އޭރު ލޫކަސްވެސް ދެމިނިޓްގެ ފޯނަކަށްފަހު ފޯނާއިއެކު ޖިންސްގެ ޖީބަށް އަތްޖަހައިލަމުން ޖައިދަންގެ މޫނަށް ނަޒަރު ހުއްޓާލައިފިއެވެ. އައްމާރުއާއި ދެބެން ކުޑަކޮށް ވާހަކަދެއްކިޔަސް ގާތްތިމާގެ ކަމެއްނެތެވެ. ކޮންމެހެން ދައްކަންވީ ވާހަކައެއް ފިޔަވާ އެކުވެރިކަމެއްނެތެވެ.
"ފެމިލީމީހުންގެ ތެރެއިން ނުބުނެވުނީ އެކަނި މަންމަ ކާރީ، ސޮރީ، ވިލް ޓެލް ކީއްވެކަން ނުބުނެވުނީ، މަންމާ ޓޫ މިނިޓްސް، މިއަންނަނީ......" ޖައިދަން ނުސީދާކޮށް އާއިލާގެ ގޮތުގައި ލޫކަސް ނުބަލާކަން އޭނަގެ ޖުމްލައިން ހާމަކޮށްދިނެވެ. ޖައިދަން އަވަސް ފިޔަވަޅުތަކެއްގައިގޮސް ލިފްޓަށް އެރިތަން ފެނިފައި ލޫކަސް ހުރީ ހިތްހަމަނުޖެހޭ ގޮތްވެފައެވެ. މިގޭތެރޭގައި ފައި ނާޅަން ނިޔަން ގަނެގެން ހުރެފައިވެސް އަންނަން ޖެހުނީ މަންމަ އާދޭސްކުރިވަރުންނެވެ. ޔާސިރު ފަދައިން ޖައިދަންވެސް އޭނައަށް އެގެއިން މަރުހަބާ ނުކިޔާނެކަން ހާމަކޮށްދީފިއެވެ.
ލޫކަސް މަންމަގާތުގައި އެބައަންނަމޭ ކިޔާފައި ދޮރާށިކާރިއަށް ނުކުމެލީ ޖައިދަން އަންނަންވާއިރަށް އެތާހުރުމުގެ މާނައެއްނެތްކަން ވިސްނިފައެވެ.
ޖައިދަން އެދިޔަ ބާރުމިނުގައި ލިފްޓަށް ވަންގޮތަށް ރުޅިބޭލީ ލިފްޓަށެވެ. ގޮށްމުށުގެ އެތިފަހަރަކީ ހަގީގަތުގައި އޭނަ ލޫކަސްގެ މޫނަށް ބޭލިއެތިފަހަރެވެ. ކުރިމައްޗަށް ދިޔުމުން ފިނޑިވެވެނީއެވެ. ދުޝްމިނުންވެސް ކޮންމެވެސް ސިފައެއްގައި ވާހަކަދައްކައެވެ. އެއަށްވުރެވެސް އޭނައާއި އަމިއްލަ ބޭބެއާއި ދޭތެރޭ އޮތް ގުޅުން މާ ހީނަރެވެ. ކަމީލާ ބެލްކަންޏަށް ނުކުންނަން އައިތަން ފެނިފައި އަދި ޖައިދަންގެ ރުޅިގަނޑު ވަކިން ގަދަވިއެވެ. މޫނު ރަތްވިއެވެ. ކަމީލާ ރެއިލިންއާއި ހަމަވެފައި ބޭރަށް ބަލައިލިތަނާ ދޮރާށިދޮށުގައި ހުރި ޒުވާނާވެސް އެދިމާލަށް ބަލައިލީއެވެ.
"ކޮން ތުއިއެއް ދައްކާކަށްތަ؟ "ޖައިދަން އައިގޮތަށް ކަމީލާގެ ގައިގާ ހިފާ ދަމައިގަތްތަން ލޫކަސްއަށް ފެންނާނެކަން ޔަގީނެވެ. އެހާ ދުރުމިން ހުރެފައި އަނދިރިވީމަ ކާކުކަން ދެނެގަތުން ފަސޭހަ ނުވެދާނެއެވެ. ޖައިދަން ދަމުން އަދި އެނބުރިފައި ކަޅިއަޅާލިއެވެ. ކަމީލާ ނުދާންވެގެން ފައިވިއްދާލުމުން ދަމާ ކޫއްތަމުންގޮސް ކޮޓަރިއަށް ލާފައި މޫނުމަތީގައި ޖެހި އެތިފަހަރުގެ ބާރުކަމުން މޫނަށް އަނދިރިވާގޮތްވިއެވެ.
"އަހަރެންގެ ހުއްދަނެތި މިކޮޓަރިން ބޭރަށް އެންމެ ފިޔަވަޅެއްވެސް އަޅައިފިއްޔާ ފައި ބިންދާލާނަން.........." މުޅިންވެސް އަމުރުތަކެވެ. އަނިޔާއެވެ. ޖައިދަން މިހާވަރަށް ރުޅިގަދަވާން އޭނައަށް ކުރެވުނީ ކީއްތޯ ހިތާއި ސުވާލުކުރެވުނެވެ. ޖައިދަން ރުއްސަން އޭނަ އުޅެންވީ ކޮންގޮތަކަށް ހެއްޔެވެ؟ ބެލްކަންޏަށް ނުކުމެލިޔަސް ކުށްވެރިވަނީއެވެ. މި ފިރިހެނާގެ މިޒާޖު ދެނެގަތުމުގައި އޭނަ މިވަނީ ނުކުޅެދިފައެވެ. ކަމީލާ އެނދުގައި އިށީންގޮތަށް އަތުގެ ފިނިވެފައިވާ އިނގިލިތަކާއި ކުޅެލަމުން ކުޑަކޮށް ބަލައިލީ ޖައިދަންގެ ފަރާތުން ދެން ލިބިދާނެ އަނިޔާއަކަށް ބިރުގެންފައި އިނދެއެވެ. ނަސީބަކުން ޖައިދަން ދޮރުލައްޕާލާފައި އެތަނުން ނުކުމެގެން ދިޔުމުން ކަމީލާ ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލާފައި ބާލީހުގައި ބައްދައިގަތެވެ.
ޖައިދަން މީފާގެ ކޮޓަރީގެ ދޮރުގައި ޓަކިދިނުމުން މީފާ ދޮރު ހުޅުވާލިއެވެ. ޖައިދަން ފެނުމުން އެކުޑަ ކުޑަ މޫނު އުޖާލާވެގެން ދިޔައެވެ. ޖައިދަންއަށްޓަކައި އެކުއްޖާ ގުރުބާންވާވަރު ޖައިދަން ދަނެއެވެ. އިސްކޮޅުގައި ކިރިޔާ ފަސްފޫޓްހަމަވާ ހިކިކޮށް ހުންނަ ކުއްޖާގެ ގައިގާ ޖައިދަން އަޅައިގަންނަ ސިފައަކަށްވަނީ ފަށުވިކޮޅެއްފަދަ ބޯ އިސްތަށިކޮޅު އެކަންޏެވެ. ފިޔާތޮށިކުލައިގެ ތުންފަތާއި ދިގު ވަށް މޫނުވެސް މާ ކުޑައީއެވެ. ނަމަވެސް ޖައިދަން ބުނާ ކޮންމެކަމެއް މީފާ ކޮށްދެނީ ކުރާހިތުންނެވެ. ޖައިދަން ބޭނުން ކޮންމެގަޑިއެއްގައި އޭނަ ބޭނުންގޮތަކަށް ކާއެއްޗެހި ހަދައިދޭއިރުވެސް މީފާއަށް ލިބިފައި ހުންނަނީ އެހެން ކަހަލަ ޖޯޝެކެވެ. ޖައިދަންގެ ކޮޓަރިއަށް އަންނަން ދައުވަތުދިނަސް އުފަލުން ކޮށްދޭނެކަން ޔަގީނެވެ. ނަމަވެސް އެކުއްޖާއާއިއެކު އެކަހަލަ ގުޅުމެއް ބާއްވަން ޖައިދަންގެ ހިތެއް ނޭދެއެވެ.
"މިފޫ، އަހަންނާއިއެކު އާދެބަލަ..." ޖައިދަން މީފާގެ ކޮނޑުގައި އަތް ބާއްވާލާފައި ގަޔާއި ކާރިކޮށްލާފައި ހީލިގޮތުން މީފާގެ ހިތް ފިދާވިއެވެ. މީފާ ޖައިދަންގެ އުނަގަނޑާއި ހަމަޔަށް ކިރިޔާ ފޯރާކަމެވެ. ޖައިދަން އެއްވެސް އިހުސާސެއްނެތި އެކޮށްލި ކުޑަ ހަރަކާތުންވެސް މީފާގެ ހަށިގަނޑުގައި ކަރަންޓުގެ ރާޅުބާނިތަކެއް ދުވެލިއެވެ. ޖައިދަންގޮސް ހުއްޓުނީ ބެލްކަނީގައެވެ. އޭރު ލޫކަސްހުރީ އަނެއްފަރާތަށް އެނބުރިގެންނެވެ.
"އެހެރަ މީހާގެ ގާތު ތިއީ މަގޭ ވައިފްއޭ ބުނަން ކެރިދާނެތަ؟ އޭރުން ހަދިޔާއެއް ދޭނަން.... "ޖައިދަން މީފާގެ ފަންއިސްތަށިކޮޅުގައި އަތް ބީއްސާލިއެވެ. މީފާގެ ހިތް އުފަލުން ނަށައިލިއެވެ. އަނގަ ބަހުންވެސް ޖައިދަންގެ އަތްބަކަށްވުމަކީ ކޮންފަދަ ބޮޑު ފަޚުރެއްހެއްޔެވެ؟ އެމަގާމަށް މީފާއަށް ދުވަހަކު ނާދެވޭނެއެވެ.
"ޝުއަރ؟ އެހެން ބުނަންވީތަ؟ އެކަމަކު އެއީ ކާކު؟ "މީފާ ހީގަނެފައި ޖައިދަންގެ އަތުގައި ހިފާލިއެވެ. ނަވާރައަހަރު ގެ އަންހެންކުއްޖަކަށްވުރެ ބާރަތޭރައަހަރުގެ ކުއްޖަކާއި ވައްތަރެވެ. ޖައިދަން ނިތްއަރުވާލާފައި މަޑުމަޑުން މީފާގެ ބުރަކަށީގައި އަތްއަޅާފައި ކޮށްޕާލީ އިތުރު ސުވާލުނުކޮށް ދާށޭ ބުނާކަހަލަ ގޮތަކަށެވެ.
ޖައިދަން މަންމަ ގޮވައިގެން ކޮޓަރިއަށް ގޮސް ކަމީލާއާއި ބައްދަލުކުރުވިއެވެ. ކަމީލާގެ ރީތިކަމާއި ލަދުވެތިކަން މެހްވިޝް ނިކަން ގަޔާވާ ސިފައަކަށްވިއެވެ. ކަމީލާ ވަގުތުން ހަނދާންވީ ލޫކަސްގެ މަންމަގެ މަތިންނެވެ. އެކަމަކު އެއީ ކިހިނެއްވާނެކަމެއް ހެއްޔެވެ؟ ލޫކަސްގެ މަންމަހާ ސްޓައިލިޝްވީމަ ވައްތަރުވީކަން ނޭގެއެވެ. ނޫނީ ތިމާގެއީ ހެއްޔެވެ؟ އަހާލާނީ ވަކި ކާކުގެ ކާރިންހެއްޔެވެ؟
"މަންމާ، މިއީ އަހަރެންގެ ޕަރީ...." ޖައިދަން ކަމީލާގެ އުނަގަނޑުގައި ހިފާކާރިކޮށްލަމުން ހިނިތުންވެލިއެވެ.
"މިއޮތީ ހަމަ މެރީޑާގެ އިސްތަށިކޮޅެއްނު، އެކަމަކު މިހާ ދިގުވީމަ އަދި ވަކިން ރީތި ، ޕަރީގެ ނަން ދިނުން ހައްގު....." މެހްވިޝްގެ ހިތްވެސް ކަމީލާއަށް ތައުރީފުކުރިއެވެ. އަތްދިގު ރަތްކުލައިގެ ސްވެޓަރފާޑުގެ ގަމީހަކާއި ކަޅު ސްކިނީ ގަޔަށް ހިފާފައިވާއިރު އެހާ ސްޓައިލިޝްއެވެ. އެއްވެސް ގަހަނާއެއް ނެތަސް ދޮންކަމާއި އޮމާންކަމުން ބަލާ ބަލާ ފޫހިނުވާނެއެވެ. ކަމީލާގެ ބަސް މަދުވެ ގިނަފަހަރު އިނީ އިސްޖެހިފައެވެ. މެހްވިޝް އެގޭގެ ސާފުތާހިރުކަމާއި މީރުވަސް ދުވާވަރުން ކަމީލާއަށް ހުރިހާ ތައުރީފެއް ހައްގުވާކަމަށް ދެކުނެވެ. ރަގަޅު އަތްބަކު ލިބުމަކީ ފިރިހިނެއްގެ ނަސީބެވެ. މެހްވިޝް ކަމީލާ ގާތުން އާއިލާގެ ޚަބަރުތައް އަހަން އިރުކޮޅަކު އިނެވެ. އެއަށްފަހު ޖައިދަން އޭނަގެ މަންމަ ގޮވައިގެން ކާކޮޓަރިއަށްގޮސް ކޮފީ ދިނެވެ. މެހްވިޝް އެކަމާއި ހައިރާންވިއެވެ. ނަމަވެސް ސުވާލުކުރާކަށް ނޫޅުނެވެ. މެހްވިޝްގެ ވިސްނުން ތޫނުކަމުން ޖައިދަންއާއި އަންހެނުންގެ ދެތެރޭގައި ކޮންމެވެސް ހަމަނުޖެހުމެއްވާކަން ދެނެގަތެވެ. ޖައިދަން ކިތަންމެ ވަރަށް ފޮރުވަން އުޅުނަސް ކަމީލާގެ އެސްފިޔަތަކުގައި ހަރުލާފައިވާ ކަރުނަ ވަރަށް ގިނަ ވާހަކަތައް ކިޔާދީފިއެވެ. ކޮންމެވެސް ނުބަޔެއް އުޅޭކަން މެހްވިޝް އެނގުނެވެ. ކައިވެނީގެ ކުރީކޮޅު މިވަރަށް މައްސަލަޖެހެން ވެއްޖެއްޔާ ދެން ވާނީ ކިހިނެއްހެއްޔެވެ؟
މެހްވިޝް އާއި ލޫކަސް ކާރުގައި ގެއަށް ދިޔަ މަގުމަތީގައި ދެމީހުންވެސް ދެއްކީ އަމިއްލަ ވާހަކަތަކެވެ. ޖައިދަންގެ ގެ ވާހަކައެއް ލޫކަސްއަށް މުހިއްމުނުވާކަން ޔަގީންވާތީ މެހްވިޝް ޖައިދަންގެ އަންހެނުންގެ ވާހަކަ ދައްކާކަށް ނޫޅުނެވެ. ޖައިދަން މިރޭވެސް ލޫކަސްއާއި ދޭތެރޭ ކަންތައްކުރީ ރަގަޅަކަށް ނޫންކަން މެހްވިޝްއަށް އެނގުނެވެ. ތިމާގެ ބޭބެއަށް ވީއިރު އިހުތިރާމް ކުރުމެއް ގަދަރުކުރުމެއް ނެތެވެ. ބައެއްފަހަރު ކުދިން ތަރުބިއްޔަތުކުރުމުގައި އޭނައަށް ކަތި ފިޔަވަޅެއް އެޅުނީބާވައޭ ހިތަށް އަރަނީ މިފަދަ ވަގުތުތަކުގައެވެ.
ޑޮކްޓަރ ހައިޝަމްއަކީ ކަމީލާގެ ބޭބެ ލިއަމްގެ އެކުވެރިއެކެވެ. ހައިޝަމް ސްކޭން ޚާއްސަ ޑޮކްޓަރަކަށްވެގެން ރާއްޖެއައުމަށްފަހު އެއްފަހަރު ކަމީލާމެން ގެއަށް ޒިޔާރަތްކުރިއިރު ކަމީލާއާއި ދިމާވެ ކޮންމެވެސް ވަރަކަށް އެކުވެރިވިއެވެ. ހައިޝަމް ކަމީލާ އެފްބީއަށް ލާ ކޮންމެ ފޮޓޯއަކަށް ލައިކްކުރާނެއެވެ. ދޭތެރެއަކުން ކޮމެންޓެއް ކޮށްލާނެއެވެ. ހައިޝަމްގެ ހިތުގައިވާ އެއްޗެއް ކަމީލާއަކަށް ނޭގެއެވެ. ކަމީލާ ދެކެނީ އެކުވެރިއެއްގެ ގޮތުގައެވެ. އެހެންހުއްޓާ މިފަހުން މާބޮޑަށް ވަރުބަލިވެ މަސައްކަތެއް ނުކުރެވޭ ވަރުވުމުން ޑޮކްޓަރެއްގެ ލަފާ ބޭނުންވެގެން ހައިޝަމްއާއި ވާހަކަދައްކާލީމަ އެ ކްލިނިކަށް އަންނަން ބުނީއެވެ. ކަމީލާ ގެއިން ނުކުތީ ޖައިދަން ނިދާފައި އޮތް ގަޑިއެއްގައި ސިއްރުންނެވެ. ކްލިނިކުގެ ދޮރުމަތިން ހައިޝަމް ކަމީލާއާއި ބައްދަލުކޮށް މެހުމާންދާރީ އަދާކުރިގޮތުން ކަމީލާ ހުރީ އުފާވެފައެވެ. ދޮންބެގެ އެކުވެރިން ތިބީމަ އޭނައަށް ފައިދާއެބަވެއެވެ.
"އަހަންނަށް އިންވައިޓްނުކޮށް މެރީކުރީތީ ވަރަށް ދެރަވެއްޖެ، އަހަރެން ނުވިއެއްނު ފްރެންޑަކަށްވެސް..." ހައިޝަމް މޭޒުދޮށުގައި އިށީދެފައި ކަމީލާއަށް ބަލާލީ ޚާއްސަގޮތަކަށެވެ.
"ނޫނޭ، އެއީ މަޖުބޫރުން ކުރަންޖެހުނު ކަމެއްވީމަ އެއްވެސް މީހެއްގެ ގާތުބުނާ ހިތްނުވީ، ދެން ކީއްވެ ސްކޭން ހަދަން ތިއުޅެނީ؟ ވަރުބަލިވީމަ ސްކޭންތަ ހަދަން ޖެހެނީ؟ "ކަމީލާ މައުސޫމްގޮތަކަށް އަހާލައިފިއެވެ.
"އަހަރެން އާއްމުކޮށް ޑައިގްނޯސްކުރަނީ ސްކޭންއިން، ދެން އަހަރެންނަށް އެކަން ނުކުރެވިއްޖެއްޔާ ރަގަޅު މީހަކަށް ރިފަރކޮށްދޭނަން، ކައްމި ބުނީމެއްނު ބަނޑުގައި ރިއްސާވާހަކަ، އެހެންވެ ސްކޭނެއް ހަދަން ބުނީ......." ހައިޝަމް އެކި ވާހަކަތައް ދައްކަމުންގޮސް ސްކޭން ހަދަންފެށިއެވެ. ހައިޝަމް ކަމީލާ ބަލިވެއިންކަމަށް ބުނެފައި ކުރަންފެށި ސުވާލުތަކުން ކަމީލާގެ މޫނު ދަލުން ފެންވެރިއްޖެއެވެ. ހައިޝަމް ބުނާގޮތުންވިއްޔާ ފެބްރުއަރީ ފަނަރައިގެ ފަހުން ކުރި ކައިވެންޏަކަށް ބަނޑަށް މިހާ ދުވަސްވެގެން ނުވާނެއެވެ.
"ދެން ކިހިނެއް ހަދާނީ؟ އަހަރެން ވަރަށް ބިރުގަނޭ...." ކަމީލާގެ ދެލޮލުން ބިރުވެރިކަން ފެނިގެން ދިޔައެވެ. ހަނދާނަށް އައީ އޭނައާއި ލޫކަސް އެކީގައި ހޭދަކުރި ރޭތަކެވެ. ލޫކަސްގެ ފަރާތުން ލިބުނު އިންތިހާ ލޯބިއެވެ. އެއަތުގެ ފިރުމުންތަކެވެ. ދެއްކި ވާހަކަތާއި ވި ވަޢުދުތަކެވެ. ދުވަހަކުވެސް ވަކިނުވާން ކުރި ހުވާތަކެވެ. އެންމެފަހުން ވަގުތުވެސް އަސަރާއިއެކު އިންތިޒާރުކޮށްދޭށޭ ބުނި ވަގުތުކޮޅެވެ. އެލޮލުން ކަމީލާއަށް ފެނުނީ އެކަނި ލޯތްބާއި އޯގާތެރިކަމެވެ. ނަމަވެސް އެވީ ކިހިނެއްހެއްޔެވެ؟ ލޫކަސްއަށް އެންމެ ބޭނުންވި ވަގުތު އޭނަ ދޫކޮށްލާފައި ދިޔައީއެވެ. ކަމީލާގެ ލޮލުން އޮހިގަތް ކަރުނަތައް ކުދި މުތީތަކެއްފަދައިން ކޯތާފަތްމަތިން ތިރިއަށް ދެމިގަތެވެ.
"ހާޝް، ޕްލީޒް، ތިގޮތަށް ސްކޭންއިން ދައްކާކަމަށް ރިޕޯޓްގައި ނުލިޔައްޗޭ، އެހެންނޫނީ އަހަރެންގެ ހަޒްބެންޑް ވަރަށް ރުޅިގަދަވާނެ، އަހަރެން ބަދުނާމުކުރަންވެސް ފަހެއްނުޖެހޭނެ، ޕްލީޒް ޕްލީޒް...." ކަމީލާ އާދޭސްކުރަންފެށިއެވެ. ހައިޝަމް އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލާފައި ފުންނޭވަޔެއްލީ ގޮތުން އޭނަ ކަންބޮޑުވެފައި އިންވަރު ހާމަވިއެވެ.
"އަހަރެން ސިއްރުކޮށްދީފާނަން، އެކަމަކު ކައްމި އަހަންނަށް ހަގީގަތް ކިޔާދީ....." ހައިޝަމް ސުވާލުކުރަން ފެށުމުން ކަމީލާ އޭނަ އެހެން ކުއްޖަކާއި ރައްޓެހިވެގެން އުޅުނުކަމަށާއި އޭނައަށް މަޖުބޫރުކޮށްގެން ނުދަންނަ ފިރިހެންކުއްޖަކާއި ކައިވެނިކުރުވި ސަބަބަކީ އެ ގުޅުންކަމުގައި ބުނެދިނީ ރޮއިރޮއި އިނދެއެވެ. ކަމީލާ ސިއްރުކުރީ ލޯބިވެރިޔާގެ ނަމެވެ. ހައިޝަމްއަށް ލޫކަސް އެނގުމަކީ ހަމަ އެކަށީގެންވާކަމެކެވެ. އަދި ޖައިދަންގެ އަނިޔާވެރިކަންވެސް ސިއްރުކުރިއެވެ.
"އަހަންނަށް އެނގޭ އަހަރެން މިކުރަނީ މަނާކަމެއްކަން، މިކަން ފަޅާއަރައިފިއްޔާ އަހަރެންގެ ލައިސެންސްވެސް ކެންސަލްވެދާނެ، އެކަމަކު ކައްމިއަށްޓަކާ އަހަރެން މިކަންކޮށްދޭނަން..." ހައިޝަމް ރިޕޯޓް ލިޔަންއިން އިރު ދެރަވެފައިންކަން ކަމީލާ ފާހަގަކުރިއެވެ. އޭނައަށްޓަކައި ހައިޝަމްގެ ހިތުގައި ހަމްދަރުދީ އުފެދުނީއެވެ. އޭނަގެ ކަރުނަތަކުން އަސަރުނުކުރާނީ އެކަނި ޖައިދަންއަށެވެ. އެއީ ހިލަ ހިތެއްގެ ވެރިޔެކެވެ.
ކަމީލާ ބަލިވެއިންކަން އެނގުމުން ރޮވުނަސް ފަހުން ނޭގޭ އުފަލެއް އެހިތަށް ލިބުނެވެ. އޭނަގެ ބަނޑުގައި ވަނީ ލޫކަސްގެ ލޯބީގެ ނިޝާނެއްކަން އެނގުމުން ހިތުގައި ފޮނި ފޮނި އިހުސާސްތަކެއް އުފެދުނެވެ. ނަމަވެސް އެކަން ދުނިޔެއަށް އެނގިއްޖެއްޔާ ވާނެގޮތަކާއިމެދު ކަމީލާ ވިސްނިއެވެ. ޖައިދަންއަށް އެނގިއްޖެއްޔާ އޭނަ މަރާލަން ފަހެއް ނުޖެހޭނެއެވެ. އޭނަޖެހޭނީ ދަރިފުޅުގެ ހައްގުގައިވެސް މިކަން ސިއްރުކުރާށެވެ. ލޫކަސްއާއި ދިމާވި ދުވަހަކުން ހަގީގަތް ލޫކަސްގާތު ކިޔާދޭނީއެވެ. ކަމީލާ ޓެރެސްގައި ހުރި ބީޗްޗެއަރއެއްގައި އިށީދެލައިގެން އިންއިރު ބައެއްފަހަރު ބަނޑުގައި ފިރުމައިލެވެނީ ލޯބިންނެވެ. އެ ދަރިފުޅު ލޫކަސްއާއި ވައްތަރުވާނެހެއްޔެވެ؟ އަޅިލޮލެއް ހުރެއްޖެއްޔާ އެންމެން ޝައްކުކުރާނެއެވެ. މި އާއިލާގެ އެންމެންހެން ތިބެނީ ކަޅުރޭގަނޑެއްފަދަ ކަޅިއެވެ. ލޫކަސްފަދައިން ފަން މުށިއިސްތަށިކޮޅަކާއި އަޅިލޮލެއް ހުރެއްޖެއްޔާ ދަރިފުޅު ހާދަ ރީތިވާނެއެވެ. ކަރުނައިގެ ތެރެއިންވެސް ކަމީލާގެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވިއެވެ.
ކަމީލާ ކްލާހަށްދާން ފެށުމުން ވެސް އަދި އޭނައާއި އެކުވެރިވާނެ ކުއްޖަކު ނުވިއެވެ. ކަމީލާގެ މަޑުމައިތިރިކަމުން އޭނައަކީ ފޮނިކުއްޖެއްކަމަށް ހީކުރާކުދިން އޭރު އެތާ އުޅުނެވެ. އެންމެނަށްވެސް ކަމީލާ ފެންނަނީ ފޮނި އަދި ސިއްރުވެރިކުއްޖެއްގެ ގޮތުގައެވެ. އެކުދިންނަށް ކަމީލާގެ ލޮލުގައިވާ ހިތާމަ ރޭކާނުލަނީއެވެ. އެހިތުގައި އަޅާ ވޭންތައް ނޭގުނީއެވެ. ގިނަފަހަރު އިންސާނުންނަށް ހަގީގަތް އޮޅެނީ އެގޮތަށެވެ. އަނެކަކުގެ ހާލު ރޭކާނުލައި އެމީހާއާއިމެދު ކިތަންމެ ނުބައިކޮށްވެސް ވިސްނިދާނެއެވެ. އެނގޭނެނަމަ ހަމްދަރުދީވާނެ މީހުން ތިބޭނެއެވެ. މީހެއްގެ ހާލު ދެނެގަނެވޭނީ އެމީހާގެ ފިޔަވަޅުމަތީގައި ތިމާ ހިނގުމުންނެވެ.
ލޫކަސް މާލެތެރޭގައި އޭނަގެ ކާރު ދުއްވާއިރު ކަޅުހެދުމެއްގައި ހުރި އަންހެންކުއްޖެއްވިއްޔާ ޚާއްސަ ނަޒަރަކުން ބަލައިލެވެއެވެ. އެންމެ މޫނެއް ދެކެލުމަށްޓަކައި ދެލޯ ބޭގަރާރުވެފައިވާ ވަރުންނެވެ. ބޭވަފާތެރިވިޔަސް ހިތުގައި ވިންދުޖަހަނީ އެކަނި ކަމީލާއަށް ކަމުގައިވާތީއެވެ. ކިތަންމެވަރަކަށް ބުރުޖެހިޔަސް ކިތަންމެ ވަރަށް ދުއްވިޔަސް މާލެއިން ކަމީލާއާއި ކާރިކުރާ ވަރުގެ މޫނެއްވެސް ނުފެނުނެވެ. ވާރޭވެހޭ ދުވަހަކަށްވީމަ ލޫކަސް ތަންކޮޅެއްބަލައިގެން ކާރުދުއްވާލާފައި ދިޔައީ މަގުން ދުއްވާ މީހުންނަށް ސަމާލުވެގެންނެވެ. ލޫކަސްގެ ކާރުތެރޭގައި އޭރު ޖަހާފައި ހުރި ލަވައަކީވެސް ހިތުގެ އަޑެވެ. އެރީތި ދެލޯ ފެންކަޅިވެގެން ދިޔައީ ރީތި ހަނދާންތަކެއް އާވެފައެވެ. ހިތުގެ މަލިކާއަށްޓަކައި އޭނަ ކުރި އިންތިޒާރާއި އެ އިންތިޒާރުގެ ނިމުން އައިގޮތް ފެނިފައި ހިތަށް ތަދުވެ މޭގައި ފިރުމައިލެވުނެވެ. ޚިޔާލެއްގައި އިނދެލާފައި ކުއްލިއަކަށް ލޫކަސް ސިހިގެން ދިޔައީ ކާރުގެ ކުރިމައްޗަށް އެރި އަންހެންކުއްޖާ ފެނިފައެވެ. އެއީ ހަމަ ޖައިދަންގެ އަންހެނުންނެވެ. ލޫކަސް ބްރޭކް ހިފައިނުލިނަމަ އެކުއްޖާ ކާރު ދަށުވީސްކަން ޔަގީނެވެ. ބަލާނުލައި މަގު ހުރަސްކުރަންވާނެހެއްޔެވެ؟
ލޫކަސް ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލަމުން ގޮވާލިއަޑަށް މީފާ އެނބުރިބަލާލައިފިއެވެ.
"އެކަނިތަ؟ އަހަރެން ގެއަށް ގެންގޮސްދީފާނަން...." ލޫކަސް އެ ޒިންމާއާއި ހަވާލުވީ އެއީ އޭނަގެ ފަހަރިކަމަށް ތަޢާރަފުވިކުއްޖާއަށް ވީތީއެވެ. މީފާ ލޫކަސްގެ އަޅިދެލޮލަށް ބަލައިލުމާއިއެކު އެރޭމަތިން ހަނދާންވިއެވެ. މިއީވެސް ހާދަ ރީތި ފިރިހެނެކެވެ. ދުވާލު އަލީގައި ފެނުމުން އެމޫނު ވަކިން ރީތިހެން ހީވިއެވެ. ނޫނީ ބެލިބެލިހެން ރީތިވަނީއެވެ. މިއީ ޖައިދަންގެ ކާކުހެއްޔެވެ؟ މި ޒުވާނާގާތު ދޮގުހަދަން ބުނުމުގެ ސަބަބަކީ ކޮބާހެއްޔެވެ؟ މިލިބުނު ފުރުސަތު ދޫކޮށްލާކަށް މީފާ ބޭނުމެއްނުވިއެވެ. ރީތި ޒުވާނަކާއިއެކު ވިއްސާރަ ދުވަހެއްގައި ކާރު ދުއްވާލެވުނީމަ ފޮނިވެވިއްޖެއެވެ. ތެމިގެން ހުރެފައިވެސް އޭނަ ފޮތްތަކާއިއެކު ކުރީ ސީޓަށް އަރާފައި ލަދެއްނެތި ލޫކަސްގެ މޫނަށް ބަލަންފެށީ އެސްފިޔަ ޖަހައިލުމެއްނެތިއެވެ. ރީތިކަމަކީ މީފާގެ ބަލިފަޔެވެ. ރީތިމީހެއް ފެނިއްޖެއްޔާ އެމީހަކަށް ކިތަންމެ ގިނައިރުވިޔަސް ބަލަން މީފާ އިނދެފާނެއެވެ. މީފާ ބަލާވަރުން ލޫކަސް ހައިރާންވިޔަސް އެކަން އެނގޭކަމަކަށް ހަދާނުލައެވެ. ރޯޒްހިލްއާއި އަރާހަމަވުމުން މީފާ ކާރުން ފުންމާލިގޮތަށް ޝުކުރު އަދާކުރިއެވެ. އޭނަ ދުވަމުން ދުވަމުންގޮސް ވަދެފައި އެންމެ ކުރިން އެ ޚަބަރު ކިޔައިދިނީ ކަމީލާއަށެވެ. މާލެއިން ދުށް އެންމެ ރީތި ފިރިހެންކުއްޖާ އޭނައަށް ލިފްޓެއް ދިންވާހަކަ ބުނެލިއެވެ. އަޅިދެލޮލުގެ ވާހަކަ ކިޔާދިނުމުން ކަމީލާ ހުރިތަނަށް ގަނޑުވިއެވެ.
ލޫކަސްގެ ބޭވަފާތެރިކަން އެކަމުންވެސް ހާމަވީއެވެ. މީފާ ދެއްކި ވާހަކަތަކުން ބަޔާންވީ މީފާ ކުރިން އެ ޒުވާނާ ލޮލުންވެސް ނުދެކޭކަމެވެ. އަލަށް ދިމާވީމަވެސް ލޫކަސް އެވަނީ ހާދަ ވަރެކެވެ. ފެންނަ ކޮންމެ އަންހެންކުއްޖަކު ކާރަށް އަރުވަންޖެހޭ ހެއްޔެވެ؟ އަންހެންކުދިންނަކީވެސް ހާދަ ފާޑެއްގެ ބަޔެކެވެ. ލޫކަސް ދައުވަތުދޭއިރަށް ބިރެއްނެތި ކާރަށް އަރަންޖެހޭހެއްޔެވެ؟ މީފާ ހީވަނީ ދުނިޔޭގެ ރަސްކަން ލިބިގެން އުޅޭހެންނެވެ. ލަވަކިޔަމުން ދެފައި އެއްތާކު ނުޖެހިގެން އުޅޭތަން ފެނުމުން ކަމީލާގެ ހިތުގައި ހަސަދައިގެ އޮއިވަރެއް ހިނގާލިއެވެ. ހިތަށް ކަށިތަކެއް ހެރިއްޖެއެވެ. ހިތަށް ކުރި ބާރެއްގެ ބޮޑުކަމުން ބަޔާންކުރާނީ ކިހިނެއް ހެއްޔެވެ؟
"ލޫކްވާނީ ޓެކްސީ ޑްރައިވަރުކަން ކުރަންފެށީތަ؟ އަހަންނަށް މިވާގޮތެއް ބުނެދޭކަށްވެސް ނޭގޭ، ކުރިއަށް އޮތްތާގައި އަހަރެން ކުރިމަތިލާން ޖެހޭނީ ކިހާވަރެއްގެ ތޫފާނަކާއި ކަމެއްވެސް ނޭގޭ، ލޫކް އަހަންނަށް ކޮންފަދަ ވަރުގަދަ ލަނޑެއްދީފައި ތިދިޔައީ، އަހަރެން މިއުޅޭ ހާލު އެނގޭނެނަމަ، އަހަންނަށް އެނގޭ ލޫކް އަހަންނާއިމެދު ނުވިސްނާކަން، ވިސްނާނަމަ މިއަދު މިހިނގި ހާދިސާ ހިނގާނެތަ؟ " ކަމީލާ ކުޑަދޮރުގެ ދާރަމަތީގައި އިށީދެލައިގެން އިންއިރު އެކި އެއްޗެހި ހިތަށް އަރާފައި ރޮވުނެވެ.
ލޫކަސް ކާރު ޕާކްކޮށްލާފައި އޭނަގެގެ "މެހްވިޝް ވިލާ"އަށް ވަންނަން ދިޔައިރު ހިމަފޮދުވާރެއެއް ވެހެމުންދިޔައެވެ. އުޑުގައި ވިލާ ބޯވެ މޫސުމް ގޯސްވެފައިވާއިރު ލޫކަސްގެ ތަބީއަތާއި ނިކަން ގުޅެއެވެ. ފިނިވެފައިވާ ދެއަތްތިލަ ޖިންސްގެ ޖީބަށް ޖަހާލައިގެން ފިރިހެންވަންތަ ހިނގުމެއްގައި އައިއިރު މޫނުމަތިން ފެންނަނީ ހިތާމައިގެ ކުލަވަރެވެ. ފެންޑާއަށް އަރާފައި އެ ފަން އިސްތަށިގަނޑުން ފެންތިކިތައް ފޮޅާލިއެވެ. ގޭގެ ސިޓިންރޫމްގައި ލޫކަސްގެ ބައްޕަ އަހްމަދު ޖިބްރީން އާއި މަންމަ މެހްވިޝް ފިލްމެއް ބަލައިލަން ތިބިއިރު ދެމަފިރިން ގެ އަތުގެ އިނގިލިތައް މަހާލެވިފައިވެއެވެ. މާލޭގެ އެންމެ މުއްސަދިންގެތެރޭގައި ހިމެނޭ ޖިބްރީންގެ ހުރި އެންމެ ދަރިފުޅުކަމަށްވާތީ ޖިބްރީން ހުންނަނީ ދަރިފުޅަށް ބޭނުންވާހާ އެއްޗެއް ހަމަކޮށްފައެވެ. ފައިސާއިން ލިބޭނެ ކޮންމެ އެއްޗެއް ލޫކަސްވަނީ މިލްކުކޮށްފައެވެ. ނުލިބުނީ އެކަނި ލޯތްބެވެ. ދަރިފުޅުގެ ހިތުގައިވަނީ ކޯންޗެއްކަން އެނގޭނަމަ އޭނަގެ އާރާއި ބާރު ބޭނުންކޮށްގެންވެސް އެކަން ހާސިލުކޮށްދޭން މަސައްކަތްކުރާފަދަ ބައްޕައެކެވެ. ބައްޕަމެން ފެނުމުން ލޫކަސް ގަދަކަމުން ހިނިތުންވެލިއެވެ.
"ދަރިފުޅާ، މިތާ އިށީންނަން އާދެބަލަ، ކޮމެޑީއެކޭ މިބަލައިލަނީ..... "ޖިބްރީން އެދުނެވެ. ލޫކަސް ބައްޕަމެންނާއި ބައިވެރިވެލާން އެތާ ޖައްސާލާފައި އެ ހުނުމުގައި ބައިވެރިވިއެވެ. އެންމެން އެކީގައި ވަގުތު ހޭދަކޮށް ހީހެދުމުން އާއިލާ ގުޅުން ބަދަހިވެއެވެ. މިފަދަ ވަގުތީ ފިނިކަމެއް ހިތަށް ލިބުނަސް ލޫކަސް ގަބޫލުކުރާގޮތުން އާއިލާ މުޅިން ފުރިހަމަވީކަމުގައި ބެލެވޭނީ ކަމީލާ ހަޔާތަށް އައުމުންނެވެ. އޭނަގެ އެނދުގެ އެއްފަޅި ހުހަށްވާތީ އަބަދާއަބަދު ހިތާއި ކުރެވެނީ އެ ޝަކުވާއެވެ. ކަމީލާ ގެއްލުމުން ހިތާމަކުރަމުންގޮސް އޭނަ ހަލާކުވާން ކާރިވަނީއެވެ. އެކަން ދެނެހުރީ ކާކުހެއްޔެވެ؟ ފިލްމު ނިމުމުން ޖިބްރީން ފެށީ ވިޔަފާރީގެ ވާހަކައެވެ. ޖިބްރީންގެ ކުންފުނީގެ އެކަނި ހިއްސާދާރަކަށް ވަނީ ލޫކަސްކަމަށްވާތީ މިހާރު ޖިބްރީން ބޭނުންވަނީ ދަރިފުޅާއި ހުރިހާ ކަމެއް ހަވާލުކުރުމަށެވެ. ޖިބްރީންގެ ޒަމާންވީ ދުޝްމަން ބަނގުރޫޓްކުރުމުގައި އޭނަ ކާމިޔާބުކުރަމުންދާއިރު އަދި ލޫކަސްއަށް އެކަހަލަ ބައިތައްވަނީ ސިއްރުކުރެވިފައެވެ. މަޑުމަޑުންގޮސް ލޫކަސް ވިޔަފާރިތެރެއަށް ވައްދަން ޖިބްރީން ބޭނުމެވެ.
ލޫކަސް އާއި މެހްވިޝް އެކަނިވުމުން މެހްވިޝްފެށި ވާހަކައަކުން ލޫކަސްގެ މޫޑު މުޅިންހެން ޚަރާބުވެއްޖެއެވެ. ބައްޕަގެ އެންމެ ގާތް އެކުވެރިޔާ ބޭނުންވަނީ ދެ އާއިލާ މިއަށްވުރެ ބޮޑަށް ގުޅުވާލާށެވެ. އޭނަގެ އަންހެންދަރިފުޅާއި ލޫކަސް ގުޅުވުމަކީ އެންމެންގެ ހުވަފެނެވެ.
"ނޫން މަންމާ، ތިކައިވެންޏެއް ނުކުރެވޭނެ، އަޅުގަނޑު ދުވަހަކު ކައިވެންޏެއް ނުކުރާނަން..." ލޫކަސް މާދުރަށް ބަލަހައްޓަމުން ދެއަތްތިލަ ގުޅުވާލިއެވެ.
"އެއީ ކީއްވެތަ؟ ބައްޕަ ވަރަށް ދެރަވެ ލަދުގަންނާނެ، ބައްޕަ އެކަމާއި ވަރަށް ގަބޫލުކަމުގައި ވަނީ، ދަރިފުޅު އެހެން ކުއްޖަކާއި ރައްޓެހިވެގެންތަ ތިއުޅެނީ؟ އެހެން ކަމަށް ވަންޏާ މަންމަ ގާތުގައި ސާފުކޮށް ކިޔާދީބަލަ......." މެހްވިޝް ސުވާލުކުރިއެވެ.