ހެދުންތައް ފޮއްޓަށް އަޅައި ނިމުމާއެކު ހިންދު އަވަސްއަވަހަށް ފޮށީގެ ޒިބު ދަމާލިއެވެ. އޭރު ވެސް ޖައުފަރު ހިންދުއާއި ވާހަކަދައްކަން މަސައްކަތްކުރަމުން ދިޔަ އެވެ. ނަމަވެސް ހިންދުގެ ކަންފަތް ވަނީ އެއާދޭސްތަކަށް ބީރުވެފައެވެ. އޭނަގެ ހިތުގައި އުފެދިފައިވާ އުދާސްކަމާއި ހިތާމައިގެ ސަބަބުން އިސްއުފުލާ ޖައުފަރަށް ބަލަން ވެސް އުނދަގޫވެފައިވިއެވެ. މިވީހާ ދުވަހު އޭނައަށް އޮޅުވާލެވިފައިވި މިންވަރު ހިތަށް ތަސައްވަރުކުރެވުމުން ރުޅިވެރިކަމުގެ ދިލަ ހޫނެއް ވެސް ހިންދުގެ ހިތުގައި އުފެދެން ފަށައެވެ.

''ހިންދު...''

ފޮށީގެ އަތްގަނޑުގައި ހިފައި ބިންމަތީގައި ބަހައްޓަން އުޅުނު ހިންދުއަށް ހުރަސް އަޅަމުން ޖައުފަރު ގޮވާލިއެވެ. އަދި ހިންދުގެ އަތުގައި ހިފަން އުޅުނެވެ. އެހެނަސް އެއަށްވުރެ ކުރިން ޖައުފަރުގެ އަތް ފޮޅުވާލާފައި ހިންދު ފަހަތަށް ޖެހުނެވެ. އޭނަގެ ހަރަކާތްތަކުގައި އެކުލެވިފައިވަނީ ހިތްހަމަނުޖެހުމެވެ. ޖައުފަރަށް އެކަން ފާހަގަކުރެވުމުން ހިންދުގެ ނުރުހުމުގައި އެހަށިގަނޑަށް އަތްއިސްކުރާކަށް ނޫޅުނެވެ. އޭނަ ފުންނޭވާއެއް ދޫކޮށްލަމުން ވާހަކަދައްކަން ފެށިއެވެ.

''އަހަރެން މަޢާފަށް މިއެދެނީނު، ހިންދު ތިހެން ދިއުމުން މީހުން ހީކުރާނެ އެއްޗިއްސާމެދު ވިސްނަބަލަ...'' ޖައުފަރު ވިސްނައިދޭ ރާގަކަށް ބުނެލިއެވެ. ޒަމާންތަކެއްވީ ހަޔާތުގެ ބައިވެރިޔާ ވަކިވެ ދިއުމަށް ޖައުފަރުގެ ޒަމީރު ތަނެއް ނުދިނެވެ. ހިންދުއާއި މެދު ކަންތައް ކުރެވިފައިވި ގޮތާއި މެދު އޭރު އޭނަގެ ނަފުސު ހިތާމަކުރަމުން ދިޔަ އެވެ. އޭނަގެ ގާތުގައި ހިންދު ވިއިރު ލިބިފައިވި ނިއުމަތަށް އޭނައަށް ޝުކުރުވެރި ނުވެވުނެވެ. މީހުން ބުނަނީ ތެދެކެވެ. އަތުގައި ކިތަންމެ އަގުބޮޑު ޖަވާހިރެއް އޮތްކަމުގައި ވިޔަސް އޭގެ އަގު ވަޒަންކުރެވޭނީ އަތުން ބީވެގެން ދިއުމަށްފަހުގަ އެވެ. މިހާރު އޭނަގެ ލޯކުރިމަތިން އެދަނީ އެކަން ތަމުސީލުވަމުންނެވެ. އަހަރުތަކެއް އެކުގައި ހޭދަކުރެވުނު އިރު ވެސް އޭނައަށް ހިންދުގެ އިހުސާސްތަކަށް ޤަދަރެއް ނުކުރެވުނެވެ. އޭނަގެ އަތުން ފައިން ހެދުނު ގޯސްތަކުގެ އަދަދެއް ނޭގެއެވެ. ދުވަހަކު އޭނަގެ ފުށުން ކުލުނުގެ ޒައްރެއްގެ މިންވަރު ވެސް ހިންދުއަކަށް ނުލިބުނެވެ.

''އަހަންނަށް ހެޔޮ މީހުން ކޮންމެ އެއްޗެކޭ ކިޔަސް... ތިއުޅެނީ މުޅި ދުނިޔެއަށް ޖައުފަރުގެ ނުބައިކަން ހާވަމެދާނެތީ ބިރުން ދޯ؟...'' ހިންދު އައި ރުޅީގައި ހަޅޭއްލަވައިގަތެވެ.

''ތިކަހަލަ މީހުންގެ ގޮތް ތިއީ... ހީނުކުރައްޗޭ ޖައުފަރު ޖަހާހާ ބެރަކަށް އަހަރެން ނަށަން ހުންނާނެކަމަށް، ވަރަށް ގިނަ ޒަމާންތަކަކަށް އެކަން ކުރެވިއްޖެ، ދެން އިތުރަކަށް އަހަރެން ހިމޭނުން ނުހުންނާނަން... ކުއްލިޔަކަށް ތިހާ ހެޔޮމީހެއްކަމުގެ ކުލަ ދައްކަން ތިއުޅެނީ އަހަރެން ހެއްލޭނެކަމަށްތަ، ދެން ދުވަހަކު ނުވާނެ އެކަމެއް، ޖައުފަރުގެ ފުށުން އަހަރެންނަށް ލިބުނީ ހުސް އަނިޔާ.......... އަހަރެން ކެތްކުރީ ބަތޫލްއަށްޓަކައި، އަދި ޖައުފަރު ބަދަލުވެދާނެކަމުގެ އުއްމީދު ވެސް އޮތުމުން، ނަމަވެސް އެއީ އަހަންނަށް ފެނުނު އަވާމެންދުރެއް، ދުވަހަކު ކުލަޖެހުމެއް ނެތް ދިގު އިންތިޒާރެއް، ޖައުފަރުގެ ފުށުން އަހަރެންގެ ޖިސްމަށް ބޭރުފުށުން ލިބުނު ޒަހަމްތައް ފަސޭހަވިކަމުގައި ވިޔަސް އަހަރެންގެ ހިތުގައިވި ޒަހަމްތައް އަދިވެސް ފަސޭހައެއް ނުވޭ... އަހަންނަށް ރަގަޅީ ޖައުފަރުގެ މޫނު ވެސް އަހަންނަށް ނުފެނުނިއްޔާ.......... މިގެއިން އަހަަރެން ދިޔަޔަސް އަހަރެން ވަންނާނެ ތަނެއް ނެތްކަމަށް ހީނުކުރާތި، އަހަރެންގެ ޢާއިލާ މީހުން އަދި ދުނިޔޭގައި އެބަތިބި...''

ހިތުގައިވި އުދާސްތައް ހިންދުއަށް ބޭރުކޮށްލެވުނެވެ. އޭރު އޭނަގެ ލޮލުން ކަރުނަތައް އޮހެމުން ދިޔަ އެވެ. ހިންދުގެ އަޑުގައިވި ހިތްދަތިކަމުން ޖައުފަރުގެ މެޔަށް ބާރުވަމުން ދިޔަ ކަމުގެ އިހުސާސްކުރެވުނެވެ. ކުށްވެރިކަމުގެ އިހުސާސްތަކުން އޭނަގެ ހަމަޖެހުން ނަގާލައިފިއެވެ. އެއާއެކު އޭނައަށް އިސްތިރިކޮށްލެވުނެވެ. އަމިއްލަ މީހާގެ ދިފާއުގައި ބުނެވޭނެ ބަހެއް ވެސް ނެތެވެ. ހިންދު އެހާމަކުރީ ތެދުވިއްޔާއެވެ. އޭނައަކީ އިންސާނުންގެ ގިންތީގެ ތެރެއަށް ވެސް ފެތޭނެ މިހެއް ނޫނެވެ. އެހެންނޫންނަމަ މާޒީގައި އޭނަ ތަކުރާރުކުރި ފަދަ ފާޙިޝް ޢަމަލުތަކަށް އަރައިނުގަނެވުނީހެވެ. އޭނަގެ ހިތުގައި ރަހުމު ޒައްރެއްގެ މިންވަރު ވީހެވެ.

ހިމޭންކަން ވެރިވެފައި ހުރި ޖައުފަރަށް ހިންދު ބަލާލިއެވެ. އެމޫނުން ފެނުނު ހިތާމަޔާއި މާޔޫސްކަމުގެ ކުލަވަރުތަކުން ދެރަވިކަމުގައި ވިޔަސް އެއީ ޖައުފަރަށް ހައްޤު އެއްޗެއްކަމުގައި ހިންދުގެ ޒަމީރު އޭނައަށް ބުނެދިނެވެ. އަދި ޖައުފަރަށް ރަހުމުނުކުރުމަށް ވެސް މެއެވެ. އެހެންނޫންނަމަ ސަލާމަތްވެވުވުމެއް ނެތް އުދާހާއި ހިތްދަތިކަމުގެ ތެރޭގައި އޭނަ އަނެއްކާ ވެސް ހައްޔަރުވެދާނެއެވެ.

ކޯތާފަތުން އޮހެރެމުން ދިޔަ ކަރުނަތައް އަތުގެ ފުށަތުން ފޮހެލަމުން ހިންދު އޭނަގެ ފޮށީގެ އަތްގަނޑުގައި ހިފާ ދަމަމުން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ. އޭނަގެ އަޒުމު ވަރުގަދައެވެ. ފަސްއެނބުރި ބަލާކަށް އޭނެ ބޭނުމެއް ނޫނެވެ. އޭނަ އެދަނީ ހުރިހާ ހިތާމަތަކެއް އަޅަމުން ދިޔަ ކޮންމެ ފިޔަވަޅަކާއެކު މާޒީގެ ތެރެއަށް ދޫކޮށްލަމުންނެވެ. މުޅިން އައު މުސްތަޤުބަލަކަށް އުއްމީދުކުރާ ހާލުގައެވެ. އަނދިރިކަން ވެރިވެފައިވި އޭނަގެ ހަޔާތަށް އަލިކަން ހާސިލުކުރެވިދާނެކަމުގެ އުއްމީދުގައެވެ. ޖައުފަރަކީ އޭނަގެ ހަޔާތަށް ވެރިވެގެން އައި ކެންސަރެކެވެ. މިއަދު އޭގެ ސަބަބުން އޭނަގެ މުޅިން ހަޔާތް އެވަނީ ބަރުބާދުވެ އަނދަވަޅެއްގެ ތެރެއަށް ވެއްޓިފައެވެ. ނަމަވެސް އެކަމުގެ އަސްލު ހޯދައިގަނެވުމުން ކެންސަރަށް ވެސް ޝިފާ ލިބޭ ފަދައިން އޭނަ ވެސް މިއަދު ނިކުމެގެން އެދަނީ އޭނަގެ ހިތާމަތަކަށް ފަރުވާ ހޯދުމަށެވެ. އެކަން ހާސިލުވާން އޮތީ ޖައުފަރާއި ދުރަށް ގޮސްގެންނެވެ.

*****

ފަސޭހަކަމަކަށް ނުވިކަމުގައި ވިޔަސް އަޒްޔާން އެހުރީ އޭނަގެ މަންޒިލާ ހަމައަށް އައިހެވެ. ދުވަހަކު އެފަދައިން ކަންތައް ކުރަން ޖެހިދާނެކަމަކަށް އޭނައަށް ވިސްނާލެވިފައި ވެސް ނެތެވެ. އެހެެނަސް ބަތޫލްއަށްޓަކައި އޭނަ އެހުރީ ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވާން ތައްޔާރަށެވެ. ބަތޫލްގެ އުފާވެރިކަން ދުނިޔޭގެ ހުރިހާ ކަމަކަށް ވުރެން ވެސް އޭނައަށް މުހިންމެވެ. އެކަން ހާސިލުކުރެވެން އޮތީ އޭނަގެ ދުޝްމަނަކަށް މަޢާފުދީގެން ކަމުގައި ވިޔަސް އޭނަ އެހުރީ އެކަން ކުރަން ތައްޔާރަށެވެ. އޭނަ ބޭނުންވާހާ ވެސް ކަމަކީ ބަތޫލް އުފަލުގައި އުޅުމެވެ.

ފުންނޭވާއެއް ދޫކޮށްލަމުން ގޭގެ ބެލް އަޅާލަން އުޅުނު އަޒްޔާނަށް ހައިރާންކަމާއި ސިހުން ލިބުނީ ކުއްލިޔަކަށް ހުޅުވުނު ދޮރުގެ ސަބަބުންނެވެ. ދޮރުކުރިމަތީ ހުރި ހިންދުއަށް ވެސް އަޒްޔާން ފެނި ސިހުން ލިބުނެވެ. އެކަކު އަނެކަކަށް ބަލަން ތިއްބާ މާހައުލަށް އިތުރު ނުތަނަވަސްކަން ވެރިކުރުވީ ކޮޓަރިން ނިކުތް ޖައުފަރުގެ ސަބަބުންނެވެ. މުޅި މާހައުލަށް ހިމޭންކަން ވެރިވެފައި އޮތް އިރު އިސްވެ އެކަކު ވެސް ވާހަކަނުދެއްކިއެވެ. ކޮންމެ މީހެއްގެ ނަޒަރު ވެސް ތިން މީހުންގެ މޫނަށް އަމާޒުވަމުން ދިޔަ އެވެ. ޖައުފަރު ފެނި އަޒްޔާންގެ މުށް ބާރުކޮށްލެވުނު ކަމުގައި ވިޔަސް އޭނަގެ ހިތުގެ ދުލުން ބުނަމުން ދިޔަ ބަސްތަކަށް އޭނަގެ ނަފުސު އިޖާބަ ދިނެވެ. އެހެންނޫންނަމަ އޭނަ ހައްލުކުރަން އައި ކަންތައް އިތުރަށް ހޫނުވެގެން ހިނގައިދާނެއެވެ. ބަތޫލްގެ ހިތުގައި އޭރުން އޭނައާއި މެދު ރުޅިވެރިކަން އުފެދުން ވެސް އޮންނާނީ ނުހަނު ގާތުގައެވެ. އަޒްޔާން ފުންނޭވާއެއް ދޫކޮށްލިއެވެ. ބަތޫލް އޭނަގެ ދެކެ ރުޅިއަންނަ ފަދަ އަމަލެއް ތަކުރާރުކުރާކަށް އޭނަ ބޭނުމެއް ނޫނެނެވެ.

''އަޒްޔާން...'' ޤަރުނެއް ވަންދެން ދިގުދެމިގެން ދިޔަ ހިމޭންކަމުގެ ސުކޫތަށް ނިމުމެއް އައީ ހިންދުގެ އަޑުންނެވެ. އެއާއެކު ހިންދުއަށް އަޒްޔާން ބަލާލިއެވެ. ހިންދު ހިފަހައްޓައިގެން ހުރި ފޮށްޓަށް އަޒްޔާންގެ ނަޒަރު ހުއްޓުނީ ދެނެވެ. އެއާއެކު ހާލަތު ގޮސްފައި އޮތް ހިސާބުގެ ނާޒުކުކަން އަޒްޔާނަށް ވިސްނައިގަނެވުނެވެ. އެހެންކަންތައްވުމުގެ ފުރުސަތު ދެވެން ނެތްކަން އޭނަގެ ސިކުނޑި ހަނދާންކޮށްލަ ދިނުމާއެކު އަޒްޔާން ކުރިއަށް ޖެހިލިއެވެ. ކުރަން ނުހަނު އުނދަގޫކަމެއްކަމުގައި ވިޔަސް މެއެވެ.

''ބަތޫލްއަށް ކަމެއް ވީތަ؟...'' ހިންދުގެ އަޑުގައި ކަންބޮޑުވުން އެކުލެވިފައި ވިއެވެ. އަޒްޔާން އެސުވާލަށް ޖަވާބު ދިނީ ބޮލުގެ އިޝާރާތުންނެވެ. އޭރު އޭނަގެ ނަޒަރު ހުއްޓިފައި ވަނީ ޖައުފަރަށެވެ. ހައިރާންކަން ލިބިފައިވި ޖައުފަރަށް ވެސް ބަލަން ހުރެވުނީއެވެ. އޭނައަށް އަޒްޔާން އެގެއަށް އައުމުގެ މަގުސަދު ނަގައެއް ނުގަނެވުނެވެ.

''ދެން ކީއްކުރަންތަ ތިއައީ؟...'' ޖައުފަރުގެ ހިތުގައި އޮތް ސުވާލު ބޭރުވީ ހިންދުގެ ދުލުންނެވެ.

''ބަތޫލްއަށްޓަކައި...'' އަޒްޔާން ބުނެލިއެވެ. އަޒްޔާންގެ ޖުމްލައިގެ މާނަ ހިންދުގެ އިތުރުން ޖައުފަރަށް ވެސް ނަގައެއް ނުގަނެވުނެވެ. އެމީހުންގެ މޫނުން ހައިރާންކަން ފާޅުވީ އެސަބަބާ ހުރެއެވެ.

އަޒްޔާން ކުރިއަށް ފިޔަވަޅުތައް އަޅަމުން ދިޔައީ ޖައުފަރު ގާތަށް ދިއުމަށެވެ. މަންޒަރު ބަލަން ހުރި ހިންދު ކުއްލިޔަކަށް އަޒްޔާންގެ އަތުގައި ހިފެހެއްޓިއެވެ.

''ރުޅިވެރިކަން އިސްކުރިޔަސް ވެދިޔަކަމެއް ބަދަލެއް ނުވާނެ، އެކަމުން އަޒްޔާންގެ ހިތަށް ފިނިކަމެއް ވެސް ނުލިބޭނެ...'' ހިންދުއަށް ހީކުރެވުނު ގޮތުގެ މަތީން އޭނަ ވާހަކަދެއްކިއެވެ. އޭނަ ބިރުގަތީ ޖައުފަރާއި އަޒްޔާނާ ދެމެދު ތަޅާފޮޅުންގަނޑެއް އުފެދިދާނެތީއެވެ. ބާރުގަދަ ދެފިރިހެނުން ހުއްޓުވަން އޭނައަށް ކުރެވޭނެކަމެއް ވެސް ނޯންނާނެތީއެވެ. ފުލުހަށް ގުޅަން ވެއްޖެއްޔާ އާހިރުގައި ކުށްވެރިވާނީ އަޒްޔާނެވެ. މައްސަލަ ތަހުގީގުކުރެވި އަޒްޔާނަށް ހުކުމެއް ވެސް އައިސްދާނެއެވެ. އޭރުން ބަތޫލްއަށް އިތުރު ހިތްދަތިކަމެއް ނޫނީ ނުލިބޭނެވެ.

''މިތަނުން ދާން ހިނގާ، ބަތޫލް އެއިނީ އަޒްޔާންގެ ކުއްޖަކަށް ބަލިވެ، ކުރަން ތިއުޅޭ ކަމަކުން އަޒްޔާނަށް ގެއްލުމެއް ވެއްޖެއްޔާ އެދެމައިންނަށް ވާނީ ކިހިނެއް؟...'' އަޒްޔާނަށް ވިސްނައިދޭން ހިންދު މަސައްކަތްކުރިއެވެ.

''ތިހީކުރާ ފަދަ ކަމެއް ކުރާކަށް ނޫން އަހަރެން މިއައީ...'' ހިންދުއަށް ބަހުގެ ޔަޤީންކަން އަޒްޔާން ދިނެވެ.

''ދެން ކީއްކުރަން؟...'' ލިބުނު ހައިރާންކަމާއެކު ހިންދުއަށް އަހާލެވުނެވެ. އެއާއެކު އަޒްޔާން ބަލާލީ ޖައުފަރަށެވެ. އަދި އޭނަގެ ވާހަކަ ކުރިއަށް ގެންދަން ފެށިއެވެ.

''މިއީ ކުރަން އުނދަގޫކަމެއް...... އެކަމަކުވެސް އަހަރެންގެ މަންމައަށް އަނިޔާވެރިވި މީހާގެ ގާތަށް ކަމަކު އެދިގެން މިއައީ... ފަސޭހައެއް ނޫން، އެކަމަކު ބަތޫލްއަށްޓަކައި އެކަންކުރަން ވެސް އަހަންނަށް މަޖުބޫރުވީ... އެހެން ހުރިހާކަމަކަށް ވުރެން ވެސް ބަތޫލްގެ އުފާވެރިކަން އަހަންނަށް މުހިންމު، އެހެންވެ މިއައީ... ބަތޫލް އަހަންނަށް މިއަދު ވެދިޔަ ކަންތައް ކިޔައިދިން... އެކަމާ ބަތޫލް ހުރީ ދެރަވެފައި... ބަތޫލް ބޭނުމެއް ނޫން އޭނަގެ މައިންބަފައިން ވަކިވާކަށް... އެކަމާ ރޮއެހިތާމަކޮށް އެންމެފަހުން ވަރުބަލިވެގެން ނިދުނީ ވެސް...... މިއަދު އަހަރެން މިއައީ ބަތޫލްއަށް އޭނަގެ މައިންބަފައިން ވަކިނުވާނެކަން ޔަޤީންކޮށްދޭން... ރުޅިވެރިކަމާއި ބަދަލުހިފުމުން އެއްވެސް ކަމެއް ހާސިލެއް ނުކުރެވޭނެ، އެކަން އަހަންނަށް ވަނީ ކިތަންމެ ރަގަޅަށް ވެސް ތަޖުރިބާކުރެވިފައި... ރުޅި އިސްކުރުމަށް ވުރެން ސުލްހަވެރިކަން އިސްކުރުން އެއީ ރަގަޅު ސިފައެއް... އެއީ އަހަރެންގެ މަންމަގެ ފަރާތުން ދަސްވި ސިފައެއް... އަހަރެން ވެސް ބޭނުމީ އެފަދައިން ކަންތައްކުރަން... ކުށްވެރިޔާއަށް މަޢާފު ދޭން...'' އަޒްޔާން ބުންޏެވެ.

ހިމޭންކަން މާހައުލަށް ވެރިވިއެވެ. ޖައުފަރު ހުރީ ޤަބޫލުކުރަން ދަތިވެފައެވެ. އެއީ ހަމަ އަޒްޔާން ބާވައޭ އޭނަގެ ހިތަށް އެރިއެވެ. އެހެންވެއްޖެނަމަ މިހުރިހާ ދުވަހު އޭނައަށް އަޒްޔާނާއި މެދު ހީކުރެވުނީ ގޯސްކޮށް ހެއްޔެވެ؟ އަޒްޔާން ހަޤީޤަތުގައި ވެސް ބަތޫލް ދެކެ ލޯބިވޭ ހެއްޔެވެ؟

''އަޒްޔާން...'' ހިންދުއަށް ގޮވާލެވުނެވެ. އެއީ އަޒްޔާނަށް ކުރަން ފަސޭހަކަމެއް ނޫންކަން އޭނައަށް ޔަޤީން ވިއެވެ. އެހެނަސް ބަތޫލްދެކެ ވާލޯތްބަށްޓަކައި އަޒްޔާން އެވީ ކޮން ފަދަ ބޮޑު ޤުރުބާނީއެއް ހެއްޔެވެ؟ ބަތޫލްދެކެ ވާ ލޯބި އަޒްޔާން އެވަނީ ސާބިތުކޮށްދީފަ އެވެ. އަޒްޔާން އެއީ އޭނަގެ ދަރިފުޅަށް އެންމެ އެކަށީގެންވާނެ ބައިވެރިޔާއެވެ. އެވަގުތު ހިންދުގެ ހިތުން އަޒްޔާނަށް ޖާގައެއް ހުސްކުރެވުނެވެ.

''ވެދިޔަކަންތަކެއް ބަދަލެއްނުކުރެވޭނެ، އެކަމަކު މުސްތަޤުބަލަށް އެކަމުން އެޅެން އޮތް އަނދިރިކަމުން ސަލާމަތްވެވިދާނެ... މަޢާފުދިނުމުގެ ރަގަޅު އުސޫލު އިސްކުރަން އަހަރެން ބޭނުން...'' ޖައުފަރު ގާތަށް ދިއުމަށް އަޒްޔާން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅަންފެށިއެވެ. އޭނައަށް އެމޫނުމަތިން ފެެންނަމުން ދިޔަ ކުލަވަރުތަކަށް އިތުބާރުކުރަން އަޒްޔާން ހުރީ ތައްޔާރަށެވެ. އޭނައަށް ސިފަވަމުން ދިޔަ ކުށްވެރިކަމުގެ އިހުސާސްތަކަށް މަޢާފުދޭން ވެސް މެއެވެ. އިސްލާމުދީނުގައި އޮންނަ މަތިވެރި އުސޫލުތަކަށް ތަބާވާން ވެސް މެއެވެ. އޭނަގެ މަންމަ ދިން ނަސޭހަތުގައި ހިފަން ވެސް މެއެވެ.

އަޒްޔާނަށް ބަލަން ހުރި ހިންދުގެ ހިތަށް ތަފާތު ޚިޔާލުތައް އަރާފައިބަމުން ދިޔަ އެވެ. އަޒްޔާންގެ ވާހަކަތަކާ އެއްފަދައިން ކުރިއަށް ދާން ވެސް މެއެވެ. ނަމަވެސް ޖައުފަރާ އެކުގައި އުޅުން އެއީ އޭނައަށް ފަސޭހަކަމަކަށް ނުވާނެއެވެ. އަބަދުމެ ޖައުފަރުގެ ބޭވަފާތެރިކަން އޭނައަށް ގޯނާކުރާނެއެވެ. އެހިނދު ހިންދުގެ ސިކުނޑި މުހިންމު ނުކުތާއަކަށް އަލިއަޅުވާލިއެވެ. އަޒްޔާނަށް ވެސް ފަސޭހަކަމަކަށް ނުވާ އިރު އެވަނީ ޖައުފަރުގެ ކުށަށް މަޢާފުދީފަ އެވެ. އެކަމަށް ހާދަ ހިތްވަރެއް ބޭނުންވާނެތާއެވެ.

ގާތަށް އައިސް ހުއްޓުނު އަޒްޔާނާއި ޖައުފަރު ހަތަރުކަޅިހަމަކޮށްލިއެވެ. އެއާއެކު އޭނަގެ ހިތަށް ފުން އަސަރުތަކެއް ކުރުވިއެވެ. އޭނައަށް އެވަގުތު ސިފަވެގެން އައީ މީގެ އެތައް އަހަރުތަކެއް ކުރީގެ ހަނދާންތަކެކެވެ. ޒައިނަބުގެ މަޖުބޫރީގެ ފައިދާ އޭނަ ނެގިއިރު އެދެލޮލުން އޭނައަށް ފެނުނު އާދޭހާއި ކެކުޅުންތަކެވެ. ގާތް އެކުވެރިޔާއަށް އޮޅުވާލައި، މަކަރުހަދައި، ބަރުބާދުކޮށްލި މަންޒަރެވެ. ޒައިނަބާއި ނާއިލުގެ ޝަކުވާގެ ނަޒަރު އޭނައަށް ހުއްޓިފައިވާހެން ޖައުފަރަށް ސިފަކުރެވުނެވެ. އޭނަ އެވަނީ އެދެމަފިރިންގެ މުޅި ދިރިއުޅުން ނިއުޅައިގަނެފައެވެ. އޭގެ ސަބަބުން އޭނައަށް ކުރިމަތިވެފައިވާ ހާލަތު އޭނައަށް ހައްޤެވެ. އޭނަ ވަންހަނާ ކުރަން އުޅުނު މާޒީ މިހާރު އައިސް އެހުރީ އޭނަގެ ކުރިމަތީގައެވެ. ހުރިހާކަމެއް ހަނދާންނައްތާލައި އޭނައަށް މަޢާފުދޭން ތައްޔާރުވެފައިވާ ހާލުގައެވެ.

ކުރުވި ފުން އަސަރާއެކު ޖައުފަރަށް ރޮވުނެވެ. އޭނައަށް ޖެހިގެން ހުރި ސޯފާގެ އަތްގަނޑުގައި ހިފަހައްޓާލަމުން އޭގައި އިށީދެވުނީ ކޮޅަށް ހުންނާނެ ހަކަތަ ނެތުމުންނެވެ. އޭރު އޭނައަށް ކުރެވުނު ކުށުގެ އިހުސާސުތަކުން ތޫނު ރިހުމެއް މޭގައި އުފެދިފައި ވިއެވެ.

ދުރުގައި ހުރި ހިންދުއަށް ކުރިއަށް ހިނގައިގަނެވުނީ ޖައުފަރުގެ ހާލަތު ފެނި އޭނަގެ ހިތަށް ކުރި އަސަރުތަކެއްގެ ސަބަބުންނެވެ. ރުޅިއާއި ހަރުކަށިކަން އިސްކުރަން ބޭނުންވިކަމުގައި ޖައުފަރަށްޓަކައިވާ އިހުސާސްތައް އޭނައަށް މަޖުބޫރުކުރީ ޖައުފަރު ގާތަށް ދިއުމަށެވެ. އެހިތާމައިގައި ބައިވެރިވުމަށެވެ. ހިތްވަރުލައިދިނުމަށެވެ. ގާތުގައި ވާނެ މީހަކު ހުރިކަން އަންގައިދިނުމަށެވެ.

ސޯފާގައި އިށީންނަމުން އިސްޖެހިފައި އިން ޖައުފަރުގެ އަތުގައި ހިންދު ފިރުމާލިއެވެ. އެއާއެކު އިސްއުފުލާ ހިންދުއަށް ޖައުފަރު ބަލާލިއެވެ.

''އަހަންނަށް މަޢާފުކުރޭ...'' ޖައުފަރު ބުނެލިއެވެ. މިފަހަރު ޖައުފަރުގެ ބަހަށް ހިންދުއަށް އިރުބާރުކުރެވުނެވެ. އެއަޑުގައިވި ހިތްދަތިކަމުންނެވެ. އޭގެ ސަބަބުން އޭނަގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވިއެވެ. ހިންދުއަށް ބޯޖަހާލެވުނީ މަޢާފުކޮށްފީމޭ ބުނުމުގެ ގޮތުންނެވެ. އެއާއެކު ޖައުފަރުގެ ލޮލުގައިވި ރިހުންތަކަށް ލުޔެއްލިބުނުކަން ހިންދުއަށް ފާހަގަކުރެވުނެވެ. އޭގެ އިރުކޮޅެއް ފަހުން ކަރުނަތައް ފޮހެލަމުން ޖައުފަރު ހިންދުގެ އަތަށް ބާރުކޮށްލިއެވެ. އަދި ސޯފާއިން ތެދުވުނީ އަޒްޔާނާއި ކުރިމަތިލުމަށެވެ.

''އަޒްޔާން...'' އުނދަގުލުން ޖައުފަރު ގޮވާލިއެވެ. އަޒްޔާނާއި ވާހަދެއްކުން ވެސް އޭނައަށްވީ ދަތިކަމަކަށެވެ.

''މަޢާފުކޮށްފިން...'' އަޒްޔާން ފަނޑުހިނިތުންވުމަކާއެކު ބުންޏެވެ. އޭރު އޭނަގެ ހިތާއި ސިކުނޑިއަށް ލުޔެއް ލިބިއްޖެކަމުގެ އިހުސާސް އަޒްޔާނަށް ކުރެވުނެވެ. އޭނަގެ މަންމަ މިވީހާ ދުވަހު ބުނަމުން ދިޔަ ބަހުގެ ތެދުކަން އަޒްޔާނަށް އެނގުނީ ދެނެވެ. މަޢާފުކުރުމުގެ ރީތި ސިފައަކީ ވަރަށް ވެސް މުހިންމު އެއްޗެކެވެ. އެއީ ރޫހަށް ހަމަޖެހުންގެނެސްދޭކަމެއް ވެސް މެއެވެ.

''އަހަންނަށް އެނގޭ އަޒްޔާން ތިހެން ތިބުނަނީ ކޮން މަގުސަދެއްގައިކަން، އަޒްޔާން މިއަދު ތިއައީ ބަތޫލްއަށް ޓަކައި...... އަޒްޔާނަށް ހަޤީޤަތުގައި ފަސޭހައެއްނުވާނެ އަހަންނަށް މަޢާފުކުރާކަށް، އެކަމަކު އަޒްޔާންގެ މަޢާފު ހޯދަން އަހަރެން މަސައްކަތްކުރާނަން......'' ޖައުފަރު ބުނެލިއެވެ.

*****

ރޭގަނޑު ކާން ބަދިގެއަށް ވަން ޝީރީންގެ ބަނދިވަރު ފެށުނީ ކާއެއްޗެއް އަންފިލުވާފައި ނެތީމައެވެ. އޭނަ އައިސްއަލަމާރީ ވެސް ހުޅުވައިގެން އަނގަޔަށް ލެވޭނެ އެއްޗެއް ފެނޭތޯ ބެލިއެވެ.

''ބަލިވެއިނޭ ކިޔާފަ އަޒްޔާން އުޅެނީ އޭނައަށް ރާނީއެއްގެ ދަރަޖަ ދީގެން... ގޭގެ މަސައްކަތެއް ކުރަނީކީ ނޫން، ރެއާ ދުވާލު ދެފައިދަމާލާފަ އެނދުގައި، އެއަޒްޔާންގެ ސިކުނޑީގައި ތެތްކަމެއް ވެސް ނެތީހެން ހީވަނީ އޭނައަށް އެހާ ހެޔޮވެގެން އެއުޅެނީ...'' ބަތޫލްއަށް ދޭން އަޒްޔާން ގެނެސްފައި ހުރި މޭވާތައް ނަގައިގެން ގޮސް ކާމޭޒު ދޮށުގައި ޝީރީން އިށީނެވެ.

''ކިހިނެއްބާ މިމުސީބާތުން ސަލާމަތްވާނީ؟... އެއަންހެނާ ނުދާނެ ފަސޭހަ ރަހުމަތެއްގައި އަޒްޔާން ދޫކޮށްފައި...'' ޝީރީން ވިސްނަމުން ދިޔައީ ބަތޫލްގެ ފުށުން ސަލާމަތްވާނެ ގޮތަކާ މެދުގައެވެ. ''ކީއްތަވާނީ އޭނައާއި އޭނަގެ ދަރި މަރުވެއްޖެއްޔާ... އޭރަށް ކިހާ ބޮލަށް ފަސޭހަ ވާނެ...''

ޚިޔާލުތަކުގައި ހުއްޓާ ޝީރީނަށް ސިހުމެއް ލިބުނީ ގޭގެ މައިދޮރު ހުޅުވު އަޑަށެވެ. އަޒްޔާންކަން އެނގޭތީ ވީ ފޫއްސެއްގެ ސަބަބުން ޝީރީން އޭނަގެ ތުންފަތް އަރިއަކަށް ދަމާލިއެވެ. އޭނަ އަތުގައި އޮތް ވަޅިން އާފަލުން ތަންކޮޅެއް ކަނޑަން އުޅެނިކޮށް އަތުން ވަޅި ދޫވެގެން ދިޔައީ ފެނުނު މަންޒަރެއް ނުބައިކަމުންނެވެ. ފުންމައިގެންފައި އޭނަ ތެދުވުމާއެކު އިށީދެ އިން ގޮނޑި ވެއްޓުނު އަޑު މުޅި ބަދިގެތެރޭގައި ހިފާލިއެވެ. އަތުގައި އޮތް އާފަލު ކާމޭޒު މައްޗަށް ހޫރާލަމުން ޝީރީން ވިދުވަރު ހަލުވިމިނުގައި ނިކުތެވެ.

''ކަލޭމެން މިގެއަށް ވެއްދީ ކާކު...'' ޖައުފަރާއި ހިންދު ފެނި ޝީރީންގެ ހޭބުއްދި ފިލައިދާނެހެން ހީވިއެވެ.

''އަހަރެން...'' ޖައުފަރުމެންގެ ފަހަތުން ވަން އަޒްޔާން ބުނެލިއެވެ. އެއާއެކު ދެފަޔަށް ލެވުނުހާ ބާރަކާއެކު ގޮސް އަޒްޔާންގެ ކަންފަތްމަތީގައި ޝީރީން ޖެހިއެވެ. އޭނަ ހީވަނީ ރުޅިން ގޮސް ރޫޅިދާނެހެންނެވެ.

''ކަލޭ އެމީހުން މިގެއަށް ވެއްދީ ކޮން ހައިސިއްޔަތަކުން؟... ހޭބުއްދި ފިލާފަތަ ތިހުރީ؟...'' ޝީރީންގެ ދުލުން އަޒްޔާނަށް އަމާޒުވީ ހަޑިހުތުރު ބަސްތަކެވެ. އަޑުއަހަން ލަދުގަންނަ ފަދަ އެއްޗެހި ވެސް ގޮވާލިއެވެ.

''ބީތާ ތިހުރީ އެނާސިގަނޑުގެ ސިހުރުގައި ޖެހިފަ، ބަލަ ކަލެއަށް ވިސްނޭނީ ކޮންއިރަކުން. ރަގަޅު ބޮނޑިއެއް ލިބުނީމަ ދޯ؟... ކަލޭ އޭނައަށް ތިހާ އަޅާލަނީ އޭނަ ބަލިވެއިނީމަ ދަރި ބޭނުންވާތީދޯ؟... ރަގަޅަށް ވިއްޔާ ކަލޭގެ ދަރިއެއް ވެސް ނޫން އެއީ، އެހެން މީހެއްގެ ދަރިއެއް ކަލޭގެ ބޮލުގައި އަޅުވަން އޭނަ އެއުޅެނީ، އެވަރުވެސް ކަލޭއަށް ނުވިސްނޭނެ ދޯ... ކަލެއަށް އަންހެނެއް ފެނިިފަ ތިހުރީ...'' އަޒްޔާންގެ ކެތްތެރިކަން ކޮޅުންލައިގެން ދިޔައީ ޝީރީން ބަތޫލްއާ ދިމާއަށް ބުނަން ފެށި ދަށުދަރަޖައިގެ ބަސްތަކުންނެވެ. ނުވީތާކަށް ބަތޫލްގެ ބަނޑުގައި ވަނީ ހަރާންދަރިއެކޭ ވެސް ކިޔާލިއެވެ. އެއާއެކު އަޒްޔާން ޝީރީނާ ދިމާއަށް ހަޅޭއްލަވައިގަތީ އޭނަގެ ކެތްތެރިކަމުގެ އިން ފަހަނައަޅައި ދިއުމުންނެވެ.

''ހުއްޓާލާ!!!... ދެން ބަތޫލްއާ ދިމާއަށް އެއްވެސް އެއްޗެކޭ ކިޔައިގެން ނުވާނެ... ދައްތަގެ ތިހުރީ ކޮން ފަދަ ނުބައި ވިސްނުމެއްތަ؟... ތިކަހަލަ މީހަކާ ވާހަކަދައްކާކަށް ވެސް އަހަރެން ނެތިކަން، އެކަމަކު ބުނަން، މީގެ ފަހުން ބަތޫލްއާއި އަހަރެންގެ ދަރިފުޅާއި ދީމައަށް ތިފަދަ އެއްޗެއް ނުބުނާތި!...'' އަޒްޔާން ހަޅޭއްލަވައިގަތުމުން އޭނަގެ ކަރުގެ ނާރުތައް ވެސް ފުއްޕާލާފައިވިއެވެ.

''ކާކާ ދިމާއަށް ހަޅޭއްތިލަވަނީ؟... މަ ބިރުގަންނާނެ ކަމަށްތަ؟... ކަލޭގެ ހުރި ލަދުހަޔާތްކުޑަކަމުން މިހިރަ މީހާ މިގެއަށް ވެއްދީ...'' ޖައުފަރާއި ދިމާއަށް އިޝާރާތްކުރަމުން ޝީރީން ބުނެލިއެވެ. ''ކަލެއަށް ކާކު ހުއްދަދިނީ މިމީހުން ވައްދަން؟... އޭނ؟...''

''މީ އަހަރެންގެ ގެ!... އަހަރެން ބޭނުން މީހަކު ވެއްދޭނެ!...'' އަޒްޔާންގެ ރައްދާއެކު ޝީރީންގެ ދުލުން ބަސް ހުސްވިއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އޭނަ އަނެއްކާ ވެސް ޒުވާބުކުރަން ފެށިއެވެ.

''ކަލޭ މަށާ ޒުވާބުކުރަން ވެސް ފެށީތަ؟... ލެޔަށް ވުރެން ކަލެއަށް މުހިންމީ ހިލޭމީހުން ދޯ؟، ބަލަ ކަލޭގެ މަންމައަށް އަނިޔާވެރިވި މީހާ ގޮވައިގެން ކަލޭ ތިއައީ ބުރާންތިވެފައި ހުރީމަތަ؟...'' ޝީރީން ދުލެއް ނުކުރިއެވެ.

''އަހަރެން އިސްކުރީ މަންމަގެ ނަސޭހަތް...'' އަޒްޔާން ބުނެލިއެވެ. އޭނަ ހުރީ ޝީރީންދެކެ އިންތިހާއަށް ރުޅިއައިސްފައެވެ.

''ކަލެއާއި ކަލޭގެ މަންމަ ތީ އެއްތައްގަނޑެއްގެ ދެ ގަމާރުން...'' ޝީރީން ހަޅޭއްލަވައިގަތެވެ. އޭރު ޖެހިގެން ހުރި ފަންގިފިލާތަކުގެ މީހުންތައް އެތަނަށް ޖަމާވާން ފަށައިފިއެވެ. ކޮޓަރީގައި އޮތް ބަތޫލްއަށް ވެސް ހޭލެވިގެން ނިކުތް ގޮތަށް ދޮރުކުރިމަތީ ގަނޑުވެފައި ހުއްޓެވެ.

''ދައްތަ މިގެއިން ދިޔައްޔާ އަހަންނަށް ރަގަޅީ...'' މަސްލަހަތަށް އޮތް އެންމެ ރަގަޅު ހައްލުކަމުގައި އަޒްޔާނަށް ފެނުނު ގޮތް އޭނަ ހާމަކުރިއެވެ.

''މަށެއް ނޫޅެން އިތުރަށް މިގޭގައި މަޑުކުރާކަށް ވެސް، ކަލެއަށް ދުވަހަކު ރަގަޅު ގޮތެއް ނުވިއްޔާ މަށަށް ރަގަޅީ، ކަލެއަށް އެއްޗެއް ވިސްނި ހަމަބިމަށް ތިރިވާނެ ލަހެއްފަހެއް ނެތި...'' ޝީރީން ދުލަށް އައިހާ ނުބައި އެއްޗެހި ކިޔަމުން އަޒްޔާނަށް ފުރަގަސްދިންތަނާ ބަތޫލް ފެނި އައީ އަމަށަކު ރުޅިއެއްނޫނެވެ. އައިސްފައި ހުރި ރުޅިގަނޑު ބަތޫލްއަށް ބޭރުކުރަން އޭނަ އަވަސްވެގަތުމާއެކު ބަތޫލްގެ ދިފާއުގައި އަޒްޔާން ތެދުވުނެވެ.

ހަރުކޮށް ހިނގާލާގައި ގޮސް ބަތޫލްގެ ގާތުގައި އަޒްޔާން ހުއްޓުނެވެ. އަދި އޭނަ ހުރީ ޝީރީންގެ ފަރާތުން ކުރިމަތިވެދާނެ ކޮންމެ ހަމަލާއަކުން ބަތޫލް ދިފާއުކުރަން ހުޝިޔާރުވެގެންނެވެ.

''ކަލެއަށް ދުވަހަކު ރަގަޅު ގޮތެއް ނުވާނެހެން އަހަރެން ދުޢާކުރާނަން...'' އަޒްޔާން ހުރުމުން ބަތޫލްއަށް ހަމަލާއެއް ދިނުމަކީ ބުއްދިވެރިކަމެއް ނޫންކަން ވިސްނި ޝީރީން އިސްކުރީ އޭނަގެ ވިހަ ދުލެވެ. އެދުލުގެ ތޫނުކަމުން ބަތޫލްގެ ހިތަށް އޭނަ ހަމަލާދިނެވެ. އޭގެ އިތުރުން ޖައުފަރާއި ދިމާއަށް ވެސް އަވަގުރާނަ ގޮވާލިއެވެ.

*****

ކޮޓަރިއަށް ވަންތަނާ ފަސްމިނެޓް ވެސް ނުވަނީސް ޝީރީން އޭނަގެ ފޮށިހިފައިގެން ނުކުމެއްޖެއެވެ. އަދި ފޮށިދަމަމުން ގޮސް ޖަައުފަރާއި އަރާހަމަވުމުން އަނގައިގައި ހުރި ކުޅު ޖައުފަރުގެ މޫނަށް ޖެހިއެވެ. އެއަށްފަހު ގެއިން ނިކުންނަން ހިނގައިގަތެވެ.

''ކަލޭމެން އައިސް ތިތިބީ ކީއްކުރަން؟، ބޮޑުބަލާއެއްވަރު ވެއްޖެޔޭ، ކަލޭމެންގެ އަމިއްލަ ގެތަކުގެ އިމުގެ ތެރޭގައި ހިނގާކަންތައް ބަލަން ތިބިއްޔާ ކީއްތަ ވާނީ؟...'' އެއްވެފައި ތިބި މީހުންނާ ދިމާއަށް ޝީރީން ހަޅޭއްލަވައިގަތެވެ. ހަޤީޤަތުގައި އޭނަ ހުރީ އެހުރިހާ މީހުންގެ ތެރޭގައި އަޒްޔާން އޭނަ ގެއިން ނެރެލުމުން ލަދުގަނެފައެވެ. މުޅި ހަޔާތުގައި ވެސް އޭނަ އެހާ ލަދުގަތް ދުވަހެއް ޝީރީން ހަނދާނެއް ނުވެއެވެ. އެކަމުގެ ހަސްކާ އޭނަ ބޭލީ އަވައްޓެރިންނަށެވެ. ދަމުންދަމުން އޭނަ ދިޔައީ ބަނދިވަރު އަމުނަމުންނެވެ.

''ރަގަޅަށް އެވީ، ކަލޭ މިތަނުން ބޭރުކުރަން ވެއްޖެތާ ކިތަންމެ ދުވަހެއް، މަށަށް އަބަދު އަޑު އިވެޔޭ ކަލޭ އެކުއްޖާއާ ދިމާއަށް އެއްޗެހި ގޮވާ ގޯނާކުރާ އަޑު.... ހުވާމިބުނީ ނުބައިނުލަފާ ކަމެއް ލިބިފަ ހުރި މީހެއް ކަލޭތީ، މަ ހިނގިހާތަނަކުން ވެސް ކަލޭހާ ޖައްބާރު މީހަކު ނުދެކެން...'' ޝީރީން ދާތީ އެންމެ އުފާވެރިފައިވި އަަވައްޓެރިޔާ ސިޑިން ފައިބަން ދިމާކޮށްލި ޝީރީނާ ދިމާއަށް ބުނެލިއެވެ. އަދި އެއްވެފައި ތިބި މީހުން ގާތު ޝީރީންގެ ނުބައިކަން ހާމަކުރީ އެތައް ގުނައެއް އިތުރުކޮށް ޝީރީނަށް މީހުންގެ ނަފުރަތު އަމާޒުވާނެހެންނެވެ.

ރައްދުދޭން އުޅެފައި ވެސް މީހުންގެ ނުރުހުމާއި ހަރުކަށިބަސްތައް އަމާޒުވާން ފެށުމުން ގަންނަން ފެށި ލަދާ ހުރެ ޝީރީން އޭނަގެ ފޮށިގަނޑު ހިފައިގެން ސިޑިން ފައިބަން ފެށި އެވެ.

*****

ދެގަޑިއިރު ފަސް...

ބޮޑުކޮޓަރީގައި އެންމެން ތިބިއިރު ވެރިވެފައި އޮތީ ހިމޭންކަމެވެ. ދެންމެ ހިނގި ހާދިސާގެ ސަބަބުން ކޮންމެ މީހަކަށްމެ ޝޮކެއްލިބިފައި ވިއެވެ. އަޒްޔާން ހުރީ ޝީރީނާ މެދު ކަންތައް ކުރެވުނު ގޮތުން ދެރަވެފައެވެ. ނަމަވެސް ޝީރީންގެ އަމަލުތަކުގެ ސަބަބުން ޝީރީނަށް މަޢާފުކުރާކަށް އޭނަ ބޭނުމެއް ނުވިއެވެ. އެއާއެކު އޭނަގެ މޫނަށް ހަރުކަށިކަން ސަވާރުވެގެން ދެއެވެ.

ބަތޫލް ފަހަރަކު މީހެއްގެ މޫނަށް ނަޒަރު ހިންގަމުން ދިޔަ އެވެ. އޭނައަށް އަދިވެސް ހުރިހާ ކަމެއް ފަހުމެއް ނުވެއެވެ. ކުއްލިޔަ ގޮތަކަށް އޭނަގެ މައިންބަފައިން އަޒްޔާނާއެކު ފެނުމުން ލިބިފައިވި ހައިރާންކަމަށް ވެސް ނިމުމެއް ނާދެއެވެ.

''ބަތޫ ކުރަން ގިނަ ސުވާލުތަކެއް އެބަހުރި ދޯ؟...''

އަޒްޔާން އިސްވެ ވާހަކަދެއްކިއެވެ. އެއާއެކު ބަތޫލް ބޯޖަހާލިއެވެ. އަޒްޔާން ބަތޫލްއަށް ކިޔައިދޭން ފެށިއެވެ. ކަނުލާ އަޑުއަހަން ހުރި ބަތޫލްގެ ދެލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ގާތުގައި އިން އަޒްޔާން ބަތޫލްގެ ކޯތާފަތުގައި އަތްޖައްސާލަމުން ނުރުއިމަށް ބުނެލީ ބޮލުގެ އިޝާރާތުންނެވެ. އެވަގުތު އަޒްޔާންގެ ދެލޮލުން ބަތޫލްއަށް އިންތިހާ ދަރަޖައިގެ ލޯބި ފެނުނެވެ. އެހިނދު އޭނަގެ ހިތުގައި އަޒްޔާނަށް ދެވިފައިވި ޤަދަރު އުފުލިގެން ދިޔަ އެވެ.

*****

ކޮމެންޓް 0