މުޒާ ދެއްކި ވާހަކަތައް އަޑުއަހަން ލޫކަސް ހުރިއިރު މުޒާދެކެ އިންތިހާއަށް ފޫހިވިއެވެ. ޖައިދަން އާއި ދެމީހުން ބައިވެރިވެގެން އަންހެންކުއްޖަކު ބަދުނާމްކޮށްލިއިރު ތިމާއަކީ އަންހެނެއްކަން މުޒާ ހަނދާން ނެތީހެއްޔެވެ؟ ހައިޝަމްއާއި ކަމީލާއަށް މަސްތުވާ އެއްޗެއް ބޯންދިނުމުންވެސް ދެމީހުން އެހާ ނުބައިކޮށް ނޫޅުނީ ހީވާގޮތުން އެދެމީހުންވެސް ރަގަޅުވީމައެވެ. މުޒާ ބުނިގޮތުން އޭނަ ހުރީ ގަސްތަކުގެ ތެރޭގައި އެމަންޒަރު ވީޑިއޯ ކުރާށެވެ. ކަމީލާ އެތެރެއިން ލައިގެން ހުރި ޕެޓީކޮޅުވެސް ބާލާނެކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް އޭގެ ކުރިން ހައިޝަމް އޭނަ ލައިގެން ހުރި ގަމީސް ބާލާފައި ލައްވާދިނެވެ. އެކަމާ މުޒާ އެރޭ ވަރަށް ހިތްހަމަ ނުޖެހުނެވެ. ޖައިދަންވެސް ބޭނުންވީ ކަމީލާ ބްލެކްމޭލްކުރަން ރަގަޅު ފިލްމެކެވެ. އެމީހުން ޕްލޭންކުރިގޮތަށް ހުރިހާ ކަމެއް ނުދިޔަސް ކަމީލާ ބަދުނާމުވުމުން މުޒާ ހުރީ އުފާވެފައެވެ. އެކަމުގެ ސަޒާ ވަރަށް ހިތިގޮތަކަށް ލިބުމުން ކަމީލާ ކާރިން މާފަށް އެދިފައިވާނެކަމަށް މުޒާ ބުނެލިއެވެ.
ހަގީގަތް ހާމަވުމަކީ ލޫކަސްއަށް ލިބުނު ފިލާވަޅެކެވެ. ލޮލަށް ފެންނަ ކޮންމެ ވާހަކައެއް އަދި ކަންފަތަށް އިވޭ ކޮންމެ އަޑެއް ގަބޫލުކުރުމަކީ މީހެއްގެ ހަލާކެވެ. ކަމީލާ އޭނަދެކެ ލޯބިވާކަން އެ ރީތިދެލޯ ކިތަންމެ ފަހަރަކު ހާމަކޮށްދިނެވެ. ލޫކަސް އެހެންމީހުންގެ ވާހަކަތައް ގަބޫލުކޮށްގެން އެ މަތިވެރި ލޯތްބަށް ފުރަގަސްދިނީއެވެ. މިކާލްއަކީ ލޫކަސްގެ ދަރިއެއްކަމަށް ކަމީލާ ބުނެފައިވާއިރު އެއީ ތެދަކަށް ވުމަކީވެސް ހަމަ އެކަށީގެންވާކަމެކެވެ. ލޫކަސް އަމިއްލަ ނަފުސްކުށްވެރިކުރިއެވެ.
ކަމީލާ މިކާލް ގޮވައިގެން ޕާކަށްގޮސްލާފައި ގެއަށް އައި މަގުމަތީގައި ބޭނުންވާ ބައެއް އެއްޗެހި ގަންނަން ވެގެން ފިހާރައަކަށް ވަދެލިއެވެ. ފިހާރައަށް ވަދެވުނީމަ ބޭނުންވާވަރަށް ވުރެ އިތުރަށް ސާމާނު ގަނެލެވުނެވެ. ދެއަތުގެ ފުރެންދެން ކޮތަޅު ހިފައިގެން ނުކުމެފައި ގެއާއި ހަމަޔަށް ނުދެވޭނެކަން ވިސްނުނެވެ. ޕްރައިވެޓްކާރެއްކަމާއިމެދު ވެސް ވިސްނައިލުމެއްނެތި އަތްނަގާ ކާރެއް ހުއްޓުވާފައި އެކާރަށް އެރުމާއިއެކު ކަމީލާ ސިއްސައިގެން ދިޔައެވެ.
"ހާޝް....." ކަމީލާ ދެލޯބޮޑުކޮށްލި ސިކުންތުކޮޅަކަށްފަހު ވަރަށް އުފާވެލާފައި ހައިޝަމްއާއި ވާހަކަދައްކަން ފެށިއެވެ. ކަމީލާ ހައިޝަމް މާލެއިން މިހުރިހާ ދުވަހު ނުފެންނާތީ އެކަމާއި ޝަކުވާކުރިއެވެ. ހައިޝަމް ބުނީ އޭނަ އުޅުނީ މަންމަމެންގާތުގައި އޮސްޓްރޭލިއާގައި ކަމުގައެވެ. ކަމީލާގެ ފިރިމީހާ އެހާ ނުރުހުނުކަން އެނގުނީމަ މާލޭގައި ހުންނަން ބޭނުން ނުވީކަމަށާއި ވީހާވެސް ދުރަށް ދާން ބޭނުންވީކަމުގައި ހައިޝަމް ބުނެލިއެވެ. އެރޭގެ ކަންތަކާއި އޭނަ މާފަށް އެދުނެވެ. އޭނަގެ މޮކްޓެއިލް ތަށްޓަށް މީހަކު މަސްތުވާއެއްޗެއް އަޅާފައި ހުރިކަމަށް ޝައްކުކުރެވުނު ކަމަށާއި އެރޭ އޭނަގެ ތަބީއަތަށް އައި ބަދަލާއިމެދު ހައިރާންވިކަމުގައި ބުނެފައި ދެވަނަ ފަހަރަށްވެސް މާފަށް އެދުނެވެ.
"އިޓްސް އޯކޭ ހާޝް، އަހަރެން އިތުބާރުކުރަން....." ހަގީގަތް އެނގިހުރުމާއިއެކުވެސް މުޒާގާތުގައި ވައުދުވެފައިވާތީ ކަމީލާ އިތުރަށް ކިޔައިނުދިނީއެވެ.
ޖައިދަން އެދުވަހު އޮފީހަށް ގޮސްފައިވެސް އެހެން މަސައްކަތަކަށް ޝައުގެއްނެތެވެ. އޭނަގެ ހުރިހާ ވިސްނުމެއް ހުއްޓިފައިވަނީ ކަމީލާއަށެވެ. ކަމީލާ އެހެން ފިރިހެނެއްގެ ގާތަށް ދާން ނުޖެހޭނީ ކިހިނެއް ހަދައިގެން ބާވައޭ ހިތަށް އެރިއެވެ. އޭނަ ކަމީލާއަށް އިތުބާރެއްވެސް ނުކުރެއެވެ. ނަހަލާލަށް ލިބިފައިވާ ދަރިފުޅަށް ނަންދީ، މިހާ މުއްސަދި އަރާމު ދިރިއުޅުމެއް ހޯދައިދިނީމަވެސް ކަމީލާގެ ހިތަށް އެއްޗެކޭ ނޭރިއެވެ. އެންމެފަހުން ކެތްނުކުރެވިގެން މީޓިންތައް ކެންސަލްކުރުމަށްފަހު އޭނަ އޮފީހުން ނުކުންނާން އައެވެ. މުވައްޒަފުން އޭނައަށް އިހުތިރާމްކުރާތާގައި ބިރުވެސް ގަނެއެވެ. ޖައިދަންއަކީ "ބޮސް" ކަމާއި އޭނަގެ އަމުރަށް އެންމެން ތަބާވާން ޖެހޭނެކަން އެ ސީރިޔަސް ނަޒަރުން އެކަނިވެސް އަންގާދެއެވެ. ހަރުކަށިކަމާއި އެއްވަރަށް ބައެއްފަހަރު މުވައްޒަފުންނަށް އޯގާތެރިވެސް ވެއެވެ. ޖައިދަން އަރާ ހަމަވާއިރަށް ސަކަރާތްޖަހަން ތިބެފައިވެސް އެންމެން މަސައްކަތާއި މަޝްޣޫލުވާތަން ފެނިފައި ޖައިދަން ހިނިއައެވެ.
ޖައިދަން ކާރަށް އަރާފައި ގޮތެއް ނިންމިއެވެ. ބޭނުންވީ ކަމީލާއަށް ފާރަލާށެވެ. އެކުއްޖާ އުޅޭނޫޅޭގޮތް ބަލާށެވެ. އިނާމެއްދިނުން ނޫނީ ސަޒާއެއް ދޭނީ ކަމީލާ އުޅޭނޫޅޭގޮތް ބަލާފައެވެ. އޭނަގެ ގާތުގައި ވައުދުވެފައިވެސް ލޫކަސްގެ ގައިގާ ބައްދާލާއިރު ނުފެންނަ ތަންތާ ކިހިނެއް ހަދާނެހެއްޔެވެ؟ މަންމަ އެހާ ނުލަފާއިރުވެސް އެއީ މަންމަގެ މަގާމު އޭނަގެ ހިތުގައި އުފުލިގެން ދިޔަ ކަމަކަށްވިއެވެ. އޭނަގެ ލޯ ހުޅުވާލަދިނީ މަންމައެވެ. އޭނައަށް ގުޅާފައި ލޫކަސްގެ ގައިގާ ކަމީލާ ހިފައިގަތް ވާހަކަ ބުނީ މަންމައެވެ. ހުރިހާ ފަހަރަކު މަންމަ ލޫކަސްގެ ކޮޅަށް ބުރަވިޔަސް މިފަހަރު ތަފާތުވީއެވެ.
"އަހަރެންގެ މަންމަވެސް އަހަރެން ހީކުރާހާ ގޯހެއްނޫން..." ޖައިދަން ހިނިތުންވެލާފައި ކާރުދުއްވާލިއެވެ.
ފާރަލާމީހުންނަށް ކޮންމެފަހަރަކު ކާމިޔާބުނުވެ ހިނގައިދާނެއެވެ. ނަމަވެސް ޖައިދަންއާއި ނަސީބު އެހީވިއެވެ. ކަމީލާ ކާރަކަށް އެރިތަން ފެނިފައި ތަންކޮޅެއް ދުރުގައި އޮވެގެން އެކާރުގެ ފަހަތުން ދުއްވާލައިފިއެވެ. ކަމީލާ ޕްރައިވެޓް ކާރަކަށް އަރަންވީ ސަބަބެއް އެއްގޮތަކަށްވެސް ޖައިދަންއަށް ނުވިސްނުނެވެ. ކަމީލާ ގެއާއި ހަމަޔަށް ބާލާފައި އެމީހަކާއި ކަމީލާ ހިނިތުންވެލާފައި ވާހަކަދެއްކިތަން ފެނުނެވެ. އަދި މިކާލް ލައްވާވެސް އެމީހަކަށް އަތްހޫރުވާލިއެވެ. އެއީ ކޮން ޚާއްސަ މީހެއްހެއްޔެވެ؟ ޖައިދަން އެމީހަކު ބަލަންވެގެން ފަހަތުން ދާން ގަސްތުކުރިއިރު ހުންގާނުގައި ހިފަހައްޓާލެވުނީ ނިކަން ބާރަށެވެ.
ޖެހިގެން އައިދުވަހު ކަމީލާ މިކާލް ސްކޫލަށް ފޮނުވާލާފައި ގެއަށް އައިގޮތަށް ޖައްސައިލުމުން ނިދުނީއެވެ. ތަފާތު ޚިޔާލުތައް އުދަގޫކުރިވަރުން ރޭގަނޑު ހަމަނިދި ނުލިބުނީއެވެ. ކަމީލާ ހޭލެވިގެން ހެދުން ބާލާފައި ފެންވަރާލަން ކަމަށް ބާތުރޫމަށްވަނެވެ. ހޫނުފެނުން އަރާމުކޮށް ބޯދޮވެލާ ހަދައިގެން ނުކުމެވުނީ ބައިގަޑިއެއްހާއިރު ފަހުންނެވެ. ކަމީލާ ދޮރު ހުޅުވާލީ ލަވައެއް ކިޔާލަމުންނެވެ. މިގަޑީގައި ޖައިދަން ގޭގައި ނޫޅޭނެކަން ޔަގީންވާތީ އޭނަ ހުރީ ހަމަޖެހިލައިގެންނެވެ. ހާސްވީ ކޮޓަރީގެ މައިދޮރު ހުޅުވާލާފައި ހުރީމައެވެ. އެކަމުން ޔަގީންވީ ޖައިދަން ކޮޓަރިއަށް ވަންކަމެވެ. ކަމީލާ ހެދުން ލާންވެގެން ބަލައިލިއިރު އޭނަ ބޭލި ނައިޓީވެސް ފެންނާކަށް ނެތެވެ. ހިތް އަވަސްވެފައި ހުރެ އަލަމާރި ހުޅުވާލިއިރު އެންމެ ހެދުމެއްވެސް ނެތެވެ. އަލަމާރިވަނީ ހުހަށެވެ.
"ވަޓް ދަ ހެލް...." ކަމީލާ ގެ ހިތަށް ބިރުވެރިކަން ވަނެވެ.
"ބިރުގަތީތަ؟ ނޯ ވޮރީސް ބޭބީ، އަހަރެމެންގެ ހަނީމޫން ވީކް ސެލެބްރޭޓްކުރަން ވެގެން މިއުޅެނީ...." ޖައިދަން ބެލްކަނީގައި ހުރެފައި ނުކުތްއިރު ހުރީ ނުލަފާފާޑަކަށް ހިނިއައިސްފައެވެ. ކަމީލާ ދެލޯބޮޑުކޮށްގެން ހުއްޓާ ޖައިދަން ތަފްސީލުދިނެވެ. މިކާލް ގެއަށް ލާފައި މަންމަ ގާތު އެދެމީހުން ހަފްތާއެއްހާ ދުވަހު ޗުއްޓީއަކަށް ދާން އުޅޭކަމަށް ބުނި ކަމަށާއި ކަމީލާގެ ފޯނުން އެންމެނަށް މެސެޖްކޮށްލައިފި ކަމުގައިވެސް ބުނެލިއެވެ. ޖައިދަން ކަމީލާގެ ފޯނު ދިއްކޮށްލަން އުޅެފައި ޖީބަށް ލައިފިއެވެ. ކަމީލާގެ ހިތަށް ނުބައިގޮތެއްވެ ތުންފަތުގައި ދަތްއަޅައިގަނެވުނެވެ.
"އަހަންނަށް މިކާލްއާއި ނުލައި ނޫވޭނެ، ހަމަ މިހާރު އެގެއަށް ދާން ބޭނުން..." ކަމީލާ ތަންކޮޅެއް ބާރަށް ބުނެލިއެވެ.
"ކާލްއާއި ނުލައި އުޅެން މިހާރުއްސުރެން ދަސްކުރަން ވެއްޖެއެއްނު، އަހަރެން އޮންނާނީ ބުނެފައި ބުނާގޮތަށް ނެހެދެންޏާ ބޭބީ ދުރަށް ގެންގޮސްދާނެކަމަށް، އެހެންނޫނަސް އަހަރެމެންނަށް އަދި ހަނީމޫން ހަދާނުލެވެއެއްނު، ބޭނުންވަނީ ކައްމި ރަގަޅުކުއްޖަކަށް ހަދަން، މަގޭ އަމުރަށް ކިޔަމަންނުވާ މީހެއް ތިނޫނީ ނެތް، އެހެންވީމަ އަހަންނަށް މިގޮތަށް ކަންތައްކުރަން މަޖުބޫރުވީ........" އެވަގުތު ޖައިދަންގެ ހަނދާނަށް އައީ ކަމީލާ ހައިޝަމްއާއިއެކުގައި ކާރުގައި ގެއަށް އައިކަމެވެ. އެފަދަ ކިތަންމެ ދުވަސް ހައިޝަމްއާއިއެކުގައި ކަމީލާ ހޭދަކޮށްފައިވާނެ ބާވައެވެ. ކުއްލިއަކަށް ޖައިދަންގެ ނިތްކުރިއަށް ރޫތައް އަރައި މޫނުރަތްވާގޮތްވިއެވެ. ކަމީލާއަށް އެންމެ ފަހަރަކުނަމަވެސް ރަގަޅު އަދަބެއްދޭން ޖެހެއެވެ. އެހެންނޫނީ މިކުއްޖާ މައިތިރި ނުކުރެވޭނެއެވެ. އޭނަ ހާދަ ވަރަކަށް ކެތްކޮށްފިއެވެ. ކަމީލާ މައިތިރިކުރަން މަންމަވެސް ވަނީ އޭނައަށް އަންގާފައެވެ. ހައްދުޖަހަން ދީނުގައި އޮވެއެވެ. ޝަރީއަތަށް ނުގެންގޮސް އޭނަ އަމިއްލައަށް މިކަން ނިންމަން އޭނަ މާ ހިތްހަމަޖެހެއެވެ. ޖައިދަން ކުއްލިއަކަށް އެނދުމަތީގައި އޮތް ބެލްޓްނަގާފައި އެއްފިޔަވަޅު ކުރިއަށް އެޅިއެވެ. ކަމީލާ އަތުނުވާންވެގެން ދުއްވައިގަތީމަ ފަހަތުން ގޮސް ހިފާފައި ދޫލަމައްޗަށް ވައްޓާލިގޮތަށް ބޫޓުން ފަޔަށް އެރިއެވެ. ކަމީލާ ރަޙުމުކުރުމަށް އެދި ރޮއި އާދޭސްކުރިއިރުވެސް އެހިލަ ހިތަށް އަސަރެއް ނުކުރިއެވެ. ކަމީލާގެ ބުރަކަށީގެ ހަން ދާންދެން ތަޅާފައި ޖައިދަން ހިތްފުރޭވަރުވީކަން ނޭގެއެވެ. ކަމީލާ އެތަނަށް ދޫކޮށްލާފައި ގޮސް ސިޓިންރޫމްގެ ސޯފާއެއްގައި ޖައްސާލިއެވެ. ނިތްމަތީގއި އަތް ބާއްވައިގެން އޮތްގޮތުން އޭނަ އޮތީ ފުން ޚިޔާލަކަށް ގެއްލިފައިހެން ހީވެއެވެ.
ލޫކަސް، ލިއަމް އަދި ހައިޝަމް ކޮފީއަކަށް ގޮސްފައި ތިބިއިރު އެކިވާހަކަތައް ދެކެވެމުންދިޔައެވެ. ލިއަމް އޮޕަރޭޝަން ޑޮކްޓަރަކަށްވެގެން މާލެއައުމަށްފަހު މަސައްކަތްކުރަން ފެށުމުން އޭނަވަނީ ވަރަށް ގިނަ މީހުންގެ ކުރިމަތީގައި މަގުބޫލު މީހަކަށްވެފައެވެ. ލިއަމް ހައިޝަމްއާއި ވާހަކަދައްކަން މިފެށީ އެތައް ދުވަހަކަށްފަހު ހައިޝަމްގެ މޮކްޓެއިލްއަށް އެމީހުންވެގެން މަސްތުވާއެއްޗެއް އެޅިކަމަށް މުޒާ ބުނީމައެވެ. އެހެންނޫންނަމަ ދުވަހަކުވެސް އޭނަ ހައިޝަމްއަށް މާފެއް ނުކުރާނެއެވެ. ތިން އެކުވެރިންގެ ހިތް ސާފުވެ މިހާރު އަނެއްކާ އަލުން ގުޅުން ބަދަހިވާންފެށީއެވެ. މެހްވިޝް ލޫކަސްއަށް ގުޅުމުން ފޯނު ބާއްވާފައި ލޫކަސް ހީލިއެވެ.
"ކާލް މަންމަ ގާތު އިޗީބަގެއް ކަންފަތަށް އެރުނީޔޯ ބުނެގެން މަންމަ ވަރަށް ހާސްވެފައި، ތޫތުބަގަކާއި އިޗީބަގެއް ކާލްއަށް އުދަގޫކުރާތީ އުޅޭ ދުވަސްކޮޅެއް......." ލޫކަސް އެވާހަކަދެއްކުމުން ހައިޝަމް އިނީ އެސްފިޔަތައް އުފުލައިލަންވެސް ނުކެރިފައެވެ. ވަރަށް ފަހުން އޭނައަށްވަނީ ލޫކަސްއާއި ކަމީލާ ރައްޓެހިވެގެން އުޅުނުކަން ފަޅާއަރާފައެވެ. ނުބައިގޮތަކަށް ވިސްނެން ފެށުމުން ހައިޝަމް އިނީ ކަންބޮޑުވެ ނުތަނަވަސްވެފައެވެ. އަނެއްކާ މިކާލްއަކީ ލޫކަސްގެ ދަރިއެއްބާވައެވެ. ކިހާ އެހެންކަހަލަ އިއްތިފާގެއްހެއްޔެވެ؟ ކަމީލާ ލޫކަސްގެ ކޮއްކޮއާއި ކައިވެނިކުރީ އެއީ ދެބެންކަން ނޭގިހެއްޔެވެ؟
ލޫކަސްގައި ދަމުން ޖައިދަން އުޅޭގެއާއި ދިމާލަށް ބަލައިލީ ކަމީލާގެ މަތިން ހަނދާންވާ ވަރުންނެވެ. ރޭގަނޑުކަމުން ގޭތެރެއިން ފެންނަނީ ފަނޑު އައްޔެކެވެ. ކުއްލިއަކަށް ކަމީލާގެ ހަޅޭކުގެ އަޑާއިއެކު އެއަޑު ކެނޑުނުހެން ހީވެފައި ލޫކަސްގެ ހިތް ތެޅިލިއެވެ. އެއީ ވަހުމެއް ހެއްޔެވެ؟ ކާރީގައި ހުރި ގެއަކުން އަންހެންކުއްޖަކު ހަޅޭއްލަވައިގަތީމަ ކަމީލާގެ އަޑާއި ވައްތަރުވީއެވެ. އެހެން އެވީ އޭނަ ކަމީލާއާއި މެދު ޚިޔާލުކުރާވަރުންނެވެ. ނޫނީ ޖައިދަންއާއި ކަމީލާ ބޭރަށް ދާށޭ ކިޔާފައި އޮޅުވާލާފައި ގޭގައި މަޖާކޮށްލަނީހެއްޔެވެ؟ ލޫކަސް މަގު ބައްދައިގެން އިންކަން ވިސްނުނީ ކެނޑިނޭޅި ބަރުގޮނު އަޅަން ފެށީމައެވެ. ލޫކަސް އަވަހަށް ކާރުދުއްވާލައިފިއެވެ. މާލޭގެ މަގުތައް ހަނިކަމުން މިނިޓަކަށް މަޑުކޮށްލުމަކީވެސް ވެވޭވަރުގެ ކަމަކަށް ނުވެއެވެ.
ހަފްތާއެއްވާންދެން ޖައިދަން ކަމީލާ ހިފަހައްޓައިގެން އުޅުނުއިރު ކަމީލާގެ ހިތަށް ރަގަޅަށްވެސް ބިރުވެރިކަން ވަދެއްޖެއެވެ. ޖައިދަން އުޅުނީ "ހަނީމޫން" ހަދާށެވެ. ބުނީވެސް އެގޮތަށެވެ. ރޭގަނޑު މާސްޓަރބެޑްރޫމްގައި އުއްބައްތިތައް ދިއްލާލައިގެން މާ އިޝްގީވެގެން އުޅޭވަރުން ކަމީލާގެ ލޮލުފިޔަ ޖަހައިލެވޭ ކަމަކަށްނުވެއެވެ. މިހާރު ކަމީލާގެ ލޮލަކުން ކަރުނައެއް ނާދެއެވެ. ރޮއިރޮއި އެކަރުނަތައްވަނީ ހުސްވެފައެވެ. ޖައިދަން ބުނާހާކަމެއް ކޮށްދޭން ވަނީ މަޖުބޫރުވެފައެވެ. ހިތުގައި ޖައިދަންގެ މައްޗަށް ނަފްރަތާއި ފޫހިނޫން އެއްޗެއް ނުވާއިރުވެސް ލޯބިވެއޭ ބުނަން މަޖުބޫރުކުރިއެވެ.
"ކިހާދުވަހެއް ވާންދެން އަހަންނަށް މިއަނިޔާކުރާނަންތަ؟ "ކަމީލާ ނޫޑުލްސް ސޫޕްހަދަން ފިޔާކޮށަން ހުރެފައި އަހައިލިއެވެ.
"ފޯރއެވަރ..." ޖައިދަން ހިނިގަނޑެއްޖަހައިލިއެވެ.
"އަހަރެން ބުނާގޮތަށް ހަދަންޏާ މިކާލް ދުރުނުކުރާނަންތަ؟ "ކަމީލާގެ ލޮލުން ފެންއަންނަގޮތްވިއެވެ.
"އޮފްކޯސް ބޭބީ..." ޖައިދަން ފަހަތުންގޮސް ކަމީލާގެ ގައިގާ ބައްދާލާފައި އެތަންމިތާ ވިކާ ގޯނާކުރަންފެށިއެވެ. އެކަހަލަ ކުދި ޖެއްސުންތަކުން އުފާ ހާސިލުވަނީހެއްޔެވެ؟ ކަމީލާ ބާރަކަށް ތުންފަތުގައި ދަތްއަޅައިލިއެވެ.
"އޭރު ކީކޭތަ އެކީ؟ މަ އަނިޔާކުރަނީއޭ؟ މިހާ އިޝްގީކޮށް ދެމީހުން ބްލޫ ލެގޫން ކުޅެން އުޅުނީމަވެސް އަނިޔާކުރަނީޔޯ، މަޖަލަކަށް ބުނި އެއްޗެއްތަ؟ އަހަރެން ފުރަތަމަ ދުވަހު ބެލްޓުން ތަޅައިގަތީ ކަމީ އަށް އެ އަދަބު ޑިޒާވް ވާތީ، ހައިޝަމްއާއިއެކު ކާރު ދުއްވަންދާކަން ފަޅާއެރީމަ އަހަރެން ހިތްހަމަނުޖެހުނީ، އެނޫނީ އަހަރެން އަނިޔާކޮށްފައެއް ނުވާނެ، ދެން ހުންނާނީ މުޅިންވެސް ލޯބީގެ މާކުތައް، ޔޫ ނޯ ވަޓް ކަމީ، މިހާރު އެހެން ފިރިހެނަކު ކަމީއަކުން ކުރާނެ ބޭނުމެއް ނުވާނެ، ކުޅެކުޅެ ހަލާކުކޮށްލާފައިވާ ބުދެއް ބޭނުންވާނީ ކޮން ބޯއި އެއްތަ؟ " ޖައިދަން ކައުންޓަރުގައި އަތްއަޅުވާލިއެވެ. ކަމީލާ ބޭނުންވީ އެއަތުގައި ވަޅި އަޅާލުމަށެވެ. މިފިރިހެނާގެ ސަބަބުން އޭނަގެ ލޮލުން ކަރުނަ ހިކޭ އެންމެ ދުވަހެއްވެސް ނާދެއެވެ. ކަމީލާ ކަތި ނަޒަރަކުން ބަލައިލިތަން ފެނިފައި ޖައިދަން ކަމީލާގެ އަތުގައި ހިފަހައްޓާފައި ވަޅިފޭރިގަތެވެ. ހިތަށް އަރާ އެއްޗެހިވެސް އެނގޭނީ މިއީ ޝައިތާނަކަށްވީމައެވެ. ކަމީލާ ހިތާހިތުން ކިޔާލިއެވެ. ޖައިދަން ކަމީލާގެ އަތްތިލަ ކައުންޓަރުމަތީގައި ބާއްވާފައި އަތުކުރީގައި ހިފެހެއްޓިއެވެ. ކަމީލާގެ އިނގިލި ދޭތެރެއިން ކައުންޓަރަށް ވަޅި ހަރާލާފައި ނަގަންފެށުމުން ކަމީލާ ބިރުން ހަލާކުވާވަރުވިއެވެ. އޭނަ ހުރީ އިނގިލިތައް ހަލުވައިލަން ނުކެރިފައެވެ. ޖައިދަންގެ އަތުގެ ހަރަކާތްތައް އަވަސްވިވަރަކަށް ކަމީލާގެ ހިތުގެ ތެޅުންވެސް ބާރުވިއެވެ. އެއިން ކޮންމެ ފަހަރަކު ހީވަނީ ވަޅި އަތަށް ހަރާފާނެހެންނެވެ. ފުދޭވަރަކަށް އޭނަ ފަރިތައެވެ.
"އެންމެފަހު އެތިފަހަރުން މިއަތް ބުރިކޮށްލާނީ...." ޖައިދަން ތަންކޮޅެއް މައްޗަށް ވަޅި ހިއްލާލާފައި ތިރިއަށް މަޅާލިވަގުތު ކަމީލާ ކަރުފަޅައިގެންދާހާ ބާރަށް ހަޅޭއްލަވައިގަތެވެ. ޖައިދަން އަތުގައި ހުރި ބާރެއްލާފައި ކައުންޓަރަށް ވަޅި ހަރާލާފައި ހޭންފެށިއެވެ.
"ބޭބީ ހާދަ ބިރުން، ސްޓުޕިޑް، އެނގެއެއްނު އަހަރެން އެހާ ނުބައި ނުވާނެކަން، ސޯ، އެކަނި ކައްކާކަށް ނުވާނެ، އަހަރެން އެހީވަންތަ؟ " ކަމީލާ ރުޅިގަދަވާނެވަރު އެނގުމުން ޖައިދަން ހުރީ މަޖާވެފައެވެ. ކަމީލާ ޖަވާބުދޭހިތް ނުވިޔަސް ޖައިދަންދެކެ ބިރުންގޮސް ވާހަކަނުދައްކާ ހުންނާކަށްވެސް ނުކެރެއެވެ. އެހެން މީހުންނަށް އޭނަގެ ބިރު އިހުސާސެއް ނުކުރެވޭނެއެވެ. މިއީ ނުވާނެކަމެއް ކަމަށް ގަބޫލުކުރާނެއެވެ. ނަމަވެސް އޭނައަށް ޖައިދަންގެ އަނދިރިފަރާތް އެނގިއްޖެއެވެ. ނުލަފާކަމުން ލޫކަސް މަރާލަންވެސް ފަހެއްނުޖެހޭނެކަން ވަނީ އަންގާފައެވެ. އަދި އޭނަގެ ފުރާނަފަދަ ދަރިފުޅާއި ދުރުކުރުވަން ކިތައް އިންޒާރު ދީފިހެއްޔެވެ؟ ކަމީލާވަނީ ތަފާތު ވާހަކަތައް ކިޔާފައެވެ. އަނިޔާވެރި ނުލަފާ ފިރިހެނުންގެ ވާހަކަތައް ކިޔާއިރު ދުވަހަކުވެސް އޭނަ ޝިކާރައަކަށް ވެދާނެކަމަކަށް ހީކޮށްފައެއް ނެތެވެ. މިފަދަ ދުވަހެއް އެހެން ކުއްޖަކަށް ނުދައްކަވާނެ ނަމައެވެ. އެހެން މީހަކަށް މި ވާހަކަ ކިޔައިދިނުމުގެ ހިތްވަރު ލިބޭނެނަމައެވެ. ކިޔައިދެވުނީ މަންމައަށެވެ. އޭރު މަންމަ އެދުނީ ކެތްކުރުމަށެވެ. މިހާރު ކިޔާދީފިއްޔާ މަންމަ ބުނާނީ ޖައިދަން ލާނެތީކަމަށެވެ. އަމިއްލަ ދަރިއަށްވުރެވެސް މަންމަ ދޮންދަރިދެކެ މިހާރު ލޯބިވާހެން ހީވާ ފަހަރުވެސް އާދޭވިއްޔާއެވެ.
ހަތްދުވަސްފަހުން ޖައިދަން ފޮރުވާފައި ހުރި ހެދުންތައް ގެނެސްދީފައި މެހްވިޝްވިލާއަށް ދާން ތައްޔާރުވާން ޖައިދަން އެންގިއެވެ. ކަމީލާ ބުނީ ޖައިދަން އަމިއްލައަށް ގޮސް މިކާލް ގޮވައިގެން އައުމަށެވެ. އޭނަ ނުދާނެކަމުގައެވެ. ޖައިދަން ހީލާފައި ބުނީ މިއީ ކަމީލާ އެގެއަށް ޒިޔާރަތް ކުރާނެ އެންމެ ފަހު ދުވަސްކަމުގައެވެ. ޖައިދަން އެހާވަރުން ކޮންޓްރޯލް ކުރާތީ އެކަމާއި ހިތާހިތުން ކަރުނަ އޮއްސަމުން ކަމީލާ ތައްޔާރުވާންފެށިއެވެ. ކަމީލާގެ އަމިއްލަ ސޫރަ ފެނިފައި އޭނަ ދެރަވިއެވެ. ކުރިއަށްވުރެ މާބޮޑަށް ހިކި ދެލޯ ވަޅުވަދެއްޖެއެވެ. ގައިގާ ހުރި ލަކުނުތައް ފެނިއްޖެ މީހަކު ހަމްދަރުދީވާނެއެވެ. އެއާއި ޚިލާފަށް ޖައިދަން އެހަފްތާ ތެރޭގައި ގޭގައި ހުރުމުން ކުރިއަށްވުރެ ރީތިކަމަށް ދައްކައެވެ. ކަމީލާގެ ހިތްވެސް ޖައިދަންގެ ރީތިކަމަށް ތައުރީފުކުރިއެވެ. އެކަޅު ރޭގަނޑެއްފަދަ ދެލޮލުގެ ތޫނުކަމާއެކު ބާރެއްވާހެން ހީވެއެވެ. ޚާއްސަކޮށް ދެތިންދުވަހުގެ ތުނބުޅިއާއިއެކު ފިރިހެންވަންތަކަމުގެ ދެވަނައެއްނެތެވެ. ނަމަވެސް މިރީތިކަމުގެ ފަހަތުގައި ފިލާހުރި އަނިޔާވެރި ޝައިތާނާގެ ކިބައިން ސަލާމަތްވުމަށް އެދި އޭނަ ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާކުރެއެވެ.
މެހްވިޝްއާއި ލޫކަސް ގޭގެ ފުރަގަހުގައިވާ ބަގީޗާގައި ކޮފީ ބޯންތިބިއިރު މިކާލް ގޭމެއް ކުޅެން އައިޕެޑް ހިފައިގެން އިނެވެ. މިކާލްއަށް މިލްކްޝޭކް ތަށްޓަކާއި ކާހިތްވާކަހަލަ އެއްޗެހި ބަހައްޓާފައިވާއިރު ކެއުމަކަށް ފޯރިއެއް ނެތެވެ. މިކާލް ހުރީ އާހެދުމަކާއިއެކު ދެކުލައިގެ ބޫޓުކިބަ ލައްވާފައެވެ. ރަތް ބޫޓުކިބައަކާއި ނޫ ކިބައެކެވެ. އެވެސް އާ ސްޓައިލެކެވެ. ނޯކަރަކު ލައްވާ މަންމަ ހުރިތަން އަހާލައިގެން ޖައިދަން ކަމީލާ ގޮވައިގެން އެތަނަށް އައެވެ. އެމީހުން ފެނިފައި މިކާލް ދުވެފައިގޮސް ބައްދާލާފައި އަނެއްކާ ގޭމްކުޅެންފެށިއެވެ. ދަރިފުޅު ފެނުމުން ކަމީލާއަށް ނުރޮވުނީ ކިރިޔާއެވެ. އޭނަ ހިތްވަރުކޮށްލައިގެން ކަރުނަތައް ހިފަހައްޓަމުން މިކާލްގެ އިސްތަށިގަނޑާއި ކުޅެލިއެވެ. ލޫކަސްގެ ރީތި މޫނަށް އެންމެ ފަހަރަކު ބަލައިލެވުމުންވެސް ކަމީލާގެ ހިތް ފިނިވެ ބުނަން ނޭގޭފަދަ ގޮތެއްވިއެވެ. ލޫކަސްނޫން ފިރިހެނަކަށް އެގޮތަށް އޭނަގެ ހިތާއި ކުޅެލުމުގެ ބާރު ލިބިފައެއްނެތެވެ. މެހްވިޝް އެދުނީ ދެކުދިން ކޮފީބޮއިގެން ދާން މަޑުކޮށްލުމަށެވެ. މެހްވިޝް ގުޅާލާއިރަށް ނޯކަރަކު ކޮފީއާއި ކާނެ އެއްޗެހިހިފައިގެން އައިސް މޭޒުމަތީގައި އަތުރާލާފައި ހިނގައްޖެއެވެ. އޭރު ލޫކަސް އިނީ ފޯނާއި ކުޅޭށެވެ. އިސްއުފުލައި ބަލާލުމަކީވެސް ބޭނުންކަމަކަށް ނުވިއެވެ.
"ޖޭޑް، ދަތުރު ކިހިނެއްތަ؟ ދަރިފުޅު ދޫކޮށްލާފައި އެހާވަރުން ހަމަ ދާން ޖެހޭވަރު ވޭތަ..." މެހްވިޝް އިނީ ކަމީލާއާއި ވާހަކަނުދައްކަން ނިންމައިގެންނެވެ. އޭނަގެ ދެބެންގެ ދޭތެރޭގައި ޖެހިފައިވާ މައްސަލަ އިތުރުކުރުވި މީހަކީ މި ސުންޕާ އަންހެނާކަން ގައިމެވެ. އެޖުމްލައަކީވެސް މެހްވިޝް ކަމީލާއަށް އަމާޒުކޮށްދިން ހަމަލާއެކެވެ. ކަމީލާ އުފާކުރަން ތަންތަނަށް ގެންދާވަރުވާ ކަމަކަށް މެހްވިޝް ނުދެކެއެވެ. ޖައިދަން ވަރަށް ހަމަޖެހިލާފައި އިނދެ އެކި ވާހަކަދައްކަމުން ދިޔައިރު ކަމީލާ އިނީ މިކާލް އުނގުގައި ބައިންދައިގެންނެވެ.
"ހޫމް އަދި ކާލް ޕެޓެއް ބޭނުންވެގެން އުޅޭތީ މަންމަ އިންނާނެ ސަންކޯނަރ އެއް ގަނެފައި..." މެހްވިޝް ކަމެއް ހަނދާންވެގެން ކަހަލަ ގޮތަކަށް ބުނެލިއެވެ.
"އޯ ނޯ މޮމް، ތިއީ ފިނޑި އަންހެންކުދިން ގެންގުޅޭކަހަލަ އެއްޗެއްނު، ކަންފަތް ހަލާކުވާވަރަށް އަޑުގަދަކޮށް އެޓެންޝަން ބޭނުންވާކަހަލަ އެއްޗެއް، ކާލްއަށް ދޭން ގެއަށް ގެންނަން ރަގަޅު ޕެޓްތަކެއް ހުންނާނެ، އިގުއާނާއަކާއި ސްނޭކެއް ގަނެފައި ފްރެންޑަކު ގެންގުޅޭ ޕެޓުންތެރޭގައި ގެންގުޅެން، އެހާ ބަސްއަހާނެ، އަންހެންވެރިންހެން އަޑުގަދައެއް ނުކުރާނެ، ދޫންޏެއްވެއްޖެއްޔާ މޮމްވެސް މަކާއޯ އެއް ނޫނީ ކޮކަޓޫއެއް ގަނެދިންނަމަ، މިހާރު ޕެޓްސްތައް ގެއަށް ގެންނަވަރުވެފައި ތިބޭނީ......." ޖައިދަން ވައްކަޅިއަކުން ބަލައިލިއިރު ކަމީލާ އިނީ ބިރުން ދެލޯ ބޮޑުވެފައެވެ. ޖައިދަން މިކާލްގެ ކޮލުގައި ބޮސްދީފައި ބޭބީ ހަރުފައަކާއި އިގުއާނާ ބޭނުންހެއްޔޭ އަހާލާއިރަށް މިކާލް ފޯރިއާއިއެކު ތެދުވިތަން ފެނިފައި ކަމީލާގެ ހިތް ގެނބިގެން ދިޔައެވެ. ޖައިދަން ގަސްތުގައި އޭނަ ބިރުގަންނަވާލާ ދެރަކޮށްލަން ބޭނުންވަނީއެވެ.
"ލޫކަސް ޑެޑީ...." މިކާލް ކުއްލިއަކަށް ލޫކަސްއަށް ގޮވާލި ނަމަކުން އެންމެނަށް ލިބުނު ހައިރާންކަމާއިއެކު ހީވީ ހިމޭންކަމުގެ ސުކޫތުކޮޅެއް ގެނެވުނުހެންނެވެ. އެތާގައި ބޮމެއް ގޮއްވާލިޔަސް އެވަރުގެ ޝޮކެއް ލިބޭނެކަމެއް ނޭގެއެވެ.