ކަމީލާގެ ލޮލުން އޮހެމުންދާ ކަރުނަތައް މިކާލްއަށް ފެނުނެވެ. އެތުއްތު އިނގިލިތަކުން ކަރުނަތައް ފޮހެލަދެމުން މަންމީ ދެރަނުވާށޭ ބުނެލީ އުދަގޫ ގޮތަކަށެވެ. އެއްއިރެއްގައި ހަމަ މިގޮތަށް ލޫކަސްވެސް އޭނަގެ ލޮލުން ކަރުނަ ފޮހެދިނެވެ. ކަމީލާގެ ހިތް ފުރި ބަންޑުންވީ ކުރި އަސަރަކުންނެވެ.
ކަމީލާ އުޅެއުޅެ ޖައިދަންއަށް ގުޅޭގޮތެއް ނުވުމުން މެސެޖްކުރިއެވެ. އެވަރުން ކަމީލާގެ ވާޖިބު އަދާކުރެވުނީކަމުގައި އޭނަދެކުނެވެ. މިކާލް ބަލިވެއުޅެނިކޮށް މެހްވިޝް އެގެއަށް އައިއައުން ވެގެން ދިޔައީ އެމީހުންގެ ދިރިއުޅުމަށް އެދެވޭ ބަދަލެއް ގެނުވިކަމަކަށެވެ. މެހްވިޝް ނިންމީ ކަމީލާއާއި މިކާލް "މެހްވިޝްވިލާ" އަށް ގެންދިޔުމަށެވެ. ޖައިދަން އިންތިހާއަށް ރުޅި އަންނާނެކަން އެނގިގެން ނުދާންވެގެން ކަމީލާ ދެކޮޅުހެދިއެވެ. ޖައިދަންގެ ހުއްދަނެތި ދާން ނުކެރޭނެކަމަށް ބުނެލިއެވެ.
"ދަރިފުޅާ، މަންމައަށް ޓްރަސްޓްކޮށްބަލަ، އޭނައަށް ނުކެރޭނެގޮތެއް ހަދާލަން، އޭނަ އަތްއިސްކޮށްފިއްޔާ މިއޮތީ ފޯނު، ފުލުހުންނަށް ގުޅާކަށްވެސް ފަހެއްނުޖެހޭނަން، ހިތްވަރުގަދަ ކުއްޖަކަށްވާންވާނެ......" މެހްވިޝްގެ އަޑުގައިވި ޔަގީންކަމަކީ ކަމީލާއަށް ލިބުނު ހިތްވަރަކަށްވިއެވެ. މެހްވިޝް އަމިއްލައަށް މިކާލްގެ ދަބަސް ޕެކްކޮށްލަދޭން އިނދެ ކޮންމެވެސް ވަރަކަށް އޭނަގެ މާޒީ ހިއްސާކުރިއެވެ. އޭނަގެ އުފާވެރި މޫނު ފެނިފައި އެއްވެސް އިރެއްގައި ހިތާމައިގައި އުޅުނު މީހެއްހެން ހިޔެއްނުވެއެވެ. އަންހެނުންނަކީ މަޖުބޫރީ ބަޔެކެވެ. މެހްވިޝްގެ ހަޔާތުގައިވެސް އެފަދަ އުދަގޫ އަހަރުތަކެއް ތަޖުރިބާކޮށްފައިވެއެވެ. ރީތިމީހަކަށް ނުވިނަމައޭ ހިތަށް އެރިފަހަރު މަދެއްނޫނެވެ. އެހާވެސް ފިރިހެނުންގެ ފަރާތުން އުދަގޫތައް ޖެހުނެވެ. މެހްވިޝްގެ އެންމެ ބޮޑު ސިއްރު ކިޔައިދިނުމުން ކަމީލާ ސިހުނުވަރުން ބުނާނެ އެއްޗެއްވެސް ނޭނގި ބަލަހައްޓައިން އިނދެވުނެވެ. އެވަރުގެ ހަގީގަތެއް އޭނަގެ ކާރީގައި ހާމަކުރާނީ ވަރަށް އިތުބާރުކުރެވުނީމައެވެ.
"އައިމް ސޮރީ މަންމާ، އެކަމަކު އިންސްޕަޔަރ ވެއްޖެ......." ކަމީލާ ފަހުންވެސް އިނީ އެވާހަކަ ގަބޫލުކުރަން އުދަގޫވެފައެވެ.
އެންމެންގެ ދިރިއުޅުމުގައިވެސް އެފަދަ ބޮޑެތި ސިއްރުތަކެއް ފޮރުވިފައިވަނީ ހެއްޔެވެ؟ މެހްވިޝްގެ ލޯބި ކާމިޔާބުކުރީ ސިހުރުހަދައިގެންނެވެ. ސިހުރުން މީހާގެ ހިތް ބަދަލުވާނެއެވެ. ނަމަވެސް ފަންޑިތައިގެ ބާރުގައި ލޯބި ހޯދޭނީ ދުވަސްކޮޅަކަށެވެ. ފަންޑިތައިގެ އަސަރު ކެނޑުމުން އެމީހަކުދެކެ އިންތިހާއަށް ރުޅިއަންނާން ފަށާނެއެވެ. ވީއިރު އެފަދަ ރޫހާނީ ބާރުތަކުގެ މަދަދު ހޯދުމުގެ މާނައަކީ ކޮބާހެއްޔެވެ؟ ޖައިދަންވެސް އެހެރީ އޭނަ ގެހިތް އަތުލަން ދެފައި ވިއްދާލާފައެވެ.
ކަމީލާ މެހްވިޝްވިލާއަށް އަށް އައިގޮތަށް ޖައިދަން އެނބުރި ނައުމަށްއެދި ދުޢާކުރިއެވެ. ކުރީކޮޅު އެކަނި އިންދާ ދޮރުގެ ބެލްޖަހައިލި އަޑުއިވުނަސް ކަމީލާ މޭގަނޑު އަނގަޔަށް އަންނަވަރުވެއެވެ. ބޫޓެއްގެ އަޑުއިވުނަސް ޖައިދަން ކަމަށް ހީކޮށް ކުޑަވާގޮތްވެއެވެ. ނަމަވެސް މެހްވިޝް އެހާވަރަށް ޔަގީންކަން ދިނުމުން މިއީ ރައްކާތެރިކަމުގެ ކިއްލާއެއްކަމަށް ހީކުރެވެންފެށިއެވެ. އެހެން ހުއްޓާ ދެވަނައަށްވީ ދުވަހު މެސެޖެއް ލިބުނެވެ.
"ބޭބީ، މިހިރީ އެހެން ކޮންޓިނެންޓެއްގައި، ވިލް ބީ ބެކް އާފްޓަރ އެ ވީކް، އައުމަށްފަހު އުފާވާ ވަރުގެ ސަޕްރައިޒެއްދޭނަން، މިކޮޅަށް އައީމަ ވަރަށް މިސްވެއްޖެ......." ޖައިދަންގެ މެސެޖް ކިޔާލާފައި ކަމީލާ މާޔޫސްވެ މޫނުގެ ކުލަ އޮއްސުނެވެ. އޭގެ މާނައަކީ އަދިވެސް ޖައިދަން ދުނިޔޭގައި ހުރިކަމެވެ. އޭނަގެ މަތިން ހަނދާންވެގެން އުޅޭނެކަމެއްނެތެވެ. އެހެންތަނެއްގައޭ ކިޔާފައި އޭނައަށް ފާރަލަން އެފިރިހެނާ އުޅެނީ ކަމަށްވެސް ވެދާނެއެވެ. އެދުވަހު ޓީވީބަލަން އިންދާ އެއަރލައިންއެއް ވެއްޓުނު ޚަބަރު އިވިފައި އެއިން ޖައިދަން ދަތުރުކުރިނަމައޭ ވެސް ހިތަށް އެރިއެވެ. އެޚިޔާލުކޮށްފައި ކަމީލާ އަމިއްލަ ނަފުސަށް ލައުނަތްދިނެވެ. އަނިޔާވެރިޔަކަސް އެއީއޭނަގެ ފިރިމީހާއެވެ. އެގޮތަށް ނުބައި ދުޢާކުރުން ހުއްދައެއްނުވާނެއެވެ.
"ދަރިފުޅާ، ޖޭޑް ވީ އެމެރިކާގައި، ޔަގީންމިވީ މި ނަމްބަރުން ގުޅީމަ..." މެހްވިޝް ކުއްލިއަކަށް ވަރަށް އުފާވެފައިހުރެ އައެވެ. ނަމްބަރު ދައްކާލުމުން ކަމީލާ ހިތްހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ޖައިދަން އެމެރިކާގައިކަން ޔަގީންވީއެވެ. މިކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނަ އުފާކޮށްލަންވާނެއެވެ. ކަރުނަތަކަށް ނިމުމެއް ގެންނަން ޖެހޭނެއެވެ. އެނބުރިއައުމަށްފަހު އަނެއްކާ އެދުނިޔެމަތީގެ ނަރަކައަށް ގެންގޮސް ދޭނެ އަޒާބެއް އެނގެނީއެއް ނޫނެވެ. ޖައިދަން މަތިން ހަނދާންވިޔަސް ވަނީ އަމަށަކު ފޫއްސެއްނޫނެވެ.
މިކާލް ބަލިވެއުޅުނު ދުވަސްކޮޅު ލޫކަސް ވަރަށް ގިނައިން މިކާލް ކޮނޑަށްލައިގެން އުޅުނެވެ. ބައެއްފަހަރު ކޮނޑުގައި ބޯ އަޅާލައިގެން އޮވެ މިކާލްއަށް ނިދެއެވެ. ހަތަރުއަހަރު ފުރި އިސްކޮޅެއް ލާފައި ހުއްޓަސް ލޫކަސް ދަރިފުޅު އެހާ ލޯބިން ގެންގުޅޭތަން ފެނުނީމަ ކަމީލާގެ ހިތް އުފާވެއެވެ. ކަމީލާގެ ތުންފަތްމަތީގައި ދާއިމީ ހިނިތުންވުމެއް ފެންނަން ފެށީ އެގެއަށް އައިފަހުންނެވެ. ކަމީލާ ބައެއްފަހަރު ބެލްކަނީގައި ހުރެގެން ލޫކަސްއާއި މިކާލް އެކީގައި އުޅޭތަން ބަލަން ހެވިލާފައި ހުރެއެވެ. އެމަންޒަރުތައް ސިއްރުން ކެމެރާކޮށްފައި އެކަނި ހުރެގެން ތަކުރާރުކޮށް ބަލައެވެ. ލޫކަސް ފެންނަ ހިސާބަށް ކަމީލާ ގިނަގިނައިން ދެއެވެ. އެވެސް މިކާލް ލޫކަސްއާއިއެކު ވާ ވަގުތުތަކުގައެވެ. އެހެން މީހަކަށް ފެނުނަސް ޝައްކެއް ނުކުރެވޭނީ އޭރުންކަން ކަމީލާ ދަނެއެވެ. ދެލޯބިވެރިން ސިއްރު ނަޒަރުތަކާއި ހިމޭން ބަސްމޮށުން މިކާލްއަކަށް ދޭހައެއްނުވެއެވެ. ކިތަންމެ ވާހަކަދައްކާ ހިތްވިޔަސް ކަމީލާ ފޯނުން ބަދަކުކޮށްލާ މެސެޖުގެ އިތުރުން ލޫކަސްއާއި ވާހަކަދައްކައެއް ނޫޅެއެވެ. ޤުރުއާނުގައި އަތްލާފައި ހުވާކުރުވާފައިވަނިކޮށް ލޫކަސްއާއި ގުޅުމެއް ބާއްވަން ކެރޭނީ ކިހިނެއްހެއްޔެވެ؟ ފާފައަށް އަރައިގަނެވޭފަދަ ކަމެއްކުރުމާއިވެސް ހިތް ދެކޮޅެވެ. ދުރުދުރުން ބަލައިގެން ހިތްހަމަޖައްސާލަން ޖެހިފައިވަނީ އެހެންވެއެވެ.
ހުކުރުދުވަހު ކަމީލާ ދަރިފުޅު ގޮވައިގެން ރޯޒްހިލްއަށް ޒިޔާރާތްކުރިއެވެ. އީކާ ގާތުގައި މިކާލް ކުޅެން ބައިންދާފައި ޖައިދަންގެ ކޮޓަރިއަށް ވަންތަނުން ލޮލުގައި އަޅައިގަތީ ޖައިދަން ކިޔަން ގެންގުޅު ފޮތެވެ. އެފޮތުގެ މެދުތެރެއިން ސަފުހާއެއް ހުޅުވައިގެން ކިޔަންފެށުމާއިއެކު ކަނުބަނދެލައިގެން އަންހެންކުއްޖާއަށް ކުރި އުދަގޫތައް ކިޔާފައި ކަމީލާގެ ގައިން ހީބިހިނެގިއެވެ. ޖައިދަން ތަފާތު ވައްތަރުގެ ގޯނާތައް ނަކަލުކުރަނީ މިކަހަލަ ފޮތްތައް ކިޔައިގެންތާއެވެ. އެކިމީހުންގެ މިޒާޖާއި ތަބީއަތު ހުންނަގޮތުން އެކަންތައްވެސް ތަފާތުވާނެއެވެ. ޓްވައިލައިޓް، ވެމްޕަޔަރ ޑައިރީސްފަދަ ވާހަކަތައް އޭނައަށް ނިކަން ކަމުދެއެވެ. އޭރު ކަމީލާ އަބަދުވެސް އުއްމީދުކުރީ އޭނަގެ ފައި ބިމުން ކަޓުވާލާފަދަ ރޫހާނީ ލޯބިވެރިޔަކަށެވެ. އެހެންހުއްޓާ ހަޔާތަށް އައީ ރޫހާނީ ނުވިޔަސް އެހާ ރީތި ފިރިހެނެކެވެ. ނަމަވެސް ހިތާމައަކީ ނަސީބުދެރަކަމެވެ. އޭނަގެ ޑައިރީ ކިޔާލިމީހަކަށް އޭނަ ފޮތާއިހެދި ވާވަރު އެނގޭނެއެވެ. އޭނަގެ ހުވަފެނީ ގޭގައި ލައިބްރަރީއެއް ހަދާފައި އޭނައަށް ކަމުދާހާ ފޮތްތަކެއް ބަހައްޓާނެކަމަށް ލިޔެފައިވާނެއެވެ. ކިޔާލާހިތްވާކަހަލަ ވާހަކަފޮތެއް އަތުގައި ޖެހުނީމަ އަވަހަށް ގެއަށް ދާން ނިންމިއެވެ.
މެހްވިޝްވިލާ ހުރި ސަރަހައްދުން ކަރަންޓު ކަނޑާލާފައިވާތީ ނޯކަރުންވަނީ އެގޭގެ ހުރިހާތަނެއްގައިހެން އުއްބައްތިތައް ދިއްލާލާފައެވެ. އިމަރޖެންސީ ލައިޓްތަކުގެ ބަދަލުގައި އުއްބައްތިތައް ދިއްލީމަ މެހްވިޝްއަށް މާ ހިތްގައިމެވެ. އުއްބައްތިތަކުން ހިޔަނިތައް ނަށާއިރު އެފެންނަ މަންޒަރު ނިކަން ޗާލެވެ. މެހްވިޝް މިކާލް ގޮވައިގެން ނަމާދުކުރާ ކޮޓަރިއަށް ވަނީ އިޝާ ނަމާދުކުރާށެވެ. ކަމީލާ ނަމާދު ޗުއްޓީދުވަސްކޮޅަށްވާތީ ސިޓިން ރޫމްގައި ޖައްސައިލީ ފޮތްހިފައިގެންނެވެ. ރަތްކުލައިގެ އަތްދިގު ޓީޝާޓަކާއި މަޑުނޫކުލައިގެ ޖިންސެއްލައިގެން ތުނި ސްކާފަކުން އިސްތަށިގަނޑު ނިވާކޮށްލާފައިވާއިރު އެދޮންމޫނަށްވެސް މަޑުރަތްކުލައެއް ވެރިވެފައިވެއެވެ. ރީތިކަމުގެ މިސާލެކެވެ. ނޯކަރަކުވެސް އެގަޑީގައި ތަންތަން ފޮހެންހުރެވެސް ކަމީލާގެ މޫނަށް ސިއްރުން ބަލައިގެން ހިތްހަމަޖައްސައިލިއެވެ. ދޮރުގެ ބެލްޖަހައިލިއަޑަށް ކަމީލާގެ ހިތް ފުންމައިގެން ދިޔައެވެ. ފޮތް މޭޒުމައްޗަށް އެއްލާލާފައި ދުއްވައިގަންނަން އުޅުނުތަނުން އޮތްވާ ނޯކަރު ގޮސް ދޮރު ހުޅުވާލުމުން ލޫކަސް އެތެރެއަށް ވަނީ ސަލާމް ގޮވާލާފައެވެ. ކަމީލާގެ ރީތިއަޑުން ސަލާމް ބަލައިގަތެވެ.
"ކިއުޓް، އަހަރެން ނުދަންނަން ލޫކް ކަހަލަ ހުޅަގު ސްޓައިލަށް އުޅޭ ޒުވާނެއް މިހާ ރަގަޅު އާދައެއް ގެންގުޅެދާނެކަމަށް......" ކަމީލާ ހިތާހިތުން ތައުރީފުކޮށްލާފައި އަވަހަށް ފޮތްނެގިއެވެ. ފޮތް އެކޮޅުކޮޅުން ޖަހައިގެން އިންއިރުވެސް އޭނައަށް ރޭކާނުލިއެވެ. އޭރު ހިތުގެ ސްޕީޑްވެސް އަވަސްކަމުން ބިރުގަންނަގޮތްވިއެވެ. ލޫކަސް ހުރިކަން އެނގުނީމަވެސް ހިތަށް މިވާ ވަރެކެވެ.
"އަހަންނާއި އަނގައިން ނުބުނަންތަ ތި އިންނަނީ ސްޓްރޭންޖަރ..... " ކަމީލާ އިށީދެލައިގެން އިން ސޯފާގައި އެކެއްގެ ޖާގަ ދޫކޮށް އިށީދެލާފައި ލޫކަސް ސަމާސާގޮތަކަށް އަހާލައިފިއެވެ.
"މަޖުބޫރީކަމަށް ބަލާ ލޫކް...." ކަމީލާ ވާހަކަދެއްކީ މަޑުންނެވެ.
"ކޮންކަހަލަ ވާހަކައެއްތަ ތިކިޔަނީ؟ ފިފްޓީޝޭޑްސް އޮފް ބްލަޝްތަ؟ " ލޫކަސް އެފޮތުގައި ހިފާފައި ރަގަޅުކޮށްލަދިންއިރު ހަގީގަތުގައިވެސް ކަމީލާގެ މޫނަށް އަރާފައިވަނީ ޖަންބުކުލައެވެ. ލޫކަސްގެ ކާރީގައި ރީއްޗަށް ބޭޒާރުވީއެވެ. އޭނަވެސް ލަދުނުގަންނަކަމަށް ހެދެންވެގެން ހީލާފައި އެއްޗެކޭ ކިޔާލިނަމަވެސް އަޑު އެހެން ފަހަރަށްވުރެ ހިމަވިއެވެ. އެކިވާހަކަތައް ދައްކަމުންގޮސް ދެމީހުން ކާކޮޓަރިއަށްވަދެ އުއްބައްތީގެ އަލީގައި ކޮފީހެދިއެވެ. ލޫކަސް އެދިގެން ކަމީލާވެސް ޓެރެސްއަށް އެރިއެވެ. އުޑުމަތީގައި އެތައް ސަތޭކަ ތަރިތައް ވިދާ ބަބުޅާތަން ފެނުނެވެ. ދެމީހުންނަށް އެއްފަހަރާ އުދުހޭތަރިއެއް ފެނިފައި އެކަކު އަނެކަކަށް ބަލައިލެވުނުއިރު ލޮލުގައިވީ ލޯބީގެ އަސަރުތަކެވެ. އެތައް ޒަމާނަކަށްފަހު މިރޭ ދެހިތަށްވެސް ބުނަން ނޭގޭފަދަ ހަމަޖެހުމެއް ލިބިއްޖެއެވެ. ދުރަށް ބަލައިލަން ނޭގިފައި އެކަކު އަނެކަކުގެ ލޮލަށް ގެނބިފައި ތިއްބެވެ.
"އަހަރެން ލަދުގަންނަވަންތަ ތިއުޅެނީ؟ "ކަމީލާ ރަކި ހުނުމަކާއިއެކު ލޫކަސްގެ މޫނުގައި އަތްއެޅިއެވެ.
"ބްލަޝްވީމަ ހާދަ ރީއްޗޭ، މިތަން އަނދިރިކަމުން ބޭނުންވަރަށް ނުބެލޭ...." ލޫކަސް އެ ނާޒުކް އަތުގައި ހިފާލިއެވެ. އެއަތުގެ އެންމެ ބީހިލުމަކުންވެސް ހީވީ ކަމީލާގެ ގައިގާ ކަރަންޓުގެ ރާޅުތަކެއްދުވެލިހެންނެވެ.
"ނޫން ލޫކް، މިއީ ހުއްދަކަމެއްނޫން......." ކަމީލާ ހާސްވެފައި އަނެއްފަރާތަށް އެނބުރުނުވެ. ލޫކަސްވެސް ކަމީލާގެ އަތުން ދޫކޮށްލާފައި ތުންފަތުގައި ދަތްއަޅާލީ ކަމެއް ހަނދާންވިފަދަ ގޮތަކަށެވެ. އަދި އެތާ ބަހައްޓާފައި ހުރި ކޮފީތަށި ނަގާފައި ތުނބުގައި ޖަހަމުން މާދުރަށްބަލަން ފެށިއެވެ. ކަރަންޓުނެތުމުން މިރޭ މާލެވަނީ އަނދިރީގެ ތެރެއަށް ގެނބިފައެވެ. މިފަދަ ރޭތަކަށް ލޫކަސް ލޯބިކުރެއެވެ. ކަމީލާ ގާތުގައި ހުރުމުން ހިތް އޭގެ މަގާމުން ކައްސާލި ސަބަބަކީ އެއީއެވެ. ތެދެކެވެ. ކަމީލާގެ މައްޗަށް މިހާރު އޭނަގެ ހައްގެއްނެތެވެ. ކަމީލާއަކީ އޭނަގެ ކޮއްކޮގެ މިލްކެކެވެ. އެދޭތެރެއަށް ވަނުމަކީ އޭނައަށް ކުރެވޭނެ އެންމެ ބޮޑު ކުށެވެ. އޭނަޖެހޭނީ ގުރުބާންވާށެވެ. ލޫކަސް ފެންކަޅިވިއެވެ.
"އަހަންނަށް އެނގޭ، އައިމް ސޮރީ...." ލޫކަސް އެތަނުން ދާން ހިނގައިގަތުމުން ކަމީލާ ހުއްޓުވިއެވެ. ޓެރެސްގައި އެއްވެސް އަލިކަމެއްނުވާތީ އަނދިރީގެ ތެރޭގައި ލޫކަސްގެ ހިޔަނިފެންނަލެއްވެސް ހާދަ ރީއްޗެވެ. އިސްކޮޅުން ދިގުވެފައި ބާމަތި ފުޅާކަމުން އެންމެ ރީތި ޒުވާނުންގެ ތެރެއިންވެސް ހޮވައިލެވެއެވެ.
"ލޫކް، އަހަރެންގެ ސުވާލެއް އެބައޮތް، މިވާހަކަ އަހާނެ ޗާންސެއް އަނެއްކާ ނުލިބި ހިނގައިދާނެ...." ކަމީލާގެ ޖުމްލައިން ލޫކަސްގެ ފިޔަވަޅުތައް ހުއްޓުނެވެ.
"މިޝާލް އެދެއްކީ ތެދުވާހަކައެއްތަ؟" ކަމީލާގެ އެޖުމްލައާއިއެކު ލޫކަސްގެ އަތުގައިވާ ކޮފީތަށި އަތުންދޫވެ ބިންމަތީގައި ޖެހުނުގޮތަށް އަޑުފަށްގަނޑަކާއިއެކު ކުދިކުދިވިއެވެ. ހައިރާންކަމާއިއެކު ކީކޭހެއްޔޭ އަހައިލިއިރު ހިތް އިތުރަށް ފިނިވެއްޖެއެވެ.
"މިޝާލްއާއި ދިމާވީމަ އެނގުނީ ލޫކް އަހަންނާއި ރައްޓެހިވީ ބްލެކްމެއިލްކުރަން ވީޑިއޯނަގަންކަން، ލޫކް ނުފެނިގެން އޭރު އުޅުނު ހާލު ދެނެވޮޑިގެންވަނީ އެކަނި ހެއްދެވިފަރާތް، ކެތްނުކުރެވިގެން މިޝާލް ކާރިން އަހާލުމުން ހާދަ މާޔޫސްވިއޭ، ފެއިންޓްވެގެން އެޑްމިޓްކުރަން ޖެހުނު، ލޫކް، ސުވާލަކީ ލޫކް ލޯބިވާކަމަށް ހެދިގެން އޭރު އެހެން ކަންތައްކުރަން ބޭނުންވީ ކީއްވެބާވައޭ....." ކަމީލާ އެދުވަސްކޮޅު އޭނަ އުޅުނު ހާލު ކިޔައިދިނެވެ. އޭނައަށް މަންމަމެން މަޖުބޫރުކުރިގޮތާއި ލޫކަސްއަށް ކުރި އިންތިޒާރު އެހާ ހިތިވުމުން އެހެންގޮތެއް ނެތިގެން ޖައިދަންއާއި ކާވެނިކުރީ ކަމަށް ބުނެލިއެވެ. ލޫކަސްހުރީ ސްތެޗޫއެއް ފަދައިން ހިރިލާންވެސް ނޭގިފައެވެ. ޝޮކެއްގައެވެ. ގަނޑުވެފައެވެ. ބަސްހުސްވެފައެވެ.
"ޔޫ ނޯ ވަޓް، ލޫކް އަހަންނަށް ބޮޑު ލަނޑެއް ދިނީކަމަށް އޭރު ގަބޫލުކުރެވުނީ، އެވަރުންވެސް މިހިތުގައި ވި ލޯތްބަށް ބަދަލެއްނާދޭ، ދުނިޔެއިން ލޯބިވެވުނު އެކަނި އިންސާނަކީ ތިއީ، މަރުވާންދެންވެސް މިހިތެއް ބަދަލެއް ނުވާނެ، އަހަރެން ހުވާކުރިން، ދުވަހަކު އެހެން މީހަކަށް މިހިތުން މަގާމެއް ނުލިބޭނެކަމަށާއި އެހެން މީހަކު ރުހުމުން މިހަށިގަނޑުގައި އަތްލިޔަ ނުދޭނެކަމަށް ބުނިން، އަދިވެސް އެވައުދުގައި ސާބިތުވެ މިހިރީ، ބޭނުންވީ ލޫކްއާއިއެކު މުޅި އުމުރު ހޭދަކުރަން، އެކަމަކު އެނަސީބެއް ނުލިބުނު، ލޫކްއާއި އަނގައިން ބުނިކަން އެނގުނަސް ޖައިދަން ރުޅިއަންނާނެ، ލޫކް ކީއްވެ އެހެން ހެދީ؟ ކީއްވެތަ އެކަނިކޮށްލާފައި ދިޔައީ؟ އަހަރެންގެ ހިތް ހަލާކުވާނެވަރު ނޭގުނީތަ؟ ކިރިޔާވެސް ޗޮއިސްއެއް ލިބުނުނަމަ އުމުރަށް އިންތިޒާރުކުރާނަން...." ކަމީލާގެ ލޮލުގައި ކަރުނަ ތިކިތައް ވިދާލިއެވެ.
ލޫކަސް އިސްޖަހައިލީ ކުށްވެރިއެއް ފަދައިންނެވެ. މިޝާލްގެ ފަރާތުން އެޚަބަރު އިވުމުން ކަމީލާ އޭނައާއިމެދު ވިސްނާނީ ހާދަ ނުބައިކޮށެވެ. އޭނަ ހުރީ ކަމީލާ ގާތުގައި ހަގީގަތް ހާމަކުރާށެވެ. އޭނަ ކަމީލާއާއި ރައްޓެހިވީ ނުބައި ނިޔަތެއްގައެވެ. ނަމަވެސް އެކަން ނުކުރެވުނީ ކަމީލާދެކެ އިންތިހާއަށް ލޯބިވެވުނީމައެވެ. އޭނަ ހުރީ އެނބުރިއައިސްފައި ހަގީގަތް ހާމަކުރާށެވެ. ނަމަވެސް އެފުރުސަތު ނުލިބި ހަޔާތަށް ވަރުގަދަ ތޫފާނެއް އައެވެ. އޭނަ މަންމަ ބަލިވެގެން ކުއްލިއަކަށް ބޭރަށް ދާން މަޖުބޫރުވީއެވެ. ގެއާއި ހަމަޔަށް ނުފޯރާ އުޅެނިކޮށް އެކްސިޑެންޓެއްވެ އައިސީޔޫގައި އެތައް ދުވަހަކު އޮންނާން ޖެހުނެވެ. އޭނަ ޔަގީންކުރީ އަންނައިރު ކަމީލާ އިންތިޒާރުގައި ހުންނާނެކަމުގައެވެ. އޭނަ ކަމީލާ ލައްވާ އެކަމަށް ވައުދުކުރުވިއެވެ. ކޮންމެގޮތެއް ވިޔަސް އިންތިޒާރުކުރަން އެދިފައިވިއެވެ. އޭނަ އެހާ އުއްމީދުގައިހުރެ އެނބުރިއައިއިރު އިވުނީ ކަމީލާ މާލޭ މުއްސަންޖެއްގެ ދަރިއަކާއި އިން ޚަބަރެވެ. އެކަން ޔަގީންވީ ލޫކަސް ލިއަމް ގާތުން އަހާލުމުންނެވެ. ދެމީހުންގެ ވާހަކަތައް ކިޔާދީ ނިމުނުއިރު އެކަކު އަނެކަކަށް ހިތް މުޅިން ސާފުވިއެވެ. މާފުކުރިއެވެ.
"މިހާރު ނޭގެނީ އެންމެ ކަމެއް، ލޫކް ބަދަލުހިފަން ބޭނުންވީ ކޮންކަމަކާއިތަ؟ ކީއްވެ އަހަރެން ބަދުނާމް ކުރަން އުޅުނީ......" ކަމީލާ އޮޅުން ފިލުވަން ބޭނުންވިއެވެ.
"އެވާހަކަ އަހަރެން ބުނެފިއްޔާ މާބޮޑަށް ހާޓްވެދާނެ، ޓްރަސްޓް މީ ކެމީލިއާ، ބައެއްކަންތައް އެނގުމަށްވުރެ ނޭގި އޮތިއްޔާ މާ ރަގަޅުވާނެ...." ލޫކަސް ކުޑަކޮށް ހިތްހަމަނުޖެހޭގޮތްވެފައި ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑުގައި އަތްހިންގައިލިއެވެ. ޓޭންވެލާފައިވާ މޫނުމަތިން ސީރިޔަސްކަން ފެންނަން ހުއްޓެވެ.
"މިހާރު މާ ކިއުރިއަސްވެއްޖެ، ޕްލީޒް ޓެލް މީ...." ކަމީލާ އޮޅުން ފިލުވާހިތުން ކެތްމަދުވިއެވެ. ލޫކަސް ޖަވާބެއްނުދިނެވެ.
"ޕްލީޒް ލޫކް، އެހާވަރުގެ ސަޒާއެއް ދޭންޖެހުނީ ކީއްވެތަ؟ އަހަންނަށް ނޭގި ކުރެވުނީ ކޮން ކުށެއްތަ؟" ކަމީލާ ކަރުނަފޮހެލާފައި ހިނިތުންވެލިއެވެ.
"ލީވް އިޓް، އެހިސާބުން އަހަރެންވެސް އެކަންތައް ހަދާން ނައްތާލައިފިން، ރިވެންޖްނަގަންވެގެން ކުރިކަމަކަށްވީމަ އަހަންނަށްވެސް ނާކާމިޔާބު ވީ......" ކަރަންޓުގެ އަލިކަން އައުމުން ދެމީހުން އެކީގައި ތިރިއަށް ދާން ހިނގައިގަތެވެ. ސިޑިން ތިރިއަށް ފައިބަން އެޅިފިޔަވަޅާއިއެކު ކަމީލާގެ ފައި ފުރޮޅާލުމުން ވިސްނައިގެން ހުރެފައި ލޫކަސްގެ އަތުގެ ހިމާޔަތް ދިނެވެ. ކަމީލާގެ ބުރަކަށި ލޫކަސްގެ ތަނަވަސް މޭމަތީގައި ޖެހި ފިތިގެން ދިޔައިރު ލޫކަސްގެ އަތްވަނީ ކަމީލާގެ މޭމަތީގައި އަޅުވާލެވިފައެވެ. ދެމީހުންނަށް އެހާ ކާރިވެވުނުއިރު ދެހިތަށް ބުނަން ނޭގޭފަދަ އަސަރުތަކެއްކުރުވިއެވެ.
"ސޮރީ...." ލޫކަސް އަމިއްލަ ނަފުސަށް ބާރު ފޯރުވަމުން އަވަހަށް ކަމީލާގެ ގައިން ދޫކޮށްލައިފިއެވެ. ނޫނީ އޭނައަތުން ގޯހެއް ހެދިދާނެއެވެ.
"ލޫކް، އަހަރެންވަނީ ޖައިދަންއަށް ޕްރޮމިސްކޮށްފައި، ލޫކްއާއި ގުޅުމެއް ބާއްވައިގެން ނުވާނެކަމަށް އަހަރެން ލައްވާ ވައުދުކުރުވި، ޚަތިމުގައި އަތްލާފައި...." ކަމީލާ ވަރަށް ބަލައިގެން ފަތްތަރުތައް ގިރާކުރަންފެށިއެވެ. ލޫކަސް އެއާއި ތަފާތެވެ. ތަނެއްގައި ހިފަހައްޓާނުލާތާގައި ފިޔަވަޅަށްވެސް ސަމާލުކަމެއް ނުދެއެވެ. އެރީތި ދެލޯ ހުއްޓިފައިވަނީ ކަމީލާގެ މޫނަށެވެ.
"ވަޓް؟ " ލޫކަސް ހައިރާންވިއެވެ.
"އާނ ލޫކް، ހީ ކުޑް ހާޓް ޔޫ...." ކަމީލާ ހުރީ އެއިން އެއްވެސް ވާހަކައެއް ނުބުނާށެވެ. ނަމަވެސް ލޫކަސްއަށް އިތުބާރުކުރެވި ކޮންމެވެސް އެއްޗެއް ކިޔާދެވިއްޖެއެވެ. ލޫކަސްއަށް ޔަގީންވިއެވެ. ކަމީލާ ޖައިދަންއާއިއެކު ދިރިއުޅެނީ މަޖުބޫރުވެ ގޮތްހުސްވެފައިވާ ހާލުގައެވެ. ހަގީގަތުގައި ކަމީލާއަކީ އޭނަގެ ހައްގެކެވެ. އޭނަގެ ދަރިފުޅަށް ހަގީގީ ބައްޕައަކީ ކާކުކަން އެނގުމުގެއް ހައްގުވެސް އޮންނާނެއެވެ. ޖައިދަންއަށް އެކަން ނޭގެނީހެއްޔެވެ؟ ދަރިފުޅަކީ ކާކުގެ ދަރިއެއްކަން ޖައިދަންއަށް ނޭގެނީހެއްޔެވެ؟ ލޫކަސް އެ ސުވާލުކޮށްލުމުން ކަމީލާ އިސްޖަހައިލީ ކުށްވެރިއެއްހެންނެވެ. އޭނަވަނީ ޖައިދަންއަށް ހަގީގަތް އޮޅުވާލާފައެވެ. ފިރިހެނަކަށް ދެވޭނެ އެންމެ ބޮޑު ލަނޑަކީ އެއީކަން ނޭގެއެވެ. ތިމާގެ ދަރިއެއްކަމުގެ ކުށްހީކުރެވި އެހެންމީހެއްގެ ދަރިއަކަށް ނަންދެވުމެވެ. ލޫކަސް އެދުނީ އެކަން އިހަށް ޖައިދަންއަށް ސިއްރުކޮށް ދިނުމަށެވެ. ހުރިހާ ހަގީގަތެއް އެގުމާއިއެކު ލޫކަސްއަށް ކަމީލާއާއި ދަރިފުޅު ދޫކޮށްލާފައި ދުރަށް ދެވިދާނެހެއްޔެވެ؟
"އަހަރެން މިހާރު ބޭކާރު މީހެއް، ބާވެގެން އެއްލާލީމަ ކޮންމެހެން ލޫކްގާތަށް ދާކަށް ބޭނުމެއްނޫން، ޔޫ ޑިޒާވް ސަމްވަން ބެޓަރ ދޭން މީ......." ކަމީލާ ހުރީ ވަރަށް އަސަރުކޮށްފައެވެ.
"ތިއީ ޖޭޑް ބުނިވާހަކައެއްކަން ޔަގީން، ހީވޭ ވަރަށް ގިނަކަންތައް ސިއްރުކުރާހެން، މީހަކާއި ނީދެ އުމުރު މިދުއްވާލަނީ ހަމަ އެންމެ އަންހެންކުއްޖަކަށްޓަކައި، އެނގޭ މިއަދު މި ލަވް ޑިފިކަލްޓްވެފައިވާރު، މިއީ އެހާ ފަސޭހަކަމަކަށް ނުވާނެކަން، އޭނަ ކޮންމެ ގޮތަކަށް އުޅުނަސް ސްޕެޝަލް، އާފްޓަރއޯލް ހީޒް މައި ލިޓްލް ބްރަދަރ، އެހެންމީހެއްގެ އަންބަކަށްވިނަމަ އަހަރެން ކިތަންމެ ނުލަފާމީހަކަށްވިޔަސް ކައްމި ގެންދާނެތާ ކޮންދުވަހެއް، ބަޓް......ނައު ސިޗުއޭޝަން ވަރަށް ތަފާތު، އަހަރެންގެ ލޯބި ތިވަނީ ފަހަރީގެ މަގާމުގައި، ހިތަށް ކުރާ އަސަރު ކައްމިއަކަށްވެސް ނޭގޭނެ، ނުނިދާ ކަރުނަ އޮއްސި ރޭތައް ގިނަވާނީ، އަމިއްލައަށް މަރުވާންވެގެން ހިތަށް އެރީ ކިތައްފަހަރުކަން ގުނާ އަދަދެއް ނުކުރެވޭނެ، މިއަދުވެސް ޖޭޑް ކައްމި ދޫކޮށްފިއްޔާ މިހިރީ އިންނަން ތައްޔާރަށް، ނަމަވެސް ޖޭޑްގެ ވައިފްގެ ގޮތުގައި ހުރިހާ ހިނދަކު ބޭނުމެއްނޫން ލޯބީގެ ގުޅުމެއް ބާއްވަން......" ލޫކަސް ގެ ހިތަށް ލިބިފައިވާ އަނިޔާއާއި ބަރުދާސްތުކުރަމުންދާ ވޭން އެހެން މީހަކަށް އިހުސާސެއް ނުކުރެވޭނެއެވެ.
"ފްރެންޑްޝިޕްވެސް..." ކަމީލާ ހުރީ ދެރަވެ ރޮވޭގޮތްވެފައެވެ.
"އެގުޅުމެއް ނުކެނޑޭނެ........." ލޫކަސް ހިތާމަވެރިގޮތަކަށް ހިނިތުންވެލާފައި ޔަގީންކަން ދިނެވެ. ކަމީލާ އެކުވެރިކަމެއް ބޭނުމެއްނޫނެވެ. އޭނަ ބޭނުމީ ލޫކަސްގެ ލޯތްބެވެ. އެދެމީހުން ދުރުވެފައިވަނީ އޮޅުމެއްގެ ސަބަބުންނެވެ. ޖައިދަންގެ އަނިޔާވެރިކަމާއި އަޅާލުމެއްނެތްވަރު ހިއްސާކޮށްފިއްޔާ ލޫކަސް އޭނަ އާއިމެދު ހަމްދަރުދީވާނެއެވެ. ކިޔައިދޭންވީހެއްޔެވެ؟ މަންމަމެންނަށް ކިޔާދޭން ނުކެރޭ ވާހަކަތައްވެސް ލޫކަސްގާތުގައި ބުނެވިދާނެއެވެ. ޖައިދަންއާއިއެކުގައި އުޅެންވެއްޖެއްޔާ އޭނަ މަރުވެދާނެއެވެ. މިހާރުވެސް އޭނަގެ ހަށިގަނޑުގައިވާ ލަކުނުތައް ފެނިއްޖެއްޔާ ލޫކަސް ކަރުނައަޅާ ރޯނެއެވެ.
ޖައިދަން މާލެއައުމާއިއެކު ލިބުނު ޚަބަރަކުން ފައިދަށުން ބިންގަނޑުދެމިގަތްހެން ހީވިއެވެ.