"ޖަސްޓް....." ކަމީލާގެ މޫނަށް ރަތުގެ އެތައް ކުލައެއްވެރިވެގެން ދިޔައެވެ.
"ފޭސް ޓު ފޭސް ދެމީހުން ވާހަކަދައްކާނެ ޗާންސް އޮތްއިރު ކީއްކުރާ ފޯނެއްތަ؟ ޓެލް މީ، ކޮން ވާހަކައެއް ބުނާހިތުން އުޅެނީ، އަހަންނަށް އެނގޭ ކެމީލިއާގެ ބުނަން އުޅެނީ ކީކޭކަން......" ލޫކަސް ދަތްދޮޅީގައި އަތްވިއްދާލަމުން ފުރަތަމަ ފަހަރަށް ކަމީލާގެ މޫނަށް ތަފާތު ނަޒަރަކުން ބަލާލިއެވެ. އެތުންފަތްމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ.
"ޓީޗަރ ސްޓޫޑެންޓްއިން ރިލޭޝަނެއް ފަށަންވެއްޖެއްޔާ ވަރަށް ނުބައިގޮތެއްވެދާނެ، އެވަރުންވެސް ހަމަ ރިސްކެއް ނަގަން ބޭނުންތަ؟ " ލޫކަސް ދުރުދުރުންފެށިއެވެ. މިފަދަ ފުރުސަތަކަށް ލޫކަސް އިންތިޒާރުކުރާތާ ކޮންދުވަހެއް ހެއްޔެވެ؟ ދެމީހުން އެކަނިތިބެގެން ރަގަޅަށް ވާހަކަދައްކާލެވޭނެ އިރަކަށް އޭނަ ހުރީ ބަލަބަލައެވެ. އޭނަ ޕްލޭންކޮށްފައިވާގޮތަށް ކަންތައް ދަނީކަމުގައިވާނަމަ ދުވަސްކޮޅަކުން ކަމީލާހުންނާނީ އޭނަގެ ދަލުގައި ރަގަޅަށް ޖެހި ދުރަށް ނުދެވޭނެވަރުވެފައެވެ.
"އަ...އަހަ...." ކަމީލާއަށް ކިޔާނެ އެއްޗެއްވެސް ނޭގުނެވެ.
"ތިހާ ފިނޑިނުވެ މިރޭ އަހަންނާއި މީޓްވެބަލަ، އެގަޑީގައި ބައްޕަ ނަމާދަށް ދެއެއްނު، އޭރުން ދެމީހުން އެކަނި ބޭނުން ވާހަކައެއް ދައްކާލެވިދާނެ، އަހަރެންވެސް މިހިރީ އެކަނިވެލާހިތުންނޭ، ބޭނުންވާއިރުވެސް ނުބުނެ ކެތް މިކުރަނީ، މިގެ ކާރީ އެއޮތީނު ފަޅުގޯތްޗެއް، އެތާގައި މާދަންރޭ ހަތެއްޖަހާއިރު އަހަރެން އިންތިޒާރުކުރާނަން......."......" ލޫކަސްގެ ރާގު ބަދަލުވާންފެށިއެވެ. މުދައްރިސެއްގެ ސީރިއަސްކަން އެކީގައި ނެތިގެން ހިނގައްޖެއެވެ. އެ ލޮލުން އެވަގުތު ތަފާތު ފެނިލީ ތަފާތު ވިދުވަރެކެވެ. އޭނައަކީ މުދައްރިސެއްކަމަށް ހީކޮށްގެން އޮޅިފައިވަނީ އިރްފާންއެވެ. އޭނައަކީ ކާކުކަން އިރްފާންއަށް ނޭގުނުތާއެވެ. އިރްފާންއަށް ކިރިޔާވެސް ރޭކާލީނަމަ ލޫކަސް އިރްފާންދެކެ ނަފްރަތުކުރާވަރު އިރްފާންއަށް މީހަކު ބުނެދޭކަށް ނުޖެހޭނެއެވެ.
"ފަޅު ގޯތްޗަށޭ؟" ކަމީލާ ދެލޯ ބޮޑުކޮށްލިއެވެ.
"އާނ ނުކެރޭނެތަ؟" ލޫކަސް އެއް ލޯ މަރާލައިފިއެވެ. ކަމީލާގެ ހިތް ގުރުބާންވާވަރުވިއެވެ. ލޫކަސްވެސް ދެން ހާދަ ލާނެތެވެ. އެހެންނޫނަސް ލޫކަސް އޭނައާއި އެކުވެރިވާން ބޭނުންވާކަން މިހިރަ ފެންނަނީއެވެ. އޭނައެކޭ އެއްފަދައިން ލޫކަސްގެ ހިތްވެސް އޭނައަށް އެދެއެވެ. އެހެންނޫންނަމަ ކުއްލިއަކަށް އޭނައާއި ބައްދަލުކޮށްލާކަށް ނޭދުނީހެވެ. ކަމީލާގާތު ލޫކަސް ހަދަންވާގޮތް ކިޔާދީފައި ދިޔުމުން ކަމީލާގެ ހިތް ތެޅޭވަރުން މޭގައި އަތްއަޅާ ބާރުކޮށްލިއެވެ. ކަމީލާ އުފަލުން އުދުހެވިދާނެހެން ހީވިއެވެ. ދެފަޔަށް ލުއިވެ ބިމުން ފައި އުފުލިގެންދާފަދަ އިހުސާސްތަކެއް ކުރެވުނެވެ. ޖެހިގެން އައި ރޭ ފެންވަރަން ފޫހިވާކުއްޖާ ލޫކަސްއަށްޓަކާ ފެންވަރާ ރީތިވެލިއެވެ. ގަޑިޖެހުނުއިރު ކަމީލާހުރީ ބޭރަށް ދާން ތައްޔާރުވެލައިގެންނެވެ. މާހާ ސުވާލުކުރުމުން ބުނީ ބޮޑުބޭބެއެއްގެ ކެއުމެއް އޮންނާތީ ދަނީކަމުގައެވެ. ބޭބެއަކު ބަލާ އަންނާނެކަމުގައެވެ.
މާހާ ބަދިގެއަށް ވަންވަގުތު ބަލާފައި ކަމީލާ މައިދޮރުން ބޭރަށް ދެމިގަތެވެ. އޭރު އެހިތަށްވާގޮތް ބަޔާންކުރަން ދަތްޗެވެ. ދެއަތް ތެމި ގަނޑުފެންކޮޅަކަށްވެއްޖެއެވެ. މަގުގެ ދެކޮޅު ބަލާލާފައި މީހަކު ފެންނަން ނެތީމަ އޭނަ ވިދުވަރެއްހާ ބާރަށްގޮސް އެ ފަޅުގޯތްޗަށް ވަދެ ނިވާވެލިއެވެ. ހަނދު ނާރާތީ ކަޅުކަމުން މީހުންގެ މޫނު ވަކިކުރާކަށްވެސް ނޭގެއެވެ. އެވަރުންވެސް ކަމީލާގެ ހިތަށް ބިރުވެރިކަމެއް ނުވަނެވެ. ލޫކަސްއާއި މިގޮތަށް ބައްދަލުކުރުމަށްޓަކާ އޭނަ ފަޅު ޖަންގައްޔަކަށް ދާންވެސް ފަހެއް ނުޖެހޭނެއެވެ. ލޫކަސްއާއި ބައްދަލުކޮށްލާފައި ގެއަށް އައިއިރު ކަމީލާ ހުރީ މޮޔައެއްހެން ހެވިލާފައެވެ. ތުންފަތް މަތިން ހިނިތުންވުން ނުފިލާއިރު އަބަދުހެން ލޯބީގެ ލަވައެއް ކިޔާލެވެއެވެ. ނޫނީ ނަށާލެއެވެ. ހީވަނީ ދުނިޔޭގެ ހުރިހާ އުފަލެއް އެއްފަހަރާ ލިބިގެން އުޅޭހެނެވެ.
އިރްފާންގެ މަންމަ މާލެގޮސްފައި އެކޮޅުގައި މާގިނަ ދުވަސްވާންދެން ހުންނާކަށް ނޫޅުނެވެ. ކަމީލާއާއި އީކާގެ މަތިން މާބޮޑަށް ހަނދާންވަނީކަމަށް ކިޔާފައި ރޮއިބޮޑާހާކައިގެން އެންމެފަހުން ލިއަމް މާމަގޮވައިގެން ރަށަށް އަތުވެއްޖެއެވެ. އުމުރުން ދުވަސްވުމުގެ ސަބަބުން މާމަ ހުންނަނީ ނިކަން ނާޒުކްކޮށެވެ. ކަށިތައް ފީވެ މައިބަދަ ލެނބިފައިވުމުގެ ސަބަބުން އިސްކޮޅުންވެސް ކުރުވެފައިވާކަމަށް ދައްކައެވެ. ކަމީލާ މާމަދެކެ އިންތިހާއަށް ލޯބިވެއެވެ. މާމަކިޔައިދޭ ވާހަކަތައް އަޑުއަހަން މާމަގެ އެނދަށް އަރާފައި ކިތަންމެ އިރެއް ވިޔަސް ކަމީލާ އޮވެދާނެއެވެ. މާމަ އެނބުރިއައުމުން އެންމެ އުފާކުރި އެކަކީ ކަމީލާއެވެ.
ލިއަމް ރަށަށް އައިފަހުން ކޮންމެ ދުވަހަކު އޭނަ ދާން ޖެހުނީ މެންދުރުފަހުން އޮންނަ ޝިފްޓަށެވެ. މަސައްކަތް ބުރަކަމުން ގެއަށް ވަދެވޭއިރަށް މީހާ ލޮޑުވެފައި ހުއްޓަސް ކޮއްކޮމެންގެ ހާލުބަލައެވެ. މާހާ ބުނެފައިވާގޮތުން ކަމީލާގެ މުދައްރިސް ވަރަށް ރަގަޅެވެ. އެހާ ސީރިޔަސްއެވެ. ހަރުކަށި މީހެކެވެ. އެހެންނޫނަސް އިރްފާން އަބަދުހެން ފާރައަށް އިންނަކަން އެނގުމަކީ ލިއަމްގެ ހިތަށް ލިބުނު ވަރަށް ބޮޑު ހަމަޖެހުމެއް ކަމުގައި ވިއެވެ. އިރްފާން ދަރިންނާއި އެގޮތަށް އަޅާލާންފެށުމަކީ ހެޔޮ ފާލެކެވެ. އިރްފާން ބޭނުންވެގެން ޓިއުޝަން ގަޑިވަނީ ބަދަލުކުރުވާފައެވެ. މިހާރު އެ ޒުވާނާ އަންނަނީ ހަވީރު ފަހެއްޖަހާއިރުއެވެ. ލިއަމްއަށް ނޭގުނުނަމަވެސް ކަމީލާ ލޫކަސްގެ ރީތިކަމުގެ ޖާދޫގައި ޖެހި ދުވަހެއް ދުވަހަކަށް މަގުއޮޅެމުން ދާން ފަށައިފިއެވެ. ލިއަމް އޭރު ހީކޮށްފައިވަނީ ކޮއްކޮއަށް ޓިއުޝަން ދޭން އަންނަނީ އިންޑިއާ ޓީޗަރެއްކަމުގައެވެ. ފަހަރެއްގައިވެސް ދިވެހިކުއްޖެއް ކަމުގައެއް ހީކޮށްފައެއް ނެތެވެ. އެހެންނޫންނަމަ އެހާ ފަރުވާކުޑަކޮށެއް ނުލާނެއެވެ. ލިއަމް ހޮސްޕިޓަލުން ބޭއްވި ދަތުރެއްގައި އެންމެން ދިޔަ ދުވަހުވެސް ލިއަމް މާހާ ގާތުގައި ކޮއްކޮމެން ރަގަޅަށް ބަލަން އެދުނެވެ.
ލިއަމް ޑިއުޓީއަށް ދިޔަތަނާހެން ކަމީލާ މާހާއާއި ވާހަކަދައްކާލަން އައެވެ. ކަމީލާ އަހަންފެށީ ލޯބީގެ ވާހަކަތަކެވެ. ލޯބިވެވުނީމަ އެކަން ދެނެގަންނާނީ ކިހިނެއްހެއްޔޭ ސުވާލުކުރިއެވެ. ކަމީލާވެސް މީހަކާއި އިނދެގެން އާ ދިރިއުޅުމެއް ފަށަން ބޭނުންވިއެވެ. އެމީހަކީ ލޫކަސްއެވެ. ލޫކަސްއާއިއެކު އެގެއަށް ދާހިތުން އެ ޚިޔާލުކުރެވެނީ މާ ވަރަށެވެ. ލޫކަސް މުއްސަދި ކުއްޖަކަށް ވެއްޖެއްޔާ އަދި ހާދަ ރަގަޅެވެ. ނޯކަރުން ތިބީމަ ކައްކާ ގެ ސާފުކޮށް ހެދުން ދޮވެދީ ހަދާނެއެވެ. ކާންވެސް ހަދާނެއެވެ. އެހެންނޫނަސް ކާތަށި ދޮންނަން އޭނަ ހާދަ ފޫހިވެއެވެ. އޭނަގެ އަތްތިލަ މިހާ ރީތިކޮށް ހުންނަނީ މަސައްކަތް ނުކުރާތީއެވެ. އެއަތްތިލަ ރީތިކަމާއި މަޑުކަމުން އޭނަގެ އެކުވެރިންވެސް އެވަރަށް އަތާއި ކުޅެއެވެ. ލޫކަސް އެގޮތަށް ކުޅެލާނެނަމައެވެ. އެގާރަ ޖަހަންދެން މާހާއާއި ވާހަކަދައްކަން އިނދެލާފައި ކަމީލާ ނުކުމެގެން ދިޔުމުން މާހާ އަށް އެކަނިވެރިކަން އިހުސާސްކުރެވުނެވެ. ލިއަމް ގޭގައި ހުއްޓަސް އެއީ ނެތް މީހެއްފަދައެވެ. މާހާއާއި އެއްވެސް ގުޅުމެއްނެތެވެ. އެކަމާއި ކިތަންމެ ވަރަށް ދެރަވިޔަސް އެހެން މީހަކާއި ހިއްސާ ކުރާކަށް ނުކެރެއެވެ. ލިއަމް ގުޅުމެއް ބާއްވަން ބޭނުން ނޫންނަމަ ކާވެނި ކުރީ ކީއްވެހެއްޔެވެ؟
މާހާ އެގޮތްމިގޮތަށް އެނދުގައި ފުރޮޅެން އޮތްވާ ގެއިން ކަރަންޓް ކެނޑިއްޖެއެވެ. މާހާ އޮތީ ބިރުން ހިރިލާން ނުކެރިފައެވެ. މިޒާޖުގައި އަބަދުވެސް ފިނޑިކަމެއް ހުންނަ މާހާ ޖިންނި ޝައިތާނުން ގޭތެރޭގައި އުޅޭކަމަށްވެސް ގަބޫލުކުރެއެވެ. މިފަހަކަށް އައިސް އެކަންތައްތަކުގެ އުދަގޫ ވަކިން ބޮޑުވެފައިވަނީ ސްކޫލްކުދިންތަކެއް މޮޔަވެގެން އެވާހަކަ މީޑިއާގައި މަޝްހޫރުކުރިވަރުންނެވެ. އެތައް އިރެއްވީއިރުވެސް ގެ އޮތީ އަނދިރިކަމުގެ ތެރެއަށް ގެނބިފައެވެ.
"ކޮންމެވެސް މީހެއްގެ ފިޔަވަޅުގެ އަޑުވެސް އެބައިވޭ، ކާކުތަ މިއޮތް އަނދިރީގައި، އުއްބައްތި ހުރިތަނެއްވެސް އެނގޭނެނަމައެއްނު ހޯދަން ދެވޭނީ، ކައްމި އަންނާނެނަމަ، ފިނި ރެއަކަށްވީމަ ފަންކާ ނެތަސް އެމީހުން ތިބޭނީ ގަދަ ނިދީގައި ކަން ނޭގޭ......" މާހާ ބާލީސް މޭގައި ޖައްސާ ބާރުކޮށްލައިގެން އޮތްވާ މީހަކު ދޮރުތަޅުގައި ހިފާލިއެވެ. ދެން އިވުނީ ތަޅުވަޅަށް ތަޅުދަނޑިޖެހިއަޑެވެ. ލިއަމް ޑިއުޓީއަށޭ ކިޔާފައި މިރޭ ނުދަނީކަމަށް ވެދާނެއެވެ.
އެމީހެއްގެ ފިޔަވަޅުގެ އަޑު ކާރިވަމުން އައިއިރު މާހާ އޮތީ ނޭވާ ހިފަހައްޓާލައިގެންނެވެ. އޭރު ވާރޭވެސް ބޯކޮށްލައިފިއެވެ.
"މާހާ ނިދީތަ؟ " އެއިވުނީ އިރްފާންގެ އަޑެވެ.
"ނޫން..." މާހާގެ ހިތް ކުރިއަށް ވުރެ އަވަސްވިއެވެ.
"އަހަންނަށް އެނގޭ މާހާ އޮންނާނީ ބިރުގެންފައިކަން، އުއްބައްތި ޖަހާލަދޭން އަންނަންވީނު، ކޮޓަރީގައި ހުންނާނެ އުއްބައްތިތައް......" އިރްފާން ބުނެލައިފިއެވެ.
މާހާ އަވަސްއަވަހަށް ތެދުވެގެން ހިނގައިގަތީ ގޭތެރޭގައި ލާން ގެންގުޅޭ ފައިވާންވެސް ނުލައެވެ. އިރްފާން މިހާވަރުން ކޮޓަރީގެ ތަޅުދަނޑިން ހުޅުވާލައިގެން ވަދެ އެވަރުގެ ވާހަކައެއް ބުނަންވީ ސަބަބެއްވެސް މާހާއަކަށް ނުވިސްނުނެވެ. އިރްފާންގެ ހަރަކާތްތައް ހުރިގޮތުން ފޫހިވިނަމަވެސް އިރްފާން ދެއްކީ އުއްބައްތީގެ ވާހަކައެވެ. އޭނަގެ ހިތުގައި ކޮންމެފަދަ އެއްޗެއް ވިޔަސް މާހާއާއި ދޭތެރޭގައި ނުބައިކޮށް ކަމެއްކޮށްލާކަށް ނުކެރޭނެއެވެ. މާހާ އިރްފާންގެ ފަހަތުން ގޮސް އިރްފާންގެ ކޮޓަރިއާއި އަރާ ހަމަވުމާއެކު ކުއްލިއަކަށް އިރްފާން މާހާގެ އަތުގައި ހިފައިގެން އަނގަމަތީގައި އަތް އެޅިއެވެ. އޭނަ އުޅުނީ ގަދަކަމުން މާހާ އެކޮޓަރިއަށް ވެއްދުމަށެވެ.
"ލިއަމްއަކީ ކަޓުމީހެއް، އަހަންނަށް އެނގޭ އޭނަ މާހާއާއި ދޭތެރޭގައި ކަންތައްކުރަނީ އަޅެއްހެން ކަން، ހަޅޭއްނުލަވާތި މާހާ، ކަމީލާމެންނަށް އިވުނީމަ މާ ރީއްޗެއް ނުވާނެ، އަހަރެން މާހާ ބޭނުންވެފައި ހުންނަތާ ކޮން ދުވަހެއް......" އިރްފާންގެ ދުލުން އިވުނު ބަސްތަކާއި އެ މުޑުދާރު އަތް މާހާގެ ގައިގާ ބީހިލުމުން މާހާ ފޫހިވެގެންނާއި ރުޅިންގޮސް މޮޔަވާވަރުވިއެވެ. މާހާ ތެޅިފޮޅެމުންދިޔައީ މި ނުބައި ނުލަފާ އިންސާނާގެ ފަރާތުން ސަލާމަތްވާށެވެ. އޭރުވެސް އިރްފާން މާހާގެ އަނގައިން ދޫކޮށެއްނުލައެވެ. މާހާ ހަޅޭއްލެވުނަ ނުދިނުކަމީ އޭނަގެ އެންމެ އިސްވާޖިބު ކަމުގައި ދެކެނީކަން ނޭގެއެވެ. އޭނަ ބޭނުންވަނީ އެއްއަތުން ހުރިހާ ކަމެއް ކުރާށެވެ. އަނެއް އަތް ވަނީ މުޅިން ބަދެވިފައިކަމުންނެވެ.
"މާހާ، މާހާ..........." އެވަގުތު ކޮރިޑޯއާއި ދިމާލަށް ނުކުތީ އީކާއެވެ. އީކާއައީ ފޯނުން އަލި އަޅުވަމުންނެވެ. އެކުޑަ ބުދެއްފަދަ ކުއްޖާފެނުމުން މާހާއަށް ސިފަވީ ރަހުމަތެއްގެ ގޮތުގައެވެ. މިފަދަ ވަގުތެއްގައި އީކާ އަށް އާދެވުނީ އޭނަގެ ސަލާމަތަށެވެ. މާހާގެ ލޮލުން އެވަގުތު އުފާވެރިކަމުގެ ކަރުނަ އޮހިގަތެވެ.
"އެއްވެސް މީހެއްގެ ގާތު ކިޔައިގެން ނުވާނެ މާހާ..." އިރްފާން މާހާގެ އަނގަމަތިން ދޫކޮށްލާފައި ކޮޓަރިތެރެއަށް ދެމިގެންފިއެވެ.
"އީކް އީކް ބޭބީ، ކަރަންޓް ދިޔައިމަ ބިރުންތަ؟ " މާހާ ދުވަމުން އައިގޮތަށް އީކާގެ ގައިގާ އޮޅުލައިގަތެވެ.
"ދޮންތީވެސް އެބައޮތް ހޭލާ، އަހަންނަށް ހީވީ ބައްޕަ ވާހަކަދައްކާ އަޑުއިވުނުހެން، ވާރޭ ބޯކަމުން ކިރިޔާ އަޑުއިވުނީ އެހެން ވެ ތެދުވެގެން މިއައީ..." އީކާ ކުޑަ ހިނިތުންވެލުމަކާއިއެކު މާހާގެ މޫނަށް ބަލާލިއެވެ. އޭނައަށް ބައްޕަ މާހާގެ އަނގައިގާ އަތް އަޅައިގެންހުރިތަން ފެނުނެވެ. އެއީ ރަގަޅުކަމެއް ނޫންކަން އީކާ ދެނެގަތެވެ. ބައްޕަދެކެ ވާ ފޫހި އެތައްގުނަ މިރޭ ބޮޑުވިއެވެ. ނަމަވެސް މާހާގެ ގާތު އެހެން ބުނާކަށް ނުކެރުނެވެ.
"ހިނގާ ދެން ނިދާލަން...." މާހާ އީކާ އަތުން ދޫކޮށެއްނުލިއެވެ. ކޮޓަރިއަށް ވަންގޮތަށް އެނދުގެ ބިއްދޮށަށް އަރާފައިއޮތްއިރު މާހާގެ ލޮލުން ކަރުނަ ހުހެއްނުވެއެވެ. އީކާ ހިރިނުލާ އޮތްގޮތުން އޭނަ ނިދީކަމުގައި ހީކުރެވި މާހާގެ ހިތަށް ފާޑު ފާޑު ޝައްކާއި ވަހުމް ވަންނާން ފެށިއެވެ. އެ ނުބައި ނުލަފާ އިންސާނާ އޭނަގެ މުޑުދާރު ބޭނުމުގައި އަނެއްކާވެސް މާހާގެ ކާރިއަށް ނާންނާނެކަން އެނގޭނީ ކިހިނެއްހެއްޔެވެ؟ ކުދިން ނިދާފައި ތިއްބާ އައިގޮތަށް އޭނަގެ އަނގަމަތީގައި އަތްއަޅައިގެން ނަގައިގެން ގޮސްދާނެއެވެ. އޭރުން އޭނަ މޮޔަވާނެއެވެ. އެންމެފަހުން ކެތްނުކުރެވިގެން ލިއަމްގެ ފޯނަށް ގުޅާވެސްލެވުނެވެ. ލިއަމް ސުވާކުރާނެތީ ރިންގްނުވަނީސް އަވަހަށް ފޯނުކަނޑާލެވުނަސް މިސްކޯލެއް ދެވުނުކަން ޔަގީންވީ ލިއަމް ގުޅާލީމައެވެ.
"ކަރަންޓްނެތީމަ ކުޑަކޮށް ބިރުގަތީ..." ލިއަމްގެ ސުވާލަށް މާހާ ޖަވާބުދިނެވެ.
"އަހަރެން އިމަރޖެންސީއެއްވެގެން ބިޒީކޮށް މިއުޅެނީ، ޑޯންޓްވޮރީ ކަމެއް ނުވާނެ އިރާދަކުރެއްވިއްޔާ، އިތުރުކަމެއް ވަންޏާ ގުޅާލާތި....." ލިއަމް ބުނެލިއެވެ. އީކާ އޮތީ ހައިރާންވެފައެވެ. ލިއަމްގާތުގައި މާހާ ބައްޕަގެ ވާހަކަ ކިޔައިނުދިނީ ކީއްވެހެއްޔެވެ؟ ބުނަންވާނެ ނޫންހެއްޔެވެ؟ ބައްޕަ ހާދަ ގޯހެވެ. އެގޮތަށް މާހާ ދައްތައަށް ހަދައިގެން ނުވާނެ ނޫންހެއްޔެވެ؟
އެރޭ މާހާ ވޭތުކުރީ ބިރުވެރިކަމުން ފުރިފައިވާ ގޮތަކަށެވެ. އެންމެފަހަރަކުވެސް ލޮލަކަށް ނިންޖެއްނައެވެ. ހެދުނު ލިއަމް އެކޮޓަރިއަށް ވަނުމާއިއެކު މާހާ ބުނީ ގެއަށް ދާން ބޭނުންކަމުގައެވެ. ލިއަމް ހައިރާންވިއެވެ.
"ކަރަންޓް ނެތީމަ އެކަމާއިތަ؟ ނޫނީ އެހެން ކަމެއް ދިމާވީތަ؟ " ލިއަމް ސުވާލުކުރިއެވެ. މާހާ އެގެއިން ގޮސްފިއްޔާ ވަރަށް އުދަގޫވާނެކަން ލިއަމްއަށް އެނގެއެވެ. ކޮއްކޮމެންނާއި އަޅާލާނެ މީހަކުވެސް ނުވާނެއެވެ. އޭނަ ޑިއުޓީގައި އުޅެމުން ކޮއްކޮމެން އުޅޭނޫޅޭގޮތް ބަލާދޭނެ މީހަކު ކޮންމެހެންވެސް ބޭނުމެވެ.
"ދެން ދުވަސްކޮޅަކަށް އެގެއަށް ދާންވެގެން...." މާހާގެ ލޮލުގައި ކަރުނަ ގިނަވާން ފެށިއެވެ.
"އެހެނެއްނޫން، މާހާދައްތަ ގެއަށް ދާން ބޭނުންވާ ސަބަބު އީކްއަށް އެނގޭ...." ކުއްލިއަކަށް އީކާ ކުޑަކޮށް ލޯ ހުޅުވާލާފައި ރަޖާ މޫނުމަތިން ނެގިއެވެ. މާހާގެ މޫނުގެ ކުލަވަރު ބަދަލުވެގެން ދިޔުމާއިއެކު އިސްޖަހައިލެވިއްޖެއެވެ. އޭރު މާހާގެ ލޮލުގައި ވިދަމުންދިޔަ ކަރުނަތައް ލިއަމްއަށް ފެނުނެވެ. އީކާ ހަމަޖެހިލާފައި ބުނީ މާހާ ދާން އުޅެނީ އޭނަގެ ބައްޕަދެކެ ރުޅިއައިސްގެން ކަމުގައެވެ. ބައްޕަ މާހާގެ ނުރުހުމުގައި އެކޮޓަރިއަށް ވައްދަން އުޅުނީ ކަމުގައެވެ. ލިއަމްއަށް ލިބުނު ސިހުން ރުޅިވެރިކަން ޚިޔާރުކުރާން ހިނދުކޮޅެއްވެސް ނުނެގިއެވެ. ލިއަމް މާހާ އެކަނިކޮށްގެން ސުވާލުކުރަން ފެށުމުން ހުރިހާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. އޭނަ މިގެއަށް އައިފަހުން އިރްފާންގެ ފަރާތުން ފެނިފައިވާ ނޭދެވޭ ކަންތައް ކިޔައި ދިނުމުން ލިއަމް ބޭނުންވީ ވަގުތުން އަންހެނުންނާއި ކޮއްކޮމެން ގޮވައިގެން އެގެއިން ނިކުމެގެން ދާށެވެ. ނަމަވެސް ދާނެ ތަނެއް އަދި ނެތުމާއިއެކު ދުވަސްކޮޅަކަށް ކެތްކޮށްގެން ހުންނާން މަޖުބޫރެވެ. މާލެއިން ވަޒީފާއެއް ލިބިއްޖެއްޔާ ރަގަޅުވާނެކަމަށް ވިސްނާލާފައި ލިއަމް މާލެއަށް ވަޒީފާ ބަދަލުކުރަންވެސް ހުށަހެޅިއެވެ. ދޮންބައްޕަގާތުގައި ހުންނަން ހަދައިގެން ލަނޑެއް ލިބިދާނެކަމަށް މިހާރު އޭނަގެ ހިތް ބުނަން ފަށައިފިއެވެ.
ލިއަމް އިމަރޖެންސީރޫމްގައި އަވަދިނެތިހުއްޓާ އެތަނަށްވަން އިސްކޮޅުން ދިގު ބާމަތި ފުޅާ ޒުވާނާ ފެނިފައި ލިއަމްގެ ތުންފަތަށް ހިނިތުންވުމުގެ އަސަރުވެރިވިއެވެ. ލޫކަސް މިރަށަށްއައިސް އުޅޭއިރުވެސް ޚަބަރެއްނުވާތީ އެކަމާއި ޝަކުވާކޮށްލިއެވެ.
"ޑޮކްޓަރުން ގާތަށް އާދެވޭނީ ބަލިވީމައެއްނު...." ލޫކަސް ހުރީ ތަދުވާވަރުން ތުންފަތުގައި ދަތްއަޅާލައިގެންނެވެ.
"ބައްޔެއްނޫން ވީ، މީހަކާއި ތަޅައިގަނެގެން އައީހެން ބޮޑަށް ހީވަނީ ނޫންތަ؟" ލިއަމް ލޫކަސްގެ އަތުގައި އައްސާފައިވާ ފޮތިގަނޑު ނައްޓާލަން އުޅުމުން ހޯސްލާފައި ލޭގަނޑު އޮހިގަތެވެ. ލޫކަސް ބުނީ ވާސްއެއް ތަޅައިގެން ދިޔަ ބޮނޑީގައި އަތުގައި ލައްވާލީކަމުގައެވެ. ލިއަމްއާއި ލޫކަސް ކޮލެޖްގައި އެކީގައި ކިޔެވިއެވެ. ވަކިހިސާބަކުން ލޫކަސް މެޑިސިން ހެދުން ހުއްޓާލާފައި ކޮލެޖުން ވަކިވީ ލިއަމް ގެ ނަސޭހަތް ގަބޫލުނުކޮށެވެ. ލޫކަސް ބުނިގޮތުން އެހާ ފޫހިކަމެއް ދުނިޔޭގައި ނެތެވެ. އެތާތެރޭގައި ދުވާ ވަހަށްވެސް އޭނައަށް ކެތެއްނުވާނެއެވެ. ލޫކަސްއާއި ބެހޭގޮތުން އޭރު ފާޑުފާޑުގެ ވާހަކަދެކެވުނެވެ. އޭނައަކީ އެތީސްޓެއްކަމަށް ކިޔާއުޅުނެވެ. ލިއަމްމެންނާއިއެކު އުޅޭއިރު ދުވަހަކު ރޯދަހިފާ ނަމާދަކަށް ނުދާތީ އެ ވާހަކަތަކުގައި ހަގީގަތެއް އެކުލެވިދާނެކަމަށް ލިއަމް ގަބޫލުކުރިއެވެ. އަދި ލޫކަސްގެ ރީތިކަން އޭނައަށް ވީ ވިހައަކަށެވެ. އެ ރީތިކަމަށްޓަކާ ފަހަތުން ދުވާ އަންހެންކުދިން އޭނަ ގާތުގައި ކުޅޭ ބުދުތަކަށްވިއެވެ. ލޫކަސް ކޮލެޖުން ވަކިވިކަމުގައި ވިޔަސް ލިއަމްއާއި ދޭތެރެއަކުން ބައްދަލުކޮށް އެކީގައި ވަގުތު ހޭދަކޮށްފައިވެއެވެ. އޭރުވެސް ލޫކަސް ކޮންމެވެސް ކަމެއް ފޮރުވައިގެން ހުންނަކަން ލިއަމް ދަނެއެވެ. ވަރަށް ސިއްރުވެރި ފިރިހެންކުއްޖެކެވެ. އޭނަގެ އާއިލާއާއި ބެހޭގޮތުން އެއްޗެއް އެނގޭ މީހެއްވެސް ނެތެވެ.
ލޫކަސްއާއި ދިމާނުވެ ދެއަހަރުފަހުން ބައްދަލުވުމުން ލޫކަސް ގެ އުޅުމާއި މިޒާޖު ބަދަލުވެ މީހާ ހަރުދަނާވެފައި ހުރެދާނެކަމަށް ލިއަމް ޔަގީންކުރިއެވެ.
"ދިމާވެލަންވާނެ ދޯ، އަހަރެމެންގެ ގެއަށް ސަޔަށް އަންނަންވީއެއްނު..." ލިއަމް އެދުނެވެ.
"ބަލާ އާދޭ......" ލޫކަސް ދަމުން އޭނަ އުޅޭ އެޑްރެސް ބުނެލައިފިއެވެ.
ލިއަމް އެރޭ މާހާއާއި ކޮއްކޮމެންނާއިއެކު ކާން އިނދެލާފައި މާހާ ގާތު އޭނަގެ އެކުވެރިއަކު މާދަން އަންނާނެކަމަށާއި ރަގަޅަށް ސައިހަދަން އެދުނެވެ. ކަމީލާ އަނގަޔަށް ވައްތަރެއް ޖައްސާލިއެވެ. ދޮންބެގެ އެކުވެރިންނަކީ ޑޮކްޓަރުންނަށްވާތީ ކަމީލާ ވަކިން ފޫހިވެއެވެ. ހޮސްޕިޓަލް ފެނުނަސް ކަމީލާ ހޮޑުލެދިވާނެއެވެ. ލޫކަސްވެސްވަނީ އޭނަގާތު އެވާހަކަ ބުނެފައެވެ. ލޫކަސްއާއި ބައްދަލުކުރާން ދެތިން ރޭ ދިޔަފަހުން ކަމީލާއަށްވަނީ ލޫކަސްގެ މާތް އަޚުލާގާއި ރަގަޅުކަން ފެނިފައެވެ. ލޫކަސް އޭނަގެ އަތުގައި ހިފާލުންފަދަ ކަމެއްވެސް ކޮށްނުލައެވެ. ދެމީހުންގެ އެކުވެރިކަން މަޑުމަޑުން ބަދަހިވާން ފަށާފައިވާއިރު ލޫކަސް ބުނެފައިވަނީ އެހާ ސިއްރުން ބައްދަލުކުރަނީ އޭނައަކީ ކަމީލާގެ މުދައްރިސްކަމަށްވާތީ ކަމުގައެވެ. އެހެންނޫނަސް ކަމީލާގެ އާއިލާގެ ޝާހީކަމާއި ބެހޭގޮތުން އޭނަ އަށް ވާހަކަތައް އަޑުއިވިފައިވާތީއެވެ.
ބޯކޮށް ވާރޭވެހެމުންދާތަން މާހާއަށް ފެނުނެވެ. ބިއްލޫރިދޮރުފަތްތަކުގައި ފަރުދާތައް ކަހާލާފައި އޮތުމުން ގަސްތައްވަނީ ހާމަޔަށް ފެންނާށެވެ. ވާރޭގެ ތިކިތައް ބިއްލޫރި ދޮރުގައި ބޮސްދީފައި ފިރުކެމުންދާ މަންޒަރު ނިކަން ނަލައެވެ. މޫސުން ރީތިކަމުން ގެއްލިފައި އިރުކޮޅެއްވާންދެން އިނދެލާފައި މާހާ ޕިއްޒާހަދަން ވެގެން ފިޔާކޮށަން ފެށިތަނާހެން ކަމީލާ އެތަނަށް ވަދެފައި އޭނަވެސް ބައިވެރިވާނެކަމަށް ބުނުމުން މާހާ އުފާވިއެވެ. މިވީހާތަނަށް ކަމީލާ ދުވަހަކު އަތްގާތްކޮށްލަދޭން އެތަނަށް ވަދެފައެއްނުވެއެވެ.
"އަހަރެން ބޭނުން ހުރިހާ މަސައްކަތެއް ދަސްކުރަން...." ކަމީލާ އަތަށް އަންގީއެއް ލައްވައިގެން ހުރެ ލީކްސްކޮށަން ފެށިއެވެ.
"އޭރުން ޕާރފެކްޓް ޅީދަރިއަކަށް ޔަގީނުންވެސް ވެވޭނެ........." މާހާ ހިނިތުންވެލިއެވެ.
"މައިދައިތަގެ ލޯބި ދުވަހަކު ނުލިބުނަސް ހެވޭ، އެކަމަކު އެނގޭ ކޮންމެވެސް ދުވަހަކުން މީހަކާއި އިންނަން ޖެހޭނެކަމާއި ފިރިމީހާއަށް ރަގަޅުވާނީ ތިމާގެ އަންހެނުން ކައްކާފައި ކާންދިނީމަކަން، މާހާ ދައްތަ އަދި އިސްތިރިކުރަންވެސް ދަސްކޮށްދެއްޗޭ، އަހަރެން ބޭނުން ގޭގެ ހުރިހާ މަސައްކަތެއްކުރަން ފަށަން...." ކަމީލާގެ ތުންފަތްމަތީގައި އަބަދުހެން ހުންނަނީ ނުފިލާ ހިނިތުންވުމެކެވެ. ލޫކަސްގެ އެކުވެރިކަން އެހެން ސިފައަކަށް ބަދަލުވާން ދެން މާގިނަ ދުވަހެއްނެތްކަމަށް ކަމީލާގެ ހިތް ބުނާތީ ލިބިފައިވާ ހަމަޖެހުމެކެވެ.
ލޫކަސްއަށް ހައިރާންކަމެއް ލިބުނީ ކަމީލާމެންގެ ކާރިއަށް ސައިކަލް މަޑުކޮށްލާފައި ލިއަމް ފޭބީމައެވެ. މިގެއާއި ލިއަމް އޮތީ ކޮންގުޅުމެއްހެއްޔެވެ؟
"މިއީތަ ލިއަމްގެ ގެ؟ " ލޫކަސް ޖީބަށް އަތްޖަހާލިއިރު އޭނަ ހުރީ ބުމަކާރިކޮށްލައިގެންނެވެ.