''އަހަރެން ބޭނުމީ އެހުރިހާކަމެއް ހަނދާން ނައްތާލަން، މިއިން އެއްވެސް ކަމެއް އިތުރު ފަރާތަކަށް އެނގުން މުހިންމެއް ނޫން... ޝީރީން، އަހަންނަށް ވަޢުދުވޭ މިކަންތައް ސިއްރުކޮށްދޭނަންކަމަށް، އަޒްޔާނަށް މިކަންތައް ސިއްރުކުރަން އަހަރެން ބޭނުން....'' އާދޭހާއެކު ޒައިނަބު ބުނެލިއެވެ. ދެބެއިން ވާހަކައިގައި ތިއްބާ ބާރު އަޑުފަށްގަނޑައަކާއެކު އެއްޗެއް ބިމަށް ވެއްޓުނު އަޑަށް ސިހުން ލިބުނެވެ. އަވަސްއަވަހަށް ފަސްއެނބުރި ބަލައިލުމާއެކު ދެލޯ ބޮޑުވެ މޭގަނޑު އަނގަޔަށް އަންނަވަރުވިއެވެ.

''މަންމާ!!!...'' ބިންމައްޗަށް ވެއްޓިފައި އޮތް މަންމަ ފެނުމާއެކު ޝީރީނަށް ބާރަށް ރޮއިގަނެވުނެވެ. ތެޅިފޮޅެމުން އޭނައަށް މަންމަގެ ގާތަށް ދެވުނެވެ. ބިންގަނޑުމައްޗަށް ފޭދިފައި ހުރި ލޭގެ ސަބަބުން ޝީރީންގެ ހިތް ބިރުވެރިކަމުން ވަށާލިއެވެ. އޭނައަށް މަންމަގެ ގާތަށް ތިރިވެވުނީ ރޮމުންނެވެ. ފަހަތުން އައި ޒައިނަބަށް ވެސް ބާރަށް ރޮވިއްޖެއެވެ.

މަންމައަށް އެމީހުން ދެއްކިހާ ވާހަކައެއް އަޑު އިވިއްޖެކަމުގެ ނަތީޖާ ޒައިނަބަށް ލޯކުރިމަތިން ފެނުނެވެ. އޭނައަށް ވެސް ޝީރީން ފަދައިން ކުޑަކަކޫ މައްޗަށް ތިރިވެވުނީ ގިސްލަމުންނެވެ.

ކުއްލި ހާލަތުގައި ހޮސްޕިޓަލަށް ގެންދެވުނު ކަމުގައި ވިޔަސް ޒައިނަބުގެ މަންމަގެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. އަވަސްފަރުވާދޭ ކޮޓަރިއަށް ވެއްދިތާ އިރުކޮޅެއް ފަހުން ނެރެނު ފުރާނަ ނެތް މަސްގަނޑާއެކު ކޮންމެ މީހަކަށްމެ ޝޮކެއް ލިބުނެވެ.

މަންމަގެ މަރުގެ ޚަބަރު ލިބުމާއެކު ޝީރީނަށް ބާރަށް ރޮއިގަނެވުނެވެ. އޭރު ހުއްޓުން އަރާފައި ހުރި ޒައިނަބުގެ ލޮލުގެ ތެރޭގައި ކަރުނަތައް ބޮޑިވަމުން އައެވެ. ޑޮކްޓަރު ބުނެލި ފަހު ޖުމްލަ އެކަންފަތުގައި ގުގުމަމުން ދިޔައީ ހޮނުގުގުރީގެ ސިފައިގައެވެ. ހިތާމައިގެ ބިޔަ ތޫފާން ހިލިގެން އައި ހިނދު އޭނަގެ ދުލުން ވޭނީ އާހެއްގެ އަޑު ނިކުތެވެ. ހުރިހާ ހިތާމަތަކެއް ލުއިވެއްޖެކަމަށް އުއްމީދު ކުރެވުނު ވަގުތު އައިސް ބިންދާލި ތޫފާނީ އުސް ރާޅުތަކުގެ ތެރޭގައި އޭނަގެ ހަމަޖެހުން ޢަރަޤުވެގެން ދިޔަ އެވެ. ތަޤުދީރުގެ ނިޔާއާއި މެދު ޒައިނަބަށް ޝަކުވާކުރެވުނެވެ. ހިތާމަޔަކަށް ފަހު ހިތާމަޔެއް އޭނައަށް ލިބެނީ ފަހެ ކީއްވެގެން ހެއްޔެވެ؟ އޭނަގެ ނަސީބުގައި އެނޫން އެއްޗެއް ނެތީ ހެއްޔެވެ؟ އެތައް ދުވަހަކަށް ފަހު މަންމަގެ އޯގާތެރި ފިރުމުންތަކާއި ލޯބި ލިބި ހިތުގެ ޒަހަމްތަކާއި އުދާސްތަކަށް ލުއިކަމެއް ލިބިފައިވަނިކޮށް މިވީ ކިހިނެއް ހެއްޔެވެ؟ ދިރިއުޅުން އާރާސްތުވާނެކަމަށް ހީކުރެވުނު ތަނާ ލައިމިގަތީ ކޮންފަދަ މުސީބާތެއް ހެއްޔެވެ؟ އޭނަގެ ވޭނީ ފަސާނާއަށް ކެތްކުރަން ދަތިވެ މަންމަ މިދުނިޔެ ދޫކޮށް ދިޔައީއެވެ. އެވަގުތު ކުށްވެރި އިހުސާސްތަކުން ޒައިނަބަށް އިތުރަށް ސަޒާ ދިނެވެ. އޭނަގެ މާޒީ ސިއްރުކުރެވުނުނަމަ މިހެން ކަންތައް ނުވީހެވެ. މަންމަ މަރުގެ ތުންފަތް މައްޗަށް ފޮނުވާލީ އޭނަގެ ހިތި މާޒީ އެވެ.

މޭގެ ތެރޭގައި އުފެދެމުން އައި ތަދާއެކު ތުރުތުރުއަޅަމުން އައި ޒައިނަބުގެ ތުންފަތް ފޫއަޅުވާލާފައި ވޭނީ ގިސްލުމުގެ އަޑު ނިކުތެވެ. ކޮއްކޮއަށް ހިތްވަރުލައިދޭން ބޭނުންވިކަމުގައި ވިޔަސް އޭނަ ހުރި ހާލަތުގެ ސަބަބުން އެކަމަށް ވެސް ނުކުޅެދުނެވެ. ޚުދު އޭނަ ވެސް އެވަނީ މީހެއްގެ މަދަދަށް ބޭނުންވެފައެވެ.

.......................................................................................................

އިޝާ ނަމާދުގެ ފަހުގައި ޖަނާޒާގެ ކަންތައް ނިމި ގެއަށް އާދެވުނު އިރު ކޮންމެ މީހެއްގެ ލޮލުގައި ވެސް ވަނީ ކަރުނައެވެ. އިންޒާރު ދިނުމެއް ނެތި ކުރިމަތިވި ހިތާމައިން އަރައިގަންނަން ދުވަސްތައް ނަގާނެކަން ގައިމެވެ. ގެއަށް ވަދެވުމާއެކު ޒައިނަބު ބޭނުންވީ އެކަނި ވެލުމަށެވެ. ހިތްފުރެން ދެން ރޯލުމަށެވެ.

''މިއަދު މަންމަގެ މަރުވެގެން ދިޔައީ އަހަރެންގެ ސަބަބުން، ހުރިހާކަމެއް ސިއްރުކުރެވުނުނަމަ މިހެން ކަންތައް ނުވީސް، އަހަރެން މީ ޤާތިލެއް... ޤާތިލެއް... މަންމަގެ ޤާތިލު....'' އެކަނިވެރިކަމާއި ކުށްވެރިކަމުގެ އިހުސާސްތައް އައިސް ޒައިނަބު ވަށާލައި ހާސްކުރަން ފެށުމާއެކު ޝައިތާނީ ވަސްވާސްތަކުން އޭނަގެ ވިސްނުން ކިލަނބުވާން ފެށިއެވެ. ބަރުދާސްތުކުރަމުން އައި ވޭނުން ސަލާމަތްވާން އޮތް ފަސޭހަ މަގު އެނުބައި ވަސްވާސްތަކުން އޭނައަށް ދައްކައިދިނެވެ. އެމަގުން ދެވެން އޮތް ހަމައެކަނި ގޮތަކީ އަމިއްލަ ފުރާނައިން އަގުދައްކައިގެންނެވެ. ފާފައެއްކަމުގައި ވިޔަސް ހިތުގެ ކެކުޅުންތަކުން މިންޖުވާން އޭނަ އިންތިހާއަށް ބޭނުން ވިއެވެ.

ކަރަށް ދަންމަޅި މަހާލަން ތައްޔާރުވެލި ހިނދު ޒައިނަބުގެ ހަތަރެސްފައިގައި ކަސްތޮޅު އެޅުވީ އަޒްޔާންގެ ޚިޔާލުތަކުންނެވެ. އޭނަގެ ވަކިވެ ދިއުމުން އެދަރިފުޅަށް ލިބޭނެ ނިކަމެތިކަމާއި ހިތާމަތަކުން އޭނަގެ ވިސްނުން ބަދަލުކުރަން މަޖުބޫރު ވިއެވެ. އަޒްޔާނަށް ދެރައެއް ލިބޭކަށް އޭނަގެ ހިތެއް ދުވަހަކު ނޭދޭނެއެވެ. ހަމައެއާއެކު ކުފުރު މަރަކުން މަރުވުމުން ދެދުނިވެސް އޭނައަށް ގެއްލި ހަލާކުގެ ތެރެއަށް ނަފުސު ވެއްޓިގެން ދިއުން ނޫންކަމެއް ނުވާނެއެވެ. ހިތުގައިވި އީމާންކަމުގެ ކުޑަ އަލިކަމާއެކު ޒައިނަބުގެ ވިސްނުން ބަދަލުކުރުވިއެވެ. އެއީ އޭނަ މިވަގުތީ ގޯއްޗާ މެދު ދެކެމުން އައި ނަޒަރިއްޔާތު ބަދަލުކޮށްލި ދަނޑިވަޅެވެ. ދިރިހުރުމުގެ އަޒުމެއްކަމުގައި ފެނުނީ ލޯބިވާ ދަރިފުޅު އަޒްޔާނެވެ. އެއީ ހިތާމައިގެ ތެރޭން އޭނައަށް ލިބިފައިވި ހަމައެކަނި އުފަލެވެ. ހިތްހަމަޖެހުމެވެ.

*****

އަހަރުތައް ފާއިތުވެ ޒައިނަބު އޭނަގެ އަނދިރި މާޒީ ހަނދާން ނައްތާލަން ކުރި މަސައްކަތަަށް އެދެވޭ ފަދަ ކުރިއެރުމެއް ލިބުނެވެ. މުޅިން އައު އުއްމީދުތަކާއެކު ކުރިއަށް ދިއުމަށް އޭނަގެ ހިތްވަރެއް ކަމުގައިވީ އަޒްޔާނެވެ. އެދަރިފުޅަށް ރަގަޅު މުސްތަޤުބަލެއް ހޯދައިދޭން އޭނަ ބޭނުންވާތީއެވެ. އުފާތަކުން އޭނަ މަހުރޫމުވިކަމުގައި ވިޔަސް އެދަރިފުޅަށް ދުނިޔޭގެ ހުރިހާ އުފަލެއް ލިބުމަށް އެދެވޭތީއެވެ. އަޒްޔާނަށް ޓަކައި އޭނަ ކޮންމެ ފަދަ ޤުރުބާނީއެއް ވެސް ވެދާނެއެވެ.

*****

''ޒައިނަބު!...''

ޚިޔާލުތަކުގެ ފުން ކަނޑުގެ ގަދަ އޮއެގެ ތެރޭގައި ބެހެމުން ދިޔަ ނަފުސު ހޭލައްވާލީ ޝީރީންގެ އަޑުންނެވެ. ޒައިނަބަށް ވަށައިގެންވި މާހައުލަށް ސަމާލުކަން ދެވެން އިރުކޮޅެއް ނެގިއެވެެ. ކަންބޮޑުވެފައި ހުރި ޝީރީން ނަރުސް ކުއްޖަކަށް ގޮވާ އަޑު އޭނަގެ ކަންފަތާއި ހަމައަށް ވެސް ފޯރީ ދެނެވެ. އޭނަގެ ނޭވާތައް ފުންވެ ހިތުގެ ތެޅުން ބާރުވެފައިވާކަން ޒައިނަބަށް އިހުސާސްކުރެވުނީ ދެނެވެ. ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން ހާސްވެފައި ހުރި ޝީރީންގެ އަތުގައި އޭނައަށް ހިފާލެވުނެވެ. ވާހަކަދައްކަން ބޭނުންވިކަމުގައި ވިޔަސް އޭނަގެ ދޫ އެކަމަށް އެއްބާރުލުމެއް ނުދިނެވެ. އޭރު އޭނަގެ ހިތަށް ބިރުވެރިކަން ސަވާރުވެފައި ވިއެވެ. އޭނައަށް ކަމެއް ވާން އުޅޭކަމުގެ އިންޒާރުތަކާއެކުގަ އެވެ.

*****

ކާކޮޓަރީގައި އުޅުނު ބަތޫލް އަތްމަތި އަވަސްކޮށްލަމުން ރޭގަނޑުގެ ކެއުމަށް ސުފުރާމަތި ތައްޔާރުކޮށްލިއެވެ. އަދި އައިސްއަލަމާރިން ފެން ފުޅިއެއް ނަގަމުން އަޒްޔާނަށް ގޮވާލިއެވެ. ދެތިން ފަހަރު ގޮވާލުމުން ވެސް ޚަބަރެއް ނުވުމުން އޭނައަށް ހައިރާންކަން ލިބުނެވެ. އަތުގައި އޮތް ފެންފުޅި ކާމޭޒުމަތީ ބަހައްޓަމުން ބަތޫލް ކާކޮޓަރިން ނުކުމެ ބޮޑުކޮޓަރިއަށް އަވަސް ނަޒަރެއް ދިން ތަނާ ސޯފާގެ ތެރެއަށް ހަށިގަނޑު ދޫކޮށްލައިގެން އޮތް އަޒްޔާން ފެނުނެވެ. ދެލޯމަރާލައިގެން އޮތް އިރު އެމޫނުމަތިން ވަރުބަލިކަން ފާޅުވެއެވެ.

ބަތޫލް ސޯފާއާއި އަރާހަމަކޮށްލަމުން އަޒްޔާނަށް ގޮވަން އުޅެފައި ވެސް އޭނަގެ ޚިޔާލު ބަދަލުކޮށްލިއެވެ. މަންމަގެ ސިއްހީ ހާލަތުގެ ސަބަބުން ފާއިތުވި ދުވަސްތަކުގައި އަޒްޔާނަށް ހަމަނިދި ލިބިފަކާ ނެތެވެ. ކައިބޮއެ ހަދަނީ ވެސް އާދޭސްކޮށްގެންނެވެ. އޭގެ ނޭދެވޭ އަސަރު އަޒްޔާންގެ ފަރާތުން ފެނެއެވެ. މޫނުމަތި މިލާފައި ވާއިރު އަބަދުމެ ހުންނަނީ ވަރުބަލިވެފައެވެ. އަޒްޔާނަށް އުނދަގޫކުރަން ބޭނުންނުވާތީ ބަތޫލް ސޯފާގައި އިށީނީ ނިކަން ފަރުވާތެރިކަމާއެކުގައެވެ. ދުވަސްތަކަކަށްފަހު އަޒްޔާންގެ މޫނުން ހަމަޖެހުމުގެ ކުލަވަރުތައް ފެނި ބަތޫލްގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. މިއުދާސީ ދުވަސްތައް އަވަހަށް ވޭތުވުމަށް އެދެވުނެވެ. އޭރުން އޭނަގެ ލާނެއް އަދި ސާމާސާ އަޒްޔާން އޭނައަށް އަނބުރާ ލިބޭނެއެވެ.

''އިރާދަކުރެއްވިއްޔާ މަންމަ ވަރަށް އަވަހަށް ރަގަޅުވާނެ، އޭރުން ހުރިހާ ކަމެއް ވެސް ރަގަޅުވާނެ، އިންޝާﷲ...'' ބަތޫލްއަށް ބުނެވުނެވެ. އަދި އަޒްޔާންއާއި ގާތްވެލަމުން އެތަނަވަސް ނިއްކުރީގައި ބޮސްދިނެވެ. ބަތޫލްގެ ތުންފަތުގެ ބީހިލުމާއެކު ނިދީގެ ތެރެއަށް ފީނައިނުގަނެވިފައިވި އަޒްޔާނަށް ކުއްލިއަކަށް ލޯހުޅުވާލެވުނެވެ. އަޒްޔާންގެ އެ ހަރަކާތުން ސިހިގެން ދިޔަ ބަތޫލްއަށް އަވަސްއަވަހަށް އަޒްޔާނާއި ދުރަށް ޖެހިލެވުނެވެ. އޭނައަށް ކުރެވުނު ކަންތަކުގެ ސަބަބުން އަޒްޔާންގެ ނިންޖަށް ހުރަސް އެޅުމުން ބަތޫލް ދެރަ ވިއެވެ.

''ސޮރީ...'' ބަތޫލް މަޢާފަށް އެދެމުން ސޯފާއިން ތެދުވާން ދިމާކޮށްލި ތަނާ އަޒްޔާން ބަތޫލްގެ އަތުގައި ހިފެހެއްޓިއެވެ. އަޒްޔާން ވާހަކަ ނުދެއްކިކަމުގައި ވިޔަސް އެދެލޮލުގައިވި ޝުޢޫރުތަކުން އަޒްޔާން ބުނަން ބޭނުންވި ވާހަކަތައް ބަތޫލްއަށް ވިސްނައިގަނެވުނެވެ.

ބަތޫލް ސޯފާގައި އިށީނުމާއެކު އަޒްޔާން ބަތޫލްގެ އުނގުގައި ބޯއަޅާލަމުން ލޯމަރާލިއެވެ. ބަތޫލް ލޯތްބާއެކު އަޒްޔާންގެ ބޮލުގައި ފިރުމަން ފެށިއެވެ. އެއިން ކޮންމެ ބީހިލުމަކާއެކުގައި އަޒްޔާންގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ. ފުންނޭވާތަކެއް ދޫކޮށްލަމުން އަޒްޔާން އޭނަގެ ދެއަތް ބަތޫލްގެ އުނަގަނޑުގައި އަޅުވާލިއެވެ. ފާޅުނުކުރިކަމުގައި ވިޔަސް މަންމަގެ ސިއްހަތާމެދު އަޒްޔާން ކަންބޮޑުވެ ބިރުގެންފައިވާ މިންވަރު ބަތޫލްއަށް އިހުސާސްކުރެވުނެވެ.

''ޒޭން، އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ވެސް ރަގަޅުވާނެ...'' ބަތޫލް މަސައްކަތްކުރީ އަޒްޔާނަށް ހިތްވަރުލައިދޭށެވެ. އުއްމީދު އާލާކޮށްދޭށެވެ. ނަމަވެސް ޑޮކްޓަރުން ހިއްސާކޮށްފައިވާ ވާހަތަކުން ޚުދު އޭނަގެ ހިތް ވެސް ވީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އުއްމީދު ކަނޑާލަން ބޭނުންނުވިކަމުގައި ޑޮކްޓަރުންގެ ފަހު ބަސްތަކުން ބިރުވެރިކަން ހިތާއި ވަތްކެއް ނުވެއެވެ. އަޒްޔާން ވެސް އެވިސްނަނީ އެކަންތަކާއި މެދުގައިކަން އޭނައަށް އެނގެއެވެ. ހިއްސާނުކުރިމުގައި ވިޔަސް އެމޫނުގައި ލިޔެވިފައިވި ވާހަކަތައް އޭނައަށް ނުހަނު ފަސޭހައިން ތަރުޖަމާ ކުރެވުނެވެ.

ހިމޭންކަމުގެ ތެރޭގައި އެތައް މިނެޓެއް ފާއިތުވެގެން ދިޔަ އެވެ. ބަތޫލްގެ އުނގުތެރޭގައި އަޒްޔާނަށް ނިދިފައި އޮތް އިރު އެމޫނުން ނަޒަރު ވަކިކޮށްލާ ހިތެއް ބަތޫލް ނުވިއެވެ. އެރީތި ސޫރައިން އޭނަގެ ހިތަށް ފިނިކަމެއް ގެނެސްދީފައި ވިއެވެ. ކުޑަހިނދުކޮޅަކަށް ވިޔަސް ދުނިޔޭ އުސޫލުތައް މަތިން އޭނަ ހަނދާންނެތިފައިވާ ކަލަހައެވެ. އެވަގުތުކޮޅު އިތުރަށް ދިގުވުމަށް އެދެވުނު ތަނާ މުޅި މާހައުލުގެ ހިމޭންކަން ނަގާލީ އަޒްޔާންގެ ފޯނުގެ ރިންގުގެ އަޑަށެވެ. ބަތޫލް އެކޭ އެއްފަދައިން އަޒްޔާން ވެސް ދިޔައީ ސިއްސައިގެންނެވެ. އޭނަ އަވަސްއަވަހަށް ޖިންސުގެ ޖީބުގައި އޮތް ފޯނު ނަގައި އޭގެ ސްކްރީނަށް ނަޒަރު ހިންގާލިއެވެ. އެއާއެކު އޭނައަށް ނުތަނަވަސްކަން ލިބިގެން ދިޔަ އެވެ.

''ކާކުތަ؟...'' އަޒްޔާނަށް ބަލާލަމުން ބަތޫލް ސުވާލުކޮށްލިއެވެ.

''ބޮޑުދައިތަ...''

އަޒްޔާން އޭނަގެ ހަށިގަނޑު ސީދާކޮށްލަމުން ސޯފާގައި ހަމަޖެހިލިއެވެ. އަދި ފޯނުނަގައި ކަންފަތުގައި ޖައްސާލީ އަވަސްވެފައިވި ހިތަކާއެކުގައެވެ. އަޒްޔާނަށް އެއްޗެއް ނުބުނެވެނީސް އެކޮޅުން އިވުނީ ޝީރީންގެ ރުއިމުގެ އަޑެވެ. އެއާއެކު އަޒްޔާންގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑުޖެހިލިހެން ހީވިއެވެ. ހަރަކާތްތައް ގަނޑުވެފައި އޭނަ އިންދައި ސިހުން ލިބުނީ ބަތޫލް އޭނަގެ އަތުގައި ހިފާލުމުންނެވެ. ކަންބޮޑުވެފައި ހުރި ބަތޫލްއާއި އޭނަގެ ނަޒަރު ބައްދަލުވި ހިނދު ޝީރީން އެއްޗެއް ބުނަން މަސައްކަތްކުރިހެން ހީވިއެވެ. ނަމަވެސް ރުއިމުގެ ސަބަބުން އަޑު ސާފެއް ނުވިއެވެ.

''މަންމަ...'' އުނދަގުލުން ވިޔަސް އަޒްޔާން ވާހަކަދައްކަން މަސައްކަތް ކުރިއެވެ. އޭރު ތަފާތު ބިރުވެރި ޚިޔާލުތަކުން އޭނަގެ ސިކުނޑި ވީ ހާސްކަމެއްގެ ތެރޭގައެވެ. ޝީރީންގެ ރުއިމާއި އޭނައަށް ގުޅުވާލެވުނީ އެންމެ ކަމަކާއެވެ. އެއާއެކު އޭނައަށް ދެފަރާތަށް ބޯހޫރާލެވުނީ އެޚިޔާލު ދޮގުކުރުމަށެވެ.

''ވާހަކަދައްކަބަލަ!، ކޮބާ މަންމަ؟... މަންމައަށް ކަމެއް ވީތަ؟...'' އަޒްޔާން ސޯފާއިން ތެދުވަމުން އަޑަށް ބާރުލަމުން ސުވާލުކުރިއެވެ. ހިތް ބިރުގެންފައިވި އިރު ޝީރީންގެ ފަރާތުން ޖަވާބެއް ނުލިބުމުން އަޒްޔާން ގާތަށް ރުޅި އައެވެ.

''އަޒްޔާން.... ޒަައިނަބު.... ހާލު ދެރަވެގެން އައި.ސީ.ޔޫއަށް ވައްދައިފި... ވަރަށް ހާލުދެރަކަމަށް ބުނަނީ...'' ރުއިމުގެ ތެރޭން ޝީރީން ބުނެލި ޖުމްލައާއެކު ފައި ދަށުގައިވި ބިންގަނޑަށް ލޮޅުންތަކެއް އައިހެން އަޒްޔާނަށް ހީވިއެވެ. އެއާއެކު އެހީއަކަށް އެދި އޭނައަށް ހިފަހައްޓާލެވުނީ ކައިރީގައި ހުރި ސޯފާ ގޮނޑީގައެވެ. ހަރަކާތްތައް ގަނޑުވެފައި ވަނިކޮށް ލޮލުން ފާޅުވި ކަރުނުތަކުގެ ފިނިކަމާއެކު އޭނައަށް ހަމަހޭވެރިކަން ގެނެސްދިނެވެ.

''އަޒްޔާން، ޒިހިނެއްތަވީ؟... ބޮޑުދައިތަ ބުނީ ކީކޭތަ؟، މަންމަ ރަގަޅުތަ؟...'' ބަތޫލް ކުރާ ސުވާލުތައް އަޒްޔާނަށް އަޑުއިވުނަސް އެސުވާލަށް ޖަވާބުދޭނެ ގޮތެއް ނޭގުނެވެ. އޭނަގެ ސިކުނޑީގައި ވަނީ ހައިޖާންގަނޑެއް އުފެދިފައެވެ. އޭނައަށް އެއްވެސްކަމެއް ރަގަޅަށް ފަހުމެއް ނުވެއެވެ.

''އަޒްޔާން!...'' ޖަވާބު ނުލިބި ގިނަ އިރު ވާން ފެށުމާއެކު އަޒްޔާންގެ އަތުގައި ހިފައި ތަޅުވައި ގަންނަމުން ބަތޫލް ގޮވާލިއެވެ. އޭނަ ހުރީ ވެގެން އުޅޭ ގޮތެއް ނޭގި ހާސްކަމެއްގެ ތެރޭގައެވެ. އަޒްޔާނަށް އައިސްފައިވާ ބަދަލުތަކުން ހާލަތު އޮތީ ނާޒުކު ފަތްތަރެއްގެ މަތީގައިކަން އޭނައަށް ދޭހަ ވިއެވެ. އެއާއެކު އޭނައަށް ދެލޯބޮޑުކޮށްލަމުން އަނގަމަތީ އަތްއަޅާލެވުނީ ހިތަށް ވެރިވި ނުބައި ޚިޔާލަކުންނެވެ.

''އަޒްޔާން...'' ބަތޫލްއަށް މިފަހަރު ގޮވާލެވުނީ ކުރެހިފައިވާ އަޑަކުންނެވެ. އަޒްޔާންގެ ހިމޭންކަމުން ބަތޫލްގެ ހީތައް ޔަޤީނަށް ބަދަލުވާން ފެށިއެވެ. އޭނައަށް ރޮމުންރޮމުން އަޒްޔާންގެ ގައިގައި ބައްދާލެވުނީ ނޫނެކޭ ބުނަމުންނެވެ.

ޝޮކެއްގެ ތެރޭގައިވި އަޒްޔާންގެ މެޔަށް ފިނިވެގެން އައީ ބަތޫލްގެ ލޮލުން ފައިބަމުން އައި ކަރުނަތަކުން އޭނަގެ ގަމީސް ތެމި އޭގެ އަސަރު މެޔަށް ފޭދުމުންނެވެ. ހަމަހޭވެރިކަން ވުމާއެކު އެތެރެހަށީގައި އުތުރިއަރަމުން އައި ޖަޒުބާތުތަކުގެ ތޫފާނާއި ހަނގުރާމަކުރަން އޭނަ މަސައްކަތްކުރިއެވެ. ހަމައެއާއެކު އޭނަގެ ހިތަށް ވިސްނައިދޭން ވެސް މެއެވެ. އޭނަގެ މަންމައަށް ދެރަ ގޮތެއް މާތްﷲ މެދުވެރި ނުކުރަައްވާނެ ކަމަށެވެ.

އެންމެ މިނެޓެއް ވެސް ނަގާލުމެއް ނެތި އަޒްޔާން އަވަސްވެގަތީ ހޮސްޕިޓަލަށް ދިއުމަށެވެ.

*****

އަޒްޔާނާއި ބަތޫލްއަށް ހޮސްޕިޓަލަށް އާދެވުނު އިރު ޝީރީން ހުރީ އައި.ސީ.ޔޫގެ ބޭރުގައެވެ. އިރުއިރުކޮޅާ ލޮލުން ފައިބާ ކަރުނަތައް ބުރުގާގެ ކަންގަނޑުން ފޮހެލައެވެ. އަޒްޔާނަށް ޝީރީންގެ ގާތަށް ދެވުނީ ދުވެފައެވެ. ކުއްލިޔަކަށް މަންމަގެ ހާލަތު ދަށަށް ދިޔަ ސަބަބު ހޯދަން އަޒްޔާން ސުވާލުކުރިކަމުގައި ވިޔަސް ޝީރީން ހުރީ އެއަށް ޖަވާބުދާރިވެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ.

*****

ޑޮކްޓަރުންގެ ޖަވާބެއްގެ އިންތިޒާރުގައި ވަގުތު ފާއިތުވަމުން ދިޔަ އެވެ. އަޒްޔާނަށް ހިތްވަރުދޭން ގާތުގައި ބަތޫލް ހުއްޓެވެ. އެކަމާ ހިތްހަމަނުޖެހިފައި ޝީރީނަށް ހުރެވުނީ އަޒްޔާނާއި ބަތޫލްގެ ގާތްކަން ފެނިފައެވެ. އޭނަ ނުރުހުމާއެކު ބަތޫލްއަށް ކަޅިއަޅާލައިގެން ހުރި އިރު ވެދިޔަ ހުރިހާ ނުބަޔެއްގެ އިލްޒާމު އެޅުވީ ބަތޫލްގެ ބޮލުގައެވެ. އެސުންޕާ އަންހެނާ އައީއްސުރެން ފެށިގެން މިއަދާ ޖެހެންދެން ވެސް ދިމާވަނީ ބަދުނަސީބާއެވެ. މުސީބާތްތަކުން އަރިގަނެވޭހާ ވަރެއް ނުވެއެވެ. އޭނައާއި ޒައިނަބުގެ ގުޅުން ފަސާދަކޮށްލީ ވެސް އެނުބައި އަންހެނާއެވެ.

ޑޮކްޓަރުން ކިތަންމެ މަސައްކަތް ކުރި ކަމުގައި ވިޔަސް ޒައިނަބުގެ ހާލަތު ދަށްވެ ފުރާނަ ސަލާމަތެއް ނުކުރެވުނެވެ. ކިތަންމެ ޤާބިލު ޑޮކްޓަރުން ތިބި ކަމުގައި ވިޔަސް އެފުރާނައަށް ކަނޑައެޅިފައިވާ ވަގުތާއި ނޭވާ ހަމަވުމުން ދެން ކުރެވޭނެ އިތުރުކަމެއް އޮންނާނެ ހެއްޔެވެ؟ މަރަކީ ތާ އަބަދު ލޯކުރިމަތިން ސިފަވަމުން އަންނަ ދޮގު ނުކުރެވޭނެ ހަޤީޤަތެކެވެ. މަރު އައިސް ޖެހުމާއެކު މި ވަގުތީ ދުނިޔެ ދޫކޮށް ދާން ޖެހޭނެއެވެ. ކިތަންމެ ފައިސާއަކާއި ބާރެއް ލިބިފައި ވިޔަސް އެކަމެއް ބަދަލެއް ނުކުރެވޭނެއެވެ. އެއީ އިލާހީ ޤާނޫނެވެ. ދުނިޔެ ދެމި އޮތްހާ ހިނދަކު ބަދަލުވުމެއް ނެތް ޤާނޫނެކެވެ.

*****

މަންމަގެ މަރުގެ ޚަބަރު ލިބުމާއެކު އަޒްޔާންގެ ކަންފަތް ބުޑުގައި ބާރުގަދަ ބޮމެއް ގޮއްވާލެވުނުހެން ހީވިއެވެ. ޤަބޫލުކުރަން ދަތިވެފައިވާ ހާލު ޑޮކްޓަރުގެ މޫނަށް ބަލަހައްޓައިގެން ހުރެވުނީ އެއީ ދޮގަކަށްވުމަށް އެދި އާދޭސްކުރާ ހާލުގައެވެ. އޭނަގެ މަންމަ ހެޔޮ ހާލުގައި ދުނިޔޭގައިވާ ކަމުގެ ތަސައްލީ ދޭށޭ ބުނާ ހާލުގައެވެ. ނަމަވެސް ޑޮކްޓަރުގެ ފަރާތުން އަޒްޔާން އެދޭ ފަދަ ޖަވާބެއް ނުލިބުނެވެ. ހިތްވަރުގެ ބަސްތަކެއް ބުނެލަމުން އަޒްޔާންގެ ކޮނޑުގައި ފިރުމާލުމަށްފަހު ދިޔައީ އެވެ.

ހިތުގެ އުދާސްތައް ކަރުނައިގެ ސިފައިގައި ބޭރުވެގެން އައީ ދެނެވެ. ހިތްވަރުކުރަން ބޭނުންވިކަމުގައި ވިޔަސް ލޯބިވާ މަންމަގެ ވަކިވެ ދިއުމުން އަޒްޔާންގެ ހިތުގައި ފުން ޒަހަމްތަކެއް އުފެދި އޭގައި ވޭން އަޅަން ފެށީ ކެތްނުވާވަރަށެވެ. ނަމަވެސް އަޑުންއަޑު ވީއްލައި އޭނަ ނުރޮއެވެ. އޭނަ ކަރުނަތައް ފޮހެލަމުން އެތެރެއަށް ނޭފަތް ދަމާލީ ދެން ތިބި މީހުނަށް އޭނަގެ އެހީ ބޭނުންވެފައިވާތީއެވެ. ހިތާމަ ބަރުދާސްތުކުރަން ދަތިވިޔަސް އޭނައަކީ ޢާއިލާގައި ހުރި ހަމައެކަނި ފިރިހެނާއެވެ. މަންމައަށް ފަހުގެ ސަލާމް އަދާކުރަން ކަށުކަމާކެމީގެ ކަންތައް ވެސް ފުރިހަމަކުރުމުގެ ޒިންމާ އެޅިފައިވީ އޭނަގެ ބޮލުގައެވެ. ދެން އޭނަ ރޮއި ހިތާމަކުރަންޏާ އެކަންތަކާއި ހަވާލުވާނީ ކާކު ހެއްޔެވެ؟ ދެންތިބި މީހުނަށް ނަމޫނާއަކަށް ވެސް ވެވޭނީ ފަހެ ކިހިނެއް ހެއްޔެވެ؟

ކޮމެންޓް 0