"ތިގޮތަށް ސްވިއަރ ނުކުރޭ ސްވީޓްހާޓް، އަހަރެން ތަޅުވާލަން ދޯ އެގޮތަށް ނުބުނެ ފިލައިގެން ދިޔައީ، އެނގޭނެއްނު އަހަރެންގެ ހިތް ހަލާކުވާނެވަރު، ހާދަ މިސްވިއޭ ބޭބީގާލް.........." ޖައިދަން ކުއްލިއަކަށް ކަމީލާ ގެ މޫނުގައި ދެއަތުން ހިފަހައްޓާލާފައި ކުރިކަމަކުން ސިހުނީ އެކަނި ކަމީލާއެއް ނޫނެވެ. ލޫކަސްއަށް ލިބުނު ޝޮކާއިއެކު ހުންގާނުގައި ބާރަށް ހިފަހައްޓައިލެވުނެވެ. ޖައިދަންގެ މޫނުމަތީގައި އެތިފަހަރެއްނުޖަހާ މައިތިރިވީ އަމިއްލަ ނަފުސަށް ވަރަށް ވިސްނައިދީގެންނެވެ. އެތައް ބަޔަކު ހައިރާންކަމާއިއެކު ނިއުޅެމުންދިޔަ މަންޒަރުތައް ދެކެން މަޑުޖެހިލިއެވެ. ޖައިދަން ކަމީލާގެ މޫނުން ދޫކޮށްލިއިރު ކަމީލާ ހުރީ ގަނޑުވެފައެވެ. ސިކުންތުކޮޅަކުން ވާނުވާ ރޭކާލިއެވެ. ކަމީލާގެ މޫނަށް ރަތްކުލަ ވެރިވެގެން ދިޔައީ ގަތްލަދާއި ރުޅީގެ ސަބަބުންނެވެ. ވިސްނާލުމެއްނެތި އަތަށް ލެވުނުހާ ބާރެއް ލާފައި ޖައިދަންގެ މޫނަށް އެތިފަހަރެއް ވީއްލާލުމާއިއެކު އޭނަ ދުރަށް ދާން އުޅުމުން ޖައިދަން ފަހަތުން ބައްދާލިއެވެ. ގަޔާއި ޖައްސާ ބާރުކޮށްލަމުން ކަންފަތްދޮށުގައި ބުނެލި ޖުމްލަ އެހެން އެކަކަށްވެސް ނީވޭނެއެވެ.
"ޔޫ އާރ ގޮއިން ޓު ރިގްރެޓް ދިސް...." ޖައިދަންގެ އެ ޖުމްލައިން ކަމީލާގެ ކަނދުރާގެ ލޯލިތައް ކޮޅަށް ޖެހިގެން ދިޔައެވެ. ގޮތްހުސްވެފައިވާ ބެލުމަކުން ކަމީލާ އެތާ ތިބި މީހުންނަށް ބަލާލިއިރު އެންމެންގެ ސަމާލުކަން އެދިމާލަށް ހުއްޓިފައިވިއެވެ.
"ޖައިދަން، ކޮންމެހެން ގޮތް ދައްކަން އުޅޭނެކަމެއް ނެތް..." ލޫކަސް ރުޅިއަޔަސް ވާހަކަދެއްކީ މަޑުންނެވެ.
"އަހަރެން ބޭނުން ތަނެއްގައި ބޭނުންގޮތަކަށް އަހަރެންގެ ވައިފްއަށް ލޯބިކުރެވިދާނެ، ކުށަކީ އެ މަންޒަރު ބެލިކަން........" ޖައިދަން އެނބުރިލާފައި ލޫކަސްއާއި ދިމާލަށް ނުރުހުމުގެ ނަޒަރަކުން ބަލައިލިއެވެ. އޭރު ކަމީލާގެ ލޯ ފުރެމުންދިޔައީ ހޫނު ކަރުނުންނެވެ.
"އެންމެންގެ ކުރިމަތީގައި ކޮންމެހެން ތިމާ ލޯބިވާވަރު ހާމަކުރާކަށް ނުޖެހޭ ދޯ....." ލޫކަސް އެހެން ބުނެލާފައި ކާރު ދުއްވާލުމުން ޖައިދަން ހޭންފެށިއެވެ. ލޫކަސް ހަމަ ރަގަޅަށްވެސް ހަސަދަވެރިވީއެވެ. އޭނަގެ ބޭނުން ފުދިއްޖެއެވެ. އޭނަ ބޭނުންވީ ލޫކަސްގެ ހިތަށް އަނިޔާ ދިނުމެވެ. ދެރަކޮށްލުމެވެ. ޖައިދަން ކަމީލާގެ ގައިގާ ހިފަހައްޓައިގެން ހުރެ ހޮސްޕިޓަލަށް ވަންނާން ދިޔައެވެ. ކަމީލާ ޗާބީ ދީފައިވާ ބުދެއްހެން ކުރިޔަށް ދިޔައީ އަމިއްލަ ބާރުގައެއް ނޫނެވެ. ވެއިޓިން އޭރިއާއިން އެތައް ލޮލެއް އެމީހުންނަށް ހުއްޓުނެވެ. އަންހެންކުދިން ވަރަކަށް ޖައިދަންގެ މޫނަށް ބެލިއެވެ.
އާތިކާގެ ލޮލަށް ކަމީލާ ފެނުމާއިއެކު އޭނަގެ ބަލި އެއްކޮށް ރަގަޅުވިއެވެ. އެމީހުން ދޫކޮށްލާފައި ދެން ނުދިޔުމަށް އެދިފައި އާތިކާ ރުޔެވެ. އީކާ ހުރީ ކަމީލާދެކެ ރުޅިއައިސްގެން ތުން އޫކޮށްލައިގެންނެވެ. ކަމީލާ ސުވާލުކުރަން ފެށީމަ ބުނީ ރުޅިކަމުގައެވެ. މަންމަ ކުރިން ވަކިވެގެން ދިޔައީމަ އަލުން އެކަން ތަކުރާރުކުރުވަން ބޭނުންވަނީ ހެއްޔޭ އެހިއެވެ. ދޮންތީ މަންމަ ދެކެ ލޯބިނުވާކަމަށާއި އެކަމަކު އީކާގެ މަންމަ ނޫން އެކަކުވެސް މިއޮތް ބޮޑު ދުނިޔޭގައި ނެތޭ ބުނުމުން ކަމީލާއަށްވެސް ރޮވުނެވެ. އީކާގެ ގައިގާ އޮޅުލާފައި އެހެން ނުބުނާން ކަމީލާ އެދުނެވެ.
"ދެން އިޔާޝް ބުލީކުރިޔަސް ދޮންތީ ކާރިއަކު ނުބުނާނަން...." އީކާ ތުންފިތާލިއެވެ. ކަމީލާ ހިތް ހަލާކުވިއެވެ. އީކާ ކުޑަކަމުން އީކާ ގާތުގައި ހަގީގަތް ކިޔައިދެވޭނީ ކިހިނެއްހެއްޔެވެ؟ އީކާއަކަށް އަމުދަކުން ނުވިސްނޭނެއެވެ. ފުރާނަފަދަ ލޯބިވާ ލޯބިވެރިޔަކު ހުއްޓާ ލޯބިނުވާ މީހަކާއި އެކު ދިރިއުޅުމަކީ ކިހާ ބޮޑު ވޭނެއްކަން އެޅަހިތަށް ރޭކާނުލާނެއެވެ. އޭނަ ހީކުރީ އޭނައަށް ހިމާޔަތްދީ ރައްކާތެރިކުރާނީ މަންމަ ކަމުގައެވެ. އަނިޔާވެރި ފިރިޔެއްގެ ހިތި ތަޖުރިބާ ކުރެވި ޑިޕްރެޝަންއަށްގޮސް ދުނިޔޭގައި ހުއްޓާ މަރުވެއްޖެކަމަށް ނިންމުންފަދަ ކިތައް އަނިޔާ މަންމައަށް ލިބުނުހެއްޔެވެ؟ އޭނަ ހީކުރީ މަންމައަށް ވިސްނޭނެކަމުގައެވެ. ދަރިފުޅަށް ތިމާފަދަ ކަރުނައިގެ ހަޔާތެއް ލިބުން ނޭދޭނެކަމުގައެވެ. އެހެނެއްނުވިއެވެ. މަންމައާއިމެދުގައި ހިތުގައި ޝަކުވާ އުފެދުނީ އެހެންވެއެވެ. އޭނަދެކެ އެކަކުވެސް ލޯބިނުވަނީއެވެ. ދޮންބެއަށް ކޮންމެވެސް ވަރަކަށް އޭނަގެ ހާލު އެނގެނީކަން ނޭގެއެވެ. ޔަގީނުންވެސް ޖައިދަންދެކެ ލޯބިނުވާކަން ވިސްނޭނެއެވެ. ދޮންބެއާއި މާހާގެ ކައިވެނިވެސް ހަމަނުޖެހުމެއްގެ ތެރޭގައިވާއިރު އެވަރު ވިސްނޭނެ ނޫންހެއްޔެވެ؟ ދޮންބެ ބުނީ ފަހުން ހުރިހާ ކަމެއް ރަގަޅުވާނެކަމުގައެވެ. ކެތްކުރުމަށެވެ. މަންމައަށްޓަކައި ކެތްތެރިވާން ދޮންބެ އެދުނެވެ.
"އައި ޕްރޮމިސް، ކޮންމެގޮތެއް ވިޔަސް މަންމަ ދޫކޮށްފައެއް ނުދާނަން......" ކަމީލާ ގަދަކަމުން ހިނިތުންވެލިއެވެ. ދޮންބެ ހީކުރާނީ ހުރިހާ ފިރިހެނުންވެސް ދޮންބެ ހާ އޯގާތެރިވެފައި މާތްވާނެކަމުގައެވެ. މާހާފަދަ ކުއްޖަކަށްވެވޭނީ އެހެންނަމަތާއެވެ. އޭނަގެ ފިރިމީހާއަކީ ސައިކޯޕާތެކެވެ. މީހުންގެ ކުރިމަތީގައި މައިތިރިވެގެން ހުންނާތީ ދޮންބެއަށްވެސް ޖައިދަންގެ އަޑި ނޭގެނީއެވެ.
"ދޮންބެ އަހަންނަށް އެންމެ ކަމެއްކޮށްދީފާނަންތަ؟ ޕްލީޒް..." ކަމީލާ އާދޭހުގެ ރާގަކަށް ބުނެލިއެވެ.
"އަވަހަށް ބުނޭ ދޫނި....." ކަމީލާ ލޫކަސްގެ ފޯނު ނަމްބަރު ދިނުމަށް އެދުމުން ލިއަމް ހައިރާންވިއެވެ.
ޔާސިރު މާލެ އައިއިރު ގޭތެރެއަށް އެޅުނު ބަނަ ވިލާގަނޑު ނެގި އުފާވެރި ދުވަހަކަށް އިރު އަރައިފިއެވެ. ކަމީލާ ފިލައިގެން ދިޔަކަމާއި އާތިކާ ބަލިވެގެން އެޑްމިޓްކުރިކަން އޮތީ ސިއްރުކުރެވިފައެވެ. ރޯޒްހިލްތެރެއިން ފެންނަނީ އުފާވެރިކަމެވެ. ޔާސިރު އެންމެ އުފާވަނީ އާތިކާފަދަ ރަގަޅު އަންހެނަކު ގޭގެ ހުރިހާ ކަމެއް ބަލަހައްޓައިދޭން ހުންނާތީއެވެ. އާތިކާ ކައްކާ އެއްޗެހީގެ ރަހަ މީރުކަމާއި ގޭގެ ސާފުތާހިރުކަމުން ޔާސިރުގެ ހިތް އާތިކާއަށް ތައުރީފުކުރެއެވެ. އޭގެއިތުރުން ޓެރެސްއާއި މެދުގޯތީގައި ހުހަށް އޮތް ހުސްތަންކޮޅުގައި ގަސް އިންދާ ބަގީޗާއަކަށް ހަދައިލަން އާތިކާ ކުރާ ބުރަ މަސައްކަތަށް ސާބަސް ދިނުން ހައްގެވެ. އެންމެން އުފަލާއި ހަމަޖެހުމާއިއެކު ދުވަސްތައް ވޭތުކުރަމުންދާއިރު އެފަދަ ނަސީބެއް ނުލައްވަނީ ކަމީލާއަށެވެ. ކަމީލާވެސް އެންމެންގެ ތެރޭގައި ގަދަކަމުން ހިނިތުންވާން މަސައްކަތްކުރެއެވެ. އެހެން ހުއްޓާ ކަމީލާ އޭލެވެލް ހަދަން އޮތް ދުވަހު ޖައިދަން އައިޑީ އެއްޗެހި ފޮރުވީމަ ކަމީލާ ހިތުގައި ޖެހިގެން ވަރަށް ރުޔެވެ. އެހާވަރަށް ކިޔަވައި މޮޅުކުއްޖަކަށްވެ އަމިއްލަ ފައިމައްޗަށް ތެދުވާން ކުރި މަސައްކަތް ޖައިދަން ބޭކާރުކޮށްލީއެވެ. ކޮޓަރިން ނިކުންނަހިތެއް ނުވެފައި އޮތްވާ މަންމަ ސުވާލުކުރުމުން ބުނީ ބަނޑުގައި ރިއްސާތީކަމުގައެވެ.
ޖައިދަން ކައިގެން އޮފީހަށް ދިޔައީ ހަނދާންނެތިގެން ފޯނު ބާއްވާފައެވެ. ލޫކަސްއާއި އެންމެ ފަހަށް ދިމާވިދުވަހު ފޯނު ވެއްޓި ބެޓެރި ހަލާކުވީގޮތަށް އަދި ފޯނެއް ނުލިބެއެބެ. ކަމީލާ ވިސްނާލާފައި ފޯނު ހިފައިގެން ބެލްކަންޏަށް ނުކުމެފައި ލޫކަސްއަށް ގުޅާލިއިރު ހިތްވަނީ ނިކަން އަވަސްވެފައެވެ. ދެތިންފަހަރު ރިންގްވާއިރަށް ލޫކަސް ފޯނުނެގިއެވެ. އެޖާދުވީ އަޑު އިވިފައި ހިތަށް ވީގޮތެއް ނޭގުނެވެ. ދުނިޔެއިން އެންމެ އަހަން ބޭނުންވާ އަޑެވެ. ވަގުތެއްނެތްކަން ހަނދާންވެފައި ކަމީލާ ވާހަކަދައްކަން ފެށިއެވެ.
"ލޫކް މިއީ އަހަރެން، ބުނީމެއްނު ކުރީ ދުވަހު ވާހަކައެއް ބުނަން ބޭނުމޭ، އަހަރެންގެ ފޯނު ހަލާކުވެފައި އޮތީމަ މި ގުޅަނީ ޖައިދަންގެ ފޯނުން......." ކަމީލާ މަޑުމަޑުން ކިޔާލިއެވެ.
"އެނގޭ....." ލޫކަސް ހީވީ ވާހަކަ ނުދައްކަން ބޭނުންވެފައި ހުރިހެނެވެ.
"ލޫކް އެނގޭތަ؟ އަހަރެން ޕްރެގް، އެކަން ޔަގީންވީ ޑޮކްޓަރ ހައިޝަމް ސްކޭނެއް ހަދާފައި ބުނީމަ، އޭނަ ބުނީމަ އެނގުނީ އަހަރެންގެ....." ފަހަތުން މީހެއްގެ ހިލަން ވުމާއިއެކު ގަތް ބިރުން ފަހުން ގުޅާނަމޭ ކިޔާފައި ކަމީލާ ފޯނު ކަނޑާލިއިރަށް ބާރުގަދަ އަތަކުން ފޯނު ޖަހައިގަނެފައި ކަމީލާގެ އަތް އަނބުރާލައިފިއެވެ. ރެއިލިންއާއި ޖައިދަންގެ ހަށިގަނޑާއި ދޭތެރޭ ފިތިގެން ދިޔައިރު ކަމީލާގެ ނޭވާ އުފުރިއަރާވަރުވިއެވެ.
"ބިޗް، ލަދެއްވެސް ނުގަނޭތަ ލޫކަސް ގާތުގައި ފާޑުފާޑަށް ވާހަކަދައްކަން، ރަގަޅަށް އަޑުއަހާ، މީގެ ފަހުން ލޫކަސްއާއި ވާހަކަދައްކައިފިއްޔާ ދޫ ދަމައިގަންނާނަން، ތިއީ މަގޭ އެކަނި ހައްގެއް، އަހަރެންދެކެ ލޯބިވާން ޖެހޭނީ، އަންޑަސްޓޭންޑް؟" ޖައިދަންގެ ހޫނު ނޭވާތައް ކަމީލާގެ މޫނަށް އެޅެމުންދިޔައިރު އެދެލޮލުން އަލިފާންކަނި ބުރާހެން ހީވިއެވެ.
"އަހަރެންގެ ހިތް ކަލެއަކަށް ބަދަލެއް ނުކުރެވޭނެ، ތިމީހާގަނޑު ދެކެ ލޯބިވާކަށްވެސް މަޖުބޫރެއް ނުކުރުވޭނެ، އައި ހޭޓް ޔޫ...." ކަމީލާ ދޫކުރާކަށް ބޭނުމެއްނުވިއެވެ. އެހެން މީހުންގެ ކުރިމަތީގައި ތަމްސީލުކުޅެން ޖެހުނަސް އެކަނިވީމަ ކޮންމެހެން ނެތް ސިފަތަކެއް ދައްކާކަށް ނުޖެހޭނެއެވެ. ޖައިދަން ރެއިލިންގައި އަތް ވިއްދާލައިގެން ހުރިއިރު އެ ފުންދެލޮލުން ކަޅިވެސް ޖަހާނުލައި ބަލަމުން ދިޔައީ ކަމީލާ ރަކިކުރާށެވެ. އެގޮތަށް އޭނަ ބެލުމުން އެހެން އަންހެންކުދިން ހާދަ ތުއިވެއެވެ. ހާދަ ރަކިވެއެވެ. ކަމީލާ ހުރީ ދެލޯ އަޅާލައިގެންނެވެ. ޖައިދަންގެ ކުރިމަތީގައި ބަލިނުވާ އަންހެންކުއްޖެއް މިނޫނީ ނެތެވެ.
"އަހަރެންގެ ހިތް ހަކާލުވެއްޖެ، ތިވަރަށް ހޭޓްކުރީމަ، ހޫމް ދެން ބުނެބަލަ، ކަލޭ ފިލައިގެން ދިޔައީ ތިބުނާ ލޯބިވެރިއަކާއި އެކީގައިތަ؟ އެއީ ކާކުތަ؟ " ޖައިދަން ސުވާލުކުރިއެވެ.
"ނުބުނާނަން......"ކަމީލާ ކަޅިއަޅާލިއެވެ.
"ބުނޭ، އެހެންނޫނީ...." ޖައިދަން ކަމީލާ އުފުލާލިގޮތަށް އެނދުމައްޗަށް އެއްލާލާފައި ގައިމައްޗަށް ވެއްޓިގަތެވެ. ބަނޑު ސަލާމަތްކުރަންވެގެން އަތް ދަމައިލެވުނުއިރު އަތަށް ތަދުވެ އިނގިލިތައް ބިނދުނުހެން ހީވިއެވެ. އެވަރުންވެސް ރަހުމްކުރީއެއް ނޫނެވެ.
"ތަދުވަނީ، ތަދުވަނީ، ހެޔޮނުވާނެ އަނިޔާނުކޮށްބަލަ، އޯކޭ އަހަރެން ބުނެފާނަން، އަހަރެން ދިޔައީ....ހައި..ހައިޝަމް..." ކަމީލާ އެސްފިޔަތައް މަރާލީ ޖައިދަންގެ މޫނަށް ނުބަލަންވެގެންނެވެ.
"ކޮން ހައިޝަމެއްތަ؟ "ޖައިދަން އިތުރަށް އޮޅުން ފިލުވަން ބޭނުންވިއެވެ.
"ދޮންބެގެ ފްރެންޑެއް، އޭނަގެ ކުށެއްނެތް، އަހަރެން އޭނައަށް ގުޅީމަ އެގޭގައި ބަހައްޓާދިނީ......" ކަމީލާ އެންމެފަހުން ހައިޝަމްގެ އެޑްރެސްވެސް ބުނެދިނެވެ. ޖައިދަން އެވަގުތު ތެދުވުނީ ކޮންމެވެސް މީހަކު ގުޅަން ފެށީމައެވެ. އިރުކޮޅަކުން އެނބުރިއައިއިރު އަތުގައި އޮތީ ވާހަކަ ފޮތެކެވެ. އޭނަ އެއް ލޯމަރާލާފައި ބުނީ މީފާ ދިން ރޮމެންޓިކް ފޮތެއްކަމަށެވެ. މިއީ ވާހަކަ ކިޔާއުޅޭ މީހެއްވެސް ނޫނެވެ. އެވަރުން މީފާ ދިނީ ކޮން ވާހަކައެއްހެއްޔެވެ؟ ޖައިދަން ވަރަށް ގިނައިރުވާންދެން ވާހަކަފޮތް ހުޅުވާލައިގެން އޮތެވެ. ކަމީލާ ބަނޑުގައި ރިއްސަންފެށުމުން ލޫކަސް މަތިން އެހާ ހަނދާންވިއެވެ. ދަރިފުޅުގެ ބައްޕަގާތުގައި އަދިވެސް ނުބުނެވޭތީ އެކަމާއި ފިކުރުކުރަން އޮތްވާ ކަމީލާގެ އެސްފިޔަތައް ބަރުވެ ނިދިއްޖެއެވެ. ހޭލެވުނީ ޖައިދަންގެ ގޯނާއިންނެވެ.
"ދުވަހަކު ހިތް ނުފުރޭނެ، އަހަރެން ބޭނުން ނުވާއިރުވެސް........" ކަމީލާ ވަރަށްބޮޑަށް ފޫހިވިއެވެ.
"އަހަރެން ބޭނުންވަރަކަށް އުފާކުރަން ދޯ މަގޭ އަންބެއްގެ ގޮތުގައި ތިހިރީ، ވީއިރު ހިތްފުރޭވަރު ކޮށްލަދޭންވީނު ލަވް........" ޖައިދަން މަޖުބޫރުކުރުމުން އަމިއްލަ ބާރެއްނެތްކަމާއިމެދު ކަމީލާ ދެރަވިއެވެ. އޭނަ ބަލިވާހަކަ ބުނުމުންވެސް ޖައިދަން ގަބޫލުކުރީއެއްނޫނެވެ. ދަރިފުޅު މަރުވިޔަސް ހެޔޮކަމަށް ޖައިދަން ބުނެލިއެވެ. ކަމީލާ ރުޅިގަދަވެފައި ބުނީ ހިތުން ރުހުމުން ދުވަހަކުވެސް ޖައިދަންއާއި އަނގައިން ނުބުނާނެކަމުގައެވެ. މަޖުބޫރުކޮށްގެން ކޮންމެ ކަމެއްކުރިވިޔަސް އޭނަގެ ހިތުގައި ޖައިދަންއާއިމެދު ނަފްރަތު ނޫން އެއްޗެއް ނުވާކަމުގައެވެ. ދުނިޔޭގައި އޭނަ ރުޅިއަންނަ މީހަކު ޖައިދަން ނޫނީ ނެތްކަމުގައެވެ. ނިމުމެއްނެތް ނަފްރަތާއި ބަދު ދުޢާވާކަމުގައެވެ. އެރޭ ޖައިދަން ގެއަށްއައީ ކުޑަ ކޮށްޓަކަށްލާފައި އޮތް ހަރުފައެއް ހިފައިގެންނެވެ. އެ ހަރުފަ ޖައިދަންގެ އަތަށް އޮޅިގެން އޮތްތަން ފެނިފައި ކަމީލާ ބިރުން ހޭނެތޭވަރުވިއެވެ. ކަމީލާ އަޑުކޮޅަށް ހަޅޭއްލަވައިގެންފާ ދުވިގޮތަށް ބެލްކަނިން ފުންމާނުލީވެސް ކިރިޔާއެވެ. ޖައިދަން ހަރުފަ ކޮށްޓަށް ލާފައި އައީ ކަމީލާއާއި ދިމާލަށެވެ.
"ޕްލީޒް ޕްލީޒް އޭތި ގެންދޭ، އަހަރެން ޖައިދަން ބުނިކޮންމެ ކަމެއް ކޮށްދޭނަން........" ކަމީލާ ޖައިދަންގެ ފައިމައްޗަށް ތިރިވިގޮތަށް ރޯން ފެށުމުން ޖައިދަން ހޭންފެށިއެވެ. ޖައިދަން ކަމީލާ ބިންމަތިން ނަގާފައި ދަތްދޮޅީގައި ހިފާފައި އުފުލާލިއިރުވެސް ކަމީލާ ބިރުން ރޫރޫއަޅައެވެ. ދެފައި ބިންމަތީގައި ހަރުނުލައެވެ.
"އެނީތިން؟ " އޭނައާއި ހަތަރުކަޅި ހަމަކުރުވިއެވެ. ކަމީލާ ބޯޖަހައިލީ ހަދާނެގޮތް މުޅިން ހުސްވެފައި ހުރެއެވެ. ކަމީލާ ކޮންޓްރޯލް ކުރަން އާގޮތެއް ދަސްވުމުން ޖައިދަން ހުރީ މަޖާވެފައެވެ.
ދެތިން ދުވަސްފަހުން ޕާޓޭންތަކެއް ހައިޝަމްއަށް ތޫނު އެއްޗަކުން ހަމަލާދީގެން އައިސީޔޫގައި އޮތް ޚަބަރު ލިބިފައި ކަމީލާއަށް ޝޮކެއް ލިބުނެވެ. ކަމީލާ ވަގުތުން ލިއަމްއަށް ގުޅިއެވެ. އެއީ ކޮންބަޔަކު ދިން ހަމަލާއެއްކަން އަދި ފުލުހުންނަށްވެސް ހޯދިފައެއްނެތެވެ. ކަމީލާ ހުރީ ވަރަށް ދެރަވެފައެވެ. ކޮޓަރިއަށްވަދެފައިވެސް ބަލަން އިނީ އެ ޚަބަރެވެ. ޖައިދަން ކޮޓަރިއަށްވަދެލާފައި ޓީވީއަށް ބަލާލާފައި ފާޑަކަށް ހީލިއެވެ.
"ރަގަޅަށް އެވީ، ދެރައީ މަގޭ ދެއަތުން މަރާނުލެވުނީމަ....." ޖައިދަންގެ ޖުމްލައިން ކަމީލާ ސިހުނެވެ. ވަގުތުން ޝައްކުކުރެވުނީ ޖައިދަންއާއި މެދުގައެވެ.
"ކަލޭ އެކަން ކުރުވީ..." ކަމީލާ ޖައިދަންއާއިމެދު ތުހުމަތުކުރިއެވެ.
"ސޯ...." ޖައިދަން ޓީޝާޓު ބޭލުމުން އެކަސްރަތީ ހަށިގަނޑު ހާމަވެގެން ދިޔައެވެ. ޖައިދަން ޓީޝާޓު ކަމީލާގެ މޫނުގައި އަޅުވައިލުމުން ކަމީލާ ޓީޝާޓް ހޫރުވާލީ ދޫލަމައްޗަށެވެ.
"ފުލުހުންނަށް ރިޕޯޓްކުރާނަން، ޔޫ ކިލްޑް ހިމް....." ކަމީލާ ގެ ޖުމްލައިވިފައި ޖައިދަން ހިނިގަނޑެއްޖަހައިލިއެވެ.
"އަވަހަށް ގުޅާ...... "ޖައިދަން ފޯނު ދިއްކޮށްލުމުން ކަމީލާ އަތުލަން އުޅޭއިރަށް ޖައިދަން އަތް އުފުލާލައެވެ. ކަމީލާ ރުޅިއަރުވައިލެވުމުން އެ އަނިޔާވެރި ހިތަށް އަރާމެއް ލިބެނީކަން ނޭގެއެވެ. ކަމީލާ ދެކަންފަތުގައި އަތްއަޅާފައި ހަޅޭއްލަވައިގަންނަން ބޭނުންވިއެވެ. ސިކުނޑިފަޅައިގެންދާހާ ވަރުވެއެވެ. އޭނަ އިނދެގެން މިހިރީ އިންސާނަކާއިކަމެއް ގަބޫލެއް ނުކުރެވެއެވެ. ރަހުމްގެ ކަންފުޅެއްވެސް ނެތް ފިރިހެނެކެވެ. އަމިއްލަ ބޭބެއާއި މަންމަދެކެ އެހާ ރުޅިއަންނަ މީހަކު ދެން ނުކުރާނީ ކޮންކަމެއް ހެއްޔެވެ؟ ކަމީލާ ދެރަވީ ޖައިދަން ގާތުގައި ހައިޝަމްގެ ނަން ބުނެވުނީތީއެވެ. އެކަމުގެ ސަބަބުން ހައިޝަމް އެއޮތީ މަރާއި ހަނގުރާމަކުރާށެވެ. ކުށްވެރިޔަކީ އޭނައެވެ.
"ބުނަން ކަމީލާ، ދެން އައިސީޔޫގައި ބާއްވާނީ ލޫކަސް......." ޖައިދަން ކަމީލާ އިށީދެއިން ގޮޑީގެ ފަހަތުން ހުއްޓި ގޮނޑިއާއިއެކު ކަމީލާގެ މޭމަތީގައި އަތް އަޅުވާލިއެވެ.
"މޮންސްޓަރ........" ކަމީލާގެ ލޮލަށް ކަރުނަ އައެވެ. ލޫކަސްގެ ވާހަކަ ދައްކާލާއިރަށް ކަމީލާއަށް ރޮވުނީއެވެ.
"ބޭބީ ކޮބާތަ މެނަރސް، ދެން ތިހާ ރަގަޅުކުދިން ހަޒްބެންޑާއި ދިމާލަށް ހަޑިނަންނަމުން ކިޔާކަށްނުވާނެއްނު، ޓީޗަރގެ ބަސްއަހާ، ނޫނީ އަދަބުލިބޭނެ، ލޫކަސްއަށް ދެރަގޮތެއް ވާން ބޭނުންތަ؟" ޖައިދަން ކަމީލާގެ މޫނުގައި ބޮޑުވާ އިނގިލިން ފިރުމަންފެށިއެވެ. ހިތްހަމަޖެހިފައި ހުރިލެއް ބޮޑީކަން ނޭގެއެވެ. އެހުންނަ ހަރުކަށިކަމާއި އަނިޔާވެރިކަން ދިޔަތަނެއް ނޭގުނެވެ. ޖައިދަންގެ ފަރާތުން ލޯތްބާއި ހަމްދަރުދީ އޭނަ ބޭނުމެއްނޫނެވެ. އަތް ފޮޅުވައިލަން އުޅެފައިވެސް ހިމޭނުންކަން ޚިޔާރުކުރީ ޖައިދަންގެ ނުލަފާކަން ދައްކަފާނެތީ ބިރުންނެވެ. ނަމަވެސް މިނިޓެއްފަހުން ކަމީލާގެ އިސްތަށިގަނޑު އަތަށް އޮޅައިގަނެގެން އެ "ވައިލްޑް" ބައި ދައްކާލިއެވެ.
ޖިބްރީން އަލަށް ހުޅުވި ރިޒޯޓަށް އަންނަން ރޯޒްހިލްގެ މެމްބަރުންނަށް ދައުވަތުދިނީ މެހްވިޝްގެ އެދުމުގެ މަތިންނެވެ. މެހްވިޝްގެ އުފަލުގައި ކުދިން ބައިވެރިވުމަކީ ޖިބްރީން ޚާއްސަކަމެއް ދޭކަމެކެވެ. މެހްވިޝްގެ ހައްގުގައި އޭނަ އެކުދިންދެކެ ލޯބިވެއެވެ. އެޕާޓީއަށް އައްމާރު އާއި އިޔާޝް އައިކަމުގައި ވިޔަސް ޖައިދަން ނާންނާނެކަމުގައި ޖިބްރީން ގާތްގަނޑަކަށް ޔަގީންކުރިއެވެ. އެމީހުންގެ ހަފްލާތަކުގައި މިވީހާތަނަށް ޖައިދަން ބައިވެރިވެފައެއްނެތެވެ. އެއީ ދޮންދަރިންގެ ތެރެއިން އެމީހުންނާއި އެންމެ ދުރުން އުޅޭކުއްޖާއެވެ. ކުޑައިރުވެސް އެކުއްޖާ އެގެއަށް ގެނަޔަސް އިންނާނީ ބުމަކާރިކޮށްލައިގެން ރުޅި މޫނު ދައްކާލައިގެންނެވެ. މެހްވިޝްއާއި ޖައިދަންގެ ސިފަ ނިކަން ވައްތަރެވެ. އެހާ ރީއްޗެވެ. ޖައިދަންގެ ބޯއެސްފިޔަތަކާއި ދެލިކޮޅެއްފަދަ ކަޅު ރީތި ދެލޮލަށްޓަކައި އަންހެންކުދިން މަރުދަން ޖެހޭނެއެވެ. އޭރު ލޫކަސް ޖައިދަންއަށް ކުޅޭއެއްޗެހި ދޭން އުޅުނަސް ޖައިދަން އިންނާނީ ކަޅިއަޅާލައިގެންނެވެ. ލޫކަސް އެއްފަރާތްވެލީމަ ގޮސް އެއެއްޗެހި ހަލާކުކޮށްލާފައި ނުކުމެގެން ދާނެއެވެ. ލޫކަސް މަންމަ ގާތުގައި ޝަކުވާކޮށްލާއިރަށް މެހްވިޝް ޖައިދަންއާއި ދިމާލަށް އަޑުލާނެއެވެ. ބޭބެއާއި ނުތޮޅެން އަންގާނެއެވެ. ޖައިދަން އަނގައިން ނުބުނެ މަޑުމަޑުން އިންނާނީއެވެ. މެހްވިޝް ކުދިން އެހާ ތަފާތުކުރާކަމެއް ޖިބްރީންއަށް އެނގިފައެއްނެތެވެ. ނަމަވެސް ލޫކަސްދެކެ މާވަރަކަށް ލޯބިވާކަން އެއީ އެންމެން ދަންނަ ހަގީގަތެކެވެ.
ރޯޒްހިލްއަށް ދައުވަތު ލިބުމުން އާތިކާއާއި އީކާ ދިޔަސް ރަގަޅުވާނެކަމުގައި ޔާސިރުވަނީ ބުނެފައެވެ. ނަމަވެސް ޕާޓީއެއްކަން އެނގުމުން އެދެމައިން ދާކަށް ބޭނުމެއްނުވިއެވެ. ޖައިދަން މަޖުބޫރުކުރުމުން ކަމީލާ ރުޅިގަދަވެފައި ހުރެވެސް ތައްޔާރުވިއެވެ. ޖައިދަން ހުރީ ރަސްމީކޮށެއް ނޫނެވެ. ޓީޝާޓަކާއި ޖިންސެއްލައިގެންނެވެ. ކަމީލާގެ އަތުގައި ހިފައިގެން ޖައިދަން ފެންޑާއަށް ނުކުތްއިރު އައްމާރުއާއި އަންހެނުން އަދި އިޔާޝްވެސް ކުލަކުލައިގެ ހެދުންތަކުގައި ތިބިއިރު ހެދުން އިޝްތިހާރަކަށް ތައްޔާރުވެލައިގެން ތިބި މޮޑެލްއިންތައް ފަދައެވެ. މީފާހުރީ ކަކުލާއި ހަމަޔަށް އޮތް ރަތްކުލައިގެ ހެދުމަކާއިއެކު ގަދަޔަށް މޭކަޕް ކޮށްލައިގެންނެވެ. ހައިހީލަކަށް އަރާފައި ހުރުމުން އިސްކޮޅުން ދިގުކަމަށް ދައްކައެވެ. މީފާއަށް ދައުވަތު ނުލިބުނަސް ޖައިދަން އޭނަ ގެންދަން ނިންމުމުން މީފާ ހުރީ ވަރަށް އުފަލުންނެވެ. ލޯންޗު ކާރިއަށްގޮސް ރާޅުތަކުގެ ތެރޭގައި ކިރިލާގޮތުން އަރަން ނުކެރި ފަސްޖެހިފައި ކަމީލާ އެއްފިޔަވަޅު ފަހަތަށް ޖެހުނެވެ.
"ބޭބީ ބިރުންތަ؟ ޓްރަސްޓް މީ، އަހަރެން ހުއްޓާ އެއްވެސް ކަމެއް ނުވާނެ......" ޖައިދަން އަތްދިއްކޮށްލުމުން ކަމީލާ އެއަތުގައި ހިފާލީ އެހެން ލޯތައް އެދިމާލަށް އަމާޒުވެފައިވާކަން އެނގިގެން ގޮތްހުސްވެގެންނެވެ. މީފާގެ އެތެރެހަށީގައި ހަސަދައިގެ ހުޅު ހިފާލިއެވެ. މީފާ ހީކުރީ އޭނައާއިވެސް ޖައިދަން އެހީވާނެކަމުގައެވެ. އޭނަ ތުއިވޭވޭ ހުއްޓާ އެރުވީ ލޯންޗްގެ ފަޅުވެރިއެކެވެ. އޭނަ ހުރީ ޖައިދަންގެ ގާތު ޝަކުވާކުރަން ނިންމައިގެންނެވެ. ޖައިދަން އައްމާރު އަދި އިޔާޝް ވަރަށް އެކުވެރިކަމާއިއެކު ވާހަކަދައްކަން ތިބިއިރު ކަމީލާ ބިރުން ގުޑިލާން ނުކެރި ތުންފަތުގައި ދަތްއަޅާލައިގެން އިނެވެ. ލޯންޗްގައި ރޯވެދާނެއެވެ. އެހެން އުޅަނދެއްގައި ޖެހި އެކްސިޑެންޓް ވެދާނެއެވެ. ކިނބުލެއް އަރާފާނެއެވެ. ބޮޑު ރާޅެއްއަރާ ބަންޑުންވެދާނެއެވެ. ތަފާތު ޚިޔާލުތަކުން ހިތްބިރުގެންފައި އިނދެ ކަމީލާ ހިތާހިތުން ޝަހާދަތް ކިޔަންފެށިއެވެ. މިފަހަކަށް އައިސް ނަފްސާނީ ބައްޔެއްގެ ޝިކާރައަކަށް ވަމުންދާކަން ކަމީލާ އަމިއްލައަށްވެސް އިހުސާސްކުރެވެއެވެ. ޚާއްސަކޮށް ޖައިދަން ފެނުނީމަ އޭނައަށް ވާގޮތްތައް ބުނެދޭކަށް ނޭގެއެވެ. ބިރުންގޮސް ފިނިވެއެވެ. ޕެނިކް އެޓޭކްޖެހޭފަދަ ގޮތެއްވެއެވެ.
ރިޒޯޓަށް ފޭބުމާއިއެކު ކަމީލާގެ ދެލޯ ބޮޑުވެ އާޝޯޚުވާވަރުވިއެވެ. ތަން ޒީނަތްތެރިކޮށްލާފައިވަނީ އެހާވެސް ފުރިހަމަކޮށެވެ. ހުވަފެނީ އަލިތަކެވެ. ހިތްގައިމު މިއުޒިކެވެ. އެހެން މީހުން ކުރީގައި ތިބެ ހިނގަމުން ދިޔައިރު ޖައިދަން އައީ ކަމީލާއާއި އެއްވަރަކަށް ހިނގާލާފައެވެ.
"އެނގޭތަ؟ މިއީ ލޫކަސްގެ ޕާޓީއެއް، އޭނަގެ ބައްޕައަކީ ވަރަށް ރިޗްމީހެއް، ލޫކަސްއަކީ ހުރި އެންމެ ދަރިފުޅު، ފަންސަވީސްވަނަ އުފަންދުވަހަށްވެސް ލިބުނީ ސަފާރީއެއް، ވަރަށް ބޭނުންތަ؟ ހުރިހާ އަންހެންކުދިން ލޫކަސްގެ ފަހަތުން އުޅެނީ ލާރިގަނޑާއި ހެދިހެން މަށަށް ހީވޭ، އެނީވޭސް މިރޭ އަހަރެން މިގެނައީވެސް އޭނައާއި މީޓްކުރުވަން، އެނގޭތަ ކީއްވެކަން؟ " ޖައިދަންގެ އެސުވާލުން ކަމީލާ ސިހިފައި ބަލައިލިއެވެ. މިއީ ކޮންކަމެއްހެއްޔެވެ؟ ދެބެން މިކުޅެނީ ގޭމެއްހެއްޔެވެ؟