޓާކަށް އޭނަގެ ޒަމީރު އެއްބަހެއް ވެސް ނުވިއެވެ. އެހެނަސް ކުޑަ ދުވަސްކޮޅަކަށް އޭނަ ޖެހޭނީ އެކަމާ ރުހޭށެވެ. އެދަނޑިވަޅުގައި ބަތޫލްއާއި އޭނަގެ ކައިވެނީގެ ކަންތައް ވީހާވެސް އަވަސްކުރަން އަޒްޔާން އޭނަގެ ހިތުގައި ކަނޑައަޅައި ނިންމާލިއެވެ. އަދި އެކަމާމެދު މަޝްވަރާކުރަން ވެސް މެއެވެ. އޭރުން ނިކަމެތި ހާލެއްގައި ބަތޫލް އުޅޭކަށް ނުޖެހޭނެއެވެ.
''ޝުޖާމެން ބޭރުގަ މަޑުކުރޭ... އަހަރެން އެބައަންނަން ބަތޫގެ އެއްޗެހި ރޫމަށް ވައްދާލާފަ...'' ބަތޫލްގެ ފޮށީގެ ދަމާބައި ނަގައި ކޮޅަށް ހިއްލާލުމަށްފަހު އޭގައި ހިފައި ފޮށިދަމަމުން ޖަނާ ހިނގައިގަތެވެ. ދަމުން އޭނަ އަތުގެ އިޝާރާތުން ބަތޫލް ގާތު އައުމަށް އެދުނެވެ. ބަތޫލް ކުރިއަށް ހިނގައިގަތީ އަޒްޔާނަށް ބަލާލަމުންނެވެ. އެއާއެކު ބަތޫލްއަށް ބަލަހައްޓައިގެން ހުރި އަޒްޔާން ބަތޫލްއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ.
*****
''އަންކަލް ވަރަށް ބޮޑަށް ނުރުހިފަ ހުރީ... އަހަންނަކަށް ނޭގޭ އަންކަލް ޒޭންދެކެ ރުޅިއަންނަންވީ ސަބަބެއް... އެސުވާލުކުރުމުން އިތުރަށް ރުޅިގަދަވީ... އެންމެފަހުން އަހަރެންދެކެ ވެސް ހިތްހަމަނުޖެހުނު... ހަޤީޤަތުގަ އެމީހުން ބަތޫ ދެކެ ލޯބިވާނަމަ އެފަދައިން ކަންތަކެއް ނުކުރީސް......'' ޝުޖާއު ވާހަކަދެއްކީ އޭނައާއެކު ހުރި އަޒްޔާންއާއެވެ. ދެޒުވާނުން ތިބީ އަޒްޔާންގެ ސައިކަލު ކައިރީގައެވެ. އަޒްޔާން ސައިކަލު މަތީ އިންއިރު ޝުޖާއު ހުރީ ކޮޅަށެވެ.
އަޒްޔާނަށް ޝުޖާއުގެ ސުވާލުތަކުގެ ޖަވާބު އެނގުނުކަމުގައި ވިޔަސް އޭނަ ޚިޔާރުކޮށްގެން ހުރީ ހިމޭންކަމެވެ.
''ޒޭން، އަހަރެން ވަރަށް ބޮޑަށް ޒޭންއަށް ޓްރަސްޓް ކުރަން، އެކަމަކު ވެސް މިވާހަކަ ނުދައްކާ ހުންނާކަށް އަހަރެން ނެތިން... ބަތޫއަށް ދުވަހަކު ދެރައެއް ނުދެއްޗޭ، އެދުވަހަކުން އަހަންނާ ޒޭންއާ ދެމެދު އޮތް އެކުވެރިކަން މުޅި އުމުރަށް ބަދަލުވެގެންދާނެ... މިހާރު ބަތޫގެ ހުރިހާ ވެސް މީހަކީ ޒޭން... ދުވަހަކު ބަތޫގެ ހިތުގައި ނުޖައްސާނަންކަމަށް އަހަންނަށް ވަޢުދުވޭ... ބަތޫ އުފަލުގައި ގެންގުޅޭނަންކަމަށް ވެސް ވަޢުދުވޭ... ޒޭންއަށްޓަކައި ވަރަށް ބޮޑެތި ޤުރުބާނީތަކެއް ބަތޫ ވެއްޖެ... އެޤުރުބާނީތަކުގެ އަގު ޒޭން ޖެހޭނެ ވަޒަންކުރަން......'' ސީރިޔަސްކަން އެކުލިވިގެންވި ރާގަކަށް ޝުޖާއު ބުނެލިއެވެ.
''އައެމް ވެރީ ސީރިޔަސް އެބައުޓް ދިސް ޒޭން...''
''އަހަރެން ބަތޫއާ ގުޅުނީ ލޯބިވާތީ... އަހަރެން ވެސް ބޭނުން ބަތޫއާއެކު ދިރިއުޅުމުގެ ބާކީ ދުވަސްތައް ހޭދަކޮށްލަން... އަހަރެންނެތިން ބަތޫއަށް ދެރައެއްދޭކަށް... އެއަށްވުރެ ބޮޑަށް އަހަރެން ބަތޫ ދެކެ ލޯބިވޭ... އަހަރެންގެ މިހިތުގައި ބަތޫއަށްޓަކައިވާ އިހުސާސްތަކަށް ދުވަހަކު ބަދަލުވުމެއް ނާންނާނެ... އަދި އެއްވާހަކަ... އަހަރެން ވަރަށް އަވަހަށް ބަތޫއާ މެރީކުރާނަން... އަހަރެން ނެތިން ބަތޫ އެހާލުގައި ގިނަދުވަސް ވަންދެން ބަހައްޓާކަށް......'' އަޒްޔާންގެ އަޑުގައި ވަނީ ސާބިތުކަމެވެ. އެޖުމްލައިން ޝުޖާއުގެ ހިތަށް ތަދުވިކަމުގައި ވިޔަސް އޭނަ ހުރީ ބަތޫލްގެ އުފަލަށްޓަކައި ހިނިތުންވެލައިގެންނެވެ.
''ތީ ޒޭންގެ ފަރާތުން އަހަރެން ބޭނުންވި ޖަވާބަކީ، ވީހާ ވެސް އަވަހަށް ކައިވެނީގެ ކަންތައް ހަމަޖައްސަންވީ... އަހަންނަކަށް ހިޔެއްނުވޭ ދެން އިތުރަށް އަންކަލްމެންގެ ފަރާތުން އުނދަގޫތަކެއް ކުރިމަތިވާނެހެން... ބަތޫ ހަމައަކަށް އެޅުމާއެކު ވާނެ ތި އުފާވެރި ޚަބަރު ދޭން......'' އަޒްޔާންގެ ކޮނޑުގައި އަތްބާއްވާލަމުން ޝުޖާއު ބުނެލިއެވެ. ދެޒުވާނުން މަޝްވަރާގައި ތިއްބާ އެތަނަށް ބަތޫލްއާއި ޖަނާ އައެވެ. ކުރިއަށްވުރެ ބޮޑަށް ބަތޫލްގެ ހާލަތަށް ރަގަޅު ބަދަލުތަކެއް އައިސްފައިވާކަން އެމޫނުމަތިން ހެކިވެއެވެ.
*****
ޖެހިގެން އައި ދުވަހު ޝުޖާއުއަށް ހޭލެވުނީ އޭނަގެ ކޮޓަރީގެ ދޮރުގައި މީހަކު ބާރަށް ތަޅާއަޑަށެވެ. ގައިމަތީ އޮތް ރަޖާ ހަށިގަނޑާ ވަކިކޮށްލަމުން އޭނަ ކޮޅަށް ތެދުވުނީ ހިސާބަކަށް ހިތްހަމަނުޖެހިފައި ހުރެއެވެ. ދޮރާއިދިމާއަށް ހިނގައިގަތް ޝުޖާއު ރީތިވާމޭޒު މަތީގައި އޮތް އޭނަގެ ޓީޝާޓުނަގައި ބޮލަށް މަހާލިއެވެ.
''ޝުޖާއު ކީއް ކޮއްފަތަ ތިއައީ؟...'' ހުޅުވުނު ދޮރާއެކު ޝުޖާއުއަށް ފެނުނީ ރުޅިއައިސްފައި ހުރީ އޭނަގެ މަންމައެވެ.