އަތުގައި އޮތް ކޮފީމަގު ކުރިމަތީ ހުރި ބިއްލޫރި މޭޒުމަތީ ބަހައްޓަމުން ޝުޖާއު އޭނަގެ މަންމައާއި ވީ ފަޅިއަށް އެނބުރިލިއެވެ. އަދި އޭނަގެ ފުރިހަމަ ސަމާލުކަން މާރިޔާއަށް ހުއްޓާލިއެވެ. އޭރު އޭނަ ހިތުގައި މަންމަ ދައްކަން އުޅޭ ވާހަކައަކާ މެދު ސުވާލު އުފެދިފައި ވިއެވެ. ނުތަނަވަސްކަން ހިތަށް ވެރިވެފައިވީ މަންމަގެ މޫނަށް އަރާފައިވާ ސީރިއަސްކަމުގެ ކުލަވަރުތަކުންނެވެ.

''ދަރިފުޅު ބޭނުން ކޮންމެ އެއްޗެއް މަންމައާ ހިއްސާ ކުރެވޭނެ، ދަރިފުޅުގެ އުފަލަކަށް މަންމަ ހުރަހެއް ނާޅާނެކަން އަބަދު ވެސް ހަނދާނުގައި ބަހައްޓައްޗޭ...'' ޝުޖާއުގެ މޫނަށް ބަލަން އިނދެ މާރިޔާ އޭނަގެ ވާހަކައާއިގެން ކުރިއަށް ދިޔަ އެވެ. އޭނަގެ މަޤުސަދެއްކަމުގައިވީ އޮޅުވާލުމެއް ނެތި ޝުޖާއު އޭނަގެ ކުރިމަތީގައި ތެދު ހާމަކުރުމެވެ.

މަންމަގެ ޖުމްލައިން އިތުރު ހައިރާންކަމެއް ޝުޖާއުއަށް ލިބުނެވެ. އޭގައި ފޮރުވިފައިވި މާނަ އޭނައަށް ދޭހަވާ ގޮތެއް ނުވިއެވެ. ހަމައެއާއެކު މަންމަގެ ވާހަކަތަކުގެ މިސްރާބު ހުރި ދިމާ ވެސް އޭނައަށް އަންދާޒާ ކޮށެއް ނުލެވުނެވެ. މަންމައަށް އޭނަގެ އިހުސާސްތައް ހާމަވެފައިވެދާނެ ކަމުގެ ކުޑަ ވެސް ވިސްނުމެއް ނެތީމައެވެ. ތިންވަނަ ކަންފަތަކާ ހަމައަށް އޭނަ އަނާންއާ ހިއްސާކުރި ވާހަކަތައް ގޮސްދާނެ ކަމަކަށް ކުޑަކޮށް ވެސް އޭނަގެ ހިތުގައި ސުވާލުތަކެއް އުފެދިފަކާ ނެތެވެ.

''މަންމާ، އަހަރެން ދުވަހަކު މަންމައަށް އެއްވެސް ކަމެއް ސިއްރެއް ނުކުރަމެއްނު، ދެން ކޮންވާހަކަތަކެއްތަ ތިދައްކަނީ؟...'' ލިބިފައިވާ ހައިރާންކަމާއެކު ޝުޖާއުއަށް އަހާލެވުނެވެ.

''ދަރިފުޅު ރަގަޅަށް ވިސްނާލައިފިއްޔާ އެނގޭނެ މަންމަ މިދައްކާ ވާހަކަތައް، ދަރިފުޅުގެ ޒާތީ ކަންކަމުގެ ތެރެއަށް ވަންނާކަށް މަންމަ ބޭނުމެއް ނޫން... އެކަމަކު ކަމުދާ ކުއްޖަކު ހުރިކަން ބުނެވިދާނެއެއްނު... އުމުރުން ތިހާ ހިސާބަށް ދިޔައިރު ދަރިފުޅުގެ ޢާއިލާ ފުރިހަމަވެގެން ދާނެތަން ދެކެންވެސް މަންމަ ބޭނުން ވާނެއެއްނު..........'' މާރިޔާގެ ޖުމްލައިގެ އެއްބައި ދުލުކުރީގައި ވަނިކޮށް ޝުޖާއުއަށް ކުއްލި ސިހުމާއި ނުތަނަވަސްކަން ލިބިގެން ދިޔަ އެވެ. އޭނަގެ ހިތް އަވަސްވެގެން ދިޔައީ ވަކިމިނެއް ބަލާފައެއް ނޫނެވެ. މެޔަށް އަރައިގެން އައި ވަރުގަދަ ރޯޅިގަނޑާއެކު ނޭވާގެ ހިނގުމަށް ވެސް ބުރޫތަކެއް އެރިކަން ގައިމެވެ.

''ކީކޭ؟...'' ޝުޖާއުއަށް ބުނެވުނީ އެހިސާބަށެވެ. މަންމަގެ ވާހަކަތަކުގެ އަމާޒުފަތި ހިފާފައިވާ ހިސާބު އޭނައަށް ދެނެގަނެވުނީ ދެނެވެ. އެއާއެކު އޭނަގެ ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. މަންމައަށް އޭނަ މިހުރިހާ ދުވަހު ސިއްރުކުރަމުން އައި ކަންތައް އެނގުނީ ހެއްޔެވެ؟ އެނޫންނަމަ އެހާ ސީދާ ގޮތެއްގައި އެވާހަކަތައް ދައްކަން ނޭގުނީހެވެ. މަންމަ ގާތު އެވާހަތައް ދެއްކީ ކާކު ހެއްޔެވެ؟ އަނާން ހެއްޔެވެ؟ ނަމަވެސް އަނާން އެފަދަ ކަމެއް ކޮށްފާނެ ކަމާމެދު އޭނަގެ ހިތުގައި ޝައްކު އުފެދުނެވެ. އެތައް އަހަރެއް ވީއިރު ވެސް ދެބެއިންގެ ދެމެދުގައި ސިއްރެއްގެ ގޮތުގައިވި ކަންތައް ހާމަކޮށްފާނެކަމަކަށް އޭނައަށް ޤަބޫލެއް ނުކުރެވޭތީއެވެ. ދެން މަންމައަށް އެކަންތަކުގެ ހިލަންވީ ކިހިނެއް ބާވައެވެ!

''ދަރިފުޅަށް ރަގަޅަށް އެނގޭނެ މަންމަ މިދައްކަނީ ކޮންވާހަކައެއްކަން، ދެން އިތުރަށް ސިއްރުކުރަން ނޫޅެ މަންމަ ގާތު ބުނެބަލަ، ކަމުދާ ކަހަލަ ކުއްޖެއް ހުރި ވާހަކަ... މަންމަ ދުވަހަކު ޝުޖާގެ ހޮވުމަކަށް ފާޑެއް ނުކިޔާނަން...'' މާރިޔާ ބުނެލިއެވެ. ޝުޖާއުއަށް ލިބިފައިވާ ހާސްކަން އޭނައަށް ރަގަޅަށް ފެނުނެވެ. އޭނަގެ ހިތުގައިވި ސުވާލުތަކުގެ ޖަވާބު ކުރިއަލާ ލިބުނެއްކަމަކު ޝުޖާއުގެ ދުލުން އެއްބަސްވާ އަޑު އަހަން އޭނަ ހުރީ އިންތިޒާރުގައެވެ.

''މަންމާ...'' ޝުޖާއުއަށް ބުނެވުނީ އެހިސާބަށެވެ. އިތުރަށް ދުލުކުރިއަށް ގެންނާނެ ލަފުޒުތަކެއް އޭނަގެ ޚިޔާލަކަށް ނައެވެ. އޭނަ އިނީ އެފަދަ ކަމަކަށް ތައްޔަރުވެގެން ވެސް ނޫނެވެ. މަންމަގެ މޫނަށް ބަލާލުމުން އިތުރަށް އޭނަގެ އިހުސާސްތައް ސިއްރުނުކުރެވޭނެކަން އޭނައަށް ނަގައިގަނެވުނެވެ. ލިބިފައިވާ ހާސްކަން އޭގެ ސަބަބުން އިތުރުވުން ނޫންކަމެއް ނުވިއެވެ. ދޮގަކުން ލިބުނު ގެއްލުންތައް ފޫބައްދާލެވިދާނެކަމަކަށް އޭނައަށް އެއްބަހެއް ނުވެވުނެވެ. ތެދުހާމަކުރަންވީ ވަގުތު އައިސް ޖެހިއްޖެކަން އޭނަގެ ހަވަނަ ހިއްސު ހަނދުމަކޮށްދިނެވެ. ނަމަވެސް އެވާހަކަތައް މަންމައާއި ހިއްސާކުރަން އޭނައަށް ފަސޭހަ ކަމަކަށް ނުވިއެވެ.

''މަންމައަށް އެނގޭ އެއީ ކޮންކުއްޖެއްކަން ވެސް... އެކަމަކު މަންމައަށް ސިއްރުކުރީތީ ހިތްހަމަނުޖެހިފަ މިހުރީ...'' މާހައުލަށް ވެރިވެފައިވި ހިމޭންކަމުގެ ތެރޭން މާރިޔާގެ އަޑުއިވުނެވެ. ހިތް ނުތަނަވަސްވެފައިވާ ފޮރުވަން އުޅުނުކަމުގައި ވިޔަސް ޝުޖާއުއަށް ކާމިޔާބީއާ ހަމައަށް ވާސިލުވެވޭ ގޮތެއް ނުވިއެވެ.

''ކިހިނެއް؟... މަންމައަށް؟...'' ޝުޖާއުއަށް އަވަސްއަވަހަށް އަހާލެވުނެވެ.

''ކިތަންމެ ދުވަހެއް ވެއްޖެ... ދަރިފުޅު އަނާންއާ ވާހަކަ ދައްކަނިކޮށް މަންމައަށް އަޑުއިވުނީ... އެދުވަހުއްސުރެ މަންމަ ހުރީ ޝުޖާއާ ވާހަކަދައްކާލަން ބޭނުންވެފައި، އެވަރު ބޮޑުކަމެއް މަންމައަށް ސިއްރުކުރީމަ... ދަރިފުޅުގެ އުފަލަށް މަންމަމެން ނުވިސްނާނެކަމަށްތަ ހީކުރީ؟، ދަރިފުޅަށް ދެރައެއް ލިބޭކަށް މަންމަ ދުވަހަކު ބޭނުމެއް ނުވާނެ... ތީ މަންމަގެ ހުރި ހަމައެކަނި ފިރިހެންދަރިފުޅު...'' ޝުޖާއު އޭނަ ދުރުކޮށްލި ކަމުގެ އިހުސާސާއެކު މާރިޔާގެ ހިތުގައި ރިއްސާލައިފިއެވެ. ''މިހާރު މަންމައަށް އެނގިއްޖެ ދަރިފުޅުގެ މޫނާއި ދެލޮލުން ފެންނަ މާޔޫސްކަމުގެ އަސްލަކީ ކޮބާކަން، ހިނިތުންވުމުގެ ފަހަތުގައި ހިތާމަތައް ސިއްރުކުރަން އުޅުނަސް މަންމައަށް ކޮންމެ ފަހަރަކު އެކަންތައް ފާހަގަ ކުރެވޭ... ސުވާލުކުރުމުން ވެސް ޝުޖާ ހެދީ ދޮގު...''

''މަންމާ...'' ޝުޖާއުއަށް އޭނަގެ މަންމަގެ އަތުގައި ހިފާލެވުނެވެ. މަންމަގެ އަޑުގައިވި މޮޅިވެރިކަމުން އޭނަގެ ހިތަށް އަސަރުކުރިއެވެ. ބަތޫލްއަށްޓަކައި އެހިތުން ދެވިފައިވި މަޤާމު އެއްއިރެއްގައި ވެސް މަންމައަށް ސިއްރުކުރާކަށް އޭނަ ގަސްދެއް ނުކުރެއެވެ. ނަމަވެސް ވަގުތާއި ހާލަތު އޭނައަށް ފުރުސަތު ނުދިނީ އެވެ. ބަތޫލްގެ އުފަލަށްޓަކައި އަމިއްލަ ހިތުގެ އިހުސާސްތައް ކަތިލަން ޖެހުނީ އެވެ. އެލޯބި ކަފުންކޮށް ވަޅުލަން ޖެހުނީ އެވެ.

''މަންމަ ޤަބޫލު ބަތޫލްއާއި ޝުޖާ ގުޅެން... ތިދެކުދިން އެކީގައި ފެންނައިރު މަންމަ އުފާވޭ... މަންމައަށް ޔަޤީން ދޮންތަވެސް ޤަބޫލުވާނެކަން... މިވަގުތު ބަތޫލްއަށް ބައިވެރިޔެއްގެ އެހީ ބޭނުންވާނެ... ޝުޖާއަށްވުރެ ރަގަޅު ބައިވެރިޔަކު ބަތޫލްއަކަށް ނުލިބޭނެ...'' މަންމަގެ ވާހަކަތަކުން ޝުޖާއުއަށް ވަގުތުން ތެޅިގަނެވުނެވެ. ހީވީ ކުރިމަތިން ބޮޑު ބިރެއް ފެނުނުހެންނެވެ. ބަތޫލްގެ ކަންފަތާ ހަމައަށް މަންމަ އެއިން އެއްވެސް ވާހަކައެއް ގެންދާކަށް އޭނައަށް ޤަބޫލުވެވޭކަށް ނެތެވެ. އެފަދަ ގޮތަކަށް ބަތޫލް ދެކެ އޭނަ ލޯބިވާކަން އެނގޭކަށް އޭނަ ނޭދެއެވެ. ހަމައެއާއެކު ބަތޫލްގެ ހިތް އޮތް ގޮތް އޭނައަށް ރަގަޅަށް އެނގެއެވެ. އެސަބަބުތަކާ ހުރެ އޭނައާއި ބަތޫލްގެ އެކުވެރިކަމަށް ނޭދެވޭ އަސަރެއް ކުރާތަން ބަލަން އޭނައަށް ނުހުރެވޭނެއެވެ. ބަތޫލް އޭނަދެކެ ރުޅިއައުން އެއީ ދުވަހެއްގެ ކޮޅުން ވެސް ދެކެން ރުހެވޭނެ މަންޒަރެއް ނޫނެވެ.

''ކިހިނެއްވީ؟...'' ޝުޖާއުއަށް ވެގެން ދިޔަ ގޮތް ފެނިފައި މަރިޔާގެ ނިތަށް ރޫތަކެއް އަރައިގެން ދިޔަ އެވެ.

''މަންމާ، އަހަރެން ބަތޫލް ގާތު ނުބުނަނީސް ދެކެވުނު އެއްވެސް ވާހަކައެއް ބަތޫލްއަށް އެނގޭކަށް އަހަރެން ބޭނުމެއް ނޫން...'' ޝުޖާއުގެ އަޑުގައިވަނީ އާދޭހެވެ. ހުރިހާ ކަމެއް އެހިސާބުން އޮއްބާލަން އޭނަ މަސައްކަތްކުރިއެވެ.

ޝުޖާއުގެ ވާހަކަތަކާ މެދު މާރިޔާ ހިތްހަމަޖެހުނުކަމަކަށް ނުވިއެވެ. ޝުޖާއު އެކަންތައް އިތުރަށް ސިއްރުކުރަން އެދޭ ކަމުގެ ލިސާންތައް އެމޫނުމަތިން އޭނައަށް ފެނުމުންނެވެ. އޭނަ ގަދަކަމުން ހިނިތުންވެލަމުން ޝުޖާއުގެ ބަހަށް ތާއީދުކުރާކަމަށް ހެދުނީ ހިތާހިތުން މުޅިން އެހެން ކަމެއް ރާވާލަމުންނެވެ. ޝުޖާއުއަށް ޝައްކެއް ވެސް ނުވާނެ ފަދަ ގޮތަކަށެވެ. އޭގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތް ކަމުގައި ވިޔަސް ހެޔޮކަމަށް ދެކިގެންނެވެ. އޭނަ ދެން ހަމަޖެހުމުގެ ނޭވާއެއް ވެސް ލާނީ ޝުޖާއުއާއި ބަތޫލް ގުޅުވާފައެވެ. ޝުޖާއުގެ އުފާވެރިކަން އެހަޔާތާ ގުޅިލާމެހުމުންނެވެ.

''ދަރިފުޅު ބޭނުންވަނީ މަންމަ ހިމޭނުން ހުންނަންޏާ މަންމައަށް އެގޮތް ވެސް ރަގަޅު، އެކަމަކު ލަސްނުވެ ހުރިހާކަމެއް އަންގާނެ ކަމަކަށް މަންމަ އުއްމީދުކުރަން... މިހާރު ވެސް މާބޮޑުތަން ލަސްވެއްޖެ... ދަރިފުޅު އިސްނެގިނަމަ މިއަދު ބަތޫލްއަށް އެހާ ބޮޑު ދެރައެއް ވެސް ނުލިބުނީސް... އެކަމުގައި ދަރިފުޅު ކުށެއް ނެތް...... އެއަޒްޔާންގެ ނުލަފާކަމާއި ޖާހިލުކަމުން ވެދިޔަކަންތަކުގެ ހިޔަނި ދަރިފުޅާއި ބަތޫލްގެ ދިރިއުޅުމަށް އެޅޭކަށް މަންމަ ބޭނުމެއް ނޫން...'' މާރިޔާ ޝުޖާއުގެ އަތުގައި ހިފާލަމުން ހިތްހެޔޮ ހިނިތުންވުމެއް ތުންފަތުގައި ކުރަހާލިއެވެ. ޝުޖާއު ވެސް ރައްދުގައި ހިނިތުންވެލީ މަންމަގެ ޖުމްލައިން ކުޑަ ނަމަވެސް ފިނިކަމެއް އެހިތަށް ވެރިވުމުންނެވެ. އެހެނަސް އޭނައަށް ލިބިފައިވާ ހާސްކަމަށް ބަދަލެއް ނާދެއެވެ. ހިއްސާކުރެވުނު ވާހަކަތަކުގެ ސަބަބުން ހީނުކޮށްފާނެ ނަތީޖާއެއް ނުކުމެދާނެ ކަމުގެ ބިރު އެހިތުގައި އޮތުމުގެ ސަބަބުންނެވެ.

އިރުކޮޅެއް ވަންދެން ޝުޖާއު ގާތު އިނުމަށްފަހު ބަދިގެއަށް ދާން މާރިޔާ ތެދުވުނީ ކަރުތެރެ މާބޮޑަށް ހިކުމުންނެވެ. ބަދިގެއަށް ވަދެ އައިސްއަލަމާރިން ފެންފުޅިއެއް ނަގައިގެން އޭނަ ކޮޓަރިއަށް ދާން މިސްރާބު ޖެހީ ނިދަންދާން ޝުޖާއު ގާތު ބުނެލުމަށްފަހުގަ އެވެ.

*****

ސިކުނޑީގައި އުފެދިފައިވާ ހައިޖާންގަނޑުގެ ސަބަބުން ޝުޖާއުއަށް ލޮލުފިޔަޖަހާލެވުނު ކަމަކަށް ނުވިއެވެ. ހިތަށް ވެރިވެފައިވާ ނުތަނަވަސްކަމާމެދު އޭނައަށް ވިސްނަން އޮވެވުނެވެ. މަންމަ ގާތު އޭނަގެ އިހުސާސްތައް ހިއްސާކުރެވުން އެއީ އެންމެ ރަގަޅު ގޮތް ބާވައޭ އޭނަގެ ހިތަށް އެރިއެވެ. މަންމައަށް އޭނަ ފުރިހަމައަށް އިރުބާރު ކުރެއެވެ. ނަމަވެސް ގޮތް ނޭގޭ ހާސްކަމެއް އޭނަ ވަށާލަމުން ދިޔަ ސަބަބެއް ވިސްނާވިސްނާ ވެސް ޝުޖާއުއަކަށް ނޭގުނެވެ.

ފަތިސް ނަމާދުގެ ބަންގި ވެސް ގޮވީ ޚިޔާލުތަކުގެ ތެރޭގައި ބަނދެވިފައި ވަނިކޮށެވެ. ފަތިހުގެ ހަމަހިމޭންކަމުގެ ތެރެއިން އިވެމުން އައި ބަންގީގެ އަޑުގެ ތެރެއަށް ނަފުސު ދޫކޮށްލުމުން ހިތަށް ރޫހާނީ ފިނިކަމެއް ލިއްބައިދިނެވެ. ބަންގިދީ ނިމުމާއެކު ޝުޖާއު ގޮސް ފާޚަނާއަށް ވަނެވެ. އޭގެ އިރުކޮޅެއް ފަހުން އޭނަ ނިކުތީ ނަމާދަށް ދާން ތައްޔާރުވެގެންނެވެ.

*****

ހެނދުނުގެ ސައި ކުރިއަށް ދިޔަ ވަގުތެވެ. އެހެން ހުރިހާ ދުވަސްތަކަށްވުރެ ޝުޖާއު ނެގިމަޑުވެފައި އިންކަން ފާހަގަ ކުރެވުނީ އަނާން އަށެވެ. ޝުޖާއުގެ މޫނުމަތިން ފާޅުވަމުން އައި ވަރުބަލިކަން ވެސް މެއެވެ. ހީވަނީ ރޭހަތަރުދަމު ނުނިދާ ހުރިހެންނެވެ.

ސައިބޮއެ ނިމުމާއެކު ފަހަރަކު މީހަކު ސައިމޭޒުދޫކޮށްދާން ފެށިއެވެ. ޝުޖާއުއަށް ހަމަހޭވެރިކަން ވީވެސް ނޫހު ގޮވާލި އަޑަށެވެ.

''ދަރިފުޅު ބަލީތަ؟...'' ގޮނޑިން ތެދުވުނު ނޫހު އަހާލިއެވެ. އެއާއެކު އަވަސްއަވަހަށް ޝުޖާއު ދެފަރާތަށް ބޯހޫރާލިއެވެ. އަދި އޮތުގައި އޮތް ރޮށި މަސްހުނި ތަށީގެ ތެރެއަށް ދޫކޮށްލަމުން އަތްދޮންނަން ސިންކުކައިރިއަށް ދާން ތެދުވަން އުޅުނެވެ.

''އެކަމަކު ބަލިހެން ހީވަނީ...'' ޝުޖާއުގެ ޖަވާބާ ނޫހުއަށް އެއްބަހެއް ނުވެވުނެވެ. މިއަދު އާދަޔާ ޚިލާފަށް ޝުޖާއު ހިމޭންވެފައި ވުމުންނެވެ. އެއީ ޝުޖާއުއާ ނުބައްދަލު މިޒާޖެކެވެ. ''ބައްޕައަށް ފެންނަނީ މިއަދު ޝުޖާ ގޭގައި މަޑުކޮށްލަން...''

ނޫހުގެ ވާހަކައާއި މާރިޔާ އެއްބައިވެލިއެވެ. އެއާއެކު ދެކޮޅުހެދިކަމުގައި ވިޔަސް ޝުޖާއުއަށް ޖެހުނީ އެންމެފަހުން އޮފީހަށް ނުގޮސް ގޭގައި މަޑުކުރާށެވެ. ހަށިގަނޑަށް ވެރިވެފައިވާ ލޮޑުކަމުގެ ސަބަބުން ފަހުން އެކަމާ ޝުޖާއުއަށް ރުހެވުނެވެ. އޭނަ ކޮޓަރިއަށް ހިނގައިގަތީ ނޫހު އޮފީހަށް ދާން ގެއިން ނުކުތުމުންނެވެ.

*****

ކޮޓަރިއަށް ވަދެވުމާއެކު ގަމީހުގެ ގޮށްތައް ނައްޓަމުން ގޮސް ޝުޖާއު އަރަމާލި ހުޅުވާލިއެވެ. އަދި ކޮނޑެއް ނަގައި އޭގައި ގަމީސް އަޅުވާލުމަށްފަހު އަލަމާރިއަށް ލިއެވެ. އެއަށްފަހު ގޮސް އެނދަށް ވެއްޓިގަންނަމުން އެހަށިގަނޑު އެނދުގައި ހުރަހަށް ދަމާލިއެވެ. ލިބިފައިވާ ވަރުބަލިކަމުގެ ސަބަބުން ޝުޖާއުގެ ލޮލަށް ނިދިސަވާރުވާން ގިނަ އިރެއް ނުނެގިއެވެ. ނަމަވެސް ނިދީގެ ފުންކަމުގެ ތެރެއަށް ފީނައިނުގަނެވެނީސް ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑަށް ސިހިފައި އޭނައަށް ލޯހުޅުވާލެވުނެވެ. އޭރު އޭނަގެ ނިދިވެސް މުޅިންހެން ހަރާބު ވެއްޖެއެވެ. އެމޫނުމަތިން ނުރުހުމުގެ ކުލަވަރުތައް ވެސް ފެނެއެވެ.

''ކާކު؟...'' ޝުޖާއުއަށް އަހާލެވުނެވެ.

''މަށޭ... ނިދަނީތަ؟...'' އަނާންގެ އަޑު އިވުނެވެ. ޝުޖާއު ގޮސް ދޮރުހުޅުވާލުމާއެކު އަނާންގެ ތޫނު ދެލޯ އޭނައަށް އަމާޒު ވެއްޖެއެވެ. އެދެލޯ ހޯދަމުންދަނީ ކޯޗެއްކަން ވެސް ޝުޖާއުއަށް އެނގުނެވެ.

''ހާދަ ފާޑަކަށް ތިހުންނަނީ؟... އަނެއްކާ ކިހިނެއްވީތަ؟...'' އެތެރެއަށް ވަންނަމުން އަނާން އެހި އެވެ.

''މަންމައަށް އެނގިއްޖެ...'' އިތުރަށް ސިއްރުކުރާކަށް ޝުޖާއު ނޫޅުނެވެ. އޭނައަށް އެހީގެ އަތެއް ފޯރުކޮށްލަދެވެން އޮތީ އަނާންއަށް ކަން އެނގޭތީއެވެ.

''ކޯޗެއް؟...'' ޝުޖާއު ބުނި އެއްޗެއް އަނާންއަށް ދޭހައެއް ނުކުރެވުނެވެ.

''ޝީ ނޯސް އެބައުޓް އެވްރީތިންގް...'' އަނާންއާއި ކުރިމަތިލުމަށްފަހު ސީރިޔަސްކަން މޫނަށް ގެންނަމުން ޝުޖާއު ބުނެލިއެވެ.

''ކިހިނެއް؟، ކޮން އިރަކު؟، ކީކޭތަ މަންމަ ބުނީ؟...'' ދެލޯބޮޑުކޮށްލަމުން އަނާންއަށް ސުވާލަކަށްފަހު ސުވާލެއް ކޮށްލެވުނެވެ.

ރޭގެ ހާދިސާ ޝުޖާއު ކުރުގޮތަކަށް އަނާންއަށް ކިޔައިދިނެވެ. އޭރު ތަފާތު ކުލަތައް އަނާންގެ މޫނުމައްޗަށް އަރާފައިބަމުން ދިޔަ ތަން ޝުޖާއުއަށް ފެނުނެވެ.

''ބައްޕަ ގާތު ބުނެފާނެތީ ވެސް އަހަރެން އެބަ ހާސްވޭ... ކުޑާ ބުނެބަލަ ހަދަންވީ ގޮތެއް...'' އެނދުގައި އިށީންނަމުން ޝުޖާއު ބުނެލިއެވެ. ޝުޖާއުއާ ކުރިމަތިވާނެހެން ކޮޅަށް ހުރި އަނާން ވެސް އެނދުގައި އިށީނެވެ. އަދި ޝުޖާއުގެ މޫނަށް ބަލާލިއެވެ.

''މަންމައަށް ޓްރަސްޓް ކުރަންވީ، ޝީ ވިލް ނެވާ ޑޫ އެނީ ތިންގް ސްޓުޕިޓް...'' އަނާންގެ އަޑުގައި ވަނީ ޔަޤީންކަމެވެ.

''އެކަމަކު...''

''ޝުޖާ މާބޮޑަށޭ ކަންތަކާ މެދު ތިވިސްނަނީ.... މަށަށް ޔަޤީން އަންހެން ކުއްޖަކުވެސް ތިހާވަރުން ކަންތަކާމެދު ނުވިސްނާނެކަން. ފޯރ ވަންސް ލެޓް ގޯ އޮފް ތިންގްސް...އަހަރެން ކުރިންވެސް ބުނިންދޯ ކޮންމެވެސް ދުވަހަކުން އެންމެނަށް ހަޤީޤަތް އެނގޭނެޔޭ... އެދުވަސް އައިސް ޖެހިފަ މިއޮތީ... ދެންވެސް ލަސްނުވެ ބަތޫލްއަށް ހުރިހާކަމެއް އަންގަން އުޅޭ...'' އަނާން ބުނެލިއެވެ.

''އަދި އެއްވާހަކަ ބުނަންވެފަ އެބައޮތޭ...'' ކުއްލިޔަކަށް ކަމެއްމަތިން ހަނދާންވާފަދަ ގޮތަކަށް ޝުޖާއު ބުނެލިއެވެ. އަދި އިހަށްދުވަހު ދިމާވި ކަންތައް އަނާންއާ ހިއްސާކޮށްލިއެވެ.

''ވަޓް؟... ޖަނާ މޮޔަވީތަ؟...'' ނުރުހުމާއެކު އަނާންއަށް އަހާލެވުނެވެ. ''އެއީތަ އެކުވެރިން ކަންތައްކުރާ ގޮތަކީ؟... ކީކޭ ހިތަށް އަރައިގެންތަ އޭނަ އަޒްޔާން ގާތަށް ދިޔައީ؟... އޭނައަށް ރަގަޅަށް އެގޭނެ ކަންތައްވީ ގޮތް... ދެން ކޯޗެއް ސާބިތުކުރަން އޭނަ އެހާވަރަކުން އެއުޅެނީ؟... ބޮޑުދައިތަ އެބުނީ ހަމަ ތެދެއް... އެއަށް ކިޔާނީ ހަސަދަވެރިކަމޭ...'' އަނާންގެ ވާހަކަތަކުން ޖަނާއާ މެދު ޝުޖާއުގެ ހިތުގައިވި ތަސްވީރު އިހުނަށްވުރެ ކިލަނބުވެގެން ދިޔަ އެވެ. ފާޑެއްގެ ރުޅިވެރިކަމެއް އުފަންކުރުވާފައެވެ.

*****

ރޭގަނޑުގެ ވަގުތެވެ. ހޮސްޕިޓަލަށް ދާން ތައްޔާރުވެގެން ނިކުތް ބަތޫލް ފެނުމާއެކު ބޮޑުކޮޓަރީގައި އިން ހިންދުއަށް ސޯފާއިން ތެދުވެވުނެވެ. އެއަށްފަހު އަަވަސް ފިޔަވަޅުތަކުގެއްގައި އައިސް އޭނަ ބަތޫލްއާއި އަރާހަމަކޮށްލިއެވެ.

''ކޮންތާކަށްދާން ތިދަނީ؟...'' ނަރުހުންގެ ޔުނިފޯރމް ލައިގެން ހުރި ބަތޫލް ފެނި ދާތަން އެނގުނުކަމުގައި ވިޔަސް ހިންދުއަށް އަހާލެވުނެވެ. ޖަނާއާއި ވައިއެޅޭ ހިސާބަކަށް ވެސް ބަތޫލް ފޮނުވާކަށް ހިންދުގެ ހިތް އެއްބަހެއް ނުވިއެވެ. އެއީ އެޅިދާނެ ކަތި ފިޔަވަޅަކަށް ވެދާނެތީއެވެ. އޭނައަށް ބަތޫލްގެ ވިސްނުމާ ކުޅެލެވުނުކަމުގައި ވިޔަސް ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގައި ނިމުމުގެ ސިއްކެ ޖެހިގެން ދިއުން ފަސޭހަމަކަށް ނުވާނެއެވެ. ހަމައެއާއެކު އަޒްޔާންގެ ވާހަތަކުގެ ޖަޒުބާތުގައި ބެހި ޖަނާގެ ވާހަކަތައް ބަތޫލް ޤަބޫލުކޮށްފާނެކަމުގެ ބިރު ވެސް އެހިތުގައި ވިއެވެ. ހުރިހާ ކޮޅަކަށް ބުރަވެލަމުން ބަތޫލްއަށް ދިއުމުގެ ހުއްދަ ނުދޭން އޭނަ ހުރީ އަޒުމު ކަނޑައަޅައިގެންނެވެ.

''ޑިއުޓީއަށްދާކަށެއްނު... މިހާރު ޗުއްޓީ ނިމުނުތާ ވެސް ހަފްތާއެއްވަރު ވެއްޖެ...'' މަންމަގެ ސުވާލުން ހައިރާންކަން ލިބުނެއްކަމަކު ބަތޫލް އޮޅުންފިލުވައި ދިނެވެ.

''ދާނެކަމެއް ނެތް!... ވަޒީފާއަކަށް ނުދިޔަޔަސް ބަތޫލްއަށް ބޭނުންވާނެ ހުރިހާކަމެއް ފުރިހަމަވޭ!...'' ހިންދު ދެކޮޅު ހެދިއެވެ. އެޖަވާބުން ބަތޫލްއަށް ސިހުމެއް ލިބުނެވެ. މިހާރު މަންމަ އޭނަގެ މިނިވަންކަމަށް ވެސް ހުރަސްއަޅަން ފެށީ ހެއްޔެވެ؟

''މަންމާ، އަހަރެން އަމިއްލައަށް ހޯދާ ފައިސާއިން އަހަރެންގެ ކަންތައްކުރަން ބޭނުންވަނީ... މުއްސަނދިކަމެއް ލިބިފައި ވިޔަސް އޭގެ ނާޖާއިޒް ފައިދާ ނަގާކަށް އަހަރެން ބޭނުމެއް ނޫން...'' ބަތޫލް ހިތްހަމައެއް ނުޖެހުނެވެ. މަންމައާއި އަރައިރުންވާން ޖެހިފައިވުމުން އޭނަ ހުރީ މޫޑު ގޯސްވެފައެވެ.

''ބަލަ އެއީ ބަތޫލްއަށްޓަކާ ހޯދާފައިވާ ލާރިއޭ، މަށާ ޒުވާބުކުރަން ނޫޅެ މަބުނާ ގޮތަށް ކަންތައް ކުރޭ... ހަމިހާރު ކޮޓަރިއަށްދޭ!... މަ ބަލާނަން ދެން ތިތަނަކަށް ބަތޫލްއަށް ދެވޭތޯ... ނުބައި މީހުނާ ޖެހި މިހާރު ޒުވާބުކުރަން ވެސް ފެށީއޭ...'' ބަތޫލްއާ ދިމާއަށް ލޯއަޅާލަމުން ހިންދު އަމަރުވެރި ރާގަކަށް ބުނެލިއެވެ.

''ކިހިނެއް ވެގެންތަ މިއުޅެނީ؟...'' ކޮޓަރިން ނިކުތް ޖައުފަރަށް ދެމައިންގެ ދެމެދުގައި ހޫނު ޒުވާބެއް ހިނގާހެން ހީވުމުން އަހާލިއެވެ. އަދި އަވަސް ފިޔަވަޅުތަކެއްގައި އައިސް އެދިމާއަށް ހުއްޓިއްޖެއެވެ.

''ބައްޕާ...'' ޝަކުއުވާގެ ރާގަކަށް ބަތޫލް ގޮވާލިއެވެ. އެވަގުތު ހިންދު އެއްޗެއް ބުނަން އުޅުމުން ޖައުފަރު އަތްއުފުލާލަމުން އެކަން މަނާކުރިއެވެ. އެމޫނުމަތީގައިވި ނުރުހުންތެރިކަން ފެނި ހިންދުގެ މޭގަނޑަށް ލޮޅުން އަރައިފިއެވެ. ބަތޫލް ދެންމެ ހިގާދިޔަ ކަންތައް ކިޔާދިނުމުން ޖައުފަރު ހިތްހަމަ ނުޖެހުނެވެ. އެއްވެސް މީހަކު ބަތޫލްގެ މިނިވަންކަމަށް ހުރަސް އަޅަން އޭނަ ބޭނުން ނުވާތީއެވެ.

''ދަރިފުޅު ބޭނުންކަމެއް ކުރުމުގެ މިނިވަންކަން އޮންނާނެ...'' ރުޅިވެރިކަމާއެކު ހިންދުއަށް ބަލާލަމުން ޖައުފަރު ބުންޏެވެ. އަދި ބަތޫލްގެ ބޮލުގައި ފިރުމާލަމުން އައިސްފައިވާ ރުޅިވެރިކަމުގެ މައްޗަށް ހިނިތުންވުމެއް އިސްކޮށްލިއެވެ.

ޖައުފަރު ޑްރައިވަރަކަށް ގޮވާލަމުން ބަތޫލް ހޮސްޕިޓަލަށް ގެންގޮސް ދިނުމަށް ބުނެލިއެވެ.

ބަތޫލް ހުއްޓުވަން އުޅުނުކަމުގައި ވިޔަސް ހިންދުއަށް ޖައުފަރާ ދެކޮޅަށް އެއްޗެކޭ ބުނާކަށް ނުކެރުނެވެ. ބަތޫލް ނިކުމެގެން ދިޔަ ދިމާއަށް އޭނައަށް ބަލަން ހުރެވުނީ ބިރެއް ފެނިގެން އުޅޭ ފަދަ ގޮތަކަށެވެ. ހިންދިރުވާލަން ވެސް ދަތިވެފައެވެ.

''ބުނަން، ދެން ބަތޫލްއަށް އެއްވެސް ކަމަކަށް ހުރަސް ނާޅާތި، ވަރަށް ގިނަ ދުވަސް ފަހުން އެދަރިފުޅު އަހަރުމެނަށް އަނބުރާ ލިބިފަ އެހުރީ...'' ޖައުފަރު އިންޒާރެއް ދިނެވެ.

''ވާހަކައެއް ބުނަންވެފަ އެބައޮތް...'' ޖެހިލުންވިއެއްކަމަކު ހިންދު ބުންޏެވެ. އިތުރަށް ޖަނާގެ ކަންތައް ސިއްރުކުރެވެން ނެތީމައެވެ. ޖައުފަރަށް ކުރެވުނު މޮޔަކަންތައް އަންގަން ބޭނުން ވާތީއެވެ. ޖަނާގެ ސަބަބުން ދަރިފުޅުގެ މުސްތަޤުބަލަށް ކުރިމަތިކުރުވާފައިވާ ބޯތޫފާނުގެ އިންޒާރު ދިނުމަށެވެ. އެކަމާމެދު ފިޔަވަޅުއަޅަން މުހިންމުކަމަކަށް ވެފައިވާތީ އެވެ.

''ކޯޗެއް؟...'' ފަރުވާކުޑަ ރާގަކަށް ޖައުފަރު ބުނެލިއެވެ. އަދި އަތުކުރީ އޮތް ގަޑިއަށް ބަލާލިއެވެ. ''ބުނަން އުޅޭ އެއްޗެއް އަވަހަށް ބުނޭ، އަށްގަޑި ބައިގަ އޮތް ޕްރެސް ކޮންފެރެންސަށްދާ ގަޑި ޖެހެނީ...''

''ޖަނާއަށް ޝައްކުވެއްޖެ...'' ހިންދު ކިޔައިދިނެވެ. އޭނަ ހުރީ ޖައުފަރުގެ މޫނަށް ބަލަން ވެސް ޖެހިލުން ވެފައެވެ. ޖައުފަރު ރުޅިއަންނާނެކަން އޭނައަށް އެނގޭތީއެވެ. ހަމައެއާއެކު އެރުޅީގެ ސަބަބުން ކުރިމަތިކުރުވާނެ ތޫފާނުގެ ހިލަން ވެސް ވާތީއެވެ. ކިތަންމެ ފަހަރަކު ޖައުފަރުގެ ރުޅިވެރިކަމާ އޭނައަށް ވަނީ ކުރިމަތިލާން ޖެހިފައެވެ. ލިބޭ ގެވެށި އަނިޔާތަކަށް އޭނަ ކެތްކުރަނީ ވާލޯތްބެއްގެ ސަބަބުންނެވެ.

ކޮމެންޓް 0