''ކައިވެނީގެ ރޭގައި އަޒްޔާން ނައީ އޭނަ ބަތޫއާ ކައިވެނި ކުރަން ބޭނުންނުވާތީއެއް ނޫން، ނަމަވެސް އޭނައަށް ދިމާވި މަޖުބޫރީއެއްގެ ސަބަބުން...'' ޖަނާގެ ވާހަކަތަކަށް ސަމާލުވެގެން އިން ބަތޫލްއަށް ކުއްލިއަކަށް ޖަނާ އިން ފަޅިއަށް ގޮނޑި އަނބުރާލެވުނީ ޖަނާގެ ޖުމްލައިން ލިބުނު ސިހުމެއްގެ ސަބަބުންނެވެ. އޭރު އޭނަގެ ހިތް ވެސް އާދަޔާ ހިލާފު ބާރުމިނެއްގައި ތެޅެމުން ދިޔަ އެވެ.
''އާނ... އަހަރެން މިދައްކާ ވާހަކަތައް ޤަބޫލުކުރޭ... އަޒްޔާން އަދިވެސް ބަތޫ ދެކެ ލޯބިވޭ...'' ބަތޫލްގެ މޫނުމަތިން ފާޅުވަމުން އައި ހިމޭންކަމުގެ ޝުޢޫރުތަކުގެ ސަބަބުން އެވާހަކަތަށް ޤަބޫލުކުރަން ދަތިވެފައިވާ މިންވަރު ޖަނާއަށް ނަގައިގަނެވުނެވެ. އެފަދަ ސިފަތަކެއް ބަތޫލްގެ ފަރާތުން ފެނިދާނެކަމަށް މާކުރިން ވެސް އޭނައަށް އޮތީ ލަފާކޮށްލެވިފައެވެ.
ބަތޫލްއަށް ގޮނޑީގެ އަތްގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. އޭރު އޭނަގެ ކަންފަތުގައި ޖަނާ ބުނި ބަސްތައް ރަނގަބީލެއްގެ ސިފައިގައި ގުގުމަމުން ދިޔަ ހިނދު ސިކުނޑީގެ ނާރުތަކުގައި ވާންކަމެއް ހަރުލައިފިއެވެ. ގޮތް ނޭގޭ ޖަޒުބާތުތަކެއް އުތުރިއަރަައިގަތުމާއެކު ކަންފަތުގައި އަތްއަޅައި ބާރުކޮށްލަން އޭނަ ބޭނުން ވިއެވެ. އިތުރަށް އެވާހަކަތައް އަޑުނޭހުމުގެ ނިޔަތުގައެވެ. އެއީ ހަޤީޤަތެއް ނެތް ކަންތަކެވެ. އޭނައަށް އަޒްޔާންގެ ފަރާތުން ކުރިމަތިލާން ޖެހުނު ރުޅިވެރިކަމާއި ނަފުރަތުގެ ސަބަބުން އެކަން ޤަބޫލުކުރަން އޭނައަށް އިންތިހާއަށް ދަތިވިއެވެ. ލޯބިވާކަމަށް ދައުވާ ކުރާ މީހެއްގެ ފަރާތުން ވެސް އެފަދަ ހަރުކަށިކަމެއް ނުފެންނާނެތީއެވެ.
''ނޫން.. ދޮގު ތިހަދަނީ... ލޯބިވާނަމަ އަހަންނާ މެދު އެގޮތަށް ކަންތަކެއް ނުކުރީސް... އަހަންނަށް އެހާ ބޮޑު ހިތްދަތިކަމެއް ނުދިނީސް... އެންމެންގެ ތެރޭގައި އަހަރެންގެ މައިންބަފައިން ލަދުނުގަންނަވާލީސް... ޖަނާ ކޯޗެއް ސާބިތުކުރަންތަ ތިއުޅެނީ ދޮގު ވާހަކަތައް ދައްކައިގެން؟... އަޒްޔާން އެއީ އަހަރެންގެ ޚަޔާތުން ނިމިފަ އޮތް ބާބެއް... އެހުރިހާ ކަމެއް މަތިން އަހަަރެން ހަނދާން ނައްތާލައިފިން... ދެން ކީއްވެތަ ޖަނާއަށް އެކަން ނުވިސްނިގެން ތިއުޅެނީ؟، އިރުއިރު ކޮޅާ އޭނަގެ ނަން ތިގެންނަނީ ކީއްކުރަން؟...'' ހިތުގައި އުފެދުނު ޖަޒުބާތުތަކުގެ ތެރޭގައި ނަފުސު ބެހިގެންދާން ދޫކޮށްލެވުމުގެ ފުރުސަތު ދެވެން ނެތުމުން ރުޅިވެރިކަން ބަތޫލް އިސްކުރީ އައްޑަނައެއްގެ ސިފައިގައެވެ. އަޒްޔާންގެ ނަން އިވޭ ކޮންމެ ފަހަރަކު އެހިތުގެ ތެޅުން އަވަސްވުމާއި ނޭވާގެ ހިނގުމަށް އެއަންނަ ބަދަލުތަކުން އަދި ވެސް އޭނަގެ ހިތުގައިވާ ލޯތްބަށް ކުޑަ ވެސް ފަނޑުކަމެއް ނާންނަކަން އެނގޭއިރު ވެސް ބޭރުފުށުން އެކަން ދައްކާކަށް އޭނަ ބޭނުމެއް ނުވިއެވެ.
''ނިމިފަ އޮތް ކަމަކޭ ބުނާ އިރު މިރޭ އަޒްޔާން ފެނި ބަތޫއަށް ވީ ގޮތްތައް އަހަންނަށް ވަރަށް ގާތުން ފެނުނޭ... ބަތޫ ކޮންމެ ގޮތަކަށް އަމަލުކޮށް ލޯބިނުވާކަން ހާމަކުރަން އުޅުނަސް އަމިއްލަ ހިތަކަށް އެކަން ނޯޅުވޭނެ ދޯ؟...'' ދޫދޭފަދަ ވިސްނުމެއް ޖަނާގެ ނެތެވެ.
''ޖަނާ!...'' ނުރުހުމާއެކު ބަތޫލްއަށް ބުނެވުނެވެ. ''ދެން އިތުރަށް ތި ބޭކާރު ވާހަކަތައްް އަޑު އަހާކަށް އަހަރެން ނޫޅެން...'' ހިތްހަމަނުޖެހުމާއެކު އެތަނުން ދާން ވެގެން ބަތޫލް ފުންމައިގެންފައި ގޮނޑިން ތެދުވުނެވެ. އަދި އިތުރަށް އެތާނގައި މަޑުކުރުމެއް ނެތި ދާން ހިނގައިގަތެވެ. ނަމަވެސް ދެފިޔަވަޅު ވަރު ކުރިއަށް އެޅުނު ތަނާ ހީވީ ނުފެންނަ އަތަނުން އައިސް އޭނަގެ ފައިތިލައިގައި ހިފެހެއްޓި ހެންނެވެ. ކަންފަތަށް އިވުނު ޖުމްލައާއެކު އޭނައަށް ފަސްއެނބުރި ބަލާލެވުނެވެ. އޭރު އޭނަގެ މޫނުގެ ކުލަވަރު ވަނީ މުޅިންހެން ބަދަލުވެފައެވެ. ސިހުންވެރިކަން ނޫން އެހެން އެއްޗެއް ނުވެއެވެ.
''އަޒްޔާން އަށް މަޖުބޫރުކުރީ ބަތޫލްގެ މައިންބަފައިން... އޭރު ވެސް މިހާރު ވެސް އެމީހުން ހިތްހަމައެއް ނުޖެހޭ ބަތޫލް އަޒްޔާން އާއި ގުޅޭކަށް...'' ޖަނާ ބުންޏެވެ.
ބަތޫލްއަށް ލިބުނު ވަރުގަދަ ޝޮކުގެ ސަބަބުންނާއި ބޮލަށް އަރާފައިވާ ވާންކަމުން އޭނައަށް ކޮޅަށް ހުންނަން ވެސް ދަތިވާ ހިސާބަށް ދިޔަ އެވެ. އަވަސްއަވަހަށް ކައުންޓަރުގައި އޭނައަށް ހިފަހައްޓާލެވުނެވެ. އޭރު އޭނަގެ ނަޒަރު ގޮސް ހުއްޓިފައިވަނީ ޖަނާ އަށެވެ.
ބަތޫލްއަށް ވެދިޔަ ގޮތްތައް ފެނި އެހީވާން ޖަނާ ބޭނުން ވިއެވެ. ނަމަވެސް ބަތޫލްގެ ފަރާތުން ފެންނަމުން އައި ބަދަލުތަކުން އޭނަ ފަސްޖެހުނެވެ. އޭނައަށް ބަތޫލްގެ މޫނަށް އަރާފައިބަމުން އައި ޝޫޢުރުތައް ދެނެގަންނާކަށް ވެސް ނޭގުނެވެ.
ވިސްނުނު ވަރަކަށް ބޮލުގެ ރިހުން ގަދަ ވާކަމުގެ އިހުސާސް ބަތޫލްއަށް ކުރެވުނެވެ. އޭރު ވެސް ލިބުނު ޝޮކު ފިލައިގެން ނުދެއެވެ. ޤަބޫލުކުރަން އުނދަގޫވެފައި އޭނައަށް ގަނޑުވެފައި ހުރެވުނީއެވެ. ތަކުރާރުކޮށް އިވެމުން އައި ޖުމްލަތައް ހުއްޓުވަން އެވަގުތު އޭނައަށް ކަންފަތުގައި އަތްއަޅާ ބާރުކޮށްލެވުނެވެ. އަދި ދެފަރާތަށް ބޯހޫރާލެވުނީ އުނދަގޫކުރަމުން އައި ޚިޔާލުތަކާ ދުރުވުމަށެވެ. އުތުރިއަރައިގަތް މަސްހުނި ޖަޒުބާތުތަކުން ލޮލަށް ކަރުނަތައް ޖަމާވާންފެށީ ވެސް އެދަނޑިވަޅުގައެވެ.
ޖަނާ އެހާމަކުރީ ހަޤީޤަތް ހެއްޔެވެ؟ އަޒްޔާން އަދިވެސް އޭނަ ދެކެ ލޯބިވޭ ހެއްޔެވެ؟ އޭނަގެ އުފަލަށް ހުރަސް އެޅީ އޭނަ އެންމެ ބޮޑަށް އިތުބާރުކުރާ މައިންބަފައިން ހެއްޔެވެ؟ އެފަދައިން ކަންތައް ވާންވީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ އުފަލަށް އޭނަގެ މައިންބަފައިން ހުރަސް އަޅަންވީ ކީއްވެގެން ހެއްޔެވެ؟
''ނޫން... ހުސް ދޮގު ތީ... އަޒްޔާން އަހަރެން ދެކެ ލޯބި ނުވާތީ އެފަދައިން ކަންތައް ކުރީ... އޭގައި އަހަރެންގެ މައިންބަފައިންގެ އަތެއް ނުވާނެ... ޤަބޫލެއް ނުކުރާނަން... ކުށްވެރިޔަކީ ހަމަ އަޒްޔާން...'' ބަތޫލް ބަނދިވަރެއްހެން ތަކުރާރުކުރަމުން ދިޔައީ އޭނަގެ ހިތަށް ވިސްނައިދޭށެވެ. އެހެނަސް އެހިތް އެކަމާ ފާޅުގައި ދެކޮޅު ހަދަމުން ދިޔަ އެވެ. ލޯކުރިމަތިން ސިފަވާން ފެށި މަންޒަރުތަކުގެ ސަބަބުންނެވެ. އަޒްޔާން ވަނީ ކިތަންމެ ގޮތަކުން އޭނަ ދެކެ ވާލޯބި ހާމަކޮށްދީފައެވެ. އޭނައަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނަން ކަމުގައި ހާމަކޮށްފައެވެ. އެވަގުތު އަޒްޔާން އޭނަ ގާތު ބުނެފައިވާ ވާހަކަތައް އައިސް ސިކުނޑިއަށް ޖެހިގަތީ އެތައް ހާސް ޓަނުގެ ބަރުދަނާ އެކުގައެވެ.
''ނޫން!...'' ބަތޫލްއަށް ބުނެލެވުނެވެ.
''ބަތޫ...'' ޖަނާ ގޮނޑިން ތެދުވެލަމުން ބަތޫލް ގާތަށް ދިއުމަށް ފިޔަވަޅެއް އަޅާލިއެވެ. އެއާއެކު ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލަމުން ބަތޫލް އެކަން މަނާކުރިއެވެ. އަދި އެތެރެއަށް ނޭފަތް ދަމާލަމުން ޖަނާއާ ކުރިމަތިލިއެވެ.
''ޖަނާ ތިއުޅެނީ އަހަރެންގެ ހިތުގައި ޝައްކު އުފައްދަންތަ؟، އަހަރެންގެ މައިންބަފައިން ދެކެ ރުޅިވެރިކަން އުފައްދަންތަ؟... އެހެން އެއްވެސް މީހަކަށް އިތުބާރު ނުކުރެވުނަސް އަހަރެން އެމީހުނަށް އިތުބާރު ކުރާނަން... އަޒްޔާން ކުރިކަމެއް ކުރީ އޭނަގެ ރުހުމުގައި މަޖުބޫރުކަމެއް ނެތި... އޭނަ އަހަރެން ދެކެ ލޯބި ނުވާތީ... މިކަމުގެ ތެރެއަށް އަހަަރެންގެ މައިންބަފައިން ގެންނާނެކަމެއް ނެތް!...'' އަމިއްލަ އިހުސާސްތަކާ ދެކޮޅަށް ބަތޫލް ވާހަކަދެއްކިއެވެ.
''ބަތޫ ވިސްނާލަބަލަ... އަޒްޔާން ދެކެ ރުޅިއައިސްފައި ކުއްލިއަކަށް ކައިވެންޏަށް ރުހުން ދިނީ މިހުރިހާކަމެއް ރާވައިގެންނޭ...'' މާޒީގެ ހަނދާނެއް އާކޮށްދެމުން ޖަނާ ވާހަކަދެއްކީ އޭނަގެ އަތުގައި އިތުރު ހެއްކެއް ނެތީމައެވެ.
ބަތޫލްއަށް ދެކޮޅުހަދަން އުނދަގޫވީ ދެނެވެ. ޖަނާ އެބުނީ ތެދެކެވެ. އަޒްޔާންއާއި އަޒްޔާންގެ ޢާއިލާ މެންބަރުންނާއި ބައްދަލުވި ދުވަހުން ފެށިގެން ބައްޕައާއި މަންމަގެ ފަރާތުން ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. ވަގުތުން އަޒްޔާންއާއި ގުޅުން ކަނޑާލަން އޭނައަށް އަމުރުކުރެވުނެވެ. އެކަމާމެދު އޭނަ ރުއިރުއިމާއި ކުރި ހިތާމަ އެންމެ މޮޅަށް ދެނެވޮޑިގެންވާނީ ހެއްދެވި ފަރާތެވެ. ނަމަވެސް މަންޒަރު ބަދަލުވެގެންއައީ ކުއްލިއަކަށެވެ. ބައްޕަ އޭނައާއި އަޒްޔާންގެ ކައިވެންޏަށް ރުހުންދިނުމާއެކު ލިބުނު އުފަލެއްގެ ބޮޑުކަމުން ހުރިހާ ހިތާމަތަކެއް ހިތުން ފިލައިގެން ދިޔަ އެވެ. އަޒްޔާންއާއެކު އުފާވެރި ޚަޔާތަށް ކުރެވުނު ފޮނި އުއްމީދުތައް އަނެއްކާ ވެސް އާލާވެގެން ދިޔަ އެވެ. އެހެނަސް އެއުފާވެރިކަން ވެގެން ދިޔައީ ވަގުތީ ހިތްހަމަޖެހުމަކަށެވެ. ފީނެމުން އައި ހުވަފެނީ އާލަމުން އޭނަ ހޭލައްވާލި ބިރުވެރިކަން އެހިތުގައި ބިންވަޅު ނެގިފައިވަނީ ދުވަހަކު ފޮހެވިގެން ނުދާނެ ފަދައަކުންނެވެ. އޭނައަށް އަޒްޔާންގެ ރުޅިވެރިކަން ފުރަތަމަ ތަޖުރިބާ ކުރެވުނު ދުވަހަކީ ވެސް އެއީ އެވެ. ލޯބިން ފިރުމި ދެއަތުން އޭނަގެ ހިތް ފިސްފިސްކޮށްލި ދުވަހަކީ ވެސް އެއީ އެވެ. އެހަނދާންތައް ފަހުނޭވާއާ ޖެހެން ދެން އޭނަގެ ހިތަށް އަނިޔާ ދޭނެއެވެ.
މަންޒަރު ފުސްކޮށްލި ކަރުނަތައް ކޯތާފަތަށް ފޭބުމާއެކު އޭގެ ފިނިކަމުގެ އިހުސާސާއެކު ބަތޫލްއަށް ސިހުން ލިބި ޚިޔާލުތަކުގެ ތެރޭން ނިކުމެވުނެވެ. ފުންނޭވާތަކެއް ދޫކޮށްލުމަށްފަހު އޭނަ ފިޔަވަޅުތައް އަވަސްކޮށްލިއެވެ. ބަތޫލްގެ ފަހަތުން ދާން އުޅެފައި ވެސް ޖަނާ މަޑުކޮށްލީ މިވަގުތު އެކަނިވެލަން ބަތޫލް ބޭނުންވާނެކަން އެނގޭތީއެވެ. އެހުރިހާކަމެއް ހަޖަމުކުރަން ވަގުތު ނަގާނެތީއެވެ.
*****
ކޯތާފަތް ފޮހެލަމުން އަވަސް ހިނގުމެއްގައި ގޮސް ބަތޫލް ވޮޝްރޫމަށް ވަނެވެ. އެވަގުތު ވޮޝްރޫމުން ނިކުންނަން ދިޔަ އީވާއަށް ސިހުމެއް ލިބުނީ ބާރަށް ހުޅުވިގެން ދިޔަ ދޮރުގެ ސަބަބުންނެވެ. އޭނައަށް ފަހަތަށް ޖެހިލެވުނު ހިނދު ރޮމުން އެތެރެއަށް ވަން ބަތޫލް ފެނި ކަންބޮޑުވެފައި ގޮވާލެވުނެވެ. ނަމަވެސް ބަތޫލް ވަށައިގެންވި މާހައުލަށް ސަމާލުކަމެއް ނުދިނެވެ. އެންމެ އަވަހަކަށް ގޮސް ހުޅުވުނު ބައިގެ ތެރެއަށް ވަދެ ތަޅުލަމުން އޭނަ ދޮރަށް ލެނގިލިއެވެ.
''ބަތޫލް...'' ދޮރުގައި ޓަކި ޖަހާލަމުން އީވާ ގޮވާލިއެވެ. އޭނަ ދެތިން ފަހަރަކު ޓަކި ދިނުމުން ވެސް ޖަވާބެއް ނުލިބުނެވެ. އެކަމާ ހުރެ އޭނައަށް އިތުރު ނުތަނަސްވަކަމެއް ލިބުނެވެ. ބަތޫލްއަށް ވީގޮތެއް އޮޅުން ފިލުވަން އޭނަ ސުވާލުކުރަން ފެށިއެވެ.
''ޖަސްޓް ލީވް... އަހަރެން ބޭނުމީ އެކަނިވެލަން...'' ކުރެހިފައިވާ އަޑަކުން ބަތޫލް ބުނެލިއެވެ. އިތުރު ސުވާލުތަކެއް ކުރުމެއް ނެތި ވޮޝްރޫމުން ނިކުންނަން އީވާ ހިނގައިގަތީ އެކިދިމަދިމާއަށް އޭނަގެ ވިސްނުން ހިންގަމުންނެވެ.
*****
ޖައުފަރުގެ އިންތިޒާރުގައި ވަގުތު ގުނަމުން އައި ހިންދުއަށް އަވަސްއަވަހަށް ސޯފާއިން ތެދުވެވުނީ މައިދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަން ޖައުފަރު ފެނުމުންނެވެ. ހިންދު ފެންނައިރަށް ޖައުފަރުގެ ތަބީއަށް އިސާހިތަކު ގޯސް ވެއްޖެއެވެ. އަތުގެ ކޮޅަށް ދޮރުލައްޕާލުމަށްފަހު ކޮޓަރިއަށް ދިއުމަށް އޭނަ މިސްރާބު ޖެހީ ނުހަނު ހަލުވި ފިޔަވަޅުތަކެއްގައެވެ.
ޖައުފަރުގެ އަމަލުތަކުން އަދިވެސް ރުޅިގަނޑު ފިނިނުވާކަން ނަގައިގަނެވުމުން ފަހަތުން ދާން ހިންދު ޖެހިލުން ވިއެވެ. ނަމަވެސް ކޮންމެހެން ޖައުފަރުގެ ލަފާ ބޭނުންވެފައިވާތީ ކެރިގެން އެބިރުވެރިކަމާ ކުރިމަތިލާން އޭނަ ނިންމިއެވެ.
ހިންދު ކޮޓަރިއަށް ވަންއިރު ޖައުފަރު ހުރީ ފާޚަނާގަ އެވެ. އެނދު މައްޗަށް އުކާލެވިފައި އޮތް ގަމީސް ގެސްގޮސް ދާވަށިގަނޑަށް ލުމަށްފަހު ހިންދު އިންތިޒާރުކުރަން ފެށީ ޖައުފަރު ނިކުންނާނެ އިރަކަށެވެ. އިންތިޒާރުގައި ވަގުތުގުނަމުން ދަނިކޮށް ފާޚަނާގެ ދޮރު ހުޅުވާލެވުނު އަޑު އިވުނެވެ. ވާހަކަދައްކަން އުޅެފައި ވެސް ހިންދު ފަސްޖެހެވުނީ ޖައުފަރުގެ މޫނުމަތިން ފެންނަމުން ދިޔަ ނަފްރަތުގެ ދިލަހޫނުކަމުންނެވެ. ޖައުފަރު އައިސްފައި ހުރި ގަދަ ރުޅީގައި އޭނަގެ ގަޔަށް އަތްއިސްކޮށްފާނެތީ ވެސް ހިންދު ހުރީ ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ.
ނިދަން އަންނަ މުންޑު އަނދެގެން އައިސް އެނދު ކައިރީގައި ހުރި ކުޑަ ކަބަޑު މަތިން ފެންޖަގު ނަގައި ތައްޓަކަށް ފެންއަޅާލަމުން ޖައުފަރު އެނދުގައި އިށީނެވެ. އަދި ހަމަޖެހިލަމުން ތުނބުގައި ތަށި ޖައްސާލިއެވެ. އެހުރިހާ އިރު ކޮޅަށް ހުރި ހިންދު ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވީ އޭނަގެ ނަފުސު ހުރިހާ ކަމަކަށް ތައްޔާރުކޮށްލި ހެންނެވެ.
''ޖައުފަރު...'' ހިންދު ގޮވާލިއެވެ. އެއާއެކު ފަރުވާކުޑަ ގޮތަކަށް ޖައުފަރު ބަލާލިއެވެ.
''އަހަރެން...... ހުރިހާ ކަމަކަށް ހައްލެއް ހޯދައިފިން......''
ހިންދުއަށް ޖައުފަރުގެ ސަމާލުކަން ހުއްޓުނެވެ. އެއީ ވާހަކަކުރިއަށް ގެންދަންވީ ކަމުގެ ސިގްނަލެއް ކަމުގައި ދެކެމުން ހިންދު އިތުރަށް ތަފުސީލުކޮށްދޭން ފެއްޓިއެވެ. މާރިޔާއާއި ދެމީހުންގެ ދެމެދުގައި ބަދަލުކުރެވުނު ވާހަކަތަކުގެ އިތުރުން މާރިޔާގެ ހުށަހެޅުން ވެސް ހިންދު ހާމަކުރިއެވެ. އެހުރިހާ އިރު ޖައުފަރު އެއްޗެއް ނުބުނެ ހިމޭނުން އިނުމުން އެޚީޔާލާމެދު ނުރުހުނު ކަމަކަށް ހިންދުއަށް ހީވިއެވެ.
''ޝުޖާއުއާ ބަތޫލް ކައިވެނި ކުރެވުމުން އަހަރުމެން އެދޭފަދަ ދިރިއުޅުމެއް ބަތޫލްއަށް ލިބޭނެ... ބަތޫލްއަށް ލިބިދާނެ ހިތާމައަކާ މެދުވެސް ވިސްނާކަށް ނުޖެހޭނެ....... އަރުމެންގެ ގާތުގައި ބަތޫލް ހުންނާނެ... ޝުޖާއު އެއީ ހުރިހާ ގޮތަކުން ވެސް ބަތޫލްއާ އެންމެ އެކަށީގެންވާ ބައިވެރިޔާ...... ކައިވެނި ކުރެވުމުން ހުރިހާކަމެއް މަތިން ހަނދާން ނައްތާލާފައި އާފެށުމަކުން ފަށަން ބަތޫލްއަށް ވެސް މަޖުބޫރުވާނެ....'' ހިންދު ބުނެދިނެވެ.
''އަހަރެން ނެތިން ތިކަމަށް ނޫނެކޭ ބުނާކަށް...'' ވިސްނާލުމަށްފަހު ޖައުފަރު ބުނެލިއެވެ. އޭނަގެ އަޑުގައި މިހާރު ރުޅިވެރިކަމެއް ނުވެއެވެ. ''އެކަމަކު ބަތޫލް...''
''ޖައުފަރު ވާހަކަދެއްކިއްޔާ ބަތޫލްއަށް ނޫނެކޭ ބުނާކަށް ނުކެރޭނެ... އެހެންނޫނަސް ބަތޫލްއަށް އޮތް އެންމެ ރަގަޅު ގޮތް މިއީ...'' ޖައުފަރު ބުނަން އުޅުނު އެއްޗެއް ފަހުމުވުމާއެކު ހިންދު ބުނެލިއެވެ. ޖައުފަރުގެ ފަރާތުން ނުރުންތެރިކަން ފާޅުނުވުމުން އެޚިޔާލާމެދު ޖައުފަރު ހިތްހަމަޖެހިފައިވާ މިންވަރު ހިންދުއަށް ނަގައިގަނެވުނެވެ.
''އެކަމަކު އެޖަނާގެ ސަބަބުން އިތުރު އުނދަގުލެއް ކުރިމަތިވާކަށް ތަނެއް ނުދެވޭނެ...'' ޖައުފަރު ބުނެލިއެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން ހިންދު ބޯޖަހާލިއެވެ.
*****
ވިސްނެމުން ދިޔަ ވަރަކަށް ބަތޫލްގެ ބޮލުގެ ނާރުތަކަށް ވާންވާން ފެށިއެވެ. އެއާއެކު އޭނައަށް ނިތްކުރީގައި ބޮޑުވާއިނގިލި ހިންގާލެވުނެވެ. ފާޚަނާގެ ދޮރަށް ލެނގިލުމަށްފަހު އަނެއްކާ ވެސް ބަތޫލް ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. ހީވީ އޭނައަށް އުނދަގޫކުރަމުން އައި ހުރިޔާ ޚިޔާލުތަކެއް ވެސް އެނޭވާއާއެކު ފަޒާގެ ތެރެއަށް ދޫކޮށްލި ހެންނެވެ. ހަމަޖެހުން ގެއްލިފައިވާ ހިތުގެ މައްޗަށް އަމިއްލަ ބާރު ފޯރުވަން ބަތޫލް މަސައްކަތް ކުރިއެވެ. އޭރު ވެސް އޭނަގެ ފިކުރާ ގުޅިފައިވަނީ ޖަނާގެ ދެއްކި ވާހަކަތަކެވެ. އެކަން ދޮގުކުރަން އޭނަ ގަދައަޅައި މަސައްކަތް ކުރިމަކުގައި ވިޔަސް އެންމެ ފަހުން ޖަނާ ބުނެލި ޖުމްލައިގެ ތެދުކަމާމެދު ޝައްކެއް ނުއުފެއްދުނެވެ. އޭގެ ސަބަބުން ހަނާއަޅަން ފެށި ހަޤީޤަތް ޤަބޫލުކުރަން އޭނައަށް އިންތިހާއަށް ދަތިވިއެވެ. އުފަން މައިންބަފައިން އެފަދަ ބޮޑު ދެރައެއް އޭނައަށް ދީފާނެ ހެއްޔެވެ؟ އޭނަގެ އުފާތަކަށް ހުރަސް އަޅާފާނެ ހެއްޔެވެ؟ އޭނަގެ އުއްމީދުތަކާއި ދެކެވުނު ހުވަފެންތަކުގައި ހުޅުރޯކޮށްފާނެ ހެއްޔެވެ؟ އަޒްޔާން އޭނަ ދެކެ އަދިވެސް ލޯބިވޭ ހެއްޔެވެ؟
''ޒޭން... އަހަރެން ދެކެ ލޯބިވަންޏާ ކީއްވެތަ މިހިތަށް އަނިޔާ ތިދެނީ؟... އެއީތަ ލޯބިވާކަން ހާމަކޮށްދޭ ގޮތަކީ؟... އަހަރެން ޒޭންއަށް އެދޭވަރު ނޭގެނީތަ؟، އިހުސާސް ނުކުރެވެނީތަ؟... ޖަނާ އެބުނަނީ ތެދުކަމަށް ވަންޏާ ކީއްވެތަ އެހާ ފަސޭހައިން އަހަރެން އެކަނިކޮށްލީ؟، ކޮން މަޖުބޫރީއެއްތަ ދިމާވީ؟... އަހަރެން އަދިވެސް މިހުރީ ޒޭންގެ އިންތިޒާރުގައި ކަމެއް ނޭގޭތަ؟...'' މަޑު ގިސްލުމުގެ އަޑާއެކު ހިތުގެ ޝަކުވާތައް ބަތޫލްއަށް ބޭރުކޮށްލެވުނެވެ. ނަމަވެސް އިތުރަށް އެހިތަށް ވޭން ލިބުނީ އެއަޑުއަހަން ގާތުގައި އަޒްޔާން ނެތުމުންނެވެ. އެއާއެކު ކުއްލިއަކަށް ބަތޫލްއަށް ކަރުނަ ފޮހެލެވުނެވެ. އަދި ދޮރުހުޅުވާލުމަށްފަހު ބޭރަށް ނިކުތީ އޭނަގެ ސިކުނޑިއަށް ވެރިވި ޚިޔާލުގެ ސަބަބުންނެވެ. އޭނަގެ ހިތުގެ ހަމަޖެހުން ނަގާލާފައިވާ ސުވާލުތަކުގެ ޖަވާބު އޭނަ ބޭނުމެވެ. އެސުވާލުތަކަށް ޖަވާބު ލިބިގެން މެނުވީ އޭނައަށް ދެން ހަމަޖެހުމެއް ނުލިބޭނެއެވެ.
މޫނު ދޮންނަ ތަށިގަނޑު ކައިރިއަށް ހުއްޓިލަމުން ބަތޫލް ފެން އިސްކުރަށް ދޫކޮށްލިއެވެ. އަދި ފެން ގޮށްޓަކުން އޭނަގެ މޫނަށް ތާޒާކަން ގެނެސްދޭން މައްސައްކަތް ކުރިއެވެ. އެއަށްފަހު ފާރުގައި ހަރުކުރެވިފައިވާ ލޯގަނޑުން ފެންނަމުން ދިޔަ ސޫރައަށް އަވަސް ނަޒަރެއް ދިނެވެ. މޫނުދޮންނަ ތަށިގަނޑުގައި ދެއަތް ވިއްދާލުމުން ފުންނޭވާތަކެއް ދޫކޮށްލުމަށްފަހު ބަތޫލް ކަމަކާ ކުރިމަތިލާން ނިޔަތް ގަތެވެ. ނަތީޖާ ކޮންމެ ގޮތަކަށް ނިކުތްކަމުގައި ވިޔަސް ހެޔޮކަމަށް ދެކިގެންނެވެ.
*****
މަންމަގެ ސިއްހަތާމެދު ފިކުރު ބޮޑުވެފައި އިން އަޒްޔާންގެ ނަޒަރު ހުއްޓިފައި ވަނީ ފުންނިންޖެއްގެ ތެރޭގައި އޮތް ޒައިނަބު އަށެވެ. އޭރު ކައިރީގައި ހުރި ގޮނޑީގައި ޝީރީން ނިދިޖެހިފައި އިނެވެ. އަޒްޔާން ކުރިއަށް ޖެހިލުމަށްފަހު ޒައިނަބުގެ އަތްތިލައިގައި ހިފާލަމުން ބޮސްދިނެވެ. މަންމައަށް ކަމެއް ވެދާނެތީ އޭނަގެ ހިތްވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. މިހާރަކަށް އައިސް އަބަދު ރުޅި އިސްކުރެވި މަންމައާއި ވާހަކަދެއްކިފައިވާތީ އޭނަ އިންތިހާއަށް ދެރަވިއެވެ. އެފަދައިން ކަންތައް ތަކުރާރު ނުވާނެ ކަމަކަށް އޭނަ ހިތާހިތުން ވަޢުދު ވިއެވެ. އަދި މަންމައަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް އެދި މާތްﷲއަށް ދުޢާކޮށްލެވުނެވެ.
އެގޮތުގައި އެތައް އިރެއް ވޭތުވެގެން ދިޔަ ފަހުން އަޒްޔާންއަށް ކުއްލިއަކަށް ފަސްއެނބުރި ބަލާލެވުނީ ގާތުގައި މީހަކު ހުރިހެން ހީވެގެންނެވެ. ގޮނޑީގެ ފުރަގަހުގައި ހުރި ބަތޫލް ފެނި އަޒްޔާންއަށް ފުންމައިގެން ގޮސް ކޮޅަށް ތެދުވެވުނެވެ. އަޒްޔާންގެ އެހަރަކާތުން ސިހުން ލިބުނު ބަތޫލްއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހާ ގާތުން އެސޫރަ ފެނި އޭނަގެ ހިތުގެ ތެޅުން ބާރުވެ ނާރުތަކުގައި ދައުރުވަމުން އައި ލޭގެ ހިނގުން އަވަސްކުރުވިއެވެ. އެޖާދުލެއް ފަދަ ދެލޮލުގެ ތެރެއަށް ޣަރަޤުވެގެން ދިއުމަށް ނަފުސު ދޫކޮށްލަން ބޭޤަރާރުކަން ވެރިވެފައިވާ ހިތް އެދި ގޮވަން ވެސް ފެށިއެވެ.
އަޒްޔާން ކުއްލިއަކަށް ބަތޫލްގެ އަތުގައި ހިފުމާއެކު އޭނަ ދޫކޮށްލަން އުޅުނު ނޭވާވެސް ހިނދުރީގައި ތާށިވެއްޖެއެވެ. އެއަތުގެ އެންމެ ބީހިލުމަކަށް އޭނަގެ ޖާން ދޫކޮށްލެވުނެވެ. އަވަސްވެފައިވާ ވިންދުތަކާއެކު ބަތޫލްއަށް އަޒްޔާންގެ މޫނަށް ބަލާލެވުނެވެ. އެމޫނުގައިވާ ވިދުން ދެނެގަންނަން އޭނަ ނުކުޅެދުނުކަމުގައި ވިޔަސް އެދެލޮލުން އޭނައަށް ފޮރުވިފައިވާ ތަފާތު ޖަޒުބާތުތަކެއް ފެނުނެވެ.
''ބަލަ ދުރުގަ ހުންނާށޭ ބުނީމަ ވެސް އަޑެއް ނީވޭދޯ؟...'' ވޯޑުން ނިކުމެވުމާއެކު ބަތޫލްގެ އަތުން ދޫކޮށްލަމުން އަޒްޔާން ހަރުކަށި އަޑަކުން ބުނެލިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާމެހުނު ހިނދު އަޒްޔާނަށް އޭނަގެ ނަޒަރު އެހެންދިމާއަކަށް އަނބުރާލެވުނީ މޭގައި އުފެދުނު ރިހުމާއެކުގައެވެ. ބަތޫލްގެ ދޮލޮލުން ފެނުނު ޝަކުވާތަކާއި ލޯބީގެ އޮއެވަރުގައި ބެހިގެންދާން ނޭދޭތީ އެވެ.
''އަހަރެން މިއައީ ސުވާލުތަކެއްގެ ޖަވާބު ހޯދަން...'' އިހުސާސްތަކުގެ މައްޗަށް ކުރިހޯދަމުން ބަތޫލް ބުނެލިއެވެ. ބަތޫލްގެ ޖުމްލައާއެކު އަޒްޔާނަށް ހައިރާންކަން ލިބިގެން ދިޔަ އެވެ. އޭނައަށް ބަތޫލްގެ މޫނަށް އަވަސް ނަޒަރެއް ދެވުނު ހިނދު ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ.