މެޔަށް ފޭދުނު ބިރުވެރިކަމާއި އައި ގަދަ ލޮޅުމާއެކު ނޭވާލާން ވެސް ބަތޫލް ހަނދާން ނެތުނެވެ. މުޅި މީހާ ގަނޑުވެފައި ހުރީ ލޯކުރިމަތިން ސިފަވަމުން އައި ކަންތައް ހަޖަމުކުރަން ސިކުނޑިއަށް ތަންދޭން ދަތިވެފައިވާ ފަދަ ގޮތަކަށެވެ. އެހެން ހުއްޓާ ތަފާތު ބިރުވެރި ޚިޔާލުތައް ސިކުނޑީގައި ކުރިލާ ފޯދެން ފެށިއެވެ. އެއިން ކޮންމެ ފަހަރަކު ބަތޫލްގެ ނާޒުކު ހިތަށް އިތުރު ވޭންތަކެއް ގެނެސް ދިނެވެ. އަޒްޔާންއަށް ކަމެއް ވެއްޖެކަން ގައިމެވެ. އެހެންނޫންނަމަ މިހާ ލަސްނުވީހެވެ. އޭނަ ފަދައިން އަޒްޔާން ވެސް މިދުވަހަށް އިންތިޒާރު ކުރިއެވެ. މަންޒިލާ ގާތަށް ދެވިފައި ވަނިކޮށް އަޒްޔާން ރާސްތާ ބަދަލުކޮށްފާނެ ކަމަކަށް ބަތޫލްއަށް ޤަބޫލެއް ނުކުރެވުނެވެ. ހަމައެއާއެކު އޭނައަށް އޮޅުވާލައި ދެރައެއް ދީފާނެކަން ވެސް މެއެވެ. އަޒްޔާން ވަނީ އޭނައާއެކު މުޅި އުމުރު ދުވަހު ވާނަން ކަމުގައި ވަޢުދު ވެފައެވެ. އެވަޢުދު އަޒްޔާން އުވާނުލާނެކަމުގެ ފުރިހަމަ ޔަޤީންކަން އޭނައަށް އޮތެވެ. ހިތް ބިރުވެރިކަމުން ވަށާލެވިފައިވަނީ އޭނަ އަޒްޔާންއާއި މެދު ދެކެމުން އައި ނަޒަރިއްޔާތު ބަދަލުވެދާނެތީ އެވެ. އުފަލެއް ލިބުމެއް ނެތް ކަށިކުނބުރީގެ ދާނެއްގައި ހޭލަން ޖެހިދާނެތީއެވެ.
ޖައުފަރު ޤާޟީން ހުއްޓުވަން މަސައްކައްކަތް ކުރިމަކުގައި ވިޔަސް އޭނަގެ މަސައްކަތްތައް ދިޔައީ ފެނުފުލުންނެވެ. ގޮތްހުސްވެފައިވާ މީހަކު ފަދައިން ޤާޟީން ނުކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލަން ހުރެފައި އޭނަ ފަސްއެނބުރުނު ވަގުތު ކަރުނުން ފުރިފައިވާ ދެލޮލާއެކު އޭނައަށް ބަލަން ހުރި ބަތޫލް ފެނިފައި ޖައުފަރުގެ ލަގޮނޑީގައި ރިއްސާލައިފިއެވެ. ދަރިފުޅުގެ މޫނުމަތިން ފެންނަމުން ދިޔަ ހިތާމައިގެ ތަސްވީރާއެކު އޭނަގެ ހިތް ވެސް ރޯލައިފިއެވެ. ހުރިހާ ހިތާމަތަކުން ދަރިފުޅު ދިފާއުކުރަމުން ދަނިކޮށް އެންމެފަހު ވަގުތު އޭނައަށް މިޖެހުނީ ނާކާމިޔާބީއާ ކުރިމަތިލާށެވެ. ހިތާމައިގެ ކޮޅެއް ނެތެވެ.
ގިނައިރަކު ބަތޫލްއަށް އޭނަގެ ކަރުނަތައް ނުހިފެހެއްޓުނެވެ. މަންޒަރު ސާފުވާން ފެށުމާއެކު މޭގައި އުފެދިފައިވާ ރިހުން އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ. އޭނައަށް މިހުރިހާ ދުވަހު އުޅެވުނީ ހުވަފެނެއްގެ ތެރޭގައި ހެއްޔެވެ؟ އަޒްޔާންގެ ފަރާތުން ލިބުނު އުފަލާއި ހިތްހަމަޖެހުމަކީ މިލްކުވެވެން ނެތް ނަސީބުތަކެއް ހެއްޔެވެ؟ އަޒްޔާން އޭނައަށް އޮޅުވާލީ ހެއްޔެވެ؟ ޖިސްމަށް ލިބުނު ވޭނާއެކު ލޮލަށް ބޮޑިވިކަރުނަތައް އޭގެ މަގާމު ދޫކޮށް ފައިބައިގަތީ ބަތޫލްގެ ލޮލުގައި ފަވާލެވިފައިވާ އަނދުން ކަރުނައިގެ ތެތްކަމާއެކު ފާއްދާލަމުންނެވެ. ޖައުފަރަށް ދުރުގައި ހުންނަން ކެތެއް ނުކުރެވުނެވެ. އޭނަ ދަރިފުޅު ގާތަށް ދިއުމަށް އަވަސްވެގަތެވެ.
''އަހަރެން މިދަނީ އެގެއަށް، މީގެ ގަޑިއެއްހާ އިރު ކުރިން އަހަރެން އަޒްޔާންއަށް ގުޅިން، އޭނަ ބުނީ އަންނަން ތައްޔާރު ވަނީޔޭ، ބޮޑު ކަމެއް ދިމާވީ ކަމަށް ވެސް ވެދާނެއެއްނު...'' ހިންދުގެ ވާހަކަތައް ނިމުމާއެކު ޝުޖާއުއަށް ބުނެވުނެވެ. އަޒްޔާން އަކީ އޭނަގެ ގާތް އެކުވެރިއަކަށް ވުމުން އެކުވެރިޔާއަށް އޭނަ ފުރިހަމައަށް އިތުބާރު ކުރެއެވެ. އޮޅުވާލައި މަކުރުހަދާފާނެ ކަމަށް އޭނައަށް ޤަބޫލެއް ނުކުރެވުނެވެ. އޭނަ މީގެ ގަޑިއެއްހާ އިރުކުރިން އަޒްޔާންއަށް ގުޅިއެވެ. ކައިވެނީގެ ކަންތަކާ ހުރެ އަޒްޔާން ހުރީ ވަރަށް އުފަލުންނެވެ. ދެން މިވީ ކިހިނެއް ހެއްޔެވެ؟ ހަޤީޤަތުގައި ވެސް އަޒްޔާން އޮޅުވާލީ ހެއްޔެވެ؟ އެތައް އަހަރެއް ވީއިރުވެސް އެންމެ ގާތް އެކުވެރިޔާގެ ގޮތް އޭނައަށް ދަސްނުވީ ބާވައެވެ؟ ޝުޖާއުއަށް ހުރެވުނީ ވިސްނަންވީ ގޮތެއް ނޭގިފައެވެ.
''ޝުޖާގެ އެކުވެރިޔަކަށް ވީމަ އޭނައާ މެދު ނުބައި ނަޒަރަކުން ނުދެކެވޭނެއެއްނު...'' ހިތްހަމަނުޖެހިފައިވާ ރާގަކަށް ހިންދު ބުންޏެވެ. ''ކޮންފަދަ ބޮޑު ލަނޑެއް އޭނަ ބަތޫލްއަށް މިދިނީ، އަހަރުމެން މިކައިވެންޏާ ރުހި ޤަބޫލުވީ ވެސް ބަތޫލްގެ އުފަލަށްޓަކައި، އެކަމަކު ފަހު ވަގުތުގައި އަޒްޔާން އޭނަގެ ހަޤީޤީ ކުލަ ދައްކާލައިފިއެއްނު!...''
''ބޮޑުދައްތާ، އަޒްޔާން އަކީ ތިހީކުރާ ކަހަލަ ނުބައި މީހެއް ނޫން، އޭނަ ބަތޫއަށް ދެރައެއް ނުދޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަހަންނަށް އެބައޮތް...'' ޝުޖާއު އޭނަގެ އެކުވެރިޔާގެ ދިފާއުގައި ވާހަކަދެއްކުމުން ހިންދުގެ ގާތަށް އައިސްފައިވާ ރުޅީގައި އިތުރަށް އަލިފާން ހިފައި ބޮޑުވުން ނޫންކަމެއް ނުވިއެވެ.
''ޝުޖާ ދާންވީއެއްނު އެގެއަށް ވީގޮތެއް ބަލަން...'' ޒުވާބަކަށް ދިއުމުގެ ކުރިން ޖަނާ ބުންޏެވެ. އޭރު ހިންދު ފަތިވަރު އަމުނަން ތައްޔާރު ވަނީއެވެ. ޖަނާއަށް ބަލާލަމުން ޝުޖާއު ބޯޖަހާލިއެވެ. އަދި ދާން ފަސްއެނބުރިލިއެވެ. އެއާއެކު އޭނައަށް ހުއްޓެވުނީ ކޮޓަރީގެ ދޮރު މަތީ ގަބުވެފައި ހުރި ބަތޫލް ފެނިފައެވެ. ޝުޖާއުއަށް ވީ ގޮތް ފިނިފައި ޖަނާއާއި ހިންދު ވެސް ފަސްއެނބުރި ބަލާލައިފިއެވެ.
''ބަތޫ...'' ޖަނާއަށް ބުނެވުނެވެ. އޭނަ އަވަސްވެގަތީ ބަތޫލް ގާތަށް ދިއުމަށެވެ. ފަހަތުން ހިންދު ވެސް އައެވެ.
''ޖަނާ......'' އޮޅުން ފިލުވަން ކިތަންމެ ގިނަ ވާހަކަތަކެއް ހުރި ކަމުގައި ވިޔަސް ބަތޫލްގެ އަޑު ކުރެހި އަރުބެދުމާއެކު އޭނައަށް އިތުރަށް ވާހަކައެއް ނުދެއްކުނެވެ.
''ކޮބާ މަ އޭރު ވެސް ބުނީމެއްނު ދޮންތަ ގާތު މިހެން ކަންތައް ވާނެޔޭ، އެކަމަކު ވެސް ދޮންތަ ވެއްޖެ ވިއްޔާ ބަތޫލްގެ އުފަލަށޭ ކިޔާފައި ކައިވެންޏަށް ޤަބޫލުވާން... މިހިރަ ޝުޖާއު އަކަށް ވެސް ނޭގުނު ވިއްޔާ އެނޫން ރައްޓެއްސެއް ހޯދާކަށް... މިއަދު މިތިބަ އެންމެންގެ ތެރޭގައި އޭނަ ދޮންތައާއި ދޮންތަބެގެ އަގު ވައްޓާލައިފި... ގުންޑާއެއްގެ ލޭ ހިނގާ މީހަކު ދުވަހަކު ރަގަޅެއް ނުވާނެ...... ކޮންކަމެއްގެ ބަދަލުތަ އޭނަ މިހިފަނީ؟... ބަލާބަ ބާތޫލް ފަކީރަށް ވެސް ދިން ލަނޑު...'' ދުރުގައި ހުންނަން މާރިޔާއަކަށް ކެތެއް ނުކުރެވުނެވެ. އޭނަ އައިސް އެންމެން ގާތަށް ހުއްޓިލަމުން އަޒްޔާންއަށް ޓަކައި އެހިތުގައިވާ ނުރުހުން ފާޅުކުރަން ފެށިއެވެ. އެއް އިރެއްގައި ވެސް އޭނައަކީ އަޒްޔާންއާ މެދު ރުހޭ މީހެއް ނޫނެވެ. ސަބަބުތައް ބައިވަރެވެ. އެކަންތައް ނޭގޭނެ މީހަކު ޢާއިލާގައި ހުރިކަމެއް ނޭގެއެވެ. ވަކިން ހާއްސަ ގޮތެއްގައި ޖައުފަރަށެވެ. ނަމަވެސް އެހުރިހާ ކަންތަކަށް ފަހުގައި ވެސް ބަތޫލްއާއި އަޒްޔާންގެ ކައިވެންޏަށް ޤަބޫލުވުމުން އޭނަ ހުރީ ހައިރާންވެ އަންތަރީސްވެފައެވެ. އަނދައަނދާ ހުރި އަލިފާންގަނޑަކަށް ހުރި ހަމައެކަނި އަންހެން ދަރިފުޅު ވައްޓާލަން ދޮންތަމެން މަސައްކަތް ކުރީތީއެވެ.
''މާރިޔާ!!...'' މާރިޔާގެ ފިރިމީހާ ނޫހު ނުރުހުމާއެކު ބުނެލިއެވެ. އެއާއެކު ނޫހުއަށް ލޯއަޅާލަމުން މާރިޔާ އަނެއްކާ ވެސް އޭނަގެ ވާހަކައާއިގެން ކުރިއަށް ދިޔަ އެވެ. އަޒްޔާންގެ ނަން އެންމެންގެ ތެރޭގައި އިތުރަށް ވައްޓާލަން އޭނައަށް ލިބިފައިވާ ރަނުގެ ފުރުސަތު އޭނަ ގެއްލުވާ ނުލާނެއެވެ.
''މަންމާ ދެން ހުއްޓާލަން ވެއްޖެއެއްނު!، ކަން ވީ ގޮތް ނޭގި މީހުންނާ ދިމާއަށް އެއްޗެހި ކިޔުމުގެ އާދަ ދޫކޮށްލާނީ ކޮންއިރަކުން؟... ވެދާނެއެއްނު އަޒްޔާންއަށް ކަމެއް ދިމާވީ ކަމަށް ވެސް... އަހަރެން އަޒްޔާންއަށް އިތުބާރުކުރަން، އޭނަ ބަތޫއަށް ދެރަގޮތެއް ނަހަދާނެ... އަހަރެން މިދަނީ އެގެއަށް ދާން...'' ޝުޖާއު ބުންޏެވެ. ނުރުހުމާއެކު މިފަހަރު ޝުޖާއުއާ ދިމާއަށް ވެސް މާރިޔާ ކަޅިއަޅާލިއެވެ.
''ކީއްކުރަން އެގެއަށް ދަނީ؟، ބަލަ އަދިވެސް އެއްޗެއް ނުވިސްނޭތަ؟، އޭނައަށް ކަމެއް ވީކީއެއް ނޫން!... އޭނަ ކައިވެނި ކުރަން ބޭނުން ނުވާތީ ނައީ!... ގުޅީމަ ފޯނެއް ނަގަނީކީ ނޫން، ނުވީތާކަށް އޭނަގެ ޢާއިލާ މިހާކު ވެސް ނާދޭ...'' މާރިޔާގެ ޖުމްލައިން ބަތޫލްގެ ހިތުގެ ޒަހަމްތަކުގައި ލޮނުމިރުސް ލެވުނު ކަހަލައެވެ. މިހުރިހާ އިރުވަންދެން އޭނަ ދިޔައީ އެކަންތައް ޤަބޫލުނުކުރަން އަމިއްލަ ނަފުސާ ވަރުގަދަ ހަނގުރާމައެއް ކުރަމުންނެވެ. ނަމަވެސް އެޖުމްލައާއެކު އޭނަގެ ހިތްވަރު އެލި އެންމެ ފަހުން ޖެހުނީ ނާކަމިޔާބީއާ ކުރިމަތިލާށެވެ. ވޭން ލިބުނުކަމުގައި ވިޔަސް އެހިތި ހަޤީޤަތާ ކުރިމަތި ލާށެވެ.
''މާރިޔާ!!...'' ހިންދުއަށް ބާރަކަށް ބުނެވުނެވެ. އެއާއެކު މާރިޔާގެ ދުލުގައި ތަޅެއް ލެވުނު ކަހަލައެވެ. ހިތްހަމަނުޖެހުމާއެކު ތުންއަނބުރާލުމަށްފަހު އޭނަ ހަށަން ބަނދެލިއެވެ. އަދި ބަތޫލްގެ މޫނަށް ބަލާލިއެވެ. އެވަގުތު ބަތޫލްގެ މޫނުމަތިން ފާޅުވަމުން އައި ބަޔާންކުރަން ދަތި ވޭނާއި ތަދުގެ ކުލަވަރުތަކުން އޭނަގެ ހިތަށް ވެސް ފުން އަސަރުތަކެއް ކުރުވިއެވެ.
''އަހަރެން ވެސް ދާނަން...'' ޝުޖާއު ދާން އުޅުމާއެކު ބަތޫލްއަށް ބުނެވުނެވެ. ހިތުގައި ފުނިޖެހިފައިވާ ސުވާލުތަކުގެ ޖަވާބު ހޯދަން ޚުދު އޭނަ ވެސް ބޭނުމެވެ. ތަމްސީލުވަމުން އައި ކަންތައް ތަކަކީ ބިލާހަކަށް ވުމަށް ވެސް މެއެވެ. އަޒްޔާން އޭނައަށް އޮޅުވާނުލާނެކަން ޔަޤީންކުރަން ވެސް މެއެވެ. އޭނަ ދެކެ އަޒްޔާންވީ ލޯތްބަކީ ދެއްކި ދަޅައެއް ނޫންކަން ޔަޤީންކުރަން ވެސް މެއެވެ.
''ބަތޫ...'' ޖަނާއަށް ބުނެވުނެވެ. އޭނަގެ ނަޒަރުގައި އެއީ ރަގަޅު ވިސްނުމެއް ނޫނެވެ. މިވަގުތު އަޒްޔާންއާއި ބައްދަލުކުރަން ގޮސް ހިތް ހަލާކުވާ ފަދަ ޖަވާބެއް ލިބިއްޖެނަމަ ބަތޫލްއަށް ވެދާނެ ގޮތެއް ވެސް ތަސައްވަރުކޮށްލަން ދައްޗެވެ. އެފަދައިން ކަންތައްވާކަށް އޭނަ ނޭދެއެވެ. އޭނަގެ ހިތުގެ އަޑީގައި އަދިވެސް އުއްމީދެއް އޮތެވެ. އަޒްޔާން އަންނާނެކަމުގަ އެވެ.
''އަހަރެން ބޭނުން ދާން...'' ބަތޫލް އަނެއްކާ ވެސް ތަކުރާރުކޮށްލިއެވެ. އަދި ކޯތާފަތުން ފިރުކެމުން އައި ކަރުނަތައް އަތުގެ ނުފުށުން ފޮހެލަމުން ފުންނޭވާއެއް ދޫކޮށްލިއެވެ. ހީވީ ހުރިހާކަމަކާ ކުރިމަތިލާން އޭނަ ތައްޔާރުވިހެންނެވެ.
''ދަރިފުޅާ...'' ޖައުފަރު ގޮވާލިއެވެ. އަދި ދަރިފުޅުގެ ހިތާމައިގައި ބައިވެރިވެލުމުގެ ގޮތުން މޭގައި ޖައްސާލަން އުޅުނެވެ. ނަމަވެސް ނުރުހުމާއެކު ބަތޫލް ޖެހުނީ ފަހަތަށެވެ.
ބަތޫލްގެ އެއަމަލުން ޖައުފަރަށް ހުއްޓެވުނެވެ.
''މިބުނީނު އަހަރެން ދާނަމޭ!!...'' މިފަހަރު ބަތޫލްއަށް ބުނެވުނީ ހަރުކަށި ރާގަކަށެވެ. އެއްވެސް މީހަކު އޭނަ ހިފަހައްޓާކަށް އޭނަ ބޭނުމެއް ނޫނެވެ.
ޖަނާ ވެސް ބަތޫލްއާއެކު ދާން ބޭނުން ވިއެވެ. ނަމަވެސް އެކަން މަނާ ކުރީ ބަތޫލް އެވެ. އޭނަ އަޒްޔާންއާއި ބައްދަލު ކުރަން އެދެނީ އެކަނި ކަމުގައި ބުނަމުންނެވެ.
*****
ލިފްޓުގެ ފިތަށް އޮބާލަމުން ޝުޖާއު ބަތޫލްއަށް ބަލާލިއެވެ. އެވަގުތު ބަތޫލްގެ ލޮލުން ފޭބި ކަރުތައް ފޮހެލަން ބަތޫލް ތައްޔާރުވެލަނީއެވެ. މިމަންޒަރުތައް ފެނި ޝުޖާއުގެ ހިތަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އެދެލޮލުގައި ފުން ރިހުމެއްގެ އަސަރު ވެސް ވިއެވެ. އޭނަ ބަތޫލްގެ އަތުގައި ހިފާލުމާއެކު ބަތޫލް ދިޔައީ ސިއްސައިގެންނެވެ. އަދި ނިކަން އަވަސް ހަރަކާތަކާއެކު ޝުޖާއުގެ އަތް ފޮޅުވާލިއެވެ. ދެވަނަ ސިކުންތުގައި ޝުޖާއުއަށް ސިހުމެއް ލިބުނީ ބަތޫލް ބާރަކަށް ޝުޖާއުގެ ބައިމަތިފުޅާ ހަށިގަނޑުގައި އޮޅުލައިގަތުމުންނެވެ. އޭނަގެ ބަޑިފަޅައިގެން ދިޔައީ ދެނެވެ. ގިސްލަގިސްލާފައި ރޮވުނީ މާރިޔާގެ ޖުމްލަތައް އަދިވެސް އޭނަގެ ކަންފަތުގައި ގުގުމަމުން ދާތީއެވެ.
''ކީއްވެގެންތަ ޒޭން ނައީ؟، ޒޭން ހަޤީޤަތުގައި ވެސް އަހަންނާ މެރީ ކުރަން ބޭނުން ނުވަނީތަ؟...'' ރުއިމުގެ ތެރޭން ބަތޫލްއަށް އަހާލެވުނެވެ. ބަތޫލްގެ ތުނި އުނަގަނޑު ދެއަތުން ވަށާލަމުން ޝުޖާއު ފުންނޭވާއެއް ދޫކޮށްލިއެވެ. އޭނަގެ ދެލޯ ވެސް ފެންކަޅިވެގެން އައީ އެދަނޑިވަޅުގައެވެ.
''ނެގެޓިވްކޮށް ނުވިސްނަބަލަ...'' ޝުޖާއު އެދުނެވެ.
''ދެން ކިހިނެއްތަ މިހުރިހާކަމެއް އަހަރެން ނަގަންވީ؟...'' ބަތޫލްގެ ސުވާލަށް ދޭނެ ޖަވާބެއް ޝުޖާއު އަކަށް ނޭގުނެވެ. ޚުދު އޭނަ ވެސް އެސުވާލު ޒަމީރާ ތަކުރާރުކޮށްލިއެވެ.
''ޒޭން އަހަރެން ދެކެ ލޯބި ނުވަނީތަ؟...'' ބަތޫލްގެ ލޮލުން ފައިބަމުން އައި ވޭނީ ކަރުނަތަކުން ޝުޖާއުގެ ގަމީހުގެ ބޮޑު ތަންގަނޑެއް ތެމި އޭނަގެ މެޔަށް އޭގެ އަސަރުކުރުވިއެވެ. އޭނަ ބަތޫލް ދުރުކޮށްލަމުން އެލޮލުން ފައިބަމުން އައި ކަރުނަތައް ފޮހެލަދިނެވެ.
''ތިހެން ނުވިސްނަބަލަ...'' ދެއަތުން ބަތޫލްގެ މޫނުގައި ހިފަހައްޓާލަމުން ޝުޖާއު ވާހަކަ ދެއްކިއެވެ. އަދި ނުރުއިމަށް އެދި ދެފަރާތަށް ބޯހޫރާލި އެވެ.
ބަތޫލްގެ ރީތި މޫނުގެ ދިރުން ވަނީ ގެއްލިފައެވެ. އެދެލޮލަށް ފަނޑު ރަތްކުލައެއް ޖަމާވަމުން ދިޔަ އެވެ. މީގެ އިރުކޮޅެއް ކުރިން ފެނުނު އުފާވެރި ކުއްޖާ ވަނީ ހިތާމައިން ކަޅިވެފައެވެ. އެތުންފަތުގައި ވި ރީތި ހިނިތުންވުމުގެ ބަދަލުގައި ވަނީ ތުރުތުރުލުމެކެވެ. ލޮލުން ފެނުނު ޖޯޝާއި އުފާވެރިކަން ވަނީ ހިތާމައިގެ ކަރުނަތަކުން ކަޝްފުކޮށްލާފައެވެ.
ލިފްޓު ހުޅުވުމާއެކު ދެޒުވާނުން ވެސް އަވަސް ހަރާކަތްތަކާއެކު ލިފްޓަށް އެރިއެވެ. އެންމެ ފަހު ފަންގިފިލާގެ ފިތަށް އޮބާލުމަށް ފަހު ޝުޖާއު ބަތޫލްއަށް ބަލާލިއެވެ. ފާއިތުވާ ކޮންމެ މިނެޓަކާއެކު އެހިތުގައި އަޅާ ވޭނާއި ކެކުޅުންތައް އޭނައަށް އިހުސާސްކުރެވޭ ކަހަލައެވެ. ހިތްވަރު ދިނުމުގެ ބަސްތައް ބުނެލަން ބޭނުން ވިއެއްކަމަކު އޭނަގެ އެހިތްވަރެއް ނެތެވެ. ބަތޫލް ރޯ ކޮންމެ ފަހަރަކު އޭނަގެ ހިތުގައި ބަޔާންކުރަން ދަތި ރިހުމެއް އުފަން ވެގެން ދެއެވެ. އެއިން ކޮންމެ ފަހަރަކު އަމިއްލަ އިހުސާސްތައް ނަފުސުގެ ބާރުގެ ދަށަށް ގެންނަން އޭނައަށް އިންތިހާއަށް އުނދަގޫ ވެއެވެ.
*****
ވެހެމުން ދިޔަ ބޯ ވާރޭގެ ތެރޭން އަމީނީ މަގުން ކާރު ދުއްވަމުން ދިޔަ އިރު ބަތޫލްގެ ނަޒަރު ސީދާވެފައި ވަނީ ކާރުގެ ލޫވާރ އަށެވެ. ވާރޭ ތިކިތައް ހަލުވިކަމާއެކު ލޫވާރގައި ބޮސްދީފައި ތިރިއަށް ފިރުކިގެންދާ މަންޒަރު ބަލަން އޭނަ އިންއިރު އޭނަގެ ސަމާލުކަން މުޅިންހެން ދެވިފައިވަނީ އަޒްޔާންގެ ހަނދާންތަކަށެވެ. އަޒްޔާން އޭނައަށް އެހިތުގެ ހާލު ފުރަތަމަ ބަޔާންކޮށްދިނީ ވެސް މިފަދަ ވިއްސާރަ ރެޔެއެއްގަ އެވެ. އެހަނދާންތައް އާލާވާން ފެށުމާއެކު އަނެއްކާ ވެސް ބަތޫލްގެ ދެލޯ ކަރުނުން ފުރުނެވެ. އަވަސް އަވަހަށް ލޮލުގެ ހިމަކޮޅުން ލާފައި ފޭދެން ތައްޔާރުވި ކަރުނަތައް އޭނަ ފޮހެލިއެވެ.
މަންޒިލާ ހަމައަށް ދެވުމާއެކު ފެންނަމުން ދިޔަ އުސް އިމާރާތަށް ފުސްވެފައިވާ ލޫވާރއިން ބަތޫލް ބަލާލިއެވެ. އަދި ވެހެމުން ދިޔަ ބޯވާރެއަށް ވިސްނާލުމެއް ނެތި އޭނަ ކާރުގެ ދޮރު ހުޅުވާލާފައި ފޭބިއެވެ. އެވަގުތު ޝުޖާއު އޭނައަށް ގޮވާލި ކަމުގައި ވިޔަސް ބަތޫލް މަޑެއް ނުކުރިއެވެ. އިހުނަށް ވުރެ ފިޔަވަޅުތައް ބާރުކޮށްލަމުން އޭނަ ވާރޭ ތެރޭން ހިނގައިގެންފިއެވެ. އެއްވެސް ކަމަކަށް އޭނަ ސަމާލުކަން ދޭން ބޭނުންނުވާ ކަހަލައެވެ. ވާރޭގެ ތިކިތަކުން ތެމިފޯވި ބަތޫލްއަށް އިމާރާތާއި އަރާހަމަކުރެވުނު ހިނދު ފިނިކަމުގެ ސަބަބުން އޭނަގެ ހަށިގަނޑުގައި މަޑު ތުރުތުރުލުމެއް އުފެދިފައި ވިއެވެ. އޭރު ކުޑައެއްގެ އެހީގައި ޝުޖާއު އައިސް ބަތޫލްއާއި އަރާހަމަކުރަނީއެވެ.
*****
ބަތޫލްގެ ފަހަތުން ތިންވަނަ ފަންގިފިލާއަށް ސިޑީގެ އެހީގައި އަރަމުން ޝުޖާއު ބަތޫލްއަށް ބަލާލިއެވެ. އަދި ސިޑިއާއި ކައިރީގައި ހުރި އެޕާރޓްމެންޓްގެ ދޮރުގައި ޓަކިދިނެވެ. ނޭވާ ހިފަހައްޓާލައިގެން ބަތޫލްއަށް ހުރެވުނެވެ. ކޮންމެ ވަގުތެއްގައި ވެސް ހަޤީޤަތާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރާއެކުގައެވެ. ކެތްކުރަން ދަތި ވޭނާއި ކެކުޅުމުން ހިތް ހަލާކުވެދާނެތީއެވެ.
ފަސްފަހަރު ޓަކިދިނުމުން ވެސް ދޮރެއް ނުހުޅުވިއެވެ. އޭރު ބަތޫލްގެ ހިތް ވަނީ އިންތިހާއަށް އަވަސް ވެފައެވެ. އަޒްޔާންއަށް ކައިވެނީގެ ރަސްމިއްޔާތަށް ނާދެވުނީ ކަމެއް ދިމާވުމުން ހެއްޔެވެ؟ ދިޔަ މަގުމަތީގައި އެކްސިޑެންޓެއްވީ ހެއްޔެވެ؟ ބަތޫލްގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. އެގޮތުގެ މަތީން ވަގުތު ގުނަމުން ދަނިކޮށް ދޮރުހުޅުވާލި އަޑާއެކު ޚިޔާލުތަކުގެ ދުނިޔެއިން ބަތޫލްއަށް ނިކުމެވުނެވެ. ދޮރު ކުރިމަތީ ހުރި އަޒްޔާން ފެނި ބަތޫލްއަށް ބަލަން ހުރެވުނީއެވެ. ކަރުުނުން ފުރިފައިވާ ދެލޮލާއެކު އޭނައަށް އަޒްޔާންގެ ދެލޮލަށް ބަލާލެވުނެވެ. އެދެލޮލުން އޭނައަށް އެއްވެސް އަސަރެއް ނުފެނުނެވެ. އެންމެ ކުޑަމިނުން އެލޮލުން ފާޅުވާ އޯގާތެރިކަމެއް ވެސް މެއެވެ. ހަޤީޤަތާ ކުރިމަތިލާންވީ ވަގުތު އައިސް ޖެހިއްޖެކަމުގެ ސިގްނަލް ބަތޫލްގެ ސިކުނޑި އޭނައަށް ދިނީ ދެނެވެ.
''ޒޭން...''
އުނދަގުލާއެކު ބަތޫލްއަށް ބުނެލެވުނެވެ. އަދިވެސް އޭނައަށް ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. އެއްވެސް ސަބަބަކާ ނުލައި ގަސްދުގައި އަޒްޔާން ކައިވެނީގެ ރަސްމިއްޔާތަށް ނައީއެވެ. ލޯބިވާ ކަމަށް ބުނެ ވި ވަޢުދާއި އަހުދުގައި ވަނީ ދޮގުވެރިކަމެވެ. ހުވަފެންތައް ދެއްކުމަށް ފަހު އެންމެ ފަހު ވަގުތު އަޒްޔާން އޭނައަށް މިދިނީ ކޮން ފަދަ ބޮޑު ހިތްދަތިކަމެއް ހެއްޔެވެ؟
''ކީއްކުރަން މިތަނަށް ތިއައީ؟...'' އަޒްޔާންގެ އަޑުގައި ވަނީ ނުރުހުމެވެ. އޭގެ ސަބަބުން ބަތޫލްގެ ހިތަށް އަސަރުކުރިއެވެ. ބާރު ގަދަ އަތުން އޭނަގެ ހިތުގައި ހިފާ ބާރު ކުރަމުންދާ އިހުސާސެއް ވެސް ކުރެވެން ފެށުނެވެ.
ޤަބޫލުކުރަން ދަތިވެފައި ބަތޫލްއަށް އަޒްޔާންއަށް ބަލަން ހުރެވުނެވެ. އޭނައަށް ދަސްވެފައިވި ބައިވެރިޔާއާއި މިހާރު ކުރިމަތިން ފެންނަމުން ދާ ޒުވާނާއާއި އުޑާއި ބިމުގައިވާހާ ފަރަގު އެބަހުއްޓެވެ. ބަތޫލް ފެނުމުން އުފާވެރިކަމުގެ ވިންދު ޖަހާލާ އެމޫނުމަތިން މިހާރު ފެންނަނީ ފޫހިކަމާއި ރުޅިވެރިކަމެވެ. އޯގާތެރިކަމުގެ ލިސާނެއް ވެސް އެމޫނުމަތިން ފާޅެއް ނުވެއެވެ. މިހުރިހާ ބަދަލުތަކުން ހަނާ އަޅަން ފެށީ ބަތޫލް މިހުރިހާ އިރު ދެކޮޅުހަދަމުން ދިޔަ ކަންތަކަށެވެ. ފަހު ވަގުތާ ޖެހެން ދެން އެހިތުގައި ވި އުއްމީދުގެ ހުޅުކޮޅު އެންމެ ފަހުން ނިވިގެން ދިޔައީ އެވެ. އެއާއެކު އޭނަގެ ދެލޯ ކަރުނުން ފުރިބާރުވެއްޖެ އެވެ.
''ޒޭން...'' ހިތްދަތިކަމުން ފުރިފައިވާ ރާގަކަށް ބަތޫލްއަށް ބުނެވުނެވެ.
''ބަތޫލްއަށް މިހާރު ޖަވާބު ލިބިފަ އޮންނާނީ، ދެން ކީއްކުރަން މިތަނަށް ތިއައީ؟...'' ނުރުހުމާއެކު އަޒްޔާން ވާހަކަދައްކަން ފެށުމުން ބަތޫލްގެ ތުންފަތް ފޫއަޅުވާލާފައި މަޑު އާހެއްގެ އަޑު ބޭރުވެގެން ދިޔަ އެވެ. އެވަގުތު ބަތޫލް ގާތަށް ޖެހިލަމުން ޝުޖާއު އަޒްޔާންއަށް ބަލާލީ ހައިރާންވެ އަންތަރީސްވެފައި ހުރެއެވެ. އަޒްޔާންއަށް ކުއްލިއަކަށް އެފަދަ ބޮޑު ބަދަލެއް އައުމުންނެވެ. ދާދި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނަ އަޒްޔާންއަށް ކުރި އިތުބާރު ފުނޑުފުނޑުވެގެން ދިޔަ އެވެ. އެތައް އަހަރެން ވެގެން ދިޔަ އިރު ވެސް އެކުވެރިޔާ ދަސްނުކުރެވުނުކަން އޭނައަށް ހަނދާންކޮށްދެމުންނެވެ. އެހެންނޫންނަމަ އަޒްޔާންގެ މިނުބައި ސިފަ އޭނައަށް ފާހަގަ ކުރެވުނީހެވެ. ބަތޫލްއަށް އަޒްޔާންގެ ފަރާތުން ދެރައެއް ލިބިދާނެ ކަމާމެދު ވިސްނާލެވުނީހެވެ.
''ޒޭން އަހަންނަށް ގޯސްކޮށްކަމެއް ކުރެވުނީތަ؟، ކީއްވެތަ އަހަންނާ ތިހެން ވާހަކަ ތިދައްކަނީ؟... އަހަރެންގެ ހިތަށް ތަދުވެޔޭ... ކީއްވެތަ ކައިވެނީގެ ރަސްމިއްޔާތަށް ނައީ؟... އަހަރެން އިންތިޒާރުކިކަން ނޭގޭތަ؟... ޒޭން އަހަރެން ދެކެ ލޯބި ނުވަނީތަ؟...'' ބާތޫލް ރޮވިފައިވާ އަޑަކުން ފައްޗަކަށް ސުވާލުކުރިއެވެ. ދައްކަން ކިތަންމެ ގިނަ ވާހަކަތަކެއް ހުރިކަމުގައި ވިޔަސް މޭގައި އުތިރިއަރަމުން އައި އުދާސްތަކުން އިތުރަށް އޭނައަށް ވާހަކައެއް ނުދެއްކުނެވެ. ކަރުނުން ފުރި ބާރުވެފައިވާ ދެލޮލުން އަޒްޔާންއަށް ބަލާލެވުނީ އަޒްޔާންގެ ފަރާތުން އިޝާރާތެއް ފެނިދާނެ ކަމުގެ އުއްމީދުގައެވެ. އޭނަގެ ލޯތްބަށް ރަހުމުކުރުމަށް އެދޭ ހާލުގައެވެ.