''އަހަންނާއެކު އުޅުން އަޒްޔާނަށް ދަތިކަމަކަށް ވެފައިވާނަމަ އަހަރެން އެދެނީ އެންމެ ކަމަކަށް!... އަހަ...ރެން ވަ..ވަރިކޮށްދީ!... އޭރުން ދުވަހެއްގެ ކޮޅުން ވެސް އަހަންނާއި އަހަރެންގެ ދަރިފުޅުގެ ފުށުން އަޒްޔާނަށް އުނދަގުލެއް ކުރިމަތިނުވާނެ!... އަހަރެން އަޒްޔާންގެ ހަޔާތުން މިދަރިފުޅު ގޮވައިގެން ދުރަށް ހިނގައިދާނަން!...''
ގިސްލުމުގެ ތެރޭން ބަތޫލް ބުނެލިއެވެ.
އަޒްޔާނަށް ހިމޭންކަމާއެކު ބަތޫލްއަށް ބަލަން ހުރެވުނީ ބަސްބުނުމުގެ ކުޅަދާނަކަން އޭނަގެ ދުލަށް ނުލިބުމުންނެވެ. ހިތުގައި ޖެހި ބަތޫލް ރޮމުން ދިޔަ މަންޒަރު ފެނި އޭނަގެ މެޔަށް ވެސް އަސަރުކުރުވިއެވެ. އެ އިހުސާސްތަކާއި ދެކޮޅު ހަދަން ބޭނުންވިކަމުގައި ވިޔަސް މެއެވެ. އެގިސްލުންތަކުގައި އެކުލެވިފައިވަނީ އެތައް ދުވަހެއްގެ ވޭނާއި ކެކުޅުންތަކެވެ. އެއަޑުގައިވި ރިހުމުން އެހިތަށް އަނިޔާ ލިބިފައިވާ ދަރަޖަ ވެސް ހާމަކޮށްދެއެވެ. ކުށްވެރިކަމުގެ އިހުސާސްތައް އަޒްޔާންގެ ވިސްނުމަށް ވެރިވެގެން އައީ ބަތޫލްގެ ހިތާމައާއި ކަރުނަތަކުގެ އަސްލަކީ އޭނަކަން އެނގުމުންނެވެ. ބަދަލުހިފުމުގެ ރޫހުގައި އޭނަގެ ދެއަތުން އެވަނީ ބަތޫލްގެ މުޅި ވުޖޫދު އަނދިރިކަމުގެ ތެރެއަށް ވައްޓާލެވިފައެވެ. އޭނަގެ ފަރާތުން ބަތޫލް އެދުނީ ހަމަ އެންމެ ކަމަކަށެވެ. އޭނަގެ ލޯތްބާއި އޯގާތެރިކަމަށެވެ. ނަމަވެސް އޭނަގެ ފުށުން ފާއިތުވި މަސްތަކުގައި ބަތޫލްއަށް ލިބުނީ ކޯޗެއް ހެއްޔެވެ؟ އެކަނިވެރިކަމާއި މާޔޫސް ކަމެވެ. އަނިޔާއެވެ.
ފާއިތުވެ ދިޔަ ދުވަސްތަކުގެ އެކިއެކި މަންޒަރުތައް އަޒްޔާނަށް ސިފަވެގެން އައީ ވެސް ދެނެވެ. އޭނަގެ ސިނގުރުޅިގަނޑާ ހުރެ ގުނާ އަދަދުނުކުރެވޭހާ ގިނައިން ބަތޫލްގެ ހިތް ވަނީ ޒަހަމްކޮށްލެވިފައެވެ. އޭނައަށް ބަތޫލްގެ ރުއިމާއި ކަރުނަތަކާއި އާދޭސްތައް އަޑުނީވޭކަމަށް ހެދީ ކިތައް ފަހަރު ހެއްޔެވެ؟ ގިނަ ރޭރޭގެ ނިދިން އޭނަ ހޭލެވީ ބަތޫލްގެ މަޑު ގިސްލުމުގެ އަޑަށެވެ. އޭގެ ސަބަބުން އަންނަ ރުޅިއާއިއެކު ބަތޫލްއާ ދިމާއަށް ކިތައް ފަހަރު އަޑުލެވިފައިވޭ ހެއްޔެވެ؟ ބަތޫލް އޭނަ ގާތު ބުނުމުން ވެސް ޑޮކްޓަރަށް ދައްކަންދާއިރު ބައިވެރިނުވަނީ ގަސްދުގައެވެ. އޭނަ ބަތޫލްދެކެ ކުރާ ނަފްރަތު ބަޔާންކޮށްދޭށެވެ. އޭނައަށް ބަތޫލްގެ ދެލޮލުގައިވި އާދޭސްތަކާއި ރިހުންތައް ފެނި ދެނެހުރިކަމަށް ވެސް ހަދާނުލީ ވާ ފޫއްސެއްގެ ސަބަބުންނެވެ. ނަމަވެސް މިހާރު މަންޒަރުތައް ބަދަލުވާން ފަށައިފިއެވެ. ބަތޫލްގެ ރުއިމުގައި އެވާ ރިހުމާއި ކެކުޅުންތަކުން އޭނަގެ ރޫހު ހޭލައްވާލަން މަސައްކަތް އެބަކުރެއެވެ. ހިލަކަން ވެރިވެފައިވި އޭނަގެ ހިތް ގުޑުވާލަމުންނެވެ. ރުއިމާއެކު އެހަށިގަނޑުގައި އުފެދިފައިވާ މަޑު ތުރުތުރުލުމުން ބަތޫލް އުފުލަމުންދާ ވޭން އަޒްޔާނަށް އިހުސާސްކޮށްދޭން މަސައްކަތްކުރާ ފަދައެވެ.
''އަހަންނަށް ޖަވާބު ނުދިނަސް އަހަންނަށް ހުރިހާކަމެއް ވިސްނިއްޖެ، އަޒްޔާން ދުވަހަކު ވެސް އަހަރެންދެކެ ލޯބި ނުވަމެއްނު!... ޔޫ ޔޫސްޑް މީ!... އަޒްޔާންގެ ހިތުގެ އެދުންތައް ހާސިލުކުރަން ބޭނުންކުރި ހަތިޔާރެއް އަހަންނަކީ، އެއްއިރެއްގައި ވެސް އަޒްޔާނަށް އަހަރެން މުހިންމެއްނުވި، އަހަރެން މުހިންމުނުވި މީހަކަށް އަހަރެންގެ ފަރާތުން ލިބޭ ދަރިއަކު ވެސް ބޭނުމެއް ނުވާނެ... އަހަރެން ފަހުގެ ނިންމުން ނިންމައިފިން... އަހަރެން ބޭނުމީ ވަރިވާން... އަހަރެން އަޒްޔާންގެ ފަރާތުން އެދޭނެ ފަހުގެ ކަންތައް މީ... އަހަރެން ވަރިކޮށްދީ... އޭރަށް އަހަރެން ވަޢުދުވަން އަޒްޔާންގެ ހަޔާތުން އަބަދުގެ އަބަދަށް ދުރަށް ދާނަން ކަމުގައި... އަހަންނާއި އަހަރެންގެ ދަރިފުޅުގެ ފަރާތުން އަޒްޔާނަށް އުނދަގުލެއް ކުރިމަތިނުވާނެ... އިރާދަކުރެއްވިއްޔާ މިދަރިފުޅު ބެލުމުގެ ޤާބިލިއްޔަތުކަން އަހަރެންގެ އެބަހުރި.....''
ބަތޫލް ކޯތާފަތް ފޮހެމުން ދިޔަޔަސް ފަޅި ސިކުންތުކޮޅެއްގެ ތެރޭގައި އެސްފިޔަތައް ފޫއަޅުވާލާފައި ތާޒާ ކަރުނަތައް އޮހެން ފަށައެވެ. އޭނަގެ ހިތަށް ކިތަންމެ ތަދުވިކަމުގައި ވިޔަސް ބަތޫލް ވަނީ އޭނަގެ ފަހުގެ ނިންމުމާ އެއްގޮތަށް އަމަލުކުރަން އަޒުމުކަނޑައަޅާފައެވެ. އޭނަ އަޒްޔާނާއި ވަކިވެގެން ދިއުން އެއީ ހުރިހާ ކަމަކަށް ވެސް އޮތް އެންމެ ރަގަޅު ހައްލެވެ. އަޒްޔާނަށް އޭނަ ދެކެ ލޯބިވެވޭކަށް ނެތެވެ. އެއީ ހުވަފެނުގައި ވެސް ވާނެކަމެއް ނޫނެނެވެ. އިތުރު ވޭންތަކަށް ކެތްކުރެވޭނެހާ ހަކަތައެއް އޭނަގެ ބަލިކަށި ހިތަކަށް ލިބިފައި ނުވެއެވެ. އޭނަ އަޒްޔާނާއި ވަކިވެގެން ދާއިރު އޭނަ ވީ ލޯބި މަތިން ހަނދާންކޮށްދޭނެ ފަރާތެއް އޭނައާއެކު ވާނެއެވެ. އެއީ އޭނައަށް އަޒްޔާންގެ ފަރާތުން ލިބެން އޮތް ހަމަކައެނި ހިތްހަމަޖެހުމެވެ. އޭނަގެ ރިހުންތަކަށް އޮތް ފަރުވާ ވެސް މެއެވެ. އެދަރިފުޅާއެކު އަޒްޔާންގެ ހަނދަންތަކާއެކު އާދިރިއުޅުމެއް އާރާސްތުކުރަން އޭނަ މަސައްކަތްކުރާނެއެވެ. ނަމަވެސް ދެން އިތުރު ފަރާތަކަށް އޭނަގެ ހިތެއް ނުދެވޭނެކަން ގައިމެވެ. އަޒްޔާން އޭނައަށް ފުރަގަސްދިންކަމުގައި ވިޔަސް އެހިތް އަބަދުވެސް އެދޭނީ އެލޯތްބަށެވެ. އެއޯގާތެރިކަމަށެވެ. ހަށިގަނޑުގައި ފުރާނަ ހުރިހާ ހިނދަކު އެހިތް އެދިހޯދާނެ ހަމައެކަނި ފަރާތަކީ އަޒްޔާނެވެ. އެހެނަސް އެއީ އޭނަގެ ނަސީބުގައި ލިބުމަށް މިންވަރުކުރެވިފައިވާ ނިޢުމަތެއް ނޫނެވެ. އޭނަ ޖެހޭނީ ތަޤުދީރުގެ ނިޔާއާއި މެދު ރުހިޤަބޫލުވާށެވެ. އޭނައަށް ލިބުނު ވަގުތީ އުފާލާމެދު ހިތްހަމަޖެހިގެން އަޒްޔާންގެ ހަޔާތުން ދުރަށް ދާށެވެ.
''ބަތޫލް...''
އަޒްޔާން ކުރިއަށް ފިޔަވަޅުތައް އަޅަމުން ގޮސް އެނދގައި އިށީދެ ބަތޫލްގެ އަތުގައި ހިފަން އުޅުނެވެ. އެއާއެކު ބަތޫލްއަށް ވަގުތުން ތެޅިގަނެވުނެވެ. އޭނަގެ އަތް އަޒްޔާންގެ އަތުގެ ތެރޭން ދަމައިގަތީ ގިސްލުމަކާއެކުގައެވެ. އިތުރު ހަރަކާތެއް ގެނައުމެއް ނެތި އަޒްޔާން ބަތޫލްގެ މޫނަށް ބަލާލީ ފަރުވާތެރިކަމާއެކުގައެވެ. އިސްއޮބާލެވިފައިވިކަމުގައި ވިޔަސް އެމޫނުގައިވި ހިތްދަތިކަން އޭނައަށް ސިއްރެއްނުކުރެވުނެވެ. އަޒްޔާންގެ ހިތް ކަސްތޮޅުއެޅެމުން އައި ކުށްވެރިކަމުގެ އިހުސާސްތަކުން އޭނައަށް ކުރެވިފައިވި ކަންތަކުގެ އަޖުމަ ލޯކުރިމަތިން ސިފަކޮށްދިނެވެ. ރަހުމެއްނެތި ބަތޫލްގެ ހިތް އޭނަ އެވަނީ ހަލާކުކޮށްލާފައެވެ.
ރުޅިވެރިކަމާއި ބަދަލުހިފުމުގެ ރޫހުގައި އޭނައަށް ހާސިލުކުރެވުނީ ކޯޗެއް ހެއްޔެވެ؟ އަޒްޔާންގެ ޒަމީރު އޭނައާއި ކުރިމަތިކުރުވި އެސުވާލުގެ ޖަވާބެއް އޭނައަކަށް ހޯދައެއް ނުގަނެވުނެވެ. އޭނަގެ މަންމަގެ ފަހުގެ ވަސިއްޔަތް ވެސް އަޒްޔާންގެ ޚިޔާލުތަކާއި ގުޅިގެން އައީ ދެނެވެ. މިހުރިހާ ދުވަހު އޭނަގެ ޖިސްމުގައި އަނދަމުން ދިޔަ ނަފުރަތުގެ އަލިފާނުން އޭނަގެ ސިކުނޑީގެ މަސައްކަތައް ވެސް ވީ ބާރުފޯރުވާފައެވެ. އަތުން ފައިން ގޯސްހެދުމުގެ އަސްލަކީ ވެސް އެއީ އެވެ. އެއަލިފާން ނިވުނަނުދީ ހިފެހެއްޓުމުގެ އެންމެ އިސްރޯލެއް އަދާކުރީ އޭނަގެ ބޮޑުދައިތައެވެ. އޭނަގެ ހިތުގައި ބަތޫލްއާ މެދު ނަފުރަތު އުފެއްދި މީހަކީ ވެސް އެއީ އެވެ. މިވީހާ ދުވަހު ހަލަބޮލިކަން ވެރިވެފައިވި އޭނަގެ ހިތަށް އިލްހާމެއް ކަމުގައި ވެގެން ދިޔައީ އޭނަ މަންމަގެ ވަސިއްޔަތެވެ.
''ދަރިފުޅާ... މަންމަ ދަރިފުޅުގެ ގާތުން އެދެން ބޭނުންވަނީ އެންމެ ކަމަކަށް... ދަރިފުޅު ބަތޫލްއަށް ދެރައެއް ނުދޭތި... ބަތޫލް އެވަނީ ދަރިފުޅުގެ ހައްޤުގައި ބޮޑެތި ޤުރުބާނީތަކެއްވެފައި، އެޤުރުބާނީތަކުގެ އަގު ވަޒަންކުރާތި... ދިރިއުޅުން އޮމާންކަމާއެކު ކުރިއަށް ނުދާނެ، އަދި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނެ... ބަލިކަށިކަން އިހުސާސްކުރެވޭ ވަގުތު ދަރިފުޅާއިއެކު ވާނެ ފަރާތެއް ވާނެކަން އަބަދުވެސް ހަނދާނުގައި ބަހައްޓާތި، ދަރިފުޅުގެ ހިތްވަރުކަމުގައި ބަތޫލް ހަދާތި... ބަތޫލްއަށް ހިމާޔަތާއި ރައްކާތެރިކަން ދޭތި........... މަންމަ ބޭނުން އަޒްޔާން މިކަންތަކާ ޤަބޫލުވަމޭ ބުނާ އަޑު އަހަން، މަންމައަށް އެނގޭ މަންމަގެ ފަހު ވަގުތު އައިސްޖެހެނީކަން، އެކަމަކު އޭގެ ކުރިން މަންމަ ބޭނުން އަޒްޔާންގެ އާނ ބަސް ލިބެން، އޭރުން މަންމަގެ ހިތަށް ހަމަޖެހުމެއް ލިބޭނީ... މަންމަ ބޭނުމެއް ނޫން ދަރިފުޅުގެ ފަރާތުން ބަތޫލްއަށް ދެރައެއް ލިބޭކަށް، ބަދަލުހިފުމުގެ ރޫހު ދަރިފުޅު އިސްކުރާކަށް ވެސް މެ... އަޒްޔާން... އެއްވެސްކަމެއްގައި ބަތޫލްގެ ކުށެއްނުވާކަން ދަންނާތި، އެއީ މައުސޫމް ކުއްޖެއް.......... ބަތޫލްއަކީ މިހާރު ދަރިފުޅުގެ ޒިންމާއެއް... ބަތޫލްގެ އުފާވެރިކަން އެއީ ދަރިފުޅުގެ ވެސް އުފާވެރިކަން... ހަމަ އެފަދައިން ހިތާމަތައް ވެސް.....''
ފުންނޭވާއެއް ބޭރުކޮށްލެވުނު އަޒްޔާންގެ ހިތުގައި ރިހުމެއް އުފެދިފައިވިއެވެ. ޝައިތާނީ ވަސްވާހުގެ ތެރޭ ގައިދުވެ ހަވާ ނަފުސުގެ ގޮވުންތަކަށް އިޖާބަދެވުނުކަމުގެ ހިތިރަހަ އޭނަގެ ކަރުބުޑަށް ފޭދި ނިމިއްޖެއެވެ. އޭނަ އަމިއްލަ ނަފުސަށް ކުރި ވަޢުދުތައް ކޮބާ ހެއްޔެވެ؟ ބަތޫލް ކުށްވެރި ނުކުރާނަންކަމަށް އަމިއްލަ ނަފުސަށް ދިން ޔަޤީންކަން ކޮބާ ހެއްޔެވެ؟ ބަތޫލްއަށް ލޯތްބާއި އޯގާތެރިކަން ދޭނެކަމަށް ކުރި ވަޢުދުތައް ކޮބާ ހެއްޔެވެ؟ އޭނަގެ މަންމައަށް ދިން ބަހުގެ ޔަޤީންކަން ކޮބާ ހެއްޔެވެ؟
އޭނަ ވެފައި އެވަނީ މުނާފިގަކަށެވެ. ވަޢުދާއި އަހުދުތަކަށް އޭނައަށް ޤަދަރެއް ނުކުރެވުނެވެ. އޭނަގެ ފަރާތުން ހިމާޔަތާއި ރައްކާތެރިކަން ލިބެންވީ ފަރާތް ވީ ނަފުސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އެކަނިވެރިކަމުގެ ކިއްލާއެއްގެ ތެރޭގައި ޤައިދުވެފައެވެ. އޭނަގެ ދަރިއަކަށް ބަތޫލް ބަލިވެ އިނދެ ދެވުނު އަނިޔާތައް ހަނދާންވުމުން އަޒްޔާންގެ ލޮލުން ކަރުނައިގެ ދިލަކަން ފާޅުވިއެވެ. ބަތޫލް ހޭދަކޮށްފައިވާ އެކަނިވެރި ދުވަސްތައް އޭނައަށް ދުވަހަކު ތަސައްވަރު ނުކުރެވޭނެއެވެ. ފިރިއެއްގެ ކުލުނަށް އެދި އާދޭސްކުރި ވަގުތުތަކުގައި ކުރިމަތިލާންޖެހުނު މާޔޫސްކަން ވެސް މެއެވެ. އޭނައަކީ ކޮންކަހަލަ ފިރިއެއް ހެއްޔެވެ؟ އޭނަގެ ފުށުން ބަތޫލްއަށް ލިބުނީ ކެކުޅުންތަކާއި ވޭނެވެ. ބަތޫލް އޭނަދެކެވި ތެދުވެރި ލޯތްބަށް ވެސް ޤަދަރެއް ނުކުރެވުނެވެ.
''އަދި ލަހެއް ނުވޭ...'' އަޒްޔާންގެ ޒަމީރު އޭނައަށް ގޮވާލީ އިސްނެގުމަށެވެ. އޭނައަށް ހެދުނު ގޯސްތައް އިސްލާހުކުރުމަށެވެ. ބަތޫލްގެ އިތުބާރު ހޯދުމަށެވެ. އެހިތުގެ ޒަހަމްތަކަށް ޝިފާއެއްކަމުގައިވުމަށެވެ.
''ބަތޫލް... އަހަންނަށް... އަހަންނަށް...'' ކުރެވުނު ކުށަށް އިއުތިރާފުވުން އެއީ އަޒްޔާނަށް ފަސޭހަކަމަކަށް ނުވިއެވެ. އޭނަގެ ހިތް ބިރުގަތީ ބަތޫލް އޭނަގެ ވާހަކަތައް ދޮގުކޮށްފާނެތީއެވެ. ބަތޫލް އެއިން ހާލަތުން ވެސް އެއީ ނުވެނުދާނެ ކަމަކެވެ. ބަތޫލް އޭނައަށް ކުރި އިތުބާރު ނަގާލި މީހަކީ ވެސް ޚުދު އޭނަ އެވެ. އެހިތް ހަލާކުކޮށްލީ ވެސް އޭނަގެ ދެއަތުންނެވެ. ނަމަވެސް މިހާރު އޭނައަށް އަމިއްލަ ކުށް އިހުސާސް ކުރެވިއްޖެއެވެ. ނަމަވެސް ބަތޫލް އޭނަގެ ބަސްތައް ޤަބޫލުކޮށްފާނެ ހެއްޔެވެ؟
''އަޒްޔާން ޕްލީޒް... ކީއްވެތަ އަހަންނާ ކައިރިވާން ތިއުޅެނީ؟... އަޒްޔާން ބޭނުންވަނީ އަހަންނާ ވަކިވާކަށް ނޫންތަ؟.... ދެން އަމަލުން އެހެން ވާހަކައެއް ބުނަން ތިއުޅެނީ ކީއްވެ؟... ހެޔޮނުވާނެ، އަހަރެންގެ ހިތަށް އިތުރު އަނިޔާތައް ދޭން ނޫޅޭ... އަޒްޔާނަށް އަހަންނަށް ލޯބިދެވެން ނެތް އިރު އަހަރެން ހިތަށް ދޮގު އުއްމީދުތަކެއް ދޭން ނޫޅޭ... އަޒްޔާން ބޭނުންވަނީ ކޯޗެއްތަ؟... ބަދަލުހިފަންތަ؟، ތިއަނިޔާވެރިކަމުން އަހަރެން ފުރާނަ ދުއްވާލަންތަ؟... އެއީތަ އަހަރެންގެ ބައްޕަގެ ކުށްތަކަށް އަޒްޔާން ބަދަލުހިފަން ބޭނުންވާ ގޮތަކީ؟...''
ބަތޫލްއާއި ދެމެދުވި ދާއިރާ ހަނިކުރަމުން އަޒްޔާން ބަތޫލްގެ އަތުގައި ހިފަން އުޅުމުން ބަތޫލް ކުއްލިޔަކަށް އެނދުން ތެދުވުނެވެ. އޭރު ބަތޫލްގެ އަޑުގައި ތުރުތުރުލުމެއް ވިއެވެ. އަޒްޔާނަށް އައިސްފައިވާ ބަދަލުތައް ދޭހަކުރުމުގެ ކުޅަދާނަކަމެއް ބަތޫލްގެ ސިކުނޑިއަކަށް ނުލިބުނެވެ. އަޒްޔާނާއި ދުރަށް ބަތޫލް ހިނގައިގަތުމުން އަޒްޔާން ކޮޅަށް ތެދުވުނެވެ. އަދި ގެނައި އަވަސް ހަރަކާތާއެކު ބަތޫލްގެ އަތުގެ މުލައްދަނޑީގައި ހިފެހެއްޓިއެވެ.
''އަހަންނަށް މަޢާފްކުރާނަންތަ؟...''
ދަތިއުނދަގުލުން ކަމުގައި ވިޔަސް އަޒްޔާން އޭނަގެ ހިތުގައިވި ޖުމްލަ ދުލާ ހަމައަށް ގެނައެވެ. އެއާއެކު ކުއްލި ސިހުމެއް ލިބުނު ބަތޫލްއަށް ބަލާލެވުނީ އަޒްޔާންގެ މޫނަށެވެ. އޭނައަށް އެވަގުތު ފެނުނު ހިތާމަޔާއި މޮޅިވެރިކަމުން ބަތޫލްއަށް ހުރެވުނީ ނޭވާލާން ވެސް ނޭގިފައެވެ. އޭރު އޭނަގެ ހިތުގެ ތެޅުން ވެސް ބާރުވާން ފެށިއެވެ. އަޒްޔާންގެ ދެލޮލުގައިވި ރިހުމުން ބަތޫލް ގާތު ހިމޭންކަމުގެ ދުލުން ވާހަކަދައްކާ ކަހަލައެވެ. ނަމަވެސް ބަތޫލް ކުއްލިޔަކަށް އޭނަގެ މޫނު އަނބުރާލަމުން އަޒްޔާންގެ އަތުގެ ތެރޭން ވީއްލިގެން ދާން މަސައްކަތްކުރިއެވެ. އޭނައަށް ކާމިޔާބު ލިބޭ ގޮތް ނުވުމުން ބަތޫލް ގާތަށް ރުޅިއަންނަން ފެށިއެވެ. އަދި ވެސް އަޒްޔާންގެ ހިތް ނުފުރެނީ ހެއްޔެވެ؟ މިހާރު އަޒްޔާން ފަށަން އެއުޅެނީ ކޮން ކަހަލަ ނުބައި ކުޅިވަރެއް ހެއްޔެވެ؟
''ލެޓް މީ ގޯ!... އަޒްޔާން ބޭނުންހާ ގޮތެއް ހަދަން ހުރި މީހެއް ނޫން އަހަންނަކީ!، ލޯބި ވިޔަސް ވަކިވަރަކަށް ކެތްކުރެވޭނީ... އަހަރެން މިބުނީނު ދޫކުރާށޭ!...'' ބަތޫލް އޭނަގެ އަޑަށް ހަރުކަށިކަން ގެންނަން އުޅުނުކަމުގައި ވިޔަސް އަޑު ކުރެހުނީއެވެ.
''އައެމް ސޮރީ ފޯރ އެވްރީތިންގް...'' ގަދަހަދަމުން ދިޔަ ބަތޫލް އޭނަގެ އަތުގެ ތެރެއަށް ގެންނަމުން އަޒްޔާން ބުނެލިއެވެ.
''އަހަރެން ބަތޫލް ދެކެ ލޯބިވަން، އަހަރެން ބަތޫލްއާ ކައިވެނި ކުރީ ލޯބިވާތީ... އަހަންނަށް ބަތޫލްގެ ބައްޕަގެ ހަޤީޤަތާއި އަހަރެންގެ މަންމަގެ މާޒީ އެނގުމުގެ ކުރިން ވެސް އަހަރެންގެ ހިތުގައިވީ ހަމައެކަނި ބަތޫލް... އަހަންނަށް ލޯބި ދަސްވީވެސް ބަތޫލްގެ ފަރާތުން... އަހަންނަށް އެނގޭ މިހާރު މިވާހަކަ ދެއްކުމުން ވެސް ބަތޫލް ޤަބޫލުނުކުރާނެކަން، އެކަމަކު އަހަރެން ހުވާކޮށްފަ މިބުނަނީ އަހަރެން ބަތޫލް ދެކެ ލޯބިވަން... ތިނޫން އިތުރު ފަރާތެއްގެ ނަން މިހިތަކު ނުވޭ...''
އަޒްޔާންގެ ޖުމްލައާއެކު ބަތޫލްއަށް ހިމޭންކަން ވެރިވިއެވެ. އަޒްޔާނާ ދުރަށްދާން ކުރަމުން ދިޔަ މަސައްކަތް ހުއްޓާލަމުން އެމޭގައި މޫނު ޖައްސާލެވުނީ އެވާހަކަތައް ޤަބޫލުކުރަން ހިތް އެދުނު ވަރުންނެވެ. އަޒްޔާންގެ ފަރާތުން އިހުސާސްވަމުން އައި ލޯތްބާއި ދުރަށްދާން ބޭނުން ނުވާތީ ވެސް މެއެވެ.
''އަހަންނަށް މަޢާފުކުރާނަންތަ؟... އަހަންނަށް މިހާރު އަހަރެންގެ ކުށް އިހުސާސްކުރެވިއްޖެ، އެކަމާ އަހަރެން ދެރަވެފައިވާ މިންވަރު ބުންޏަސް ބަތޫލް ޤަބޫލެއްނުކުރާނެ، އެކަމަކު އަހަރެން ބޭނުން ބަތޫލްއަށް އަހަރެން މިބުނަނީ ތެދުކަން ސާބިތުކޮށްދޭން... އަހަންނަށް ދުވަސްކޮޅެއްގެ މުހުލަތުދީ، އޭރުން އަހަރެން ބަތޫލްގެ އިތުބާރު ހޯދަން މަސައްކަތްކުރާނަން... މިހެން ބުންޏަސް އެނގޭ މިއީ ބަތޫލްއަށް ފަސޭހަކަމަކަށް ނުވާނެކަން، އެކަމަކު އަހަރެންގެ މިވާހަކައަށް އިތުބާރުކުރޭ، އަހަރެން ވަރަށް ބޮޑަށް ލޯބިވޭ ބަތޫލްދެކެ، އަހަރެންގެ މިހިތުގެ އިހުސާސްތައް ދުވަހަކު ވެސް ބަދަލެއް ނުވޭ...''
''އަހަންނަށް ބޮޑުދައިތަގެ ވާހަކަތަކަށް ހެއްލުނުކަމުގެ މޮޔަ މިހާރު ހީވޭ... މަންމަ އަހަންނަށް ދިން ނަސޭހަތުގައި ހިފުނުނަމަ މިއަދު އަހަރެންގެ ދިރިއުޅުން މިހާލަތަށް ނުދިޔައީސް، އަހަންނާއި ބަތޫލްއަށް އުފާވެރި ދިރިއުޅުމެއް ލިބުނީސް، އެކުގައި އަހަރުމެންގެ ދަރިފުޅަށް މަރުޚަބާ ކިޔަން ދުވަސްތައް ގުނުނީސް، އެކަމަކު އަހަރެންގެ ހިތުގައި އުފެދުނު ހިތްހަމަނުޖެހުމުގެ ސަބަބުން ހުރިހާކަމެއް ބަދަލުވީ... އަހަންނަށް މާޒީވެ ދިޔަ ދުވަސްތައް ބަދަލެއްނުކުރެވޭނެ... އެކަމަކު ބަތޫލްއާއެކު އުފާވެރި މުސްތަގުބަލަކަށް އުއްމީދުކުރެވޭ... އަހަރެން ބޭނުމެއް ނޫން ބަތޫލް ދޫކޮށްލާކަށް، އަހަރުމެންގެ ދަރިފުޅު ވެސް ބޭނުން...''
އަޒްޔާންގެ ހިތުގައި ޝީރީނާ މެދު ނުރުހުންތެރިކަން އުފެދުނެވެ. ޝީރީންގެ ވާހަކަތަކަށް އިތުބާރުކުރެވުމުން މިވީ ގޮތް ނިކަން ދެކިބަލާށެވެ. އޭނަގެ އަތުންފައިން އެވަނީ ބޮޑު ކުށަކަށް އަރައިގަނެވިފައެވެ. ކަންތައް ބޮއްސުންލައިގެން ނުދަނީސް އޭނައަށް ހޭވެރިކަން ލިބުނުކަން ނަސީބެކެވެ. އެހެން ނޫންނަމަ މިއަށްވުރެން ހިތާމަވެރި ދުވަހެއް ދެކެން ޖެހުނީސްކަން ކަށަވަރެވެ.
އަޒްޔާންގެ ވާހަކަތަކުން ފަހި މާދަމައަކަށް ބަތޫލް ކުރަމުން އައި ފޮނި އުއްމީދުތަކަށް ދިރުން ލިބުނު ކަހަލައެވެ. އޭނަގެ ވޭނީ ދިގު އިންތިޒާރަށް ނިމުމެއް އައިސްފިކަމުގައި ވެސް ހީކުރެވުނެވެ. އެހެނަސް އޭނަގެ ހިތުގައި ޝައްކެއް ވިއެވެ. އެހިތަށް ލިބިފައިވާ އަނިޔާތަކުން އަޒްޔާނަށް އިތުބާރުކުރުން ފަސޭހަކަމަކަށް ނުވިއެވެ. އަނިޔާވެރިއަކު ދެވަނަފަހަރަށް ވެސް ހަމަލާދީފާނެކަން އެއީ ދޮގުނުކުރެވޭނެ ހަޤީޤަތަކެވެ.
''ގެއްލިއްޖެ އިތުބާރަކީ ހޯދޭނެ އެއްޗެއް ނޫން، އަމަލުނުކުރެވޭނެ ވަޢުދުތައް ކުރުމަކީ ވެސް ރަގަޅުކަމެއް ނޫން... އަޒްޔާން އަހަންނަށް ކަމެއްކޮށްދޭން އެދޭނަމަ އަހަންނަށް ވަގުތުދީ...'' ބަތޫލް އޭނަގެ ހިތުގެ އުދާސްތައް ބޭރުކުރިއެވެ. އަޒްޔާންގެ ހިތަށް އުނދަގޫވިކަމުގައި ވިޔަސް އޭނަ ބަތޫލް އެދޭ ފަދައިން ކަންތައްކޮށްދޭން އެއްބަސް ވިއެވެ.
''އެންމެ ރަގަޅު އެކަމަކު ބަތޫލްއާ ދުރުގައި އަހަންނަށް ނުހުރެވޭނެ، އަހަންނަށް ހެދުނު ގޯސްތައް އިސްލާހުކުރެވޭނީ އޭރުން...'' ބަތޫލް އޭނަގެ އަތުގެ ތެރޭން މިނިވަންކުރުމުގެ ކުރިން އަޒްޔާން ބަތޫލްގެ ނިތުގައި ބޮސްދިނެވެ. އެވަގުތު ބަތޫލްއަށް ދެލޯމަރާލެވުނީ ހިތަށް ލިބުނު ފިނިކަމެއްގެ ސަބަބުންނެވެ. އެފަދަ ގާތްކަމަކަށް އޭނަ ބޭނުން ވެފައިވާތާ ކޮން ދުވަހެއް ހެއްޔެވެ؟
*****
ބަތޫލްއާއި އަޒްޔާންގެ ވާހަކަތައް އަޑުއަހަން ދޮރުގައި ކަންފަތް ޖައްސައިގެން ހުރި ޝީރީންގެ މޫނު ބަނަކަމުން ގޮސް ހީވަނީ ކަޅުފޮއި ރެއެއް ހެންނެވެ. އޭނަގެ ބުމައާއެކު ލޯ ވެސް ވަނީ ހަނިވެފައެވެ. ދަތްތަކަށް ބާރުލީނުން ބިންދައިގެން ހިނގައިދާނެހެން ވެސް ހީވިއެވެ. ރުޅިވެރިކަމާއެކު އޭނަ ގޮސް ބަދިގެއަށް ވަނީ އަނގަޔަށް އައިހާ ހުތުރު އެއްޗެއް ބަތޫލްއާ ދިމާއަށް ކިޔަމުންނެވެ.
''ހުވާ މިބުނީ އެނާސިގަނޑު މިގެއިން ފޮނުވާލާ ނުލައިފއްޔާ މަށަށް ޝީރީނޭ ނުކިޔާނެ، ހުރެބަލަ ކަލެއަށް ކުޅިދައްކާލާނަން، އަޒްޔާނަށް ވެސް އެހެރީ ކިހިނެއް ވެފަތަ؟، އެހާވަރުން އޭނަގެ ސިކުނޑިކަމުން ދަނިކޮށް ހުރިހާކަމެއް ވެސް އެއޮއް ހަރާބުވީ، މިހުރިހާ ކަމެއްގެ އަސްލަކީ އެސާނިގަނޑު، ބޮޑު ނޮހޮރޮއްޕާނެއް ކަހަލަ އެއްޗެކޭ، ހިތަށް އަރާ އެކަލޭގެ މަރުވާނެނަމައޭ...''
ޝީރީން، އައިސްއަލަމާރިން ފެންފުޅިއެއް ނަގައި ތަށްޓަކަށް ފެންއަޅަމުން އެއިން ކޯވަރެއް ބޯލިއެވެ. ފިނިފެނުގެ އަސަރެއް ވެސް އޭނަގެ އެތެރެހައްޓަކަށް ނުކުރިއެވެ. އެއާ ޚިލާފަށް ހޫނު އާއްވެއް ބޭރުވާކަހަލަ އިހުސާސެއް ޝީރީނަށް ކުރެވުނެވެ. އޭނަ ހުރީ އަޒްޔާނާއި ބަތޫލްދެކެ ނުހަނު ރުޅި އައިސްފައެވެ. އަޒްޔާން އޭނައަށް ފުރަގަސްދިނުމުން އެކަމާ އިންތިހާއަށް މާޔޫސްވެފައި ވެސް މެއެވެ. ދެން އޭނަގެ ބަހަށް އަޒްޔާން ހައްލާނުލެވިދާނެކަމުގެ ބިރު ޝީރީންގެ ހިތުގައި އޮތެވެ. ނަމަވެސް ކަރުއެލުވާލައި ނާކާމިޔާބު ޤަބޫލުކުރާކަށް ޝީރީންގެ ޒަމީރު އެއްބަހެއް ނުވިއެވެ.
*****
ހަފްތާއެއް ފާއިތުވެގެން ދިޔަ އިރު އަޒްޔާންގެ ފަރާތުން ބަތޫލްއަށް އަޅާލުމާއި ލޯބިލިބެން ފެށިއެވެ. ނަމަވެސް ބަތޫލް އަޒްޔާނާ ވާހަކައެއް ނުދައްކައެވެ. އަޒްޔާން ވާހަކަދައްކާ އެންމެފަހުން ހުއްޓާލަން ޖެހެނީ އޭނަގެ އަނގަ ވާޅުވުމުންނެވެ. ކަންތައް އެގޮތުގައި ތަކުރާރުވިކަމުގައި ވިޔަސް ފަސޭހަ ރަހުމަތެއްގައި ބަލި ޤަބޫލުކުރާކަށް އަޒްޔާން ގަސްދެއްނުކުރިއެވެ. ބަތޫލް ހުރި ހާލަތުން އޭނައަށް އެހުރިހާކަމެއް ވިސްނުނީތީއެވެ. އޭނައަށް އިތުބާރުކުރުން ބަތޫލްއަށް ފަސޭހަކަމަކަށް ނުވާނެކަން ފުރަތަމަ ވެސް އަޒްޔާނަށް އޮތީ އަންދާޒާކުރެވިފައެވެ.
ބަތޫލްއަށް ހުވަފެނެއްގައި އުޅެވޭ ކަހަލައެވެ. އޭނަ ހުންނަނީ އަޒްޔާނަށް އައިސްފައިވާ ބަދަލާ މެދު ބިރުވެރިކަމެއްގެ ތެރޭގައެވެ. ހުވަފެނުން ހޭލެވި އޭނަގެ ހިތަށް އިތުރު ސަޒާތަކެއް ލިބިދާނެތީއެވެ. ހަމައެއާއެކު ބަތޫލްގެ ހިތަށް ގޯނާކުރަމުން ދިޔަ ސުވާލެއް ވެސް އޮތެވެ. އަޒްޔާނަށް އޭނައާއެކު އުޅެވިދާނެ ހެއްޔެވެ؟ އޭނަގެ ބައްޕަ ހަޤީޤަތް އެނގޭއިރު ވެސް މެއެވެ. އަޒްޔާން ފެންނަ ކޮންމެ ފަހަރަކު ބަތޫލްގެ ހިތަށް ގޯނާކުރާ ސުވާލަކީ އެއީ އެވެ. އޭނަ ހިތުގައި ޝައްކާއި ވަހުމު އުފެދެނީ ވެސް އެސަބަބާ ހުރެއެވެ.
އޭރު ބަތޫލްގެ ހިތުގައި އޭނަގެ ބައްޕައާ މެދު ނުރުހުންތެރިކަން އުފެދިފައި ވިއެވެ. މަންމަ ވެސް މިހުރިހާ ދުވަހު ބައްޕަ ވަނީ އަނދިރީގައި ބަހައްޓާފައެވެ. ބައްޕަގެ ކަޅު މާޒީ އެވަނީ އޭނައާއި އަޒްޔާންގެ ދެމެދަށް ހުރަހެއްކަމުގައި ވެފައެވެ. އެހުރިހާ އިހުސާސްތަކެއް ހިތުގެތެރޭގައި ފުރިބާރުވަމުން ދިއުމާއެކު ބަތޫލް ގަސްދުކުރީ އޭނަގެ މައިންބަފައިންނާ ކުރިމަތިލާށެވެ. ބައްޕަގެ ކުށް އިހުސާސްކޮށްދޭށެވެ. އެކުށަށް އިއުތިރާފުވެ މަޢާފަށް އެދޭށެވެ. އޭރުން ފަހަރެއްގައި އަޒްޔާންގެ ހިތުގައި އެވާ ބަދަލުހިފުމުގެ އަލިފާން ނިވިގެން ހިނގައިދާނެއެވެ.
*****
ހަވީރުގެ ވަގުތެވެ. ބަތޫލް ބޭރަށް ދާން ތައްޔާރުވެގެން ކޮޓަރިން ނިކުތްތަން ޓީވީ ބަލަން އިން ޝީރީނަށް ފެނުނެވެ. ދުވަސްތަކަށް ފަހު އޭނައާއި ބަތޫލް ގޭގައި އެކަނިވެފައިވީ އެވަގުތު އެވެ. މުހިންމުކަމަކު އަޒްޔާން އޮފީހަށް ދާން ޖެހުނީއްސުރެން އޭނަ އެހުންނަނީ ބަތޫލް ކޮޓަރިން ނިކުންނާނެ އިރަކަށް ކޮޅުމަތިބަލައެވެ.
ފައިވާން ހަރުގަނޑުން ފައިވާނެއް ނަގައި ފަޔަށް ހެޔޮވަރުކޮށްލަން އުޅުނު ބަތޫލް ސިހުނީ ޝީރީންގެ ބާރު އަޑަށެވެ. އޭނަ ފައިވާނަށް އަރަމުން އަޑުއައި ދިމާއަށް ބަލާލިއިރު ރުޅިއައިސް ރަތްވެފައި ހުރި ޝީރީން ފެނި ބިރު ވެސް ގަތެވެ. އެމޫނުން އޭނައަށް ފެނުނީ ނުރައްކާތެރި ވިދުވަރެއް ވިއްޔާއެވެ. ހީވަނީ ދެންމެދެންމެ އައިސް އޭނަގެ ފުރާނަޖަހައިގަނެގެން ހިނގައިދާނެ ހެންނެވެ.
''ކަލޭ ބަނޑުބޮޑިއިރު ވެސް ހަވީރުދަޅަޔަށް ފުށްޖަހައިގެން ބުޑު އަނބުރަމުން ތިދަނީ ފިރިހެނުން ހޯދަންތަ؟، ހުރި ހަޔާތްކުޑަކަން ބަލާބަލަ... އަޒްޔާން ކަލެއަށް އަޅާލާތީވެ އާސްމާނަށް އަރައިގެން ދޯ ތިއުޅެނީ... ރަގަޅަށް ވިއްޔާ ކަލޭގެ ބަނޑުގައި ތިއޮތީ ވެސް އަޒްޔާންގެ ދަރިއެއް ނޫން...''
ޝީރީންގެ ވާހަކަތަކުން ބަތޫލްގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް އޭނަ ނުރޮއެވެ. ޝީރީންގެ ކުރިމަތީގައި އޭނަގެ ބަލިކަށިކަން ފާޅުވާން ނޭދޭތީއެވެ.
''ބުނަންތަ ރަގަޅު ވާހަކައެއް!، ވަގުތު އޮއްވާ އަޒްޔާންގެ ދިރިއުޅުމުން ދުރަށްދޭ، އެހެންނޫނިއްޔާ ކަލެއަށް އޭގެ ނާތީޖާ ހިތި ގޮތެއްގައި ފެންނާނެ.......... އޭރަށް މިގެއިން ކަލޭ ޖެހޭނީ ނިކުންނަން...'' ޝީރީން އިންޒާރެއް ދިނެވެ.
''އަޒްޔާން އަހަންނާއެކު އުޅެން ހުރިހާ ހިނދަކު އަހަރެން ހުންނާނީ އަޒްޔާންގެ އަންބެއްގެ މަޤާމުގައި، މިގެއިން ހަޤީޤަތުގައި ނިކުންނަން ޖެހޭނެ ފަރާތަކީ ދައްތަ، އަހަންނެއް ނޫން...'' އަޒްޔާނާއި އޭނައާ ދެމެދުގައިވާ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބިފައި ނެތްކަމުގައި ވިޔަސް އެކަން ޝީރީނަށް ބަތޫލް ފާޅެއްނުކުރިއެވެ. އެކަމުގެ ނާޖާއިޒް ފައިދާ ޝީރީން ނަގާފާނެކަން އެނގޭތީއެވެ. މިވިހާ ދުވަސްތެރޭ އޭނައަށް ޝީރީންގެ ފަތިފުށްވަނީ ދަސްވެފައެވެ.
''ގޮތްކުޑަ އަންހެނާ!!!، ކަލޭ މަށާ ޒުވާބުކުރަން ވެސް ފެށީތަ!، ކަލެއަށް ތިކަމުގަ އަޖުމަ ލިބޭނެ، އޭރަށް ހުންނާނެ ބީތާއަށް އެއްޗެއް ވިސްނިފަ...'' ބަތޫލްއާ ދިމާއަށް ލޯއަޅާލަމުން ޝީރީން ބުނެލިއެވެ. ''ކަލޭގެ ބަނޑުގައި ތިއޮތް އެތި ވިހައިގެން މަ ބަލާނަން ކަލެއަށް މިގެއަށް ވަދެވޭތޯ...''
ޝީރީންގެ ބަސްކޮށާރުން ބަތޫލް ހިތްހަމަނުޖެހުނެވެ. އެނާއާއި ދިމާއަށް ކޮންމެ އެއްޗެއް ކީކަމުގައި ވިޔަސް ދަރިފުޅާއި ދިމާއަށް އެފަދަ ބަސްތައް އަމާޒުވުމަށް ރުހިގެން ނުހުރެވޭނެއެވެ. ދަރިފުޅުގެ ދިފާއުގައި ތެދުވުމުގެ ހިތްވަރު ބަތޫލްއަށް ލިބުނެވެ.
''ދައްތަ ޤަބޫލުނުކުރިޔަސް އަހަރެންގެ ބަނޑުގައިމިވަނީ އަޒްޔާންގެ ދަރިއެއް... ދައްތަ ނުރުހުނަސް އަހަރެންގެ ދަރިފުޅުގެ ހަށިގަނޑުގައި ދައުރުވާނީ ހަމަ އަޒްޔާންގެ ލޭ... އެހަޤީޤަތް ބަދަލެއް ނުވާނެ، ނުވެސް ކުރެވޭނެ... ދައްތަގެ ތި ވިޔާނުދާ ވިސްނުމާ ހުރެ އަހަރެންގެ މޭނުބައި ކުރުވާ، ތިހެން އެހެން އިންސާނަކާ މެދު ކުށްކީތައްކުރަން ހެޔޮވެސް ނުވާނެ...... ދައްތައަށް އިހުތިރާމް ދަށްކުރުމަށް ބުނާއެއްޗެއް ނޫން މިއީ، އެކަމަކު މީގެ ފަހުން އަހަރެންގެ ދަރިފުޅާއި ދިމާއަށް ތިފަދަ ނުބައި ވިސްނުމަކާއިގެން އެއްޗެހި ކިޔަންޏާ އަހަރެން ހިމޭނުން ނުހުންނާނަން...''
ބަތޫލް ބުނެލިއެވެ. އެއާއެކު އަލިފާން ފަރުބަދައެއް ފަޅައިގެންދާ އުސޫލުން ޝީރީންގެ ރުޅިވެރިކަން ވެސް ކޮޅުންލިއެވެ.
''ރަންޑީ!... ހީނުކުރާތި އަހަންނަށް އަޒްޔާންގެ ވިސްނުމާ ނުކުޅެވޭނެހެން، އަހަރެން ކިތަންމެ ފަހަރަކު އެކަން ކޮށްފިން، ކަލެއާ މެދު އޭނަގެ ހިތުގައި ނަފުރަތު އުފެއްދީ ވެސް އަހަރެން، ބަދަލުހިފުމުގެ ރޫހު އޭނަގެ ހިތުގައި އާލާކުރުވީ ވެސް އަހަރެން... އަޒްޔާނަށް ކަލެއާ މެދު އަނިޔާވެރިވާން ހިތްވަރުދިނީ ވެސް އަހަރެން... އޭނައަށް އެކަން ކުރުމަށް އެއްބަސްކުރުވަން އުނދަގޫވި، ކަލޭއަށްޓަކައި އެހިތުގައި އިހުސާސްތައްވީތީ، އެކަމަކު އަހަރެން އަޒްޔާންގެ ވިސްނުން ފަސާދްކޮށްލީ... އެފަދައިން މިފަހަރު ވެސް އެކަން ހާސިލުކުރާނަން، އޭރަށް ކަލެއަށް ތި މުޑުދާރުއަނގަ ހުޅުވޭތޯ މަ ބަލާނަން...'' ބަތޫލް ކުރިމައްޗަށް ހުއްޓިލަމުން ވިހަ ހިނިތުންވުމަކާއެކު ޝީރީން އޭނަ ކުރި ކަންތައް ހާމަކުރިއެވެ.
ބަސްހުއްޓިފައި ހުރި ބަތޫލް ފެނި ޝީރީންގެ ހިނިތުންވުން ފުންވިއެވެ.
''ބަލަން ހުންނާތި ކާކަށްތޯ ކުރިއެރުން ލިބެނީ...'' ޝަހާދަތްއިނގިލި ބަތޫލްއާ ދިމާއަށް ދިއްކޮށްލަމުން ޝީރީން އިއްވާލިއެވެ.