ރުޅިވެރިކަމުން ހަށިގަނޑުގެ ލޭގެ ހިނގުން ހަލަބޮލިކޮށްލުމާއެކު ޖައުފަރަށް އަތްމުށްކަވާލެވުނެވެ. ފަނޑު ރަތްކުލައެއް ފޭދިގެން އައި ދެލޮލުން އޭނަ ހިންދުއަށް ބަލަން ހުރީ ނުރައްކާތެރި ގޮތަކަށެވެ. އައިސްފައި ހުރި ރުޅިގަޑު މަތަކުރަން އޭނައަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ނަމަވެސް ނަފުސުގެ މައްޗަށް އަތްގަދަ ކުރަމުން އައި ޝައިތާނީ ވަސްވާހުގެ ސަބަބުން ގިނައިރަކު އޭނައަށް އެގޮތުގެމަތީގައި ސާބިތުކަމާއެކު ހުރުން މުސްތަހީލުކަމަކަށް ވިއެވެ.

''ކިހިނެއް ހިނިގިކަމެއްތީ؟...'' ދަތްތަކަށް ބާރުލަމުން ޖައުފަރު ސުވާލުކޮށްލި އަޑާއެކު ހިންދުގެ ހިތް ނެގިނެގިފައި ޖެހެން ފެށިއެވެ. އިހްތިޔާރަކާއި ނުލާ އޭނައަށް ފަހަތަށް ފިޔަވަޅުތަކެއް އަޅާލެވުނީ ގެންފައި ހުރި ބިރެއްގެ ސަބަބުންނެވެ. ޖައުފަރު ރުޅިއަންނާނެ ވަރު އޭނައަށް އޮތީ ކުރިން ވެސް ލަފާކޮށްލެވިފައެވެ. އެވާހަކަތައް ސިއްރެއްގެ ގޮތުގައި ބާއްވަން އޭނަ އަޒުމުކަނޑައެޅީ ވެސް އެސަބަބާ ހުރެއެވެ. ނަމަވެސް ހުރިހާ ކަމެއް ބޮއްސުންލައިގެން ދިއުމުގެ ބިރު ހީވެފައި އޮތުމުން ޖައުފަރަށް އަންގަން އޭނައަށް މަޖުބޫރުވީއެވެ.

''މަ މިއަހަނީ ކިހިނެއް ހިނގިކަމެއްހޭ ތިއީ... އޭނައަށް އެނގެން ޖެހޭނެ ސަބަބެއް އޮންނާނެ ދޯ؟، ހަމަ ހުރެފަކާ ޝައްކެއް ނުވާނެ... ކަލެއަށް ތިވާހަކަތައް ބުނަން އެނގުނީ އަދި ކިރިޔާތަ؟...'' ދެމެދުގައިވާ ދާއިރާ ހަނިކުރަމުން ޖައުފަރު ހަޅޭއްލަވައިގަތެވެ. އެއަޑަށް ސިހިގެން ދިޔަ ހިންދުއަށް ހިންދިރުވާލެވުނެވެ. ޚުދު އޭނައަށް ވެސް އެސުވާލުގެ ޖަވާބު އެނގިފަކާ ނެތެވެ. ދެން އޭނަ ޖަރުފަރަށް ޖަވާބުދާރީވާނީ ކިހިނެއް ހެއްޔެވެ؟ ހިންދުގެ ހިމޭންކަން ވެގެން ދިޔައީ އަނދައަނދާ ހުރި އަލިފާންގަނޑު ގަދަޔަށް ހިފުވާލަން އަޅާލެވުނު ޕެޓްރޯލަށެވެ. ރުޅީގެ މައްޗަށް ނަފުސު ދޫވުމާއެކު އަތުގައި ހުރި ބާރެއް ލާފައި އޭނަ ހިންދުގެ ކޯތާފަތުގައި ޖެހި އަޑުފަށްގަނޑު ހިސާބުގައި ގުގުމާލައިފިއެވެ.

މޫނުމަތިން ބުރައިގެން ދިޔަ ހުދު ކޮކާތަކާއެކު ހިންދުގެ ހަށިގަނޑަށް އައި ލޮޅުމުން އޭނަގެ ފައި އަރިއަޅާނުލީ ވެސް ހަމަ ކިރިޔާއެވެ. އޭނައަށް އެވަގުތު އެހީއަކަށް އެދި ކައިރީގައި ހުރި ސޯފާގައި އެއް އަތުން ހިފަހައްޓާލެވުނެވެ. އަދި ދެން އޮތް އަތުން މޫނުން ދިލަނަގަމުން އައި ހިސާބުގައި ފިލުމާލެވުނީ އެތަދަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދެވޭތޯ އެވެ. އޭނައަށް އިސްއުފުލާލައި ޖައުފަރާ ހަތަރުކަޅިހަމަކޮށްލެވުނީ އެވަގުތުއެވެ. ލިބިފައިވާ ހާސްކަމާއި ބިރުވެރިކަމުން މީހާ ރޫރޫއަޅުވާލީ އެދެލޮލުން އޭނައަށް ފެނުނު ނުރައްކާތެރި ވިދުވަރުންނެވެ.

''ޖަވާބު ދޭށޭ!... ކަލެއާ ހަވާލުކުރެވޭކަމެއް ދުވަހަކު ރަގަޅަކަށް ނުދާނެ، ކޮންމެވެސް ހިސާބަކުން ކުރި ހުރިހާ ކަމެއް ހަރާބުވާނެ...'' ޖައުފަރު ރުންކުރު ރާގަކަށް އިއްވާލިއެވެ. ''މަގޭ އަތުން އިތުރު ބޮޑިއެއް ބޯން ބޭނުން ނޫނިއްޔާ ކުރި ސުވާލަށް ތެދުތެދަށް ޖަވަބުދޭންވީ!...''

''ނޭ...ގޭ ކިހިނެއްކަމެއް... އެނގުނީ...'' އުނދަގުލާއެކު ވެސް ހިންދު އޭނަގެ ޖުމްލަ ފުރިހަމަކުރިއެވެ. އެޖުމްލައިން ޖައުފަރު ގާތަށް ރުޅިއައުން ނޫންކަމެއް ނުވިއެވެ. އަނެއްކާ ވެސް އޭނަ ހިންދުގެ ގަޔަށް އަތް އިސްކުރިއެވެ.

ބަތޫލް ގެއްލިދާނެ ކަމުގެ ބިރާއެކު ޖައުފަރު ހުރީ ހޭބުއްދި ފިލާ ހިސާބަށް ގޮސްފައެވެ. ލޯބިވާ ދަރިފުޅު ދެވަނަ ފަހަރަށް ނަފުރަތުގެ ނަޒަރަކުން އޭނައާ މެދު ދެކޭތަން ބަލަން އޭނައަށް ކެތެއް ނުކުރެވޭނެއެވެ. މިވީހާ ދުވަހު ބަތޫލް އެދުނު ހުރިހާ ކަމަކަށް ދެކޮޅު ހެދުމެއް ނެތި އޭނަ ވާނީ ފުރިހަމަކޮށްދީފަ އެވެ. އެހެނަސް ހަލާކުގެ ތެރެއަށް ލޯބިވާ ދަރިފުޅު ވެއްޓިގެން ދިއުމުގެ ފުރުސަތު ދީގެން ދުރުގައި އެމަންޒަރު ބަލަން ރުހެވިގެން ހުރެވޭނީ ކޮން ބަފައަކަށް ހެއްޔެވެ؟

''ދޮގު ހަދަން ނޫޅޭތި!... ކަލޭގެ ފަރުވާ ކުޑަކަމުން ވާނެ ކަމެއް އެއީ... ބަތޫލްއަށް ޖަނާއަށް އެނގިފައިވާ އެއްޗެއް ކިޔާދީގެން މައްސަލައެއް ކުރިމަތިވެއްޖެއްޔާ މަގޭ އަތުން ކަލޭ މަރުވާނެ!...'' ކަންފަތް ބައްވެފައިވުމުން ޖައުފަރު ބުނިއެއްޗެއް ހިންދުއަށް ރަގަޅަށް ދޭހަކުރެވޭ ގޮތެއް ނުވިއެވެ. ހަށިގަނޑަށް ލިބުނު އަނިޔާއަށް ވުރެ ބޮޑަށް އޭނަގެ ރޫހަށް ލިބިފައިވާ ޒަހަމްތައް ފުނެވެ. ހިތަށްކޮށްފައިވާ ފުން އަސަރުތަކުން ދުލަށް ވާހަކަދެއްކުމުގެ ހަކަތައެއް ވެސް ލިބިފަކާ ނެތެވެ. ލޮލުން ފޭބި ކަރުނަތައް ފޮހެލީ އެއިން ޖައުފަރަށް އަސަރު ނުކުރާނެކަން އެނގޭތީއެވެ. އެހެންނޫންނަމަ އެތައް އަހަރެއް ވީއިރު ޖައުފަރަށް އެކަރުނަތަކުން އަސަރުކުރީހެވެ. ލިބުމެން އައި އަނިޔާތައް ހުއްޓާލުމަށް އާދޭސްކުރާކަށް ވެސް އޭނަ ބޭނުމެއް ނުވިއެވެ. އޭނަގެ އަޑެއް ޖައުފަރުގެ ކަންފަތާ ހަމައަށް ނުފޯރާނެތީއެވެ.

''މިވީ ގޮތުން ދެން ބަތޫލްގެ މިނިވަންކަމަށް ހުރަސް އަޅަން މިޖެހުނީ... ހުސް ކަލެއާ ހެދި ވާހާ ކަންތަކޭ... ބޮޑު ސުންޕާއެއް...'' ޖައުފަރު ހުރިހާކަމެއްގެ އިލްޒާމު އެޅުވީ ހިންދުގެ ބޮލުގައެވެ. ހިތަށް އައިހާ ހުތުރުބަސްތައް ވެސް އެދަނޑިވަޅުގައި ކިޔާލިއެވެ.

އެވަގުތު އިތުރު ހަމަލާއަކުން ހިންދު ސަލާމަތްކޮށް ދިނީ ޖައުފަރަށް އައި ފޯނުކޯލެވެ. ހިންދުއާއި ދުރަށް ހިނގައިގަންނަމުން ޖައުފަރު ފުން ނޭވާތަކެއް ދޫކޮށްލިއެވެ. އެއަށްފަހު މީހާ ހަމައަކަށް އަޅުވާލަމުން ފަޓުލޫނުގެ ޖީބުގައި އޮތް ފޯނުނަގައި ވާހަކަދައްކަން ފެށިއެވެ. އޭނަގެ އަޑާއި ހަރަކާތުން ދެންމެ ހިނގި އެއްވެސް ކަމެއް ހަނދާނެއް ހުރިހެނެއް ހިޔެއް ނުވެއެވެ. ދުރުގައި މަންޒަރު ބަލަން ހުރި ހިންދު ކޯތާފަތް ފޮހެލަން އުޅުމާއެކު އަތް ތިރިކޮށްލެވުނީ ދަތްތޮޅީގައި އަޅަން ފެށި ވޭނެއްގެ ސަބަބުންނެވެ. މޫނުގެ އެއްފަޅި ދުޅަވެފައިވާކަން އޭނައަށް ރޭކާލީ ވެސް ދެނެވެ. ފަރުވާތެރިކަމާއެކު އޭނައަށް މޫނުގައި އަތްޖައްސާލެވުނެވެ. އެޒަހަމް ސިއްރުކުރަން ހަދާނެ ގޮތަކާމެދު އޭނައަށް ވިސްނާލެވުނެވެ. ބަތޫލްއަށް ފެނި ސުވާލު އުފެދޭކަށް އޭނަ ބޭނުމެއް ނޫނެވެ.

''މަ ގެއަށް އައިސް މިކަންތައް ހައްލުކުރަން ޖެހޭނެ!!... އެއަޒްޔާން ގާތަށް އެނބުރި ދާކަށް ބަތޫލްއަށް މަށެއް ފުރުސަތެއް ނުދޭނަން!...'' ފޯނުކޯލް ނިންމާލުމަށްފަހު ޖައުފަރު ނިކުމެގެން ދިޔަ އެވެ. ގޭގެ މައިދޮރާއި ދިމާއަށް ބަލަން އިރުކޮޅެއް ވަންދެން ހިންދުއަށް ހުރެވުނެވެ. އެއަށްފަހު އޭނަ މިސްރާބުޖެހީ ބަދިގެއާ ދިމާއަށެވެ.

*****

އައިސްލަމާރިން ނެގި އައިސްޕެކުން މޫނުގައި ނަގަމުން އައި ދިލައަށް ފަރުވާ ހޯދަން ހިންދު އިނީ ކާކޮޓަރީގެ ގޮނޑިއެއްގައެވެ. އެހެން އިންއިރު އޭނަ ދިޔައީ ކަމަކާ މެދު ފުންކޮށް ވިސްނަމުންނެވެ. އޭނަ އަދިވެސް ޖައުފަރާއި އަޒްޔާންގެ މަންމައާއި ބައްދަލުވި ދުވަސް ހަނދާން އެބަހުއްޓެވެ. އޭގެ ކުރިން އަޒްޔާންއާއި ބަތޫލްގެ ގުޅުމަށް ޖައުފަރުގެ ރުހުން އޮތެވެ. ނަމަވެސް ކުއްލިއަކަށް މަންޒަރު ބަދަލުވެގެން އައީ ޒައިނަބާއި ބައްދަލުވި ހިސާބުން ފެށިގެންނެވެ. ހިތުގައި އެކަމާމެދު އެތައް ހާސް ސުވާލެއް އުފެދުނެވެ. ނަމަވެސް ޖައުފަރުގެ ރުންކުރުކަމާ ހުރެ އެއިން ކަމަކަށް އަލިއަޅުވާލާނެ ހިތްވަރެއް އޭނައަކަށް ނުލިބުނެވެ. ހަމައެއާއެކު ޖައުފަރު ޒައިނަބުގެ ވިޔާނުދާ އަމަލުތަކުގެ ވާހަކަތައް އޭނައާ ހިއްސާކުރި ދުވަހުން ފެށިގެން އަޒްޔާންއާއި އޭނަގެ މަންމައާ މެދު ދެކެވެމުން އައި ނަޒަރިއްޔާތު މުޅިންހެން ބަދަލުވެގެން ދިޔައީއެވެ. ނަފުރަތާއި ރުޅިވެރިކަމުގެ ދިލަ އާތްވެއް އުފަންކުރުވާފައެވެ. އޭގެ ފަހުން ޖައުފަރަށް އައި ކުއްލި ބަދަލު ހަނދާނުން ވެސް ފޮހެވިގެން ދިޔައީ އެވެ.

*****

ގޭތެރޭގައި އަޑުގަދަ ވެގެން ކޮޓަރިން ނިކުންނަން އުޅުނު ޚީނާއަށް އިވުނު ބަސްތަކުން ހުރީ އަޖައިބު އަންތަރީސްވެފައެވެ. ކުޑަކޮށް ދޮރުހުޅުވާލަމުން ސިއްރުން އޭނަ ހުރިހާ މަންޒަރެއް ބެލިއެވެ. ނަމަވެސް ގިނަ އިރަކު އެގޮތުގައި ހުންނަން ނުކެރިގެން އޭނަ ދޮރު ލައްޕާލީއެވެ. އަދި ދޮރާއި ކަންފަތް ގާތްކޮށްލަމުން އޭނަ ސަމާލުކަން ދިނީ ދެކެވެމުން އައި ވާހަކަތައް އަޑުއިވޭތޯ އެވެ. އޭގެ ސަބަބުން ހާމަވި ކަންތަކުން އޭނަ ހުރީ ދެލޯ ބޮޑުވެ އާގަމަވެފައެވެ. އޭނައަށް ޖައުފަރުގެ އެފަދަ ސިފަޔެއް އެފެނުނީ އަލަށެވެ. ހަމައެއާއެކު ބަތޫލްގެ ކައިވެނީގެ ރޭގައި ކަންތައް ވެގެން ދިޔަ ގޮތުގެ ފަހަތުގައިވާ އަސްލު ސަބަބު ވެސް އޭނައަށް އޭރު ވަނީ ވިސްނައިގަނެވިފައެވެ.

ކަންތައް ކުރަންވީ ގޮތަކާ މެދު ވިސްނަމުން އައިސް ޚީނާ އެނދުގައި އިށީނެވެ. ހިމޭނުން ހުންނަން ވީ ހެއްޔެވެ؟ އޭރުން އޭނަގެ ވަޒީފާ ސަލާމަތްކުރެވޭނެއެވެ. ނަމަވެސް އޭނައާއި ބަތޫލްގެ ދެމެދުގައިވާ އެކުވެރިކަމުން ހިމޭންކަން ޚިޔާރުކުރަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. އެގެއިން އޭނައަށް އަޅާލުމާއި އޯގާތެރިކަމުގެ އަތެއް ދިއްކޮށްލަނީ ހަމައެކަނި ބަތޫލް އެވެ. ބަތޫލް އަބަދު ހިތާމަކުރާތަން ފެނި އޭނަ ދެރަ ވެއެވެ. އެހީއެއްވާން ބޭނުން ވެއެވެ. ބަތޫލް ވެދިން އިޙުސާންތެރިކަމުގެ އަގު އަދާކުރެވެން އޮތް ގޮތަކީ އެއީ ހެއްޔެވެ؟

*****

ކަންދިމާ ކުރި ގޮތުން ބަތޫލްއާއި ޖަނާއަށް ވެސް ޑިއުޓީއަށް އާދެވުނީ އެއް ގަޑިއެއްގައެވެ. ބަތޫލް އާއި ޖަނާގެ އިތުރުން ދެން ސްޓޭޝަނުގައި އިނީ ވަޒީފާގެ މާހައުލުން ގުޅުންބަދަހިވަމުން އަންނަ ކުއްޖެކެވެ. ބަތޫލް ފެނުމުން ޖަނާއަށް ލިބިފައިވާ ހައިރާންކަން ފިލައިގެން ނުދެއެވެ.

ބަލިމީހެއްގެ އެހީތެރިއަކު އައިސްގެން ބަތޫލް އެމީހާއެކު ދިޔަ ދަނޑިވަޅުގައި ގާތުގައި އިން ޖަނާއަށް އީވާ ބަލާލިއެވެ. އަދި އަތުގެ އޮތް ފޯނު މޭޒުމަތީ ބާއްވަމުން ޖަނާ އިން ފަޅިއަށް އެނބުރިލިއެވެ. ބަތޫލް ޖަނާއާ ދުރުދުރުން އުޅޭކަން އޭނައަށް ފާހަގަ ކުރެވުނީއެވެ.

''ހާދަ ފާޑަކަށް ތިއިންނަނީ... ބަތޫ ވެސް ހީވަނީ ރުޅިއައިސްފައި ހުރިހެން... އަނެއްކާ ކިހިނެއްވީތަ؟...'' އީވާ ސުވާލުކޮށްލިއެވެ.

''ކަމެއް ނުވޭ...'' ތުންފަތުގައި ފަނޑު ހިނިތުންވުމެއް ކުރަހާލަމުން ޖަނާ ދޮގެއް ހަދާލިއެވެ.

''ކަމެއް ނުވާ ހަނެއް ހިޔެއް ނުވޭ، ކުރިން ތިދެމީހުން އެއްތަން ވެއްޖެއްޔާ ވާހަކަދައްކާވަރުން އަނގަމަޑެއް ނުވާނެ، އެކަމަކު މިރޭ ތިތިބީ ވާހަކަ ނުދައްކަން ހުވާކޮށްގެން...'' އީވާއަށް ޤަބޫލެއް ނުކުރެވުނެވެ. ''ޚިޔާލުތަފާތުވުމެއް އުފެދުނީދޯ؟...''

ޖަނާ އެސުވާލަށް ޖަވާބެއް ނުދިނެވެ. އޭނަ އިނީ ފިކުރެއްގެ މަތީގައެވެ. އީވާއާ ހުރިހާ ވާހަކައެއް ހިއްސާކުރަންވީ ކަމާމެދު އަމިއްލަ ނަފުސާ ދެބަސްވުމެއްގެ ތެރޭގައެވެ. އޭނަ އެވަނީ އިތުރު މީހެއްގެ ޚިޔާލު ބޭނުން ވެފައެވެ.

''އެހެންވިއްޔާ އެހެން މައުޟޫޢުއަކަށް ދަމާ... ބަތޫ މިހާރު އޯކޭތަ؟، މިބުނީ އަޒްޔާންގެ ކަންތަކުން އަރައިގަނެވިއްޖެ ހެއްޔޭ؟...'' އީވާ އަހާލިއެވެ. ''ކާކަށް އިނގޭނީ އެހާ ރަގަޅު މީހަކު އެފަދަ ކުލައެއް ދައްކާލަފާނެ ހެން... އެކަމަކު ރީތި މީހަކާ ރައްޓެހިވާއިރު ރިސްކުތައް ވެސް އޮންނާނެ... ބަޓް އަޒްޔާން ނުލާހިކު ލޯބިން ބަތޫއާއެކު އުޅުނީ... މީހެއްގެ އެސްފީނާ ޖެހުނީ ކަމަށް ވާނީ...''

އީވާއަށް އިތުރަށް އެވާހަކަތައް ކުރިއަށް ނުގެންދެވުނީ އެތަނަށް ބަތޫލް އައުމުންނެވެ. ބަތޫލްއަށް ހިނިތުންވެލަމުން އީވާ އޭނަގެ ދޫ ހިމޭންކޮށްލިއެވެ. އަދި ޖަނާއާއި ބަތޫލްއަށް ބަލާލަމުން މާހައުލަށްވެރިވެފައި އޮތް ނުތަނަވަސްކަން ކަނޑުވާލަން އުޅުނެވެ. ނަމަވެސް އޭނަގެ ފޯނު ރިންގްވާން ފެށުމާއެކު އީވާ ހިނގައިގަތީ ދުރަށެވެ. އެއާއެކު ޖަނާއާއި ބަތޫލް މުޅިން އެކަނިވީއެވެ.

''ބަތޫއަށް އިނގޭތަ ޒައިނަބު ދައްތަ އެޑްމިޓްކޮށްފަ އޮތްކަން؟...'' ވެރިވެފައި އޮތް އާދަޔާ ޚިލާފު ހިމޭންކަމަކަށް ނިމުންގެންނަން ޖަނާ އިސްނެގިއެވެ. އެއާއެކު ބަތޫލްގެ ސަމާލުކަން ޖަނާއަށް ހުއްޓިއްޖެއެވެ. އޭރު އޭނަގެ މޫނުން ކަންބޮޑުވުމުގެ ކުލަވަރު ފާޅުވަމުން ދިޔަ އެވެ. ސުވާލުކޮށްލަން ހިތް އެދުނުކަމުގައި ވިޔަސް ބަތޫލްއަށް އެހިތްވަރެއް ނުލިބުނެވެ. އޭނައަށް އެވަގުތު ވިސްނެމުން ދިޔައީ އަޒްޔާންއާ މެދުގައެވެ. އަޒްޔާން އޭނަގެ މަންމަށް ދޭ ސަމާލުކަން އޭނައަށް ވަނީ ފެނިފައެވެ.

''މިހާރު ކިޑްނީ މައްސަލަ ވެސް ޖެހިގެން އުޅެނީ...'' ޖަނާ އިތުރުކޮށްލިއެވެ. ދެން ވެސް ބަތޫލް އަނގަޔަކުން ނުބުންޏެވެ.

''ބައްދަލުކޮށްލަން ދާކަށް ބޭނުމުއް ނުވޭދޯ؟...'' ބަތޫލްއަށް ބަލާލަމުން ޖަނާ އަހާލިއެވެ. އަތުގެ އިނގިލިތަކާ އުޅެން އިން ބަތޫލްއަށް އިސްއުފުލާލެވުނެވެ. ބަތޫލް ނުބުންޏެއް ކަމަކު ޖަނާއަށް ހުރިހާކަމެއް ނަގައިގަނެވުނެވެ.

''އަޒްޔާން މީގެ އިރުކޮޅެއް ކުރިން ގެއަށް ހިނގައްޖެ......'' ޖަނާއަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ބަތޫލް ވާހަކަދައްކަން ފެށިއެވެ. ޖަނާއަށް އެހުރިހާ ކަމެއް އެނގޭތީ ބަތޫލްއަށް ހައިރާންކަން ލިބުނެވެ.

''ކިހިނެއް އެނގުނީ؟...'' ބަތޫލް އަހާލިއެވެ. ބަތޫލްގެ އަޑު އިވުމުން ޖަނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

''ޑިއުޓީއަށް އައި ގަޑީގަ ބޭރުން އަޒްޔާންގެ ކަޒިން މީޝެލްއާ ދިމާވީ... އެކަމަކު އަޒްޔާން އައިސް މީޝެލް ގޮވައިގެން ދިއުމުން ރަގަޅަށް މަޢުލޫމާތު ސާފުވާވަރެއް ނުވި...'' ޖަނާ އޭނައަށް އެނގުނު ގޮތް ބުނެދިނެވެ.

''އެކަނިތަ އޮތީ؟...'' އަވަސްއަވަހަށް ބަތޫލްއަށް އަހާލެވުނެވެ.

''ނޫން... ޝީރީން އެބައިން...'' ޖަނާ އޮޅުންފިލުވައި ދިނެވެ. އެވަގުތު ކިތަންމެ ފަހަރަކު ބަތޫލްއަށް އޭނައަށް އެނގިފައިވާ ވާހަކަތައް ހިއްސާކޮށްލަން ޖަނާ ބޭނުން ވިއެވެ. ބަތޫލް ސިއްރުކުރަން އުޅުނުކަމުގައި ވިޔަސް ބަތޫލްގެ ހިތުގެ މުރާދު އޭނައަށް އެނގޭތީއެވެ. ނަމަވެސް ހުރިހާ ކަމަކަށް ރަގަޅު ވަގުތު ކަނޑައެޅިފައިވާތީ އޭނަ ޚިޔާރު ކުރީ ހިމޭންކަމެވެ. އެހެނަސް ގިނަ އިރަކު ބަތޫލްއަށް ހަޤީޤަތް ސިއްރުކުރާކަށް އޭނަ އަޒުމެއް ނުކުރިއެވެ. އެއީ ބަތޫލްއަށް އެނގެން ލާޒިމުކަމަކަށް ވާތީ އެވެ. ވަގުތު ފާއިތު ނުވަނީހެވެ.

''ހިނގާ އަހަންނާއެކު...'' ކޮޅަށް ތެދުވަމުން ޖަނާ ބުނެލިއެވެ. ޖަނާ ކުރިއަށް ހިނގަތުމާއެކު ބަތޫލް ވެސް ހިނގައިގެންފިއެވެ. ދެކުދީންނަށް ހުއްޓެވުނީ އީވާ ގޮވާލި އަޑަށެވެ.

''ކޮންތަނަކަށް ތިދަނީ؟...'' އީވާ އަހާލިއެވެ.

''ވޮޝްރޫމަށް... އިރުކޮޅަކުން އެބައަންނަން...'' ޖަވާބު ދިނީ ޖަނާ އެވެ. އިތުރަށް އީވާއަށް އެއްޗެއް ނުބުނެވެނީސް އޭނަ ކުރިއަށް ހިނގައިގަތުމާއެކު ބަތޫލް ވެސް ފަހަތުން މިސްރާބު ޖަހައިފިއެވެ.

*****

''ޖަނާ ނުވަންނާންތަ؟...'' ވޯޑްކުރިމަތީ ހުއްޓިލަމުން ބަތޫލް އަހާލިއެވެ. އޭރު ބަތޫލްގެ މޫނުމަތިން ނުތަނަވަސްކަމުގެ އަސަރު ފެންނަން ހުއްޓުވެ. އެއާއެކު ޖަނާއަށް ބަތޫލްގެ އަތުގައި ހިފާލެވުނެވެ. އަދި ހިނިތުންވެލީ ހިތްވަރުދިނުމުގެ ގޮތުންނެވެ.

''ބަތޫ ވަދޭ، އަހަރެން ހުންނާނަން އަޒްޔާން އަންނާތޯ ބަލަން...'' އެތެރެއަށް ވަންނަން އިޝާރާތް ކޮށްލަމުން ޖަނާ ވާހަކަދެއްކިއެވެ. ޖަނާއަށް ބޯޖަހާލަމުން ބަތޫލް އެތެރެއަށް ވަދެގެން ދިޔަ އެވެ.

ވޯޑުގެ މެދާހިސާބުގައި ހުރި އެނދުގައި ވަރުބަލިކަމާއެކު ލޯމަރާލައިގެން އޮތް ޒައިނަބު ބަތޫލްއަށް ފެނުމާއެކު ހުއްޓެވިއްޖެއެވެ. އެމޫނުމަތީގެ ދިރުން ގެއްލިފައިވާ މިންވަރު އެވަގުތު ބަތޫލްއަށް އަންދާޒާކޮށްލެވުނެވެ. ލޯކައިރީގައި ލެވިފައިވާ ފަށަލައިގެ ކަޅުކަން އިހުނަށްވުރެ ގަދަވެފައި ވެއެވެ. އެހަށިގަނޑު އޭނައަށް އެންމެ ފަހުން ފެނުނު ދުވަހާއި އަޅާބަލާއިރު ކުރިއަށްވުރެ ބަލިކަމަށް ދައްކައެވެ. އަވަސްނޭވާތެއް ދޫކޮށްލަމުން ބަތޫލް ކުރިއަށް ޖެހިލިއެވެ.

މީހަކު ހުއްޓުނުހެން ހީވުމުން ގޮނޑީގައި އިން ޝީރީނަށް އިސްއުފުލާ ބަލާލެވުނެވެ. ބަތޫލް ފެނި ޝީރީނުގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދާން ސިކުންތުކޮޅެއް ވެސް ނުނެގިއެވެ. ގޮށްޖެހުނު ބުމައާއެކު އޭނަ ފުންމައިގެންފައި ގޮނޑިން ތެދުވެއްޖެއެވެ. ބަތޫލްއާ ދިމާއަށް ލޯއަޅާލައިގެން ހުރިއިރު އެދެލޮލުގައިވި ނަފްރަތުގެ ދިލަހޫނުކަމުން ބަތޫލް އަނދާއަޅިއަށް ހަދާލަން އުޅޭކަހަލައެވެ.

''ކަލޭ ކީއްކުރަން މިތަނަށް ތިއައީ؟...'' ވަށައިގެން ތިބި މީހުނަށް އަވަސް ނަޒަރެއް ދެމުން ޝީރީން ވާހަކަދެއްކީ މަޑުންނެވެ. އެވަރުން ވެސް އެއަޑުގައިވި ރުޅިވެރިކަން ސިއްރުކުރެވޭ ގޮތެއް ނުވިއެވެ. ''ކަލޭއާއި ކަލޭގެ ޢާއިލާ މީހުންނަށް ކުރެވުނު ކަންތައް ކުޑަވެގެންތަ ފަހަތުން ނެއްޓެން ނޭގިގެން ތިއުޅެނީ!؟...'' ޝީރީނުގެ ޖުމްލައިން ބަތޫލްއަށް ކުއްލި ހައިރާންކަމެއް ލިބުނެވެ. އޭނައަށް ޝީރީން މާނަކުރަން އުޅުނީ ކީކޭކަން ނޭގުމުން ބަލަން ހުރެވުނެވެ.

ޒައިނަބަށް ހޭލެވުނީ ކަރުހިއްކައިގަނެގެންނެވެ. ދުރުކޮށްލި އެސްފިޔަތަކާއެކު އޭނައަށް ބަތޫލް ފެނުމުން އެމޫނު ހައިރާންކަމާއި ކަންބޮޑުވުމުގެ ކުލަވަރުތަކުން ފެވިގެން ދިޔައެވެ. އޭނަ އެއްޗެއް ނުބުނެ ހިމޭންކަމާއެކު ބަތޫލްއަށް ބަލަން އޮވެފައި ޝީރީނަށް ގޮވާލިއެވެ.

''ދާން އުޅޭ މިތަނުން...'' ބަތޫލްއަށް ލޯއަޅާލަމުން ޝީރީން އިއްވާލިއެވެ. އަދި އަވަސްއަވަހަށް ޒައިނަބު ގާތަށް ޖެހިލީ ކަމަކަށް ބޭނުންވީ ކަމަކަށް ހިތާއެވެ.

''ފެން...'' ވަރުދެރެ އަޑަކުން ޒައިނަބު ބުނެލިއެވެ. އަދި ކުޑަކޮށް ހަށިގަނޑު ތެދުކޮށްލަން އުޅުނެވެ. އެވަގުތު ބަތޫލްއަށް ކައިރިވެލެވުނީ ބޭއިހްތިޔާރުގައެވެ.

''ދުރަށްދޭ!...'' ޝީރީން ބަތޫލްގެ ކޮނޑުގައި އަތްއަޅާ ދުރަށް ކޮއްޕާލިއެވެ. އެވަގުތު އެތާ ތިބި މީހުންގެ ލޯތަށް އަމާޒުވެގެން ދިޔަ ތަން ފެނި ބަތޫލް ލަދު ވެސް ގަތެވެ. މުޅި މާހައުލަށް އަވަސް ނަޒަރެއް ދެމުން އޭނަ އިސްޖަހާލިއެވެ.

ޒައިނަބަށް ފަސޭހަކަމާއެކު ކޮޅަށް ހުރެވޭނެ ގޮތަށް އެނދު މައްޗަށް ޖައްސާލުމަށްފަހު ބުރަކަށީގެ ފަހަތަށް ބާލީހެއް ލައްވާލަދެމުން ޝީރީން އަވަސްވެގަތީ ތަށްޓަކަށް ފެންއަޅާށެވެ. ތަށީގެ މެދަކާ ހިސާބަށް ދެވުމުން އޭނަ ޒައިނަބުގެ މަގަތުގައި އިށީންނަމުން ޒައިނަބުގެ ތުނބުގައި ތަށި ޖައްސާލަދިނެވެ.

''ބަތޫލް...'' ފެންފޮދަކުން ކަރުތެރެ ތެތްމާލަމުން ޒައިނަބަށް ބުނެލެވުނެވެ. ޝީރީން ނުރުހުނެއްކަމަކު އެއްޗެއް ނުބުނީ ޒައިނަބު ހިތްހަމަނުޖެހިދާނެ ކަމެއްކުރަން ބޭނުން ނުވާތީއެވެ.

ދާން އުޅެފައި ވެސް ޒައިނަބުގެ އަޑު ޖެހުމުން ބަތޫލްއަށް ހުއްޓެވުނެވެ.

''ބަތޫލް މިތަނަށް އައުމުން އަޒްޔާން ހިތްހަމައެއްނުޖެހޭނެ...'' ޒައިނަބު ބުނަން އުޅޭ ވާހަކައިގެ އަސްލު ބަތޫލްއަށް ދޭހަ ވިއެވެ. ހިތަށް މާޔޫސްކަން ލިބުނެއް ކަމަކަމު އޭނަ ބޯޖަހާލީ އެކަމާ އެއްބަސްވަމުންނެވެ. އަދި ދާން އެނބުރިލުމާއެކު ފަހު ފަހަރަށް ޒައިނަބަށް ބަލާލިއެވެ.

''ދައްތައަށް އަވަސް ޝީފާއެއް ދެއްވައި ރަގަޅު ސިއްހަތެއްގައި ލެހެއްޓެވުމަށް އެދި ދުޢާކުރާނަން...'' ހިތްހެޔޮ ހިނިތުންވުމަކާއެކު ބަތޫލް ވާހަކަދެއްކިއެވެ. އެއަށްފަހު އޭނަ އެތަނުން ދާން ހިނގައިގަތެވެ. ބަތޫލް ހުއްޓުވައި ވާހަކަދައްކަން ބޭނުންވިއެއްކަނަމު ޝީރީން ހުރުމުން އެޚިޔާލު ޒައިނަބު ދޫކޮށްލިއެވެ. ބަތޫލް ނުކުމެގެން ދިޔަ ދިމާއަށް ބަލަމުން ޝީރީން ވާހަކަދައްކަން ފެށިއެވެ.

''އެޖައުފަރުގެ ދަރިއަކު އަޒްޔާންއާއި ގުޅެން ދައްތަ ރުހުން ދިންކަމާމެދު ވެސް އަހަރެން ހައިރާންވޭ، ނަސީބެއް ފަހުވަގުތު ކޮންމެ ގޮތަކަށް ވިޔަސް އެކައިވެނި ހުއްޓުނުކަން... ކިހާ ދުވަހެއް ވަންދެން އަޒްޔާންއަށް ހަޤީޤަތް ސިއްރުކުރަން ދައްތަ ތިވިސްނަނީ؟... އެޖައުފަރަކީ ކާކުކަން އެނގުމުން އޭނަގެ ދަރިދެކެ އަޒްޔާން ނަފުރަތުކުރާނެ.... އޭރަށް އަޒްޔާން އެކުރާ ހިތާމަތައް ފިލައިގެންދާނެ...'' ޝީރީން ބުނެލިއެވެ.

''ނަފްރަތާއި ރުޅިވެރިކަމުން އެއްވެސްކަމެއް ހައްލެއް ނުވާނެ...... ބައެއްފަހަރު ކަންތައް ނޭގި އޮތުމަކީ މަސްލަހަތަށްޓަކައި މުހިންމުކަމެއް... އަނެއްކޮޅުން އަހަރެން ބޭނުމެއް ނޫން އަޒްޔާންގެ އުފަލަށް ހުރަސް އަޅާކަށް، އޭނައަށް ޖައުފަރުގެ ހަޤީޤަތް އެނގިއްޖެއްޔާ ބަތޫލްއަށް ދެރަގޮތެއް ހަދާކަށް ފަހެއް ވެސް ނުޖެހޭނެ... ޝީރީނަށް އެނގޭނެ ރަގަޅަށް އަޒްޔާން ރުޅިއައިސްފިނަމަ ކޮންމެ ފަދަ ކަމެއް ވެސްކޮށްފާނެކަން... މާޒީގަ ވިކަންތަކުގެ އަސްލަކީ ކާކުކަން އެނގިއްޖެނަމަ ބަދަލުހިފަން އޭނަ ބޭނުންވާނެ... އޭރަށް ހުރިހާކަމެއްގެ ތެރޭގައި ހަފުސްވާނީ ކުށެއް ނެތް ބަތޫލް... އެފަދަ ދެރަގޮތެއް ބަތޫލްއަށް ވާކަށް އަހަރެންގެ ހިތެއް ނޭދޭ... ބަތޫލް އެއީ ހިތްހެޔޮ ކުއްޖެއް......'' މާޒީގެ ހިތިކަމުގެ ތެރެއަށް ނަފުސުދޫކޮށްލެވުނު ހިނދު ޒައިނަބުގެ ލޮލުން ކަރުނަ ހިލުނެވެ. އެއީ އެއްގޮތަކަށް ވެސް އޭނަ ހާންދާންކުރަން ބޭނުންވާ ދުވަސްތަކެއް ނޫނެވެ.

''ރަގަޅެއްނު... އޭރަށް ޖައުފަރު ކުރިކަންތަކުގެ ސަޒާ އޭނައަށް ލިބިފައެއްނު އޮންނާނީ!... މަށަށް ރަގަޅީ ވެސް އެގޮތަށް ވިއްޔާ!...'' ޝީރީން ރުޅިވެރި ރާގަކަށް ބުނެލިއެވެ. ''ދޮންތަ ހަޤީޤަތް ހާމަކުރިނަމަ އަޒްޔާންއަށް ދިރިއުޅުމުގައި މާޔޫސްކަމާ ކުރިމަތިލާކަށް ނުޖެހުނީސް... އެކައިވެންޏާ އެމީހުން ޤަބޫލުވިއިރު ވެސް މަށަށް އެނގޭ އެއީ އެމީހުން މޮޅު ރޭވުމެއްކަން... އެކަމަކު ދައްތަ ހުރީ މަންޒަރު ބަލަން ހިމޭނުން... ދައްތަގެ ނިކަމެތިކަން އިތުރަށް ހާމަކުރަން ޖައުފަރަށް ލިބުނު ރަނުގެ ފުރުސަތެއް އެއީ... ނިކަން ބަލާބަ އޭނަ ކަންތައް ކުރި ގޮތް، ދޮންތަ ކުރިން ހަޤީޤަތް ހާމަކުރިނަމަ މިއަދު މިއިން އެއްވެސް ކަމެއް ނުވީސް... ދީވާނާއެއްހެން އެއަންހެނާގެ ހަނދާންތަކުގައި އަޒްޔާން ނޫޅުނީސް!...'' ޝީރީން އޭނަގެ ހިތުގައިވި ޝަކުވާތައް ބަންޑުންކުރަމުން ދިޔަ އެވެ. އޭނަ ޖައުފަރާއި ބަތޫލްދެކެ އަންނަ ރުޅިގަނޑު އެއަޑުން ހާމަވެއެވެ.

''ތިހެން ވާހަކަދައްކަން ހެޔޮނުވާނެ...'' ޒައިނަބު ހިތްހަމަނުޖެހުނެވެ.

''ޝީރީން ނުދެކެންތަ ބަތޫލްގެ ސަބަބުން އަޒްޔާންއައި ބަދަލުތަކެއް؟... އަހަރެން ދުވަހަކު ނުދެކެން އަޒްޔާން އެހާ އުފާވިތަނެއް... އަޒްޔާން ހިނިތުންވިތަން އަހަންނަށް ފެނުނީ ބަތޫލްގެ ސަބަބުން... އެހެންވެ އަހަރެން އެގުޅުމަށް ރުހުން ދިނީ... އަޒްޔާންއަށް އަންނަ ހެޔޮ ބަދަލުތައް ފެނި... ހަމައެއާއެކު ވިކަންތަކުގެ ފަހަތުގައި ބަތޫލްގެ އޮތީ ކޮންކުށެއް؟... އޭނައަށް ނޭގޭ އޭނަގެ ބައްޕައަކީ ކޮންކަހަލަ މީހެއްކަން ވެސް......'' ވެދިޔަ ކަންތަކުގައި ބަތޫލް ކުށްވެރިކުރާ ކަހަލަ ވިސްނުމެއް ޒައިނަބުގެ ނެތެވެ.

''މިހާރު އެކަމުގެ ނަތީޖާ އެބަފެނެއެއްނު...'' ޝީރީން ފޫހި ރާގަކަށް ބުނެލިއެވެ.

ކޮމެންޓް 0