ބަސްހުއްޓިފައި ހުރި ބަތޫލް ފެނި ޝީރީންގެ ހިނިތުންވުން ފުންވިއެވެ.
''ބަލަން ހުންނާތި ކާކަށްތޯ ކުރިއެރުން ލިބެނީ...'' ޝަހާދަތްއިނގިލި ބަތޫލްއާ ދިމާއަށް ދިއްކޮށްލަމުން ޝީރީން އިއްވާލިއެވެ.
ޝީރީން ގޮސް ލޯކުރިމަތިން ގެއްލެންދެން ބަތޫލްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭރު އޭނަގެ ހިތުގައި ބިރުވެރިކަމުގެ އޮއެވަރެއް އުފެދިފައި ވިއެވެ. ހަމައެއާއެކު ޝީރީން ހާމަކުރި ހަޤީޤަތާއެކު އޭނައަށް ޝޮކެއް ވެސް ލިބިފައި ވިއެވެ. އެޖުމްލަތަކުން އެކަނި ވެސް އަޒްޔާންގެ ކުށެއް ނުވާކަން ބަތޫލްއަށް ދެނެގަނެވުނެވެ. މިވީހާ ދުވަހު އަޒްޔާންވީ ޝީރީންގެ ދޮގުވެރި އަދި މަކަރުވެރި ބަސްތަކުން ކަސްތޮޅު އެޅުވިފައެވެ. އޭނައާ މެދު އަޒްޔާންގެ ހިތުގައި ރުޅިވެރިކަމާއި ނަފުރަތު އުފެއްދި މީހަކީ ވެސް ޝީރީނެވެ. ނަމަވެސް އޭނަ މިވީހާ ދުވަހު ކުށްވެރިކުރަމުން އައީ އަޒްޔާނެވެ. އަޒްޔާން އޭނަގެ އިހުސާސްތަކާއި ކުޅެމުންދާކަމަށް ވެސް ނިންމުނީ ޝީރީންގެ މަކަރުވެރި ރޭވުންތަކުގެ ސަބަބުންނެވެ. ނަމަވެސް މިހާރު އޭނަގެ ސިކުނޑި ގެނބިފައިވި މަޑުކިލަނބުކަން ސާފުވެ މަންޒަރުތައް ރީތިކޮށް ފެންނަން ފަށައިފިއެވެ.
ވިސްނެމުން ދިޔަ ވަރަކަށް ބަތޫލްގެ ހިތުގައި ނުތަނަވަސްކަން ވެސް އުފެދުނެވެ. ޝީރީން އޭނައަށް ދީފައި ދިޔަ ވަރުގަދަ އިންޒާރުތަކަކީ ބޯމަތިކުރަމުން އައީ ތޫފާނީ ކެރީގެ ފުރަތަމަ އިންޒާރުތަކެވެ. ޝީރީންގެ ލޮލުން އޭނައަށް ފެނުނު ރުޅިވެރިކަމުން ކޮންމެ ކަހަލަ ފިޔަވަޅެއް ވެސް އަޅަން ޝީރީން ފަހެއް ނުޖެހޭނެކަން ފަހުމުވެއްޖެއެވެ. ބަތޫލްގެ ހިތުގެ ތެޅުން އަވަސްވާން ފެށީ ހިތަށް ވެރިވާން ފެށި ތަފާތު ޚިޔާލުތަކުންނެވެ. އަޒްޔާންއާއި ދެވަނަ ފަހަރަށް ވަކިވާން އޭނަގެ ހިތެއް ނޭދޭނެއެވެ. އެއީ އޭނަގެ ނަފުސަށް ބަރުދާސްތުކުރެވޭނެ ވޭނެއްކަމުގައި ވެސް ނުވާނެއެވެ. އެދެމެދުގައި އިތުރު ކުންޏެއް ޖެހުމުގެ ފުރުސަތު ދޭން ވެސް ބަތޫލްގެ ޒަމީރު ދެކޮޅުހެދިއެވެ. އެއާއެކު އޭނަގެ ނަފުސު ތައްޔާރުވެލީ ޝީރީންގެ ފަރާތުން އަމާޒުވެދާނެ ހަމަލާއަކަށެވެ. ދުރާލާ ފިޔަވަޅު ނޭޅިއްޖެނަމަ އަނެއްކާ ވެސް އޭނަގެ ޚަޔާތަށް އަނދިރިކަން ވެރިވެގެންހިނގައިދާނެ އެވެ.
ބަތޫލްއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އޭނަ ކުރަން ހިތުލައިގެން ހުރި ކަންތައް ވެސް ބަތޫލް ހަނދާންވީ ދެނެވެ. އަވަސްއަވަހަށް އަތުކުރީ އޮތް ހިމަ ގަޑިއަށް ބަތޫލް އަވަސް ނަޒަރެއް ދިނެވެ. އެއަށްފަހު އޭނަ އަވަސްވެގަތީ ބޭރަށް ދިއުމަށެވެ.
*****
ޓެކްސީއެއްގައި ބަތޫލް ދަތުރުފެށީ އޭނަގެ ގެއަށް ދިއުމަށެވެ. ދަތުރުގެ ހުރިހާ ވަގުތެއްގައި ވެސް ބަތޫލްއަށް ނުތަނަވަސްކަން ލިބިފައި ވިއެވެ. އޭނަގެ މައިންބަފައިންނާ ބައްދަލުވެވެން އެއުޅެނީ ހާދަ ގިނަ ދުވަސްތަކެއްގެ ދިގު އިންތިޒާރަކަށް ފަހުގައި ހެއްޔެވެ؟ އެމީހުން އޭނަ ދެކެ އައިސްފައިވާ ރުޅިވެރިކަން ތަސައްވަރުކުރެވުމުން ބަތޫލްގެ ހިތުގައި ބިރުވެރިކަން ވެސް އުފެދުނެވެ. އެހެނަސް ކުރިއަށް އަޅާލެވުނު ފިޔަވަޅުތަކަށް ފުރަގަސްދޭން ބަތޫލް ބޭނުމެއް ނުވިއެވެ. އޭނަ ފުންނޭވާތަކެއް ލަމުން ދިޔައީ އެކަން އަވަސްވެފައިވި ހިތަށް ވިސްނައިދޭށެވެ. އޭރު ކަންތައް ވެދާނެ ގޮތުގެ މަންޒަރުތައް ބަތޫލްގެ ސިކުނޑީގައި ކުރެހެމުން ދިޔަ އެވެ. އޭނަގެ މައިންބަފައިން އޭނައަށް ގޭގެ އޮޅިން އެތެރެވުުމުގެ ހުއްދަ ވެސް ނުދޭނެކަން ގައިމެވެ.
ޓެކްސީ ގޮސް މަޑުކޮށްލި އިމްރާތަށް ބަތޫލްއަށް ބަލާލެވުނެވެ. އަދި އޭނަގެ އަތްދަބަހުން ދަތުރުގެ ފައިސާ ނަގައި ޑްރައިވަރަށް ދިއްކޮށްލިއެވެ. އެއަށްފަހު ފުންނޭވާތަކެއް ދޫކޮށްލުމަށްފަހު ބަތޫލް ކާރުގެ ދޮރުހުޅުވާލަމުން ފޭބިއެވެ. އޭރު އޭނަގެ ހިތް އިހުނަށްވުރެ ބާރުވެފައިވާކަން ބަތޫލްއަށް އިހުސާސްކުރެވުނެވެ. އޭނަގެ ހަތަރެސްފަޔަށް ފިނިކަމެއް ވެސް ސަވާރުވަމުން ދިޔަ އެވެ. ނޭވާތައް ހަމައަކަށް އަޅުވާލަމުން ބަތޫލް ކުރިއަށް ހިނގައިގަތެވެ. އޭނަ ލިފްޓްގެ ބަޓަންތަކަށް ފިތާލިއިރު ވެސް އަތުގެ އިނގިލިތަކުގައި މަޑު ތުރުތުރުލުމެއް ވިއެވެ. ހަމަޖެހެން ބޭނުންވިކަމުގައި ވިޔަސް ބަތޫލްއަށް އެކަމެއް ހާސިލެއް ނުކުރެވުނެވެ. ބައްޕަ ފަސްލާ ފޮރުވާފައިވި ކަޅު މާޒީ ކޮނެނެގުމުން ވެދާނެ ގޮތް ވިސްނި އޭނަގެ ހިތް ނުތަނަވަސްވަނީއެވެ. މަންމައަށް އެކަމުން ލިބިދާނެ ދެރައާއި ހިތާމަތައް ތަސައްވަރުކުރެވި ހާސްވެ ކަންބޮޑުވަނީ އެވެ. މަންމައާއި ބައްޕަ ވެކިވެދިއުމަށް އޭނަގެ ހިތް ނޭދެއެވެ. ފަސްއަނބުރާލާފައި ދާން ވެސް އެތައް ފަހަރަކު ބަތޫލްގެ ހިތް އޭނައަށް ނަސޭހަތްތެރި ވިއެވެ. ނަމަވެސް މަންމަގެ ހިތުގައި އަޒްޔާނާ މެދު އުފެދިފައިވި ރުޅިވެރިކަމާއި ނުރުހުންތެރިކަމަށް ނިމުމެއް ގެންނަން އެއީ ކޮންމެހެން ވެސް މުހިންމުކަމެކެވެ. ބައްޕައަށް ކުށުގެ އިހުސާސްކުރެވި އަނިޔާ ލިބުނު މީހުންގެ ފަރާތުން މަޢާފަށް އެދުން ވެސް މެއެވެ. ހަމައެއާއެކު ކުރެވުނު ފާފަތަކަށް ތައުބާވުމަށް ބައްޕައަށް ނަސޭހަތްތެރިވުމަށް ވެސް މެއެވެ. އޭނަގެ މައިންބަފައިންނަށް ދެދުނިޔެއާއި އާޚިރަތް ކާމިޔާބުވުމަށް ބަތޫލްގެ ހިތް އެދި ދުޢާކުރެއެވެ. އޭނަ އެމީހުންނާ ވަކިން އުޅެން ޖެހިފައިވިކަމުގައި ވިޔަސް އެހަނދާންތައް އޭނައާއި ވަތްކެއް ނުވެއެވެ. އެމީހުނަށް ހެޔޮދުޢާކުރުން ވެސް އޭނަ ހުއްޓައެއް ނުލައެވެ.
ލިފްޓް ހުޅުވުނު އަޑާއެކު ބަތޫލްއަށް އޭނަގެ ހަނދާންތަކުގެ ތެރޭން ނިކުމެވުނެވެ. ހިތްވަރުލިބިގަންނަމުން ބަތޫލް ކުރިއަށް ފިޔަވަޅުތައް އަޅަން ފެށިއެވެ. އެންމެފަހުން މަންޒިލާ ހަމައަށް ދެވުމާއެކު ފާރުގައި ހުރި ބެލްގެ ބަޓަނަށް ބަތޫލް ފިއްތާލިއެވެ. އެހިނދު އޭނަގެ ހާސްކަން އިތުރު ވިއެވެ. ދޮރުހުޅުވުމާއެކު ވެދާނެ ގޮތްތައް އޭނަގެ ސިކުނޑީގައި އޭރު ވެސް ތަކުރާރުވަމުން ދިޔަ އެވެ. ބަތޫލް އިންތިޒާރުގައި ހުއްޓާ އައިސް ދޮރުހުޅުވާލީ އެސޫރައެއް ދުށުމަށް އޭނަގެ ދެލޯބޭޤަރާރުވެފައިވި އޭނަގެ ލޯބިވާ މަންމަ އެވެ. ވަގުތުން ބަތޫލްގެ ނަފުސު ޖަޒުބާތުތަކުގެ ފުން ކަނޑުގެ ތެރޭގައި އޮޔާލާ ބެހެން ފެށިއެވެ. މަންމަގެ ލޯތްބާއި ކުލުނަށް ފެންބޮވައިގަނެފައިވި އޭނަގެ ހިތް ގޮވާލީ އިސްނެގުމަށެވެ. ބަތޫލްގެ ދެލޯ ފެންކަޅިވަމުން ދިޔަ ހާލު އޭނަ ކުރިއަށް ފިޔަވަޅެއް އަޅާލިއެވެ.
ބަތޫލް ފެނި ހިންދުއަށް ހައިރާންކަމާއި ސިހުން ލިބިފައި ވިއެވެ. މަސްތަކުގެ އިންތިޒާރަކަށް ފަހު އޭނަގެ ލޯބިވާ ދަރިފުޅު ފެނުމުން ހިންދުގެ ލޮލުން ކަރުނަތިކިތައް ނީރާލި އެވެ. ގަނޑުވެފައި އޭނައަށް ހުރެވުނީ ބަތޫލްއަށް އައިސްފައިވާ ބަދަލުތަކަށް ނަޒަރު ހުއްޓާލައިގެންނެވެ. އޭނައަށް ބަތޫލްގެ އުފުލިފައިވާ ބަނޑު ފެނުމާއެކު ފަހަތަށް ޖެހިލެވުނީ އޭނަގެ ސިކުނޑީގައި ތަކުރާރުވެގެން ދިޔަ ހާދިސާގެ ސަބަބުންނެވެ. އޭނަގެ ހަނދާންތަކުން އެދުވަސް ދުވަހަކު ފިލައިގެން ނުދާނެއެވެ. އެއީ ބަތޫލް އޭނަގެ މައިންބަފައިންނަށްވުރެން ހިލޭ މީހަކު އިސްކުރި ދުވަހެވެ. މިއަދު ބަތޫލް އެހުރީ އެފިރިހެނާގެ ދަރިއަކަށް ބަލިވެއެވެ. އެއާއެކު ހިންދުގެ ހިތުގައި އުފެދުނު މައިވަންތަކަމުގެ ކުލުނަށް ހިޔަނިއެޅިގެން ދިޔައީ ރުޅިވެރިކަމުގެ ދިލަ ހޫނުގެ ސަބަބުންނެވެ.
''ކީއްކުރަން ތިއައީ؟... އޭނަ ގެއިން ނެރުނީތަ؟...'' ހިންދުގެ އަޑަށް ރުޅިވެރިކަން ވެރިވިއެވެ. އެއާއެކު ބަތޫލް އެއްކުރި ހުރިހާ ހިތްވަރެއް އެލިއްޖެއެވެ. އޭނަގެ ލޮލުން އޮހޮރިގެން އައި ކަރުނަތައް ބަތޫލް ފޮހެލަން ނޭގިފައި ބަތޫލްއަށް ހުރެވުނެވެ.
''މަންމާ...'' ބަތޫލްއަށް ގޮވާލެވުނެވެ.
''މަށަށް ތިނަމުން މުހާބަތުކުރެވޭނެ މީހަކު ނުހުންނާނެ...'' ނުރުހުމާއެކު ބަތޫލްއަށް ބަލާލަމުން ހިންދު އިއްވާލިއެވެ. އޭނަގެ ރުޅިވެރިކަމުގެ ފުރަގަހުގައި މާޔޫސްކަމާއި ހިތާމަތައް ވަންހަނާވެފައި ވިއެވެ. ބަތޫލްގެ ހަށިގަނޑަށް އައިސްފައިވި ބަދަލުތަކުން ބަތޫލް އުޅެނީ އުފަލުގައި ނޫންކަން ހިންދުއަށް ވިސްނައިގަނެވުނެވެ. ހަމައެއާއެކު ބަތޫލްގެ ދެލޮލުން އޭނައަށް ރިހުމެއް ވެސް ފާހަގަ ކުރެވުނެވެ.
''މަބުނި ދުވަސް އައިސް ޖެހުނީދޯ؟... އޭނަ ވަރިކުރީތަ މިގެއަށް ތިއައީ؟... އެހެންވެއްޖެއްޔާމު މިގެއިން ވެސް ބަތޫލްއަކަށް ހިޔާވެހިކަމެއް ނުލިބޭނެ، އަމިއްލައަށް ހޯދި ބޮނޑިއެއްތީ... އަހަރުމެން ދިން ނަސޭހަތަށް ބީރުކަންފަތެއްދީ އެމީހާއާއި ކައިވެނިކުރުމުން ލިބުނު މޮޅެއް އެބައޮތްތަ؟... ބަލިވެ އިންދާ ގެއިން ނެރެލީ... އެވަރު މީހަކު ނެތިގެންތަ ބަތޫލް އޭނަ ގާތަށް ދިޔައީ؟... މިހާރު އެއްޗެއް އެބަ ވިސްނޭދޯ؟...''
ހިންދުގެ ޚިޔާލުގައި ކުރެހުނު ތަސްވީރުތަކަށް ބަރޯސާވެ އޭނަ ވާހަކަދެއްކީ އަޒްޔާނަށް މަލާމާތްކުރަމުންނެވެ. އަޒްޔާންގެ ފީކަޅާކަން ބަތޫލްއަށް ތަސައްވަރުކުރެވޭނެ އުސޫލުންނެވެ.
''މަންމައަށް ތީހީކުރެވެނީ ރަގަޅަކަށް ނޫން، އަޒްޔާން އަހަރެން ވަރިއެއް ނުކުރޭ، އަހަރެން މިއަދު މިގެއަށް އަންނަޖެހުނީ މަންމައަށް ނޭގި އޮތް ހަޤީޤަތެއް އޮޅުންފިލުވައިދޭން... މަންމަގެ ހިތުގައި އަޒްޔާނާމެދު އޮތް ރުޅިވެރިކަމަށް ނިމުމެއް ގެންނަން އަހަރެން މިއައީ...'' ބަތޫލްއަށް ބުނެވުނެވެ. އޭނައަށް އަޒްޔާންގެ ދިފާއުގައި ތެދުވެވުނީ ބޭއިހްތިޔާރުގައެވެ.
''ހިންދުއަށް މަ ގޮވާ އަޑެއް ނީވޭތަ؟... ކޮބާ މަގޭ ވޮލެޓު...'' ކޮޓަރިން ނިކުތް ހިންދުގެ ކަންފަތުގައި ޖައުފަރުގެ އަޑު އައިސް ޖެހުމާއެކު އޭނައަށް ތެޅިގަނެވުނެވެ. އޭރު މައިދޮރު މަތީ ހުރި ބަތޫލް ފެނި ޖައުފަރު އިތުރަަށް ބުނަން އުޅުނު ޖުމްލަ އޭނައަކަށް ފުރިހަމައެއް ނުކުރެވުނެވެ.
''ކަލެއަށް މިގެއަށް ވަންނަން ހުއްދަ ދިނީ ކާކު؟، ހަމަ މިހާރު ނުކުމޭ!، ކަލޭގެ ފިރިމީހާ ކަލޭ ވައްދަން ހޯދާފަ ހުރި ތަން ކުޑަވެގެންތަ މިގެއަށް ތިއައީ؟...'' ޖައުފަރު ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. އޭނަގެ ރުޅި ކޮންޓްރޯލުން ނެއްޓުނީ ބަތޫލްގެ ލަދުހަޔާތްކުޑަކަމާ ހުރެއެވެ. އޭގެ އިތުރުން އަޒްޔާންގެ ދަރިއަކަށް ބަތޫލް ބަލިވެއިނުން ވެސް ވެގެން ދިޔައީ ޖައުފަރު ފޫހިވިކަމަކަށެވެ.
''ކަލޭ މިގެއިން ދިޔަ ދުވަހު ވެސް ބުނެފަ އޮންނާނީ މިގެއަށް ކަލޭ އެނބުރި އައިސްގެން ނުވާނެއޭ، ދެން ތިއައީ ކީއްވެ؟...'' ބަތޫލް ކުރިމައްޗަށް ހުއްޓިލަމުން ޖައުފަރު ބުނެލިއެވެ. އެވަގުތު ޖައުފަރު ބަތޫލްއަށް އަނިޔާއެއް ކޮށްފާނެތީ ބިރުން ހުރި ހިންދު ޖައުފަރުގެ އަތުގެ މުލައްދަނޑީގައި ހިފަމުން ގޮވާލިއެވެ. އަދި އޭނަ ބަތޫލްއަށް ބަލާލީ އެތަނުން ދާށޭ ބުނާ ފަދައަކުންނެވެ. އެހެންނޫނީ މަސްރަހަތު އިތުރަށް ގޯސްވެދާނެއެވެ.
''ބައްޕަ އަދިވެސް ކުރެވުނު ކަންތަކަށް މަޢާފަށް އެދޭކަށް ނުވޭތަ؟... ބައްޕަގެ ސަބަބުން ކިތައް ދިރިއުޅުންތަ ހަލާކުވެގެން ދިޔައީ؟... އެކަންތައް އިސްލާހުކުރުމުގެ ބަދަލުގައި އިތުރަށް ފަސްއަޅައި ފޮރުވަން ތިއުޅެނީ... ތިހެން ކިތައްފަހަރަކު ކަންތައްކުރާނީ؟... ދުނި އުމުރަށް އެއްވެސްކަމެއް ނުފޮރުވޭނެ، އަހަރެން ލަދުވެސް ގަނޭ އަހަރެންގެ ބައްޕަގެ އެފަދަ ވާހަކައެއް އަޑުއިވި ދައްކަންވުމުން... ފުރަތަމަ އަހަންނަށް ޤަބޫލެއް ވެސް ނުކުރެވުނު......'' ބަތޫލްއަށް އޭނަގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭނަ ހީކުރިވަރަށްވުރެން އެއީ އުނދަގޫ ކަމަކަށް ވެއްޖެއެވެ. އޭނަ އެންމެ ބޮޑަށް ޤަދަރާއި އިހުތިރާމު އަދާކުރި އިންސާނާގެ އެފަދަ ވާހަކައެއް ދުލާހަމައަށް ގެނެވޭނީ ވެސް ފަހެ ކިހިނެއް ހެއްޔެވެ؟ އެވެސް އޭނަގެ ބައްޕަގެ އަނދިރި މާޒީ އެވެ.
ނުތަނަވަސްކަން ލިބިގެން ދިޔަ ޖައުފަރުގެ ދުލުގައި ތަޅެއް ލެވުނެވެ. އޭނަގެ މޫނުގެ ކުލަވަރު ފަނޑުވެ ހިމޭންކަން ވެރިވެފައި ވިއެވެ. ބަތޫލްއަށް އޭނަ ބަލަން ހުރީ ބިރެއް ފެނިފައިވާ އުސޫލުންނެވެ. އޭރު އޭނަގެ ހިތުގެ ތެޅުން ވެސް އަވަސްވެފައިވިއެވެ.
ބަތޫލްގެ ޖުމްލައިގެ މާނަ ދޭހަ ނުކުރެވުނު ހަމައެކަނި މީހަކީ ހިންދު އެވެ. އޭނައަށް ލިބިފައިވާ ހައިރާންކަމާއެކު ޖައުފަރު އަދި ބަތޫލްގެ މޫނަށް އަވަސް ނަޒަރުތަކެއް ދެވުނެވެ. ޖައުފަރުގެ މޫނުގެ ކުލަވަރު އޮއްސިފައިވާތަން ފެނި މާހައުލުގެ ނާޒުކުކަން ހިންދުއަށް ނަގައިގަނެވުނެވެ. އެއާއެކު އޭނައަށް ބަލާލެވުނީ ބަތޫލްއަށެވެ. އޭނަގެ ހިތުގައި އުތުރިއަރަމުން އައި ސުވާލުތަކުގެ ޖަވާބު ބޭނުންވެފައިވާ ފަދައަކުންނެވެ.
''އަދިވެސް ބައްޕައަށް ކުރެވުނު ކުށް އިހުސާސް ނުކުރޭވެތަ؟...'' ބަތޫލްގެ އަޑު ކުރެހިގެން ދިޔަ އެވެ.
ހާސްކަން ވެރިވެފައިވި ޖައުފަރަށް އަވަސްނޭވާތަކެއް ދޫކޮށްލެވުނެވެ. އޭނަގެ ހިތުގައި އޮތް ބިރު ހަޤީޤަތަކަށް ވެ ނިމިއްޖެއެވެ. ބަތޫލްއަށް އެއޮތީ އޭނަގެ މާޒީ ކަޝްފު ވެފައެވެ. މިހާރު އޭނައާ މެދު ބަތޫލް ދެކެމުން އައި ނަޒަރިއްޔާތު ވެސް ވާނީ ބަދަލު ވެފައެވެ.
''ބައްޕަގެ ފަރާތުން އަނިޔާ ލިބުނު ފަރާތް މިއަދު ވަނީ ދުނިޔެ ދޫކޮށް ގޮސްފައި...'' ބަތޫލްއަށް ވާހަކަދައްކަން އުނދަގޫވީ އޭނަގެ އަޑު ބެދޭ ގޮތް ވުމުންނެވެ.
''ކީކޭތަ ބަތޫލް ތިކިޔަނީ؟...'' އޮޅުންގަނޑެއްގެ ތެރޭގައިވި ހިންދު އެހި އެވެ. އޭނަ ހުރީ ވަމުންދާކަންތަކުގެ ސިއްރު އެނގެން ބޭނުންވެފަ އެވެ.
''ބައްޕަ އެކަންތައް ސިއްރުކުރަން އެންމެފަހުން އެންމެންގެ ނަޒަރުގައި އަޒްޔާން ނުބައި މީހަކަށް ހެދީ... އެހުރިހާކަމެއް ބައްޕަ ކުރީ އަޒްޔާންގެ މަންމަގެ ފަރާތުން އަހަންނަށް ހަޤީޤަތް އެނގިދާނެތީއެއްނު؟، މިހާރު އަހަންނަށް ހުރިހާކަމެއް ވެސް އޮޅުން ފިލައިފި...'' ބަތޫލް ބުނެލިއެވެ.
ހިންދުގެ ނަޒަރު ގޮސް ޖައުފަރުގެ މޫނަށް ހުއްޓުނެވެ. ޒައިނަބާއި ހުރިހާ ކަމެއް ގުޅިގެންދާކަން އޭނައަށް ފަހުމުވަމުން ދިޔަ އެވެ. އޭރު މިވީހާ ދުވަހު އޭނަގެ ހިތުގައި ބިންވަޅުނެގިފައިވި ސުވާލުތައް އަނެއްކާ ވެސް ފެންމަތިވެގެން ދިޔަ އެވެ. ޒައިނަބާއި ޖައުފަރާ ދެމެދު ދުވަސްވީ ގުޅުމެއް އޮތްކަމުގެ ހިލަން އޭނަގެ ހިތުގައި ވިއެވެ. ނަމަވެސް އެއީ ކުށްހީއެއްކަމަށް ހީކޮށް ޖެހުނީ އެޚިޔާލުތަކާއި ދުރުވާށެވެ. އެހެނަސް ބަތޫލްގެ ވާހަކައިގެ މިސްރާބުން އޭނަ ގެންދަނީ އަނެއްކާ ވެސް އެޚިޔާލުތަކުގެ ތެރެއަށެވެ.
''ޖައުފަރު ކޮންކަމެއްތަ ތިސިއްރުއެކުރަނީ؟... ބަތޫލް އެބުނާ އެއްޗެހީގެ މާނައަކީ ކޮބާތަ؟...'' ޖައުފަރުގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ހިންދު އެހީ ޖައުފަރަށް އޭނަ ކުރާ ސުވާލުތަކުގެ ހިލަމެއް ނުވާހެން ހީވާތީއެވެ.
ހަތަރުއުދަރެސް ޖެނުޖެހެމުންދާކަން ޖައުފަރަށް އިހުސާސްކުރެވުނެވެ. އޭނަ އެވަނީ ކަރުތާ ފެނުގެ ތެރެއަށް ގެނބެން ތައްޔާރުވެފައެެވެ. އެއީ ސަލާމަތްވެވެން ނެތް ކަމެކެވެ. އޭނަ ކުރި ކުށްތަކަށް ކޮންމެވެސް އެއްދުވަހަކުން އިޢުތިރާފްވާންޖެހޭނެކަމުގެ ބިރު އެހިތުގައި އަބަދު ވެސް ވެއެވެ. ހަމައެއާއެކު ކުށަށް ސަޒާ ލިބޭނެކަން ވެސް މެއެވެ. އެއީ ދުނިޔޭގެ ޤާނޫނެވެ. ވަގަކަށް ހާސްދުވަހެވެ. ވެރިޔަކަށް އެއްދުވަހެވެ.
ޖައުފަރުގެ ހަރުކަށިކަމަށް ނިމުމެއް އައިސް އޭނައަށް ކަރު އެލުވާލެވުނެވެ. އާދެވިފައިވާ ހިސާބުން ދެން އޭނައަށް ސަލާމަތްވެވުމެއް ނެތެވެ. އޭނަ އެންމެ ދެރަވީ ބަތޫލް އޭނައަށް ކުރަމުން އައި ޤަދަރާއި އިއްޒަތް ވެއްޔާއިމޮޑެވިގެން ދިއުމުންނެވެ. ޅައިރުއްސުރެން ފެށިގެން އަބަދުވެސް ބަތޫލް ނަމޫނާއެއްގެ ގޮތުގައި ނެގީ އޭނައެވެ. އެންމެ ބޮޑަށް ލޯބިވީ ވެސް އޭނަ ދެކެއެވެ. އެއީ ޖައުފަރަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. ހުރިހަމައެކަނި އަންހެންދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ހޯދަދޭން އޭނަ ބޭނުން ވިއެވެ. ނަމަވެސް އެހުރިހާކަމަކަށް ހުރަސް އެޅިގެން ދިޔައީ އޭނަގެ މާޒީގެ ސަބަބުންނެވެ. މިއަދު އޭނަގެ އުފާވެރި ހަޔާތުގެ ކުލަތަކާއި ދިރުން ގެއްލި އެވަނީ ހަނަފަސްކަން ވެރިވެފައެވެ. ހިންދުގެ ނަޒަރުގައި ވެސް އޭނަގެ އަގު ވެއްޓިގެން ދާން ގިނަ އިރެއް ނެތެވެ. އޭނަ އެކަނިވެރިވެ ބަލިކަށިވެއްޖެކަމުގެ އިހުސާސް ޖައުފަރަށް ކުރެވުނީ ދެނެވެ. ކުށްވެރިކަމުގެ އިހުސާސް ވެސް މެއެވެ. މިހުރިހާ ދުވަހު އޭނަގެ ހިތުގައިވި ބޮޑާކަމާއި ކިބުރުވެރިކަމަށް ވެސް ކުއްލި ނިމުމެއް އައިސްފި އެވެ.
*****
އޮފީސް ނިންމާލާފައި ގެއަށް އައި އަޒްޔާން އޭނަގެ އަތުގައި ހުރި ކޮތަޅުތައް ކާމޭޒުމަތީ ބަހައްޓަމުން އުޅުނީ ބަތޫލް ހޯދާށެވެ. ބަތޫލް ކޮޓަރީގައި ނެތުމުން އޭނައަށް ހައިރާންކަމެއް ލިބުނެވެ. އެހެންޏާ އެގަޑިއަކީ ބަތޫލް އަބަދު ވެސް ގޭގައި ހުންނަ ގަޑިއަކަށް ވާތީއެވެ. ބެލްކަނީގައި ވެދާނެކަމަށް ހީކޮށް އޭނަ ގޮސް އެތަން ވެސް ބެލިއެވެ. އެހެނަސް އޭނަގެ ހިތަށް މާޔޫސްކަން ވެރިވުން ނޫންކަމެއް ނުވިއެވެ. އޭނަ އަނބުރާ ކޮޓަރިއަށް މިސްރާބުޖަހަން އުޅެފައި ވެސް ހުއްޓުނީ ބޮޑުކޮޓަރީގައި އިން ޝީރީން ފެނިފައެވެ. އެހެނިހެން ދުވަސްތަކަށްވުރެން ޝީރީންގެ މޫނު ބަނަވެފައި ވާތީ ދެފިކުރެއްގެ މަތީގައި ހުރެ ވެސް އަޒްޔާން ބަތޫލް ދިޔަ ތަނެއް އޮޅުން ފިލުވަން އުޅުނެވެ.
''ބަތޫލް ކޮބާތަ؟...'' ޝީރީން އިން ސޯފާ ކައިރިއަށް ހުއްޓިލަމުން އަޒްޔާން އަހާލިއެވެ. އެއާއެކު ޝީރީންގެ ރުޅިވެރި ނަޒަރު ޓީވީގެ ސްކްރީނާ ވަކިވެގެން އައިސް އަޒްޔާންގެ މޫނަށް ހުއްޓިއްޖެއެވެ. ޝީރީނާ ސުވާލުކުރެވުނުކަމުގެ މޮޔަ އަޒްޔާނަށް ހީވީ ދެނެވެ.
''މަށަށްތަ އެނގެނީ؟... އޭނަ ދާހާ ތަނަކާ ކުރާކަމެއް ބަލަން ހުރި މީހާއެއް ނޫން މަށަކީ... އެއީ އަޒްޔާން އަނބިމީހާއެއްނު، އޭނަ ދާތަނެއް އެނގެން ވެސް ޖެހޭނީ އަޒްޔާނަކަށްނު...'' މޫނަށް ވައްތަރެއް ޖައްސާލަމުން ޝީރީން ބުނެލިއެވެ. ވީ ފޫއްސެއްގެ ސަބަބުން އިތުރަށް އެތާނގައި މަޑުކުރަން އަޒްޔާން ނުހެދިއެވެ. އޭނަ ކޮޓަރިއަށް ދިޔަ އެވެ.
''އެއޮތް އައީ މަހަރާނީ...''
ކޮޓަރީގައި އަޒްޔާން އޭނަގެ ގަމީސް ބާލަން ހުއްޓާ ޝީރީން އަޑު އިވުނެވެ. އޭނަ އަވަސްއަވަހަށް ދޮރާ ދިމާއަށް ދަނިކޮށް ބަތޫލް އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ވާހަކަދައްކަން އުޅުނު އަޒްޔާންގެ ދުލުން ބަސް ހުއްޓުނީ ބަތޫލްގެ މޫނު ފެނިފައެވެ. އޭނަ ފަރުވާތެރިކަމާއެކު ބަތޫލްގެ މޫނު ދިރާސާކުރަން ފެށިއެވެ. އުދާސްކަމާއި ކަރުނައިގެ އަސަރު އޭނައަށް އެދެލޮލުން ފެނުނެވެ. ހަމައެއާއެކު މޮޅިވެރިކަން ވެސް މެއެވެ. އަޒްޔާންގެ ހިތަށް އެވަގުތު ވެރިވި ޚިޔާލުން އޭނައަށް އަވަސްއަވަހަށް ބަތޫލް ގާތަށް ދެވުނެވެ.
''ވަޓްސް ރޯންގް... ބޮޑުދައިތަ އެއްޗެކޭ ބުނީތަ؟...'' އަޒްޔާންގެ އަޑުގައި ކަަންބޮޑުވުން ވިއެވެ. ޝީރީން އެމީހުންނާއެކު އެއްފުރާޅެއްގައި ދަށުގައި ދިރިއުޅެން އަޒްޔާން މިހާރު ނުރުހެއެވެ. ނަމަވެސް ކުރިމަތީގައި ބުނަން ހުތުރުކަމަކަށް ފެންނާތީ އޭނަ ހުންނަނީ ހިމޭންކަން އިހުތިޔާރުކޮށްގެންނެވެ. ނަމަވެސް ޝީރީން ބަތޫލްއާ ގޯނާ ކުރަންޏާ ބަތޫލްގެ ދިފާއުގައި ތެދުވަން އޭނައަށް މަޖުބޫރުވާނެއެވެ.
އަޒްޔާނަށް ޖަވާބު ދިނުގެ ބަދަލުގައި ބަތޫލް މަސައްކަތްކުރީ ދުރަށް ދާށެވެ. އެކަމަކު އަޒްޔާން އެފުރުސަތެއް ނުދިނެވެ. އޭނަ ހަޤީޤަތުގައި ވެސް ބަތޫލްއާ މެދު ހުރީ ކަންބޮޑުވެފައެވެ. ބަތޫލްގެ އުދާސްކަމުގެ އަސްލު ހޯދަން ވެސް ބޭނުން ވެފައެވެ.
''ބަތޫ، ޕްލީޒް ބުނެބަލަ އަހަރެން ގާތު...'' ބަތޫލްގެ ދެކޮނޑުގައި ހިފަމުން އަޒްޔާން އެހިއެވެ. އަދި ބަތޫލް އިސްތިރިކޮށްލައިގެން ހުރުމުން އޭނަގެ ވާއަތުގެ ޝަހާދަތްއިނގިލި ބަތޫލްގެ ދަތްތޮޅީގައި އަޅުވާލަމުން އިސްއުފުލުވާލިއެވެ. ބަތޫލްގެ ލޮލުގައިވި ތާޒާ ކަރުނަތައް އޭނައަށް ފެނި ހިތަށް ގޮތެއް ވިއެވެ.
''ޒޭން...'' އަޒްޔާންގެ މޭގައި މޫނު ޖައްސާލަމުން ބަތޫލްއަށް ގޮވާލެވުނެވެ. އެއަޑުގައި ރިހުމެއް ވިއެވެ. ބަތޫލްގެ އަށިގަނޑު އެދެއަތުން ވަށާލަމުން ބަތޫލް މަސަލަސްކުރަން އަޒްޔާން އުޅުނެވެ.
އިރުކޮޅެއް ފަހުން ބަތޫލް ގެންގޮސް އެނދުގައި ބައިންދަމުން ބަތޫލް ގާތު އަޒްޔާން އިށީނެވެ.
''އަހަރެން ދިޔައީ މަންމަ ގާތަށް...'' ކަރުނަތައް ޖަވާވަމުން ދިޔަ ދެލޮލުން އަޒްޔާނާއި ބަތޫލް ހަތަރުކަޅިހަމަކޮށްލިއެވެ. އަޒްޔާން އެއްޗެއް ނުބުނެ އިނީ ބަތޫލްއަށް ވާހަކަދެއްކުމުގެ ފުރުސަތު ނީގެންނެވެ. އޭނަ މިފަހަރު ރުޅިވެރިކަމެއް އިސްނުކުރެއެވެ. އޭގެ ބަދަލުގައި މަސައްކަތްކުރީ ބަތޫލްއަށް ގޯނާކުރަމުންދާ ކަންތައް އޮޅުންފިލުވައި އެކަމަށް ހައްލެއް ހޯދައިދޭށޭވެ.
*****
''ހިންދު...'' ސޯފާގައި ރޯން އިން ހިންދު ގާތުގައި އިށީންނަމުން ޖައުފަރު ގޮވާލިއެވެ. އަދި އުނގުތެރޭ ޖޯޑުކޮށްލެވިފައިވި ހިންދުގެ އަތުގައި ހިފަން އުޅުނެވެ. ނަމަވެސް ޖައުފަރަށް އުފުރުސަތު ހިންދު ނުދިނެވެ. އޭނަ ޖައުފަރުގެ އަތް ފޮޅުވާލަމުން ކުއްލިއަކަށް ސޯފާއިން ތެދުވުނެވެ.
''އަހަންނާއި ދުރުގަ ހުރޭ!... ތިކަހަލަ މުޑުދާރު މީހަކު އަހަރެންގެ ގައިގައި އަތްލަން ވެސް އަހަރެން ބޭނުމެއް ނޫން!...'' ރުޅިއިސްކުރަން އުޅުނުކަމުގައި ވިޔަސް ލިބިފައިވާ ހިތާމައިގެ ބޮޑުކަމާ ހުރެ ހިންދުގެ އަޑު ކުރެހުނެވެ.
''އަހަރެން މާޢަފަށް މިއެދެނީނު...'' ޖައުފަރު ވެސް ކޮޅަށް ތެދުވުނެވެ. ޚަޔާތުގައި ވެސް ފުރަތަމަ ފަހަރަށް ހިންދު ރޯތީ އޭނަގެ ހިތަށް އަސަރުކުރިއެވެ. މީގެކުރިން އޭނައަކީ ހިންދުގެ އިހުސާސްތަކަށް ޤަދަރުކުރަން ދަންނަ މީހެއް ނޫނެވެ. ހިތުހުރި ގޮތަކަށް ހިންދުއާ މެދު ކަންތައް ކުރީ ވެސް އެހެންވެއެވެ. އެހެނަސް މިއަދު އެމަންޒަރަށް އިންޤިލާބެއް ގެނުވައިފިއެވެ.
''އަހަރެންގެ ގާތަކުން ނޫން ޖައުފަރު މަޢާފަށް އެދެންވީ، ޖައުފަރުގެ ފުށުން އަނިޔާ ލިބުނު މީހާގެ ގާތަށް ދާންވީ ހައްޤު ކަނޑުވަން، އެކަން ވާނެތަ؟... ދެން ދުވަހަކު ނުވާނެ، އެފުރުސަތު ޖައުފަރަށް ގެއްލިއްޖެ... އެތައް އަހަރެއް ވީއިރު ވެސް ޖާހިލުކަން މަތީ ޖައުފަރު ހުރީ، ދެންވެސް ތިހިލަ ހިތް ބަދަލެއް ނުވާނެ، އެއީ ތިކަހަލަ މީހުންގެ ގޮތް، އެހެން މީހުންގެ ނިކަމެތިކަމުގެ ފައިދާ ނަގަން ތިކަހަލަ ފިރިހެނުންނަށް އެނގޭނީ... ކިތައް ދިރިއުޅުން ޖައުފަރު ހަލާކުކޮށްލީ؟... އެކަމުގެ އަސަރު ބަތޫލްގެ ހަޔާތަށް ވެސް ފޯރީ... ހުރިހާކަމެއް އެނގިހުރެ...'' ހިންދު ބުނެލިއެވެ.
''އަހަރެން އުޅުނީ އަހަރުމެންގެ ދަރިފުޅަށް ލިބިދާނެ ނިކަމެތިކަމަކުން ސަލާމަތްކުރަން، އަހަންނަށް އަޒްޔާނަށް އިތުބާރު ނުކުރެވޭތީ އެފަދައިން ކަންތައްކުރަން މަޖުބޫރުވީ...'' ޖައުފަރު ހާމަކުރިއެވެ.
''ދެން ހެޔޮ!... އިތުރަށް ޖައުފަރު ވާހަކަނުދެއްކިއްޔާ އަހަންނަށް ރަގަޅީ... އަޒްޔާންގެ ރަގަޅުކަމުން ބަތޫލްއަށް ދެރައެއް ނުދިނީ، އެކަމަކު ވެސް ޖައުފަރު ކުށްވެރިކުރަން ތިއުޅެނީ އަޒްޔާން...'' ހިންދުއަށް ރޮވުނެވެ.
''ވަރަށް ގިނަ އަހަރުތަކެއް އަހަރެން ޤުރުބާންކޮށްފިން، ހަމައެކަނި ކެތްތެރިވީ އަހަރުމެންގެ ދަރިފުޅަށްޓަކައި، އަދި ޖައުފަރު ދެކެ ލޯބިވީތީ، އެކަމަކު ދެނެއް އަހަރެން ބޭނުމެއް ނޫން ޖައުފަރާއެކުގައި އުޅޭކަށް، އަހަރެން ބޭނުމެއް ނޫން އިތުރަށް ތިސޫރަ ދެކޭކަށް ވެސް...'' ހަރުފިޔަވަޅުތަކެއްގައި ހިންދު އޭނަގެ ކޮޓަރިއަށް ގޮސް ވަނެވެ. ޖައުފަރަށް ލިބިފައިވި ހާސްކަމާއެކު ނުރަތައް ފަޅަން ފަށާފައިވާ އޭނަގެ ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލެވުނެވެ.
*****
''އައި ރުއިންޑް އެވްރީތިންގް، އަހަރެން ބޭނުންވީ ހަމައެކަނި ބައްޕަ އައިސް ޒޭންގެ ފަރާތުން މަޢާފަށް އެދެން، އެކަމަކު އަހަރެންގެ ސަބަބުން މަންމައާއި ބައްޕަ ވަކިވާން ޖެހުނީ...'' ރޮމުންރޮމުން ބަތޫލް ކިޔާދިނެވެ. އޭނަގެ ހިތުގައި އެބިރުވެރިކަން ކުރިން ވެސް އޮތެވެ. ފަސްއަނބުރާލެވުނުނަމަ މިދުވަސް ދެކެން ނުޖެހުނީހެވެ.
''ޝްޝްޝް...'' ބަތޫލް ގެނެސް މޭގައި ޖައްސާލަމުން އަޒްޔާން ބުންޏެވެ. އޭނަ ބަތޫލްގެ އިސްތަށިގަނޑުގައި ތުންފަތް ޖައްސާލަމުން ހިތްވަރުގެ ބަހެއް ބުނެލިއެވެ. ބަތޫލް ގިނައިރު ރުއިމުގެ ސަބަބުން ވަރުބަލިވެ އެންމެފަހުން ނިދުނީ ވެސް އަޒްޔާންގެ އަތުގެ ތެރޭގައި ވަނިކޮށެވެ.
ބަތޫލް އެނދުގައި ބާއްވަމުން ބަތޫލްއަށް ފަސޭހަވާނޭހެން އަޒްޔާން ބާލީސްތައް އަތުރާލަދިނެވެ. އަދި އެނދުގެ މަގަތުގައި ބަތޫލްއަށް ބަލަން އިނެވެ. އޭނަ ވަނީ ފުން ވިސްނުމެއްގެ ތެރޭގަ އެވެ. އެހެން އިދެފައި އަޒްޔާން ހަށިފުރާ ނޭވާއެއް ދޫކޮށްލިއެވެ. އަދި ބަތޫލްގެ ނިތަށް ބޮސްދިނެވެ. އެއަށްފަހު އޭނަގެ ގަމީސް ޓީޝާޓަކަށް ބަދަލުކުރުމަށްފަހު ލައިގެން ހުރި ފަޓުލޫނު ވެސް ޖިންސަކަށް ބަދަލުކުރިއެވެ. އަދި ސައިކަލުގެ ތަޅުދަނޑި ހިފައިގެން އޭނަ މިސްރާބުޖެހީ ބޭރަށް ދިއުމަށެވެ.