''ދާންވީ ދޯ؟...'' ބޭނުންވާ ސާމާނުތައް ހަމަކުރެވުމާއެކު މީޝެލް އައިސް ސޯފާތައް ކައިރިއަށް ހުއްޓިލަމުން އަޒްޔާނަށް ބަލާލުމާއެކު އަޒްޔާން ވާހަކަދެއްކިއެވެ. އެއާއެކު މީޝެލް ބޯޖަހާލީ އެސުވާލަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. ދެކެވުމުން ދިޔަ ވާހަކަތައް އޭރު ވަނީ ހުއްޓުމަކަށް އަތުވެފައެވެ. އަޒްޔާން ސޯފާއިން ތެދުވުމާއެކު ބަތޫލްގެ އިތުރުން ޝުޖާއު ވެސް ތެދުވެއްޖެއެވެ.

''އަހަރުމެން ވެސް ދާނަން...'' ބަތޫލްއާ ދިމާއަށް ބަލާލަމުން ޝުޖާއު ބުނެލީ ބަތޫލްގެ ޚިޔާލު ހުރި ގޮތް ނެދެގަތުމަށެވެ. ބަތޫލް ވެސް ދެކޮޅު ހެދުމެއް ނެތި އެކަމާ ރުހޭކަން ހާމަކުރިއެވެ. އޭނަ ހުރީ ޒައިނަބާ ބައްދަލުކޮށް އޭނަގެ މައިންބަފައިންގެ ފަރާތުން ދިމާވި ހުރިހާ ދަތިއުނދަގޫތަކަށް މަޢާފަށް އެދެން ބޭނުންވެފައެވެ. އެންމެ ފަހުން ޒައިނަބާ ބައްދަލުކުރަން ދިޔަ ދުވަހު ޝީރީންގެ ވާހަަކަތައް ހުރި މިސްރާބު އޭނައަށް ދެނެގަނެވިފައިވީ އަދި ކިރިޔާއެވެ. އޭރު މިހެން ކަންތައް ވެފައި ވެދާނެ ކަމަށް އޭނައަށް ވިސްނާލެވިފައި ވެސް ނެތީއެވެ. އެހެންނޫންނަމަ އޭނަ އެފުރުސަތުގައި މަޢާފަށް އެދުނީހެވެ. އޭނައާ މެދު ދެކެވެމުން އައި ނޭދެވޭ ނަޒަރިއްޔާތު ބަދަލުކުރަން މަސައްކަތް ވެސް ކުރީހެވެ.

''ޒޭންއާ ބަތޫ ސައިކަލުގަ ދާންވީނު، އަހަރެން ކާރު ދާނަން މީޝެލް ގޮވައިގެން...'' މަގަށް ނިކުމެވުމާއެކު ޝުޖާއު އޭނަގެ ޚިޔާލު ފާޅުކުރީ ބަތޫލް އަދި އަޒްޔާނަށް އެކަހެރި ވަގުތުކޮޅެއް ހޭދަކޮށްލުމުގެ މަގު ފަހިކޮށްދޭށެވެ. އެވަގުތު އޭނަގެ ހިތަށް އުނދަގޫވިކަމުގައި ވިޔަސް ބޭރުފުށުން އެކަން އޭނަ ފާޅުވިޔަކަ ނުދިނެވެ. ހިތް ނޭދުނަސް އޭނައަށް އެނޫން ގޮތެއް ނެތެވެ. އޭނަ ޖެހޭނީ ނުސިޔާނު ހިތަށް ވިސްނައިދޭށެވެ.

އަޒްޔާނަށް ބަލާލެވުނީ ގާތުގައި ހުރި ބަތޫލް އަށެވެ. އެމޫނުން އެކަމަށް އެދޭވަރު ފާހަގަ ކުރެވުމާއެކު އަޒްޔާނަށް ވަގުތުން އެކަމާ އެއްބަސް ވެވުނެވެ. ހަމައެއާއެކު ޝުޖާއުއަށް ކުރެވޭ އިތުބާރުގެ ސަބަބުން ރައްކާތެރިކަމާއެކު މަންޒިލާ ހަމައަށް މީޝެލް ގެންގޮސްދޭނެ ކަމުގެ ޔަޤީންކަން ވެސް އޮތުމާއެކުގައެވެ.

''ދެން ތިދެމީހުން ގެއްލޭނީކީ ނޫން އިނގޭ... އެކޮޅަށް ގޮސް ތިދެމީހުން ލޮލަށް ދައްކާނުލައިފިއްޔާ ގުޅާނަން އުނދަގޫކުރަން، ދެން މިހެން ބުނީމަ ފޯނު ނިއްވާލާނީކީ ނޫން އިނގޭ...'' ސަމާސާކަން އަޑަށް ގެންނަމުން ޝުޖާއު ބުނެލިއެވެ. ހިނިތުންވެވުނު އަޒްޔާނަށް ދެފަރާތަށް ބޯހޫރާލެވުނީ ޝުޖާއުގެ އެހުންނަ ލާނެއްކަމާއި ސަމާސާކަން ހަނދާނަށް އައުމުންނެވެ. އޭނަ ޝުޖާއުގެ ކޮނޑުގައި ޖަހާލަމުން ބަތޫލްއަށް އިޝާރާތް ކޮށްލީ ދުވާރުކައިރިން ޕާރކޮށްފައި ހުރި އޭނަގެ ސައިކަލަށެވެ.

އިތުރަށް އެތާނގައި މަޑުކުރާ ފަދަ ޚިޔާލެއް ނެތުމާއެކު ޝުޖާއު ހިނގައިގަތީ ދުރުގައި އޮތް އޭނަގެ ކާރާއި ދިމާއަށެވެ. ފަހަތުން ހިނގައިގަތް މީޝެލްއަށް ޝުޖާއުގެ މިލާމޯޅިވެގެން ދިޔަ މޫނު ފެނި ލިބުނު ހައިރާންކަމާއެކު ބަލަން ހުރެވުނެވެ. ކުއްލިޔަކަށް އެތުންފަތުގައިވި ރީތި ހިނިތުންވުން ފަނޑުވެ ނިމިގެން ދިޔައީ ކީއްވެ ހެއްޔެވެ؟ މީގެ ކުރިން އެމޫނުން ފެނުނު އުފާވެރިކަން މާޔޫސްކަމަށް ބަދަލުވީ ކީއްވެ ހެއްޔެވެ؟ ސުވާލުތަކުގެ ތެރެއަށް ގެއްލިފައި ހުރެ އޭނަ ގޮސް ކާރު ކައިރިއަށް ހުއްޓުނެވެ.

*****

''ވާހަކަ ނުދައްކަންތަ ތިއިންނަނީ؟...'' މާލޭގެ ހަލަބޮލި މަގުތަކުން ދުއްވަމުން ދިޔަ ސައިކަލުގެ ފަހަތުގައި އިން ބަތޫލްއާ މުހާތަބުކޮށް އަޒްޔާން ބުނެލިއެވެ. އެދެމެދަށް ވެރިވެފައި އޮތް ހިމޭންކަމުން އަޒްޔާނަށް އުނދަގޫވީއެވެ.

''ކޮން ވާހަކައެއްތަ ދައްކަންވީ؟...'' ބަތޫލްގެ އޮމާން ރީތި އަޑު އިވުމާއެކު އަޒްޔާންގެ ތުންފަތަށް ފުން ހިނިތުންވުމެއް ވެރިވިއެވެ. ކިތަންމެ ގިނަ އިރެއް ވިޔަސް އެއަންހެންވަންތަ އަޑުގެ ޖާދުލުގައި ޖެހިފައި ހުރެވިދާނެއެވެ.

''ކޮންމެ އެއްޗެކޭ ބުންޏަސް އަހަަރެން އަޑުއަހާނަން، ބަތޫގެ އަޑު އިވެންޏާ އަހަންނަށް ފުދޭނެ... މިރޭ އަހަރެން އުފާވެފައި ހުރި މިންވަރު ބަތޫއަށް އިނގޭތަ؟... އެއްވެސް ކަމަކާ މެދު އިތުރަށް ވިސްނާކަށް ދެން އަހަރެން ބޭނުމެއް ނޫން...'' އަޒްޔާންގެ އަޑުން އެކަނި ވެސް އެއުފާވެރިކަން ބަތޫލްއަށް އިހުސާސްކުރެވުނެވެ. އޭގެ ސަބަބުން އޭނަގެ ހިތަށް ފިނިކަމެއް ލިއްބައިދިންކަން ގައިމެވެ. އެއުފާވެރިކަން ދުނިއުމުރަށް ލެހެއްޓެވުމަށް އެދި ހިތާހިތުން ދުޢާކުރެވެން ފެށުނެވެ.

ބަތޫލް ކުރިއަށް ޖެހިލަމުން އަޒްޔާންގެ މެދުހަށިން ދެއަތް ކުރިއަށް ގެންގޮސް ބައްދާލިއެވެ. އަދި އަޒްޔާންގެ ބުރަކަށީގައި މޫނު ޖައްސާލަމުން ދެލޯމަރާލީ ހިނދުރައިގެ ތެރެއަށް ވިރިގެން ދިޔަ މަސްތުކުރުވަނިވި ހިތްގައިމު ވަހާއެކުލެވިގެން ދިއުމަށް އެދޭ ހާލުގައެވެ. މި ފަދަ ގާތް ކަމަކަށް އޭނަގެ ބަސްނާހާ ހިތް ބޭޤަރާރުވެފައިވާތާ ކޮން ދުވަހެއް ހެއްޔެވެ؟ އަޒްޔާންގެ ހަށިގަނޑުގެ ހޫނުކަމާއި އެކުވެ ބެހެމުން ދިޔަ ޖަޒުބާތުތަކުގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަމެއް މަތިން ބަތޫލް ހަނދާން ނެތި ކުރުވިއެވެ. އެދެމެދުގައި އިތުރު ފާރެއް ރޭނިގެންދާކަށް އޭނަ ބޭނުމެއް ނޫނެވެ. ހިތް އެދެމުން ދިޔައީ އަޒްޔާން އޭނަގެ މިލްކަކަށް ވުމަށެވެ. އެނަސީބު އަވަސް މުސްތަޤުބަލެއްގައި އޭނައަށް ދެއްވުމަށް އެދި ބަތޫލް ދުޢާ ކުރިއެވެ. އޭނައާއި އަޒްޔާންގެ އުފަލަށް އިތުރު ވިހަ ލޯތަކެއް އަމާޒުނުވުމަށާއި އެސްފީނާއިން ރައްކާތެރިކޮށްދެއްވުމަށް އެދި ވެސް ދެންނެވުނެވެ.

''ޒޭން އަހަރެން ދޫކޮށްލާފައި ދެން ނުދައްޗޭ...'' ބަތޫލް އަސަރާއެކު ބުންޏެވެ. ހިމޭންކަމެއް އެދެމެދަށް ވެރިވެގެން ދިއުމަށް ފަހު އަޒްޔާން ވާހަކަދެއްކިއެވެ.

''ބަތޫ އައެމް ސޮރީ ފޯރ ވަޓް ހެޕެންޑް ބިފޯރ... އެކަމަކު ދެން އެކަން ތަކުރާރުވާކަށް އަހަރެން ބޭނުމެއް ނުވޭ... އިރާދަކުރެއްވިއްޔާ އަހަރެން ބަތޫ ދޫކޮށްފައި ނުދާނަން... ކުރިއަށް އޮތްތަނުގައި ކަންތައް ވެދާނީ ކިހިނެއްކަމާމެދު ވިސްނާލާކަށް ނޭގޭ... އެކަމަކު އަހަންނަށް ޔަޤީން އަހަރެންގެ މިހިތުގައި ބަތޫއަށްޓަކައިވާ އިހުސާސްތަކަށް ބަދަލެއް ނާންނާނެކަން...'' ފުންނޭވާއެއް ދޫކޮށްލި އަޒްޔާން ބުނެލިއެވެ. އޭނައަށް ބަތޫލް ހާސްވެފައިވާ މިންވަރު ނަގައިގަނެވުނެވެ. އޭނަ މަސައްކަތްކުރީ ބަތޫލްއަށް އުނދަގޫކުރަމުން އައި ޚިޔާލުތަކާ ދުރުކުރުވުމަށެވެ.

''ބައްޕަ ކަންތައް ކުރާނެ ގޮތަކާ މެދު ވަރަށް ބިރު އެބަގެނޭ... ޒޭންއަށް ކަމެއް ވާކަށް އަހަރެންގެ ހިތެއް ނޭދޭނެ... ދުރުގައިވާކަށް ވެސް...'' ބަތޫލްގެ އަޑުގައި މިފަހަރު މަޑުތުރުތުރުލުމެއް ވިއެވެ. ހިތުގައި ފުރި ބާރުވެފައިވާ އުދާސްތައް ބޭރުވިޔަ ނުދީ ހިފަހައްޓަން ބަތޫލް މަސައްކަތްކުރިއެވެ. ތުންފަތުގައި ބާރަށް ދަތްއަޅާލެވުނީ އަރުތެރެއިން ނިކުންނަށް ގަދަހަދަމުން ދިޔަ އާހްތައް ހިލިހިލާ ޖަހައި ގައިދުކުރުމަށެވެ. މިނާޒުކު ވަގުތުގައި އޭނަ ރޮވެން ކައިރިވެފައިވިކަން އަޒްޔާނަށް އަންގަން ބޭނުން ނުވާތީއެވެ. ނަމަވެސް ބަތޫލްއަށް ނޭގުނުކަމީ އޭނަ އެހާވަރުން ސިއްރުކުރަން އުޅުނު ކަންތައް އަޒްޔާނަށް އިހުސާސްކުރެވިއްޖެ ކަމެވެ.

އަޒްޔާން ސައިކަލުގެ މިސްރާބު ރަސްފަންނަށް ބަދަލުކޮށްލީ މީހުންތަކުން އެކަހެރިވެ ހިމޭން މާހައުލެއްގައި ބަތޫލްއާ ވާހަކަދައްކާލާނެ މަގެއް ފަހިކުރުމަށެވެ. ސައިކަލުގެ ދުވެލި މަޑުވަމުން ގޮސް ހުއްޓުމާއެކު ބަތޫލްއަށް ލޯހުޅުވާލެވުނީ މަންޒިލަށް އާދެވުނީކަމާ ހިތާއެވެ. ނަމަވެސް އޭނައަށް ވަށައިގެންވި މާހައުލަށް އަވަސް ނަޒަރެއް ދެވުމާއެކު ހައިރާންކަން މޫނުމައްޗަށް ވެރިވިއެވެ.

''އިރުކޮޅެއް ފަހުން ހޮސްޕިޓަލަށް ދާނީ...'' އަޒްޔާން ބުނެލިއެވެ. އަދި ސައިކަލުގެ ހަރުޖައްސާލަމުން ފަސްއެނބުރި ބަތޫލްއަށް ބަލާލަމުން ފަނޑު ހިނިތުންވުމެއް ބަތޫލްއަށް އަދިޔާ ކުރިއެވެ. ''ވަރަށް ގިނަ ދުވަސް ވެއްޖެއެއްނު ބީޗްގަ ހިނގާލަން ނުދެވޭތާވެސް...''

ސާދަ ވިލޭރޭގެ ފުރިހަމަ ހަނދުގެ ފުރިހަމަކަމާއި ޝާއްބަކަން އެހެނިހެން ރޭތަކަށް ވުރެން ވެސް ފުރިހަމަކަމަށް ދައްކައެވެ. ހަނދުގެ ދަރުބާރުގައި ހިދުމަތުގައި ތިބި ތަރިތަކުގެ ވިދުން ވެސް މިރޭ ވަނީ ފަނޑުކޮށްލާފައެވެ. މިރޭ އުދަރެސްމަތިން ހަނދުގެ ވާޖިބަށް ހުރަސް އަޅާނެފަދަ ވިރާކޮޅެއްގެ މިންވަރު ވެސް ނުފެނެއެވެ.

''ބަތޫ...'' އަޒްޔާންގެ މުލައްދަނޑީގައި އޮޅުލައިގެން ކަހަލަ ގޮތަކަށް ހިނގަމުން އައި ބަތޫލްއަށް އަޒްޔާން ގޮވާލިއެވެ. އޭރު ދެޒުވާނުންނަށް ވެސް ވަނީ ރަޅުޖަހާ ފަށާ ނުހަނު ކައިރިއަށް އާދެވިފައެވެ. ދިޔަވަރު ހިކިފައިވާ ވަގުތަކަށް ވުމުން ގޮނޑުދޮށަށް ބީއްސާލާ ރާޅުތައް ވަނީ ބަލިކަށިވެފައެވެ. އޭރު އެހިސާބުގަނޑުގައި މުޅިހެން ހަރަކާތްތެރިވަމުން އައީ ނޫކަށިފުރައިގެ ޒުވާން ޖޯޑުތަކެވެ. ކޮންމެ މީހަކު ވެސް ވަނީ އަމިއްލަ ޚިޔާލީ ދުނިޔެއެއްގައެވެ.

''މިތާ އިށީންނަމާ ދޯ؟...'' ވަށައިގެންވި ހުރިހާ އަށިތަކެއް ވެސް ފުރާލާފައިވުމުން އަޒްޔާން ބުނެލިއެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން ބަތޫލް ބޯޖަހާލިއެވެ. ހިނިތުންވެލި އަޒްޔާން އޭނަގެ ބުޑު ހިކިފައިވާ ދޮންވެލިގަނޑުމަތީ ޖައްސާލަމުމާއެކު ބަތޫލް ވެސް އެފަދައިން ކަންތައް ކުރިއެވެ. ދޮންވެލިގަނޑުގައި ދެއަތް ވިއްދާލި އަޒްޔާން ފުރަތަމަ ނަޒަރު ހިންގާލީ ކުރިމަތިން ފެންނަން އޮތް މޫދަށެވެ. ހަނދުގެ އަލިވަރުން މުޅި މާހައުލަށް އިތުރު ދިރުމެއް ގެނެސްދީފައި އޮތެވެ. ޤުދުރަތުގެ ޖާދުވީ މަންޒަރުން އުފާލިބިގަންނަމުން އަޒްޔާން އޭނަގެ ތޫނުފިލި ދެލޯ ހުއްޓާލީ ބަތޫލް އަށެވެ. އެވަގުތު ބަތޫލް ވެސް އިނީ ހުވަފެނީ ބަލާލުމަކުން އަޒްޔާނަށް ބަލަހައްޓައިގެންނެވެ. ދެޒުވާނުންގެ ހަތަރުކަޅި ގުޅިލާ މެހުނު ހިނދު ފުރަތަމަ އިސްތިރިކޮށްލީ ބަތޫލްއެވެ. ބަތޫލްގެ އެހަރަކާތުން އަޒްޔާންގެ ތުންފަތުގައިވި ހިނިތުންވުން ފުންވިއެވެ.

''ބަތޫ، އަހަންނަށް ބަލާބަލަ...'' އަޒްޔާން އެދުނެވެ. އަދި އޭނަގެ އަތްތިލަ އުފުއްލާލަމުން ޝަހާދަތްއިނގިލި ބަތޫލްގެ ދަތްދޮޅީގައި އަޅުވާލީ ބަތޫލްގެ އިސްއުފުއްލާލުމުގެ ބޭނުމުގައެވެ. އެކަމާ ދެކޮޅު ހެއްދުމެއްނެތި އަޒްޔާން އެދޭ ފަދައިން ކަންތައް ކުރުމަށް ބަތޫލް އޭނަގެ ނަފުސު އަޒްޔާނާ ހަވާލުކުރިއެވެ. ނަމަވެސް އެސިހުރުވެރި ދެލޮލުގެ ޖާދުލުގައި ނުޖެހެން އޭނަ ވަރަށް މަސައްކަތްކުރިއެވެ.

''އަހަންނަށް އެނގޭ ބަތޫ ބިރުގެންފަ ހުރިކަން، މިއަދު ބޮޑު ކަންތައް ގަނޑެއް ހިނގިކަން ވެސް، ބަތޫގެ ބައްޕައައިސް އަހަންނަށް އިންޒާރު ވެސް ދިން، އެނގޭ ބަތޫގެ ބައްޕައަކީ ނުފޫޒު ގަދަ މީހެއްކަން ވެސް، އެކަމަކު ބަތޫ އަހަންނާއެކު ވާނަން ކަމުގެ ޔަޤީންކަން އޮންނާނެނަމަ އިތުރަށް އެއިން އެއްވެސްކަމަކާ މެދު ވިސްނާކަން ނެތިން... އަހަރުމެންގެ ދެމެދަށް ވެރިވެގެންދާ ހުރަސްތަކާ ކުރިމަތިލާނީ އެކީގައި... ކުރިން ބަތޫގެ އަތުން ދޫކޮށްލެވުނު ފަދައިން ދެވަނަ ފަރަށް އަހަރެން ކަންތަކެއް ނުކުރާނަން، އަހަރެން ބަތޫ ގާތު ދޮގެއް ނުހަދަން، އަހަރެން ކުރިން ވެސް ބުނި ބަހުގެ ތެދުކަން ބަތޫއަށް އަންގައިދޭނަން، ކޮންމެ ކަމެއް ވިޔަސް އެކުގައިވާން މަސައްކަތްކުރާނަން... އަހަރެން ލޯބިވާކަން ހަނދާން ބަހައްޓައްޗޭ...'' ހަނދުވަރުގެ އަލިން ބަތޫލްގެ މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވުމުން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލުން އަޒްޔާނަށްވީ އުނދަގޫކަމަކަށެވެ. ވައިރޯޅިތަކުގެ ގޯނާއާއެކު އެދޮން މޫނަށް ހިޔަނި އެޅިގެންދާ އިސްތަށިކޮޅުތަކާއި، އޭނަގެ ތޫނު ބެލުމުން ފަނޑު ރަތްކަމެއް ވެރިވަމުން އައި ބަތޫލްގެ ކޯތާފަތަށް އަޒްޔާނަށް ބަލަން އިނދެވުނީ ކަޅިޖަހާލަން ވެސް ނޭގިފައެވެ. ގުދުރަތީ ފިޔާތޮށިކުލައިން ޖަރީވެފައިވާ ތުންފަތާއި އޭނަގެ ނަޒަރު ބައްދަލުވި ވަގުތު އޭނަގެ ނަފުސު ކަމަކަށް އެދި ގޮވަން ފެށިއެވެ. ނަމަވެސް އަޒްޔާން އެޚިޔާލުތަކާ ދުރުވިއެވެ. އަދި އެދެމެދުގައި އޮތް ކައިރިކަން ދުރުކަމަށް ބަދަލުކޮށްލީ ތިބެވުނުތަން ހަނދާންވުމާއެކުގައެވެ.

''ޒޭން އަހަރެން ބިރުގަނޭ ބައްޕަގެ ސަބަބުން ޒޭންއަށް ކަމެއްވެދާނެތީ... އެހެން ކަންތައް ވެއްޖެނަމަ ދުވަހަކު ހިޔެއް ނުވޭ އަމިއްލަ ނަފުސަށް މަޢާފް ދެވޭނެހެނެއް... ވިސްނާވިސްނާ ވެސް ނޭގުނު ކީއްވެކަމެއް ބައްޕަ ޒޭންދެކެ ރުޅިއަންނަނީ... ކީއްވެތަ މަންމައާއި ބައްޕައަށް ޒޭންގެ ރަގަޅުކަން ނުފެންނަނީ؟... އަހަރެން އެމީހުނަށް ވިސްނައިދޭން ހާދަ މަސައްކަތެއްކޮށްފީމޭ...'' ބަތޫލްއަށް އެހިތުގެ އުދާސްތައް އެންމެފަހުން ބަންޑުންކޮށްލެވުނެވެ. ބަތޫލްގެ ސުވާލުތަކުގެ ޖަވާބު އަޒްޔާނަށް އެނގުނުކަމުގައި ވިޔަސް އޭނަ ޚިޔާރުކުރީ ހިމޭންކަމެވެ. އޭގެ ސަބަބުން އޭނައަށް އިންތިހާއަށް އުނދަގޫ ވެސް ވިއެވެ. ޖައުފަރު ދެކެ ރުޅިވެސް އާދެވުނެވެ. އެހެނަސް އޭނަ އެރުޅިވެރިކަމުގެ ތެރޭގައި ނަފުސު ގައިދުވުމުގެ ފުރުސަތެއް ނުދިނެވެ. މިފަހަރު ހިތުގެ ގޮވުމަށް އިޖާބަ ދެވުނީތީއެވެ. އޭނަ ބަތޫލް ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ. މަންމަ އޭނަ ލައްވާ ކުރިވި ވަޢުދުގެ ސަބަބުންނެވެ. މަންމަ ބުނި ފަދައިން އެކަމުގައި ބަތޫލްގެ އޮތީ ކޮން ކުށެއް ހެއްޔެވެ؟ ބަތޫލްއަށް ވެދިޔަ އެއްވެސްކަމެއް ރޭކާނުލައެވެ. ދެން ބަތޫލް އެކަމުގައި ކުށްވެރިކޮށް ރުޅިވެރިކަން ދެއްކުމުގެ މާނައެއް އެބައޮތް ހެއްޔެވެ؟ ޖައުފަރު އޭނަދެކެ ނަފުރަތުކުރަނީ މަންމަގެ ފަރާތުން ޖައުފަރުގެ ހަޤީޤަތް ބަތޫލްއަށް އެނގިދާނެތީކަން ވެސް ގައިމެވެ.

''އައި ހޯޕް ޝުޖާ ޕްލޭންކުރި ގޮތަށް ހުރިހާކަމެއް ވެސް ވާނެކަމަށް...'' ބަތޫލް ބުނެލިއެވެ. އަޒްޔާން އެވާހަކައަށް ތާއީދުކޮށް އެއްޗެއް ބުނަން އުޅުނު ވަގުތު އޭނަގެ ފޯނު ރިންގްވާން ފެށި އަޑާއެކު އަވަސްވެގަތީ ޖިންސުގެ ޖީބުގައި އޮތް ފޯނު ނެގުމަށެވެ.

''ޝުޖާ...'' ބަތޫލްއަށް ބަލާލަމުން އަޒްޔާން ވާހަކަދެއްކިއެވެ.

''ލަސްވެގެންކަންނޭގެ...'' ބަތޫލް ބުނެލިއެވެ.

''ކޮންތަކާ ތިދެމިހުން ތިތިބީ؟... މިހާރު އެއްގަޑިއިރުވާން ކައިރިވަނީ، ނުބުނާތި ޓްރެފިކުގެ ސަބަބުންނޭ ލަސްވަނީ......'' ފޯނަށް ޖަވާބު ދިނުމާއެކު ޝުޖާއުގެ އަޑުއިވުނެވެ.

''މި ކައިރިކުރަނިއޭ...'' އަޒްޔާން ބުނެލިއެވެ. އަދި ދޮންވެލިގަނޑުމަތިން ތެދުވެލަމުން ޖިންސުގައި ހަރުލާފައި ހުރި ވެލިތައްފޮޅާލިއެވެ. އެއަށްފަހު ބަތޫލްއަށް އަތްދިއްކޮލީ ތެދުވާން އެހީވެދިނުމަށެވެ.

*****

''އެއޮތް އައީ އެދެމީހުން...''

އެދުގައި އޮތް ޒައިނަބަށް ވޯޑަށް ވަދެގެން އައި ބަތޫލްއާއި އަޒްޔާން ދައްކާލަމުން ޝުޖާއު ބުނެލިއެވެ. އޭރު ޝުޖާއު ވަނީ ޒައިނަބަށް ހުރިހާ ވާހަކަތަކެއް ކިޔައިދީފައެވެ. ނަމަވެސް އޭނަގެ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ފިލައިގެން ނުދެއެވެ. ކަންތައް ވެދާނެ ގޮތެއް ލަފާކޮށްލަން ނޭގޭތީއެވެ. ޖައުފަރުގެ ގޮތް ރަގަޅަށް އެނގިފައިވާތީ އޭނަ އަމާޒުކުރުވަފާނެ ހަމަލާއަކަށް އޭނަ ވަނީ ޖެހިލުންވެ ބިރުވެރިކަމެއްގެ ތެރޭގައެވެ. އަޒްޔާނަށް ކަމެއް ވާތަން ދެކޭކަށް އޭނަގެ މައިލަގޮނޑިއަށް ކެތެއް ނުކުރެވޭނެއެވެ. ހަމައެއާއެކު އަޒްޔާންގެ އުފާވެރިކަން ނިމިގެންދާތަން ދެކޭކަށް ވެސް މެއެވެ. ބަތޫލްއާއި އަޒްޔާންގެ ނަސީބުގައި މިނޫން ދުވަހެއް ނެތީ ހެއްޔެވެ؟ ހިމޭންކަމެއްގެ ތެރޭގައި އޮތް ޒައިނަބު ދިޔައީ މާތް ﷲއަށް ދުޢާ ދަންނަވަމުންނެވެ. ހުރިހާކަމެއް ވެސް ރަގަޅުވުމަށް އެދިއެވެ.

ބަތޫލް އައީއްސުރެ ޝީރީންގެ މޫނު ބަނަކަމުން ގޮސް ކަޅުފޮއިރެއެކޭ ތަފާތެއް ނެތެވެ. އޭނަގެ ބުމަ ގުޅިފައިވާއިރު ދެލޯވެސް ވަނީ ހަނިކޮށްލެވިފައެވެ. ނުވީތާކަށް އޭނަ ދެއްކި ވާހަކަތަކަށްފަހު ވެސް އަޒްޔާނަށް އެދެވޭ ފަދަ ބަދަލެއް ނައުމުން އޭނަ ހުރީ ހައިރާންވެ ރުޅިގަދަވެފައެވެ. އޭނަ ހީކުރީ އެމާޒީގެ ސަބަބުން އަޒްޔާނަށް އެއްޗެއް ވިސްނޭނެ ކަމަށެވެ. ނަމަވެސް އެފަދައިން ކަންތަކެއް ނުވިއެވެ. އޭނައަށް ހުރިހާ ވާހަކައެއް ހިއްސާކުރެވުނު ނަމައޭ ޝީރީންގެ ހިތަށް އެރިއެވެ. އެހެންނޫންނަމަ ސުންޕާ ބަތޫލްގެ ސޫރަ ދެވަނަ ފަހަށް ދެކޭކަށް ނުޖެހުނީއެވެ. އޭގެ އިތުރުން ނުރުހުމާއެކު ޒައިނަބު އޭނައާ ދިމާއަށް އަޑުލާފައި ވުމުން އެކަމުގެ ޒިންމާ ވެސް އޭނަ އެޅުވީ ބަތޫލްގެ ބޮލުގައެވެ. އޭނައަށް ދިމާވާ ހުރިހާ ނުބައިކަމެއްގެ އަސްލާ ބަތޫލް ގުޅުވާލެވެނީ އަންނަ ގަދަ ފަދަ ރުޅިއެއްގެ ސަބަބުންނެވެ. އަޒްޔާނާއި ބަތޫލްއަށް އެކުގައިވުމުގެ ފުރުސަތެއް އޭނަ ހަމަހިލާ ނުދޭނެއެވެ. ޒައިނަބު އެކަމާ ރުހުނަސް އޭނައަށް އެމަންޒަރު ބަލާކަށް ނުހުރެވޭނެއެވެ.

އިޒްޔާނަށް ޝީރީން ފެންނައިރަށް އޭނަގެ ބޮލުގައި ރިއްސާލިއެވެ. އޭނައަށް ޝީރީންގެ ނުރުހުމުގެ ފަހަތުގައިވާ ސަބަބު ވެސް ވިސްނައިގަނެވުނެވެ. މިހުރިހާ އިރު އޭނަ ހުރީ އެކަންތަކާ މެދު ވިސްނަން ބޭނުން ނުވެފައެވެ.

ބަތޫލް ފުރަތަމަ ވެސް ޒައިނަބުގެ ގާތުން މަޢާފަށް އެދުނެވެ. އަދި އޭނަގެ މައިންބަފައިންގެ ފަރާތުން ކަމެއް ދިމާވެފައިވި ނަމަ އެކަމާ މެދު ހިތާމަ ފާޅުކޮށް ވެސް މަޢާފަށް އެދުނެވެ. ޒައިނަބު ހިތްހެޔޮ ހިނިތުންވުމަކާއެކު ބޯހޫރުވާލީ މަޢާފަށް ނޭދޭށޭ ބުނުމުގެ ގޮތުންނެވެ. އެއަށްފަހު އޭނަ އަޒްޔާނަށް ބަލާލި ހިނދު އެމޫނުގައިވި އުފާވެރިކަމުން އޭނަގެ ބަސް ޤަބޫލުކޮށްފިކަން ވިސްނުނެވެ. އެކަމާ ހުރެ އެހިތަށް ފިނިކަމެއް ވެސް ލިބުނެވެ. ނަމަވެސް ޖައުފަރުގެ ޚިޔާލުތަކުން އޭނަގެ ހަމަޖެހުންވަނީ ނަގާލާފައެވެ.

*****

ރޭގަނޑު ނުވައެއް ޖަހަން ކައިރިވެފައި ވަނިކޮށް ބަތޫލްއަށް ހިންދު ގުޅަން ފެށިއެވެ. ފޯނު ނުނަގަން ހުރެފައި ވެސް ބަތޫލް އޭނަގެ ފޯނު ނެގީ ކުރުނުކޮށް ގުޅަން ފެށުމުންނެވެ. ބަތޫލް އޭނަގެ ފޯނަށް ޖަވާބު ދެމުން އެންމެނާ ދުރަށް ޖެހިލިކަން ބަތޫލްގެ ކޮންމެ ހަރަކާތަކަށް ސަމާލުކަން ދީގެން ހުރި އަޒްޔާނަށް ފާހަގަކުރެވުނެވެ.

''ކޮންތާކު ތިހިރީ؟... ޝުޖާއު ކޮބާ؟...'' ހިތްހަމަނުޖެހުމާއެކު ހިންދު ސުވާލު ކުރިއެވެ. ބަތޫލްއަށް މަންމަ އޭނަ ދެކެ ނުރިހިފައިވާ މިންވަރު ނަގައިގަނެވުމުން ދެރަ ވެސް މ[ވިއެވެ. އެހެނަސް އޭނަ އައިސްފައި ހުރި ރުޅި އެއިހުސާސްތަކުގެ މައްޗަށް ގަދަވެގަތީ ކުއްލިޔަކަށެވެ.

''މަންމާ، ޝުޖާއުއާއެކު ބޭރުގަ މިހުރީ، އިރުކޮޅަކުން އެބަދަން...'' އެއްވެސް ކަމެއް އަންގަން ބޭނުންނުވެފައި ހުރި ބަތޫލް ދޮގެއް ހަދާލިއެވެ. އެއީ މިވަގުތަށް އޮތް އެންމެ ރަގަޅު ހައްލުކަމުގައި އޭނައަށް ފެނުނީތީއެވެ. ހަޤީޤަތް ހާމަކޮށްފިނަމަ އިތުރު މައްސަލަތަކެއް ހިލިގެންދާނެތީއެވެ.

ބަތޫލްގެ ޖުމްލައާއެކު ހިނދުއަށް ހައިރާންކަމެއް ލިބުނެވެ. އަނެއްކާ އެމެދުގައި ޖެހުނު މައްސަލަތައް ހައްލުވީބާއޭ ވެސް އޭނަގެ ހިތަށް އެރިއެވެ. ނަމަވެސް މިއަދު ކަންތައް ވެދިޔަ ގޮތުން އެޚިޔާލާ ފުށުއަރާކަންތައްތައް ހުއްޓެވެ. ފިކުރުތަކުގެ ތެރެއަށް އޭނަ ގެއްލުނީ ވެސް އެސަބަބާ ހުރެއެވެ.

''ތަންކޮޅެއް އަވަހަށް ގެއަށް އާދޭ، ބައްޕަ ވެސް ބަތޫލްވީ ތަނެއް ނޭގިގެން ކަންބޮޑުވެފައި ހުރީ...'' ހިންދު އޭނަ ބުނަންވީ އެއްޗެހި ބުނެލުމަށްފަހު ފޯނު ކަނޑާލިއެވެ. ކަންފަތާ ވަކިކޮށްލެވުނު ފޯނަށް ބަލާލަމުން ބަތޫލް ފުންނޭވާއެއް ލިޔެވެ. ހުރިހާ ކަމަކާ ކުރިމަތިލާން ޖެހޭ ވަގުތު އައިސް ޖެހުނީއެވެ. ނަމަވެސް އޭނަ އަވަސްވެފައިވި ހިތަށް ވިސްނައިދިނެވެ. އަޒްޔާނާއި ޝުޖާއުއަށް އިތުބާރު ކުރަމުންނެވެ.

ބަތޫލް ފަސްއެނބުރިލިތަނާ ފަހަތުން ވިއްދާލާފައި ހުރި އަޒްޔާން ފެނީ ސިހުން ލިބުނެވެ. ހިތް އަވަސްވީނުން ނޭވާގެ ހިނގުމަށް ވެސް އުނދަގޫތަކެއް ފޯރިއެވެ. ބަތޫލްއަށް އޭނަގެ މޭގައި ފިރުމާވެސް ލެވުނެވެ. އަޒްޔާން ގާތުގައި ހުރެއްޖެނަމަ އެއީ އަބަދުވެސް އޭނަގެ ހާލެވެ. އޭނަގެ ހިއްސުތަކުގެ މައްޗަށް އަޒްޔާން ވެރިވެގަންނަނީ ކޮންފަދަ ބާރަކާއެކުކަމެއް ވެސް ނޭގެއެވެ.

''މަންމަ ދޯ ގުޅީ؟...'' ބަތޫލްއަށް ވެދިޔަ ގޮތް ފެނި ތުންފަތަށް ވެރިވާން އުޅުނު ލާނެއް ހިނިތުންވުން ސިއްރުކުރަމުން އަޒްޔާން އަހާލިއެވެ.

''އާނ... ޒޭން، ހުރިހާކަމެއް ވެސް ރަގަޅުވާނެދޯ؟...'' ބަތޫލް ނުތަނަވަސްވެފައިވާ އަޑަކުން އެހިއެވެ. އެއާއެކު އަޒްޔާނަށް ބަތޫލްގެ އަތުގައި ހިފާލެވުނެވެ. ދުވަހަކު ދޫކޮށްނުލާނަމޭ ބުނާ ފަދައަކުންނެވެ.

''އިރާދަކުރެއްވިއްޔާ ރަގަޅުވާނެ... އަހަރެން ދަންތަ ބަތޫއާއެކު؟...'' އަޒްޔާން ބުނެލިއެވެ.

''ނޫން، ބައްޕައަށް ޒޭން ފެންނައިރަށް ރުޅި އިސްކޮށްފާނެ... މިވަގުތު ޝުޖާއާއެކު ދިއުން ބުއްދިވެރިވާނީ...'' ބަތޫން ބުނެލިއެވެ.

ކޮމެންޓް 0