''ހާސްނުވޭ، ގިނަ ދުވަހަކު އޭނަ އެތާނގައި ނޯންނާނެ، އޭނައާ ދެކޮޅަށް ހެއްކެއް ނެތީމަ، އަހަރެން އެގޮތަށް ހުރިހާ ކަމެއް ރޭވީ ކުޑަ ދުވަސްކޮޅަކަށް އޭނަ ބަންދުގައި ބަހައްޓަން ބޭނުންވާތީ، އޭރުންތާ ޒައިނަބު އެކަނިވާނީ......'' ޒައިނަބާއި ގާތްވެލަމުން ޖައުފަރު ބުނެލިއެވެ. އެއާއެކު ޒައިނަބަށް ތެޅިގަނެވުނެވެ. އޭނަ ކުއްލިއަކަށް ގެނައި ހަރަކާތާއެކު ސަލާމަތުން އޮތް އަތުން ޖައުފަރުގެ މޫނުމަތީގައި ހޫނު ބޮނޑިއެއް އަޅާލިއެވެ. އެފަދަ ކަމަކަށް ވިސްނައިގެން ނެތް ޖައުފަރަށް ސިހުމެއް ލިބުނެވެ. މޫނުން ނެގި ދިލައާއެކު އޭނައަށް މޫނުގައި ފިރުމާލެވުނެވެ.

ލިބުނު ފުރުސަތާއެކު ޒައިނަބު ސޯފާއިން ކޮޅަށް ތެދުވުނެވެ.

''ކަލޭ ތީ ކޮންކަހަލަ އެކުވެރިޔެއްތަ؟... އިންސާނުންގެ ގިންތީގެ ތެރެއަށް ވެސް ކަލޭ ނުފެތޭނެ...'' ޖައުފަރާ ދިމާއަށް ޒައިނަބު ހަޅޭއްލަވައިގަތެވެ.

ރުޅިއައިސް ރަތްވެފައި ހުރި ޖައުފަރަށް ދަތްކުނޑި ވިކާލެވުނެވެ.

''އެހެރީ ވަން ދޮރު، ހަމަ މިހާރު މިގެއިން ނިކުމޭގެންދޭ، ކަލޭގެ ޖައްބާރު ސޫރަ ވެސް ދެކޭކަށް އަހަރެން ބޭނުމެއް ނޫން!...'' ގޭގެ މައިދޮރާއި ދިމާއަށް އިޝާރާތްކޮށްލުމަށްފަހު އަޑަށް ބާރުލަމުން ޒައިނަބު ވާހަކަދެއްކިއެވެ. އޭނަގެ ދިރިއުޅުން ހަލާކުގެ ތެރެއަށް ވައްޓާލި އިންސާނާގެ ކުރިމަތީގައި އެންމެ ސިކުންތެއްވަންދެން ވެސް ހުންނާކަށް އޭނަ ބޭނުންނުވި އެވެ. އޭރު ޒައިނަބުގެ ހަށިގަނޑުގައި ރުޅީގެ ސަބަބުން މަޑު ތުރުތުރުލުމެއް އުފެދިފައި ވިއެވެ. ޖައުފަރަށް ސަމާލުކަން ދިނުމެއް ނެތި ޒައިނަބު ސޯފާ ކައިރިއަށް ޖެހިލީ ސޯފާގައި އިން އަޒްޔާން ނެގުމަށެވެ. ނަމަވެސް އޭގެ ކުރިން ފުންމައިގެންފައި ކޮޅަށް ތެދުވުނު ޖައުފަރު ޒައިނަބަށް ހުރަސް އެޅިއެވެ. އޭނަ ޒައިނަބުގެ އަތުގައި ބާރަށް ހިފަހައްޓާލަމުން އޭނައާއި ކުރިމަތިވާނެހެން އަނބުރާލީ އިތުރަށް ޒައިނަބަށް ތަދުކޮށްލަމުންނެވެ.

''ކުރިން ވެސް އަހަރެން ބުނީމެއްނު އަހަންނަށް ފުރަގަސްދިންކަމުގެ ބަދަލު ހިފާނަމޭ...'' ޒައިނަބުގެ ކޮލުގައި ހިފައި ފިއްތާލަމުން ޖައުފަރު ބުނެލިއެވެ. އޭނަ އަތުގެ އިނގިލިތަކަށް ބާރުލަމުން ދިޔަ ކޮންމެ ސިކުންތަކު ޒައިނަބުގެ ދުލުކުރިން ވޭނީ އާހެއްގެ އަޑު ބޭރުވެގެން ދެއެވެ. ކެކުޅުންތަކުން އެދެލޮލުން ކަރުނަތައް ފައިބައިގެން ދިއުމާއެކު ޖައުފަރުގެ ތުންފަތަށް ވެރިވީ ނުލަފާ ހިނިތުންވުމެކެވެ. އެކަރުނަތަކުން އަސަރުކުރުމުގެ ބަދަލުގައި އިތުރަށް ޒައިނަބަށް އަނިޔާކުރުމުގެ ޖޯޝެއް ޖައުފަރުގެ ހިތުގައި އުފަން ވިއެވެ. ޒައިނަބުގެ އޭނަގެ ހުށަހެޅުމަށް ދެކޮޅުހެދުމުގެ ސަބަބުން އޭނަގެ ހިތަށް ލިބިފައިވި ޒަހަމްތަކުގެ ބަދަލުހިފާނެ މޮޅު ގޮތެއް ވެސް ޚިޔާލަށް އައެވެ. އެއާއެކު ޖައުފަރު އޭނަގެ އަތަށް ޒައިނަބުގެ ދިގު އިސްތަށިގަނޑު އޮޅާލީ ނުލަފާ ހިނިތުންވުމަކާއެކުގައެވެ. އިސްތަށިތަކުގެ ބުޑަށް ވާންވި ހިނދު ޒައިނަބަށް ހަޅޭއްލަވައިގަނެވުނެވެ.

ފެންނަމުން ދިޔަ މަންޒަރުތައް ވެގެން ދިޔައީ ތުއްތު އަޒްޔާންގެ ހިތް ބިރުވެރިކަމުން ރޫރޫއަޅުވާލި ކަމަކަށެވެ. ވަމުން ދިޔައީ ކިހިނެއްކަން ވިސްނައިގަތުމުގެ ޤާބިލުކަން އެޅަސިކުނޑިއަށް ލިބިފައި ނެތްކަމުގައި ވިޔަސް މަންމަގެ ރުއިމާއި ހަޅޭކުގެ އަޑުން އެ ޅަހިތް ފޫއަޅުވާލީ ބިރުވެރިިކަމުންނެވެ. އެއާއެކު އަޒްޔާންގެ ބާރު ރުއިމުގެ އަޑު ފަޒާގައި ގުގުމާލިއެވެ.

ވޭންތަކުގެ ތެރޭގައި ފިސްފިސްވަމުން ދިޔަ ވަގުތު ބިރުވެރިކަމުން ފުރިގެންވި އަޒްޔާންގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު ޒައިނަބަށް ހުރެވުނުތަން ވެސް ހަނދާން ނެތުނެވެ. އޭނަގެ ނަޒަރު ގިސްލަގިސްލާފައި ރޮމުން ދިޔަ އަޒްޔާނަށް ހުއްޓުމާއެކު އޭނަގެ ހިތް މޭގެތެރޭގައި އޮވެ ގެނބުނު ފަދަ އިހުސާސެއް ކުރެވުނެވެ. ލަގޮނޑީގައި އުފެދުނު ފުން ވޭންތަކާއެކު އޭނައަށް ލިބެމުން އައި ޖިސްމާނީ އަނިޔާތައް މަތިން އިރުކޮޅަކަށް ހަނދާން ވެސް ނެތުނެވެ. މިވީހާތަނަށް އެފަދަ ގޮތަކަށް އަޒްޔާން ރޮނިކޮށް އޭނައަށް ފެނިފަކާ ނެތެވެ. ދަރިފުޅު މަސަލަސްކުރަން ޖައުފަރުގެ ވަކިތަކުގެ ދަށުން މިންޖުވާން މަސައްކަތްކުރެވުނެވެ.

''ހޮޔެނުވާނެ، އަހަރެންގެ ދަރިފުޅު ގާތަށް ދިޔަދީ... އާދޭސްކުރަން...'' ކުރިއެރުމެއް ނުލިބުމުން ޒައިނަބު ރޮވިފައިވާ އަޑަކުން އާދޭސްކުރަން ފެށިއެވެ. އޭރު ވެސް އޭނަގެ ނަޒަރު އަޒްޔާނާއި ވަކިނުކުރެވެއެވެ. ގިސްލަމުންދާ އަޒްޔާން ގެނެސް މޭގައި ފޮރުވާލަން އޭނަގެ މައިލަގޮނޑި ވަނީ ކެތްތެރިކަން ކުޑަވެފައެވެ. އެދެލޮލުން ފައިބަމުން އައި ކަރުނަތައް ފޮހެލަދީ ދަރިފުޅު ޖެހިލުންވެ ބިރުގަންނަން ޖެހޭ ކަމެއް މެދުވެރި ނުވާކަން އަންގަންދޭން ވެސް މެއެވެ. އެދަރިފުޅަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ލިބިފައިވާކަން އަންގަދޭން ވެސް މެއެވެ.

''ވަރިހަމަ ކިތަންމެ ވަރަކަށް ރުޔަސް، ޒައިނަބަކަށް ނުދެވޭނެ އޭނަ ގާތަށް!...'' އަޒްޔާންގެ ރުއިމުގެ އަޑު ޖައުފަރަށް ނުއިވޭ ކަހަލައެވެ. އޭނަގެ މޫނުމަތިން ހަމްދަރުދީގެ ޒައްރެއްގެ މިންވަރު ވެސް ފާޅެއް ނުވެއެވެ. އެއާ ޚިލާފަށް ފާޅުވަމުން އައީ ޖާހިލުކަމެވެ. ހިތްހަރުކަމެވެ. ރޭވުންތެރިކަމާއެކު ފަހި ކުރެވިފައިވި ފުރުސަތު ގެއްލުވާލަން އޭނަގެ ޒަމީރު ދެކޮޅު ހެދިއެވެ. މިވީހާ ދުވަހު ޒައިނަބުގެ ފުށުން އޭނަ އެދިއެދި ހުރި އުފާތައް ހާސިލުކުރަން އޭނަ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. މިދުވަހަށް އޭނަ ވަނީ ވޭނީ އިންތިޒާރެއް ކަނޑައްތުކޮށްފައެވެ.

ގަދަ ހަދަމުން ދިޔަ ޒައިނަބު ގޮވައިގެން ޖައުފަރު އުޅުނީ ކޮޓަރިއަށް ދާށެވެ.

''ނޫން... އަހަރެން ދޫކޮށްލާ، އަހަރެންގެ ދަރިފުޅު ގާތަށް ދާން ދޫކޮށްލާ، އެދަރިފުޅު މަސަލަސްކުރުމުގެ ފުރުސަތު އަހަންނަށް ދީ... އަހަރެން.... އަހަރެން ޖައުފަރު ބޭނުން ކޮންމެކަމެއް ކޮށްދޭނަން... ހަމައެންމެ ފަހަރަކު އެދަރިފުޅު ގާތަށް ދިއުމުގެ ފުރުސަތު އަހަންނަށް ދީ، އެދަރިފުޅު އެހުރީ އަހަންނަށް ބޭނުންވެފައި... އާދޭސްކުރަން... އާދޭސްކުރަން...'' އަޒްޔާނާއި ދުރަށް ގެންދަން ފެށުމާއެކު ޒައިނަބަށް ތެޅިގަނެވުނެވެ. އޭނަ އެންމެފަހުން ދެއަތްތިލަ ޖޯޑުކޮށްލަމުން ޖައުފަރު ގާތު އާދޭސްކުރަން ފެށިއެވެ. ރުއިމުގެ ސަބަބުން އޭނައަށް ވާހަކަ ނުދެކެވުނީ ހުއްޓަހުއްޓަމުންނެވެ.

''ހުޝިޔާރުވާން އުޅޭފިއްޔާ އޭގެ ނަތީޖާ ރަގަޅެއް ނުވާނެ...'' ޒައިނަބުގެ އަތުން ޖައުފަރު ދޫކޮށްލީ ދެޚިޔާލެއްގެ މަތީ ހުރެއެވެ. އޭރު އަޒްޔާންގެ ރުއިމުގެ އަޑުފަށްގަނޑު ހަތަރުފާރުތެރޭގައި ގުގުމާލާފައި އޮތެވެ. އެކަމާ ހުރެ ޖައުފަރު ހުރީ ބޮލަށް އުނދަގޫވެފައެވެ. އޭނަ ފަޓުލޫނުގެ ޖީބުން ނެގި ސިގިރެޓި ފޮށިން ސިގިރެޓަށް ނަގައި ރޯކޮށްލިއެވެ. އެތެރެހައްޓަށް އޭގެ ދުންގަނޑު ފޮނުވާލަމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ފުލުފުލުން ފަޒާގެ ތެރެއަށް ދުންގަނޑު ފަތުރާލަމުން އޭނަ ޒައިނަބަށް ބަލަން ހުއްޓެވެ.

އަޒްޔާން ގާތަށް ޒަައިނަބަށް ދެވުނު ގޮތެއް ނޭގުނެވެ. ތުރުތުރުއަޅަމުން ދިޔަ އެތުއްތު ހަށިގަނޑު ގެނެސް މޭގައި ބޮޑިކޮށްލެވުނު ހިނދު ޒައިނަބަށް ބާރަށް ރޮވިއްޖެއެވެ. އަޒްޔާންގެ ބޮލުގައި ބޮސްދެމުން ރުއިމުގެ ތެރޭން ޒައިނަބަށް މަޑު ނާނާއެއްގެ އަޑު އަޅުވާލެވުނެވެ. ގިނަ އިރު ގިސްލުމުގެ ސަބަބުން އަޒްޔާން މަސަލަސްކުރުންވީ އުނދަގޫކަމަކަށެވެ. އެތުއްތު ހިތަށް ކޮށްފައިވާ ނޭދެވޭ އަސަރުތައް އެވަގުތުކޮޅުގައި ވެސް ޒައިނަބަށް އަންދާޒާ ކުރެވުނެވެ. އެއާއެކު އޭނަގެ ހިތުގައި ޖައުފަރާ މެދު އޮތް ނަފަރުތުގެ އަލިފާނުގައި ހުޅުރޯވިއެވެ. ދުވަހެއްގެ ކޮޅުން ވެސް އޭނަ ޖައުފަރަށް މަޢާފެއް ނުކުރާނެއެވެ.

އަޒްޔާނަށް ނިދުނީ ޒައިނަބުގެ އަތުގެ ތެރޭގައި އޮވެއެވެ. ގެނެވޭ ކޮންމެ ހަރަކާތަކުން އަޒްޔާން ސިއްސައިގެން ދާތީ ޒައިނަބު ހުރީ ހިރިލާން ވެސް ނުކެރިފައެވެ. އޭނަ ދެފަހަރެއްގެ މަތިން އަޒްޔާން އެނދުގައި ބާއްވަން މަސައްކަތްކުރުމުން ނިދީގެތެރޭގައި އޮވެ ގިސްލާފައި ރޮއިގަތެއެވެ. ހިނދުކޮޅަކަށް ވިޔަސް ޒައިނަބާއި ދުރަށްދާން ބޭނުންނުވާ ކަހަލަ އެވެ. ނަފުސާނީ ގޮތުން އަޒްޔާނަށް ލިބިފައިވި ގެއްލުންތަކާ މެދު އެއިން ކޮންމެ ފަހަރަކު ޒައިނަބަށް ވިސްނާލެވެއެވެ.

''ތީނަ އެނދުގަ ބާއްވަން އުޅޭ...'' ދާދި ގާތުން ޖައުފަރުގެ އަޑު އިވުމުން ޒައިނަބު ސިހުނެވެ. އޭނަ އެއަޑަށް ސަމާލުކަން ނުދޭން ހުއްޓާ ކުއްލިއަކަށް ޖައުފަރު ޒައިނަބުގެ އަތުގައި ހިފެހެއްޓިއެވެ. އަދި ރުޅިވެރިކަމާއެކު އަތްދަނޑިމަތީގައި އޮތް އަޒްޔާން ނަގަން އުޅުނެވެ.

''ނޫން... އަހަރެން ބާއްވަފާނަން...'' ހިތާއި ދެކޮޅަށް ވިޔަސް ޒައިނަބަށް ޖެހުނީ ޖައުފަރު ބުނިހެން ކަންތައް ކުރާށެވެ. އޭނަ ކުޑަ އެނދުގައި އަޒްޔާން ބާއްވަމުން އެނދުގެ ވަށައިގެންވި ބާލީސްތައް ރަގަޅުކޮށްލިއެވެ.

''ޒައިނަބު ބުނިހެން އަހަރެން ކަންތައްކޮށްދީފީމެއްނު، ދެން އޮތީ އަހަރެން ބޭނުންވާ ފަދައިން ކަންތައްކޮށްދިނުން...'' ފުރަގަހުން އައިސް ޒައިނަބާއި ގާތްވެލަމުން ޖައުފަރު ބުނެލިއެވެ. ރުޅިވެރިކަމާއެކު ޒައިނަބަށް ދަތްކުނޑިވިކާލެވުނުކަމުގައި ވިޔަސް އޭނައަށް ކުރެވޭނެކަމެއް ނެތެވެ. މިމުސީބާތުން އޭނަ ސަލާމަތްކޮށްދޭނެ މީހަކު ނެތެވެ. އޭނައަށް ހިމާޔަތާއި ރައްކާތެރިކަން ދިނުން ވާޖިބުވެފައިވާ މީހާ އޮތީ ޖަލުގައެވެ. ހާލުގައި ޖެހިފައިވި ހިނދު މައިންބަފައިންގެ ގާތަށް ދާނެ ހިތްވަރެއް ވެސް އޭނަގެ ނެތެވެ. ރަގަޅަށް ވިއްޔާ މިހާރު ނާއިލުގެ ޚަބަރު އޮންނާނީ މަންމަމެންގެ ކަންފަތާ ހަމައަށް ގޮސްފައެވެ. އެމީހުންގެ ސުވާލުތަކަށް ޖަވާބުދޭނެ ހިތްވަރެއް އޭނަގެ ނެތެވެ. ނުވީތާކަށް މަންމައާއި ކުރިމަތިލާކަށް ވެސް އޭނައަށް ނުކެރޭނެއެވެ. ހަމައެއާއެކު އޭނަގެ ދެމައިން ބެލޭނެ ތަނަވަސްކަމެއް ވެސް މަންމަމެންގެ ނުހުންނާނެއެވެ. އެމީހުނަށް ބުރައަކަށްވާކަށް އޭނަ ބޭނުމެއް ނުވެއެވެ.

މަޖުބޫރީގެ ޝިކާރައަކަށްވެ ޒައިނަބު އެންމެފަހުން ޖައުފަރުގެ ނުބައި ރޭވުންތަކުގެ ޝިކާރައަކަށްވެ ނިމިއްޖެއެވެ. ހަށިގަނޑުގެ ހަރަކާތްތައް ކެނޑިފައިވިއިރު އެދެލޮލުން ހޯސްލާފައި ކަރުނަތައް ފޭބިއެވެ. ޖައުފަރުގެ ކޮންމެ ބީހިލުމަކާއެކު އޭނަގެ ޖިސްމަށް ލިބެނީ ކެތްކުރަން ދަތި ވޭނެކެވެ. އަނިޔާވެރި ގޮތެއްގައި އޭނަގެ ރޫހު ހަށިގަނޑުން ދަމައިގެންފިނަމަވެސް މިހާރު އެހަށިގަނޑުގައި އަޅާވޭނަށްވުރެ ހާސްބައި ރަގަޅު ވީހެވެ. އޭނަގެ ނަފުސު ނުތާހިރުވެއްޖެކަމުގެ އިހުސާސްތަކާއެކު ޒައިނަބުގެ ހިތުން ލޭކަރުނަ އޮހޮރުނެވެ.

*****

ތިން ހަފްތާ ވަންދެން ޒައިނަބު ވެފައިވީ ޖައުފަރުގެ އެދުންވެރިކަމަށް ރާހަތުގެނެސްދޭ ބައިވެރިޔާއަށެވެ. އޭނަ ގޮވާލާ ކޮންމެ ފަހަރަކު ޖެހެނީ އިޖާބަދޭށެވެ. އެހެންނޫންމަ ގަދަބާރާއި އަނިޔާވެރިކަމުން ވެސް ޖައުފަރު އޭނަގެ ބޭނުންތައް ހާސިލުކުރެއެވެ. އަނިޔާވެރިކަމާއި ޝައިތާނީ ވަސްވާހުގެ ހައްދެއް ނެތެވެ. ވޭނާއި ހިތްދަތިކަމުގެ ދާނުގައި އެތައްހާސް މަރަކުން ޒައިނަބު މަރުވަމުން ދިޔަ އެވެ. ކުރިމަތިވެފައިވި މުސީބާތުން އޭނަ ސަލާމަތްކޮށްދެއްވުމަށް އެދި މާތްﷲގެ ހަޒުރަތުގައި ޒައިނަބު ދުޢާ ދެންނެވިއެވެ. އަނިޔާވެރިންގެ ވަކިތަކުން އޭނަ ސަލާމަތްކޮށްދެއްވުމަށް އެދިއެވެ. އޭނައާއި އޭނަގެ ދަރިފުޅު މިނަރަކައިން މުއްތިކޮށްދެއްވުމަށް އެދިއެވެ.

އުއްމީދު ގެއްލި އަނދިރިކަމުގެ ތެރޭގައި ބިކަހާލުގައި ޖެހުނު ވަގުތު ކުރިއަށް ދިއުމުގެ ހިތްވަރެއްކަމުގައި އަޒްޔާން ވިއެވެ. ބަލިކަށިވެ ހިތްފަޅައިގެންދާ ހިނދު އެދަރިފުޅުގެ ސޫރައިން އޭނަގެ ދިލަ ހިތަށް ފިނިކަމެއް ލިއްބައިދިނެވެ. ފަސޭހަވުމެއް ނެތް ހިތުގެ ފާރުތަކަށް އެލޯބި ހިނިތުންވުންތަކުން ވަގުތީ ޝިފާއެއް ހޯދައިދިނެވެ.

*****

ދުވަސްތައް ފާއިތުވަމުން ގޮސް ޒައިނަބުގެ މަތިން ޖައުފަރުގެ ހިތްކެނޑެން ފެށިއެވެ. އޭނަގެ ބޭނުންތައް ފުދި ފޫހިކަމެއް އިހުސާސްކުރެވެން ފެށުނެވެ. ޒައިނަބުގެ ގާތުން އޭނައަށް އުފާލިބޭ ހާލު ހަޤީޤީ ހިތްހަމަޖެހުމެއް އޭނައަށް ހާސިލެއް ނުކުރެވެއެވެ. އެއީ ޖައުފަރުގެ ވަކިތަކާއި މަޖުބޫރުގެ ހިލިހިލާތަކުން ޒައިނަބު މިންޖުވުމުގެ ފެށުންކަމުގައި ވިއެވެ. ނަމަވެސް އިމްތިހާނުތަކަށް ނިމުމެއް ނައެވެ. އެކަށީގެންވާ ވަރަށް ހެކި ނުލިބުމުން ނާއިލު ޖަލުން ދޫކޮށްލެވުނު ހިސާބުން އިތުރު ތޫފާނުތަކާ ކުރިމަތިލާން ޖެހުނެވެ. ރުޅިގަދަ ނާއިލުގެ އަނިޔާތަކަށް ވެސް ކެތްކުރަން ޖެހުނީއެވެ. އެއް އަނދަވަޅުން އަރައި ނުގަނަވެނީސް އަނެއް އަނދަވަޅުގެ އަނދިރީގެ ތެރެއަށް އޭނަ ވެއްޓުނީއެވެ. ވަރިވެގެން ދާން އުޅެފައި ވެސް އެޚިޔާލު ދޫކޮށްލަން ޖެހުނީ ނިކަމެތި މަންމައަށް ބުރައަކަށްވާން ނޭދޭތީއެވެ. އެމީހުނަށް އޭނަގެ ހާލު އެނގިއްޖެނަމަ އިތުރު ތަކުލީފުތަކެއް ލިބޭނެއެވެ. ޢާއިލާއާ ގުޅުން ކަނޑާލަން އޭނައަށް ޖެހުނީ އެސަބަބާ ހުރެއެވެ.

ނާއިލު ބަންދުން ދޫކޮށްލި ދުވަހުން ފެށިގެން ޖައުފަރުގެ ޚަބަރެއް ވެސް ނުވިއެވެ. އެކަމާ ހުރެ ޒައިނަބަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެއަނިޔާވެރިޔާ ދިޔައީ އޭނަގެ އުފާވެރިކަމުގައި ހުޅުޖަހާލާފައެވެ. ހުރިހާ އުއްމީދެއް ފޭރިގަތުމަށްފަހުގައެވެ. އޭނަގެ ލޯބިވާ ފިރިމީހާ ހަލާކުގެ ތެރެއަށް ވައްޓާލާފައެވެ. އޭނަގެ ހަމަޖެހުންނަގާލާފައެވެ. ތޫފާންއަލިވިއިރު އޭނަގެ ދިރިއުޅުން އޮތީ ބޮއްސުންލައިނިމިފައެވެ. އެތޫފާނުގެ ގެއްލުންތައް ދުވަހަކު އިއާދަކުރެވޭނެކަމެއް ނޭގެއެވެ.

*****

ދުވަސްތައް ފާއިތުވަމުން ދިޔަ އެވެ. ޒައިނަބުގެ ހަޔާތަށް އިރުއަރައި އޮއްސެނީ ނާއުއްމީދުން ފުރިގެންވި ބަނަކަމަކާއެކުގައެވެ. އަހަރުތަކެއް ވެދިޔަ އިރު ވެސް އޭނައަށް ނާއިލުގެ އަނިޔާވެރިކަމުން މިންޖެއް ނުވެވުނެވެ. ނުވީތާކަށް އޭނަގެ ލޮލުގެ ކޮއި ފަދައިން ބަލާ ބޮޑުކުރި ދަރިފުޅަށް ވެސް ނާއިލުގެ އަނިޔާތައް އަމާޒުވާން ފެށިއެވެ. ބޮޑުވަމުން އައި އަޒްޔާނަށް ގޭތެރޭގައި ހިނގާ ހުރިހާކަމެއް އެނގި ފަހުމުވާން ފެށިއެވެ. މަންމައަށް ލިބޭ އަނިޔާތަކުން އޭނަގެ ހިތުގައި ބައްޕައާމެދުވީ ސާފު ނަފުރަތެވެ.

*****

އަހަރުތަކެއް ވަންދެން ދިގުދެމިގެން އައި ސިއްރުތަކުގެ ސިލްސިލާއަށް ނިމުން އައީ ނާއިލާއި ޒައިނަބާއި ދެމެދު ހިނގި ޒުވާބަކަށް ފަހު ފުރާނައަށް ގެއްލުންވާ ފަދަ އަނިޔާތަކުގެ ޝިކާރައަކަށް ޒައިނަބުވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނު ހިސާބުންނެވެ. މާލޭގައި ފަތުއަޑު ކިޔާފައި އެޚަބަރު ފެތުރުނެވެ. ނޫސްތަކުގެ ފަލަ ސުރުޚީތަކަށް ވެސް އެރިއެވެ. މައްސަލަ ތަހުޤީޤު ކުރެވި ނާއިލު ހައްޔަރު ކުރެވުނެވެ. ގެވެށިއަނިޔާއާއި މަސްތުވާތަކެތި ބޭނުންކުރުމާއި މުޢާމަލާތްކުރުމުގެ ކުށް އޭނަގެ މައްޗަށް ސާބިތުވެ ޖަލަށް ލެވުނެވެ.

ޝީރީނަށް އޭނަގެ ދައްތަގެ ހާލު ފެނި އެދެލޮލުން ކަރުނަ ނީރާލިއެވެ. ޒައިނަބުގެ މޫނާއި ލޯ ދުޅަވެ ނޫފައިގެންފައި ވިއިރު އަތުގައި އޮތީ ޕްލާސްޓަރު އަޅާފައެވެ. ހަށިގަނޑުގެ އެކިތަންތަނަށް ލިބިފައިވި ޒަހަމްތަކުގައި ވަނީ މަލަން އެޅިފައެވެ. ޒައިނަބު ގާތުގައި އިށީންނަމުން ޝީރީން އޭނަގެ ލޮލުން ފައިބަމުން އައި ކަރުނަތައް ފޮހެލިއެވެ. އަދި ކެނިއުލާރ ގުޅާފައި އޮތް ޒައިނަބުގެ އަތުގައި މަޑުމަޑުން ހިފާލިއެވެ.

ނިދީގައި އޮތް ޒައިނަބު ލަސްލަހުން ލޯހުޅުވާލަން މަސައްކަތްކުރިއެވެ. ނަމަވެސް އޭނައަށް ހަރަކާތްކޮށްލެވުނީ ކަނާތު ލޮލުގެ އެސްފިޔަތަކެވެ. ވައަތު ލޮލުގައި އުފެދިފައިވާ ތަދާއެކު އޭނަގެ ދުލުކުރިން އާހެއްގެ އަޑު ނިކުތެވެ. ބޮލަށް ބަރުވެފައިވާކަން ވެސް އޭނައަށް އިހުސާސްކުރެވެން އިރުކޮޅެއް ނެގިއެވެ. ލަސްލަހުން މާހައުލަށް ހޭނެން ފެށުމާއެކު އޭނައަށް ފުރަތަމަ ވެސް ނަންގަނެވުނީ އަޒްޔާނެވެ. އޭރު އޭނަގެ ސިކުނޑީގައި ކުރީ ރޭ ހިނގި ހާދިސާގެ މަންޒަރުތައް ސިފަވާން ފެށިއެވެ. އެރޭ އަޒްޔާން އޭނަގެ ދިފާއުގައި ނުތެދުވުނަމަ އޭނަގެ ފުރާނަ ހަށިގަނޑާއި ވަކިވީހެވެ.

''ޒައިނަބު... ހަމަޖެހިބަލަ، އަޒްޔާން ރަގަޅޭ، މަންމައާއެކު ބޭރުގައި ހުރީ...'' ކުއްލިއަކަށް ތެދުވާން އުޅުނު ޒައިނަބާއި ޝީރީން ވާހަކަދެއްކިއެވެ. ގާތުގައި އިނީ ކާކުކަން ވެސް ނަގައިގަންނަން ޒައިނަބަށް ވަގުތު ނެގިއެވެ. އެއާއެކު އޭނަގެ ލޮލުން ކަރުނަ ފާޅުވިއެވެ. އޭނައާއި ޝީރީން އެބައްދަލުވީ ހާދަ ގިނަ ދުވަހަކަށް ފަހުގައި ހެއްޔެވެ؟ ހިތުގައި އުތުރިއަރައިގަތް ޖަޒުބާތުތަކާއެކު ޒައިނަބަށް ގިސްލެވުނެވެ. އޭނަ ވާހަކަދައްކަން ބޭނުންވިކަމުގައި ވިޔަސް ކަރުގައި އުފެދިފައިވާ ތަދުގެ ސަބަބުން އެކަން ފަސޭހަ ކަމަކަށް ނުވިއެވެ.

''ހަމަޖެހިބަލަ، އަހަންނަށް އެނގޭ ދޮންތަ ވާހަކަދައްކަން ބޭނުންވާކަން، އެކަމަކު ކަރަށް ލިބިފައިވާ އަނިޔާތަކުން ވޭން ތިއަޅަނީ... ޑޮކްޓަރު އޮތީ ބުނެފަ ފަސޭހަވާން ދުވަސް ނަގާނެޔޭ...'' ޒައިނަބަށް ވާހަކަ ދެއްކުމުގައި ކުރިމަތިވެފައިވާ އުނދަގޫތަކަށް ޝީރީން އަލިއަޅުވާލަދިނެވެ. ފުންނޭވާތަކެއް ދޫކޮށްލި ޒައިނަބު ނަޒަރު ޝީރީންގެ މޫނަށް ހުއްޓުނެވެ. އޭނައަށް ފެނުނު ހިތާމައިގެ އަސަރުތަކުން އެހިތަށް އަަަސަރުކުރިއެވެ. ޢާއިލާގެ މެންބަރުންނާއި ގުޅުން ކަނޑާނުލެވުނުނަމައެވެ. އެހެންނޫންނަމަ މިހާ ހިސާބަށް ހާލަތު ނުދިޔައީހެވެ. ނަމަވެސް ކޮންމެ ފަހަރަކު އޭނައަށް ވިސްނެނީ ވަގުތު ފާއިތުވެ ނިމޭ ފަހުންނެވެ.

''ކީއްވެތަ ހުރިހާކަމެއް ސިއްރުކުރީ؟... އަހަންނާއި މަންމައަށް ނާއިލު މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރުކުރެވުނުކަން އެނގުމާއެކު ޒައިނަބަށް ގުޅަން މަސައްކަތްކުރީން، އެކަމަކު އަލިމަގެއް ނުފެނުނު، އެންމެފަހުން މާލެ އައިސްގެން ވެސް އުޅޭ ގެއަށް ދިޔައިން، އެގެއަށް ދިއުމުން އެނގުނީ ކުލި ބޮޑޭ ކިޔާފަ އެހެން ތަނަކަށް ބަދަލުވިކަން، އެއަށްފަހު އެނބުރި ރަށަށް ދާން ޖެހުނީ ހުސް އަތާ... އަހަރެން ކައިވެނިކޮށްގެން މިކޮޅަށް ބަދަލުވިފަހުން ވެސް ޒައިނަބު ހޯދަން މަސައްކަތްކުރީން... އެނގޭތަ އަހަރުމެންނާ އޮތް ގުޅުން ކަނޑާލުމުން މަންމަ ހިތާމަކުރިވަރު، އެކަމާ ހުރެ މަންމަގެ ސިއްހީ ހާލަތު ދަށަށް ދާން ފެށުމުން ގޮވައިގެން އިންޑިޔާއަށް ވެސް ދާން ޖެހުނު....... އެކަންތަކުން އަރައިނުގަނެވެނީސް މިޚަބަރު ލިބުނީ... ކީއްވެގެންތަ ނާއިލުގެ ކަންތައްތައް އެހާ ހިސާބަށް ދިޔައިރު އަހަރުމެންނަށް ނޭންގީ؟، އެންމެ ކުޑަމިނުން ކަމާ ބެހޭ ފަރާތަށް ވެސް އެންގުނީހެއްނު؟... އަހަރެން ހީކުރީ އެނާއިލަކީ ރަގަޅު މީހެއްކަމަށް، އެކަމަކު މިހާރުތާ އޭނަގެ ނުލަފާކަން މިއެނގުނީ....'' ޝީރީން ޝަކުވާ ކުރިއެވެ. އޭނަގެ ވާހަކަތަކުން ޒައިނަބަށް އިތުރަށް އަސަރުކޮށް ރޮވުނެވެ.

*****

މައްސަރެއް ވަންދެން ހޮސްޕިޓަލުގައި ބޭއްމަށްފަހު ޒައިނަބު ދޫކޮށްލެވުނެވެ. އޭރު އޭނަގެ ހާލު ކުރިއަށްވުރެ ރަގަޅެވެ. ދުވަސްތަކަކަށް ދެމިގެން ދިޔަ ޝީރީންގެ ސުވާލުތަކަށް ޒައިނަބަށް ޖަވާބު ދޭން މަޖުބޫރުވީ އެވާހަކަތައް ހިއްސާކުރެވުމުން އޭނަގެ ހިތަށް ކުޑަ ލުޔެއް ލިބިދާނެކަމުގެ އުއްމީދުގައެވެ. ޒައިނަބުގެ މާޒީ ކަނުލާ އަޑުއަހަން ހުރި ޝީރީނަށް ޝޮކެއް ލިބި އޭނަގެ ދެލޯ ބޮޑުވިއެވެ. ރުޅިވެރިކަން ވެސް އެހިތުގައި އުފެދުނެވެ. އޭނަ ބޭނުންވީ ޒައިނަބަށް ޖެއްސި ހާލާ މެދު ޖައުފަރުގެ ފަރާތުން ބަދަލު ހިފާށެވެ. އެ ޝައިތާނާއަށް ފިލާވަޅެއް ދޭށެވެ.

''އަހަރެން ބޭނުމީ އެހުރިހާކަމެއް ހަނދާން ނައްތާލަން، މިއިން އެއްވެސް ކަމެއް އިތުރު ފަރާތަކަށް އެނގުން މުހިންމެއް ނޫން... ޝީރީން، އަހަންނަށް ވަޢުދުވޭ މިކަންތައް ސިއްރުކޮށްދޭނަންކަމަށް، އަޒްޔާނަށް މިކަންތައް ސިއްރުކުރަން އަހަރެން ބޭނުން....'' އާދޭހާއެކު ޒައިނަބު ބުނެލިއެވެ. ދެބެއިން ވާހަކައިގައި ތިއްބާ ބާރު އަޑުފަށްގަނޑައަކާއެކު އެއްޗެއް ބިމަށް ވެއްޓުނު އަޑަށް ސިހުން ލިބުނެވެ. އަވަސްއަވަހަށް ފަސްއެނބުރި ބަލައިލުމާއެކު ދެލޯ ބޮޑުވެ މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ.

''މަންމާ!!!...'' ބިންމައްޗަށް ވެއްޓިފައި އޮތް މަންމަ ފެނުމާއެކު ޝީރީނަށް ބާރަށް ރޮއިގަނެވުނެވެ. ތެޅިފޮޅެމުން އޭނައަށް މަންމަގެ ގާތަށް ދެވުނެވެ. ބިންގަނޑުމައްޗަށް ފޭދިފައި ހުރި ލޭގެ ސަބަބުން ޝީރީންގެ ހިތް ބިރުވެރިކަމުން ވަށާލިއެވެ. އޭނައަށް މަންމަގެ ގާތަށް ތިރިވެވުނީ ރޮމުންނެވެ. ފަހަތުން އައި ޒައިނަބަށް ވެސް ބާރަށް ރޮވިއްޖެއެވެ.

ކޮމެންޓް 0