އިވުނު ޖުމްލައިގެ ނުބައިކަމާ ހުރެ އަޒްޔާން ހުރީ ހުއްޓުން އަރާފައެވެ. އެމޫނުގެ ކުލަވަރުވެސް ވަނީ އޮއްސިފައެވެ. އޭރު ޝީރީންގެ ޖުމްލަ ހޮނު ގުގުރީގެ ބާރުމިނުގައި ކަންފަތުގައި ގުގުމައެވެ. އެއިން ކޮންމެ ފަހަރަކު ފައިދަށުގައިވި ބިންގަނޑަށް ލޮޅުން އަންނަހެން ވެސް އޭނައަށް ހީވެއެވެ.
ދެފައި މައްޗަށް ކޮޅަށް ހުންނާނެ ހިތްވަރު ނެތިގެން ދިއުމާއެކު އަޒްޔާނަށް ކައިރީގައި ހުރި ސަރަންފީއަށް ތިރިވެވުނެވެ. އޭރު އޭނަގެ ސިކުނޑި ވަނީ ހައިޖާން ގަނޑެއްގެ ތެރެއަށް ގެނބިފައެވެ. ޝީރީންގެ ވާހަކަތައް ދޮގުކުރަން އޭނާގެ ހިތް މަސައްކަތްކުރިކަމުގައި ވިޔަސް އުތުރިއަރަމުން އައި ޖަޒުބާތުތަކުގެ ސަބަބުން ކުރިއެރުން ލިބުންވީ މުސްތަހީލު ކަމަކަށެވެ. ހަރަކާތެއް ވެސް ކޮށްލަން ނޭގިފައި އިންދާ ޝީރީން އަޒްޔާނާއި ކުރިމަތިލިއެވެ. އޭނަގެ ދެލޮލުގައި ކަރުނަތައް ވިދަމުން ދެއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ޝީރީން އޭނަގެ ވާހަކައާއިގެން ކުރިއަށް ދިޔަ އެވެ. އަޒްޔާނަށް އައިސްފައިވި ބަދަލުތަކުން އޭނައަށް ކުރިއެރުން ލިބިފައިވިކަން އޭނައަށް ނިކަން ފަސޭހައިން ނަގައިގަނެވުނެވެ. އެއާއެކު އޭނަ އަވަސްވެގަތީ ފުރުސަތުގެ ބޭނުން ހިފުމަށެވެ. ފުލުފުލުން އަމާޒަށް ތީރު ފޮނުވަން ފެށިއެވެ.
''އަހަރެންގެ ވާހަކަތަކަށް އިތުބާރުކުރޭ އަޒްޔާން، މިއަދު ޒައިނަބު ދުނިޔޭގަ ހުރިނަމަ މިކަންތައް ޔަޤީންކޮށްދެވުނީސް، އެކަމަކު އެކަން ވެސް ވާކަށް ނެތް... ހުރިހާކަމެއް މިވަނީ ބަދަލުވެފައި... އެނުލަފާ މީހާ ޒައިނަބުގެ ދިރިއުޅުމަށް ނައިނަމަ ކަންތައް ކިހާ ފުރިހަމަ ވީސް؟، އަޒްޔާންގެ ބައްޕައާއި މަންމަ ދެތަން ނުވީސް!، ފުރިހަމަ ޢާއިލާއެކު އުޅުމުގެ ނަސީބު ލިބުނީސް!، އަދި ބަލި ތަންމައްޗަށް ވެސް ޒައިނަބު ނުދިޔައީސް!... މިދުނިޔޭގެ އަނިޔާވެރިންގެ ވަކިތަކުގެ ތެރޭގައި ހަފުސްވެ އެހިތާމަތަކުން އަރައިނުގަނެވި އުޅެނިކޮށް ޒައިނަބު މަރުވެގެން ދިޔައީ.......... އަޒްޔާން، އަހަރެންގެ މިވާހަކަތަކަށް އިތުބާރުކުރޭ، އަހަރެން ނޫޅެން އަޒްޔާނަށް އޮޅުވާލާކަށް، މިއީ ހަޤީޤަތް......'' ކުރެހިފައިވާ އަޑަކުން ޝީރީން ބުނެލިއެވެ. އޭނަގެ އަޑުގައި ވަނީ އާދޭހެވެ.
ޝީރީން އަޒްޔާން ގާތަށް ޖެހިލަމުން ފަރުވާތެރިކަމާއެކު އަޒްޔާންގެ މޫނަށް ނަޒަރު ހުއްޓާލީ އިހުސާސްތައް ދެނެގަންނަން އުޅޭ ފަދައިންނެވެ.
''އަޒްޔާން، ތިހެން ހިމޭނުން ނީދެ އެއްޗެކޭ ބުނެބަލަ، ދައްތަ ކަންބޮޑުވާން ފަށައިފި...'' އަޒްޔާންގެ ކޮނޑުގައި އަތް ބާއްވާލަމުން ޝީރީން ބުނެލިއެވެ. ދެން ވެސް ޖަވާބެއް ނުލިބުމުން އޭނަ އަޒްޔާންގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. ޝީރީން ގެނައި ކުއްލި ހަރަކާތާއެކު އަޒްޔާން ދިޔައީ ސިއްސައިގެންނެވެ. އޭނައަށް ހަމަހޭވެރިކަން ލިބިގެން އައީ ދެނެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވެލަމުން ގޮސް އޭނަ ހުއްޓުނީ ރެއިލިންގް ކައިރިއަށެވެ. ހީވީ ކަމަކަށް ފިލަން ބޭނުންވެފައި ވިހެންެވެ. ފުން ނޭވާތަކެއް ދޫކުރަމުން އޭނަ ދިޔައީ ނަފުސު ހަމައަކަށް އެޅެވުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނައަށް ކާމިޔާބެއް ނުލިބުނެވެ. ޝީރީންގެ ޖުމްލަތައް ހުއްޓުމެއް ނެތި އޭނަގެ ހިތާއި ނަފުސަށް ހަމަލާދެމުން ދިޔަ އެވެ. އެންމެފަހުން ސިކުނޑިއަށް ކުރަމުން އައި ބާރާއެކު ބޮލުގައި ރިއްސަން ފެށިއެވެ.
''ކީއްވެ ތިވާހަކަތައް މިހާރު ތިބުނެދެނީ؟...'' ވެރިވެފައި އޮތް ހިމޭންކަން އަޒްޔާން ފޫދުއްވާލިއެވެ. އޭނަ ފަސްއެނބުރި ޝީރީނަށް ބަލާލި އެވެ.
އަޒްޔާންގެ ސުވާލުން ޝީރީނަށް ނެގުނީ މުޅިން އެހެން މާނައެކެވެ. އެއާއެކު އޭނަ ގާތަށް ރުޅި އައެވެ. އެހާ ބޮޑު ސިއްރެއް ހާމަކުރުމުން ވެސް އަޒްޔާނަށް ބަދަލުތަކެއް ނައީ ކީއްވެ ހެއްޔެވެ؟ އޭނަ އުއްމީދުކޮށްގެން ހުރީ ރުޅިވެރިކަމުގެ ގިނި އަލިފާން އެހިތުގައި ރޯވެގެންދާނެ ކަމަށެވެ. ބަދަލުހިފުމުގެ ރޫހުން މީހާ ހަލަބޮލިކޮށްލާނެ ކަމަށެވެ. އެހެނަސް ކަންތައް މިވަނީ ދިމާ އޭގެ އިދިކޮޅަށެވެ.
''އެމީހުންގެ ނުބައިކަން ހާމަކޮށްދޭން ބޭނުންވާތީ، އަޒްޔާން އެމީހުންނާ މެދު ތިހާ އޯގާތެރިކަން ބަހައްޓަނީ ކީއްވެތަ؟، އެމީހުންނަކީ ކުލުނުވެރިކަން ދަންނަބައެއް ނޫން... ދެން ކީއްވެތަ؟، ޒައިނަބަށް ކަންތައް ދިމާވި ގޮތުން އަޒްޔާނަށް ހަމަ އަސަރެއް ނުކުރޭތަ؟، އަޒްޔާންގެ މަންމަ ހޭދަކުރި އެކަނިވެރި ހަޔާތާއި އުފުލި ހިތާމަތައް އެންމެ ގާތުން ފެނުނު މިހާކީ ތީ!... އެހުރިހާކަމެއްގެ އަސްލު ބުނެދިނުމުން ވެސް ތިހިތަށް އަސަރެއް ނުކުރޭތަ؟...'' ރުޅިވެރިކަމާއި ހިތާމައިގެ ކުލަވަރު ޝީރީންގެ އަޑުގައި ވިއެވެ. ހަޤީޤަތުގައި ވެސް އޭނަ ހުރީ މާޔޫސްވެ ހާސްވެފައެވެ. އަލިމަގެއް ނުފެނިދާނެ ކަމުގެ ބިރާއެކުގައެވެ. އޭނަގެ ރޭވުންތަކަށް އޮތް އެންމެ ގަދަ ފަދަ ބާރަކީ އަޒްޔާނެވެ. އަޒްޔާންގެ އިތުބާރު އޭނައަށް ނުހޯދިއްޖެނަމަ އޭނަގެ ރޭވުން ނާކާމިޔާބު ވާނެއެވެ.
''ކިހިނެއްތަ އަހަރެން އަޒްޔާނަށް ވިސްނައިދޭންވީ؟، ތި ސިކުނޑީގައި ތެތްކަމެއް ވެސް ނެތީތަ؟...'' ހިމޭން މޫނަކާއެކު ޝީރީނަށް ބަލަހައްޓައިގެން ހުރި އަޒްޔާނާއި އޭނަ މުހާތަބު ކުރިއެވެ. ބަލި ޤަބޫލުކުރާ ފަދަ ވިސްނުމެއް ޝީރީންގެ ނެތެވެ. ޖަޒުބާތުތަކުގެ ބާރުގައި ޖައްސައިގެން ވިޔަސް އަޒްޔާންގެ ވިސްނުން ފަސާދަ ކުރަން އޭނަ ހުރީ ތައްޔާރަށެވެ. އޭނަ ދެން ހަތިޔާރެއްގެ ގޮތުގައި ނެގީ ޒައިނަބުގެ މާޒީ އެވެ. ހަޤީޤަތަށް ވުރެން ބޮޑަށް އޭގައި އެކުލެވިފައިވީ ދޮގެވެ. އޭނަ ޖުމްލަތައް އަތުރަމުން އައީ އަޒްޔާންގެ އިހުސާސްތަކާއި ކުޅެލެވޭނެ ހެންނެވެ. އަޒްޔާން އޭނަގެ މަންމަދެކެ ވާ ލޯބީގެ ފައިދާ އޭނައަށް ނެގެން އޮތް ގޮތަކީ އެއީ ކަމުގައި ވާތީއެވެ.
*****
މެންދުރުގެ ކެއުމަށް ތަރުކާރީއާއި އަދި ވެސް އެހެނިހެން ސާމާނުތައް ކޮށަން ކާމޭޒު ދޮށުގައި އިން ބަތޫލްއަށް ލިބިފައިވި ހައިރާންކަން ފިލައިގެން ނުދެއެވެ. އެތައް އިރެއް ވެގެން ދިޔަ އިރު ވެސް އަޒްޔާނާއި ޝީރީންގެ ޚަބަރެއް ނުވާތީއެވެ. އޭނަގެ ނަޒަރު އިރުއިރުކޮޅާ ގޮސް ބެލްކަނިއަށް ހުއްޓެއެވެ.
''ކޮން ވާހަކައެއްތަ އެހާ ސިއްރުން އެކެދެވެނީ؟، މިހާރު ކޮން އިރެއްތަ...'' ބަތޫލްގެ ޝައުޤުވެރިކަން ގުޅިލާމެހިފައި ވަނީ އެންމެ ކަމަކާއެވެ. ދެޚިޔާލެއްގެ މަތީ ހުރެ އޭނަ ބެލްކަނިއަށް ދާން ވެސް ގަސްދުކުރިއެވެ. އެހެނަސް އެކަމުގެ ސަބަބުން އޭނަ ދެކެ ޝީރީން ރުޅިއައިސް ޒުވާބެއް ހިނގާފާނެތީ ފަސްޖެހެވުނީއެވެ. ފިކުރުތަކުގެ ތެރޭގައި ވިއިރު އޭނައަށް ޔަޤީން ކުރެވުނު އެއްކަމެއް ވިއެވެ. އެދެކެވެމުން ދިޔަ ވާހަކަތައް އޭނައަށް އެނގެން ޝީރީން ބޭނުންނުވާ ކަމެވެ. އެސިއްރުވެރިކަމާއެކު އޭނަގެ ޝައުޤުވެރިކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.
''ފަހުން ޒޭންއާ ސުވާލުކުރާނީ...'' ބަތޫލް އޭނަގެ ސަމާލުކަން މެންދުރުގެ ކެއުމަށް އަނބުރާލަމުން ކެއްކުމާއިގެން ކުރިއަށް ދާން ފެށިއެވެ.
*****
ޝުޖާއުގެ ފޯންކޯލުގެ އިންތިޒާރުގައި ހުރި ޖަނާ އިރުއިރުކޮޅާ ގޮސް ގޭގެ މައިދޮރުން ބޭރަށް ބޯދިއްކޮށްލަމުން މަގުން މީހެއްގެ ހިލަމެއް ވޭތޯ ބަލާލައެވެ. އެއިން ކޮންމެ ފަހަރަކު މާޔޫސްކަން ހިތަށް ސަވާރުވުމުން އޭނައަށް ތުން އޫކޮށްލެވެއެވެ. އިންތިޒާރުގެ ރާސްތާ ދިގު ވީހެން އޭނަގެ ހަމަޖެހުން ނެތިގެން ދަނީއެވެ. ޚިޔާލެއްގެ ތެރޭގައި ވަނިކޮށް ޖަނާ ސިހުނީ ގޭތެރެއިން އޭނައަށް ގޮވާލި އަޑަށެވެ.
''ކީކޭ ނާޒް ދައްތާ...'' ޖަނާ ފަސް ބަލާލަމުން ބުނެލިއެވެ. އޭރު އުކުޅުގައި އަތް ވިއްދާލައިގެން ހުރި ނާޒްގެ ނަޒަރު ހުއްޓިފައި ވަނީ ޖަނާ އަށެވެ. އެމޫނުން ހައިރާންކަން ފާޅު ވެއެވެ. އޭނަ ފަރުވާތެރިކަމާއެކު ޖަނާއަށް ބަލަމުން ވާހަކަ ދައްކަން ފެށިއެވެ.
''މިއޮއް ގަޑީގަ ތިހާވަރުން ތައްޔާރުވެގެން ތިދަނީ ކޮންތާކަށް؟...'' ޝައްކެއްގެ މަތީގައިވި ނާޒް އޭނަގެ ރާގުގައި އަހާލިއެވެ. އޭނަ އެއައީ ޖަނާގެ އަދާޔާ ޚިލާފު މިޒާޖު ފާހަގަ ކުރެވުމުން އޮޅުންފިލުވާށެވެ.
''ރައްޓެއްސަކާއެކު ބޭރަށް ދާން...'' ތަފުޟީލު ދިނުމެއް ނެތި ޖަނާ ބުނެލިއެވެ. އިރުކޮޅެއް ވަންދެން ޖަނާއަށް ބަލަން ހުރެފައި އެތެރެއަށް ދާން އުޅެފައި ވެސް ނާޒްގެ ޚިޔާލު ބަދަލުވީ އޭނަ އޮޅުން ފިލުވަން ބޭނުންވާ ކަމެއް އޮތީމަ އެވެ.
''ޖަނާ ހޯދަން މިގެއަށް އަންނަ ފިރިހެން ސޮރަކީ ވިޔަފާރިވެރިޔާ ނޫހުގެ ކުއްޖެއް ދޯ...'' ނާޒްގެ މޫނުން ޝައުޤުވެރިކަން ފާޅު ވެއެވެ. އެކަން ފާހަގަ ކުރެވުނު ހިނދު ޖަނާގެ ހިތުގައި ފޫހިކަމެއް އުފެދުނީ ނާޒްގެ ބޭނުން ވިސްނައިގަނެވުމުންނެވެ. ޖަވާބު ނުދޭން ހިތުލައިގެން ހުއްޓާ އަނެއްކާ ވެސް ނާޒް އެސުވާލު ތަކުރާރުކޮށްލިއެވެ. މިފަހަރު ހިތްހަމަނުޖެހުމާއި އަމުރުވެރިކަން އެއަޑުގައި ވިއެވެ.
''ހޫމްމްމް...'' ޖަނާ ކުރު ޖަވާބެއް ދިނެވެ.
ނާޒްގެ މޫނު އުޖާލާވެގެން ދިޔަ އެވެ. އޭނަގެ ބޭބެ މަރުވުމަށްފަހު އޭނައަށް ޖެހިފައިވި ބުރައިން މަންފާއެއް ލިބިދާނެކަމުގެ ފޮނި އުއްމީދުތަކާއެކުގައެވެ. އިތުރަށް އޮޅުން ފިލުވަން ދިމާކޮށްލި ތަނާ އެފުރުސަތު އޭނައަށް ގެއްލުނީ މައިދޮރުން ވަދެގެން އައި އޭނަގެ ފިރިމީހާ އާއި ދެދަރިންގެ ސަބަބުންނެވެ. ނާޒް އޭނަގެ ފިރިމީހާ ފަހަތުން އެތެރެއަށް ދިއުމާއެކު ޖަނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް އަދި ފަހުން ނާޒްގެ ސުވާލުތަކާ ކުރިމަތިލާންޖެހޭނެކަން އޭނައަށް ޔަޤީން ކުރެވުނެވެ.
.......................................................................................................
އިންތިޒާރުގައި ވަގުތު ގުނަމުން ދިޔަ ޖަނާގެ ފޯނު ރިންގްވާން ފެށުމާއެކު އަވަސްއަވަހަށް ފޯނަށް ޖަވާބު ދިނީ ޝުޖާއުގެ އަޑު އިވުމުން އޭނަގެ ހިތަށް ފިނިކަން ލިބޭނެކަމުގެ ޔަޤީންކަމާއެކުގަ އެވެ.
''ފަސް މިނެޓް ތެރޭ މި ކައިރި ކުރަނީ...'' ޝުޖާއު ބުނެލިއެވެ.
ޝުޖާއު އަންނަން ވާއިރަށް ޖަނާ ހުރީ ބޭރަށް ނިކުމެ އެވެ. މަގަށް އޭނަގެ ނަޒަރު ހުއްޓިފައި ވަނިކޮށް ލޮލުގައި އަޅައިގަތް ސައިކަލުގައި އިން ޒުވާނާ ފެނި ޖަނާގެ ތުންފަތުގައި ހިނިތުންވުމެއް ދުވެލިއެވެ. އޭނަގެ ހިތް ވެސް ބާރުވެގެން އައީ ކުއްލިޔަކަށެވެ. ދެއަތްތިލަ ޖޯޑުކޮށްލުމަށްފަހު އޭނަ ހަށިފުރާ ނޭވާއެއް ދޫކޮށްލީ ޝުޖާއުއަށް އޭނަގެ މޫނުން ހާސްކަން ފެންނަން ނޭދޭތީއެވެ.
*****
ހުކުރު ނަމާދުން އަޒްޔާން އަންނަން ވާއިރަށް ބަތޫލް ހުރީ ކެއުން ތައްޔާރުކޮށްލައިގެންނެވެ. އޭނަ ކާމޭޒު ދޮށުގައި އިންނަތާ ގަޑިއެއްހާ އިރު ފާއިތު ވެގެން ދިޔަ އިރު ވެސް އަޒްޔާންގެ ޚަބަރެއް ނުވުމުން އަނެއްކާ ވެސް ގުޅަން މަސައްކަތް ކުރިއެވެ. ފުލުފުލުން އޭނަ ގުޅަން ކުރިހާ މަސައްކަތެއް ބޭކާރުވުމުން ބަތޫލް މާޔޫސްވާ ގޮތް ވިއެވެ. މިއަދު ހުކުރަށް ދިޔަ އިރު ވެސް އަޒްޔާންގެ މޫޑު ބަދަލުވެފައިވިކަން އޭނައަށް ފާހަގަ ކުރެވުނެވެ. އޭނައަށް އެކަމާ މެދު ވިސްނާނުލެވުނީ ކުރަން ހުރި މަސައްކަތްތައް ގިނަކަމުންނެވެ. އެކަނިވެވުމާއެކު އޭނަގެ ފިކުރުތަކާ އެކަން ގުޅުނެވެ.
''އަނެއްކާ ކިހިނެއް ވީބާ؟... ކީއްވެތަ ފޯނު ނުނަގަނީ؟...'' ބަތޫލްއަށް އޭނަގެ ހިތާ ސުވާލުކުރެވުނެވެ. މިނޫނީ އޭނަ އަޒްޔާންގެ ފޯނަށް ގުޅުމުން ޖަވާބު ނުލިބިފާ ނެތެވެ. އެއާއެކު ބަތޫލްގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އޭނަ އަޒްޔާނަށް ގުޅަން ކުރާ މަސައްކަތަށް ކުރިއެރުމެއް ނުލިބުމުން އޭނަގެ ހާސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ.
''ކީއްވެތަ ފޯނަށް ޖަވާބު ނުދެނީ؟...'' އެންމެ ފަހުން ބަތޫލް ގާތަށް ރުޅި އަންނަން ފެށިއެވެ. އޭނަ މެސެޖް ކުރުމުން އެއަށް ރައްދެއް ވެސް ނުލިބުނެވެ.
''ޒޭންއަށް ކިހިނެއް ވީތަ، ފޯނަށް ޖަވާބު ދީބަލަ، އަހަރެން ހާސްވާނެކަމެއް ނޭގޭތަ، ޒޭން އަހަރެން ދެކެ ރުޅިއައީތަ؟، ޒޭން ހިތްހަމަނުޖެހޭ ފަދަ ކަމެއް އަހަންނަށް ކުރެވުނީތަ؟...'' ބަތޫލްގެ ހިތުގައި އުތުރިއަރަން ފެށި ޝުއޫރުތަކާއެކު އޭނަގެ ލޮލުން ކަރުނަ ހިލުނެވެ.
''ބޮޑުދައިތަ ގެއަށް ނޫންބާ ދިޔައީ؟، އެކަމަކު އެގެއަށްދާ ވާހަކައެއް ނުވެސް ބުނޭ...''
''މީޝެލްއަށް ގުޅަންވީ......'' ކޯތާފަތުން ފިރުކެމުން އައި ކަރުނަތައް ފޮހެލަމުން ބަތޫލް މީޝެލްގެ ނަންބަރަށް ގުޅާލިއެވެ. ދެފަހަރު ރިންގްވި ތަނާ މީޝެލް ފޯނު ނެގިއެވެ.
''ހަލޯ، ޒޭން އެބަހުރި ތަ؟...'' ފުރަތަމަ ވެސް ބަތޫލްއަށް އަހާލެވުނެވެ. އޭނައަށް އަޑުގައިވި ހާސްކަން ވަންހަނާއެއް ނުކުރެވުނެވެ.
''ހޭއި، ހާދަ ހާސްވެފަ ތިހުރީ، ކިހިނެއް ވީތަ އަނެއްކާ...'' މީޝެލްއަށް ލިބުނު ހައިރާންކަމާއެކު އަހާލެވުނެވެ. އޭރު އޭނަގެ ނަޒަރު ހުއްޓިފައިވީ ކާމޭޒު ދޮށުގައި އިން އަޒްޔާނަށެވެ.
''އަހަރެން ކުރި ސުވާލަށް ޖަވާބު ދީބަލަ! އަޒްޔާން އެބަހުރި ތަ...'' ބަތޫލްގެ އަޑުގައި ރުންކުރުކަން އެކުލެވިގެން ދިޔަ އެވެ.
''އާނ...'' މީޝެލްގެ ޖަވާބުން ހިތަށް ފިނިކަން ލިބުމުގެ ބަދަލުގައި ބަތޫލްގެ ހިތުގައި ރިހުމެއް އުފެދުނެވެ. އޭނަ ގުޅުމުން ފޯނަށް ޖަވާބު ނުދިން ތާނގައި މެންދުރު ކެއުމަށް ގެއަށް ވެސް ނައީ އެވެ. އެކަމާ ހުރެ ބަތޫލް އިތުރަށް ހިތުގައި ޖެހުނެވެ.
''ޒޭން އަތަށް ފޯނު ދީބަލަ...'' ބަތޫލް އެދުނެވެ. އެއާއެކު އޭނައާއި ކުރިމައްޗަށް ވާހެން އިން އަޒްޔާން އަތަށް މީޝެލް ފޯނު ދިއްކޮށްލިއެވެ. އަޒްޔާން ކެއުން މަޑު ޖައްސާލަމުން މީޝެލްއަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ. ޝީރީން ވެސް މަންޒަރު ބަލަން ނިކަން ހަމަޖެހިލައިގެން އިނެވެ.
''ބަތޫލް...'' މީޝެލް ބުނެލިިއެވެ. އެއާއެކު އަޒްޔާންގެ މޫނުން ހިތްހަމަނުޖެހުން ފެނުނެވެ.
''ފަހުން އެބަގުޅަން...'' އަޒްޔާން މީޝެލް އަތުން ފޯނު އަތުލަމުން ބުނެލިއެވެ އަދި ބަތޫލްއަށް ވާހަކަދެއްކުމުގެ ފުރުސަތު ދިނުމެއް ނެތި ފޯނު ކަނޑާލި އެވެ. މިމަންޒަރު ބަލަން އިން ޝީރީންގެ ތުންފަތަށް ވެރިވި ވިހަ ހިނިތުންވުމާއެކު އޭނަގެ މޫނު އުޖާލާ ވިއެވެ.
ސުވާލުކުރަން އުޅެފައި ވެސް މީޝެލް ފަސްޖެހުނީ އަޒްޔާންގެ މޫނުން ފެންނަމުން އައި ރުޅިވެރިކަމުންނެވެ. ބަތޫލްއާއި އަޒްޔާނާ ދެމެދު ބޮޑު މައްސަލައެއް ޖެހިއްޖެކަން އޭނައަށް ޔަޤީންކުރެވުނީ ދެނެވެ.
*****
ޝުޖާއުގެ ޢާއިލާ މެންބަރުންނަށް ތަޢާރަފުވެވުމުން ޖަނާއަށް ލިބިފައިވި އުފާވެެރިކަމާއި ހިތްހަމަޖެހުން އެމޫނުން ރަމްޒުކޮށްދެއެވެ. އޭނަ ޝުޖާއުއާއި ނަޒަރު ބަދަލުކޮށްލާ ކޮންމެ ފަހަރަކު އެހިތް ފުރިގެން ދެއެވެ. މިއަދު ޝުޖާއު އެވަނީ އެހިތުގެ އިހުސާސްތައް އޭނައަށް އަންގާލަދީފައެވެ. ޝުޖާއު ބޭނުން ކުރި އުކުޅު ކިތަންމެ ތަފާތުވިކަމުގައި ވިޔަސް ދޭން ބޭނުންވި މެސެޖު އޭނަގެ ހިތާ ހަމައަށް ފޯރައިފިއެވެ. އެހާ ޚާއްސަ ނުވިނަމަ ޝުޖާއު ޢާއިލާ މީހުންނާ ހަމައަށް އޭނަގެ ޚަބަރު ނުގެން ދިޔައީހެވެ.
މުޅިން އައު މާހައުލެއްގެ ތެރޭގައި ހުރެވުމުން ފުރަތަމަ ޖަނާއަށް ލަދުވެތިކަން އިހުސާސްކުރެވުނެވެ. އޭނައަށް ހުރެވުނީ ހިނިތުންވެލަން ވެސް ނުކެރިފައެވެ. ނަމަވެސް އެންމެންގެ ފަރާތުން ފެނުނު ހިތްހެޔޮކަމާއި ފެތުރިފައިވި މަރުޚަބާގެ މާހައުލުގެ ސަބަބުން އޭނައަށް ހަމަޖެހުން ގެނެސްދިނެވެ. އިސްވެ ވާހަކަދައްކުމުގެ ހިތްވަރު ވެސް ލިބުނެވެ.
ޖަނާގެ ފުރަތަމަ ދެކިލުމާއެކު އެއީ ކާކުކަން މާރިޔާއަށް އެނގި ހުރީ ހުއްޓުން އަރާފައެވެ. ބަތޫލްއާއެކު އޭނައަށް ކިތަންމެ ފަހަރަކު ޖަނާ ފެނިފައިވާތީއެވެ. އެކުއްޖާ ދެކެ އޭނަގެ ހިތުގައި އޭރުވި ނުރުހުންތެރިކަން ވެސް ހަނދާނަށް އައެވެ. އޭނަ ހިނިތުންވެލައިގެން ހުރީ ހަމައެކަނި ޝުޖާއަށް ޓަކައެވެ. ޖަނާގެ ސަބަބުން އޭނަގެ ދަރިފުޅަށް ލިބިފައިވި އުފާވެރިކަން ފެނި ފާޑުކިޔާކަށް އޭނައަށް ނުކެރުނެވެ. ހިތްހަމަނުޖެހުނުކަމުގައި ވިޔަސް އޭނައަށް ޖެހުނީ ހިނިތުންވުމާއެކު ޖަނާއަށް މަރުޚަބާ ކިޔާށެވެ. އެހެންނޫންނަމަ އޭނައާއި ޝުޖާއުގެ ގުޅުން ހީނަރުވެ އަޑިއަޅާލަފާނެ ކަމުގެ ބިރު އެހިތުގައި އޮތެވެ. ހަމައެއާއެކު އެގުޅުމަށް އޭނަ ނުރުހުން ފާޅުކުރަން ނޫހު ވެސް ހިތްހަމަނުޖެހޭނެކަން އޭނައަށް ދުރާލާ ލަފާކޮށްލެވުނެވެ.
*****
އަޒްޔާން ކަންތައް ކުރި ގޮތުން ބަތޫލް ހުރީ ހިތުގައި ޖެހި ރޮވިފައެވެ. އަތުގައި އޮތް ފޯނަށް އޭނަ ބަލަން ހުރީ ހިތާމައިގެ ތަސްވީރެއް ފަދައިންނެވެ. މޮޅިވެރިކަމުގެ ސައިލުގައި ވަނިކޮށް އޭނައަށް ސިހުމެއް ލިބުނީ ފޯނު ރިންގްވާން ފެށި އަޑަށެވެ. ކަރުނަތައް އަތުގެ ފުށަތުން ފޮހެލަމުން ފޯނަށް އޭނަ ޖަވާބު ދިނެވެ. އަޒްޔާން ގުޅުމުން ވެސް އޭނައަށް އުފާވެރިކަމެއް ނުލިބުނެވެ.
''ކީއްވެ މީޝެލްއަށް ގުޅީ؟...'' އަޒްޔާންގެ އަޑުގައި ވަނީ ހިތްހަމަނުޖެހުމެވެ. އޭނަ ތަބީއަށް ވަނީ ގޯހުންގޯހަށް ގޮސްފައެވެ. އެހުރިހާ ކަމެއްގެ އަސްލާ ގުޅިފައިވަނީ ޝީރީނެވެ. ޝީރީންގެ ވާހަކަތަކުގައި އެކުލެވިފައިވި ޒަހަރުގެ އަސަރު އަޒްޔާންގެ ވިސްނުމާހަމައަށް ވަނީ ފޯރާފައެވެ. އޭގެ ސަބަބުން އޭނައަށް ބަތޫލްއާ މުހާބަތު ކުރެވެނީ ރުޅިވެރިކަމާއެކުގައެވެ.
''ޒޭން އަހަރެން ދެކެ ރުޅި އައިސްފަތަ ތިހުރީ؟... އަހަންނަށް ގޯސްކަމެއް ކުރެވުނީތަ އަހަންނާ ތިހެން ވާހަކަ ދައްކަނީ؟... އަހަރެން މީޝެލްއަށް ގުޅީ ޒޭންގެ ޚަބަރެއް ނުވެގެން، އަހަރެން ގުޅީމަ ޖަވާބު ނުލިބިގެން ހާސްވިވަރެއް ނޭގޭތަ؟، ބޮޑުދައިތަ ގެއަށް ދާ ވާހަކަ ކުރިން ވެސް ބުނެވިދާނެއެއްނު، އަހަރެން މިހުރީ ޒޭންގެ އިންތިޒާރުގަ ވިއްޔާ...'' ބަތޫލްގެ އަޑުގައި ރިހުމެއް ވިއެވެ. އޭގެ ބާރު އަޒްޔާންގެ ހިތާއި ހަމައަށް ފޯރިއެވެ. އޭނައަށް ބަތޫލްގެ ހިތުގެ ރިހުން ތަސައްވަރުކުރެވި ކުށްވެރިކަމުގެ އިހުސާސްތަކެއް ކުރެވުނެވެ. އޭނައަށް ކުރެވުނު ކަންތަކުގެ ނަތީޖާއިން ބަތޫލްއަށް އަނިޔާއެއް ދެވިއްޖެކަން ވެސް މެއެވެ. ޖަޒުބާތުތަކުގެ ގަދަ އޮއެގެ ތެރޭގައި ބެހެމުން ދިޔަ ހިނދު އޭނަގެ ކަންފަތުގައި ގުގުމާލައިގެން އައީ ޝީރީންގެ ޖުމްލަ އެކެވެ.
''އެއީ އަޒްޔާންގެ މަންމަ އިހާނެތި ހާލު ޖެހެން މެދުވެރިވި މީހުންނަކީ، އެއީ ކުށްވެރިންތަކެއް... އެމީހުނަށް ސަޒާ ލިބެންޖެހޭނެ، ޒައިނަބު އުފުލި ހިތާމަތަކުގެ އަގު އެމީހުންޖެހޭނެ އަދާކުރަން، އެމީހުނަށް އުފަލެއް ލިބުން ހައްޤެއް ނޫން..., .... އަޒްޔާން އެއިން އެކަކާ މެދު ވެސް ވިސްނަން ހަދާނެކަމެއް ނެތް، ޖައުފަރުގެ ފަރާތުން ބަދަލު ހިފަންވީ ވަގުތު މީ...'' އަޒްޔާންގެ ސިކުނޑި އޭނައަށް ކުރިއަށް ދާންވީ ރާސްތާ ދައްކާލަދިން ފަދައެވެ. އެއާއެކު އޭނަގެ މޫނުމަތިން ފާޅުވެގެން އައީ ރުޅިވެރިކަމެވެ.