ބަތޫލް ހޮސްޕިޓަލުން ދޫކޮށްލެވުމުން މީޝެލްގެ ބަދަލެއްކަމުގައި ބަތޫލްއަށް އަޅާލުމުގެ ބަހަނާގައި އެގެއަށް ބަދަލުވީ ޝީރީނެވެ. އެއީ އޭނަ ބޭނުންވި ގޮތެވެ. ބަތޫލްއަށް ފުރައްސާރަކޮށް ގޯނާކުރުމުގެ ފުރުސަތު އޭނައަށް ފަހިވެގެންދާނެތީ އެވެ. ހަމައެއާއެކު ބަތޫލަށް ހަމަޖެހުމުގެ ނޭވާއެއް ވެސް ލުމުގެ ފުރުސަތު ދޭން ބޭނުން ނުވާތީއެވެ. ބަތޫލްގެ ޒަހަމްތަކުގައި ލޮނުމިރުސްލާން އެފަދަ ރަނުގެ ފުރުސަތެއް ނުލިބޭނެކަން އެނގޭތީއާއެކު ވެސް މެއެވެ.

*****

ކޮންމެ ދުވަހެއްގެ އިރުއަރައި އޮއްސެނީ ބަތޫލްގެ ހިތަށް ނާއުއްމީދު ގެނެސްދެމުންނެވެ. އޭނަގެ ރޭދުވާތައް ދިގުވެފައިވާއިރު މާޔޫސްކަމާއި ހިތްދަތިކަމުން އެހިތް ދިޔައީ ހަލާކުވަމުންނެވެ. ފިރިއެއްގެ ފަރާތުން ލިބެންވީ އޯގާތެރިކަމާއި ލޯބި އެންމެ ބޮޑަށް ބޭނުންވި ހިނދު އެނަސީބުން ވެސް ބަތޫލް ވީ މަހުރޫމުވެފަ އެވެ. ފާޅުކުރަން ބޭނުންނުވި ކަމުގައި ވިޔަސް އަޒްޔާން އޭނަގެ ގާތުގައިވުމަށް ބަތޫލްއަށް އެދެވެއެވެ. އޭނަގެ ހާލު އޮޅުންފިިލުވައި ލޯތްބާއެކު ވާހަކަދެކެވެން އެދެވެއެވެ. ދެމަފިރިން އެކުގައި އަންނަން އުޅޭ މެހުމާނާއަށް މަރުޚަބާކިޔަން ތައްޔާރުވުމަށް ވެސް އެދެވެ އެވެ. ނަމަވެސް އެހުރިހާ ކަމެއްވީ ބަތޫލްގެ ހިތުގެ ތެރޭގައި ވަންހަނާ ކުރެވިފައެވެ. އެއީ ކުލަޖެހުމެއް ނެތް ހުވަފެންތަކެއްކަން ޔަޤީން ވާތީއެވެ. އަނދިރިވަމުން އައި ޚަޔާތުގައި ކުރިއަށް ދިއުމުގެ ހިތްވަރެއްކަމުގައި ވެފައިވީ ހަމައެކަނި އޭނަގެ ބަނޑުގައި އަށަގަންނަމުން އައި ފުރާނަ އެވެ. އެދަރިފުޅުގެ ހައްޤުގައި އޭނަ ހުރީ ޤުރުބާންވާން ވެސް ތައްޔާރަށެވެ. އޭނަގެ ދިލަ ހިތަށް ލިބޭނެ ހަމައެކަނި ރާހަތަކީ ވެސް އެއީ އެވެ. މިހާރުއްސުރެ އެދަރިފުޅުގެ މޫނު ދެލިކަން ބަތޫލްގެ ހިތް ވަނީ ބޭޤަރާރުވެފައެވެ. އެފަދަ ޚިޔާލުތަކާއެކު ބަތޫލްގެ ހިތުގައިވި މައިވަންތަކަމުގެ ލޯބި އުތުރިއަރައިގެން ދެއެވެ.

*****

ދުވަސްތައް ފާއިތުވަމުން ގޮސް ބަތޫލްގެ ބަނޑަށް ފަސްމަސް ފުރުނު ދުވަހެވެ. ޑޮކްޓަރަށް ދައްކަން ދާން ތައްޔާރުވަމުން ދިޔަ ބަތޫލްއަށް އިރުކޮޅެއް ވަންދެން ލޯގަނޑުން ފެންނަމުން ދިޔަ އޭނަގެ އަމިއްލަ ސޫރައަށް ބަލަން ހުރެވުނެވެ. ލޯގަނޑުން މުޅިން އެހެެން މީހަކު ފެންނަ ކަހަލަ އެވެ. ފާއިތުވެ ދިޔަ ދުވަސްތަކުގައި އުޅެން ޖެހުނު ނިކަމެތި ހާލުގެ ސަބަބުން ބަތޫލްގެ ހަށިގަނޑު ކުރިއަށްވުރެ ނިކަމެތިކަމަށް ދައްކައެވެ. މާބަނޑު އަންހެއްނެއްގެ ފަރާތުން ފެންނަން ޖެހޭ ދިރުމަށްވުރެ ބޮޑަށް ބަތޫލްގެ ފަރާތުން ފެންނަމުން ދިޔައީ ބޮޑު ބައްޔަކާ ހަނގުރާމަކުރަމުންދާ މީހެއްގެ ފަރާތުން ފެންނާނެ ފަދަ އަލާމާތްތަކެވެ. އެދޮން މޫނުގެ ދިރުން ގެއްލިފައިވާއިރު ލޮލުކައިރީގައި ވެސް ކަޅުކުލައިގެ ތުނި ފަށަލައެއްލެވެމުން ދިޔަ އެވެ. ކޮލުގެ މަސްތައް ހިނދި ވަޅުވަދެފައި ވިއެވެ. ލޮލުގައި ވަނީ ނުފިލާ ރަތްކަމެއް ފޭދިފައެވެ. ބަރުދަން ލުއިވުމުގެ ސަބަބުން ކިތަންމެ ފަހަރަކު ޑޮކްޓަރުން ވަނީ ބަތޫލްއަށް ނަސޭހަތް ދީފައެެވެ. ސިއްހަތަށް ފަރުވާ ނުބަހައްޓައިިފިނަމަ ދަރިފުޅަށް ކުރިމަތިވެދާނެ ގެއްލުންތަކާ މެދު ވެސް އިންޒާރުދީފައެވެ. އޭގެ ސަބަބުން އުފެދުނު ބިރުވެރިކަމާ ހުރެ ކުރިއަށް ވުރެ ބޮޑަށް އަމިއްލަ ނަފުސަށް ބަތޫލް ފަރުވާ ބަހައްޓަން ފެށިއެވެ. އޭނަގެ އިހުމާލުން ދަރިފުޅަށް ގެއްލުމެއްވާން ބޭނުން ނުވާތީއެވެ. އެފަދައިން ކަންތައް ވެއްޖެނަމަ ދުވަހަކު އޭނަގެ އަމިއްލަ ނަފުސަށް މަޢާފުކުރެވޭނެކަމެއް ނޭގެއެވެ. ނަމަވެސް ފިރިއެއްގެ ފަރާތުން ލިބެންވީ އަޅާލުމާއި އޯގާތެރިކަން ނުލިބުމުގެ ފަޅުކަން ބަތޫލްއަށް އިހުސާސްކުރެވުނެވެ. ކިތަންމެ ރެޔަކު އޭނަ ވަނީ ހިމޭން ކަރުނަ އޮއްސާފައެވެ.

އަމިއްލަ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ވަނިކޮށް ބަތޫލްއަށް ސިހުން ގެނެސްދިނީ އޭނަގެ ކޯތާފަތުން ކަރުނައިގެ ފިނިކަން އިހުސާސް ކުރެވުމުންނެވެ. އަވަސްއަވަހަށް ކަރުނަތަށް ފޮހެލަމުން ބަތޫލް ފުންނޭވާއެއް ދޫކޮށްލިއެވެ. އަދި އުފުލިފައިވި ބަނޑުގައި ދެތިންފަހަރަކު ފިރުމާލަމުން ނުކިޔަމަންތެރި ހިތަށް ވިސްނައިދިނެވެ. ކެތްތެރިކަމުގެ ލާމަސީލު ނަމޫނާއެއް ދައްކައިގެން މެނުވީ އޭނައަށް ކާމިޔާބުވެވެން ނެތެވެ.

*****

ބަތޫލް ތައްޔާރުވެލައިގެން ކޮޓަރިން ނިކުތް އިރު އަޒްޔާން އޮފީހަށް ދާން ގެއިން ނިކުންނަނީއެވެ. ބަތޫލްއަށް އެމަންޒަރު ބަލަން ހުރެވުނީ މާޔޫސް ވެފައެވެ. އޭނަ ރޭގައި އަޒްޔާން ގާތު ވަނީ ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ވާހަކަ ބުނެފައެވެ. ނަމަވެސް އަޒްޔާން ހަނދާން ހުރި ހެނެއް ހިޔެއް ނުވެއެވެ. އެއީ އަބަދުގެ އާދައެވެ. ބަތޫލްއާއެކު އަޒްޔާން ދުވަހަކު ވެސް ޑޮކްޓަރަށް ދައްކަން ގޮސްފައި ނުވެއެވެ. ކޮންމެ ފަހަރަކު ބަތޫލް ދާން ޖެހެނީ އެކަނިމާއެކަންޏެވެ. އެކަމާ ހުރެ ހޮސްޕިޓަލުގައި އުޅޭ އޭނަ ދަންނަ އެތައް މީހުންނެއްގެ ސުވާލުތަކާ ކުރިމަތިލާން ޖެހެއެވެ. އެސުވާލުތަކުން ލިބޭ ހާސްކަމާއެކު ބަތޫލްއަށް ޖެހެނީ ކޮންމެ ފަހަރަކު ދޮގު ހަދާ އޮޅުވާލާށެވެ. އޭނަގެ ހުރިހާ ކަމަކަށް އޮތް ހައްލަކީ އެއީ ކަމުގައި ވާތީއެވެ. ނަމަވެސް އެއްވެސް ފަރާތަކަށް ޝައްކެތް ވެދާނެތީ ބަތޫލް ބިރުގަނެއެވެ. ހުރިހާ ކަމެއް ދުނިއުމުރަށް ނުފޮރުވޭނެތީއެވެ.

ބަދިގެއިން ނިކުމެގެން އައި ޝީރީނަށް ކޮޓަރީގެ ދޮރުމަތީ ހުރި ބަތޫލް ފެނުނެވެ. ބަތޫލްގެ ފައިން ފެށިގެން ބޮލާ ހަމައަށް ނަޒަރު ހިންގާލުމާއެކު އެހުރީ ބޭރަށްދާން ތައްޔާރުވެގެންކަން ޝީރީނަށް އެނގުނެވެ. އެއާއެކު އޭނަ ގާތަށް އައީ ނުލަފާ ހިންޏެކެވެ. އަޒްޔާން ނިކުތުމާއެކު ބަތޫލްއަށް ބަހުގެ ހަމަލާ ދޭން އޭނަ ހުރީ ތައްޔާރުވެލައިގެންނެވެ.

''ބޭކާރު މީހެއްކަން އެނގޭ އިރު ވެސް އެއްޗެއް ވިސްނިގަންނާކަށް ނޭގޭ ދޯ؟... ކަލޭ އެހާ ވެސް ގަމާރީތަ؟...'' އަޒްޔާން ދިއުމާއެކު ޝީރީން މަލާމާތުގެ ރާގަކަށް ބުނެލިއެވެ.

''އަޒްޔާން ނޫޅޭ ކަލެއާ ހެދިއެއް، ކަލޭގެ ބަނޑުގައި ތި އޮތް ދަރި ވެސް އޭނަ ބޭނުމެއް ނޫން، މިހާ ދުވަސްވީއިރު ވެސް އެކަމެއް ނުވިސްނުނު ދޯ، ނޫނީ ސިކުނޑީގައި ތެތްކަމެއް ނެތީމަ ވިސްނައިގަންނަން ނޭގެނީތަ؟... އެހެންވިއްޔާ އަޑުއަހާ!... ކަލޭ ތީ ބޭކާރު މީހެއް!، ކަލޭ ހިތުން އަޒްޔާންގެ ހަމްދަރުދީ ލިބޭނެކަމަށް ދޯ ތި ތެޅިމަރުވަނީ؟، ރޮއެރޮއެ ބީތާވެފަ ތިހުންނަނީ؟... ބަލަ އޭނަ ދެން ކަލެއާ ދިމާއަށް ބަލާ ވެސް ނުލާނެ، އަޒްޔާނަށް ކުރެވުނު މޮޔަކަމެއް ކަލެއާ ކައިވެނިކުރުން އެއީ، މިހާރު އޭނަ އެއުޅެނީ އެކަމުން ސަލާމަތްނުވެވިގެން!، ދެން ވެސް ތި ގަމާރަށް އެއްޗެއް ވިސްނެން ވެއްޖެދޯ...''

ބަތޫލް ގާތަށް ހުއްޓިލަމުން ޝީރީން ވާހަކަދެއްކީ ރުޅިވެރިރާގަކަށެވެ. ބަތޫލްއަށް ލިބޭ ކޮންމެ ނިކަމެތިކަމެއްގެ ފައިދާނަގަން ޝީރީން ހުންނަނީ ތައްޔާރަށެވެ. މިވީހާ ތަނަށް އޭނައަށް ލިބުނު އެފަދަ ކޮންމެ ފުރުސަތެއްގެ ބޭނުން އޭނަ ވަނީ ހިފާފައެވެ. އޭނަ އެއުސޫލުން ކަންތައް ކުރަނީ ބަތޫލްގެ ނިކަމެތިކަން ސާބިތުކޮށްދޭށެވެ. ބަތޫލްގެ ހިތުގައި އުއްމީދު ކުރިލައި ފޯދޭނަމަ އެކަމަށް ވެސް ހުރަސް އެޅުމަށެވެ. އޭގެ އިތުރުން ނަފުސާނީ ގޮތުން ބަތޫލް ބަލިކަށިކުރުމަށެވެ.

ޝީރީންގެ ބަސްތަކުން ބަތޫލްގެ ހިތަށް އަސަރުކޮށް ރިހޭފައިމައްޗަށް ފޮތްވެއްޓުނު ފަދަ އިހުސާސެއް ކުރެވުނެވެ. އިތުރަށް އެތާނގައި މަޑުކޮށްފިނަމަ އޭނަގެ ނިކަމެތިކަމުގެ ފައިދާ ޝީރީން ނަގާފާނެތީ ބަތޫލް އަވަސްވެގަތީ ދިއުމަށެވެ.

''ކަލޭ ކިތަންމެ ވަރަކަށް ހަޤީޤަތަށް ފިލަން އުޅުނަސް ނުވާނެ އެކަމެއް!... ބަލަން ހުންނާތި!، އަޒްޔާން ކަލޭ ވަރިކޮށްފަ ނިކަން އަވަހަށް ނެރެ އެއްލާލާނެ، އެދުވަހަށް އިންތިޒާރުކޮށްގެން ހުރޭ!...''

ބަތޫލް ކުރިއަށް އަޅަމުން ދިޔަ ފިޔަވަޅުތަކަށް ހުއްޓުމެއް ގެނުވީ ޝީރީންގެ ޖުމްލައިންނެވެ. މުޅި މީހާއަށް ސިހުން އައިސްފައިވި ހާލު ފަސްއެނބުރި ބަތޫލްއަށް ބަލާލެވުނެވެ. އޭރު ހޮނުގުގުރީގެ ބާރުމިނުގައި އެޖުމްލަ އޭނަގެ ކަންފަތުގައި ގުގުމައެވެ. އޭނަގެ ހިތަށް ބިރުވެރިކަމާއި ގިލަންވެރިކަން ވެސް ވެރިވެގެން އައީ ދެނެވެ.

''އާނ!، ތި އަޑުއިވުނީ ހަމަ ރަގަޅަށް!، އަޒްޔާން ކަލޭ ވަރިކޮށްފަ ނެރޭނެ، އެދުވަހަކަށް އިންތިޒާރުކޮށްގެން ހުރޭ!...'' ވިހަ ހިނިތުންވުމަކާއެކު ޝީރީން އޭނަގެ ބަސްތައް ތަކުރާރުކޮށްލިއެވެ. ބަތޫލްގެ ހިތުގެ ފުންމިނަށް ހަމަލާ ދެވިއްޖެކަން ޝީރީނަށް ދެނެގަނެވުނެވެ. އެއާއެކު އޭނައަށް ކާމިޔާބީގެ އުފާ ހާސިލުކުރެވުނެވެ. ކަރުނައިގެ ތެރެއަށް ގެނބެމުން އައި ބަތޫލްއަށް މަލާމާތުގެ ނަޒަރަކުން ބަލައިލަމުން އޭނަ ގޮސް ކޮޓަރިއަށް ވަނެވެ.

''ނޫން!...'' ކަންފަތުގައި ގުގުމަމުން އައި ލަފުޒުތައް ހުއްޓުވަން ބަތޫލްއަށް އޭނަގެ ކަންފަތުގައި އަތް އަޅާލެވުނެވެ. އެވަގުތު ބަތޫލްގެ އަތުގައި އޮތް އޭނަގެ މެޑިކަލް ފައިލް ވެސް ބިންމައްޗަށް ވެއްޓި އޭގައި ހުރި ގަނޑުތައް އުދުއްސައިގަތެވެ. މެޔަށްކުރަމުން ދިޔަ ބާރާއެކު ބަތޫލްއަށް ރޮވުނެވެ. އަޒްޔާން ގާތު ކޮށްފައިވާ އާދޭސްތައް ބަތޫލްގެ ހަނދާނަށް އަންނަން ފެށިއެވެ. އެހުރިހާ އާދޭހަކަށް އަޒްޔާން ބީރުކަންފަތެއް ދިނީ ހެއްޔެވެ؟ ޝީރީން އެހާމަކުރީ ތެދު ހެއްޔެވެ؟ އެހެން ކަންތައް ވެއްޖެނަމަ އޭނަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ވަންނާނެ ތެނެއް ނެތް ހާލު އޭނަ އާއި އޭނަގެ ދަރިފުޅު މުޅި ދުނިޔެއަށް ގިނަވާނެއެވެ.

ހިތަށް ގޯނާކުރަން ފެށި ސުވާލުތަކާ ހުރެ ބަތޫލްގެ ސިކުނޑި ސުމަކަށްދާވަރު ވިއެވެ. ހަދާނެ ގޮތް ހުސްވެ އޭނަ ބިމަށް ތިރި ވިއެވެ. ބަތޫލްއަށް އެވަގުތު ގިސްލެވުނެވެ. ހަތަރުއުދަރެސް ފެނުޖެހިއްޖެކަމުގެ ބިރު އޭނައަށް ހީވިއެވެ. އުދާސްކަމުގެ ތެރޭގައި ހަނާވަމުން ދިޔަ ހިނދު ބަތޫލްއަށް ސިހުމެއް ގެނެސްދިނީ ދަރިފުޅުގެ ތޮޅުމުންނެވެ. ރުއިން ހުއްޓާލަން މަސައްކަތްކުރަމުން ބަތޫލްއަށް އޭނަގެ ބަނޑުގައި ފިރުމާލެވުނެވެ. ހިތާމަތައް ކޮޅުންލައިގެން ދާ ހިނދު ބަތޫލްއަށް ދަރިފުޅުގެ ހަރަކާތްތަކުން ލުއިކަމެއް ގެނެސްދެއެވެ. ނަމަވެސް ހާސްކަންވެރިވެފައިވި އޭނަގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ. މުސްތަޤުބަލާއި މެދު އުފެދިފައިވި ސުވާލުތަކުންނެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ބަތޫލް އިންތިޒާރުކުރަމުން އައީ އަޒްޔާން ގެއަށް އަންނާނެ ވަގުތަކަށެވެ. ހެނދުނުއްސުރެ އޭނަގެ ހިތަށް ގޯނާކުރަމުން އައި ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. އަޒްޔާންގެ ފައިބުޑަށް ވެއްޓި އާދޭސްކޮށްގެން ވިޔަސް އޭނައަށް ރަހުމުކުރުމަށް އެދެން ބަތޫލް ހުރީ ތައްޔާރަށެވެ. އަޒްޔާނާއި ވަކިވާން ވެއްޖެނަމަ އޭނައަށް ލިބޭ ގިލަންވެރިކަމުގައި ހިތް ފަޅައިގެން ވެސް ހިނގައިދާނެއެވެ. އަޒްޔާން ދޭ ސަޒާތަކަށް އޭނަ ކެތްކޮށްގެން ވެސް އެހުންނަނީ އަޒްޔާން ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ.

އަޒްޔާން ކޮޓަރިއަށް ވަން އިރު ބަތޫލް އިނީ އެނދުގައި އިށީންދެލައިގެންނެވެ. އަޒްޔާން ފެންނައިރަށް ބަތޫލް ކޮޅަށް ތެދުވުނެވެ. އަދި ހަލުވި ފިޔަވަޅުތަކެއްގައި ހިނގައިގަތީ އަޒްޔާންގެ ގާތަށް ދިއުމަށެވެ.

'ޒޭން... އަހަންނާ މެދު ތިހެން ކަންތައް ކުރަނީ ކީއްވެތަ؟، ޒޭން ދެކެ ލޯބިވުން އެއީ އަހަންނަށް ކުރެވުނު ކުށަކަށް ވާތީތަ؟... އެކުށުގެ ބަދަލުތަ އަހަރެންގެ ފަރާތުން ތިހިފަނީ؟... މިހާ ދުވަސް ވަންދެން ވެސް އަހަރެން ޒޭން ތި ދޭހާ އަނިޔާއަކަށް ކެތްކޮށްގެން މިހުރީ ވާލޯތްބެއްގެ ސަބަބުން، އަހަރެންގެ ސަބަބުން ޒޭންގެ އުފަލަށް ހުރަސް އެޅޭން ބޭނުން ނުވާތީ އިތުރު ކައިވެންޏެއް ކުރުމުގެ ފުރުސަތު ވެސް ދީގެން މިހުރީ، އެކަމަކު ވެސް ޒޭން އަހަރެން މިވާހާ ޤުރުބާނީއާ މެދު އެންމެ ފަހަރަކު ވެސް ވިސްނާނުލާ... އަހަރެންގެ ހިތުގައި ވޭންއަޅާކަމެއް ނޭގޭތަ؟.......... ޒޭން ހެޔޮނުވާނެ އަހަރެން ބާކީކޮށްނުލާ، އަހަންނާ މެދު ވިސްނަން ބޭނުން ނުވަންޏާ އެންމެ ފަހަރަކު ވިޔަސް އަހަރުމެންގެ ދަރިފުޅާ މެދު ވިސްނާލަބަލަ، އެދަރިފުޅަށް ނިކަމެތިކަމެއް ލިބޭކަށް އަހަރެން ބޭނުމެއް ނޫން...''

އަޒްޔާން ކުރިމައްޗަށް ހުއްޓިހުރެ ބަތޫލް ދެއަތް ޖޯޑުކުރަމުން އާދޭސްކުރީ ރޮވިފައިވި އަޑަކުންނެވެ. ބަތޫލްއަށް ބަލަން ހުރި އަޒްޔާނަށް ލިބުނީ ހައިރާންކަމެކެވެ. އޭނައަށް ހުރެވުނީ އެބުނި އެއްޗެއް ދޭހަކުރަން ނޭގުނީތީއެވެ. ބަތޫލްގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އޭނަގެ ހިތަށް އަސަރުކުރުވިއެވެ. އަމިއްލަ ހިތަށް އޭނަ އޮޅުވާލަން ކިތަންމެ ވަރަކަށް މަސައްކަތްކުރިކަމުގައި ވިޔަސް އަދި ވެސް އެހިތުގައި ބަތޫލްއަށްޓަކައި އިހުސާސްތައް ވެއެވެ. އޭނަ ބަތޫލްއާއި ވީހާ ވެސް ދުރުން އުޅެން މަސައްކަތްކުރަނީ އެސަބަބާ ހުރެއެވެ. އޭނަގެ ހިތް ދެވަނަ ފަރަށް ބަދަލުވާކަށް އޭނަ ބޭނުމެއް ނޫނެނެވެ. އެހެންކަންތައް ވެއްޖެނަމަ އޭނަގެ ހަޤީޤީ މަގުސަދު ހާސިލެއްނުކުރެވޭނެއެވެ.

''މޮޔަވީތަ؟...'' އަޒްޔާން ބުނެލީ ނުރުހިފައިވާ އަޑަކުންނެވެ.

''އާނ، އަހަރެން މިހުރީ މޮޔަވެފައި، ޒޭންއަށްޓަކައި އަހަރެން ނުކުރަނީ ކޮންކަމެއްތަ!، އަހަރެން މައިންބަފައިންނާ ޢާއިލާ ދޫކޮށްލާފަ ޒޭން ގާތަށް އައީ ލޯބިވާތީ... ހުރިހާ އެއްޗެއް ޤުރުބާންކުރީ ހަމަ އެލޯތްބަށްޓަކައި، އެކަމަކު... އެކަމަކު ޒޭންގެ ފަރާތުން އަހަންނަށް ލިބުނީ ކޯޗެއް؟، ހަމައެކަނި ވަގުތީ ލޯތްބާއި އުފާވެރިކަން... އެއަށްފަހު އަހަންނަށް ލިބުނީ ވޭނާއި ހިތްދަތިކަން، ތިދެއަތުން އަހަރަނެގް އުފާވެރިކަން ނަގާލީ އަހަރެން ރޮއެ އާދޭސްކުރި ހާލު، އެކަމަކު ވެސް އަހަރެން ކެތްތެރިވީ ހަމަ ޒޭން ދެކެވާ ލޯތްބަށްޓަކައި، އަހަރެންގެ ބަނޑުގައި މިވާ ޒޭންގެ ދަރިފުޅަށްޓަކައި...'' އަޒްޔާންގެ ގަމީހުގައި ހިފައި އަތުގެ ތެރެއަށް ބޮނޑިކޮށްލަމުން ބަތޫން ބުނެލި އެވެ. ކަރުނުން ފުރިފައިވާ ދެލޮލުން އޭނަ އަޒްޔާނަށް ބަލަމުން ދިޔައީ ރަހުމުކުރާށެ ބުނާ ފަދައަކުންނެވެ.

ބަތޫލްގެ މޫނާއި ނަޒަރު ވަކިކޮށްލަން ނޭގިފައި އަޒްޔާނަށް ހުރެވުނެވެ. އެލޮލުގައިވާ ރަތްކަމުން ގިނަ އިރު ރޮއިފައިވާކަމަށް ހެކި ދެއެވެ. އަޒްޔާންގެ ހިތަށް އެވަގުތު ޝީރީންގެ ނަން ވެރިވެގެން އައީ ބަތޫލްގެ ކަރުނަތަކުގެ ފަހަތުގައި ޝީރީންގެ އަތެއް ވާނެކަން ޔަޤީންކުރެވުމުންނެވެ.

''ޒޭން ޕްލީޒް... އަހަރެން ވަރިކޮށްނުލާތި، ޔޫ އާރ އޯލް އައި ހޭވް ލެފްޓް...'' މަޑު ތުރުތުރުލުމެއް އުފެދިފައިވާ އަޑަކުން ބަތޫލް ބުނެލި އެވެ.

''އަބަދު ތިނޫން އެއްޗެއް ކިޔަން ވެއްޖެއެއްނު، ބޮލަށް އުނދަގޫވާވަރު އެބަވެޔޭ...'' އަޒްޔާން އޭނަގެ އިހުސާސްތަކުގެ މައްޗަށް ގަދަވެލަމުން ހަރުކަށިކަން ދައްކާލިއެވެ. އަދި ބަތޫލްގެ އަތުގައި ހިފަމުން އަތް ނައްޓުވާލިއެވެ. އަދި ބަތޫލްއާއި ދުރަށް ހިނގައިގަންނަމުން އޭނަގެ ގަމީހުގެ ގޮށްތައް ނައްޓާލުމާއެކު ހަށިގަނޑާއި ގަމީސް ވަކިކޮށްލުމަށްފަހު ދާވަށިގަނޑަށް ލިއެވެ. އެއަށްފަހު އޭނަގެ ތުވާލި ހިފައިގެން ގޮސް ފާޚާނާއަށް ވަނީ ތާޒާ ވެލާށެވެ. އެހުރިހާ މަންޒަރެއް ބަލަން ހުރި ބަތޫލްގެ ތުންފަތުގައި އުފެދިފައިވި ތުރުތުރުލުމުގެ ތެރޭން ގިސްލުމުގެ އަޑު ނިކުތެވެ.

*****

ގިނަ ދުވަސްތަކެއް ވަންދެން ސަލާން ބުނުމަށްފަހު ބަތޫލް ވަޒީފާއަށް ނިކުންނަން ފެށީ ގޭގައި ހުންނަން ޖެހޭ ވަގުތު މަދު ކުރުމަށެވެ. ހަމައެއާއެކު ޝީރީންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައާއި ފިއްތުންތަކުން ވެސް ސަލާމަތްވުމަށެވެ. އޭގެ އިތުރުން މީހުންގެ ތެރެއަށް ނިކުމެ އުޅުމުން އޭނަގެ ސިކުނޑިއަށް ކުރަމުންދާ ބާރަށް ލުއިކަމެއް ވެސް ލިބިދާނެކަމުގެ އުއްމީދުގައެވެ.

''އިޓްސް ގުށް ޓު ސީ ޔޫ ބަތޫ!...''

ރަހުމަތްތެރިންގެ ފަރާތުން ބަތޫލްއަށް ހޫނު މަރުހަބާއެއް ލިބުނެވެ. ނަމަވެސް އެންމެން ވެސް ބަތޫލްއަށް އައިސްފައިވާ ބަދަލާ މެދު ކަންބޮޑުވުން ފާޅުކުރިއެވެ. މިފަހަރު ވެސް ބަތޫލްއަށް ޖެހުނީ އެކަންތައް އޮއްބާލަން ދޮގު ޚިޔާރުކުރާށެވެ. ނަމަވެސް ހިމޭނުން ހުރި ޖަނާއަށް ކަމެއް ފާހަގަ ކުރެވުނެވެ. އޭނަ ބަތޫލްއަށް ފަރުވާތެރިވެ ބަލަމުން ދިޔައީ ވެސް އެހެންވެއެވެ. ޖަނާގެ ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދަން އޭނަ މަޑުކޮށްލައިގެން ހުރީ މާހައުލު ހިމޭންވަންދެނެވެ. އޭނަ ކޮޅުމަތި ބަލަމުން އައި ފުރުސަތު ލިބުނީ ބްރޭކް ގަޑީގަ އެވެ. އޭރު ނަރުހުންގެ ޖަގަހައިގައި ތިބީ ބަތޫލްއާއި ޖަނާ އެކަންޏެވެ.

''ބަތޫ... އަހަރެން ސުވާލެއް ކޮށްފިއްޔާމު ތެދުތެދަށް ޖަވާބުދޭނަންތަ؟...'' ބަތޫލްއާއި ކުރިމަތިލަމުން ޖަނާ އަހާލީ އޭނަގެ އަޑަށް ސީރިޔަސްކަން ގެންނަމުންނެވެ. އަތުގައި އޮތް ފައިލުގެ ގަނޑުތައް އުކަމުން އައި ބަތޫލްގެ ހަރަކާތްތަކަށް ލަސްކަމެއް އައީ ދެނެވެ. އޭނައަށް ހާސްކަން ލިބުނީ ޖަނާކޮށްފާނެ ސުވާލެއްގެ ސަބަބުންނެވެ.

''ހުރިހާކަމެއް ވެސް ރަގަޅުތަ؟...'' މޭޒުމަތީ އޮތް ބަތޫލްގެ އަތުގައި ހިފަމުން ޖަނާ އެހި އެވެ.

''އާނ...'' ޖަނާއަށް ބަލައިލަމުން ބަތޫލް ގަދަކަމުން ހިނިތުންވެލިއެވެ.

''އަހަރެން ބުނީމެއްނު ތެދަށް ޖަވާބުދެއްޗޭ...'' ބަތޫލްގެ ޖަވާބާ މެދު ޖަނާ ހިތްހަމައެއް ނުޖެހުނެވެ. އެއާއެކު ބަތޫލްއަށް ނުތަނަވަސްކަން ލިބުނެވެ.

''އެވްރީތިންގް އިޒް ފައިން...'' ބަތޫލް އޭނަގެ ޖަވާބު ތަކުރާރުކުރި އެވެ.

''އެންވިއްޔާ ކީއްވެތަ ކޮންމެ ފަހަރަކު ބަތޫ ޑޮކްޓަރަށް ދައްކަން އަންއިރު އެކަނި އަންނަނީ؟... ތިހާ ބޮޑު ބަދަލެއް އައިސްފައިވަނީ ކީއްވެތަ؟... ބަތޫ، ޔޫ ލުކް ލައިކް ޔުއާރ އިން ޑިސްޓްރެސް، ދެން ނުބުނާތި ބަލިވެ އިނީމައޭ، އަހަންނަށް ވެސް ބަލި ތިބޭ މިހުން ފެނޭ އެކަމަކު ތިހެން ތިއްބަކާ ނުދެކެން، ބަތޫ ރަގަޅަށް ނުކާކަން ބެލީމަ އިނގޭ... އެހެންވެޔޭ މި އަހަނީ ހުރިހާ ކަމެއް ރަގަޅު ހެއްޔޭ، ޒޭންއާ ދެމީހުންގެ މައްސަލައެއް ޖެހުނީތަ އަނެއްކާ؟...'' ހަޤީޤަތް ހޯދައި އެކުވެރިޔާއަށް އެހީގެ އަތެއް ފޯރުކޮށްދޭން ބޭނުންވެފައިވި ޖަނާ ވާހަކަ ދެއްކިއެވެ. އޭނަ އެވާހަކަ ބަތޫލްއައި ހިއްސާކުރަން ބޭނުންވާތާ ކިތަންމެ ދުވަހެކެވެ. ނަމަވެސް ފަސްކޮށްލައިގެން ހުރީ ބަތޫލް އެކަމާ މެދު ހިތްހަމަނުޖެހިދާނެތީއެވެ. ހަމައެއާއެކު ފެންނަމުންދާ ކަންތައް ކުށްހީއަކަށް ވެސް ވެދާނެތީއެވެ.

''ޖަނާ، އަހަރެން ބުނެފީމެއްނު ހުރިހާކަމެއް ރަގަޅޭ... ޒޭން އަހަންނަށް ވަރަށް ކެއާރ ކުރޭ... އަހަރެން ގަވައިދުން ކައިވެސް ހަދަން، އެކަމަކު ހުރިހާ އެއްޗެއް ހޮޑަށް އަންނާތީ މައްސަލައަކީ، މިހާރު ކިތައް ފަހަރު އެކަން ހައްލުނުވެގެން ޑޮކްޓަރަށް ދެއްކިއްޖެ، ދެން ތިބުނީ ޒޭން އަހަންނާއެކު ނާންނަނީ ކީއްވެގެން ހެއްޔޭ، މިދުވަސްކޮޅު އޮފީހުގަ ބުރަކޮށް އުޅޭތީ ނާދެވެނީ...'' ބަތޫލް ބުނެލިއެވެ. އޭނަގެ އަޑުން ޖަނާއަށް ވާހަކައިގެ ތެދުކަން ސާބިތުކޮށްދޭ ކަހަލައެވެ. ބަތޫލްއަށް ބަލަމުން ދިޔަ ޖަނާ އެއާ ވިދިގެން އެއްޗެއް ބުނަން އުޅެފައި ވެސް ހިނިތުންވެލީ ބަތޫލްއަށް އިތުބާރުކުރަމޭ ބުނާ އުސޫލުންނެވެ. ނަމަވެސް އެވާހަކަތައް އޭނައަށް މުޅިން ޤަބޫލެއް ނުކުރެވުނެވެ. އޭނަ ގަސްދުކުރީ އިތުރަށް މަޢުލޫމާތު ހޯދުމަށެވެ. ބަތޫލްގެ މިޒާޖަށް އައިސްފައިވާ ބަދަލުތަކަކީ ހައިރާންވާ ކަހަލަ ބަދަލުތަކެއް ވިއްޔާ އެވެ.

*****

ޑިއުޓީ ނިންމާފައި ބަތޫލްއަށް ގެއަށް އާދެވުނީ ރޭގަނޑު ދިހައެއްޖަހަން އުޅެނިކޮށެވެ. މިއަދު ޖަނާގެ ފަރާތުން ކުރިމަތިިވި ސުވާލުތަކާ ހުރެ ބަތޫލްއަށް ވަނީ ކަންތަކާ މެދު ފުންކޮށް ވިސްނަން މަޖުބޫރުވެފައެވެ. އިތުރަށް ޖަނާގެ ހިތުގައި ޝައްކު އުފެދުމުގެ ފުރުސަތު ދޭން ބަތޫލް ބޭނުމެއް ނުވެއެވެ. އެހެން ވެއްޖެނަމަ ހަޤީޤަތް ބޭޒާރު ވާނެއެވެ. ނަމަވެސް ކަންތައް ކުރަންވީ ގޮތެއް ބަތޫލްގެ ވިސްނުމަކަށްނަ އެވެ. އަޒްޔާންގެ އެއްބާރުލުން ލިބިގެން މެނުވީ ކާމިޔާބުވެވުމެއް ނެތެވެ. އެކަމަކު އޭނައަށް އެނގޭހާ ވެސް އެއްޗަކީ އަޒްޔާންގެ ފަރާތުން އެދެވޭ ފަދަ ކުރިއެރުމެއް ނުލިބޭނެކަމެވެ.

ފުންނޭވާއެއް ދޫކޮށްލުމަށްފަހު ދޮރުގެ ތަޅުގައި ހިފާ އަނބުރާލަމުން އެތެރެއަށް ކޮއްޕާލަން އުޅުނު ވަގުތު ބަތޫލްއަށް ހައިރާންކަމެއް ލިބުނީ ޒުވާބެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. ކުޑަކޮށް ދޮރުހުޅުވާލަމުން ބަތޫލް އެތެރެއަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނައަށް ފެނުނީ ޝީރީނާއި އަޒްޔާން ޒުވާބުކުރާތަނެވެ.

''މިހާރު އޭނައާ މެދު ހަމުދަރުދީވާން ފެށީތަ؟... މިއޮއް ހުރިހާ ދުވަހު އޭނަ ދެކެ ކުރަމުން އައި ނަފުރަތު ކޮބާ؟... އޭނަ ބަލިވެ އިނޭ ކިޔާފަ އަޒްޔާން ނުޖެހޭނެޔޭ އެރުޅިވެރިކަން ހަނދާން ނައްތާލަން...'' ޝީރީން ބުނެލިއެވެ.

''ދައްތަ ކޮންމެ ގޮތަކަށް ދެކުނަސް އަހަރެން މިބުނީނު ބަތޫލްއާ ކުރާ ޒުވާބުތައް ހުއްޓާލާށޭ، އޭނަ ކޮންމެ ފަހަރަކު އައިސް ރޮއެފަ އަހަރެންގެ ބޮލަށޭ އުނދަގޫކުރަނީ...'' ޝީރީނަށް ވިސްނައިދޭން އަޒްޔާން ކުރަމުން އައި މަސައްކަތް ކާމިޔާބު ނުވުމުން އަޒްޔާން ރުޅިއައެވެ.

''އަހަރެން ހިޔެއް ނުކުރަން އަޒްޔާން ތިހާއަވަހަށް ކުލަ ބަދަލުކޮށްފާނެޔެކޭ، އަހަރެން އޭނައާ ޒުވާބުކުރަނީ މަޤުސަދެއް އޮތީމައޭ... ބަލަ އަޒްޔާން ބޭނުމެއް ނުވޭތަ ޒައިނަބަށް ކުރިމަތިވި ކަންތަކުގެ ބަދަލުހިފަން؟، އެޖައުފަރަށް އޭނަ ކުރިކަންތަކުގެ އަޖުމަ ލިބެން؟، ބަތޫލްއަށް ލިބޭނެ ކޮންމެ ދެރައަކީ އެޖައުފަރުގެ މޫނަށް ވީއްލާލެވޭނެ އެތިފަހަރެއް... މިހާރު އޭނަގެ ދިރިއުޅެމުންދާ ހާލު އޭނައަށް އަންގަންވީ، އެކަމަކު އަޒްޔާން ޒުވާބު ތިކުރަނީ މަށާ!، ހަތުރުން ވެސް ވަކިކުރަން އަޒްޔާނަށް މިހާރުނޭގޭދޯ!...''

ޝީރީންގެ ޖުމްލައާއެކު ބަތޫލް އެތެރެއަށް ލާން އުޅުނު ނޭވާވެސް ހިނދުރީގެ ތެރޭގައި ތާށިވެއްޖެއެވެ. އޭނަގެ ދެލޯބޮޑުވި ހިނދު މުޅި މީހާއަށް ހުއްޓުމެއް އަތުވެއްޖެއެވެ. ހަރަކާތެއްކޮށްލަން ވެސް ނޭގިފައި ހުރެވުނީ ޝީރީން ބުނި ޖުމްލައިގެ މާނަ ހޯދުމަށް ސިކުނޑިއަށް ލަމުން ދިޔަ ބާރާ ހުރެއެވެ.

ކޮމެންޓް 0