ކުއްލިއަކަށް ހަމަހިމޭންކަމުން މުޅި މާހައުލު ހިސާރު ކޮށްލައިފިއެވެ. ކަރުނުން ފުރިފައިވާ ދެލޮލުން ޖަނާއަށް ބަލަހައްޓައިގެން ބަތޫލް ހުރިއިރު އެލޮލުގައި ވަނީ ޝަކުވާއެވެ. އެކުވެރިޔާއަށް ކުރި އިތުބާރު ގެއްލިފައިވުމުން ހިތާމަޔާއި ރުޅިވެރިކަމުގެ އަސަރު އޭނަގެ މޫނުމަތިން ފެންނަމުން ދިޔަ އެވެ. އޭނަ މަނާކުރުމުން ވެސް ޖަނާ އަޒްޔާން ގާތަށް ދިއުމުން އޭނަ ހުރީ ޖަނާ ދެކެ ހިތްހަމަނުޖެހިފައެވެ. އޭގެ އިތުރުން އަޒްޔާން އޭނައާއި ވާހަކަދެއްކި ގޮތުން އޭނައަށް އިތުރު އަނިޔާތަކެއް ވެސް ލިބިފައި ވިއެވެ.

''ޖަނާ...'' ހަމަހިމޭންކަމުގެ ތެރެއަށް ގެނބެމުން އައި ކޮޓަރިތެރޭގައި ހިންދުގެ އަޑު ގުގުމާލައިފިއެވެ. ބުމަ ކައިިރިކޮށްލަމުން އޭނަ ޖަނާއާއި ދިމާއަށް ލޯހަނިކޮށްލިއެވެ. އަދި އަވަސް ހިނގުމެއްގައި އައިސް ޖަނާއާއި ކުރިމަތިލައިފިއެވެ. ލިބިފައިވާ ފުރުސަތުގެ ސަބަބުން އޭނަގެ މަޤުސަދު ހާސިލުކުރަން ފަސޭހަވާނެކަން ހިންދުއަށް އެނާޒުކު ވަގުތުގައި ވެސް ވިސްނައިގަނެވުނެވެ. ބަތޫލް ކުރި އިތުބާރުގެ ނާޖާއިޒް ފައިދާ ޖަނާ ނެގުމުގެ ސަބަބުން އެކުވެރިކަމުގެ ގުޅުމުގައި މިހާރު ވާނީ ރެނދު ލާފައެވެ. ޖަނާގެ ފަދަ ނުބައި އެކުވެރިޔެއްގެ ފެށުން އޭނަގެ ދަރިފުޅު ރައްކާތެރިކުރަން މިނޫން ފުރުސަތެއް އޭނައަށް ނުލިބޭނެއެވެ. އޭނަ ހަމަޖެހުމުގެ ނޭވާއެއް ވެސް ދެން ލާނީ ޖަނާގެ މުސީބާތުން ސަލާމަތްވި ހިނދަކުންނެވެ. ނުވީތާކަށް ޖަނާ ކުރިކަންތަކުން އޭނަގެ ހިތުގައި ބިރުވެރިކަން ވެސް އުފެދިފައި ވިއެވެ. ޖަނާ އެވަނީ ކަމަކަށް އަޒުމު ކަނޑައަޅާފައެވެ. އެއަޒުމު ފުރިހަމަ ނުވުމަށް ހުރަސްތަކެއް ކުރިމަތިކުރުވަން އެބަޖެހެ އެވެ. އެހެންނޫންނަމަ ބަތޫލް އޭނައަށް ގެއްލޭނެއެވެ. ނުވީތާކަށް އެޖާހިލު ކިއްލާއަށް ބަތޫލް ދިއުމުގެ ފުރުސަތު ވެސް އެބަ އޮތެވެ.

''ތީ ކޮންކަހަލަ އެކުވެރިޔެއްތަ؟... ބަތޫލްއަށް ހަމަޖެހުމެއް ވެސް ލިބޭކަށް ޖަނާ ބޭނުމެއް ނުވޭދޯ؟، އެކުވެރިއެކޭ ބުނެފަ ދުޝްމަނުން ކުރާ ކަންތަކެއްނު ތިކުރަނީ... ބަލަ ޖަނާ ނުޖެހޭނެޔޭ އޭނަ ގާތަށް ދާކަށް... ކޯޗެއް ސާބިތުކޮށްދޭން ޖަނާ ތިއުޅެނީ؟... ބުނެބަލަ، ތިހެން ހިމޭނުން ހުުރުމަކުން ވާނެ ފައިދާއެއް އެބައޮތްތަ!، މަށަށް ރަގަޅީ ދެން މީގެ ފަހުން ޖަނާ މިގެއަށް ނައިއްޔާ، މިހާރު ވެސް ކުރެވުނު ކަންތައް ކުޑައެއް ނޫން ވިއްޔާ!...'' ދުލު ކުރީގައިވި ނަފްރަތުގެ ހޫނު ހިންދު ބޭރުކޮށްލިއެވެ.

''ބަތޫ...'' ހިންދުއަށް ސަމާލުކަން ދިނުމުގެ ބަދަލުގައި ޖަނާއަށް ގޮވާލެވުނެވެ. އޭގެ ސަބަބުން ހިންދުގެ ރުޅިވެރިކަން ގަދަވުން ނޫންކަމެއް ނުވިއެވެ.

''ކޮން ބަތޫ އެކޭ ކިޔާކަށް!، ތީ އެކުވެރިކަމުގެ ނިވަލުގައި ފިލާ ހުރި ދުޝްމަނެއް!، ތިކަހަލަ މީހުން ބޭނުމެއް ނުވާނެ އަނެކަކަށް ކުރިއެރުމެއް، އުފަލެއް ލިބޭކަށް!!...'' ހިންދުގެެ މޫނުގެ ކުލަވަރު އޮއްސިފައިވާވަރުން އެމޫނަށް ބަލަން ކެރޭވަރެއް ވެސް ނޫނެވެ. އޭނަ ހީވަނީ ޖަނާ ރޮލާ ކައިލަފާނެހެންނެވެ. ރުޅިވެރިކަމުން އެނދި ކަމުގައި ވިޔަސް އޭނަ ބަސްތައް އަތުރަމުން ދިޔައީ ބަތޫލްގެ ވިސްނުން ކިލަނބު ކުރެވޭ ފަދަ ގޮތަކަށެވެ.

ހިންދުގެ އަމަލުތަކުން ޖަނާ ހުރީ ބޮލަށް އުނދަގޫވެފައެވެ. އޭނައަށް ބަތޫލްއާއި ވާހަކަދައްކާލާނެ ފުރުސަތެއް ވެސް ހިންދު ނުދިނެވެ. އޭގެ ސަބަބުން އަޒްޔާންއަށް ހިންދު ކަމަކަށް މަޖުބޫރުކުރީކަން ޖަނާއަށް ޔަޤީން ވާން މޮޅު ވިސްނުންތެރިއެއްގެ ބުއްދިއެއް ބޭނުމެއް ނުވިއެވެ. ހިންދުގެ ރުޅިވެރި ބަސްތަކާއި ކޮންމެ އަމަލަކުން ހަނާ އަޅަމުން ދިޔައީ ކަމަކަށް ފަސްއަޅައި ފޮރުވަން އުޅޭ ކަމަށެވެ. ހިންދުގެ އެސިފަ އޭނައަށް ފެނުނު ފުރަތަމަ ފަހަރަކީ ވެސް އެއީއެވެ. ކަމެއް ނުވެ އިންސާނަކަށް އެފަދަ ބޮޑު ބަދަލެއް ނާންނާނެއެވެ.

''ބަތޫލް އަހަރެން ބުނަން މިއުޅޭ އެއްޗެއް އަޑުއަހާބަލަ، އޭރުން އެނގޭނެ އަހަރެން އަޒްޔާން ގާތަށް ދިޔައީ ކީއްވެކަން...'' ޖަނާއަށް ގޮތް ހުސްވާން ކައިރިވުމާއެކު ބުނެލެވުނެވެ. އެއާއެކު ކުރިމަތިން އިފުރީތެއް ފާޅުވިޔަސް ނުގަންނާނެ ފަދަ ބިރުވެރިކަމެއް ހިންދުގެ ނާރުތަކުގެ ތެރޭގައި ހަލުވިމިނާއެކު ދައުރުވެލީ ހިށިގަނޑަށް އެނގުން ގެނުވާފައެވެ. އެއާއެކު އޭނައަށް ހިންދިރުވާލެވުނީ އުނދަގުލުންނެވެ. ޖަނާއަށް ހަޤީޤަތް އެނގުނީ ހެއްޔެވެ؟ އަޒްޔާން ހުރިހާކަމެއް ފާޅުކުރީ ހެއްޔެވެ؟ ސިކުނޑީގައި އަވަސް ބާރުމިނުގައި އެނބުރެންފެށި ސުވާލުތަކުން ހިންދުގެ ހިތް އަވަސްވާން ފެށީ މީހާއަށް ހާސްކަން ގެނުވަމުންނެވެ.

''ޖަނާ ދެން ދިޔައްޔާ އަހަންނަށް ރަގަޅީ، ޔޫ ހޭވް ޑަން އިނަފް ޑެމޭޖް... ޕްލީޒް ގޯ...'' ޖަނާއަށް ފުރަގަސް ދެމުން ބަތޫލް ބުނެލިއެވެ. އެއާއެކު ހިންދުއަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނަ ހަށަން ބަނދެލަމުން ޖަނާގެ ކުރިމައްޗަށް ހުއްޓުނީ ހުރަހެއްގެ ގޮތުގައެވެ. ބަތޫލްއާ ހަމައަށް ވާސިލު ނުވެވޭނެހެންނެވެ.

''އަޑުއިވިއްޖެއެއްނު!... ދާން އުޅޭ މިތަނުން، ދެން މަށަށް ރަގަޅީ ޖަނާ ނައިއްޔާ...... ތީ އެކުވެރިކަމެއް ނޫން، ތިއަށް ކިޔަނީ ހަސަދަވެރިކަމޭ!!!...'' ގޭގެ މަރިދޮރާއި ދިމާއަށް އިޝާރާތް ކުރަމުން ހިންދު އިއްވާލިއެވެ. ހިންދުއަށް ބަލާލަމުން ޖަނާއަށް އަނެއްކާ ވެސް ބަތޫލްއަށް ބަލާލެވުނެވެ. އޭނައަށް ދުރުގައި ހުރި ޝުޖާއު ވެސް އެވަގުތު ފެނުނެވެ. ޝުޖާއުގެ ބެލުމުގައިވި ނުރުހުމުގެ އަސަރުތަކުން ޖަނާގެ ހިތަށް ތަދުވިއެވެ. ހީވީ އޭނައަށް ނުބައިކަމެއް ކުރެވުނު ހެންނެވެ.

''އަހަރެން ބުނެލަން ބޭނުންވަނީ ހަމަ އެންމެ އެއްޗެއް... އެއްވެސް ކަމެއް ދުނި އުމުރަށް ނުފޮރުވޭނެކަން... ހުރިހާ ކަމެއް އެނގޭ ދުވަހަކުން އަހަރެން ހުންނާނަން ބަތޫލްއަށް އެހީވެދޭން، އަބަދު ވެސް އެހީވެދިން ގޮތަށް، އެދުވަހަކަށް އަހަރެން އިންތިޒާރުކުރާނަން...'' އެންމެ ފަހުން ޖަނާއަށް ޖެހުނީ ބަލި ޤަބޫލުކުރާށެވެ. ހިންދުގެ ސަބަބުން އޭނައަށް ކުރިއެރުމެއް ނުލިބޭނެކަން އެނގޭތީއެވެ. އެވަގުތު އޭނަ ހިތާހިތުން ކަމަކަށް ނިޔަތް ގަތެވެ. އަޒްޔާން އޭނައަށް ކިތަންމެ ވަރަކަށް ރޯޅިބެލީކަމުގައި ވިޔަސް އޭނަ ދެން ދޫކުރާނީ ސިއްރުތަކުގެ ފުނަށް ފީނުމަށްފަހުގައެވެ. ހިންދުގެ އަތެއް އަޒްޔާންގެ މިޒާޖަށް އައިސްފައިވާ ބަދަލުތަކުގެ ފަހަތުގައި ވާނެކަން ގައިމެވެ. ފެންނަ ހެކިތަކުން އެކަމަށް ދަނީ ބާރު އަޅަމުންނެވެ.

ބަތޫލްއަށް ޖަނާ ބުނި ޖުމަލް ފަހުމު ކުރެވޭ ގޮތެއް ނުވުމުން ފަސްއެނބުރި ބަލާލެވުނެވެ. ޖަނާ އެބުނީ ކީކޭ ހެއްޔެވެ؟ ޖަނާ މާނަ އެކުރީ ކޮން ކަމަކަށް ހެއްޔެވެ؟ އޭނައަށް ނޭގޭ ކަންތައް ގަނޑެއް ހިނގަނީ ހެއްޔެވެ؟ ނަމަވެސް ވިސްނާވިސްނާ ބަތޫލްއަށް އެޖުމްލައިގެ މާނަ ދޭހަކުރެވޭ ގޮތެއް ނުވިއެވެ. ސުވާލުކޮށްލަން ބޭނުންވިކަމުގައި ވިޔަސް މަންމަގެ ސަބަބުން އޭނައަށް އެފުރުސަތު ވެސް ގެއްލުނީއެވެ.

ފުންނޭވާއެއް ދޫކޮށްލަމުން ޖަނާ ހިނގައިގަތީ ގޭގެ މައިދޮރާއި ދިމާއަށެވެ. ޖަނާ ދިޔަ ދިމާއަށް ބަލަން ހުރި ހިންދު ހީވަނީ ކަމަކާ މެދު ފިކުރު ބޮޑުވެ ހާސްވެފައިވާހެންނެވެ. ނުވާންވީ ވެސް ކީއްވެ ހެއްޔެވެ؟ ޖަނާ ދަމުން ބުނެލި ޖުމްލަ ނުސީދާ ބަހުން އަމަޒުކޮށްފައިވަނީ އޭނަ އަށެވެ. އެކަން ނުވިސްނޭހާ އޭނަ ގަމާރެއް ނޫނެވެ.

''ކިހިނެއްތަ އޭނައަށް އެނގުނީ؟... އެއަޒްޔާން ބުނީތަ؟.... ނޫން، ނޫން، އެހެނެއް ނުވާނެ!... އެކަމަކު އިތުރު ގޮތަކުން ޖަނާއަކަށް އެނގޭނެ ގޮތެއް ނޯންނާނެ، މިފަހަރު އޭނައަށް ކުޅި ދައްކާލަން، މަށަކީ ކާކުކަން އޭނައަށް އެނގޭނެ، ހިމޭންކަމާއެކު ދާށޭ ބުނީމަ ވެސް ގޮތުގަ އޭނަ ހިފަހެއްޓީ... މިހާރު އެޖަނާގެ ފުށުން ވެސް ސަލާމަތްވާން އެބަޖެހޭ، އޭނަ ދިޔަޔަސް އަދި ހުއްޓައެއް ނުލާނެކަން މަށަށް ޔަޤީން، ބަތޫލް ވީހާ ވެސް އަވަހަކަށް ފޮނުވާލަންވީ... އޭރުން މިމުސީބާތުން މިންޖުވެވޭނީ!'' ހިންދުއަށް ދަތްތަކަށް ބާރު ލެވުނެވެ. ނަމަވެސް ރުޅިވެރިކަން އިސްކުރުމުގެ ބަދަލުގައި މިއީ ވިސްނުން ތެރިކަމާއެކު ކުރިއަށް ދާންޖެހޭ ވަގުތުކަން އޭނަގެ ޒަމީރު ހަނދާންކޮށްލަ ދިނެވެ. ވަގުތާއި ހާލަތު ވަނީ ވަރަށް ނާޒުކު ފަތްތަރެއްގެ މަތީގައެވެ. ފަރުވާތެރި ނުވެވިއްޖެނަމަ ލެވިފައިވާ ރެނދުތައް ފުޅާވެ ފުނޑުފުނޑުވެގެން ދާން ގިނައިރެއް ނުނަގާނެއެވެ. އޭގެ ކުރިން އެރެނދުތަކަށް ދާއިމީ ހައްލެއް ބޭނުން އެބަ ވެއެވެ. ޖަނާ ދަމުން އެދިޔައީ އޭނަގެ ހަމަޖެހުން ވެސް ނަގާލުމަށްފަހުގައެވެ.

''ދަރިފުޅާ ހުރިހާކަމެއް މަތިން ހަނދާން ނައްތާލާ... އޭނަ ބޭނުންވަނީ ދަރިފުޅުގެ ހަމަޖެހުން ގެއްލެން، އެނޫންނަމަ އޭނަ ކީއްކުރަން އަޒްޔާން ގާތަށް ދާންވީ؟، އޭނައަށް ހުރިހާކަމެއް ވެސް އެނގޭ، ދެން ވެސް އޭނަ ދާނީ ބަތޫލްއަށް ދެރައެއް ދޭން ނޫން އިތުރު ކޮންކަމެއްގަ؟... އެކަހަލަ ނުބައި މީހުންގެ ސަބަބުން ކިތައް ދިރިއުޅުން ހަލާކުވަނީ؟، ރަގަޅަށް ވިއްޔާ އޭނައާއި އަޒްޔާން ބައިވެގެން ދަރިފުޅުގެ އުފާވެރިކަން ނެތިކޮށްލަން އެއުޅެނީ، ހަސަދަވެރިކަމަކީ އެފަދަ އެއްޗެއް...'' ބަތޫލްގެ ވިސްނުން ފަސާދަކުރަން ހިންދު އަވަސްވެގަތެވެ. ޖަނާގެ ފަހު ޖުމްލައާ މެދު ބަތޫލް ފިކުރު ހިންގާކަން އެމޫނުމަތިން ހިންދުއަށް ފާހަގަ ކުރެވުނެވެ. އޭގެ ސަބަބުން ލިބިފައިވާ ހާސްކަން ނެތިކޮށްލެވޭނެ ގޮތްތައް ވެސް ހިންދުއަށް އެނގެއެވެ. އޭނައަކީ އެކަންތަކުގައި މާހިރެއް ފަދައެވެ. ލިބިފައިވާ ހުނަރުން އެލަނޑުދަނޑިއާ ހަމައަށް ވާސިލުވާން ގިނަ އިރެއް ބޭނުމެއް ނުވިއެވެ.

ހިންދު ބަތޫލް ގެންގޮސް އެނދުގައި ބޭންދި އެވެ. އަދި ދަރިފުޅުގެ ހިތާމައިގައި ބައިވެރިވާން އަވަސްވެގަތް ހިނދު އޭނަގެ އެކްޓުކުރުމުގެ ހުނަރަށް އިނާމުދޭހާ ވެއެވެ. ބަތޫލްއަށް ދެވުނު ސަމާލުކަމާއެކު ޝުޖާއު މަތިން ހިންދު ހަނދާނެއް ވެސް ނެތެވެ.

ބަތޫލް ގާތު އޭނަގެ މަންމަ ހުރުމުން ޝުޖާއު ހަރު ފިޔަވަޅުތަކެއްގައި ގޭގެ މައިދޮރާއިދިމާއަށް ހިނގައިގަތީ އަދި ލިފްޓާ ހަމައަށް ޖަނާއަށް ނުދެވޭނެކަން އެނގޭތީއެވެ. ޖަނާ ކުރިކަމަކުން އޭނަ ނުރުހިފައިވާވަރު ހާމަވެއެވެ.

*****

''ޖަނާ!...'' ލިފްޓުގެ ފިތަށް އޮބާލި ޖަނާ ސިހުނީ ދާދި ގާތުން އިވުނު ޝުޖާއުގެ އަޑުންނެވެ. އެއަޑުން ހިތުގެ ވިންދު އަވަސް ކުރުވި ކަމުގައި ވިޔަސް އޭގައި އެކުލެވިގެންވި ނުރުހުމުގެ ނިޝާންތަކުން އޭނައަށް އުނދަގޫކުރުވިއެވެ.

''ވަޓްސް ރޯންގް ވިތް ޔޫ؟... ކީއްވެ އޭނަ ގާތަށް ދިޔައީ؟ އެއްފަހަރު ވެސް ބުނާ ގޮތަށް ކަންތައް ނުކުރެވެނީ ކީއްވެތަ؟... މިއަދު ޖަނާގެ ސަބަބުން އަނެއްކާ ވެސް އިހުގެ ހާލަތަށް ބަތޫލް އެދިޔައީ... އެތައް ދުވަހަކަށް ފަހު ލިބުނު ކުރިއެރުން ގެއްލިގެން ދިޔައީ... ޖަނާ ބޭނުންވަނީ ކޮންކަމެއްތަ؟، ތިއީތަ ހެޔޮއެދޭ މީހުން ކަންތައް ކުރާ ގޮތަކީ؟... ބަލަ މަޑުން ނުހުރެ އަހަރެން މިކުރާ ސުވާލުތަކަށް ޖަވާބު ދީބަލަ...'' ޝުޖާއުގެ އަޑުގައި ނުރުހުމާއި ރުޅިވެރިކަން ވިއެވެ.

ބަތޫލްއަށް ދޭން ފެންތައްޓެއް ބަލާ ދާން އެނދުން ތެދުވުނު ހިންދުއަށް ޝުޖާއު ނެތްކަން ފާހަގަ ކުރެވުނެވެ. އެއާއެކު ހިތަށް ވެރިވި ސުވާލާއެކު އޭނައަށް ތެޅިފޮޅިގަނެވުނެވެ. ޖަނާގެ ފަހަތުން ޝުޖާއު ދިޔައީ ހެއްޔެވެ؟

*****

''ޝުޖާ، އެއްފަހަރު ވެސް އަހަރެން ދައްކަން މިއުޅޭ ވާހަކަ އަޑު އަހާބަލަ، އަހަރެން އަޒްޔާއާ ބައްދަލުކުރަން ދިޔައީ......''

''ޝުޖާއު!...'' ޖަނާ ދައްކަމުން ދިޔަ ވާހަކަތައް ހުއްޓާލަން ޖެހުނީ ތަންކޮޅެއް ބާރަށް އިވުނު ހިންދުގެ އަޑަށެވެ. ޝުޖާއުއަށް އަވަސް އަވަހަށް ފަސްއެނބުރި ބަލާލެވުނީ ބަތޫލްއަށް ކަމެއްވީ ކަމަށް ހިތާއެވެ. އޭނަ ޖަނާއަށް ދިން ސަމާލުން ހިންދުއަށް އަނބުރާލަމުން މިސްރާބުޖެހީ ހިންދު ގާތަށެވެ.

''ޝުޖާ ދޭބަލަ ބަތޫލް ގާތަށް، ދައްތަ ދައްކާ ވާހަކައަކަށް ބަތޫލް ސަމާލުކަމެއް ނުދޭ... ރުއިން ވެސް ހުއްޓާލީކީ ނޫން...'' އަޑަށް މޮޅިވެރިކަން ގެންނަމުން ހިންދު ބުނެލިއެވެ.

ނުރުހުމާއެކު ޖަނާއަށް ބަލާލަމުން ޝުޖާއު އެތެރެއަށް ވަނެވެ. ޝުޖާއުގެ އެބަލާލުމުން ޖަނާއަށް ލިބުނު މާޔޫސްކަމާއެކު މެޔަށް ތޫނު ރިހުމެއް އެރިއެވެ. އެވަގުތު ލިފްޓު ހުޅުވުމާއެކު އޭނަ ލިފްޓުގެ ތެރެއަށް ދެމިގަތެވެ. އަދި ލިފްޓު ލައްޕާލާ ފިތަށް އޮބާލަމުން އިސްއުފުލާލި ތަނާ ރުޅިވެރިކަމާއެކު އޭނައަށް ބަލަން ހުރި ހިންދު ލޮލުގައި އަޅައިގަތެވެ. ހިސާބަކަށް އެމޫނުމަތިން ކާމިޔާބުގެ ލިސާންތަކެއް ފާޅުވާހެން ޖަނާއަށް ހީވިއެވެ. ލިފްޓު ލެއްޕުނީ ވެސް އޭނަ އެޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ވަނިކޮށެވެ.

*****

ބަތޫލްގެ ކޮޓަރިއަށް ޝުޖާއު ވަންއިރު ބަތޫލް އިނީ އެނދުގެ ހެޑްބޯޑަށް ލެނގިލައިގެން ދެލޯމަރާލައިގެންނެވެ. އެމޫނާއި އެސްފިޔަތަކުގައި އެކުލެވިފައިވި ކަރުނައިގެ ތެތްކަން ފެނި ޝުޖާއުގެ މެޔަށް ބާރުވި ފަދަ އިހުސާސެއް ކުރެވުނެވެ. ބަތޫލްގެ ހިތާމަތައް ލުއިކުރަން އޭނަ ކުރާހާ މަސައްކަތެއް ދަނީ ފެނުފުލުންނެވެ. އެހުރިހާ ކަމަކުން ސާބިތުކޮށްދޭ ކަންތަކުން އޭނަގެ ހިތަށް ވަކިން ބޮޑު ތަކުލީފެއް ލިބެއެވެ. ނަމަވެސް ބަލި ޤަބޫލުކުރާކަށް އޭނަ ބޭނުމެއް ނުވެއެވެ. ކޮންމެވެސް އެއްދުވަހަކުން ބަތޫލްގެ ހިނިތުންވެފައިވާ މޫނު އޭނައާއި ބައްދަލުކުރާނެ ދުވަހަކަށް އޭނަ އިންތިޒާރުކުރެއެވެ. އެލަނޑުދަނޑި ހާސިލުކުރެވެން ދެން އޭނަ ހިތްވަރު އެލުވާނުލާނެއެވެ.

''ހޭއި...'' ބަތޫލްގެ މަގަތުގައި އިށީއްނަމުން ފުންނޭވާއެއް ދޫކޮށްލުމަށްފަހު ޝުޖާއު ބަތޫލްއާއި ވާހަކަދެއްކިއެވެ.

''ވައި ޑިޑް ޝީ ޓޫ ދެޓް؟، އައި ތޯޓް ޝީ ވޯޒް މައި ފްރެންޑް...'' ލޯހުޅުވާލަމުން ބަތޫލް އެހި އެވެ. ހިންދުގެ ވާހަކަތަކުން ބަތޫލްގެ ސިކުނޑިއަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. އޭރު ބަތޫލްގެ ލޮލުން ކަރުނަ ހިލިފައި ވިއެވެ.

ޝުޖާއު ބަތޫލް ގާތަށް ޖެހިލަމުން ބަތޫލްގެ ލޮލުން ފޭބި ކަރުނަތައް ފޮހެލަދިނީ އަސަރާއެކުގައެވެ. ބަތޫލްއަށް އެވަގުތު ޝުޖާއުގެ އަތުގައި ހިފާލެވުނެވެ. އަދި އިސްއުފުލާ ޝުޖާއުގެ މޫނަށް ބަލާލެވުނެވެ. އެކަޅުކަންގަދަ ދެލޮލުގެ ފުންމިނުގެ ތެރޭގައި ފޮރުވިފައިވާ ޖާދޫގެ ތެރޭގައި ބަތޫލްގެ ނަފުސު ހައްޔަރު ވިއެވެ. ކީއްވެގެން ކަމެއް ނޭގުނެވެ. އެދެމެދުގައި ބާރެއް އުފެދެން ފެށިކަމުގެ އިހުސާސް ބަތޫލްއަށް ކުރެވުނެވެ. ކުޑަ ވަގުތުކޮޅަކަށް ވިޔަސް އޭނަގެ ހިތާމަޔާއި ވޭނީ ފަސާނާ މަތިން ހަނދާން ނެތުނެވެ. ޝުޖާއުގެ އޯގާތެރިކަމުން އޭނަގެ ނަފުސަށް ފިނިކަން ހޯދައި ދިނެވެ.

''އަހަރެން ބޭނުމީ އަޒްޔާން މަތިން ހަނދާން ނައްތާލަން، އެކުގައި އުޅުނު ދުވަސްތައް ހަނދާން ކުރާކަށް އަހަރެން ބޭނުމެއް ނޫން... މިއަދު އަހަންނަށް އިހުސާސް ވެއްޖެ އެއީ ހަމައެކަނި އަހަންނަށް ވެވުނު ލޯތްބެއްކަން، އަޒްޔާން އަހަރެން ބޭނުންކުރީ އޭނަގެ ހިތާމަތަކާއި ރުޅިވެރިކަމަށް ފަރުވާއެއް ކަމުގައި، އަހަރެން އޭނައަށް ޓަކައިވި ޤުރުބާނީތައް މަތިން ވެސް އޭނަ ހަނދާނެއް ނެތް... އެކަހަލަ މީހެއް މަތިން ހަނދާންކޮށް ރޯކަށް އަހަރެން ބޭނުމެއް ނޫން، އައި ހޭޓް ހިމް... އައި ޖަސްޓް ހޭޓް ހިމޭން...'' ކުއްލިއަކަށް ޝުޖާއުގެ ގައިގައި އޮޅުލައިގަންނަމުން ބަތޫލް ހިތުގެ އުދާސްތައް ބޭރުކޮށްލިއެވެ. ބަތޫލްގެ އެކުއްލި ހަރަކާތުން އިރުކޮޅެއް ވަންދެން ޝުޖާއުއަށް އިނދެވުނީ ގަނޑުވެފައެވެ. ނަމަވެސް ހިއްސުތައް މަސައްކަތްކުރަން ފެށުމާއެކު ބަތޫލްގެ ހަށިގަނޑު އޭނަގެ ދެއަތުން ވަށާލީ ހިމާޔަތުގެ ރަމްޒެއްގެ ގޮތުންނެވެ. ބަތޫލްއާއެކު އަބަދު ވެސް ގާތުގައި އޭނަ ވާނަން ކަމުގެ ހެއްކެއްގެ ގޮތުގައެވެ.

''އަހަރެން މުޅިން އެކަނިވެރި ވެއްޖެ...'' ޝުޖާއުގެ މޭގައި މޫނު ފޮރުވާލަމުން ބަތޫލް ބުނެލިއެވެ. އޭރު އޭނައަށް ރަގަޅަށް ވެސް ރޮވިއްޖެއެވެ. އަޒްޔާންގެ ހަނދާންތަކާއި ދުރުވާން އޭނަ ބޭނުމެވެ. އެލޯބި ހަނދާން ނައްތާލަން ވެސް މެއެވެ. މާޒީގެ ބަނަ ދުވަސްތަކުގެ ތެރޭގައި ހަފުސްވާކަށް އޭނަ ނޭދެއެވެ. އުފާވެރިކަމުގެ ދުނިޔެއަށް އޭނަ ގެންގޮސްދޭނެ އަތަކަށް އޭނަ ވަނީ ނުހަނު ބޭނުން ވެފައެވެ. އެކަނިވެރިކަމުގެ ހިޔަނީގައި ބަނދެވެން އެދޭނީ ފަހެ ކާކު ހެއްޔެވެ؟

''ޝްޝްޝްޝް...'' އެއްއަތުން ބަތޫލްގެ އުނަގަނޑު ވަށާލަމުން އަނެއްއަތުން ބަތޫލްގެ އިސްތަށިގަނޑުގައި ލޯތްބާއެކު ޝުޖާއު ފިރުމާލިއެވެ. ''ކޮންމެ ކަމެއް ހިއްސާކުރަން ބޭނުން ވިޔަސް އަހަރެން އަބަދު ވެސް ބަތޫލްއާއެކު ވާނަން، އެކަނިވެރިކަން އިހުސާސް ވިޔަ ނުދޭނަން... އައި ޕްރޮމިސް...''

ޝުޖާއުގެ އޯގާތެރިކަމާއި ހިތްހެޔޮކަމުން ބަތޫލްގެ ނަފުސަށް ހަމަޖެހުން ލިއްބައިދިނެވެ. ހިތްފުރެން ދެން ކަރުނަ އޮއްސުމަށްފަހު އޭނަ ޝުޖާއުއާއި ދުރަށް ޖެހިލިއެވެ. އަދި ގަދަކަމުން ހިނިތުންވެލީ ޝުޖާއުއަށް ޝުކުރުވެރިވުމުގެ ގޮތުންނެވެ.

''އަހަރެން މާޔޫސްވާ ކޮންމެ ވަގުތަކު ޝުޖާ އަހަންނާއެކު ވުމުން އަހަންނަށް ހިތްހަމަޖެހުން ލިބޭ، ހިތާމަތަކާ ދުރުވާން އިތުރު ބާރެއް ލިބޭ... ތެންކިއު...'' ޝުޖާއުގެ މޫނަށް ބަތޫލް ނަޒަރު ހިންގާލިއެވެ. އޭރު ޝުޖާއު ބަތޫލްއަށް ހިނިތުންވުމެއް ރައްދުކޮށްލަނީއެވެ. އެލޮލުގައި ފޮރުވިފައިވާ ލޯބި ބަތޫލްއަށް އިހުސާސްވާނެ ނަމައޭ ޝުޖާއުގެ ހިތަށް އެވަގުތު އެރިއެވެ.

''އައެމް ފައިން ނައު...'' ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ބަތޫލް ބުނެލިއެވެ. އެއާއެކު ޝުޖާއު ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ.

*****

ބަތޫލްއަށް ދޭން ފެންތައްޓެއް ހިފައިގެން އައި ހިންދު ދޮރުކުރިމަތީ ހުއްޓި ހުރިއިރު އޭނަގެ މޫނުމަތިން ހަމަޖެހުމުގެ އަސަރު ފެނެއެވެ. ޝުޖާއުގެ ސަބަބުން ބަތޫލްގެ ތަބީއަތަށް އަންނަ ބާރުން އޭނަ ހިތްހަމަޖެހުނެވެ. ކޮންމެ ފަދަ ހާލެއްގައި ވެސް ބަތޫލްގެ ހިނިތުންވުމަށް ޝުޖާއު ހާއްސަ ސަމާލުކަމެއް ދޭކަން އޭނައަށް ވަނީ ފާހަގަ ކުރެވިފައެވެ. ބައެއްފަހަރު އެކަމުގެ ފަހަތުގައި އިތުރު ސަބަބެއް ވެދާނެއޭ ވެސް ހިންދުގެ ހިތަށް އަރައެވެ. ނަމަވެސް އެކަމާ މެދު ސުވާލު ނުއުފައްދަނީ އޭނައަށް ކުރެވޭ ކުށްހީއެއް ކަމުގައި ވެދާނެތީއެވެ.

*****

އެއްދުވަސް ފަސް......

ދުވަސްތަކަށް ފަހު ވިޔަފާރި ދަތުރު ނިންމާލާފައި ފިރިމީހާ އަންނާތީ މާރިޔާ އުޅުނީ ގަދަޔަށް ކައްކާށެވެ. އޭނައަށް އަތްގާތްކޮށްލަ ދިނުމުގައި ނޯކަރުންތައް އުޅެއެވެ. ކެއްކުމަށް ސަމާލުކަން ދީގެން އުޅުނު މާރިޔާގެ ސަމާލުކަން އޭނަގެ ފޯނަށް ދެވުނީ ފޯނު ވައިބްރޭޓްވާން ފެށުމުންނެވެ. އަވަސްއަވަހަށް އޭނަ ފޯނު ނެގީ ނޫހު ކަމަކަށް ހީކޮށެވެ. ނަމަވެސް ހިންދުގެ ނަންނަ އަރާފައި އިނުމުން ކިހިނެއްވީބާއޭ ހިތާ ސުވާލުކުރަން އޭނަ ފޯނު ކަންފަތުގައި ޖައްސާލި އެވެ.

''ހަލޯ... ބިޒީތަ؟...'' ހިންދު އަހާލި އެވެ.

''އާނ، ކަމަކުތަ ތިގުޅީ؟...'' ކައްކަން އުފާދައި ހުރި ތެއްޔަށް ސަމާލުކަން ދޭން ނޯކަރަށް އަތުން އިޝާރަތްކޮށްލަމުން މާރިޔާ އެއްފަރާތަކަށް ޖެހިލިއެވެ. އޭނައަށް ހިންދުގެ އަޑުގައިވި ހާސްކަން ނަގައިގަނެވުނެވެ.

''އާނ، ކަމެއް ގޯސްވެގެން މިއުޅެނީ... މަށަށް ހީވަނީ ޖާނައަށް ޝައްކުވެއްޖެހެން... އޭނަ އިހަށްދުވަހު ގެއަށް އައިސް ވާހަކަދެއްކި ގޮތުން މަށަށް ހީވަނީ އޭނައަށް ކޮންމެވެސް ކަމެއް އެނގޭހެން... އޭނަ ބަތޫލްއަށް ފޯނު ވެސް ކުރި މިއަދު، ނަސީބެއް މަށަށް އެތާ ހުރެވުނުކަން، އެހެންނޫންނަމަ އޭނައަށް އެނގޭ އެއްޗެއް ބަތޫލް ގާތު ބުނެފީސް... މަ ބަތޫލް ގާތު ޖަނާ ނުބައިކޮށްފަ ދެއްކި ވާހަކަތަކުން ބަތޫލްއަށް އަސަރުކޮށްފައިވޭ އެކަމަކު ވެސް އަހަރެންގެ ހިތް އެބަ ބިރުގަނޭ......'' ހިންދުގެ އޭނައަށް ޖެހިފައިވާ މުސީބާތް ކޮއްކޮއާއި ހިއްސާކޮށްލީ ޚިޔާލު ބޭނުން ވެފައި ވާތީއެވެ، ވަގުތު ފާއިތުނުވަނީސް ހަރުކަށި ފިޔަވަޅު އަޅަން އޭނަ ވަނީ ގަސްދުކޮށްފައެވެ.

ކޮމެންޓް 0