ރަޖާ ގެނެސް ހަށިގަނޑު ނިވާކޮށްލި ބަތޫލްގެ ލޮލުގައި ކަރުނަތައް ގިނަވެގަތެވެ. އޭނަގެ ހުރިހާ އުއްމީދެއް ވެސް ފެނަށްވެ ނިމިއްޖެ އެވެ. ލިބުނު އުފާވެރިކަން ވެސް ކަރު ބުޑަށް ފެތުރުނީ ހިތި ޒަހަރެއްގެ ސިފައިގައެވެ. ބަތޫލްގެ ތުންފަތް ފޫއަޅުވާލާފައި ނިކުތް އާހުގެ އަޑާއެކު ކޮޓަރިއަށް ވެރިވެފައި އޮތް ހިމޭންކަމަށް ނިމުމެއް އަތުވެއްޖެއެވެ. އަޒްޔާން އޭނައާއި ދުރުވެފައިވި މިންވަރު ބަތޫލްއަށް ތައްސައްވަރު ކުރެވުނެވެ. އޭރު އޭނަގެ ހިތުގައި ބިރުވެރިކަމުގެ ހައިޖާނެއް ވެސް އުފެދިފައި ވިއެވެ. މިހުރިހާ ކަމެއްގެ މާނަ އޭނަ ނަގަންވީ ކިހިނެއް ހެއްޔެވެ؟ އަޒްޔާން އޭނަ މަތިން ފޫހިވީ ހެއްޔެވެ؟ އަޒްޔާނަށް މުހިންމުވަނީ ހަމައެކަނި އޭނަގެ ހަށިގަނޑު ހެއްޔެވެ؟ ބޭނުންތައް ފުރިހަމަވުމުން އޭނަ އެއްލާލީ ކުނިކޮޅެއް ފަދައިންނެވެ. އެހިތުގައި އޭނައަށްޓަކައި ޤަދަރެއް ވެސް ނުވަނީ ހެއްޔެވެ؟
*****
ފެންމާގަނޑުން އޮހެމުން ދިޔަ ފިނި ފެނުގެ އަސަރުން އަޒްޔާންގެ ނަފުސަށް ހަމަޖެހުން ގެނެސް ދީފައި ވިއެވެ. އެހެނަސް ސިކުނޑިއަށް ވެރިވެފައިވި ހަލަބޮލިކަން މުޅިއަކުން ފިލައިގެންދާ ގޮތެއް ނުވިއެވެ. އޭނަ ދެރޯ މަރާލަމުން ފުންނޭވާއެއް ދޫކޮށްލީ ދެންމެ ވެދިޔަ ކަންތައް ހަނދާން ނައްތާލަން ބޭނުން ވީތީ އެވެ. ބަތޫލްއާއި އެފަދަ ގާތް ގުޅުމެއް ބާއްވަން މިހާރު އޭނަގެ ޒަމީރު ދެކޮޅު ހަދައެވެ. އެހިތުގައި އުފެދިފައިވި ލޯބި ފަހުނޭވާވަޅަށް އެޅުނުތާ ކޮންދުވަހެއް ހެއްޔެވެ؟ މިހާރު އޭނަގެ ހިތުގައި ބަތޫލްއަށްޓަކައި ވިންދުޖަހަމުން ދަނީ ހަމައެކަނި ރުޅިވެރިކަމެވެ. އޭނަގެ އިހުސާސްތަކުގެ މައްޗަށް އަތްގަދަކޮށްފައި ވަނީ ޝީރީން އޭނައާއި ހިއްސާކޮށްފައިވި ވާހަކަތަކެވެ. އޭނަގެ މުޅި ވުޖޫދަށް ވެސް އޭގެ އަސަރުވަނީ ފޯރާފަ އެވެ.
ދަތްތަކަށް ބާރުލަމުން އަޒްޔާން ފާރަށް ގޮށްމުށުގެ ހަމަލާއެއް އަމާޒުކޮށްލީ ހިތަށް ލިބުނު ވަގުތީ ރާހަތުގެ ނަތީޖާ ނިކުމެދާނެ ގޮތެއްގެ ސަބަބުންނެވެ. އޭނައަށް އިންފަހަނައަޅައި ދެވުނީ ހުރަހެއް ވެސް ބޭނުންކުރެވުމެއް ނެތި އެވެ. އެއާއެކު ހިތަށް ވެރިވެގެން އައި ޚިޔާލުތަކުން އަޒްޔާނަށް ހާސްކަމެއް ލިބުނެވެ. އޭރުން ވެދާނެ ގޮތެއް ވެސް ވިސްނާލަން އޭނައަށް ދަތި ވިއެވެ. ބަތޫލްއާއި ގުޅިގެން އުޅޭ ފަދަ ވިސްނުމެއް މިހާރު އޭނަގެ ނެތެވެ. ބަތޫލް ވި ޤުރުބާނީތަކުގެ އަގު ވަޒަންކުރާކަށް ވެސް މެއެވެ. ބަތޫލްގެ ސޫރަ ފެނުނަސް އޭނަގެ ހިތަށް ވެރިވެގެން ދަނީ ފޫހި ކަމެކެވެ. އޭނަގެ ހިތުގެ މުރާދުކަމުގައި ވެފައިވަނީ ހަމައެކަނި ބަދަލު ހިފުމެވެ. ޖައުފަރަށް އޭނަގެ ކުރި ކުށްތަކުގެ އަދަބު ދޭށެވެ. އޭނަ ޚިޔާރުކުރި މަގު ކިތަންމެ ފީކަޅާކަމުގައި ވިޔަސް މެއެވެ.
*****
ފާއިތުވެގެންދާ ކޮންމެ ދުވަހަކާއެކު ބަތޫލްއަށް ލިބިފައިވި މާޔޫސްކަމާއި އުދާސްކަން ދިޔައީ އިތުރުވަމުންނެވެ. އޭނައާއި އަޒްޔާނާއި ދެމެދުލެވެމުން އައި ބީރައްޓެހިކަމުގެ ފާރުގެ ފަށަލަތައް ބޮލިވަމުން ގޮސްފައިވަނީ ފޫއަޅުވާނުލެވޭނެ ދަރަޖައަކަށެވެ. އެކަމާހުރެ ލިބެމުން އައި ހާސްކަމުން މިންޖުވެވުމެއް ނެތް ހިނދު އޭނައާއި އަޒްޔާނާ ދެމެދު ވާހަކައެއް ވެސް ނުދެކެވެއެވެ. ގޭގައި ހުންނަ ވަގުތެއް ނަމަ އަރައިރުންވުމާއި ޒުވާބު ގަނޑެއް ނުހިލޭ ހިނދެއް ނުދެއެވެ. ބަތޫލްއަށް ކުރެވޭ ކޮންމެ ހަރަކާތަކާ މެދު ވެސް އަޒްޔާން ހިތްހަމަ ނުޖެހޭ ކަހަލައެވެ. އެސޫރަ ފެނުނަސް އެމޫނުގެ ކުލަވަރު އޮއްސި ރުޅިވެރިކަމުގެ އިހުސާސްތަކުން ކަޅިވެގެން ދެއެވެ. އެހުރިހާ ބަދަލުތަކެއްގެ އަސްލު ބަތޫލްއަށް ހޯދައި ނުގަނެވުނެވެ. ސިކުނޑީގެ ނާރުތަކަށް ލިބެމުން އައި ވާންކަމަށް ވެސް ފަރުވާއެއް ނުލިބުނެވެ. އޭނަގެ ހިތުގައި ވާ މާޔޫސްކަމާއި އެކަނިވެރިކަމުން މެޔަށް ހަންޖަރުގެ ހަމަލާތައް އަމާޒުކުރުވަ އެވެ.
ބަތޫލް އަޒުމު ކަނޑައަޅައިގެން ހުރީ އޭނައާއި އަޒްޔާންގެ ދެމެދުގައި ޖެހިފައިވާ މައްސަލަތައް ހޯދައި ވާހަކަދައްކައިގެން ވިޔަސް އުފެދެމުން އައި ބީރައްޓެހިކަމަށް ނިމުމެއް ގެންނާށެވެ. އަޒްޔާންގެ ޠަބީއަތަށް އައިސްފައިވާ ބަދަލުތަކުން އޭނަގެ ހިތުގައި ވަނީ ފަސޭހަވުމެއް ނެތް ޒަހަމްތަކެއް އުފެދިފައެވެ. އިރުއަރައި އޮއްސެނީ އެޒަހަމްތަކުން ނޭމަނާނުވާހާލުގަ އެވެ. ސިކުނޑިކަމުން އައި ޚިޔާލުތަކާއެކުވެ އެކަނިވެރިކަމުގެ ބޯފަށަލައެއްގެ ތެރޭގައި ބަތޫލް ކަސްތޮޅު އެޅިފައިވާ ކަހަލައެވެ. މިންޖުވާންކުރާ މަސައްކަތަށް ކުރިއެރުމެއް ނުލިބޭ ތާނގައި އިތުރު ވޭންތައް މެނުވީ ނުލިބެއެވެ.
މަޔޫސްވާ ދަނޑިވަޅުތަކުގައި ބަތޫލް އެންމެ ބޮޑަށް ހަނދާން ވަނީ އޭނަގެ މައިންބަފައިންނެވެ. އޭގެ ސަބަބުން އެލޮލުން އުދާސްކަމުގެ ކަރުނަތައް ފައިބަ އެވެ. އެމީހުނަށް ފުރަގަސްދިނުމުގެ ހިތި ނަތީޖާ ފެންނަން އުޅެނީ ބާވައޭ ވެސް އެތައް ފަހަރަކު ހިތާއި ސުވާލުކުރެވުނެވެ. މަންމަގެ ޚަބަރެއް އޮޅުން ނުފިލާތީ އެކަމާ ހުރެ ވެސް އޭނަ ދެރަ ވެއެވެ. މަންމަގެ ހިތުގައި ޖެއްސުނުކަމަށްޓަކައި މަޢާފަށް އެދެން ބަތޫލްއަށް އެދެވެއެވެ. އެހެނަސް އެމީހުންގެ ގާތަށް އޭނަ ދާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟ އަޒްޔާންގެ އަންބެއްގެ މަޤާމުގައިވާހާ ދުވަހަކު ރުހުމުގެ ލޮލަކުން މަންމަމެން އޭނައަށް ބަލައިނުލާނައެވެ. ނުވީތާކަށް އެދޫތަކުން އަމާޒުވާނީ ވެސް ނުރުހުމާއި ބުދުދުޢާ ތަކެކެވެ. ދިރިހުއްޓައި އެމީހުންގެ މައްޗަށް އޭނަ އެވަނީ މަރުވެފައި ވިއްޔާއެވެ.
*****
ދެ ހަފްތާ ފަސް...
ހެނދުނު ބަތޫލްއަށް ހޭލެވުނީ ފޯނު އެލާރމްވާ އަޑަށެވެ. އަވަސްއަވަހަށް ލޯހުޅުވާލަމުން ފޯނުގެ އެލާރމް ކަނޑާލިއެވެ. އަދި ކޮޓަރިން އަޒްޔާންގެ ހިލަމެއް ވޭތޯ ފުރަތަމަ ނަޒަރު ހިންގާލީ ސޯފާ އަށެވެ. އޭނައާއި މައްސަލަޖެހުނުފަހުން އަޒްޔާން އެއްތަންމަތި ހިއްސާއެއް ނުކުރެއެވެ. އޮފީހަށް ދާން ތައްޔާރުވާން ހުރި އަޒްޔާން ބަތޫލްއަށް ފެނުނީ ކޮޓަރީގައި ހިފާލި ސެންޓްގެ ވަހާއެކު އޭނަގެ ނަޒަރު ރީތިވާމޭޒަށް ދަތުރުކުރުމުންނެވެ.
ބަތޫލް އެނދުން ތެދުވެލަމުން އޭނަގެ އިސްތަށިގަނޑުގައި އަތްފުނާ އަޅާލަމުން ހުޅިއެއް ޖަހާލިއެވެ.
''ސައި ހަދަންތަ؟...''
ޖެހިލުންވެފައި ހުރެ ވެސް އަންބެއްގެ ވާޖިބު އަދާކުރަން ބަތޫލް އަހާލިއެވެ. ހައިކަމުގެ އިހުސާސްކުރެވުނު ކަމުގައި ވިޔަސް އަޒްޔާން ޖަވާބެއް ނުދިނެވެ. އޭނަ އަތްމަތި އަވަސްކޮށްލުމާއެކު ކަރުގައި އޮތް ޓައީ ރަނގަޅުކޮށްލަމުން މިސްރާބުޖެހީ ކޮޓަރިން ނުކުތުމަށެވެ.
''އަޒްޔާން، ވާހަކައެއް ބުނަންވެފަ އޮބަ އޮތް...'' އަޒްޔާންގެ ފަހަތުން ހިނގައިގަންނަމުން ބަތޫލް ބުނެލިއެވެ. ހަރުގަނޑުން ބޫޓު ނަގައިގެން އައިސް ސޯފާގައި އިށީން އަޒްޔާން ފަރުވާކުޑަ ރާގަކަށް ވާހަކަދެއްކިއެވެ.
''މި ހެނދުނާ އަހަރެންގެ މޫޑު ޚަރާބުކުރަން އުޅޭނެކަމެއް ނެތް!...'' އަޒްޔާން، ފައިތިލައަށް އިސްޓާކީނު މަހާލިއެވެ. އޭނަ ބަތޫލްއާއި ވާހަކަ ދައްކަން ނުރުހޭކަން އޭނަގެ އަޑުންއެކަނި ވެސް ހާމަވެއެވެ. ތުން ފިއްތާލެވުނު ބަތޫލްއަށް ޖެހުނީ މަޔޫސްކަމާއެކު ކަރުއެލުވާލާށެވެ. އަޒްޔާން ނިކުމެގެން ދަންދެން އޭނަ ބަލަން ހުރީ ކޮޓަރީގެ ދޮރުކަނިއަށް އަރިމަތިން ލެނގިލައިގެންނެވެ. ގޭގެ މައިދޮރު ލެއްޕުނު އަޑާއެކު ބަތޫލްގެ ނަފުސަށް ވެރިވެގެން އައީ ޖަލެއްގައި ބަންދުވެއްޖެކަމުގެ އިހުސާސްތަކެކެވެ. އެފަދަ ކޮންމެ ވަގުތެއްގައި ވެސް އޭނަގެ ބައިވެރިޔެއްކަމުގައި ވަނީ ދިލަ ކަރުނަ އެވެ.
''ކީއްވެތަ މިހެން ވާންވީ؟... އަހަންނަށް ނޭގޭ މިކަންތަކުގެ މާނަ ނަގަންވީ ގޮތެއް، ބައެއް ފަހަރު ހިތަށް އަރާ ޒޭން އެހެން އަންހެނަކާއި ގުޅުން ބާއްވަނީއޭ، އެކަމަކު މިހާތަނަށް އަހަންނަށް ޝައްކުކުރެވޭކަމެއް ފެނިފައި ނުވޭ، ދެން ކީއްވެތަ ގާތުގައި ތިބޭ އިރު ވެސް އެތައް ހާސް މޭލެއްގެ ދުރުމިން ފެތުރިފައި މިވަނީ، ޒޭން އަހަންނާ ލޯބިން ވާހަކަނުދައްކާ ތާނގައި ބަލައިވެސް ނުލާ... ހަރުކަށި މީހަކަށް ޒޭން ބަދަލުކޮށްލީ ކޮން ކަމެއްތަ؟... އަހަރެންގެ ކުށެއް ވޭތަ؟...''
ބަތޫލްގެ ހިތާއި އޭނައަށް އާދައިގެ މަތިން ޝަކުވާކޮށްލެވުނެވެ. ޖަވާބު ލިބުމެއް ނެތް ސުވާލުތަކުން އޭނަގެ ސިކުނޑި އެދަނީ ކަމުންނެވެ. އެކަމާ ހުރެ އޭނަގެ ހަމަޖެހުން ވަނީ ނެތިގެން ގޮސްފައެވެ. ކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. އަބަދުމެ ސިކުނޑީގައި އެނބުރެނީ އެންމެ ސުވާލެކެވެ. ނަފުސާނީ މައްސަލައަކަށް އޭނަ ހުށަހެޅެމުންދާހެން ވެސް ބަތޫލްއަށް ހީވެއެވެ.
''އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަގަޅުވާނެ...''
ބަތޫލްގެ ޚިޔާލުގައި ކުރެހިގެން އައި ތަސްވީރާއެކު ކަރުނައިގެ ތެރޭން ވެސް އޭނައަށް ހިނިތުންވެވުނެވެ. އެއާއެކު ބަތޫލްއަށް އޭނަގެ ބަނޑުގައި އަތް ޖައްސާލެވުނެވެ. އޭނަ އަޒްޔާންއާއި ހިއްސާކުރަން ބޭނުންވި އުފާވެރި ޚަބަރަކީ އެއީ އެވެ. އޭނަގެ މައްސަރު ކަންތައް ލަސްވުމުން ރޭ ޑިއުޓީ ނިންމާފައިއައި އިރު އޭނަ އައީ ކިޓެއް ގަނެގެންނެވެ. އޭގެ ނަތީޖާ ފެނުމުން ހިތަށް ލިބުނު ފިނިކަން ބަޔާންކުރަން ވެސް ބަތޫލްއަށް ވަނީ އުނދަގޫ ވެފައެވެ. ވަގުތުން އަޒްޔާނާއި އެއުފާވެރިކަން ހިއްސާކުރަން އެދެވުނެވެ. އެހެނަސް ނިދީގައޮ އޮތް އަޒްޔާނަށް ގޮވައި ތެދުކުރަން ފަސްޖެހެވުނީ ރުޅިވެރިކަން އިސްކޮށްފާނެތީއެވެ.
''މިއަދު ޓެސްޓްތައް ހަދާފަ ރިޕޯޓް ލިބުނީމަ ޒޭން ގާތު ބުނާނީ...'' އުއްމީދުގެ އޮއެވަރު ބަތޫލްގެ ދެލޮލުގައި ވިއެވެ. ޒަމާންތަކަށް ފަހު އެތުންފަތުގައި ހިނިތުންވުމެއްގެ އަސަރު ކުޅެލި އެވެ. މާޔޫސްކަމުން ބަނަވެފައިވި މޫނުން އުޖާލާކަން ވެސް ފެނެއެވެ. ލިބެން އުޅޭ ދަރިފުޅު އޭނައާއި އަޒްޔާންގެ ދެމެދުގައި ޖެހިފައިވި ކުނިތައް ފިލުވައިދީ ގުޅުން ބަދަހިވުމުގެ ބައިވެރިޔަކަށް ވާނެކަމަށް ވެސް އުއްމީދުކުރެވުނެވެ. ބަތޫލްގެ އުފާތައް ގުޅިލާމެހިފައިވަނީ އޭނައާއި އަޒްޔާންގެ ލޯބީގެ ނިޝާނާ އެވެ. މިހާރު ވެސް އެތުއްތު މޫނު ދެކިލަން އޭނަގެ ދެލޯ ވަނީ ބޭޤަރާރުވެފައެވެ.
*****
ގަދަ ކެރިއާއެކު ހަވީރު ވެހެން ފެށި ވާރޭ އިރުއޮއްސުނު އިރު އޮތީ ތުނިކޮށްލާފައެވެ. ނަމަވެސް ވައިރޯޅިތަކުގެ ބާރުވެރިކަމަށް ކުޑަ ވެސް ބަދަލެއް އައިސްފަކާ ނެތެވެ. ދޭތެރެއަކުން ވިދާލާ ހިނދު ޖައްވުގެ ހަލަބޮލިކަމާއި ގުގުރީގެ އަޑު އެކުވެގެން ދެއެވެ.
ބަތޫލް ބެލްކަނިއަށް ނިކުމެ ހުރީ ވާރޭ ވެހެމުން ދިޔަ މަންޒަރު ބަލާށެވެ. ވައިރޯޅިތަކުގެ ތެތްފިނިކަމުގެ އަސަރުގެ ތެރެއަށް ނަފުސު ދޫކޮށްލައިގެން ހުރިއިރު އޭނަ ދިޔައީ އަޒްޔާނަށް އޭނަ ބަލިވެ އިންކަން ހާމަކުރާނެ ގޮތަކާ މެދު ވިސްނަމުންނެވެ. އޭނަގެ ހިތް އަޒްޔާނާއި ބައްދަލުވާނެ އިރަކަށް ކެތްތެރިކަން ކުޑަވެފައި ވާއިރު އަޒްޔާންގެ ފަރާތުން ފެންނާނެ އުފާވެރިކަން މިހާރުއްސުރެ ތަސައްވަރުކުރެވޭ ކަހަލައެވެ. އެއާއެކު ބަތޫލްގެ ތުންފަތުގައި މާނަ ފުން ހިނިތުންވުމެއް ދުވެލި އެވެ.
ޚިޔާލުގެ ތަކުގެ ތެރެއަށް ގެއްލިފައި ވަނިކޮށް ހަޤީޤަތުގެ ތެރެއަށް ބަތޫލް ގެނައީ އަލިގަދަ ވިދުމާއެކު އިވުނު ހޮނު ގުގުރީގެ އަޑަށެވެ. ސިހުމުގެ އަސަރުތައް އެމޫނުން ފެނުނު ހިނދު ބަތޫލްއަށް ފަސްއެނބުރި ބަލާލެވުނީ ގޭގެ މައިދޮރު ހުޅުވާލެވުނު އަޑު ފުރަގަހުން އިވުމުންނެވެ. ތެމިފޯވެގެން އައިސް ވަން އަޒްޔާން ފެނުމާއެކު ބަތޫލް އަވަސްއަވަހަށް އެތެރެއަށް ހިނގައިގެންފިއެވެ.
''އަޒްޔާން...'' ބަތޫލް ގޮވާލިއެވެ. އެހެނަސް އަޒްޔާން އަޑުއިވުނު ކަމަކަށް ނުހެދި އެވެ. އޭނަ ބަތޫލްއަށް ސަމާލުކަން ދިނުމެއް ނެތި ލައިގެން ހުރި ބޫޓާއި އިސްޓާކީނު ފަޔާއި ވަކިކޮށްލިއެވެ. އަދި ކޮޓަރިއަށް ދާން ދިމާކޮށްލި ތަނާ އަނެއްކާ ވެސް ބަތޫލް ގޮވާލައިފިއެވެ.
''ކޮފީއެއް ހަދަންތަ؟...'' ބަތޫލް ސުވާލުކުރިއެވެ. އެކަމާ ދެކޮޅުހެދުމެއް ނެތި އަޒްޔާން ކުރިއަށް ހިނގައިގަތީ ހަށިގަނޑަށް ފޭދިފައިވި ފިނިކަން ކަނޑަވާލަން ބޭނުންވީތީ އެވެ.
އަޒްޔާން ތެތްހެދުންތައް ބަދަލުކޮށްގެން އަންނަން ވާއިރަށް ބަތޫލް އުޅުނީ ކޮފީ ހެދުމުގައެވެ. އޭނަ ހަވީރު ގެނައި ހެދިކާތައް ވެސް ސުފުރާ މައްޗަށް އަރުވާލަމުން ކާމޭޒުދޮށުގައި ހަމަޖެހިލިއެވެ. އޭނަ ބުނަން ޤަސްދުކޮށްފައިވާ ވާހަކަ ހިއްސާކުރަން އެކަށީގެންވާ މާހައުލެއް ބިނާކުރަން ބަތޫލް މަސައްކަތްކުރިއެވެ.
ބަތޫލް ހިތާހިތުން ބަސްތައް ފަރިތަކުރަމުން ދަނިކޮށް އަޒްޔާން އައިސް ބަދިގެއަށް ވަނެވެ. އަޒްޔާން ފެންނައިރަށް ބަތޫލް ހިނިތުންވެލިއެއްކަމަކު އަޒްޔާންގެ ފަރާތުން ޝަޢުޤުވެރިކަމެއް ނުފެނުނެވެ. އޭގެ ސަބަބުން ބަތޫލް ދެރަ ވިއެވެ. ނަމަވެސް ޖަޒުބާތުތަކުގެ ހިޔަނީގެ ތެރޭގައި ހައްޔަރުވުމުގެ ފުރުސަތު އޭނަ ނުދިނެވެ. އަޑިއަޅާލާފައިވި ކައިވެނި ހަމަމަގަށް ރުޖޫޢަ ކުރެވެން އޮތް މަގުން އަޒްޔާންގެ އެއްބާރުލުމާއެކު ކަޑައްތުކުރަން އޭނަ ހުރީ އަޒުމުކަނޑައަޅައިގެންނެވެ. ތަޤުދީރުގެ ރޭވުންތެރިކަން ވެސް ނިޔާ ކުރަނީ އެގޮތަށް ކަމުގައި ވީތީއެވެ.
އަޒްޔާން އައިސް އިށީނީ ބަތޫލް ދޫކޮށް ދެވަނައަށް ހުރި ގޮނޑީގައެވެ. އަދި އޭނަގެ ކޮފީ ތަށި ވެސް އެދިމާއަށް ގެނެސް ސައިބުއިމާއިގެން މަސްއޫލު ވެއްޖެއެވެ. އަޒްޔާނަށް ބަލަން އިން ބަތޫލް ވާހަކަ ކުރިއަށް ގެންދަން ފެށީ ފުންނޭވާއެއް ދޫކޮށްލުމަށްފަހުގަ އެވެ.
''ޒޭން، ވަރަށް މުހިންމު ވާހަކައެއް ދައްކަންވެފަ އެބަ އޮތް...'' ބަތޫލް އޭނަ އިން ގޮނޑިން ތެދުވެލަމުން އަޒްޔާންގެ ގާތުގައި ހުރި ގޮނޑީގައި އިށީނެވެ. ހެދިކާ ތަށިން ގުޅައެއް ނަގަން އުޅުނު އަޒްޔާން އޭނަގެ އަތް ތަށްޓާއި ދުރަށް ގެންދަމުން ބަތޫލްއަށް އަވަސް ނަޒަރެއް ދިނެވެ. އެއީ އޭނަގެ ވާހަކަ ކުރިއަށް ގެންދިއުމުގެ އިޝާރާތެއް ކަމެއް ނޫނީ ބަތޫލް އޭނަގެ ގާތަށް އައުމުން ފާޅުކުރި ހިތްހަމަނުޖެހުންކަމެއް ބަތޫލް އަކަށް ނަގައެއްނުގަނެވުނެވެ.
''މިއަދު ހެނދުނު ވެސް ބުނަން އުޅުނިން، އެކަމަކު ޒޭން މަޑުނުކުރީމަ ފަސްކޮށްލީ، އެންޑް ރިޕޯޓްތަކުގެ ނަތީޖާ ވެސް ލިބެން ދެން...'' ބަތޫލްގެ ތުންފަތުގައިވި ހިނިތުންވުން އަޒްޔާނަށް ހާސްކަން ގެނުވިއެވެ. އޭނަ ތުނބުގައި ޖައްސާލަން އުޅުނު ކޮފީ މަގު ތިރިކޮށްލަމުން މޭޒުމަތީ ބެހެއްޓިއެވެ. އަދި ފަރުވާތެރިކަމާއެކު ބަތޫލްއަށް ބަލާލިއެވެ. ބަތޫލްގެ މޫނުން ފެންނަމުން އައި އުފާވެރިކަން ފެނި އޭނަގެ ހިތަށް ނުތަނަވަސްކަން ވެރިވާން ފެށިއެވެ. ސިކުނޑީގެ ކަނަކުން އިންޒާރުގެ ރަނގަބީލު ޖަހާލުމާއެކު އޭނައަށް ހިންދިރުވާލެވުނެވެ. އޭނަގެ ހީތަށް ޔަޤީނަށް ބަދަލުވާން އުޅެނީ ހެއްޔެވެ؟
''ބީ ރައިޓް ބެކް...'' އަޒްޔާނަށް ހިނިތުންވެލަމުން ބަތޫލް ގޮނޑިން ތެދުވެލިއެވެ. އަދި ރޯޅީގެ ހަލުވިމިނުގައި ކޮޓަރިއަށް ވަދެފައި އައި އިރު އޭނަގެ އަތުގައި ފައިލެއް އޮތެވެ.
''ތި ކޯޗެއް؟...'' ބަތޫލް ފައިލު އަޒްޔާން އަތަށް ދިއްކޮށްލުމާއެކު އަޒްޔާން އޭގައި ހިފީ ވިސްނުމެއްގައި އިނދެއެވެ.
''ބެލީމައެއްނު އިނގޭނީ...'' ފައިލު އަތަށް އެރުމާއެކު އަޒްޔާން އެހުޅުވާލި ވަގުތު ބަތޫލް ބުނެލިއެވެ. ލިޔުންތަކަށް ސަމާލުކަން ނުދެވެނީސް ބަތޫލް ބުނެލި ޖުމްލައިން އަޒްޔާން ހުއްޓުން އެރިއެވެ.
''ޒޭން ވީ އާރ ގޮއިނގް ޓު ބީ ޕޭރެންޓްސް...'' ބަތޫލް އުފާވެރި އަޑަކުން ބުންޏެވެ. އެއާއެކު ފައިލަށް ބަލަން ހުރި އަޒްޔާން ކުއްލިޔަކަށް ގޮނޑިން ތެދުވުނެވެ. އޭނަ ގެނައި ކުއްލި ހަރަކާތުން ބަތޫލްއަށް ސިހުމެއް ލިބުނެވެ. އޭނަގެ މޫނުން ހައިރާންކަމުގެ ލިސާންތައް ފާޅުވެގެން އައީ އަޒްޔާނަށް އައިސްފައިވި ބަދަލުތަކާ ހުރެއެވެ. ހީވަނީ ބިރުވެރިކަމެއް ލައިގަނެގެން އުޅޭހެންނެވެ.
އަޒްޔާނަށް އުފާވެރިކަމެއް ނުލިބުނެވެ. އެއާ ޚިލާފަށް އޭނަ އައީ ރުޅި އެވެ. އެދަރިފުޅު ވެގެން ދާނީ އޭނައަށް ބަތޫލްގެ ފުށުން މިންޖުވެވެން ނެތް މުސީބާތަކަށެވެ. އެދަރިފުޅުގެ ހައްޤުގައި ބަތޫލްއާއެކު ހަޔާތުގެ ދުވަސްތައް ފާއިތުކުރަން ޖެހިދާނެއެވެ. އެކަން އެގޮތަށް ވާން އަޒްޔާންގެ ޒަމީރު އެއްބަހެއް ނުވިއެވެ. އޭނަ މިހާރު ވެސް ބަތޫލްއާއެކު އެއުޅެނީ އޭނަގެ އަމިއްލަ އެދުންތަކެއް ހާސިލުކުރުމަށެވެ. އެކަންތައް ފުރިހަމަވުމާއެކު އޭނަގެ ހަޔާތުން ބަތޫލްއަށް އަދި ބަތޫލްއާއި ގުޅިން ހުރި ފަރާތަކަށް ވެސް ޖާގައެއް ނުލިބޭނެއެވެ. ބަޔަކު މީހުން ރޮއެ އާދޭސްކުރިކަމުގައި ވިޔަސް މެއެވެ. މިހުރިހާ ޚިޔާލުތަކާއެކު އަޒްޔާން އައި ރުޅީގައި އަތުގައި އޮތް ފައިލު ހޫރާލިއެވެ. އެއާއެކު ބަތޫލްއަށް ފަހަތަށް ޖެހިލެވުނީ ސިހުމާއެކުގައެވެ. ބޮޑުވެފައިވި ދެލޮލުން އޭނަ އަޒްޔާނަށް ބަލަން ހުރީ ޖެހިލުންވެފައެވެ. އޭނަ އުއްމީދުކުރި ގޮތާ ޚިލާފަށް ހުރިހާ ކަމެއް ދިޔައީ ބޮއްސުން ލައިގެންނެވެ. އަޒްޔާން އުފާވާނެކަމަށް ހީކުރެވުނުކަމުގައި ވިޔަސް ފެންނަމުންދާ މަންޒަރުތަކުގެ މާނަ އޭނައަށް ދޭހަކުރެވުނީ ނުބައި ގޮތަކަށެވެ. ފަހަތަށް ޖެހެމުން ގޮސް ބަތޫލްއަށް ހުއްޓެވުނީ ކިޗެން ކެބިނެޓްގައި އޭނަގެ ބުރަކަށި ޖެހުމުންނެވެ.
''އަހަރެން ކުއްޖަކު ބޭނުމެއް ނޫން!!!...'' އަޒްޔާންގެ އަޑުގައި ވަނީ ހަރުކަށިކަމެވެ. އެޖުމްލައިގެ އެކުލެވިގެންވި މިޔައިގެ ތޫނުކަން އައިސް ބަތޫލްގެ ހިތުގައި ޅިޔައަޅާލިއެވެ. އޭނައަށް ހިތާއިވީ ފަޅީގައި އަތްޖައްސާލެވުނީ މޭގައި އުފެދިގެން އައި ތަދާއެކުގަ އެވެ. ލޮލުން ކަރުނަ ފާޅުވެގެން އައީ އަޒްޔާންގެ ޖަވާބު އަޑުއިވި ރޫހަށް ލިބުނު ވޭނުންނެވެ.
''ޒޭން... ތި ބުނެވޭ އެއްޗެއް އެބަ އިނގޭތަ؟...'' ރޮވިފައިވާ އަޑަކުން ބަތޫލް އެހި އެވެ. ލޮލުގެ އެސްފިޔަތަކުގެ ތެރޭން ފުރޭނިގެން އައިސް ކަރުނައިގެ ހަމަލާތައް ބަތޫލްގެ ކޯތާފަތަށް އަމާޒު ވެއްޖެއެވެ.
''އާނ، އަދި ދަރިއަކު ބޭނުމެއް ނުވެޔޭ މިބުނީނު...'' އަޒްޔާނަށް ބަތޫލްގެ އިހުސާސްތަކާ މެދު ވިސްނައެއް ނުލެވުނެވެ. އޭނަ ހުރީ އަމިއްލަ އެދުމުން ފޯވެފައެވެ. ލިބެން އުޅޭ ދަރިފުޅާ މެދު ދެކެވެމުން އައި ނަޒަރިއްޔާތު އޭނައަށް ބަދަލެއް ނުކުރެވުނެވެ.
ބަތޫލް ހުރީ އަޖައިބުވެ އަންތަރީސްވެފައެވެ. އޭނަގެ ހުރިހާ އުއްމީދުތަކެއް އޮޔާލާ ދިޔައީ ދެނެވެ. ބިނާކުރި ހުވަފެނުގެ ގަނޑުވަރު ކުދިކުދިވެ ފައިބައިގެން އައީ ހިތުގައި ވޭން އަޅުވާލާފަ އެވެ. އޭނައަށް ވިސްނަންވީ ކިހިނެއް ކަމެއް ނޭގުނެވެ. އަޒްޔާން އޭނަ ބަލިވެ އިނުމާ ހިތްހަމަނުޖެހެންވީ ސަބަބެއް ވެސް މެއެވެ. އެހިނދު އޭނައަށް އިތުރަށް ގޯނާ ކުރީ މިހުރިހާ ދުވަހު އޭނަގެ ސިކުނޑި ކަމުން އައި ސުވާލެވެ. އަޒްޔާން އަންހެންކުއްޖަކާ ލޯބީގެ ގުޅުމެއް ބާއްވަނީ ހެއްޔެވެ؟ އޭނަގެ މަތިން ފޫހިވެ އިތުރު ފަރާތެއްގެ ލޯތްބަށް އެދެނީ ހެއްޔެވެ؟ އަޒްޔާންގެ ވިސްނުމުގައިވަނީ އޭނަ ވަރިކޮށްލުން ހެއްޔެވެ؟ ލިބެން އުޅޭ ދަރިފުޅު އެކަމަށް އޮތް ހުރަހެއްކަމުގައި ދެކެނީ ހެއްޔެވެ؟