ޖައުފަރުގެ އުނދަގޫތައް ބޮއްސުންލާ ހިސާބަށް ދިޔައިރު ވެސް ނާއިލު ގާތު ނުބުނެ ޒައިނަބު ކެތްކޮށްގެން ހުރީ ނާއިލް އޭނަގެ ވާހަކަތައް ދޮގުކޮށްފާނެކަމުގެ ބިރަށެވެ. އޭރުން އެދެމެދުގައި މައްސަލަތައް ހިލި ވަކިވެދާނެތީ ވެސް މެއެވެ. ނާއިލާއި ވަކިވުމުގެ ވޭން ބަރުދާސްތު ނުކުރެވޭނެތީ ޒައިނަބަށް އެންމެފަހުން ޖެހުނީ އެކަން ސިއްރުކުރާށެވެ. އެހިސާބުން ޒައިނަބުގެ ބަލިފަޔަކީ ކޮބައިކަން ޖައުފަރަށް އެނގުން ވިއެވެ.
''ކިހިނެއް ވެގެންތަ ތިއުޅެނީ، އަހަރެން މީ ޖައުފަރުގެ އެންމެ ގާތް އެކުވެރިޔާގެ އަނބިމީހާ، ޖައުފަރު ލަދެއް ނުގަނޭތަ ތި ފާޑަށް އަހަރެންގެ ފަހަތުން އުޅޭކަށް؟.......... ތި އުޅުން ދޫކޮށްލާ، އެހެން ނޫނީ މިކަންތައް ނާއިލަށް އަންގަން ޖެހިދާނެ، އޭރުން ނަތީޖާ ރަގަޅެއް ނުވާނެ...'' ޖައުފަރުގެ އުނދަގޫތައް އިންފަހަނައަޅައި ދިއުމާއެކު ޒައިނަބު އަޑުލިއެވެ. އޭރު ގޭގައި އޭނަ ހުރީ އެކަނިވެފައެވެ. ޖައުފަރު އެގެއަށް އަންނަން ވަކި ގަޑިއެއް ވެސް ނޯވެއެވެ. އެދަރަޖައަށް ނާއިލު އޭނަގެ އެކުވެރިޔާއަށް އިތުބާރުކުރާތީ އޭނަ ހުންނަނީ ހިތްހަމަނުޖެހިފައެވެ. ޖައުފަރަކީ އޭނައަށް އޮތް ބޮޑު ބިރެއްކަން ނާއިލަށް ނޭގެނީ ކީއްވެގެން ހެއްޔެވެ؟ ރަގަޅަށް ސަމާލުވެ ބަލައިފިނަމަ ޝައްކުވާނެކަން ގައިމެވެ. ނަމަވެސް އެއްވެސް ކަމެއްގެ ހިލަމެއް ނާއިލަކަށް ނުވެއެވެ. ނޫނީ އެއިން ކަމަކާ މެދު ވިސްނަން ބޭނުން ނުވަނީއެވެ. އެއީ ޖައުފަރުގެ ނުބައި ނިޔަތް ހާސިލުކުރުމަށް ހުޅުވިގެންދާ އިތުރު ދޮރުތަކެކެވެ. ދުވަހެއްދުވަހަކަށް ޒައިނަބުގެ ހިތުގައި ނާއިލާމެދު ޝަކުވާތައް އިތުރުވެ ހިތްހަމަނުޖެހުން ވެސް އުފެދެން ފެށިއެވެ. ހަމައެއާއެކު ޖައުފަރާމެދު އެހިތުގައި އޮތީ ސާފު ނަފުރަތެވެ. މިހާރު އޭނަ އެދަނީ ފާޅުގައި އޭނައަށް ގޯނާ ކުރަމުންނެވެ.
''ނިކަން ބުނެބަލަ، މަވެސް ބޭނުން ވާގޮތް ބަލާލަން...'' މަލާމާތުގެ ރާގަކަށް ޖައުފަރު ބުނެލިއެވެ. ދަތްކުނޑިވިކާލެވުނު ޒައިނަބު ނަޒަރު ޖައުފަރުގެ މޫނަށް ހުއްޓުނު ވަގުތު ފެނުނު މަކަރުވެރިކަމާއި ވިހަ ހިނިތުންވުމުގެ ކުލަތަކުން އެމޫނުގައި ހޫނު ބޮނޑިއެއް އަޅާލަން އޭނަ ބޭނުންވިއެވެ. ނަމަވެސް ޖައުފަރާއި ވައިއެޅޭ ހިސާބެއްގައި ވެސް ހުންނަން ބޭނުންނުވާތީ އޭނަ އުޅުނީ ކޮޓަރިއަށް ދާށެވެ. އެހެނަސް އޭނަގެ ފަހަތުން އަންނަން ޖައުފަރު ފަހެއް ވެސް ނުޖެހޭނެތީ އެޚިޔާލު ދޫކޮށްލަން ޖެހުނެވެ. މިހާރު ޖައުފަރުގެ ޢަމަލުތަކަށް އޭނަ ހުންނަން މިޖެހެނީ ފަރުވާތެރިވެ ސަމާލުވެގެންނެވެ. ކުރިމަތިވެދާނެ ހަމަލާއަކުން ރެކިގަނެވޭނީ އޭރުންނެވެ.
''ކީއްވެ އޭނައާ އިނދެގެން ތިއުޅޭނީ... އަހަރެން ބުނާ ގޮތަށް ހަދައިފިއްޔާ ވާނެ ގެއްލުމަކީ ކޮބާ؟، އޭރުން ޒައިނަބަށް މިއަށްވުރެ ތަނަވަސްކަމުގައި އުޅެވޭނެއެއްނު...... މިހާރު ވެސް ފަރުޖައްސާތިލެވެނީ ނާއިލުގެ ވަޒީފާއިން ލިބޭ ލާރިން، މިސާލަކަށް އެވަޒީފާ ގެއްލިޖެއްޔާ ވާނީ ކިހިނެއް؟، ނާއިލު މަސައްކަތް އެކުރަނީ އަހަރެންގެ ބައްޕަގެ ރައްޓެއްސެއްގެ އޮފީހުގައި، އޭނަ އެވަޒީފާއިން ވަކިކޮށްލުމަކީ އުނދަގޫކަމަކަށް ނުވާނެ...އޭރުން ހާލުގައި ޖެހިފަ ތިބޭނީ...'' ޖައުފަރުގެ އަޑުގައި ވަނީ އިންޒާރުތަކެވެ. އޭނަގެ ހުށަހެޅުން ޤަބޫލުކުރުން ނޫން ގޮތެއް ނެތޭ ބުނާ ކަހަލައެވެ. ރުޅި އައިސްފައި ހުރި ޒައިނަބަށް ލޯއަޅާލެވުނެވެ.
''ކިތައް ފަހަރު އެކައްޗެއް ބުނީމަތަ ކަލެއަށް އަޑުއިވޭނީ؟، މިބުނީނު އަހަރެން ނޫޅެމޭ ކަލޭގެ ސޫރަ ދެކޭކަށް ވެސް، ތަނަވަސްކަމެއް ވެސް ބޭނުމެއް ނޫން... ކަލޭގެ ލަދުހަޔާތްކުޑަކަމުން ތިހެން އަހަންނާ ވާހަކަދައްކަން ކެރެނީ... ކަލޭ ހަދާނެ ގޮތެއް ހެދިޔަސް އަހަރެން އުޅޭނީ ހަމަ ނާއިލާއެކު، އެއީ އަހަރެން ހޮވި ބައިވެރިޔަކީ، އެކުގައި އުޅެން ބޭނުންވަނީ ވެސް އޭނައާއެކު، ކިތަންމެ ގޮންޖެހުމަކާއި ކުރިމަތިލާން ޖެހުނަސް އެކުގައިވާން އަހަރެން މަސައްކަތްކުރާނަން... މިހާރު ކަލެއަށް ޖަވާބު ލިބިއްޖެކަމަށް ހީކުރަން!...'' ޒައިނަބު ހަށަންބަނދެލަމުން ސާބިތުކަމާއެކުގައި ބުނެލިއެވެ. އެއީ ޖައުފަރުގެ މޫނު މައްޗަށް ވީއްލާލި އެތިފަހަރެއްކަމުގައި ވިއެވެ. އޭނަގެ މޫނުމަތިން ނުރައްކާތެރި ވިދުވަރެއް ފާޅުވިއެވެ. އޭނަ ނިކަން ހަލުވި ބާރުމިނުގައި އައިސް ހިފީ ޒައިނަބުގެ އަތުގެ މުލައްދަނޑީގައެވެ. އަދި އޭނަގެ އިނގިލިތަކުގެ ކުރިތަކަށް ބާލުކޮށްލީނުން ޒައިނަބަށް ތަދުގެ އިހުސާސްކުރެވި އާހެއްގެ އަޑު ބޭރުކޮށްލެވުނެވެ. މުސްތަހީލުކަމެއްކަން އެނގިހުރެ ވެސް ޒައިފަރުގެ އަތް ދުރުކުރެވޭތޯ އޭނަ މަސައްކަތް ކުރިއެވެ.
''މިހާ ދުވަހު ރީތި ގޮތުގައި ވިސްނައިދޭން މަސައްކަތްކުރީ، މިއަދަށް ފަހު އަހަރެންގެ ހުރި ނުބައިކަން ދައްކާލާނަން، އޭރަށް އަހަންނަށް ތިދިން ޖަވާބާމެދު ހިތާމަކުރާނެ...'' އިތުރަށް ޒައިނަބުގެ އަތަށް ބާރުކުރަމުން ޖައުފަރު ލުއްކެއް ޖެހިއެވެ. ޖައުފަރުގެ މޭގައި ޖެހުމާއެކު ދުރުވާން ޒައިނަބަށް ތެޅިގަނެވުނެވެ. އެވަގުތު ޖައުފަރުގެ މަލާމާތުގެ ހުނުމުގެ އަޑު އިވުނެވެ. ރުޅިއައިކަމުގައި ވިޔަސް ބިރުގެ އިހުސާސްތަކުގެ ސަބަބުން ޒައިނަބުގެ ނަފުސު ބަލިކަށި ވިއެވެ. ޒައިނަބަށް ރޮވުނު ހިނދު ޖައުފަރު ޒައިނަބު ދުރަށް ކޮއްޕާލީ އޭނަގެ ނިކަމެތިކަމާމެދު ވިސްނަން ހަނދާންކޮށްދީފައެވެ.
''ކުރިއަށް އޮތް ތަނުގައި ވާނެ ހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭނީ ޒައިނަބު... އަހަރެން ބޭނުން ކޮންމެ އެއްޗެއް ވެސް ހާސިލުކުރަން...'' ޖައުފަރު ނިކުމުގެން ދަމުން ފަސްއެނބުރި ޒައިނަބަށް ބަލާލަމުން ބުނެލިއެވެ.
ޖައުފަރު ނިކުމެގެން ދިޔަ ދިމާއަށް ބަލަން ހުރި ޒައިނަބަށް ރަގަޅަށް ވެސް ރޮވިއްޖެއެވެ. އަނގަމަތީ އަތްއަޅާލެވުނީ ބާރަށް ގިސްލެވުމުންނެވެ. ރޮމުންރޮމުން އޭނައަށް އެންމެ ގާތުގައި ހުރި ސޯފާ ގޮނޑީގައި އިށީދެވުނެވެ. އޭނަ ހަދަންވީ ކިހިނެއް ހެއްޔެވެ؟ ޖައުފަރަކީ ގޮތުގައި ހިފަހައްޓާ މީހެއްކަން މިވީހާތަނަށް ޖައުފަރު ވަނީ އޭނައަށް ސާބިތުކޮށްދީފައެވެ. އޭނަގެ ބަހުގެ ތެދުކަން ޔަޤީންކޮށްދޭން އޭނަ ކޮންމެ ފަދަ ކަމެއް ކުރަން ވެސް ފަހެއް ނުޖެހޭނެއެވެ.
ބިރުވެރިކަމުން މުޅި މީހާގެ ހަމަޖެހުން ނަގާލިއެވެ. އެހީއަކަށް އެދޭނެ ފަރާތެއް ވެސް ނެތެވެ. އޭނަގެ މަންމައާއި ކޮއްކޮ ވެސް ތިބީ ރަށުގައެވެ. އެމީހުނަށް އަންގަން އުޅެފައި ވެސް ޒައިނަބަށް ޖެހުނީ އެޚިޔާލު ދޫކޮށްލާށެވެ. އެމީހުނަށް ހާސްކަމެއް ލިބެން ނޭދޭތީ އެވެ.
*****
ދުވަސްތައް މާޒީވެ މައްސަރެއް ފާއިތުވެގެން ދިޔަ އިރު ޖައުފަރުގެ ޚަބަރެއް ނުވިއެވެ. އެކަމާ އުފާކުރަންވީކަމެއް ނޫނީ ޖެހިލުންވެ ބިރުގަންނަންވީކަމެއް ޒައިނަބަކަށް ނޭގުނެވެ. ޖައުފަރުގެ އެހަނުހުރުމުން ތޫފާނެއް އަންނަން އުޅޭކަމުގެ ސިގުނަލް ޒައިނަބަށް ލިބެމުން ދިޔަ އެވެ. އެކަނި ވެއްޖެއްޔާ އޭނައަށް އަބަދުމެ ވިސްނެނީ އޭނައަށް ކުރިމަތިވެފައިވާ މުސީބާތާ މެދުގައެވެ. އޭގެ ސަބަބުން އޭނަގެ ކައިވެނީގެ ބިންގަލުގައި ލެވުނު ރެނދުތަކާމެދުގަ އެވެ. ނޭގޭ ދުރުކަމެއް އޭނައާއި ނާއިލާ މެދު އުފެދެމުން އައިކަން ޒައިނަބަށް އިހުސާސްކުރެވެން ފެށުނެވެ. ކައިވެނީގެ ކުރިން ފެނުނު ލޯތްބަށް އުނިކަމެއް އައިސްފިކަން ވެސް މެއެވެ. ނާއިލު އަބަދުމެ މަސައްކަތަށް ހުސްވެފައިވާތީ އެކަމާ އޭނަ ދެރަ ވިއެވެ. މިހުރިހާ އުދާސްކަމެއްގެ ތެރޭގައި ވަނިކޮށް ޒައިނަބަށް އުފާވެރިކަމެއް ލިބުނެވެ. އެއީ ހަނަފަސްކަން ވެރިވެފައިވި އޭނަގެ ވުޖޫދަށް ބަހާރުގެ ތާޒާ ފިނިރޯޅިތަކުން ދިރުމާއި އުފާވެރިކަން ގެނެސްދިން ދުވަހެކެވެ. އޭނަ އަލަތު ދަރިފުޅަށް ބަލި އިނީއެވެ. އޭނައާއި ނާއިލުގެ ކުޑަކުޑަ ޢާއިލާ ފުރިހަމަ ވީއެވެ.
ލިބުނު އުފާވެރި ޚަބަރާއެކު ހިތުގައި ބިންވަޅުނެގިފައިވި ބިރުވެރިކަން ވެސް ފިލައިގެން ދިޔަ އެވެ. އަންނަން އުޅޭ މެހުމާނާގެ ސަބަބުން ނާއިލާއި ޒައިނަބާ ދެމެދުވި އުދާސްކަން ވެސް ފިލައި ދިޔަ އެވެ. އެދެމެދުގައި އަނެއްކާ ވެސް ލޯބީގެ އައު އިހުސާސްތަކެއް އުފަންވެ ވިންދުޖަހަން ފެށިއެވެ. ދަރިފުޅާއެކު ދެމަފިރިންގެ ހުރިހާ އުންމީދުތަކެއް ގުޅިލާ މެހުނެވެ. ފާއިތުވާ ކޮންމެ ދުވަހެއް ވެގެން ދިޔައީ މުޅިން އައު ތަޖުރިބާތަކަކުން ފުރިގެންވި ދުވަހަކަށެވެ.
ހުރިހާކަމެއް ވެސް ހަމައަކަށް އެޅުނު ކަމަށް އުއްމީދު ކުރެވުނު ވަގުތު ކޭތައެއް ފަދައިން ޒައިނަބުގެ ދުނިޔޭގެ އަލިކަން ފޭރިގަންނަން ޖައުފަރު އައެވެ. އޭނަ ޓްރޭނިންގައި މަސްތަކެއް ހޭދަކުރުމަށްފަހު މާލެ އައި އިރު ލިބުނު ޚަބަރެއްގެ ސަބަބުން މޫޑު މުޅިން ޚަރާބު ވިއެވެ. އޭނަގެ ރޭވުން ކާމިޔާބުކުރަން ދުވަސްކޮޅެއް ވަންދެން މަޑުކުރެވުނުކަމުގެ މޮޔަކަން ހީކުރެވުނެވެ.
*****
ޒައިނަބުގެ އުފާވެރިކަން އަނެއްކާ ވެސް ޖައުފަރު ފޭރިގަތެވެ. ވިހަން ދުވަސް ކައިރިވެފައި ވަނިކޮށް ބާރާއި ނުފޫޒުގެ ބޭނުން ކޮށްގެން ނާއިލުގެ ވަޒީފާ ގެއްލުވާލިއެވެ. އެއާއެކު ޒައިނަބުގެ އުފާވެރި ދިރިއުޅުމަށް ފުލުފުލުން ޒަލްޒަލާތަކެއް އައެވެ. އިިތުރު ވަޒީފާއެއް ހޯދުމަށް ނާއިލު ކުރަމުން އައި މަސައްކަތަށް ކުރިއެރުން ނުލިބި ފައިސާގެ ދަތިތައް ކުރިމަތިވާން ފެށިއެވެ. މިކަންތައް ވެގެން ދިޔައީ ނާއިލަށް ހާސްކަމެއް ކުރިމަތިކުރުވި ކަމަކަށެވެ. އަންހެނުން ވިހަން ކައިރިވެފަައި ވުމާއި ދަރިފުޅަށް ބޭނުންވާ ތަކެތި ގަންނަން ފައިސާ ނެތުމުގެ އިތުރަށް ކުލީގެ ކަންތަކާ ހުރެ އޭނަ ބޯހާސްވިއެވެ. އެހީއަކަށް އެދި އޭނަ ޖައުފަރުގެ ގާތަށް ދިޔައީ އަލިމަގެއް ނުފެނުމުންނެވެ. އޭރު ހުރިހާކަމެއް އޮތީ ބޮއްސުންލައި ނިމިފައެވެ. އެނިކަމެތިކަމުގެ ފައިދާ ބޭނުންވާ ފަދައިން ނެގޭނެ މަގުތައް ޖައުފަރަށް އޮތީ ފަހިވެފައެވެ.
*****
''އަހަރެން ކުރިން ވެސް ބުނިންދޯ އަހަރެންގެ ހުށަހެޅުން ޤަބޫލުނުކުރިކަމުގެ ނަތީޖާ ފެންނާނެޔޭ، މިހާރު ނާއިލު އެހުރި ހާލު އެބަ ދެކެއްމެއްނު، އޭނަ އެހުރީ ވަޒީފާއެއް ނުލިބި ބޯގޮވަން ކައިރިވެފަ...'' ނާއިލުގެ ވަޒީފާ ގެއްލި ކުރިމަތިވެފައިވާ ނިކަމެތި ހާލުގެ ފަހަތުގައިވަނީ ޖައުފަރުގެ އަތެއްކަން މާކުރީއްސުރެން ވެސް ޒައިނަބަށް އޮތީ ލަފާކޮށްލެވިފައެވެ. އޭނަގެ ހީތައް ޔަޤީނަށް ބަދަލުވެގެން އައީ ޖައުފަރު އޭނައަށް އެވާހަކަތައް ހާމަކުރި ދުވަހު އެވެ. އެއީ ޖައުފަރުގެ މޮޅުކަން ޒައިނަބު ކުރިމަތީގައި ހާމަކުރަން އޭނަ ކުރި ކަމެކެވެ. އޭގެ ސަބަބުން ޒައިނަބުގެ ހިތުގައި އޮތް ނަފުރަތުގެ ހުޅުގަނޑު އިތުރަށް އަނދައިގަތުން ނޫންކަމެއް ނުވިއެވެ. އޭނަގެ ހިތުގައި ޖައުފަރަށްޓަކައިވީ ހުސް ބަދު ދުޢާތަކެވެ. އެއީ ރަގަޅުކަމެއް ނޫންކަން އެނގޭ އިރު ވެސް މެއެވެ.
''ދެން ވިހައިގެން ދަރި ބަލާނީ ކިހިނެއް؟...'' ޖައުފަރުގެ އަޑުގައިވީ މަލާމާތެވެ.
''އެއީ ކަލެއާ ބެހޭކަމެއް ނޫން، ކަލޭގެ އުނދަގޫ މިހާ ދުވަހުވެސް ކުރިމަތި ނުވެ ހުރި ގޮތަށް ކަލޭ އަހަރުމެންގެ ހަޔާތުން ދުރަށްދޭ!...'' ރުންކުރު ރާގަކަށް ޒައިނަބު ބުނެލިއެވެ. ނާއިލަށް ޖައުފަރުގެ ހަޤީޤަތް މިފަހަރު އަންގަން ޒައިނަބު ގަސްދުކުރިއެވެ. ހިތާމައަކީ އޭނައާއި ޖައުފަރު ދިމާކުރާ ވަގުތު ގޭގައި އޭނަ އެކަނި ހުންނަންޖެހޭތީއެވެ. އެހެންނޫންނަމަ ޖައުފަރުގެ ނުބައިކަމާއި އަސްލު ނާއިލަށް ހާމަވާނެތާއެވެ.
''ނުދާނަން، ދެން އަހަރެން ދޫކުރާނީ ޒައިނަބު ހާސިލުކޮށްފަ، ވަރިހަމަ ދަރިއެއް ހުއްޓަސް، ތިދަރި ބަލަން ވެސް އަހަަރެން މިހުރީ ތައްޔާރަށް...'' ޖައުފަރު ކުރިއަށް ފިޔަވަޅުތަކެއް އަޅާލަމުން އޭނައާއި ޒައިނަބާއި ދެމެދުވި ދުރުކަމަށް ނިމުން ގެންނަން ފެށިއެވެ. އެއާއެކު ޒައިނަބު އަވަސްވެގަތީ ކާކޮޓަރިން ނިކުމެ ސަލާމަތުގެ އައްސޭރިއަކަށް ދާށެވެ. ބޮޑު ބަނޑާއެކުގައި ވެސް އޭނަ ދެފަޔަށް ލެވުނުހާ ބާރެއް ލާފައި ކޮޓަރިއަށް ވަންނަން މިސްރާބު ޖެހިއެވެ. އޭނައަށް ކޮޓަރިއަށް ވަދެވުނު އިރު ހުރީ މައިނޭވާ ލެވިފައެވެ.
ނޭވާހަމައަކަށް ވެސް އެޅުވުމެއް ނެތި ޒައިނަބު އުޅުނީ ދޮރުލައްޕައި ތަޅުލާށެވެ. ނަމަވެސް އެއަށް ވުރެ ކުރިން ޖައުފަރު އައިސް އެކަމަށް ހުރަސް އެޅިއެވެ. ބާރުލަމުން ދޮރު ލައްޕަން ޒައިނަބު އުޅުނުކަމުގައި ވިޔަސް އޭނައަށް ކާމިޔާބު ނުކުރެވޭނެކަން ޔަޤީންވުމުން އޭނައަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އަމިއްލަ މީހާ ހުރި ހާލާ މެދު ވެސް ވިސްނާލެވުނެވެ.
''ތިހާ ފަސޭހައިން ސަލާމަތް ވިޔަކަ ނުދޭނަން، ބަލައިގެން ހުންނާތި އަހަރެން އެ ނާއިލަށް ހަދާލާ ގޮތް، އޭރަށް އެއްޗެއް ވިސްނޭނެ...... އޭނަ ބަރުބާދުކޮށްލާނަން!، މިހުރިހާ ދުވަހު އަހަންނަށް ފުރަގަސްދިންކަމުގެ ބަދަލަކީ އެއީ!......'' ބާރަށް ދޮރު އެތެރެއަށް ކޮއްޕާލަމުން ޖައުފަރު ބުންޏެވެ. ދުރާލާ ފިޔަވަޅު އަޅައިިގެން ހުރުމުން އެހަމަލާއިން ޒައިނަބަށް ރެކިގަނެވުނެވެ. ނަމަވެސް އޭނަ ހުރީ ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ޖައުފަރު އެންމެ ފަހުން އިއްވާލި ނުރައްކާތެރި އިންޒާރާއެކު ޒައިނަބު މުޅިން ބަލިކަށި ވިއެވެ. އޭނައަށް ރޮވުނު ހިނދު ނާއިލަށް ދެރަ ގޮތެއް ނުހެދުމަށް އެދި ޖައުފަރުގާތުން އާދޭސް ކުރެވުނެވެ. ޖައުފަރަކީ ކާކުކަން އޭނައަށް ވަނީ އެނގި ހާމަވެފައެވެ. އެނުބައިކަމުގެ ހިތި ނަތީޖާ އޭނަ އެދަނީ ބަރުދާސްތުކުރަމުންނެވެ. މައްސަލަ ހިލުނު ފުރަތަމަ ވަގުތުގައި އޭނައަށް ފިޔަވަޅު އެޅުނުނަމަ މިއަދު ކަންތައް މިހާ ހިސާބަށް ނުދިޔައީހެވެ. ފަހަރެއްގައި އޭނަގެ ބަސް ނާއިލު ތެދުކުރީސްކަން ނޭގެއެވެ. އޭރަށް ޖައުފަރުގެ އުނދަގުލުން އޭނަ މިންޖުވީހެވެ. އެނުލަފާ މީހާގެ ދަންތުރަ އޭނަގެ ކަރަށް ނުމެހުނީހެވެ.
''އަހަރެން ވެސް އާދޭސްކުރީމެއްނުދޯ؟، އެ އާދޭސްތައް ޒައިނަބު އަޑުއެހިންތަ؟.... ނާހަމެއްނު!، ހަމަ އެފަދައިން އަހަރެން ވެސް ތި އާދޭހެއް އަޑެއް ނާހާނަން...'' ޒައިނަބަށް ސަމާލުކަން ދިނުމެއް ނެތި ޖައުފަރު ބުނެލިއެވެ. އަދި ރޮމުން ދިޔަ ޒައިނަބަށް ފުރަގަސްދީ އެޕާރޓްމެންޓުން ނިކުންނަން ހިނގައިގަތެވެ. ކަރުނުން ފުސްވެފައިވި ދެލޮލުން ޖައުފަރު ނިކުންނަން ދިޔަ ދިމާއަށް ބަލަން ހުރި ޒައިނަބަށް ގިސްލެވުނެވެ. ކަކުލުހުޅުން ވާގި ދޫވެ ހުރި ތަނަށް އޭނައަށް ތިރިވެވުނެވެ. އޭނައަށް މިހެން މިދިމާވަނީ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ކުށަކީ ކޮބާ ހެއްޔެވެ؟ އޭނަގެ ހުރިހާ އުފާތަކެއް ފޭރިގަނެވިފައިވީ ކީއްވެގެން ހެއްޔެވެ؟ އޭނައަށް މިނޫން ދުވަހެއް ދުށުމުގެ ނަސީބެއް ނެތީ ހެއްޔެވެ؟ އޭނަގެ ހުރިހާ އުއްމީދުތަކެއް އޮޔާލާދިޔައީ ކީއްވެ ހެއްޔެވެ؟
*****
ދަރިފުޅު ވިހެއުމުން ލިބެންވީ ހަޤީޤީ އުފަލާއި ހިތްހަމަޖެހުމެއް ޒައިނަބަކަށް ނުލިބުނެވެ. ވިހެމުގެ ކަންތަކާއި ކުޑަ ދަރިފުޅަށް ބޭނުންވާ ސާމާނުތަކަށް ފަހު ވަގުތު ނާއިލު ފައިސާ ހޯދި ގޮތެއް ވެސް ޒައިނަބަކަށް ނޭގުނެވެ. އޭނަ އެކަމާ ސުވާލުކުރުމުން ޖަވާބު ދޭން ނާއިލު އުޒުރުވެރި ވިއެވެ. އޭގެ ސަބަބުން ޒައިނަބަށް ހައިރާންކަމެއް ލިބުނެވެ. ނާއިލު އޭނައަށް ކަމެއް ސިއްރުކުރާހެން ވެސް ހީވިއެވެ.
ދަރިފުޅަށް ޒައިނަބު ދިނީ އޭނައާއި ނާއިލު ފުރަތަމަ ވެސް ކަނޑައެޅި ނަމެވެ. އެއީ އަޒްޔާނެވެ. ކުޑަކުޑަ އަޒްޔާނާއެކު ޒައިނަބުގެ ހިތަށް ފިނިކަމެއް ލިބިފައި ވިއެވެ. އޭނަގެ އެކަނިވެރިކަމަށް ވެސް ނިމުން އައިސްފައިވާ ކަހަލައެވެ.
މަސައްކަތެއް ނުކޮށް ނާއިލު ފައިސާ ހޯދާ ގޮތަކާމެދު ޒައިނަބުގެ ހިތުގައި ސުވާލު އުފެދެން ފެށިއެވެ. ކުރިން ނާއިލުގެ ފަރާތުން ނުފެންނަ އެތައް ބަދަލެއް ވެސް އޭނައަށް ފާހަގަ ކުރެވެން ފެށުނެވެ. ރުޅިގަދަވުމާއި ބޭރުތެރޭގައި ގިނަ ވަގުތު ހޭދަކުރުމެވެ. ފާޑުފާޑުގެ މީހުން ނާއިލު ހޯދަން ގެއަށް ވެސް އަންނަން ފެށިއެވެ. އޭނަ އެކަމާ ސުވާލުކޮށްފިނަމަ ދެބަސްވުމެއް ނުއުފެދޭ އިރެއް ނުދެއެވެ. އެންމެފަހުން ނާއިލު އޭނައަށް އަނިޔާކުރަން ވެސް ފެށިއެވެ. އެއީ މިހާރު ނާއިލު ހަމައެކަނި ވާހަކަ ދައްކާ ބަހުރުވައަށް ވެސް ވެނިމިއްޖެ އެވެ. ލޯބިން ފިރުމި ދެއަތުން އަނިޔާކޮށް ފަސޭހަވުމެއް ނެތް ފާރުގަނޑެއް ނާއިލުގެ ސަބަބުން ޒައިނަބުގެ ހިތުގައި ލެވުނެވެ. އޭނަ އެހުރިހާ ކަމަކަށް ކެތްކޮށްގެން ހުރީ ނާއިލު ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ. ބައްޕައެއްގެ ލޯބިން އަޒްޔާން ވަކިކުރަން ބޭނުންވާތީއެވެ. ފަހުން ނާއިލަށް ވިސްނިދާނެކަމުގެ އުއްމީދާއެކު ވެސް މެއެވެ.
ޖައުފަރު ވެސް ލޮލަށްދައްކާނުލާތީ ޒައިނަބު ހުރީ ސުވާލުމާކުތަކެއްގެ ތެރޭގައެވެ. މިއީ އަނެއްކާ ޖައުފަރުގެ ރޭވުމެއް ނޫންބާވައެވެ. އޭނަ ބުނިފަދައިން ނާއިލުގެ ބަރުބާދުކޮށްލުމުގެ ކޮޅުމަތި ފެށުނީ ހެއްޔެވެ؟
ސުވާލުމާކުތަކުގެ ތެރޭގައި ވަނިކޮށް މަސްތުވާތަކެތީގެ މައްސަލައެއްގައި ނާއިލާއި އިތުރު މީހަކު ހައްޔަރުކުރެވުނު ޚަބަރާއެކު ޒައިނަބުގެ ހިތް ވެސް ނުހުއްޓުނީ ކިރިޔާއެވެ. ގިނަ އަދަދުން ނާއިލަށް ލިބެމުން އައި ފައިސާތަކާ މެދު ހިތުގައި އުފެދިފައިވި ސުވާލުތަކުގެ ޖަވާބު އޭނައަށް ލިބުނީ ޝޮކަކާއެކުގައެވެ. އޭނައަށް ކުރެވުނުހާ ވެސް ކަމަކީ ރުއިމެވެ. ހިތާމަޔަކަށްފަހު ހިތާމަޔެއް ލިބި ދިރިއުޅުމުގެ މައިދާނުގައި ޒައިނަބު ހަފުސް ވިއެވެ. އޭނަ ބަލިކަށިވެ ނިކަމެތިވި ދަނޑިވަޅުގައި ޖައުފަރުގެ ނުބައި ސޫރަ އަނެއްކާ ވެސް ދެކެން ޖެހުނެވެ.
ދޮޅު އަހަރުގެ އަޒްޔާނަށް ޓީވީން ކާޓޫނެއް ދައްކައިގެން ކާންދޭން ބޮޑު ކޮޓަރީގައި ހުރި ޒައިނަބަށް ހައިރާންކަމާއި ސިހުމެއް ލިބުނީ އެޕާރޓްމެންޓްގެ ދޮރުހުޅުވުނު އަޑަށެވެ. އޭނަ ދޮރުތަޅުލާފައި ހުއްޓާ އެހުޅުވުނު ގޮތަކާ މެދު ސުވާލު އުފެދުނެވެ. ނަމަވެސް އެތެރެއަށް ވަން ޖައުފަރު ފެނި އޭނައަށް ހުރިހާކަމެއް ވެސް ފަހުމުވިއެވެ. އެންމެފަހުން ގެއަށް ވަގަށް ވަދެވޭނެ މަގު ވެސް ހޯދީ އެވެ.
ހިނިތުންވެލައިގެން ހުރެ ޖައުފަރު އައިސް އިށީނީ ޒައިނަބާއި ޖެހިގެންނެވެ. އޭނައަށް އަޒްޔާން ފެނި ހިސާބެއްގެ ރުޅިވެރިކަމެއް މޫނުމަތިން ފާޅުވިއެވެ.
''ކޮބާ މަ ބުނީމެއްނު އޭނަ ބަރުބާދުކުރާނަމޭ...'' މަކަރުވެރި ހިނިތުންވުމަކާއެކުގައި ޖައުފަރު ބުނެލިއެވެ. އަނގައިން ވެސް ބުނަން ބޭނުންނުވި ޒައިނަބު އަތްމަތި އަވަސްކޮށްލިއެވެ. އެކަން ފާހަގަ ކުރެވުނު ޖައުފަރު ޒައިނަބުގެ އަތުގައި ހިފަހައްޓަމުން އެއަތުން ތަށި އަތުލިއެވެ. ޖައުފަރުގެ ފަރާތުން މުޅިން އެހެން ކަމެއް ޒައިނަބަށް ފާހަގަވީ އެވަގުތު އެވެ. އޭގެ ސަބަބުން ފާޑެއްގެ ބިރުވެރިކަމެއް އެހިތުގައި އުފެދުނެވެ.
''ފައިސާ ހޯދަން މީހުން ކޮންމެކަމެއް ވެސް ކޮށްފާނެކަން އެނގޭތަ؟... ނާއިލު ވެސް ހަމަ އެހެން ކަންތައް ކުރީ، އަހަރެންގެ އެކުވެރިޔަކު މެދުވެރިކޮށް އޭނައަށް އެވިޔަފާރީ ދެއްކީ، މިއަދު ހައްޔަރު އެކުރީ އެދެމީހުން...'' ނާއިލު ހަލާކުގެ ތެރެއަށް ފޮނުވާލީ ކިހިނެއްކަން ޖައުފަރު ބުނެދިނެވެ. އޭނަގެ އެކުވެރިޔާ ނާއިލު ވާވައްދާލި ގޮތުގެ ތަފުސީލު އޭނަ ދިނެވެ.
''ހާސްނުވޭ، ގިނަ ދުވަހަކު އޭނަ އެތާނގައި ނޯންނާނެ، އޭނައާ ދެކޮޅަށް ހެއްކެއް ނެތީމަ، އަހަރެން އެގޮތަށް ހުރިހާ ކަމެއް ރޭވީ ކުޑަ ދުވަސްކޮޅަކަށް އޭނަ ބަންދުގައި ބަހައްޓަން ބޭނުންވާތީ، އޭރުންތާ ޒައިނަބު އެކަނިވާނީ......'' ޒައިނަބާއި ގާތްވެލަމުން ޖައުފަރު ބުނެލިއެވެ. އެއާއެކު ޒައިނަބަށް ތެޅިގަނެވުނެވެ. އޭނަ ކުއްލިއަކަށް ގެނައި ހަރަކާތާއެކު ސަލާމަތުން އޮތް އަތުން ޖައުފަރުގެ މޫނުމަތީގައި ހޫނު ބޮނޑިއެއް އަޅާލިއެވެ. އެފަދަ ކަމަކަށް ވިސްނައިގެން ނެތް ޖައުފަރަށް ސިހުމެއް ލިބުނެވެ. މޫނުން ނެގި ދިލައާއެކު އޭނައަށް މޫނުގައި ފިރުމާލެވުނެވެ.
ލިބުނު ފުރުސަތާއެކު ޒައިނަބު ސޯފާއިން ކޮޅަށް ތެދުވުނެވެ.
''ކަލޭ ތީ ކޮންކަހަލަ އެކުވެރިޔެއްތަ؟... އިންސާނުންގެ ގިންތީގެ ތެރެއަށް ވެސް ކަލޭ ނުފެތޭނެ...'' ޖައުފަރާ ދިމާއަށް ޒައިނަބު ހަޅޭއްލަވައިގަތެވެ.
ރުޅިއައިސް ރަތްވެފައި ހުރި ޖައުފަރަށް ދަތްކުނޑި ވިކާލެވުނެވެ.