މިކާލްއަކީ ދަރިއެއް ނޫންކަން ޔަގީންވާއިރުވެސް ޖައިދަން ދަރިއަކަށް ދޭނެހާ ލޯތްބާއި އަޅާލުން ދެނީ ކީއްވެހެއްޔެވެ؟ މިހިރީ ރިޕޯޓްތަކެވެ. މިކާލް ލިބުމުގެ ކުރިންނާއި ފަހުން ހަދާފައިވާ ރިޕޯޓްތަކުގެ ނަތީޖާގައިވެސް ތަފާތެއްނެތެވެ. އެހުރިހާ ކަމެއް އެނގިހުރެ ނޭގޭކަމަށް ހެދިގެން ޖައިދަން އެއުޅޭ ސަބަބަކީ ކޮބާހެއްޔެވެ؟ މިކާލްގެ ބައްޕައަކީ ކާކުކަން އެނގޭނެ ހެއްޔެވެ؟ ނޭގުމަށްވުރެ އެނގުން އެކަށީގެންވެއެވެ.
ޖައިދަން ތިއޭޓަރުން ނެރުނުފަހުން ޕްރައިވެޓް ރޫމެއްގައި ޖައިދަން އޮތްއިރު އޭނަގެ އަތްއޮތީ ބެންޑޭޖް ކޮށްލާފައެވެ. އުނަގަނޑާއި ހަމައިގާ ކުއިލްޓް އަޅާފައިވާއިރު ހަށިގަނޑުން ހާމަޔަށްވާ ބައެއް ތަންތަނުގައި ބޭސްއަޅާފައިވެއެވެ. އާއިލާ މީހުންނާއި އެކުވެރިން އަދި މުވައްޒަފުން އޭނައަށް ޒިޔާރަތްކުރިއިރު ގެނައި ކާޑުތަކާއި މާތަކުން މޭޒު ފުރާލާފައިވެއެވެ. އެންމެން މަޑުމަޑުން ދަމުންގޮސް ޔާސިރުއާއި ޖައިދަން އެކަނިވިއެވެ.
"ދަރިފުޅާ، ކަމީލާއާއި ދެކުދިން އަދިވެސް ހަމަޔަކަށް ނޭޅޭތަ؟ ބައްޕައަށް އެނގޭ ޖޭޑް ރުޅިގަދަވެގެން މޭޒު ތަޅާލީކަން، އެކްސިޑެންޓެކޭ ބުންޏަސް ބައްޕަ ގަބޫލެއް ނުކުރަން...." ޔާސިރު އަހަން ފެށުމުން ޖައިދަން އޮތީ ހިމޭނުންނެވެ.
"ކަމީލާ އެކީގައި އުޅެން ނެތިއްޔާ ދޫކޮށްލަންވީނު، އެހެންނޫންނަމަ ދުވަހެއްގެ ކޮޅުންވެސް ހަމަޖެހުމެއް ނުލިބޭނެ......." ޔާސިރުގެ ޖުމްލައިން ސިހިފައި ޖައިދަން ޔާސިރުގެ މޫނަށް ބަލާލައިފިއެވެ.
"ބައްޕަ މިހުރިހާ ދުވަހު ކިޔައިނުދޭ ސިއްރެއް މިއަދު ކިޔާދީފާނަން، ބައްޕައަށް މަންމަ ފެނުނު ދުވަހުން ފެށިގެން މަންމައަށް ހިތްދެވިއްޖެ، އޭރު މަންމަގެ ލޯބިވެރިޔަކީ ޖިބްރީން، އެދެމީހުންގެ ގުޅުން ފެނުނީމަ ހަސަދަވެރިވެގެން މަންމަގެ ހިތް ކާމިޔާބުކުރަން ވަރަށް މަސައްކަތްކުރިން، އެތައް ހަދިޔާތަކުންވެސް އެހިތް އަތުލައިގަނެވޭނެ ގޮތެއް ނުވި، އެންމެފަހުން ސިހުރުވެރިއަކު ލައްވާ ސިހުރުހެދީ، އެކަން ކާމިޔާބުވެ ޖިބްރީން ދޫކޮށްލާފައި މަންމަ ބައްޕަގެ ހަޔާތަށް އައީ، އައްމާރު ލިބުނުފަހުން އަނެއްކާ މަންމަ ގެއިން ދިޔައީ، ހީވާގޮތުން ސިހުރުގެ އަސަރު ފިލާދިޔައީމަ އެހާ ގަދަޔަށް މަންމަ ބައްޕަދެކެ ރުޅިއައީ، ޖިބްރީންއާއި މަންމަ ކާވެނިކޮށްގެން ލޫކަސް ލިބުނުތަނާހެން އަނެއްކާ ބައްޕަ އެސިހުރުވެރިޔާ ގާތު އާދޭސްކޮށްގެން އޭނަ ތަންކޮޅެއް ވަރުގަދަ ސިހުރެއްހެދީ، ދެވަނަފަހަރަށް ޖިބްރީން ދޫކޮށްލާފައި މަންމަ ރޯޒްހިލްއަށްއައި، އޭރުއްސުރެ ބައްޕަ ލޫކަސްފެނުނަސް ރުޅިއާދެވޭ، ލޫކަސްގެ ދިރިއުޅުން ދަތިކުރަން ނުކުރާކަށްކަމެއްނެތް، އެހެން އުޅެނިކޮށް އުމުރަށް ބައްޕަ ދޫކޮށްލާފައި މަންމަ އެދިޔައީނު، ސިހުރުގެ ބާރުން ނޫނީ ގަދަކަމުން އަންހެންކުއްޖެއްގެ ހިތް އަތުނުލެވޭނެކަން ބައްޕަ މިހިރީ ތަޖުރިބާކޮށްފައި، ތިންވަނަ ފަހަރަށް އެ މަސައްކަތްކުރާނެ ހިތްވަރެއް ނުލިބުނު....." ޔާސިރުގެ ވާހަކަތަކުން ޖައިދަން މަންމައާއިމެދު ހަމްދަރުދީވިއެވެ.
"އެހެންވެ ބައްޕަ ބުނަނީ އޭގެ އަސަރު ފަހުން ދުވަހަކުން ނަމަވެސް ކޮށްފާނެއޭ، ކޮންމެހެން ދޮންމަންމަގެ ދަރިއަކަށްވީމަ މަޖުބޫރެއްނޫން ކަމީލާއާއިއެކީގައި އުޅެން......" ޔާސިރު ހިތާމަވެރިގޮތަކަށް ހިނިތުންވެލިއެވެ.
"މަންމަ ލޫކަސްދެކެ މާ ލޯބިވާ ސަބަބަކީ އެއީތަ؟ " ޖައިދަން ކުޑަކޮށް ހީލިއެވެ.
"ވެދާނެ ބައްޕަ ލޫކަސްއާއި ދޭތެރޭ ކަންތައްކުރި ގޮތުން ކަމަށް ދަރިން ތަފާތު ކުރަންފެށީ، މިވާހަކަތައް ކިޔާދިނީމަ ދަރިފުޅަށްވެސް ކޮންމެވެސް ކަހަލަ އިބުރަތެއް ލިބިދާނެކަމަށް މިބެލީ، މަންމަގެ ކުށެއްނެތް، މަންމަގެ ލޯބި ފޭރިގަންނަން ސިހުރު ހާހޫރަ ހެދީމަވެސް އެކަމެއްނުވި، އައިމް ސޮރީ ދަރިފުޅާ...." ޔާސިރުގެ ލޯ ފެންކަޅިވިއެވެ. ބައްޕަގެ ދެލޮލުން އަބަދު ނުފިލާ ހުންނަ ވޭނަކީ އެއީއެވެ. ކަށްވަޅަށްދާންދެންވެސް އެހިތާމަ ފިލައިގެން ދާނެކަމެއް ނޭގެއެވެ.
ޖައިދަން ހޮސްޕިޓަލުގައި އޮތްއިރު އޭނަ ދެކެލަން އެންމެންހެން އައިއިރުވެސް ކަމީލާއެއް ނައެވެ. އެކަމާއި ޖައިދަން ވަރަށް ދެރަވިއެވެ. އޭނަ މަރުވިނަމަ މޫނުދެކެންވެސް އެކުއްޖާ ނާންނާނީހެއްޔެވެ؟ ހިތާމައާއި މޮޅިވެރިކަމަކީ މިވީހާތަނަށް ޖައިދަންގެ މޫނުމަތިން އޭނަ ދައްކާފައިވާ ސިފައެއްނޫނެވެ. އަންހެންކުއްޖަކަށްޓަކައި އޭނަގެ ލޮލުން ކަރުނަ ނުގެންނާނެކަމަށް އޭނަވަނީ އަމިއްލަ ނަފުސަށް ވައުދުވެފައެވެ. ޖައިދަން ގެއަށް އައުމަށްފަހުގައި އަބަދުހެން ވިސްނީ އަވަހަށް "ކެމީލިއާ" އަށް ބަދަލުވުމަށެވެ. އެހެންނޫނީ އޭނަގެ އަތުން ކަމީލާ ބީވެގެން ހިނގައިދާނެއެވެ. ޖައިދަން ފެންވަރާލައިގެން އައިއިރު އިސްތަށިގަނޑު ތެތްކޮށް އޮވެފައި ދުވާ މީރުވަހުން މަސްތުވާހާވެއެވެ. ކަމީލާ އޭރު އިނީ ލެޕްހިފައިގެން ކޮންމެވެސް އެއްޗެއް ބަލާށެވެ.
"ކަމީ، ކިހިނެއްތަ؟ "ޖައިދަން އެނދުގެ މަގަތުގައި އިށީދެފައި އަހާލިއެވެ.
"ފައިން...." ކަމީލާ އިނީ ނުތަނަވަސްވެފައެވެ. އޭނަ އަބަދާ އަބަދު ދުޢާކުރަނިކޮށް ޖައިދަން މަރުގެ ތުންފަތްމައްޗަށް ވެއްޓުމުން ގަތް ބިރު އަދިވެސް ފިލައިގެނެއް ނުދެއެވެ. ކިތަންމެ ނުލަފާމީހަކަސް ޖައިދަންގެ އާއިލާއެއްވެއެވެ. އެކުވެރިން ތިބެއެވެ. އެންމެންވެސް ދެރަވާނެއެވެ. ޚާއްސަކޮށް އެދުވަހު މިކާލް އެރޭ ނިދަން އޮވެވެސް ޑެޑީ ގެނެސްދޭށޭ ކިޔާފައި ރުޔެވެ. ކަމީލާ އެންމެ ދެރަވީ ޖައިދަން ނެތިއްޔާ މިކާލްއަށް ނަފްސާނީ އަސަރުތަކެއް ކޮށްފާނެތީއެވެ. އޭނައާއި ދޭތެރޭ ކޮންމެގޮތަކަށް ކަންތައްކުރިޔަސް ޖައިދަން ދަރިފުޅުދެކެ ލޯބިވާކަމީ މިހާރު ވަންހަނާވެފައި އޮތްކަމެއް ނޫނެވެ.
"އެންމެން އަހަރެންދެކެން ދިޔައިރުވެސް މަގޭ ވައިފްއަށް އާދެވުނުކަމަކަށް ނުވި...." ޖައިދަން ކަމީލާގެ ތިރީ ތުންފަތުގައި އިނގިލިން ބީއްސާލިއެވެ. ކަމީލާގެ ކޮންމެ ސިފައެއްވެސް ހާދަ ރީއްޗެވެ. ފުރިހަމައެވެ.
"އަހަރެން ފެނުމުން ހޮސްޕިޓަލްވެސް ތަޅާލަން ފަހެއް ނުޖެހޭނެވިއްޔަ..." ކަމީލާ ވަރުގަދަ ރައްދެއްދިނެވެ.
"އެހެނެއްނޫން ދޯ، އަހަރެން ރުޅިއަންނަ ސަބަބު އެނގޭނެ މާރަގަޅަށް، ޖަވާބުދީ، އަހަރެންގެ ވައިފްގެ ގޮތުގައި ހުރެ ލޫކަސްގެ ފަހަތުން ދިޔުން ހުއްދަވާނެތަ؟" ޖައިދަން ލެޕް ލައްޕާލާފައި ކަމީލާގެ ދަތްދޮޅީގައި ހިފާ އިސްއުފުލުވިއެވެ. ކަމީލާއިނީ ޖައިދަންގެ ލޮލާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ފުންކަމުން ކަނޑެއްފަދަ ދެލޮލުގައި ބާރެއްވާކަހަލައެވެ.
"ކަމީލާ، ދެން އެކަހަލަ ކަމެއް ނުކުރައްޗޭ، އެހެންނޫނީ ދެންދުވަހަކުން ތަނެއްގައި ނީށީދެވޭވަރުކޮށްލާފައި އަހަރެން ހުއްޓާލާނީ، އައި ސްވިއަރ......"ޖައިދަން އެބުނި އެއްޗެއްގެ މާނަނޭގިގެން ދެލޯ ބޮޑުކޮށްލުމުން ޖައިދަން ބާރަށް ހޭންފެށިއެވެ.
"ޔޫ އާރ ސޯ ނޯޓީ، އަހަރެން ބުނީ ސްޕޭންކް ކުރާނެ ވާހަކަ، އަހަންނަނީ ތި ހީކުރާހާ ނުބައިމީހެއް ނޫނެއްނު........." ޖައިދަން ކާރިއަށް ޖެހިލުމުން ކަމީލާ ނޭވާހިފަހައްޓައިލިއެވެ. ޖައިދަން އެހާގާތްވުމުން އަބަދުވެސް ބިރުން ހިތްހުއްޓޭހާވެއެވެ. ޖައިދަން ކޮށްފައި ނުކުރާނެކަމެއް އެނގެނީއެއްނޫނެވެ.
"އަހަރެން އެމެރިކާއިން ގަނެގެން އައި ހެދުމެއް އޮންނާނެ، ރަތްކުލައާއި ކަމީ ވަރަށް ގުޅޭ، އެހެދުންލައިގެން މިރޭ އަށެއްޖަހާއިރަށް ތައްޔާރުވޭ، މިރޭ ޑިނަރއަކަށް ގެންދަން ބޭނުމީ، އިޓްސް އެ ޑޭޓް...." ޖައިދަން ހިނިތުންވެލިއެވެ.
ކަމީލާއަށް ޖައިދަން ދޭން ގެނެސްފައި ހުރީ އޭނަ ބޭނުންވާފަދަ ނައިޓީސްތަކާއި ހެދުންތަކެވެ. ކޮޓަރީގައި އުޅޭއިރު ލާންގެނެސްފައި ހުރި ކުދި ސޯޓްކޮޅުތަކާއި އެއްޗެހިވެސް އަގުބޮޑުކަން އެނގެއެވެ. މުޅީންވެސް މަޝްހޫރު ބްރޭންޑްގެ އެއްޗެއްސެވެ. ޖައިދަން ދިން ހެދުންލައިގެން އެރޭ ތައްޔާރުވުމުން ލޯންޗުގައި ގެންދިޔައީ އޭނައަށް ލިބިފައިވާ ރަށަކަށެވެ. ހުދުދޮންވެލިގަނޑުމަތީގައި މީރުވަސްދުވާ ބޮޑެތި އުއްބައްތިތައް ދިއްލާލާފައިވާއިރު ފަލަކުގައި ހަނދު ހިނިތުންވެލައިގެން އިނެވެ. ވަރަށް ޝާހީކޮށް ރޭގަނޑު ކެއުން ތައްޔާރުކުރެވިފައިވާއިރު މޭޒުމަތީގައި ރަތްއުއްބައްތިތަކާއި ފިނިފެންމަލެވެ. ވަށައިގެން ވަނީ ލެންޓަންތައް ދިއްލާލާފައެވެ. ޖައިދަން ކަމީލާ ގެންގުޅުނީ ހަމަ ރާނީއެއްފަދައިންނެވެ. އެހާވެސް ރީތިކޮށް އަތުގުޅުވާލައިގެންގޮސް ގޮނޑީގައިބޭންދުމުން ކަމީލާ ޣުލާމެއްފަދައިން އިށީނެވެ.
"ކިތަންމެ ވަރަކަށް މުއްސަދިކަން ދެއްކިޔަސް އަހަރެންގެ ހިތް އަތުނުލެވޭނެ، މިއީ ބޭކާރުކަމެއް....." ކަމީލާ ހިތާހިތުން ކިޔައިލިއެވެ. ނަމަވެސް ކަމީލާ މިރޭ ބޭނުންވީ އެކްޓްކުރާށެވެ. ޖައިދަންއަށްވެސް އޮޅުވައިލާށެވެ. އިސްތިޚާރާ ނަމާދުކުރުމަށްފަހު އޭނައަށް ފެނުނު އެންމެ ރަގަޅުގޮތަކީ ފިރިމީހާއަށް ކިޔަމަންތެރިވުމެވެ. ލޫކަސްއާއި އަނގައިން ނުބުނެ އޭނަ ކެތްކުރާ ސަބަބަކީވެސް އެއީއެވެ.
"ތެންކިއު، ވަރަށް ހިތްގައިމު ޑިނަރއެއް، ދެން މާލެއަށް ދާންވީނު......"ކަމީލާ ހިނިތުންވެލިއެވެ.
"މިރޭ ނިދާނީވެސް މިތާގައި...." ޖައިދަން އިނީ އެސްފިޔަޖަހާނުލައި ކަމީލާގެ ދެލޮލަށް ބަލަހައްޓައިގެންނެވެ.
"ވަޓް؟ މިފަޅުރަށުގައި، ނުކެރޭނެ، އަހަރެން ބިރުގަނޭ......"ކަމީލާ ހާސްވިއެވެ.
"ކާމްޑައުން ބޭބީ، އަހަރެން މިހިރީނު، ޖިންނި ޝައިތާނުންދެކެ އަހަރެން ބިރެއްނުގަނޭ، އެންޑް މިތަން އަހަރުމެންނަށް މުޅިން ފްރީކޮށް ލިބިފައި މިއޮތީ، މިއީ އަހަރެން އަލަށް ރިޒޯޓްހުޅުވަންވެގެން ހޯދާފައިވާ ރަށެއް، އަހަރެން މިއީ މުއްސަދިމީހެއް، އެހެންވެ އަހަންނަށް އެފޯޑްނުވާ އެންމެ ކަމެއްވެސް ނެތް، ޔޫ ނޯ ވަޓް، މިދުނިޔެއިން ކޮންމެ އެއްޗަކަށް އެދުނަސް އަހަންނަށް ހޯދަދެވިދާނެ، އަހަރެން މިހާވަރުން މުއްސަދި މީހަކަށްވީ އެންމެ ސަބަބަކަށްޓަކައި، އެކަން ހާސިލްކުރާނަން ގޯޑްވިލިން......." ދެމީހުންގެ މޫނަށް އުއްބައްތީގެ އޮރެންޖްއަލި އެޅިފައިވާއިރު ވަރަށް ފުރިހަމައެވެ. ޖައިދަންގެ ހިތުގައި އުފެދެމުންދިޔަ އިހުސާސްތަކަށް ދޭނެ ނަމެއްވެސް ނޭގުނެވެ. އެރޭކައި ނިމިގެން ޖައިދަން ކަމީލާ ގޮވައިގެން މޫދަށް އެރުނެވެ. ނިދަންތިބީ އަލިފާންގަނޑެއް ރޯކޮށްލައިގެން އެތަނުގައި ކުއިލްޓް އަޅައިގެންނެވެ. އެއީ ކަމީލާއަށް އެހާ ޚާއްސަރެއަކަށް ނުވިޔަސް ޖައިދަންގެ ހިތުން ފިލައިގެންދާނެ ރެއެއްނޫނެވެ. ކަމީލާދެކެ ލޯބިވާންފެށިކަން އޭނައަށް ރޭކާލީ އެރޭގައެވެ. ކަމީލާ ނިދުމުން އެމައުސޫމް މޫނަށް ބަލަންއޮތްއިރު ޖައިދަންގެ ލޮލަށް އެއްގޮތަކަށްވެސް ނިންޖެއްނައެވެ. ގުދުވެލާފައި ކަމީލާގެ ތަނަވަސް ނިތްކުރީގައި ބޮސްދިނެވެ. އަބަދަށްޓަކައި މިގޮތަށް އޭނައާއިއެކުގައި ކަމީލާވާން ހިތާހިތުން ދުއާކުރެވުނެވެ.
ޖެހިގެން އައިދުވަހު "ކެމީލިއާ"ގައި ބާއްވަން ހަމަޖެހިފައިވާ ޕާޓީއަށްޓަކައި މުޅިއެގެވަނީ އިންތިހާއަށް ޒީނަތްތެރިކުރެވިފައެވެ. ޔުނިފޯމްގައި ތބި ވޭޓަރުން ހަރަކާތްތެރި ވަމުންދާއިރު އެކަން އިންތިޒާމްކުރަން ތިބި މީހުންވެސް އެހާ ޕްރޮފެޝަނަލްކޮށް ކަންތައް ނިންމާތަން ފެނެއެވެ. ޖައިދަންގެ އާއިލާގެ އެންމެނަށް ދައުވަތު ދެވިފައިވިޔަސް ދާންއުޅޭ ތަނެއް އެކަކަށްވެސް ނޭގެއެވެ. ޖައިދަން ބުނެފައިވަނީ ވަކިގަޑިއަކަށް ލޯންޗް ޓާމިނަލްއަށް އައުމަށެވެ. އެތަނުން ލޯންޗުގައި މެހުމާނުންތައް ގެންދާގޮތަށް ހަމަޖެހިފައިވެއެވެ. ޖައިދަން އެންމެކުރިން ކަމީލާއާއި ދަރިފުޅުގޮވައިގެން ހުޅުމާލެއަށް ގޮސްފައި އެގެއާއި ދިމާލަށް ނުކުތެވެ. އެގޭގެ ނަން ފެނިފައި ކަމީލާ ސިހޭގޮތްވިއެވެ. ރީތި ގަނޑުވަރެއްފަދައެވެ. ރޭގަނޑުވެސް އެތަން ދިއްލިފައިވާއިރު ފެންނަނީ ހުވަފެނީކޮށެވެ.
ގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ޖައިދަން ވާހަކަދައްކަމުންގޮސް އެގެ ޚާއްސަވެފައިވަނީ އޭނަގެ ލޯބިވާ އަންހެނުންނަށޭ ބުނުމުން އެންމެން ގެ ތަރުހީބުގެ އަތްތިލަބަޑިން ފަޒާ ގުގުމައިގެން ދިޔައެވެ. ކަމީލާގެ އަތުގައި ހިފައިގެން ސްޓޭޖަށް އެރިއިރު ކަމީލާ ހުރީ ލަދުގެންފައެވެ.
"މިއީ އަހަރެންގެ ވައިފްއަށްޓަކައި އަހަރެން ބިނާކުރި ގެއެއް، މިއޮތީ ރެޖިސްޓްރީ......." ޖައިދަން ކަމީލާ އަތަށް ސިޓީއުރައެއް ދިއްކޮށްލިއެވެ. ކަމީލާ އެއްގޮތަކަށްވެސް މިފަދަ ހަދިޔާއެއް ބޭނުމެއްނޫނެވެ. އޭނަ އެއްގޮތަކަށްވެސް ޖައިދަންދެކެ ލޯތްބެއް ނުވެއެވެ. ޖައިދަންއާއި އެކީގައި ދިރިއުޅުން ވޭތުކުރާކަށް އޭނަގެ ހިތަކުނެތެވެ. އެފަދަ އަގުބޮޑު ހަދިޔާއެއް ހޯދައިގެން ޖައިދަންއާއި ވަކިވުމަކީ ރަގަޅުކަމެއްނޫނެވެ. އޭނަ އެފަދަ ކެއްސެއް ޖައިދަންއަކަށްވެސް ނުދޭނެއެވެ. މިފަދަ ކެއްސެއް މީހަކަށް ދިނުމަކީ އެކަށީގެންވާކަމެއް ނޫނެވެ. ޖައިދަން ކަމީލާގެ ގައިގާ ބައްދާލާފައި ނިތްކުރީގައި ބޮސްދިނެވެ.
އެރޭ އެމަންޒަރު ދެކެން ލޫކަސްހުރީ ފެންކަޅިވެފައެވެ. ޖައިދަން ކަމީލާދެކެ ވާ ލޯބީގެ ރަމްޒަކީ މިފުރިހަމަގެއެވެ. ޖައިދަން ކަމީލާދެކެ ލޯބިނުވާނަމަ ހުޅުމާލެއިން މިހާބޮޑުބިމެއް ދޫކޮށެއް ނުލާނެއެވެ. މެހުމާނުންތައް މަޑުމަޑުން ހުސްވަމުންދިޔައެވެ. ޔާސިރުގެ ދެމަފިރިންނާއި ލިއަމް، މާހާ އަދި އީކާ ދިޔައީ އެގާރަޖަހަން އުޅެނިކޮށެވެ. އެމީހުން ދިޔުމުން ކަމީލާ ދިޔައީ މިކާލް ނިންދަވަން މިކާލްއަށް ހަދާފައިވާ ކޮޓަރިއަށެވެ. ޖައިދަން މަންމައާއި ބޭބެމެން އަދި ކޮއްކޮ ގޮވައިގެން ގޭގެ ތަންތަން ދައްކާލަން ދިޔައެވެ. ޕިއާނޯއިން ފެށިގެން ޖިމްކޮޓަރިއަށް ދާންދެން ހުރި އެގެއިން އެންމެ ޚާއްސަވީ ނަމާދުކުރަން ހަދާފައިވާބަޔެވެ. ކަމީލާފަދަ ކުއްޖަކާއިމެދު ވިސްނާލާފައި ނަމާދަށް ޚާއްސަ ރީތި ކޮޓަރިއެއް ތައްޔާރުކުރިކަމީވެސް ޖައިދަންގެ ރަގަޅުކަމެވެ. ކަމީލާއަށްޓަކައި ލައިބްރަރީއެއްވެސް ތައްޔާރުކޮށްފައިވެއެވެ.
"ބިއުޓިފުލް މެންޝަން، ދަރިފުޅާ، އެކަމަކު މަންމައަށް މިހާ ބޮޑު ގެއެއް ހަދިޔާ ކުރިނަމަ، ކަމީލާ އިޒް ސޯ ލަކީ......"މެހްވިޝް ސަމާސާކޮށްލިއެވެ. ޖައިދަން ހޭންފެށިއެވެ. ލޫކަސް އެހިސާބުން އުދަގޫވެގެން ނުކުތީ ފެންޑާއަށެވެ.
"އެކަމަކު ދަރިފުޅު މިގެ ކަމީލާއަށް ރެޖިސްޓްރީކޮށްދިނީތަ؟ "މެހްވިޝް ހުރީ ޖައިދަންގެ މޮޔަކަމާއިމެދު ހައިރާންވެފައެވެ.
"ހޫމް މަންމާ..." ޖައިދަން ކަޅުކުލައިގެ ފަޓްލޫނުގެ ޖީބަށް އަތްޖަހައިލިއެވެ.
"ކަމީލާ އެހެން ފިރިހެނަކާއި ހިތާވެގެން ވަރިވެއްޖެއްޔާ ވެދާނެގޮތެއް ވިސްނައިލިންތަ؟ ޖޭޑް ތިކުރީ މޮޔަކަމެއް..." މެހްވިޝްގެ ތަބީއަތު ކުޑަކޮށް ގޯސްވިއެވެ. ޖައިދަން އޭނަގެ މަންމައަށް ވިސްނައިދިނެވެ. މިއަދު ކަމީލާ އޭނަ ދޫކޮށްލާފައި ދިޔަސް ކަމީލާ މިކާލްދެކެ ލޯބިވާކަމަށާއި ކަމީލާގެ ކޮންމެ އެއްޗެއްގެ ހިއްސާދާރަކަށް މިކާލް ހަދާނެކަމުގެ ފުރިހަމަ ޔަގީންކަން ލިބިފައިވާކަމުގައި ޖައިދަން ބުނެލިއެވެ. ޖައިދަން ކަމީލާއަށް ކުރާ އިތުބާރު އެނގުނީމަ ޚުދު މެހްވިޝްވެސް ހުރީ ބަސްހުއްޓިފައެވެ. ހަމަހޭހުރި ފިރިހެނަކު ލޯތްބަށްޓަކައިވެސް މިޒަމާނުގައި އެފަދަ ހަދިޔާއެއްދޭނެ ކަމަކަށް މެހްވިޝް ގަބޫލެއްނުކުރެއެވެ. މިގޭގެ ފުރިހަމަކަމާއި އިންޓީރިއަރ ޑިޒައިންގެ ރީތިކަމުން މެހްވިޝް އެގެއާއި ވަރަށް ގަޔާވިއެވެ. ނަމަވެސް އޭނަ ދެކޭގޮތުން ދަރިން މީހަކާއި އިނުމަށްފަހު އެކުދިން ދިރިއުޅެންވާނީ ވަކިންނެވެ. އޭނަ ކިތަންމެ ބޭނުންވިޔަސް އަމިއްލަ ގެދޫކޮށްފައި އެހެން ތަނެއްގައި ދިރިއުޅޭކަށް ދެން ނުދާނެއެވެ.
މާބްލްތަބަކަށް ލެނގިލައިގެން މާދުރަށް ބަލަން ހުރެފައި އޭނަ ކަމީލާއަށް މެސެޖެއްކުރަން ހިތަށްއެރިތަނާ އައްމާރު އާއި އިޔާޝްއަދި ޖައިދަން ނުކުމެގެން އައެވެ. އެންމެންވެސް ތިބީ ޖައިދަންގެ ކާމިޔާބާއިމެދު ވަރަށް އުފާވެފައެވެ. އައްމާރު ލޫކަސްގެކޮނޑުގައި އަތް ބާއްވާލާފައި ވަރަށް ގާތްކޮށް ވާހަކަދެއްކިއެވެ. ލޫކަސްހުރީ ގަދަކަމުން ހިނިތުންވެލައިގެންނެވެ.
"މަންމައާއި ބޭބެމެން އަދި އިޔާ މިރޭ މިގޭގައި މަޑުކޮށްލަންވީނު، ފުދޭވަރަށްވުރެ މާ ގިނަ ރޫމްތައް އެބަހުރި...." ޖައިދަން ދައުވަތު ދިނެވެ.
"ދޮންބެގެ ވައިފް މިރޭ ބަލިވީމަ ޕާޓީއަށްވެސް ނާދެވުނީ، މިހާރުވެސް އެތައް ސަތޭކަފަހަރު ގުޅައިފި މިސްވަނީއޭ ކިޔާފައި، ސޮރީ ޖޭޑް، އެހެން ފަހަރަކުން، ޔަގީނުންވެސް ލޫކް އާއި އިޔާ މަޑުކުރާނަންދޯ، ޔޫ ގައިސް ކެން އެންޖޯއި..." އައްމާރު ގަޑި ބަލައިލަމުން ލަސްވެގެންއުޅުނެވެ. ކޮންމެ މީހަކުވެސް ކޮންމެވެސް ބަހަނާއެއް ދައްކަންފެށުމުން ޖައިދަން އެދުނީ އެންމެން ހުކުރުދުވަހު މެންދުރުކާން އައުމަށެވެ. އެއަށްފަހު ރޭގަނޑުގެ ސަލާމްކުރުމަށްފަހު އެންމެން ގޮސް ހުސްވުމުން ޖައިދަން ގެއަށް ވަނެވެ. މާސްޓަރބެޑްރޫމްގެ ތަނަވަސްކަމުން ބޯލްރޫމެއްހާ ވަރުވެއެވެ. ކަމީލާ އޮތީ ކުއިލްޓްދަށުގައި ފޮރުވިގެން ހީކަރުވައިގެންފައެވެ. ރިމޯޓްނުފެނިގެން އޭސީ ނިވާނުލެވުމުން މާބޮޑަށް ފިނިވީއެވެ. ޖައިދަން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ. ކަމީލާއަށްޓަކައި މިވަރުގެ ކަމެއްކޮށްދެވުމުންވެސް ކަމީލާ ބޮޑާހާކާނެކަން އޭނައަށް އެނގެއެވެ. މިއީ ތަފާތު އަންހެންކުއްޖެކެވެ.
"ޖައިދަން، ތިކުރީ ރަގަޅުކަމެއްނޫން، އަހަރެން ކޮންމެހެން ގެއެއް ބޭނުމެއްނޫން، ކާލްއަށް ދިންނަމަ...." ކަމީލާ އޮތީ ނުތަނަވަސްވެފައެވެ. ޖައިދަން ހީކުރާނީ އަގުބޮޑު އެއްޗެހި ހޭދަކޮށްލައިގެން އޭނަގެ ހިތް އަތުލެވިދާނެކަމަށެވެ. ކަމީލާގެ ހިތް ތަފާތެވެ. އޭނަ މުއްސަދިކަމެއް ބޭނުމެއްނޫނެވެ. އޭނަ ބޭނުންވަނީ އުފާވެރިކަމެވެ.
"ހެހެ، މިއީ އަހަރެންގެ ގާތުގައި އަދި އެއްވެސް އެއްޗެއް ނޫނޭ، އެއްޗެއް ދިނީމަވެސް ޝަކުވާ ކުރަން ތިކުއްޖާއަށް އެނގެނީ..." ޖައިދަން ކަމީލާގެ ގައިގާ ބޮނޑިއެއް އެޅުމުން ކަމީލާ ސިހުނެވެ. މަޖަލަކަށް ހަދައިގެން އެކުރާ ސަމާސާ ކަމީލާއަކަށް ކަމަކުނުދެއެވެ. ޖައިދަންގެ ހިތް އުފާކުރަން ކުދި ކުދި ގޯނާ ކުރުމަކީ އާދައެކެވެ.
"އަހަރެން ނުބުނަމެއްނު ދޭށޭ، އެވެސް ދުނިޔެއަށް އިޝްތިހާރުކޮށްލައިގެން...." ކަމީލާ ތުންފިތާލިއެވެ.
"އަހަރެމެން ކުރާ ކޮންމެކަމެއް މަޝްހޫރުވާނެ، ދެން ހުއްޓާލަބަލަ ލަވް، މިގޭގައި ފަސްޓް ނައިޓް ހޭދަކުރާނީ ޒުވާބު ކުރުމުގައެއްނޫން، އަހަރެން ބޭނުމީ މިރޭ ސެލެބްރޭޓްކުރަން، ހިނގާބަލަ ޕޫލަށް އެރިލަން......." ޖައިދަން އެދުނެވެ.
"ކީއްކުރަންތަ؟ އައިމް ސްލީޕީ..." ކަމީލާ ދެކޮޅުހެދިއެވެ.
"މިރޭ ނިދިޔަކަ ނުދޭނަން، ހެދުނު ކާލް މަންމަ ގާތަށް ފޮނުވާލާފައި ވީވިލް ސްލީޕް.....އާދޭ މަގޭ އަތުގެ ތެރެއަށް......ހީފިލުވާލަދޭނަން..." ޖައިދަން ކަމީލާ ގަޔާލާ ފިތާލިގޮތަކުން ހަގީގަތުގައިވެސް ހަށިގަނޑަށް އަރާމުވިއެވެ. އެބާރުގަދަ އަތުތެރޭގައި އެ ހަށިގަނޑުގެ ހޫނުކަން އިހުސާސްކުރެވިގެން ދިޔައިރު ދެލޯމަރާލަން މަޖުބޫރުކުރުވިއެވެ. އެހަށިގަނޑުގައި ހިފާފައިވަނީ ތާޒާމީރުވަހެކެވެ.
"ނާޒުކްކަމުން ބާރަށް ހިފައިލަންވެސް ބިރުގަނޭ، ސީރިޔަސްކޮށް އަހަރެންގެ ސަބަބުން ހިތާމަކުރަމުންގޮސްތަ ނުކައި ތިހުންނަނީ؟ ވައިޖެހޭ ދުވަހަކުން ނުކުމެއްޖެއްޔާ އުދުހިގެން މާސްއަށް ގޮސްދާނެ، ބީ ކެއަރފުލް އިނގޭ..." ޖައިދަން އެ ނާޒުކް އަތުގައި ފިރުމަންފެށިއެވެ.
"އަހަންނާއިމެދު މާރަގަޅަށް ކަންތައް ތިކުރަނީ ކީއްވެތަ؟ އަހަރެން ކޮންމެހެން ޕާފެކްޓް ލައިފެއް ބޭނުމެއްނޫން.... "ކަމީލާ ކުއްލި އަކަށް ބިރުގަންނަ ގޮތްވާން ފެށިއެވެ. ޖައިދަން އަނިޔާނުކޮށް މިގޮތަށް އުޅެންފެށުމަކީ އެއީ މައްސަލައެކެވެ.
"ކޮންމެ ކަމަކާއި ޝައްކުކުރަނީ؟ އެނގިއްޖެ، މިހާރު ބިރުން ތިއުޅެނީ އަހަރެން މިހާވަރަށް އަޅާލަންޏާ ކަމީލާ ބޭނުންގޮތަކަށް ދެން ކަންތައް ނުކުރެވިދާނެތީ، އަހަރެން އަނިޔާކުރީމަ ދޯ ރަގަޅީ، އޭރުންތާ ދުރަށް ދާން ބަހަނާއެއް އޮންނާނީ، އޭރުންތާ އެންމެން ގާތު ބުނާނީ އަހަރެން އަނިޔާކުރާވަރުން ނޫޅެވިގެން ދިޔައީއޭ، ފައިން، އޭޒް ޔޫ ވިޝް....." ޖައިދަން ނުލަފާގޮތަކަށް ހިނިތުންވެލާފައި ކަމީލާގެ ދެއަތް އެކީގައި ބަންނަން ފެށުމުން ކަމީލާ ދެލޯބޮޑުކޮށްލާފައި ތިކުރަނީ ކޮންކަމެއްހެއްޔޭ އަހާލައިފިއެވެ.
"ކަމީ ބޭނުމެއްނުވޭ ލޯބިންކަމެއް ކުރުވަން، ސޯ ޝަޓަޕް....." ޖައިދަން ހީލުމުން ކަމީލާ އަމިއްލަ ނަފުސަށް މަލާމާތްކުރިއެވެ. ނަމަވެސް ޖައިދަން އެބުނީ ދޮގެއްނޫނެވެ. ޖައިދަން މާ ލޯބިން އުޅެންފަށައިފިއްޔާ ދުރަށް ދާން ދައްކާނެ ބަހަނާއެއް ނުފެންނާނެއެވެ.
ހެދުނު ދިހައެއްޖަހަމުން ދިޔައިރު ކަމީލާ އެގޭގެ ތަންތަން ބަލައިލަން ނުކުތެވެ. ދުވާލު އަލީގައި އަދި ވަކިން ހިތްގައިމު ކަމަށްދައްކައެވެ. މިއީ ހަގީގަތުގައިވެސް ހުވަފެނީ ގެއެކެވެ. އޭރު ޖައިދަން މިކާލް ގޮވައިގެން ފަތާފެންގަނޑުގައި އުޅެއެވެ. ކޮންމެކަމެއްވެސް އެހާ ފުރިހަމައެވެ. މިތަސްވީރުން މަދުވަނީ ލޫކަސްއެވެ. ޖައިދަންގެ ބަދަލުގައި ލޫކަސްވާނަމަ ހާދަ ރަގަޅުވީސްހެއްޔެވެ؟