ނުސިޔާނުކަން އެކުލެވިގެންވާ ރޯޅިތަކުގެ ހަމަލާތަކުން ފަޒާގައި ގުގުމާލަމުން ދިޔައީ ބިރުވެރި އަޑެކެވެ. އެއަޑުގެ ތެރެއަށް އިރުއިރުކޮޅާ ފެތުރިގެންދާ ގުގުރީގެ އަޑުފަށްގަނޑު ވެސް އެހާމެ ބާރެވެ. އެތައް އިރެއް ވަންދެން އިންޒާރު ދިނުމަށްފަހު ކެރީގެ ފުރަތަމަ ހަމަލާ ކުރިމަތިވެގެން އައި ހިނދު މުޅި މާހައުލު ވާރޭ ކަނިތަކުން ފުސްކޮށްލައި ވިއްސާރައިގެ ކުލަމަތި ދައްކާލައިފިއެވެ.
ރީތިވާ މޭޒުގެ ގޮނޑީގައި އިން ބަތޫލްގެ ނަޒަރު ސީދާވެފައިވަނީ ލޯގަނޑުން ފެންނަމުން ދިޔަ އޭނަގެ ސޫރައަށެވެ. އެތުންފަތުގައި ފަނޑު ހިނިތުންވުމެއް ވިއިރު އެމުށިކުލައިގެ ދެލޮލުގައި ނަށަމުން ދިޔައީ އުފާވެރިކަމެވެ. ގޮނޑިން ތެދުވެލުމާއެކު ބަތޫލްގެ ލޫޅާފަތި ހަށިގަނޑުގެ ވަނާތަކަށް ހިފާލާފައިވާ ކައިވެނީގެ ހެދުމުގެ ރީތިކަން ފާޅުވެގެން ދިޔައެވެ. ހުނދުކުލައިން ފަރުމާކުރެވިފައިވާ ކައިވެނީގެ ހެދުމުގެ ތެރޭން ބަތޫލް ފެންނަގޮތް ވަކިން ރީއްޗެވެ. ކޮށްފައިވާ ލުއި މޭކަޕުގެ ސަބަބުން މޫނުގެ ސާދާކަން އިތުރުކޮށްދެއެވެ. އުނަގަނޑާހަމައަށް އަންނަ ފަންފަން އިސްތަށިގަނޑު އޮތީ މިނިވަންކަމާއެކު ދޫކޮށްލެވިފައެވެ.
ލޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ގެއްލިފައި ވަނިކޮށް ސިކުނޑިއަށް ވެރިވި ޚިޔާލާއެކު އެތުންފަތުގައި ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ. އެއާއެކު އޭނަގެ ހިތުގެ ތެޅުން ވެސް ބާރުވެގެން ދިޔަ ކަމުގެ އިހުސާސް ބަތޫލްއަށް ކުރެވުނެވެ. އޭނަގެ ހިތުގެ ވެރިޔާގެ ދުލުން އޮހޭނެ ތަޢުރީފުގެ ބަސްތައް އެކަންފަތުގައި މިހާރު ވެސް ގުގުމާކަހަލައެވެ. އެސޫރަ ދުށުމަށް ދެލޯ ބޭގަރާރުވެފައިވާ އާޝީޤާ އޭނައަށް ކުރިމަތިން ސިފަކުރެވޭ ކަހަލައެވެ. އެއަތުގެ ހޫނު ބީހުންތައް އިހުސާސްކުރެވޭ ކަހަލައެވެ. އެރީތި ހިނިތުންވުމުން އޭނަގެ ހިތަށް ފިނިކަމާއި ލައްޒަތު ގެނެސްދޭފަދަ އެވެ. ޚިޔާލީ ދުނިޔެއަކަށް ޢަރަޤުވަމުން އައި ބަތޫލް ސިހިގެން ދިޔައީ އިވުނު ގުގުރީގެ އަޑުންނެވެ. އެއާއެކު ޚިޔާލުގެ ބާނީތަކުގެ ތެރޭގައި ބެހެމުން ދިޔަ ނަފްސު ހަޤީޤަތުގެ އައްސޭރިއަށް ގެނެސްދިން ކަހަލައެވެ. ހަމައެދަނޑިވަޅާއި ދިމާކޮށް ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ބަތޫލްއަށް އަވަސްވެފައިވާ ހިތަކާއެކު ދޮރާއި ދިމާއަށް ބަލާލެވުނެވެ. މުޅި އުމުރުގައި ވެސް ކަމަކަށް މިހާ ކެތްމަދުވި ހަނދާނެއް އޭނަ ނުވެއެވެ. އެތައް ގޮންޖެހުމަކަށް ފަހު އޭނަގެ ހުވަފެންތަކުގެ ރާޖާ ހާސިލުވެވެން ގާތްވެފައިވުމުން އެހިތަށް ވަނީ ބޭގަރާރުކަން ވެރިވެފައެވެ. ހިތް އެދި ގޮވަމުން ދިޔައީ ވަގުތު އަވަހަށް ފާއިތުވުމަށެވެ. އޭނަގެ ނަފުސަށް ހަމަޖެހުމެއް ލިބޭނީ ކައިވެނީގެ ރަސްމިއްޔާތު ނިމުނު ހިނދަކުންނެވެ.
'' ވާރޭ ވެސް އޮއްސާލަން އެނގުނީ މިގަޑީގަ...... ނަސީބެއް ކަންނޭގެ އައުޓްޑޯރ ޕާޓީއެއް ޕްލޭން ނުކުރެވުނުކަން، އެހެންނޫންނަމަ މުޅި ޕާޓީ ފަނިވާނެ...... އައި ޖަސްޓް ހޭޓް ރެއިން...'' ކޮޓަރިއަށް ވަން ޖަަނާ މޫސުމާ މެދު ނުރުހުން ފާޅުކުރަމުން ކޮޓަރީގެ ދޮރުލައްޕާލިއެވެ. އެންމެ ގާތް އެކުވެރިޔާއަށް ހިނިތުންވެލަމުން ބަތޫލް ފިނިވެފައިވާ އޭނަގެ ދެއަތް ޖޯޑުކޮށްލިއެވެ.
''ހާދަ ބިރުގެންފަ ތިހުރީ؟، ހީވަނީ ޕެނިކް އެޓޭކަކަށް ގޮސްދާނެހެން...'' ބަތޫލްގެ މޫނަށް ބަލާލަމުން ޖަނާ ވާހަކަދެއްކިއެވެ. އޭނަގެ މޫނުމަތިން ފެންނަނީ ލާނެއް ކަމެވެ. އެކުވެރިޔާއާއި ދިމާކޮށް ލަދުގަންނަވާލަން ބޭނުންވާ ކަހަލައެވެ.
''ނޫން...'' ބަތޫލް ނިކަން އަވަހަށް ބުނެލިއެވެ. އޭނަ ހުރީ އަޒްޔާން އައިސްފިތޯ އަހާލަން ކެތްމަދުވެފައެވެ. ނަމަވެސް ޖަނާގެ މޫނުގެ ކުލަވަރު ފެނި އެހިތްވަރު ވެސް އެލިގެން ދިޔައީ އެވެ.
''ދެންމެ ޤާޟީ ދުރުވެއްޖެ...'' ޖަނާއަށް ވިސްނުނީ ކަންނޭގެއެވެ. ލަސްލަހުން ބަތޫލް ތަޅުވާލަން އުޅޭ ފަދަ ގޮތަކަށް ބަތޫލް ބޭނުންވާ މަޢުލޫމާތުތައް ފޯރުކޮށްދޭން ފެށިއެވެ.
''އަޒްޔާން؟...'' ގިނައިރަކު ބަތޫލްއަށް ކެތެއް ނުކުރެވުނެވެ. އިސާހިތަކު ހިތުގެ ހާލު ދުލާހަމައަށް އައިސްފިއެވެ. ޖަނާ އެވަގުތު ހީލިއެވެ. އަދި ބަތޫލް ގާތަށް އައިސް ހުއްޓިލިއެވެ.
''މާޝާﷲ!... ބަތޫ ހާދަ ރީއްޗޭ ހީވަނީ ޙޫރުޕަރީއެއްހެން، އަދި ތިހެދުމުގައި ފެންނަ ގޮތް ވަކިން ފުރިހަމަ... ޔަޤީން މިރޭ ޒޭންއަށް ބަތޫ ފެނި މޮޔަވާނެކަން... ބަލައްޗޭ، ޒޭންގެ ނަޒަރު އެހެން އެއްވެސް ތަނަކަށް ނުހުއްޓޭނެ، އަތްވެސް މަޑުން ބޭއްވޭނެކަމެއް ނޭގޭ...'' ހުނުމަކާއެކު ޖަނާ ބުނެލިއެވެ. އެއާއެކު ބަތޫލްގެ ކޯތާފަތަށް ލޭތައް ޖަމާވެގެން ދިޔަ އެވެ. ލަދުރަކިކަން އެމޫނުން ކިތަންމެހާ ވެސް ރީއްޗަށް ރަމްޒުކޮށްދެއެވެ.
''ހާދަ ދިގު އިންތިޒާރަކަށް ފަހުގައޭ ބަތޫގެ ހުވަފެންތައް ހަގީގަތަކަށް މިވަނީ... އަހަރެން އޭރު ވެސް ބުނީމެއްނު ހިތްވަރާއެކު ކުރިމަތިލުމުން ކާމިޔާބު ލިބޭނެޔޭ...'' ބަތޫލްގެ ހިމަތޮޅި ހަށިގަނޑުގައި އޮޅުލައިގަންނަމުން ޖަނާ ވާހަކަ ދެއްކިއެވެ. ''އައެމް ސޯ ހެޕީ ފޯރ ޔޫ...'' އެކުވެރިޔާ އުފުލި ތަކުލީފާއި، ބަރުދާސްތުކުރި ހިތްދަތި ދުވަސްތަކަށް ނިމުން އައުމުން އޭނަގެ ހިތަށް ވަނީ ފިނިކަމެއް ލިބިފައެވެ. އެއުފާވެރިކަން މުޅިއުމުރަށް ލެހެއްޓެވުމަށް އެދެވުނެވެ.
ބަތޫލްގެ ހުރިހާ އުފަލަކާއި ހިތްހަމަޖެހުމެއް ގުޅިފައިވަނީ އަޒްޔާންއާ އެވެ. އެލޯބި ހާސިލު ކުރުމަށް ބަތޫލް ވަނީ ތަފާތު ގޮންޖެހުންތަކާ ކުރިމަތިލައި ވޭން އޭގެ ފުރިހަމަކަން މަތީ ތަހައްމަލުކޮށްފައެވެ. މުޅި ދުނިޔެ އޭނަގެ ލޯބި އިމްތިހާނު ކުރުވިއެވެ. ކުރިމަތިވި ފިއްތުންތަކުގެ ތެރޭގައި ނަފުސު ހަފުސްވެގެން ހިނގައިދާނެ ފަދަ ހާލަތްތައް ވެސް އައެވެ. އެހެނަސް ތޫފަންތަކަކީ ދާއިމަށް ދެމިގެންދާނެ އެއްޗެއް ނޫނެވެ. ވަގުތު ނެގިކަމުގައި ވިޔަސް ކިތަންމެ ބާރުގަދަ ތޫފާނެއް ވެސް އަލިވާނެއެވެ. ކުރިމަތިކުރުވި ގެއްލުންތައް ފޫބެދި އާރޯކަން ގެނެސްދޭނެއެވެ. އެއީ ނުދިޔޭގެ ޤާނޫނެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް އަންނާނެއޭ މީހުން ބުނަނީ ސަބަބެއް ނެތިއެއް ނޫނެނެވެ. ހަމައެއުސޫލުން އުފަލާއި، ލޯބީގެ ކުލަތަކުން މިއަދު ބަތޫލްގެ ޚަޔާތް ވަނީ ރަންގުވެފަ އެވެ. ނަޒަރު ހިންގާލާ ކޮންމެ ދިމާއަކުން ވެސް ފެންނަނީ ބަހާރުގެ ކުލަތަކެވެ. އެހުރިހާ އުފަލެއްގެ އަސްލާ ގުޅިފައިވަނީ އަޒްޔާނެވެ.
''ތޭންކްސް ފޯރ ބިއިންގް ދެއާރ ފޯރ މީ...'' ބަތޫލްގެ ޚިޔާލުތައް ވެސް މާޒީގެ ހަނދިރިކަމުގެ ތެރެއަށް ކުޑަވަތުކޮޅަކަށް ގެނބުނެވެ. އެއުދާސްތައް އަދިވެސް އޭނައަށް އިހުސާސްކުރެވެއެވެ. އެހިތްދަތިކަމުގެ ތެރެއަށް އެނބުރި ރުޖޫޢަ ވެދާނެތީ އަދިވެސް އޭނަގެ ހިތުގައި ބިރުވެރިކަން ވެއެވެ. ލިބޭތޯ ދުޢާކުރި އާޝިޤާ ދެވަނަ ފަަހަރަށް ބީވެގެން ދާކަން އޭނަގެ ރޫހު ނޭދެއެވެ. މާޒީގެ އުދާސްތަކުގެ ތެރެއަށް ނަފުސު ދޫކޮށްލާކަށް ބަތޫލް ބޭނުމެއް ނުވިއެވެ. އޭނަ ވަނީ އެމާޔޫސްކަން މާޒީގެ އަނދިރިކަމުގެ ތެރޭގައި ވަޅުލާފައެވެ. އަލުން ކޮނެ އެހަނދާންތައް އާލާ ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އެހަނދާންތަކުން ހިތްދަތިކަން ނޫން އެއްޗެއް ހާސިލު ނުކުރެވޭނެއެވެ.
''މިގަޑީގަ އިމޯޝަނަލް ވާކަށް ނުވާނެ، އެހެންނޫނީ މޭކަޕް ހަޑިވެދާނެ... ދެން ބަތޫ ހީވާނީ ޖޯކަރެއްހެން، އޭރުން ޒޭން ވެސް ފޫހިވެދާނެ...'' މާހައުލަށް ވެރިވަމުން އައި އުދާސްކަން ކަނޑުވާލަން ސަމާސާ ރާގަކަށް ޖަނާ ބުންޏެވެ. އޭނަގެ ހުންނަ ސަކަ މިޒާޖާއި ގެންގުޅޭ ތަފާތު އުކުޅުތަކުގެ ސަބަބުން ބަތޫލް ހެއްވާލާކަށް ގިނަ އިރެއް ބޭނުމެއް ނުވިއެވެ. ދެއެކުވެރިން ވާހަކައަށް ގެއްލުނު ދަނޑިވަޅުގައި ކޮޓަރީގެ ދޮރު ހުޅުވާލެވުނު އަޑަށް ސިހިފައި ދޮރާއި ދިމާއަށް ބަލާލެވުނެވެ. އޭރު ގޭތެރޭގައި ހޭލަމޭލަވަމުން އައި ޢާއިލާ މެންބަރުންގެ އަޑު އިވެއެވެ.
''ޖަނާ، އާދެބަލަ...'' ޖަނާއަށް ބަލާލަމުން ހިންދު ބުނެލިއެވެ. އަދި އެދެލޮލުގެ ނޫރުކަމުގައިވާ އޭނަގެ ލޯބިވާ ދަރިފުޅަށް ބަލާލަމުން ހިނިތުންވެލިއެވެ. އެބައަންނަން ކަމަށް ބުނެފައި ޖަނާ ކުރިއަށް ހިނގައިގަތީ ހައިރާންވެހުރެއެވެ. ބަތޫލްއަށް ލިބިފައިވާ އުފަލެއްގެ ސަބަބުން އޭނައަށް ހިންދުގެ މޫނުމަތިން ފާޅުވޭވޭ ހުރި ނުތަނަވަސްކަން ވެސް ފާހަގައެއް ނުކުރެވުނެވެ. އެހެނަސް ޖަނާއަށް ހުރިހާކަމެއް ފާހަގަކުރެވުނެވެ.
ފަހަތުން ލެއްޕުނު ދޮރާއެކު ކުއްލިއަކަށް ބަތޫލް ކަމެއް މަތިން ހަނދާން ވިއެވެ. ދެކެވުނު ވާހަކައިގެ ތެރޭން ވެސް އަޒްޔާން އައިސްފިތޯ ޔަޤީން ނުކުރެވުމުންނެވެ. ކުރިމަތިކުރުވާފައިވާ ބޯތޫފާނުގެ ތެރޭން ސަލާމަތުން މަންޒިލާ ހަމައަށް އަޒްޔާންއަށް އާދެވުމަށް އެދި ބަތޫލް ހިތުގެ އަޑިން ދުޢާކުރިއެވެ.
*****
''ބަތޫ މަންމާ... ކަމެއް ގޯސްވީތަ؟...'' ބޭރަށް ނިކުމެވުމާއެކު ޖަނާއަށް އަހާލެވުނެވެ. އޭނައަށް ހިންދުގެ މޫނުގައިވި ކުލަވަރުތައް ފެނި ހިތުގެ ތެޅުން އަވަސްވާން ފެށިއެވެ. ކަމެއް ޖޯސްވެއްޖެ ކަމުގެ ރެޑް ސިގްނަލް އޭނަގެ ޒަމީރު ދޭން ފެށީ އެދަނޑިވަޅުގައެވެ.
''ވަގުތު ކުޑަތަން ވަނީ އެކަމަކު އަދިވެސް އަޒްޔާން އެއް ނާދޭ، އެންމެ ކުޑަމިނުން އޭނަގެ ޢާއިލާ މީހަކު ވެސް ނާދޭ...'' ކަންބޮޑުވެފައިވާ ރާގަކަށް ހިންދު ވާހަކަދެއްކިއެވެ. އަދި ގޮތް ހުސްވެފައިވާ މީހަކު ފަދައިން ޖަނާގެ އަތުގައި ހިފާލީ އެހީ ބޭނުންވެފައި ހުރެއެވެ.
ހިންދުގެ ޖުމްލައާއެކު ޖަނާއަށް ޝޮކެއް ލިބި މުޅި މީހާ ގަނޑުވެއްޖެއެވެ. ލިބުނު ނުތަނަވަސްކަމުގެ ތެރޭގައި އޭނައަށް ފުރަތަމަ ވެސް ވިސްނާލެވުނީ ބަތޫލްއާ މެދުގައެވެ. އެއާއެކު އޭނަގެ ހިތުގެ ވިންދު އިހުނަށްވުރެ އަވަސް ވިއެވެ.
''ވެދާނެއެއްނު ވިއްސާރައިގެ ސަބަބުން ލަސްވަނީ ކަމަށް...'' އެނާޒުކު ވަގުތުގައި ވެސް ނުބައި ގޮތަކަށް ވިސްނުން ހިންގަން ޖަނާ ބޭނުމެއް ނުވިއެވެ. ފަހު ވަގުތާ ޖެހެދެން ވެސް ނުބައި ގޮތަކަށް ވިސްނުން ނުބެހެއްޓުމަކީ ޖަނާ ގެންގުޅޭ ރަގަޅު އާދައެކެވެ.
''ވިއްސާރަ ވިޔަސް އާދެވޭނެހާ އިރުވެއްޖެ ދޯ، އެހެން ރަށެއްގަ ނޫން ވިއްޔާ އުޅެނީ... އެޢާއިލާ މީހަކު އައިނަ ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބޭނެ ދޯ...'' ހިންދު ބުނެލިއެވެ. އޭނަގެ އަޑުގައި ހާސްކަމާއި އެއްވަރަށް ރުޅިވެރިކަން އެކުލެވިގެން ވިއެވެ. ހިތަށް ކޮށްފައިވާ ފުން އަސަރުތަކާއެކު ލޮލަށް ޖަމާވެފައިވާ ކަރުނަތައް ހިފަހެއްޓުމަކާ ނުލާ ފައިބައިގެން ދިޔަ އެވެ. ''ގުޅީމަ ފޯނެއް ވެސް ނަގަނީކީ ނޫން...''
ލިބުނު ހާސްކަން އިތުވުން ނޫންކަމެއް ނުވިއެވެ. ޖަނާ އޭނަގެ ފޯނު ނަގައި އަޒްޔާންގެ ނަންބަރަށް ގުޅަން އަވަސްވެގަތެވެ. ފޯނު ކަންފަތުގައި ޖައްސާލައިގެން ހުރި އިރު އޭނަގެ މޫނުގެ ޝުއޫރުތައް ބަދަލުވަމުން ދިޔަ އެވެ. ފޯނު ކެނޑުމާއެކު އަނެއްކާ ވެސް ޖަނާ ގުޅިއެވެ. އެގޮތުގެ މަތީން ދެފަހަރު އޭނަ ގުޅިއެވެ. ނަމަވެސް ފޫނެއް ފަޔަށް ފެންފުރުން ނޫންކަމެއް ނުވިއެވެ. އެންމެފަހުން ޖަނާ ގާތަށް ރުޅިއަންނަން ގޮތް ވިއެވެ. ލިބިފައިވާ ނުތަނަވަސްކަން ރުޅީގެ ސިފަ ހިޔާރު ކުރީއެވެ.
''ނުނަގާ ދޯ ފޯނެއް...'' ރޮވިފައިވާ އަޑަކުން ހިންދު ވާހަކަދެއްކިއެވެ. ޖަނާ ބޮލުގެ އިޝާރާތުން ޖަވާބު ދިނެވެ. އެވަގުތު ފަހަތުން ފިޔަވަޅުތަކެއްގެ އަޑު އިވުމާއެކު ދެމީހުނަށް ވެސް ފަސްއެނބުރި ބަލާލެވުނީ ނުހަނު އަވަހަށެވެ. ހިންދު ކަރުނަތައް ފޮހެލަމުން އެމޫނުގައިވި ހިތްދަތިކަން ކުޅަދާނަކަމާއެކު ވަންހަނާކޮށްލިއެވެ. އޭރު އޭނަގެ ކޮއްކޮ މާރިޔާ އައިސް އެމީހުންނާ އަރާހަމަކުރަނީއެވެ.
''ދޮންތާ، ޤާޟީންނަށް ލަސްވެގެން އެއުޅެނީ... އިތުރު ކައިވެންޏެއް ވެސް އޮތް ވާހަކަ އެބަބުނޭ... ކީކޭތަ ބުނަންވީ؟...'' މާރިޔާ އެހި އެވެ. އޭނަގެ ނަޒަރު ފޯނުން މީހަކަށް ގުޅަން މަސައްކަތްކުރަމުން ދިޔަ ޖަނާއަށް ހުއްޓުނެވެ. އޭނައަށް ހައިރާންކަމެއް ލިބުނީ ދެނެވެ. ކަމެއް ދެނެގަންނަން އުޅޭ ކަހަލަ ގޮތަކަށް އޭނަ ވަކިވަކީން ހިންދު އަދި ޖަނާގެ މޫނަށް ބަލާލިއެވެ. ލިބިފައިވާ ތޫނުފިލި ވިސްނުމާއެކު ކަމެއް ގޯސްވެއްޖެކަން އޭނައަށް ވަގުތުން ނަގައިގަނެވުނެވެ. އެއާއެކު އޭނައަށް ބަލާލެވުނީ ހިންދަށެވެ. ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ބޭނުންވެފައި ކަހަލަ ގޮތަކަށެވެ.
''ދޮންތާ ކަމެއް ގޯސްވީތަ؟، އަޒްޔާން ނާންނަނީތަ؟...'' މާރިޔާއަށް އަހާލެވުނެވެ.
''ހުރިހާ ކަމެއް ވެސް ރަގަޅު... އެމީހުން ގާތު މަޑުކޮށްލަން ބުނޭ...'' ހިންދު ދިނީ ކުރު ޖަވާބެކެވެ. ފާޑަކަށް ބަލަން ހުރެފައި މާރިޔާ އޭނަ އައިކޮޅަށް ހިނގައިގަތީ ސުވާލުތަކުން ފުނިޖެހިފައިވާ ހިތަކާއެކުގައެވެ. އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ތަފާތު ގޮތްގޮތުން އެސުވާލުތަކަށް އޭނަ ޖަވާބު ހޯދިއެވެ.
''ދައްތާ އަހަރެން މިދަނީ އެގެއަށް ދާން...'' ހުރިހާ ދޮރެއް ބަންދުނުވާކަން ހަނދާންވުމާއެކު ޖަނާ ބުނެލިއެވެ.
''އެކަމަކު ޖަނާ ގޮސްފިއްޔާ ބަތޫލް ސުވާލުކުރަން ފަށާނެ...'' މާރިޔާއަށް ބުނެވުނެވެ.
''ނުގޮސް ވެސް ވާކަށް ނެތެއްނު، އަހަންނަށް ހީވަނީ ޒޭންއަށް ކަމެއް ވީހެން، އޭނަ ބަތޫއަށް ދެރަގޮތެއް ނަހަދާނެ...'' އަޒްޔާންގެ މައްޗަށް އޮތް އިތުބާރު ގެއްލިގެން ހިނގައިދާނެތީ ޖަނާގެ ހިތް ވަނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. އޭނައަށް ނުބައި ނަޒަރަކުން އަޒްޔާންއާއި މެދު ދެކެވުނީ ނޫންބާވައެވެ. އަޒްޔާން ގިރިޓީ ކޮށްފައި ދެއްކި ދަޅަތަތަކީ ހަޤީޤަތެއް ނެތް ބިލާހުތަކެއް ނޫން ބާވައެވެ. ނޫނެކެވެ. އެހެން ކަންތައް ވެގެން ނުވާނެއެވެ. ވައުދާއި އަހުދުތައް ކޮށްފައި އަޒްޔާން ބަތޫލްއަށް ދެރައެއް ނުދޭނެއެވެ. މިވީހާ ދުވަހު އަޒްޔާންގެ ފަރާތުން އޭނައަށް ފެނިފައިވަނީ ބަތޫލް ދެކެ ވާ ލޯތްބެވެ. އެކުގައިވާން ކުރި މަސައްކަތެވެ. އެހުރިހާ ގިލަންތަކަށް ފަހު އަޒްޔާން އޮޅުވާލަފާނެކަމަށް ޖަނާއަށް ޤަބޫލެއް ނުކުރެވުނެވެ. ހަމައެއާއެކު ބަތޫލްއަށް ހިތްދަތިކަމެއް ދީފާނެކަން ވެސް މެއެވެ.
''ދެރަގޮތެއް ނަހަދާ ނެތެއެއްނު!، ކައިވެނި ކުރަން ބޭނުން ނުވަންޏާ ކައިވެންޏަށް އެދުނީ ކީއްކުރަން!...'' ރުޅިވެރިކަމާއެކު ހިންދަށް ބުނެވުނެވެ. އޭނަގެ ހިތް ފާއިތުވާ ކޮންމެ މިނެޓަކާއެކު ދިޔައީ އަޒްޔާންއަށް ނަފްރަތުކުރަމުންނެވެ. އޭނަގެ މަލެއް ފަދަ ދަރިފުޅަށް ދީފައިވާ ބޮޑު ކެހީގެ ސަބަބުންނެވެ. އެންމެ ފަހުވަގުތުގައި އެފަކީރު ނިކަމެތި ހާލުގައި ޖައްސާފައި އެފިރިހެނާ ވަން ތަނެއް ވެސް އެނގެނީކީ ނޫނެވެ.
*****
''މަންމާ ކިހިނެއްތަ މިވަނީ؟...'' ކެމެރާ ހިފައިގެން ފޮޓޯނެގުމާއިގެން އުޅުނު ޝުޖާއު އޭނަގެ މަންމަ މާރިޔާ ގާތަށް ހުއްޓިލަމުން ސުވާލުކުރިއެވެ. އޭރު މާހައުލަށްވަނީ އުދާސްކަން ވެރިވެފައެވެ. ޢާއިލާގެ މެންބަރުންނާއި ގާތް ރަހުމަތްތެރިންތަކުން ފުރިފައިވާ މާހައުލުގައި ތަަފާތު ވާހަކަތައް ދެކެވެން ވެސް ފަށައިފިއެވެ. ޤާޟީންނަށް ވެސް ލަސްވެގެން އުޅޭތަން ފެނެއެވެ.
''ނޭގޭ މަށަކަށް، ގައިމު ރާއްޖޭން ބޭރުގައި ހުރި މީހަކަށް ވެސް އާދެވޭނެހާ އިރުވެއްޖެ ދޯ، ދޮންތަ ވެސް އެބައުޅޭ ޖަނާއާއި ވާހަކަދައްކަން އެކޮޅުގަ، މަށަށް ޔަޤީން ނުބައެއް އެބައުޅޭކަމާ މެދު، އެހެންނޫނީ އެ އަޒްޔާން އަންނަހާ އިރުވެއްޖެ ދޯ، އޭނައާ ހެދި ލަދުން ގޮސް ބޯހަލާކުވާހާ އެބަވެޔޭ، މިއެންމެން ތެރޭ އަހަރުމެން ލަދުގަންނަވާލަން އޭނަ ކުރާކަމެއްކަން ޔަޤީނޭ!، މިހެންނޭ ވާނީ ތަނަކުން ފެންނަ ގުންޑާއަކާ ހިތާވީމަ!...'' ބަދިގެއާއި ވީ ފަޅިއަށް އިޝާރާތްކޮށްލަމުން މާރިޔާ ވާހަކަ ދެއްކިއެވެ. މާރިޔާގެ ވާހަކަދެއްކުމުގެ ރާގާ މެދު ޝުޖާއު ހިތްހަމަނުޖެހުނެވެ. އިތުރަށް އެތާނގައި މަޑުކުރުމެއް ނެތި ހަރު ފިޔަވަޅުތަކެއްގައި އޭނަ މިސްރާބު ޖެހީ ބަދިގެއާއި ދިމާއަށެވެ.
*****
''ޑްރައިވަރު ފޮނުވަންވީ ކަންނޭގެ އެގެއަށް އޭނަ ބަލާ...'' ހިންދު އޭނަގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. ޖަނާ އެއްޗެއް ބުނަން އަނގަހުޅުވާލި ތަނާ އެދިމާއަށް އަންނަމުން ދިޔަ ޝުޖާއު ފެނިއްޖެއެވެ.
''ބޮޑުދައްތާ...'' ހިންދުއާއި އަރާހަމަކުރަމުން ޝުޖާއު ގޮވާލިއެވެ. އޭނަ ހިންދުގެ މޫނާ ނަޒަރު ސީދާކޮށްލި ވަގުތު ފެނުނީ ހާސްކަމާއި ބިރުވެރިކަމެވެ. އޭގެ ސަބަބުން އޭނައަށް ލިބިފައިވާ ނުތަނަވަސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އިރުކޮޅެއް ވަންދެން ބޮޑުދައިތައަށް ބަލަން ހުރެފައި އޭނަ ޖަނާ ހުރި ފަޅިއަށް އެނބުރިލުމާއެކު ޖަނާ އިސްތިރިކޮށްލަމުން ތުންފަތުގައި ދަތްއަޅާލިއެވެ. ޝުޖާއުގެ ސުވާލުތަކަށް ދޭނެ ޖަވާބެއް ނޭގޭ ކަމުގެ އިޝާރާތެއްގެ ގޮތުން ކަމަށް ވެސް ވެދާނެއެވެ.
''ޖަނާ، ވަޓްސް ހެޕެނިންގް؟...'' ޝުޖާއު ބުންޏެވެ. ވަމުން ދިޔަ ކަންތައް ޖަނާއަށް ރަގަޅަށް އެނގޭނެކަން ޝުޖާއުއަށް ނަގައިގަނެވުނެވެ. އެއާއެކު ސިކުނޑީގައި ބުރުޖަހަމުން އައި ސުވާލުތައް އޭނަ ޖަނާއާއި ފެންމަތިކުރުވިއެވެ.
*****
ވަގުތު ނުތަންވަޅުވަމުން ދިޔަ ވަރަކަށް ބަތޫލްއަށް ތަފާތު އުނދަގޫތައް ކުރެވެން ފެށުނެވެ. އިންތިޒާރު ދިގުލާން ފެށުމުން ހިތަށް ފާޑެއްގެ ބިރުވެރިކަމެއް ވެރިވާން ފެށިއެވެ. އިން ގޮނޑިން ތެދުވެލަމުން އަވަސް ނޭވާތަކެއް ދޫކޮށްލެވުނެވެ. އަދި ރީތިވާ މޭޒު މަތީ އޮތް އޭނަގެ ފޯނުން ގަޑި ބަލާލިއެވެ. ނުވައެއް ޖަހައި ބޮޑުވަނީއެވެ. ކައިވެނި ކުރެވެން އޮތް ގަޑި ފަހަނައަޅައި ދިޔަތާ ކިތަންމެ އިރެކެވެ. ލިބުނު ހާސްކަމާއެކު ބަތޫލްގެ ހިތް އިހުނަށްވުރެ އަވަސްވާން ފެށިއެވެ. ލަސްވަނީ ކީއްވެގެން ހެއްޔެވެ؟ މަންމަ ޖަނާ ގޮވައިގެން ދިޔަ ގޮތަށް ޖަނާގެ ޚަބަރެއް ނުވަނީ ކީއްވެގެން ހެއްޔެވެ؟ ކަމެއް ގޯސްވީ ހެއްޔެވެ؟ އަޒްޔާންއަށް ދެރަގޮތެއް ވީ ހެއްޔެވެ؟ މިހުރިހާ ސުވާލުތަކާއެކު އިތުރަށް ކޮޓަރީގައި މަޑުކުރަން ބަތޫލްއަށް ކެތެއް ނުކުރެވުނެވެ. ދެފަޔަށް ލެވުނުހާ ބާރަކާއެކުގައި ގޮސް އޭނަ ކޮޓަރީގެ ތަޅުގައި ހިފާލިއެވެ. އަދި ފުންނޭވާއެއް ދޫކޮށްލަމުން ހިތާހިތާ ދުޢާކުރެވުނީ ހުރިހާކަމެއް ވެސް ރަގަޅަށް ވުމަށް އެދިއެވެ. އޭނަ ދޮރުހުޅުވާ އިރު މޭޒު ދޮށުގައި އޭނަގެ އިންތިޒާރުގައި އަޒްޔާން ވުމަށް އެދި އާދޭސް ކުރާ ހާލުގައެވެ. ހިތަށް މޮޅިވެރިކަމެއް ލިބުމަށް ނޭދޭ ހާލުގައެވެ.
ތެޅިތެޅި އޮތް ހިތަކާއެކު ބަތޫލް ދޮރު ހުޅުވާލިއެވެ. ކޮޓަރި ހުރި ދިމާގެ ގޮތުން އޭނައަށް ފުރަތަމަ ވެސް ފެނުނީ މަންމަމެންނެވެ. އެމީހުން ކަމަކާ މެދު މަޝްވަރާ ކުރަމުންދާތަން ފެނުނެވެ. ދެން ބަތޫލްއަށް މުޅި މާހައުލަށް ނަޒަރު ހިންގާލެވުނެވެ. އެކި ދިމަދިމާލުގައި ޢާއިލާގެ މެންބަރުންނާއި ޢާއިލީ ރަހުމަތްތެރިން ތިބިތަން ފެނުނެވެ. ބަތޫލްގެ ހިތުގެ ތެޅުން ހިނދުކޮޅަކަށް މަޑުޖެހިގެން ދިޔައީ ބޮޑުކޮޓަރީގައި ޒީނަތްތެރިކުރެވިފައިވާ މޭޒާއި އޭނަގެ ލޯ އަމާޒުވުމުންނެވެ. ނޭވާވެސް އެތެރެހަށީގައި ތާށިވެގެން ދިޔަ ފަދަ އިހުސާސެއް އެވަގުތުކޮޅު ކުރެވުނެވެ. ބައްޕަ ޤާޟީންނާ ވާހަކަ ދައްކަން ކޮޅަށް ހުރިއިރު ޤާޟީން ކަމަކާ މެދު ހިތްހަމަޖުނެހިފައިވާކަން ފާޅުވެއެވެ. މޭޒު ދޮށުގައި އޭނަ ދެކެން ބޭނުންވާ ސޫރަ ނެތުމުން ބަތޫލްގެ މޭގެތެރޭގައި ހިތް ފިތެންފެށި ފަދަ އިހުސާސެއް ކުރެވެން ފެށުނެވެ. މުޅި މީހާއަށް ލޮޅުން ގެނުވާފައެވެ. އެހުރިހާކަމެއް ނަގައިގަންނަން ވީ ކިހިނެއް ކަމާމެދު ބަތޫލްގެ ސިކުނޑި ނުކުޅެދުނެވެ. އަޒްޔާންއަށް ކަމެއް ވީ ހެއްޔެވެ؟