ކަމީލާ ދަތްތަކަށް ބާރުކޮށްލައިގެންހުރެ ކުރިއަށް ދިޔައިރު ޖައިދަންގެ އަތް ނައްޓުވާލާފައި ދުވެގޮސް ގަސްތަކުގެތެރެއަށް ވަދެ ފިލަން ކިތަންމެ ފަހަރަކު ބޭނުންވިއެވެ. ނަމަވެސް ހިތަށް އަރާހާ ގޮތަކަށް ކަންތައް ކުރެވޭނެނަމަ މިހާރު އޭނަ މިހާރު ހުންނާނީ އެހެން މީހެއްގެ އަތުގެ ހިމާޔަތުގައެވެ. މި މަގާމުގައި ޖައިދަންގެ ބަދަލުގައި ހުރީހީ ލޫކަސްއެވެ. އެހެން ހިތަށް އަރާފައިވެސް ހިތަށް ނުބައިގޮތެއްވެ ލޮލަށް ކަރުނަ އެއްވިއެވެ.
މީފާ ފަހަތުން އަންނަމުން ޖައިދަންއޭ ކިޔާފައި ރޮއިގަތްއަޑަށް އެނބުރުނުއިރު މީފާއޮތީ ބިންމަތީގައެވެ. ހައިހީލް ފުރޮޅާލުމުންވެސް އެދުނީ ޖައިދަންގެ އެހީއަށެވެ. ޖައިދަން ކަމީލާގެ އަތުން ދޫކޮށްލާފައި ދިޔުމުން ކަމީލާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނެވެ. ތެމިފައިވާ އަތްތިލަ އުނގުޅާލަމުން ކުރިއަށް ހިނގައިގަތްތަނާ އައްމާރުގެ އަންހެނުން މުޒާ ކަމީލާއާއި ދިމާލަށް އަތް ހޫރުވާލާފައި ކާރިއަށް އައެވެ. މުޒާ ވާހަކަދައްކަން ފެށީ އެތައް ދުވަހެއްވާންދެން ދެނެ ފަރިތަ ރައްޓެއްސެއްފަދައިންނެވެ. ހިތްހެޔޮކަމާއިއެކު ވާހަކަދައްކާލާ އިސާހިތަކު ކަމީލާގެ އިތުބާރު ހޯދައިފިއެވެ. މުޒާއާއި ކަމީލާ ތަންކޮޅެއް އެކަހެރި ތަނަކުން މޭޒެއް ހޯދައިގެން ކާން ޖައްސައިލިއެވެ. މިހާ އުފާވެރި ހަފްލާއެއްގައި މުޒާއާއިއެކުގައި ހުރުމުގެ ބަދަލުގައި އައްމާރު ފެންނަނީ އަންހެންކުދިންނާއިއެކު މަޖާކުރަން އުޅޭތަނެވެ. އެކަމާއި މުޒާއަށް އަސަރުކޮށްފައިވާކަން އެނގުނީ މުޒާ އެވާހަކަފެށީމައެވެ.
"ކިރިޔާ ރީތި ފިރިހެނަކު ފެންނައިރަށް މި އަންހެންވެރިން މޮޔަވެގެން ފަހަތުން ދުވާނެ، ދަ ފަނީ ޕާޓް އިޒް އެމީހުން އެހާފަސޭހައިން އަތުއަޅުވާލެވޭނެ، ކައްމި، އެކަކަށްވެސް ޓްރަސްޓްނުކުރާތި، ވަފާތެރި ފިރިޔަކު މިބިންމަތިން ނުލިބޭނެ، ފިލްމުން ނޫނީ ވާހަކަތަކުގައި އެބުނާ ފެއަރީ ޓޭލް ދިރިއުޅުމެއް ލިބޭނީ" މުޒާ މޫނު އަނބުރާލުމަށްފަހު ކުރިމަތީގައި ހުރި ކާތަށްޓަށް ބަލަން އިނެވެ. ތުންފަތުގައި ބާރަށް ދަތްއަޅައިލިގޮތުން ހީވީ ދެންމެދެންމެ ރޮއިގެންފާނެހެންނެވެ. ވީއިރު އައްމާރުވެސް އެހާ ވަފާތެރި ތެދުވެރިމީހެއް ނޫންހެއްޔެވެ؟ ފާޅުގައި އެހެންއުޅޭއިރު މުޒާ ނެތްތަންތާގައި އައްމާރު އުޅެދާނެގޮތެއް ލަފާކުރުން ދަތްޗެވެ. މުޒާގެ ހާލާއިމެދު ކަމީލާ ހަމްދަރުދީވިއެވެ.
"އޭނަ މޫއަށް އަނިޔާކުރޭތަ؟ "ކަމީލާގެ ނަޒަރު އޭރުވެސް ހޯދަނީ އެންމެ ފަރާތެކެވެ. ނަސީބުދެރަކަމުން ލޫކަސް އުޅޭހިސާބެއްގައި ތިބެވުނުކަމަކަށްނުވިއެވެ.
"ފިޒިކަލީ ނުކުރޭ، އަހަރެން ހުރިހާކަމަކަށް ޓޮލެރޭޓްކުރިޔަސް އަހަންނަށް ކުޑަ އަނިޔާއެއް ކުރިޔަކަވެސް ނުދޭނަން، ކޫރުމެއް އަޅުވާލިޔަސް އައި ވިލް އީޓް ހިމް އެލައިވް....." މުޒާ އޭރުވެސް އިނީ އިސްޖަހާލައިގެންނެވެ. ކަރުނަތައް ނުދައްކަންކަން ނޭގެއެވެ. މުޒާދެއްކި ވާހަކަތަކުން ކަމީލާ ހިނިއަޔަސް ކަމީލާވެސް އިނީ މުޒާގެ މޫނަށްބަލައިލަން ނުކެރިފައެވެ. ހުރިހާ އަންހެންކުދިންވެސް މިހާ މަޖުބޫރީހެއްޔެވެ؟ ކޮންމެވެސް އެއް ސިފައެއްގައި އަނިޔާލިބޭނެކަން ޔަގީނެވެ. އެކަމަކު މުޒާގެ ގައިގާ އައްމާރު ތެޅިއްޔާ މުޒާ އޭނަފަދައިން ހިމޭނުން ނުހުންނާނެކަން އެވާހަކަތަކުން ދޭހަވިއެވެ.
ލައިވް މިއުޒިކަށް ނެށިއިރު މުޒާ ބައިވެރިވިއެވެ. މުޒާ އައްމާރުދެކެ ރުޅިއައިސްފައި ހުއްޓަސް އެކަން ނުދައްކާ އައްމާރުގެ އަތުތެރެގައި ނަށަން ހުރިއިރު އެ ޖޯޑު ކިތަންމެހާވެސް ގުޅެއޭ ކަމީލާގެ ހިތަށް އެރިއެވެ. ޖައިދަން ނެށީ އެހެން އަންހެންކުއްޖަކާ އެކުގައެވެ. ކަމީލާ ދެރަވެދާނެތީ މެހްވިޝް ކަމީލާގާތުގައި ބުނީ އެއީ ތިމާގެ ކުއްޖެއްކަމުގައެވެ. ކަމީލާ ނަށަން ބޭނުންނުވާތީ ޖައިދަން އެހެންކުއްޖަކާއިއެކު އުޅުނީ ކަމުގަޔާއި ދެރަނުވުމަށް މެހްވިޝް ބުނީ ކަމީލާ ރުއްސާށެވެ. ކަމީލާ ވަރަށް ހިނިއައެވެ. ޖައިދަން ދުނިޔޭގައި ތިބިހާ އަންހެންކުދިންނާއިއެކު ނެށިޔަސް އޭނަގެ ފަރުވާލެއްނެތެވެ. އެންމެ އުފާވީ ލޫކަސް އެކަމާއި ބައިވެރިނުވީމައެވެ. އެއީ ކަމީލާގެ ނަސީބެވެ. އެހެން އަންހެންކުއްޖަކާއި ލޫކަސް އަނގައިން ބުނާތަން ފެނުނަސް އޭނަގެ ހިތް ހަލާކުވާވަރުވެއެވެ. ނަށައިފިއްޔާ ވާނީ ކިހިނެއްހެއްޔެވެ؟ އެންމެފަހުން އޮތް ޕްރޮގްރާމަކީ ހަވާ އެރުވުމެވެ. އުޑުމަތި ދިއްލިގެން ދިޔައީ އަޖައިބުވާފަދަ ކުލަކުލައިގެ ރޮގުތަކުންނެވެ. ކަމީލާ އާޝޯޚުވެފައި އެމަންޒަރުބަލަން ހުއްޓާ މުޒާ ކަމީލާގެ އަތުގައި ހިފާލަމުން މަޑުމަޑުން އެއްޗެކޭ ބުނެލިއެވެ. އެކުދިން އުޅޭގޮތަކާއިމެދު ސަމާލުކަންދޭނެ މީހެއްނެތެވެ. ހަނދުވަރުގެ އަލިން އުޖާލާވެފައިވާ ހަނިމަގަކުން ލާފައި ދެކުދިން މޫދާއި ދިމާލަށް އެރިލާފައި މުޒާގެއަތުގައި އޮތް ދަބަހުން ޖޫސްފުޅިތަކަކާއި ލުއިކާނާ ޕެކެޓްތަކެއް ނެގިއެވެ.
"ނަށާލީމަ ހޫނުވީވަރުން ރޫމަކަށްގޮސް ފްރިޖެއް ރެއިޑްކޮށްލައިގެން މިއައީ، މިޑްނައިޓް ސްނެކެއް ނަގާލަންވާނެތާ......" މުޒާ ދިއްކޮށްލި ޖޫސްފުޅީގައި ކަމީލާ ހިފަމުން ޝުކުރުއަދާކުރިއެވެ. އޭނަ ހުރީ ފުރިފައެވެ. މުޒާ ދެރަވެދާނެތީ ގަދަކަމުންނަމަވެސް ދިރުވާލަންކަމަށް ގަސްތުކޮށްފައި އޭނަ ފުޅީގައި ތުނބުޖެހިއެވެ. މުޒާ ފޯނާއި ކުޅެންފެށިއެވެ. އައްމާރުގެ ސަބަބުން ތަބީއަތު ޚަރާބުވެފައިވާއިރު މިރޭ ފެނުނު އެހެން މޫނަކުން މުޒާގެ ހިތުގެ ކަނެއްގައި ފޮރުވިފައިވާ ހަނދާންތަކެއް އާކުރުވިއެވެ. އެވަރަށް އޭނަ އާދޭސްކުރުމުންވެސް ހިތްހިލައަށް ހަދައިގެން ދުރަށް ދިޔައީތީ މުޒާ މިހިރީ ދުވަހަކު މާފުނުކުރަން ނިންމައިގެންނެވެ. ކަމީލާ ކުޑަކުއްޖެއްހެން އެތާ ދުވެދުވެފައި އުޅޭއިރު މުޒާ ބަލަން ހުރީ ހެވިލާފައެވެ.
ހައިޝަމްއާއި ލޫކަސް އަދި ލިއަމް އެއްތާކު ތިބެފައި ހައިޝަމް ދުރަށް ޖެހިލީ ހިތުދަސް ނަމްބަރަކުން ގުޅަންފެށީމައެވެ. އެތައް ޒަމާނެއްކޮށްފައި އެނަމްބަރުން ގުޅާފާނެކަމަކަށް އޭނަ ހިޔެއްނުކުރެއެވެ. އެއަޑުއިވުމުން ހިތް ނުތަނަވަސްވިޔަސް އެދައުވަތު ގަބޫލުނުކޮށް ނުހުރެވުނެވެ. އެހާވަރުން އޭނަ އެކަހެރިތަނަކަށް ގެންދިޔުމުގެ މާނައަކީ ކޮބާހެއްޔެވެ؟ މާޒީގެ ދުވަސްތައް އަލުން އިޢާދަކުރާކަށް ދެމީހުންވެސް ބޭނުމެއްނުވާނެއެވެ. މިހާރު ދައްކަން އޮތީ ކޮން ވާހަކައެއް ހެއްޔެވެ؟ ތިމާގެ ކުށެއްނެތްކަން ސާބިތުކުރަން ހެއްޔެވެ؟ އަތުގައި ހުރި މޮކްޓެއިލް ތަށި ބޮމުން ހައިޝަމް ދުރަށް ދާން ހިނގައިގަތެވެ. އެންމެންގެ ލޯތަކަށް ސިއްރުން އޭނަ ގޮނޑުދޮށަށް ފޭބިއިރު ދައުވަތުދިން ފަރާތް ފެންނާކަށްނެތެވެ. މުޅި ހިސާބަށް ހަނދުވަރުގެ ނަލަ އަލިކަން ފެތުރިފައިވަނީ ބަލާބަލާ ފޫހިނުވާވަރަށެވެ. ފެނުނީ އެންމެ ދެކެން ބޭނުންވާ ފަރާތެވެ. ކަމީލާއެވެ. ކަކޫތާފެނަށް އެރިގެން ހުރެ ދެއަތުން ލޮނުގަނޑާއި ކުޅެމުންދިޔަ ކަމީލާ ފެނިފައި ހައިޝަމްގެ ހިތް އަވަސްވެލައިފިއެވެ. ހައިޝަމްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވުމާއިއެކު ހުސްވެފައިވާ ޖޫސްތަށި އަތުން ދޫވެ ލުއިއަޑަކާއިއެކު ދޮންވެލިގަނޑުމަތީގައި ޖެހުނެވެ.
މެހުމާނުންތައް މުޅިންހެން ހުސްވާން ފެށިއިރު ކަމީލާ ފެންނަން ނެތުމުން އެންމެ ފުރަތަމަ އެވާހަކަ ފެށިމީހަކީ މެހްވިޝްއެވެ. މެހްވިޝް ކަންބޮޑުވެގެން އުޅެގަތުމުން އެންމެންވެގެން ކަމީލާ ނުފެނިގެން އެތަންމިތަން ހޯދަންފެށިއެވެ. ލޫކަސްއަށް ފާހަގަވީ ހައިޝަމްވެސް ނެތްކަމެވެ. ދެމީހުންގެ ދޭތެރޭގައި ސިއްރުގުޅުމެއް އޮތަސް މިހާ ޕަބްލިކް ތަނެއްގައި ދެމީހަކު އެކަހެރިވެލާނެ ހެނެއް ހިޔެއްނުވެއެވެ.
"އެދެމީހުން އެއޮތް ސަފާރީއަކަށް ނާރާތަ؟ އަހަރެމެން ތަޅުވާލަން ކުރިކަމަކަށް ވާނީ، އެހެންނޫނަސް ހައިޝަމްއަކީ ކަމީލާގެ މާ ގާތް ފްރެންޑެއްނު، ޕްރެގްވީމަވެސް އެންމެ ކުރިން އެނގުނު މީހަކީ އެއީ ކަމަށް ވަނީ....." ޖައިދަން ބުމަ އަރުވައިލަމުން ބުނެލިއެވެ. އައްމާރު، ޖައިދަން، އިޔާޝް، ލިއަމް އަދި މެހްވިޝް ގޮނޑުދޮށަށް ފޭބީ ކޮންމެހެން އެފަދަ މަންޒަރެއް ފެނިދާނެކަމަކަށް ނޫނެވެ. މިއުޒިކްގެ އަޑު ކެނޑިފައި އޮތުމުން އެހާ ހިމޭން މާހައުލެކެވެ. ރާޅުޖެހޭ ހިސާބުގައި ހައިޝަމްއާއި ކަމީލާ ބައްދާލައިގެން ފުންނިދީގައި ތިއްބެވެ. ހައިޝަމް އެކަނި ބޮކްސާލައިގެން އޮތްއިރު ކަމީލާގެ ހަށިގަނޑު ނިވާކޮށްލައިފާވަނީ ހައިޝަމްގެ ގަމީހުންނެވެ. ކަމީލާގެ ބުޅި އިސްތަށިގަނޑު ވެލިގަނޑުމަތީގައި ވަޔާއިއެކު ވިހުރެމުންދާލެއް ރީތިކަމުން ހައިރާންކުރުވާހާވެއެވެ. އެދޮންފަޔާއި މޫނުގައި ހަނދުވަރުގެ އަލި ކުޅެލާއިރު އޮމާންކަމުގެ މިސާލެކެވެ. ލިއަމް ގަތްލަދާއި ރުޅި ބަޔާންކުރަން ދަތްޗެވެ. ފަހަތަށް ޖެހިލުމާއިއެކު އޭނަ ބޭނުންވީ މިތަނާއި ވީހާވެސް ދުރަށް ދާށެވެ. އެހެންނޫނީ އަތުން ފައިން ގޯހެއް ހެދިދާނެއެވެ. ހައިޝަމްގެ ލަދުކުޑަކަމާއި ގޮތެއްނެތްކަން ސާބިތުވީ އޭގެވެސް އެންމެ ބޭނުން ނުވާ ގޮތުގައެވެ.
"ސަން އޮފް އަ ބިޗް، މަގޭ ވައިފްނޫން މީހަކު ކަލެއަށް ހަމަ ނުފެނުނީތަ؟ " ޖައިދަން ހަޅޭއްލަވައިގެންފާ ގޮސް ހައިޝަމްގެ މޫނުމަތީގައި ގޮށްމުށުން އެތިފަހަރުތައް ބާލަންފެށިއެވެ. ހައިޝަމް ދެލޯ ހުޅުވާލާފައިވެސް ބަލިކަށިވިއެވެ. މޫނާއި ދިމާލަށް އަތްއުފުލައިލުން ފިޔަވާ އަމިއްލަ ދިފާޢުގައި މާބޮޑުކަމެއް ނުކުރެވުނެވެ. އެކަން ހުއްޓުވާކަށް އެކަކުވެސް ނޫޅެ ހިތާހިތުން ހިތްވަރުދިނެވެ. އައްމާރުވެސް ކޮއްކޮގެ ހާލަށްޓަކައި ހަމްދަރުދީވިއެވެ. މުޒާ އެގޮތަށް އެހެން މީހަކާއިއެކު ނިދަން އޮތްތަން ފެނުނުނަމަ އެންމެ އެތިފަހަރަކުން ނިންމާލާނެއެވެ. ކަމީލާ ހޭލެވިގެން ވަށައިގެން ބަލައިލުމާއިއެކު އެންމެ ފުރަތަމަވެސް އުޅެގަތީ ހަށިގަނޑު ނިވާކުރާށެވެ. ލަދުންނާއި ވީދެރައިންގޮސް ކަމީލާ އަނެއްކާ އަނބުރައިނުގަތީ ކިރިޔާއެވެ.
އެހާދިސާގެ ސަބަބުން އެރޭ އެތައް ބަޔެއްގެ ގުޅުމުގައި ރެނދުލައި ހިތްތަކުގައި ނުފިލާފަދަ ކޫރުމެއް އަޅުވައިފިއެވެ. ހައިޝަމްއާއި ކަމީލާގެ އަގުވެއްޓި ދެމީހުން ބަދުނާމުވިއެވެ. މެހްވިޝް އެހާވަރަށް ތައުރީފުކުރި އަންހެންކުއްޖާގެ ހަގީގަތް އެނގުމުން މެހްވިޝްގެ ހިތުގައި އޮތްހާ ގަދަރެއް ވެއްޓި ހިތާހިތުން މަލާމާތްކުރިއެވެ. އޭނަ އަބަދުވެސް ބުނާ ވާހަކައަކީ އެއީއެވެ. އަޅާހެދުމަކުން މީހާ ދެނެގަތުމަކީ ވާނެކަމެއް ނޫނެވެ. ހުރިހާވެސް އެއްޗަކީ މީހާގެ ހިތެވެ.
އެރޭ އެއާއިލާގެ އެންމެން ވޭތުކުރަން ހަމަޖެހުނީ އެރިޒޯޓްގެ ކޮޓަރިތަކުގައެވެ. ޖައިދަން ކަމީލާ އަތުލަފިކޮށްގެން ކޮޓަރިއަށްވަންއިރު އޭނަހުރީ ތަންކޮޅެއް ފިނިވެ ހަމަޖެހިލާފައެވެ. ކަމީލާ އިސްތަށިގަނޑުގައި ހުރި ވެލިފިލުވައިލާ ފެންވަރާލައިގެން ނުކުތްއިރު ހީކަރުވައިގެން ރޫރޫއަޅަމުންދާތަން ފެނިފައި ޖައިދަން ރަޖާ އޮޅާލަދިނީ އަޅާލާ ފިރިޔެއްހެންނެވެ. ކަމީލާ އެނދުގައި ޖައްސާލިގޮތަށް ކަންނޭލުގައި ބައްދާލިއެވެ. އޭރުވެސް ކަމީލާގެ ލޮލުން އޮހެމުންދާ ކަރުނަތައް ނުހިފެހެއްޓެއެވެ.
"ހާދަ ހެއްވައޭ، އަހަރެން މިއީ އެންމެ ރުޅިއަންނަން ޖެހޭނެ މީހާ ދޯ، އަހަރެންގެ އަންހެނުން އެހެން ފިރިހެނަކާއިއެކު އޮތްވާ މަގޭ ފެމިލީއަށް ފެނުނީމަ އަހަރެން ކިހާ ސަކަރާތްވާނެ، ދުވަހަކު އެ މަންޒަރު ހިތުން ފިލުވައިނުލެވޭނެ، ދެން ކަމީލާ ކޮން ރުއިމެއް ރޯކަށްތަ؟ މަށެއްނު މިތާ ރޯންޖެހިފައި މިވަނީ، ދެމީހުން ހިތް އުފާކުރުމަށްފަހު އަތިރިމަތީގައި ނިދާލަން، ހައު ރޮމެންޓިކް، އެހެންވެ ކުރީފަހަރުވެސް އެމީހާއަށް އެޓޭކް ކުރީ، އޭނަ ގާތު ބުނާތި ޑޮކްޓަރަކަށްވެހުރެ މީހުންގެ އަނބިން ކާރިއަށް ވަންނަންވެއްޖެއްޔާ އެންމެފަހުން ހޭއަރާނީ އައިސީޔޫއަކު ނޫނޭ، ކަށްވަޅުގައޭ، އޭނަ ހުސްހަށިބަޔަށް އެހެރީ ކީއްވެކަން ނޭގޭ މީހެއް މިހާރު މަދުވާނެ، ގަދަކަމުންވެސް މީހަކާއި ދެވަންވީނު، އެހެޔޮ އަހަރެމެންގެ ނެއިބަރއަކަށް އުޅޭ މޮޔަ ދަލޭކައާއިވިޔަސް......" ޖައިދަން އެނދުގެ މަގަތުގައި އިށީނުމުން ކަމީލާގެ މެޔަށް ފިނިފެން އެއްޗެއް އޮއްސާލެވުނުހެން ހީވިއެވެ. ޖައިދަންގެ ފަރާތުން މިރޭ އެއްވެސް ގޯނާއެއް ކުރިމަތިވާކަށް ހިތެއް ނޭދެއެވެ.
ކަމީލާ ކަރުނުން ފުސްވެފައިވާ ދެލޮލުން ގަޑިއަށް ބަލައިލިއިރު ދަންވަރު ދޭއްޖަހައިފިއެވެ. ޖައިދަން އޭނައަށް ގޯނާކުރަން ނޫޅެ ބޮކިތައް ނިއްވާލީ ވެފައިހުރި ވަރުބަލިކަމެއްގެ ސަބަބުންކަން ނޭގެއެވެ. ޖައިދަން ޖެހުނުގޮތަށް ތަންޑާ އެރިނަމަވެސް ކަމީލާއޮތީ ދެލޯ ތަންމިނަށް ހުޅުވައިގެންނެވެ. މަންމަގެ ކަންފަތަށް މިޚަބަރު ފޯރާއިރަށް ވެދާނެ ގޮތަކާއިމެދުވެސް ބިރުހީވިއެވެ. އޭނަ ދައްކާ ވާހަކައެއް މަންމަ ގަބޫލެއްނުކުރާނެއެވެ. ހައިޝަމްއާއިއެކު އޭނަ އެހިސާބަށް ދިޔައީ ކީއްވެކަމެއް ވިސްނަ ވިސްނާ ނޭގުނެވެ. ދެމީހަކު އެކަނިވެލާއިރަށް ޝައިތާނާގެ ބަހަށް ހެއްލޭގޮތްވަނީ ކީއްވެހެއްޔެވެ؟ އެފަދަ އިހުސާސްތަކުގެ މައްޗަށް ބާރު ނުފޯރެނީ ކީއްވެހެއްޔެވެ؟ ފުރަތަމަ ލޫކަސްއެވެ. ދެން ހައިޝަމްއެވެ. ދެފަރާތަށް ފުރޮޅިފުރޮޅި އުދަގޫގޮތަކަށް އޮތްއިރު ދޭތެރެއަކުން ދެލޯ ބަރާވަނީ ކަރުނުންނެވެ.
ޖައިދަން ހޭލިއިރު އެގާރަޖަހައިފިއެވެ. ހެނދުނުގެ ބޮޑުބައި ހޭދަވީ ނިދުމުގައެވެ. އޭރުވެސް ކަމީލާގެ ލޮލަށް ނިންޖެއް ނާދެއެވެ. ފަތިހު ހޮޑުލައިލައި ހަލާކުވާވަރުވިއެވެ. އަދި ބޮލަށް ވަމުންދާގޮތަކުން ކަމީލާ ބިރުގަތެވެ. ބަލިވެއިނދެގެން ކުރީކޮޅު ނުވާހާ އުދަގޫތަކެއް ކުއްލިއަކަށްވާން ފެށީމަ ކަމީލާ ހުރީ ބިރުގެންފައެވެ. ރޭގައި ކެވުނު އެއްޗަކުން ވެގެން އުޅޭގޮތެއްހެއްޔެވެ؟ ތަފާތު ގައުމުތަކުގެ ކެއުންތައް ހުރީމަ ނުގުޅުނީކަން ޔަގީނެވެ. ފްރިޖް ކާއެއްޗެހިން ބަރާކޮށްލާފައިވިޔަސް ކަމީލާ ކެއީ އެކަނި އައިސްކްރީމެވެ. އޭނަ ހުރީ ރަގަޅު ނާސްތާއެއްވެސް ކޮށްލަން ބޭނުންވެފައެވެ. ޖައިދަން އެދުނީ އޭނައާއި އެކީގައި މޫދަށް ދިއުމަށެވެ.
"އަހަންނަށް ނުކެރޭނެ..." ކަމީލާ ދެކޮޅުހެދިއެވެ.
"ނުކެރޭ މީހެއް ނޫން ތިއީ، އެންމެން ކުރިމަތީގައި ބިޓުގެ ގަމީސްއެކަނި ލައިގެން އުޅުނީ، ޗީ ޗީ، އެކަމަކު އުޅޭނެ ކަޅުހެދުން ނުލެވިގެންނޭ ކިޔާފައި، ކަޅުހެދުން ލައިގެން ތިބެނީ ދީންވެރި މާތްކުދިންކަން ކަމީލާއަކަށް ނޭގޭތަ؟ މަ އެހެދުން ބޭލުވީވެސް ކަލޭ ތިއީ އެހެދުމާއި އެކަށީގެންނުވާ މީހަކަށްވާތީ، އެކްޓްކުރިޔަސް ދެން ގަބޫލެއްނުކުރާނަން، ފާޑުފާޑުގެ ބަހަނާނުދައްކާ ދާން ހިނގާ، މަވެސް ބޭނުން އެގޮތަށް އުޅެލަން، އަހަންނާއިއެކު ކަމެއްކޮށްލަންވީމަ އިނޮސެންޓްވާއިރު ޅަކުއްޖެކޭ އެއްވަރު........." ޖައިދަން ކަމީލާގެ އަތުގައި ހިފާފައި އެނދުން ނެގިއެވެ. ކަމީލާ ރޭ ހިއްކަން އެޅުވި ސްކާފާއި ހެދުން އޮތީ ހިކިފައެވެ. އެހެދުން ގަޔަށް މަހާލައިގެން މަޖުބޫރީވެފައިހުރެ އޭނަ ޖައިދަންއާއިއެކުގައި ކޮޓަރިން ނުކުތެވެ. އިރުގެ ގަދައަވިން ހީވަނީ ބިންގަޑުވެސް ދޮންކޮށްލާފައިވާހެންނެވެ. ޖައިދަން ސަންސްކްރީން ފުޅިދިއްކޮށްލާފައި އެދުނީ ލޯޝަން ލާދިނުމަށެވެ. އެކަނި ސޯޓުގައި ހުރިއިރު އެރީތި ހަށިގަނޑުވަނީ ހާމަޔަށެވެ. ކަމީލާ ލޯޝަންލާދޭން ހުރެފައި އެނބުރި ބަލައިލިއިރު ލޫކަސްވެސް ކޮޓަރިއަކުން ނުކުތީއެވެ. ދެމީހުންގެ ހަތަރުކަޅި ހަމަވުމާއިއެކު ލޫކަސް ވަގުތުން ކޮޓަރިއަށް ވަދެ ނިވާވެލިއެވެ. ކަމީލާގެ ހިތަށް ތަދުވިވަރުން ލޮލުގައި ކަރުނަ ހިނގާލިއެވެ.
"ފަތަން އެނގޭތަ؟ "ޖައިދަން އަހައިލިއެވެ.
"ނޭގޭ...." ކަމީލާ އިސްޖަހައިލިއެވެ. އެވަގުތު ޖައިދަން އެނބުރި ބަލާލިއިރު ކަމީލާގެ ލޮލުގައި ކަރުނަ ބަބުޅާތަން ފެނުނެވެ.
"އަދިވެސް އެކަމާއި ރޮނީ؟ ލީވްއިޓް، އަހަންނަށް އެނގޭ ކަމީލާގެ ބޮލަށް އެރިގެން ހައިޝަމް ކުރުވިކަމެއްކަން އެއީ، އެހެންވެ އަހަރެން އޭނަތަޅާ ތިރިކޮށްލީ، އެހެން މީހުން ތިބިކަމީ އޭނަގެ ނަސީބު، އެހެންނޫންނަމަ ރޭ މަގޭ އަތުން އޭނަ މަރުވާނެ، ކަމީލާ ނޫން މަގޭގާތު ކުށްވެރިވީ......" ޖައިދަން ހީވަނީ ބަދަލުވެފައިވާ އިންސާނެއްހެންނެވެ. ކަމީލާދެކެ އޭނަ އަންނަ ރުޅިވެސް އެހާދިސާގެ ސަބަބުން ފިނިވެއްޖެކަހަލައެވެ. ޖައިދަން ކަމީލާގާތު ލޯޝަންލައިގެން އަތްވަށް ނިކުންނާން އެދުނެވެ. އެހެންނޫނީ ކަމީލާގެ ރީތި ހަން އަނދާފާނެކަމަށާއި އެހެންވާން ބޭނުން ނޫންކަމުގައި ބުނެލީ ފާޑަކަށް ހީލާފައެވެ. ކަމީލާއަށް ޖަވާބު ނުދެވިގެން އުޅެނިކޮށް އެފުޅިއަތުލާފައި ކަމީލާގެ މޫނުގައި ލާދޭންފެށިއެވެ. އެމީހުން އެތާތިއްބާ މުޒާ ދުވަމުން އައެވެ. މުޒާހުރީ ސޯޓްކޮޅަކާއި އަތެއްނެތް ޓޮޕެއް ލައިގެންނެވެ. އޮމާން ދިގުދެފައި ނިމުމެއްނެތްފަދައެވެ. ޖައިދަންވެސް އެ ރީތިފަޔަށް ބަލައިލީ ތައުރީފުގެ ނަޒަރަކުންނެވެ. މުޒާ އައިގޮތަށް ކަމީލާގެ ގައިގާ ބައްދާލިއެވެ.
"އާރ ޔޫ އޯލްރައިޓް ޑާލްސް؟ އަހަރެން ހާދަ ދެރަވިއޭ، އައިތޯޓް ހީވޯޒް އެ ޖެންޓްލްމޭން، އެކަމަކު ހައިޝަމްއަކީގޮތެއް ފޮތެއް ނެތް މީހެއް، އޭނަ ހަމަ ކައްމި ރޭޕްކޮށްލީތަ؟ ނޫނީ ކައްމި އޭނައަށް ފޯލްވީތަ؟ ދެމީހުން އެހާ ފްރެންޑްކަން އެނގުނީމަ އަހަރެން ދުރަށް ދިޔައިރު ހިތަކަށް ނާރާ އޭނަ އެފަދަ ކަމެއް ހިންގާލާނެއޭ، އަންހެންކުދިން ސްކޭންކުރާކަށް ނޫން އެކަނި ކުޅަދާނައީ، ޗާމިންކަމުން ހިތްތައް އޮޅުވާލަންވެސް އެނގޭ......" މުޒާ ހީލާފައި އެހެން ބުނެފައި ޖައިދަންގެ އަތުން ލޯޝަންފުޅި އަތުލިއެވެ. ހައިޝަމްއާއި ކަމީލާ ކޮންމެފަދަ ގުޅުމެއް ބޭއްވިޔަސް މާބޮޑުކަމަކަށް މުޒާ ނަހަދާނެއެވެ. އެހާ ޒަމާނީކުދިންގެ ހުންނާނީ ހުޅަނގުގެ އާދަކާދައެވެ. ލައިގެންހުރި ހެދުމުންވެސް އެކަން ހާމަވެއެވެ. ދޮންވެލިގަނޑު މަޑުކަމުން އަޅާ ކޮންމެ ފިޔަވަޅަކާއިއެކު ކަމީލާގެ ފައިތިލަ ގަނބައިގެންދާ ވަރުވެއެވެ. ވަކި ހިސާބަކަށް ހިނގާލާފައި އޭނަ ގޮސް އިށީދެލީ ބީޗް ޗެއަރ އެއްގައެވެ. މުޒާ އުޅޭލެއް މަޖާކަމުން އެދިމާލަށް ބަލަންހުރިއިރު މުޒާއެކޭ އޭނައެކޭ މާބޮޑުތަފާތެއް ނެތްތާއޭ ކަމީލާގެ ހިތަށް އެރިއެވެ. މުޒާއަކީ ހުޅަނގުގެ ތަހުޛީބުގެ އަވައިގާޖެހިފައިވާ ކުއްޖެކޭ ބުނާއިރު އޭނަމިއުޅެނީ ވަކި ރަގަޅަށްހެއްޔެވެ؟ މަންމަމެން އެހާ ވަރަށް ދަސްކޮށްދީފައިވާއިރު ހައްތަހާ ކުރެވެނީ ފާފައެވެ. އެކަންތައް ކުރަން ބޭނުންނުވާއިރުވެސް ޝައިތާނާ ހުންނަނީ ފާރަޔަށެވެ. ބަލިކަށިވާވަގުތު ޝައިތާނާ އިންސާނާ މަގުފުރައްދާލައެވެ. އަމިއްލަ ނަފުސްދެކެ ކަމީލާ ފޫހިވިއެވެ.
"ޕްރެގްވީވެސް ހަލާލުގޮތުގައެއް ނޫން، ރޭވެސް އެކުރީ ފާފަ، ވާނުވާ ނޭގެނީވެސް ފިރިހެނުންނާއި ގާތްކަން ބާއްވާތީ، އެހެން ވީ ކިހިނެއްތަ؟ އަހަރެން އެހާ ރަގަޅަށް ހަނދާނެއްވެސް ނެތް....."ކަމީލާ ސިކުނޑިއަށް ބާރުލަމުން ވިސްނައިލިއެވެ. ޖައިދަންއާއި މުޒާ މޫދުގެ ލޮނުގަނޑުތެރޭގައި ސަކަރާތްޖަހަން ތިބިއިރު ފިކުރެއް ޚިޔާލެއްނެތް ފަދައެވެ. ޖައިދަންއަށް ބައިވެރިޔަކު ލިބިއްޖެތާއެވެ. ކަމީލާ ޚިޔާލެއްގައި އިންދާ ޖައިދަން މޫދުން އަރައިގެން އައެވެ. ފެންތިކިތައް އެހަށިގަނޑުގައި ބޮސްދީފައި ތިރިއަށް ދެމިގެންދާއިރު ވަރަށް ރީއްޗެވެ. ޖައިދަންއަށް ބަލަހައްޓައިގެން ގެއްލިފައި އިންއިރު ކަމީލާއަށް ޖައިދަން ފެނުނީވެސް ލޫކަސްގެ ގޮތުގައެވެ. ޖައިދަން ހުރީ ފަޚުރުވެރިވެލާފައެވެ. ކަމީލާ މިވީހާތަނަށް އެގޮތަށް އޭނައަށް ބަލާފައެއް ނުވެއެވެ. ހީވާގޮތުން ކަމީލާވެސް އަދި އޭނައާއިހެދި މޮޔަވާނެއެވެ.
"ކަމީލާ، އެހެންކުދިން ޕްރެގްވީމަ ތަންކޮޅެއް ފަލަވެލާފައި ރީތިވޭ، މިކުއްޖާގެ ބަނޑެއްވެސްނެތްތާ ހީވަނީ ވަޔާއި ގޮސްދާނެހެން. ދޭބަލަ ރެސްޓޯރެންޓަށްގޮސް ކައިގެން އަންނަން، ހެނދުނު ތެދުވުނުގޮތަށް ނުކައި ތިހިރީ......" ޖައިދަންގެ ޖުމްލައާއިއެކު ކަމީލާ އަވަސްއަވަހަށް ތެދުވިގޮތުން ހީވީ މިތަނުން ދާނެ ފުރުސަތެއްނުލިބިފައި ހުރިހެންނެވެ. ކަމީލާ ކޮޓަރިއަށް މިސްރާބުޖެހިއެވެ. ފައިވާން ދެއަތަށް ނަގައިގެން ހުރެ ހުސްފަޔާއިގޮސް ލޫކަސް ނުކުތް ކޮޓަރިއާއި އަރާހަމަވެފައި ކަމީލާ މަޑުޖެހިލިއެވެ. މިއީ ރަނުގެ ފުރުސަތެކެވެ. ކަމީލާ ނެތްހިތްވަރުކޮށްލާފައި ދޮރުގައި ދެތިންފަހަރު ޓަކިޖަހާލާއިރަށް ދޮރުހުޅުވާލީ އޭނަގެ ފުރާނަފަދަ ލޯބިވެރިޔާއެވެ. ހެނދުނު މޫދުގައި ވަގުތުހޭދަކޮށްފައިވާކަން ނޭގެއެވެ. އެމޫނަށް ރަންކުލައަރާފައިވާއިރު އިސްތަށިގަނޑު ތެތްކޮށްއޮތުމުން އެހާ ތާޒާއެވެ. ޖެހިލިވައިރޯޅިންވެސް ކަމީލާގެ ނޭފަތުގައި ހަރުލީ މީރުވަހެވެ. ކުރިމަތީގައި މިހިރީ ކަމީލާގެ ހަޔާތް އެމީހަކާއިއެކުގައި ވޭތުކުރަން ހިތްއެދޭ އެކަނި ފަރާތެވެ. އެކަމަކު އެދޭތެރޭގައިވަނީ ބީރައްޓެހިކަމުގެ ފާރެކެވެ. އެފާރުހައްތަހާ ބޯވަމުން އަންނަކަން އިހުސާސްކުރެވި ކަމީލާގެ ހިތްކުދިކުދިވަނީއެވެ. ނަސީބު އޭނައާއި އެހީތެރިވުމުގެ ބަދަލުގައި ހައްތަހާ ފަޅުވީރާނާ ޖަންގައްޔާއި ދިމާލަށް އޭނަ ގެންދަނީއެވެ. ލޫކަސް އުޅުނީ ދޮރުލައްޕާލާށެވެ.
"ފައިވް މިނިޓްސް ޕްލީޒް...." ކަމީލާ އާދޭސްކުރާފަދަ ގޮތަކަށް ބުނެލިއެވެ.
ލޫކަސް ފޯނަށް ބަލައިލިގޮތުން އޭނަ އެހެރީ ވަރަށް ފޫހިވެފައިކަން އެނގި ކަމީލާގެ ހިތަށް ބަރުދާސްތުނުކުރެވޭވަރުގެ ވޭނެއް ލިބުނެވެ. ހިތާއިހިތުން ރޮއިގަނެވުނެވެ. އެންމެން އޭނަދެކެ ރުޅިއަޔަސް ލޫކަސްގެ ރުޅިއަށް އޭނަ ކެތްކުރާނެ ގޮތެއްނޭގެއެވެ. އެންމެން އެކަނިކޮށްލިޔަސް ލޫކަސްގެ ވަކިވުމަކަށް އެހިތަށް ކެތްނުކުރެވޭނެއެވެ. މިއީ އޭނަގެ ފުރާނައެވެ. ހިތުގެ ވިންދެވެ. އުފަލެވެ. އޭނަގެ ކޮންމެ އުފަލެއް ގުޅިފައިވާ އެކަނި ފަރާތެވެ.
"ލޫކް، ސޮރީ ފޯރ އެވްރީތިން، އަހަންނަށް އެނގޭ އަހަރެން ކޮންމެ އެއްޗެކޭ ބުންޏަސް ލޫކަސް ގަބޫލުނުކުރާނެކަން، އެކަމަކު....." ކަމީލާ ނޭފަތްދަމައިލިއެވެ. ލޫކަސް ދެންވެސް ޚިޔާރުކުރީ ހިމޭންކަމެވެ. ހިމޭންކަމުގެ ބަސްމޮށުން ކަމީލާގެ ހިތަށް ކުރި އަސަރު އިތުރުވިއެވެ. އެމޫނުން ފެންނަނީ ނުރުހުމުގެ އަސަރުތަކެވެ. އެރީތި ދެލޮލުގައި އޭނައަށްޓަކައި ރުޅިވެރިކަން ނޫންއެއްޗެއް ނުވެއެވެ.
"އަހަރެން ޕްރެގް، ސްކޭން ހެދީމަ އެކަން އެނގުނީ، ލޫކްގެ ބޭބީއެއް މިއީ......" ކަމީލާގެ ޖުމްލައާއިއެކު ލޫކަސްގެ މޫނުމަތީގައިވި ރުޅިވެރިކަން އެއްފަހަރާ ނެތިގެން ދިޔައެވެ. އެތައް އަސަރުތަކުން އެމޫނުގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެޖުމްލަ އޭނަގެ މޫޑާއި ޖަޒުބާތާއި ކިތަންމެވަރަކަށްވެސް ކުޅެލައިފިއެވެ. ލޫކަސް ކަމީލާގެ އަތުގައި ހިފާ އެތެރެއަށް ވައްދާފައި ތަންޑުއެޅިއިރު އެހެންމީހަކަށް ފެނިދާނެތީ ޖެހިލުމެއްނުވިއެވެ. އެހެންލާފައި ހުރަސްކުރި އައްމާރުގެ ސިކުނޑީގައި ސުވާލުމާކްތަކެއް ޖެހުނެވެ.