އެމީހަކަށް ކަމީލާ ގޮވާލީ ކޮން ނަމަކުންކަން އިވުނުހެނެއް ހިޔެއްނުވެއެވެ. އަދިވެސް އެ ޒުވާނާގެ ލޯ ރަގަޅަށް ހުޅުވާލެވެނީއެއްވެސް ނޫނެވެ. ރިމޯޓުން ދޮރުގައި ދަމާފައިވާ ފަރުދާތައް ކަހާލުމާއިއެކު ލޯ ތަރަތަރަޖަހައިގެން ދާވަރަށް ކޮޓަރިތެރެއަށް އަލިކަން ފެތުރިގެންދިޔައެވެ. އަނދިރީގެ ތެރެއިން ލޫކަސްއާއި ސިފަ ވައްތަރުވިނަމަވެސް މިއީ މުޅިން އެހެން ޒުވާނެކެވެ. މޫނަށް ބަލާލާފައިވެސް އެވަގުތު ރުޅިގަދަ މީހެކޭ ކަމީލާގެ ހިތަށް އެރިއެވެ. ބުމަ ގަދަވެފައި ގުޅުވާލައިގެން ހުރިގޮތުންކަން ނޭގެއެވެ.
"މަގޭ ހުއްދަނެތި މި ރޫމަށް ވަދެފައި ކޯންޗެކޭ ކިޔާކަށްތަ؟ ނޭގޭތަ މައޮތީ ނިދަންކަމެއް؟ ދެލޯ އަނދިރީތަ؟ "އަދިވެސް އެ ޒުވާނާގެ ރުޅިމަޑެއްނުވެއެވެ. މިއީ ޔާސިރުގެ ދަރިއެއްކަން ދެނެގަންނާކަށް ރޮކެޓް ސައިންޓިސްޓެއްގެ ސިކުނޑިއަކަށް ބޭނުމެއްނުވާނެއެވެ. އެހެންވެ ކަމީލާ ގަސްތުކުރީ އޭނައަށް އޮޅުމެއް އެރިކަން ހާމަކޮށްދޭށެވެ.
"ސޮރީ....ވީގޮތަކީ..." ކަމީލާ ފެށިއެވެ.
"މަށެއް ނޫޅެން އެކްސްކިއުޒް އަޑުއަހާކަށް، ދެންވެސް މިތަނުން ނުކުމޭ...އައުޓް..." އެ ޒުވާނާ ދޮރާއި ދިމާލަށް އިޝާރާތްކޮށްލާފައި ކަމީލާ ކުޑަކޮށް ކޮށްޕާލައިފިއެވެ. އެއްވެސް އަދަބެއް އިހުތިރާމްކުރުމެއް ނެތެވެ.
"ހައު ރޫޑް.." ކަމީލާ ހިތާހިތުން ކިޔާލާފައި އެތާގައި އެންމެ ސިކުންތުކޮޅެއްވެސް ބޭކާރުނުކޮށް ދުވަމުންގޮސް ނުކުމެއްޖެއެވެ. އޭރު ކަމީލާ ހުރީ މައިނޭވާލެވިފައެވެ. ތިރިއަށް ދާން ހަދައިގެން މީފާ ބުޅާގަނޑާއިގެން އޭނަ ބިރުގަންނަވައިފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ މިގޭގައި އުޅޭ މީހުންގެ ނުބައިކަމާއިހުރެ މިގެއިން ވީހާވެސް އަވަހަށް ސަލާމަތްވާން ކަމީލާ ބޭނުންވިއެވެ. ދުވަމުންގޮސް ސޑީގެ އެންމެ ތިރީ ހަރުފަތުގައި ހުރެފައި ބަލާލިއިރު މީފާ ފެންނާކަށްނެތެވެ. ކަމީލާ ކޮޓަރިއަށް ވަންއިރު އަދިވެސް އީކާ އޮތީ ގަދަ ނިދީގައެވެ. ކަމީލާވެސް އީކާ ގާތު އޮށޯވެލިގޮތަށް ތަފާތު ޚިޔާލުތައް އޭނަ ވަށާލައިފިއެވެ.
"މީފާވެސް ހާދަހާ ނުބަޔޭ، ކަޅުހެދުން ނުލާށޭވެސް އަންގައިފިއެއްނު، މިގޭގައި އޮތް ބޮޑު ފައުޖަށް މިހެދުން ކަމުނުދާނެޔޯ، އެހެން މީހަކާއި ބެހޭކަމެއްތަ؟ އަހަރެން ބޭނުން ހެދުމެއް އަހަރެން ލާނީ، އިޝްތިހާރުވާކަށް އަހަރެން ބޭނުމެއްނޫން، އަހަރެންވެސް މީފާ ގާތަކު ނުބުނާނަން އެހާ ކުރު ހެދުން ނުލާށޭ، އެހެން މީހުން ޑްރެސްކުރާގޮތާއި އަހަރެން ނުބެހެމެއްނު، މިގޭގައި އުޅޭ ބްރަދަސްއިން ރުއްސަން އަހަރެން ވީ އެމީހުން ބޭނުންގޮތަށް ޑްރެސްކުރަންތަ؟ އިމްޕޮސިބްލް، އެއިން އެކަކު ފެނުނީމަވެސް މިއޮތް ވީ ފޫއްސެއް، މިތަނުން އަވަހަށް ދާންވީ، އެކަމަކު މަންމަ ބުނެފި މިގޭގައި ހުރެގެން އަރާމުކޮށް ކިޔެވޭނެއޭ، ކަޅުކަޅު ބުޅާގަނޑަކާއި، ރޫޑް ފިރިހެނަކާއި އެކީގައި އެއް ފުރާޅެއްގެ ދަށުގައި ހިނދުކޮޅަކަށް ހުންނާންވިޔަސް މަ ހޮޑުލަވާ....." ކަމީލާ ކަކޫ މޭގައި ޖައްސާލައިގެން އޮތްއިރު އެސްފިޔަތަކުގެ ދޭތެރެއިންވެސް ފެންނަނީ ލޫކަސްގެ ސޫރައެވެ.
އިރްފާންއާއި އާތިކާ ކޮޓަރީގެ ތެރޭގައި ތިބެގެން ދެއްކި ވާހަކަތައް ޒުވާބަކަށް ބަދަލުވިއެވެ. އިރްފާން ދެއްކި ވާހަކަތައް ގަބޫލުކުރަން އާތިކާ ތައްޔާރެއް ނޫނެވެ. އޭނަގެ ދަރިފުޅާއި ބެހޭގޮތުން ރަށުމީހުން ދެއްކީ ހުސްދޮގު ވާހަކައެވެ. ކަމީލާ ހިލޭ ފިރިހެނުންނާއިއެކު އެއްވެސް ގުޅުމެއް ނުބާއްވާނެއެވެ. ދަރިއަކު އެންމެ ބޮޑަށް އެނގޭނީ މަންމައަކަށެވެ. އޭނަ ކަމީލާއަށް ދިން ނަސޭހަތުގައި އެކުއްޖާ ނުހިފައެއް ނުހުންނާނެއެވެ. އިރްފާން އާތިކާއަށް އިންޒާރުދިނެވެ. ކަމީލާގެ ފަރާތުން އެމީހުން ބަދުނާމުވާފަދަ އެއްވެސް ކަމެއް ހިނގައިފިނަމަ އޭނަ ޒިންމާ ނުވާނެކަމުގައެވެ. މިޒަމާނުގައި އަންހެންކުދިން ބަދުނާމްވުން އާއްމުވެފައިވާއިރު ކަމީލާ އެގޮތަށް އުޅެން ހަދައިގެން ލަނޑެއް ލިބިދާނެކަމަށް އިރްފާން ވިސްނާދިނެވެ. އާތިކާ އިނީ ދެ ޚިޔާލެއްގައެވެ.
ހެނދުނު ސައިގަޑީގައިވެސް ޔާސިރުގެ ދަރިއަކު މޭޒުދޮށުން ނުފެނުނެވެ. ޔާސިރު ފޮރުވަން އުޅެނީ ކޮން ކަންތައްގަނޑެއްބާވައެވެ. އިރްފާންވެސް އިނީ ކަމީލާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބިގެން އެ ވާހަކަ ފަށަންވެސް ނުކެރިފައެވެ. ސަޔަށްފަހު އިރްފާން އާއި ޔާސިރު ކޮންމެވެސް ތާކަށް ދިޔުމުން ކަމީލާ ބަދިގެއަށްވަނީ މީފާއާއި އެހީވާށެވެ. މީފާ ބުނިގޮތުން ގޭގައި ގެންގުޅޭ ދެކުދިން ޗުއްޓީއަށް ދިޔަގޮތަކަށް އަދި ނާދެއެވެ. އެހެންވެ އޭނަ އުޅެންޖެހިފައިވަނީ ނިކަން ބުރަކޮށެވެ. ކަމީލާ ހުރީ ބިރުގެންފައެވެ. ކޮންމެވެސް ތަނަކުން ބުޅާ ނުކުމެގެން އަތުވެއްޖެއްޔާ ވާނީ ކީއްހެއްޔެވެ؟ ކަމީލާ ބޮޑުކޮޓަރިއަށް ނުކުތީ ކޮންމެހެން ބަޔަކު ތިބެދާނެކަމަކަށް ނޫނެވެ. ހަތަރުފަސް ޒުވާނުން ބޮޑުކޮޓަރީގައި ކޮފީ ބޯންތިބެފައި ކަމީލާ ފެނުމުން ބަލައިލީ ހައިރާންކަމާއި އެކުގައެވެ. މިގެއިން އޭނަ ފެނުމުން އެމީހުންނަށް ލިބެންވީ ކޮން ހައިރާންކަމެއް ހެއްޔެވެ؟ އެތަނުން ކަމީލާއާއި ހަތަރުކަޅި ހަމަވީ ކޮޓަރިން ދިމާވި ޒުވާނާއާއެވެ. ފަޅިސިކުންތުކޮޅެއްގެ އެ ނަޒަރަންވެސް އެފިރިހެނާގެ މޫނުމަތިން ކިބުރުވެރިކަމާއި ބޮޑާކަން ނޫން އެހެން އެއްޗެއް ނުފެނުނެވެ.
"ފޫހިގަނޑެއް......." ކަމީލާ ދޮރުން ބޭރަށް ނުކުތްތަނާހެން އެންމެން އެކީގައި ހީގަތްއަޑުއިވުނެވެ. އޭނައަށް މަލާމާތްކޮށްފައި ހެއްޔެވެ؟ ކަމީލާގެ މޫނު ރަތްވެގެން ދިޔައީ ރުޅިގަދަވެގެން ގޮހެވެ. ހިތާހިތުން އެއްޗެހި ކިޔަމުންގޮސް ދޮރާށްޓާއި އަރާ ހަމަވެފައި އަނެއްކާ އެތެރެއަށް ވަނެވެ. މަންމަ ބުނާގޮތުން ދޮރާށިކާރީގައި ހުރުމަކީ ރީތިކަމެއް ނޫނެވެ. އެހެން ހިތަށް އަރާފައި ކަމީލާ ގޭގެ ފަހަތުން ބުރެއް އަޅާލާފައި ވަލުދޮރާށްޓެއް ހުރިތަން ފެނިފައި އެތަނުން ގެއަށް ވަނެވެ. ބޮޑުކޮޓަރީގައި ތިބި ފިރިހެނުންގެ ކުރިމަތިން ލާފައި އަންނަން އޭނަ ބޭނުންނުވީއެވެ.
ޔާސިރު ގެއަށް އައިސްފައި އިރްފާންއާއި އާތިކާއަށް އޭނަގެ ދަރިންތައް ކަމަށްވާ އައްމާރު، ޖައިދަން އަދި އިޔާޝް ތަޢާރަފުކޮށްދިނެވެ. އެކުދިންގެ މަންމަ މެހްވިޝްގެ ބޭވަފާތެރިކަމާއި އެކަމުގެ ސިއްރު އިރްފާންއަށް ކިޔާދޭން ޔާސިރުވަނީ ފަސްޖެހިފައެވެ. އައްމާރު ވިހޭފަހުން މެހްވިޝް ޔާސިރުގާތުން ވަރިވެގެން އެހެން މީހަކާއި އިނދެގެން އެމީހާއަށް ފިރިހެން ދަރިއަކު ވިހާފައިވެއެވެ. އެދަރިފުޅަކީ މެހްވިޝްގެ ލޮލުގެ ނޫރެވެ. ފުރާނައެވެ. ދެވަނަފަހަރަށް ޔާސިރުއާއި ކާވެނިކޮށްގެން ލިބުނު ދެދަރިންނާއިވެސް އަޅާލެވުނުކަމަކަށް ނުވިއެވެ. މިހާރު މެހްވިޝް ގެއިން ދިޔަތާ ކޮންދުވަހެއް ހެއްޔެވެ؟ މެހްވިޝްއަކީ ފެޝަނަށް ލޯބިކުރާ އަންހެނެކެވެ. ޖައިދަން އާއި ކަމީލާ އިންނަން ފަހަރެއްގައިވެސް ގަބޫލެއްނުވާނެއެވެ. މެހްވިޝްއަށް ނާންގާ ޔާސިރު މިކަންތައް ނިންމާލަން އުޅޭ އެއް ސަބަބަކީ އެއީއެވެ. ޔާސިރުފަދައިން އެއިން ކޮންމެ ޒުވާނެއްގެވެސް ފިރިހެންވަންތަކަމާއި ޝަޚުސިއްޔަތު މޫނުމަތިންވެސް ފެންނަން ހުއްޓެވެ. މޫނަށް ބަލާފައި ހީވަނީ މާތް ރަގަޅު ޒުވާނުންހެންނެވެ. އިރްފާންއާއި އާތިކާވެސް ހިނިތުންވެލައިގެން ތިބިއިރު އެދެމަފިރިން ތިބީ ވަރަށް ގަޔާވެފައިކަން ޔާސިރުއަށް އެނގުނެވެ. ސިފައަށް ބަލާއިރު އޭނަގެ ފިރިހެންދަރިންނާއި ވާދަކޮށް އެހެން ބަޔަކަށް ކުރި އަތުނުލެވޭނެކަން ޔާސިރުވެސް ދަނެއެވެ. މިޒާޖަކީ ބަދަލުކުރެވިދާނެ އެއްޗެކެވެ. ގޯސް ސިފައެއް ހުރެއްޖެއްޔާ އެކަންތައް އަނބުރައިލެވިދާނެއެވެ.
އާތިކާ ކަމީލާ ގޮވައިގެން ކޮޓަރިއަށް ވަނީ މުހިއްމު ވާހަކައެއް ދައްކާލަން ވެގެންނެވެ. އެދައްކަން އުޅޭ ވާހަކައެއް ޔަގީންވެފައި ކަމީލާ ފެށީ އަވަހަށް އޭލެވެލް ހަދަން ބޭނުންވާ ވާހަކައެވެ. އަދި އޭގެ އިތުރުން ވަޒީފާއެއްވެސް ހޯދަން އޭނަ ބޭނުމެވެ. އޭނަ ކިޔަވަން މާލޭގައި ބަހައްޓާފައި މަންމަމެން ދިޔައިމަ އޭނަ ވަރަށް އެކަނިވާނެއެވެ. ރޯޒްހިލްގައި އުޅޭވަގުތު ވީހާވެސް މަދުކުރަން އޭނަ ކޮންމެހެންވެސް ޖެހޭނެއެވެ.
"ކަމީލާ، މަންމަ ގާތުގައި ތެދަށް ބުނެބަލަ، ބައްޕަ އެދައްކަނީ ރަގަޅުވާހަކައެއްތަ؟ ކަމީލާ ފިރިހެންކުއްޖަކާއި އެކީގައި އެ ފަޅުގެއަށް ރޭގަނޑު ދަންތަ؟ " އާތިކާ ކުއްލިއަކަށް ކުރި ސުވާލުން ކަމީލާގެ މޫނު ރަތްވިއެވެ. އާތިކާ އެކިގޮތްގޮތަށް އަހަންފެށުމުން އެންމެފަހުން ކަމީލާ ބުނީ ކިޔަވައިދޭން ގެނައި ޓީޗަރާއި ރައްޓެހިވެގެން އުޅުނުކަމުގައެވެ. އެއީ ޕާޓޭއެއްކަމަށް ދެކެވޭ ވާހަކަތައް އޭނަ ދޮގުކުރިއެވެ. ކަމީލާގެ ވާހަކަތަކާއިއެކު އޭނަގެ ކަންފަތްމައްޗަށް އަރައިގެން ދިޔަ ހޫނު އެތިފަހަރަކުން ކަމީލާގެ ދެލޮލަށް ކަރުނަ ޖަމާވިއެވެ. ކަންކަށިމަތީގައި ފިރުމާލެވުނެވެ.
"ބައްޕަވަނީ ޔާސިރުގެ ފިރިހެން ދަރިއަކާއި ކަމީލާގެ ކާވެނި ހަމަޖައްސާފައި، އެކަން ނުކޮށްފިއްޔާ މަންމަގެ ހިތް ދުވަހަކު ހެވެއް ނުކުރާނަން، މަށަށް މަންމަވެސް ކިޔައިގެން ނުވާނެ، ހަނދާންކުރާތި......" އާތިކާގެ ދުލުން އިވުނު ބަސްތަކުން ކަމީލާ ހުރީ ޝޮކެއްގައެވެ. ގަބޫލުނުކުރެވިފައެވެ. މަންމަ އެހާވަރުން މަޖުބޫރުކޮށްފާނެ ކަމަކަށް އޭނަ ހިޔެއް ނުކުރެއެވެ. އޭނަ ހީކުރީ މަންމަ ހުންނާނީ އޭނައާއި އެއްކޮޅަށް ކަމުގައެވެ. މިކާވެނިން ސަލާމަތްވެވޭނެ ކަމުގައެވެ. އޭލެވެލް ނިންމާލާފައި މާލޭގައި ހުރެ ކޮލެޖަށް ދަމުން ލޫކަސް ހޯދަން މަސައްކަތްކުރެވޭނެ ކަމުގައެވެ. ލޫކަސް ނޫން މީހެއްގެ ބައިވެރިޔަކަށްވާން އޭނަ ގެ ހިތެއް ނޭދެއެވެ. ލޫކަސް އިންތިޒާރުކުރާށޭ ބުނުމުން މުޅި އުމުރަށްވެސް ލޫކަސްއަށްޓަކައި ހުންނާން ކަމީލާ ވަނީ ނިންމާފައެވެ. ނަމަވެސް މިވާން އުޅެނީ ކިހިނެއް ހެއްޔެވެ؟ މަންމަމެން އޭނައަށް މިކުރަނީ ކޮންފަދަ މަޖުބޫރެއް ހެއްޔެވެ؟ ލޮލުން ނުދެކޭ ބީރައްޓެއްސަކާއި ކައިވެނިކުރުމަކީ ކޮންފަދަކަމެއްހެއްޔެވެ؟ ކޮންމެފަދަ ނަޒަރަކުން ބެލިޔަސް މިއީ އޭނަ ގަބޫލުކުރާކަމެއް ނޫނެވެ.
"މަންމާ، ޕްލީޒް މަޖުބޫރުނުކުރޭ، އަހަރެންގެ ހިތް ހަލާކުވާނެ މަންމާ، އާދޭސްކޮށްފައި މިބުނަނީ، އަހަރެން އަދި މީހަކާއި އިންނާކަށް ނުވޭ...."ކަމީލާ އާދޭސްކުރަންފެށިއެވެ.
"ތިކަން ކުރިން ކަމީލާ ނުވިސްނީ ކީއްވެތަ؟ އަހަންނަށް ބައްޕަގެ ނިންމުން ބަދަލެއް ނުކުރެވޭނެ...." އާތިކާ ހަރުކަށިގޮތަކަށް ބުނެލާފައި ފާޚާނާއާއި ދިމާލަށް ހިނގައިގަތެވެ. ގަވާއިދުން ބޭސް ކާންފެށިފަހުން ކަމީލާގެ ޑިޕްރެޝަން އެއްކޮށްހެން ރަގަޅުވެ މޫނުމަތި ތަންކޮޅެއް ރީތިވެލައިފިއެވެ. ލިއަމް ދޭތެރެއަކުން މަންމައަށް ގުޅައެވެ. ކަމީލާ މާލެ ބެހެއްޓުމުގެ ކަންތައް ހަމަޖައްސާއިރަށް އޭނަ ހުރީ މާލެދާށެވެ. ލިއަމް ގާތު މަންމަ ބުނެފައިވާގޮތުން މިހާރު ކަމީލާގެ ކައިވެނީގެ ކަންތައްވަނީ ފަސްކުރެވިފައެވެ. ކަމީލާ ބޭނުމީ ކިޔަވާށެވެ. އެއީ ލިއަމް އުފާވި ޚަބަރެކެވެ. ކުއްލިއަކަށް ކަންތައް ބަދަލުވެގެން ހިނގައިދާނެކަމުގެ ހިލަމެއް އޭނައަކަށް ނުވިއެވެ. ކަމީލާ އެދުވަހު ހަތަރުދަމު އޭނަގެ މަންމަގެ ފަހަތުން އުޅުނެވެ. މަންމައަށް އާދޭސްކުރިއެވެ. މަންމަ ބުނާގޮތަށް ދެން ހަދާނެކަމުގައްޔާއި މިހާބޮޑު އަދަބެއް ނުދިނުމަށް އެދި ރުޔެވެ. އެ ކަރުނަތަކުން އާތިކާގެ ހިތަށް އަސަރުކުރިއެވެ. ނަމަވެސް އާތިކާ ގަބޫލުކުރިގޮތުން ކަމީލާއަށް އަދި ނުވިސްނެނީއެވެ. މައިންބަފައިން ދަރިންނަށް ދެރަގޮތެއް ނަހަދާނެއެވެ. އާތިކާވަނީ އެފިރިހެންކުއްޖާއާއި ބައްދަލުކޮށްފައެވެ. އެ ޒުވާނާއަށް ލިބިފައިވަނީ އެކަނި ރީތިކަމެއް ނޫނެވެ. ވާހަކަދެއްކިލެއް ރީތިވެފައި ބޮޑެތިމީހުންނަށް އިހުތިރާމްކުރުމުގައި ދެވަނައެއް ނެތެވެ. ހުރީ ކިޔަވައިގެންނެވެ. މުއްސަދި ރަގަޅު އާއިލާއެކެވެ. ކަމީލާ އަށް މިހާރު ބޭނުންވަނީ ހަޔާތުގެ ބައިވެރިޔެކެވެ. ޔާސިރު ވައުދުވެފައިވަނީ ކަމީލާއަށް ކިޔައްވާނެކަމަށާއި ވަޒީފާއަށްވެސް ފޮނުވާނެކަމުގައެވެ. އެމީހުންނަކީ މިނިވަން ޚިޔާލުގެ މީހުންނެވެ. ވީއިރު ވިސްނަންވީ ކޮންކަމަކާހެއްޔެވެ؟
ކަމީލާގެ ކަރުނަތަކަށް ފަރުވާލެއްނެތި އިރްފާންއާއި އާތިކާ އެކައިވެންޏަށް އާއެކޭ ބުނުމާއިއެކު ޔާސިރު އުޅެގަތީ ޖައިދަން ރުއްސާށެވެ. ޖައިދަން ފަރުވާލެއް ނެތި އާއެކޭ ބުނެލިޔަސް ކަޅުހެދުން ލައިގެން ހުރި ކުއްޖަކާއި އިންނަން އޭނަ ލަދުގަނެއެވެ. ޖައިދަންގެ ދޮންބެ އައްމާރު ބުނިގޮތުން އެއީ މައްސަލައެއް ނޫނެވެ. ކައިވެންޏަށްފަހު ފިރިމީހާއަށް ހުރިހާ ބާރެއް ލިބޭނެއެވެ. ހެދުމުގެ ސްޓައިލް ބަދަލުކުރެވިދާނެއެވެ. ކަމީލާ ކޮޓަރިން ނުކުންނަހިތް ނުވެފައި އޮތްވާ އާތިކާ ސައިގެނެސްދިނެވެ. އެރޭ ރޮމުންގޮސް ދެލޯ ދުޅަވެފައިވާއިރުވެސް ކަމީލާގެ ދޮންމޫނު ފެންނަނީ ތާޒާކޮށެވެ. އޮމާންކަމުން ވިދައެވެ. އެރީތި ދެލޮލަކީ ކަމީލާގެ ރީތިކަން އެންމެ އިތުރުކުރުވާ ސިފައެވެ. އެންމެ ކަތި ނަޒަރަކުންވެސް ހިތްތައް ކުދިކޮށްލާނެއެވެ. ކަމީލާ ރަޖާގެ ދަށުގައި އޮތްއިރު އީކާ އޮތީ ސޯފާއަށް އަރާފައި ފިއަރސްޓްރީޓް ވާހަކައެއް ކިޔާށެވެ. މާލެއައުމުން ލިބެންވާ އުފާތައް ދެކުދިންނަށްވެސް އަދި ނުލިބެއެވެ. އަވިގަދަކަމުން އީކާ ބޭރަށް ނުކުތުން މުޅިން މަނަލެވެ. ކަމީލާވެސް ފުރަތަމަ ދުވަހު ނުކުތުމުން ލިބުނު ލަނޑަށްފަހު ކޮޓަރިން ނުނިކުންނާން ހުވާކޮށްގެން އިންކަހަލައެވެ. އާތިކާ އައިގޮތަށް ކަމީލާގެ އަތުގައި ހިފާ އެނދުން ނެގިއެވެ.
"ބޮޑާ ނަހާކާ ކަމީލާ ސައިބޯންވީ އިނގޭ...." އާތިކާ ހުރީ ރުންކުރުވެލާފައެވެ.
"އީކާ އަލުވިކޮޅު މަށާފައި ބިސްތައް ނޮޅަންދޭބަލަ، ދަރިފުޅުވެސް ބަދިގޭގައި ކުޑަކޮށް އެހީވެލަންވާނެއްނު ދޯ..." އާތިކާ އުޅުނީ އީކާ އެތަނުން ފޮނުވާލާށެވެ. އީކާ ކަންނެތްވެފައި އޮތްވާ އޭނަ ކުރާހިތްވާކަމެއް މަންމަ ދެއްކުމުން އަވަހަށް ފައިވާނަށް އަރައިގެން ހިނގައިގަތެވެ. ކަމީލާ މަންމަގެ އަމުރަށް ކިޔަމަންވެގެން ސެންޑްވިޗުގެ ރަހަބަލާލިއެވެ. އޭނަ އެއްވެސް އެއްޗެއް ކާހިތެއް ނުވެއެވެ. ލޮލުގައި އަބަދުހެން ހުންނަނީ ކަރުނަ ހިނގާލާފައެވެ.
"ކަމީލާ މީހަކު އަންނާނެއޭ ހެދުމުގެ މިންޖަހާ ދޭން، ތިހެން ނީދެ ގައި ދޮވެލައިގެން ނުކުމެބަލަ..." އާތިކާ އެނދުގެ ތަންމަތި އަޅާދޭން ފެށިއެވެ. ދަރިފުޅުގެ މޫނަށް ބަލާލާފައި އާތިކާގެ ހިތަށް އުދަގޫވެސްވިއެވެ. ކަމީލާ ޅަކަމުން ނުވިސްނެނީއެވެ. މިފަދަ ނަސީބެއް ލިބޭނީ މަދު އަންހެންކުއްޖަކަށެވެ. ފަހުން ހުރިހާކަމެއް ރަގަޅުވާނެއެވެ. ކަމީލާ ހިމޭނުން އިނދެ ކަމުން ދިޔައީ ލަސްލަހުންނެވެ. އިހުސާސެއްނެތް ބުދެއްފަދައިން ދުރަށް ބަލަން އޭނަ އިނެވެ. އާތިކާ ކައިވެނީގެ ޚަބަރު ސިއްރުން ބުނެލީ އާރިފާ ކާރީގައި އެކަނިއެވެ. އެކަމަކު ފޯނުކޯލްތައް އަންނާންފެށީ ޖެހިޖެހިގެންނެވެ. އިރްފާންގެ އާއިލާ ބޮޑުވެފައި އާތިކާއަކީ އެކުވެރިން ގިނަމީހެކެވެ. ރޯޒްހިލް އާއިލާގެ ފިރިހެންކުއްޖަކާއި ކަމީލާގެ ކައިވެނިކުރެވޭކަން އެނގިފައި އެންމެން މަރުހަބާކިޔަން ގުޅަންފެށީއެވެ. ކަމީލާ ހިމޭނުން އިނަސް މަންމަ ހީހީފައި ފޯނުން ވާހަކަދައްކާތަން ފެނުނެވެ. މަންމަގެ އުފާވެރިކަން ފެނުނެވެ. އެ މަންމަ އުފަލުން އުދުހެނީއެވެ. މަންމައަކީ އެގޮތަށް ފޮނިކަނޑާ އުޅޭ މީހެއްވެސް ނޫނެވެ. ނަމަވެސް މަންމަ މިއަދު ދުނިޔެއަށްވެސް އެކަން އިއުލާންކުރަން ބޭނުންވާހެން ހީވިއެވެ. ކޮންމެ މީހެއްގެ ގާތުގައިވެސް ރޯޒްހިލް އާދަމްއަށް ކާފަކިޔާ ކުއްޖަކާއި ކަމީލާ އިންނަން އުޅޭ ޚަބަރު އެއީ ތެދެއްކަމުގައި ބުނެލިއެވެ. އާތިކާ ފޯނު ބޭއްވިއިރު އުފަލުންގޮސް އަތްވެސް ތުރުތުރުއަޅައެވެ. އާތިކާ އައިގޮތަށް ކަމީލާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ.
"މަންމަގެ ރަންކޮޅު، ތިއީ ހަމަ ކޮންމެ މަންމައަކުވެސް ބޭނުންވާފަދަ އަންހެންކުއްޖެއް، މަންމަ ހަމަ ފަޚުރުވެރިވޭ، މަންމަގެ ކޮންމެ އެކުވެރިއަކުވެސް ގުޅާފައި ބުނި އެއްޗެއް އެނގޭތަ؟ ހާދަ ބަސްއަހާ ކުއްޖެކޭ، ކަޅުހެދުންލައިގެން އުޅޭތީ އަދި ވަކިން އެންމެން ތައުރީފުކުރި، ބަސްއަހާކުދިންނަށް މާތް ﷲ ދެރަގޮތެއް މެދުވެރި ނުކުރައްވާނެ، ކަމީލާއަށް އެނގޭތަ؟ ބައްޕަވެސް ބުނީ މިސާލަކަށް ކައިވެނީގައި މައްސަލައެއް ޖެހުނަސް ހަމަ ކަމީލާ ބައްޕަމެން ގާތަށް އަންނަންވީއޭ، ބައްޕައާއި މަންމަ މިތިބީ ހަމަ ކަމީލާއަށްޓަކައި، ކަމީލާއަށް ދެރަގޮތެއް ވެއްޖެއްޔާ ހަމަ އަންނަންވީ...." އުފަލުންގޮސް އާތިކާގެ އަޑު ތަންކޮޅެއް އަވަސްވެފައިވެއެވެ. ކަމީލާ ދެންވެސް އަނގަޔަކުން ނުބުނެ އިނދެ ކޮފީތަށި ތުނބުގައި ޖެހިއެވެ.
"ނޫން މަންމާ، އަހަންނަށް ހެޔޮ އަހަރެން މަރާލިޔަސް، އަހަރެން ދެނެއް މަންމަމެން ގާތަށް ނުދާނަން، ރަށަކަށްވެސް ނުދާނަން، ހިތާމަކުރަމުންގޮސް މަރުވިޔަސް ހެޔޮ، މަންމަމެން އެކަކުވެސް އަހަރެންދެކެ ލޯބިނުވާކަން އެނގިއްޖެ، މަންމަމެންނަށް މުހިއްމުވީ ފައިސާ، މުއްސަދިކަމާއި އިއްޒަތް، ބަސްއަހާދަރިއަކު ހުރެއްޖެއްޔާ ގުރުބާންކުރަންވީ މަންމަމެންނަށް މުހިއްމުވީ ފައިސާ، މުއްސަދިކަމާއި އިއްޒަތް، ބަސްއަހާ ދަރިއަކު ހުރެއްޖެއްޔާ ގުރުބާންކުރަންވީ، ގުރުބާންވާންވީ، ކިހާވަރަކަށް މަންމައަށް އާދޭސްކުރިން، މަންމައަކަށް ނޭގޭނެ، އަހަންނަކީ ތިބުނާހާ ރަގަޅުކުއްޖެއްނޫން، އަހަރެންގެ ހަގީގަތް މަންމަމެންނަށް އެނގޭނެނަމަ، އަހަންނަށްވުރެ ބަދު ނަސީބު އަންހެންކުއްޖަކު މި އުޑު ހިޔާދަށަކު ނެތް، އެންމެ ފަހު ނޭވަޔާއި ހަމަޔަށްވެސް މަންމަމެންގެ އިއްޒަތް ހިފަހައްޓާދޭނަން، ނަމަވެސް ދެން އަހަރެން މަންމަމެންގެ ކާރިއަށް އެނބުރި ދިޔުމަކީ ވާނެކަމެއްނޫން....." ކަމީލާ ހިތާހިތުން ވާހަކަދެއްކިއިރު ކަރުނަ އެ އޮމާން ކޯތާފަތް މަތިން ތިރިއަށް ދެމިގަތެވެ.
"ސައިބޮއިގެން އަވަސްކުރާތި، ޝޮޕިންއަށްވެސް ދާންޖެހޭނެ....." އާތިކާ ކަމީލާގެ މޫނަށް ބަލާނުލާ ކޮޓަރިން ނުކުތެވެ.
ކަމީލާގެ ފޯނު ރިންގްވާންފެށިއެވެ. އެއީ ލިއަމްއެވެ. ލިއަމް ގުޅީމަ ރޮއިފާ ހުރިހާ ވާހަކައެއް ކިޔާދީފައި އޭނަ ސަލާމަތްކޮށްދޭށޭ ބުނެ އާދޭސްކުރަން ކަމީލާގެ ހިތް އެދުނެވެ. އޭނަދެކެ އެންމެ ލޯބިވާ އެއް ފަރާތަކީ ލިއަމްއެވެ. އޭނަގެ ދޮންބެއެވެ. ލިއަމްގެ އަޑު ކަންފަތުގައި ޖެހުމުން ވަކިން ބޮޑަށް ރޮވުނެވެ. ނަމަވެސް އޭނަ ރޯތަން ލިއަމްއަކަށް ނުފެންނާނެއެވެ. ކޮއްކޮގެ ހިތް ކުދިކުދިވެ ކަރުނައިގެ ކަނޑެއްގައި ފަތަމުންދާކަމެއް ލިއަމްއަށް އިހުސާސެއް ނުކުރެވޭނެއެވެ.
"ކައްމި ކިހިނެއްތިހަދަނީ؟ ދޮންބެ ކާރީ ކިޔަވާށޭ ބޭނުމީ ކިޔާފައި އަނެއްކާ އެހެން ޑިސިޝަނެއް ނެގީ ކީއްވެޔޯ؟ " ލިއަމް ހުރީ ސަމާސާ މޫޑެއްގައިހެން ހީވެއެވެ.
"އެ ބޯއި ރީތިކަމުން ދެން..." ކަމީލާ ރޮއިރޮއި އިނދެވެސް ލިއަމްއަށް އޮޅުވާލަން ހޭންފެށިއެވެ.
"އަރިދަފުސް އަޅާފައިތަ ދޫނި..." ލިއަމް އަހާލިއެވެ.
"މިގެ ފިނިކަމުން، ހުރިހާތަނެއް އޭސީކޮށްފައި، އިޓްސްލައިކް ހެވެން، ހަމަ މޮޔަވާވަރުވޭ...." ކަމީލާ ކޯތާފަތް ފޮހެލިއެވެ.
"ވަޓްސް ހިޒް ނޭމް؟ ޅިޔަނުގެ ނަންވެސް އަހާނުލެވޭ....." ލިއަމް އަހާލިއެވެ. ކަމީލާއަކަށްވެސް އެއީ ކާކުކަމެއް ކިހިނެއް ހުންނަ މީހެއްކަމެއް އަދި ނަމެއްވެސް ނޭގެއެވެ. ދޮންބެ ގާތުގައި ބުނާނީ ވަކި ކީކޭހެއްޔެވެ؟ ކަމީލާ ހެމުން ބުނީ އަދި ނަންއަހައިނުލެވޭ ކަމުގައެވެ. އަމިއްލަ ހިތްވަރާއިމެދު ކަމީލާ ހައިރާންވިއެވެ. ލިއަމް ގާތުގައި ހަގީގަތް ބުނިނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އޭރުން ލިއަމް އޭނަ ސަލާމަތްކުރަން މާލެ އަންނާނެ ބާވައެވެ. މަންމަމެންނާއި ދެކޮޅަށްވެސް އޭނަ ގޮވައިގެން ރަށަށް ދިޔުމުގެ ހިތްވަރު ދޮންބެގެ ހުންނާނެބާވައެވެ. އޭރުން މަންމައާއި ބައްޕަގެ ހިތަށް ވާނީ ކީއްހެއްޔެވެ؟ މަންމަ އަބަދުވެސް ބުނާނީ ކޮންމެ މަންމައެއްގެ ހުވަފެނަކަށްވާނީ ކަމީލާފަދަ ބަސްއަހާ ރީތިކުއްޖަކު ލިބުންކަމުގައެވެ.
"ދެން އޭނަ ލައްވާ ފުނާއަޅުވާ އަނގައިގާ ލައްވާ ކެއުމުގެ އާދަ ނުގެންގުޅޭތި އިނގޭ.." ލިއަމް އެހެން ބުނުމުން ކަމީލާ ވަކިން ބޮޑަށް ދެރަވިއެވެ. މަންމައާއި ދޮންބެ އޭނަ ގެންގުޅެފައިވަނީ ޕްރިންސެސްއެއް ފަދައިންނެވެ. މުއްސަދި ނުވިޔަސް އެމީހުންގެ ފެންވަރުން ލޯބިދިނެވެ. މަންމަ އެހާލޯބިން ގެންގުޅުނުކަމުން ބަދިގޭގެ މަސައްކަތްތައް ނުކޮށް ތަންކޮޅެއް ކަންނެތް ކުއްޖަކަށް ކަމީލާވިއެވެ. ނަމަވެސް މަންމަވަނީ ވަރަށް ގިނަކަންތައް ކަމީލާއަށް ދަސްކޮށްދީފައެވެ. ކަންނެތްކަމުން ކަންތައް ނުކޮށް ހުރުން އެއީ އަދި އެހެން ކަމެކެވެ. މަންމަ ދެކޭގޮތުން ކަމީލާއަކީ އެންމެ ފުރިހަމަ އަންހެންކުއްޖާއެވެ. ކަމީލާ ލިއަމްއަށް އޮޅުވާލާފައި އުފާވެރިގޮތަކަށް ވާހަކަކޮޅު ނިންމާލުމަށްފަހު ފޯނު ބޭއްވިގޮތަށް ފާޚާނާއަށްވަދެ ދޮރު ލައްޕާލިއެވެ. އެއާއިއެކު ދޮރުކާރިއަށް ތިރިވިގޮތަށް މޫނުގައި ދެއަތްއަޅައިގެން ރަގަޅަށްވެސް ރޯންފެށިއެވެ. އޭނަ މިގޮތަށް އޮޅުވާލާނީ ކިތައް މީހުންނަށްހެއްޔެވެ؟ އަމިއްލަ ނަފުސަށްވެސް އޭނަ އޮޅުވާލާނެކަން ނޭގެއެވެ.
އައްމާރު، ޖައިދަން އަދި އިޔާޝް މަތީބައިގެ ކޮޓަރިއެއްގައި ތިބިއިރު ޖައިދަންގެ ތުނބުގައި ހުރި ސިގްރެޓްގެ ވަސް ތަނުގައި ހިފާލާފައި އޮތެވެ. އެކޮޓަރިއަށް އިރުގެ އަލިއެޅިފައިއޮތް އިރު ޖައިދަންގެ އިސްތަށިގަނޑު ކަޅުކުލަގަދަކަމުން ނޫކުލަ އަރާހެންވެސް ހީވެއެވެ. ބުމަގަދަކަމާއިއެކު ދެލިކޮޅެއްފަދަ ދެލޯ އޭނައަށް ލިބިފައިވެއެވެ. ހަތަރެސްކަން މޫނުގެ ފިރިހެންވަންތަކަން އިތުރުކޮށްދެނީ ތުނިކޮށް ފަޅާފައިވާ ތުބުޅިއެވެ. ތިންބެއިންވެސް އިސްކޮޅުން ދިގުވެފައި ހަށިގަނޑު ރީއްޗެވެ. އެގޭގައި ގެންގުޅޭ ބުޅާ ފްލަފީ އައްމާރުގެ ފައިމަތީގައި ގުޅަވެލައިގެން އޮތްއިރު ކަފަބޯޅައެއް ފަދައެވެ. ތަފާތަކީ ކަޅުކުލަ ހުރުމެވެ. ސެވެން ޕޮއިންޓް ވަން ސްޕީކަރ ސިސްޓަމްއިން އިނގިރޭސި ލަވައެއް ޖަހާލާފައިވާތީ އިޔާޝް ރާގާއި އެއްވަރަކަށް މޭޒުގައި މަޑުމަޑުން އިނގިލިތައް ހަރަކާތްކުރިއެވެ.
"މަ ހީކުރީ ބައްޕައަކީ މޮޑަން މީހެއްކަމަށް، ދޮންބެ ކެބިންކްރޫއަކާއި އިނީމަވެސް ބައްޕައަށް އޯކޭއެއްނު، އަހަރެން ވީ ދެން ޖުއްބާލައިގެން އުޅޭ އެކްސްޓްރީމިސްޓަކާއި އިންނާށޯ، ބައްޕަގެ ބްރެއިން ވޮޝްކޮށްގެން އުޅެނީ ކާކުބާވައޭވެސް މަގޭހިތަށް އަރާ، ބައްޕަގެ ނިއު ފްރެންޑްގެ ކަމަކަށްވާނީ، ހީ ލުކްސް ލައިކް އެ ފޮކްސް، ނިކަން މަކަރުވެރި ފާޑެއް ޖަހާ....." ޖައިދަން އެއް މިޔަކަނުން ހީލާފައި ބޯޅަތައް ވަޅާއި އަމާޒުކޮށް ފޮނުވާލައިފިއެވެ.
"ޖޭޑް ވީއެއްނު ތުނބުޅިއެއް ޖަހާލާފައި ޖިންސް ފައިކުރުކޮށްލަން، އޭރުން ފަހަރިއާއި ދެމީހުން ގުޅޭނެ...." އެންމެ ހަނގު ކޮއްކޮ އިޔާޝް އެއް ލޯ މަރާލުމުން ޖައިދަން އޭނަގެ ކޮނޑަށް އެތިފަހަރެއް ވީއްލާލިއެވެ.