ޖަނާގެ އިންތިޒާރުގައި ޝުޖާއު ހުރީ އޭނަ ދައްކަން ތައްޔާރުވެގެން އައި ވާހަކަތައް ހާމަ ކުރާނެ ގޮތަކާމެދު ފުން ވިސްނުމެއްގަ އެވެ. އޭނަ އެވާހަކަ ހާމަކުރުމުން ޖަނާއަށް ވާނެ ގޮތަކާ މެދު ވެސް ޝުޖާއުއަށް ފިކުރު ހިންގާލެވުނެވެ. ފާއިތުވި މަދު ދުވަސްކޮޅުގައި ޖަނާގެ ސަބަބުން އޭނަގެ މިޒާޖަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭނައަށް ލޯތްބަކީ ކޯޗެއްކަން އުނގަންނައިދިނީ ވެސް އެއަންހެން ކުއްޖާ އެވެ. މީގެ ކުރިން އޭނައަށް އުޅެވުނީ ބިލާހުތަކެއްގައެވެ. އެހެނަސް މިހާރު އޭނައަށް ހަޤީޤަތް އިހުސާސް އެބަކުރެވެ އެވެ.
ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ވަނިކޮށް ދާދި ގާތުން ފިޔަވަޅުތަކެއްގެ އަޑު އިވުމުން ޝުޖާއުއަށް އެދިމާއަށް ބަލާލެވުނެވެ. އޭރު ހަލުވި ފިޔަވަޅުތަކެއްގައި ޖަނާ އައިސް އޭނައާއި އަރާހަމަކުރަނީއެވެ. ޖަނާއަށް ލުއި ހިނިތުންވުމެއް ރައްދުކޮށްލަމުން ޝުޖާއު ސައިކަލު ސްޓާޓްކުރަން ތައްޔާރުވެލިއެވެ. ޖަނާ ވެސް ޝުޖާއުއަށް ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
''ކޮބާ މިއަދު ކިހިނެއް ކަންތައް ދިޔައީ؟...'' ޖަނާ އައިސް ފަހަތު ސީޓަށް އަރާ ހަމަޖެހިލުމުން ޝުޖާއު ބުނެލިއެވެ. އެއީ އަބަދުގެ ވެސް އާދައެކެވެ. ޖަނާގެ ދުވަސް ދިޔަ ގޮތާ މެދު އޭނަ އަބަދުމެ ސުވާލުކޮށް އޮޅުން ފިލުވައެވެ. އޭގެ ސަބަބުން އެދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވުމުގެ ބާރެއްކަމުގައި ވެއެވެ.
''މިއަދު ވަރަށް ބިޒީކޮށް ދިޔައީ... ވަރަށް ޓަޔަޑްވެފަ މިހުރީ ވެސް...'' ޖަނާގެ މޫނުމަތިން ވަރުބަލިކަން ފާޅު ވެއެވެ. ''ހައު ވޯޒް ޔޯރ ޑޭއި؟...''
''ދެން އެކަހަލަ ގޮތެއް...'' ޝުޖާއު ކުރު ޖަވާބަކުން ފުއްދާލިއެވެ. އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި އަނެއްކާ ވެސް ވާހަކަ ދައްކަން ފެށިއެވެ.
''ވާހަކައެއް ބުނަން ވެފަ އެބަ އޮތް، އޭރުން ތިހުރިހާކަމެއް ވެސް ރަގަޅު ވެދާނެ...'' ޝުޖާއުގެ އަޑުގައި ހިސާބެއްގެ ނުތަނަވަސްކަން ވިއެވެ. އޭނަ ހާމަކުރަން އުޅޭ ވާހަކައިގެ ބާވަތުން ޖަނާގެ ޖަވާބު އައިސްދާނެ ގޮތަކާ މެދު ހިތް ހާސްކަމެއްގެ ތެރޭގައި ވާތީއެވެ. މިއީ އެފަދަ ކަމެއް ހުށަހަަޅަން ރަގަޅު ވަގުތުބާއޭ ވެސް ހިތުގައި ސުވާލު އުފެދިފައި ވިއެވެ. އޭނަ އަދި ލޯބިވާކަން ހާމަކޮށްފައި ވެސް ނެތެވެ.
''އަނެއްކާ ކޮން ވާހަކައެއްތަ؟...'' ޝުޖާއުގެ މިޒާޖަށް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަ ކުރެވި ޖަނާއަށް ހައިރާންކަން ލިބުނެވެ. މިނޫނީ ދުވަހަކު މިފަދަ ބަދަލުތަކެއް އޭނައަށް ޝުޖާއުގެ ފަރާތުން ފެނިފަކާ ނެތެވެ.
''އިންތިޒާރު ކުރަނިކޮށް އެނގިދާނެ...'' ޝުޖާއު ބުނެލިއެވެ. އެއާއެކު އިތުރު ސުވާލުތަކެއްގެ ތެރެއަށް އޭނަގެ ސިކުނޑި ގެނބުނެވެ. ހިމޭންކަމާއެކު ޖަނާ ވިސްނަމުން ދިޔަ އިރު އަމިއްލަ ނަފުސާ އޭނަ އެސުވާލުތައް ފެންމަތި ކުރުވިއެވެ.
''ހީ އިޒް އެކްޓިންގް ޑިފަރެންޓް، ކޮން ވާހަކައެއްތަ ބުނަން އެއުޅެނީ؟... އަނެއްކާ...''
ހިތަށް ވެރިވި ޚިޔާލާ އެކު ޖަނާއަށް ބަލާލެވުނީ ޝުޖާއު އަށެވެ. އޭރު އޭނަގެ ހިތުގެ ތެޅުން ބާރުވަމުންދާކަން އޭނައަށް އިހުސާސްކުރެވެއެވެ. މަސްހުނި ޖަޒުބާތުތަކެއް އުތުރިއަރައިގެން އައި ހިނދު އޭނަގެ ހީތަށް ޔަޤީނަށް ބަދަލުވުމަށް އެދެވުނެވެ. އެދުވަހަކަށް ޓަކައި އޭނަ ކަނޑައްތުކުރަމުންދާ ވޭނީ އިންތިޒާރުގެ ރާސްތާ އެއްވެސް މީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ. އެދެމެދުގައި ގުޅުން ބަދަހިވެފައިވިކަމުގައި ވިޔަސް ލޯބި ހުށަހެޅިފަކާ ނެތެވެ. ޝުޖާއުގެ ދުލުން އެންމެ ފަހަރަކު ވިޔަސް ލޯބިވާކަމަށް އިޤުރާރުވާނެ ވަގުތަކަށް އޭނަ އެވަނީ ބޭޤަރާރުވެފައެވެ. އެންމެ އިޝާރާތަކުން ވެސް އޭނަ އެލޯތްބަށްޓަކައި ފިދާވާން އެހުރީ ތައްޔާރަށެވެ. ޝުޖާއުއަށް އެކަން އިހުސާސްކުރެވޭނެ ނަމައެވެ.
*****
ތެތްފިނިކަން އެކުލެވިފައިވާ ރޯޅިތަކުން ހަށިގަނޑަށް އުނދަގޫކުރުވަނިވި ފިނިކަމެއް ސަވާރުވެގެން ދެއެވެ. ވިއްސާރާއިގެ މަލަމައްޗާއެކު ފަޒާގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ރޯޅިތައް އިހުނަށްވުރެ ބާރުވެފައިވާއިރު ގޮނޑުދޮށަށް ބީއްސާލާ ރާޅުތަކުގައި ވެސް އެކުލެވިފައިވަނީ ނުސިޔާނުކަމެވެ. މާހައުލުގައި އުފެދިފައިވި ތޫފާނީ ނިޝާންތަކާއެކު މުޅި ހިސާބު ގަނޑަށް ވެރިވެފައި އޮތީ ފަޅުކަމެވެ. ދުރުދުރަށް ދާންދެން ވެސް ދިރޭ ފުރާނައެއްގެ ހިލަމެއް ނުވެއެވެ. އެކަހެރި މާހައުލެއްގައި ޖަނާއާއެކު ވަގުތުކޮޅެއް ހޭދަކޮށްލަން ބޭނުން ވާތީ ޝުޖާއު ޚިޔާރުކުރީ ރަސްފަންނުގެ ހަމަހިމޭންކަމެވެ.
''ހިނގާ އެތާނގައި އިށީންނަމާ...'' ޖަނާއާއި އެއްހަމައެއްގައި ހިނގަމުން އައި ޝުޖާއުއަށް ބަލާލަމުން ޖަނާ އިޝާރާތްކޮށްލީ ރާޅުފަށާއި ކައިރި ހިސާބެއްގައި ހުރި ހޮޅުއަށްޓަށެވެ. ޝުޖާއު ހިނިތުންވުމަކާއެކު ކުރިއަށް ދިއުމަށް އަތުން ބުނެލީ އެދެމެދުގައިވި ދުރުމިން ހަނިކޮށްލަމުންނެވެ. ދާދި ކައިރީގައި ޝުޖާއު ހުރުމުން ޖަނާގެ ހިތުގެ ތެޅުން ނުހަނު އަވަސްވަމުން ދިޔަ އެވެ. ފިނީގެ ސަބަބުންވާ އުނދަގޫ ވެސް އޭނައަށް އިހުސާސްނުކުރެވެނީ އިތުރިއަރަމުން އައި ޖަޒުބާތުތަކުގެ ހިޔަނި ސިކުނޑިއަށް އޭޅިފައިވީތީއެވެ.
އަށީގައި ހަމަޖެހިލަމުން ޖަނާ ފުރަތަމަ ނަޒަރު ހިންގާލީ އަނދިރިކަމާއި ހަލަބޮލިކަން ވެރިވެފައި އޮތް އުޑުމައްޗަށެވެ. އެއަށްފަހު އޭނަގެ ބެލުންތައް ދެން އަމާޒުވީ ގާތުގައި އިން ޝުޖާއު އަށެވެ. ޝުޖާއުގެ ތޫނު ނަޒަރު ވެސް އޭރު ހުއްޓިފައިވީ ޖަނާގެ މޫނަށެވެ. ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާ މެހިގެން ދިޔަ ހިނދު ޖަނާއަށް ނޭވާ ހިފަހައްޓާލެެވުނީ ޝުޖާއުގެ ދެލޮލުން އޭނައަށް ފެނުނު ޖަޒުބާތުތަކުން އުފެދިގެން އައި ދަގަތްޕާނީ ބާރުންނެވެ. އެދެލޮލުގެ ތެރެއަށް ގެއްލިފައި ވަނިކޮށް އޭނައަށް ގޯނާކުރަމުން އައި އިސްތަށިތައް އެއްފަރާތްކޮށްލަދޭން ޝުޖާއު އުފުއްލާލި އަތުގެ އިނގިލިތަކުގެ ކުރިތައް ކޯތާފަތުގައި ބީހިލުމާއެކު ހިތް އަވަސްވެ ނޭވާތައް ފުންވާން ފެށިއެވެ. އޭނައަށް ލަސްލަހުން އެސްފިޔަތައް މަރާލެވުނީ ޝުޖާއުއަށް ދައުވަތު ދެމުންނެވެ. ޒުވާންކަމުގެ ޖޯޝުގައި ހިތް އޭގެ މަޤާމުން ދޫވެގެން ނުދަނީސް ޝުޖާއުއަށް އޭނަގެ ނަފުސުގެ މައްޗަށް ބާރުފޯރުވުނީ ކިރިޔާއެވެ. އެއާއެކު އޭނަ އަވަސްއަވަހަށް ޖަނާއާއި ދުރަށް ޖެހިލުމަށްފަހު ފުންނޭވާއަކާއެކު ވަށައިގެންވި މާހައުލަށް ނަޒަރެއް ދިނެވެ.
''ސޮރީ...'' ޝުޖާއުގެ އަޑަށް ޖަނާއަށް ލޯހުޅުވާލެވުނެވެ. ހިތުގެ މުރާދު ހާސިލުނުވުމުން ހިސާބެއްގެ މާޔޫސްކަމެއް އުފެދުނެވެ. ނަމަވެސް މީގެ އިރުކޮޅެއް ކުރިން ތަމްސީލުވެގެން ދިޔަ މަންޒަރުތައް ސިފަވާން ފެށުމާއެކު ޖަނާ އޭނަގެ އަމިއްލަ ނަފުސަށް އަޑުލިއެވެ. އޭނަގެ ކެތްތެރިކަން އެދެރަޖައަށް ދިޔައީ ކީއްވެގެން ހެއްޔެވެ؟ ޝުޖާއުއާއެކު ހުރެވުމުން އޭނައަށް މިވަނީ ކީއް ހެއްޔެވެ؟ އަމިއްލަ ނަފުސުގެ މައްޗަށް އޮންނަ ބާރު ވެސް ގެއްލިގެން ދަނީ އެވެ. މިހާރު ޝުޖާއު އޭނައާއި މެދު ދެކޭނީ ކިހިނެއް ހެއްޔެވެ؟ ލަދުވެތިކަމާއި ކުށްވެރިކަމުގެ އިހުސާސްތައް އުތުރުއަރައިގެން އައީ ދެނެވެ. އެދެމެދަށް ހިމޭންކަމާއި ނުތަނަވަސްކަން ވެރިވެފައި ވިއެވެ. ދެފަހަރެއްގެ މަތިން ވާހަކަދައްކަން އިސްނަގަން އުޅެފައި ވެސް ޖަނާގެ ހިތްވަރު އެލިގެން ދިޔަ އެވެ. އެއަށްފަހު އޭނަ އިންތިޒާރުކުރަމުން އައީ ޝުޖާއު ވާހަކަދައްކާނެ އިރަކަށެވެ.
''މި ހުކުރުދުވަހު ޖަނާ ފްރީ ވާނެތަ؟...'' ދެންމެ ހިނގާ ދިޔަ ކަންތަކުން އުފެދިފައިވި ހާސްކަމަށް ނިމުމެއް ގެންނަމުން ޝުޖާއު ބުނެލިއެވެ. ޖަނާއަށް ވެސް އޭގެ ސަބަބުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.
''އާނ...'' ޖަނާ ބުނެލިއެވެ.
''އެހެންވިއްޔާ ހުކުރަށް ފަހު އަހަރެން އަންނާނަން ޖަނާ ބަލާ، އަހަރެން ބޭނުން ބަޔަކަށް ޖަނާ ތާޢަރަފްކޮށްދޭން...'' ޖަނާގެ މޫނާއި ނަޒަރުވަކިކުރުމެއް ނެތި ޝުޖާއު ބުނެލިއެވެ. އޭނައަށް އެޖުމްލަ ދުލާ ހަމައަށް ގެންނަން އުނދަގޫވިކަމުގައި ވިޔަސް އެންމެފަހުން ކާމިޔާބު ލިބުނެވެ. ހަޔާތުގައި ވެސް އޭނަ ޖެހިލުންވި ފުރަތަމަ ފަރަކީ އެއީ އެވެ. ނަމަވެސް ނޭގުމެއްގެ ތެރޭން ޖަނާ އޭނައަށް ޖަވާބުދާރީ ވެވިފައިވުމުން އޭނައަށް މުޅިން އައު ހިތްވަރެއް ލިބިފައިވާ ކަހަލައެވެ.
''ކޮން ބަޔަކަށްތަ؟...'' މިރޭ ޝުޖާއުގެ ފަރާތުން ފެންނަ ބަދަލުތަކުން ޖަނާ ވީ ސުވާލުމާކުތަކެއްގެ ތެރޭގައެވެ. އެބަދަލުތަކުގެ އަސްލު ހޯދައިގަންނަން އޭނައަށް އުނދަގޫވެފައި ވިއެވެ.
''ހާދަ ސުވާލު ގިނައޭ ދޯ، ދެން ބައްދަލުވީމަ އެނގޭނެ... އެއީ ޖަނާއަށް ދޭން އަހަރެން ބޭނުންވާ ސަޕްރައިޒެއް، އޭރުން އަހަރެން ބުނަން ބޭނުންވާ ވާހަކަތައް ވެސް ބުނެދެވޭނެ...'' ޖަނާގެ އަތްތިލައިގައި ހިފާލަމުން ޝުޖާއު ހިނިތުންވެލިއެވެ.
*****
ހުކުރު ދުވަހެވެ. މެންދުރުގެ ކެއުން ތައްޔާރުކުރުމަށް ބަދިގޭގައި ހަރަކާތްތެރިވަމުން އައި ނޯކަރުންނަށް އިރުޝާދު ދިނުމާއިގެން މާރިޔާ އުޅެއެވެ. އެމީހުން ކުރާ މަސައްކަތަށް އޭނަ ފާޑު ކިޔަމުން ދިޔައީ ހުރިހާ ކަމެއް ވެސް ފުރިހަމަ ވާން ބޭނުންވާތީއެވެ. ޝުޖާއު ގެންނަ ޚާއްސަ މެހުމާނާއަށް މަރުހަބާ ކިޔަން އޭނަ ބޭނުންވަނީ ނިކަން ފުރިހަމައަށެވެ. މާރިޔާއަށް އައިސްފައިވާ ބަދަލާމެދު ސުވާލުނުކޮށް އަނާން އަކަށް ނުހުރެވުނެވެ.
''މަންމާ ހާދަ ވަރަކަށް ތައްޔާރު ތިވަނީ؟... މިއަދު ޙާއްސަ މީހަކު އަންނަނީތަ؟...'' ބަދިގެއަށް ވަންނަމުން އަނާން ބުނެލިއެވެ. އުނދުން ކައިރީގައި ހުރި މާރިޔާއަށް އަނާންގެ ސުވާލާއެކު ފަސްއެނބުރި ބަލާލެވުނެވެ. އޭނައަށް ހައިރާންކަން ލިބުނީ އަނާންއަށް ނޭގުނީތީ އެވެ.
''ޝުޖާ ނުބުނޭތަ؟...'' މާރިޔާ ނިތްއަރުވާލަމުން އެހި އެވެ.
''ހޫމްމްމް، ނުބުނޭ، އަނެއްކާ ސިއްރުކަމެއް ހިނގަނީތަ؟...'' ސުވާލުތަކުން ފުރިގެންވި މޫނަކާއެކު އަނާން ބުނެލިއެވެ.
''ތި ކިހިނެއް ހިނގި ކަމެއްތަ؟، ޝުޖާގެ ހުރިހާ ކަމެއް އެންމެ ފުރަތަމަ ހިއްސާކުރަނީ އަނާންއާ، ދެން ކީއްވެ ނޭގޭ ކަމަށް ތިހެދެނީ؟...'' އަނާންއަށް ބަލަން ހުރެ މާރިޔާ ބުނެލިއެވެ. އޭނަ ހުރީ ޝައްކެއްގެ މަތީގައެވެ.
''މަންމާ ސީރިޔަސް ކޮށޭ، ޝުޖާ އަހަރެން ގާތު ނުބުނޭ...'' އަނާން ބުނެލިއެވެ. އޭނަގެ އަޑުން ކަމެއް ޔަޤީންކޮށްދޭން އުޅޭ ކަހަލަ އެވެ.
''މިއަދު ކުއްޖަކު ގެންނަ ވާހަކަ ބުނެގެން ކެއުން ތައްޔާރު މިކުރަނީ...'' މާރިޔާ ބުނެދިނެވެ. އެއާއެކު އަނާންއަށް ދެލޯ ބޮޑުކޮށްލަމުން އަނގަމަތީ އަތް އަޅާލެވުނެވެ.
''އަސްލުވެސްތަ؟... ކޮބާ އެޝުޖާއު؟... އަހަރެން ގާތު ނުވެސް ބުނެޔޭ...'' އުކުޅުގައި އަތް ވިއްދާލަމުން އަނާން ބުނެލީ މޫނަށް ވައްތަރެއް ޖައްސާލަމުންނެވެ. އޭނަ އެންމެ މިނެޓެއް ވެސް ނަގާލުމެއް ނެތި މިސްރާބު ޖެހީ ޝުޖާއުގެ ކޮޓަރިއާއި ދިމާއަށެވެ. އަނާން ނުކުމެގެން ދިޔަ ދިމާއަށް ހެވިފައި ބަލަން ހުރި މާރީޔާ އަނެއްކާ ވެސް އޭނަގެ މަސައްކަތަށް އެނބުރި ދިޔަ އެވެ.
*****
''ކީކޭ ޖަނާ...'' އަންނައުނު ދޮންނަން ދާވަށިގަނޑުގައި ހުރި ހެދުންތައް ދޮންނަމެޝިނަށް އަޅަމުން ބަތޫލް ފޯނުން ވާހަކަ ދެއްކިއެވެ. ޖަނާ ދައްކާ ވާހަކައަށް ސަމާލުކަން ދެމުން އޭނަ މެޝިނުގެ ޓައިމަރު ޖައްސާލަމުން ފާޚަނާއިން ނުކުތީ ހިކިފައިވި އެޅި ހެދުންތައް ވަށިގަނޑަށް އަޅައިގެންނެވެ.
ބެލްކަނީގައި އަވި ދީފައި ހުރި ހިސާބުގައި ހެދުން ހަރުގަނޑު ބަހައްޓަމުން ފަހަރަކު ހެދުމެއް ނަގައި އޭގައި އަޅުވަން ފެށިއެވެ. އޭރު ވެސް އޭނަގެ ސަމާލުކަން ދެވިފައިވީ ޖަނާ އަށެވެ. ޖަނާ ރޭގައި ހިނގި ހާދިސާތައް ބަތޫލްއަށް ކިޔައިދިން އިރު އެމޫނުމަތިން ފާޅުވާ އުފާވެރިކަން ބަތޫލްއަށް ފެންނަ ކަހަލައެވެ. އޭނަ ހުރީ ޖަނާއާއި ޝުޖާއުގެ ގުޅުމާމެދު ނުހަނު އުފާވެފައެވެ. ހަމައެއާއެކު އެގުޅުމަށް މުޅިން އައު ނަމެއް ލިބުމަށް ވެސް އެދިއެދި އެވެ.
''ވަރަށް ހާސް އެބަވޭ، އަނެއްކާ ފެމިލީ މީހުންނާ މީޓްކުރަން ނޫންބާ އެގެންދަނީ...'' ހިތް އަވަސްވެފައިވި ރާގަކަށް ޖަނާ ބުނެލިއެވެ. އޭނައަށް ރޭގައި އެންމެ ފަހަރަކު ވެސް ލޮލު ފިޔަ އެއް ނުޖެހުނެވެ. ހުއްޓުމެއް ނެތި ސިކުނޑި މަސައްކަތްކުރަމުން ދަނީ އެންމެ ސުވާލެއްގެ ޖަވާބު ހޯދުމަށެވެ. އެކަމާ ހުރެ އޭނަގެ ހަމަޖެހުން ވަނީ ނެތިގެން ގޮސްފަ އެވެ.
''ރިލޭކްސް ޑިއާރ... އަހަރެން ގުޅާފަ ޝުޖާ ގާތުން އަހަންތަ؟، އޭރުން އެނގިދާނެއެއްނު...'' ޖަނާއަށް އެހީވާން ބަތޫލް ހުށަހެޅިއެވެ.
''ނޫން، އޭރުން ޝައްކުވެދާނެ އަހަރެން ބުނެގެންކަމަށް، އަނެއްކޮޅުން ބުނެފަ އޮތީ ސަޕްރައިޒެކޭ ވެސް...'' ޖަނާ ދެކޮޅު ހެދިއެވެ.
''އެހެން ވިއްޔާ ދެން އިންތިޒާރުކޮށްލާ، ގިނަ އިރެއް ވެސް ނެތެއްނު...'' ބަތޫލް ބުންޏެވެ.
''ހޫމްމްމް، ތިބުނީ ވެސް ތެދެއް، އަހަރެން ގުޅާނަން އިނގޭ ފަހުން، ދައްތަ އެބަ ގޮވާ...'' ޖަނާ އަވަސްއަވަހަށް ބުނެލިއެވެ. އަދި ބަތޫލްއަށް ބަހެއް ވެސް ބުނުމުގެ ފުރުސަތު ނުދީ ފޯނު ކަނޑާލިއެވެ. ކަންފަތާއި ފޯނު ވަކިކޮށްލަމުން ބަތޫލް ޖެހިގެން ހުރި ސަރަންފީ ގޮނޑީގައި ފޯނު ބޭއްވިއެވެ. އަދި ބެލްކަނީގެ ދޮރުން ބޮޑުކޮޓަރީގައި ވާހަކައިގައި ތިބި އަޒްޔާނާއި ޝީރީނަށް އަވަސް ނަޒަރެއް ދިނެވެ. މިހާރަކަށް އައިސް އަބަދުމެ ޝީރީން އެގެއިން ނުފެންނަ އިރެއް ނުދެއެވެ. އެދުވެލީގައި ދާނަމަ އެގެއަށް ޝީރީން ބަދަލުވެދާނެހެން ވެސް ހީވާފަހަރު އާދެއެވެ. އޭނަ ހުންނަނީ ބަތޫލްއާ ޒާތީ ގޮތުން ޖައްސާލާފައެވެ. ބަދަލުކުރެވެނީ ވެސް ކުރައްކާތެރިކަން އެކުލެވިގެންވި ފިނި ބެލުންތަކެކެވެ. ނުރުހުމުގެ ބަހެއް ނޫނީ އޭނަގެ ދުލުން ބަތޫލްއަށް ނުލިބެއެވެ. އޭނައަށް ވަންޏާ ބަތޫލްއާއި އަޒްޔާނަށް އެކުގައި ވަގުތުކޮޅެއް ހޭދަކުރުމުގެ ފުރުސަތެއް ވެސް ނުދެއެވެ. އެކަމާ ހުރެ ބަތޫލްގެ ހިތުގައި ޝީރީނުގެ ނިޔަތާ މެދު ސުވާލުތައް އުފެދިފައި ވިއެވެ. މަންމަގެ ވަކިވެދިއުމަށްފަހު ޝީރީންގެ ހިތުގައި ހަޤީޤަތުގައި އަޒްޔާނަށް ޓަކައި މާ ބޮޑަށް ކުލުނު އުފެދިފައިވީ ބާވައޭ ވެސް ހިތާ ސުވާލުކުރެވުނު އަދަދެއް ނޭގެއެވެ. ނޫނީ ކުލުނުގެ ފަހަތުގައި ފޮރުވިފައިވާ މަޤުސަދެއް ވަނީ ބާވައެވެ!
މަސައްކަތުން އަވަދިވެގެން ބަތޫލް އެތެރެއަށް ވަން އިރު ދެކެވެމުން އައި ވާހަކަ ބަތޫލް ފެނުމާއެކު ހުއްޓުމަކަށް އައެވެ. ހައިރާންކަން ލިބުނެއްކަމަކު ހިނިތުންވެލަމުން ބަތޫލް ގޮސް ވަނީ ކޮޓަރިއަށެވެ.
''މިވާހަކަ ބުނަން ހިތުލައިގެން ހުންނަތާ ކިތަންމެ ދުވަހެއް ވެއްޖެ، އެކަމަކު ދައްތަ ދެކެ އަޒްޔާން ރުޅި އައިސްދާނެތީ ނުބުނަން މިހުންނަނީ، އެކަމަކު މިއީ ކޮންމެހެން ވެސް އެނގުން މުހިންމު ކަމެއް، ވަކިން ހާއްސަ ގޮތެއްގައި ހިތްނުބައި މީހަކާއެކު އުޅޭ އިރު...'' ބަތޫލް ދިޔަ ދިމާއަށް ބަލަން އިން ޝީރީން ސޯފާގައި އިން އަޒްޔާން ކައިރިއަށް ޖެހިލަމުން ބުނެލީ ސިއްރުވެރި ގޮތަކަށެވެ. ''ހިނގާބަލަ ދައްތަޔާއެކު އެފަރާތަށް އޭރުން ބުނަން މިއުޅޭ އެއްޗެއް ބުނެވޭނީ ވެސް...''
ސޯފާއިން ތެދުވެލަމުން ޝީރީން އިޝާރާތްކޮށްލީ ބެލްކަނިއަށެވެ. ޝީރީންގެ ވާހަކަތަކާއި ގަޔާ ނުވެފައި އިން އަޒްޔާންގެ މޫނުމަތިން ޝައުޤުވެރިކަމެއް ފާޅެއް ނުވެއެވެ. ކޮންމެ ވެސް ހިސާބަކުން ބަތޫލްއާއި އެކަންތައް ގުޅިގެން ދާނެކަން އޭނައަށް ލަފާކޮށްލެވުމުންނެވެ. އެއްޗެއް ބުނަން އުޅެފައި ވެސް އޭނަ އެޚިޔާލު ދޫކޮށްލީ ޝީރީނާއި މައްސަލަ ޖެހެން ބޭނުންނުވާތީއެވެ. މަރުގެ ތުންފަތް މަތީގައި މަންމަ ވަނީ އޭނައަށް ކަމަކަށް ވަސިއްޔަށް ކޮށްފައެވެ. ޝީރީނާއި އޭނަގެ ގުޅުން ބަދަހިކުރަން އޭނަ ބޭނުންވަނީ އެވަސިއްޔަތަށް ރިޔާއަށް ކޮށްފައެވެ.
އަޒްޔާނަށް ބަލަން ހުރި ޝީރީނަށް ދެފަރާތަށް ބޯހޫރާލެވުނީ ތުން އަނބުރާލަމުންނެވެ. މޫނަށް ހިތްހަމަނުޖެހުމާއެކު ވައްތަރެއް ޖައްސާލެވުނީ ވީފޫއްސެއްގެ ސަބަބުންނެވެ. މިފަހަރު އަޒްޔާން އޭނަގެ ވާހަކަތައް ޤަބޫލުކޮށް އިތުބާރުކުރާނެ ފަދައިން ކުރިއަށް ދާން އޭނަ ރާވާލިއެވެ.
''އަޒްޔާން...'' ޝީރީން ގޮވާލިއެވެ. ނުދާން ހުރެފައި ވެސް އަޒްޔާން ޝީރީންގެ ފަހަތުން ހިނގައިގަތީ މައްސަލަގަނޑެއް ހިލިދާނެތީއެވެ. ބެލްކަނިއަށް ނިކުމެވުމާއެކު ޝީރީން ބެލްކަނީދެ ދޮރު ލައްޕާލަމުން ބަތޫލްގެ ހިލަމެއް ވޭތޯ ބަލާލިއެވެ.
ކޮޓަރި ތަރުތީބުކޮށްލުމަށްފަހު ހެދުންތައް ދޮވެ ނިމުނުތޯ ބަލަން ބަތޫލް ފާޚަނާއަށް ވަނެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަ ނިކުތީ ހަނދާން ނެތިވެ ބެލްކަނީގައި ބަހައްޓާފައި އާދެވުނު ހެދުން އަޅާ ވަށިގަނޑު ބަލައެވެ. ނަމަވެސް އޭނަގެ ޚިޔާލު ބަދަލުކޮށްލަން ޖެހުނީ ވާހަކައިގައި ތިބި އަޒްޔާނާއި ޝީރީން ފެނުމުންނެވެ. އޭނަ ފެންނައިރަށް ގޮށްޖެހިގެން ދިޔަ ޝީރީންގެ ބުމައާއެކު ބަތޫލްއަށް ޖެހުނީ އޭނަގެ ފިޔަވަޅުތަކުގެ މިސްރާބު ބަދަލުކޮށްލާށެވެ. އެއީ ނުރަނގަޅު ވަގުތެއްކަން ލަފާކޮށްލެވުމުންނެވެ. އެއާއެކު އޭނަ ގޮސް ބަދިގެއާ އަރާހަމަކޮށްލުމަށްފަހު ފަސްއެނބުރި ބަލާލި އިރު ވެސް އޭނައާއި ޝީރީންގެ ނަޒަރު ވަކިނުވާތަން ފެނި ބަތޫލް އިހުނަށް ވުރެ އޭނަގެ ފިޔަވަޅުތައް އަވަސްކޮށްލަމުން ބަދިގެއަށް ވަނެވެ.
*****
''ހުއްޓާލާ، އަހަރެން ބޭނުމެއް ނޫން އިތުރަށް އަޑު އަހާކަށް... ތި ވާހަކަތައް މިހާރު ތިބުނަނީ ކީއްވެތަ؟، އަހަންނާއި ބަތޫލްއާ ދެމެދު މައްސަލަ ޖައްސަންތަ؟، އެހެން ކަމަށް ވާނަމަ ރިވެތި ގޮތުގަ ބޮޑުދައިތަ ގާތު މިބުނަނީ... އަހަރެން އަޑެއް ނާހާނަން، ރަގަޅު ވާނީ ދެން ތިމައުޟޫޢުއަށް ނުދިޔައިއްޔާ... މަންމަ ވެސް ބުނެފައެއްނު އޮތީ ދިމާވި ކަންތަކުގަ ބަތޫލްގެ ކުށެއް ނެތޭ، އޭނަގެ ބައްޕަގެ ފަރާތުން ދިމާވި ކަންތަކުގަ ރުޅި ބަތޫލްއަށް އަމާޒުކުރަންވީ ކީއްވެ؟... މަންމަ ވެސް އެކަންތައް ހަނދާން ނައްތާލީ...''
ނުރުހުމާއެކު އަޒްޔާން ބުނެލިއެވެ. ޝީރީންގެ ސަބަބުން އޭނަ ހުރީ ބޮލަށް އުނދަގޫ ވެފައެވެ. ހުއްޓާލުމެއް ނެތި އެއް ބަނދިވަރެއް ގޮވާތީއެވެ.
''ހަނދާންނައްތާލީއޭ؟، ޒައިނަބު ބުނީމަ އަޒްޔާން ޤަބޫލުކުރީދޯ؟، ބަލަ އޭނަ ކިތައް ފަހަރު ނަފުސާނީ ޑޮކްޓަރުންގެ ފަރުވާ ހޯދީ، އޭނަ ތިގުޅުމަށް ރުހުން ދީގެން ހުރީ އަޒްޔާންގެ އުފަލަށްޓަކައި، އަޒްޔާނަށް އެއިން ކަމެއް ވެސް ނޭގުނު ދޯ؟... އަހަރެން ހުރީ ނުބުނަން ކަމަށް އެކަމަކު އަޒްޔާނަށް ވެސް އެނގެން ޖެހޭނެ، ތާ އަބަދު މިއިން ކަމެއް ސިއްރެއް ނުކުރެވޭނެ، އަހަރެން ބޭނުމެއް ނޫން އަޒްޔާނަށް ދެރައެއް ލިބޭކަށް... އަޑު އަހާ!!!... އެޖައުފަރު ހަމައެކަނި އަޒްޔާންގެ ބައްޕަގެ ދިރިއުޅުން ހަލާކުކޮށްލީކީ ނޫން، އޭނައަކީ ބޮޑު ކުށްވެރިއެއް، އިންސާނުންގެ ގިންތީގެ ތެރެއަށް ވެސް ފެތޭނެ މީހެއް ނޫން!، އޭނަ... އޭނަ އަކީ ޒައިނަބުގެ އިއްފަތްތެރިކަމަށް ވެސް ކިލަނބުކަން ގެނުވާފަ ހުރި މީހެއް...''
ޝީރީން އޭނަގެ ފަހުގެ ޖުމްލަ ބުނެލީ ލޮލަށް ކަރުނަ ޖަމާކުރަމުންނެވެ. އޭނަ މަޑު ގިސްލުމެއް ބޭރުކޮށްލަމުން އަޒްޔާނަށް ފުރަގަސް ދިނީ ތުންފަތުގައި އަތް އަޅައި ބާރުކޮށްލަމުންނެވެ.
އިވުނު ޖުމްލައިގެ ނުބައިކަމާ ހުރެ އަޒްޔާން ހުރީ ހުއްޓުން އަރާފައެވެ. އެމޫނުގެ ކުލަވަރުވެސް ވަނީ އޮއްސިފައެވެ. އޭރު ޝީރީންގެ ޖުމްލަ ހޮނު ގުގުރީގެ ބާރުމިނުގައި ކަންފަތުގައި ގުގުމައެވެ. އެއިން ކޮންމެ ފަހަރަކު ފައިދަށުގައިވި ބިންގަނޑަށް ލޮޅުން އަންނަހެން ވެސް އޭނައަށް ހީވެއެވެ.