ހިމޭންކަމުގެ ސުކޫތެއް ފާއިތުވެގެން ދިޔައިރު ވެސް އިސްވެ އެކަކުވެސް ވާހަކައެއް ނުދެއްކިއެވެ. ވަގުތާއެކު މާހައުލަށް ވެރިވެފައި އޮތް ނުތަނަވަސްކަން ފުންވަމުން އައި ހިނދު ބަތޫލްއަށް ބަލަހައްޓައިގެން ހުރެވުނީ އަޒްޔާންގެ މޫނަށެވެ. އެއްޗެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. ހަމައެފަދައިން އަޒްޔާންގެ ކަތިނަޒަރު ވެސް އިރުއިރުކޮޅާ ބަތޫލްއަށް އަމާޒު ވެއެވެ. އެއިން ކޮންމެފަހަރަކު ބަތޫލްގެ ހިތުގެ ނާރުތަކާ ކުޅެލާ ގޮތަކުން އޭނަގެ ނޭވާ ފުން ވެއެވެ.

''ބަތޫލް އަހަންނާ ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ!!...'' އިހުސާސްތަކުގެ މައްޗަށް އަމިއްލަ ބާރު އިސްކުރަމުން އަޒްޔާން ބުންޏެވެ. އިތުރަށް އެތާނގައި މަޑުކުރާފަދަ ވިސްނުމެއް އޭނަގެ ނެތެވެ. އެހެންނޫންނަމަ އޭނަގެ ހިތް ބޭޒާރުވެދާނެ އެވެ. މިހާރުވެސް އޭނައަށް ހިފަހައްޓާލެވިފައި އެވަނީ ނުހަނު އުނދަގުލުންނެވެ. އަޒްޔާން އެތަނުން ދާން އުޅުމާއެކު ބަތޫލްއަށް ތެޅިގަނެވުނެވެ. އަވަސްއަވަހަށް އޭނަ އަޒްޔާންގެ ކުރިބައްދަން މަސައްކަތްކުރިއެވެ. ބަތޫލްގެ އެހަރަކާތުން އަޒްޔާންގެ މޫނަށް ނުރުހުންތެރިކަން ވެރިވެގެން ދިޔަ އެވެ. ހަނިކޮށްލެވުނު ދެލޮލޮން އޭނަ ބަތޫލްއަށް ބަލާލިއެވެ.

''ޒޭންއަށް ދެވޭނީ އަހަރެން ކުރާ ސުވާލުތަކުގެ ޖަވާބު ދިނުމަށްފަހު...'' ސާބިތުކަމާއެކު ބަތޫލް ބުންޏެވެ. އޭނަ އެހެން ބުނިއިރު ވެސް އަޒްޔާން ފަދަ ބާރުވެރި ފިރިހެނެއްގެ ކުރިމަތީގައި އޭނަ އެއްވެސް އެއްޗަކަށް ނުވާނެކަން އެނގެއެވެ. ނަމަވެސް އެހިތުގެ ވޭނީ ފަސާނާއާއި ކެކުޅުންތަކަށް ނިމުންއަންނަން އޭނަ ބޭނުމެވެ. އަމިއްލަ އިހުސާސްތަކާ ހަނގުރާމަކޮށްކޮށް އޭނަ އެވަނީ ބަލިކަށިވެފައެވެ. ނާއުއްމީދުތަކުން ފުރިފައިވާ ދިރިއުޅުމާއި ކުރިމަތިލާނެ ހިތްވަރެއް އޭނަގެ ނެތެވެ. ހަމައެއާއެކު ނަފުސުގެ ހަމަޖެހުން ނަގާލާފައިވާ ސުވާލުތަކުގެ ޖަވާބު ކޮންމެހެން ވެސް އޭނަ ބޭނުމެވެ. އޭނަ އަޒްޔާންގެ ކުރިމައްޗަށް އެއައީ ހާދަ ވަރަކަށް ހިތްވަރުކޮށްފައެވެ. މިހާރު ވެސް އެނާޒުކު ހިތުގައި އުފެދިފައިވާ ތޫނު ރިހުން އިހުސާސްކުރެވޭނީ ހަމައެކަނި އޭނަ އަށެވެ. އެހިތްގައިމު ސޫރަ ފެނި ދުރުގައި ހުންނަން ވުމުން ހާދަ ވޭނެއް އެބަ އަޅައެވެ.

އަޒްޔާން ކުރިއަށް އަޅާލި ފިޔަވަޅާއެކު ދެޒުވާނުންގެ ދެމެދުގައިވި ދާއިރާ އިހުނަށްވުރެ ހަނިވެގެން ދިޔަ އެވެ. އެއާއެކު ބަތޫލްއަށް ފަހަތަށް ޖެހިލެވުނީ ބޭއިހުތިޔާރުގައެވެ. އޭރު އެގާތްކަމުގެ ސަބަބުން އޭނަގެ ވިންދުތައް އަވަސްވެގެން ދިޔައީނުން ހިތުގެ ތެޅުމަށް ބުރޫއަރާފާނެހެން ވެސް ހީވިއެވެ. ނޭވާ ހިފަހައްޓާލައިގެން ހުރެވުނީ ދެންވާނެގޮތަކާ މެދު ވިސްނުން ހިންގާލަން ނުކުޅެދުމުންނެވެ.

އިސްތިރިކޮށްލައިގެން ހުރި ބަތޫލްއަށް ހިތްފުރެންދެން ބަލާލުމުގެ ނަސީބު ލިބުމުން އެފުރުސަތު ގެއްލުވާލާކަށް އަޒްޔާން ބޭނުމެއް ނުވިއެވެ. އެމޫނުގައިވި ހިތާމަޔާއި މޮޅިވެރިކަމުގެ ލިސާންތަކުން އޭނައަށް ފުން އަސަރުތަކެއް ކުރުވިއެވެ. އަމިއްލަ ނަފުސު ދެކެ އެވަގުތު އޭނައަށް އިންތިހާއަށް ރުޅިއާދެވުނީ އެހުރިހާ ހިތާމަތަކާއި ގުޅިފައިވާ އަސްލަކީ ކޮބައިކަން ވިސްނައިގަނެވުމުންނެވެ. މުށްކަވާލަމުން އޭނައަށް އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. ކިތަންމެ ފަހަރަކު ބަތޫލް އެއަތުގެ ހިމާޔަތުގެ ތެރެއަށް ގެެންނަން އޭނަ ބޭނުން ވިއެވެ. އެއުދާސްތަކާއި ހިތާމަތައް ފޮހެވިގެންދާނެ ފަދައިން ލޯތްބާއި އޯގާތެރިކަން ދޭން ވެސް މެއެވެ. އެހެނަސް އޭނަގެ ދެއަތް އެވަނީ ބަނދެވިފަ އެވެ.

ބަތޫލް އިސްއުފުލާލި ހިނދު މޭގައި އުފެދިފައިވާ އޮއެވަރުގެ ސަބަބުން އޭނަގެ ދެލޮލަށް ކަރުނަ ޖަމާވެފައި ވިއެވެ. މިމަންޒަރު ފެނުމާއެކު އަޒްޔާންގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. އެދެލޮލުން އޭނައަށް ފެނުނު ރިހުމާއި ޝަކުވާތަކަށް ދޭނެ ޖަވާބެއް ނެތުމާއެކު ކުށްވެރިއެއް ފަދައިން އިސްޖަހާލެވުނެވެ.

''ޒޭން ކީއްވެތަ އަހަންނާމެދު ތިހެން ކައްތައް ތިކުރަނީ؟... ޒޭންގެ ރުޅިވެރިކަމުން މިހިތަށް ހާދަ އަނިޔާއެއް ލިބެޔޭ... އެކަން އިހުސާސް ނުކުރެވެނީތަ؟... ނޫނީ އަހަންނާ މެދު ވިސްނާލަން ބޭނުން ނުވަނީތަ؟... ޒޭން އަހަންނާ މެދު ކަންތައް ކުރާ ގޮތުން ރުޅި އިސްކުރަން ހާދަ މަސައްކަތެއް ކޮށްފީމޭ، ނަފުރަތުގެ ދިލަހޫނުން ހިތުގެ އުދާސްތަކަށް ފަރުވާހޯދަން އަހަރެން ކުރިހާ ކަމެއް ބޭކާރުވެގެން ދިޔައީ... އަހަންނަށް މިހިތުގެ އިހުސާސްތަކަށް އޮޅުވައެއް ނުލެވުނު... އަދިވެސް މިހިތް އެދެމުން ދަނީ ހަމައެކަނި ޒޭންއަށް... އަހަރެން މިދުނިޔޭގައި ހުރިހާ ހިނދަކު އެހަޤީޤަތް ބަދަލެއް ނުކުރެވޭނެ............ މިއަދު ޒޭން ޖެހޭނީ ޖަވާބު ދޭން... ކީއްވެތަ އެހެން ކަންތައް ކުރީ؟... ކީއްވެ އަހަރެންގެ ހިތް ރޮއްވާލީ؟... އަހަރެން ދެކުނު ހުވަފެންތައް ބިލާހަކަށް ވާން ދޫކޮށްލީ ކީއްވެގެންތަ؟... ޒޭން އަހަންނަށް ވި ވަޢުދުތަކާ ހިލާފުވީ ކީއްވެ؟، އަހަރެން ދެކެެ ލޯބި ނުވާތީތަ؟... ނޫނީ ބަޔެއްގެ ނުފޫޒުންތަ؟...'' ބަތޫލް، އޭނަގެ މޭގައި އަތްޖައްސާލަމުން ކުރެހިފައިވާ އަޑަކުން ޝަކުވާކުރިއެވެ. މިހުރިހާ ދުވަސްވަންދެން ވޭންދެމުން އައި އުދާސްތައް ލޯބިވެރިޔާ ކުރިމަތީގައި ބަންޑުންކޮށްލެވުމުން ވެސް އެހިތަކަށް ފިނިކަމެއް ނުލިބުނެވެ. އެއަށްވުރެ ބޮޑަށް އޭނަ ވަނީ ހާސްކަމެއްގެ ތެރޭގައެވެ. ސުވާލުތަކުގެ ޖަވާބު އައިސްދާނެ ގޮތަކާ މެދު ވިސްނުނު ވަރަކަށް އޭނައަށް ލިބިފައިވާ ނުތަނަވަސްކަން އިތުރު ވެގެން ދެއެވެ.

އަޒްޔާންއަށް ތިރީތުންފަތުގައި ދަތްއަޅާލެވުނެވެ. އޭނަ އުސުވާލުތަކުގެ ޖަވާބު ބަތޫލްއަށް ދޭނީ ކިހިނެއް ހެއްޔެވެ؟ އޭގެ ސަބަބުން އިތުރު ތަކުލީފެއް މެނުވީ ބަތޫލްއަށް ނުލިބޭނެއެވެ. އުފަން މައިންބަފައިންގެ ނުބައިކަން އޭނަ ހާމަކޮށްދޭނީ ކިހިނަކުން ހެއްޔެވެ؟ ދުވަހަކު އޭނަ ބަތޫލްއަށް ދެރައެއް ދޭން ނޭދޭނެކަން ހާމަ ކުރާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އަދިވެސް އެހިތާއި ޖާނާ ގުޅިލާ މެހިފައިވަނީ ބަތޫލްގެ ނަންކަން ހާމަކޮށްދޭނީ ކިހިނެއް ހެއްޔެވެ؟ ހަށީގައި ފުރާނަ ހުރިހާ ހިނދަކު އެހަޤީޤަތް ބަދަލު ނުވާނެކަން ބަޔާން ކުރާނީ ކިހިނެއް ހެއްޔެވެ؟

''ޒޭން ތިހެން ހިމޭނުން ނުހުރެ ޖަވާބު ދީބަލަ... އަހަރެންގެ މައިންބަފައިން ޒޭންއަށް މަޖުބޫރުކުރީތަ؟...... ޒޭން އަހަންނާ މެދު އެފަދައިން ކަންތައް ކުރީ އެހެންވެގެންތަ؟...'' އަޒްޔާންގެ ހިމޭންކަމުން އުނދަގޫވެފައި ހުރި ބަތޫލްއަށް އަހާލެވުނެވެ. އެހިމޭންކަން ތަރުޖަމާކުރާނެ ގޮތެއް އޭނައަކަށް ނޭގުނެވެ.

ބަތޫލްގެ ސުވާލާއެކު ކުއްލިޔަކަށް އަޒްޔާންއަށް އިސްއުފުލާލެވުނެވެ. އޭރު އެމޫނުގެ ކުލަވަރު ބަދަލުވެ ހައިރާންކަމާއި ސިހުން ނޫން އެއްޗެއް ނުވެއެވެ. ބަތޫލްގެ މޫނަށް ފުން ނަޒަރަކުން އޭނަ ބަލާލީ އެއްޗެއް ދެނެގަންނަން އުޅޭ ފަދައަކުންނެވެ. ބަތޫލް އެހާ ސީދާ ގޮތެއްގައި އޭނައަށް އެސުވާލު އަމާޒުކުރީ ކީއްވެެގެން ހެއްޔެވެ؟ ބަތޫލްއަށް ޝައްކުވީ ހެއްޔެވެ؟ ނަމަވެސް ކިހިނެއް ހެއްޔެވެ؟ ވިސްނާލެވުމާއެކު ފުރަތަމަ ވެސް އަޒްޔާންގެ ހިތަށް ވެރިވެގެން އައީ ޖަނާގެ ނަމެވެ. ޖަނާ ބަތޫލްއަށް ކިޔައިދިނީކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. އެއާއެކު އޭނަ މަސައްކަތްކުރީ ނޭގި ހުއްޓާ އަމާޒުވި ހަމަލާއިން ރެކިގަންނާށެވެ. އެއީ މަސްލަހަތަށް އޮތް އެންމެ ރަގަޅު ހައްލުކަމުގައި ވާތީއެވެ.

''ޒޭން ޕްލީޒް... އަހަރެން އާދޭސްކުރަން... ތިހެން ނުހުރެ ޖަވާބު ދީބަލަ... އަހަންނަށް އެނގެންޖެހޭ ކަމަކޭ އެއީ... ޒޭން އަހަރެން ދެކެ ލޯބިވޭތަ؟... ލޯބިވަންޏާ ކީއްވެ މިހިތަށް އަނިޔާ ތިދެނީ؟......'' ދެއަތްތިލަ ޖޯޑުކޮށްލަމުން ބަތޫލްއަށް ރޮވިފައިވާ އަޑަކުން ބުނެލެވުނެވެ. އޭނަގެ އާދޭސްތަކުން އަޒްޔާންގެ ހަރުހިތަށް އަސަރުކުރާނެ ކަމަށް ބަތޫލް އުއްމީދުކުރިއެވެ. ފުސްވަމުން ދިޔަ ދެލޮލުން އޭނަ ހުރީ އަޒްޔާންއަށް ބަލަހައްޓައިގެންނެވެ.

ބަތޫލްގެ އާދޭސްތައް އަޑުއަހަން އަޒްޔާންއަށް ފަސޭހަ ކަމަކަށް ނުވިއެވެ. އެއާއެކު އޭނަ އަވަސްވެގަތީ އެތަނުން ދާށެވެ. އޭރު އޭނަގެ ހިތް ގޮވަމުން ދިޔައީ ބަތޫލްގެ ލޮލުން ފައިބަމުން އައި ކަރުނަތައް ފޮހެލަ ދިނުމަށެވެ. ތެތްކަން އެކުލެވިފައިވާ އެސްފިޔަތަކުގައި ބޮސްދީފައި ރުއިން ހުއްޓާލުމަށް އެދުމަށެވެ. އެނާޒުކު ކުއްޖާ ގެނެސް މޭގައި ފޮރުވާލާށެވެ. ލޯބިވާވަރު ބުނެދޭށެވެ. ދުވަހެއްގެ ކޮޅުން ވެސް ބަތޫލްގެ ހިތުގައި ނުޖައްސާނެކަން ބަޔާންކޮށްދޭށެވެ.

''ޒޭން، ޕްލީޒް...'' ބަތޫލްއަށް މަޑު ގިސްލުމެއްގެ އަޑާއެކު ބުނެވުނެވެ. އިތުރަށް ދުރުގައި ހުންނަން އަޒްޔާނަށް ކެތެއް ނުކުރެވުނެވެ. ބަތޫލްއާ ގާތަށް ޖެހިލަމުން ގެނެސް މޭގައި ޖައްސާލުމަށްފަހު އެބާރުގަދަ ދެއަތުން ބަތޫލްގެ އުނަގަނޑު ވަށާލީ ވައިރޯޅިއަކަށް ވެސް ނުވަދެވޭނެ ފަދައަކުންނެވެ. ބަތޫލްގެ ހިތް ވެސް އެވަގުތު ކޮޅުގައި މަޑުޖެހިލިއެވެ. އެހަށިގަނޑުގެ ހޫނުކަމާއި އެއަތުގެ ބީހުމުން އޭނަގެ ހިތަށް ފިނިކަން ލިއްބައިދިންކަން ގައިމެވެ. އިތުރަށް އެތަނަވަސް މޭގައި ލައްވެލެވުނީ އެހިތުގެ ވިންދުގެ ތެރެއަށް ނިމިގެންދާން އެދިއެވެ. ހިނދުރީގެ ތެރެއަށް ވިރިގެންދާ ލުއިލުއި ފިރިހެންވަންތަ ސެންޓްގެ ވަހާއެކު ބަތޫލްގެ ސިކުނޑީގެ ނާރުތަކުގެ ވާންކަން ކެނޑި ހަމަޖެހުން ގެނެސްދިނެވެ. އެތައްދުވަހަކަށް ފަހު ބަތޫލްގެ ނަފުސަށް ދިރުން ލިއްބައިދިނީ ވެސް އެދަނޑިވަޅުގައެވެ. އޭނަގެ ލޮލަށް ކަރުނަ ޖަމާވެގެން އައީ އިހުތިޔާރުން ބޭރުގައެވެ.

''ޝްޝްޝް...'' ބަތޫލްގެ ރުއިމުގެ އަޑު މުޅިން ހިނދިގެން ނުދިއުމާއެކު އަޒްޔާން ބަތޫލްގެ ކަންފަތާއި އޭނަގެ ތުންފަތް ކައިރިކޮށްލަމުން ބުނެލިއެވެ. ދެޒުވާނުންގެ ދެމެދުގައިވާ އިސްކޮޅުގެ ފަރަގުން ކިރިޔާ އަޒްޔާންގެ މެޔާ ހަމައަށް ބަތޫލް ފޯރާކަމެވެ. އަޒްޔާންގެ ހޫނު ނޭވާގެ ބީހިލުންތަކުން ބަތޫލްގެ ކަނދުރާގައިވާ ލޯލިތަކުގައި ކަރަންޓުގެ ބާނީތަކެއް އުފައްދާލިއެވެ. އެއާއެކު ކުރިއަށްވުރެ ބޮޑަށް ބަތޫލްއަށް އަޒްޔާންގެ ގައިގައި ބައްދާލެވުނެވެ. ހީވީ އެއްހަށިގަނޑަކަން ވާން މަސައްކަތްކުރާ ހެންނެވެ.

ބަތޫލްގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސާލަމުން އަޒްޔާން ލޯމަރާލިއެވެ. އިތުރަށް ބަތޫލްގެ ހިތުގައި ޖައްސައި ރޮއްވާނެހާ ހިތްވަރެއް އޭނަގެ ނެތެވެ.

''އައި ލަވް ޔޫ...'' އިރުކޮޅެއް ފަހުން ބަތޫލްގެ އަޑު އިވުނެވެ. އަޒްޔާންގެ ތުންފަތުގައި އުފާވެރި ހިނިތުންވުމެއް ކުރެހިގެން ދިޔަ އެވެ.

''އައި މިސްޑް ޔޫ...'' އަނެއްކާ ވެސް ވާހަކަދެއްކީ ބަތޫލް އެވެ. އަޒްޔާން ރައްދު ނުދިންކަމުގައި ވިޔަސް އޭނަގެ އަމަލުތަކުން ލޯބިވާކަން ހާމަކޮށްދިނެވެ. ފަރުވާތެރި ވެވިއްޖެނަމަ އެކަން ފާހަގަކުރެވޭހާ ވެއެވެ.

*****

ގޮނޑީގައި އިން ޝީރީނަށް ލޯހުޅުވާލެވުމާއެކު އަޒްޔާން ނެތްކަން ފާހަގަ ކުރެވުނެވެ. ލިބުނު ހައިރާންކަމާއެކު އަވަސްއަވަހަށް ގޮނޑީގެ ލެނގޭ ބައިން ބުރަކަށި ދުރުކޮށްލަމުން ވަށައިގެންވި މާހައުލަށް އޭނަ ނަޒަރު ހިންގާލިއެވެ. ދަންވަރު ގަޑީގައި އަޒްޔާން ދާނެ ތަނަކާ މެދު ވިސްނާލަމުން އޭނަގެ ފޯނު ނަގައި ނަންބަރަކަށް ޑައިލްކޮށްލި އެވެ. އެއާއެކު ޝީރީނަށް އިތުރު ހައިރާންކަމެއް ލިބުނީ އެނދުގެ މަގަތުން އަޒްޔާންގެ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ.

''ފޯނު ވެސް ބާއްވާފަ ކޮންތަނަކަށްބާ ދިޔައީ؟...'' ޝީރީން އޭނަގެ ޒަމީރާ ސުވާލުކޮށްލިއެވެ. އޭނަ ގޮނޑިން ތެދުވެލަމުން ވޯޑުން ނިކުންނަން ހިނގައިގަތީ އަޒްޔާން ބޭރުގައި ވެދާނެކަމަށް ހީކޮށްފައެވެ. އޭނަ ވޯޑުން ނިކުމެލަމުން ދެފަރާތް ހޯދާލި ވަގުތު ފެނުނު މަންޒަރެއްގެ ސަބަބުން ތަބީއަތު ގޯހުން ގޯހަށް ދިޔަ އެވެ. މޫނުގެ ކުލަވަރު އޮއްސިގެން ދިޔައީނުން ހީވީ ކަޅުފޮއި ރެއެއްގެ ސައިލެއް އޮޅާލެވުނު ހެންނެވެ. ރުޅިވެރިކަމުން އޭނަގެ ލޭގެ ހިނގުން ވެސް ހަލަބޮލި ކޮށްލިއެވެ. އިތުރަށް އެމަންޒަރު ބަލަން ހުންނަން ބޭނުން ނުވާތީ އޭނަ އައިސް އިހު އިން ގޮނޑީގައި އިށީނީ ވައިސޫރިއެއްގެ ބާރުމިނުގައެވެ. އޭރު ވެސް އޭނަ އައިސްފައި ހުރި ގަދަ ރުޅީގެ އަލާމާތްތައް ހަރަކާތްތަކުން ފެނެއެވެ.

''އެއަންހެނާ ކޮން ޖާދުލެއް ހަދައިގެންތަ އެއުޅެނީ؟... އަނެއްކާ އަޒްޔާން އޭނައާ ގުޅެން އުޅެނީތަ؟، ވެދިޔަ ހުރިހާ ކަމަކަށް ފަހު ވެސް؟... ނޫން... ނޫން... އެހެން ވިޔަކަ ނުދޭނަން... ލާހިކެއް ނޫން އެޖައުފަރުގެ ދަރިއަށް އަޒްޔާންގެ ދިރިއުޅުމާ ކުޅެލާކަށް!!!...'' ތުންއަނބުރާލަމުން ޝީރީން ބުނެލިއެވެ. އޭނަ ޒައިނަބަށް ބަލާލަމުން ކަމަކަށް ނިޔަތް ގަތެވެ. އޭރު އޭނަގެ ވިސްނުމުގައި މުޅިން އައު ޚިޔާލެއް ކުރެހި ކުލަޖެހެން ވެސް ފަށައިފިއެވެ.

*****

''ޒޭން، މިހާރު އަހަންނަށް ޔަޤީން ވެއްޖެ ޖަނާ އެބުނީ ތެދެއްކަން... މަންމަ ޒޭންއަށް މަޖުބޫރު ކުރީ ދޯ؟... އެކަމަކު ކީއްވެތަ ޒޭން އެހާ ފަސޭހައިން އަހަރެން އެކަނިކޮށްލީ؟، ލޯބިނުވާކަން ފާޅުކުރީ ކީއްވެތަ؟...'' އަޒްޔާންއާއި ދުރަށް ޖެހިލަމުން ބަތޫލް ބުންޏެވެ. އަޒްޔާން އިޤުރާރު ނުވިކަމުގައި ވިޔަސް އަޒްޔާންގެ އަމަލުތަކުން އޭނަ ދެކެ ވާލޯބި ބަތޫލްއަށް އިހުސާސްކުރެވުނެވެ. އޭނަގެ ހިތަށް ބުނެދޭން ނޭގޭ ފިނިކަމެއް ލިބިފައިވަނީ އެސަަބަބާ ހުރެއެވެ. އެހެނަސް ނުތަނަވަސްކަމުގެ ބާނީތަކެއް ވެސް ދައުރުވަމުން ދިޔަ އެވެ. އޭނަގެ މައިންބަފައިން އެފަދައިން ކަންތައް ކުރީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ އުފާތަކަށް ހުރަސް އެޅީ ކީއްވެގެން ހެއްޔެވެ؟ އެމީހުންގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ބަތޫލްގެ ހިތުގައި ވަނީ މަންމައާއި ބައްޕައާ މެދު ޝަކުވާތަކުން ފުރިފައެވެ.

ބަތޫލްގެ ސުވާލުތަކަށް ޖަވާބުދޭން ބޭނުންނުވެފައި ހުރި އަޒްޔާން އޭނަގެ އަތްތިލަ އުފުލާލަމުން ބަތޫލްގެ ކޯތާފަތުގައި ޖައްސާލި އިރު އެތުންފަތުގައި ފަނޑު ހިނިތުންވުމެއްގެ އަސަރު ވިއެވެ. އޭރު ވެސް ދެޒުވާނުން ތިބީ އެކަކު އެނެކަކުގެ ނޭވާ އިހުސާސްވާހާ ގާތުގައެވެ. ބަތޫލްގެ ނޭވާ ކުއްލިއަކަށް ފުންވާން ފެށިއެވެ. ނާރުތަކުގައި ދައުރުވަމުން އައި ލޭގެ ހިންގުން ވެސް އެއަތުގައިވާ ބާރަށް ކިޔަމަންވުމުގެ ނިޔަތުގައި ހަލަބޮލި ވެއްޖެއެވެ.

''ޒޭން އަހަރެން ބޭނުން އެނގެން...'' އަޒްޔާންގެ އަތްތިލައިގައި ހިފަހައްޓާލަމުން ބަތޫލް ބުނެލިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާމެހިފައި ވާއިރު ވިދަމުން އައީ އެކަކު އަނެކަކުދެކެ ވާ ލޯތްބެވެ. ވަކިވާން ބޭނުންނުވާ ކަމެވެ. އެލޯބި ހާސިލުވުމަށް އެދި ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނެކަމުގެ ޝުޢޫރުތަކެވެ.

''މިހާރަކު ނޫން...'' ދުނިޔޭގެ އެއްވެސް ހަޤީޤަތަކާ ކުރިމަތިލާން އަޒްޔާން ބޭނުމެއް ނުވިއެވެ. އެހެންނޫންނަމަ އޭނައާއި ބަތޫލްގެ ދެމެދުގައި އެވާ އާދަޔާ ޚިޔާފު ގުޅުމަށް އޭގެ ނުފޫޒު ފޯރަފާނެއެވެ. ހަމައެއާއެކު ކުރިން ވެދިޔަ ފަދައިން ކަންތައް ތަކުރާރުވެ ދުރުގައި އުޅެން ދެ ލޯބިވެރިންނަށް މަޖުބޫރު ވެދާނެއެވެ. އެފަދަ ބަދުނަސީބު ގޮތެއް ވުމުގެ ފުރުސަތު ދޭކަހަލަ ވިސްނުމެއް އަޒްޔާންގެ ނެތެވެ. އޭނަގެ ހިތް އެދި ގޮވަމުން ދަނީ ބަތޫލްއާއެކު ހޭދަވަމުން އައި އުފާވެރި ވަގުތު ކޮޅު އިތުރަށް ދިގުވުމަށެވެ. އެލޯބިން ރޫހަށް ހަމަޖެހުން ގެނެސްދިނުމަށެވެ.

''އަހަރެން އަބަދު ވެސް ލޯބިވާކަން ޒޭން ހަނދާން ނައްތާނުލައްޗޭ... އުމުރަށް ވެސް ޒޭންގެ ގާތުގައި ވުމަށް އަހަރެން އެދެން... ދުވަހަކު އަހަރެން ދޫކޮށްލާފައި ނުދައްޗޭ... ކޮންމެ ކަހަލަ ގޮންޖެހުމަކާއި ކުރިމަތިވިކަމުގައި ވިޔަސް ދެމީހުން އެކީގައި އެކަމަކާ ކުރިމަތިލާނީ... އެކަނި އެވޭން އުފުލާކަށް ނުޖެހޭނެ...'' އަޒްޔާންގެ ފަރާތުން ޖަވާބެއް ނުލިބޭނެކަން ބަތޫލްއަށް ވިސްނައިގަނެވުނެވެ. ނަމަވެސް ވެދިޔަ ހުރިހާކަމެއްގެ އަސްލާ ފުޅިފައިވަނީ އޭނަގެ މައިންބަފައިންކަން ބަތޫލްއަށް ނަގައިގަންނަން އުނދަގޫ ކަމަކަށް ނުވިއެެވެ. އަޒްޔާން އޭނަގެ ސުވާލުތައް އޮއްބާލަން އުޅެނީ އެސަބަބާ ހެދިއެވެ. އެކަމުން އޭނައަށް އިތުރު ވޭންތަކެއް ލިބިދާނެތީއެވެ. އަޒްޔާން އެނައާ މެދު ވިސްނާމިންވަރު ވެސް ބަތޫލްއަށް އަންދާޒާ ކޮށްލެވުނެވެ.

އަޒްޔާން މިފަހަރު ވެސް ހިނިތުންވުމަކުން ފުއްދާލީއެވެ. އެތޫނު ދެލޮލުގައިވި ތަފާތު ވިދުވަރުން ބަތޫލްގެ މޭވެސް ތޮރުފާލަން އުޅޭކަހަލައެވެ. އަޒްޔާންގެ މޫނުން މިހާރު ރުޅިވެރިކަމާއި ރިހުމުގެ ލިސާނެއްގެ މިންވަރު ވެސް ފާޅެއް ނުވެއެވެ. އެއާ ޚިލާފަށް ވަނީ ބަޔާންކުރަން ދަތި އުފާވެރިކަމެވެ. އެފުރިހަމަ ދެލޮލުގައި ވަނީ ލޯތްބެވެ. އޯގާތެރިކަމެވެ. އެއްވެސް ކަމަކާ މެދު ވިސްނައި ސިކުނޑި ހާސްކުރަން ބޭނުން ނުވާކަން އޭނަގެ ހަރަކާތްތަކުން ހާމަކޮށްދެއެވެ. ފާއިތުވަމުން އައި ވަގުތުކޮޅުގެ ތެރޭގައި ބަތޫލްއާއެކު އުޅެލަން އޭނަ އެދޭވަރު ވެސް މެއެވެ. ދުނިޔޭގެ ކެހިވެރި ލޯތަކާ ދުރުގައެވެ. ތަޤުދީރުގެ ނިޔާ ބަދަލުކުރަން ވެސް އޭނަ ބޭނުމެވެ. އިތުރަށް ބަތޫލްއާއި ދުރުގައި ވާން ކެތްނުކުރެވޭނެތީއެވެ. އޭނަ ހިތް ތާއަބަދު އެލޯތްބަށް އެދޭނެތީއެވެ.

''ޒޭން ކީއްވެތަ އެއްޗެއް ނުބުނެ ތިހުންނަނީ؟...'' އަޒްޔާންގެ އާދަޔާ ޚިލާފު މަޑުމައިތިރިކަމުން ކަންބޮޑުވެފައިވާ ރާގަކަށް ބަތޫލްއަށް އަހާލެވުނެވެ. އަޒްޔާންގެ ހިމޭންކަމުން އޭނައަށް އުނދަގޫވާން ފެށިއެވެ.

''އެއްވެސް ކަމަކާމެދު ވިސްނަން ބޭނުންނުވާތީ...'' އަޒްޔާން ޖަވާބު ކުރެވެ. އޭނަ ސިއްރުކުރަން އުޅުނު ކަމުގައި ވިޔަސް ޖައުފަރުގެ އިންޒާރުތަކާމެދު ވިސްނެމުން ދިޔަ އެވެ. އޭގެ ސަބަބުން އޭނަގެ ހިތަށް ނުތަނަވަސްކަން ވެރިވެފައި ވިއެވެ. ނަމަވެސް ގާތުގައި ބަތޫލް ހުރުމުން އޭނައަށް ހަމަޖެހުން ލިބިފައި ވިއެވެ. ހަމައެއާއެކު ބަތޫލްގެ ފަރާތުން ފެންނަމުން އައި ބަދަލުވުމެއް ނެތް ލޯބިން ކޮންމެ ކަމަކާ ވެސް ހިތްވަރާއެކު ކުރިމަތިލުމަށް އޭނައަށް ބާރުދެމުން ދިޔަ އެވެ.

''އަހަރެން ވަރަށް ލޯބިވޭ ޒޭންދެކެ، އެކަން އަބަދު ވެސް ހަނދާނުގައި ބަހައްޓައްޗޭ...'' އަޒްޔާންގެ އަތުގައި ހިފާ ބަތޫލް ބާރުކޮށްލިއެވެ.

*****

ހެނދުނުގެ ވަގުތެވެ. ހެނދުނުގެ ސައި ތައްޔާރުކުރަން އުޅުނު ޚީނާއަށް ބަދިގެއަށް ވަދެގެން އައި ހިންދު ފެނި ނިކަން އަވަހަށް އިސްއޮބާލިއެވެ. އަދި އޭނަ މޮޑެމުން އައި ފުށް އެއްޗެއް ފުރިހަމަ ސަމާލުކަން ހުއްޓާލިއެވެ. އެހެން ހުރިއިރު އޭނަ އިންތިޒާރުކުރަމުން އައީ ބަތޫލް ގެއަށް އަންނާނެ ވަގުތަކަށެވެ. އޭނަ ވަނީ ބަތޫލްއަށް ތެދު ހާމަކުރަން އަޒުމުކަނޑައަޅާ ފައެވެ.

''ކޯޗެއް ހަދަން ތިއުޅެނީ؟...'' ޚީނާ ގާތަށް ޖެހިލުމަށް ފަހު ހިންދު އަހާލިއެވެ. އަދި ސިންކު ތެރޭގައި ބޯތަށްޓެއްގައި ފިނިމަޑުކުރަން ބަހައްޓާފައި ހުރި މަސް އެއްޗަށް ބަލާލިއެވެ.

''ރޮށްޓާއި، ކުޅިމަސް...'' ޚީނާ ޖަވާބު ދިނެވެ.

''އަދިވެސް ބަތޫލް ނާދޭތަ؟...'' ހިންދު އަހާލިއެވެ. އެއާއެކު އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުން ޚީނާ ބޯޖަހާލިއެވެ. އިރުކޮޅެއް ވަންދެން ބަދިގޭގައި ޚީނާގެ މަސައްކަތަށް ފާޑުކިޔަން ހުރުމަށްފަހު ހިންދު ނިކުމެގެން ދިއުމާއެކު ޚީނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

*****

ބަތޫލްއަށް ގެއަށް އާދެވުނުއިރު ހުރީ ހެނދުނު އަށެއްޖަހަން ކައިރިވެފައެވެ. ހައިކަމުގެ އިހުސާސުގެ ސަބަބުން އޭނަ ފުރަތަމަ ވެސް ދިޔައީ ކާކޮޓަރިއަށެވެ. އޭރު ސުފުރާމަތި ތައްޔާރުކުރަން ޚީނާ އުޅުނެވެ. ޚީނާއަށް ހިނިތުންވެލަމުން ހެނދުނުގެ ނާސްތާޔާ ގުޅޭގޮތުން ބަތޫލް ސުވާލުކޮށްލިއެވެ.

''ހާދަ ލަހުން ތިއައީ؟...'' ބަތޫލްއަށް ޖަވާބުދޭން އުޅުނު ޚީނާއަށް އެއްޗެއް ނުބުނެވެނީސް ބަދިގެއިން ނިކުތް ހިންދުގެ އަޑު އިވުނެވެ. މަންމަގެ އަޑު ޖެހުމާއެކު ބަތޫލްއަށް ކުރެވުނީ މުޅިން އެހެން ކަހަލަ އިހުސާސެކެވެ. މަންމައާ ދިމާއަށް އޭނައަށް ބަލާލެވުނީ ވެސް ތަފާތު ނަޒަރަކުންނެވެ. އޭރު އޭނަގެ ސިކުނޑީގައި ވަނީ ޖަނާގެ ވާހަކަތަކުން ހައިޖާނެއް އުފެދިފައެވެ،

''މަންމާ، މޫނަށް ކިހިނެއްވެފަތަ ތިހުރީ؟...'' ނުރުހުމުގެ އޮއެވަރު އުފެދުނުކަމުގައި ވިޔަސް ހަމަޖެހޭ ގޮތް ދައްކަމުން ބަތޫލް އެހިއެވެ. އެއާއެކު ހިންދުއަށް އޭނަގެ މޫނުގައި އަތްޖައްސާލެވުނެވެ. އޭނައަށް ރޭ ލިބުނު ހަމަޖެހުމުގެ ސަބަބުން އެކަން މަތިން ހަނދާނެއް ވެސް ނެތެވެ.

''ފައިކައްސާލާފަ ފާޚަނާ ތެރެއަށް ވެއްޓުނީ...'' ފަށުވި ދޮގެއް ހަދާލަމުން ހިންދު ހިނިތުންވެލި އެވެ.

''ދަރިފުޅާ ދައްކަން ވަރަށް ބޮޑު ވާހަކައެއް އެބައޮތް... ބައްޕަ އިރުކޮޅުން އަންނާނެ ސައިބޯން... އޭރަށް ބައްޕަ އެވާހަކަ ދައްކާނެ... އެހާ އިރުވަންދެން ކޮޓަރިއަށް ނުގޮސް މަޑުކޮށްލާތި...'' ހިންދު ހިނިތުންވުމަކާއެކު ބުންޏެވެ.

ކޮމެންޓް 0