ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުވެގެން އައީ ދެނެވެ. ހިތްވަރުކުރަން ބޭނުންވިކަމުގައި ވިޔަސް ލޯބިވާ މަންމަގެ ވަކިވެ ދިއުމުން އަޒްޔާންގެ ހިތުގައި ފުން ޒަހަމްތަކެއް އުފެދި އޭގައި ވޭން އަޅަން ފެށީ ކެތްނުވާވަރަށެވެ. ނަމަވެސް އަޑުންއަޑު ވީއްލައި އޭނަ ނުރޮއެވެ. އޭނަ ކަރުނަތައް ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލީ ދެން ތިބި މީހުނަށް އޭނަގެ އެހީ ބޭނުންވެފައިވާތީއެވެ. ހިތާމަ ބަރުދާސްތުކުރަން ދަތިވިޔަސް އޭނައަކީ ޢާއިލާގައި ހުރި ހަމައެކަނި ފިރިހެނާއެވެ. މަންމައަށް ފަހުގެ ސަލާމް އަދާކުރަން ކަށުކަމާކެމީގެ ކަންތައް ވެސް ފުރިހަމަކުރުމުގެ ޒިންމާ އެޅިފައިވީ އޭނަގެ ބޮލުގައެވެ. ދެން އޭނަ ރޮއި ހިތާމަކުރަންޏާ އެކަންތަކާއި ހަވާލުވާނީ ކާކު ހެއްޔެވެ؟ ދެންތިބި މީހުނަށް ނަމޫނާއަކަށް ވެސް ވެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟
*****
ޖެހިގެން އައި ދުވަހުގެ އަޞްރު ނަމާދަށް ކަށުކަމާކެމީގެ ކަންތައް ނިމިގެން ދިޔައީ ޢާއިލާގެ މެންބަރުންތަކާއި ހެޔޮ އެދޭ ގިނަ އެކުވެރިންގެ ހާޒިރުގައެވެ. ވަޅުލުމުގެ ކަންތައް ނިމި ސަހަރާއިން ނުކުތުގެ ކުރިން އެއްވެފައި ތިބި މީހުންތައް އަޒްޔާންގެ ކޮނޑުގައި ފިރުމާލަމުން ހިތްވަރުގެ ބަސްތައް ދިނެވެ. އަޒްޔާން ކޮންމެ މީހަކާ ގަދަކަމުން ފަނޑު ހިނިތުންވުމެއް ބަދަލުކޮށްލާއިރު އެލޮލުގައި ރިހުމެއް ވިއެވެ. މީހުންތައް ހުސްވެ މާހައުލަށް ފަޅުކަން ވެރިވެގެން އައި ހިނދު ވެސް އަޒްޔާން ހުރީ ހިނގައިގަންނަން ނޭގިފައެވެ. އޭނަގެ ހަށިގަނޑުގައި ހުރި ފަހު ހަކަތަ އޭނަ ބޭނުން ކުރީ މަންމަގެ ސަންދޯއް ސަހަރާއަށް ގެނައުމަށެވެ. އެވަގުތު އެހިތުގައި އެޅި ވޭން އިތުރު މީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ. މިހުރިހާ އިރު ވަންދެން މޭގެ ތެރޭގައި ފުނިޖެހިފައިވި އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުވެގެން އައީ ދެނެވެ. އޭނަ ވަނީ ދުނިޔޭގެ ލޯތަކަށް އެކަރުނަތައް ސިއްރުކުރަން މަސައްކަތްކޮށްފައެވެ. ކަށިން ހިތްވަރު ނެރެ ކެތްތެރިކަން ސާބިތުކޮށްދީފައެވެ. ނަމަވެސް ދެން އިތުރަށް ހިތާމަތަކަށް ކެތްކުރެވޭނެހާ ހަކަތައެއް އޭނަގެ ހިތަކު ނެތެވެ.
ކަރުނަތަކުން މަންޒަރު ފުސްވެފައިވިކަމުގައި ވިޔަސް އަޒްޔާންގެ ނަޒަރު މަންމަގެ މަހާނާއި ވަތްކެއް ނުވެއެވެ. ކޯތާފަތަށް ވެރިވެގެން އައި ކަރުނައިގެ ފިނިކަމުން އުނދަގޫވެ ކަރުނަތައް ފޮހެލަން އަޒްޔާނަށް އަތް އުފުއްލާލެވުނެވެ. ހަމަ އެވަގުތު އޭނަގެ ކޮނޑުގައި މީހަކު އަތް ބާއްވާލިކަމުގެ އިހުސާސާއެކު ސިހުމެއް ލިބުނެވެ. ފަސްއެނބުރި ބަލާލެވުނު ހިނދު ގާތުގައި ހުރީ ޝުޖާއު އެވެ. އެމޫނުން ވެސް އަޒްޔާނަށް ފެނުނީ ހަމްދަރުދީ އެވެ.
އިސްވެ އެކަކު ވެސް ވާހަކައެއް ނުދެއްކިއެވެ. އަޒްޔާން އޭނަގެ މޫނު އަނބުރާލަމުން މަހާނަތައް ހުރި ސަފުތަކަށް ބަލަން ފެށިއެވެ.
''ލަސްވެގެން މިއައީ... ހިނގާ ދަމާ...'' ޝުޖާއު ބުނެލިއެވެ. އެކުވެރިޔާގެ ހާލު ފެނި ޝުޖާއު ދެރަވި އެވެ. އިތުރަށް އެއްޗެއް ބުނަން ޝުޖާއު ދޫހަރަކާތްކޮށްލިތަނާ އަޒްޔާން ވާހަކަދައްކަން ފެށިއެވެ.
''އިރުކޮޅަކުން އެބަދަން، ޝުޖާ ދޭ...'' އަޒްޔާންގެ ރާގުން އޭނަ ހުރީ އެކަނިވެލަން ބޭނުންވެފައިކަން ޝުޖާއުއަށް ވިސްނުނެވެ. އަޒްޔާނަށް އޭނައާއެކު އައުމަށް ބާރު އެޅުމެއް ނެތި ޝުޖާއު ހިނގައިގަތީ އަޒްޔާން އެދުނު ފަދައިން ކަންތައް ކޮށްދެމުންނެވެ. މިއަދު ހަތަރުދަމުން އަޒްޔާނަށް ހަމަނޭވާއެއް ލެވޭނެ ވަގުތުކޮޅެއް އެލިބުނީ އަދިކިރިޔާ އެވެ.
*****
ރޭގަނޑުގެ ކެއުމަށް ތަށިތައް އެތުރުމުގައި ބަތޫލްއަށް އެހީވެދިނުމުގައި ޖަނާ އުޅުނެވެ. އޭރު ދެން ތިބި މީހުންތައް ތިބީ ބޮޑު ކޮޓަރީގައެވެ. މުޅި ގެއަށް ވެރިވެފައި އޮތީ އާދަޔާ ޚިލާފު ހިމޭން ކަމެކެވެ. އިސްވެ އެކަކު ވެސް ވާހަކަދައްކާކަށް ބޭނުމެއް ނުވެއެވެ. ހިތުގެ އުދާސްތައް ހިއްސާކުރާކަށް ވެސް މެއެވެ. އޭގެ ސަބަބުން މުޅި މާހައުލުގައި ރަސްކަން ކުރަނީ ފަޅުކަމެކެވެ.
''ޖަނާ ދޭބަލަ ޒޭންމެނަށް ކާން ގޮވާފަ އަންނަން...''
އަތުގައި އޮތް ރިހަ ބޯތަށި ސުފުރާ މައްޗަށް އަރުވަމުން ތަށިތަކަށް ފެން އަޅަން އުޅުނު ޖަނާއާއި ބަތޫލް މުހާތަބު ކުރިއެވެ. އަދި އެމަސައްކަތް އޭނައާއި ހަވާލުކުރުމަށް އަތުން އިޝާރާތްކޮށްލިއެވެ. ބަތޫލްއަށް ބަލާލަމުން ޖަނާ އޭނަގެ އަތުގައި އޮތް ފެންފުޅި ބަތޫލްއަށް ދިއްކޮށްލި އެވެ. އެއަށްފަހު އޭނަ ހިނގައިގަތީ ކާކޮޓަރިން ނުކުތުމަށެވެ. އޭނަ ދިޔަތާ އިރުކޮޅެއް ފަހުން އައީ ޝުޖާއު އާއި އަޒްޔާން ގޮވައިގެންނެވެ.
ސުފުރާމަތީގައި ވެސް ވާހަކައެއް ނުދެކެވުނެވެ. ކުޑަ ގޮތެއް ހަދާލައިގެން އަޒްޔާން ތެދުވެގެން ދާން އުޅުމުން ބަތޫލްއަށް ގޮވާލެވުނެވެ. ނަމަވެސް އަޒްޔާނަށް އެއަޑު އިވުނުހެނެއް ހިޔެއް ނުވެއެވެ. އޭނަ ނިކުމެގެން ދިޔަ ދިމާއަށް ބަލަން އިން ބަތޫލްގެ މޫނު އިތުރަށް މިލައިގެން ދިޔަ އެވެ.
''ހީޒް އިން ޕެއިން......'' ބަތޫލްގެ މާޔޫސްކަން ފެނި ޝުޖާއުއަށް ބުނެވުނެވެ. ''އަޒްޔާން ނުބުންޏަސް މިވަގުތު ބަތޫގެ އެހީ ވަރަށް ބޮޑަށް ބޭނުންވާނެ، މިހުރިހާކަމެއް ހަނދާންނައްތާލެވޭނީ އޭރުން...''
''ޝުޖާ އެބުނީ ތެދެއް، ބަތޫ ވާންވާނެ އަޒްޔާންގެ ހިތްވަރުކަމުގައި...'' ޖަނާ ވެސް ޝުޖާއުގެ ވާހަކަތަކަށް ބާރު ދިނެވެ.
ބަތޫލް އޭނަގެ އެކުވެރިންނަށް ބަލާލަމުން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. ނަމަވެސް އެހިނިތުންވުން މާޔޫސްކަމުގެ އަސަރުތަކާއެކު ފޭދިގެން ދިޔައީ އެވެ. އަޒްޔާނާ މެދު އޭނަ ކަންބޮޑުވެފައިވާ މިންވަރު އެދެލޮލުން ހެކިދެއެވެ. ދިމާވި ކަންތަކަށް ފަހު އަޒްޔާންގެ ސިއްހީހާލަތު ގޯސްވެދާނެތީ ވެސް އޭނަ އެވަނީ ހާސްކަމެއްގެ ތެރޭގައެވެ. ނުވީތާކަށް އަޒްޔާން ވޭނުގައި ވާތަން ފެނި އޭނަގެ ހިތުގައި ވަނީ ތޫނު ރިހުމެއް އުފެދިފައެވެ. އަޒްޔާންގެ ހިތުގެ ވޭނަށް ޝިފާއެއްކަމުގައި ވާން އޭނަ ބޭނުމެވެ. މިއަނދަރި ކަމުން އަލިކަމުގެ ތެރެއަށް ގެނެސްދޭން އަޒްޔާންގެ ހިތްވަރެއްކަމުގައި ވާން ވެސް މެއެވެ. އޭނަގެ ލޯބިން އަޒްޔާންގެ ރޫހަށް ދިރުން ގެނެސްދޭން ވެސް މެއެވެ. ވަގުތު ނެގި ކަމުގައި ވިޔަސް އޭނަ ހިތްވަރާއެކު މަސައްކަތްކުރާނެއެވެ. ހިނދުކޮޅަކަށް ވެސް އަޒްޔާނަށް އެކަނިވެރިކަން އިހުސާސްވުމުގެ ފުރުސަތެއް އޭނަ ނުދޭނެއެވެ.
ހަށިފުރާ ބަތޫލް ނޭވާއެއް ދޫކޮށްލީ އޭނަގެ އަޒުމާއެކު ކުރިއަށް ދާށެވެ.
*****
ޝުޖާއު އާއި ޖަނާ އަލްވަދާއުގެ ސަލާން ބަދަލު ކުރީ އެގާރަޖަހަން ކައިރިވެފައި ވަނިކޮށެވެ. އެމީހުން ދިއުމާއެކު ބަތޫލް ގޭގެ މައިދޮރު ލައްޕާ ތަޅުލުމަށްފަހު ބޮޑު ކޮޓަރީގެ ބޮކިތައް ނިއްވާލުމަށްފަހު ހިނގައިގަތީ އޭނަގެ ކޮޓަރިއާއި ދިމާއަށެވެ. ކޮޓަރިއަށް ވެރިވެފައި އޮތް ފަނޑު އަލިކަމުގެ ތެރޭން އޭނައަށް ބަނޑުވަތަށް އެނދުގައި ނިދާފައި އޮތް އަޒްޔާން ފެނުނެވެ. މާޔޫސްކަން އެހިތަށް ވެރިވެގެން އައީ ދެނެވެ. ބަތޫލް ކުރިއަށް ފިޔަވަޅުތައް އަޅަމުން އައިސް އެނދާއި އަރާހަމަކުރިއެވެ. އަދި ފޭޑިި ކައިރީގައި އިށީންނަމުން ލޯތްބާއެކު ހޭވިފައިވި އަޒްޔާންގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ނިދީގެ ތެރޭގައި ވިއިރު އެމޫނުން ފެނުނު ހިސާބެއްގެ ހަމަޖެހުމުގެ ކުލަވަރުތަކުން ބަތޫލްގެ ހިތަށް ލުއިކަމެއް ލިއްބައި ދިނެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނަ އަޒްޔާންގެ ނިތްކުރީގައި ބޮސްދިނެވެ.
''ހުރިހާކަމެއް ވެސް ރަގަޅުވާނެ...'' ބަތޫލް ވައި އަޑަކުން ބުނެލިއެވެ. އޭރު އޭނަގެ ލޮލުގައި ކަރުނަތައް ވިއެވެ. އަޒްޔާނާއި ދުރަށް ޖެހިލަމުން ބަތޫލް ކަރުނަތައް ފޮހެލަމުން އަޒްޔާންގެ މޫނަށް ފުން ނަޒަރެއް ދިނެވެ. އެތުންފަތުގައި ލުއި ހިނިތުންވުމެއް ދުވެލަން އުޅުނު ވަގުތު ނިދީގެ ތެރޭން އަޒްޔާންގެ މޫނުގެ ވިދުން ގެއްލިގެން ދިޔަ ތަން ފެނި ބަތޫލްގެ ހިތަށް މާޔޫސްކަން ވެރިވި އެވެ.
*****
''ގެއަށް އަންނަން އެނގިއްޖެދޯ؟... ރޭ ދިޔަ މީހާއަށް އަދި ކިރތަީ އާދެވޭވަރު ތިވީ!، ގުޅީމަ ފޯނަށް ޖަވާބު ނުދެވެންވީ ކީއްވެ؟...''
ގެއަށް ވަދެގެން އައި ޝުޖާއު ހަލުވި ފިޔަވަޅުތަކުގައި އޭނަގެ ކޮޓަރިއަށް މިސްރާބު ޖެހި ތަނާ، ބޮޑުކޮޓަރިއަށް ވެރިވެފައި އޮތް ފަނޑު އަލީގެ ތެރޭން މާރިޔާގެ އަޑު އިވުނެވެ. އެއަޑަށް އޭނަ ސިހޭ ގޮތް ވެސް ވިއެވެ. ފަސްއެނބުރި ބަލާލުމުން ސޯފާގައި އިން މާރިޔާ ލޮލުގައި އަޅައިގަތެވެ. އޭނައަށް ވަށައިގެންވި މާހައުލަށް ސަމާލުކަން ނުދެވުމުން އެތާނގައި މީހަކު އިންކަން ވެސް ފާހަގަ ނުކުރެވުނީއެވެ.
''އަޒްޔާން މަންމަ ނިޔާވެގެން އެތަނުގަ ހުރެފަ މިއައީ...''
ދުވަސްތަކަކަށްފަހު ޝުޖާއުއާއި އޭނަގެ މަންމައާ ދެމެދު ވާހަކަ ދެކެވުނެވެ. އެދެމެދުގައި ހިނގި ހަމަނުޖެހުމަށްފަހު މާރިޔާ ހުންނަނީ ޝުޖާއުއާ ވާހަކަ ނުދައްކަން ކަމަށެވެ. ނަމަވެސް އޭނައަށް ގޮތުގައި ހިފަހައްޓާލެވުނީ މަދު ދުވަސްކޮޅަކަށެވެ. ޝުޖާއު އެއީ އޭނަގެ ހިތާއި ޖާނުގެ ހަމަޖެހުންކަމުގައި ވާއިރު ރުޅި އިސްކޮށްގެން ހުރެވޭނީ ވެސް ފަހެ ކިހިނެއް ހެއްޔެވެ؟ އެދެމެދުގައި އުފެދެމުން އައި ދުރުކަމުން އެންމެފަހުން މާރީޔާއަށް ޖެހުނީ ހަތިޔާރު ބަހައްޓައި ސުލްހަވެރިކަން ޚިޔާރުކުރާށެވެ.
ޝުޖާއު ބުނެލި ޖުމްލައިން ހިސާބެއްގެ ހައިރާންކަމެއް މާރިޔާއަށް ލިބުނެވެ. ހިތުގައި ސުވާލުތަކެއް އުފެދުނުކަމުގައި ވިޔަސް އެއީ އޭނައަށް މުހިންމު މައުޟޫޢުއަކަށް ނުވާތީ އެސުވާލުތައް އޮއްބާލިއެވެ. އަޒްޔާނާއި އޭނަގެ މަންމައަށް ކޮންމެކަމެއް ވިޔަސް އޭނައަށް ކޮންކަމެއް ހެއްޔެވެ؟ އެމީހުންގެ ސަބަބުން އޭނަގެ ޢާއިލާގައި އެވަނީ ބޮޑެތި މައްސަލަތައް ހިލިފަ އެވެ.
''ހޫނނނ، ދެން ދޭ ނިދަން...'' މާރިޔާ އޭނަގެ ކޮޓަރިއަށް ދަމުން ބުނެލިއެވެ.
*****
އެއް މަސް ފަސް...
ވަގުތަކީ ހުރިހާ ކަމަކަށް ވެސް އޮތް ފަރުވާއެވެ. ޒައިނަބުގެ ކުއްލި ވަކިވެ ދިއުމުން އަޒްޔާނަށް ލިބިފައިވި ހިތާމަތަކަށް ޝިފާއެއްކަމުގައިވީ ބަތޫލް އެވެ. އޭނަ އަޒްޔާނަށް އެކަނިވެރިކަން އިހުސާސްވުމުގެ ފުރުސަތެއް ނުދީ ހިޔަނިހެން ގާތުގައި ހުރެއެވެ. ލޯތްބާއި އޯގާތެރިކަމުން އަޒްޔާންގެ ޒަހަމްތަކަށް މަލަނެއް ކަމުގައި ވިއެވެ. އެފަދަ ކޮންމެ ވަގުތެއްގައި އަޒްޔާންގެ ހިތް ބަތޫލްއަށް ޓަކައި ޝުކުރުން ފުރެއެވެ. ބަތޫލް އޭނަ ދެކެ ވާ މަތިވެރި ލޯބި ފެނި ހިތާމައިގެ ތެރެއިން ވެސް ހިނިތުންވެވުނެވެ. ބަތޫލް ފަދަ އޯގާތެރި އަންބަކު އޭނައަށް މިންވަރު ކުރެއްވި ކަމަށްޓަކައި ހެއްދެވި ފަރާތަށް ޝުކުރުވެރި ވެވުނު އަދަދެއް ނޭގެ އެވެ. މާޔޫސްކަމުގެ ސަބަބުން އޭނަ ތިރާވި ހިނދު ކޮޅަށް ތެދުވުމުގައި ބާރެއްކަމުގައި ވެސް ވީ ބަތޫލް އެވެ. ފާއިތުވި ދުވަސްތައް ވެގެން ދިޔައީ ވެސް ބަތޫލްއާއި އަޒްޔާންގެ ލޯތްބަށް އާ ދިރުމެއް ގެނެސްދިން ބައިވެރިޔެއްކަމުގަ އެވެ.
ޝީރީން ދޭތެރެއަކުން އަޒްޔާންގެ ހާލު ބަލާލަން އާދެއެވެ. އޭނައަށް އަޒްޔާންގެ ފަރާތުން ފެންނަ ބަދަލުތަކާ މެދު އާފަވިކަމުގައި ވިޔަސް ބަތޫލްއާ މެދު އެހިތުގައި އުފެދިފައިވި ރުޅިވެރިކަމަށް ބަދަލެއް ނާދެއެވެ. އޭނަ ހިނިތުންވެލައިގެން ހުރިކަމުގައި ވިޔަސް އޭގެ ނިވަލުގައި ވަނީ ނަފުރަތެވެ. އޭނައަށް ބަތޫލް ފެންނަ ކޮންމެ ފަހަރަކު ސިފަވަނީ ޖައުފަރުގެ ނުބައި ސޫރަ ކަމުގައި ވާތީއެވެ. އެއާއެކު ބަދަލު ހިފުމުގެ ރޫހު އުފަންވެގެން ދެއެވެ. ފުރުސަތު ލިބޭނެ ކޮންމެ ވަގުތަކުން ވެސް އޭނަ ހުންނަނީ ބަތޫލްއަށް ހަމަލާއެއް ދޭން ތައްޔާރަށެވެ. އޭނަ މީހާރު ވެސް އެދަނީ ރޭވުންތެރިކަމާއެކު އޭނަގެ މަޤުސަދަށް ވާސިލުވާން މަސައްކަތްކުރަމުންނެވެ. އޭރުން އޭނަގެ ހުރިހާ އެދުމެއް ފުރިހަމަވެގެންދާނެ އެވެ. ބަތޫލްއަށް ލިބޭނެ ކޮންމެ ދެރައާއި ނިކަމެތިކަމަކީ އޭނައަށް ލިބޭނެ އުފަލާއި ހިތްހަމަޖެހުންކަމުގައި ވޭނަކަން ގައިމެވެ.
ޝީރީނާއި ގުޅުން ބަދަހިކުރަން ބަތޫލް އުޅުނުކަމުގައި ވިޔަސް ކުރިއެރުން ލިބުންވީ މުސްތީލުކަމަކަށެވެ. ޝީރީންގެ އެހުންނަ ޒީލަ ގަދަކަމާއި ރުޅިވެރިކަމުން ބަތޫލްއަށް މަޖުބޫރުވީ އަމާންކަން ދޭށެވެ. އޭރު އޭނަގެ ހިތުގައި ސުވާލުތަކެއް ވިއެވެ. އޭނަގެ ކުށަކާއި ނުލާ ޝީރީން އޭނަ ދެކެ ނަފުރަތުކުރާތީ އެވެ. އޭނަގެ ސޫރަ ފެނުމުން އެމޫނަށް އަރައިގެންދާ ކުރަލަވަރުތަކުން އަޖައުބުވާހާ ވިއެވެ. އެދަރަޖައަށް އޭނަ ދެކެ ނަފުރަތުކުރަން އޭނައަށް ކުރެވުނުކަމަކާ މެދު ވިސްނާވިސްނާ ވެސް ޖަވާބެއް ނުލިބުނެވެ.
*****
ވެހެމުން އައި ވާރޭގެ ސަބަބުން ފަޒާގައި އޮތީ ތެތްފިނިކަމުގެ ސައިލެއް އޮޅާލާފައެވެ. ޖެހިލާ ރޯޅިތަކުގައި ވެސް ވަނީ އޭގެ އަސަރެވެ. ދޭތެރެއަކުން ނުސިޔާނު ރޯޅިތަކާއެކު ކެރީގެ ހަމަލާތައް ބާރުވެގެންދާ އިރު ގުގުރުމުގެ އަޑު ވެސް އިވިލަ އެވެ.
ބެލްކަނީގައި ހުރި އުނދޯލީގައި މާރިޔާ އިނީ އޭނަގެ އެކުވެރިޔަކާއި ފޯނުން ވާހަކަ ދައްކާށެވެ. އޭނަ އެހެން އިންދާ ޝުޖާއު ގޮވާލި އަޑު އިވުމުން ބެލްކަނީގެ ދޮރާއި ދިމާއަށް ބަލާލެވުނެވެ. އޭރު ޝުޖާއު ހުރީ އޭނަގެ މަންމައަށް ބަލަހައްޓައިގެންނެވެ. އެދެލޮލުން ވާހަކައެއް ބުނަން ބޭނުންވެފައިވާކަން ފާހަގަ ކުރެވުމާއެކު މާރިޔާ އަވަސްވެގަތީ އޭނަގެ ދަރިފުޅަށް ވަގުތު ހުސްކުރުމަށެވެ.
''ފަހުން ގުޅާނަން...'' ފޯނުކޯލް ކުރުކޮށްލަމުން މާރިޔާ ބުނެލިއެވެ. މަންމަގެ ސަމާލުކަން ލިބުނުކަން ޔަޤީންވުމާއެކު ޝުޖާއު ގޮސް އުނދޯލީގައި އިށީނެވެ. ވާރޭ ވެހެމުން އައި މަންޒަރަށް ނަޒަރު ހިންގާލަމުން ޝުޖާއު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ ހަރަކާތްތަކުން ބުނަން ބޭނުނެވްފައިވާ ވާހަކަ ދުލާ ހަމައަށް ގެނައުމުގައި ދަތިތަކާ ކުރިމަތިވެފައިވާކަން އެނގެއެވެ.
''ދަރިފުޅު ކޮންމެ ވާހަކައެއް ދެއްކިޔަސް މަންމަ ރުޅިއެއް ނާންނާނަން... ދެން ބުނަން ތިއުޅޭ ވާހަކަ ބުނެބަލަ، މީހާރަކަށް އައިސް ޝުޖާގެ މިޒާޖަށް ބަދަލުތަކެއް އައިސްފައިވާކަން މަންމައަށް ވަނީ ފާހަގަކުރެވިފައި، އަނެއްކާ މަންމައަށް މިހީވަނީ ރަގަޅަށްތަ؟...'' ޝުޖާއުއަށް އައިސްފައިވާ ބަދަލުތައް ފާހަގަ ކުރެވިފައިވުމުން މާރިޔާ ވާހަކަދައްކަން ފެށިއެވެ. އޭރު އޭނަގެ ތުންފަތުގައި ހިނިތުންވުމެއް ވިއެވެ. ޝުޖާއުގެ މުސްތަޤުބަލާ މެދު ހިތުގައި ބިންވަޅު ނެގިފައިވި ބިރަށް ނިމުމެއް އަންނަން އުޅޭހެން ހީވާތީއެވެ. މާޒީ ހަނދާން ނައްތާލާފައި ކުރިއަށް ދާން ޝުޖާއު ގަސްދުކޮށްފައިވާތީއެވެ.
މާރިޔާގެ ރާގުގައި ހުރި ގާތްކަމުން ޝުޖާއުއަށް ލުޔެއް ލިބުނެވެ. އިތުރަށް ޢާއިލާ މީހުނަށް ޖަނާގެ ކަންތައް ސިއްރެއްގެ ގޮތުގައު ބާއްވާކަށް އޭނަ ބޭނުމެއް ނޫނެވެ. ވީހާ ވެސް އަވަހަކަށް ޖަނާ އެޢާއިލާއަށް ތަޢާރަފުވާން އޭނަ ބޭނުމެވެ. ނަމަވެސް އޭނަގެ ހިތް ޖެހިލުން ވަނީ ޖަނާއާ މެދު މަންމަގެ ޚިޔާލު ހުންނާނެ ގޮތެއް ނޭގޭތީ އެވެ.
''ޝުޖާ، މަންމަ ނެތިން ދަރިފުޅުގެ ހޮވުމަށް ފާޑުކިޔާކަށް، ކުރިން ދިމާވި ފަދަ މައްސަލައެއް ހިލޭކަށް މަންމަ ނޭދެން...'' ޝުޖާއުގެ މޫނުން ފެނުނު ސުވާލު މާކުތަކަށް މާރިޔާ ޖަވާބުދާރީ ވިއެވެ. މަންމަގެ އަޑުގައިވި ސާބިތުކަމުން ޝުޖާއުއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އިސްއުފުލާ ބަލާލުމާއެކު މަންމަގެ ފަރާތުން ފެނުނު އުފާވެރިކަމުން ޝުޖާއުއަށް އޭނަގެ މައުޟޫޢުއަށް ދާން އިތުރަށް ފަސޭހަ ވިއެވެ.
''މަންމައަށް ތިހީވީ ހަމަ ރަގަޅަށް... އަހަންނަށް ކަމުދާ ކުއްޖަކު އެބަހުރި...'' ޝުޖާއު ބުނެލިއެވެ. އެއާއެކު މާރިޔާގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުން ވިއެވެ.
''މަންމަމެނަށް ދައްކަން ނިކަން ތިކުއްޖަކު ގެނެސްބަލަ...'' ޝުޖާއުގެ ކޮނޑުގައި ފިރުމާލަމުން މާރިޔާ ބުނެލިއެވެ. ޝުޖާއު އޭނަގެ މަންމައާއި ހިނިތުންވުމެއް ބަދަލުކޮށްލަމުން ބޯޖަހާލީ އެކަމަށް އެއްބަސްވަމުންނެވެ.
''ހުކުރުދުވަހު އެންމެން ގޭގަ ތިބޭ، ހުކުރަށް ފަހު ތިކުއްޖާ ވާނެ މެންދުރު ކެއުމަށް ގެންނަން...'' މާރިޔާ އެދުނެވެ.
''އާނ... މަންމައަށް ވެސް ވަރަށް ކަމުދާނެ ކުއްޖެއް އެއީ...'' ޝުޖާއު ދާން ތެދުވެލަމުން ބުނެލިއެވެ. އިތުރަށް އޮޅުން ފިލުވަން އުޅެފައި ވެސް މާރިޔާ އެޚިޔާލު ދޫކޮށްލީ ޝުޖާއުގެ ހިތުގައި އޭގެ ސަބަބުން އުފެދިދާނެ ސުވާލުތަކާ މެދު ވިސްނާލަމުންނެވެ. ކޮންމެ ގޮތެއް ވިޔަސް އެކުއްޖަކު ޝުޖާއުއަށް ވަރަށް ކަމު ގޮސްފިކަން މާރިޔާއަށް ދޭހަ ކުރެވުނެވެ. އެކަމާ އޭނަ ހުރީ ހިތްހަމަޖެހިފައެވެ. މިފަހަރު ޝުޖާއުގެ ހޮވުމަށް ފާޑުކިޔާކަށް އޭނަ ބޭނުމެއް ނުވިއެވެ. އޭގެ ސަބަބުން އެދެމެދުގައި އިތުރު ނުތަނަވަސްކަމެއް ނޫނީ ނުއުފެދޭނެކަން އެނގޭތީއެވެ.
*****
ޖަނާ ބަލާ ހޮސްޕިޓަލް ދޮށަށް އައި ޝުޖާއު ސައިކަލު ޕާރކްކޮށްލަމުން އަތުކުރީ އޮތް ގަޑިއަށް އަވަސް ނަޒަރެއް ދިނެވެ. އިންތިޒާރުގައި އޭނަ ހުންނަތާ އެތައް އިރެއް ވީ އިރު ވެސް ޖަނާގެ ޚަބަރެއް ނުވުމުން ޝުޖާއު އޭނަގެ ފޯނު ނަގައި ގުޅަން ފެށިއެވެ. ދެފަހަރެއްގެ މަތިން ގުޅާލުމުން ވެސް ޖަވާބެއް ނުލިބުނެވެ. ތިންވަނަ ފަހަރަށް ގުޅަން ތައްޔާރުވެލިތަނާ ޖަނާ ގުޅަން ފެށިތަން ފެނުމާއެކު އަވަސް އަވަހަށް އޭނަ ފޯނުނަގައި ކަންފަތުގައި ޖައްސާލިއެވެ.
''ސޮރީ، އެމަރޖެންސީއެއް ދިމާވެގެން މިއުޅެނީ، އިރުކޮޅަކުން މި ނިކުންނަނީ..'' ލަސްވެގެން އުޅޭ ސަބަބުން ޖަނާ އޮޅުންފިލުވައި ދެމުން ފޯނު ބޭއްވި އެވެ.
ޖަނާގެ އިންތިޒާރުގައި ޝުޖާއު ހުރީ އޭނަ ދައްކަން ތައްޔާރުވެގެން އައި ވާހަކަތައް ހާމަ ކުރާނެ ގޮތަކާމެދު ފުން ވިސްނުމެއްގަ އެވެ. އޭނަ އެވާހަކަ ހާމަކުރުމުން ޖަނާއަށް ވާނެ ގޮތަކާ މެދު ވެސް ޝުޖާއުއަށް ފިކުރު ހިންގާލެވުނެވެ. ފާއިތުވި މަދު ދުވަސްކޮޅުގައި ޖަނާގެ ސަބަބުން އޭނަގެ މިޒާޖަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އޭނައަށް ލޯތްބަކީ ކޯޗެއްކަން އުނގަންނައިދިނީ ވެސް އެއަންހެން ކުއްޖާ އެވެ. މީގެ ކުރިން އޭނައަށް އުޅެވުނީ ބިލާހުތަކެއްގައެވެ. އެހެނަސް މިހާރު އޭނައަށް ހަޤީޤަތް އިހުސާސް އެބަކުރެވެ އެވެ.