ޝީރީންގެ މޫނަށް ބަލާލަމުން އެއްޗެއް ބުނަން ޒައިނަބު އުޅުނެވެ. ނަމަވެސް އެމޫނުން ފެންނަަމުން އައި ހިތްހަމަނުޖެހުމާއި ރުޅިވެރިކަމުގެ ކުލަވަރުތަކުން އޭނައަށް ޖެހުނީ ހިމޭންކަން ހިޔާރު ކުރާށެވެ. ކިތަންމެ ވަރަކަށް ވިސްނައިދޭން މަސައްކަތް ކުރި ކަމުގައި ވިޔަސް ޝީރީން އޭނަގެ ވާހަކަތަކަށް ސަމާލުކަން ނުދޭނެކަން ޒައިނަބަށް ވިސްނައިގަނެވުނީ އެވެ. އޭނަ ވަނީ އެކިފަހަރުމަތިން އެކަން ތަޖުރިބާކޮށްފައެވެ. އެދެވޭ ކަހަލަ ނަތީޖާއަށް ނުނިކުތްތާނގައި ޝީރީން ބަތޫލްއަށް ކުރާ ނަފުރަތުގެ ދިލަހޫނުކަން އިތުރުވުން ނޫންކަމެއް ވެސް ނުވިއެވެ. ކަންތައް ވެފައި އޮތް ގޮތުން ދެން އިތުރަށް ޝީރީނަށް ވިސްނައިދޭކަށް ވެސް އޭނަ ބޭނުމެއް ނުވިއެވެ.
ވޯޑުގެ ބޭރުގައި ހިށި ޖަނާއަށް ބަތޫލް ފެންނައިރަށް ކަމެއް ގޯސްވެއްޖެކަން ނަގައިގަނެވުނެވެ. ހަލުވި ފިޔަވަޅުތަކެއްގައި އައިސް އޭނަ ބަތޫލް ގާތަށް ހުއްޓިލިއެވެ. އަދި ވެގެން އުޅޭ ގޮތެއް ސާފުކުރަން އަވަސްވެގަތެވެ. ނަމަވެސް ބަތޫލް އެސުވާލުތަކަށް ޖަވާބުދޭކަށް ބޭނުމެއް ނުވިއެވެ. އެތެރޭގައި ހިނގިކަންތަކުން އޭނަގެ ހިތަށް ވަނީ މާޔޫސްކަމެއް ލިބިފައެވެ. ނުވީތާކަށް ޝީރީންގެ ބަސްމަގު ހުރި ގޮތް ވިސްނައިގަންނަން ވެސް އޭނަގެ ސިކުނޑިވަނީ ނުކުޅެދިފައެވެ.
ބަތޫލް ކުރިއަށް ހިނގައިގަންނަން އުޅުނު ތަނާ އޭނަގެ ފިޔަވަޅުތައް ގަނޑުވެގެން ދިޔައީ ފެނުނު މަންޒަރެއްގެ ސަބަބުންނެވެ. ހިތް އަވަސްވެ ނޭވާ ކުރުވާކަމުގެ އިހުސާސްތައް އުތުރިއަރައިގެން އައި ހިނދު ޒަމާންތަކަކަށް ފަހު އެސޫރަ ފެނުމުން އޭނަގެ ހިތުގައި ފިނިފިނި ރޯޅިއެއް ބީހިލިހެން ވެސް ހީވިއެވެ. އެރޯޅިން ޖިސްމާއި ރޫހަށް ބަޔާންކުރަން ދަތި ފިނިކަމެއް ލިއްބައިދިންކަން ގައިމެވެ. ހިތުގެ އަޑީގައި ބިންވަޅު ނެގިފައިވާ ޖަޒުބާތުތައް ހޭލައިގަތް ހިނދު ބޭޤަރާރުވެފައިވާ އޭނަގެ ނަފުސުކަމަކަށް އެދި ގޮވަން ފެށިއެވެ. ހިތުގެ މައްޗަށް ބާރު ފޯރުވުމުގައި ބަތޫލް ނުކުޅެދުނު ހިނދު ބިރުވެރި ހަޤީޤަތަކުން އައިސް އޭނަ ވަށާލައި ހާސްކުރުވަން ލަހެއްފަހެއް ނުވިއެވެ. އުޅެވެމުން އައި ބީލީ ޢާލަމުގެ ތެރެއިން އޭނަ ހޭލައްވާލުމަށް މަސައްކަތް ކުރުމަށްފަހުގައެވެ.
ބަތޫލް ފެނި އަޒްޔާންއަށް އިރުކޮޅެއް ވަންދެން ހުއްޓެވުނީ އިހުތިޔާރުން ބޭރުގައެވެ. އެދެލޮލާއި މޫނުން ބަޔާންކޮށްދެމުން އައި ހިތްދަތިކަމާއި ޝަކުވާތައް އައިސް އޭނަގެ ހިތަށް ހެރުނީ ރުވާފަ ދޫކޮށްލި ދުނިތީރުތަކެއް ފަދައިންނެވެ. އެވަގުތު ހިތަށް އަސަރުކުރިކަމުގައި ވިޔަސް އޭނަ އެއިހުސާސްތަކުގެ މައްޗަށް ރުޅިވެރިކަމުން ކުރިހޯދިއެވެ. އެއީ އެންމެ ރަގަޅު ގޮތް ކަމުގައި ވާތީއެވެ. ޖަޒުބާތުތަކުގެ ފުން ކަނޑުގެ އޮއިގެ ތެރެއަށް ނަފުސު ދޫކޮށްލެވެން ނެތީމައެވެ. ބަތޫލް އެއީ އޭނަގެ ނަސީބުގައި ލިބެން ލިޔެވިފައިވާ ނިޢުމަތެއް ނޫނެވެ. އޭނަ ޖެހޭނީ އެހަޤީޤަތް ޤަބޫލުކުރާށެވެ. އޭނަގެ ދިލަ ހިތަށް ރާހަތުގެ އަސަރެއް ހޯދައިދެވެން ދެން އޮތްހާ ވެސް ގޮތަކީ ބަތޫލްގެ ހަނދާންތަކުންނެވެ. އެކުގައި އުޅެވުނު ދުވަސްތަކެވެ. އޭނަ ޖެހޭނީ އެކަންތަކުން ހިތްހަމަޖައްސާލާށެވެ. އޭނައަށް ކަނޑައެޅިފައިވާ ނިޔާއާއި ރުހޭށެވެ.
ބަތޫލްއަށް އައި ކުއްލި ބަދަލުތަކުގެ ފަހަތުގައިވާ ސަބަބު ހޯދަން ޖަނާ ފަސްއެނބުރި ބަލާލި ހިނދު އަޒްޔާން ފެނި އޭނައަށް ފުރަތަމަ ލިބުނީ ނުތަނަވަސްކަމެވެ. އެދަނޑިވަޅުގައި ބަތޫލް ޖަނާގެ އަތުގައި ބާރަށް ހިފަހައްޓާލުމުން ޖަނާއަށް ތަދުވެގެން ދިޔަ އެވެ. އެއްޗެއް ބުނަން އުޅެފައި ވެސް އޭނަ ދޫ ހިމޭން ކުރުވީ ބަތޫލްގެ މޫނު ފެނުމުންނެވެ. ހަމްދަރުދީގެ އަސަރުތަކުން އޭނަގެ ހިތް އެވަގުތު ފުރުނެވެ. އެކުވެރިޔާއަށް އެހީވެދޭން ވެސް އޭނަ ބޭނުން ވިއެވެ. އޭނައަށް އަޒްޔާންއާ ދިމާއަށް ވެސް އެވަގުތު އަވަސް ނަޒަރެއް ދެވުނެވެ. އެދެހިތުގެ ހާލު އޭނައަށް ރަގަޅަށް އަންދާޒާ ކުރެވުނެވެ. ދުލުން ފާޅުނުކުރިކަމުގައި ވިޔަސް މޫނުމަތިން އެކަން ހާމަކޮށްދެއެވެ. އިހުސާސްތައް ފޮރުވަން އަޒްޔާން ކިތަންމެ މޮޅުކަމުގައި ވިޔަސް އެދެލޮލުގައިވާ ޝުޢޫރުތައް ޖަނާއަށް ސިއްރެއް ނުވިއެވެ.
އަޒްޔާން ބާރު ފިޔަވަޅުތަކެއްގައި އެމީހުން ފަސްދީ ދިއުމާއެކު ބަތޫލްއަށް ފަސްއެނބުރި ބަލާލެވުނެވެ. އަޒްޔާންގެ އެއަމަލުން ހިތަށް މަޔޫސްކަން ލިބުމުން ބަތޫލް ރުޅިއައީ އޭނަގެ ނަފުސު ދެކެއެވެ. އަޒްޔާންގެ ފަރާތުން އެނޫން ކަމަށް އޭނައަށް އެދެވުނީ ކީއްވެ ހެއްޔެވެ؟ ވެދިޔަ ކަންތަކަށް ފަހު ވެސް އޭނަގެ ހިތް ބަދަލުނުވަނީ ކީއްވެ ހެއްޔެވެ؟ ނަސީބުގައި ނެތް ލޯތްބަކަށް ފެންބޮވައިގަނެފައިވަނީ ކީއްވެ ހެއްޔެވެ؟ އޭނަގެ ހިތަށް އެތައް އަނިޔާއެއް ދިން އިރު ވެސް އެހިތަށް ނުވިސްނެނީ ކީއްވެ ހެއްޔެވެ؟
''ބަތޫލް...'' އަޒްޔާން ވޯޑަށް ވަންނަންދެން ބަލަހައްޓައިގެން ހުރި ބަތޫލް ސިހުނީ ޖަނާގެ އަޑަށެވެ. އެއާއެކު އޭނަ ޚިޔާލުތަކާ ދުރުވަމުން އަވަސްވެގަތީ އެތަނުން ދާށެވެ. ހީވީ ހުރިހާ އިހުސާސްތަކާ ދުރަށް ދުވެ ފިލަން ބޭނުންވި ހެންނެވެ. ޖަނާ ވެސް ބަތޫލްގެ ފަހަތުން ހިނގައިގަތީ ފުން ވިސްނުމެއްގެ މަތީ ހުރެއެވެ. އަޒްޔާން ދުވަހެއްގެ ކޮޅުން ވެސް ބަތޫލްއަށް ހަޤީޤަތް ހާމަނުކުރާނެކަން އޭނައަށް އެނގެއެވެ. އަޒްޔާން ވަނީ އެކަން ނިކަން ރަގަޅަށް ސާބިތުވެސް ކޮށްދީފައެވެ. ވީމާ ކުރިއަށް ފިޔަވަޅެއް އަޅަން ޖެހިފައި އެވަނީ އޭނަ އަށެވެ.
*****
އޮފީހުގެ މަސައްކަތެއް ނިންމަން ސޯފާގައި އިން ނޫހުއަށް ކޮޓަރިއަށް ވަދެގެން އައި މާރިޔާ ވަރަށް ވެސް ފުން ނަޒަރަކުން ބަލާލިއެވެ. އެވަގުތު ދޮރު ހުޅުވުނުއަޑަށް އިސްއުފުލާ ބަލާލި ނޫހުއަށް މާރިޔާ ފެނުމާއެކު ހިނިތުންވުމެއް ބަދަލުކޮށްލަމުން އަނެއްކާ ވެސް އޭނަގެ ސަމާލުކަން އަތުގައި އޮތް ފައިލުގެ ނަންބަރުތަކަށް ހުއްޓާލިއެވެ.
މާރިޔާ ގޮސް އެނދުގައި އިށީނެވެ. އެހެން އިންއިރު ވެސް އޭނަގެ ނަޒަރު އެކިފަހަރުމަތިން ގޮސް ނޫހުއަށް ހުއްޓެއެވެ. ވާހަކައެއް ބުނަން ބޭނުންވެފައިވާކަން އޭނަގެ ހަރަކާތްތަކުން ހާމަކޮށްދެއެވެ. ނަމަވެސް ފައްޓާނެ ގޮތެއް ނޭގުމުން ކޮންމެ ފަހަރަކު ފަސްޖެހެވެނީއެވެ.
މާރިޔާގެ އާދަޔާ ޚިލާފު ހިމޭންކަމުން ނޫހުއަށް ހައިރާންކަން ލިބިގެން ދިއުމާއެކު ނޫހުގެ ނަޒަރު މާރިޔާއަށް ދަތުރުކޮށްފިއެވެ. އެވަގުތު ވިސްނުމަކަށް ގެއްލިފައި އިން މާރިޔާ ފެނި ނޫހު އޭނަގެ އަތުގައި އޮތް ފައިލު ސޯފާ ކުރިމަތީ ހުރި ކުޑަ ބިއްލޫރި މޭޒުމަތީ ބާއްވަމުން ތެދުވުނެވެ. އަދި ލުއި ފިޔަވަޅުތަކެއްގައި އައިސް މާރިޔާ ގާތަށް ހުއްޓި ގޮވާލިއެވެ. އެއަޑަށް މާރިޔާ ދިޔައީ ސިއްސައިގެންނެވެ.
''ކޮން ފިކުރެއްގަ؟...'' މާރިޔާ ގާތު އިށީންނަމުން ނޫހު އެހިއެވެ. ކޮންމެވެސް ސަބަބަކާ ހުރެ މާރިޔާއަށް އުނދަގޫވެފައިވާކަން އޭނައަށް ނަގައިގަނެވުނެވެ. އެއާއެކު އޭނަ މަސައްކަތް ކުރީ އެނުތަނަވަސްކަމަށް ލުޔެއް ހޯދައިދޭށެވެ.
''ވަރަށް ބޮޑު ވާހަކައެއް ދައްކަންވެފައި އެބައޮތް...'' ނޫހުއަށް ބަލާލަމުން މާރިޔާ ބުނެލިއެވެ. އެއަޑުގައިވި ސީރިޔަސްކަމުން މާރިޔާއަށް ނޫހުގެ ފުރިހަމަ ސަމާލުކަން ހުއްޓިގެން ދިޔަ އެވެ. މޫނަށް އަރައިގެން ދިޔަ ކުލަވަރުތަކާއެކު ކޮންވާހަކައެއްތޯ އޮޅުންފިލުވަން ނޫހު އަވަސްވެގަތެވެ.
''ޝުޖާއު...'' ނޫހުގެ ފަރާތުން ކުރިމަތިވި ސުވާލުތަކަށް ޖަވާބުދޭން މާރިޔާ މަސައްކަތްކުރިއެވެ.
''ޝުޖާއުގެ ކޮންެވާހަކައެއް؟...'' ނޫހުއަށް ލިބުނީ އިތުރު ނުތަނަވަސްކަމެކެވެ. އޭނައަށް މާރިޔާގެ އަތުގައި ހިފާލެވުނެވެ.
''ޝުޖާ ކަމުދާ ކުއްޖަކު އެބަހުރި...'' މާރިޔާ އެންމެފަހުން އޭނަ ބުނަން ބޭނުންވެފައިވި ވާހަކަތައް ހާމަކޮށްލިއެވެ. އެޖުމްލައިގެ ސަބަބުން ނޫހުއަށް ލިބިފައިވި ނުތަނަވަސްކަން ފިލައިގެންދާން ސިކުންތުކޮޅެއް ވެސް ނުނެގިއެވެ. ތުންފަތުގައި ދުވެލި ފުޅާ ހިނިތުންވުމާއެކު އެޚަބަރު އަޑުއިވޭނެ ދުވަހެއްގެ އިންތިޒާރުގައި އޭނަ ހުންނަތާ ގިނަދުވަސް ވެފައިވާކަން ހާމަކޮށްދިނެވެ.
''އަސްލުވެސްތަ؟...'' ޔަޤީންކޮށްލަން ވެގެން އަނެއްކާ ވެސް ނޫހު އަހާލިއެވެ. ''ކިހިނެއް މާރިޔާއަށް އެނގުނީ؟...''
''އަހަންނަށް އަޑުއިވުނީ ޝުޖާ އަނާންއާ ވާހަކަދައްކަނިކޮށް، ފަހުން އަހަރެން އެހީމަ ތެެދުތެދަށް ބުނެދިން...'' ނޫހުގެ އުފާވެރިކަން ފެނި މާރިޔާއަށް ހިތްހަމަޖެހުން ލިބުނެވެ. ނަމަވެސް އޭނަގެ ހިތުގައި ހާސްކަމެއް ވެސް ވިއެވެ. އެއީ ކޮންކުއްޖެއްކަން އެނގުމުން ހޫނުގެ ފަރާތުން ފެނިދާނެ ކުލަވަރުތައް ލަފާކޮށްލަން ނޭގޭތީއެވެ.
''ކޮން ކުއްޖެއްކަން ބުނިތަ؟...'' ނޫހު އެހިއެވެ. ''ތިކުއްޖަކާ ބައްދަލުކޮށްލަން އަހަރެން ބޭނުން...''
''ބައްދަލުވެފަ ހުރީ... ކިތަންމެ ފަހަރަކު ޝުޖާއާއެކު ފެނިފަ ހުރީ...'' އަވަސްވެގެން ދިޔަ ހިތުގެ ތެޅުމާއެކު މާރިޔާ ބުނެލިއެވެ. އެއާއެކު ނޫހުއަށް ހައިރާންކަން ލިބުނެވެ. މާރިޔާ ބުނި ޖުމްލަ އޭނައަށް ރަގަޅަށް ދޭހަނުވީއެވެ. އޭނައަށް ޝުޖާއުއާއެކު އަބަދުހެން ފެންނަ ކުއްޖަކީ ބަތޫލްއަށް ވީތީއެވެ.
''ތިބުނީ؟...'' ހިތުގައި އުފެދުނު ސުވާލުތަކަށް ޖަވާބު ހޯދަން ނޫހު ބޭނުން ވިއެވެ. އޭނަ މާރިޔާ ވަރަށް ވެސް ފުން ނަޒަރަކުން ބަލާލިއެވެ.
''އެއީ... ބަތޫލް...'' ނޫހުއާއި ހަތަރުކަޅިހަމަކުރަމުން މާރިޔާ ބުނެލިއެވެ. އޭނަގެ ހިތް އެވަގުތު އެދެމުން ދިޔައީ އޭނަ އެދޭ ފަދައިން ނޫހު ވެސް އެގުޅުމާ ހުރޭށެވެ. ދަރިފުޅުގެ އުފަލަށް އިސްކަން ދޭށެވެ. އިވުނު ލަފުޒުތަކާއެކު ނޫހު ކުއްލިއަކަށް ކޮޅަށް ތެދުވުނެވެ. އޭރު ވެސް އޭނަގެ ނަޒަރު މާރިޔާގެ މޫނުން ވައްކެއް ނުވެއެވެ.
''ބަތޫލް؟...'' ނޫހުއަށް ތަކުރާރުކޮށްލެވުނެވެ.
''އާނ ބަތޫލް... ކިތަންމެ ދުވަހެއް ވެއްޖެ ޝުޖާ އެކަން ސިއްރުކޮށްގެން ހުންނަތާ... ނޫހުއަށް ނުފެނޭތަ މިފަހަކަށް އައިސް ޝުޖާއަށް އައިސްފައިވާ ބަދަލުތަކެއް؟... އެހުރިހާ ބަދަލުތަކެއްގެ އަސްލަކީ ބަތޫލް... އޭނަގެ ވާހަކަތަކުން ބަތޫލް ކަމުދާވަރު ހާމަވޭ...'' މާރިޔާއަށް ހީކުރެވުނީ ނޫހު އެކަމާ މެދު ހިތްހަމަނުޖެހުނީ ކަމަށެވެ.
''އެކަމަކު...''
''ކޮބާތަ މައްސަލައަކީ؟... ހުއްދަ ގުޅުމެއް އެއީ، ނޫހުގެ ޢާއިލާގަ ވެސް ކިތަންމެ ކައިވެންޏެއް އެގޮތުގަ ކުރެވިފަ ވަނީ... މިކަމުގައި މީހަކު ބުނެފާނެ އެއްޗަކަށް ވުރެ ބޮޑަށް ކީއްތަވާނީ ޝުޖާއުގެ އުފަލަށް އިސްކަން ދިނިއްޔާ!...'' މާރިޔާ އޭނަގެ އެންމެ ބޮޑު ހަތިޔާރު ނެގިއެވެ.
''އަހަރެން ތިގުޅުމަށް ނޫނެކޭ ބުނާކަށް ނެތިން، އެކަމަކު ބަތޫލް...'' ނޫހު ބުނަން އުޅުނީ ކީކޭކަން މާރިޔާއަށް ވިސްނުނެވެ. އޭނަގެ މޫނުމަތިން ހިތްހަމަނުޖެހުން ފެނިގެން ދިޔައީ ދެނެވެ.
''އެއަޒްޔާންއަށް ވުރެ ހުރިހާ ގޮތަކުން ވެސް އަހަރުމެންގެ ޝުޖާ ބަތޫލްއާ އެކަށީގެންވަނީ...'' މާރިޔާ ބުނެލިއެވެ. ''އަހަރެން މިއުޅެނީ ދޮންތަ ގާތު ވެސް މިވާހަކަ ބުނަން......''
*****
ޓީވީން ދައްކަމުން ދިޔަ ޕްރޮގްރާމެއް ބަލަން އިން ހިންދުއަށް ސިހުމެއް ލިބުނީ ފޯނުގެ ރިންގުގެ އަޑަށެވެ. ސޯފާގައި އޮތް ފޯނު ނަގައި އޭގެ ސްކްރީނަށް އޭނަ އަވަސް ނަޒަރެއް ދިނެވެ. މާރިޔާގެ ނަން ފެނުމާއެކު އަވަސްއަވަހަށް ޓީވީގެ ރިމޯޓްނަގައި ޓީވީ ނިއްވާލިއެވެ. އަދި ފޯނުނަގައި ކަންފަތުގައި ޖައްސާލުމަށްފަހު ކޮޓަރިއަށް ދާން މިސްރާބު ޖެހީ މިވަގުތު މާރިޔާގެ އެހީ އޭނައަށް ބޭނުންވެފައިވާލެއް ބޮޑުކަމުންނެވެ. ޖައުފަރު ގެއަށް އަންނަން ވާއިރަށް ވެދިޔަ ކަންތައް ފޫބައްދާނެ ގޮތެއް ހޯދަން އޭނައަށް ވަނީ ޖެހިފައެވެ. އެހެންނޫންނަމަ ޖައުފަރުގެ ފަރާތުން އިތުރު އަނިޔާތަކާއި ނަފުރަތު އޭނައަށް އަމާޒުވާނެއެވެ.
''ހަލޯ... ރަގަޅު ވަގުތެއްގަ ތިގުޅީ ވެސް...'' ކޮޓަރީގެ ދޮރުލައްޕާލުމަށްފަހު ހިންދު ބުނެލިއެވެ. ހިންދުގެ އަޑުގައިވި ހާސްކަން ނަގައިގަނެވުމާއެކު މާރިޔާ އޭނަ ދައްކަން އުޅުނު ވާހަކަ ފަސްކޮށްލިއެވެ.
''ކަމެއް ވީތަ؟...'' މާރިޔާއަށް އަހާލެވުނެވެ.
''އާނ... ޖައުފަރު ގާތު އަހަރެން ބުނެފިން ހުރިހާ ވާހަކައެއް... ވަރަށް ރުޅިއައިސްފަ ހުރީ... ކިހިނެއް އަހަރެން ހަދަންވީ؟، އެ ޖަނާގެ ބަލާވެރިކަން ވެސް ޖެެހެން އެނގުނީ މިއޮތް ވަގުތެއްގަ... ޖައުފަރަށް ނޭގި އަދި ބަތޫލް ޑިއުޓީއަށް ދާން ވެސް ފުރުސަތު ދީފިޔޭ... އެތަނުން އެޖަނާއަ ބައްދަލުވެއްޖެއްޔާ ވާނެ ގޮތެއް ނޭގޭ... އަހަރެން ބުނި ވާހަކަތަކުން ބަތޫލްއަށް އަސަރުކުރިއެއްކަމަކު އަދިވެސް ބަތޫލް އުޅެނީ އެއަޒްޔާންގެ ހަނދާނުގައި... އޭނަގެ ވާހަކައެއް ބުނާއިރަށް ބަތޫލް ޤަބުލުކޮށްފާނެ... އަހަރެން ހިތްހަމަޖްސާލައިގެން މިހުންނަނީ ޑިއުޓީ ގަޑި ތަފާތުވާނެތީ...'' އެއްނޭވާއިން ހުރިހާ ވާހަކައެއް ހިންދު ހާމަކުރިއެވެ. އޭނަ ކޮޓަރީގައި ކުރިކާލިކަނޑަމުން ދިޔަ އިރު މާރިޔާގެ ޚިޔާލަކަށް އިންތިޒާރުކުރިއެވެ.
''ހިޔެއް ނުވޭ ބަތޫލް ޖަނާ ބުނާ އެއްޗެއް ޤަބުލުކުރާނެ ހެެނެއް... އޭނައަށް އެނގިފައިވާ އެއްޗެއް ސާބިތުވެސް ކޮށެއް ނުދެވޭނެ ވިއްޔާ... ހަމަ ހުރެފަ ބުނެލާ އެއްޗަކަށް އިތުބާރު ކުރެވޭނީ ކިހިނެއް؟، ހެކި ބޭނުންވާނެ ދޯ...'' މާރިޔާ ވިސްނާލަމުން ބުނެލިއެވެ.
''އެކަމަކު ވެސް މިކަމަށް ދާއިމީ ހައްލެއް ބޭނުންވާނެ ދޯ... އަބަދު ހާސްކަމެއްގެ ތެރޭގައި ނޫޅެވޭނެދޯ، މަށަށް ފެންނަނީ ހަމަ ބަތޫލް ފޮނުވާލަން، ޖައުފަރަށް އެޚިޔާލު ހުށަހެޅުމުން އޭނަ ވެސް ޤަބޫލުވާނެ... ބަތޫލްއަށް ނުކެރޭނެ ޖައުފަރު ބުނާ އެއްޗަކަށް ދެކޮޅު ހަދައި އިންކާރުކުރާކަށް...'' ހިންދު ބުނެލިއެވެ.
''ތިއަށް ވުރެ ރަގަޅު ހައްލެއް އަބައޮތް...'' މާރިޔާ ބުނެލިއެވެ. އޭނަ ހުރީ ހިންދުއާއި ބައްދަލުކޮށްފައި ނޫނީ އެވާހަކަތައް ނުދައްކަން ކަމަށެވެ. ނަމަވެސް ވަގުތުގެ ނާޒުކުކަމުގެ ފައިދާ ނަގަން އޭނަ ބޭނުން ވިއެވެ.
''ބުނެބަލަ...'' ހިންދު ހުރީ މާރިޔާގެ ހުށަހެޅުމަށް އިންތިޒާރުކޮށްގެންނެވެ.
''ބަތޫލްގެ ކައިވެނި ހަމަޖައްސަންވީ، އޭރަށް އަޒްޔާން މަތިން ހަނދާން ނައްތާލައި އާ ފެށުމަކުން ފަށަށް އެއްބާރުލުން ލިބޭނެ...'' މާރިޔާ ބުނެލިއެވެ.
''މިވަގުތު އޮތް އެންމެ ރަގަޅު ހައްލަކީ އެއީ... އޭރަށް ވިކަންތައް މަތިން ވިސްނާލާކަށް ބަތޫލްއަށް ފުރުސަތެއް ނުލިބޭނެ... ބަތޫލް އިތުރު ކައިވެންޏެއް ކުރުމުން އަޒްޔާންއަށް ވެސް ޖަވާބެއް ލިބޭނެ ދޯ؟... ދެން ޖަނާ، އޭނައާ މެދު ކަންތައް ކުރަންވީ ގޮތް މަށަށް ދޫކޮށްލާ...'' މާރިޔާ އިތުރަށް ތަފުސީލުކޮށްދިނެވެ. އަދި ޝުޖާއުގެ ވާހަކަތައް ހިންދުއާއި ހިއްސާކޮށްލިއެވެ. ހުރިހާ ވާހަކައެއް އަޑުއަހަމުން ދިޔަ ހިންދުގެ މޫނަށް ތަފާތު ކުލަތައް އަރާފައިބަމުން ދިޔަ އެވެ. އޭނަ ގޮސް އެނދުގައި އިށީންނަމުން މާރިޔާގެ ވާހަކަތަކާ މެދު ފުންކޮށް ވިސްނަން ފެށިއެވެ. އެއާއެކު އެހާމަކުރީ ތެދުކަން އެނގެން އޭނައަށް ގިނަ އިރެއް ބޭނުމެއް ނުވިއެވެ. އަބަދުވެސް ބަތޫލްއަށް ޝުޖާއު ބަހައްޓާ ސަމާލުކަމާއި ހިތްހެޔޮކަން އޭނަގެ ލޯކުރިމަތިން ސިފަވާން ފެށިއެވެ. ބަތޫލްގެ ހިތާމަތަކަށް ލުޔެއް ހޯދައިދޭން ޝުޖާއު ދޭ އަހައްމިއްޔަތުކަން ވެސް މެއެވެ.
''ބަތޫލްއަށް ރަގަޅު މުސްތަޤުބަލެއް ލިބޭނެ ޝުޖާއުއާއެކު...'' މާރިޔާގެ ޖުމްލައިން ބަނދެވެމުން އައި ޚިޔާލުތަކުގެ ތެރޭން ހިންދަށް ނިކުމެވުނެވެ.
''ތިކަމާމެދު ވިސްނާލަން އަހަރެން ބޭނުން...'' ހިންދު ބުންޏެވެ.
''ވިސްނާލަން ވަގުތު ބޭނުން ވަނީ ކީއްވެ؟... ބަތޫލްއާއި ހުރިހާ ގޮތަކުން ވެސް ޝުޖާއު އެކަށީގެންވޭ...'' ހިންދުގެ ވާހަކަތަކާމެދު މާރިޔާ ނުރުހުން ފާޅުކުރި އެވެ.
''އަހަރެން އިންކާރެއް ނުކުރަމެއްނު...'' މާރިޔާގެ ޚިޔާލާ ހިންދު ދެކޮޅެއް ނުހެދިއެވެ. އޭގެ ސަބަބުން މާރިޔާއަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ.
''އިހަށް ބާއްވަނީ... ފަހުން ގުޅާނަން ޖައުފަރާ ވާހަކަދައްކާފަ...'' ފޯނުކޯލް ކުރުކޮށްލުމުގެ ނިޔަތުގައި ހިންދު ބުނެލިއެވެ. މާރިޔާ ވެސް ފޯނު ކަނޑާލީ ގުޅާނަން ކަމުގައި ބުނެފައެވެ.
މުށުތެރޭގައި އޮތް ފޯނަން ނަޒަރު ހުއްޓާލައިގެން ހިންދު އިންއިރު އޭނައަށް ވިސްނެމުން ދިޔައީ މާރިޔާ ދެއްކި ވާހަކަތަކާ މެދުގައެވެ. އެންމެ ފަހުން އިށީދެގެން އިންނަން އުނދަގޫވުމުން އޭނަ ކޮޅަށް ތެދުވެ ކޮޓަރީގައި ހިންގަން ފެށިއެވެ.
ޝުޖާއުއަކީ ހަރުދަނާ ރަގަޅު އަހުލާޤުތަކެއްގެ ވެރި ޒުވާނެކެވެ. ބަތޫލްއަށް އަބަދު ބަހައްޓާ ސަމާލުކަމާއި ހިތްހެޔޮކަމުގެ ސަބަބުން އަބަދު ވެސް އޭނަ އުފާވެއެވެ. ހުރިހާ ގޮތަކުން އަޅާކީކަމުގައި ވިޔަސް ޝުޖާއުހާ ރަގަޅު ބައިވެރިޔަކު ދުނިޔޭގައި އަތްފުނާއެޅިކަމުގައި ވިޔަސް ބަތޫލްއަކަށް ނުލިބޭނެ އެވެ. ބަތޫލް އުފަލުގައި ގެންގުޅޭވޭނެހާ ޤާބިލުކަން ވެސް ޝުޖާއުއަށް ވަނީ ލިބިފައެވެ. ނުވީތާކަށް ފުރިހަމައަށް އިތުބާރު ވެސް ކުރެވޭ މެއެވެ.
*****
ދަންވަރުގެ ހިމޭންކަމުގެ ތެރެއަށް މާލޭގެ މަަލަމަތި ގެނބިގެން ދިއުމާއެކު ކާރުބާރު ބޮޑު މަގުތަކުން ދިރޭ ފުރާނައެއްގެ ހިލަން ވެސް ވަނީ މަދުފަހަރަކުއެވެ. ދަންވިދަންވިހެން ހޮރުތަކުން ނިކުމެ މަގުތަކަށް ފާވެގަންނަ ގުރޫޕުތައް އެކިދިމަދިމާލުން މަދުން ނަމަވެސް ފެނެއެވެ. އޭގެ ސަބަބުން އަމާންކަން ގެއްލި ހިތްނުތަނަވަސް ކުރުވާ ޒާތުގެ ބިރުވެރިކަމެއް މާހައުލަށް ފެތުރިފައި ވެއެވެ.
ވަގުތާއެކު ހޮސްޕިޓަލުގެ ހަލަބޮލި މާހައުލު ވެސް މުޅިންހެން ނިދައިފިއެވެ. ޒައިނަބާއި ބައްދަލުކުރަން ގޮސްފައި އައިފަހުން ބަތޫލްގެ ދުލަށް ވާހަކަދެއްކުމުގެ ކުޅަދާނަކަން ލިބިފައި ނުވާ ކަހަލައެވެ. އީވާ ވެސް އެންމެ ފަހުން ހަތިޔާރު ބަހައްޓުމުން ސްޓޭޝަނުގައި ވެސް އޮތީ އާދަޔާ ޚިލާފު ހަމަހިމޭންކަމެކެވެ. ޖަނާ އޭނަގެ ފޯނާ ކުޅެން އިންއިރު އޭނަގެ ނަޒަރު ބައެއް ފަަހަރު ގޮސް ބަތޫލްއަށް ހުއްޓެއެވެ. ބަތޫލްގެ ތަބީއަތަށް އައިސްފައިވާ ކުއްލި ބަދަލުގެ ފަހަތުގައިވާ ސަބަބު އޭނައަށް އެނގެއެވެ. އެމާޔޫސްކަމަށް ނިމުން ގެނެވޭ ގޮތެއް ވެސް މެއެވެ. އެހެނަސް އޭނަގެ ހިތުގައި ސުވާލުތައް އުފެދިފައި ވެއެވެ. ބަތޫލް އޭނަގެ ވާހަކަ ޤަބޫލުކުރާނެ ހެއްޔެވެ؟ މައިންބަފައިން އެފަދަ ބޮޑު ދެރައެއް ދީފާނެކަން ބަތޫލް ތެދުކުރާނެ ހެއްޔެވެ؟ ހިންދު ބަތޫލްގެ ވިސްނުމަށް ވިހަލާފައިނުވާކަމެއް ވެސް އެނގެނީކީ ނޫނެވެ.
''ބަތޫލް ޤަބޫލުކުރިޔަސް ނުކުރިޔަސް އޭނައަށް އެނގެން ޖެހޭކަމެއް އެއީ...'' ޖަނާ އެންމެ ފަހުގެ ނިންމުން ނިންމާލިއެވެ. ދެން އޭނަ އިންތިޒާރުކުރަމުން އައީ ފުރުސަތަކަށެވެ. ގަޑިއެއްހާ އިރުފަހުން އެކަން ވެސް ފުރިހަމަވެގެން ދިޔަ އެވެ. ފާޚަނާއަށް ދާން އީވާ ދިއުމާއެކު އޭނަ ބަތޫލްއަށް ގޮވާލިއެވެ.
''ޒައިނަބު ދައްތަ އެއްޗެކޭ ބުނީތަ ފާޑަކަށް ތިއިންނަނީ؟...'' ސަބަބު އެނގޭ އިރު ވެސް ޖަނާ އަހާލިއެވެ.
''ނޫން...'' ޖަވާބު ނުދޭނަހާ އިރުކޮށްފައި ބަތޫލް ބުންޏެވެ.
''އަޒްޔާން؟...'' ބަތޫލްގެ މޫނަށް ބަލަން އިނދެ ޖަނާ އަހާލިއެވެ. އެއާއެކު ބަތޫލްއަށް އައި ކުއްލި ބަދަލުތައް ޖަނާއަށް ރަގަޅަށް ފާހަގަ ކުރެވުނެވެ.
ބަތޫލް އެއަށް ރައްދު ދޭކަށް ނޫޅުނެވެ. އިހުނަށްވުރެ ބޮޑަށް ބަލިމީހުންގެ ފައިލުތަކުގެ ތެރެއަށް ސިކުނޑި ދޫކޮށްލީ އިތުރަށް ޖަނާގެ ވާހަކަތަކަށް ސަމާލުކަން ނުދޭނަމޭ ބުނުމުގެ އިޝާރާތެއްގެ ގޮތުގައެވެ.
''އަހަރެން މިބުނާ ވާހަަކަތައް ޤަބޫލުކުރަން ބަތޫލްއަށް އުނދަގޫވާނެ... އަހަރެންދެކެ ހިތްހަމަނުޖެހު ވެސް ގާތް... އެކަމަކު ކޮންމެހެން ވެސް ބަތޫލްއަށް އެނގެން ޖެހޭކަމަކަށް ވީމަ އަހަރެން މިބުނަނީ...'' ފުންނޭވާއެއް ދޫކޮށްލަމުން ޖަނާ ވާހަކަދެއްކިއެވެ. އެވަގުތު ބަތޫލް ފާޅުނުކުރި ކަމުގައި ވިޔަސް ޖަނާ ބުނަން އުޅޭ ވާހަކައަކަށް ކަންފަތް ދިއްކޮށްލެވުނެވެ. އޭނަގެ ހިތް އެވަގުތު އަވަސްވާން ފެށީ އެވާހަކަތަކާ ކޮންމެވެސް ހިސާބަކުން އަޒްޔާންއާއި ގުޅުމެއް ވެދާނެއޭ ހިތް ބުނެލުމުންނެވެ.