''ހާދަ ނޫން ގަޑިއެއްގަ؟...'' މާރިޔާގެ ސުވާލުން ހިންދުގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވެގެން ދިޔަ އެވެ. އެސާވަލަށް ޖަވާބު ދިނުމުގެ ބަދަލުގައި ކުރަން ހުރި މަސައްކަތާއިގެން އޭނަ ކުރިއަށް ދާން ފެށިއެވެ. ހިންދުގެ ކޮންމެ ހަރަކާތަށް ފަރުވާތެރިކަމާއެކު ބަލަމުން ދިޔަ މާރިޔާގެ ހިތުގައި އިތުރު ސުވާލުތައް ފުނިޖެހެން ފެށިއެވެ. އެއާއެކު އޭނައަށް ހުރިހާ ކަމަކާ މެދު ވެސް ފިކުރު ހިންގާލެވުނެވެ. ވެދިޔަ ކަންތަކުގެ ފަހަތުގައި ހިންދުގެ އަތެއް ވާނެ ކަމާމެދު ހިތުގައިވި ޝައްކު އިހުނަށްވުރެ ގަދަވާން ފެށިއެވެ. މީގެ ކުރިން އޭނައަށް ހިންދުގެ މިޒާޖުން ފެނިފައިނުވާ ކަންތައް ފާހަގަ ކުރެވެން ފެށުމާއެކުގަ އެވެ. އޭގެ އިތުރުން ހިންދު ނިންމާފައިވާ ކުއްލި ނިންމުންތަކަށް ވެސް އަލިއަޅުވާލެވުމުންނެވެ.

''ދޮންތާ...'' މާރިޔާއަށް ގޮވާލެވުނެވެ. ''އަހަންނަށް އެނގޭ ކޮންމެވެސް ކަމެއް ސިއްރުކުރަން އުޅޭކަން، އިޒްޔާން ނައީ ދޮންތަ ކުރިކަމަކުން ދޯ؟...''

މާރިޔާގެ ޖުމްލައާއެކު ހިންދު ގަނޑު ވިއެވެ. އޭނަ އިސްއުފުލާލިއިރު އެމޫނުގެ ކުލަވަރު ވަނީ ބަދަލުވާން ފަށައިފައެވެ. ހީވީ ކުރިމަތިން ބޮޑު ބިރެއް ފެނުނުހެންނެވެ. އޭނަ ބަދިގެއިން ބޭރަށް ނިކުމެ ވަށައިގެންވި މާހައުލަށް އަވަސް ނަޒަރެއް ހިންގާލީ ތިންވަނަ ކަންފަތަކާ ހަމައަށް އެޖުމްލަ ދަތުރުކުރިތޯ ޔަޤީންކޮށްލަން ވެގެންނެވެ. ބަތޫލްގެ އިތުރުން ޚީނާ ވެސް ފެންނަން ނެތުމުން އޭނައަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.

''އަހަންނަށް މިހާރު ޔަޤީންވެއްޖެ... ދޮންތަ...''

''ހުއްޓާލަބަ!!...'' މާރިޔާގެ ވާހަކައަށް ހިންދު ހުރަސް އެޅިއެވެ. އެއާއެކު މާރިޔާގެ ހިތުގައިވި ޝައްކު ޔަޤީނަށް ބަދަލުވިއެވެ. އޭނައަށް ފާއިތުވި ދުވަސްތަކާ މެދު ވިސްނުން ހިންގާލެވުނީ ދެނެވެ. ހިންދުގެ މިޒާޖަށް އައި ކުއްލި ބަދަލުތަކެވެ. އަޒްޔާންއާއި ބަތޫލްގެ ގުޅުމަށް ނުރުހުން ފާޅުކޮށްފައި ފަހު ވަގުތު ރުހުން ދިނުމުން އޭނައަށް ވަރުގަދަ ޝޮކެއް ވެސް ލިބުނެވެ. ނަމަވެސް އެހުރިހާ ކަމެއްގެ ފަހަތުގައި ފޮރުވިފައިވާ ސިއްރުތަކެއް ވެދާނެ ކަމާމެދު އޭނައަށް ވިސްނާނުލެވުނީއެވެ. ހިންދު އެކްޓުކުރަން އެހާ މޮޅު ވިއްޔާއެވެ.

ހިންދުގެ ރޭވުންތެރިކަމުގެ ފުނަށް މާރިޔާއަށް ފީނައިނުގަނެވުނީ އެތަނަށް ޚީނާ އައުމުންނެވެ. ޚީނާއަށް ދިވެހި އެނގުމުގެ އިތުރުން ބަތޫލްއާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުން އެމީހުން ދައްކާ ވާހަކަތައް ބަތޫލްގެ ކަންފަތާ ހަމައަށް ނުދާނެ ގޮތެއް ނޯންނާނެކަން އެނގޭތީ އޭނައަށް ޖެހުނީ ހިމޭންކަން ހިޔާރު ކުރާށެވެ.

އެހުރިހާ އިރުވަންދެން ހިންދު ހުރީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭނަ އެހާ ރޭވުންތެރިކަމާއެކު ކާމިޔާބުކުރި މަޅިފަތީގައި ފޫނުބެދޭނެ ލޯވަޅެއް އުފެދުމުންނެވެ. އޭނަގެ ކާމިޔާބީއަށް އެކަމުގެ ސަބަބުން ނުރައްކާތަކެއް ކުރިމަތިވެފައިވާތީއެވެ. އެއިން އެއްވެސް ކަމެއް ބަތޫލްއަށް އެނގޭން އޭނަ ނޭދެއެވެ. އޭގެ ސަބަބުން ނިކުމެދާނެ ނަތީޖާގެ ސަބަބުންނެވެ. ހަމައެއާއެކު މާރިޔާގެ އަނގަގަދަ މިޒާޖާ ހުރެ އޭނަގެ ހާސްކަން އިތުރުވެފައި ވިއެވެ.

މެންދުރުގެ ކެއުން ތައްޔާރުކުރެވި ސުފުރާމަތީގައި ތަށިތައް އަތުރައި ނިމުނު އިރު ވެސް ޚީނާގެ ސަބަބުން މާރިޔާއަށް އޭނަ ފަހިކުރަން ބޭނުންވި ފަދަ ފުރުސަތެއް ލިބޭ ގޮތެއް ނުވިއެވެ. އެކަމާ ހުރެ އޭނަ ހުރީ ޚީނާ ދެކެ ރުޅިއައިސްފައެވެ.

''ދޮންތަބެ މިއަދު ޑިއުޓީއަށް ނުދާ ދުވަހަކީތަ؟... މަގުމަތީ ގުރޫޕުގަނޑަކުން މާރާމާރީއެއް ހިންގައިގެން އުޅޭތީ އަހަރެން ހީކުރީ ދޮންތަބެ ވީ އެތާނގައި ކަމަށް...'' ކާކޮޓަރިއަށް އައިސް ވަން ޖައުފަރު ފެނުމާއެކު ގޮނޑިއެއްގައި އިށީންދެލައިން އިން މާރިޔާއަށް ހައިރާންކަމާއެކު ސުވާލުކޮށްލެވުނެވެ.

''ގޭގެ މަސްލަހަތު ހަމައަކަށް އެޅެންދެން ޗުއްޓީއެއް ނަގައިގެން މިއުޅެނީ...'' މާރިޔާގެ ސުވާލަށް ޖަބާވު ދެމުން ޖައުފަރު އައިސް އޭނައަށް ހާއްސަކުރެވިފައިވާ ގޮނޑީގައި އިށީނެވެ. އެއާއެކު ހިންދު އަވަސްވެގަތީ ޖައުފަރަށް އަތްގާތްކޮށްލަދޭށެވެ.

''ކޮބާ ބަތޫލް؟...'' ކެއުން ފެށުމުގެ ކުރިން ޖައުފަރު ސުވާލުކޮށްލިއެވެ.

''ހެނދުނު ސައިބޮއެގެން ކޮޓަރިއަށް ވަންގޮތަށް އަދި ނުނިކުމޭ...'' ހިންދުގެ އަޑުގައި ކަންބޮޑުވުން އެކުލެވިފައި ވިއެވެ. އިރުކޮޅެއް ވަންދެން ހިންދުއަށް ބަލަން އިނދެފައި ޖައުފަރު ގޮނޑިން ތެދުވިއެވެ. އޭނަ ދެން ހިނގައިގަތީ ބަތޫލްގެ ކޮޓަރިއާއި ދިމާއަށެވެ. އޭރު ކާކޮޓަރީގައި ތިބީ ހަމައެކަނި ހިންދުއާއި މާރިޔާ އެވެ. ޚީނާ މެންދުރު ނަމާދުކުރަން ދިޔަ ގޮތަށް ބަޚަބަރެވެ. ލިބުނު ފުރުސަތާއެކު މާރިޔާ އޭނަގެ މައުޟޫޢުއަށް ޖެހިލައިފިއެވެ.

''ކީއްވެތަ އަހަންނަށް ދޮންތަ ކުރަން އުޅުނު ކަންތައް ސިއްރުކުރީ؟، އެހެންނޫންނަމަ އަހަންނަށް އެހީއެއް ވެސް ވެވުނީހެއްނު، އަހަރެން ވެސް ބަތޫލް އެމީހާގަނޑާ ގުޅޭކަށް ބޭނުމެއް ނުވޭވިއްޔާ... ވަރަށް ދެރަވެއްޖެ ދޮންތަ އަހަރެން ދުރުކޮށްލީތީ... ހީވީތަ އަހަރެން ދޮންތަ ބޭޒާރުކޮށްލާނެހެން؟، ބަލަ އަހަރެން ވެސް ބަތޫލްއަށް ދެރައެއް ލިބޭކަށް ބޭނުމެއް ނުވާނެ ދޯ؟...'' މާރިޔާ މިފަހަރު ވާހަކަދެއްކީ މަޑުންނެވެ. އޭނަގެ އަޑުގައި ހިސާބަކަށް ހިތާމައިގެ ކުލަވަރު ވެސް އެކުލެވިފައި ވިއެވެ. ހިންދުގެ ރޭވުންތަކުގައި އޭނަ ޝާމިލް ނުކުރުމުންނެވެ. އޭގެ ސަބަބުން މާރިޔާއަށް ހީވީ އޭނަ ދުރުކޮށްލީ ހެންނެވެ.

''ދޮންތަ ވަރަށް މޮޅު އެކްޓްކުރަން...''

''ދޮންތަބެއަށް ތިއިން އެއްވެސް ކަމެއް އެނގޭތަ؟...'' ފުލުފުލުގައި މާރިޔާ ސުވާލުތައް އަމުނަން ފެށިއެވެ. އޭނަގެ ޝައުގުވެރިކަން ބޮޑުކަން އޭނަގެ ހަރަކާތްތަކުން ކިތަންމެހާ ވެސް ރަގަޅަށް ހާމަކޮށްދެއެވެ.

''މިހާރަކު ތިވާހަކަ ދެއްކޭކަށް ނެތް... ފަހުން ކިޔައިދޭނަން...'' އިތުރު ގޮތެއް ނެތުމާއެކު ހިންދުއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އެނޫން އިތުރު ގޮތަކަށް މާރިޔާގެ ދޫބަންދުކުރެވެން ވެސް ނެތުމުންނެވެ. އެހެންނޫންނަމަ ކުރި ކަންތައް އޭނަގެ އަތަށް ގޮވާފާނެ އެވެ.

*****

''ދަރިފުޅާ...'' ކޮޓަރީގެ ދޮރުގައި ޓަކިދެމުން ބަތޫލްއަށް ޖައުފަރު ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލެވުނު ކަމުގައި ވިޔަސް ޚަބަރެއް ނުވުމުންނާއި ދޮރު ތަޅުލާފައި ހުރުމުން ޖައުފަރުގެ މޫނުމަތިން ނުތަނަވަސްކަމުގެ ވިންދު ޖަހާލި އެވެ.

އެނދުގައި އުއްޑުން އޮށޯވެލައިގެން އޮތް ބަތޫލްގެ ނަޒަރު ސީދާވެފައި ވަނީ ފެންނަން އޮތް ސީލިންގަށެވެ. އަމިއްލަ ޚިޔާލުތަކަށް ގެއްލިފައި ވިއިރު އެހެން އެއްވެސް ކަމަކަށް ސަމާލުކަން ދޭން އޭނަ ބޭނުން ނުވާ ކަހަލައެވެ. ހިމޭންކަމުގެ ތެރެއަށް ވިސްނުން ދޫކޮށްލައިގެން އޭނަ އޮތީ ހިތުގެ އުދާސްތަކަށް ޝިފާއެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އޭނަ ކުރަމުން އައި މަސައްކަތްތައް ދިޔައީ ބޭކާރުވަމުންނެވެ. އިރުއިރުކޮޅާ ލޯކުރިމަތިން ސިފަވަނީ އަޒްޔާނާއެކު ހޭދަކުރެވުނު އުފާވެރި ދުވަސްތަކެވެ. އޭނައާއި އަޒްޔާންގެ އަޖައިބެއްފަދަ ގުޅުމުގައި ވިންދުޖަހަން ފެށި ގޮތެވެ. އެއާވިދިގެން އެލޯބީގައި ނިމުމުގެ ސިއްކަ ޖެހިގެން އައި ހިތްދަތި ގޮތެވެ. ޚިޔާލުތަކުގެ ބާނީތައް ބިޔަވެ އޭގެ ތެރެއަށް ބަތޫލް ގެނިބިގެންދާން ފެށިއެވެ. ރޮއިރޮއި އެދެލޯ ވަނީ ރަތްވެ ދުޅަވެފައެވެ. މޫނުގައި ދިރުމުގެ ނިޝާނެއް ނެތެވެ. އެއްވެސް ކަމަކަށް އަދި މީހަކާއި ވެސް ބައްދަލުކުރާކަށް އޭނަގެ ޒަމީރު އެއްބަހެއް ނުވެއެވެ. އެކަނިވެރިކަމުގެ ހިޔަނީގެ ތެރޭގައި ފޮރުވި ހުރުން އޭނައަށް މާބޮޑަށް ވެސް ކަމުދާން ފެށިއެވެ.

ބަތޫލް އޭނަގެ ފޯނު ނަގައި އޭގައި ހުރި އޭނައާއި އަޒްޔާންގެ ފޮޓޯތައް ބަލަން ފެށިއެވެ. އެއާއެކު އެދެލޮލުން ޝަކުވާގެ އޮއެވަރު ފާޅުވާން ފެށިއެވެ. ލޮލަށް ޖަމާވި ތާޒާ ކަރުނަތައް ލޮލުގެ ހިމަކޮޅުންލާފައި ގޮސް ބާލީހުގެ ތެރެއަށް ފަނާވެއްޖެއެވެ.

''ވައި ޑިޑް ޔޫ ބްރޯކް މައި ހާޓް؟... އަހަރެން ލޯބިވާވަރު ނޭގެނީތަ؟، ޒޭންއަށް ޓަކައި އަހަރެން ކޮށްނުދެނީ ކޮންކަމެއް؟... އަހަރެންގެ ޢާއިލާއާ ދެކޮޅަށް ވެސް ގުޅެން ހުރީ ތައްޔާރަށް... ޒޭންގެ ހުރިހާ އުނިސިފަތަކާއެކު ވެސް ލޯބިވީން...... އުފާވެރި ދިރިއުޅުމަކަށް އެދެވުންތަ އަހަރެން ކުށަކީ؟... ކީއްވެތަ އަހަރެންގެ ހިތް ހަލާކުކޮށްލީ؟، ދިރިއުޅުން މަތިން ފޫހިކޮށްލީ؟، ވި ޤުރުބާނީތަކުގެ އަގު ވަޒަން ނުކުރީ؟... ވެދިޔަ ހުރިހާ ކަމަކަށް ފަހު ވެސް އަހަަރެންގެ ހިތް ބަދަލެއް ނުވި... އަދިވެސް އަހަންނަށް ހީވޭ ޒޭން އައިސްދާނެހެން... އެދުވަހަކަށް އިންތިޒާރު އެބަ ކުރެވޭ... އެކަމަކު... އެކަމަކު އަހަންނަށް އެނގޭ ދެން އެދުވަހެއް ނާންނާނެކަން... ބަޓް ސްޓިލް......'' ހިތުގައި ވާހާ ޝަކުވާތަކެއް ބަތޫލްއަށް ބަންޑުންކޮށްލެވުނެވެ.

*****

ހަވީރުގެ ވަގުތެވެ. ހޮސްޕިޓަލުގެ ޑިއުޓީ ނިންމާލުމަށްފަހު ގެއަށް ދިއުމުގެ ކުރީން ޖަނާ މިސްރާބުޖެހީ ބަތޫލްއާ ބައްދަލުކޮށްލަން ދިއުމަށެވެ. އޭނަ ގުޅާގުޅަ ފޯނެއް ވެސް ނޭގީކީ ނޫނެވެ. މެޖެސުކުރުމުން އެއަށް ރައްދު ދިނުމެއް ވެސް ނެތެވެ. ބަތޫލްގެ ހާލާ މެދު އޭނަ ހުރީ ހާސްކަމެއްގެ ތެރޭގައެވެ. މީގެކުރިން ވެސް މިފަދަ ދުވަސްތަކެއް އޭނަ ވަނީ ތަޖުރިބާކޮށްފައެވެ. އާހިރު ނަތީޖާ ނުކުމެފައިވާ ގޮތުން އޭނަ އިހުނަށްވުރެ ކަންބޮޑުވާން ފެށިއެވެ. ކިތަންމެ ފަހަރަކު އަޒްޔާންއާއި ބައްދަލުކުރަން ދާން ވެސް އޭނަ ބޭނުން ވިއެވެ. ޖަވާބު ނުލިބޭ ސުވާލުތައް ހިތުގައި ވާތީއެވެ. ކުއްލިއަކަށް އެފަދަ ބޮޑު ބަދަލެއް އަޒްޔާންއަށް އައި ސަބަބެއް ވިސްނާވިސްނާ ވެސް ސިކުނޑިއަށް ތަސައްވަރު ނުކުރެވުމުންނެވެ.

ބެލްޖަހާލި އަޑަށް ބޮޑުކޮޓަރީގައި އުޅުނު ހިންދު ގޮސް ދޮރު ހުޅުވާލިއެވެ. އޭނައަށް ޖަނާ ފެނުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަގެ ބަސްތަކަށް ސަމާލުކަން ނުދިނަސް އެންމެ ގާތް އެކުވެރިޔާގެ ނަސޭހަތަށް ބަތޫލް ބޯލަނބާފާނެހެން ހީވާތީ އެވެ.

ޝުޖާއު ވެސް މިއަދު ލޮލަށް ދައްކާނުލާތީ އޭނަގެ ހިތުގައި ސުވާލު އުފެދިފައި ވިއެވެ. އެހެންނޫންނަމަ އަރާ އިރާއެކު ޝުޖާއު އެގެއަށް އަންނާނެއެވެ. ނަމަވެސް މިއަދު ކަންތައް މިވަނީ ކުރީގެ ކަންތަކާ މުޅިން ވެސް ފުށުއަރާ ގޮތަށެވެ.

''ނަސީބެއްނު ޖަނާ އައިކަން... ބަތޫލް ގޮތް ދޫނުކުރާތީ ވިއްޔާ މިއުޅެނީ... ހެނދުނު ސައިބޮއެގެން ކޮޓަރިއަށް ވަން ގޮތަށް އަދި ނުނިކުމޭ... ގޮވާގޮވާ ވެސް ޚަބަރެއް ނުވި...'' ހިތުގެ އުދާސްތައް ހިންދުއަށް ބޭރުކޮށްލެވުނެވެ.

''ދައްތާ، ބަތޫއަށް ވަގުތު ދެނިކޮށް ހުރިހާކަމެއް ވެސް ރަގަޅުވާނެ...'' ފަނޑުހިނިތުންވުމެއް ބަދަލުކޮށްލަމުން ޖަނާ ބުނެލިއެވެ.

''ވަގުތު ދޭން ހިތް ބިރުގަންނާތީ މިއުޅެނީ... ލިބުނު ހިތާމައައިން ބަތޫލް އަމިއްލަ ނަފުސަށް ދެރައެއް ދީފިއްޔާ ކިހާ ދެރަ... ނުކައިނުބޮއެ އޮވެގެން ކަންތައް ހައްލު ކުރެވޭނެތަ؟... އެގޮތަށް އަމިއްލަ ނަފުސަށް އަނިޔާވެރި ވިޔަސް ދެން އަނބުރާ އެއަޒްޔާން އަންނާނީކީއެއް ނޫން......'' ލޮލުން ފޭބި ކަރުނަތައް އަވަސްއަވަހަށް ފޮހެލަމުން ހިންދު ވާހަކަދެއްކިއެވެ.

''ބަތޫލް އެކަހަލަ ކަމެއް ނުކުރާނެ... ޝީ އިޒް ސްޓްރޯންގް...'' ޖަނާ ބުނެލިއެވެ.

ޖަނާގެ ފަހަތުން ބަތޫލްގެ ކޮޓަރިއާއި ހަމައަށް ހިންދު ދިޔަ އެވެ. ޖަނާ އެތައް ފަހަރަކު ޓަކިދިނުމަށްފަހު އެންމެފަހުން ބަލި ޤަބޫލުކުރަން އުޅެނިކޮށް ބަތޫލް އައިސް ދޮރު ހުޅުވާލިއެވެ. ބަތޫލް ފެނުމާއެކު ޖަނާގެ ދެލޯ ބޮޑުވިއެވެ. އެއްދުވަސް ވެސް ނުވާ އިރު ހިތާމައިގެ ސަބަބުން ބަތޫލްއަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް އޭނައަށް ފާހަގަ ކުރެވުނެވެ.

ލިބުނު ފުރުސަތުގައި ހިންދު އަވަސްވެގަތީ ބަތޫލްއަށް ކާއެއްޗެއް ދެވޭތޯއެވެ. އޭރު ބަނޑުހައިވެގެން ގޮސް ހާންތިވެ މޫނުމައްޗަށް އަނދިރިއަރާ ގޮތް ވެފައި ވުމުން ބުރަހެލިކަން ވެރިވެފައިވާ ހަށިގަނޑު ގަދަކަމުން ހަރަކާތްކުރަމުން ގޮސް ބަތޫލް ކާކޮޓަރިއަށް ވަނެވެ.

ކިތަންމެ ވަރަކަށް ހައިކަމުގެ އިހުސާސް ކުރެވުނުކަމުގައި ވިޔަސް ބަނޑުފުރެންދެން ކެވޭ ގޮތެއް ނުވިއެވެ. ފެންތަށި ހުސްކޮށްލަމުން ބަތޫލް އިނީ ޖަނާގެ ބަނދިވަރުތައް އަމާޒުވާނެ އިރެއްގެ އިންތިޒާރުގައި ކަންނޭގެއެވެ. އެވަގުތު ފޯނާކުޅެން އިން ޖަނާ އޭނަގެ ފޯނު އަތްދަބަހަށް ލުމަށްފަހު ބަތޫލްއަށް ބަލާލީ ފަރުވާތެރިކަމާއެކުގައެވެ. އެކުވެރިޔާގެ ހިތާމަތަކަށް ލުޔެއް ހޯދައިދޭން ބޭނުންވެފައިވާ ކަހަލަ ގޮތަކަށެވެ. އެހިތާމައިގެ ކަނޑުން ސަލާމަތުގެ އައްސޭރިއަކަށް ގެންދަން ބޭނުން ވެފައެވެ. އެކަންވާން އޮތް ހަމައެކަނި ގޮތް ވެސް ޖަނާއަށް އެނގެއެވެ. ނަމަވެސް އެނިންމުމާ މެދު ހިތުގައި ސުވާލު އުފެދިފައި ވިއެވެ.

''އަހަރެން ދަންތަ ޒޭންއާ ބައްދަލުކުރަން؟...'' ޖަނާއަށް އަހާލެވުނެވެ. އެއާއެކު ކޮފީ ބޯން އިން ހިންދު ކޮށިއަރާ ގޮތް ވިއެވެ. ކެއްސުންގަނޑު އޮއްބާލުމަށްފަހު އަވަސްއަވަހަށް ފެންފޮދަކުން ކަރުތެރެ ތެތްމާލިއެވެ.

''ކީއްކުރަން އޭނައާ ބައްދަލުކުރަން ދަނީ؟، އޭނަ ގާތަށް ގޮސް އާދޭސްކުރިއަށް އޭނަގެ ނިންމުމެއް ބަދަލެއް ނުކުރެވޭނެ... އޭނަ ބަތޫލް ދެކެ ލޯބިވިނަމަ އެންމެންގެ ތެރޭގައި ބަތޫލް ބަދުނާމެއް ނުކުރާނެ... އޭނަގެ ބަސްތަކުގައި ވަނީ ހުސް މަކަރުވެރިކަމާއި އޮޅުވާލުން...'' ހިންދުގެ އަޑުގައި ވަނީ ނުރުހުމެވެ. އޭނަ ޖަނާއަށް ބަލަން އިން އިރު އަތުގައި އޮތް ފެންތަށްޓައް ބާރުކޮށްލެވުނެވެ. ހިންދުގެ ހިތުގައި އޭރު ޖަނާއާ މެދު ރުޅިވެރިކަން އުފެދިފައި ވިއެވެ. އޭނައަށް ޖަނާ ސިފަކުރެވެމުން ދިޔައީ އޭނަގެ ދަރިފުޅުގެ މުސްތަގުބަލަށް އޮތް ހުރަހެއްގެ ގޮތުގައެވެ. އަޒްޔާންގެ ކަޅުވިލާގަނޑުން އޭނަގެ ދަރިފުޅު ސަލާމަތްކުރަން ކުރަމުންދާ މަސައްކަތަށް އެޅުނު ހިޔަންޏެއް ކަމުގައެވެ. އޭނަގެ ހިތް ޖަނާއާ މެދު ކިލަނބުވާން ފެށިއެވެ.

''މަންމަ އެބުނީ ތެދެއް......'' ބަތޫލް ބުނެލިއެވެ.

''އެކަމަކު...''

''ޖަނާ ޕްލީޒް ސްޓޮޕް އިޓް... އަހަރެން ބުނެފީމެއްނު ދާނެކަމެއް ނެތޭ!، ދެން ކީއްވެ ގޮތްދޫނުކުރަން ތިއުޅެނީ...'' ބަތޫލް ގާތަށް ރުޅިއައެވެ. އޭނައަށް އެވަގުތު ލޮލަށް ޖަމާވި ކަރުނަތައް ވެސް ނުހިފެހެއްޓުނެވެ. ކުއްލިއަކަށް ގޮނޑިން ތެދުވަމުން ވިދުވަރުގެ ހަލުވިމިނުގައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހާލި އަޑު ގޭގޭ ހަތަރުފާރުތެރޭ ގުގުމާލައިގެން ދިޔަ އެވެ.

''އޭނަގެ ސަބަބުން ބަތޫލްއަށް ލިބުނު ހިތާމަތަކުން އަރައިނުގަނެވެނީސް ކީއްކުރަންތަ އޭނަގެ ވާހަކަދެއްކީ؟... ޖަނާއަށް ހަމަ ރަގަޅަށް އިނގޭނެ އެކަމުން ކުރާނެ ނޭދެވޭ އަސަރު... ދެން މީގެ ފަހުން ބަތޫލް ހުންނަތަނެއްގައި އެފިިރިހެނާގެ ނަން ވެސް ނުގެންނަން ހަނދާން ބަހައްޓާތި...'' ހިތްހަމަނުޖެހުމާއެކު ހިންދު ބުނެލިއެވެ. ޖަނާ އެކަމާ އެއްބަސްވުމުގެ ގޮތުން ބޯޖަހާލިއެވެ.

''ދެން މިވަގުތަށް ރަގަޅުވާނީ ޖަޔާ ދިޔައްޔާ...'' ބަތޫލްގެ ވިސްނުމަށް ޖަނާގެ ނުފޫޒު ފޯރާފާނެތީ ހިންދު އަވަސްވެގަތީ ޖަނާ ފޮނުވާލުމަށެވެ. އޭނަ ހީކުރީ އަޒްޔާން ކަންތައް ކުރިގޮތުން ޖަނާގެ ހިތުގައި ވެސް އަޒްޔާންއާއި މެދު ރުޅިވެރިކަން އުފެދޭނެ ކަމަށެވެ. ނަމަވެސް އެފައިން ކަންތައް ނުވުމުން އޭނައަށް ހައިރާންކަން ވެސް ލިބުނެވެ. ޖަނާއަށް ޝައްކެއް ވީބާއޭ އޭނައަށް ޒަމީރާ ސުވާލުކޮށްލެވުނެވެ. ނަމަވެސް އޭނަ ދަންތުރަ އެތުރީ ނިކަން ހުޝިޔާރުކަމާއެކުގައެވެ. ބަތޫލްއަށް ވެސް ޝައްކެއް ނުވިއިރު ޖަނާގެ ހިތުގައި ޝައްކު އުފެދެންވީ ކީއްވެ ހެއްޔެވެ؟ އޭނަ ދެން ހުންނަން ޖެހޭނީ ކުރިމަތި ވެދާނެ ހަމަލާއަކަށް ތައްޔާރުވެގެންނެވެ.

*****

ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ފޯނާކުޅެން އޮތް ޝުޖާއު ކަންނެތްކަމާއެކު ދޮރާދިމާއަށް ބަލާލިއެވެ. އޭނަ އޮތީ އެއްވެސް ކަމެއް ކުރާ ހިތް ނުވެފައެވެ. ހެނދުނުއްސުރެ ގެއިން ބޭރަކަށް ނުދެއެވެ. އެހުރިހާ ބަދަލެއް އޭނައަށް އައިސްފައިވަނީ ބަތޫލްއަށް ދިމާވި ކަންތަކުގެ ސަބަބުން އަމިއްލަ ނަފުސު ކުށްވެރިކުރެވޭތީއެވެ. ބަތޫލްގެ ކުރިމައްޗަށް ދާން ވެސް އޭނަ ވަނީ ފަސްޖެހިފައެވެ. ކިތަންމެފަހަރަކު އެސޫރަ ދެކިލަން ދާން ހިތް ގޮވާލިކަމުގައި ވިޔަސް އަމިއްލަ ނަފުސު ކުށްވެރިކުރެވި ފަސްޖެހެވެނީއެވެ. ބަތޫލްއާއި އަޒްޔާންގެ ގުޅުމަށް ދޮރުތައް ހުޅުވާލަނުދެވުނު ނަމަ މިހެންކަންތައް ނުވީހެވެ. ބަތޫލް ގާތު އޭނަގެ ހިތުގެ ހާލު ބަޔާންކޮށްދެވުނުނަމަ މިއަދު ހާލަތު މުޅިން ތަފާތުވީހެވެ. ނަމަވެސް ކަންތައް އިތުރަށް ބޮއްސުންލައިގެން ދިއުން ނޫންކަމެއް ނުވެއެވެ. އޭނަގެ ހިތުގެ ވެރިޔާ ގާތުގައި ހުރި ކަމުގައި ވިޔަސް އެދެމެދުގައި ލެވެމުންދާ ބިޔަ ފާރުތަކާއި ކުރިމަތިވާ ހުރަސްތައް އިތުރަށް ގިނަވުން ނޫންކަމެއް ވެސް ނުވެއެވެ.

''މިއޮއް އަނދިރީގައި ކީއްތިކުރަނީ؟...'' ދޮރުގެ ދާރައިގެ ކައިރީގައި ހުރި ސްވިޗްބޯޑްގައި އަތް ހިންގާލަމުން އަނާން ބުނެލިއެވެ. އެއާއެކު ދާދި ކުޑަ ސިކުންތުކޮޅެއްތެރޭގައި ކޮޓަރި އުޖާލާވެގެން ދިޔައީ ހުދު ބޮކީގެ އަލިންނެވެ. އޭގެ ސަބަބުން ހިސާބަކަށް ޝުޖާއުއަށް އުނދަގޫ ވެސް ވިއެވެ. ނަމަވެސް އޭނައަށް އަނާން ފެންނައިރަށް އެނދުން ތެދުވެއްޖެއެވެ.

''ޑޮކްޓަރު ބުންޏެއްނު މަންތެއް ވަންދެން ބެޑްރެސްޓް ނަގާށޭ... ދެން ކީއްވެ ތެދުވެ ތިއުޅެނީ... ކޮބާ މަންމަ؟...'' އަނާންއާއި އަރާހަމަކުރަމުން ޝުޖާއު ވާހަކަދެއްކިއެވެ. އަދި ކޮޓަރީގައި ހުރި ސޯފާގައި އިށީނުމަށް އަނާންއަށް އެހީވެދިނެވެ.

''މަންމަވީ ޒީޝާ ރީތިކުރަން...'' ޝުޖާއުއަށް ބަލާލަމުން އަނާން ހިނިތުންވެލިއެވެ. އަދި ސޯފާގައި އަތްޖައްސާލަމުން އިށީނުމަށް ބުނެލިއެވެ.

''ކަމަކުތަ ތިއައީ؟...'' ސޯފާގައި އިށީންނަމުން ޝުޖާއު އަހާލިއެވެ.

''މިހާރު ޝުޖާއާ ބައްދަލުކުރަން އާދެވެންވީ ވެސް ކަމެއް ދިމާވީމަތަ؟...'' އަނާން އެހި އެވެ. އެއާއެކު ފަނޑު ހިނިތުންވުމަކާއެކު ޝުޖާއު ބޯހޫރާލިއެވެ.

''ކީއްވެތަ އަހަރެން ގާތު ޝުޖާ އެއްވެސް އެއްޗެއް ނުބުނީ؟، މަންމަ ރޭގެ އެވާހަކަ ބުނީމަ އަހަރެން ހުރިން ޝުޖާ އަންނާނެ އިރެއްގެ އިންތިޒާރުގައި، އެންމެފަހުން ނާއިލް ކިޔާވަރުން ނިދަން ދިޔައީ ވެސް... އޭރު ވެސް ޝުޖާ ނާދޭ... ކޮންތާކުތަ ރޭގަ އުޅުނީ؟...'' ޝަކުވާގެ ރާގަކަށް އަނާން ވާހަކަދެއްކިއެވެ.

''އިހަށް ތިވާހަކަ ނުދައްކަފާނަންތަ...'' ހިތްހަމަނުޖެހިފައިވާ ރާގަކަށް ޝުޖާއު ބުނެލިއެވެ.

''ކީއްވެ ނުދައްކަންވީ؟، ވަރަށް ގިނަ ދުވަހު ޝުޖާ ހިތާމަކުރަނިކޮށް އަހަރެން ދެކެފިން... މުޅި އުމުރުދުވަހު ޝުޖާގެ ފީލިގްސްތަކަށް ފިލަންތަ ބޭނުންވަނީ؟...... އަހަންނަށް އެނގޭ ރޭގަ ހިނގިކަންތަކުގެ އިލްޒާމު ވެސް ޝުޖާ އަޅުވާނީ އަމިއްލަ ބޮލުގައިކަން... އެކަމަކު އެއީ ހައްލެއް ނޫން... އަޒްޔާން ދަސްނުވުން އެއީ ބަތޫލް އަދި ޝުޖާގެ ކުށެއް ވެސް ނޫން... އެކުގައި އުޅޭ ކިތަންމެ ގާތް ރަހުމަތްތެރިޔާ ވެސް ދަސްނުވެ ހިނގައިދާނެ... އެމީހެއްގެ އަސްލު ސިފަ ފޮރުވަން މީހުން ވަރަށް ކުޅަދާނަ ވާނެ... އެކަހަލަ ނުބައި މީހެއްގެ ފުށުން ބަތޫލް ސަލާމަތްވިކަން އެއީ ރަހުމަތެއް... މެރީކޮށްގެން ބަތޫލްގެ ލައިފް ހަލާކުނުވިކަން ވެސް އެއީ ނަސީބެއްނު، ޝުޖާ... ސްޓޮޕް ބްލޭމިންގް ޔޯރ ސެލްފް ފޯރ ވަޓް ހެޕެންޑް... ދިރިއުޅުމުގައި ކޮންމެކަމެއް ވެސް ވާނީ ސަބަބަކާ ލައިގެން، ހަމައެއާއެކު ވެދިޔަ އެއްވެސް ކަމެއް ބަދަލެއް ނުކުރެވޭނެ... އެކަމަކު ތަޤުދީރުގައި ވާން އޮތް ގޮތާއި ހިތްވަރާއެކު ކުރިމަތި ލެވިދާނެ...... ބަތޫލްއަށް މިވަގުތު ޝުޖާގެ އެހީ ބޭނުންވާނެ، މާޒީ ހަނދާންނަތާލައި އާފެށުމަކުން ފަށައިގަންނަން ބަތޫލްއަށް އެހީވެދީ... ލެޓް ހާރ ނޯ އެބައުޓް ޔޯރ ފީލިންގްސް...'' އަނާން ބުނެލިއެވެ.

ކޮމެންޓް 0