ލިބުނު ހައިރާންކަން ފޮރުވުމުގެ ނިޔަތުގައި ބަތޫލް އޭނަގެ ތުންފަތުގައި ހިނިތުންވުމެއް ކުރަހާލިއެވެ. އަދި ފަރުވާތެރިކަމާއެކު މަންމަގެ މޫނަށް ނަޒަރު ހިންގާލިއެވެ. އެހެނިހެން ދުވަސްތަކާ ޚިލާފަށް މިއަދު މަންމަގެ މޫނުމަތިން ތަފާތުކަމެއް ބަތޫލްއަށް ފާހަގަކުރެވުނެވެ. ކަމަކާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިފައިވާކަން ވެސް މެއެވެ. މަންމަ އުފާވާވަރުގެ ޚަބަރެއް ލިބިއްޖެކަން ގައިމެވެ. އެއާއެކު ބަތޫލްއަށް އެކަމާމެދު ވިސްނުން ހިންގާލެވުނެވެ.
ބަތޫލް އިންތިޒާރުކުރަންފެށީ ބައްޕަ އަންނާނެ ވަގުތަކަށެވެ. އިންތިޒާރު ދިގުލައިގެން ނުދަނީސް ކާކޮޓަރިއަށް ބައްޕަ ވަދެގެން އައިތަން ފެނުނެވެ.
ޖައުފަރު ގޮނޑިއެއްގައި އިށީންނަމުން ބަތޫލްއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެއަށްފަހު އޭނަ ބަލާލީ ހިންދުއަށެވެ. ލޮލުގެ އިޝާރާތުން ބަތޫލްއާ ވާހަކަދެއްކުމަށް ހިންދު އެދުނެވެ. އެއަށްފަހު ޖައުފަރަށް އަތްގާތްކޮށްލަދޭން އަވަސްވެގަތެވެ.
ކާކޮޓަރިއަށް ވެރިވެފައި އޮތީ އެހެނިހެން ދުވަސްތަކަށް ވުރެ ފުން ހިމޭންކަމެކެވެ. އޭގެ ސަބަބުން ބަތޫލްއަށް ނުތަނަވަސްކަން ލިބެން ފެށިއެވެ. އޭނަގެ ހިތް އަވަސްވާން ފެށީ ކީއްވެގެންކަމެއް ނޭގެއެވެ. ހައިކަމުގެ އިހުސާސްކުރެވުނު ކަމުގައި ވިޔަސް އޭނައަށް އިދެވުނީ ތަށްޓައް އެޅި ކާއެއްޗިއްސަށް ނަޒަރު ހިންގާލައިގެން އޭގައި އަތްލާހިތް ނުވެފައެވެ.
''ދަރިފުޅާ...'' ބަތޫލްއަށް ސިހުމެއް ލިބުނީ ޖައުފަރުގެ އަޑަށެވެ. ފިކުރުތަކުގެ ވާފަށް ކެނޑިގެން ދިއުމާއެކު އޭނަ ބައްޕައަށް ބަލާލައިފިއެވެ. ބައްޕަގެ މޫނުގައިވި ސީރިޔަސްކަމުގެ ކުލަވަރުތަކުގެ ސަބަބުން ބަތޫލްއަށް ކަމަރު ބަނދެލުވުނީ އެވާހަކައަށް ތައްޔާރުވެލުމަށެވެ. އޭރު އޭނަގެ ހަވަނަ ހިއްސު ކަމަކަށް އިންޒާރުދޭން ވެސް ފަށައިފިއެވެ. އެފަދަ ސީރިޔަސްކަމެއް އޭނައަށް ފެނުނު ފުރަތަމަ ދުވަސްމަތިން ހަނދާންވުމާއެކުގައެވެ.
''ބައްޕަ އަބަދު ވެސް ބޭނުންވަނީ ދަރިފުޅު އުފަލުގައި ވާތަން ދެކެން، މުސްތަޤުބަލު އުޖާލާވުމަށް، އެއީ ކޮންމެ މަޔަކާއި ބަފައެއްގެ ހުވަފެނެކަށް ވެސް ވާނެ...... ދަރިފުޅަށް ދެރައެއް ލިބޭނެ ފަދަ ކަމެއް ބައްޕަ ދުވަހަކު ނުކުރާނެކަން ހަނދާނުގައި ބަހައްޓައްޗޭ...'' ބަތޫލް އިން ފަޅިއަށް ކުޑަކޮށް އެނބުރިލަމުން ޖައުފަރު ބުނެލިއެވެ. އެވަގުތު ކޮޅަށް ހުރި ހިންދު ވެސް ޖައުފަރުގެ ބަހަށް ތާއީދުކޮށް އެއްޗެކޭ ބުނެލިއެވެ.
ހިތް ނުތަނަވަސްވެފައި އިން ބަތޫލްއަށް ޖައުފަރު މާނަ ކުރަން އުޅުނު އެއްޗެއް ނަގައެއް ނުގަނެވުނެވެ. ހައިރާންކަމާއެކު ބަލަން އިނދެވުނީ އެހެންވެގެންނެވެ. އޭނައަށް އުނދަގޫތަކެއް އިހުސާސްކުރެވެމުން ދިޔައީ އެވާހަކައިގެ މިސްރާބު ހުރި މަންޒިލް ދެނެގަންނަން ދަތިވުމުންނެވެ.
''މަންމައަށް އިނގޭ ދަރިފުޅު މިހާރު ތިއުޅެމުން ދަނީ ވަރަށް އެކަނިވެރި ދިރިއުޅުމެއްކަން... އެކަމަކު ތާއަބަދު އެހިތާމައިގެ ތެރޭގައި ވުމުން ކިހިނެއް މުޅިން އައު ޚަޔާތެއް ފެށޭނީ؟... ތިގޮތުގައި ދަރިފުޅު މުޅި އުމުރު ދުވަސް ހޭދަކޮށްލާ މަންޒަރު ދެކެން މަންމައާއި ބައްޕައަށް ފުރުސަތުދީގެން ނުތިބެވޭނެ......'' ބަތޫލް ގާތަށް ޖެހިލަމުން ބަތޫލްގެ ބޮލުގައި ހިންދު ފިރުމާލިއެވެ. އެވަގުތުކޮޅުގައި ބަތޫލްގެ ހިތުގެ ތެޅުން ކުރިއަށް ޖެހިލީ ކޮންމެވެސް ވަރަކަށް ހިންދުގެ ވާހަކަތައް ދޭހަކުރެވުމުންނެވެ. އޭނައަށް ނޭވާ ހިފަހައްޓާލެވުނެވެ. ބިރުވެރިކަމެއް ވެސް މޭގެ ތެރޭގައި ފޭދެން ފަށައިފިއެވެ. އެދެކެވެނީ އޭނަގެ ކައިވެނީގެ ވާހަކަތައް ހެއްޔެވެ؟ އެސުވާލާއެކު ބަތޫލްއަށް ހާސްކަމެއް ލިބިގެން ދިޔަ އެވެ. މޫނުމަތިން ފިނި ދަލެއްގެ އަސަރު ވެސް ފާޅުވާން ފެށިއެވެ. އޭނައާއި އަޒްޔާންގެ ދެމެދުގައި ވި ދިގު ރާސްތާ ކަނޑައްތު ކުރެވުނުއިރު އަނެއްކާ ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ އިހުގެ ހަނަފަސް ކަމަށް އެނބުރި ރުޖޫޢަވާން އުޅެނީ ހެއްޔެވެ؟
ބަތޫލްއަށް ހިތާހިތުން ދުޢާކޮށްލެވުނީ އޭނަގެ ހިތަށް ގޯނާ ކުރަމުން އައި ޚިޔާލުތައް ދޮގަކަށް ވުމަށް އެދިއެވެ. ފަހަރެއްގައި ވެސް އެފަދައިން ކަންތައް ވުމުގެ ފުރުސަތު ދޭކަށް އޭނައަށް ނުރުހެވޭނެއެވެ. އެތައް ދުވަހެއްގެ ކަރުނައާއި ހިތާމަތަކަށް ފަހު ހިތަށް ލިބިފައިވާ ރާހަތުން މަހުރޫމް ވެއްޖެނަމަ ދުނިޔެއާއި ކުރިމަތިލުމުގެ ހިތްވަރު މުޅިން އެލިގެންދާނެއެވެ. އޭނަގެ ހުރިހާ އުއްމީދުތަކާއި ގުޅިފައިވަނީ އަޒްޔާން އެވެ. ހިތުގެ އެންމެ އަޑީގައި ބިންވަޅު ނެގިފައިވާ ސޫރައަކީ ވެސް އެއީއެވެ. އެލޯބިން ދެވަނަ ފަހަރަށް މަހުރޫމް ވެއްޖެނަމަ އޭނަ ދިރިހުންނާނީ ކިހިނަކުން ހެއްޔެވެ؟
''ދަރިފުޅުގެ ކައިވެނީގެ ކަންތައް ވަނީ ނިމިފައި... މިމަހުގެ ތެރޭގައި ހުރިހާކަމެއް ހަމަޖެހިގެންދާނެ...'' ޖައުފަރުގެ ޖުމްލައާއެކު ކުއްލިޔަކަށް ބަތޫލްއަށް ގޮނޑިން ތެދުވެވުނެވެ. ބަތޫލްގެ އެކުއްލި ހަރަކާތުން ހިންދު ދިޔައީ ސިއްސައިގެންނެވެ.
ޤަބޫލުކުރަން އުނދަގޫވެފައި ބަތޫލްއަށް ބަލަން ހުރެވުނީ އޭނަގެ ބައްޕަ އަށެވެ. ދެންމެ އިވުނު ބަސްތައް އޭނަގެ ކަންފަތުގައި ގުގުމަމުން އައީ ހޮނު ގުގުރީގެ ސިފައިގައެވެ. މޭގައި އުފެދިގެން އައި ގިލަންވެރިކަމާއެކު އޭނައަށް ފަހަތަށް ޖެހިލެވުނު ހިނދު ގޮނޑީގައި އަޅައިގަންނަ ގޮތް ވިއެވެ. ލޮލުން ފޭބި ކަރުނަތައް ހިފަހެއްޓުން ބަތޫލްއަށްވީ އުނދަގޫކަމަކަށެވެ. އޭނަގެ ޚަޔާތާއި ގުޅިފައިވާ އެފަދަ ބޮޑު ނިންމުމެއް ނިމިގެން ދިޔައިރު އޭނަގެ ޚިޔާލު ހޯދުން ވެސް މުހިންމު ކަމަކަށް ނުވީ ހެއްޔެވެ؟
ބަތޫލްއަށް އައި ބަދަލުތަކާ މެދު ޖައުފަރު ހިތްހަމައެއް ނުޖެހުނެވެ. ނުރުހުމުގެ ކުލަވަރުތަކުން އިސާހިތަކުގެ އޭނަގެ މޫނު ފޯވެއްޖެއެވެ. ބަތޫލް ދުލުން ހާމަ ނުކުރިކަމުގައި ވިޔަސް އެކަމާ މެދު ނުރުހޭކަން އޭނައަށް ނަގައިގަނެވުނެވެ. އޭގެ ސަބަބުން ހާމަވި ހަޤީޤަތުން އޭނަގެ ރުޅިވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އަދިވެސް ބަތޫލް އިންތިޒާރުކުރަމުން އެދަނީ އަޒްޔާންއަށްކަން އޭނައަށް ވިސްނުނީއެވެ. އެއާއެކު އޭނައަށް މުށްކަވާލެވުނެވެ. އެމުސީބާތުން އަވަސް ރަހުމަތެއްގައި ސަލާމަތެއް ވެސް ވެވޭކަށް ނެތެވެ. ކޮންމެ ގޮތެއް ހަދާފައި ވިޔަސް އެކައިވެންޏަށް ބަތޫލް އެއްބަސް ކުރުވަން ޖައުފަރު އަޒުމުކަނޑައެޅިއެވެ.
''މަންމަވެސް ވަރަށް ބޮޑަށް ވިސްނާފަ ނިންމި ނިންމުމެކޭ އެއީ، އާޚަޔާތެއް ފެށުން މިހާރު ބަތޫލްއަށް ވަރަށް މުހިންމު... ތާއަބަދު މާޒީގެ ހިޔަނިގޭތެރޭގައި ބަނދެވިފަ ހުންނަންތަ ބަތޫލް ބޭނުންވަނީ؟... މަންމަމެން ހޮވާފައިވާ ޒުވާނާއަކީ ބަތޫލްއާ ހުރިހާ ގޮތަކުން ވެސް އެކަށޭނެ ޒުވާނެއް، ޔަޤީނުން ވެސް އެއަޒްޔާންއަށް ވުރެ ހުރިހާ ގޮތަކުން ވެސް ބަތޫލްއާ އެކަށީގެންވޭ!...'' ކަންބޮޑުވެފައި ހުރި ހިންދުއަށް ބުނެލެވުނެވެ. އަދި ބަތޫލް ކައިރިއަށް ޖެހިލަމުން ކޮނޑުގައި އަތްބާއްވާލިއެވެ. އެއާއެކު ތެޅިގަންނަމުން ބަތޫލްއަށް ދުރަށް ޖެހިލެވުނެވެ. މިއަދު އޭނަގެ މައިންބަފައިން އޭނައާ މެދު ކަންތައް ކުރަމުން އެދަނީ ދުޝްމަނަކާ މެދު ވެސް ކަންތައް ނުކުރާނެހާ ނިކަމެތި ގޮތަކަށެވެ. އޭނަގެ އުފަލަށް އެމީހުން ހުރަސް އަޅަނީ ކީއްވެގެން ހެއްޔެވެ؟ އެފަދަ ބޮޑު ނިންމުމެއް ނިންމިއިރު އޭނަގެ ޚިޔާލު ހޯދުން މުހިންމުކަމަކަށް ނުވީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް އަންގާލުމެއް ވެސް ނެތި ކައިވެނި ހަމަޖެހުނުއިރު އޭނައަށް ކުރާނެ އަސަރުތަކާ މެދު ވިސްނާނުލީ ކީއްވެގެން ހެއްޔެވެ؟ އޭނައާ މެދު އެފަދައިން ކަންތައް ކުރެވެން އޭނައަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟
''ނޫން...'' ބަތޫލްއަށް ބުނެވުނެވެ. އޭނަ އެކަނިވެންޏަށް އެއްބަސް ނުވާނެއެވެ. އަޒްޔާންއާއި ވަކިވާކަށް އޭނަގެ ހިތެއް ނޭދެއެވެ. ރޭގައި ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅު އެހާ ފަސޭހައިން ނިމިގެނެްދާކަށް އޭނަ ބޭނުމެއް ނޫނެވެ. އޭނަ ކުރި ދިގު އިންތިޒާރާއި، ހުރިހާ އުއްމީދެއް ވެސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެ ފައިބައިގެން ދިއުމުގެ ފުރުސަތު ދީގެން ހުރެވޭނީ ކިހިނެއް ހެއްޔެވެ؟
''ބަތޫލްގެ ޚިޔާލެއް މިކަމުގައި ބޭނުމެއް ނުވޭ... ކޮންމެހެން އަންގަން ޖެހޭތީ ބުނެލީ!!!...'' ފުންމައިގެންފައި ތެދުވުނު ޖައުފަރުގެ ހަރުކަށި އަޑު އިވުނެވެ. އެވަގުތު އޭނަ އިށީދެގެން އިން ގޮޑި ބިންމައްޗަށް ވެއްޓުނު އަޑުފަށްގަނޑު ވެސް މުޅި ހިސާބުގައި ހިފާލިއެވެ. އެއާއެކު ބަދިގޭގައި އުޅުނު ޚީނާ ކާކޮޓަރިއަށް ބޯދިއްކޮށްލީ އަޑުގަދަވެގެންނެވެ.
''ބައްޕާ...'' ރޮވިފައިވާ އަޑަކުން ބަތޫލްއަށް ބުނެވުނެވެ. އޭނަގެ މޭގައި ވަނީ ވަރުގަދަ ހައިޖާންގަނޑެއް އުފެދިފައެވެ. ޝަކުވާތަކާއި، އާދޭސްތަކާއި، ގިލަންވެރިކަމުގެ ކަރުނައިގެ ތޫފާނެކެވެ. އެތޫފާން އަލިވެގެންދާއިރު އޭނަގެ އުއްމީދުތަކަށް ވާނެ ގޮތެއް ވެސް ލަފާކޮށްލަން ދައްޗެވެ. އަޒްޔާން އާއި ވަކިވާކަށް އޭނަ ބޭނުމެއް ނޫނެވެ. އެއީ އޭނަގެ ރޫހުގެ ދިރުމެވެ.
''އިތުރު ޚިޔާލެއް ބޭނުމެއް ނޫނޭ ބުނެފީމެއްނު!... ބަތޫލް ޖެހޭނީ މިކަމާ އެއްބަސްވާން!، އަޑުއިވިއްޖެތަ!...'' ޖައުފަރު އިންޒާރެއް ދިނެވެ. އޭނަގެ އަޑު ނުހަނު ބާރެވެ.
''ޝުޖާއު އެއީ ހުރިހާ ގޮތަކުން ވެސް ދަރިފުޅަށް ލިބޭނެ އެންމެ ރަގަޅު ބައިވެރިޔާ...'' ކަރުނައިގެ ތެރޭގައި ހަފުސްވަމުން އައި ބަތޫލްއަށް ކުއްލި ސިހުމެއް ގެނުވީ ހިންދުގެ ޖުމްލައިންނެވެ. ހިމޭންކަން ވެރިވެފައިވާ މޫނަކާއެކު އޭނައަށް ހިންދުއާއި ކުރިމަތިލެވުނެވެ. އޭރު އޭނަގެ ކަންފަތަށް އިވުނު ވާހަކަތައް ޤަބޫލުކުރަން އޭނައަށް ވަނީ އިންތިހާއަށް އުނދަގޫވެފައެވެ.
''އާނ، ބަތޫލްގެ ކައިވެނި ހަމަޖެހިފައިވަނީ ޝުޖާއުއާ...'' ބަތޫލްގެ ހިމޭންކަން ތަރުޖަމާކުރެވުމާއެކު ހިންދު ހާމަކޮށްލިއެވެ. އަދި އިތުރަށް އެވާހަކަތައް ތަފުސީލުކޮށްދިނެވެ. އަޑުއަހަން ހުރި ބަތޫލްގެ ދެލޯބޮޑުވެގެން ދިޔައީ މުޅި މީހާއަށް އެނގުން ގެނުވާފައެވެ. އޭނައަށް ދެފަރާތަށް ބޯހޫރާލެވުނީ ޤަބޫލުކުރަން ދަތިވެފައި ހުރެއެވެ. އޭނަ އަބަދު ވެސް ބޭބެއެއްގެ ގޮތުގައި ދެކެމުން އައި މީހާއާއި ކައިވެނީގެ ކަންތައް ހަމަޖެހިފައިވުމުން ބަތޫލްގެ މޭނުބައިކުރާކަހަލަ އިހުސާސެއް ކުރެވުނެވެ. އެފަދަ ފިޔަވަޅެއް މަންމަމެން އެޅީތީ އޭނަ ހުރީ ބުނާނެ އެއްޗެއް ނޭގި އާގަމަވެފައެވެ. މިއަދު އޭނައާއި ޝުޖާއުގެ ދެމެދުގައިވި ގުޅުމަށް ވެސް އެމީހުން ކިލަނބުކަން ގެނުވައިފިއެވެ.
''މަންމާ، ޝުޖާ އެއީ އަހަރެންގެ ބޭބެއެކޭ...'' ބަތޫލްއަށް މިފަހަރު ބުނެވުނީ އަޑަށް ބާރުލާފައެވެ. އޭނަ އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ. އެއްޗެއް ނުބުނެ ހިމޭނުން ހުންނަން އޭނައަށް ދެން ކެތެއް ނުކުރެވޭނެއެވެ. ނޫނީ ފަހުން މުޅި އުމުރަށް ހިތާމަ ކުރާ ކަހަލަ ހާލަތެއް މެދުވެރިވެދާނެއެވެ.
''މިހާރު މައިންބަފައިން ކުރިމަތީގައި ޒުވާބުކުރަން ވެސް ދަސްކުރީތަ؟... ޝުޖާއުއާއި ބަތޫލްގެ ކައިވެނި ސައްހަވާނެ!، ދެން ކޮބާތަ މައްސަލައަކީ؟......'' ނުރުހުމާއެކު ހިންދު އިއްވާލިއެވެ.
''އެއީ އަހަރެންގެ ބޭބެއެކޭ... މަންމާ، އަހަންނަށް މަޢާފުކުރޭ... ތިކަމާއި އަހަންނަށް ޤަބޫލެއް ނުވެވޭނެ...'' ފާޅުގައި ބަތޫލް އިންކާރުކުރިއެވެ. އޭގެ ސަބަބުން ޖައުފަރުގެ ރުޅިވެރިކަމުގައި އިތުރަށް ހުޅުރޯވެގެން ދިޔަ އެވެ.
''ބަތޫލް ޖެހޭނީ އެކަނިވެނިކުރަން... އިތުރު ގޮތެއް ބަތޫލްއަކަށް ނޯންނާނެ!!!...'' ޖައުފަރު އޭނަގެ ފަހުގެ ނިންމުން އިއްވާލިއެވެ.
''މިހާރު އަހަންނަށް ޔަޤީންކުރެވިއްޖެ ޖަނާ ހާމަކުރީ ހަޤީޤަތްކަން... އަހަންނާއި އަޒްޔާން ދުރުކުރުވީ މަންމައާއި ބައްޕައެއްނު؟... އަހަންނަށް ފުރަތަމަ އެކަން ޤަބޫލެއް ވެސް ނުކުރެވުނު، އެކަމަކު ފެންނަމުން މިދާ މަންޒަރުތަކުން މިހާރު ޔަޤީން ކުރެވިއްޖެއެއީ ތެދެއްކަން.....'' ބަތޫލްއަށް ޖަނާގެ ވާހަކައިގެ ތެދުކަން ޔަޤީންކުރެވުނެވެ. މަޖުބޫރުން އޭނަގެ ދެއަތް ބަންނަން މަސައްކަތްއެކުރަނީ ދުރާލާ މިހުރިހާކަމެއް ރާވައިގެން ހެއްޔެވެ؟ ބަތޫލްގެ ހިތުގައި އޭރު ޝުޖާއުއާ މެދު ރުޅިވެރިކަމާއި ނަފުރަތު އުފެދެން ފަށައިފިއެވެ. ޝުޖާއުގެ އަތެއް ވެސް މިހުރިހާކަމެއްގެ ފަހަތުގައި ވާނެކަމަށް އޭނަގެ ޒަމީރު ބުނެލުމުންނެވެ. އެހެންނޫނަމަ ޝުޖާއު އޭނައަށް އެހާ ހެޔޮއެދޭ މީހަކަށް ވުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ޝުޖާއު އެވަނީ ވަގުތުގެ ނާޒުކުކަމުގެ ފައިދާ ވިސްނުންތެރިކަމާއެކު ހިފާފައެވެ. އޭނަ އެކުވެރިޔަކަށް އެންމެ ބޭނުންވި ވަގުތު އޭނައަށް އޮޅުވާލައި މަކަރު ހެދީއެވެ. ލޯބިވާކަން ހާމަކުރާ ގޮތަކީ އެއީ ހެއްޔެވެ؟ ގަދަ މަޖުބޫރުން ލޯބި ހާސިލުކުރެވޭކަމަށް ޝުޖާއު ދެކެނީ ހެއްޔެވެ؟ އެހެން ހީކުރާނަމަ އެއީ ކުށްހީއެކެވެ.
ފުން ހިމޭންކަމަމަކުން މުޅި މާހައުލު ހިސާރު ކޮށްލައިފިއެވެ. ބަތޫލްގެ ނަޒަރު ފުރަތަމަ އަމާޒުވީ ޖައުފަރުގެ މޫނަށެވެ. އެއަށްފަހު ހިންދު އަށެވެ. އޭނައަށް ބުނެވުނު ޖުމްލައިގެ ބާރުގަދަކަން އެވަގުކޮޅުގައި އަންދާޒާކޮށްލެވުނެވެ. ތީރު ފޮނުވާލެވުނީ ނިޝާނަށްކަން ވެސް މެއެވެ. އެއާއެކު ހިތަމާއާއި ރުޅިވެރިކަމުގެ ޖަޒުބާތުތަކުން އޭނަގެ ދެލޯ ކަރުނައިގެ ސައިލުތަކުން ފުސްކޮށްލިއެވެ. އޭނައާ މެދު އެފަދައިން ކަންތައް ކުރެވެނީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟ ލޯބިވުން ހެއްޔެވެ؟ އޭނައަށް މިލިބެނީ އަޒްޔާން ދެކެ ލޯބިވުމުގެ ސަޒާ ހެއްޔެވެ؟
''ބަތޫލް!!!...'' ހިންދުގެ އަޑު އިވުނެވެ. އޭނަ ހީވަނީ ބޮޑު ބިރެއް ފެނިގެން އުޅޭ ހެންނެވެ.
''އަހަރެން ފުރަތަމަ އެވާހަކަތަކާ ދެކޮޅު ހެދިން، މަންމައާއި ބައްޕައަށް ކުރެވުނު އިތުބާރެއްގެ ސަބަބުން... އެކަމަކު މިހާރު އަހަންނަށް ހުރިހާކަމެއް ވެސް ސާފު ވެއްޖެ... ކީއްވެތަ އެފަދައިން ކަންތައް ކުރީ؟...... އަހަރެން ހާދަ ވަރަކަށް އިތުބާރުކުރީމޭ.....'' ބަތޫލްއަށް ގިސްލެވުނެވެ. ކޯފާތަފުން ހަލުވިކަމާއެކު ދަތުރުކުރަމުން އައި ކަރުނަތައް އޭނަ އަވަސް އަވަހަށް ފޮހެލިއެވެ.
ބަތޫލްގެ ހިތުގައި ޖެހިފައިވާ މިންވަރާއި ހިތުގައި އަޅަމުން އައި ވޭން ބަރުދާސްތުކުރަން ދަތިވިއެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ އެފަދަ ބޮޑު އަނިޔާއެއް އޭނައަށް އެދިނީ އޭނަގެ މައިންބަފައިން ވިއްޔާއެވެ. ދުނިޔޭގެ ކޮންމެ ފަދަ އަނިޔާއަކުން ވެސް އޭނަ ސަލާމަތްކޮށްދީ ހިމާޔަތްދޭނެކަމަށް އެންމެ ބޮޑަށް އިތުބާރުކުރެވުނު ދެމީހުންނެވެ. އޭނަ އެހާ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި ބެހެއްޓުނީ ކީއްވެގެން ހެއްޔެވެ؟ ބައްޕަ އަޒްޔާންއަށް ނަފުރަތުކުރަނީ ކީއްވެގެން ހެއްޔެވެ؟
''ޖަނާ ދައްކާ ފިތުނަވެރި ވާހަކަތައް ވެސް މިހާރު އަޑުއަހަން ފެށީތަ؟...'' ހިންދު މަސައްކަތްކުރީ އެވާހަކަތައް އޮއްބާލާށެވެ. ނަމަވެސް އެއަށްވުރެ ބަތޫލް މާހުޝިޔާރެވެ. އޭނަ ހުރީ ދޮގުތަކުގެ ސަބަބުން ރުޅިއައިސްފައެވެ. މީގެ ކުރިން މައިންބަފައިން ކުރިމަތީ އަޑުގަދަކޮށްފައި ނުވިޔަސް ހިތަށްކޮށްފައިވާ ފުން އަސަރުތަކުން އެއިން ވެސް ފަހަނައަޅައި ދިޔަ އެވެ.
''ދޮގު... ހުސް ދޮގު... ދެން ވެސް އޮޅުވާލަންތަ މަންމަ ތިއުޅެނީ؟... މިހާރު ވެސް ހެދުނު ދޮގުތައް މަދީތަ؟... އަހަރެން ހިޔެއް ނުކުރަން މަންމަ ވެސް މިކަމުގައި ބައިވެރިވެދާނެކަމަކަށް، އަހަރެން މަންމައަށް ހުރިހާ ވާހަކައެއް ކިޔައިދިނީ ހާދަ ވަރަކަށް އިތުބާރުކޮށްފައޭ... މަންމަ ވެސް ބުނި އަޒްޔާންއަކީ ރަގަޅު ޒުވާނެކޭ... ދެން ކީއްވެ ހުރިހާ ކަމެއް ކުއްލިޔަކަށް ބަދަލުވީ؟.......... ބައްޕާ، ކީއްވެގެންތަ އަޒްޔާން ދެކެ ނަފުރަތުކުރަނީ؟، އަޒްޔާންއަށް ކޮންކުށެއްތަ ކުރެވުނީ؟... އަޒްޔާންއަށް ބައްޕަ ނުރުހޭފަދަ ކަމެއް ކުރެވިފައިވާނަމަ އަހަންނަށް ވެސް އެކަން އެނގުން މުހިއްމޭ، ސަބަބަކާ ނުލާ އަޒްޔާންގެ ބޮލުގައި ތުހުމަތުތަކެއް އެޅުވުނަސް އަހަންނަށް ޤަބޫލެއް ނުކުރެވޭނެ......'' ހިތުގައިވާހާ ޝަކުވާތަކެއް ބަތޫލް ބަންޑުންކޮށްލިއެވެ. ހިންދުއަށް ހުރެވުނީ ބުނާނެ އެއްޗެއް ވެސް ނޭގިފައެވެ. ޚުދު އޭނަ ވެސް ވަނީ އުސުވާލުތަކުގެ ޖަވާބު ބޭނުންވެފައެވެ. ހިމޭންކަން ޚިޔާރުކުރެވުނީ އެސަބަބާ ހުރެއެވެ.
''ބަތޫލް!!!... އަދަބު ކުޑަކޮށްލާފަ މިހާރު ވާހަކަދައްކަން ވެސް ފެށީތަ؟!!!...'' ޖައުފަރު ހަޅޭއްލަވައިގަތެވެ. އަދި އަވިއްސެއްގެ ހަލުވިމިނުގައި އައިސް ބަތޫލްގެ ކޯތާފަތަށް ހޫނު އެތިފަހަރެއް ވީއްލާލިއެވެ. އެވަގުތު ހިންދުއަށް ބަތޫލްގެ ދިފާއުގައި ދެވުނީ އޭނަގެ ހިތަށް ކުރި އަސަރުންނެވެ. އޭނަ އުފުލާ ފަދަ ވޭނާއި ތަކުލީފުގެ ތެރޭގައި ބަތޫލް ވަނިކޮށް ދެކޭކަށް އޭނަ ބޭނުމެއް ނޫނެވެ.
ކޯތާފަތުގައި ފިރުމާލަމުން ބަތޫލް ކަރުނުން ފުރިފައިވާ ދެލޮލުން ޖައުފަރަށް ބަލާލިއެވެ. އަމާޒުވި ހަމަލާގެ ބާރުމިނުގެ ސަބަބުން ބަތޫލްގެ ތުންފަތް އަރިމަތިން ފަޅައިގެން ގޮސްފައި ވެއެވެ. ބޭރުފުށުން ލިބުނު އަނިޔާއަށް ވުރެ ބޮޑަށް އެވަގުތު ބަތޫލްގެ ހިތުގައި ލެވުނު ފާރުތައް ގިނައެވެ. އޭނައަށް ބާރަށް ގިސްލެވުނީ އެޅި ވޭނެއްގެ ސަބަބުންނެވެ.
''އިތުރު ވާހަކަ ދައްކާނެ ކަމެއް ނެތް!!!... ބަތޫލް ޖެހޭނީ އަހަރެން ބުނި ފަދައިން ކަންތައް ކުރަން، އެހެންނޫނީ އޭގެ ނަތީޖާ ހިތިވާނެކަން ހަނދާން ބަހައްޓާތި... އެއަޒްޔާން ދެރަގޮތެއް ވާން ނޭދެންޏާ ހުރިހާ ކަމަކާ ހުރި ޤަބޫލުވާން ބަތޫލްއަށް ޖެހޭނީ!!!...'' ޖައުފަރުގެ މޫނުގައިވަނީ ނުރައްކާތެރި ވިދުވަރެކެވެ.
ކޮށްފައިވާ ފުން އަސަރުތަކުން ބަތޫލްއަށް ރޮވުނެވެ. ހިތުގައި ޖެހި ބަތޫލް ރޯތަން ފެނި ހިންދުގެ ދެލޯ ވެސް ފެންކަޅި ވިއެވެ. ބަތޫލްއަށް އެހީ ވާން ވެސް އޭނަ ބޭނުން ވިއެވެ. ނަމަވެސް އޭނައަށް ކޮށްދެވޭ އިތުރުކަމެއް ނެތެވެ. ހަމައެއާއެކު އެނިންމުމަކީ ހުރިހާ ގޮތަކުން ވެސް ބަތޫލްއަށް ރަގަޅު ނިންމުމެކެވެ. އޭނަ އުއްމީދުކުރީ ޝުޖާއުއާއެކު އުޅެން ފެށުމުން ބަތޫލްއަށް ވެސް އެކަން ވިސްނޭނެ ކަމަކަށެވެ. އަޒްޔާންއާއެކު ބަތޫލްއަށް މުސްތަޤުބަލެއް ލިބެން ނެތްކަން ދެނެގަނެވޭނެ ކަމަށެވެ.
ޖައުފަރު ނުކުމެގެން ދިޔައީ ރުޅިގަދަވެފައި ހުރެއެވެ. ބަތޫލް ވެސް ދުވެލާފައި ގޮސް އޭނަގެ ކޮޓަރިއަށް ވެނެވެ. ފަހަތުން ދިޔަ ހިންދުއަށް ކަމެއް ނުކުރެވެނީސް ބަތޫލް ކޮޓަރީގެ ދޮރު ތަޅުލައިފިއެވެ. އޭނަ ބަތޫލްއަށް ގޮވާގޮވާ އަނގަވާޅުމުން އައިސް ބޮޑުކޮޓަރީގެ ސޯފާއެއްގައި އިށީނެވެ. އަދި ނިތްކުރީގައި ބޮޑުވާއިނގިލި ހިންގާލީ ބޮލަށްކޮށްފައިވާ ބާރުން މިންޖުވެވޭތޯ އެވެ.
*****
''ކާން ހަދާފަ ހުންނާނީ... ދައްތަ ގޮސްލަނީ އިނގޭ... މިޝޫ ގުޅާނެ އެކޮޅުން ކަމެއް ދިމާވެއްޖެއްޔާ... ދެން ރަގަޅަށް ނިދޭތޯ ބަލައްޗޭ... ރޭހަތަރުދަމު ނުނިދާ ވިއްޔާ ހުރީ...'' އަޒްޔާންގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލަމުން ޝީރީން ބުނެލިއެވެ. އޭގެ އިރުކޮޅެއް ފަހުން ނިދި މޫނަކާއެކު އަޒްޔާން ނިކުތެވެ.
''ދަައްތަ އެކަނި ދާނެ ކަމެއް ނެތް...'' ޝީރީން ގެއަށް ގެންގޮސް ދޭން އަޒްޔާން ބޭނުން ވިއެވެ.
''ނޫނޭ، މިހާރު ވެސް ތިހުރީ ނިދިބަރުވެފަ، ތިހާލުގަ ސައިކަލު ދުއްވޭތަ؟... އެހެންނޫނަސް މިތާ ކައިރިއެއްނުއެއީ...'' ޝީރީން މަނާވެގަތެވެ. އަދި ހިނިތުންވެލަމުން މައިދޮރާއި ދިމާއަށް ހިނގައިގަތް ވަގުތު ހުއްޓެވުނީ ބާރުބާރަށް މިހާކު ދޮރުގައި ތަޅަން ފެށީމައެވެ. ފިޔަވަޅުތައް މަޑުކޮށްލަމުން އޭނަ ފަސްއެނބުރި އަޒްޔާނަށް ބަލާލިއެވެ. އަޒްޔާން ވެސް ހުރީ ހައިރާންކަމެއްގެ ތެރޭގައެވެ. އޭނަ ޝީރީނަށް ވުރެ ކުރިން ގޮސް ދޮރުހުޅުވާލުމާއެކު ކުރިމަތީ ހުރި މީހާ ފެނި އިތުރު ހައިރާންކަމެއް ލިބުނެވެ.
''ކަލޭގެ ބަލާވެރިކަމުން ދުވަހަކު މިންޖުވެވޭކަށް ނެތޭ... ބުނަން މަގޭ އަތުން ފައިން ގޯހެއް ނެހެދެނީސް ކަލޭ ތިކުޅޭ ކުޅިގަނޑު ނިންމަން އުޅޭ!، އެހެންނޫނީ މަ އިންޒާރުދިންގޮތަށް ކަންތައް ކުރަން ޖެހިލުމެއް ވެސް ނުވާނެ... އޭރަށް ކަލޭގެ ބައްޕަ ގާތަށް ކަލެއަށް ދެވޭނެ...'' އަޒްޔާންގެ ގަމީހުގެ ގިރުވާނުގައި ހިފަހައްޓާލަމުން ޖައުފަރު ހަޅޭއްލަވައިގަތެވެ.
''ކިހިނެއް ވެގެންތަ މިއުޅެނީ!...'' ޖައުފަރު ފެނި ޝީރީން ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެނެވެ. ''ކަލޭ ހަމަމިހާރު މިގެއިން ނުކުމޭ...'' ނިކަން ހަލުވި ހިނގުމެއްގައި ގޮސް ޝީރީން ބުނެލިއެވެ. އޭނަ ހުރީ ޖައުފަރަށް ދޫދޭ ފަދަ ވިސްނުމެއްގައެއް ނޫނެވެ.
''ފަހު އިންޒާރު މިދިނީ!...'' ޝީރީނަށް ބަލާލަމުން ޖައުފަރު އަޒްޔާނާ ދުރަށް ޖެހިލަމުން އިއްވާލިއެވެ. އަދި އެންމެ ސިކުންތަކަށް ވެސް އެތާނގައި މަޑުކުރުމެއް ނެތި ދާން ހިނގައިގަތެވެ.
''ކަލޭ ގޮސް އެހެން މީހަކަށް ތިއިންޒާރު ދޭން އުޅޭ!... ބަލަ ކަލޭގެ ދަރިއޭ އަޒްޔާން ފަހަތުން އުޅޭނީ، ނިކަން އޭނަ މައިތިރިކޮށްބަލަ!...'' ބޭރަށް ނުކުމެ އަޑުގެ ކޮޅަށް ޝީރީން ހަޅޭއްލަވައިގަތެވެ. އޭނަ ހީވަނީ ދެންމެދެންމެ ގޮސް ޖައުފަރަށް ހަމަލާއެއް ވެސް ދީފާނެ ހެންނެވެ. ''ކަލޭ ހީކުރީތަ ބާރެއް ލިބުނީމަ ދުނިޔޭގެ ރަސްކަން ކުރެވުނީޔޭ؟!....''
ފަސްއެނބުރުނު ޖައުފަރު އެއްޗެއް ނުބުނެ ދިއުމުން ޝީރީން ގާތަށް އިތުރަށް ރުޅިއެވެ. އޭނަ ކުދިކިޔަމުން އެތެރެއަށް ވަނެވެ.
''އަޒްޔާނަށް އަދިވެސް އެއްޗެއް ވިސްނައިގަންނާކަށް ނޭގޭ ދޯ؟...'' ނުރުހުމާއެކު ޝީރީން ބުނެލިއެވެ.
އަޒްޔާން ބަހެއް ވެސް ބުނުމެއް ނެތި ގޮސް ކާމޭޒު ދޮށުން ގޮނޑިއެއް ދަމާލަމުން އިށީނެވެ. އޭނަގެ ހިތް ބިރުވެރިކަމެއްގެ ތެރޭގައިވީ ބަތޫލްއާ މެދު ވިސްނާލެވުމުންނެވެ. ޖައުފަރު އެހާ ރުޅިގަދެވެގެން އަންނާނީ ބަތޫލް އެއްޗެކޭ ބުނުގެންކަން އޭނައަށް އެނގުނެވެ. މިއަދު އޭނަ ޖައުފަރުގެ އިންޒާރުތަކާ މެދު ވެސް ވިސްނާކަށް ބޭނުމެއް ނުވިއެވެ. އެކަމާ އޭނަ ޖެހިލުމެއް ވެސް ނުވެއެވެ. އެއާ ޚިލާފަށް ބަތޫލްގެ ހާލު އެނގެން އޭނަގެ ހިތްވަނީ ކެތްތެރިކަން ކުޑަވެފައެވެ. ބަތޫލްއަށް ދެރަގޮތެއް ވާކަށް އޭނަ ބޭނުމެއް ނޫނެވެ.
''އަޒްޔާން ތިކުރާކަމެއް ހުއްޓާލާ...'' ޝީރީން ހަށަންބަނދެލަމުން ބުނެލިއެވެ. ''މިހުރިހާ ދުވަހު އަހަރެން މިވާހަކަ ނުބުނެ ހުރީ ޒައިނަބު އަހަރެން ލައްވާ ވަޢުދުކުރުވާފައި ވާތީ... އެކަމަކު ތާއަބަދު މިކަން ސިއްރެއްގެ ގޮތުގައި ނުބެއްވޭނެކަން މިއަދު އެނގިއްޖެ... އަޒްޔާންގެ މަންމަގެ ދިރިއުޅުން ބަރުބާދުވެގެން ދިޔައީ އެޖައުފަރުގެ ސަބަބުން... ޒައިނަބަށް ދިމާވި ހުރިހާ ދަތިއުނދަގޫތަކުގެ އަސްލަކީ އެޖައުފަރު... އޭނަގެ ހިތުގައި އަޒްޔާންގެ ބައްޕައާ މެދުވި ރުޅިވެރިކަމާއި ބަދަލު ހިފުމުގެ ރޫހުގައި އޭނަ އަޒްޔާންގެ މައިންބަފައިންގެ ދިރިއުޅުން ސުންނާފަތިކޮށްލީ... މިއަދު އަޒްޔާންގެ ބައްޕަ ޖަލުގައި އެއޮތީ ވެސް އެޖައުފަރުގެ ނުބައިކަމުން، ޒައިބަށް ދިމާވި ހުރިހާ ހިތާމަތަކާއި ބަދުނަސީބެއްގެ ފަހަތުގައިވަނީ އޭނަ، އެފަދަ ޖާހިލު މީހެއްގެ ދަރިއާ ގުޅެންތަ އަޒްޔާން ތިއުޅެނީ؟...''